ނާޖިދާ ކައިރިއަށް ދިރިއުޅުން ބަދަލުކުރުމާއިއެކު ނާޖިދާގެ އަސްލު ސިފަ އެކުއްޖާއަށް ފެންނަން ފެށިއެވެ. ނާޖިދާއަކީ ހައްދުފަހަނަ އަޅާފައިވާ އަންހެނެކެވެ. އެ ކުއްޖާ މަރާލަން މަސައްކަތް ކުރުމުގެ އިތުރުން ކަމާލިޔާ މަރާލުމުގައި ބައިވެރި ވިއެވެ. ފިރިމީހާއަށް ހަރާންކޯރު ވަމުން ދިޔައީ ލަދެއް ހަޔާތެއް އިމެއް ހައްދެއް ނެތިއެވެ. ނާޖިދާގެ އުޅުން ރަނގަޅު ކުރެވޭތޯ އެ ކުއްޖާ އެތައް މަސައްކަތެއް ކުރިއެވެ.

ނާޖިދާގެ ދެވަނަ ދަރިފުޅު ސަމްޢާންއަކީ ކާކުގެ ދަރިއެއްކަން އެންމެ ރަނގަޅަށް އެނގޭނީ އެކަކީ އެ ކުއްޖާ އެވެ.

ރާއިދުއަކީ ވެސް ލަދެއް ހަޔާތެއް ގޮތެއް ފޮތެއް ނެތް މީހެކެވެ. އަބަދު ވެސް ހިހޫތަނުން ކާލައިގެން އުފަލާއި އަރާމުގަ ދުނިޔޭގެ ދުވަސްތައް ހޭދަކޮށްލަން ބޭނުންވި މީހެކެވެ. ނާޖިދާއަކުން އޭނާއަކަށް ނުފުދުނެވެ. ކަމާލިޔާ ވެސް ބޭނުންވިއެވެ. ނުރުހުނަސް އެ މަލުގެ ފޮނިކޮޅު ބޯލަން ބޭނުންވިއެވެ. ރާއިދު ދުނިޔެ ދޫކޮށް ދާން ޖެހުނީ އޭނާގެ ސަބަބުން އެ ކުއްޖާގެ ކެތްތެރިކަން ކޮޅުންލުމުންނެވެ. ޒުބޭދާއަކީ ވެސް އަމިއްލަ އެދުމާއިގެން އުޅެން ފަށައިގެން އަމިއްލައަށް ބޮނޑިބޮއި މީހެކެވެ. ސަމްޢާން މަރުވެދިޔައީ ވެސް ކަމާލިޔާގެ ދުވަސް ދުއްވާލުމަށް ޒުބޭދާ އާއި ނާޖިދާ ރޭވި ރޭވުން އަތަށް ގޮވައިގެންނެވެ. އެކަމަށް ނާޖިދާވަނީ އެއްބަސް ވެސް ވެފައެވެ.

ނާޖިދާ މޮޔަވީ ހުރިހާކަމެއް ފަޅާއަރައި އޭނާގެ ބޭޒާރުވެ ސިކުނޑިއަށް ބާރުބޮޑުވި ހިސާބުންނެވެ. އެއީ ވެސް މީހުންގެ ލޯތަކުގައި އަނދުނެއް އަޅުވާލުމުގެ ގޮތުން އޭނާ ކުޅުނު ގޭމެއް ކަމަށް އެތައް ބަޔަކު ބުންޏެވެ.

ނާއިމް ނިޔާވި ހިސާބުން ކަމާލިޔާ ފުރައިގެން ދިޔައީ ކަމަށް މީހުނަށް ގަބޫލު ކުރެވުނު ނަމަވެސް ކަންތައް ވީ އެހެނެއް ނޫނެވެ. ކަމާލިޔާއެއް ނުދެއެވެ. ގެއްލުނީ ކަމާލިޔާގެ ސޫރައެވެ. އެ ސޫރަ ދޫކޮށް އެ ކުއްޖާ އަނެއްކާ ވެސް އޭނާގެ އަސްލަށް ރުޖޫއަވީއެވެ.

އޭނާގެ ބައްޕައާއެކު އެރަށުގައި ދިރިއުޅެމުން ދިޔަ އެ ކުއްޖާ އިންތިޒާރު ކުރަމުން ދިޔައީ ނާޖިދާ އަންނާނެ ވަގުތަކަށެވެ. ނާޖިދާއާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ ނަފްރަތުގެ ހުޅުގަނޑު ނިއްވާލެވޭތޯ އޭނާގެ ބައްޕަ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ނުވިއެވެ.

ވަގުތަކަށް ބަލަބަލަ ހުރި އެ ކުއްޖާއަށް ފުރުސަތު ލިބުނީ އިރުއޮއްސުނު ވަގުތާއި ދިމާކޮށް ނަމާދު ނުކޮށް ނާޖިދާ ނިދާފައި އޮތުމުންނެވެ.

“އަހަރެންނަކަށް ނެތް ވަގުތެއް. ދާން ވެއްޖެ. ބައްޕަ އެބަ ގޮވާ. މިހާރު ނުގޮސްފިނަމަ ދެން ނޭނގެ ދިމާވާނެ ކަމެއް ވެސް. އެހެން ….” އަނެއްކާ ވެސް އެ ކުއްޖާ ރޯންފެށިއެވެ. ވާހަކަ ދައްކަން މަސައްކަތްކުރި ނަމަވެސް ރޮވޭވަރުން ވާހަކަ ދެއްކޭވަރެއް ނުވިއެވެ.

ވަރަށް ޝަޢުޤުވެރިކަމާއެކު ނާޖިދާއަށް ބަލާލަމުން އެ ކުއްޖާ ދުވެފައި ގޮސް ކުޑަދޮރުން ބޭރަށް ފުންމާލިއެވެ.

“އަހަރެންގެ ދަރިފުޅު ….. އަހަރެންގެ ދަރިފުޅު. އޭނާ ހިފަހައްޓާ.” ފުންމައިގެން ކަހަލަގޮތަކަށް ތެދުވި ނާޖިދާ އުޅުނީ އެނދުން ފައިބާގެން ދާށެވެ. އެކަމަށް ވިސްނައި ސަމާލުވެގެން ތިބި ދެ ޒުވާނުންނަށް ނާޖިދާ ހިފައްޓާލެވުނީ އެތައް މަސައްކަތުންނެވެ. އޭރު ވެސް ނާޖިދާ ރޮއި އާދޭސް ކުރަމުން ދިޔައީ އޭނާގެ ދަރިފުޅު ގެނައުމަށެވެ.

ކުކުޅާއި މަސް ފަދަތަކެތި ފިހުމަށް ރޯކޮށްފައިވާ ފީފާފަޅި ބަހައްޓާފައި ހުރީ ބޯކަށިކެޔޮ ގަސްތައް ކައިރީގައެވެ. އެކަމަށް ހާއްސަކޮށްފައިވާ ދަގަނޑު ހޮޅީގެ ސުޓޭންޑަގައެވެ.

ރެސްޓޯރެންޓަށް ވަދެގެން ވަރަށް ބާރަށް ދުވެފައި އައި ކުޑަ އަންހެންކުއްޖާ ލައިގަތީ އަލިފާން ރޯކޮށްފައިވާ ފީފާފަޅި ހުރި ސުޓޭންޑުގައެވެ. ސަލާމަތަށް އެދެމުން އެ ކުއްޖާ ރޮއިގަތްއިރު ފީފާފަޅިއާއެކު ބޯކަށިކެޔޮ ގަސްތަކުތެރެއަށް ވެއްޓިއްޖެއެވެ. ސަލާމަތްވުމަށް އެއްވެސް ފުރުސަތެއް ނުލިބުނު އެ ކުއްޖާގެ ހެދުމާއެކު ބޯކަށިކެޔޮ ގަސްތަކުގައި ރޮވެ އަނދައިގަތެވެ. މުޅިތަނަށް ފެތުރިގެން ދިޔަ އެ ކުއްޖާގެ ރުއިމުގެ އަޑު ފަނޑުވެގެން ދިޔައީ ބޯކަށިކެޔޮ ގަސްތަކުގައި ރޯވި ވަގުތު ފަތްތަކުން އިވުނު ބާރު އަޑުފަށްގަނޑުގެ ސަބަބުންނެވެ.

“އޭން … ކީކޭ؟” ފޯނަށް ޖަވާބު ދިނުމާއިއެކު ފުންމައިގެން ކަހަލަ ގޮތަކަށް ސުނޭނާ ތެދުވިއެވެ. ހާސްކަމާއިއެކު ދެއަތުން ބޮލުގައި ހިފަހައްޓާލި އެވެ. ފިކުރު ބޮޑުވެފައިވާވަރު މޫނުމަތިން ހެކިދިނެވެ.

“ދަރިފުޅާ! ކިހިނެތްވީ؟ ” ސުނޭނާއަށް ވަމުންދިޔަ ގޮތް ފެނުމުން ސާގިބަށް ކެތެއް ނުވިއެވެ.

“ގެސްޓްހައުސް ރެސްޓޯރެންޓްގަ ރޯވެއްޖެ. ތަން ސަލާމަތް ކުރެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތޯ.” ސުނޭނާ މަޑުމަޑުން ބުނެލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.

ގެސްޓްހައުސްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވިއެވެ. ޚަބަރު ދިންހާ އަވަހަށް ޕޮލިހުން އެކަމުގައި މަސްޣޫލް ވިއެވެ. ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކިތަންމެ ރަނގަޅަކަށް ވެސް ފެނިގެން ދިޔައެވެ. ކޮންމެ މީހަކު ވެސް މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ މުދަލެއް ސަލާމަތް ކުރަން މަސައްކަތް ކުރާހާ ފަރުވާތެރިކަމާއެކު އެހާމެ ބަލައިގެންނެވެ.

އަލިފާން ރޯވި ހާދިސާއާ ބެހޭގޮތުން ތަނުގެ މުއައްޒަފުން ދައްކަމުންދިޔަ ވާހަކަތައް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވުނެވެ. ފަރުވާ ކުޑަކަމުން ހިނގާދިޔަ ހާދިސާއިން ރެކެން ވެގެން މޮޅު ވާހަކައެއް ދައްކަނީ ކަމަށް ބުނަމުންދިޔަ މީހުން މަދެއް ނޫނެވެ.

ރެސްޓޯރެންޓަށް ވަދެގެން ދުވެފައި އައި އެބުނާ ކުއްޖާގެ ސަބަބުން ކަމެއް ހިނގިނަމަ މިރަށުން ކުއްޖަކު މަދުވާނެއެވެ. ނުވަތަ މިރަށަށް އައިސް އުޅޭ މީހުންގެތެރެއިން ކުއްޖަކު މަދުވާނެއެވެ.

ރައްޔިތުންގެ ތެރެއިންނާއި އެކިއެކި ބޭނުމަށް ރަށަށް އައިސް ތިބި މީހުންގެ ތެރެއިން އެއްވެސް ކުއްޖަކު ނުވަތަ މީހަކު މަދުތޯ ރަށު ކައުންސިލްގެ ފަރާތުން ބެލިއެވެ. ޔަގީން ކުރިއެވެ. އެއްވެސް ކުއްޖަކު އަދި އެއްވެސް މީހަކު މަދެއް ނޫނެވެ.

އަލިފާނުގެ ހާދިސާ ހިނގާދިޔަ ސަރަހައްދު ބަލަމުންދިޔަ ޕޮލިހުންނަށް ބޯކަށިކެޔޮ ގަސްތަކު ތެރެއިން ކުޑަކުއްޖެއްގެ ކަށިތައް ފެނުނު ވާހަކައާއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވެގެން ދިޔައެވެ. އެތައް ބަޔަކު ރޮމުން ހަޅޭލަމުން ކޮޅުކޮޅު މައްޗަށް ދުއްވައިގަތެވެ. މުޅި ރަށަށް ހިތާމަވެރިކަން ފެތުރިގެން ދިޔައެވެ.

ތިމާ އާއި ތިމާއާ ގުޅިފައިވާ ފަރާތްތައް ގަދަވެ ސަލާމަތުން ހެޔޮހާލުގައި ތިބިތޯ ޔަގީންކުރަން މަސައްކަތް ކުރަމުންދިޔަ މީހުން ގިނައެވެ. އަނެއްކާ ވެސް މުޅިރަށް ޗެކްކުރިއެވެ. އެއްވެސް ކުއްޖަކު ނުވަތަ މީހަކު މަދެއް ނޫނެވެ.

ހިނގާދިޔަ ހާދިސާއާއެކު ނާޖިދާ ހުއްޓުނެވެ. ދައްކާނެ ވާހަކައެއް ކުރާނެ ހަރަކާތެއް ނޭނގިފައި ކަހަލަ ގޮތަކަށް އެތައް ދުވަހެއް ވާންދެން އެނދުގައި އޮތެވެ. ކެއިން ބުއިމެއް ނިދުމެއް ނޯވެއެވެ. ނޭވާ ހިނގާތީ ދުނިޔޭގައި އޮތްކަމެވެ. ސާގިބާއި ސުނޭނާގެ އާދޭހަކުން އަސަރެއް ނުކުރިއެވެ. ކަމެއް ހިނގާހެން ވެސް ހީނުވެއެވެ.

ނާޖިދާ އޮތް އެނދުކައިރިއަށް ސުނޭނާ ޖެހެލީ ނާޖިދާ ކޮންމެ ވެސް އެއްޗެކޭ ކިޔާހެން ހީވެގެންނެވެ.

“އެއީ އަހަރެންގެ ދަރިފުޅު. އެކުއްޖާ ބުނިހެން އަހަރެންނާއި އެހެން މަޚްލޫޤަކަށް ލިބެން އުޅުނު ދަރިފުޅު. އެކަން ނުދެނަހުރި ހާލު އޭނާ މަރާލަން އަހަރެމެން މަސައްކަތްކުރި ދަރިފުޅު …. އަހަރެމެންނަށް ފެންނަން ވެގެން އިންސާނަކަށް ބަދަލުވި ގޮތަށް ހުރީތީ އިންސާނީ އުސޫލުން އަނދައިގެން އެދިޔައީ. އޭނާ ގެނެސްދީ. އަހަރެން އޭނާ ބޭނުން …. އޭނާ ދެނެއް ނާއްނާނެ. އޭނާ އަކަށް އަހަރެން މަރައެއް ނުލެވޭނެ. އޭނާ ދެނެއް ނާއްނާނެ.” ދެ ލޯ ބޮޑުކޮށްގެން ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮވެ މަޑުމަޑުން ނާޖިދާ ކިޔަމުން ދިޔައެވެ.

އެއީ އޭނާގެ އާދައެވެ. އެކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ސުނޭނާ އެތައް މަސައްކަތެއް ކުރިއެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބިގެން ހުއްޓާލީ އެވެ. ސާގިބު ނިޔާވެ ދިޔައީ އެހިތާމަވެރިކަމާއި ހިތްދަތިކަމުގައެވެ.

ސިއްރުކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ސިއްރު ދެމެހެއްޓޭގޮތެއް ނުވިއެވެ. ފަޅާއެރި ދިމާއެއް ނޭނގި ރަށުތެރެއަށް އެޚަބަރު ފެތުރިއްޖެއެވެ. ނާޖިދާއާ ބެހޭގޮތުން ފާޑުފާޑުގެ ވާހަކަ ދައްކަން ފެށިއެވެ. ފެނިއްޖެނަމަ ދިމާކޮށް މަލާމަތް ކުރަން ފެށިއެވެ.

ސުނޭނާގެ ކައިވެންޏާއެކު ފިރިމީހާ ކައިރިއަށް ދިރިއުޅުން ބަދަލުކުރިއެވެ. ކާއެއްޗެއް ހިފައިގެން ނޫން ގޮތަކަށް އެގެއަށް އައުން ސުނޭނާއަށް މަނާވިއެވެ. ނާޖިދާ ކައިރިއަށް ސުނޭނާ ދާކަށް އޭނާގެ ފިރިމީހާ ބޭނުމެއް ނުވިއެވެ. މީހުން ކިޔާ އެއްޗެއްސާއި މަލާމާތަށް ކެތްކުރަން ފަސޭހަ ނޫންކަމަށް ބުނެއެވެ.

ނާޖިދާއަށް ޓަކައި ކައިވެނި ރޫޅާލާން ސުނޭނާ މަސައްކަތް ކުރިއެވެ. އެގޮތް ކަމުނުދިޔައީ ނާޖިދާ އަށެވެ. ކުށްވެރިއަކީ އޭނާއެވެ. އެކަން އޭނާ ގަބޫލުކުރިއެވެ.

ކުށަށް އިޢުތިރާފްވެ ލިބެންޖެހޭ އަދަބެއް ލިބި ތަޢުބާވުމުން ހިތަށް ހަމަޖެހުން ލިބުނެވެ. ރަށްޔިތުންގެ ތެރެއިން ވަރަށް މަދު މީހަކު ނޫނީ ނާޖިދާ ބަލައެއް ނުގަތެވެ. އެކަނިވެ ބާކީވިއެވެ. އާންމުންގެ ތެރެއަށް ނުކުންނަން ނުކެރޭވަރަށް ބައެއް މީހުން ކަންތައްކުރިއެވެ.

ނާޖިދާ ކެތްތެރިވިއެވެ. ރައްޔިތުންގެ ތެރެއިން އެންމެ ގިނަ މީހުން ބޭނުންވި ގޮތަށް ގެއިން ނުކުތުން ހުއްޓާލިއެވެ. އެކަނި މާއެކަނި ގޭގައި އިންނަން ފެށިއެވެ. ހުރިހާ ވަގުތެއް އަޅުކަމަށް ހުސްކުރިއެވެ.

ސުނޭނާގެ ދެމަފިރިންނަށް ދަރިން ލިބުނެވެ. އެދަރިން ދެކިލުމުގެ ނަސީބު ވެސް ނާޖިދާއަކަށް ނުލިބުނެވެ. ދަރިންގެ ބައްޕަ ހިތްހަމަ ނުޖެހޭތީއެވެ. ނާޖިދާގެ ފަރާތުން އެކުދިންނަށް ސުންޕާވެރިކަމެއް ކުރިމަތިވެދާނެތީ އޭނާ ބިރުގަންނަނީއެވެ.

ނާޖިދާ ހިތްވަރު ކުރިއެވެ. ކޮއްކޮއަށް ނަސޭހަތާއި ހިތްވަރު ދިނެވެ. ފިރިމީހާގެ ބަސްއަހައިގެން ކިޔަމަންތެރި އަނތްބެއްގެ ގޮތުގައި ހުރުމަށް އެދުނެވެ. ދަރިންގެ މުސްތަގުބަލް އުޖާލާ ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ބުންޏެވެ.

ރޭދުވާ ދައުރުވަމުން ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ.

ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުންނާއި ފިރިމީހާގެ ހިތްހަމަ ނުޖެހުން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާތީ ނާޖިދާ ކައިރިއަށް އަންނަން ސުނޭނާއަށް އުނދަގޫވާން ފެށިއެވެ. ނާދެވެން ފެށިއެވެ. އަޅާލުމެއް އެހީތެރިކަމެއް ނުދެވޭން ފެށިއެވެ.

އެކަނި މާއެކަނި ގޭތެރޭގައި އިނދެގެން ދުވަސްތައް ވޭތުކުރަމުންދިޔަ ނާޖިދާއަކަށް ދުވަސްތައް މާޒީއާ އެކުވަމުން ދިޔަ ގޮތެއް ނޭނގެއެވެ. އެއިން ކަމަކަށް އޭނާ ނުވެސް ވިސްނައެވެ.

ނާޖިދާ އާއި ފައުޒާން ބައްދަލުވީ ދަޢުލަތުގެ ފަރާތުން ފައުޒާން އެރަށަށް އައި ދަތުރެއްގައެވެ. ދަޢުލަތުގެ ބެލެހެއްޓުމުގެ ދަށަށް ނާޖިދާ ގެންދިއުމަށްޓަކައި މާލެއިން އައި ޓީމްގެ އިސްވެރިއަކަށް ހުރީ ފައުޒާން އެވެ.

ފުރަތަމަ ފެނިލުމާއެކު ވެސް ނާޖިދާއަށް ފައުޒާން އެނގުނެވެ. ފައުޒާންގެ އަތުގައި ހިފާލަމުން އަނެއްކާ ވެސް ބައްދަލު ވީތީ އުފާ ކުރާ ކަމަށް ބުންޏެވެ. ފައުޒާނަށް އޭނާއަށް އެހީތެރިވެވޭނެކަން ޔަގީންކުރާ ކަމަށް ބުންޏެވެ. ކުރިން ވެސް އެތައް ބަޔަކާއި ޗެލެންޖްކޮށް އޭނާ ރަނގަޅު ކޮށްދިން ހަނދާން އާކުރިއެވެ.

ނާޖިދާގެ ވާހަކަތަކާމެދު ވިސްނާލަން ފައުޒާނަށް ވަގުތު ބޭނުންވިއެވެ.

ވެގެން އުޅޭގޮތް ޔަގީންވީ ނާޖިދާ ފަހުން ދެއްކި ވާހަކަތަކުންނެވެ. ނާޖިދާއާ ކުރިން ބައްދަލުވީ ފައުޒާނެއް ނޫނެވެ. ފައުޒާންގެ ބައްޕަ ޑޮކްޓަރ ނާޒިލް އެވެ. މާބޮޑަށް ވައްތަރުކަމުން ނޭނގުނީއެވެ. އުމުރުން ދުވަސްވެ ލޯބޯ ކޮށިވުމުން އޮޅުން އެރީއެވެ.

އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުން ދިޔަ ނާދިޖާ ކިޔައިދިނީ އޭނާގެ މާޒީ އެވެ. އެދުވަސްތަކެއްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ހަލާކުވެގެންދިޔަ ބަނަ ދުވަސްތަކެވެ. އިތުރު ކައިވެންޏެއް ނުކޮށް އެކަނި މާއެކަނި އުޅެން ޖެހުނު ސަބަބެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އޭނާ ދެކެ ބިރުގަންނަ އަދި ނަފްރަތުކުރާ ހާދިސާ ތަކެވެ.

ކިތަންމެ ބޭނުން ވިޔަސް ކިތަންމެ މަސައްކަތެއް ކުރިޔަސް ވާން ނެތް ކަމެއް ނުވާނެކަން މިއަދު ނާޖިދާއަށް ވިސްނެއެވެ. މުއްސަނދިކަމާއި ތަނަވަސް ކަމަކީ ވެސް ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫނެވެ. ނިއުމަތެއް ލިބުމުން އެނިއުމަތަށް ޝުކުރުވެރި ނުވުމަކީ ވެސް ނިއުމަތެއް ބީވެގެން ހިނގައިދާނެ ކަމެކެވެ. ނާޖިދާއަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އެކަން ނާޖިދާ ގަބޫލުކުރެއެވެ. ނާއިމް ބޭނުންވި ގޮތަށް ނާއިމް އާއެކު އެދުވަހު އުޅުނުނަމަ މިދުވަސް ދެކޭކަށް ނާޖިދާ ނުޖެހުނީހެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.