މީގެ ފަސް އަހަރު ކުރިން، ދިވެހި ފިލްމީ އޯޑިއަންސަށް ނަހޫ “ސޮރީ” ބުނި ހަނދާން އެބަހުރި ދޯ އެވެ. ހަނދާންކޮށްލަދޭން ކުޑަކޮށް ރީވައިންޑްކޮށްލާނަމެވެ.

އެއީ 2019 ވަނަ އަހަރުގެ ޖޫން މަހެވެ. ދިވެހި ފިލްމް އިންޑަސްޓްރީއަށް 17އަށް ވުރެން ގިނަ ފީޗާ ފިލްމު ގެނެސްދީފައިވާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތުމަތު ނަހުލާ (ނަހޫ)، ފީޗާ ފިލްމެއް އުފައްދަން އުޅޭކަން ހާމަކުރި އެވެ. ފިލްމުގެ ނަމަކީ “ސޮރީ” ކަމަށް ނަހޫ އިޢުލާނުކުރިއެވެ.

ފަސް އަހަރު ފަހުން، މިމަހު 18 ވަނަ ދުވަހު އަނެއްކާވެސް ނަހޫ މިވަނީ “ސޮރީ” އުފައްދަން ފައްޓަން އުޅޭކަމުގެ ސިގުނަލެއް ދީފައެވެ. ނަހޫ އާއްމުކުރި ފޭސްބްކް ޕޯސްޓުން އެކަން ވަރަށް ބޮޑަށްވެސް ސާފުވެއެވެ.

“މިހާރު ފިލްމެއް ހަދަން ވެއްޖެ ކަމަށް ޤަބޫލުކުރެވިއްޖެ. އެކަމާ އެބަ އުޅެން އިނގޭ🙂.”

* ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތުމަތު ނަހުލާ (ނަހޫ)

“ސޮރީ”ގެ ޓައިޓްލްއާއެކު ނަހޫ އާއްމުކުރި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ނަމަވެސް ނަހޫ އެ ބުނި ޖުމްލައާމެދު އަހަރުމެންނަށް ތަންކޮޅެއް ފުންކޮށް ވިސްނައިލެވުނެވެ. ނަހޫ އެ ބުނާ ‘މިހާރު’ގެ މުރާދަކީ ކޮބައިބާވައެވެ؟ ‘ފިލްމެއް ހަދަން ވެއްޖެ’ ކަމަށް ޤަބޫލުކުރެވުނީ ކޮން ކަމަކާ ގުޅިގެންބާވައެވެ؟ ދިވެހީންގެ އޭރުގެ ފިލްމު އޯޑިއަންސް ބޭނުންވާ ކަހަލަ ފިލްމުތަކަށް މިހާރުވެސް ބޮޑު ތަރުހީބެއް އޮތްކަން ފާހަގަކުރެވުނީބާވައެވެ؟

ނަހޫ އާއްމުކުރި ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓްކުރަމުން އަންނައިރު، ބެލުންތެރިން ނަހޫގެ އުފެއްދުމަކަށް އިންތިޒާރުކުރަމުން އަންނަ މިންވަރުވެސް ފެނިގެންދެއެވެ. މީގެ އިތުރުން މިހައިތަނަށް ދިވެހީންނަށް އެންމެ ކަމުދިޔަ ދިވެހި ވެބް ސީރީޒްތަކުގެ ތެރެއިން “ހުވާ” ސީރީޒްގެ ބާކީ ބައި ގެނެސްދިނުމަށްވެސް ގިނަ ބަޔަކު އެދިފައިވާކަން ފާހަގަކުރެވެއެވެ.

މީގެ ފަސް އަހަރު ކުރިން ނަހޫ ބުނެފައިވަނީ ކީކޭތޯވެސް ބަލައިލާނަމެވެ.

“އަހަރެން ބުނާނީ މި ފިލްމަކީ ވެސް ކުރިން އަހަރެން ގެނެސް ދީފައިވާ ކަހަލަ ލޯބީގެ ހަމަ ވަރަށް އަސަރު ގަދަ އަދި ރޮވޭ ކަހަލަ ހާދިސާތަކެއް ވެސް ހިމެނޭނެ ވަރަށް ރީތި ލަވަތަކެއް ވެސް ހުންނާނެ ފިލްމަކަށް ވާނޭ،

ޔަގީނުން ވެސް ކުރީގެ މާޒީ މަތިން ހަނދާން އާވާ ކަހަލަ ފިލްމަކަށް ސޮރީ ވާނެ. މިއީ އިބުރަތްތެރި އާއިލީ ފިލްމެކޭ އަހަރެން ބުނާ ހިތް ވަނީ.”

* ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތުމަތު ނަހުލާ (ނަހޫ)

“ސޮރީ” އަކީ ނަހޫގެ އަމިއްލަ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. “ސޮރީ” ޑައިރެކްޓްކުރަނީ ކާކުކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަގެ އިތުރުން، އިތުރު ބަތަލާއަކާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފުވާ އެކްޓަރަކު ވެސް ހިމެނޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ނަހުލާގެ އަމިއްލަ ފިލްމު ކުންފުނި ކްރިސްޓަލް އެންޓަޓެއިންމެންޓުން ހަދާ “ސޮރީ” ގައި އަމިއްލަ ރާގުގެ ޖުމްލަ ހަތް ލަވަ ހިމެނޭނެ ކަމަށްވެސް އޭރު ނަހޫ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.