ސިޔާސީގޮތުން ޤައުމު ހަލަބޮލިވެފައިވާ މި ދުވަސްވަރު އާއްމުވަމުން އަންނަ ވީޑިއޯއަކުން މާ ވަރުގަދައަށް ހިނިގަނޑު ޖަހާ މީހެއް ފެނިގެން އެއީ ކާކުތޯ ބަލައިލުމުގެ ޝައުޤުވެރިކަން އުފެދުނެވެ. ވަގުތެއްވެގެން އެއްކަލަ ‘ގޫގްލް ދޮންބެ’ ގާތުގައި ހަމަ އަހައިލުމާއެކު ޖަވާބުދީފި އެވެ. އާއްމުވެފައިވާ ވީޑިއޯގައި އެމީހާ އެ ކިޔާ އެއްޗެއް ސާފުވޭތޯ ޔޫޓިއުބް ހާވައިލިތަނުން ސަބްޓައިޓްލް އާއެކު ލާފައިވާ ވީޑިއޯއެއް ފެނުނެވެ. އެމީހާ އެވަރަށް ހިނިގަނޑު ޖަހާނީ ހަމަ ގައިމުވެސް ލައްކަ މަޖާ ވާހަކައެއް ދައްކާފައިވާތީ ތާއޭ ހިތައި ވީޑިއޯ ބަލައިލީމެވެ. ހަމަ އަސްލުވެސް އެމީހާ ދެއްކީ ވަރަށް މަޖާ ވާހަކަތަކެކެވެ.

އެއީ ކާކުތޯ އިތުރަށް ބަލައިލީމެވެ. ވަނަމަކީ އެލް ރިސިޓާސް އެވެ. އޭނާގެ ވީޑިއޯ ހިމަނައިގެން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ‘މީމްސް’ ވިީޑިއޯ ތައްޔާރުކުރުމަކީ ވަރަށް އާއްމުކަމެކެވެ. ރިސިޓާސްގެ މަޤުބޫލުކަމާ މަޝްހޫރުކަން މި ސަބަބާ ހުރެ މާބޮޑަށްވެސް އިތުރުވެގެން ދިޔައެވެ.

ޚުއާން ޖޯޔާ ބޯޖާ (އެލް ރިސިޓާސް) އަކީ ސްޕެއިންގެ ކުރީގެ ކޮމެޑީ ތަރިއެކެވެ. މީހުން ދެވިހިފާ ފަދަ ހެއްވާ ވާހަކަތަކުން އޭނާއަށް ދުނިޔޭގެ މަޝްހޫރުކަން ލިބުނެވެ. އޭނާ މަރުވީ އުމުރުން 65 އަހަރުގައި 2021 ވަނަ އަހަރު އޭޕްރީލް މަހުގައެވެ.

ޚުއާން ޖޯޔާ ބޯޖާ މަޝްހޫރުވެފައިވަނީ އޭނާގެ ލަޤަބު ނުވަތަ ވަނަން ‘އެލް ރިސިޓާސް’ގެ ނަމުންނެވެ. އެލް ރިސިޓާސްގެ މާނައަކީ ‘ހިނިގަނޑު’ އެވެ. މި ކޮމެޑީ ތަރި އިންޓަނެޓްގައި މަޝްހޫރުވެފައިވަނީ “ސްޕެނިޝް ލާފިންގް ގައި”ގެ ނަމުންނެވެ.

ސްޕެއިންގެ ގައުމީ ޓީވީން ފެނިގެންދިޔަ ފަހުން ބޯޖާ ވައިރަލްވީ ޓީވީން ދެއްކި ޝޯއެއްގައި އޭނާއަށް ދިމާވި ކަމެއްގެ ވާހަކަ ނުވަތަ ރީކައުންޓެއް ވަރަށް ހީހީފައި ކިޔައިދިން ވީޑިއޯއަކަށް މީހުން އަޑުއަޅައިގެން ބޭނުންކުރަން ފެށި ހިސާބުންނެވެ. އެއީ 2014 ވަނަ އަހަރު އެވެ.

‘އެލް ރިސިޓާސް’

ކޮމެޑީ ތަރި ޚުއާން ޖޯޔާ ބޯޖާއަށް އެންމެ ފުރަތަމަ މަޝްހޫރުކަން ލިބުނީ މީގެ 22 ވަރަކަށް އަހަރު ކުރިން ޖެސޫސް ކުއިންޓެރޯ ޕްރެޒެންޓް ކުރާ ޓީވީ ޝޯއިން ފެނިގެން ދިޔަ ހިސާބުންނެވެ.

އޭނާ އެންމެ މަޝްހޫރުވި ސްޕެއިންގެ ރޭގަނޑު ދަންވަރު ޝޯ ‘ރެޓޯނެސް ކޮލޮރާއޯސް’ގެ ވީޑިއޯ ކްލިޕް އާއްމުވި ހިސާބުންނެވެ. އެ ޝޯގައި އޭނާ ކިޔައިދެނީ ރެސްޓޯރެންޓެއްގެ ބަދިގޭގައި އަތްގާތްކޮށްދޭ މީހެއްގެ ގޮތުގައި (ކިޗަން ހެލްޕަރެއްގެ ގޮތުގައި) މަސައްކަތްކުރި އިރު އޭނާއަށް ކުރިމަތިލާން ޖެހުނު ބަދުނަސީބު ތަޖުރިބާއެއްގެ ވާހަކަތަކެކެވެ.

2007 ވަނަ އަހަރު ޔޫޓިއުބަށް ލާފައިވާ އެ ޝޯގެ ވީޑިއޯގައި ބޯޖާ ކިޔައިދެނީ އޭނާ މަސައްކަތްކުރި ރެސްޓޯރެންޓްގައި ބޭނުންކުރި އަތްގަނޑުލީ 20 ތެލި ސާފުކުރުމަށްޓަކައި އެއް ރެއަކު މޫދުގައި އެޅުމަށްފަހު (ލޮނުގަނޑު ތެރެއަށް ފައްތާފައި ބެހެއްޓުމަށްފަހު) އަނެއް ދުވަހު ހެނދުނު ގޮސް ތެލިތައް ނަގަން ބެލިއިރު އެތަނުގައި ހުރީ އެންމެ ތެއްޔެއް ކަމަށާ އެކަމާ ގުޅިގެން ދެން ކަންތައްތައް ހިނގައިދިޔަ ގޮތުގެ ވާހަކަތަކެވެ.

ދިމާވި ކަންތަކުގެ ވާހަކަތައް ބޯޖާ ހިއްސާކުރިއިރު ބޯޖާގެ އިތުރުން ޝޯ ހުށައަޅަން އިން މީހާގެ ހިނިގަނޑު ފަޅައިގެންގޮސް މޭޒުމަތީގައި އަތުން ތަޅާތަން ފެނެއެވެެ. ހީހީ އަވަދިވެގެން ގޮސް ދެމީހުންނަށް ރޮވެއެވެ. ބޯޖާ އެވަރަށް ހޭ އިރު، އޭނާގެ އަނގައިގައި މަދު ދަތެއް ފިޔަވައި އެހެން ދަތެއް ނެތުމުން އެ ޖަހާލާ ހިނިގަނޑުގެ މަޖާކޮށް ދެގުނަވެގެން ދެއެވެ.

އޭގެ އަހަރުތަކެއް ފަހުން ގާތްގަނޑަކަށް 2014 ވަނަ އަހަރުން ފެށިގެން އިންޓަނެޓް ބޭނުންކުރާ މީހުން އެ ކްލިޕް އަލުން ޕޯސްޓް ކުރަން ފެށީ ގުޅުން ނެތް ސަބްޓައިޓްލްތަކަކާ އެކުގައެވެ. ގުޅުން ނެތް ގޮތަށް އަޑުއަޅައިގެންނެވެ. އެޑޮލްފް ހިޓްލަރުގެ އެންމެ ފަހު ދުވަސްތައް ދައްކުވައިދޭ ފިލްމު “ޑައުންފޯލް”ގެ މަންޒަރެއްގެ ނަކަލުކުރުންތަކާއި ހަމަ އެއްފަދަ ގޮތަކަށެވެ.

ސަބްޓައިޓްލް ހިމެނޭ ވީޑިއޯ ބަލައިލާ ރަނގަޅަށް ހީލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.