ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން އާދަވެގެން ބައެއް ކަންކަން ކޮށްލުމަކީ މީހާގެ ރީތިކަމާއި ޒުވާންކަން ދެމެހެއްޓުމަށް އޮންނަ ރަނގަޅު ފަރުވާއެއްކަން އެންމެންނަށްވެސް އެނގެ އެވެ. އާދަވެ އެފަދަ ބައެއް ކަންކަން ކޮށްލުމަކީ އަރާމު ނިންޖަކުން ހެނދުނު ހޭލާއިރު މީހާ ތާޒާކޮށް އަދި ޗާލުކޮށް ހުރުމަށް މަގުފަހިކޮށްދޭ ކަމެއްވެސް މެއެވެ.
ދުވާލުގެ ބުރަ މަސައްކަތުގައި ބޭރުގައި އުޅެފައި ގެއަށް އައިސް ވަދެވޭއިރު އަހަރެމެންގެ ތެރެއިން ގިނަ މީހުން ތިބެނީ ވަރުބަލިކަމާއި ހާސްކަމުގެ ތެރޭގައި ކަމީވެސް ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އަދި އެކަންކަމުގެ ސަބަބުން ނިދަން އޮށޯތުމުގެ ކުރިން މޫނުދޮވުން، ދަތް އުނގުޅުން ނުވަތަ މޭކަޕް ކުރާ މީހުން މޭކަޕް ފިލުވައިލުންފަދަ ކަންކަން އޮންނަނީ ކުރެވޭގޮތް ނުވެފަ އެވެ.
މި ލިޔުމުގައި މި ބަލައިލަނީ ހެނދު ހޭލާއިރު ނަލަކޮށް ހުރުމަށް އާދަވެ ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން ކުރެވިދާނެ 09 ކަމެއްގެ މައްޗަށެވެ.
1- މޭކަޕް ފިލުވުން
މޭކަޕް ކުރާ އަންހެން ބޭފުޅެއްނަމަ، ހެނދު ހޭލާއިރު ނަލަކޮށް ހުރުމަށް ކުރުން އެންމެ މުހިންމު ކަމަކީ މޭކަޕް ފިލުވުމެވެ.
ކޮންމެ ރެއަކުވެސް ނިދަން އޮށޯތުމުގެ ކުރިން، މޫނުގެ ނާޒުކު ހަންގަނޑުގައި މޭކަޕް ގެ އެއްވެސް ބާވަތެއްގެ ހަމަ އެންމެ އެތިކޮޅެއްވެސް ނެތްކަން ޔަޤީން ކުރާށެވެ. މޭކަޕް ހުރުމުން ވާގޮތަކީ ހަމުގައި ހުންނަ ކުދި ލޯވަޅުތައް ހުންނާނީ ބެދިފައެވެ. އެކަމުގެ ސަބަބުން ‘ބްލެކް ހެޑްސް’ އުފެދި ހަމުގެ އެހެނިހެން މައްސަލަތަކަށްވެސް ހުށަހެޅޭގޮތް މެދުވެރިވެއެވެ.
‘ކްލީންސިންގ މިލްކެއް’ ނުވަތަ ‘އެސެންޝަލް އޮއިލް’ އެއް ބޭނުންކޮށްގެން ނިދަން އޮށޯތުމުގެ ކުރިން މޫނުގައި ހުރި މޭކަޕް ފިލުވާށެވެ.
2- އައިސް ފެނުން މޫނު ދޮވުން
ނިދަން އޮށޯތުމުގެ ކުރިން، އައިސް ފެނުން މޫނު ދޮވެލާށެވެ. މިކަމުގެ ސަބަބުން މޫނު ސާފުވުމުގެ އިތުރުން މޫނުގެ ހަންގަނޑުގައި ހުންނަ ކުދި ލޯވަޅުތައް ސީލް ކޮށްދެ އެވެ.
މީގެއިތުރުން، ޤުދުރަތީ ސައިބޯންޏެއް ނުވަތަ ބާރުދެރަ މަސްނޫޢީ ސައިބޯންޏެއް ބޭނުންކޮށްގެން މޫނުދޮވުން މުހިންމެވެ.
3- ‘ބޮޑީ މޮއިސްޗަރައިޒަރ’ އެއް ބޭނުންކުރުން
ނިދަން އޮށޯތުމުގެ ކުރިން ބޮޑީ މޮއިސްޗަރައިޒާއެއް ބޭނުންކުރުމުން ހަންގަނޑުގެ ހިކިކަން ކެނޑި ތެތްކަމެއް ހިފަހައްޓާނެއެވެ.
މޮއިސްޗަރައިޒަރ އެއް ބޭނުންކުރާއިރު ވިސްނުން ބަހައްޓަންވީ ހަށިގަނޑުގެ އެހެން ބައިތަކަށްވުރެން މޫނުގެ ހަންގަނޑަކީ މާބޮޑަށް ވެސް ނާޒުކު ހަންގަނޑެއް ކަމެވެ. އެހެންކަމުން މޫނުގައި ހާކަން ބޭނުންކުރާނީ ތަންކޮޅެއް ބާރުދެރަ މޮއިސްޗަރައިޒަރ އެކެވެ.
4- ފައިތިލައިގައި ވެސްލިން އުނގުޅުން
ހަށިގަނޑުގެ ބައިތަކުން އަޅައިލުމަށް އެންމެ ފަރުވާކުޑަ ކޮށްލެވެނީ ފައިތިލައާއި މެދުގައެވެ. ނަމަވެސް ފައިތިލައަކީ ވެސް ހަށިގަނޑުގެ މުހިންމު ބައެކެވެ.
ކޮންމެ ރެއަކުވެސް ނިދަން އޮށޯތުމުގެ ކުރިން ފައިތިލައިގައި ވެސްލިން ކޮޅެއް ހާކާށެވެ. އޭރުން ހަންގަނޑުގައި މަރުވެފައި ހުންނަ ހަންކޮޅުތައް ފިލައިގެން ދާނެ އެވެ. ހަންގަނޑަށް ތެތްކަމާއި ތާޒާކަން ގެނެސްދޭނެ އެވެ. ފައި ފެޅުމުގެ މައްސަލަ ހުންނަ މީހުންގެ ފައިފެޅުމަށް ފަރުވާ ލިބިގެންދާނެ އެވެ.
5- ލޮލުގެ ވަށައިގެން ކްރީމެއް އުނގުޅުން
ކޮންމެ ދުވަހަކު ހެނދު ހޭލާއިރު ރީތިކޮށް އަދި ތާޒާކޮށް ހުރުމަށް ބޭނުންނަމަ މިކަމަކީ ވަރަށް މުހިންމު އަދި އެހާމެ ނާޒުކުވެސް ކަމެކެވެ.
ލޮލުގެ ވަށައިގެންވާ ހަމަކީ މޫނުގެ އެންމެ ނާޒުކު ހަމެވެ. އެހެންކަމުން މިއީ އިރުގެ ނުރައްކާތެރި އަލްޓްރާ ވައިލެޓް ދޯދިތަކުންނާއި މާހައުލުގައި ހުންނަ ވިހަ މާއްދާތަކުން އެންމެ ފަސޭހައިން ގެއްލުން ލިބޭ ބައެވެ.
ލޮލުގެ ވަށައިގެން ހުންނަ ހަމުގައި ރޫޖެހިފައި ހުރުމުންނާއި ކަޅުވުމުން ސަލާމަތްވާން ބޭނުންނަމަ، ކޮންމެވެސް ވައްތަރެއްގެ ޚާއްޞަ ކްރީމެއް ކޮންމެ ރެއަކުވެސް އުނގުޅާށެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވަ ކްރީމްތައް ފަސޭހަކަމާއެކު ބާޒާރުން ލިބެން ހުރެއެވެ.
6- ބުމަ ބޭލުން
ބުމަ ހަދައިގެން އުޅޭ މީހެއްނަމަ، ނިދަން އޮށޯތުމުގެ ކުރިން ބުމަ ހެދުމަކީ މުހިންމު، އަދި ފައިދާހުރި ކަމެއްކަމުގެ ޔަޤީންކަން ބިއުޓީ އެކްސްޕާޓުން ދެއެވެ. ބުމަ ބޭލުމަށްފަހު ނުވަތަ އިސްތަށި އުފުރުމަށްފަހު ހަންގަޑަށް އަރާމާއި ހަމެޖެހުމުގެ ވަގުތުކޮޅެއް ދިނުން މުހިންމެވެ. އެކަމަށް އެންމެ އެކަށޭނަ ވަގުތަކީ ރޭގަނޑު ނިދަން އޮންނަ ވަގުތެވެ. އޭރުން ބުމަ ކައިރީގައި ހުންނަ ރަތްކަން ފިލައިގެން ދާނެއެވެ.
7- ކިއުޓިކްލްސް ހައިޑްރޭޓް ކުރުން
ނިޔަފަތިތައް ރަނގަޅަށް ހުރުމަކީވެސް އަސާސީ މުހިންމު ކަމެކެވެ.
ކޮންމެ ރެއަކުވެސް ނިދަން އޮށޯތުމުގެ ކުރިން ނިޔަފަތިތައް މޮއިސްޗަރައިޒް ކޮށްލުމަކީ ނިޔަފަތީގެ ރީތިކަމާއި ފުރިހަމަކަމަށް މުހިންމު ކަމެކެވެ. މިކަމަށް ކާށިތެޔޮ ނުވަތަ ޒައިތޫނި ތެލަކީ އެންމެ ރަނގަޅު ދެއެއްޗެވެ.
8- ދަތް ހުދުކުރުން
ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ދަތް އުނގުޅުމަކީ ހަމަ ކޮންމެހެންވެސް ކުރަންވާނެ ކަމެކެވެ. މީގެ އިތުރުން މަދުވެގެން ހަފުތާއަކު އެއްފަހަރު ދަތްތައް ހުދުކުރުމަކީ މުހިންމު ކަމެކެވެ. މިކަމަށް ބޭނުންކުރާނީ ކުޑަކުޑަ ބޭކިން ސޮޑާ ކޮޅެކެވެ. ބޭކިން ސޮޑާކޮޅު ދަތުގައި ހޭކުމަށްފަހު އިރުކޮޅެއްވާންދެން ބަހައްޓާފައި ދޮވެލާށެވެ.
ބޭކިން ސޮޑާ ކޮޅެއްގެ ތެރެއަށް ކުޑަކުޑަ ކާށިތެޔޮފޮދެއް ޖަހައިގެން ޕޭސްޓެއް ހަދައިގެން ދަތް އުނގުޅުން މިއީވެސް ދަތް ހުދުކުރުމަށް ކުރެވިދާނެ ކަމެވެ.
9- ލޮލުގެ އެސްފިޔައަށް ފަރުވާދިނުން
މޫނުން މޭކަޕް ފިލުވައިލުމަށްފަހު، އެސްފިޔަތަކުގައި ކުޑަކުޑަ އާމަނަކަ ތެޔޮފޮދެއް އުނގުޅާށެވެ. އޭރުން އެސްފިޔަތަކަށް ބޭނުންވާ ކާނާ ލިބި އެސްފިޔަތައް ވަރުގަދަވާން ފަށާނެ އެވެ.
މި ކިޔައިދެވުނު ކަންކަމަކީ ހަމަ ގައިމުވެސް ކޮށްލަން އެހާ އުނދަގޫ ކަންތައްތަކެއް ނޫނެވެ. މިކަންކަން އާދަވެ ކުރާނަމަ، ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ބިއުޓީ ސެލޫން އަކަށް ގޮސްގެން ނޫނީ ނުކުރެވޭ އެތައް ކަމެއް ގޭތެރެއިން ކޮށްލެވުނީ އެވެ. ނަތީޖާއެއްގެ ގޮތުން ހެނދު ހޭލާއިރު މީހާ ހުންނާނީ ތާޒާ ކަމާއި ޗާލުކަމާއެކުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ގުޑް އާޓިކަލް