ފަލަސްޠީނުގެ މުސްލިމުންނަށް ސަހުޔޫނީ ކާފަރުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގެ އަޑުތަކާއި މަންޒަރުތައް މިވަނީ ބަލަން ބޭނުން ނުވިޔަސް އާއްމުކޮށް ހުރިހައި ދިމާއަކުންވެސް ފެންނަން ފަށާފައެވެ. ހިތްފަޅައިގެންދާ ވަރުގެ ހިތްދަތި މަންޒަރުތަކުން މީޑިއާގެ ވަޞީލަތްތަކާއި މީސްމީޑިއާގެ ވަޞީލަތްތައްވެސް މިވަނީ ފުރިފައެވެ. މި ހުރިހައި ކަމެއްގެ ތެރެއިން މި ދުވަސްވަރު މީސްމީޑިއާގެ މަންސަތަކުން ޓިކްޓޮކްގައި ފަތުއަޑު ކިޔާފައި އިވެމުން އަންނަ “ދަންމީ ފަލަސްޠީނީ” އަކީ މި ދުވަސްކޮޅު އެންމެ ގިނަ ވިއުޒް ލިބެމުން އަންނަ އެއް ލަވަކަން ފާހަގަކޮށްލެވެއެވެ.

“ދަންމީ ފަލަސްޠީނީ” ލަވަ ކިޔާފައިވަނީ ފަލަސްޠީނަށް ނިސްބަތްވާ މުޙައްމަދު އައްސާފް އެވެ. އައްސާފް އަކީ ކާކުކަން ތަންކޮޅެއް ބޮޑަށް ހާވައި ބަލައިލުމުން ގިނަ ކަންތައްތަކެއް ފާހަގަކުރެވުނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އައްސާފް އަކީ ޢަރަބް އައިޑަލް ކާމިޔާބުކުރުމުގެ ކުރިން ކައިވެނި ހަފުލާތަކުގައި ލަވަކިޔަމުން ދިޔަ ވަރަށް އާދައިގެ ފަންނާނެކެވެ. އައްސާފްގެ އިތުރު މަޢުލޫމާތުތައް ކިޔުންތެރިންނާ ހަމައަށް ތިލަކޮށްލާނަމެވެ.

މުޙައްމަދު ޖަބްރީ ޢަބްދުއްރަޙްމާން އައްސާފް (محمد جبر عبدالرحمن عساف) އަކީ ފަލަސްޠީނުގެ ޕޮޕް ލަވަކިޔުންތެރިއެކެވެ. އުފަންވީ 01 ސެޕްޓެމްބަރު 1989ގައެވެ. އެމްބީސީ ނެޓްވޯކުން ގެނެސްދިން ޢަރަބް އައިޑަލްގެ ދެވަނަ ސީޒަން ކާމިޔާބުކުރީ އައްސާފް އެވެ. އައްސާފްގެ ކާމިޔާބީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާތަކުން ކަވަރުކުރިއެވެ. ފަލަސްޠީނާއި ޢަރަބި ދުނިޔެއިން އޭނާއަށް ހޫނު މަރުޙަބާއެއް ކިޔެވެ. އެކުވެރި ދަޢުލަތްތަކުގެ ރިލީފް އެންޑް ވޯރކްސް އޭޖެންސީގެ ސުލްޙައަށް ހެޔޮއެދޭ ސަފީރު (ގުޑްވިލް އެމްބެސެޑަރ ފޮރ ޕީސް)ގެ ޝަރަފުވެރި މަޤާމު އައްސާފް އަށް އެރުވިއެވެ.

ފަލަސްތީނުގެ ސަރުކާރުން ސަގާފަތާއި ފަންނުތަކުގެ ސަފީރު ކަމަށް އައްސާފު ހަމަޖެއްސި އެވެ. ހަމަ އެހެންމެ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަރާތްޕުޅުން ސަފީރުކަމުގެ ހައްސިއްޔަތު ދެއްވައި “ޑިޕްލޮމެޓިކް ސްޓޭންޑިން” އާއެކު މަގާމެއް ހުށައެޅުއްވި އެވެ.

2015 ވަނަ އަހަރު ހާނީ އަބޫ އަސްޢަދު ޑައިރެކްޓްކޮށް އުފެއްދި ފިލްމު “ދަ އައިޑަލް”ގެ ވާހަކަ ބިނާކޮށްފައިވަނީ އައްސާފްގެ ދިރިއުޅުމުގެ މައްޗަށެވެ. ޢަރަބި ދުނިޔެއާއި ޢަރަބިން ދިރިއުޅޭ އެހެނިހެން ސަރަޙައްދުތަކުގައި އައްސާފްއަށް ބޮޑު މަޝްހޫރުކަމަކާއި މަޤްބޫލުކަމެއް ލިބިފައިވެއެވެ. ގިނަ ސިންގަލް ލަވަތަކެއްގެ އިތުރުން ދެ އަލްބަމެއް އައްސާފް ނެރެފައިވެއެވެ. ގިނަ ލަވަތައް ކިޔާފައިވަނީ އިރާޤާއި ގަލްފުގެ ބަހުރުވަތަކުންނެވެ.

އައްސާފްގެ މައިންބަފައިންނަކީ ފަލަސްޠީނަށް އުފަން ދެމީހުންނެވެ. ނަމަވެސް އައްސާފް އުފަންވީ ލީބިޔާގެ މިސްރާތާ ގައެވެ. އުމުރުން ހަތަރު އަހަރު ވާންދެން ލީބިޔާގައި ދިރިއުޅުމަށްފަހު އޭނާގެ މައިންބަފައިންނާއެކު ފަލަސްޠީނުގެ ޣާޒާއަށް ދިރިއުޅުން ބަދަލުކުރިއެވެ. އޭނާ އުޅެ ބޮޑުވީ ދިވެހީންވެސް އެ ނަމަކަށް ފަރިތަ ‘ޚާން ޔޫނިސް ރެފިއުޖީ ކޭމްޕް’ގައެވެ.

އައްސާފްގެ މަންމަ އަދި ބައްޕައާއެކު

އައްސާފްގެ މަންމަ އިންތިޞާރް ބުނާގޮތުން އައްސާފްގެ އުމުރުން އެންމެ ފަސް އަހަރުގައި ލަވަކިޔަން ފަށައިފި އެވެ. “އޭރުވެސް އޭނާގެ އޮންނަނީ އުމުރަށް ވުރެން މާ ވަރުގަދަ ބަރު އަޑެއް” ކަމަށްވެސް އައްޞާފްގެ މަންމަ ބުނެއެވެ.

މިހާރު އައްސާފް ދިރިއުޅެމުން ގެންދަނީ އޭނާގެ އަނބިމީހާ ރީމް އާއެކު އެކުވެރި ޢަރަބް އިމާރާތު (ޔޫއޭއީ)ގައެވެ. އޭނާ ފަލަސްޠީނަށް އެތެރެވުން މަނާކޮށްފައިވަނީ ހަރުކަށި ޖައްބާރު އިޒްރޭލުންނެވެ. މިކަމާ ގުޅިގެން އައްސާފްގެ ޓްވިޓަރ މެދުވެރިކޮށް ބުނެފައިވަނީ އޭނާގެ ވަޠަން (ފަލަސްޠީނު) ދެކެ ލޯބިވުން ނުހުއްޓުވޭނެ ކަމަށެވެ.

މިހާރުވެސް، އައްސާފްގެ މީސްމީޑިއާ އެކައުންޓްތަކުން ފަލަސްޠީނުގެ ހާލަތާމެދު ހިތާމަފާޅުކޮށް ރެއާ ދުވާލު އެތަކެއް ޕޯސްޓްތަކެއް އާއްމުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.