ކަރުދޮށުގެ ވަށައިގެން ހަންގަނޑު ކަޅުވެ ކުރަކިކަމެއް ހުންނަތަން ވަރަށް ގިނަ މީހުންގެ ގައިން ފެނެއެވެ. މިކަން މިހެން ދިމާވަނީ ‘އަކަންތޮސިސް ނިގްރިކަންސް’ ގެ ނަމުން ނަންދީފައިވާ ގައިގެ ހަންގަނޑުގެ ކުލައަށް ކުރިމަތިވާ މައްސަލައެކެވެ. އެހެން ނަމަވެސް މިއީކީ ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. އެކަމަކުވެސް މިގޮތަށް ހަންގަނޑު ހުރުމަކީ ބަލާބެލުމަށް މުޑުދާރު ކަމެއް ހުންނަ ކަމަކަށް ވާތީ މިކަމުން ލަދުވެތިކަމާއި ކުރިމަތިލާން ޖެހޭތަން އާދެއެވެ.
ކަރުދޮށުގެ ހަންގަނޑު ކަަޅުވާން މެދުވެރިވާ ސަބަބުތައް
ކަރުދޮށުގެ ހަންގަނޑު ކަަޅުވުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރެއިން ބައެއް ސަބަބުތައް ލިސްޓްކޮށްލާނަމެވެ.
– އުމުރުން ދުވަސްވުން
– އައްވަތް ހަންގަނޑު މާބޮޑަށް ހުށައެޅުން
– ހަކުރު ބަލި
– ޖެނެޓިކްސް
– ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރަމް
– ސާފުތާހިރުކަން ކުޑަވުން
– ކުރު މުއްދަތެއްގެ ތެރޭގައި މާބޮޑަށް ބަރުވުން ނުވަތަ ލުއި ވުން
– ފަލަބަލި ޖެހުން
ކަރުދޮށުގެ ހަންގަނޑު ކަަޅުކަން ފިލުވުމަށް ބައެއް ގެވެށި ފަރުވާ
މި ގެނެސްދޭ ގެވެށި ފަރުވާ ތަކަކީ ކަރުދޮށުގައި ހުންނަ ކަަޅުކުރަކަން ފިލުވައިލުމަށް ވަރަށް ރަނގަޅު ކަންތައްތަކެކެވެ. މި ފަރުވާ ތަކުގައި ބޭނުންކޮށްފައިވާ ގުދުރަތީ މާއްދާތަކަކީ ހަންގަނޑަށް ރައްކާތެރި މާއްދާތަކެކެވެ. މިއީ އެއްވެސް ސައިޑް އިފެކްޓެއް ނުހުންނަ، އަގުހެޔޮ މާއްދާ ތަކެކެވެ.
1- އާމަންޑްސް (މާކަނަމަދު)
އާމަންޑްސް ނުވަތަ މާކަނަމަދު ގައި ހަމާއި އިސްތަށިގަނޑު ސިއްޙަތަށް މުހިންމު ވިޓަމިންތައް އެކުލެވެ އެވެ. ހަންގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ލިއްބައިދިނުމާއި ހަމުގެ ކުލަ (ޕިގްމެންޓޭޝަން) އަށް ފަރުވާދީ ހަމުގެ ކުލަ ފަނޑުވުމުގެ މައްސަލަތަކަށް އެހީތެރިވެދެ އެވެ. އެތަކެއް ބޭނުންތަކެއް އެކުލެވޭ މި މަދުގެ ބޭނުން އެތަކެއް ގޮތަކަށް ކޮށްގެން ކަރުދޮށުގައި ހުންނަ ކަޅުކަން ފިލުވައިލުމަށް ބޭނުންކުރެވެ އެވެ.
ބޭނުންކުރާނީ ކިހިނެތް؟
– އެއް ސައިސަމުސާ މުގުރި މާކަނަމަދު ފުށް، ހިކި ކިރު އަދި މާމުއި އެއްކޮށްގެން ޕޭސްޓެއް ތައްޔާރުކޮށްގެން ކަރުދޮށުގައި އުނގުޅާށެވެ. ބައިގަޑިއިރު ވާންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މަދުވެގެން ހަފުތާއަކު ތިނެއް ނުވަތަ ހަތަރު ފަހަރު މިގޮތަށް ބޭނުންކުރާށެވެ.
– މާކަނަމަދު ތެޔޮ ހޫނުކޮށްލުމަށްފަހު ތާފަނާކޮށް ބަހައްޓައިގެން ކަރުދޮށުގައި އުނގުޅައި މަސާޖްކޮށްލުމުން ލޭ ދައުރުކުރުން ރަނގަޅުކޮށްދޭނެ އެވެ.
– ހަންގަނޑުގެ ތެތްކަން ދަމަހައްޓައިދީ އޮފުކަމެއް ގެނެސްދޭނެ އެވެ.
– ހަތަރެއް ނުވަތަ ފަސްވަރަކަށް މާކަނަމަދު ފެންފޮދެއްގެ ތެރެއަށް ލާފައި އެއް ރޭ ވާންދެން ބެހެއްޓުމަށްފަހު ކަނަމަދުކޮޅު މުގުރާލައި ޕޭސްޓެއް ތައްޔާރުކުރާށެވެ. މި ޕޭސްޓް ކަރުދޮށުގައި ވަށާށެވެ. 10 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު އައިސް ފެންފޮދަކުން ދޮވެލާށެވެ. މިގޮތަށް ހަފުތާއަކު ދެފަހަރު ބޭނުންކުރާށެވެ.
2- އެލޯ ވެރާ ފަތުގެ ޖެލް (ހަބަރު ގަހުގެ ފަތުގެ ޖެލް)
އެލޯ ވެރާ ނުވަތަ ހަބަރު ގަހަކީ ހަންގަނޑަށް ވަރަށް ފައިދާތަކެއް އެކުލެވިފައިވާ އެއްޗެކެވެ. ޚާއްޞަކޮށް ކަރުދޮށުގައި ހުންނަ ކަޅުކުރަގަނޑު ފިލުވައިލަން މޮޅު އެއްޗެކެވެ. ހަމުގައި ހުންނަ ކަޅު ލައްތައް ފިލުވައިދިނުމާއި ހަމުގެ ކުލަ އަލިކޮށްދިނުމަށް އެހީވެދެ އެވެ. ހަމުގައި ހުންނަ މަރުވެފައިވާ ސެލްތައް މަރާމާތުކޮށްދީ ހަމުގެ އާ ފަށަލައެއް އުފައްދައިދިނުމަށް ބޭނުންވާ އެންޑި-އޮކްސިޑެންޓް މުއްސަނދި އެއްޗެކެވެ. މިއީ ހަންގަނޑަށް ފިނިކަމާއި އޮމާންކަން ގެނެސްދޭ އެއްޗެކެވެ. އަވިން އަނދާފައިވާ ހަންގަނޑަށް ލިބިފައިވާ ގެއްލުން މަރާމާތުކޮށްދިނުމުގައި އެހީތެރިވާ އެއްޗެކެވެ.
ބޭނުންކުރާނީ ކިހިނެތް؟
– ހަބަރު ގަހުގެ ތާޒާ ފަތެއް ބިންދާލުމަށްފަހު ފަތްތެރޭގައި ހުންނަ ޖެލް ނަގާށެވެ.
– ކަރުދޮށުގައި އުނގުޅައި މަސާޖް ކޮށްލާށެވެ.
– ވިއްސަކަށް މިނެޓް ވާންދެން ބެހެއްޓުމަށްފަހު އައިސް ފެނުން ދޮވެލާށެވެ. ދެތިން ހަފުތާއެއް ވާންދެން ދުވާލަކު އެއްފަހަރު މިގޮތަށް ބޭނުންކުރާށެވެ.
3- ވޮލްނަޓް
ވޮލްނަޓަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މާއްދާތަކެއް އެކުލެވޭ މަދުގެ ބާވަތެކެވެ. ގައިގެ ހަމަށް މުހިންމު ވިޓަމިންތަކާއި މިނަރަލްތައް އެކުލެވޭ ކާނާއެކެވެ. ހަންގަނޑުގެ ތެތްކަން ހިފެހެއްޓުމާއި ސެލްތަކުގެ މަސައްކަތް ބަރާބަރަށް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެ އެވެ. ވޮލްނަޓަކީ ކަރުދޮށުގައި އުފެދޭ ކަޅުކުރަ ހަންގަނޑަށް ފަރުވާދިނުމަށް ބޭނުންކުރަން ވަރަށް އެކަށީގެންވާ އެއްޗެކެވެ.
ބޭނުންކުރާނީ ކިހިނެތް؟
– ވަރަށް ހިމުންވާންދެން ވޮލްނަޓް މުގުރުމަށްފަހު ޔޯގަޓާއި އެއްކުރާށެވެ.
– އޮލަ ޕޭސްޓަކަށް ވާންދެން ރަނގަޅަށް އެއްކުރުމަށްފަހު ކަރުދޮށުގައި އުނގުޅާށެވެ. ކަޅުކުރަ ހަން ހުންނަ ސަރަހައްދުގައި މަޑުމަޑުން ފަސްވަރަކަށް މިނެޓް ވާންދެން އުނގުޅާށެވެ. އައިސް ފެނުން ދޮވެލާށެވެ.
– ހަފުތާއަކު ތިންދުވަހު މި ފަރުވާ ހޯދާށެވެ.
4- ކިއުކަމްބާ
ކިއުކަމްބާ އަކީ ހަންގަނޑުގައި ހުންނަ ކަޅުތިކިތައް ފިލުވުމަށާއި ހަމުގެ ކުލަ ރަނގަޅުކޮށްދިނުމަށް ވަރަށް އެދެވޭ އަސަރެއް ގެނެސްދޭ ކާނާއެކެވެ. ކިއުކަމްބާ އަކީ ހަންގަނޑު މަރާމާތުކޮށްދިނުމާއި ހަމުގެ ތެތްކަން ހިފެހެއްޓުމާއި ތާޒާކޮށް ހަންގަނޑު ބަހައްޓައިދޭ އެއްޗެކެވެ. ހަންގަނޑު މަރާމާތުކޮށްދިނުމާއި ހަމުގެ އޮމާންކަން އިތުރުކޮށްދެ އެވެ. ހަންގަނޑު ތެތްކަމާއި ތާޒާކޮށް ބެހެއްޓުމަށް ބޭނުންވާ އެތަކެއް މުހިންމު ވިޓަމިންތަކާއި މިނަރަލްތައް ކިއުކަމްބާގައި ހުރެއެވެ. މަރުވެފައިހުންނަ ހަމުގެ ސެލްތައް ނައްތާލައި ހަމަށް އޮފުކަމަކާއި ވިދުމެއް ގެނެސްދެއެވެ.
ބޭނުންކުރާނީ ކިހިނެތް؟
– ކިއުކަމްބާ ދިޔައިގެ ތެރެއަށް ކަފަކޮޅެއްލައި ތެތްމާލުމަށްފަހު ކަރުދޮށުގައި އުފެދިފައިވާ ކަޅުކުރަ ހަންގަނޑުމަތީގައި ރީތިކޮށް ފަތުރާލާށެވެ.
– އިރުކޮޅެއްވާންދެން މަޑުމަޑުން މަސާޖް ކޮށްލާށެވެ. އައިސް ފެނުން ދޮވެލާށެވެ.
– މީގެއިތުރުން ކިއުކަމްބާ ދިޔައާއި ލުނބޯހުތް އެއްވަރަކަށް އެއްކުރުމަށްފަހު ކަފަކޮޅެއް ބޭނުންކޮށްގެން ކަރުދޮށުގައި އުނގުޅާށެވެ. 10 މިނެޓްވާންދެން ބެހެއްޓުމަށްފަހު އައިސް ފެނުން ދޮވެލާށެވެ. މި ފަރުވާ ދުވަސްކޮޅެއް ވާންދެން ހޯދަމުން ގެންދާށެވެ.
– ވަރަށް ހިމުންވާންދެން ވޮލްނަޓް މުގުރުމަށްފަހު ޔޯގަޓާއި އެއްކޮށްގެން އުނގުޅައިގެން ވެސް ބޭނުންކުރެވިދާނެ އެވެ.
5- ލުނބޯ ހުތް
ލުނބޮޔަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ ހަންގަނޑު ‘އެކްސްފޯލިއޭޓް’ ކުރުމުގެ (ދުލިބޭލުމުގެ) ސިފަތައް ހުންނަ މޭވާއެކެވެ. ލުނބޯ ގައި ހުންނަ ސިޓްރިކް އެސިޑަކީ ގުދުރަތީ ބްލީޗިންގ އޭޖެންޓެއް ހުންނަ މޭވާއެކެވެ. ހަމުގައި ހުންނަ މިލަކުލަ ފިލުވައިލުމަށާއި ކަރުދޮށުގައި އުފެދޭ ކަޅުކުރަކި ހަންގަނޑަށް ފަރުވާއަކަށް މިއީ ވަރަށް އެކަށީގެންވާ އެއްޗެކެވެ.
ބޭނުންކުރާނީ ކިހިނެތް؟
– ލުނބޮއެއްގެ ހުތް ފެލުމަށްފަހު ކަފަކޮޅަކުން ކަރުދޮށުގައި އުނގުޅާށެވެ. 20 މިނެޓް ބަހައްޓާށެވެ. ނާޒުކު ހަންގަނޑެއް ހުންނަ މީހެއް ނަމަ ލުނބޯ ހުތުގެ ތެރެއަށް ކުޑަ ފެންފޮދެއް އެއްކޮށްގެން ބޭނުންކުރާށެވެ.
– މިގޮތަށް އުނގުޅައިގެން ހުރެ އަތްވަށް ނުނިކުންނާށެވެ.
– ލުނބޯ ހުތުގެ ތެރެއަށް ފިނިފެން (ރޯސް ވޯޓަރ) އެއްކޮށްގެންވެސް ބޭނުންކުރެވިދާނެ އެވެ.
– މަސް ދުވަސް ވާންދެން މި ފަރުވާ ހޯދަމުން ގެންދާށެވެ.
6- އޯޓްސް (ފިއްތި ގޮދަން)
ފިއްތި ގޮދަން ނުވަތަ އޯޓްސް އަކީ ‘އެކްސްފޯލިއޭޓް’ ކުރުމަށް (ދުލިބޭލުމަށް) އެހީތެރިވެދޭ ކާނާ އެކެވެ. ހަމުގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތައިލުމަށް އެހީވެދެ އެވެ. ކަރުދޮށުގައި އުފެދޭ ކަޅުކުރަކި ހަންގަނޑުގެ ކުލަ އަލިކޮށްދިނުމަށް ވަރަށް އެދެވޭ އަސަރެއް ކޮށްދެ އެވެ. ސެލްތައް މަރަމާތު ކުރުމާއި ހަންގަނޑު ޅަކޮށްދެ އެވެ.
ބޭނުންކުރާނީ ކިހިނެތް؟
– ކަށިކޮށް މުގުރާފައިހުރި އޯޓްސް ނުވަތަ ފިއްތި ގޮދަނުގެ ދެ ސައިސަމުސަލުގެ ތެރެއަށް އެކެއް ނުވަތަ ދެ ސައިސަމުސާ ޓޮމާޓޯ ޕޫރީ އަޅާށެވެ.
– މިކްސަރަށް އަޅައިގެން އޮލަ ޕޭސްޓަކަށް ވާންދެން މުގުރާށެވެ.
– ކަރުދޮށުގައި ހުރި ކަޅުކުރަކި ހަންގަނޑުގައި އުނގުޅާށެވެ. 20 މިނެޓް ވާންދެން ބެހެއްޓުމަށްފަހު އައިސް ފެނުން ދޮވެލާށެވެ.
– ފިއްތި ގޮދަން ހިމުންކޮށް މުގުރާފައި ކިރުފޮދަކާއި މާމުއި ފޮދެއްގެ ތެރެއަށް އަޅައިގެން އޮލަ ޕޭސްޓެއް ތައްޔާރުކުރާށެވެ.
– މި ޕޭސްޓް އުނގުޅުމަށްފަހު 20 މިނެޓާއި 30 މިނެޓް ވާންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.
މި ކިޔައިދެވުނު ގެވެށި ފަރުވާތައް މަހެއް ނުވަތަ ދެމަސް ވާންދެން ބޭނުންކުރުމުން ކަރުދޮށުގައި ކަޅުވެފައި ހުންނަ ހަންގަނޑު ރަނގަޅުވާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
maa kanamadu kiyanee kongothakun dho.kana madakee midhili gahugai alhaa kanaige madhu. Vee iru almond ah maakanamadu kiyanee eives midhili gahuge baa vahtharakeetho
ފޮޓޯތަކުން ފެންނަނީ ކަނދުރާމަތި. ކަރުދޮށެއް ނޫން