ފިލްމު ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ އާ ފިލްމު “ސާޔާ” މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރާނެ އެވެ. ބެލުންތެރިން މި ފިލްމު ޕްރިމިއާކުރާނެ ވަގުތަކަށް އިންތިޒާރުކުރަމުން އަންނަ އިރު މިފަހަރު މި ފިލްމު ބަލާހިތުން ތިބި މީހުންގެ ލިސްޓްގެ ކުރީ ސަފުގައި މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފާޠިމަތު ނަހުލާވެސް ހިމެނޭކަން ނަހޫގެ ޕޯސްޓަކުން ޔަޤީންކުރެވެއެވެ. މިމަހު ހަވަނަ ދުވަހު ފޭސްބްކްގައި ޔޫއްޕެ އަދި ޝަފީޤަށް ޓެގްކޮށް ނަހޫ އާއްމުކުރި ޕޯސްޓަށް ސަމާލުކަން ދެވުނީ ނަހޫ ބުނެފައިވާ އިބާރާތްކޮޅުގެ ސަބަބުންނެވެ.

“ޕްރިމިއާ ޝޯއަކަށް ނުދާތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު މާދަމާރޭ (07 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ) މި ފިލްމު ބަލައިލައިން މި ދަނީ ބަލާހިތުން.”

— މަޝްހޫރު ޑައިރެކްޓަރ ފާޠިމަތު ނަހުލާ

ޝައި ޕްރޮޑަކްޝަންގެ ފިލްމު “ސާޔާ” އަކީ މިހައިތަނަށް ޔޫއްޕެ ޑައިރެކްޓްކުރި ފިލްމުތަކުން ޚުދު ޔޫއްޕެ އެންމެ ހިތްހަމަޖެހޭ ފެންވަރަށް ޑައިރެކްޓްކުރެވުނު ފިލްމެވެ. ހަމަ އެހެންމެ ފިލްމުގެ ޕްރޮޑިއުސަރު ޝަފީޤްވެސް ބުނެފައިވަނީ މިއީ މިހައިތަނަށް ޔޫއްޕެގެ އެންމެ ތަފާތު އެއް މަސައްކަތް ކަމަށެވެ. ޔޫއްޕެވެސް ބުނަނީ މިއީ އޭނާގެ އެންމެ ތަފާތު އެއް މަސައްކަތް ހިމެނޭ ފިލްމު ކަމަށެވެ.

މިހައިތަނަށް ދޫކޮށްލާފައިވާ މި ފިލްމުގެ މަންޒަރުތަކުން ތަފާތު ގިނަގުނަ އިޙްސާސްތަކެއް ފެނިގެންދާއިރު، ބެލުންތެރިންވެސް އިންތިޒާރުކުރަމުން ދަނީ ފިލްމު ރިލީޒްކުރާނެ ވަގުތަކަށެވެ.

މި ފިލްމުން ދައްކުވައިދޭނީ ވަރަށް ލޯބިން އުޅޭ ދެމަފިރިއެއްގެ ދިރިއުޅުމަށް ތިންވަނަ މީހަކު ވަދެ ދެން ހިނގާ އެކިއެކި ހާދިސާތަކެކެވެ. އެހެންކަމުން މި ފިލްމު ވެގެންދާނީ ދިވެހި ސިނަމާއަށް ތަފާތު ވާހަކަ އަކަށެވެ.

ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ކެމެރާކުރީ މަޝްހޫރު ކެމެރާމަން މާސްކޭ އެވެ. ބެކްމިއުޒިކް ހެދީ އައްޔުމަން ޝަރީފެވެ.

ފިލްމުގެ މުހިންމު ރޯލަކުން ވެސް ޔޫއްޕެ ފެނިގެންދާނެ އެވެ. މީގެ އިތުުރުން ދެން އެންމެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހިމް ޖިހާދު (ޖިމީ) އެވެ. މީގެ އިތުރުން މުހައްމަދު މަނިކާއި އަހްމަދު ނިމާލް ވެސް ފެނިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.