ވެރިވަމުންދިޔަ އަނދިރިކަމުގެ އަސަރު ގިފިލިތެރެއަށް ބޮޑެވެ. މާދުރުން އައިސްފައިވާ އައްޔެއްގެ އަސަރު ކޮންމެވެސް ވަރަކަށް ގިފިލިތެރެއަށް ފޯރާފައި ހުއްޓެވެ. ކުއްލިއަކަށް ވިދާލި ވިދުވަރާއިއެކު ބާރު ގުގުރިއެއް ޖެހިއެވެ. ވިއްސާރައިގެ އަސަރު އެއްވެސް ވަރަކަށް ފެންނާކަށް ނެތެވެ.

ގިފިލިތެރޭގައި ހުރި ކުޑަކުޑަ ދެރުއް ދޭތެރެއިން އަލިފާންކަނި ބުރައިގަތެވެ. ތުއްތުތުއްތު ކުއްޖަކު ރޮއިގަތް އަޑުވެސް އިވުނީ އެދިމާއިންނެވެ. ތަކުރުގެ ނަޒަރު އެދިމާއަށް އަމާޒުވިއިރު އޭނާގެ ކިބައިން ފެނުނީ އުންމީދުގެ ކުލަވަރެވެ.

ދެރުކުގެ ފަންތަކަށް ހަރަކާތް އައެވެ. ފަންތަކުގެ ތެޅުން އަވަސްވިއެވެ. ދެރުއް ދޭތެރެއިން ހިޔަންޏެއް ފާޅުވިހެން ހީވުމާއިއެކު ފެނުނީ ޝަމާއިލެވެ. ރުޅިއައިސް ރަތްވެފައިހުރި ޝަމާއިލްގެ އަތުގެ ނިޔަފަތިތައް ދިގެވެ. ފުރަތަމަ ފެނިލުމާއިއެކު ވެސް އެއީ ޝަމާއިލް ނޫންކަން ތަކުރަށް ޔަގީންވިއެވެ. ރުޅިއާއި ނަފްރަތާއިއެކު ތަކުރަށް ބަލަހައްޓައިގެން ހުރި ޝަމާއިލް އޭނާއާ ދިމާއަށް ހިނގައިގަތެވެ.

ކަންތައް ދިމާވީ އޭނާ ހީކުރިގޮތަކަށް ނޫނެވެ. ފެނުނު މަންޒަރާއިއެކު ކިޔަވެލި ހަނދާން ނެތިއްޖެއެވެ.

ސަލާމަތަށް އެދި ހަޅޭލަވައިގަންނަމުން ތަކުރު ދުއްވައިގަތެވެ. ޝަމާއިލް އެއަށްވުރެ ހުސިޔާރެވެ. އޭނާގެ އަތުގެ އިނގިލިތައް ކަރަފާބޯވައެއް ކަހަލައެވެ. ކުއްލިއަކަށް ކޮށްލި ހަރަކާތާއިއެކު ތަކުރުގެ މޫނުގައި އިނގިލިތައް ތަތްކޮށްލިއެވެ. ބޮލާއިއެކު މޫނުމަތީގައި އޮޅާލި ކަހަލައެވެ. އަނގަވެސް ހުޅުވާ ނުލެވުނެވެ.

ތަކުރުގެ އަޑު އިވުމާއިއެކު ރާފިއު ދުވެފައި ގޮސް ގިފިލީ ބޮކި ދިއްލިއެވެ.

ރާފިއު ގިފިއްޔަށް ވަތްއިރު ތަކުރު އޮތީ އަނގަވަތަށް ބިންމައްޗަށް ވެއްޓިފައެވެ. އެއްވެސް ހަރަކާތެއް ނެތެވެ.

ކަންބޮޑުވެ ޖެހިލުންވި ނަމަވެސް ރާފިއު މަޑުމަޑުން ގޮސް ތަކުރު ކައިރިއަށް ހުއްޓެމުން އޭނާއަށް ގޮވާލިއެވެ. ތަކުރު ލޯ ހުޅުވާލިއެވެ. ފެނުނީ ވަރުބަލިކަމާއި ލޮޑުކަމެވެ. އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ރާފިއުގެ އެހީއާއެކު ތަކުރު ކޮޅަށް ތެދުވިއެވެ. ރާފިއު ދެއްކި އެއްވެސް ވާހަކައަކަށް އަނގަ ބަހުން ޖަވާބެއް ނުދިނެވެ. ބަރާބަރޭ ބުނީ އަތުގެ އިސާރާތުންނެވެ. މަސައްކަތް ނިމުނީ ކަމާއި އެއްވެސް ނުރައްކަލެއް ދެން ނެތް ކަމަށް ބުނީ ވެސް ހަމައެހެނެވެ.
އެގެއިން ނުކުމެގެން ތަކުރު ދިޔަގޮތަށް ދިޔައީއެވެ.

ޝަމާއިލާއި ބައްދަލުކުރަން ނުދެވުނު ނަމަވެސް، ރާފިއު ކުރި މަސައްކަތް ކާމިޔާބު ވީތީ ދަނީން ހިތްހަމަ ޖެހުނެވެ. މިހާރު ދެން އެއްވެސް ނުރައްކަލެއް ނެތްކަމަށް ބުނުމުން ލިބުނު ހިތްހަމަ ޖެހުން ބޮޑުވިއެވެ. އެންމެ މުހިންމީ އަމާންކަމާއި ރައްކާތެރިކަމެވެ. އެކަން ވެއްޖެނަމަ ފުރުސަތު އޮންނާނީ ކުރިޔަށެވެ. މާދަމާ ރޭވެސް ޝަމާއިލާއި ބައްދަލުކުރެވިދާނެއެވެ.

ތަކުރުގެ އުޅުމަށް ބަދަލުއައީ ކުއްލިއަކަށެވެ. ގެއިން ބޭރަށް ނުކުމެ އުޅުން މުޅިންހެން ހުއްޓާލިއެވެ. މީހުނާއި ވާހަކަ ދެއްކުން މަދުވިއެވެ. ދައްކާ ވާހަކަ ދިމާނުވާހެން ހީވާން ފެށިއެވެ. ބައެއް ކަންކަން ހަނދާނުން ކައްސާލިއެވެ.

މަންމަ ޑޮކްޓަރަށް ދެއްކުމަށްޓަކައި އޭނާ ގޮވައިގެން ޝަމާއިލް މާލެ ދިޔަކަން ދަނީނަށް އެނގެއެވެ.

ޝަމާއިލާއި ބައްދަލު ނުކުރެވޭތީ ދަނީން ފޫހިވިއެވެ. ރޭދުވާ އެކަނިމާއެކަނި ހޭދަކުރަން ޖެހޭތީ ހިތްހަމަ ނުޖެހުނު ވެސް މެއެވެ.

އޮއްސުނުއިރާއިއެކު ރަށުތެރެއަށް އަނދިރިކަން ވެރިވާން ފެށިއެވެ. މަގުތަކުން މީހުން މަދުވަމުން ރަށުތެރެއަށް ހަމަހިމޭންކަން ވެރިވަމުން ދިޔައެވެ.

އުދަލި ހިފައިގެން ރާފިއު ގޮސް ވަނީ ގިފިއްޔަށެވެ. ގިފިލިތެރޭގައި ހުރި ދެރުއް އެތަނުން ނެރި ބޭރުގައި އިންދުމުގެ ހިޔާލު ނޫން އެހެން ހިޔާލެއް އޭނާގެ ނެތެވެ.

ދެރުކުގެ ވަށައިގެން ކުޑަކޮށް ކޮނެލުމަށްފަހު، ރާފިއު މަސައްކަތްކުރީ ދެރުއް އެކުގައި އުފުރާލާށެވެ.

މޫސުމަށް ބަދަލުއައީ ކުއްލިއަކަށެވެ. ވިދާލި ވިދުވަރާއިއެކު ބާރު ގުގުރިއެއް ޖެހިއެވެ. ތުއްތުތުއްތު ކުއްޖަކު ރޮއިގަތް އަޑު އިވުނީ ނުހަނު ކައިރިންނެވެ. ރާފިއު ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް މަސައްކަތް ހުއްޓާލަމުން ވަށައިގެން ހޯދާލެވުނެވެ.

އުޑުމަތި ސާފެވެ. އެއިން ހިސާބެއްގައި ތުއްތުކުއްޖަކު ނޫޅޭނެއެވެ. އެއީ އޭނާއަށް ހީވި ގޮތެކެވެ.

ރާފިއު އަނެއްކާ ވެސް އޭނާގެ މަސައްކަތް ފެށިއެވެ. ރުކުގެ ފަންތަކަށް އިތުރު ހަރަކާތެއް އައެވެ. ދެރުއް ދޭތެރެއިން ލޭކުލަ ފާޅުވިއެވެ. އެ ރަތްކަން ބިންގަނޑަށް ފޭދޭން ފެށިއެވެ. ފެނުނު މަންޒަރުން ރާފިއުގެ ހިތުގައި ސުވާލު އުފެދުނެވެ. ސިއްސައިގެން ގޮސްފައި ކަހަލަ ގޮތަކަށް ތެދުވަން އުޅުނެވެ.

ރާފިއު ބޭނުންވި ފުރުސަތެއް ނުލިބުނެވެ. ދުރުއް ދޭތެރެއިން ފާޅުވި އަތުން ސަލާމަތްވާން އޭނާއަކަށް ފުރުސަތެއް ނުލިބުނެވެ. ކަރުގައި ހިފުމާއިއެކު ބާރުކޮށްލިއެވެ. ސަލާމަތަށް އެދި ރޮއިގަންނަމުން ހަޅޭލަވައިގަތް ނަމަވެސް އަޑެއް ނުނިކުތެވެ. އަތަށް ލެވުނުހައި ބާރެއްލައި އެއަތް ކަރުން ނައްޓާލަން ކުރި މަސައްކަތް ކާމިޔާބެއް ވެސް ނުވިއެވެ. އެތެރެހަށިން ބައެއް ވިރިގެންދިޔަ ކަހަލައެވެ. ހޯސްލާފައި އަނގައިން ފޭބި ލެޔާއިއެކު ރާފިއުގެ ހަރަކާތް ހުއްޓުނެވެ. ދެލޯ ބޮޑުވިއެވެ.

ދަނީން ހުރީ މާމަ ގޭގައެވެ.

ވަދީފާއި ޒިފާފް އުޅުނީ ރާފިއު ހޯދާށެވެ. މިހާރުން މިހާރަށް ނިންމަން ބޭނުންވާ މަސައްކަތަށް ބޭނުންވާ ސާމާނު ހޯދާށެވެ. އެ ތަކެތި ލިބޭނެ ވާހަކަ ރާފިއު ވަނީ ކުރިން ބުނެފައެވެ. ފޯނުކޮށްކޮށް ފޯނެއް ނުނެގިއެވެ. ރާފިއުގެ ގެ ބެލިއިރު އެގޭގައި ނެތެވެ. އޭނާގެ މަންމަ ގެއަށް ދިޔައިރު އެގޭގައި ވެސް ނެތެވެ.

އިވުނު ވާހަކަތަކުގެ ސަބަބުން ދަނީން ކަންބޮޑުވިއެވެ. ސުވާލުތައް ގިނަވިއެވެ. ކޮންމެވެސް ވަރަކަށް ހާސްވާގޮތް ވެސް ވިއެވެ. ބައްޕަގެ ހަބަރެއް ވޭތޯ މަސައްކަތް ފެށިއެވެ.

ދެވަނަ ފަހަރަށް ރާފިއުގެ ގެއަށް ވަދީފާއި ޒިފާފް ދިޔައީ މިހާރު ގެއަށް އައިސްދާނެކަމަށް ބަލާލަފައެވެ.

ހުޅުވިފައިހުރި ގިފިލީގެ ދޮރު ޒިފާފްގެ ލޮލުގައި އަޅައިގަތީ ކުއްލިއަކަށެވެ. ގޮވާގޮވާ ހަބަރެއް ނުވުމުން ނުކުންނަން އައި ވަގުތު އެމަންޒަރު ފެނުމުން އެތަން ބަލާލަން ދެމީހުން ވެސް ބޭނުންވިއެވެ. ފަހަރުގައި އެތަނުގައި އުޅެދާނެއޭ ވެސް ހިތަށް އެރިއެވެ.

ގިފިލީގެ ދޮރު ކޮންމެވެސް ވަރަކަށް ހުޅުވިފައި ހުރި ނަމަވެސް، މާބޮޑު އަލިކަމެއް ނެތެވެ. ފޯނުން އަލިކުރަމުން އެތަނަށް ވަންނަން އުޅުނު ވަގުތު ދެމީހުނަށް ވެސް ރާފިއު ފެނުނެވެ. އޭނާ އޮތީ އަނގަވަތަށް ބިންމައްޗަށް ވެއްޓިފައެވެ. ކައިރީހުރި ދެ ރުކުގެ ފަންތަކުން ލޭގެ އަސަރު ފާޅުވާން ހުއްޓެވެ. މީހާ އޮތް ހިސާބުގެ ބިންގަނޑަށް ބަލާލަމުން އެތަނުގައި ކޮންމެވެސް ގޯހެއް ހިނގާފައިވާކަން އެނގެއެވެ. އޭނާ ސަލާމަތްވާން ތެޅިފޮޅިފައިވާ ކަހަލަ ފާހަގަތަކެއް ބިންމަތިން ފެންނަން ހުއްޓެވެ.

ވަދީފާއި ޒިފާފް ބެލިއިރު ރާފިއު އޮތީ މަރުވެފައެވެ. މޫނުމަތިން އަނިޔާގެ އަސަރުތައް ފެންނަން ހުރިއިރު އެއްވެސް ލޮލެއް ސަލާމަތުން ނެތެވެ. ދެކަންފަތާއި ނޭފަތުން ވެސް ހުރީ ލޭ އައިސްފައެވެ. ބޭރުވެފައިހުރި ލެއިން ތާޒާކަން ފާޅުވާން ހުއްޓެވެ.

ކޮންމެވެސް ވަރަކަށް ހާސްވެ ޖެހިލުންވި ނަމަވެސް، ދެމީހުން ހިތްވަރު ކުރިއެވެ. ކައުންސިލްގެ ރައީސަށް ފޯނުކޮށް ވެގެން އުޅޭގޮތް ކިޔައިދިނީ ޒިފާފެވެ.

ޕޮލިހުންނަށް ހަބަރު ލިބުމާއިއެކު އެމީހުން، އެމީހުންގެ މަސައްކަތް ފެށިއެވެ.

ރާފިއުގެ މަރުގެ ހަބަރު ލިބުމާއިއެކު ދަނީން މޮޔަވި ކަހަލައެވެ. އެވާހަކަ އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ. ރޮއިގަންނަމުން ގެއާ ދިމާއަށް ދުއްވައިގަތެވެ. އޭނާގެ ބައްޕަ މަރެއް ނުވާނެއޭ ވެސް ގޮވިއެވެ. އިވުނު ހަބަރާއިއެކު ރައިނާގެ ހަބަރު ހުސްވެއްޖެއެވެ.

ރާފިއުގެ މަރަކީ ކޮންމެވެސް ބަޔަކު ހިންގާފައިވާ ލާއިންސާނީ ޢަމަލެއް ކަމުގައި އެއްބަޔަކު ބުނަމުންދިޔައެވެ. އެވަރުގެ އަނިޔާއެއް އިންސާނަކަށް ދޭން ކެރޭވަރުގެ ބަޔަކު ނުތިބޭނެކަމުގައި ބުނަމުންދިޔަ ބަޔަކު ވެސް ތިއްބެވެ. އެކަމުގައި ވަދީފާއި ޒިފާފްގެ އަތެއް ވެދާނެކަމަށް ގަބޫލުކުރާ ބަޔަކު ވެސް އުޅުނެވެ.

ހިތާމައިގެ ސާލުން ސާލުލައި މުޅިރަށް އޮތީ ހުއްޓިފައެވެ. ދިމާވި ހާދިސާތަކާއި ގުޅިގެން ރައްޔިތުންތިބީ ބިރުން ތުރުތުރުއަޅާ ހާލުގައެވެ. އެއްބަޔެއްގެ ލޮލުން ކަރުނަ ނުހިކެއެވެ. ގެއިން ބޭރަށް ނުކުމެލާން ނުކުރިފައި ތިބި މީހުން ވެސް މަދެއް ނޫނެވެ.

ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން މާލެއިން ޓީމެއް ގެނައެވެ. ރަށަށް އެރުމާއި ރަށުން ފޭބުން މަނާކުރިއެވެ. އެކަމާއި ގުޅުންހުރި ކިތަންމެކުޑަ ކަމެއް ފެނުނަސް ހިއްސާކުރުމަށް އެދެމުން ދިޔައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.