ދަނީނާއި އަދުލީ ބައްދަލުކުރީ އަދުލީ ބޭނުންވި ގޮތަށް ބޭނުންވި ތަނުގައެވެ. ހިނގިކަމެއް ހިނގައި ދިޔައީ ދަނީން އެ ފުރުސަތު ދިނީމައެވެ. އެކަމަށް އޭނާގެ ހިތް ވެސް އެދުނީމައެވެ.

ކައިވެންޏާއިއެކު ދަރިއަކު ހޯދުން ދަނީން އަވަސްކުރީ އެކަން ސިއްރުކުރާށެވެ.

ދެވަނަ ފަހަރަށް ވެސް ދަނީނާއި ގުޅުނީ އެ މަޚްލޫޤެވެ. ބަދަލުވީ ސިފައެވެ. އެވަގުތަށް ދަނީންގެ ހިތް އެދުނު ސިފައަށް ބަދަލުވީ އެވެ. އެ މަޚްލޫޤަށް ކާމިޔާބު ނުވީ ނާއިދުގެ ސިފައެވެ. ނާއިދުގެ އިމާންތެރިކަމާއި ތަގުވާވެރިކަމުން އެމަޚްލޫޤަށް އެފުރުސަތެއް ނުލިބުނެވެ. ފަޅި ފުރުސަތެއް ނަމަވެސް ލިބޭތޯ އެމަޚްލޫޤު އެތައް މަސައްކަތެއް ކުރިއެވެ. ކާމިޔާބެއް ނުލިބުނެވެ.

” އެއީ އަދުލީއެއް ނޫން …. އަދުލީގެ ދަރިއެއް ނޫން …. ޝަމާއިލްގެ ދަރިއެއް ނޫން …. ޝަމާއިލެއް ނޫން. ” ކުއްލިއަކަށް ވާހަކަތައް މެދުކަނޑާލި ސިޔާ ލޯ ހުޅުވާލިއެވެ. އެއްވެސް ހަރަކާތެއް ނެތް ފަދައަކުން މައްޗަށް ބަލަހައްޓައިގެން އެތައް އިރަކު އޮތެވެ. އިސްފިޔަ ޖަހާލަން ވެސް ހަނދާން ނެތިފައި އޮތް ކަހަލައެވެ.

” ދަނީންގެ ދެވަނަ ދަރިފުޅު ދުވަހަކު ވެސް ނުފެންނާނެ … ނުފެންނާނެ. ދަނީންގެ ފުރަތަމަ ދަރިފުޅު އޮންނާނެ މިގޭ ގިފިލިތެރޭ …. އެކަން ސިއްރުކުރަން އިންދި ކާށިން ފެޅި ދެރުއް އެތަނުގައި ހުންނާނެ …. އެތަނުގެ އަޑީގައި އެކުއްޖާ އޮންނާނެ. ” އަނެއްކާ ވެސް ސިޔާ ވާހަކަ ދެއްކިއެވެ.

ޤުރުއާން މުދައްރިސް ކޮށްލި އިޝާރާތާއިއެކު ވަޅުކޮނުމުގެ މަސައްކަތް ފެށިއެވެ. ކާމިޔާބުގެ ކޮޅުމަތި ފެނުނީ ހީކުރިވަރަށްވުރެ އަވަހަށެވެ. މުޅިތަނަށް ވެރިވި ކުނިވަހާއިއެކު ވަޅުކޮންނަން ތިބި މީހުނަށް ދުރަށް ޖެހިލެވުނެވެ. ހުދުކުލައިގެ ފޮތިގަނޑެއް ކަހަލަ އެއްޗެއްގެ ތަންކޮޅެއް އޭރު ފެންނަން އޮތެވެ. މަސައްކަތް އަވަސް ކުރުމަށް ޤުރުއާން މުދައްރިސް ކޮށްލި އިޝާރާތާއިއެކު އެމީހުން އެފޮތިގަނޑު ނެގިއެވެ.

ފެނުނު މަންޒަރު ގަބޫލުކުރަން ފަސޭހަ ނޫނަސް އެއީ ޙަޤީޤަތެވެ. ފޮތިގަނޑު ތެރޭގައި އޮތީ ތުއްތުތުއްތު ކުއްޖެކެވެ. ހީވާގޮތުން އެކުއްޖާ ވަޅުލާފައި ވަނީ ސާފު ވެސް ކޮށް ނުލައެވެ. ފެންނަން ހުރި ނިޝާންތަކުން އަނިޔާވެރިކަން ފާޅުވާން ހުއްޓެވެ.

ދުވެފައި އައިސް ގޯތިތެރެއަށް ވަތް ދަނީން ދުއްވައިގަތީ ގިފިއްޔާއި ދިމާއަށެވެ. އެފަދަ ކަމެއް ދިމާވެދާނެ ކަމަކަށް އެތަނުގައި ތިބި މީހުން ހިއެއް ނުކުރެއެވެ.

ސިޔާގެ އުނަގަނޑާއިއެކު މެދުހަށި ހިއްލެން ފެށިއެވެ. ދެލޮލުން ކަރުނަ ފާއްދާލިއެވެ. ސަލާމަތަށް އެދޭ ފަދައަކުން ފަރުސާނާއި ދިމާއަށް އަތްދިއްކޮއްލިއެވެ. ފަރުސާން އުޅުނީ އެހީވާށެވެ. ކަންތައް ކުރަންވީގޮތް ނާހިލް ވަނީ އެތައް ފަހަރަކު ކިޔައިދީފައެވެ. އޭނާގެ އިޝާރާތެއް ނުވަނީސް ސިޔާއާ ގާތްވާކަށް ފަރުސާނަކަށް ނުކެރުނެވެ.

ނާހިލްގެ އަތުގައި ހުރި ފެންތަށިން ފެންފޮދެއް އަތަށް އަޅާލުމަށްފަހު ސިޔާގެ ހަށިގަނޑަށް ބުރުވާލިއެވެ. ދޮންކޮށްފައިވާ ދަގަނޑު ގަނޑަކަށް ފެންޖަހާލި ކަހަލައެވެ. ދުންބުރައިގެން ދިޔައެވެ. އަނެއްކާ ވެސް ނާހިލް އެކަން ކުރިއެވެ.

ކުއްލިއަކަށް ސިޔާގެ އަނގައިން ލޭ ނުކުންނަން ފެށިއެވެ. ފަރުސާންގެ ކަންބޮޑުވުން އިތުރުވިއެވެ. ދެލޮލުން ކަރުނަ އޮހޮރިގަތެވެ. ކެތްކުރަން އުނދަގޫ ވިއެވެ. ދަނީންގެ ހަށިގަނޑުން ވަރުދޫވާން ފެށިއެވެ. ތިންވަނަ ފަހަރަށް ނާހިލް ވިހެލި ފެންފޮދާއިއެކު ދަނީންގެ އަނގައިން ބޭރުވި ދުންކޮޅު ނާހިލަށް ފެނުނެވެ. ތަންކޮޅަކަށް މައްޗަށް އެރުމަށްފަހު ކުނޑިފުއްތަކަކަށް ބަދަލުވެގެން ތަޅުންމައްޗަށް ފޭބީ ވެސް ނާހިލް އެކަމަށް ވިސްނައިގެން ހުއްޓައެވެ. އޭނާގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ވަރު ހުސްވެގެން ސިޔާގެ ހަށިގަނޑު އެނދުމައްޗަށް ދެމިއްޖެއެވެ. އެއްވެސް ހަރަކާތެއް ނެތެވެ. އަނގަ އާއި ނޭފަތުން ލޭ އޮހޮރިގަތެވެ.

ދުވެފައި ގޮސް ދަނީން އެކުއްޖާ ނެގިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު އެކުއްޖާގެ ގައިގާ ބައްދާލަމުން ރޮއިގަތެވެ.

ހޮސްޕިޓަލަށް ސިޔާ ގެންދިޔައީ އެންބިއުލާންސްގަ އެވެ. ސިޔާގެ ފަރުވާގެ ކަންތަކުގައި ފަރުސާނާއިއެކު އަޒްފާ ވެސް އުޅުނެވެ. ޑޮކްޓަރުން ދެމުންދިޔަ ޔަގީންކަން ފަރުސާންގެ ހިތުގެ ހަމަޖެހުމަކަށް ނުވިއެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަ ހުއްޓުމަކަށް ނައެވެ.

ދަރިފުޅު ދޭކަށް ދަނީން ބޭނުމެއް ނުވިއެވެ. އެހިސާބުން ޖެހުނީ ބާރުގެ ބޭނުން ކުރާށެވެ. ވަގުތާއި ހާލަތަށް ބަލާއިރު އެހެން ގޮތެއް ނެތެވެ. އިރުއޮއްސުމުގެ ކުރިން އެކަން ނިންމަން އެންމެން ވެސް ބޭނުމެވެ.

ދަނީނަކީ ކުއްވެރިއެކެވެ. ހެކިއޮތީ ހާމައަށް ފެންނާށެވެ. ކުރިން ވެސް ބައެއް މީހުން އެފަދަ ވާހަކަތައް ދެއްކިއެވެ. އެމީހުނަށް އޭރު ނެތީ ދެއްކޭނެ ހެއްކެވެ. މިއަދު އެކަން ޔަގީންވެއްޖެއެވެ.

ޖަމާއަތްތެރިން ތިބީ ތައްޔާރަށެވެ. ހިނަވާގެއަށް ކުއްޖާ ގެންދިއުމާއިއެކު އެމީހުންގެ މަސައްކަތް ފެށިއެވެ.

ރައްޔިތުންނަށް ވާނުވާ އެނގުނުއިރު ވާނެއެއްޗެއްވެ ނިމިއްޖެއެވެ.

ދެދުވަސް ވީއިރު ވެސް ސިޔާގެ ހާލަތަށް މާބޮޑު ބަދަލެއް ނައެވެ. ލޭމަދުވަނީ އެވެ. ގައިގާ ވަރު ނުހުންނަނީއެވެ. ރޮއި ހިތާމަ ކުރުން ނޫން ކަމެއް ނުކުރެއެވެ.

އެމަޖެންސީގައި ސިޔާ މާލެ ގެންދިޔައެވެ. ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދިނެވެ. ހާލަތު ބަދަލުވާން ދުވަސްކޮޅެއް ނެގިއެވެ. ހޮސްޕިޓަލުން ދޫކޮށްލިއިރު ސިޔާގެ ވިސްނުމަށްވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ކުރެވުނު ތަޖުރިބާ އާއި ކުރިމަތިލާން ޖެހުނު ބިރުވެރިކަން އޭނާގެ ވިސްނުމާއި ކުޅެލިއެވެ. އެ ވޭނާއި ހިތްދަތިކަން ދުވަހަކު ވެސް އޭނާގެ ހަނދާނުން ފިލައި ނުދާނެއެވެ.

” އަހަރެން ދެން ދުވަހަކު ވެސް ވާހަކައެއް ނުލިޔާނަން. ” ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ސިޔާ އޭނާގެ ނިންމުން ހާމަކުރިއެވެ.
ސިޔާގެ އެ ނިންމުން ބަދަލުކުރާކަށް ފަރުސާން މަސައްކަތެއް ނުކުރެއެވެ. އެކަމާއި ބެހޭގޮތުން އޭނާގެ މައިންބަފައިން ވެސް ވާހަކައެއް ނުދައްކައެވެ. އޭނާ ބޭނުންވާގޮތަށް ކަންކަން ނިންމުމުގެ އިހުތިޔާރު ސިޔާއަށް ލިބިގެން ވެއެވެ. އެންމެން ވެސް ގަބޫލުކުރާ ގޮތަކީ އެއީއެވެ.

ދުވަހުގެ މެންދުރެއްކަން ހާއިރެވެ. ދަނީނަށް ޝަމާއިލް ފެނުނީ ހޮސްޕިޓަލުން ނުކުންނަން އަންނަނިކޮށެވެ. މާޒީ އައިސް އޭނާގެ ސިކުނޑިއަށް ވެރިވެގަތެވެ.

” ތިބާއާއެކު އަހަރެން ލިޔަންފެށި ސަފްހާ ތިބާ ބޭނުންވެގެން ލައްޕާލައިފިނަމަ ދެވަނަ ފަހަރަށް އެސަފްހާ ހުޅުވަން ނޫޅެއްޗޭ. އެދުވަހު އެސަފްހާ ލައްޕާލީ އިތުރަށް ލިޔަން ތިބާ ބޭނުންނުވާތީކަން ހަނދާން ކުރައްޗޭ. ތަގުދީރު މިންވަރު ކުރައްވައިފިނަމަ ދެވަނަ ސަފްހާއެއް ހުޅުވިދާނެ ތޯއްޗެ …. ނަމަވެސް … ކުރިން ލައްޕާލި ސަފްހާ ގުޅުވައިގެން އަލުން ލިޔާނެ އެއްޗެއް ނޯއްނާނެކަން ހަނދާން ނައްތާނުލައްޗޭ. ” ޝަމާއިލް ދެއްކި ވާހަކަތައް ދަނީންގެ ހިތަށް ތަދުކުރިއެވެ. އޭނާގެ އަތްފަޔަށް ހަރަކާތް އައީ ކުއްލިއަކަށެވެ.

ސިޔާ ގޮވައިގެން ހޮސްޕިޓަލުން ނުކުންނަން އައި ފަރުސާނާއި ސިޔާއަކަށް އެކަމެއް ނޭނގެއެވެ. އެފަދަ ކަމެއްގެ ހިލަމެއް ވެސް އެމީހުނަށް ނުވެއެވެ.

ފަހަތުން އައި މީހަކު ކުއްލިއަކަށް ކަރުގައި ހިފުމުން ސިޔާ ދިޔައީ ސިއްސައިގެންނެވެ. ސަލާމަތަށް އެދެމުން ހަޅޭލަވައިގަނެވުނެވެ.
ދަނީން ދުރުކޮށް އޭނާގެ އަތުގައި ބިޑި އެޅުވިއެވެ. ކަރެކްޝަންގެ މުއައްޒަފުން އޭނާ ގެންދަން ޖެހުނީ ގަދަކަމުންނެވެ. އެތަނުގައި ހުރީ ޝަމާއިލް ނޫންކަމަށް އެތަނުގައި ތިބި މީހުން ބުނި ނަމަވެސް ދަނީން އެކަން ގަބޫލެއް ނުކުރިއެވެ.

” އޭނާ …. ނިމުނީ. ” ފަރުސާންގެ ގައިގާ ބައްދާލި ސިޔާގެ ދެލޮލުން ކަރުނަ އޮހޮރިގަތެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.