ކުރީގެ އެޕިސޯޑް: ޝަމްހޫރިޝް – 14

****❀❀****

“ކޮބާ މަގޭ ދަރިފުޅު؟ ….. ކޮބާހޭ މަގޭ ދަރިފުޅު؟” ދެ އުކުޅުގައި އަތްވިދެލައި ދަތްކުނޑި ވިކައިލަމުން ސަލްމާ އޭނާގެ ފިރިމީހާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

ސަމަދު ކިޔަން އިން ނޫސްކަރުދާހުން ލޯ ކަސިޔާރުކޮށްލިއެވެ. ރުޅިއައިސް ރަތްވެފައި ހުރި އޭނާގެ އަނބިމީހާއަށް ބަލައިލިއެވެ.

“މަށާ ދިމާއަށް ތި ވައްތަރަށް ތި ބަލަނީ ކިހިނެއްވީ؟ އަހަރެން މި އަހަނީ މަގޭ ދަރިފުޅު ކޮބާހޭ! އޭނާ ނެތޭ ކޮޓަރިއަކުވެސް، އަހަރެން ބާޒާރަށް ދިޔައީ އޭނަ އެތަނުގަ ބާއްވާފައެއްނު!”

“ތި ކަމަކާ އެހާ ކަންބޮޑުވެގެން ކަލޭ ތި އުޅެނީ ކީއްވެޔޯ؟” ޖެއްސުމުގެ ރާގަކަށް ސަމަދު ޖަވާބުދިނީ ސުވާލަކުންނެވެ.

“އެއީކީ ކުޑަކުއްޖެއް ނޫނެއްނު. އޭނާ ބޭނުން ތާކަށް ދާވަރުގެ މީހެއްނު އެއީ. ދެން ތީ ކޮންކަމެއް؟” އަނެއްކާވެސް ސަމަދު ބުންޏެވެ.

“އެކުއްޖާ ފަކީރު ގަޔަކު އެއްވެސް ވަރެއް ނެތޭ އަދިވެސް!” ސަލްމާ ހަޅޭއްލަވައިގަންނަމުން އެތަނުން ނުކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ކޮޓަރި ތެރޭގައި ދެކޮޅަށް ބާރު ބާރަށް ސަލްމާ ހިނގަން ފެށިއެވެ. އަތުގެ ނިޔަފަތިތައް ކަމުން ދެފަރާތަށް ބޯ ހަލުވަމުންނެވެ. ކަންތައްތައް ހިނގަމުންދަނީ އޭނާ ރޭވިގޮތަކަށް ނޫނެވެ. ސަލްމާގެ ދަރިފުޅު އެ ދިޔައީ އޭނާގެ އަތްބެކޭ އެ ކިޔާ ކުއްޖާއާ ބައްދަލުކުރުމަށް ނޫންކަމަށް ވުމަށް އޭނާ އުއްމީދުކުރެއެވެ.

އޭނާ ދެން ކަންތައް ކުރާނީ ކިހިނެއްބާވައެވެ؟

****❀❀****

ބޭންކް ތެރެއަށް ވަދެ ވަށައިގެން ހޯދާ ބަލައިލީ ހުސް ގޮނޑިއެއް ފެނޭތޯ އެވެ. އިލްޔާސް ބޭންކަށް ދިޔައީ އޭނާ އޭޓީއެމް ކާޑުގައި ކޮންމެވެސް މައްސަލައެއް ޖެހިގެން އެކަން ހައްލުނުވެގެންނެވެ. މިފަދަ ދަނޑިވަޅެއްގައި ކާޑުގެ ބޭނުން ނުކުރެވުން އެއީ އެތަކެއް ތަކުލީފެއް ޖެހޭނެ ކަމަކަށް ވާނެތީއެވެ. ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހޭނީ މިއަދު ނުވަތަ މާދަމާ ނޫންކަމެއްވެސް ނޭނގެއެވެ.

މަޢުރީން މެންގެ ދެމައިންގެ ކަންތަކުގެ ޚިޔާލު ހިތަށް ވަނުމުން އޭނާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އެކަަންތައް ގަނޑު އެއީ ހިނގުމަށް ވުރެން ނުހިނގުން ގާތް ކަމެއް ކަމަށް އޭނާގެ ސިކުނޑި ބުނަމުން ދިޔަ އެވެ. ނުލާހިކު ހަމަޖެހިގެން އުފަލުގައި ކަޑައްތުކުރަމުން ދިޔަ އޭނާގެ ދިރިއުޅުން އިސާހިތަކުން މިވަނީ އެފުށް މިފުށަށް ޖެހިފައެވެ. ކަންތަައްތައް ހިނގާފައިވާ ގޮތުން ދެން ކަންކަން ހައްލުކުރުމަށް ފަށާނެ ހިސާބެއްވެސް އިލްޔާސްގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

ތުއްތު ކުއްޖަކު ރޮއެރޮއެ ވަރުބަލިވެގެން ރުއިން ހުއްޓައިލުމަށް އަމިއްލައަށް މަސައްކަތްކުރާއިރު އެކުއްޖާ އުކުނޑިކޮއްޓާގޮތް ވާ ކަހަލަ ގޮތެއް އިލްޔާސަށް ވެސް ވާން ފަށައިފިއެވެ. އެފަދަ އުކުނޑިކޮއްޓުމެއްގެ އިހްސާސްކުރެވޭހެން ހީވާން ފަށައިފިއެވެ. ތުއްތު ކުއްޖަކު ރޯ ގޮތަށް އޭނާއަށް ނުރޮވުނަސް، އޭނާގެ މުޅި ރޫހަށް ލިބެމުންދިޔަ ތަދާއި ވޭނަށް ކެތްކުރެވެނީކީ ނޫނެވެ. ގޮތް ހުސްވެއްޖެ އެވެ. ލިބުނު ފުން ހިތާމައިގެ ސަބަބުން ނުފިލާ ތަދެއް އޭނާގެ މޭގައި ހަރުލައިފި އެވެ.

ފުން ނޭވައެއް ދޫކޮށްލުމަށްފަހު، އޭނާގެ ކިޔޫ ނަންބަރަށް ބަލައިލިއެވެ. އޭރު އޭނާގެ ނަންބަރާ ޖެހިއްޖެއެވެ. އަވަސް އަވަހަށް ގޮސް ބޭންކުން ޚިދުމަތްދޭ ކޮށިގަނޑު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންދެއްޖެ އެވެ.

“އައްސަލާމު ޢަލައިކުމް…… ކިހިނެއްތޯ ވީ؟” ޚިދުމަތްދޭން އިން އަންހެން މީހާގެ މޫނަށް ހިތްގައިމު ހިނިތުންވުމެއް ވެރިކޮށްލަމުން ސުވާލުކޮށްލި އެވެ.

އިލްޔާސްގެ ކާޑަށް ޖެހިފައިވާ މައްސަލަ ކިޔައިދިނުމަށްފަހު އެކުއްޖާއަށް ކާޑު ދިއްކޮށްލިއެވެ. އެއަށްފަހު އޭނާގެ އައިޑީ ނަންބަރުވެސް ބުނެލިއެވެ. އެކުއްޖާގެ ކޮމްޕިއުޓަރުގައި އެއްޗެއް ޓައިޕްކޮށްލަމުން މަޑުކޮށްލުމަށް އިލްޔާސް ގާތު އެދުނެވެ.

އެވަގުތު އަނެއްކާވެސް ވަށައިގެން ބަލަން ފެށިއެވެ. އިލްޔާސް ބޭނުންވީ އޭނާގެ ސިކުނޑިއަށް ޖަމާވަމުންދާ ގިލަންވެރި ޚިޔާލުތަކުން ދުރަށް ދިއުމަށެވެ.

އިލްޔާސްއާ ޖެހިގެން އަނެއް ފަރާތުގުގައި ހުރި ގޮނޑީގައި އަންހެން ކަސްޓަމަރެއް އިނެވެ. ހިފިނުހުރެވިގެން އުޅޭ ޒާތަކަށް ދެ ފަރާތަށް އެ ކުއްޖާ ހެލުވެމުންދިޔަ އިރު ހީވަނީ ގައިގައި ކޮންމެވެސް އެއްޗެއް ހަފާތީ އުޅޭހެންނެވެ. ރަތްކުލައިގެ ލިޕްސްޓިކް ބޯކޮށް ޖައްސާލާފައި ހުރި ދެ ތުންފަތް ހަލުވަމުން ދިޔައިރު ހީވަނީ އަމިއްލަ ނަފުސަށް އިވޭވަރަށް ކޮންމެވެސް އެއްޗެއް ކިޔަމުންދިޔަހެންނެވެ. އެކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނުކަން އެނގުމުން އަވަސްއަވަށް އަނެއް ފަރާތަށް އިލްޔާސްގެ މޫނު އަނބުރައިލިއެވެ. އެ ކުއްޖާއާ ދިމާއަށް ބަލާކަން ފާހަގަކުރެވޭކަށް އިލްޔާސް ބޭނުމެއްނުވި އެވެ.

އެކުއްޖާގެ ހަށިގަނޑަށް އަރަމުންދިޔަ ލޮޅުން އިތުރަށް ގަދަވަމުން އަންނަކަން އިލްޔާސަށް ފާހަގަކުރެވުނީ ދެނެވެ. އޭނާގެ އަނގައިން ބޭރުވަމުންދިޔަ އާދަޔާޚިލާފު އަޑުތައް ބިރުވެރިވެފައި އަހައިލަން އުނދަގޫވާން ފެށިއެވެ. މިވަގުތު އިލްޔާސް ހުރި ހިސާބެއްގައިވެސް އެއްވެސް އާދަޔާޚިލާފު މީހެއް ހުރުމަކަށް އޭނާ ބޭނުމެއްނުވެއެވެ. މިހާރުވެސް އޭނާގެ ވަށައިގެން އެތަކެއް ކަންތައްތަކެއް އެބަހުއްޓެވެ. އެހެންކަމުން ބޭންކް ތެރޭގައި ހުރި ސެކިއުރިޓީ ގާޑަކަށް އޭނާގެ އަތުން އިޝާރާތްކޮށް އެ އަންހެންކުއްޖާ ދައްކައިފިއެވެ.

އެވަގުތު ހަމަ ކުއްލިއަކަށް އިލްޔާސްގެ ފުރަގަހުން ކޮންމެވެސް މީހަކު އޭނާގެ ބުރަކަށީގައި އަތްޖައްސާލައިފި އެވެ. އޭނާއަށް ލިބުނު ސިހުމުގައި ފަސްއެނބުރި ބަލައިލާކަށްވެސް ނުކެރުނެވެ. ފަހަރުގައި އެއީ އޭނާ ކައިރީގައި އިން މޮޔަ އަންްހެންކުއްޖާ ކަމަށްވެސް ވެދާނޭ އިލްޔާސްގެ ހިތަށްއެރީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށްވެސް ނުވިސްނުނެވެ.

“ބައްލަވާ، ބޭބެގެ އައިޑީ ކާޑުގެ ކޮޕީއެއް ނަގަން ކާޑު އެބަ ބޭނުންވޭ.” އިލްޔާސްގެ ކޮނޑުގައި އަތްޖައްސާލީ ބޭންކްގެ ކޮށިގަނޑުގެ އެތެރެފަރާތުން ބޭރަށް ނުކުތް އެތަނުގެ މުވައްޒަފެކެވެ.

އެވަގުތު އިލްޔާސަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ނޭވާލާންވެސް ނޭނގިފައި އިނދެވުނުކަން އިހްސާސްވީވެސް އެހިސާބުންނެވެ.

“އެއްޗެއް ބުނުމުގެކުރިން ކޮންމެހެން ޖެހޭތޯ އަޅުގަނޑުގެ ގައިގަ އަތްލަން؟” ކައިރީގައި ހުރި މުވައްޒަފަށް ބަލައިލަމުން އިލްޔާސްގެ އަޑަށް ބާރުލާފައި ބުނެލެވުނެވެ.

“ބޭބޭ.. އަަޅުގަނޑަށް މަޢާފުކުރައްވާ… އެއްވެސް ހާލަތެއްގަ ބޭބެ ހިތްހަމަނުޖެހޭނެ ކަމަށް އަޅުގަނޑު ހިއެއްނުކުރަން،” އައިޑީ ކާޑުގައި ހިފަމުން އެމީހާ މަޢާފަށްއެދުމާއެކު ހިނގައިގަތެވެ.

އޭރު އިލްޔާސްގެ ނިތްކުރީގައި ހިއްލާފައިހުރި އޮށްދާތައް އޮހެންފެށި އެވެ. އަޖައިބެކެވެ. އެއްވެސް ކަމަކުން ކަމަކާ ނުލައި އޭނާ އެ ބިރުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ކޮން ކަމަކާ ހެއްޔެވެ؟ ގެއްލުމެއް ވުމުގެ ކުރިން ހަމަޖެހުމަށް އަމިއްލަ ނަފުސަށް އޭނާ ވިސްނައިދޭންފެށި އެވެ. ކޮންމެވެސް ވަރަކަށް ހަމަޖެހިލެވުމުން އޭނާގެ އަނެއް ފަރާތުގައި އިން އަންހެންކުއްޖާއަށް ބަލައިލެވުނެވެ. އޭރު އެ ކުއްޖާ މަޑުމައިތިކަމާއެކު އިނީ އޭނާއަށް ޚިދުމަތްދޭން އިން މުވައްޒަފާ ކޮންމެވެސް ވާހަކައެއް ދައްކާށެވެ. އެކުއްޖާއަށް މީގެ އިރުކޮޅެއް ކުރީން ކަމެއް ވިއޭވެސް ހީނުވާ ކަހަލައެވެ.

ނަމަވެސް މިހާރު އެކުއްޖާގެ ސީދާ ނަޒަރު އަމާޒުވެފައިވަނީ އިލްޔާސަށެވެ. އެ މޫނުގައި ދަންނަ ގޮތެއް ހުރިކަން އިލްޔާސަށް ފާހަގަކުރެވުނީ އެވަގުތު އެވެ. މޭކަޕްކޮށްފައި ހުރިލެއް ބޮޑުކަމުން އެއީ ކާކުކަން ދެނެގަންނާން އިލްޔާސަށް ނޭނގުނަސް، އެކުއްޖާގެ ލޮލުގައި އާދަޔާޚިލާފު ވިދުވަރެއް ހުރިކަން ފާހަގަކުރެވުނެވެ.

އިލްޔާސްގެ މޫނު އަނެއް ފަރާތަށް އަނބުރައިލަމުން ދުއާތައް ކިޔަން ފެށިއެވެ. އޭނާގެ ހިތަށް ވެރިވި ބިރުވެރިކަން އިންތިހާއަށް އިތުރުވާން ފެށުމުންނެވެ. އޭނާއަށް ވާނެ ނަމަ އެތަނުގައި އެންމެ ހިނދުކޮޅަކުވެސް މަޑެއް ނުކުރާނެ އެވެ. ދުއާތައް ކިޔަމުން އޭނާގެ ތުރުތުރުލަމުން ދިޔަ އަތް ކޮންޓްރޯލްކުރެވޭތޯ މަސައްކަތްކުރަން ފެށި އެވެ.

އަދިވެސް އެ ކުއްޖާގެ ތޫނު ބެލުން އަމާޒުވެފައިވާކަން އިލްޔާސަށް އިހްސާސްކުރެވުނެވެ. އެ ބެލުމުގައި ހުރި ޖާދޫއެއްގެ ސަބަބުން އިލްޔާސްގެ ނަޒަރު އެކުއްޖާއަށް އަމާޒުކުރުމަށް މަޖުބޫރުކުރުވަމުން އަންނަ ކަހަލައެވެ. ނަމަވެސް އިލްޔާސްގެ ނަފުސުގެ މައްޗަށް ބާރުފޯރުވިއެވެ. އިލްޔާސަށް ޚިދުމަތް ދޭން އިން އަންހެން މީހާއާ ދިމާއަށް ބަލަން ފެށީ އެކުއްޖާއަށް ނުބެލުމަށެވެ. ނަމަވެސް އިލްޔާސަށް އާދަޔާޚިލާފު ނުތަނަވަސްކަމެއް އިހްސާސްކުރެވެން ފެށިއެވެ. ބޮލުގައި ރިއްސަން ފަށައިފައިވާއިރު، އޭނާ ގައިން އޮށްދާ ހިއްލަންވެސް ފަށައިފިއެވެ.

މިވަގުތު އޭނާ ހަމައެކަނި ބޭނުންވަނީ ބޭންކުން ނުކުމެގެން ދާށެވެ.

ކާޑަށް ކުރިމަތިވެގެން އުޅުނު މައްސަލަ ހައްލުކޮށްދިނުމަށްފަހު، އިލްޔާސަށް ހިނިތުންވެލަމުން އަލްވަދާޢުކިޔުމަށް ކަސްޓަމަރ ކެއަރ މުއްޒަފު އަނގަ ހުޅުވައިލިއެވެ. ނަމަވެސް ހަމަ އެ ވަގުތު އަވަސްއަވަހަށް އިލްޔާސް ތެދުވެ ބޭރަށް ހިނގައިގެންފިއެވެ.

އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އާއިލާއާ ހަމައަށް ވާސިލްވާށެވެ. އޭނާގެ އެތެރެހަށި ތުރުތުރު އަޅަމުން ދިޔައީ އެނބުރޭ ވައިރޯޅިއެއްގައި ޖެހިފައިވާ ފަތްތަކެއް ފަދައިންނެވެ.

އެއްގޮތަކަށްވެސް ކަންތައްތައް ރަނގަޅު ނޫންކަން ހަމަ ގައިމެވެ.

ހަމަ އެވަގުތު އޭނާގެ ފޯނު ރިންގުވާން ފަށައިފިއެވެ. އެއީ އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު ސުއާދުގެ ކޯލެކެވެ. ފޯނު ނެގުމާއިއެކު އިވެންފެށީ ސުއާދުގެ ރުއިމުގެ އަޑެވެ. އެވަގުތު އިލްޔާސްގެ ހިތް އިތުރަށް ފުނޑުފުނޑުވެގެން ދިޔައެވެ.

“ބައްޕާ…. ކޮބާ ބައްޕަ…. ކޮންތަނެއްގަ ތި ހުރީ؟ ޕްލީޒް ނިކަން އަވަހަށް އާދެބަލަ….”

“ދަރިފުޅޫ….. ކިހިނެއްވީ؟” ދަރިފުޅުގެ އަޑު ހުރިގޮތުން އިލްޔާސްގެ ސިކުނޑި ވިސްނައިދެމުން ދިޔައީ އެންމެ ގޯސްކޮށެވެ.

“މަޢުރީން މާ ގޯސްވީތަ؟ މަންމަ ކިހިނެއް؟”

ސުއާދު އެއްވެސް ޖަވާބެއް ނުދެއެވެ. އިވެމުން ދިޔައީ އެކުއްޖާފުޅުގެ ރުއިމުގެ އަޑެވެ.

“ބައްޕަ ހަމަ މިހާރު މިދަނީ އިނގޭ…. ދަރިފުޅު ހިތްވަރުގަދަކުރާތި… ބައްޕަ ހަމަ މިހާރު މިދަނީ…”

ކޯލު ކަނޑައިލަމުން، ކާރުގެ ދޮރުހުޅުވުމަށް ތަޅުދަނޑި ނަގަަމުން ކާރާ ދިމާއަަށް ހިނގައިގަތެވެ. ހަމަ އެވަގުތު އޭނާގެ ފުރަގަހުގައި ކޮންމެވެސް މީހެއް ހުރިކަމުގެ އިހްސާސެއް ކުރެވުނެވެ.

****❀❀****

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.