ކުރީގެ މިސް ޔުނިވަރސް އަދި ގިނަބައެއްގެ ލޯބި ލިބިފައިވާ އިންޑިޔާގެ މަޝްހޫރު ބަޠަލާ ސުޝްމީތާ ސެން މީޑިއާ އިންޓަވިއުއެއްގެ ތެރެއިން ކީރިތި ޤުރުއާނުގެ ސޫރަތުލް އަޞްރު ކިޔަވައި މިދިޔަ އަހަރު ނޮވެމްބަރު މަހު ގިނަބަޔަކު ހައިރާންކޮށްލި ޚަބަރެއް ފެތުރުނެވެ.

ޝަރްޖާ ގައި ދަނޫބް ޝޯވްރޫމެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ހަވާސާގައި ނޫސްވެރިންނާއި ވާހަކަދައްކަމުން ޕާކިސްތާނާއި އިންޑިޔާގެ ހީނަރުވެފައިވާ ގުޅުމާމެދު ކުރެވުނު ސުވާލެއްގެ ޖަވާބު ދެމުން ސުޝްމީތާ ވަނީ ސޫރަތުލް އަޞްރު ކިޔަވައި އޭގެ މާނަވެސް ހިންދީބަހުން ކިޔައިދީފައެވެ.

އުމުރުން 41 އަހަރުގެ ސުޝްމީތާާ ކައިރީގައި ނޫސްވެރިޔަކު ސުވާލުކުރީ ޕާކިސްތާނާއި އިންޑިޔާގެ ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި ދޭން ބޭނުންވަނީ ކޮން މެސެޖެއްތޯ އެވެ. ޖަވާބުގައި ސުޝްމީތާ ކިޔެވީ އަލް އަޞްރު ސޫރަތެވެ. 

“އަހަރެންގެ މެސެޖަކީ މުޅި އިންސާނިއްޔަތަށް ދޭ މެސެޖެއް،”

ވަރަށް ރީތިކޮށް އަލް އަޞްރު ސޫރަތް ކިޔަވާ ނިމިގެން ސުޝްމީތާ ބުންޏެވެ. ސުޝްމީތާ ބުނީ އަލް އަޞްރު ސޫރަތަކީ ހަމައެކަނި ދެ ޤައުމަކަށް އޮތް މެސެޖެއް ނޫންކަމަށާއި އެއީ ހުރިހައި ޤައުމަކަށް ވެސް އޮތް މެސެޖެއް ކަމަށެވެ. އަދި މިއީ ޞަބްރު ވެރިވުމަށް (ކެތްތެރިވުމަށް) ބާރުއަޅާ ސޫރަތެއްކަން ވެސް ސުޝްމީތާ ފާހަގަކުރި އެވެ.

އަލް އަޞްރު ސޫރަތަކީ ކީރިތި ޤުރުއާނުގެ 103 ވަނަ ސޫރަތެވެ. މިއީ މައްކާގައި ބާވައިލެއްވުނު ސޫރަތެކެވެ.

بسم الله الرحمن الرحيم

﴿١﴾ وَالْعَصْرِ
ޒަމާން ގަންދެއްވަމެވެ.

﴿٢﴾ إِنَّ الْإِنسَانَ لَفِي خُسْرٍ
ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ.

﴿٣﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ.

 

ސުޝްމީތާ ސެން ފިލްމީ ދާއިރާއަށް ވަނީ 1996 ވަނަ އަހަރު ފިލްމު ‘ދަސްތަކް’ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.