ސުބުހާނައްﷲ. މީ މާލެއެވެ. މި މާހައުލަކީ ދުވަހަކު އަހަރެން އުޅެން ބޭނުންވި ކަހަލަ މާހައުލެއް ނޫނެވެ. ނަމަވެސް މި ބިމުން ނޫނީ އަހަންނަށް ދުނިޔެއެއް ނުފެންނާނެކަން ޔަޤީނެވެ. އަހަންނަށް ދުނިޔޭގައި ލިބިފައި މިވާ މަދު ދުވަސްކޮޅު، ވޭތުވެދިޔަ ދުވަސްތަކަށްވުރެ ރަނގަޅު ކުރަން ބޭނުން ކަމުގައި ވާނަމަ، މިކަހަލަ ކުދި ކުދި ޤުރުބާނީ ވާން މަޖުބޫރެވެ. ހަމަ ގައިމުވެސް މާޒީއަށް ވުރެ މި މާލެ ގޯހެއް ނުވާނެތާއެވެ.

ޓެކްސީއެއްގައި އަހަންނަށް ލިބިފައި އެވާ އެޑްރެހަށް ދިޔުމަށް ދަތުރު ފެށީމެވެ. ކަން ދިމާކުރި ގޮތުން ކާރުގައި އިން ޑުރައިވަރަކީ އަނގަޔަށް ކުރޮޅިއެއް ލައިގެން އިން މީހެކެވެ. ޓެކްސީގައި އެވީ ވަގުތު ކޮޅުގައި މުޅި މާލެއާއި މާލޭގެ މާހައުލާއި މީހުންގެ ތަފްސީލީ ރިޕޯޓެއް އަހަންނަށް އިއްވައިދިނެވެ. ކޮންމެއަކަސް އެ އަނގަދަށުން ސަލާމަތް ވެވުމުން އުފާކުރާ ހާލު ކާރުން ފައިބާ އަހަރެން ގެންގުޅޭ ދަބަސްގަނޑު ހިފައިގެން ހުރެ ވަޒީފާ ދިން ފަރާތުން ދީފައިވާ ނަންބަރަށް ގުޅާލީމެވެ. ދެތިން ފަހަރަށް ގުޅިއިރުވެސް އެކޮޅުން އެއްވެސް ޖަވާބެއް ނުދިނެވެ. އަހަރެން ދާހިއްލަން ފެށިއެވެ. އަނެއްކާ އެމީހާ އަހަންނަށް މަކަރު ހެދީބާއެވެ؟ އަހަންނަށް ލަނޑު ދިނީބާވައެވެ؟ އެހެން ވެއްޖެއްޔާ އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މި މާލޭގައި ކިތަންމެ މީހުން ގިނަަ ނަމަވެސް އަހަރެން ދަންނަ ހަމަ އެންމެ މީހެއްވެސް ނެތެވެ. އަހަރެން މާލެ ތެރެއަށް ގިނަ ވެދާނެއެވެ. ހާސްވެ ހުރެ ދެކޮޅަށް ހިނގަން ފެށުނެވެ. ފޯނު ނުނަގަންދެން އެގެއަށް ވަންނަންވީ ބާވައެވެ. ނޫނެކެވެ. އެހެން ހަދާކަށް ނުކެރޭނެއެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ މީހެއްގެ ގައިގައި ޖެހިގަނެވުމުންނެވެ. ސިއްސައިގެން ގޮސް އަހަރެންގެ އަތުން ފޯނު ވެއްޓުނެވެ. ހާސްވި ވަރުން އެމީހާ ކޮށްޕާލުމަށްފަހު ފޯނުނެގީމެވެ. އެވަގުތު އެމީހާ ހަޅޭއްލަވައިގަތް އަޑު އިވުނެވެ.

“އޭތް! ކަލޭތީ ކަނެއްގެ އިތުރުން މޮޔައެއް ދޯ؟” އެމީހާ ރުޅިއައިސް ހުރެ ލާނެއް ފާޑަކަށް ބުނެލިއެވެ.

“ކީކޭ ކިޔާކަށް. ކަލެއާއި ހެދި މަގޭ ފޯނޭ އެވެއްޓުނީ. މި ނުހުޅުވެއްޖެއްޔާ ކިހިނެއް މަ ދެން ހަދާނީ؟” ރުޅިވެެރި ކަމާ މާޔޫސްކަމާއެކު އަހަންނަށް ބުނެލެވުނެވެ. އޭރުވެސް އަހަރެންގެ ނަޒަރު ހުރީ ފޯނަށެވެ. އަތް ހަރަކާތް ކުރަމުން ދިޔައީ އެ ފޯނު ހުޅުވޭތޯއެވެ. ﷲ އަށް ހަމްދު ހުއްޓެވެ. ނަސީބަކުން ފޯނު ހުޅުވިއްޖެއެވެ. ހަމަޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ބިންމައްޗަށް ދޫކޮށްލެވުނު އަހަރެންގެ އެހެނިހެން އެއްޗެއްސަށް ނަޒަރު ހިންގައިލީމެވެ. އެވަގުތު ވެސް އެ ފިރިހެން މީހާ….. ނޫނެކެވެ. ފިރިހެން މީހެއް ނޫނެވެ. އެއީ ފިރިހެން ކުއްޖެކެވެ. މޫނަށް ބަލާލުމުން އެއީ ހަމަ އެންމެ ޒުވާން ވަރުގެ ފިރިހެން ކުއްޖެއްކަން އަހަންނަށް އެނގުނެވެ. ކުނި މޫނެއް އެކުއްޖާއަށް ރައްދު ކޮށްލުމަށް ފަހު އެއްޗެހިތައް ނެގީމެވެ. އެވަގުތު އެ ފިރިހެން ކުއްޖާ ނިކަން އަހަންނާ ކައިރިއަށް ޖެހިލަމުން ބުންޏެވެ.

“އަސްލު ކޮންކަމަކާތަ ތިހާ ތި ރުޅި އައީ؟ ތިހާ ރީތި ކުދިން ރުޅި އައިމަ އެއްގޮތަކަށްވެސް ކަމަކު ނުދޭ.” ހީލަމުން ބުންޏެވެ.

އަހަންނަށް ލިބުނީ ޝޮކެކެވެ. އަހަރެންނަށް ބަލައިލެވުނީ އެކުއްޖާގެ މޫނަށެވެ. އަދި ހިތާއިހިތުން ބުނެލެވުނެވެ.

“މީ މާލޭ ކުދިން އުޅޭ ގޮތްބާވައެވެ؟ އެ ކުދިންނަށް ވުރެ އުމުރުން ދޮށީ މީހުނާވެސް ވާހަކަ ދައްކާ ގޮތަކީ މީބާވައެވެ؟”

އަހަރެންގެ ޚިޔާލީ ތޫފާނުން ބޭރަށް ނިކުމެވުނީ ފޯނު ރިންގުވި އަޑަށެވެ. އޭރުވެސް އެކުއްޖާ ނިކަން ފާޑަކަށް އަހަންނާ ދިމާއަށް ބަލަން ހުއްޓެވެ. އަވަހަށް އެތަނުން ދުރަށް ޖެހިލަމުން ފޯނު ނަގާ ހަލޯ ބުނެލީމެވެ. އެކޮޅުން ވާހަކަ ދެއްކިއެވެ.

“ޒީނާ ދޯ؟ ކޮންތާކު ތިހުރީ؟ އައީތަ؟” ސުވާލު ފައްޗެއް އެކޮޅުން އެއްފަހަރާ ކޮށްލިއެވެ.

އަހަރެން އަދަބުވެރިކަމާއި އެކު ލައްބައޭ ބުނެ ޖަވާބު ދިނީމެވެ. އަނެއްކާވެސް އެކޮޅުން އިރުޝާދު ދިނެވެ.

” ޒީނާ. އެ ނިކުންނަނީ މުހައްމަދުބެ އިނގޭ. އޭނައާއެކު އެތެރެއަށް ވަދޭ. އޭނަ ދައްކާނެ ޒީނާގެ ރޫމް. ފުރެޝްވެލައިގެން ހުރޭ އަހަރެން ދާނަން ގަޑިއެއް ހާއިރު ތެރޭ ގެއަށް. ބޭރުގަ މިގަޑީ މި ހުރީ. އޯކޭ؟”

“ލައްބަ” ހަމަޖެހުމުގެ ނޭވާއެއް އަހަންނަށް ދޫކޮށްލެވުނެވެ.

ގޭ ވެރި މީހާ ބުނިގޮތަށް އެގޭގެ ގޭޓު ހުޅުވާލާފައި މީހަކު ނިކުމެ އަހަންނަށް ވަނުމަށް އިޝާރާތް ކުރުމުން އަހަރެން ވަދެ ތާޒާވެލީމެވެ. އަދި ކޮޓަރީގެ ކުޑަ ދޮރުން ބޭރު ބަލައިލީމެވެ. ހިތްގައިމު ކުޑަކުޑަ ބަޤީޗާއެކެވެ. މިކަހަލަ މަންޒަރެއް ކުރިމަތިން ފެންނަން އޮންނަ ކަމުގައި ވާނަމަ ކިތަންމެ ވޭނެއް ހިތުގައި އޮންނަ މީހަކުވެސް ހިތުގެ ވޭންތައް އިރުކޮޅަކަށް ނަމަވެސް ހަނދާން ނެތޭނެކަން ޔަޤީނެވެ. ބަޤީޗާގެ ކޮންމެ ތަނަކަށް ވަކިވަކިން އަހަންނަށް ބަލަމުން ގެންދެވުނެވެ. ކުއްލިއަަކަށް އަހަރެންގެ ނަޒަރުގޮސް ހުއްޓުނީ އެ ބަޤީޗާ ތެރޭގައި ހުރި ކުޑަވަރެއްގެ ލައިބުރަރީ އަކަށެވެ. މާޝާﷲ، އުފާވެރި މަންޒަރެކެވެ. އަހަންނަކީ އަބަދުވެސް ފޮތް ކިޔާ ހިތްވާ މީހަކީމެވެ. އެފަދަ ހިތްގައިމު ބަޤީޗާއެއްގައި އިނދެ ފޮތެއް ކިޔާލުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އަހަންނަށް އަމިއްލަ އިޙުސާސްތަކަށް ބާރެއް ނުފޯރުވުނެވެ. ކޮޓަރިން ނިކުމެގެން ގޮސް އެބަޤީޗާގެ ހިތްގައިމު މާހައުލުގެ ތެރެއަށް ގެއްލި ހުސްވެވިއްޖެއެވެ. އެތައް ދުވަހަކު ކޮށީގެ ތެރޭގައި ބަންދު ވެފައި އިން ކޮކާލަކަށް މިނިވަންކަން ލިބުނުކަހަލައެވެ. އަހަރެންގެ ހިތް ނަށަމުން ގެންދަނީއެވެ.

އުފަލުން ފޮޅިފައި ހުރެ އެ ފޮތް ހަރުގަނޑުން ފޮތެއްނަގައި އެނބުރިލި ވަގުތު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަތުން ފޮތް ދޫވެ ބިންމައްޗަށް ވެއްޓުނެވެ. ދެފައި ތުރުތުރު ލާން ފެށިއެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް