މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން 2020 ވަނަ އަހަރު ބޭއްވި ގައުމީ ލަވަ ހުށަހެޅުމުގެ މުބާރާތް “ޤައުމުގެ ދުލުން” މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދި ޖޫނީ ޖިނާޙް ހުށަހަޅައިދިން ލަވައިގެ ވާހަކަ އޭރުވެސް، އަދި މިހާރުވެސް ދެއްކެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. “އަންނާށެ ދާން އުދުހިލަން” މިއީ ދިވެހީންގެ ދިވެހިވަންތަކަން ހުރިހައި ގޮތަކުން ހިމެނޭ ފެންވަރުގެ އުފެއްދުމެކެވެ.
“އަންނާށެ ދާން އުދުހިލަން”ގެ މަސައްކަތުގެ ފަހަތުގައި އެތަކެއް ބައެއް ތިބިއިރު، މި އުފެއްދުން މިހާ ފުރިހަމަވެގެން ދިޔައީ ލަވައިގެ ޅެން ހެދި ނ. މާފަރަށް އުފަން އިބްރާހީމް ސަމީރު، ލަވަކިޔުންތެރިޔާ ޖޫނީ ޖިނާހް އަދި ވަކީން ޚާއްޞަކޮށް މަޝްހޫރު މިއުޒީޝަން މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ)ގެ ހުނަރުވެރި މަސައްކަތުންނެވެ. ލަވައިގެ މިއުޒިކާއި ކޮރިއޮގްރަފީއަށް ވެސް ހަމަ ސެލިއުޓްދޭ ވަރުވެއެވެ.
އިބްރާހީމް ސަމީރު މި ލަވައިގެ ވީޑިއޯ ފޭސްބްކްގައި ހިއްސާކުރަމުން ލިޔެފައިވާ ލިޔުންކޮޅު ނަކަލުކޮށްލާނަމެވެ. މި ލަވަ މިހާ ފުރިހަމަވީ ކީއްވެގެންކަން އެ ލިޔުންކޮޅުން އެނގިގެންދާނެ އެވެ. ލަވައިގެ ލިރިކްސްވެސް ސަމީރު އާއްމުކޮށްފައިވެއެވެ.
“އަޚް ތޭރަވާ މި މަސައްކަތް އަޅުގަނޑާއި މަތިކޮށްލައްވަމުން ދެއްވި އިޝާރާތަކީ، ދިވެހި އިހުގެ އާދަކާދަ އާއި ސަޤާފަތާއި ވައްޓަފާޅި ފިސާރިޔަށް ރަމްޒުވާ ގޮތަކަށް، ދެތިން ރައިވަރެއް (ވާހަކައެެއް ކިޔައިދޭހެން ތަރުތީބުން) އަތުރައިލެވިދާނޭތޯ އެވެ.
ދުލުން ބޯޖަހައިލާފައިމެ، ފޯނު ބާއްވައިފައި ވިސްނައިލީމާ، ހިތް ކޮށްލީ ސުވާލެކެވެ. “ހައެއްކަ ފޮޅުވަތުން ތިޔަހަރަހައި ވާހަކަ ދައްކާނީ ކިހިނަކުންހެއްޔެވެ؟”
ކޮންމެއަކަސް، މައުޟޫޢު އާއިގެން ސިކުނޑީގެ ލިޔާމޭޒުދޮށުގައި އިށީނދެ، މުޅި މައުޟޫޢު ތެރެެއަށް ގެންނާން ފެނުނު ވާހަކަތައް 3 ބަޔަކަށް ބަހައިލީމެވެ.
ފުރަތަމަ ރައިވަރުގައި މައުޟޫޢުއަށް ދޮރާއްޓެއް ހުޅުވައިލެވޭތޯ ބެލީމެވެ. ދެވަނަ ރައިވަރުގައި ގެނެވޭތޯ ބެލީ އޭރުގެ ދިވެހީންގެ މާނަވީ ސިފަތަކެވެ. ޚުލްޤާއި، އަޤީދާ އާއި މިހެންގޮސް އެޒަމާނު ދިވެއްސެއްގެ އެތެރެފުށަށް ކަޅިއެއް ދެކަޅިއެއް އެއްލޭތޯ އެވެ.
ދެން އޮތް ރައިވަރު ޚާއްސަކޮށްލީ، އޭރުގެ ދިވެހީންގެ މާއްދީ ސިފަތަކަށެވެ. މަސައްކަތްތެރިކަމާއި، މުރާލިކަމާއި، ސާދާ ދިރިއުޅުމާއި މިބާވަތުން މިންވަރެއް ރައިވަރަކު ތެރަށް ޖަމާކޮށްލެވޭތޯ އެވެ.
ދެން ފަހު ރައިވަރުގައި ބެލީ އިހު ދެއްކުނު ވާހަކައަށް، އަލުން އެހުންތެރީން ގެންދެވޭނޭ މަގެކެވެ. ކޮންމެވެސް ދަރެހެއް ނަސޭހަތެއް ނަމަވެސް ލިބިދާނޭފަދަ މަގަކުން މި ރައިވަރު ގެންނާން ހިތުގައި ލީމެވެ. އެ މަސައްކަތުން އުފަންވީ ފޮޅުވަތްކޮޅަކީ މިއެވެ.
އަންނާށެ ދާން ހިލަން އުދު
ރަންޒަމާން ދިވެހީންގެ ދެކޭން
ކަން އޮތްގޮތް އިހު ދެކޭން
ބައެކެ ވެހި ކުލުނު ހުރި
ބަައެކެ ދީނަށް ލޯބި ކުރި
ބައެކެ މި ވަޠަން ބިނާ ކުރި
ބައެކޭ ނިކަން ގޮތެއް ހުރި
ބައެކެ ހިފި ވެހިދި ހުންގާނު
ބަޔެކެ މަގުން ނުހިނގާނު
ތަށް ނިޢުމަ ޝުކުރު ކުރި
ތައް އޮޑި އެމާ މަހަށް ފުރި
ތައް ބަދި ރުކުން ބަރާ ކުރި
ތައް ބައެކެ އޭ ފުނަރު ހުރި
ޅައް ފުޅަލި ފަން އަޅައިގެން ފު
ޅަށް ވަރު މިން ރުހިގެން ފު
ނަށް ބަޔަކު ވިސްނައިފި އަދު
ރަށް މިއިން އުޑިކިބަ ފިލާވަ
ރަށް ގިނަ މީ ޅެފިލާވަ
މި މަސައްކަތުގައި ބައިވެރިވެ، ގަލަން ހިންގައިލެވުނުކަމުގެ ހަޤީޤީ އުފަލަކީ ގިނަ ބައެެެއްގެ ފަރާތުން ލިބުނު ހިއްވަރުގެ ހަދިޔާތަކެވެ. ލަވަ އަޅުގަނޑާއި ހަމައަށް ފޯރުވައިލައިދެއްވިކަމަށްޓަކައި ޖުނީގެ މަންމަ ެައަށް ޝުކުރު ޚާއްސަކޮށްލަމުން ލަވައިގެ ޅެމެެއްކަމުގައި އަތުރައިލެވުނު ރައިވަރުކޮޅާއެކު ޙިއްސާކޮށްލުމުގެ އުފާ ލިބިގަންނަމެވެ. ޖުނީ އަށާއި ޓީމަށް ކާމިޔާބަށް އެދެމެވެ.”
ލިޔުންތެރިޔާގެ ފުރަމަލަ
-
އަޙްމަދު ރަޝީދު
-
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް