ނަވީލް އިރަމްއާ ހަތަރުކަޅި ހަމަކޮށްލަމުން އިރަމްގެ މޫނަށް ނަޒަރުހުއްޓާލިއެވެ. އިރަމް އަށްވެސް ބެލެނީ ހަމަ ނަވީލްގެ މޫނަށެވެ. ފެންނަ ކޮންމެ މީހެއްގެ މޫނުން އިރަމްއަށް ހޯދެނީ ހުވަފެނުގައި ފެންނަ ޒުވާނާއެވެ.

“އިރަމް! އިރަމް ދަސްކޮށްލާނެ ޗާންސެއް ލިބިދާނެތަ؟” އަނެއްކާވެސް ވާހަކަދައްކަން ފެށީ ނަވީލްއެވެ.

” އޯކޭތަ އަތުގަ ހިފާލިޔަސް؟” ކުއްލިއަކަށް އިރަމް ކުރި ސުވާލުން ނަވީލް ހައިރާންވި ނަމަވެސް މޫނުމަތިން ހިތްހަމަ ޖެހުމުގެ އަސަރު ފާޅުވޭވެ ހުއްޓެވެ. ނަވީލްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އިރަމް ނަވީލްއާ ގާތްވެލިއެވެ. ނަވީލްގެ ހޫނު ނޭވާ އިޙްސާސް ކުރެވޭހާ ކައިރިއަށެވެ.

އިރަމް ބޭނުންވީ އިރަމްއަށް ތަފާތު އިޙްސާސެއް ކުރެވޭތޯ ބަލާށެވެ. ހުވެފެނުގައި އިރަމްއަށް ކުރެވޭ އިޙްސާސްތައް ކުރެވޭތޯ ބަލާށެވެ. ކުއްލިއަކަށް ނަވީލްގެ އަތުން އަތް ދަމައިގަންނަމުން އިރަމް ނަވީލްއާ ދުރަށް ޖެހިލިއެވެ. ވާނުވާ ނޭނގި ހުރި ނަވީލް ހުރީ ހާސްވެފައެވެ.

“އިރަމް؟ ކަމެއްވީތަ؟ ކިހިނެއްތިވީ އިރަމްއަށް؟ އަހަރެންމީ ގޯސްމީހެއްނޫނޭ.. އިރަމްގެ ނުރުހުމުގައި އަހަރެން އެއްކަމެއްވެސް ނުކުރާނަމޭ.” ނަވީލްގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމެވެ.

“އައިި ކާންޓް ޑޫ ދިސް. ހުރެޔޭ އިރަމް ލޯބިވާ ކުއްޖެއް.” އިރަމް ބާރުބާރަށް ހިނގައިގަތެވެ. އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުންނަން އިރަމް ބޭނުންނުވާ ކަހަލައެވެ. އިރަމް ދާތަން ބަލަން ނަވީލްއަށް ހުރެވުނީއެވެ. ހުރި ފިޔަވަޅުމަތީގައި ގުޑިލަންވެސް ނޭނގިފައެވެ. އިރަމްގެ އެހަރަކާތުންނާއި ކަންތައްކުރި ގޮތުން ނަވީލްގެ ހިތަށް ބުނެދޭން ނޭނގޭކަހަލަ އަސަރުތަކެއް ކުރުވި ކަހަލައެވެ. ކަރު އެލުވާލަމުން ނަވީލް ހިނގައިގަތީ ގެޔަށް ދިއުމަށެވެ.

.·:*¨ ¨*:·.

ކޮޓަރިއަށް ވަންގޮތަށް އިރަމްއަށް އެނދު މައްޗަށް ވެއްޓި ގަނެވުނެވެ. ފެންކަޅިވެފައިވާ އިރަމްގެ ދެލޯ މަރާލުމާއެކު ދެލޮލަށް ގިނަވެފައިވާ ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ.

ކެތްނުކުރެވޭ ވަރަށް ނުތަނަވަސް ޚިޔާލުތަކުން އިރަމްގެ ސިކުނޑި ފުރުނީމަ ވާނީވެސް އެހެންނެވެ. ހުވަފެން ފެނުން ހުއްޓުންވެސް ވެގެންދިޔައީ އިރަމްއަށް ކެތްކުރެވޭ ވަރުގެ ކަމަކަށްނޫނެވެ. ނުހާ ފިޔަވާ އެވާހަކަތައް އިރަމް ހިއްސާކުރާނެ އިތުރު މީހެއްވެސް ނެތެވެ. ނަމަވެސް ފަހުން ފަހުން ނުހާގެ ވާހަކަތައް ހުންނަގޮތުން ނުހާ ކައިރީގަވެސް އެއްވެސް ވާހަކައެއް ދައްކަން އިރަމް ބޭނުން ނުވަނީއެވެ. ހިތް ބުނަނީ އެހުވެފެން ފެނުމުގެ ކޮންމެވެސް ސަބަބެއްވާނެ ކަމަށެވެ. ނަމަވެސް އިރަމްގެ ސިކުނޑި ވިސްނައިދެނީ އިރަމްއަށް ކުރެވޭ ޚިޔާލުތަކަކީ މޮޔަކަމެއް ކަމަށެވެ. ހިތާއި ސިކުނޑިއާ ދެމެދު ހަނގުރާމަކޮށްކޮށް އިރަމް މިހާރު ވަރުބަލިވެއްޖެއެވެ.

ދެލޯ މަރާ ބާރުކޮށްލައިގެން އޮތް އިރަމް ސިހުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށެވެ.

“ކަމަކުތަ؟” ދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި ޔާން ފެނިފައި އިރަމްވީ ފޫއްސެވެ.

“ކަމަކު ނޫނިއްޔާ ވާހަކަދައްކައިގެން ނުވޭތަ؟” ޔާން ހިިނިތުންވެލަމުން އިރަމްގެ ދެލޮލަށް ބަލާލިއެވެ.

“ރޮނީތަ؟” އިރަމްއަށް ޖަވާބު ނުދެވި އުޅެނިކޮށް ޔާން ދެވަނަ ސުވާލެއްކޮށްލިއެވެ.

“ތިންވަނަ ސުވާލަކަށް މިތަނުން ދާންވީތޯ އަހާލަންވީނު!” ޔާންގެ މޫނުމައްޗަށް ދޮރު ލައްޕައިލަމުން އިރަމް ވާހަކަދެއްކީ ހަރުކަށިކަމާއި އެކުގައެވެ.

ނަމަވެސް ކަންތައްވީ އިރަމް ހީކުރިގޮތަކަށް ނޫނެވެ. އިރަމްގެ ފަހަތުން ޔާން ކޮޓަރިއަށް އައިސް ވަނީއެވެ.

” އެޓިޓިއުޑް ލެވެލް ހާދަ މަތީގައޭ ދޯ ތިހުންނަނީ.” އިރަމްގެ ކޮޓަރިތެރެއަށް ކަޅި އެއްލަމުން ޔާން އައިސް ހުއްޓިލީ އިރަމްގެ ކުރިމަތީގައެވެ.

” މިހެންތަ އިރަމްގެ ރޫމް ގެންގުޅެނީ؟ ވެރީ އަން އޯގަނައިޒްޑް!” ޔާން ބޭނުންވީ އިރަމް ރުޅިގަދަ ކޮށްލާށެވެ. ވީވެސް އެހެންނެވެ. ދެބުމަ ގޮށްޖަހާލައިގެން އިރަމް ޔާންއަށް ބަލަމުންދިޔައީ ވަރަށް ރުޅިއައިއްފައި ހުރެއެވެ.

“މެނާސް ހުންނަ މީހާ މިކޮޓަރިއަށްވަދެ ތިހުރީ ކާކު ހުއްދަދީގެން؟ ދަސްވެފަ ނެތް ދޯ މީހުންގެ ތަންތަނަށް ވަންނައިރު ހުއްދަ ހޯދަން ޖެހޭނެކަމެއް؟ ނިކުމޭ މިތަނުން މިހާރު!” ޔާން އާ ދިމާއަށް އިނގިލި ދިގުކޮށްލަމުން އިރަމް އަމުރުކޮށްލިއެވެ.

“ތި އަމުރަށް ކިޔަމަންވާނަން ހަަމަ އުފަލުން.” ހެމުން ހެމުން ޔާން ކޮޓަރިން ނިކުންނަން ހިނގައިގަތީ އިރަމްއާ ހަތަރުކަޅި ހަމަކޮށްލަމުންނެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން އިރަމް ދުރަށް މޫނު އަނބުރާލިއެވެ. އަދި ޔާން އަށް ކުދި ކިޔަމުން ގޮސް ކޮޓަރި ދޮރު ތަޅުލިއެވެ.

.·:*¨ ¨*:·.

ދުވަސްތައް މާޒީގެ ސޮފްޙާތައް ފުރަމުން ދިޔައިރު މިއަދަކީ އިރަމްގެ އޯލެވެލް އިމްތިހާނު ފެށުނު ދުވަހެވެ. އަދި އަމީރާއާއި އޭނަގެ ދަރިފުޅު ފުރާވެސް ދުވަހެވެ. އެކަމާ އިރަމް ހުރީ އިންތިހާ ދަރަޖައަށް އުފަލުންނެވެ.

“މިއަދު މަންމަ ނެތީތަ؟ އިރަމް އެކަނި ސްކޫލަށް ދެވެނީތި؟” ނުހާއާއި އިރަމް ހިނގަމުންދިޔައީ ސްކޫލަށް ދިއުމަށެވެ.

“ވެއްޖެ މަންމަގެ ބެސްޓީއާއި ދެން ހުރި މަންކީ ފުރުވަން ގޮސް. ހުވާ މިބުނީ ބޮލަށް ފަސޭހަވެއްޖެ.” ފަޒާގެ ތެރެއަށް ފުންނޭވާއެއް އިރަމް ދޫކޮށްލީ ހިތަށް ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުންނެވެ.

“ތި އެއްނޫނޭ. ޔޫ ކިހިނެއްތަ ނަވީލްއަށް ހެދީ؟ މީޓްކޮށްފަ ކިހިނެއްތަ ހެދީ؟” ކުއްލިއަަކަށް ހަނދާންވުމާއެކު ނުހާއަށް އަހާލެވުނެވެ.

“އަޅޭ. އޭނަ އެއްޗެއް ބުނީތަ؟” ނުހާގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އިރަމް ބޭނުންވީ ނަވީލް ބުނީ ކީކޭތޯ ބަލާށެވެ.

“އޭނަ މާގިނަ ވާހަކައެއް ނުދައްކާ. އެކަމަކު ވަރަށް ޑައުންވެފަ ހުރީ. ބުނީ އިރަމް ލޯބިވާ ކުއްޖެއް ހުރެޔޭ. އެކާކު ހޯ.” އިރަމްއާ ދިމާއަށް ނުހާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“އަހަރެންނަށް ނޭނގޭ ލޯބިވެރިއެއް އިރަމްގެ ހުރީތަ؟ ޕްލީސް ޑޯންޓް ޓެލްމީ ހުވަފެނުގެ ފެންނަ ކުއްޖާއޭ އިރަމްގެ ލޯބިވާއަކީ.” ނުހާގެ އަޑުގައިވަނީ ސީރިއަސްކަމެވެ.

“ޑައުން ފީލްވީއޭ؟. ނަވީލް؟ ދެން އެންމެ ދުވަހަކުން އެހާ ލޯބިވެވޭނެ؟ އެކިހިނެއްތަ ލޯބިވަނީ އަޅެ.” ނަވީލް ޑައުންވެފައި ހުރި ވާހަކަ ނުހާ ބުނުމުން އިރަމްއަށްވީ މަޖާ ކަމަކަށެވެ.

“އިރަމް ދެން ކީއްވެތަ ތިހެން ތިއުޅެނީ؟ ބިލާހެއްގެ ފަހަތުން؟” ނުހާގެ ސުވާލުން އިރަމް ހިމޭންވިއެވެ. ދޭނެ ޖަވާބެއްވެސް ނެތީމައެވެ.

“ބަސް ހުއްޓުނީ؟ އެނގެޔޭ ތިހެންކަން ވާނީ. އިރަމް އަސްލުވެސް ތި ހުވަފެނަކީ ހަޤީޤަތެއް ނޫނޭ. ނަވީލްއާ އަދި އެއްފަހަރު މީޓް ކޮށްލަންވީނު.” ނުހާ އަދިވެސް މަސައްކަތް ކުރަމުންއެދަނީ އިރަމްއަށް ވިސްނައިދެވޭތޯއެވެ.

“ނޯ ވޭ. އެގްޒާމްއޭ. މި ނޫން ކަމަކާ ވިސްނޭކަށް ނެތޭ. ތީނަ އަބަދު ތިހެން ކިޔާތީ ހުވަފެންވެސް ނުފެންނަނީ މިހާރު.” އިރަމްއަށް އެހެން ބުނެވުނުއިރު ސްކޫލަށްވެސް އާދެވިއްޖެއެވެ. އެކަކު އަނެކަކަށް ބެސްޓް ވިޝެޝް ދިނުމަށްފަހު އިމްތިހާން ހޯލާ ދިމާއަށް ދެމީހުންވެސް ހިނގައިގަތެވެ.

.·:*¨ ¨*:·.

“މަންމާ! އަޅެ އިރަމް އަދި ވަރަށް ކުޑައޭ. ކިޔަވަންވެސް ޖެހޭނެނު.”އީރާ އާއި މަންމަ ސާރާ ވާހަކަ ދައްކަން ތިބީ ގޭގެ ސިޓިންގރޫމްގައެވެ. ސާރާ ދައްކަމުންދިޔައީ އަށާރައަހަރު ފުރޭ އިރަށް އިރަމްގެ ކައިވެނި ކުރުވަން ބޭނުންވާހަކައެވެ.

“އީރާވެސް ތިއުޅެނީ އަށާރަ އަހަރުގަ މީހަކާއި އިނދެގެން. ކިހާ އުފަލުގަ ދަރިފުޅު ތިއުޅެނީ!” ސާރާގެ ޚިޔާލު ތަފާތެވެ.

އީރާ މަންމައާ ދިމާއަށް ބަލާލުމަށްފަހު އިސްޖަހާލިއެވެ. އުފާ ވާނީ ކިހިނެއް ހެއްޔެވެ؟ އީރާގެ ފިރިމީހާ ރުހާމް ވަރަށްވެސް ރަނގަޅެވެ. ނަމަވެސް ކިޔަވަން ރާއްޖެއިން ބޭރުގައި ހުންނަތާ ފަސްއަހަރު ވެއްޖެއެވެ. އަހަރަކުން އެއްފަހަރު ސާދަ ދުވަހަށް އީރާ ކައިރީގައި ހުރެއެވެ.

“މަންމަ ކަންތައް ކުރާނީ ތިކުދިންނަށް ރަނގަޅަކަށް. ޔާންއަކީ އިރަމް ގެންގުޅެވޭނެ ފެންވަރުގެ ކުއްޖެއް. ކޮންމެ ކޮންމެ މީހަކާއި އިރަމް ގުޅިގެން ދިރިއުޅުން ހަލާކުވާނީ.” އީރާގެ ހިމޭންކަން ފެނިފައި މަންމަ ސާރާ އިތުރުކޮށްލިއެވެ.

“ޔާން؟ އެކަމަކު މަންމާ! އަޅުގަނޑަކަށް ހިއެއްނުވޭ އިރަމް ޔާންއާ މާ ގަޔާވާހެން.” އީރާއަށް ފެނުނު މަންޒަރަކުން އީރާއަށް ހީވާ ހީވުން މަންމައާ ހިއްސާކޮށްލިއެވެ.

“އެކީއްވެ؟ ކިހިނެއް އީރާއަށް ތިހެން ހީވަނީ؟” ސާރާގެ އަވަސް ރާގުން އޭނާ ހުރީ ހާސްވެފައި ކަހަލައެވެ.

“ކުރީ ދުވަހަކު ވަރަށް ރުޅިއައިއްސަ ޔާންގެ މޫނުމައްޗަށް ދޮރު ލެއްޕިތަން ފެނުނު.” އީރާގެ ވާހަކަ އަޑުއަހާފައި މަންމަ ސާރާއަށް ހެވުނެވެ.

“އެހެން އުޅޭނެ. އިރަމްގެ ރުޅި ހުންނަ ގޮތް އެނގޭނު. އިންޑިޔާގެ ބޯޑިންގ ސްކޫލްގަ އެއްއަހަރު ދުވަހު ހުންނަން ޖެހުނީމަ އިރަމްގެ ހުރޭނު ފާޑެއްގެ ރުޅިއެއް.” ސާރާގެ ވާހަކަ ކުއްލިއަކަށް ހުއްޓުނީ ދޮރުމަތީގައި ހުރި އިރަމް ފެނިފައެވެ.

“އަނެއްކާވެސް އެވާހަކަ ފެށީތަ؟ އެއް އަހަރެއް ނޫނެއްނު. ދެއަހަރު ނުވާ ތަންކޮޅެއްނު. އަނެއްކާވެސް ބޯޑިންއަށް ފޮނުވާލާ. ބޮލަށް ފަސޭހަވާނެ.” ރޮމުން ރޮމުން އިރަމް ދުވެ ގޮސްވަނީ ކޮޓަރިއަށެވެ. ނުރުހިފައި މަންމަގެ މޫނަށް ބަލާލަމުން އީރާވެސް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

އުމުރުން އެގާރަ އަހަރުގައި އިރަމްގެ މަންމަ ސާރާ އިރަމް އިންޑިޔާގެ ބޯޑިންއަށް ފޮނުވާލީ އިރަމް ރޮއެރޮއެ އޮއްވައެވެ.

އެދުވަސްތަކުގެ ވާހަކަ ދައްކަން އިރަމް ބޭނުންނުވާކަން މަންމައަށް ހަމަރަނގަޅަށްވެސް އެނގޭނެއެވެ. ނަމަވެސް އެނދުމަތީގައި ރޮއެރޮއެ އޮތް އިރަމްގެ ލޯމައްޗަށް ސިފަވަމުންދިޔައީ މީގެ ހަތަރު އަހަރުކުރީގެ ހިތްދަތި ދުވަސްތަކެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް