ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވުމުގެ މަދު ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ހުރިހައި މީޑިއާތަކުގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން ނޫސްވެރިންގެ ގުންޒަރެއް ބޭއްވި އެވެ. މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. ގުންޒަރު ވެގެންދިޔައީ މޭވަވެތި ގުންޒަރަކަށެވެ. ޒަމާނީ ސްޓައިލަށް ބުނާނަމަ އެއީ ސަޅި އިވެންޓެކެވެ. ނަމަވެސް…..

ނަމަވެސް މުނިއަވަސް އޮންލައިންއަށް އެ އިވެންޓެއް ބާއްވާކަން އެނގުނީވެސް ޓީވީން ލައިވް ފެނުނު ހިސާބުންނެވެ. ވަަރަށް ރަނގަޅަށް މެއިލްތައް ޗެކްކޮށް ބަލައިލީމެވެ. އެ އިވެންޓްގެ ދަޢުވަތެއް ނުވަތަ އިޝާރާތެއް ވެފައި އޮތްތޯ ޑަބަލް ޗެކްކޮށްލަން ޖެހޭނެތާދޯ އެވެ. ދަޢުވަތެއް ނެތެވެ. އިޝާރާތެއް ވެފައެއް ނެތެވެ. ވަރަށް ދެރައެވެ. 2018 އިން ފެށިގެން ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މުނިއަވަސް އޮންލައިން، މީޑިއާއަކަށް ނުވީތާއެވެ. ނޫނެކެވެ. އެހެން ހިތަށް އަރުވަން ބޭނުމެއް ނުވިއެވެ. އިންތިޤާލީ މަރުޙަލާގައި އެފަދަ ކަމެއް ހިނގާފާނޭ ހިތާހިތާ ކިޔައިލައި ނަފުސުގެ ވިސްނުން ފައްސިކޮށްލީމެވެ.

ގުންޒަރު ބޭއްވިތާ ވީ ދުވަހެއް ވީއެވެ. މިއަދު (23 ނޮވެމްބަރު2023، ބުރާސްފަތި) ދުވަހު މުނިއަވަސްގެ ސީއީއޯ ކޮށްފައި އޮތް ޓްވީޓެއް ފެނުނެވެ.

“ރާއްޖޭގެ ހުރިހައި މީޑިއާތަކާ ބައްދަލުވުން ބާއްވާ އިރު މުނިއަވަސްއަށް ދަޢުވަތެއް ނުލިބޭ. (މުނިއަވަސްއަކީ) ކިޔުންތެރިންގެ ފުރިހަމަ އިހްތިރާމު ލިބިފައިވާ ހީވާގި ދިވެހި ނޫސްވެރިން ތިބި މީޑިއާއެއްކަން އަނެއްކާވެސް ހަނދާންކޮށްދެން.”

– އަޙްމަދު ރަޝީދު (އަންނާރޭ)- މުނިއަވަސް ސީއީއޯ

ކޮށްފައި އޮތް ޓްވީޓާއެކުގައި ހިމަނާފައިވާ ލިންކް ހުޅުވައިލީމެވެ.

ރާއްޖޭގެ މީޑިއާތަކުގެ އިސްފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފި

ޚަބަރު ކިޔައިލުމުން އެނގުނީ މިއީ ރާއްޖޭގެ މީޑިއާތަކަށް ދަޢުވަތު ދެއްވައިގެން ބޭއްވެވި ވަރަށް މުހިންމު ބައްދަލުވުމެއް ކަމެވެ. ނަމަވެސް މިފަހަރުވެސް މުނިއަވަސްއަށް ދަޢުވަތެއް ނުލިބެއެވެ. ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް ވިދާޅުވި ގޮތަށް “މީޑިއާތަކުގެ ‘ބްލެކް ލިސްޓެއް’ މި ސަރުކާރަކުން ނުގެންގުޅުއްވާނެ” ކަަމަށް އަދިވެސް އަޅުގަނޑުމެން އުއްމީދުކުރަމެވެ.

މީޑިއާގެ ދެ ފަރާތަކާ މިކަމާ މަޝްވަރާކޮށްލައި އެމީހުންގެ ޚިޔާލާއެއްގޮތަށް މުނިއަވަސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް އަދި މުޙައްމަދު އިކްރާމަށް އެސްއެމްއެސް އަދި ވައިބަރުން މެސެޖެއް ކޮށްލީމެވެ.

އައްސަލާމު ޢަލައިކުމް

ހުރިހައި މީޑިއާތަކުގެ އިސް ފަރާތްތަކަށް ޚާއްޞަކޮށްގެން ތިޔަ ބޭފުޅުން ދެ ހަރަކާތެއް ހިންގެވި އިރު މުނިއަވަސް އޮންލައިންއަށް އިޝާރާތެއް ލިބިފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

މުނިއަވަސް އޮންލައިން އަކީ 2018 ވަނަ އަހަރުން ފެށިގެން ދިވެހި ދައުލަތުގައި ރެޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ އޮންލައިން ނޫހެކެވެ. ނޫހުގެ ޚަބަރުތައް އަމާޒުކޮށްފައިވަނީ މުނިފޫހިފިލުވުމުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ. މީގެ އިތުރުން ‘އިންފޮޓެއިންމެންޓް’ މިއީ މުނިއަވަސް ގެ މައިގަނޑު ދާއިރާއެވެ.
އެއްވެސް މާލީ މަންފާ އެއް ލިބުމެއް ނެތި ހިންގަމުން އަންނަ މި އޮންލައިންއަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ބޭފުޅުން، ބަހުގެ އެކެޑަމީގެ ބޭފުޅުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެއަށް ދީފައިވާ އޮންލައިންއެކެވެ.

– މުނިއަވަސް އިން ފޮނުވި މެސެޖް

މިއަދު 15:46ގައި ފޮނުވި މި މެސެޖަށް ޖަވާބެއް ލިބުނެވެ. އުއްމީދީ މެސެޖެކެވެ. އިކްރާމް ވިދާޅުވީ ކުރިއަށް ހުރި މީޓިން ތަކުގައި މުނިއަވަސް ހިމަނުއްވާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.