އައިކާ ވެއްޓުނުގޮތް ފެނުމުން އެޒުވާނާ ގާތަށް ހިނިއައި ނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދާލަމުން އައިސް އައިކާއާ ތަންކޮޅެއް ދުރުން ތިރިވެ ހަތަރެސްފައި ޖަހައިގެން އައިކާއާ ދިމާއަށް ދާން ފެށިއެވެ.
އައިކާ އޭރުވެސް މަސައްކަތްކުރަމުން ދިޔައީ އެ ހޮރުން އޭނާގެ ފައި ނެގޭތޯއެވެ. ނަމަވެސް ގެންފައި ހުރި ބިރެއްގެ ސަބަބުން އޭނާއަށް އެ ހޮރުން ފައި ނެގުނު ކަމަކަށްވެސް ނުވިއެވެ. އެޒުވާނާ އައިސް އޭނާއާ ހަމަވެފައި، އެއްމިޔަކަނުން ހީލަމުން ނެގީ އައިކާގެ އަތް ކައިރީގައި އޮތް ސޯޓެވެ. އެ ސޯޓު ނެގުމަށްފަހު އޭނާ ދާން ހިނގައިގަތުމުން އައިކާއަށް ހައިރާންވެފައި ބަލާލެވުނެވެ. އެ ސޯޓު އޭނާގެ ކައިރީގައި އޮންނަންވީ ގޮތެއް އޭނާއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އޭނާ އެވިސްނުމުގައި އިނދެފައި އެޒުވާނާއަށް ބަލާލެވުނު ވަގުތު އެޒުވާނާވެސް އެނބުރި ބަލާލައިފިއެވެ. އަދި އެއްލޯ މަރާލުމުން އައިކާއަށް އިސްޖަހާލާފައި ތިރީ ތުންފަތުގައި ދައިގަނެވުނީ ރަކިވީ ވަރުންނެވެ. އެޒުވާނާ އޭނާއާ ދޭތެރޭ މިހާރު ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ އައިކާ އަވަސްއަވަހަށް ތެދުވެ ގައިން ވެލި ފޮޅާލަމުން ގެއާ ދިމާއަށް ހިނގައިގަތީ އޭނާގެ މަންމަ އޭނާ ހޯދާނެކަން އެނގޭތީއެވެ. ގެއަށް އައިސް ވަތްއިރު ސަނާ އުޅެނީ އައިކާ ދިޔަތަނެއް ނޭނގިގެން ކަންބޮޑުވެގެންނެވެ.
“މިހާ ހެނދުނާ ކޮންތާކަށް ގޮސްފަ ތިއައީ؟ މަންމަ މިއުޅެނީ ދަރިފުޅު ދިޔަތަނެއް ނޭނގިގެން.. ދާތާކަށް ބުނެލާފަ ދާނަމަ ދިޔަތަނެއް ނޭނގިގެން އުޅޭކަށް ނުޖެހޭނެއެއްނު..” ގެއަށް އައިސް ވަނުމާއެކު ސުވާލުތައް އެއްފައްޗަކަށް އަމުނާލިއެވެ.
“މަންމާ! އިރުއަރާ މަންޒަރު ބަލާލަންނޭ ދިޔައީ.. އެއީ ދެން އެވަރު ކަމެއް ނޫނެއްނު.. މަންމަ އެހާ ހާސްނުވެބަލަ.. އިރާދަކުރެއްވިއްޔާ އަހަރެންނަކަށް އެއްވެސް ކަމެއް ނުވާނެޔޭ..” އައިކާ ސަނާގެ ހިތްހަމަޖައްސައިދިނުމަށްޓަކައި އެހެން ބުނެފައި ގޮސް ބަދިގެއަށް ވަނުމުން ސަނާވެސް ގޮސް ބަދިގެއަށް ވަނެވެ.
“މަންމަ މިހާރު ސައިވެސް ހަދާ ނިންމީތަ؟”
“ނޫނޭ.. އަދި ރޮށި ނުފިހެ މިއުޅެނީ..” ސަނާ އެހެން ބުނުމާއެކު އައިކާ ގޮސް ފުށްމޮޑޭ ތަށި ހިފައިގެން އައިސް ފުށްމޮޑެން ފެށިއެވެ. އައިކާއަކީ ކައްކާ ހިތްވާ ކުއްޖެއްކަމުން މަންމައާއެކު ބަދިގެއަށް ވަދެ އުޅުމުގެ ތެރޭގައި އޭނާ ވަނީ ކައްކަން ދަސްކޮށްފައެވެ. ކުޑައިރުކޮޅެއް ކުރިން އަތިރިމަތިން ދިމާވި ހާދިސާ ހަނދާންވުމުން އޭނާ ގާތަށް ހިނިއަންނަ ގޮތްވިއެވެ. ކަންތައް މިވީގޮތުން އޭނާއަށް ދެން އެޒުވާނާ ފެންނަ ހިސާބަށްވެސް ދާކަށް ނުކެރޭނެއެވެ. ނަމަވެސް ލިހާމްގެ ރައްޓެއްސެއް ވިއްޔާ ހުންނާނީ ލިހާމްގެ މަންމަގެ ގޭގައިކަން އޭނާއަށް ޔަޤީންވެއެވެ. ވީއިރު އެޒުވާނާއާ ދިމާނުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ލިހާމް މަންމަގެ ގޭ ކުރިމަތީ ހުންނަ “އާބާދު” ފިހާރައަކީ އައިކާމެން އަބަދުވެސް ވިޔަފާރިކުރާ ފިހާރައެވެ. އެއްޗެހި އަގުހެޔޮވެފައި އެގެއާ އެންމެ ކައިރީގައި ހުންނަނީ އެފިހާރައަށް ވާތީއެވެ. އަނެއްކޮޅުން އެއީ މާޒްމެންގެ ފިހާރައަށްވެފައި މާޒްގެ އާއިލާއިން އައިކާގެ އާއިލާއާ ދޭތެރޭ ބަހައްޓާ ޚާއްސަ ގޮތަކުންވެސްމެއެވެ.
މެންދުރުފަހުގެ ވަގުތުގައި ފިހާރައަށް ދާން ޖެހުމުން އައިކާ ކުޑަކޮށް ފިނިވިއެވެ. އެޒުވާނާއާ ކުރިމަތިލާން ނުޖެހިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅޭ އޭނާގެ ހިތަށްއެރިއެވެ. އެހެން ހިތާ އޭނާ ފިހާރައަށް ދާން ހިނގައިގަތެވެ. ފިހާރަ ހުންނަ މަގަށް އަޅާފައި ރަނގަޅަށް ބަލާލީ އެޒުވާނާ މަގުމަތީގައި ހުރެދާނެތީއެވެ. މަގުމަތިން އެޒުވާނާގެ އެއްވެސް ޚަބަރެއް ނުވުމުން އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެޒުވާނާއާ ދިމާނުވޭތޯ ހިތާހިތުން ދުޢާކުރަމުން ގޮސް ފިހާރައަށް ވަނެވެ.
“ދީބަލަ ފިޔާ ކިލޯއެއް..” އައިކާ އެހެން ބުނެލުމުން މާޒް ހިނިތުންވެލާފައި ފިޔާ ކިރަން ދިޔައެވެ.
“ކޮބާ ޓެސްޓް ފަސޭހަތަ؟” މާޒްއަށް ޖަވާބު ދިނުމުގެ ގޮތުން އައިކާ ބޯޖަހާލިއެވެ.
“ސޭޓް.. ރާސްޓަސް އެބަހުރިތަ؟” ކައުންޓަރު ކައިރިއަށް ހުއްޓެމުން ޔޫޝައު އަހާލިއެވެ. އެވަގުތު އައިކާއަށް އެދިމާ ބަލާލެވުނެވެ. އެއާއެކު އޭނާގެ ހިތް ތެޅިގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. އެޒުވާނާއަށް އޭނާ ފާހަގަވުމުގެ ކުރިން އަވަހަށް ބޮޑީ ސްޕްރޭތައް ހުރި ހަރުގަނޑު ކައިރިއަށް އައިކާ ދިޔައެވެ.
“އެއީ ކޮންނަމެއް ކިޔާ މީހެއް؟ ވަރަށް ފޮނި މީހެއް ވައްތަރު ޖަހާ..” ޔޫޝައު ފިހާރައިން ނުކުތުމުން އައިކާ ކައުންޓަރު ކައިރިއަށް ގޮސް މާޒް ގާތުގައި އަހާލިއެވެ.
“ކިހިނެއްވީ؟ މީހަކު ހުންނަ ގޮތަކުން މީހެއްގެ ގޮތެއް ނޭނގޭނެއެއްނު..” މާޒް ބުނެލިއެވެ.
“ލިހާމްގެ ފްރެންޑެއް ވީމަ ހަމަ އަހާލީ.. ޖެހިގެން ހުރި ގޭގަ އުޅޭތީ މާޒްއަށްވެސް އެނގިފަ އޮވެދާނެކަމަށް..” އައިކާ ހީލާފައި ބުންޏެވެ.
“އިކާއަށް ކިހިނެއް އެނގުނީ އެއީ ލިހާމްގެ ފްރެންޑެއްކަން؟ އަދި އެގޭގަ އޭނަ އުޅޭކަން؟” ކުރިމަތީގައި ހުރި ލިލީމާގެއަށް އިޝާރާތްކޮށްލަމުން މާޒް ހައިރާންވެފައި އަހާލިއެވެ.
“އެއީ ލިހާމްގެ ފްރެންޑެއް ނޫންތަ؟ އަހަރެން ހީކުރީ ލިހާމްއާއެކު އައިތަން ފެނުނީމަ އެއީ ލިހާމްގެ ފްރެންޑެއްކަމަށް.. ލިހާމްގެ ފްރެންޑެއް ވިއްޔާ ހުންނާނީ އެގޭގައެއްނު.. އެހެންވެ އެހެން މިބުނީ..” އައިކާ އެހެން ބުނެފައި އިއްޔެގައި އޭނާ ޓެސްޓް ނިންމާފައި ގެއަށް ދިޔަ ގަޑީ ދިމާވި ކުޑަކުޑަ އެކްސިޑެންޓްގެ ވާހަކަ ކިޔައިދިނެވެ. މާޒްއަށް ބޯހޫރާލެވުނެވެ.
“އެހެންވެ ބިރުން ދޯ އޭނަ އައި އިރަށް އަވަހަށް ދުރަށް ތިދިޔައީ..” މާޒް އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ.
“ހެހެހެ.. އިކާއަކަށް ދުވަހަކުވެސް ތިނޫންވަރެއް ނުވާނެ.. އޭނައަށް ކިޔަނީ ޔޫޝައު..” މާޒް ހީލަމުން ބުނެލިއެވެ. އައިކާ ހިތާހިތުން ޔޫޝައުގެ ނަން ކިޔާލިއެވެ. ސިފަޔާ އެއްވަރަށް ނަންވެސް ރީއްޗެވެ. ނަމަވެސް އެއީ އޭނާގެ ފެންވަރެއް ނޫނެވެ. އެއަށްވުރެ މާ މަތީ ފަންތިއެއްގެ މީހެކެވެ.
“ދިހަ ރުފިޔާ..” އައިކާ ހީލަމުން ފިޔާ ކިލޯއަށް އަގު ދީފައި ދާން ހިނގައިގަތުމުން މާޒްއަށް އޭނާގެ މޭގައި ފިރުމާލެވުނެވެ. އައިކާ އިސްވެ ނުވެސް ދަންނަ ފިރިހެނެއްގެ ވާހަކަ އެހުމުން އޭނާގެ ހިތަށް ތަދުވީއެވެ. އައިކާ ޔޫޝައުގެ ވާހަކަ އެ އެހީ ހަމައެކަނި އެބުނި ހާދިސާއެއް ހިނގައިގެނެއް ނޫނޭ އޭނާގެ ހިތް ބުނެއެވެ. ޔޫޝައު އޭނާއަށްވުރެ ބަލާލަން މާ ރީތިވުމުން އައިކާގެ ހިތް ޔޫޝައުއަށް ލެނބުނީބާއޭ އޭނާގެ ހިތަށްއެރިއެވެ. އަނެއްކާވެސް އައިކާގެ ލޯތްބަށް އެދެންވީބާއެވެ.
**********
ޔޫޝައު ލިހާމްގެ ގާތުގައި ދެއްކީ މިއަދު ހެނދުނު އަތިރިމަތިން ދިމާވި ހާދިސާގެ ވާހަކައެވެ. ލިހާމް ބިނދިބިނދިފައި ހެމުން ދިޔަގޮތުން ހީވީ ދުވަހަކުވެސް މަޖާ ކަމެއް ނުފެނި އުޅޭ މީހަކަށް އަލަށް މަޖާކަމެއް ދިމާވެގެން ހޭހެންނެވެ.
“ހެހެހެ.. އޭނައަށް ކިހިނެއްތަ ވީ ދެން ޔޫޝައު އެހެން ހެދީމަ..” ހެމުން ހެމުން ލިހާމް އަހާލިއެވެ.
“ހުތްވީ..” ޔޫޝައުވެސް ހެމުން ބުނެލިއެވެ.
“އެކަމު ބުނަންތަ ވާހަކައެއް.. އެގޮތަށް އަތިރިމަތީ އުޅެނިކޮށް ތަންކޮޅެއް ހަރު މީހަކަށް ފެނިއްޖެއްޔާ ވަރަށް ގޯސްވާނެ އިނގޭ.. މާލެއާ ރަށްފުށުގެ ދިރިއުޅުމާ ވަރަށް ތަފާތުވާނެ..” ލިހާމް ސީރިއަސްވެފައި ބުނެލިއެވެ.
“މީހުން ބުންޏަސް އަހަރެން ހިއެއްނުކުރަމޭ ރާއްޖެތެރޭ މީހުންނަކީ އެހާ ފަތިހާ ހޭލައިގެން އުޅޭ އެހާ މުރާލި ބައެއް ކަމަކަށް.. އެކަމު މިއަދު އެނގިއްޖެ.. އަހަރެން ފަތިހު ދުވަން ނުކުތްއިރުވެސް ބައެއް ގޭގެއިން މީހުން ނުކުމެ މަގުމަތި ކުނިކަހަން އުޅޭވިއްޔަ..” ޔޫޝައު އެހެން ބުނެލުމުން ލިހާމް ހީލިއެވެ.
“ދެން ބުނެބަލަ.. މިރަށާ ދޭތެރޭ ހިތްހަމަޖެހޭތަ؟” ލިހާމް އެހެން އަހާލުމުން ޔޫޝައު ބޯޖަހާލިއެވެ.
“ޔަޤީނެއްނު.. ދެން ނެތް އެހާ އަވަހަށް ދާހިތެއްވެސް.. ހިތަށް މިއަރަނީ ދުވަސްކޮޅަކު މިކޮޅުގަ މަޑުކޮށްލަން..” ޔޫޝައު ބުނެލިއެވެ.
“އައިކާ ދެކޭހިތުން؟” ލިހާމް ދިމާކޮށްލިއެވެ. ޔޫޝައުވެސް ދެރަނުވާންވެގެން ބޯޖަހާލިއެވެ.
“ޔޫޝައު ބޭނުން ދުވަހެއް ވަންދެން އަހަރެން ކައިރީ ހުރެވޭނެ.. އެކަމު އޭރުން ޔޫޝައުގެ މަންމަޔޯ.. މަންމަ އެކަނިންނެއްނު ހުންނާނީ..” ލިހާމް އެހެން ބުނެލުމުން ޔޫޝައު ބޯހޫރާލިއެވެ.
“އަހަރެންނަށް ހީވަނީ ލިހޭ ވެއްޖެހެން ތި ހަނދާން ނެތުމުގެ ބައްޔަށް ބޭސްކުރަން..” ޔޫޝައު ލިހާމްއަށް ބަލާލަމުން އެހެން ބުނެލުމުން ލިހާމް ބުމަ އަރުވާލީ ތިހެން ތިބުނީ ކީއްވެހޭ އަހާލާފަދަ ގޮތަކަށެވެ.
“ސާބަސް އިނގޭ ހަމަ.. ލަމްވެސް ހުންނާނެއެއްނު.. ލަމް ހުއްޓާ އަހަރެން އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެއެއްނު..” ޔޫޝައު އެހެން ބުނެލުމުން ލިހާމް ބޯކަހާލަމުން ހީލިއެވެ.
*****
އެރޭ އައިކާ އޮތީ ލޮލަށް ނިދި ނައިސްފައެވެ. އެދުވަހު ހެނދުނު ޔޫޝައު ފެނުނުފަހުން އޭނާއަށް ބުނަން ނޭނގޭފަދަ ގޮތްތަކެއް ވަނީއެވެ. ލޯމަރާލާއިރަށް ޔޫޝައުގެ ސޫރަ ފެންނަނީއެވެ. ޔޫޝައުގެ ކަސްރަތީ ރީތި ހަށިގަނޑު ހިތަށް ސިފަވުމުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހާދަހާ ރީތި ފިރިހެނެކެވެ. އެހެރަ ވަރުގަދަ ހށިގަނޑެކެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ ތޫނު ބެލުމެކެވެ. ބޮލުގެ އިސްތަށިގަނޑުވެސް ޒަމާނީ ގޮތަކަށް ކޮށާލާފައިވާއިރު ތުނިކޮށް ފަޅާފައިވާ ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ޔޫޝައުގެ ސޫރައިން އައިކާއަށް ހުތުރު އެންމެ ތަންކޮޅެއްވެސް ފެނުނުކަމަކަށް ނުވިއެވެ. އައިކާއަށް ދެއަތުން މޫނު ފޮރުވާލެވުނީ ހިތަށް ވެރިވި ޚިޔާލަކުން ލަދުގަތްވަރުންނެވެ. އެއާއެކު އޭނާގެ މަޑު ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ފަތިސް ވަންދެންވެސް އައިކާ އުޅުނީ އެފަދަ ހާލެއްގައެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. އައިކާ ޔޫޝައުއަށް ނުފެނި އުޅެވޭތޯ މަސައްކަތް ކުރިނަމަވެސް ކޮންމެ ދުވަހަކުވެސް ޔޫޝައުއާ ދިމާވެއެވެ. އެއްރަށެއްގައި އުޅޭއިރު އަބަދު ފިލައިގެންވެސް ނޫޅެވޭނެތާއެވެ. ނަމަވެސް ޔޫޝައުއަށް ފިލަން މީހަކު އުޅޭކަން އޭނާއަށް ރޭކާނުލައެވެ. ކޮންމެ ދުވަހަކު އައިކާ ފެންނާތީ އޭނާ ހިތްހަމަޖެހެއެވެ. އޭނާ އައިކާއަށް އެއްވެސް އިޝާރާތެއް ކޮށްނުލާ ހުރިނަމަވެސް އޭނާގެ ހިތް އެދެނީ އައިކާ ހާސިލްކުރުމަށެވެ. ނަމަވެސް އަދި ތަންކޮޅެއް އަވަހޭ ހިތަށް އަރާފައި ކެތްކޮށްލައިގެން ހުންނަނީއެވެ.
މާޒްވެސް އައިކާގެ ޖަވާބެއް ލިބޭތޯ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔަ ނަމަވެސް އައިކާގެ ފަރާތުން އަދި އެކަހަލަ އެއްވެސް އިޝާރާތެއް ނުވެއެވެ. އެހެންކަމުން އޭނާ ކުޑަކޮށް މާޔޫސްވާގޮތްވެއެވެ. އަނެއްކާވެސް އައިކާއަށް ލޯބި ހުށަހަޅަން ހިތަށްއެރި ނަމަވެސް އައިކާއަށް އޭނާގެ ސަބަބުން އުނދަގުލެއް ވާން ނޭދޭތީ ކެތްކުރަނީއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އޯލެވެލް ނަތީޖާ ދޫކުރާ ދުވަސް ޖެހިއްޖެއެވެ. އައިކާ ހިތް އަވަސްވެ ފިނިވެފައިވާ ހާލު ތައްޔާރުވަމުން ދިޔައީ ނަތީޖާ ބަލާ ސްކޫލަށް ދިއުމަށެވެ. އޭނާ ތައްޔާރުވާން ހުއްޓާ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ގޮސް ދޮރު ހުޅުވާލިއެވެ.
“ލީން! ހީވެސްނުކުރަން މިގަޑީގަ އައިސްދާނެއެކޭ.. ދުވަހަކުވެސް މިގަޑީގަ ނާދޭ ވިއްޔަ.. އެކަމަކު ތޭންކް ގޯޑް!! ނަސީބެއް އައިކަން.. ރެއިއްސުރެ އަހަރެން ހަމަ ނާވަސްވަނީ.. ރޭގަ ރަނގަޅަށް ނުވެސް ނިދޭ..” އައިކާ ވާހަކަދެއްކި ގޮތުންވެސް އޭނާ ފިނިވެފައި ހުރިވަރު ލީންއަށް އެނގުނެވެ.
“އަހަރެންވެސް ހަމަ ތިހާލުގަ.. ނިދުނީވެސް ފަތިސްވީފަހުން.. ހަމަޖެހިލައިގެން ނުހުރެވޭ އެންމެ އިރުކޮޅަކުވެސް.. ހިތަށްއަރަނީ ކިހިނެއްބާއޭ ރެޒަލްޓް އޮންނާނީ..” ލީންވެސް ބުނެލިއެވެ.
“އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅުވާނެ..” އައިކާ އުއްމީދާއެކު ބުނެލުމުން ލީންއަށްވެސް ބޯޖަހާލެވުނެވެ.
“އަހަރެންނަށް އެނގޭ އިކާވެސް ހުންނާނީ ވަރަށް ނާވަސްވެފަކަން.. އެހެންވެ މިއައީވެސް..” ލީން ހިނިތުންވެލާފައި ބުނެލިއެވެ.
“އެހެންތަ؟ ހާދަ ރަނގަޅޭ އައިކަން.. ބެސްޓް އޮފް ލަކް!!” އައިކާ ލީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ޓު ޔޫ ޓޫ..” ލީންވެސް އައިކާއަށް ކާމިޔާބަށް އެދުނެވެ.
“ހިނގާ އަވަހަށް ދަމާ.. މިހާރު އެހެރަ އެއްގަޑި ބައިވަނީ.. ދޭއް ޖަހާއިރު އޮފީސް ބަންދުވާނެއެއްނު..” ލީން އެހެން ބުނެލުމާއެކުހެން އައިކާ ހިނގައިގަތެވެ. ސްކޫލަށް ދިޔަ މަގުމަތީގައި މާޒްއާ ދިމާވިއެވެ. އެމީހުން ނަތީޖާ ބަލާ ސްކޫލަށްދާ ވާހަކަ ބުނުމުން މާޒްވެސް އެމީހުންނަށް ކާމިޔާބަށް އެދުނެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އައިކާއާއި ލީން ސްކޫލްތެރެއަށް ވަދެގެން ދިޔައިރު ދެމީހުންވެސް އަތުގުޅާލައިގެން ތިބީ ނުތަނަވަސްކަން ކަނޑުވާލެވޭތޯއެވެ. ދެމީހުންވެސް އޮފީސް ތެރެއަށް ވަނުމުގެ ކުރިން ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ސަލާމް ގޮވާލިއެވެ. އޮފީސް ކައުންޓަރުގައި އިން ލީޒާ، ސަލާމް ބަލައިގަތުމާއެކު އެމީހުން އައީ ނަތީޖާ ބަލައިކަމަށް ބުނެލިއެވެ. ލީޒާ ހިނިތުންވެލަމުން އައިކާއާއި ލީންގެ ނަތީޖާ ހަވާލުކުރިއެވެ. ލީޒާއަށް ޝުކުރު އަދާކުރަމުން ދެމީހުން ސްކޫލުން ނުކުތެވެ. އައިކާއަށް ސްކޫލުން ނުކުމެވެންދެން ކެތްކޮށްލެވުނީ ކިރިޔާއެވެ. ސްކޫލުން ނުކުމެވުމާއެކު އައިކާ ސިޓީ އުރައިން ނަތީޖާ ނަގާ ބަލާލިއެވެ.
“އަލްޙަމްދު ލިﷲ!! ލީން ބަލާބަލަ.. އަހަރެންނަށް ހުރިހާ އެއްޗަކުން އޭ..” އައިކާ ވީ އުފަލުން ކުޑަކޮށް ފުންމާލާފައި ބުނެލިގޮތުން ހީވަނީ ކުޑަކުއްޖަކަށް ކުޅޭ އެއްޗެއް ލިބުމުން އުޅުނުހެންނެވެ.
“ކޮންގްރާ އިކާ.. އިކާގެ މަންމަމެން ހާދަ އުފާވާނެޔޭ ދޯ ތިނަތީޖާ ފެނިފަ.. ޔަޤީން މިފަހަރު ލީން ރާއްޖޭގެ ޓޮޕް ޓެންއިންވެސް ވަނައެއް ލިބޭނެކަން.. އައިމް ސޯ ހެޕީ ފޯރ ޔޫ އިކާ.. ޔޫ ޑިޒާރވް އިޓް..” ލީންވެސް އައިކާގެ އުފަލުގައި ބައިވެރިވީ ޚުދު އޭނާގެ ނަތީޖާއާ ދޭތެރޭވެސް ހިތްހަމަޖެހޭ ހާލުގައެވެ. ލީންވެސް އިނގިރޭސިއާއި ހިސާބު ފިޔަވާ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދިއެވެ. އިނގިރޭސިއާއި ހިސާބުން ލީންއަށް ލިބުނީ ބީއެކެވެ.
“ލީންގެ މަންމައާއި ދޮންބެވެސް ކިހާ އުފާވާނެ.. ލީންވެސް ހުރިހާ މާއްދާއަކުން ފާސްވިއެއްނު..” އައިކާވެސް ލީންގެ ކާމިޔާބީއާމެދު އުފާކުރިއެވެ. ލީން އުފާވި ނަމަވެސް އޭނާގެ ބައްޕަ ހުރިނަމަ މިއަދު މިވީ އުފާ ދެގުނަވީހޭ އޭނާގެ ހިތަށްއެރިއެވެ.
ލީންގެ އުމުރުން ނުވަ އަހަރުގައި ރިޔާޒް، ލީނާ ވަރިކޮށްފައި ދިޔަފަހުން އެއީ ލީންއަށްޓަކައި މަރުވެފައިވާ މީހެއްފަދައެވެ. ދަރިންނަށް ޚަރަދު ނުކުރާތީ ޚަރަދު ހޯދީ ކޯޓު މެދުވެރިކޮށެވެ. ސަބަބަކީ ލީނާއަކީ އަޅާލާނެ އެއްވެސް މީހަކު ނެތް ނިކަމެއްޗަކަށްވެފައި، ލީނާގެ ދޮށީ ދަރިފުޅު ޒައިލްއަކީވެސް އޭރު ސްކޫލުގައި ކިޔަވަމުންދިޔަ ކުއްޖަކަށްވާތީ އެކަނިމާއެކަނި ދެކުދީންނަށް ޚަރަދުކުރުމަށް ލީނާގެ ހާލަތު ތަން ނުދިނުމެވެ. ނޫންނަމަ އޭނާ ރިޔާޒްގެ އަތުން އެންމެ ލޯ ލާރިއެއްވެސް ނުހޯދީހެވެ. ޒައިލް ކިޔަވާ ނިމުމާއެކު ރިސޯޓަކުން ވަޒީފާ ހޯދައިގެން ރިސޯޓަށް ދިޔައެވެ. އޭގެފަހުން ލީންގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން ދިޔައީ ޒައިލްއެވެ. ލީންގެ އެއްވެސް ޚަރަދެއް ރިޔާޒް ލައްވާ ކުރުވަން އޭނާ ބޭނުންނުވީއެވެ. ލީނާ ކިތަންމެ ވަރަކަށް ވިސްނައިދިނަސް ޒައިލްގެ ހިތްވަނީ ރިޔާޒަށްޓަކައި ކިލަނބުވެފައެވެ.
ފުރަތަމަކޮޅު ލީން އޭނާގެ ބައްޕައާއި ބެހޭގޮތުން ލީނާއާއި ވަރަށް ސުވާލުކުރިއެވެ. ނަމަވެސް ލީނާގެ ފަރާތަކުން މާ އެދެވޭ ޖަވާބެއް އޭނާއަކަށް ނުލިބެއެވެ. ލީނާ ބުނެފައިވަނީ ލީންގެ ބައްޕަ ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުރިކަމަށާއި ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ ބައްޕައާ ބައްދަލުވާނެކަމަށެވެ. އިތުރަށް ބައްޕައާއި ބެހޭގޮތުން ސުވާލުނުކުރުމަށްވެސް ލީނާ ވަނީ ލީންއަށް އަމުރުކޮށްފައެވެ. އެހެންކަމުން އޭނާއަކަށް އިތުރަށް އެސުވާލު ކުރާކަށް ނުކެރެއެވެ. އެހެނެއްކަމަކު އޭނާގެ ހިތް އެދެނީ ބައްޕައާއި ބައްދަލުވުމަށެވެ. އޭނާ ހުރީ ގަދަވެ ސަލާމަތުން ދުނިޔޭގައި ހުއްޓާ ބައްޕައާއި ދިމާވާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް މިހާރު އޭނާގެ އުއްމީދުގެ ހުޅުކޮޅު ނިވެން ކައިރިވެއްޖެއެވެ.
“ކިހިނެއްވީ؟ އަނެއްކާ ގޯސް އެއްޗެއްތަ މިބުނެވުނީ؟” ލީން ބަހެއްވެސް ނުބުނެ ވިސްނުމަކަށް ގެއްލިފައި ހުރުމުން ލީންގެ އަތުގައި ކުޑަކޮށް ކޮށްޓާލަމުން އައިކާ އަހާލިއެވެ.
“ނޫން.. މަންމައާއި ދޮންބެ އަދި ފަހަރިވެސް ވަރަށް އުފާވާނެ.. އެކަމު އަހަރެން މި ހިތަށްއަރަނީ މިއަދު ބައްޕަ ހުރިނަމަ އަހަރެން އަދި މިއަށްވުރެ އުފާވީހޭ.. އެކަމަކު ކީއްކުރާނީ؟ އަހަރެންނަކަށް ބައްޕައެއްގެ ލޯބި ލިބުމެއްނެތް.. އަހަރެންގެ އުމުރުން ނުވަ އަހަރުވީ ފަހުން އަދި ބައްޕައެއް ނުދެކެން.. މަންމަވެސް އަހަރެން ބައްޕަގެ ވާހަކަ ދައްކައިފިއްޔާ އަބަދުވެސް ބުނާނީ ބައްޕައާ އަދި ބައްދަލުވާނެޔޭ.. ބައްޕަ ގަދަވެ ސަލާމަތުން ދުނިޔޭގަ އެބަހުއްޓޭ.. އެކަމަކު އަދިވެސް އެބުނާ ދުވަހެއް ނާދޭ.. ހިއެއްނުވޭ ދުވަހަކުވެސް ބައްޕައާ ބައްދަލުވާނެކަމެއް..” ލީންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ލީން ދެރަވުމުން އައިކާވެސް ދެރަވިއެވެ.
“ލީން! ތިހެން ނުވިސްނާ.. ކިތަންމެ ދުރުގަ ހުއްޓަސް މައިންބަފައިން ދަރިންދެކެ ލޯބިވާނެ.. ކޮންމެވެސް މަޖުބޫރެއް އޮތީކަމަށް ވެދާނެ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ލީންއަށް ލީންގެ ބައްޕަ ފެންނާނެ.. ނުރޮއި..” އައިކާ ލީންގެ ދެލޯ ފޮހެލައިދެމުން ލީންއަށް ހިތްވަރުދީ ވިސްނައިދިނެވެ.
“އިކާ! ތިއެއްނޫނޭ.. ސަޅި އައިޑިއާއެއް ދެންތަ؟” ކުއްލިއަކަށް ޚިޔާލެއް އައިސްގެން ލީން އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. ލީން ހަދަންވީ ގޮތް ކިޔައިދިނުމުން އައިކާއަށް އެގޮތް ވަރަށް ކަމުދިޔައެވެ. އެހެންކަމުން އޭނާ ލީންއާ އަތާއަތް ޖަހާލާފައި ހިނގައިގަތެވެ. ދެމީހުން އެކުގައި ގޮސް މާޒްމެން ގެ ހުންނަ މަގާއި ހިސާބުން ލީން ދިޔައީ އޭނާގެ ގެއަށެވެ. އައިކާ ކުޑަކޮށް ވިސްނާލަން ހުރެފައި ގެއަށް ދާން ހިނގައިގަތެވެ.
އައިކާ ގެއަށް ވަންނަން ދިމާކޮށްލި ވަގުތު ގޯތިތެރޭގައި ހުރި އުނދޯލިގޭގައި މަންމައާއި ބައްޕަގެ އިތުރުން އޭނާގެ ދެ ކޮއްކޮ ތިބިތަން ފެނުނެވެ. ޕްލޭންއާ އެއްގޮތަށް ހުރިހާ ކަމެއް ދިއުމަށް ހިތާހިތުން ދުޢާކުރަމުން އައިކާ އެތެރެއަށް ވަނީ އިސްދަށަށް ޖަހައިގެންނެވެ. ހިތާމައިން ފޯވެފައިވާ މީހެއް ފަދައިންނެވެ. ނަމަވެސް އަސްލު ނަތީޖާ ފެނުމުން މަންމަމެންނަށް ވާނެގޮތް ހިތަށްއަރާފައި އޭނާ ހުރީ އެތެރެއިން ހީލަހީލައެވެ. އައިކާ އިސްޖަހައިގެން މަޑު ހިނގުމެއްގައި ގޮސް ގެއަށް ވަންނަނިކޮށް އޭނާގެ ބައްޕަ ނާޒިމް ގޮވާލިއެވެ. އެއާއެކު އޭނާގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އޭނާއާއި ލީންގެ ޕްލޭން ފެއިލް ވެދާނެތީއެވެ.
“ދަރިފުޅާ! ކޮބާ ނަތީޖާ ކިހިނެއް ވަނީ؟ ރަނގަޅު ދޯ؟” ނާޒިމްގެ އަޑަށް އައިކާ ލޮލުގެ ހިމަކޮޅުން ސަނާއަށް ބަލާލިއެވެ. އައިކާގެ މޫނުމަތި މިލާފައިވާތަން ފެނި ސަނާ އިނީ ނަތީޖާ ގޯސްކަމަށް ޔަޤީންކޮށްގެންނެވެ. ކަރު އެލުވާލައިގެން އިންގޮތުން އައިކާއާމެދު އޭނާ ކުރި ހުރިހާ އުއްމީދެއް ފެނަށް ދިޔަފަދައެވެ. އައިކާ އިސްއުފުލާވެސްނުލާ އިނދެ ނަތީޖާ ދިއްކޮށްލިއެވެ. ނާޒިމް ނަތީޖާ ބަލާލުމާއެކު ތެދުވެ ކުއްލިއަކަށް އައިކާގެ ކަންފަތުގައި ހިފިއެވެ. އައިކާއަށް ކުޑަކޮށް ތަދުވެގެން އަނގައިން އަޑެއް ލައްވާލެވުނެވެ. އެއާއެކު ސިހުން ލިބުނުވަރުން ސަނާއަށްވެސް ފުންމައިގެން އުނދޯލިން ތެދުވެވުނެވެ. އޭނާގެ ދެކޮއްކޮވެސް ބިރުން ތިބެ އުނދޯލިން ތެދުވިގޮތްވެސް ނޭނގުނެވެ.
“ނާޒިމް! ދޫކުރޭ! ތިހެން ނުހަދާ..” ސަނާ ނާޒިމްގެ އަތުގައި ހިފަމުން އެހެން ބުނެލިއެވެ.
“ސަނާ! މީ ވަރަށް ލާނެތް ކުއްޖެއް.. ބަލާބަލަ މި..” ނާޒިމް އެހެން ބުނަމުން އައިކާގެ ކަންފަތުން ދޫކޮށްލާފައި ނަތީޖާ ސަނާއަށް ދިއްކޮށްލިއެވެ. ނަތީޖާ ބަލާލާފައި ސަނާ އައިކާއަށް ބަލާލީ ޤަބޫލުނުކުރެވިފައެވެ. އައިކާ އެހާބޮޑު ޑްރާމާއެއް ކުޅެލަފާނެކަމަށް އޭނާއަށް ޤަބޫލުނުކުރެވުނީއެވެ. އައިކާ މަޑުމަޑުން ދެއަތް ނަގާ ދެކަންފަތު ފޫޅުގައި ހިފާލީ ސޮރީއޭ ބުނާފަދަ ގޮތަކަށެވެ. އެއާއެކު ބޯހޫރުވާލާފައި އަވަހަށް އެއްޗެހި ބަދަލުކުރަން ދާށޭ ކިޔާފައި ސަނާ އަނެއްކާވެސް އުނދޯލީގައި އިށީނެވެ.
“އަހަރެން އަސްލުވެސް ވަރަށް ބިރުގަތް ނާޒިމް އެމަންޖެއަށް ކަމެއް ކޮށްފާނެތީ.. ނޭނގޭނެއެއްނު.. ތިހިރީ ވިއްޔަ ހެދިގޮތް.. އެމަންޖެވެސް އެހެރީ ކޮށްލާ ކަންތައް.. އަހަރެން ހީކުރީ ހަމަ ނަތީޖާ ގޯހީ ކަމަށޭ.. އެހެންވެ ވަރަށް ދެރަވެފަ ހުރީ.. އެމަންޖެ އެހާ މަސައްކަތް ކުރިއިރުވެސް ފާސްނުވީ ކަމަށް ހީކޮށް..” ސަނާ އުނދޯލީގައި އިނދެ ފޯއް ކޮށަމުން ވާހަކަދެއްކިއެވެ. އޭނާއަކީ ފޯއް ކޮށާ ޕެކެޓްކޮށްފައި ފިހާރައަށް ވިއްކަންލާ މީހެކެވެ. އަނެއްކޮޅުން ރަށުގައި ހުންނަ ހޮޓާތަކަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފޯއް ޕެކެޓް ގަންނާތީ އޭނާއަށް އެކަމުން ރަނގަޅު އާމްދަނީއެއް ލިބެއެވެ.
“ހެހެހެ.. ސަނާ ދައްކާ ވާހަކަ.. ފާސްނުވިޔަސް އަހަރެން އެމަންޖެއަކަށް އަނިޔާއެއް ނުކުރާނެއެއްނު.. އެހެންނޫނަސް އަހަރެންނަށް ޔަޤީންކަން އޮތް އަހަރެމެންގެ އައިކާ އަންނާނީ އަހަރެމެން ފަޚުރުވެރިވާ ކަހަލަ ނަތީޖާއެއް ހިފައިގެންކަން.. އަހަރެން އެހެން ހެދީ ސަނާ ކުޑަކޮށް ބިރުގަންނަވާލަންވެގެން.. އައިކާއެއްނު އަހަރެމެންގެ ހުރިހާވެސް އުއްމީދަކީ.. އަހަރެމެންގެ މިތިބަ ދެކުދިންނަށްވެސް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން އަހަރެމެންނަށް އެހީތެރިވެދޭން ހުރީވެސް ހަމަ އައިކާއެއްނު..” ނާޒިމްގެ ވާހަކަ އަޑުއަހާފައި ސަނާ ބޯހޫރާލީ ތީ ހަމަ އެއްވަރުގެ ދެމީހުންނޭ ބުނަމުންނެވެ.
**********
“ޔޫޝައު!! ކޮބާތަ އެއްކަލަ ކުއްޖާ؟” ލިހާމް ދިމާކޮށްލިއެވެ.
“އޭނަވެސް އުޅޭނެއެއްނު..” ޔޫޝައުގެ އެ ފަރުވާކުޑަ ޖަވާބު ލިހާމްއަކަށް ކަމަކުނުދިޔައެވެ. އޭނާ ބޭނުންވީ ޔޫޝައު ލައްވާ އެވާހަކަ ދައްކުވާށެވެ.
“މިބުނީ އެކަމަށް އަލިމަގެއް ފެނިއްޖެހޭ..” ލިހާމް އަނެއްކާވެސް އަހާލިއެވެ.
“އަހަރެން އަދި ނޫޅެމެއްނު އެކަމަކާ..” ޔޫޝައު މިފަހަރުވެސް އެކަމާ އެހާ ގަޔާވިކަމަކަށް ލިހާމްއަކަށް ނުފެނުނެވެ. ނަމަވެސް އޭނާ އެހާ ފަސޭހައިން ހަތިޔާރު ބަހައްޓާކަށް ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ ޔޫޝައު އެކަމާއިމެދު ސީރިއަސްކުރުވާށެވެ.
“ތިހެން އުޅެން ހަދައިގެން ތެޔޮނާށި ކާޅު ޖަހައިގެންފާނެ.. އޭރުން ހުންނާނީ އައިކާ ލިބިފަ..” ލިހާމް ބުނެލިއެވެ.
“ސާބަހޭ ލިހޭ.. އެހާ އަވަސް އަރުވާލައިގެން އުޅުނީމަ ކާމިޔާބެއް ނުލިބޭނެ..” ޔޫޝައުވެސް ސީރިއަސްވިއެވެ.
“އަހަރެން އެހެން މިބުނީ މަންމަމެން ގޭ ކުރިމަތީ އެހުންނަނީނު ފިހާރައެއް.. އެފިހާރައިގަ އުޅެއެއްނު މާޒް.. އޭނައަކީ އައިކާއާހެދި މޮޔަވެފަ ހުންނަ މީހެއް.. އޭނަ އައިކާ ބުނެފިއްޔާ ކަނޑަށްވެސް އެރިފާނެ.. ގުއިވެސް ކައިފާނެ.. އޭނަ އައިކާގެ ހިތް އަތުލުމުގެ ކުރިން ތިކަން ނުވެއްޖެއްޔާ ޔޫޝައުއަކަށް ތިކަމެއް ނުވާނެ.. އެހެންވެގެން މިބުނީ..” ލިހާމް ވަރަށް ސީރިއަސްވެފައި ބުނެލިއެވެ. މާޒްގެ ކާފަ ދޮންތުއްތުއަކީ ކުރީގައި ސިހުރު ހަދާ އުޅުނު މީހަކަށްވުމުން މާޒްގެ އާއިލާއާ ގިނަ ބަޔަކު ވަނީ މައްސަލަ ޖެހިފައެވެ. ދޮންތުއްތު ނިޔާވުމާއެކު ގިނަ ބަޔަކު މާޒްގެ އާއިލާއަށް ހިތްހެޔޮކުރިއެވެ. ނަމަވެސް ލިހާމްގެ އާއިލާ ވެފައިވަނީ ތާއަބަދު މާޒްގެ އާއިލާއަށް ނަފުރަތުކުރާ ބަޔަކަށެވެ. އެކަމުގެ ސަބަބަކަށްވަނީ ލިހާމްގެ ބޮޑުދައިތަ ނަޒީރާއެވެ. ނަޒީރާގެ ކައިވެނި ރޫޅުނީ ދޮންތުއްތު ހެދި ސިހުރެއްގައެވެ. ދޮންތުއްތު ލައްވާ އެކަން ކުރުވީ އޭރު ނަޒީރާގެ ފަހަތުން އުޅުނު އާމިރުއެވެ.
*****
“ސަނާއްތާ! އައިކާ ގާތު ބުނެދެއްޗޭ މިރޭ އަށްގަޑި ބައިހާއިރު އަހަރެމެން ގެއަށް އައިސްދޭން..” މާޒް އައިކާމެންގޭ މަގުން ދަމުން އުނދޯލީގައި އިން ސަނާ ފެނިގެން ބުނެލިއެވެ.
“އާނ ބުނާނަން.. އެއީ ކޮންކަމަކު؟” ސަނާ ހިނިތުންވެލަމުން އަހާލިއެވެ. ސަނާ އެހެން ބުނެލުމުން މާޒް އެތެރެއަށް ވަނެވެ. އަދި ގޮސް ސަނާގެ ގާތުގައި އިށީނދެލިއެވެ. އަދި އައިކާގެ އެއްވެސް ހިލަމެއްވޭތޯ ބަލާލިއެވެ.
“މިއުޅެނީ އައިކާއަށް ސަޕްރައިޒް ޕާޓީއެއް ދޭންވެގެން.. އެހާ ރަނގަޅު ނަތީޖާއެއް ހޯދީމަ..” މާޒް ސިއްރެއް ބުނާފަދައިން މަޑުމަޑުން ބުނެލިއެވެ.
“އެހެންތަ؟ އާނ.. ކޮންމެހެން ހަދާފަވެސް އައިކާ ފޮނުވާނަން..” ސަނާ މާޒްއަށް ކުރާ އިތުބާރަކުން އެއްވެސް ޝަރުތަކާނުލާ އެއްބަސްވިއެވެ. މާޒްއަކީ އޭނާގެ ދަނބިދަރިއަކަށް ވުމަށް ހިތްއެދޭފަދަ ކުއްޖެކެވެ. އައިކާއާ އެންމެ އެކަށޭނެ ކުއްޖާގެ ގޮތުގައި ސަނާއާއި ނާޒިމް ނިންމާފައިވާ ކުއްޖާއެވެ. ނަމަވެސް އައިކާގެ ހަޔާތަށް ގެންނާނެ ކުއްޖަކު ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އެމީހުން ވަނީ އައިކާއަށް ދޭން ނިންމާފައެވެ. އަދި އައިކާ ހޮވާ ކުއްޖަކީ ރަނގަޅު ކުއްޖެއްކަމުގައިވާނަމަ އެކަމާ ހިތުން ރުހުމުން އެމީހުން ޤަބޫލުވާނެއެވެ. ނޫންނަމަ އެމީހުން ދައްކާ މީހަކާ އައިކާއަށް ޖެހޭނީ އިންނާށެވެ. އެމީހަކަށް ވާނީ މާޒް ނޫން ދެވަނަ މީހެއް ނޫނެވެ. މާޒް ދިޔަތަނާހެން އައިކާ ގޭތެރެއިން ނުކުތެވެ.
“ދަރިފުޅާ! މިރޭ އަށްގަޑި ބައިހާއިރަށް މާޒްމެން ގެއަށް ދައްޗޯ މާޒް ބުނީ.. ވަރަށް މުހިންމު ކަމަކުއޭ ބުނީ..” ސަނާ އަސްލު ސަބަބު އޮޅުވާލަމުން ބުނެލިއެވެ.
“އެހެންތަ؟ އެއީ އަނެއްކާ ކޮންކަމަކުބާ؟” ސަނާގެ ގާތުގައި އިށީންނަމުން އައިކާ އަހާލިއެވެ.
“ނޭނގެ.. ދަރިފުޅު ދައްޗޭ.. އޭރުން އެނގިދާނެތާ ކީއްކުރަންކަމެއްވެސް..” ސަނާ އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. ނަމަވެސް މާޒް އެއުޅެނީ އަނެއްކާވެސް އޭނާގެ ލޯތްބަށް އެދެންނޭ ހިތަށްއެރުމުން އޭނާގެ ހިތް ނުތަނަވަސްވިއެވެ. އެކަމަކު ދާން އެއްބަސްވެސް ވެވިއްޖެއެވެ. އެހެންނޫނަސް ނުގޮސްފިނަމަ މަންމަގެ ސުވާލުތައް ކުރިމަތިވާނެކަން އެނގެއެވެ. އޭނާއާއި މާޒްގެ ދެމެދުގައި ހިނގި އެއްވެސް ކަމެއް މަންމައަށް އެނގޭކަށް އައިކާ ބޭނުމެއްނުވެއެވެ. އޭނާ ދާން އެއްބަސްވީ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.
އަށްގަޑި ފަނަރަ ވީއިރު އައިކާ ހުރީ މާޒްގެ ގެއަށް ދިއުމަށް ތައްޔާރުވެގެންނެވެ. އޭނާ ގެއިން ނުކުންނަމުން ސަނާއަށް ގޮވާލާފައި ދަނީކަމުގައި ބުނެ ދާން ހިނގައިގަތެވެ. ބަރާބަރު އަށްގަޑި ފަންސަވީސްވީއިރު އައިކާ ހުރީ މާޒްގެ ގޭ ދޮރުމަތީގައެވެ. އެތެރެއަށް ވަންނަން އުޅެނިކޮށް އައިކާއަށް ހުއްޓެވުނީ ފަހަތުން އޭނާގެ ނަމުން މީހަކު ގޮވާލީމައެވެ. ދަންނަ އަޑެއްހެން ހީވެގެން ބަލާލިއިރު ޔޫޝައު ހުރިތަން ފެނުމުން އައިކާގެ މެއަށް ފިނިވެގެން ދިޔައެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”