ގޮނޑުދޮށުގައި ދޮށިއުކަން ހުރި ޝަމާއިލް ސިއްސައިގެން ދިޔައީ ފަހަތުން އައި މީހަކު އޭނާ ކޮށްޕާލުމުންނެވެ. މޫދާއި ދިމާއަށް އަރިއަޅާލި ނަމަވެސް ނަސީބު ރަނގަޅުކަމުން މޫދަށް ނުވެއްޓި ސަލާމަތްވިއެވެ. ލިބުނު ހައިރާންކަމާއިއެކު ސުވާލު ވެސް އުފެދުނެވެ. އަވަސް އަވަހަށް ފަހަތް ބަލާލިއިރު އެތަނުގައި ތިބީ ނިމާދާއި އާއިނުއެވެ. ހިތްހަމަ ނުޖެހުމާއިއެކު ޝަމާއިލަށް ބަލަހައްޓައިގެން ނިމާދު ހުރިއިރު އާއިނު ހުރީ ހިނިއައިސްފައެވެ. ކުރެވުނު ކަންތަކާއިމެދު އޭނާ ހިތްހަމަ ޖެހިފައި ހުރި ކަހަލައެވެ.

” ކިރިޔާއެއްނު މޫދަށް ނުވެއްޓުނީ ދޮއްޓާއިއެކު …. މީހެއްގެ އެއްޗެކޭ މީ. ” ހިތްހަމަ ނުޖެހުނު ނަމަވެސް ޝަމާއިލް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

” އަހަރުންނަށް ކޮން ބަލާއެއް. ” ޝަމާއިލާއި ކައިރިއަށް އާއިނު ޖެހެލިއެވެ.

” ކަލޭ ހަނދާން ކުރާތި. މީގެ ފަހުން ކަލޭގެ އުނދަގޫ ދަނީންނަށް ފޯރައިފިއްޔާ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެ. އެދުވަހަކުން އިތުރަށް ދައްކާނެ … ” ރުޅިވެރިކަމާއިއެކު ވާހަކަ ދައްކަމުން ދައްކަމުން ޝަމާއިލާއި ދިމާއަށް އައި ނިމާދު ހުއްޓުނީ ކުއްލި އަކަށެވެ. އެދިމާއަށް އައި އަޖީރު ފެނިފައި އޭނާގެ ވިސްނުން ބަދަލުވި ކަހަލައެވެ.

ބޭނުންވި ފަދަ ބައިވެރިއެއް ލިބުމާއިއެކު ދަނީންގެ ބޮޑާކަމާއި ކިބުރުވެރިކަން އެތައް ގުނައަކަށް އިތުރުވިއެވެ. ކުރިން ގާތްކޮށް އުޅުނު އެތައް ކުދިންނަކާއި ދުރަށް ދިޔައެވެ. އެކުގައި އުޅެން އެކަށީގެންވާ ބައެއް ނޫންކަމަށް ވެސް ބައެއް ކުދިންނާއި ދިމާއަށް ބުންޏެވެ.

ފާރިހާ އާއި ދަނީން ދިމާވީ ސްކޫލުން ނުކުމެގެން ގެއަށް އައި މަގުމަތީގައެވެ. ފާރިހާ އާއި ދަނީން އަކީ ދެ އަވައްޓެރިންނެވެ. ކުޑައިރުއްސުރެ ގާތުގައި އުޅެ އުފެދުނު އެގުޅުން މިއަދު ވެސް އޮތީ އެގޮތުގައެވެ. ދެ މީހުން އެކަނި ވުމާއިއެކު ފާރިހާ ފެށީ ބޮޑުވާހަކައެކެވެ.

” އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރަންޏާ ވާސިޔާ ގާތު ވެސް އަހާބަލަ … އަލިބެ ފިހާރައިން ނުކުމެގެން އަހަރުމެން އައިއިރު ނިމާދާއި ބާމިޔާ އަތިރިއަށް ނުކުންނަނީ. އެމީހުން އުޅުނުގޮތް ފެނުނު ކޮންމެ މީހަކު ވެސް ބުނާނެ އެއީ ލޯބީގެ ގުޅުމެކޭ. ” ފާރިހާ ދެއްކި ވާހަކަތައް ދަނީން ގަބޫލު ނުކުރުމުން، އިތުރަށް އެކަން އޮޅުން ފިލުވޭނެ ގޮތެއް ވެސް ފާރިހާ ބުންޏެވެ.

” ތިވާނީ ހީވިގޮތަކަށް … ނިމާދު ނޫޅޭނެ އެހެނެއް. ސަތޭކަ އިންސައްތަ އަހަރެންނަށް ޔަގީން. ” ނިމާދު އޭނާއަށް ބޭވަފާތެރި ވެދާނެ ކަމަކަށް ދަނީނަކަށް ގަބޫލެއް ނުކުރެވުނެވެ.

އެވާހަކަތައް ދަނީން ގަބޫލު ނުކުރާނެހެން ހީވި ހިސާބުން ފާރިހާ ހުއްޓާލިއެވެ.

ރޭގަނޑަށް ކައިގެން ފިލާވަޅުތައް ނިންމާލުމަށްފަހު، ދަނީން ބޭރަށް ނުކުތީ ނިމާދު އަންނަ ގަޑި ގާތްވުމުންނެވެ. ކޮންމެ ރެއަކު ވެސް ދިހައެއް ޖަހާލާކަން ހާއިރު ނިމާދު އަންނާތީ މިރޭ ވެސް އެގަޑިއަށް އަންނާނެކަން އޭނައަށް އެނގެއެވެ.

ދަނީން ބޭރަށް ނުކުތް ވަގުތާއި ނިމާދު އައިސް ގޯތިތެރެއަށް ވަތް ވަގުތު ވީ އެއްވަގުތަކަށެވެ. ނިމާދު ފެނުމާއިއެކު ދަނީންގެ ކިބައިން އުފަލާއި ހިތްހަމަ ޖެހުން ފާޅުވިއެވެ.

ދަނީންނާއި ނިމާދު ވާހަކަ ދައްކަން ތިބީ ގޯތިތެރޭ ހުރި ޖޯލިފަތީގައެވެ. އެ ދެ މީހުން ފިޔަވައި އެހެން އެއްވެސް މީހަކު އެއިން ހިސާބެއްގައި ނެތެވެ. ދީފައިވާ ހަނދުވަރުގެ ނަލަ އަލިން މުޅިބިން އުޖާލާވެ އަލި ވެފައިވެއެވެ. ގޯތިތެރޭގައި ހައްދާފައިވާ މައު ގަސްތަކުގެ މަލުން ފެތެރިފައިވި މީރު ވަސް ތަނަށް އިތުރު ހިތްގައިމު ކަމެއް ގެނުވަމުން ދިޔައެވެ.

ނިމާދުގެ ފަރާތުން ލިބެމުން ދިޔަ ލޯބިވެތި ފިރުމުންތަކާއި އޯގާތެރި ބަސްތަކުގެ ސަބަބުން ދަނީންގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. ދުނިޔެމަތީގައި ހިނގަމުންދިޔަ އެހެން އެއްވެސްކަމެއް އޭނާގެ ޚިޔާލުގައި ވެސް ނެތެވެ.

އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުން ދިޔައިރު ދަނީންގެ އެންމެބޮޑު އުންމީދަކީ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމެވެ. މުޅި ރާއްޖޭން ފާހަގަ ކުރެވޭވަރުގެ މޮޅު ނަތީޖާއެއް ނުހޯދުނަސް ރަށުން ފާހަގަކޮށްލެވޭ ވަރުގެ ނަތީޖާއެއް ހޯދަން އޭނާ ބޭނުންވިއެވެ. ކިޔެވުމަށް ދެމުންދިޔަ ސަމާލުކަން އިތުރުކުރިއެވެ.

ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. އެކްސްޓްރާ ގަޑި ނިންމާލުމަށްފަހު ކުލާހުން ނުކުތް ދަނީންގެ ފަހަތުން ޝަމާއިލް ހިނގައިގަތް ނަމަވެސް ދަނީންނަކަށް އެކަމެއް ނޭނގެއެވެ. އޭނާގެ ފަހަތުން އައި ޝަމާއިލް ދަނީންގެ އަތުގައި ހިފުމާއިއެކު ދަނީން ދިޔައީ ސިއްސައިގެންނެވެ. ލިބުނު ސިހުމުގައި ކޮންމެވެސް ވަރަކަށް ހަޅޭލަވައި ވެސް ގަނެވުނެވެ.

ޝަމާއިލް ފެނުމާއިއެކު ދަނީންގެ މޫނުމަތިން ނުރުހުމާއި ހިތްހަމަ ނުޖެހުން ފާޅުވިއެވެ. ވަށައިގެން ހޯދާލިއިރު އެހެން ދަރިވަރުން ތިބީ ތަންކޮޅެއް ދުރުގައެވެ. އޭނާގެ އަތުން ދޫކޮށްލުމަށް ދަނީން އެދުނު ނަމަވެސް ޝަމާއިލް އެކަމަށް ސަމާލުކަމެއް ނުދިނެވެ.

ސަލާމަތަށް އެދި ރޮއިގަންނަމުން، އެހީއަކަށް އެދި ދަނީން ހަޅޭލަވައިގަތް އަޑަށް ޝަމާއިލް ދިޔައީ ސިއްސައިގެންނެވެ. ބައެއް ދަރިވަރުންނާއި ޓީޗަރު ވެސް ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އައެވެ. ހެޑްމާސްޓަރ ޝާއިދު ވެސް އައިސް މަދަރުސާއަށް ވަނީ އެވަގުތުއެވެ. މޫނުމަތީގައި އަތް އަޅައިގެން ހުރެ ދަނީން ރޮމުން ދިޔައިރު ބޮޑުކަމެއް ދިމާވެއްޖެކަން ޔަގީނާއި ގާތަށް އެނގެއެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނިޖެހިފައިވާ ފަދައަކުން ހުއްޓުން އަރާފައި ހުރިގޮތަށް ޝަމާއިލް ހުއްޓެވެ.

” ނީމާ! ދަނީން ގެންގޮސް ގެއަށްލާ … މަދަރުސާއިން ވަކި އެއްޗެއް އަންގަންދެން ޝަމާއިލް ގޭގައި މަޑުކޮށްލާ. ” ހިތްހަމަ ނުޖެހުމާއިއެކު ޝަމާއިލަށް ބަލާލަމުން ޝާއިދު ނިންމާލިއެވެ.

ވީ ކީއްކަން ބަލަން އެންމެން ވެސް ބޭނުންވިއެވެ. ސުވާލުކުރާނެ ގޮތެއް، ވާހަކަތައް ފަށާނެގޮތެއް އެކަކަށް ވެސް ނޭނގުނެވެ. ވަގުތާއި ހާލަތު އޮތީ އެފަދަ ވާހަކައެއް ދެއްކޭ ކަހަލަ ގޮތަކަށް ވެސް ނޫނެވެ. ދަރިވަރުންތައް ގެއާއި ދިމާއަށް ހިނގައިގަތްއިރު ޕްރިންސިޕަލާއި ޓީޗަރު ވެސް އޮފީހާއި ދިމާއަށް ހިނގައިގެންފިއެވެ.

ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުރި ޝަމާއިލް ވެސް މަޑުމަޑުން ގެއާއި ދިމާއަށް ހިނގައި ގަތެވެ. ބައެއް ދަރިވަރުންގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނު ނަމަވެސް ޝަމާއިލް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ނިދާން އޮށޯވެ އޮތް ނަމަވެސް ޝަމާއިލްގެ ލޮލަކަށް ނިންޖެއް ނައެވެ. ކުރެވުނު ކުޑަކުޑަ ކަމެއްގެ ސަބަބުން ދިމާވި ބޮޑު ހާދިސާއާމެދު ވިސްނުން ނޫން ކަމެއް އޭނާއަކަށް ނުކުރެވުނެވެ. އެކަމުގެ ސަބަބުން އޭނާއަށް ކުރިމަތިވާނެ މަލާމާތާއި ފުރައްސާރައިގެ ކޮޅުމަތި އެންމެ ފުރަތަމަ ސިކުންތުގައި ވެސް ދައްކާލައިފި އެވެ.

ހެނދުނު ހަގަޑި ފަންސާސްކަން ހާއިރެވެ. ޝަމާއިލް މަދަރުސާއަށް ދާން ދެކޮޅު ހެދުމުން އޭނާގެ މަންމަ އައިސާއަށް ލިބުނީ ހައިރާން ކަމެވެ. ކަންބޮޑުވެ ނުތަނަވަސްވާ ގޮތް ވެސް ވިއެވެ. ސަބަބު އޮޅުން ފިލުވާނުލައި އޭނާއަކަށް ކެތެއް ނުވިއެވެ.

ކަންތައް ވީގޮތް ކިޔައިދިންއިރު ޝަމާއިލްގެ ދެލޮލުން ކަރުނަ ހިލުނެވެ.

ޝަމާއިލްގެ ވާހަކަތަކާއިމެދު އައިސާގެ ހިތުގައި ޝައްކެއް ނެތެވެ. އޭނާގެ ދަރިންނަށް އޭނާ ދިން ތަރުބިއްޔަތުގައި އެދަރިން ކޮޅުފައިން ނުޖަހާނެކަމުގެ ޔަގީންކަން އޭނާއަށް އަބަދު ވެސް އޮވެއެވެ. ދަނީން އެގޮތަށް ކަންތައް ކުރުމުގައި އެހެން ކޮންމެވެސް ސަބަބެއް އޮންނާނެއެވެ.

ޝަމާއިލްގެ އެދުމުގެމަތިން އައިސާ ގޮސް ދަނީންއާއި އޭނާގެ މައިންބަފައިންނާ ބައްދަލުކުރިއެވެ. ރޭގައި ދިމާވި ކަންތަކާއިމެދު ޝަމާއިލް ހިތާމަކޮށް މަޢާފަށް އެދޭކަމަށް ބުންޏެވެ. އެފަދަ ކަމެއް ދެން ދުވަހަކު ވެސް އޭނާގެ ފަރާތުން ނުފެންނާނެކަމަށް ވެސް ބުންޏެވެ.

އައިސާގެ ވާހަކަތައް އަޑުއަހަންއިން ދަނީންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޝަމާއިލްގެ ވާހަކަތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އޭނާ ކަންތައްކުރިގޮތް އެނގޭނީ ދަނީންނަށެވެ. ޝަމާއިލް މަސައްކަތްކުރީ ގަދަކަމުން ނަމަވެސް އޭނާއާ ބެހޭށެވެ. މޮޔަވެގެން ތެޅިގަތްއިރު އެއީ ސްކޫލްތެރެކަމާއި އެތަނުގައި އެހެން ބަޔަކު ތިބިކަން ވެސް އޭނާ ހަނދާނެއް ނެތެވެ. އެވަރު ވެފައިހުރި މީހަކު ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އޭނާގެ މަޤްޞަދު ހާސިލުނުވީ ދަނީންގެ ނަސީބު ރަނގަޅުކަމުންނެވެ. ރީތިމޮޅު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ދުވަހަކު ވެސް ޝަމާއިލަކަށް އޭނާ މައާފެއް ނުކުރާނެއެވެ. ބޭކާރު ވާހަކަ ދައްކާނެ ކަމެއް ނެތެވެ.

އިތުރަށް އައިސާ ދައްކަމުންދިޔަ ވާހަކަތަކާއި ކުރަމުންދިޔަ އާދޭސްތައް އަޑުއަހާކަށް ދަނީން ބޭނުމެއް ނުވިއެވެ.

” ހޭބަލިވެގެން މީހުންގެ ގަޔަށް ބޮލަށް އަރާއިރު …. ލޯތްބޭ ކިޔައިގެން ފަހަތުން ދުވާއިރު ތިމާމެންގެ ފެންވަރާއިމެދު ވެސް ވިސްނާލުން ރަނގަޅުދޯ. ފެންވަރު އޮޅިގެން ނޫޅެ ހަމަބިމަށް ތިރިކޮށްބަލަ ގެއަށް ގޮސް … ބޭކާރު ވާހަކަތައް އަޑުއަހާކަށް އަހަރުމެނަކަށް ވަގުތެއް ނެތް. ” އައިސާގެ ވާހަކަތައް އަޑުއަހަން އިން ޖުމޭނާ ވާހަކަދެއްކިއެވެ. އަޑާއި ހަރަކާތުން އޭނާގެ ހާލަތު ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.