ވެޓަރަން އެކްޓަރ މުޙައްމަދު ރަޝީދު (ދަރާ) އަދި މަޝްހޫރު ޒުވާން އެކްޓްރެސް އާޝާގެ ކައިވެނީގެ ޚަބަރަކީ މިމަހު 04 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުޚީން ޖާގަހޯދާފައިވާ ޚަބަރެކެވެ.

ދަރާ ރަޝީދު އަދި އާޝާގެ ކައިވެނީގެ ޚަބަރަކީ ތެދު ޚަބަރެކެވެ. ނަމަވެސް އެ ކައިވެންޏަކީ 27 އޯގަސްޓް 2024ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު “ކަމަނާ”ގެ މަންޒަރެކެވެ. އެހެންކަމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ‘މި އަހަރުގެ ބޮޑު ކައިވެނީ’ގެ މަންޒަރުތައް ކިޑް ޕްރޮޑަކްޝަން އަދި ސެޓާރން ސްޓޫޑިއޯގެ “ކަމަނާ”އިން ފެނިގެންދާނެ އެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ “ކަމަނާ”ގެ މުހިންމު ތަރިންގެ ތެރޭގައި ހިމެނެނީ ޔޫސުފް ޝަފީއު(ޔޫއްޕެ) މަރިޔަމް އައްޒަ ރަޝްފާ (އާޝާ)، ދަރާ ރަޝީދު, މުހައްމަދު މަނިކު އަދި ނަތާ އެވެ.

ކަމަނާ” މި ފިލްމް ފެށެނީ ހއ. މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން, ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބޭ ހިސާބުންނެވެ. ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުންނެވެ.

ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދެއެވެ.

މި ފިލްމުގައި އަނތްބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ އެވެ. މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް އައްޒަގެ ހަށިގަނޑަށް ގެންނަންޖެހުނު ބަދަލު ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މީގެ އިތުރުން މިއީ އައްޒަގެ ފިލްމީ ކެރިއަރގައި އޭނާ ފެނިފައި ނުވާފަދަ ރޯލެއް ފެނިގެންދާނެ ފިލްމެކެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު “ލޯބިވެވިއްޖެ” ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ހުސެން މުނައްވަރު އެވެ.

ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. މުނައްވަރު ވަނީ މީގެކުރިން ދިވެހި ފިލްމު “ސަޒާ” އަދި “ދިލަކަނި” ޑައިރެކްޓްކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.