ބޮލީވުޑްގެ ސުޕަރ ސްޓާރ ޝާހް ރުކް ޚާން ހަތަރު އަހަރު ފަހުން އަލުން އަނބުރާ ބޮޑު އިސްކިރީނަށް ނުކުތުމަށްފަހު، އަހަރުގެ ދެވަނަ ފިލްމަކަށް މި ފެނިލީ ތަމަޅަ މަޝްހޫރު ޒުވާން ޑައިރެކްޓަރު އެޓްލީގެ ޑައިރެކްޝަން “ޖަވާން” އިންނެވެ. ހަމަ މިއަހަރު “ބްރަހްމަސްތުރާ” ގައި ޝިވާގެ ކެރެކްޓާރއިން ޚާއްސަ ފެނިލުމެއްގައި ޝާހް ވަނީ ފެނިފައެވެ. އެ ފެނިލުމަކީ އެތައް ބަޔަކު ޝާހްގެ އެ މަސައްކަތަށް ވަރަށް ތައުރީފުކުރި މަސައްކަތެކެވެ.

ހިންދީ ސިނަމާއަށް ފިލްމެއް ރިލީޒްކުރި ދުވަހު އެންމެ މަތީ ރެކޯޑެއް މިހާތަނަށް ލިބިފައިވާ “ޕަތާން” އިން މުގުރާލާފައިވާ ރެކޯޑް “ޖަވާން” އިން މިވަނީ މުގުރާލާފައެވެ. ބުރާސްފަތި ދުވަހު “ޖަވާން” ވަނީ “ޕަތާން” އަށްވުރެން ގާތްގަނޑަކަށް 20 އިންސައްތަ އިތުރު އަދަދެއް ހޯދާފައެވެ.

މި ވަރުގަދަ އެކްޝަން ފިލްމަށް ފުރަތަމަ ދުވަހު އިންޑިއާގެ ހުރިހައި ބަހަކުން ނެރެފައިވާ ވާރޝަންތަކަށް ބަލާއިރު، ގާތްގަނޑަކަށް 85 ކްރޯޑް ރުޕީސް ލިބުނުއިރު، “ޕަތާން”ގެ ފުރަތަމަ ދުވަހުގެ އާމްދަނީ އުޅުނީ 57 ކްރޯޑް ރުޕީސް ގައެވެ. ނުހަނު ފަސޭހަކަމާއެކު ފިލްމު “ޖަވާން” މިވަނީ އެ އަދަދު ފަހަނައަޅައި ކުރިހޯދާފައެވެ.

ދެވަނަ ދުވަހު އިންޑިއާއިން 53 ކްރޯޑް ރުޕީސް ލިބި މި ފިލްމުގެ ދެ ދުވަހުގެ ނެޓް ޓޯޓަލް އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ ދުވަސްތެރޭ 250 ކްރޯޑާއި ގާތަށް އަދަދު ހަމަކުރިއެވެ.

ފިލްމު “ޖަވާން” ބަލަމުން ދިޔައިރު ހިތްވަރުގަދަ ލޯތަކުން ވެސް ކަރުނަހިލުވާލި ވަގުތުވެސް ދިޔައެވެ.

ފުރަތަމަ ދުވަހު ފުރަތަމަ ޝޯއިން މި ފިލްމު ބެލި މީހެއްގެ ހައިސިއްޔަތުން ފިލްމާމެދު އެއްޗެއް ބުނުމުގެ ކުރިން ބުނެލަން އޮތީ ފިލްމުގެ ވާހަކައާ ބެހޭގޮތުން މާބޮޑު އެއްޗެއް ބުނަން ބޭނުން ނޫންކަމެވެ.

“ނަމަވެސް މި ފިލްމަކީ ސިނެމާ ޕީސްއެއް. މިއީ ހަމަ އެކަނި ސިނެމާ އަކުން އެކްސްޕީރިއަންސް ކޮށްލީމަ ފިލްމުގެ ފެންވަރު ފެންނާނެ ފިލްމެއް.” މިއީ ފިލްމު ބެލި މީހެއްގެ ހައިސިއްޔަތުން އަހަރެންގެ ބަހެވެ.

ރާއްޖޭގައި ޝްވެކް ސިނަމާގައި މިހާރު މި ފިލްމު ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ފިލްމުގެ ބަތަލާ އަކީ ތަމަޅަ އެކްޓްރެސް ނަޔަންތަރާއެވެ. ފިލްމުގެ ވިލަންގެ ރޯލް ކުޅެފައިވަނީ ތަމަޅަ އަކްޓަރ ވިޖޭ ސޭތޫޕަތީ އެވެ. އޭނާގެ ރޯލް ވަރަށް ފުރިހަމައަށް ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެތައް ބައެއްގެ ތައުރީފް އޭނާއަށް އޮހެމުން އަންނައިރު، ދިޕިކާ އާއި ސަންޖޭދަތުގެ ޚާއްސަ ފެނިލުމެއް ފިލްމުގައި ފެނިގެންދެއެވެ.

“ޖަވާން” މިފަހަރު 1000 ކްރޯޑް ހޯދައިފިނަމަ ޝާހް އިންޑިއާގެ ތާރީޚްގެ ތެރޭގައި ލިޔެވިގެން ދާނީ އެއް އަހަރު ތެރޭ 1000 ކްރޯޑް ކްލަބަށް އަށް އެކެއްގެ ފަރާތުން އެތެރެކޮށްދިން ދެވަަނަ ފިލްމު ކަމަށެވެ.

މިފިލްމަށް މިއުޒިކް ހަދައިދިނީ އަނިރުދް ރަވީޗަންދްރަ އެވެ. އޭނާ މިއުޒިކް ހެދި ފިލްމުތަކުން މިއަހަރު ފުރަތަމަ ރިލީޒްކޮށްފައިވަނީ ރަޖްނީކާންތުގެ “ޖެއިލާ” އެވެ. މިފިލްމުގައި ތަމަންނާ ބާރޓިއާގެ “ނުކާވާލަޔާ” ލަވަ ވަނީ މުޅިދުނިޔެ އަށް މަޝްހޫރުވެ ގިނަ ގައުމުތަކެއްގެ މިއުޒިކް ޗާރޓްތަކުގައި ފައި ހަމަކޮށްލާފައެވެ.

ދެން އެންމެ އަވަހަށް ޝާހް ފެނިގެން ދާނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ “ޑަންކީ” އިންނެވެ. މިފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ މިއަހަރު ޑިސެމްބަރު ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާހް ޢަލީ
އަޙްމަދު ޝާހް ޢަލީ
ދިވެހި ފިލްމީ ދާއިރާގެ އެފުށާއި މިފުށް ރަނގަޅަށް ދަންނަ ކުރީގެ އެކްޓަރ އަދި މިހާރު ފިލްމު ޕްރޮޑިއުސްކުރާ ޝާހް ޚާއްޞަވަނީ ބޭރުގެ ފިލްމީ ޚަބަރު ލިޔުމަށެވެ.