“ވަން ސައިޑް ލަވް” މި ފްރޭސް ނުވަތަ ބަސްފީނި ފެނުނީމަވެސް ހިތުގެ ކަނަކުން ވިންދެއްޖަހާލައިފި ދޯއެވެ. ވާނީވެސް އެހެންނެވެ. ދުނިޔޭގެ ކޮންމެ މިލިއަނަކުން އެކަކުވެސް މި “ވަން ސައިޑް ލަވް” އިން ސަލާމަތްވެވިފައި ނުވާނެއެވެ. ބައެއް މީހުނަށް މީ ވަރަށް ޑީ ގުރޭޑް ކަމަށްވާއިރު އަނެއްބައި މީހުނަށް މީ އެމީހުންގެ ދިރިއުޅުމުގެ އަސްލެވެ. ދިރިއުޅުމުގެ މަޤުސަދެވެ.
އާދައިގެ މަތިން މި ލޯތްބަކީވެސް ދެމީހެއްގެ މެދުގައި ހިނގާ ލޯތްބެކެވެ. ނަމަވެސް މީގައިވާ ތަފާތަކީ މި ލޯބި ދެފަރާތުން މާނަ ކުރާގޮތެވެ. އެކީގައި ވަގުތު ހޭދަކުރުމާއި އަނެކާއަށްޓަކައި ކޮންމެ ވަގުތެއްގައި ބޭނުންވުމަކީ މި ލޯބީގެވެސް ފެށުމެެވެ. ނަމަވެސް އެންމެ ފަހުވަގުތު އެކަކަށް މިއީ ހަމައެކަނި ވެވުނު ހަމްދަރުދީއަކަށް ނޫނީ “ޓައިމް ޕާސް” އަކަށް ވެގެން ދިއުމުގެ ނަތީޖާއަކަށްވަނީ ދެން ހުންނަ މީހާގެ ހިތުގައި ނުފިލާ ފަދަ ރިހުމަކާއި އެކު މިލޯބި ބިންވަޅުނެގި ދުވަހަކު ނުފިލާ ހަރުލުމެވެ.
ގިނަ ފަހަރު މި ލޯބި ވާކަން ދެން ހުންނަ ބައިވެރިޔާއަށް ނުވެސް އެނގެއެވެ. ޚުދު ލޯބިވެވޭ މީހާއަށްވެސް އެއީ ލޯބިކަން އެނގެނީ ވަގުތު ފާއިތުވާފަހުންނެވެ. ކިތަންމެ ބޭނުން ނުވިއަސް ލޯބީގެ ކަނޑުގެ ތެރެއަށް ފީނައިގަނެވެނީ ބޭޢިޚުތިޔާރުގައެވެ. ގިނަ ފަހަރު ލޯބި އުފެދެނީވެސް ލޯބި އެންމެ ވާން ނުޖެހޭމީހާއަށެވެ. މިކަމުގެ ސަބަބުން މި ލޯބީގެ ވާހަކަ އެއްވެސް މީހެއް ކައިރީ ބުނެވޭކަށްވެސް ނޯވެއެވެ. ހިތުގައި އެލޯބި އެތައް އަހަރުތަކަކަށް ނޫނީ މުޅި އުމުރަށްވެސް ފޮރުވާ މީހުން މަދެއް ނޫނެވެ. މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ މި ލޯތްބަކީ ކޮބައިކަމާއި މިލޯބި ވެވުމުން ކަންކަން ވާގޮތާއި މިކަމުން މީހާ ހަމައަކަށް އަޅުވަން ކަންކުރާނެގޮތަށެވެ.
• “ވަންސައިޑް ލަވް” މީ އަސްލު ލޯތްބަށް ވެދާނެތަ؟
ހަޤީގަތުގައި “ވަން ސައިޑް ލަވް” އަކީ އެމީހަކަށްޓަކައި ލޯބީގެ އިޙުސާސްތަކެއް ނުހިނގާ މީހަކަށްޓަކައި ތިބާގެ ހިތުގައި މި އިޙުސާސްތައް ހިނގުމެވެ. މި ލޯތްބަކީ ބައެއް މީހުން ބުނާގޮތުގައި “އިންފެޗުއޭޝަން ނޫނީ އެޓްރޭކްޝަން” އެކެވެ. ނަމަވެސް މިއީ ހަޤީޤީ ލޯތްބެކެވެ. އެމީހެއްގެ ލޯބި އަސްލު އެއްޗަކަށް ވާކަށް އަނެކާ އެ ލޯބިވާން މަޖުބޫރެއް ނޫންތާއެވެ. ބުނެވޭ ގޮތުގައި ލޯބީގެ ތެރޭގައި އެންމެ ހަޤީޤީ ލޯތްބަކީވެސް މިއެވެ. ސަބަބަކީ މި ލޯބި ވަނީ އަނބުރާ އެއްވެސް އެއްޗަކަށް ނުއެދިއެވެ. މި ލޯބިވާ މީހާ އޭނާގެ ބައިވެރިޔާއަށް އިންތިހާއަށް ލޯބިދީ އަޅާލަނީ އެއްވެސް އެއްޗެއް އޭގެ ބަދަލުގައި ނުލިބޭނެކަން އެނގިހުރެއެވެ.
• “ވަން ސައިޑް ލަވް” ކިހާ ދުވަހަކަށް ދެމިގެން ދާނެ؟
ބުނެވޭގޮތުގައި މި ލޯބި މުޅި އުމުރު ދުވަހަށް ދެމިގެން ގޮސްފާނެއެވެ. މި ލޯތްބަކީ މީހާ ހުރި ހިސާބެއް ނޭގުނަސް އަދި މީހާ ނުފެނުނަސް ވެވޭ ލޯތްބެކެވެ. މި ލޯބީގައި އަނެކާއަށް ސާބިތުކޮށްދެން ޖެހޭ އެއްޗެއް ނޯވެއެވެ. މި ލޯބިވާ މީހުން ލޯބި ހިތުގައި ފޮރުވައިގެން ތިބެ އެހެންމީހަކާ ކައިވެނިކޮށް ރަނގަޅު ދިރިއުޅުމެއްވެސް އުޅެއެވެ. ހިތުގައި އެވާ ލޯބި އުމުރު ދުވަހަށް އޮންނަނީ ފޮރުވާފައެވެ.
• “ވަން ސައިޑް ލަވް” ވެވުމުން ތިބާއަށް ވާ ގޮތަކީ ކޮބާ؟
ލޯތްބަކީ އަހަރުމެންގެ ހުރިހާ ޙިއްސުތަކާ ކުޅެލާ އެއްޗެކެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާއަށް އަސަރުތަކެއް ކުރުވާ އެއްޗެކެވެ. “ވަން ސައިޑް ލަވް” ވެވުމުން އަމިއްލަ ނަފުސު ހަމައަކަށް އެޅުވުމަކީ ވަރަށް ބޮޑު “ޗެލެންޖަ”ކަށް ވެގެންދެއެވެ. ހަށިގަނޑު ހެލިފެލި ވުމާއި އަމިއްލަ ސިއްޙަތަށް ސަމާލު ވުމަކީ މި ދަނޑިވަޅުގައި ވަރަށް އުނދަގޫ ކަމަކަށް ވެގެންދެއެވެ. މިކަމާ ގުޅޭ ގޮތުން ޑޮކްޓަރުން ބުނާގޮތުގައި މީހާ ޑިޕްރެސްވުމާއި، އެންޝަސް ވުމާއި ބިރުގަތުމާއި އަދި ނުނިދުމަކީވެސް މިކަމުގެ ސަބަބުން ދިމާވެދާނެ ކަންކަމެވެ.
• “ވަން ސައިޑް ލަވް” މިހާ ވޭނީ އެއްޗަކަށް މިވަނީ ކީއްވެ؟
މި ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް އެނގިގެންދާނީ އަހަރުމެންގެ ހިތާ މިސުވާލު ކޮށްލުމުން ކަންނޭގެއެވެ. ވިސްނާލަބަލާށެވެ. އެމީހަކަށްޓަކައި ހިތުގައި އެތައް އުންމީދެއް، އެމީހަކާއި އެކުގައި ދިރިއުޅުމުގެ ހުރިހާ ސިކުންތެއް ގުނަން ބޭނުންވާ މީހާ ނުލިބޭނެކަން އެނގިހުރެ އުޅެންޖެހުމުން ހިތަށް ކިހާ އަސަރެއް ކުރާނެތޯއެވެ. ގިނަ މީހުނަށް މި ޖެހެނީ ލޯބިވާ މީހާގެ ކުރިމަތީ އުޅޭށެވެ. އެމީހެއްގެ ކުރިމަތީ ލޯބިވާ މީހާ އެހެންމީހެއްގެ އަތުގައި ހިފާ ހީ ސަމާސާކޮށް އުފާވެރި ހަޔާތެއް ވޭތުކުރަމުންދާއިރު އެހެންމީހުނަށް ނޭގުނަސް ހިތް ކިހާވަރަކަށް ރޯނެތޯއެވެ. އަދި ކޮބާތޯއެވެ. ހިތް ގިސްޖަހާ ރޮމުންދާއިރު މި ޖެހެނީ މޫނުމަތިން އުފާވެރިކަން ދައްކާ ހިނިތުންވުމަކާއެކު ހުންނާށެވެ.
ލޯބިވުމަކީ ކުށެއް ނޫނެވެ. އެއީ “ވަން ސައިޑް ލަވް” ކަމުގައި ވިޔަސްމެއެވެ. ކެތްތެރިވާށެވެ. ލޯބިވެވެނީ މީހެއްގެ ހައްޤެއްކަމުގައި ވާނަމަ ވިސްނާށެވެ. އެ ލޯބި ހޯދަން މަސައްކަތް ކުރުން ރަނގަޅު ނޫންކަން ހިތަށް ވިސްނައިދޭށެވެ. ކިތަންމެ ވަރަކަށް އެލޯތްބަށް އެދެވޭ ނަމަވެސް އެވެ. ދެރަވާނެއެވެ. މީހާ މުޅިން ދުނިޔެމަތީ އެކަނިކޮށްލާ މާޔޫސްވެސް ކޮށްލާނެއެވެ. ނަމަވެސް ހިތްވަރުކޮށް އަނެކާގެ ހައްޤުތައް އިސްކޮށް ހިތަށް ބާރު ފޯރުވޭތޯ މަސައްކަތް ކުރާށެވެ. ހަނދާން ނައްތާލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ގިނަ ފަހަރު ނުވާނެ ކަމެކެވެ. ނަމަވެސް އެ އިޙުސާސްތަކާއި ދުރުވެލުމަށްޓަކައި ޝައުޤުވެރިކަން ހުންނަ ކޮންމެވެސް އެހެންކަމަކަށް ވަޤުތު ހުސްކުރާށެވެ. ލޯބިވުމުގެ ހަމައެކަނި މަޤުސަދަކީ ޙާސިލުކުރުމެއް ނޫންތާއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި