ޖުމޭނާއާ ދިމާއަށް ޝަމާއިލް ހިނގައިގަތެވެ. ފައި ހަރަކާތް ނުކުރި ނަމަވެސް ޝަމާއިލް އައީ ކުރިއަށެވެ. ބިމުގައި ފައި ޖެހޭ ހެނެއް ވެސް ހިޔެއް ނުވެއެވެ. ކުރިމަތިން ފެންނަންހުރީ ޝަމާއިލް ނަމަވެސް އެއީ ޝަމާއިލް ނޫންކަމުގައި ޖުމޭނާ ނިންމީ ފެންނަމުންދިޔަ ކަންކަމުގެ ސަބަބުންނެވެ. އެއްވެސް އިހުތިޔާރަކާއި ނުލައި ޖުމޭނާއަށް ރޮއިގަނެވިއްޖެއެވެ.

ސަލާމަތަށް އެދި ރޮއި އާދޭސް ކުރަމުން ހަޅޭލަމުން ދުއްވައިގަތް ނަމަވެސް ޖުމޭނާއަކަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. އަނގަވަތަށް ވެއްޓި ޖެހުނުގޮތުން ބަނޑަށް ތަދުވިއެވެ. ތެދުވާނެހާ ހިތްވަރެއް ނުލިބުނެވެ. އޭނާގެ ކިބައިން ސަލާމަތްވާން ކިތަންމެ ބޭނުން ވިޔަސް ކުރާނެ ކަމެއް ނޭނގުނެވެ. ހަދާނެގޮތެއް ނުވިސްނުނެވެ.

އިސްއުފުލައި ބަލާލިއިރު ޝަމާއިލް ހުރީ އޭނާގެ ކުރިމަތީގައެވެ. މަޑުމަޑުން ޖުމޭނާއާ ދިމާއަށް ގުދުވަމުންދިޔަ ޝަމާއިލްގެ ކަނާއަތް ދިޔައީ ޖުމޭނާގެ މޫނާއި ދިމާއަށެވެ. ސަލާމަތަށްއެދި އާދޭސްކުރާ ފަދައަކުން ޝަމާއިލާއި ދިމާއަށް ބަލަހައްޓައިގެން އޮތުން ފިޔަވައި އެހެން އެއްވެސް ކަމެއް ޖުމޭނާއަކަށް ނުކުރެވުނެވެ.

ކުއްލިއަކަށް ކޮށްލި ހަރަކާތާއިއެކު ޝަމާއިލް ދަމައިގަތީ ޖުމޭނާގެ ދެލޮލެވެ. އަޑުގެކޮޅަށް ރޮއިގަތުން ފިޔަވައި އެހެން އެއްވެސް ކަމެއް ޖުމޭނާއަކަށް ނުކުރެވުނެވެ.

ގޯތިތެރެއަށް ވަދެގެންއައި ރާފިއު ސިއްސައިގެން ދިޔައީ ޖުމޭނާގެ ބާރު ރުއިމުގެ އަޑަށެވެ. ލިބުނު ސިހުމާއިއެކު ކަންބޮޑުވުމާއި ހާސްކަން މީހާ ވަށާލިއެވެ. އެދިމާއަށް ދުއްވައިގަނެވުނީ އެއްވެސް އިހުތިޔާރަކާއި ނުލައެވެ.

އެތަނުގައި މާބޮޑު އަލިކަމެއް ނެތް ނަމަވެސް، ބިންމައްޗަށް ވެއްޓިފައި އޮތް ޖުމޭނާ، ރާފިއުއަށް ފެނުނެވެ. އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ގޮވާގޮވައި ހަބަރެއް ނުވިއެވެ. އަތްދަނޑިމައްޗަށް ޖުމޭނާ ނަގައިގެން ހިނގައިގަތް ވަގުތު އަތުގައި އޮލައެއްޗެއް ހޭކުނުކަން އިހުސާސް ވިއެވެ.

ޖުމޭނާގެ މޫނު ރާފިއުއަށް ފެނުނީ ގިފިލިން ނުކުތް ފަހުންނެވެ. ފެނުނު މަންޒަރާއިއެކު ރާފިއުގެ ދެލޯ ބޮޑުވިއެވެ. ބިރުން ތުރުތުރު އަޅައިގަތެވެ. ހޯސްލާފައި ކަރުންތައް އޮހިގަތެވެ. ޖުމޭނާ ދޫނުވީ ކިރިޔާއެވެ.

ޖުމޭނާގެ މަރުގެ ވާހަކަ ރަށުތެރެއަށް ފެތުރިގެންދިއުމަށް ހޭދަވީ މަދު ވަގުތުކޮޅެކެވެ. އެއްބަޔަކަށް އެވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. އަނެއް ބަޔަކު ދުއްވައިގަތީ އެކަމުގެ ހަގީގަތް ބަލާށެވެ. މަންޒަރު ހަމަލޮލުން ދެކޭށެވެ. ބިރުން ތުރުތުރުއަޅާ ހާލުގައި ތިބި ބަޔަކު ވެސް ތިއްބެވެ. ދަރިންކޮޅާއި ޢާއިލާގެ އެހެން މެންބަރުން ކޮބައިތޯ ބަލައި ހޯދުމަށް އުޅެގަތް މީހުން ވެސް މަދެއް ނޫނެވެ.

އެމަންޒަރު ބަލާކަށް، އެއަޑު އަހާކަށް ދަނީނަކަށް ކުޅަދާނައެއް ނުވިއެވެ. ހޭވެރިކަންވީރު އޮތީ ކޮޓަރީގައެވެ. ބޮލުގައި ފިރުމާލަ ފިރުމާލަ މާމަ އިނެވެ. މާމަގެ ކިބައިން ފެންނަމުން ދިޔައީ ހިތާމަ އާއި ހިތްދަތިކަމެވެ.

ޖުމޭނާގެ މަރާއި ގުޅިފައިވަނީ ރޫހާނީ ކޮންމެވެސް މަހުލޫގަކާއިއެވެ. އިންސާނަކަށް އެވަރުގެ އަނިޔާއެއް ދޭން ކެރޭވަރުގެ އެހެން އިންސާނަކު ނުހުންނާނެއެވެ. މިރަށަކީ އެކަކު އަނެކަކަށް އަޅާލައި އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ނަމޫނާ ރަށެކެވެ. އެއްބަޔަކު އަނެއް ބަޔަކާއި ހަސަދަލައި އަނިޔާވެރިވާން ޖެހޭފަދަ ކަމެއް މިއިން ޒަމާނަކު ވެސް ހިނގާފައެއް ނެތެވެ.

ޖުމޭނާގެ ހަށިގަނޑުން ފެނުނު އަނިޔާތަކާއި ގުޅިގެން ޕޮލިހުން އައިސް އެހަށިގަނޑު ބެލިއެވެ. ކަމާއި ގުޅުންހުރި ފަރާތްތަކުގެ އެހީގައި ތަހުލީލުތައް ކުރިއެވެ. ނަގަންޖެހޭ ފޮޓޯ ވެސް ނެގިއެވެ.

ޖުމޭނާ ވަޅުލުމުގެ މަސައްކަތް ނިމުނީ އެރޭ ފަތިހުއެވެ.

ދަނީންގެ ހާލަތަށް ބަދަލެއް ނާދެއެވެ. އޭނާގެ ކަމަކީ ރޮއި ހިތާމަ ކުރުމެވެ. ޖުމޭނާ މަރުވި ވާހަކަ އަޑުއަހާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. އެވާހަކަތައް ގަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ހާދިސާ ދިމާވީއްސުރެ ފެށިގެން ކަހަލަ ގޮތަކަށް ރައިހާނާ ހުރީ ދަނީން ކައިރީގައެވެ. ހިނދުކޮޅަކަށް ވެސް އޭނާއަށް ދުރަށް ރައިހާނާ ދާކަށް ދަނީން ބޭނުމެއް ނުވިއެވެ. މަންމައެއް ފަދައިން އޭނާގެ ކަންކަމަށް ސަމާލުކަންދީ ފަރުވާތެރިކަމާއިއެކު ބަލަހައްޓައިދިން މީހަކީ ބައްޕަ ފަރާތު މާމަ ރައިހާނާ އެވެ. އެކަން އޭނާ އަބަދުވެސް ހަނދާން ހުންނާނެއެވެ.

ޖުމޭނާގެ މަރާއިއެކު ރަށުތެރެއަށް ވެރިވި ހިތާމަ އާއި ހިތްދަތިކަން މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. ޕޮލިހުން އެބޭކަލުންގެ މަސައްކަތް ކާމިޔާބު ކުރަން ކުރެވޭންހުރި ހުރިހާކަމެއް ކުރަމުން ދިޔައެވެ. ހަފްތާއަކަށްވުރެ ގިނަދުވަސް ފާއިތުވެގެން ދިޔައިރު ލިބުނު ކުރިއެރުމެއް ނެތެވެ.

މަހެއްހާ ދުވަހަށް ދެމިގެންދިޔަ އެމަސައްކަތަށް ކާމިޔާބެއް ކުރިއެރުމެއް ނުލިބި ވަޅުޖެހިގެން ދިޔައެވެ. އެކަން ހިނގާދިޔަކަން ހަނދާންހުރި މީހަކު ވެސް މިހާރު ހުރިހެނެއް ހިޔެއް ނުވެއެވެ.

ޖުމޭނާގެ މަރާއި ގުޅިގެން ކުރިމަތިވި ހިތާމައާއި ހިތްދަތިކަމަށް، އެކަނިވެރިކަމާއި މާޔޫސްކަމަށް ލުޔެއް ލިބޭނެ މަގަކާއިމެދު ދަނީން ވިސްނަމުންދިޔައެވެ. އެގޮތުގައި އެތައް ދުވަހެއް ވޭތުވެގެން ދިޔައެވެ.

އިރުއޮއްސޭ މަންޒަރު ބަލާލަން އަތިރިމަތީގައި ހުރި ދަނީން ގެއާއި ދިމާއަށް ހިނގައިގަތްއިރު މަޣުރިބުނަމާދު ބަންގި ގޮވައި ނިމިއްޖެއެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަނދިރިކަމާއިއެކު ހަމަހިމޭންކަމާއި ފަޅުކަން ވެސް ވެރިވަމުން ދިޔައެވެ.

ބަނދަރު ސަރަހައްދުން އަރައިގެން އަތިރިމަގުން ގެއާއި ދިމާއަށް ދިޔަ ޝަމާއިލް ފެނުމާއިއެކު، ދަނީންގެ ވިސްނުން ބަދަލުވި އެވެ. އޭނާގެ މިސްރާބަކަށްވީ ޝަމާއިލް އެވެ. ވަގުތުގެ ގޮތުން ވެސް ކަންނޭނގެއެވެ. އެ ސަރަހައްދުގައި އެދެމީހުން ފިޔަވައި އެހެން މީހަކު ފެންނާކަށް ނެތެވެ.

ވާހަކަ ދައްކަން ބޭނުންވެފައިހުރީ ދަނީން އެކަންޏެއް ނޫނެވެ.

ޝަމާއިލާއި ދަނީން ވާހަކަ ދައްކަމުން ދައްކަމުން ގޮސް ވަނީ ހޭޅިފަށަށެވެ.

ޝަމާއިލާއި ދަނީންގެ ބައްދަލުވުންތައް އަނެއްކާ ވެސް ފެށިއްޖެއެވެ. ލިބިފައިވާ ހިތާމަ އާއި ހިތްދަތިކަމަށް ކުޑަނަމަވެސް ލުޔެއް ލިބެން އޮތް އެންމެ ރަނގަޅު ގޮތަކީ، އެއީ ކަމުގައި ނިންމީ ދަނީން އަމިއްލައަށެވެ. ކުރީފަހަރު އެހެން ވިޔަސް މިފަހަރު އެހެނެއް ނުވާނެ އެވެ. އޭނާ ހުންނާނީ އެވަރު ވިސްނައި ސަމާލުވެގެންނެވެ.

ދަރިފުޅާއިމެދު ކަންތައް ކުރިގޮތް ދަނީން ކިޔައި ދިނުމުން ޝަމާއިލް ހިތްހަމަ ނުޖެހުނެވެ.

ޝަމާއިލް ބޭނުންވި ފަދައިން މިފަހަރު ވެސް އެދެމީހުންގެ ލޯބީގެ މަންޒިލަކަށްވީ ރަށުގެ މީހުން ދިރިނޫޅޭ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ގެތަކުން ގެއެކެވެ. އެހެން އެއްވެސް މީހަކަށް ތަނެއްދޮރެއް ނޭނގޭހެން ބައްދަލުކުރަން ޝަމާއިލް ބޭނުންވި ބޭނުންވުން ދަނީނަށް ވެސް ކަމުދިޔައެވެ.

ޖުމޭނާގެ މަރުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަމަށް އެންމެ ފުރަތަމަ ދުވަހު ވެސް ރާފިއުއަށް ގަބޫލު ކުރެވުނެވެ. އޭނާގެ އަންހެނުންނާއިމެދު އެހާ އިންސާނިއްޔަތުކަން ކުޑަކޮށް ކަންތައްކުރީ ކާކުތޯ ބަލަން އެދުވަހު ވެސް އޭނާ ބޭނުންވިއެވެ. އެގޮތަށް ކަންތައް ކުރީ ކީއްވެތޯ ބެލުން އޭނާއަށް މުހިންމެވެ.

އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދިޔަ ތަކުރަކީ ފަންޑިތައިގެ ކަންތަކަށް އަރާހުރި މީހެކެވެ. އިސްތިރި ވަރިތޮޅިއަށް މޮޅު މީހެކެވެ. އެފަދަ ކޮންމެކަމެއްގައި އޭނާގެ ކުޅަދާނަކަމާއި ކާމިޔާބުކަން އެތައް ބަޔަކަށް ދައްކައިފިއެވެ. އޭނާ ފަށައިފިކަމެއް ނިންމާނީ ކާމިޔާބު ކޮށްފައެވެ. އޭނާގެ އަތްދޮށުން ދެމިގަންނާކަށް ލާހިކެއް ނޫނެވެ.

ރާފިއު އެދުނުފަދައިން އޭނާއަށް އެހީތެރިވުމަށް ތަކުރު އެއްބަސްވިއެވެ. އެކަމަށްޓަކައި ކިތަންމެބޮޑު ހޭދައެއް ކުރަން ޖެހުނަސް ރާފިއު ހުރީ އެ ހޭދައެއް ކުރާ ގޮތަށެވެ. އޭނާ ބޭނުންވަނީ އެމަރުގެ ޙަޤީޤަތް ހޯދާށެވެ. އެކަމުގެ އަޑީގައިވާ ބަޔަކު ދެނެގަންނާށެވެ.

ހަނދުމަހެއްގެ ފަހުކޮޅެވެ. ރާފިއު އާއި ތަކުރު ވާހަކަ ދައްކައި މަޝްވަރާކުރި ފަދައިން ތަކުރު އޭނާގެ މަސައްކަތް ފެށިއެވެ.

މެންދަމުން އަލިވެ އެކެއް ޖަހަނީ އެވެ. ރަށުތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ތަކުރާއި ރާފިއު ތިބީ ރަށުގެ އިރުވާކޮޅު ތުނޑިމަތީގައެވެ. ބޯކަށިކެޔޮ މާގަނޑެއް ހިފައިގެން ހުރި ތަކުރު ހުއްޓުމެއްނެތި ކޮންމެވެސް އެއްޗެއް ކިޔަވަމުން ދިޔައެވެ.

” ވަގުތު ޖެހިއްޖެ …. އިރުކޮޅަކުން ދިޔަވަރު ބަދަލުވާން ފަށާނެ ….. މާގިނަ ވަގުތެއް ނުލިބޭނެ. ” ގޮނޑުދޮށާއި ދިމާއަށް ހިނގައިގަންނަމުން ތަކުރު ވާހަކަ ދެއްކިއެވެ.

ތަކުރު ހިނގައިގަތުމާއިއެކު އޭނާގެ ފަހަތުން ރާފިއު ވެސް ހިނގައިގަތެވެ.

ތަކުރު ގެންގުޅުނު ބޯކަށިކެޔޮ މާގަނޑު އިންދީ ރާޅު ކިރިޔާ ނާރާ ހިސާބުގައެވެ.

” ހަނދު ފެނުންތޮޅިލާވަގުތު މާގަނޑަށް އެއްވެސް ބަދަލެއް އާދޭތޯ ބަލާތި …. ސަމާލުވެގެން ހުންނާތި. އަހަރެން މަސައްކަތް މި ފަށަނީ. ” ކޮނޑުމަތީގައި ބާއްވައިގެން އުޅުނު ހުދުފޮށާ ބޮލުގައި އޮޅާލަމުން ތަކުރު ހިނގައިގަތެވެ. ރާޅުފަށުގައި ހިނގަމުން އޭނާގެ ކިޔެވެއްޔާއިގެން ތަކުރު ކުރިޔަށް ދިޔައެވެ.

ހަނދު ފެނުންތޮޅިލުމާއިއެކު މާގަނޑުގެ ކުލައަށް ބަދަލު އަންނާން ފެށިއެވެ. އެއްގަމާއިވީ ފަރާތުން މާގަނޑަށް އަރަންފެށި ރަތް ކުލަ މަޑުމަޑުން ގަދަވަމުން އައިސް މާގަނޑުގެ ކުލަ އެއްކޮށް ރަތްވިއެވެ. އޭރު ހަނދު އެއްކޮށް ކަހަލަގޮތަކަށް ފެނުން ނެއްޓިއްޖެއެވެ.

ނުނިމޭ

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.