އަހަރެމެންގެ ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށް ވިޓަމިންތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. މިއީ ހަށިގަނޑުގެ މެޓަބޮލިކް އަދި ފިޒިއޮލޮޖިކަލް ގިނަ ކަންތައްތަކެއް ކުރިއަށްގެންދިއުމަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންނަމަވެސް ދުވާލުގެ ކޮންމެ ވަގުތަކީ ވިޓަމިން ސަޕްލިމެންޓް ކެއުމަށް އެކަށީގެންވާ ވަގުތެއް ނޫންކަން ހަނދާން ބެހެއްޓުން މުހިންމެވެ. ނިދުމުގެ ކުރިން ބައެއް ވިޓަމިންތައް ކެއުމުން ލިބޭ ފައިދާއަށް ވުރެން ގެއްލުންތައް ބޮޑެވެ. ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ވިޓަމިންތަކެއް އެބަހުއްޓެވެ.

ވިޓަމިން ސީ

އެސްކޯބިކް އެސިޑްގެ ނަމުން ވެސް މަޝްހޫރު ވިޓަމިން ސީ އަކީ ކޮލާޖަން އުފެއްދުމާއި، ޒަޚަމްތައް ރަނގަޅުވުމާއި، ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ވަރުގަދަ އެންޓިއޮކްސިޑެންޓެކެވެ.

ގިނަ ހާލަތްތަކުގައި ބަލިމީހުންގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވިޓަމިން ސީ ބޭނުން ކުރާއިރު، ހާއްސަކޮށް ހުން ނުވަތަ ރޯގާތައް ޖެހުމުގެ ފުރުސަތު އިތުރުވާ ދުވަސްވަރު ވެސް ވިޓަމިން ސީ ބޭނުން ކުރެ އެވެ.

ނަމަވެސް ނިދުމުގެ ކުރިން ވިޓަމިން ސީ ބޭނުންކުރުމަކީ ބައެއް މައްސަލަތައް ކުރިމަތިވާ ކަމެކެވެ.

ނިދަން އޮށޯތުމުގެ ކުޑައިރުކޮޅެއް ކުރިން ކެއި ނަމަވެސް (މިއީ ރަނގަޅު ކަމެއްވެސް ނޫން!) ރޭގަނޑު އަހަރުމެންގެ ބަނޑު އެއްކޮށް ހުސްވެއެވެ. ވިޓަމިން ސީ އަކީ އެސިޑް އެކުލެވޭ އެއްޗެކެވެ. ބަނޑު ހުސްނަމަ ރިފްލަކްސް (ނާރުތަކުގެ ތެރޭގައި ދައުރުވާ ދިޔަ، އަސްލު ދައުރުވާން ޖެހޭ މިސްރާބު ނޫން އެހެން މިސްރާބަކަށް ނުވަތަ އިދިކީއްޔަށް ދަތުރުކުރުން) ނުވަތަ މިއުކަސް މެމްބްރޭން (ލޮނދި ދިޔަ އެކުލެވޭ ތުނި ދުލިފަށު)ގައި ރިއްސުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ. އެހެންކަމުން ވިޓަމިން ސަޕްލިމެންޓްތައް ބޭނުންކުރަން ވާނީ ދުވާލު ގަޑީގައެވެ.

އެސްކޯބިކް އެސިޑްގެ ސަބަބުން ކުޑަކަމުދާތަކެތި އުފެއްދުން އިތުރުވެދާނެ އެވެ. ނިދުމުގެ ކުރިން ގިނަ އަދަދަކަށް ވިޓަމިން ސީ ބޭނުން ކުރުމަކީ ރޭގަނޑު ފާޚާނާއަށް ދާން ޖެހުމުގެ ސަބަބުން އިރުއިރުކޮޅާ ތެދުވަން ޖެހި، އަމާންކަމާއެކު ނިދުމަށް ބުރޫއަރާ ގޮތްވާނެ ކަމެކެވެ.

ވިޓަމިން ޑީ


ވިޓަމިން ޑީ އަކީ ކެލްސިއަމް ދަމައިގަތުމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީ ކަށީގެ ސިއްހަތަށް ވަރަށް މުހިންމު އެއްޗެކެވެ. މީގެ އިތުރުން ދިފާއީ ނިޒާމާއި، މަސްތަކުގެ މަސައްކަތްތަކާއި، މޫޑު ރަނގަޅަށް ބެހެއްޓުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއެވެ.

ނިދުމުގެ ކުރިން ވިޓަމިން ޑީ ބޭނުންކުރުމުން ސާރކެޑިއަން ރިދަމް (ހަށިގަނޑުގައި ކޮންމެ 24ގަޑިއިރަކު ޤުދުރަތީގޮތުން ތަކުރާރުވާ ކަންތައްތައް ހިނގާ ނިޒާމު) އަށް ބުރޫއަރާފާނެ އެވެ. ވިޓަމިން ޑީ އަކީ ސާރކެޑިއަން ރިދަމް ހަމަހަގޮތެއްގައި ކުރިއަށް ގެންދިއުމަށް ޒިންމާވާ ހޯރމޯން ކަމަށްވާ މެލަޓޮނިން އުފެއްދުމަށް އަސަރުކުރާ އެއްޗެކެވެ. ގޯސް ވަގުތެއްގައި މެލަޓޮނިން އުފެއްދުން އިތުރުވެ ނުވަތަ މަދުވުމަކީ ނިދުމާއި ހޭލުމުގެ ބުރަށް ބުރޫއަރާފާނެ ކަމެކެވެ.

ބަލިމީހުންނަށް ވިޓަމިން ޑޯޒް ބޭނުންކުރުން ރަނގަޅަށް ޕްލޭން ކުރެވިއްޖެ ނަމަ އެމީހުންގެ ޖުމްލަ ސިއްހަތާއި ނިދުމުގެ ފެންވަރަށް ވެސް ފައިދާހުރި ކަމެކެވެ.

ވިޓަމިން ނުވަތަ ސަޕްލިމެންޓްތަކުގެ ޑޯޒް ހޯދުމަށް ވިސްނަމުންދާނަމަ ޑޮކްޓަރެއް ނުވަތަ ފާމަސިސްޓެއްގެ ލަފާ ހޯދާށެވެ.

މަޢުލޫމާތު: އެމްއެސްއެން ހެލްތު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.