އެނދު ހުރަހަށް ކަހަލަ ގޮތަކަށް އޮތް ޔަޒީދާ ތެޅިފޮޅެމުން މަސައްކަތް ކުރަމުން ދިޔައީ ސަލާމަތް ވާށެވެ. ކޮންމެ ވެސް ކަހަލަ މަހްލޫގެއް އޭނާގެ ކަރުގައި ހިފާ ނޭވާ ހާސްކޮށްލަން މަސައްކަތް ކުރަމުންދާ ކަހަލައެވެ. އަނގައިން ހުދުކުލައިގެ ފޮނު ނުކުންނަމުން ދިޔައިރު ނޭފަތުން ލޭ އައިސްފައި ހުއްޓެވެ.

ފެނުނު މަންޒަރުން ގަތްބިރާއެކު ހާސްވެ ކަންބޮޑުވެފައި ހުރި ސާގިބަށް ބަންގި ގޮވަން ފެށުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ.

ސާގިބްގެ އަޑާއެކު ޔަޒީދާގެ ހަރަކާތް ހުއްޓި ހަމަހިމޭން ވިއެވެ.

ސާގިބު ގޮސް ބަލާލިއިރު ނާޖިދާ އޮތީ ހޭނެތިފައެވެ. ނާޖިދާ ހޭއެރުވުމަށްފަހު އަވަހަށް ގައިން ތާހިރުވެގެން މަޣުރިބު ނަމާދު ކުރަން ބުނެފައި ސާގިބު ނުކުތީ ބޭރަށެވެ. ފެނުނު މަންޒަރުގެ ސަބަބުން އޭނާ ހުރީ ހާސްވެ ކަންބޮޑުވެފައި ނަމަވެސް ނާޖިދާ އަކަށް އެކަމެއް ނާންގަ އެވެ.

ދިވެހި ބޭސްކުރަން އެރަށަށް އައިސް އުޅުނު ޒުބޭދާ އާއި ވާފިރަކީ ސާގިބު ވެސް ކޮންމެ ވެސް ވަރަކަށް ދަންނަ ބައެކެވެ. ގެ ކައިރީ އުޅޭތީ ދެކެފަރިތަ މީހުންނެވެ.

ހާސްކަމާއި ކަންބޮޑުވުން ވަށާލައި ހަދާނެގޮތް ހުސްވެގެން ކަހަލަ ގޮތަކަށް ދޮރޯށި ކައިރީ ހިނގާލަހިނގާލަ ހުރި ސާގިބާއި އެމީހުން ބައްދަލުވީ ގެ ކައިރިންނެވެ. ސާގިބުގެ ކިބައިން ފެންނަމުން ދިޔަ ނުތަނަވަސްކަން އެމީހުނަށް ފާހަގަ ވިއެވެ.

ވެގެން އުޅޭ ގޮތް ސާފުކޮށްލަން ވާފިރު ބޭނުން ވިއެވެ.

މީހާ ހުންނަ ސިފަ އަކުން މީހާ ލާފައި ހުންނަ ހެދުމަކުން މީހާގެ ކުޅަދާނަކަމެއް ނޭނގޭނެއެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް ހީވެސް ނުކުރާފަދަ އިލްމުވެރިއަކު ހުރެދާނެ އެވެ. ނަތީޖާ އެނގޭނީ މަސައްކަތް ފެށީމަ ތާއެވެ.

ވެގެން އުޅޭ ގޮތް ކިޔައިދީ ނިމުނުއިރު ސާގިބަށް ރޮވިއްޖެއެވެ.

އޭނާއަށް ވެސް ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށް ދެވިދާނެ ކަމަށް ބުނަމުން، މަސައްކަތް ފަށަމާ ހިނގާށޭ ޒުބޭދާ ބުންޏެވެ. ހައިރާންވި ނަމަވެސް ޒުބޭދާއަށް ފުރުސަތު ދޭން ސާގިބު އެއްބަސް ވިއެވެ.

ޒުބޭދާގެ ދެމަފިރިންނާއި ސާގިބު ގޮސް ނާޖިދާގެ ކޮޓަރިއަށް ވަތްއިރު އެނދުމަތީގަ އޮށޯވެލައިގެން ކަހަލަ ގޮތަކަށް ނާޖިދާ އޮތެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ނިދާފައި އޮތް ކަހަލަ އެވެ.

ފެނުނު މަންޒަރާއެކު ސާގިބުގެ ކަންބޮޑުވުން އިތުރުވިއެވެ. އަވަސް އަވަހަށް އެ ދިމާއަށް ހިނގައި ގަތެވެ. ސާގިބު މަޑުކޮށްލީ ޒުބޭދާ އެގޮތަށް އެދުމުންނެވެ.

ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ޒުބޭދާ ގޮސް އިށީނީ ނާޖިދާގެ ބޯ ކައިރީގައެވެ. ނިތްކުރި މަތީގައި މަޑުމަޑުން އަތް ބާއްވާލަމުން ސިއްރު ސިއްރުން ކޮންމެ ވެސް އެއްޗެއް ކިޔަވާލިއެވެ.

“ޤުރްއާން ހިތު ދަސް ހަށިގަނޑުގައި ބާރު ހުރި ޒުވާން ފުރައިގެ ދެފިރިހެނުން ހޯދާ. ކައިވެނި ހަރާން މީހުން ހޯދުން މުހިންމު. އަވަސް ކުރާތި …. އިރާދަ ކުރެއްވިއްޔާ މީނަ ސަލާމަތް ވާނެ.” ސާގިބަށް ބަލާލަމުން ޒުބޭދާ ބުންޏެވެ. އަޑާއި ހަރަކާތުން ފާޅުވީ އުންމީދާއި ޔަގީން ކަމެވެ.

ސުނޭނާއަށް ފޯނުކޮށް ވެގެން އުޅޭގޮތް ކިޔައިދީ ކަންތައް ކުރަންވީ ގޮތް ސާގިބު ބުންޏެވެ.

ދާދިފަހުން ތަޢުލީމީ ޚަޔާތް ނިންމާލުމަށްފަހު ރާއްޖެ އައި ސަލީހާއި ސުލޭހަކީ ނާޖިދާއާ ދެ ބޭންގެ ދެ ދަރި ކުދިންނެވެ. ހަށިގަނޑުގަ އާރާއި ބާރު ހުރި ޖާނުން ވަރުގަދަ ދެ ޒުވާނުންނެވެ. ދީނީ ތަޢުލީމު ހާސިލުކޮށްގެން ރާއްޖެ އައި ދެ ޒުވާނުން ރަށުގައި މަޑުކޮށްލީ ޗުއްޓީ ހޭދަކޮށްލުމަށް ޓަކައެވެ.

ނާޖިދާގެ ދެ ފަރާތުގައި އީށީންދެލައިގެން ތިބި ދެ ޒުވާނުން ޒުބޭދާ ބުނި ފަދައިން ކަންތައް ކުރަމުން އަޑު ހަރުކޮށް ޤުރުއާން ކިޔަވަމުން ދިޔައެވެ. ނާޖިދާގެ ނިތްކުރި މަތީގައި އަތް ބާއްވާލައިގެން އިނދެ ޒުބޭދާ ވެސް ސިއްރު ސިއްރުން ކޮންމެ ވެސް ކިޔެވުމެއް ކިޔަވަމުން ގެންދިޔައެވެ.

ހާސްވެ ކަންބޮޑު ވެފައި ހުރި ސާގިބު ފެންޑާ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ގޮނޑިސެޓްގަ އިށީންދެލައިގެން އިން ސުނޭނާގެ ދެ ލޮލުން ކަރުނަ ނުހިކެއެވެ. އެ ދެ ބަފައިންނަށް ހިތްވަރު ދީ ވިސްނައި ދެވޭތޯ ވާފިރު މަސައްކަތް ކުރަމުން ދިޔައެވެ.

ކުއްލިއަކަށް ޖެހެލި ބާރު ވައިރޯޅިއާއެކު ކޮޓަރީގެ ކުޑަދޮރުސެޓަށް ލޮޅުމެއް އައެވެ. ގޭގެ ފުރަގަހުގަ ހައްދާފައިވާ ފަތްކެޔޮ ގަސްތަކު ތެރެއިން އުފެދުނު ބާރު ވައިރޯޅި އައިސް ދޮރުފަތުގަ ޖެހުމާއެކު ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުދިކުދި ވެގެން ބިންމައްޗަށް ފޭބިއެވެ.

އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ކިޔެވުމާއިގެން ކުރިޔަށް ދިއުމަށް ޒުބޭދާ އިޝާރަތް ކުރިއެވެ.

މަޑުމަޑުން ދެ ލޯ ހުޅުވާލަމުން ކުޑަދޮރާއި ދިމާއަށް ބަލާލި ނާޖިދާގެ ކިބައިން ފެނުނީ ހާސްކަމާއި ކަންބޮޑު ވުމެވެ. ނުތަނަވަސް ކަމެވެ. ކަޅި ވެސް ޖަހާނުލާ އެދިމާއަށް ބަލަހައްޓައިގެން ނާޖިދާ އޮތެވެ.

“އެހެރީ އޭނާ. އެއީ ކުޑަވަރެއްގެ އަންހެން ކުއްޖެއް.” އޮތްގޮތަށް އޮވެ މަޑުމަޑުން ދެ ލޯ މަރާލަމުން ނާޖިދާ ބުންޏެވެ. އެ ވަގުތު ނާޖިދާގެ ދެ ލޮލުން ފާއްދާލި ކަރުނަ ތިން މީހުނަށް ވެސް ފެނުނެވެ.

“އޭނާގެ ބޭނުމަކީ ކޮބާ؟ އޭނާ އެގޮތަށް ކަންތައް ކުރުމުގައި ކޮންމެ ވެސް މަޤްޟަދެއް ވާނެކަން ޔަގީން.” ޒުބޭދާ ސުވާލު ކުރާ ވަގުތު ފިޔަވާ އެހެން ހުރިހާ ވަގުތަކު އިންނަނީ ކިޔަވާލަ ކިޔަވާލަ އެވެ.

“އޭނާ ބޭނުން ވަނީ އަހަރެން މަރާލަން …. އޭނަ ބުނަނީ އޭނާ އަކީ އަހަރެން ދަރިއެކޭ. އަހަރެން އޭނާ މަރާލީއޭ. އެކަމު އެއީ ހުސް ދޮގު. އަހަރެން އޭނާއެއް ނުދަންނަން …. އޭނާ އެ ހަދަނީ ހުސް ދޮގު.” ނާޖިދާ ރޯން ފެށިއެވެ. އަތަކަށް ފަޔަކަށް ހަށިގަނޑަކަށް އެއްވެސް ހަރަކާތެއް ނާދެއެވެ. ހަމައެކަނި އަޑު ނުކުންނަ ކަމާއި ތުންފަތް ތަޅުވާ ކަމެވެ.

“ދޮގުނުހަދާ ތެދުބަހުން ވާހަކަ ދައްކާ…. ރަނގަޅަށް ބުނޭ. ކަލޭ ތީ ކާކު؟” ކުޑަދޮރުސެޓާއި ދިމާއަށް ބަލާލަމުން ޒުބޭދާ ސުވާލު ކުރިއެވެ. ނާޖިދާއާ ވާހަކަ ދެއްކުމުގެ ބަދަލުގައި ޒުބޭދާ މަސައްކަތްކުރީ އެ ކުއްޖާއާ ވާހަކަ ދައްކާށެވެ.

“އަހަރެން މި ވާހަކަ ދައްކަނީ ތެދުބަހުން. ދޮގެއް ނުހަދަން. ނުވެސް ހަދާނަން.” ކުޑަ އަންހެންކުއްޖާގެ އަޑު އިވުނެވެ. އަޑުން ފާޅުވީ ހިތާމަ އާއި ހިތްދަތި ކަމެވެ. ވޭނެއެވެ.

“ހުރިހާ ވާހަކައެއް ތެދުބަހުން ކިޔައިދީ. ކަލޭ ތީ ކާކު؟ ކަލޭ މީނައަށް އަނިޔާވެރި ވާންޖެހޭ ސަބަބު އޮޅުން ފިލުވައިދީ.” ފެން ފޮދެއް ކިޔަވާލުމަށްފަހު ކުޑަދޮރުސެޓާއި ދިމާއަށް ބުރުވާލި އެވެ.

ޖެހެމުންދިޔަ ވައިރޯޅިއަށް ކުއްލިއަކަށް އައި ބަދަލާއެކު ކުޑަ އަންހެންކުއްޖެއްގެ ސޫރަ ފާޅުވިއެވެ. މަޑުމަޑުން ބަދަލުވަމުން އައިސް ފުރިހަމަ ވީވަގުތު ކުރިމަތިން ފެންނަން ހުރި ސޫރައާ ދެކޮޅަށް ބުނާނެ އެއްޗެއް އެކަކަށް ވެސް ނޭނގުނެވެ. ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް ގަބޫލު ކުރަން މަޖުބޫރު ވިއެވެ. އެކުއްޖާ އެ ބުނާފަދައިން އޭނާ އަކީ ނާޖިދާގެ ކުއްޖަކަށް ވެދާނެއެވެ. މޫނުމަތި އެހާ ވެސް އެއްގޮތެވެ.

“އަހަރެންނަކީ މީނާގެ ފުރަތަމަ ދަރިފުޅު. ކައިވެނީގެ ބޭރުން މީނާ ކުރަމުންދިޔަ ފާހިސް ޢަމަލުތަކުގެ ނަތީޖާ …. އިއްޒަތާއި ގަދަރާ ތަނަވަސްކަމަށް ފެންބޮވައިގަނެ ހިލޭ ފިރިހެނަކަށް ހަށިގަނޑު ހަދިޔާ ކުރުމުގެ އިނާމް. ވާނުވާއެއް ނުބަލާ އެހެން މަޚްލޫގަކަށް ދިން ދަޢުވަތުން އުފެދުނު ފުރާނަ. ރަށްމެދަށް ބަނޑު ބޮޑުވުމުން މީނާ އާއި މީނާގެ ލޯބިވެރިޔާ މަސައްކަތް ކުރީ އަހަރެން މަރާލަން. ފަޅުރަށެއްގެ ގޮނޑުދޮށުގާ ވަޅުލާ އަބަދުގެ އަބަދަށް އަހަރެންގެ ވަސް ވެސް ފޮހެލާ…..” ރޮމުން ރޮމުން ފާރުބުޑަށް ތިރިވި ކުޑަކުއްޖާ ވާހަކަ ދެއްކުން ހުއްޓާލީ އިތުރަށް ކުރިޔަށް ނުގެންދެވިގެންނެވެ.

އިރުކޮޅަކު ރޯލުމަށްފަހު އަނެއްކާ ވެސް އެކުއްޖާ ވާހަކަ ދައްކަން ފެށިއެވެ. އޭނާ މަސައްކަތް ކުރީ އެވާހަކަތައް ކިޔައިދޭށެވެ.

އަވަސް އަވަހަށް ނާޖިދާގެ ދަރިފުޅު ގޮވައިގެން ގޮނޑުދޮށަށް ފޭބި ޖޫލިޔާނާ މަސައްކަތް ކުރީ ގޮނޑުދޮށުގައި ވަޅުގަނޑެއް ކޮނެ އެކުއްޖާ އެތަނުގައި ވަޅުލާށެވެ. ލެއިން ތަތްތެޅިފައިވާ އެ ތުއްތުކުއްޖާ އޭރު ވެސް މަޑުމަޑުން ކުކުރަމުން ދިޔައެވެ.

ގޮނޑުދޮށުގައި ހުރި މަގޫގަސްތަކަށް އައި ކުއްލި ލޮޅުމާއެކު ގަދަރަތްކުލައިގެ ދެ އަލިކޮޅު ފާޅުވިއެވެ. އަނގުރު އަލިފާން ފަދަ ދެ ލޮލެވެ. ރުޅި އާއި ނަފްރަތު ފިޔަވާ އެހެން އެއްޗެއް ނޫންކަން ޔަގީނެވެ. ގަސްތަކުތެރެއިން ނުކުތް ނިހާމް މިސްރާބުޖެހީ ގޮނޑުދަށުގައި ކޮނެފައިވާ ވަޅުގަނޑާއި ދިމާއަށެވެ.

ވައިރޯޅިއެއްހާ ހަލުވިކޮށް ދިޔަ ނިހާމް ވަޅުގަނޑުގެ ތެރެއިން އެ ކުއްޖާ ނެގި ނަމަވެސް ޖޫލިޔާނާ އަކަށް އެކަމެއް ނޭނގެއެވެ. އަވަސް އަވަހަށް ފަސްއަޅައި ވަޅުގަނޑު ފޮރުވާލިއެވެ. އެހެން މީހަކަށް ތަނެއް ދޮރެއް ނޭންގޭނެހެން ފަސްގަނޑު ރަނގަޅު ކޮށްލަމުން ހިނިތުންވެލި އެވެ. ލިބުނު ކާމިޔާބަށް ހިނިތުން ވަމުން އެއްގަމަށް އަރައިގެން އައިއިރު އެކުއްޖާ ގޮވައިގެން މަގޫ ގަސްތައް ކައިރީ ނިހާމް ހުރި ނަމަވެސް ޖޫލިޔާނާ އަކަށް ނުފެނެއެވެ.

“މައެއްގެ ލޯތްބެއް އަޅާލުމެއް އެހީތެރި ކަމެއް ނުލިބި އަހަރެންނަށް ހޭވެރިކަންވީ. އެންމެ ފުރަތަމަ ދުވަހު ވެސް އަހަރެން ބޭނުންވި މީނާގެ ކިބައިން ބަދަލު ހިފަން. އެކަމަކު ….. އަހަރެންގެ ބައްޕަ އެގޮތް ބޭނުމެއް ނުވި. މީނާ ކައިރިއަށް މިރަށަށް އަންނަން ފުރުސަތެއް ވެސް ނުދިން.” ހިތާމައިގެ ތަސްވީރެއް ފަދައިން އިން އެއަންހެންކުއްޖާ ބަލާލީ ނާޖިދާ އަށެވެ.

ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް އޮތް ނާޖިދާ ދެ ލޯ ބޮޑުކޮށްގެން މައްޗަށް ބަލަހައްޓައިގެން އޮތުން ފިޔަވާ އެހެން އެއްވެސް ކަމެއް ނުކުރެއެވެ. އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތިފައިވާ ކަހަލަ އެވެ.

“ކަލޭ ކިހިނެތް މިތަނަށް އައީ؟” ޒުބޭދާ އަހާލީ ހައިރާންކަމާއެކު އެވެ. މިކަމުގެ އަޑީގައި އެތައް ސިއްރެއް ވާކަން އެކުއްޖާގެ ވާހަކަތަކުން ހާމަ ވެއެވެ.

“އަހަރެން މިރަށަށް ގެނައީ ވެސް މީނަ. އެކަމަކު އެއީ ބޮޑު އޮޅުމެއްގެ ތެރެއިން.” މަޑުމަޑުން އެކުއްޖާ ބުނެލިއެވެ. އެވާހަކަތައް ކިޔައިދޭން ފެށިއެވެ.

ދުވަހުގެ ހެނދުނު ވަގުތެވެ. ހޭޅިފަށުގައި މަޑުކޮށްލައިގެން ހުރި ކުޑައަންހެންކުއްޖާ ބަލަމުން ދިޔައީ އެފަޅުރަށަށް ފައިބަމުންދިޔަ މީހުންނާއި ދިމާއަށެވެ. މަދަރުސާތަކުގެ ކިޔެވުން ބަންދު އެހެން ދުވަސްތައް ފަދައިން މިއަދު ވެސް ބަޔަކު ދަތުރު އައެވެ.

ދޯނިން ފައިބާގެން އެއްގަމަށް އެރި ނާޖިދާ ފެނުމާއެކު އެކުއްޖާގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ. ހިނިތުން ވެލަމުން މަންމާއޭ ކިޔާ ގޮވާލިއެވެ. ބާރުބާރަށް އެދިމާއަށް ދުއްވައިގަތެވެ. ދުވެފައި އައި އެކުއްޖާ ނާޖިދާގެ ގައިގާ ބައްދާލުމާއެކު ނާޖިދާ ދިޔައީ ސިއްސައިގެން ނެވެ. ވަށައިގެން ހޯދާލިއިރު މީހަކު ފެންނާކަށް ނެތެވެ. ގަޔަށް އެއްޗެއް އެރީ ކަމަށް ހީކޮށް ހެދުން ފޮޅާލިއެވެ.

ދޭތެރެ ދޭތެރޭން މަންމާއޭ ކިޔާ އެކުއްޖާ ގޮވާލައެވެ. ނާޖިދާ އަޅައެއް ނުލައެވެ. ކަމެއް ވާހެން ވެސް އޭނާއަކަށް ހިއެއް ނުވެއެވެ. ނާޖިދާގެ ފަރާތުން އެއްވެސް ސަމާލުކަމެއް ނުލިބުނު ނަމަވެސް އެކުއްޖާ އޭނާއާ ދުރަކަށް ނުދެއެވެ. ރޮމުން ރޮމުން ވެސް ނާޖިދާގެ ފަހަތުން ހިނގާލަ ހިނގާލަ ހުރީއެވެ.

ނާޖިދާގެ ފިޔަވަޅުމަތިން ކަހަލަ ގޮތަކަށް ހިނގަމުން އޭނާގެ ހިޔަނި ހެން ތަތްވެގެން އުޅުނު ކުޑައަންހެންކުއްޖާ ސިއްސައިގެން ދިޔައީ ނާޖިދާ އާއި ރާއިދު ދެއްކި ވާހަކަތައް އަޑު އިވުމުންނެވެ. އޭނާގެ މަސައްކަތްތައް އިތުރުވެއްޖެ އެވެ. ހަމަ އެކަނި ނާޖިދާއަށް ބަލަހައްޓައިގެން ހުރެހެން ވާން ނެތްކަން އެނގުނެވެ.

ރާއިދުގެ ހަރަކާތްތަކަށް ފާރަލަމުންދިޔަ ނަމަވެސް ނާޖިދާގެ ހަރަކާތްތަކަށް ސަމާލުކަން ދެމުން ދިޔައެވެ. ނާޖިދާއާ ދުރަށް ދާން ބޭނުން ނުވި ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން އަނެއްކާ ވެސް މަޖުބޫރެވެ. ފުރަތަމަ ފެނިލުމާއެކު ވެސް އެއީ އޭނާގެ މަންމަކަން އެކުއްޖާއަށް ޔަގީން ވިއެވެ. ނާޖިދާއާއެކު އެކުއްޖާ ފެނިއްޖެނަމަ އެހެން މީހުން ވެސް އެވާހަކަ ގަބޫލު ކުރާނެއެވެ.

ނާޖިދާ ކައިރީ އިށީންދެލައިގެން އިން ކުއްޖާ ފުންމައިގެން ތެދުވީ ކަމާލިޔާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ރޮމުން އާދޭސް ކުރަމުން އެހީތެރިކަމަށް އެދި ގޮވާލި އެ އަޑާއެކު އެކުއްޖާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

ހިތްހަމަ ނުޖެހުމާއެކު ނާޖިދާއަށް ބަލާލަމުން ދުއްވައިގަތް އެ ކުއްޖާ ދިޔައީ ވައިސޫރިއެއްހާ ހަލުވި ކޮށެވެ. ފެނުމަތިން ދުވެފައި ކަހަލަ ގޮތަކަށް ދިޔަ އެކުއްޖާ ކަނޑުތެރެއަށް ފީނައިގަތްއިރު ކަމާލިޔާ އެންމެ ފަހު ނޭވާ ދޫކޮށްލައިފިއެވެ.

މަރުވެގެން އަޑިއަށް ދިޔަ ކަމާލިޔާގެ ހަށިގަނޑު ނަމަވެސް ސަލާމަތް ކުރެވޭތޯ މަސައްކަތްކުރި އެ ކުއްޖާއަށް ހިފުނީ ކަމާލިޔާގެ އަތުގައެވެ. އެތައް މަސައްކަތެއް ކުރިއިރު ސަލާންކޮށްލުން ފިޔަވާ އެހެން އެއްވެސް ކަމެއް ނުކުރެވުނެވެ.

ކަނޑުގެ ލޮނުގަނޑަށް އެރި ބާރު ލޮޅުންގަނޑާއެކު މުޅިހިސާބު ކައްކާލިއެވެ. ހުދުފޮނާއެކު އުފައްދަމުންދިޔަ ބާނިތަކުގެ ތެރެއިން ކަނޑުގެ އަޑިން ވިއްސައިގެން ކަހަލަ ގޮތަކަށް މައްޗަށް އެރީ ކަމާލިޔާ ނޫން ދެވަނަ މީހެއް ނޫނެވެ. ހިނިތުންވެލަމުން ކަމާލިޔާ ފަތައިގަތެވެ.

ގޮނޑުދޮށަށް ލައްވެފައި އޮއްވާ ކަމާލިޔާ ފެނުނު ވާހަކަ ބުނުމުން ރާއިދަށް އެވާހަކަ ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. ކަމާލިޔާ ސަލާމަތުން އެނބުރި އަތުވެދާނެ ކަމަކަށް އޭނާގެ ހިތެއް ނުބުނެއެވެ.

ކަމާލިޔާ ކަމަށް ހީކޮށް ނާޖިދާމެން ރަށަށް ގެނައީ ކަމާލިޔާއެއް ނޫނެވެ. އެފަޅުރަށުގައި އުޅުނު ކުޑަކުއްޖާ އެވެ. އެ ކުއްޖާ ބުނަމުންދާ ގޮތުންނަމަ ނާޖިދާގެ ފުރަތަމަ ދަރިފުޅެވެ. ނާޖިދާ އާއި އެހެން މަޚްލޫޤަކަށް ލިބިފައިވާ ދަރިއެވެ. އެ ކުއްޖާއާއެކު އެ ކުއްޖާގެ ބައްޕަ ވެސް އަނެއްކާ އެރަށަށް އައެވެ.

ނާޖިދާ ކައިރިއަށް ދިރިއުޅުން ބަދަލުކުރުމާއެކު ނާޖިދާގެ އަސްލު ސިފަ އެކުއްޖާއަށް ފެންނަން ފެށިއެވެ. ނާޖިދާއަކީ ހައްދުފަހަނަ އަޅާފައިވާ އަންހެނެކެވެ. އެ ކުއްޖާ މަރާލަން މަސައްކަތް ކުރުމުގެ އިތުރުން ކަމާލިޔާ މަރާލުމުގައި ބައިވެރި ވިއެވެ. ފިރިމީހާއަށް ހަރާންކޯރު ވަމުން ދިޔައީ ލަދެއް ހަޔާތެއް އިމެއް ހައްދެއް ނެތިއެވެ. ނާޖިދާގެ އުޅުން ރަނގަޅު ކުރެވޭތޯ އެ ކުއްޖާ އެތައް މަސައްކަތެއް ކުރިއެވެ.

ނިމެނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.