“ޝޫޓިން ފެށުމަށް ފަހު 45 ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ. އެހެންވެ، އަސްލު ތައްޔާރީތަކަށް ގިނަ ދުވަސް ވަނީ. ހުރިހާ ކަމެއް ފުރިހަމައަށް ތައްޔާރުކޮށްފައި ފަށާނީ،.”

* ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތުމަތު ނަހުލާ (ނަހޫ)

ކްރިސްޓަލް އެންޓަޓެއިންމެންޓުން ފާތިމަތު ނަހުލާ ގެނެސްދޭން ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު “ސޮރީ”ގެ ޝޫޓިން ފެށުމަށްފަހު 45 ވަރަކަށް ދުވަހުގެ ތެރޭގައި ޝޫޓިން ނިންމައިލެވޭނެ ކަމަށް ބުނެފިއެވެ. މިއީ ހަމަ ގައިމުވެސް ނަހޫގެ ފިލްމަކަށް އިންތިޒާރުކުރަމުން އަންނަ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވެގެންދާނެ ކަމެކެވެ.

ނަހުލާ ބުނީ ފިލްމުގެ ޝޫޓިންގެ މަސައްކަތްތަކަށް ތައްޔާރުވުމަށް ފަށާފައިވާ ކަމަށެވެ. ފިލްމުގެ ޝޫޓިންގެ ކުރިން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ހުރިކަންވެސް ނަހުލާ ފާހަގަކުރިއެވެ.

“ސޮރީ” އަކީ ނަހޫގެ އަމިއްލަ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. “ސޮރީ” ޑައިރެކްޓްކުރަނީ ކާކުކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަގެ އިތުރުން، އިތުރު ބަތަލާއަކާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފުވާ އެކްޓަރަކު ވެސް ހިމެނޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ ފަސް އަހަރު ކުރިން މި ފިލްމާމެދު ނަހޫ ބުނެފައިވަނީ:-

“އަހަރެން ބުނާނީ މި ފިލްމަކީ ވެސް ކުރިން އަހަރެން ގެނެސް ދީފައިވާ ކަހަލަ ލޯބީގެ ހަމަ ވަރަށް އަސަރު ގަދަ އަދި ރޮވޭ ކަހަލަ ހާދިސާތަކެއް ވެސް ހިމެނޭނެ ވަރަށް ރީތި ލަވަތަކެއް ވެސް ހުންނާނެ ފިލްމަކަށް ވާނޭ،

ޔަގީނުން ވެސް ކުރީގެ މާޒީ މަތިން ހަނދާން އާވާ ކަހަލަ ފިލްމަކަށް ސޮރީ ވާނެ. މިއީ އިބުރަތްތެރި އާއިލީ ފިލްމެކޭ އަހަރެން ބުނާ ހިތް ވަނީ.”

* ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތުމަތު ނަހުލާ (ނަހޫ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.