މި އަހަރު އެންމެ ފުރަތަމަ ރިލީޒްކުރާ ދިވެހި ފިލްމު “އަބަދަށް” މާލޭގައި ޕްރިމިއާކުރާ ވަގުތު، އަތޮޅުތެރޭގެ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވައިލެވިފައި ވާކަމަށް ފިލްމުގެ ޕްރޮޑިއުސަރު ޙުސައިން ނޫރައްދީން ނާޞިރު (ނޫރް) ބުނެފިއެވެ. މުނިއަވަސްއާ ވާހަކަދައްކަމުން ރޭގެ ވަގުތެއްގައި ނޫރު ބުނީ ރަށްރަށުގައި ފިލްމު އެޅުވުމުގެ ކަންކަން މާލެއެކޭ އެއްގޮތަށް ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ފިލްމު “އަބަދަށް” އޮލިމްޕަހުގައި ޕްރިމިއާކުރަނީ މިމަހު 28ވަނަ ދުވަހުގެ ރޭގައެވެ. ހަމަ އެރޭ މާލެއެކޭ އެއްގޮތަށް ހއ އަދި ހދ އަތޮޅުގެ ބައެއް ރަށްރަށުގައިވެސް މި ފިލްމު ޕްރިމިއާކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ގއ އަދި ގދ، ފުވައްމުލައް އަދި ސ. އަތޮޅުގައިވެސް ފިލްމު ޕްރިމިއާކުރަން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ނޫރް ބުންޏެވެ.

“ގއ އަދި ގދ، ފުވައްމުލައް އަދި ސ. އަތޮޅުގެ ރަށްތަކުގައިވެސް އެޅުވޭނެ ކަމަށް މި ބަލަނީ. އެހެންނަމަވެސް އެ ރަށްތައް އަދި ކޮންފާރމެއް ނުވޭ. އެހެން ނަމަވެސް ހއ، ހދ އޯލްރެޑީ ކޮންފާރމްޑް.”

* ޕްރޮޑިއުސަރ ޙުސައިން ނޫރައްދީން ނާޞިރު (ނޫރް)

“އަބަދަށް” ފިލްމު ރަށްރަށުގައި ދައްކަން ބޭނުންވާ ހުރިހައި ފަރާތަކަށްވެސް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މާލޭގައި ފިލްމު ޕްރިމިއާ ހަފުލާ ނިމިގެން ދައްކަން ފަށާ ވަގުތު ރަށްރަށުގައި ތިބި ފަރާތްތަކަށްވެސް ފިލްމު ބަލައިލުމުގެ ފުރުޞަތު ދިނުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބޭނުންވެއެވެ.

ފިލްމު ޕްރިމިއާކުރާ ރޭ ރަށްރަށުގައި ފިލްމުދައްކަން ފެށުމުގެ ކުރިން މާލޭގައި އޮންނަ ޕްރިމިއާ ހަފުލާވެސް ދެއްކޭނެ ގޮތް ހެދުމަށް ފިލްމުގެ ޓީމުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި ފިލްމުގެ ޕްރިމިއާ އިވެންޓަކީ ފެންވަރު ރަނގަޅު އަދި ގިނަ ސަޕްރައިޒްތަކެއް ފެނިގެންދާނެ އިވެންޓެއްކަމަށް ނޫރް ފާހަގަކުރިއެވެ.

ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ވިއްކަން ފެށިތާ ހަ ގަޑިއިރު ތެރޭގައި ހުރިހާ ޓިކެޓެއް ވިކި ހުސްވިއެވެ. އަދި ދެވަނަ ޝޯއާއި ތިންވަނަ ޝޯގެ ޓިކެޓު ވިކި ހުސްވެގެން އިތުރު ތިން ޝޯއަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ޝޯތަކުގެ ޓިކެޓު އޮލިމްޕަހުގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެ އެވެ.

މި ދުވަސްކޮޅު ހޮޓްލައިން ނަންބަރަށް ގުޅާއިރު، ގިނަ ފަހަރަށް ބިޒީވާނެތީ، ރަށްރަށުގައި ފިލްމު އެޅުވުމަށް ބޭނުންވާ ފަރާތްތަކުން، ފޯނު ކުރުމުގެ ބަދަލުގައި މެސެޖު ކުރުމަށް ވެސް ނޫރު ބުންޏެވެ.

“މާލޭގަ ފިލްމު ޕްރިމިއާކުރާ ވަގުތު ނުވަތަ އެހެން ރޭރޭ ވެސް ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން ހޮޓްލައިން ނަންބަރު 7447555 އަށް ގުޅުމުން ނުވަތަ ވައިބާ މެސެޖު ނޫނީ އެސްއެމްއެސް ކޮށްލުމުން އަޅުގަނޑުމެން ކޯލްބެކް ކުރާނަން، މި ބަލަނީ ވީވަރަކުން ހުރިހާ ރަށަކަށްވެސް ފުރުސަތު ދެވޭތޯ،.”

* ޕްރޮޑިއުސަރ ޙުސައިން ނޫރައްދީން ނާޞިރު (ނޫރް)

އަބަދަށް ފިލްމުގެ ޓިކެޓެއް ވިއްކަނީ 150 ރުފިޔާ އަށެވެ.

މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުޙައްމަދު އާއި ޝާރިފް އަހުމަދުގެ އިތުރުން ސޫޒަން އިބްރާހީމްފުޅެވެ.

ދިވެހި ފިލްމު “އަބަދަށް”01 މޭ 2025ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30ގައި އދ. ދަނގެތީ ޒުވާނުންގެ ކުލަބުގެ ހޯލުގައިވެސް ދައްކާނެ އެވެ، ދަނގެތީ ޝޯއަށް ޓިކެޓް ހޯއްދެވުމަށް 9896628 އަށް ގުޅުއްވުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.