ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ފައިސާ ހޯދަން ބާއްވާ އެއްވެސް ޝޯއެއްގައި މިއުޒިކް ކުޅެން ބައިވެރިނުވުމަށް މަޝްހޫރު މިއުޒީޝަން އަދި ގިޓަރިސްޓް ޝަހީދު ލެގަސީ ނިންމައިފިއެވެ. ޝަހީދު މިކަން ހާމަކޮށްފައިވަނީ މިދިޔަ މަހު 31 ވަނަ ދުވަހުގެ ރޭ ‘އެކްސް’ (ޓްވިޓަރ) މެދުވެރިކޮށް އާއްމުކުރި ޕޯސްޓެއްގައެވެ.

“ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް އެއްވެސް މިއުޒިކް ޝޯއެއް ނުކުޅެން އަހަރެން ނިންމީ އަހަންނަށް ހަމައެކަނި ފައިސާ ހަދިޔާކޮށް އަހަރެންގެ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ފަލަސްތީނުގައި ހިނގަމުންދާ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރެވޭނެތީ. އަހަރެންގެ ހަމަވިސްނޭ ސިކުނޑި ޤަބޫލެއް ނުކުރޭ ކުށެއް ނެތް އެތަކެއް މީހުންނެއް ޣައްޒާގައި މަރަމުން އަންނައިރު މިއުޒިކް އިވެންޓެއްގަ ބައިވެރިވާނެ ގޮތެއް.”

– ޝަހީދު ލެގަސީ – މުއިޒީޝަން

ޝަހީދުގެ މި ނިންމުމަށް ތާއިދުކޮށް އެތަކެއް ބަޔަކު ތަޢުރީފުކޮށް ކޮމެންޓްކޮށްފައިވާއިރު އެތަނުން ކޮމެންޓަކަށް ޖަވާބުދެމުން އޭނާގެ ކަންބޮޑުވުން ހުރި މިސްރާބު ފާހަގަކުރަމުން ބުނީ:

“މިއީ ފަލަސްޠީނުގަ ހިނގަމުންދާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރަންވީ ވަގުތު. އަދި ޤައުމެއްގެ ގޮތުގައި އަހަރުމެން އަޑުއުފުލަންވީ ވަގުތު. ސޯޝަލް މީޑިއަކީ މިކަމުގަ ބޮޑު ދައުރެއް އަދާކުރެވޭނެ އެއްޗެއް. ކޮންމެ ދިވެއްސަކުވެސް ފައިސާ ހަދިޔާކުރާ ބީދައިން ކޮންމެ އާޓިސްޓަކަށްވެސް ފައިސާ ހަދިޔާކުރެވޭނެ. ކޮންމެ ފައިސާ ފޮއްޗަކީވެސް ގުނޭނެ އެއްޗެއް.”

– ޝަހީދު ލެގަސީ – މުއިޒީޝަން

ޝަހީދުގެ މި ނިންމުމާ ގުޅިގެން މުނިއަވަސްއިން ގުޅާލީމެވެ. ޝަހީދުގެ އެންމެ ބޮޑު ކަންބޮޑުވުމެއް ހުރީ ފަލަސްޠީނުގެ ހާލަތާމެދު ދިވެހީން އަޑުއުފުލަން ޖެހޭ މިންވަރަށް އަޑު ނުއުފުލުމެވެ. ހަމަ އެހެންމެ ފަލަސްޠީނުގެ މުސްލިމުން ދަތިހާލުގައި ތިއްބާ އެމީހުންނަށް އެހީވުމަށް މިއުޒިކް ޝޯއެއް ބޭއްވުން ފަދަ ކަންކަން ކުރުމަށް އޭނާ އެއްބާރުލުން ނުދޭނެކަން ވަރަށް ސާފުކޮށް ހާމަކުރިއެވެ. ޝަހީދު ބުނީ ދިވެހީންނަކީ ނުލާހިކު ބޮޑަށް ސޯޝަލް މީޑިއާ ބޭނުންކުރާ ބަޔަކަށް ވީ ހިނދު އެފަދަ މަންސަތައް ބޭނުންކޮށް އަޑުއުފުލަން ޖެހޭ ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުން އަންނަ ކަންކަން ބަލައި ދެނެގަންނަން ޖެހޭ ކަމެވެ.

“ފަލަސްޠީނުގެ ރައްޔިތުންނަށް ފަންޑުހޯދުމަށް ބާއްވާ އެއްވެސް މިއުޒިކް ޝޯއެއްގަ އަހަރެން ބައިވެރިއެއް ނުވާނަން.”

– ޝަހީދު ލެގަސީ – މުއިޒީޝަން

ޝަހީދުގެ ނިންމުން ވަރަށް ސާފުކޮށް މުނިއަވަސްްއާ ވެސް ހިއްސާކުރިއެވެ. އޭނާގެ ‘އެކްސް’ (ޓްވިޓަރ) ފީޑަށް ބަލައިލުމުން މިކަމުގައި އޭނާ ކަންބޮޑުވާ މިންވަރު ހާމަވެގެންދެއެވެ.

މިއުޒިކް ކުޅުމުގެ އިތުރުން، ޝަހީދަކީ މިހާރު ނުުކުންނަ ބައެއް ފިލްމުތަކަށްވެސް މިއުޒިކް ހަދަމުން އަންނަ ފަންނާނެކެވެ. އެގޮތުން މިމަހު 04 ގައި ރިލީޒްކުރާ ކަޒްމިކް އިންޓަނޭޝަނަލްގެ ޑާކް ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ”ގެ މިއުޒިކް ހެދީވެސް ޝަހީދު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.