ހިޖާބް، ބުރުގާ، ސްކާފް ނުވަތަ މުސްލިމް އަންހެނުން އެމީހުންގެ އައުރަ ނިވައިކުރުމަށް އަޅައި އުޅޭ ފޮތިކޮޅާއި މެދު މީޑިއާ ތަކަށާއި މުޖުތަމަޢަށް ގިނަފަހަރަށް އޮންނަނީ އޮޅުން އަރާފަ އެވެ. ދުނިޔޭގެ ދެބައިކުޅަ އެއްބައި ބިލިޔަން މުސްލިމުން ބުރުގާ އަޅަނީ ވަކިމިވެނި ސަބަބަކާއި ހުރެކަން ކަނޑައެޅިގެން ބުނަން ނޭނގުނަސް، ގިނަ އަންހެނުން ބުރުގާ އަޅަނީ އެމީހުންގެ ކަލާންގެ އާއި އެމީހުންގެ ދީނަށް ކުރާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ދީނުގައި އަންގަވާފައިވާ ގޮތަށް ރިވެތިކޮށް އުޅުމަށެވެ.

މުސްލިމު އަންހެނުންގެ އާބާދީގެ ބޮޑު ޢަދަދެއް ބުރުގާ އަޅަނީ ނުވަތަ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހައި ތަނެއް ނިވައިކޮށްގެން އުޅެނީ އެކަމަށް ލޯބިކޮށް، އެއީ މުސްލިމު އަންހެނުންނަށް ލިބޭ ފަޚުރަކަށް ވަތީ އެވެ. އެހެންކަމުން، އާދައިގެ ގޮތަކަށް ބުރުގާ ބުރުގާ އަޅައިގެން އުޅޭ ކަނަބަލުންނަށް ނުވަތަ ދިވެހިން މި ކިޔައިއުޅޭ ބޮޑުބުރުގާ (ހިޖާބް) އަޅައިގެން އުޅޭ އަންހެން ކަނބަލަކާއި ދިމާއަށް އެއްގޮތަކަށްވެސް ބުނެގެން ނުވާނެ ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުވައިލާނަމެވެ. އެއީ އެކަނބަލުންނަށް  ލިބިފައިވާ ވަރަށް އަސާސީ ޙައްޤަކަށް އިހްތިރާމުކުރުމުގެ ގޮތުންނެވެ.

1- ޔަޤީން ތިކަން ކަލެއަށް ބޮޑު ބުރައަކަށް ވާނެ!

މިއީ ބުރުގާ އަޅައިގެން އުޅޭ އަންހެނުންނާއި މެދު މުޖުތަމަޢުގެ ބައެއް ފަރުދުންނަށް ކުރެވޭ ވަރަށް ބޮޑު ކުށްހީ އެކެވެ. ބޮލުގެ އިސްތަށިގަނޑު ނިވައިކޮށްގެން އުޅެން ޖެހުމަކީ އެކަނބަލުންނަށް ލިބޭ އިތުރު ތަކްލީފެއްކަމަށް ދެކެގެން ނުވާނެ އެވެ. އެހެނީ ބުރުގާ އަޅަން އަންހެނަކު އިޚްތިޔާރު ކުރުމަކީ މިޒަމާނުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާމީހުން އެބުނާހެން، ‘ފްރީޑަމް އޮފް އެކްސްޕްރެޝަން’ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އެ އަންހެން މީހާއަށް ލިބިފައިވާ ޙަައްޤެކެވެ. ބޮލުގައި ކުލަ ޖައްސައި ކުރު ބިކިނީގައި ބައެއް އަންހެނުން އުޅޭ ފަދައިން، އެ ކަންބަލުންނަށް ބުރުގާ އެޅުމުގެ ޙައްޤުވެސް އެބުނާ މިނިވަންކަމާއި އެކު ޚިޔާލު ފާޅުކުރުމުގެ ދަށުން ލިބެން ޖެހޭނެއެވެ. އެހެންކަމުން ބުރުގާ އަޅާ އަންހެނާ އަކީ ތިމާއަށް ވުރެން ނިކަމެތި، ދަށް ފެންވަރެއްގެ މީހެއްކަމުގައި ހަމަހިލާ ދެކިގެން ނުވާނެ އެވެ.

2- ކަލޭގެ ބައްޕަ ނުވަތަ ފިރިމީހާ ކަލޭ ބުރުގާ އަޅަން މަޖުބޫރު ކުރީތަ؟

ބުރުގާ އަޅައިގެން އުޅޭ މީހެއް ރަނގަޅަށް ރުޅިއަރުވައިލަން ބޭނުން ނޫންނަ އެފަދަ މީހަކާއި ދިމާއަށް ނަމަނަމަ މިހެން ނުބުނާށެވެ. ބުރުގާ އަޅާ ގިނަ މީހުން ބުރުގާ އަޅަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގަ އެވެ. އެއީ އެމީހުން އެކަމަށް ލޯބިކުރާތީ އެވެ. އެމީހުންނަށް ‘ފްރީޑަމް އޮފް ޗޮއިސް’ (އެމީހުން އަމިއްލަ އަށް އެއްޗެއް ނުވަތަ ކަމެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު) ނުއޮންނަ ކަމަށް ހީކޮށް ނުވަތަ ބުރުގާ އަޅަނީ އެމީހުން އަމިއްލައަށް ކަންކަން އިޚްތިޔާރު ކުރުމުގެ ފުރުޞަތު ނުއޮންނާތީ ކަމަށް ހީކުރިއަސް، އެފަދަ އަންހެނުންނަކީ ހިތްވަރުގަދަ އަދި އަމިއްލަ ނަފުސާއިމެދު ފަޚުރުވެރިވާ ބައެކެވެ.

3- ކަލޭ ނިދަނީވެސް ބުރުގާ އަޅައިގެންތަ؟

މިއީ ބުރުގާ އަޅައި އުޅޭ ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވާ ސުވާލެކެވެ. މިފަދަ ސުވާލެއް ކުރާ މީހަކަށް ތިބާ ވެއްޖެ ނަމަ، ސުވާލު ކުރިމަތިކުރެވޭ އަންހެން މީހާގެ ފަރާތުން ޖަވާބަކަށް ލިބިގެންދާނީ ހިނިގަނޑެއް ނުވަތަ ނަފުތަގެ ބެލުމެކެވެ. އަންހެން ކަނބަލުން ބުރުގާ އަޅަނީ ހަމައެކަނި މީހުންގެ ތެރެއަށް ނިކުންނަން ވީމަ އެވެ. ނުވަތަ ހިލޭ ފިރިހެނެއް ހުންނަ ހިސާބަކަށް ދާނަމަ އެވެ. އެހެންކަމުން، އެއްވެސް އަންހެނަކީ ބުރުގާ އަޅައިގެން ނިދާނެ އަންހެނެއް ނޫނެވެ.

4- ކަލޭ ފެން ވަރަނީ ވެސް ތި ބުރުގާ އާއި އެކުގައިތަ؟

މިއީވެސް ބުރުގާ އަޅައިގެން އުޅޭ މީހަކަށް ކުރެވޭ ފުރައްސާއަކަށް ވުރެން ބޮޑަށް ހެއްވާމަޖާ ސުވާލެކެވެ. ނަމަވެސް ބުރުގާ އަޅާ މީހުންނަށް މަދުން ނަމަވެސް މި ސުވާލު ވެސް ކުރިމަތިވެއެވެ. މި ސުވާލަށް ބުރުގާ އަޅާ މީހުން ނޫނެކޭ ބުނެ ޖަވާބުދޭނީ ކުރެވުނު ސުވާލުގެ ‘ގަޅި’ ކަމުން އެތެރެއަށް ހެމުންކަން ޔަގީނެވެ. ބުރުގާ އަޅާ އަންހެނުންނަށް ބުރުގާ އެޅުން ލައްވަވާފައިވަނި ބުރައެއްގެ ގޮތުގައެއް ނޫނެވެ. އަދި އެހެން ނޫނަސް ހަމަ ބުއްދި ވިސްނޭ މީހެއް ވެއްޖެއްޔާ ބުރުގާ އަޅައިގެން ހުރެ ފެން ނުވެރޭނެކަންވެސް އެނގެން ޖެހޭނެ ނޫންހެއްޔެ؟

5- ބަލަ ބޭނުމެއް ނޫންތަ މިޖެހޭ ހިތްފަސޭހަ ވައި އެއްވެސް ހުރަހެއް ނެތި ބޮލުގެ އިސްތަށިގަނޑަށް ލިބޭކަށް؟

މި ސުވާލު ކުރެވެނީ ބުރުގާ އެޅުމަކީ ހުރިހައި މިނިވަން ކަމަކުން މަހުރޫމް ވާކަމަށް ދެކޭ މީހުންނެވެ. ބޮލުގެ އިސްތަށިގަނޑަށް އެބުނާ ފަދަ ހިތްފަސޭހަ ވައި ޖައްސާލުމަށް ބުރުގާ އަޅާ މީހާއަށް ވެސް ބުރުގާ ނަގައިގެން ތާޒާ ވައިގެ ފިނިކަން ހޯދިދާނެ އެވެ. ނަމަވެސް މަހުރަމަކަށް ނުފެންނަ ހިސާބެއްގައެވެ. ބުރުގާ އަކީ ބޮލުގެ އިސްތަށިގަނޑާ އެކުގައި ތަތްކޮށްފައި ހުންނަ އެއްޗެއް ނޫނެވެ.

6- އަޅެ ތި ބުރުގާގަނޑު އަޅައިގެން އުޅެން ކަލެޔަށް ހޫނެއްވެސް ނުވޭތަ؟

މިއީ ބުރުގާ އަޅައިގެން އުޅޭ މުސްލިމު އަންހެނަކާއި ދިމާއަށް ބުނުމުގެ ޖާގަ މި މުޖުތަމަޢުގައި އޮވެގެންވާނެ ސުވާލެއް ވެސް ނޫނެވެ. ބުރުގާ އަޅައިގެން އުޅޭ މީހުންނަކީ އެކަމުގެ ސަބަބުން ވޭންތަކެއް ތަހައްމަލު ކުރަމުން އަންނަ ބައެއް ނޫނެވެ. އާނއެކެވެ. ހޫނުގަދަ ދުވަހެއް ވެއްޖެއްޔާ ބުރުގާ އަޅައިގެން އުޅޭ މީހުންނަށްވެސް ހޫނުވާނެ އެވެ. ބުރުގާ ނާޅާ މީހުންނަށްވެސް ހަމަ އެ ހޫނު ވާނެ އެވެ. ބުރުގާ އަޅައިގެން އުޅުމަކީ ވަކިން ބޮޑަށް ހޫނުގަދަވާ ކަމެއް ނޫނެވެ.

7- އޭތް ކަލޭގެ އިސްތަށިގަނޑު އޮންނަނީ ކިހިނެތްކަން ބުނެދީފާނަންތަ؟

މުސްލިމު އަންހެނާ ބުރުގާ އަޅަނީ އޭނާގެ އިސްތަށިގަނޑު އާއްމުކޮށް ނުދެއްކުމަށެވެ. ބުރުގާ އަޅާ އަންހެނަކު އޭނާގެ އިސްތަށިގަނޑު އޮންނަގޮތް މީހުންނަށް ދައްކާފައި ދެން ބުރުގާ އަޅައިގެން އުޅުމުގެ އެއްވެސް މާނައެއް ނެތެވެ. ބުރުގާ އަޅާ އަންހެން މީހާ އާއި މި ސުވާލު ކުރިމަތިކުރުވަނީ ޚުދު އަންހެނެއްނަމަ، ބުރުގާ އަޅައިގެން އުޅޭ އަންހެން މީހާގެ އިސްތަށިގަނޑު ކޮންމެވެސް ދުވަހަކުން ފެނުމުގެ ފުރުޞަތު ލިބިދާނެ އެވެ. މި ސުވާލު ކުރަނީ ފިރިހެނެއް ނަމަ، ހަނދާން ނައްތާލާށެވެ. ތި ކުރެވެނީ ބޭކާރު ކަމެކެވެ.

8- ކަލޭ އިސްތަށިގަނޑު ދެއްކީމަ މާ ސަޅިއެއް ނޫންތަ؟

މިއީ ބުރުގާ އަޅައިގެން އުޅޭ މުސްލިމު އަންހެނަކާއި ދިމާއަށް އަނެކާ ބުނުމުގެ އެއްވެސް ހައްގެއް އޮތް ސުވާލެއް ނޫނެވެ. އެ އަންހެނަކު ހެދުން އަޅާނެ ގޮތާއި ބުރުގާ އަޅާނީތޯ ނުވަތަ ނާޅާނީތޯ ނިންމާނީ ޚުދު އެ އަންހެން ކަނބަލެކެވެ. ރީތިކަމަކީ އިސްތަށިގަނޑުން ލިބޭ ރީތިކަމެއް ނަމަ، ބުރުގާ އެޅުމުން އަންހެނެއްގެ ސޫރައަށް އެ ލިބޭ ފުރިހަމަ ރީތިކަމެއް ނުލިބޭނެ އެވެ. ބުރުގާ އަޅާ އަންހެނުންނަކީ އެމީހުންގެ އިސްތަށިގަނޑު އެއްމެންނަށް ދައްކައި، ތިމާގެ ރީތިކަން ހިލޭ ފިރިހެނުންނަށް ދެއްކުމުގެ ނިޔަތުގައި އުޅޭ ބައެއް ނޫނެވެ. އަންހެނެއް ރީތިވަނީކީ ބުރުގާ ނާޅައި އޭނާގެ އިސްތަށިގަނޑު ފަންކޮށް، ކުލަޖައްސައި ވިއްސާލައިގެން އުޅެގެންނެއް ނޫނެވެ. އަންހެނަކު ރީތިވަނީ ޢިއްފަތްތެރިވެފައި މަޢުޞޫމު ވީމަ އެވެ.

9- ބުރުގާ އަޅައިގެން ތި އުޅެނީ އަޅަންވާގޮތަށް ރަނގަޅަކަށް ނޫން

މިއީ މުސްލިމު މުޖުތަމަޢު ތެރެއިން އާއްމުކޮށް އިވޭ އަޑެކެވެ. އެމީހަކު ބުރުގާ އަޅާނެ ގޮތެއް އެނގޭނީ އެމީހަކަށެވެ. މަހުރަމުންނަށް އަންހެނާގެ ރީތިކަމާއި ޖާޒުބިއްޔަތު ދައްކަން ބޭނުން ނުވާ ކޮންމެ އަންހެނެއްވެސް ބުރުގާ އަޅާނީ ދީނީގޮތުން އެކަމަށް އެންމެ އެކަށޭނަ ގޮތަށް ވިސްނާފަ އެވެ. ކޮންމެ ގޮތަކަށް ބުރުގާ އެޅިޔަސް، ބުރުގާ ނާޅައި ހުންނައިރަށްވުރެން އަންހެނާގެ ރީތިކަން ހާސްގުނަ އިތުރުކޮށްދެ އެވެ.

10- ކަލޭ ބުރުގާ އަޅައިގެން ތިއުޅެނީ ފިރިހެނުން ކަލެއަށް މާބޮޑަށް ބަލާކަމަށް ހީކޮށްތަ؟

މުސްލިމު އަންހެނާ ބުރުގާ އަޅަނީ ފިރިހެނަކު ބަލާތީ އުނދަގޫވެގެން ނެއް ނޫނެވެ. އެކަނބަލުން ބުރުގާ އަޅަނީ ދީނީގޮތުން ބަލާއިރު ކޮންމެހެންވެސް ކުރާން ޖެހޭ ކަމަކަށް ވާތީ އެވެ. ބުރުގާ އަޅަނީ ހަމައެކަނި ފިރިހެނުންގެ ބެލުންތަކުން ސަލާމަތްވުމަކަށް ނޫނެވެ. ބުރުގާ އަޅަނީ ފުރިހަމައަށް އައުރަ ނިވައިކުރުމަށާއި އިސްލާމް ދީނަށް އޮންނަ މަތިވެރި ލޯތްބެއްގެ ބޮޑުކަމުންނެވެ.

ބުރުގާ އެޅުމުގެ ޙުކުމް

ބުރުގާ އެޅުމަކީ ބާލިޣްވެއްޖެ ކޮންމެ މުސްލިމް އަންހެނެއްގެ މައްޗަށް މާތްﷲ ވާޖިބުކުރައްވާފައިވާ ކަމެކެވެ. ބުރުގާ ނާޅާ މީހަކު ބުރުގާ ނާޅަންވެގެން ދައްކާފާނެ ބަހަނާއަކީ، އެއީ ކުރަންޖެހޭ ކަމެއް ނޫންކަމަށް ބުނުމެވެ. ނުވަތަ އެއީ ޚިލާފު މައްސަލައެއްކަމަށް ބުނުމެވެ. ނަމަވެސް ބުރުގާ އެޅުމަކީ ދީނުގައި ވާޖިބުކަމެއްކަން އެއީ ދުވާލު މެންދުރު އިރުފަދައިން ސާބިތުކަމެކެވެ.

ބުރުގާ އެޅުމަކީ ވާޖިބެއްކަން ޤުރުއާނާއި ސުންނަތުން އަދި ޢިލްމުވެރިންގެ އިޖްމާޢުން ސާބިތުވެއެވެ.

ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ: وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوْ التَّابِعِينَ غَيْرِ أُوْلِي الإِرْبَةِ مِنْ الرِّجَالِ أَوْ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

މާނައަކީ: ” އެކަނބަލުންގެ ބެލުންތައް ތިރި ކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާ ކުރުމަށް މުއުމިން އަންހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެއިން ފާޅުވެއްޖެތަން (މޫނާއި ދެ އަތްތިލަ ފިޔަވައި) އެ ކަނބަލުންގެ ޒީނަތް (ޒީނަތްވުމުގެ ތަން) ފާޅު ނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅާ ނިވާ ކުރާހުށި ކަމެވެ. އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެ ކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިން އަންހެނުންނަށް، ނުވަތަ އެކަނބަލުންގެ މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަ ނިވާކުރާ ތަނާއި ކަންތައްތައް ނޭނގޭވަރުގެ ކުޑަކުއްޖަކަށް މެނުވީ އެކަނބަލުންގެ ޒީނަތް ފާޅު ނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ގަހަނާއާއި ޒީނަތުގެ ތެރެއިން ވަންހަނާ ވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަ ތަކުން އެކަނބަލުން ނުތަޅާހުށި ކަމެވެ. އަދި އޭ މުއުމިނުންނެވެ. ތިޔަބައި މީހުން އެންމެން އެކުގައި މާތް ﷲ އަށް ތައުބާވާށެވެ. ތިޔަބައި މީހުންނަށް ނަސީބު ލިބި ދިންނަވާތޯއެވެ.”

ބުރުގާ އެޅުމާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘްތަކަށް ބަލާއިރު، އަންހެނުން ޢައުރަ ނިވާކޮށް، ބުރުގާ އެޅުން އެއީ ވާޖިބެއްކަން ސާބިތުވާ އެތަކެއް ޙަދީޘެއް ވާރިދުވެފައިވެއެވެ. ‏عَنْ ‏ ‏عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ أَنَّ ‏ ‏أَسْمَاءَ بِنْتَ أَبِي بَكْرٍ ‏ ‏دَخَلَتْ عَلَى رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَعَلَيْهَا ثِيَابٌ رِقَاقٌ فَأَعْرَضَ عَنْهَا رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَقَالَ يَا ‏ ‏أَسْمَاءُ ‏ ‏إِنَّ الْمَرْأَةَ إِذَا بَلَغَتْ الْمَحِيضَ لَمْ تَصْلُحْ أَنْ يُرَى مِنْهَا إِلَّا هَذَا وَهَذَا وَأَشَارَ إِلَى وَجْهِهِ وَكَفَّيْهِ

މާނައަކީ: ”ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. އަބޫބަކުރުގެ ދަރިކަނބަލުން އަސްމާގެފާނު، ކީރިތި ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް، ތުނި ހެދުމެއް ތުރުކުރައްވައިގެން ވަޑައިގަތެވެ. ދެން ރަސޫލާ މޫނުފުޅު އަނެއްފަރާތަށް އަނބުރާލެއްވުމަށް ފަހު ޙަދީޘް ކުރެއްވިއެވެ. ” އޭ އަސްމާއެވެ. އަންހެނާ ޙައިޟުވާ ޢުމުރަށް ދިޔައީމާ، ހަށިގަނޑުގެ މިތަނާއި މިތަނާއި ފިޔަވައި އެހެން ތަންތަން ހާމަކުރުން ހެޔޮނުވާނެއެވެ.” އަދި ކީރިތި ރަސޫލާ އެކަލޭގެފާނުގެ މޫނުފުޅާއި އަތްތިލަފުޅަށް އިޝާރާތް ކުރެއްވިއެވެ. ” (އަބޫ ދާއޫދް : ބާބް އައްލިބާސް)

 

މަސްދަރު: ލިޔުމުގައި ‘ބުރުގާ އެޅުމުގެ ޙުކުމް’ މި ބައި ނަގާފައިވަނީ ކަވާސާ ޑޮޓް ކޮމް އިން ނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.