އަދިވެސް ދިވެހިން އެ އަޑުން ކިޔާފައި ހުންނަ ލަވަތަކާއި މަދަހަތައް އެހުމަށް އެންމެ ފޯރި ހުންނަ އަޑެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒްގެ މަދަހައެއް ވަރަށް އަވަހަށް ނެރެން އުޅޭކަމުގެ އިޝާރާތެއް ވެއްޖެއެވެ.

މަދަހަ ކިޔުމުގެ ‘ޓަޗް’ ހުރިތޯ ޗެކްކޮށްލުމަށް ދާދިފަހުން ޢަލީ ރަމީޒް ކިޔާފައިވާ މަދަހައެއްގެ ތަންކޮޅެއް މީސްމީޑިއާއަށް ދޫކޮށްލުމާ ގުޅިގެން ގިނަ ބައެއްގެ ތަޢުރީފު އޮހެން ފެށިއެވެ.

ލަވަކިޔުން ހުއްޓައިލި ފަހުންވެސް ޢަލީ ރަމީޒް ވަނީ ގިނަ ޢަދަދެއްގެ މަދަހަތަކެއް އޭނާގެ އަޑުން ރެކޯޑްކޮށް ނެރެފައެވެ. އެ މަދަހަތައްވެސް ވެފައިވަނީ ދިވެހީން އެންމެ ގިނައިން އަހައި އުޅޭ މަދަހަތަކަކަށެވެ. އެގޮތުން، ފަތިހުފަރިވި މާތައް، މަންމާ، ތިޔައޭ ރަސޫލަކީ، ފަދަ މަދަހަ ތަކަކީ އޭނާ ކިޔައިފައިވާ މަދަހަ ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ، އަސަރުގަދަ މަދަހަތަކެކެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަލީ ރަމީޒުގެ އަޑުން އައު މަދަހައެއްގެ އިވިފައިނުވާއިރު، މިދިޔަ އަންގާރަ ދުވަހު “ތިޔައޭ ރަސޫލަކީ” މަދަހައިގެ ތަންކޮޅެއް ކިޔައި މީސްމީޑިއާގެ މަންސަތަކަށް ދޫކޮށްލި އެވެ. ވީޑިއޯ އާއްމުކުރަމުން އޭނާ ބުނެފައިވަނީ އަދިވެސް ޓަޗް ހުރިތޯ ބަލައިލަނީ ކަމަށެވެ.

މި ވީޑިއޯ ބެލި ހުރިހާ އެންމެން ކަހަލަ ގޮތަކަށް ބުނަމުން ދަނީ އަލީގެ ޓަޗް ނުގެއްލޭ ކަމަށެވެ.

މި ވީޑިއޯގެ ކޮމެންޓް ސެކްޝަނަށް ތައުރީފުގެ ބަސްތައް އޮހެމުން އަންނައިރު، ލަވައިގެ ފުލް ވާޝަންއެއް ގެނެސްދިނުމަށް ވެސް ގިނަ ބަޔަކު އެދިފައިވެއެވެ.

އަލީ ރަމީޒް ޢާއްމުކުރި ވީޑިއޯ ކަމުގޮސް، ތައުރީފުކުރި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރުމަށްފަހު އޭނާ ދިން އުފާވެރި ޚަބަރަކީ، ގިނަ ބަޔަކު ރިކުއެސްޓު ކުރަމުން އަންނާތީ، މަދަހައިގެ ފުލް ސްޓޫޑިއޯ ވާޝަންއެއް ރިކޯޑުކޮށްފައި އެކަމަށް އެދުނު ފަރާތްތަކަށް ހަދިޔާ ކުރާނެކަމުގެ އުފާވެރި ޚަބަރެވެ.

ލަވަކިޔުން ހުއްޓައިލުމަށްފަހު ޢަލީ ރަމީޒަކީ ވަަރަށް ސާބިތުކަމާއެކު ދީނީ ޢިލްމު ފެތުރުމަށް، ދީނީ ބޭފުޅުންނާއެކު މަސައްކަތްކުރަމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.