މިހައިތަނަށް ރާއްޖޭގެ ފިލްމީ ދާއިރާގައި އުފައްދާފައި ފިލްމުތަކުން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވާ “ކަމަނާ”ގެ މިސްރާބު ތައިލެންޑްގެ ބެންކޮކަށް ޖަހައިފިއެވެ. ވިޔަފާރީގެ ގޮތުން ވެސް މީގެ ކުރިން ދިވެހި ފިލްމަކަށް ލިބިފައި ނުވާ ފަދަ ބޮޑު ނަފާއެއް ލިބިފައިވާ “ކަމަނާ”ގެ ގިނަ ޝޯތަކެއް ދައްކާފައިވާއިރު، މިވަގުތުވެސް ރާއްޖޭގެ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި މި ފިލްމުގެ ޝޯތައް ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “ކަމަނާ” ބެންކޮކްގައި ދައްކަން ހަމަޖެހިފައިވަނީ 05 އޮކްޓޫބަރު 2924 ވަނަ ދުވަހު އެވެ. ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ “ދަ މެޓް ކޮންޑޮމީނިއަމްގެ 09ވަނަ ފަންގިފިލާގައި ހުންނަ އެކްޓިވިޓީ ރޫމް”ގައެވެ. ފިލްމުގެ ޓިކެޓް ހޯދުމަށް 9644324 އަށް ގުޅުމަށް ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

އޮލިމްޕަހުގައި ކާމިޔާބު 37 ހައުސްފުލް ޝޯ އަށްފަހު ދިވެހި ފިލްމު “ކަމަނާ” ހުޅުމާލޭ ޝްވެކް ސިނަމާގައި މި މަހު 20 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާފައިވެއެވެ.

މީގެ އިތުރުން މި މަހުގެ 19 އާއި 20 ގައި އައްޑޫ ސިޓީ ގަމުގެ ބްލޫ ލެގޫންގައި “ކަމަނާ” ފިލްމުގެ ހައުސްފުލް ޝޯތަކެއް ދައްކާފައިވާ އިރު، 21 ވަނަ ދުވަހުގެ ރޭ ހުޅުމީދޫގައި ވެސް ފިލްމު ޝޯއެއް ދައްކާފައިވެ އެވެ. އައްޑޫގެ ގުޅިފައިވާ އަވަށްތަކުން “ކަމަނާ” އަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ވަދާއި ޝޯތަކެއް އަންނަ މަހުގެ 3 އާއި 4 ގައި މަރަދޫގެ ބޮޑޮގޭގައި ދައްކާނެ އެވެ.

“ކަމަނާ” އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ޝާނީޒް އަލީ ޕްރޮޑިއުސްކޮށް ހުސައިން މުނައްވަރު ޑައިރެކްޓްކުރި ފިލްމެކެވެ. ގެވެށިއަނިޔާ އަށް ބިނާކޮށް ހަދާފައިވާ މި ފިލްމުގެ ލީޑް ތަރިންނަކީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން އައިނިމަތު ރަޝްފާ (އާޝާ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.