އޭނާ އާއި ސިޔާ އިށީންދެލައިގެން ތިބީ ގޮނޑުދޮށުގައި އޮތް ރުއްގުޅި މަތީގައެވެ. މޫދާއި ދިމާއަށް ބަލަހައްޓައިގެން އިނދެ އޭނާ ހިތް ހުޅުވާލިއެވެ. މަޑުމަޑުން އެ ހާދިސާގެ ތެރެއަށް ވަންނަމުން ދިޔައެވެ.

” އަހަރެންނަށް ދަނީން ނުލިބުނީ ކީއްވެ؟ އަހަރެން އޭނާ ދެކެ ނުހަނު ލޯބިވީން. އަހަރެންނަށްވުރެ ބޮޑަށް އޭނާ ދެކެ ލޯބިވާ އެހެން މީހަކު ނުހުންނާނެ. ދެން ކީއްވެ އަހަރެންނަށް އޭނާ ނުލިބޭންވީ؟ ” މާޔޫސްކަމާއި ހިތްދަތިކަމާއެކު ވާހަކަ ދައްކަމުންދިޔަ ޝަމާއިލްގެ ވާހަކަތައް އަޑުއަހަން އިން ނާހިއުގެ ކިބައިން ވެސް ފެންނަމުން ދިޔައީ ހިތާމައިގެ ކުލަވަރެވެ.

” ޝަމާއިލްގެ ނިކަމެތިކަން … ފަގީރުކަން. ” ބުނަން ބޭނުން ނުވިޔަސް ނާހިއު ހާމަކުރީ ޙަޤީޤަތެވެ.

ޝަމާއިލާއި ދަނީން ބައްދަލުވީ އޭލެވެލްއަށް ކިޔަވަމުންދިޔަ ދުވަސްވަރު ކުލާހުންނެވެ.

ހެދިހުރި ފުރިހަމަ އަންހެންވަންތަ ކަމުގެ މިސާލެއް ފަދަ ހަށިގަނޑެއް ލިބިފައިވާ ދަނީންގެ ކިބައިން ފެންނަމުން ދިޔައީ ރީތިކަމާއި ފުރިހަމަކަމެވެ. ހަމުގެ ކުލަ އަލިވެފައި، އިސްތަށިގަނޑު ފަންވެފައި ދިގެވެ. ހިތިފަތު ބުމައާއި ތޫނުކަޅިރަވަ އެ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ރީތިކަމާއި ފުރިހަމަކަން އިތުރުކުރުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއި ފެޝަން އަންނައުނުތަކުގެ ސަބަބުން ރީތިކަމާއި ޗާލުކަން އިތުރުކުރުވައެވެ.

ރަށުގައި އެންމެ ނަންހިނގާ ވިޔަފާރިވެރިޔާ ރާފިއު އާއި ޖުމޭނާގެ ހުރި ހަމައެކަނި ދަރިއަކީ ދަނީން އެވެ. އޭނާގެ ޢާއިލާގެ ތަނަވަސްކަމާއި ފޯރުންތެރިކަން ދަނީންގެ ކިބައިން ފެންނަމުންދިޔައެވެ.

ދަނީންގެ ލޯތްބަށް އެދި އާދޭސްކުރަމުންދާ ޒުވާނުންނާއި ޒުވާންފުރައަށް އަޅަމުންދާ ސްކޫލްދަރިވަރުން ގިނައެވެ. އިރުއަރާ އޮއްސޭ ކޮންމެފަހަރަކު އެފަދަ އެތައް މެސެޖެއް އޭނާއަށް ލިބެއެވެ. ލޯތްބަށް އެދި އާދޭސް ކުރަމުންދާ އެތައް ބަޔަކާއި ބައްދަލު ވެއެވެ. މުށިމަހެއް ވަށައިގެން އެނބުރޭ ހަނދިގަނޑެއްހެން ދަނީންގެ ވަށައިގެން މުގޯލި އަޅާލައަޅާލަ ތިބި މީހުން ދިޔައީ އިތުރުވަމުންނެވެ.

ލިބެމުންދިޔަ އެއްވެސް ހުށަހެޅުމަކަށް އިޖާބު ނުދީ ދަނީން ހުރީ ކީއްވެގެންކަން އެނގޭ އެއްވެސް މީހަކު ނެތެވެ. ތަކުރާރުކޮށް ރައްޓެހިން ކުރަމުންދިޔަ އެ ސުވާލަށް ޖަވާބު ދޭކަށް އޭނާ ނުވެސް އުޅެއެވެ. އެއީ އޭނާއަށް މުހިންމުކަމެއްހެން ހީ ނުވާ ފަހަރު ވެސް އާދެއެވެ.

ޝަމާއިލްގެ ފުރަތަމަ އަމާޒަކަށްވީ ދަނީންއާއި ގާތް ގުޅުމެއް އުފެއްދުމެވެ. އިތުބާރު ކުރެވޭފަދަ ގާތް ގުޅުމެއް އުފެދިއްޖެނަމަ އެގުޅުމުގެ ތެރެއިން އެހެން ގުޅުމަކަށް ދާން ފަސޭހަވާނެކަމުގައި އޭނާގެ ހިތް ބުންޏެވެ.

ދަނީންއަކީ ޝަމާއިލް ހީކުރާ ކަހަލަ ކުއްޖެއް ނޫނެވެ. ކޮންމެ ކޮންމެ މީހަކާއި ކުޑަނަމަވެސް ގުޅުމެއް ބާއްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާގެ ރައްޓެހިންގެ ގޮތުގައި މުޅިން ވެސް ތިބީ ފޯރުންތެރިންނާއި ޤަދަރުވެރިންގެ ދަރިންނެވެ. މަޝްހޫރު މީހުނާއި ބޮޑުންގެ ދަރިންނެވެ. ޝަމާއިލްގެ މަޤްޞަދަކީ ކޮބައިކަން ދަނީނަށް ވިސްނޭ ކަހަލައެވެ. ޝަމާއިލް ބޭނުންވާފަދަ އެއްވެސް ގުޅުމެއް އޭނާއާ ބާއްވާކަށް ދަނީން ފުރުސަތެއް ނުދިނެވެ.

ޝަމާއިލްއަކީ އާދައިގެ ޢާއިލާއަކަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބިފައިވާ ތިންކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. އޭނާގެ ބައްޕަ ކާސިންފުޅަކީ ދަނޑުވެރިއެކެވެ. ލިބޭ އެއްޗަކުން ފުއްދާލައިގެން އެޢާއިލާއަށް އުޅެވެނީ ކިރިޔަކިރިޔާ ކަހަލަ ގޮތަކަށެވެ. ހުރިހާ ކުދިން ވެސް ކިޔަވަނީއެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން އައިސް އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައީއެވެ. ކުރަމުން އައި މަސައްކަތަށް، ދެކެމުން އައި ހުވަފެނަށް އެއްވެސް ކުރިއެރުމެއް ނުލިބުނަސް ޝަމާއިލް އޭނާގެ މަސައްކަތް ހުއްޓައެއް ނުލައެވެ. އުންމީދުތައް ދޫކޮށް ނުލައެވެ.

މަދަރުސާތަކުގެ ބޮޑުޗުއްޓީ ދުވަސްވަރެވެ. އެކަމުގެ އަސަރު ރަށުތެރެއިން ފެންނަމުންދިޔައެވެ.

ކާމިޔާބެއް ކުރިއެރުމެއް ނުލިބުމުން ޝަމާއިލްގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ވިސްނުން ބަދަލުވާން ފެށިއެވެ. ބޭނުންވި ގޮތަށް ކަންތައް ނުވުމުން އެހެން ގޮތެއް އިޚްތިޔާރުކުރަން މަޖުބޫރުވިއެވެ. އެ ނޫން ގޮތެއް ދެނެއް ނެތެވެ.

ވަގުތަށް މަޣުރިބު ނަމާދު ކޮށްގެން މިސްކިތުން ފޭބި ޝަމާއިލްގެ މިސްރާބަކީ އޭނާގެ ގެއެއް ނޫނެވެ. މީހުންގެ ހަރަކާތްތަކަށް ބަލަމުން މަގުތަކަށް ސަމާލުކަން ދެމުންދިޔަ ޝަމާއިލް މަޑުކޮށްލީ ދަނީން މެން ދިރިއުޅެމުންދާ ގޭގެ ދޮރޯށި ފެންނަ ހިސާބުގައެވެ. އޭނާގެ މަޤްޞަދަކީ ކޮބައިކަން އޭނާ ފިޔަވާ އެހެން މީހަކަށް ނޭނގެއެވެ.

ގެއިން ނުކުމެގެން ހިނގައިގަތް ދަނީންގެ ފަހަތުން ޝަމާއިލް ހިނގައިގަތް ނަމަވެސް އޭނާއަކަށް އެކަމެއް ނޭނގެއެވެ.

ފަހަތުން އައި މީހަކު ކުއްލިއަކަށް އޭނާގެ އަތުގައި ހިފުމުން ދަނީން ދިޔައީ ސިއްސައިގެންނެވެ. ލިބުނު ސިހުމާއިއެކު މަޑުމަޑުން ހަޅޭ ލަވައި ވެސް ގަނެވުނެވެ.

” ދަނީން … އަހަރެން ދަނީން ދެކެ ވަރަށް ލޯބިވޭ ….. އާދޭސް ކޮށްފައި ބުނަން އަހަރެންނަށް ފުރުސަތެއް ދީބަލަ. އެހެން ނޫނީ އަހަރެން …. ” ހިތްހަމަ ނުޖެހުމާއިއެކު އޭނާއަށް ބަލައިލަމުން އަތް ދަމައިގަތް ދަނީންގެ މޫނު ފެނިފައި ޝަމާއިލް ހުއްޓުންއެރިއެވެ.

” އަޗި …. އަހަރެން ރައްޓެހިވާން ތިދެން ކާކު؟ ތިމާމެންގެ ފެންވަރުން އުޅެބަލަ. ވަރަށް ފޫހިވޭ. ” އިތުރަށް މަޑުކުރާކަށް ދަނީން ނޫޅެއެވެ. ދިޔަގޮތަށް ދިޔައީއެވެ.

ދަނީންގެ ޢަމަލުތަކާއި ބަސްމަގު ހުރިގޮތުން ލިބުނު މާޔޫސްކަމުގައި ޝަމާއިލްގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނިޖެހުނު ފަދައަކުން ހުއްޓުން އަރާފައި އެތައް އިރަކު ހުރެވުނެވެ.

އިންސާނުން ކުރާނީ މަސައްކަތެވެ. ކާމިޔާބު ދެއްވާނީ އެހެން ފަރާތަކުންނެވެ. ދަނީންގެ ޢަމަލުތަކާއި ބަސްމަގު ކޮންމެ ގޮތަކަށް ހުރި ނަމަވެސް ޝަމާއިލް އުންމީދު ދޫކޮށެއް ނުލައެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި ލޯތްބަށް އެދި ސަލާން ޖަހަމުން އާދޭސް ކުރަމުން ދިޔައެވެ.

އާ އަހަރުގެ ކިޔެވުން ފެށުމާއިއެކު ރަށުތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ. ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނާއި ރަށުން ބޭރުގައި ދިރިއުޅެމުންދާ ޢާއިލާތައް ރަށުން ފުރައިގެން ދިޔައެވެ. ރަށުގައި ތިބި ކިޔަވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ކިޔެވުމުގެ ކަންކަމަށް ސަމާލުކަން ދިނުން އިތުރުކުރިއެވެ. މަގުތަކާއި އާންމު މައިދާންތަކުން ކިޔަވާކުދިން ފެނުން ބޮޑުތަނުން މަދުވިއެވެ.

މި އަހަރު ވެސް ދަނީން އާއި އެއް ކުލާހެއްގައި ކިޔެވުމުގެ ފުރުސަތު ލިބުން ވެގެން ދިޔައީ ޝަމާއިލަށް ލިބުނު ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށެވެ. ދަނީން ފެންނަ ހިސާބުގައި ވަގުތު ހޭދަކޮށްލަން ލިބުމަކީ ވެސް ޝަމާއިލަށް ލިބޭ ބޮޑު އުފަލެކެވެ. އުންމީދުތައް އާވާ ކަމެކެވެ.

ކޮންމެ ސައުވީސް ގަޑިއިރަކުން ދުވަހެއް ފާއިތުވަމުން ދިޔައެވެ.

ކުއްލިއަކަށް ކަހަލަގޮތަކަށް ރަށުތެރެއަށް ފެތުރުނު ވާހަކަތައް ޝަމާއިލްގެ ކަންފަތާއި ހަމައަށް ވެސް ފޯރިއެވެ. ލިބުނު މާޔޫސް ކަމާއިއެކު ދެލޮލުން ކަރުނަ ފާއްދާލިއިރު ސިކުނޑިއަށް ބާރުބޮޑުވިއެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހުނުހެން ވެސް ހީވިއެވެ. ކުރާނެ ކަމެއް ހަދާނެގޮތެއް ނޭނގި ހުއްޓުންއަރާފައި އެތައް އިރަކު ހުރެވުނެވެ.

އުމުރުން ބާވީހަކަށް އަހަރުގެ ނިމާދަކީ ރީތި ޒުވާނެކެވެ. ފުރިހަމަ ކަސްރަތީ ހަށިގަނޑެއް އޭނާއަށް ލިބިފައިވާއިރު އިސްކޮޅާއި ރޫފަ އެހަށިގަނޑާއި ނުހަނު ގުޅެއެވެ. ގައިގެ ކުލައައްޔެވެ. އިސްތަށިގަނޑާއި ތުނބުޅި މަތިމަސް ބެލެހެއްޓުމުގައި ގެންގުޅޭ ޒަމާނީ ގޮތްގަނޑުގެ ސަބަބުން މޫނުމައްޗަށް އިތުރު ރީތިކަމެއް ގެނުވައެވެ.

ރަށުގައި ނަންހިނގާ ގަދަރުވެރި ތަނަވަސް ޢާއިލާއަކަށް އުފަން ނިމާދަކީ އެޢާއިލާގެ ފުރަތަމަ މެންބަރެވެ. އޭނާގެ ހަގަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުރެއެވެ. ނިމާދުގެ ބައްޕަ ހާރިސްއަކީ މީހުނާއި ނުހަނު ގުޅޭ ތެދުވެރި ވަފާތެރި އޯގާތެރިއެކެވެ. ރަށުގެ ކުރިމަގާއި ގުޅިފައިވާ ކޮންމެ ކަމެއްގައި ނަގާކިޔައި އުޅޭ ހިންގުންތެރިއެކެވެ. ނިކަމެތިންގެ ހާލުބަލައި އެހީތެރިވާ އެކުވެރިއެކެވެ.

ނިމާދާއި ދަނީންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ރަށުތެރޭގައި ދެކެވެމުންދިޔަ ނަމަވެސް، ޝަމާއިލް އުންމީދު ދޫކޮށެއް ނުލައެވެ. ކުރަމުން އައި މަސައްކަތް މަޑުޖައްސައި ވެސް ނުލައެވެ.

ފިހާރައަކުން ނުކުމެގެން ގެއާއި ދިމާއަށް އައި ޝަމާއިލަށް ނިމާދާއި ދަނީން ފެނުނީ މަގުމަތިންނެވެ. ޝަމާއިލް ފެނުމާއިއެކު ދަނީން ކަޅިއަޅާލިއެވެ. ރުޅިވެރިކަމާއިއެކު ތުންދަމާލަމުން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

” އަހަރެން މި އިންތިޒާރު ކުރަނީ އަހަރެން ފެންވަރުގެ މީހަކަށް …. ” ޝަމާއިލްގެ ހަނދާނަށް އައީ އަބަދުހެން ދަނީން ބުނަމުންދިޔަ އެ ޖުމްލައެވެ. ދަނީންގެ އެބުނުން މިއަދު މިވަނީ ޙަޤީޤަތަކަށް ވެފައެވެ. އެކަމާއިމެދު ޝައްކެއް ކުރާނެ ޖާގައެއް ވެސް ނެތެވެ.

ކިޔެވުން ނޯންނަ ދުވަސް ދުވަހު ދޮށިއުކަން ދިއުމަކީ ޝަމާއިލްގެ އާދައެކެވެ. އެފަދަ ދުވަހެއް އަތުވެއްޖެނަމަ ބޮޑުފަތިހާ އޭނަ ތުނޑިއަށް ދާނެއެވެ. އެއްގަމުގައި ހުރެގެން ކަނޑަށް ދޮށި އުކޭތީ އާއި މަސްވެރިކަން އެތަނުގައި ރަނގަޅުކަމުން އެހެން ވެސް ބައެއް މީހުން އެތަނަށް ގޮސް އުޅެއެވެ.

ގޮނޑުދޮށުގައި ދޮށިއުކަން ހުރި ޝަމާއިލް ސިއްސައިގެން ދިޔައީ ފަހަތުން އައި މީހަކު އޭނާ ކޮށްޕާލުމުންނެވެ. މޫދާއި ދިމާއަށް އަރިއަޅާލި ނަމަވެސް ނަސީބު ރަނގަޅުކަމުން މޫދަށް ނުވެއްޓި ސަލާމަތްވިއެވެ. ލިބުނު ހައިރާންކަމާއިއެކު ސުވާލު ވެސް އުފެދުނެވެ. އަވަސް އަވަހަށް ފަހަތް ބަލާލިއިރު އެތަނުގައި ތިބީ ނިމާދާއި އާއިނުއެވެ. ހިތްހަމަ ނުޖެހުމާއިއެކު ޝަމާއިލަށް ބަލަހައްޓައިގެން ނިމާދު ހުރިއިރު އާއިނު ހުރީ ހިނިއައިސްފައެވެ. ކުރެވުނު ކަންތަކާއިމެދު އޭނާ ހިތްހަމަ ޖެހިފައި ހުރި ކަހަލައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.