ލާރނާސް ޕްރޮޑަކްޝަންގެ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2″ގެ އެޑިޓިން ފަށާފައިވާކަމަށް ފިލްމުގެ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނެފިއެވެ. ފިލްމު އެޑިޓްކުރަނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަލީ މުސްތަފާ (ސެމީ) އެވެ. ސެމީ މުސްތަފާ އަކީ ފަސްވަނަ ގައުމީ ފިލްމް އެވޯޑް ގައި ވާލޯބި އެނގޭނަމަ (ފިލްމް) އިން އެންމެ މޮޅު އެޑިޓަރުގެ ރަން ވަނަ ހާސިލްކޮށްފައިވާ ތަޖުރިބާކާރު ފިލްމު އެޓިޓަރެކެވެ.

ހާމިދު އަލީ ޕްރޮޑިއުސްކުރާ ފިލްމު “އުދަބާނި 2″ގެ އޮންލައިން މީޑިއާއަކަށް މުނިއަވަސް އޮންލައިން ހަމަޖައްސާފައިވާކަން ހިއްސާކުރުމަށްފަހު މުނިއަވަސްއަށް ޚާއްޞަ ބަސްދީގަތުމެއް އަމްޖޭ ދީފައިވެއެވެ. މި ބަސްދީގަތުމުގައި ފިލްމުގެ އެޑިޓިން މަސައްކަތްތަކާއި ފިލްމުގެ މަސައްކަތްތަކުގެ އެންމެ ފަހު އަދާހަމަތައް ހިއްސާކޮށްފައިވެއެވެ.

ފިލްމު “އުދަބާނި 2″ގެ އެޑިޓިން މަސައްކަތުގައި ސެމީ މުސްތަފާ އަދި އަމްޖޭ – ފޮޓޯ: ލާރނާސް ޕްރޮޑަކްޝަން

“އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އިރާދަކުރެއްވިއްޔާ މި އަންނަ މަސްތެރޭ ފިލްމުގެ އެޑިޓިން އެއްކޮށް ނިންމާލެވޭތޯ، ދެން އެއަށްފަހުގަ ފިލްމުގެ އެހެން މަސައްކަތްތަކައިގެން ކުރިއަށްދާން ފަށާނަން.”

– އަމްޖަދު އިބްރާހީމް (އަމްޖޭ) – ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ

މި ފިލްމު ރިލީޒްކުރުމަށް އަމާޒުހިފާފައިވަނީ 2024 ވަނަ އަހަރު މެދެއްހައި ހިސާބުގައެވެ. ރިލިޒްކުރާނެ ތާރީޚް އަދި ހާމަކުރަން ބޭނުން ނުވިޔަސް، އޮލިމްޕަސް ވެސް ބްކްކޮށްފައިވާކަމަށް އަމްޖޭ ބުންޏެވެ.

“ދެން އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެޑިޓިންގަވެސް ހުރި ތަފާތުތަކެއް އިރާދަކުރެއްވިއްޔާ ދެއްކޭތޯ. އަޅުގަނޑުމެން ބަލަމުން މިގެންދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ. އެހެންވީމަ އުއްމީދު މިކުރަނީ އިރާދަކުރެއްވިއްޔާ ހަމަ ވަަރަށް ފުރިހަމަ ފިލްމަކަށް “އުދަބާނި 2” ވެގެން ދާނެ ކަމަށް.”

– އަމްޖަދު އިބްރާހީމް (އަމްޖޭ) – ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ

@muniavas UDHABAANI 2 Editing Fashaifi #Udhabaani2 #contentcreators #fyp #foryoupage #dhivehi #maldives #muniavasnews #maldivestiktok #fvpviral #fvpシ #foryou @amjadibrahimdidi @dhonayya @hamidali9409 #onlinemediapartner ♬ original sound – MUNIAVAS

ފިލްމު “އުދަބާނި” އުފެއްދުމުގެ ޓީމުގައި ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ހަތަރު ޑައިރެކްޓަރުން ހިމެނެއެވެ. ހިޓް ފިލްމުތަކެއް އުފައްދާފައިވާ މި ޑައިރެކްޓަރުންނަކީ އަމްޖަދު އިބްރާހީމް، ޢަލީ މުސްތަފާ (ސެމީ)، ޙާމިދު ޢަލީ އެވެ. މީގެ އިތުރުން ފިލްމީ ދާއިރާއަށް މަޝްހުރު ބަޠަލާ ޝީރީން ނެރުނު ތަޖުރިބާކާރު އެކްޓަރު ޢަލީ ޝަމީލް ވެސް މި ޓީމުގައި ހިމެނެ އެވެ. މި ފިލްމު ކެމެރާކުރީވެސް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ސިނަމޮޓޮގްރާފަރ ކޮކޯ ހަސަން އެވެ.

“އުދަބާނި 2″ގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.

“އުދަބާނި 2” ޝޫޓްކޮށްފައިވަނީވެސް އުދަބާނިގެ ފުރަތަމަ ބައި ޝޫޓްކުރި ރަށް، ރ. މާކުރަތު ގައެވެ. އެހެންކަމުން އުދަބާނިން ފެނިގެން ދިޔަ މާކުރަތަށް ނިސްބަތްވާ މުހިންމު ބައެއް ފަރާތްތައް “އުދަބާނި 2″ގައި ވެސް ހަރަކާތްތެރިވެފައިވެއެވެ.

“އުދަބާނި 2”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

ފިލްމު “އުދަބާނި 2″ގެ އެޑިޓިން މަސައްކަތުގައި ސެމީ މުސްތަފާ – ފޮޓޯ: ލާރނާސް ޕްރޮޑަކްޝަން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.