ކުއްލިއަކަށް އެމީހުންތިބި ކޮޓަރީގެ ބޭރުން، ހޯލުތެރެއިން ބާރު ހަޅޭކެއްގެ އަޑު އިވެން ފެށިއެވެ. ތެޅިގެންފައި ބިޝާރާ އެނދުން ފޭބި އެވެ. ޔަރަސް ވެސް އަވަސް އަވަހަށް ތެދުވެއްޖެ އެވެ. ކޮޓަރީ ދޮރުން ބޭރަސް ނިކުތް އިރު ހޯލްވޭ ތެރެއިން ޑޮކްޓަރު އަންނަތަން ޔަރަސް އަށް ފެނުނެވެ.

“މަގޭ އަތުން މިކުއްޖޭ ނައްޓަދީބަލަ! އަތުގަ ދަތްއެޅިގޮަތަށް ނައްޓައިވެސް ނުލިއޭ!” މާނޭވާލަމުން ޑޮކްޓަރު ހަޅޭއްލަވަނީ އެވެ.

ކުއްލިއަކަށް ޔަރަސް ފެއްޓީ ހޭށެވެ.

“އަހަންނަށް ހީވަނީ ޑޮކްޓަރުގެ ޑިއުޓީ މިހާހިސާބުން ނިމުނީހެން. ދެން އެންމެ ރަނގަޅު ދިޔަޔަސް.” ޑޮކްޓަރުގެ އަތުން ދަރިފުޅު އަތުލަމުން ޔަރަސް ބުންޏެވެ.

* * * * * * *

16 އަހަރު ފަސް

 

މިއަދަކީ ދިގު އެއްހާސް އަހަރު ވާންދެން ޔަރަސް ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން އަންނާނެ ދުވަހެވެ. ޔަރަސް އަށް ޖެހިފައިވާ ސުންޕާ އެސްފީނާއިން ސަލާމަތްވާނެ ދުވަހެވެ. މީގެ ސޯޅަ އަހަރު ކުރިން ޔަރަސް އާއި ބިޝާރާ އަށް ލިބުނު ވޭމްޕަޔާ ދަރިފުޅު ޖައީޝް ގެ އެހީތެރިކަމާއިއެކުގަ އެވެ. ޖައީޝް ހުރީ އޭނާގެ ބައްޕަ އަށްޓަކައި އެ ބޮޑު ޤުރުބާނީ ވުމަށް ތައްޔާރަށެވެ.

 

ޑޮކްޓަރުންގެ ޓީމު އެންމެ ފަހުގެ ތައްޔާރީތައް ވެ ނިމިއްޖެ އެވެ. ޔަރަސް ގެ ބޮޑު ކިއްލާގައި ހުންނަ ބިންގަރާސް ތެރޭގައި އެންމެ ޒަމާނީ ހޮސްޕިޓަލެއްގެ އޮޕަރޭޝަން ތިއޭޓަރެއްގައި ހުންނާނެ ހުރިހައި ސާމާނެއް ހުއްޓެވެ. ވޭމްޕަޔަރުންގެ އެންމެ ކުރިއަރާފައިވާ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ބޮޑު ޓީމުން ވޭތިވެދިޔަ ފަސްއަހަރު ވަނީ އެތަކެއް ދިރާސާތަކެއް ކޮށްފަ އެވެ. އެތަކެއް އެކްސްޕެރިމެންޓްތަކެއް ހަދާފައެވެ. ވޭމްޕަޔާ ވާ ބޭނުންކޮށްގެން ހެދި ހުރިހައި ޓެސްޓެއް ވަނީ ކާމިޔާބު ވެފައެވެ. ދެން އޮތީ ހުރިހައި ވޭމްޕަޔަރުންގެ ސާހިބާ، ޔަރަސް ރަނގަޅުކުރުމަށް ކުރަންޖެހޭ ބޮޑު ސަރޖަރީ ކާމިޔާބު ކުރުމެވެ.

 

“އަހަރެން ހަމަ ނަރވަސް ވަނީ. އޮޕަރޭޝަން ކާމިޔާބު ނުވެ، އަހަންނަަށް ނޫނީ ޖައީޝް އަށް ކަމެއް ވެއްޖެއްޔާ ބިޝް ކިހާ އެކަނިވެރިވާނެ.” ސަރޖަރީއަށް ވަނުމަށް ތައްޔާރުވަމުން ޔަރަސް ބުންޏެވެ.

“ތިހާވަރަށް ނުވިސްނަބަލަ! ހުރިހާކަމެއް އޯކޭ ވާނޭ. އަހަރުންގެ ޖައީޝް ގޮތަށް ހިތްވަރުކޮށްބަލަ!” ޚުދު ބިޝާރާ ވެފައިވާ ދެރައާއި ގަތްފައިވާ ބިރާއި ޖެހިލުންވުން ފޮރުވަމުން ޔަރަސް އަށް ހިތްވަރުދޭން ފެށިއެވެ.

“އާނ… ޖައީސް އެވަނީ ވަރަށް ބޮޑު ޤުރުބަނީއެއް. ބައްޕައަކަށްޓަކައި ދަރިއަކަށް ވެވޭނީ އެފަދަ ބޮޑު ޤުރުބާނީ އެއް. ޑޮކްޓަރުންގެ ޓީމުން ބުނިހެން ފެއިލް ވުމުގެ އެންމެ ޕަސެންޓެއް އޮތް މި ސާރޖަރީ ފެއިލް ވެއްޖެއްޔާ ޖައީޝް ވެސް އަދި އަހަރެންވެސް-“

ޔަރަސް ގެ އަނގަމަތީގައި ބިޝާރާ އަތްއެޅިއެވެ. ޔަރަސް ބުނަންފެށި ޖުމްލަ ފުރިހަމަކުރާ އަޑު އަހަންވެސް އޭނާއަށް ކެތް ނުވާނެތީ އެވެ.

 

 

ދިހަގަޑިއިރުގެ ސާރޖަރީ އަކަށްފަހު، ޑޮކްޓަރުންގެ ޓީމުން އިސްކޮށް ހުރި ޑޮކްޓަރެއް ނިކުމެ ބިޝާރާ އާއި ބައްދަލުކޮށްފި އެވެ. ލޭ ބަދަލުކޮށްލުމުގެ އެ ޚައްޞާސް އޮޕަރޭޝަން ކާމިޔާބު ކުރެވުނު ކަމުގެ އުފާވެރި ޚަބަރު ޑޮކްޓަރު ދިނެވެ. ބިޝާރާ އަށް ލިބުނު އުފަލުގެ ބޮޑުކަމުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ކައިރީގައި ހުރި ޔާސްމީން އަށް ބަލައިލަމުން އޭނަގެ ގައިގައި އޮޅުލައިގަތެވެ. ޔާސްމީންގެ ލޮލުންވެސް ކަރުނަ ހިލި، އަރުތެރެ ބެދި އަނގައިން ބަސްހުސްވިކަހަލައެވެ.

އެއްހާސް އަހަރު ވާންދެން ޔަރަސް އަށް ތަހައްމަލުކުރަން ޖެހިފައިވާ މުސީބާތުން ސަލާމަތްވެވިއްޖެ އެވެ. އާދައިގެ ވޭމްޕަޔަރެއްގެ ހުރިހައި ސިފަތަކެއް ޔަރަސް އަށް ލިބުން އެއީ ނިއުމަތެކެވެ. ވޭމްޕަޔަރުންގެ ނިމުން އަންނަން އޮންނަ ކޮންމެ ހާލަތެއްގައި މިހާރު ޔަރަސް އަށްވެސް ނިމުން އަންނާނެކަން ޔަޤީންކުރެވެ އެވެ. އެއީ ޚުދު ޔަރަސް އާއި އޭނާގެ މަންމަވެސް ބޭނުންވާ ގޮތެވެ.

 

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.