“އެކަމަކު އަހަރެން ދައްކަން ޖެހޭ ވަރަށް ބޮޑު ވާހަކައެއް އެބައޮތް.. ފަހަރެއްގަ މީ އައިކާ އުއްމީދުކުރާ ކަހަލަ ވާހަކައަކަށް ނުވެދާނެ.. އަހަރެން އެއްވެސް ކަމެއް ސިއްރުކޮށްގެން އައިކާ އަހަރެންގެ ޙައްޤަކަށް ހަދާކަށް ބޭނުމެއްނުވޭ.. އެހެންވެ މިބުނަނީ..” ޔޫޝައު އެހެން ބުނެލުމުން އައިކާ ކުޑަކޮށް ހިތް ނުތަނަވަސްވިއެވެ.
“ކޮން ވާހަކައެއް؟”
“އައިމް މެރީޑް.. އަހަރެން އައިކާއާ އިންނަން ބޭނުންވަނީ ދެއަނތްބަށް.. މިގޮތް އައިކާއަށް ކަމުނުދަންޏާ ނޫނެކޭ ބުންޏަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. ކޮންމެ ގޮތެއް ވިޔަސް އަހަރެންނަކަށް ލަމް ދޫކޮށެއް ނުލެވޭނެ.. އަހަރެން މިހެން ބުނީމަ އައިކާއަށް ހީވެދާނެ އަހަރެން މިއުޅެނީ ގޯސް ނިޔަތެއްގައޭ.. އެކަމް އެހެން ހީނުކުރައްޗޭ.. އަހަރެންގެ އެއްވެސް ގޯސް ނިޔަތެއް ނެތް.. އަހަރެން އައިކާއަށް ލޯބި ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެން..” ޔޫޝައު އޭނާގެ ވާހަކަ ނިންމާލަމުން އައިކާއަށް ބަލާލިއެވެ. އައިކާ ފުން ވިސްނުމެއްގައި އިނުމުން ޔޫޝައުގެ ހިތަށް ތަފާތު ގޮތެއްވިއެވެ. އައިކާއަށް އެހާ އެދިއެދި ހުއްޓާ ލިބިފައި ހަމަ އެވަގުތުގައި އަތުން ބީވަނީބާއޭ އޭނާގެ ހިތަށްއެރިއެވެ.
“އަހަރެން ޤަބޫލު.. ދެއަނތްބަށް އިންނަން ޖެހުނަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. ކޯޒް އައި ލަވް ޔޫ..” އައިކާ އެހެން ބުނެލުމުން ޔޫޝައުއަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނާގެ އުނގަށް ބަންޑުންވިހެންނެވެ.
“އައި ލަވް ޔޫ ޓޫ..” ޔޫޝައު އުފަލުން ފުރިފައި ހުރެ ބުނެލިއެވެ.
“ދެން އަހަރެން މިވަގުތު ދަނީ އިނގޭ.. މަންމަ މިހާރު އަހަރެން ހޯދާނެ..” އައިކާ އެހެން ބުނެފައި ދާން ހިނގައިގަތުމުން ޔޫޝައު އައިކާގެ އަތުގައި ހިފެހެއްޓިއެވެ.
“މަންމަމެން ގާތު މިވާހަކަ އަވަހަށް ދައްކައްޗޭ.. ހުރިހާ ވާހަކައެއް ތެދަށް ކިޔައިދޭތި.. އޭރުން ފަހުން އެމީހުން ޝަކުވާކުރާނެ ޖާގައެއް ނޯންނާނީ..” ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. އައިކާ ގޮސް އޮބާލަންދެން ޔޫޝައު ބަލަހައްޓައިގެން ހުއްޓެވެ. އައިކާ ލޯމަތިން ގެއްލުމުން ޔޫޝައު ލަމްހާއަށް ގުޅާލިއެވެ. އަދި ލަމްހާ އެދުނު ފަދައިން އޭނާ އިތުރު ކައިވެންޏެއް ކުރުމަށް އަންހެންކުއްޖަކު ހޮވި ވާހަކަ ބުންޏެވެ. ލަމްހާ އުފަލުން އެކަމަށް މަރުޙަބާ ކިޔެވެ.
**********
މާޒް ހުރީ މިއަދު އޭނާއަށް ފެނުނު މަންޒަރުން ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. އައިކާ ޔޫޝައުއާ އެހާ ގާތްކޮށް ވާހަކަދައްކަން ހުރިތަން ފެނުމުން އޭނާގެ ހިތުގައި ހަސަދަވެރިކަމެއް އުފެދުނެވެ. ޔޫޝައުއާ އައިކާ ރަހުމަތްތެރިކަން ބާއްވާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. ޔޫޝައުގެ ރީތިކަމާއި މުއްސަނދިކަމުގެ ދަޅައިގައި އައިކާ ޖެހޭތަން ބަލާކަށް އޭނާއަކަށް މަޑަކުން ނުހުރެވޭނެއެވެ. ޔޫޝައު އައިކާއާ އިނދެގެން މާލެ ގެންގޮސްފައި ހަދާލާނެ ގޮތެއްވެސް ނޭނގެއެވެ. މިފަދަ ނުބައި ޚިޔާލުތައް ވެރިވުމުން އޭނާގެ ހިތް އެދުނީ އައިކާއަށް ގުޅުމަށެވެ. އަދި އަނެއްކާވެސް ލޯބި ހުށަހަޅައި އެލޯބި ޤަބޫލުކުރުމަށް އެދި އާދޭސްކުރުމަށެވެ. މީހުންގެ ނަޒަރުގައި އޭނާއަކީ ފިނޑިއަކަށް ވީނަމަވެސްވެހެވެ.
މާޒް އައިކާއަށް ގުޅާލިއިރު އައިކާ ހުރީ ކޯލް ވެއިޓިންގައެވެ. ފަނަރަ ވަރަކަށް މިނެޓް މަޑުކުރުމަށްފަހު އަނެއްކާވެސް ގުޅާލިއެވެ. އޭރުވެސް އައިކާގެ ފޯނަކަށް ނުގުޅެއެވެ. އެހެންކަމުން މާޒްގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގާލިއެވެ. އައިކާ އެހާ ގިނައިރު ގުޅައިގެން އެހުރީ ކާކާބާއެވެ. އަނެއްކާ އޭނާ އައިކާގެ އިންތިޒާރުގައި ހުއްޓާ އައިކާ ލޯބިވެރިޔަކު ހޯދީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ކޮންމެ ގޮތެއްވިޔަސް އައިކާ ވާން ޖެހޭނީ މާޒްގެ މީހަކަށެވެ. އައިކާ ގުޅައިގެން އެހުރީ ލީންއަށެވެ. މާޒް އޭނާގެ ހިތަށް ވިސްނައިދިނެވެ. ގަޑިއިރެއް ކޮށްފައި މާޒް ވަރަށް އުއްމީދާއިއެކު އައިކާއަށް ގުޅާލިއެވެ. މިފަހަރު ނަސީބަކުން އައިކާ ފޯނު ނެގިއެވެ.
“މާޒް! އައިމް އިން ލަވް..” މާޒްއަށް އެއްވެސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އައިކާ އެހެން ބުނެލުމުން މާޒްއަށް ހީވީ އުދުއްސައިގަނެވުނުހެންނެވެ. އެވަރުގެ އުފަލެއް ދުވަހަކުވެސް އޭނާއަށް ލިބުނުކަމެއް ނޭނގެއެވެ. އުފަލުން ވާހަކަވެސް ނުދެއްކިފައި ހުއްޓާ އައިކާ އެދުނީ ހަމަ އެވަގުތު އައިކާގެ ގެއިން މާޒް އޭނާއާ ބައްދަލުކޮށްލުމަށެވެ.
މާޒް އުފަލުން ފޮޅިފައި ހުރެ އައިކާގެ ގެއަށް ދިޔައީ އޭނާ ކުރި ދިގު އިންތިޒާރަށް ނިމުމެއް އައީތީއެވެ. ނަމަވެސް ކުރިމަތިވާން މިއުޅޭ ވަރުގަދަ ތޫފާނުގައި އޭނާގެ ހުރިހާ ހުވަފެނެއް ވިއްސިވިހާލިވެދާނެކަން އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ ދިޔައިރު އައިކާ އުނދޯލީގައި އިނީ މާޒްގެ އިންތިޒާރުގައިހެން ހީވެއެވެ. މާޒް ފެނުމާއެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް މާޒްގެ ގައިގައި ބައްދައިގަތެވެ. މާޒް ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ނޫންކަމުން އޭނާ ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ. އައިކާ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ލޯބިވެވުނު ވާހަކައެވެ. މާޒްވެސް އައިކާގެ ހަށިގަނޑު ވަށާލީ ލިބިފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ.
“އަހަރެން ވަރަށް އުފާވެއްޖެ އިކާ އަހަރެންގެ ލޯބި ޤަބޫލުކުރީމަ.. މިހުރިހާ ދުވަހު އަހަރެން ތަޅުވަންވެގެން ދޯ ނުބުނެ ހުރީ؟” މާޒް އެހެން ބުނެލުމާއެކު އައިކާއަށް ކުއްލިއަކަށް މާޒްގެ ގައިން ދޫކޮށްލެވުނެވެ. ކުއްލިއަކަށް އައިކާ އޭނާއާ ދުރުވެލުމުން މާޒް ހީކުރީ އައިކާ ލަދުގަތީ ކަމަށެވެ. އައިކާ މާޒްގެ މޫނަށް ފުންކޮށް ބަލާލިއެވެ. މާޒްގެ މޫނުމަތިން ފެނުނު އުޖާލާ ކަމަކުން އައިކާއަށް ވީގޮތް ސާފުވިއެވެ. މާޒް އެ ހީކުރީ އޭނާ މާޒްދެކެ ލޯބިވާ ވާހަކަ ބުނީކަމަށްތާއޭ އައިކާގެ ހިތަށްއެރުމުން ތިރީ ތުންފަތުގައި ދައިގަންނަމުން މާޒްއަށް ފުރަގަސް ދިނެވެ. ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ މާޒް ގާތުގައި އެވާހަކަ ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އޭނާގެ އެ އުފާވެރިކަން މާޒްއާ ހިއްސާކުރުމަށް ގުޅުނުކަން އެއީ އޭނާގެ މޮޔަކަމެވެ. އެކަމުގެ ސަބަބުން މާޒްގެ ހިތް ހަލާކުވާނެކަން ނުވިސްނުނުކަން އެއީ އޭނާގެ ކުށެވެ.
“ކާކު ބުނީ އަހަރެން މާޒްދެކެ ލޯބިވާ ވާހަކަ؟” އައިކާ ވަރަށް ހިތްވަރުކޮށްފައި އޭނާ ދައްކަން އުޅުނު ވާހަކަ ދައްކަން މަގު ކޮށަން ފެށިއެވެ.
“އިކާ އަދިވެސް ބޭނުންވަނީ އަހަރެން ތަޅުވަންތަ؟ އިކާއެއްނު ބުނީ ލޯބިވެވިއްޖޭ.. ދެން ތި ސަމާސާ ހުއްޓާލާފަ ރީތިކޮށް ބުނެބަލަ..” މާޒް ހިތްއަވަސްވެފައި އެހެން ބުނެލުމުން އައިކާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ.
“މާޒް! އައިމް ވެރީ ސޮރީ.. އަހަރެން ނުބުނަން މާޒްދެކެ ލޯބިވާ ވާހަކައެއް.. މާޒްއަށް އެހެން ހީކުރެވުނުނަމަ އެއީ ކުށްހީއެއް.. އާނ.. އަހަރެންނަށްވެސް ލޯބިވެވިއްޖެ.. އެކަމަކު އެއީ މާޒްދެކެއެއް ނޫން.. ޔޫޝައުދެކެ..” އައިކާ އެހެން ބުނެލުމުން ސިހިފައި މާޒްއަށް އައިކާއަށް ބަލާލެވުނެވެ. ނަމަވެސް ފުރަގަސްދީގެން ހުރުމުން މާޒްއަށް އައިކާގެ މޫނުގައިވާ އަސަރެއް ނުފެނެއެވެ. އެހެންކަމުން އޭނާ ހީކުރީ އައިކާ އޭނާ ތަޅުވަންވެގެން ސަމާސާއެއް ކުރަނީ ކަމަށެވެ. އެހެންކަމުން އޭނާ އައިކާގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ.
“އިކާ! ތީ ކޮންކަހަލަ ސަމާސާއެއް؟ ތިކަހަލަ ސަމާސާ ނުކުރޭ.. ދެން ތެދަށް ބުނޭ އަހަރެންދެކެ ލޯބިވަމޭ..” މާޒް އައިކާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުނެލިއެވެ. އައިކާ މާޒްގެ ދެއަތް އޭނާގެ ކޮނޑުން ނައްޓާލަމުން އަނެއްކާވެސް މާޒްއަށް ފުރަގަސްދިނީ މާޒްއާ ކުރިމަތިލައިގެން ހުރެ އޭނާއަށް އެވާހަކަ ދައްކަން ފަސޭހަ ނުވާތީއެވެ.
“ނޫން މާޒް.. މީ ސަމާސާއެއް ނޫން.. މީ ހަމަ ހަޤީޤަތެއް.. އަހަރެންނަށް ޔޫޝައުދެކެ ލޯބިވެވިއްޖެ.. އަހަރެންނަކަށް ނޭނގެ ނުވެސް ދަންނަ މީހެއްދެކެ ލޯބިވެވުނީ ކީއްވެކަމެއް؟ އެކަމަކު އަހަރެންނަށް އެނގޭހާވެސް އެއްޗަކީ އަހަރެންނަށް އޭނަދެކެ ލޯބިވެވިއްޖެކަން.. ސޮރީ މާޒް..” އައިކާ މޭގައި އަތް އަޅާލަމުން ބުނެލިއެވެ. މާޒްގެ ހިތަށް ކުރާނެ އަސަރު އޭނާއަށްވެސް ވަޒަން ކުރެވެއެވެ. ލޯބިވާ މީހެއްގެ ދުލުން އެހެން މީހެއްދެކެ ލޯބިވާ ވާހަކަ ބުނުމަކީ ވަރަށް ވޭންދެނިވި ކަމެއްކަމުގައި އޭނާ އަހާ ވާހަކަތަކުން އެނގެއެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު މާޒްގެ އެއްވެސް ޚަބަރެއް ނުވުމުން އައިކާ ފަސްއެނބުރި ބަލާލިއެވެ. ނަމަވެސް އޭރު މާޒް ފެންނަންވެސް ނެތެވެ. އެހާ އަވަހަށް މާޒް އެދިޔައީ ކޮންތާކަށްބާއޭ އައިކާގެ ހިތަށްއެރިއެވެ.
މާޒްގެ މިސްރާބު ހުރީ ރަށުގެ އަތިރިމައްޗާއި ދިމާއަށެވެ. އެއްވެސް ވަރެއް ނެތް މީހެއް ފަދައިން ހިނގަމުން ދިޔައިރު މަދުމަދުން މަގުން މީހުން ފެނިލިޔަސް އެއިން މީހަކަށް ސަމާލުކަން ދެވޭވަރަށްވުރެ އޭނާގެ ހާލު މާބޮޑެވެ. އެތައް ދުވަހެއްގެ އިންތިޒާރު ފެނަށް ވެގެން އެދިޔައީ ހާދަ ހިތްދަތި ގޮތަކަށެވެ. އެހާ އުއްމީދާއިއެކު އުފަލުން ގޮސްފައި އެނބުރި އަންނަން މިޖެހުނީ ހުސްއަތާއެވެ. ކުދިކުދިވެފައިވާ ހިތަކައިގެންނެވެ. މާޒް އަތިރިމައްޗަށް ފޭބިއިރު ޖެހެމުން ދިޔަ ވައި ބާރުވަމުން ދިޔައެވެ. ވިއްސާރައިގެ އިންޒާރުދެމުން ދިޔަނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާއަށް ދޮންވެލިގަނޑުގެ މައްޗަށް ވެއްޓިގަނެވުނެވެ.
“ކީއްވެ؟ ކީއްވެ އަހަރެން މިހާ ބަދުނަސީބުވީ؟ އަހަރެންގެ އުމުރުން މިވީ ފަންސަވީސް އަހަރުތެރޭ ލޯބިވެވުނު ހަމައެކަނި ކުއްޖާ ހާސިލްނުވީ ކީއްވެ؟ އިކާ އެވަރަށް އަހަރެން އިގްނޯރ ކުރިއިރުވެސް އަހަރެންނަށް އެހެން ކުއްޖަކުދެކެ ލޯބިނުވެވުނީ ކީއްވެ؟ މިއީތަ ލޯތްބަކީ؟ ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗަކީތަ؟ އަހަރެންގެ ތަޤުދީރުގަ ލޯބި ލިބުން ލިޔެވިފަ ނުވަނީތަ؟ ސޯޅަ އަހަރު ވަންދެން ކައިރީގަ އުޅުނުއިރު އަހަރެންދެކެ ލޯބި ނުވެވުނުއިރު ދެތިން މަސް ކުރިން ފެނުނު މީހެއްދެކެ އިކާއަށް ލޯބިވެވުނީ ކީއްވެ؟” މާޒް އޭނާގެ ހިތުގައިވާ ޝަކުވާތައް ބޭރުކޮށްލިއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ކަރުނަތައް އޮހެން ފެށީ އެއްވެސް އިޚްތިޔާރަކާނުލައެވެ.
“ޝަކުވާ ހިތާ ކުރީމޭ ނަސީބެއް ނެތުނީމާ، ތަޤުދީރުގާ އަހަންނަށް މިހެން ދިމާވީމާ
ގޮތް ހުސްވެގެން ދަނީއޭ އެކަނިކޮށްލީމާ، ދެރަވޭ އަދު މަ ބާކީވާން ވީމާ
ހީވޭ ބެދޭހެން ދާންވީ ދިމާ، ވީމޭ މިދުނިޔޭން މާޔޫސްވެފާ
ލޯބީގެ ތަރިތައް ވީ އޮއްސިފާ، ލޯބީގެ މަންޒިލް ވީ ގެއްލިފާ
ބޭނުންވެޔޭ ހިތް ލޯތްބާ އުފާ”
އެވަގުތު ގަދަ ވަޔާއެކު ބޮޑުތިކި ވާރޭ އޮއްސާލީ މާޒްގެ ހިތާމައިގައި ބައިވެރިވާ ފަދައަކުންނެވެ. ބޯ ވާރޭގައި ތެމި ފޯވަމުން ދިޔަނަމަވެސް މާޒްއަކަށް މާބޮޑު އަސަރެއް ކުރާހެނެއް ހިއެއްނުވެއެވެ. އޭނާ ބޭނުންވަނީ އެވާރޭގެ ފިނިން ހިތުގައިވާ ދިލަ ހޫނަށް ފިނިކަމެއް ހޯދާށެވެ. އެތައްއިރަކު މާޒް ރޯން އިނެވެ. އޭނާގެ މާމަ ނިޔާވިފަހުން މިގޮތަށް ކަރުނަ އަޅާ ރުއި ހަނދާނެއް އޭނާ ނުވެއެވެ. ނަމަވެސް މިއަދު ލޯބީގައި އޭނާ ބަލިކަށިވެއްޖެއެވެ. އެތައްއިރަކު އޭނާގެ ނަސީބާއިމެދު ހިތާމަކުރަން އިނުމަށްފަހު މާޒް ތެދުވިއެވެ. އޭރު މާގިނައިން ރޮވުމުގެ ސަބަބުން އޭނާގެ ލޮލުގައި މަޑު ރިހުމެއްވިއެވެ. އޭނާއަށް ހަމަބިމަށް އާދެވިއްޖެއެވެ. މިއީ އޭނާއަށް މިންވަރު ކުރެއްވި ގޮތެވެ. އޭނާ ޖެހޭނީ މިކަމާ ކެތްތެރިވެ މިންވަރަށް އީމާންވާށެވެ. އޭނާގެ ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. އިރާދަކުރެއްވިއްޔާ ދެން އޭނާ އައިކާއަށްޓަކައި އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލާނެއެވެ.
“އަހަރެން ރޯންވީ ކީއްވެ؟ އިކާއަކީ އަހަރެންގެ އުފާ.. އިކާ އުފަލުގަ ހުރިއްޔާ އަހަރެން ހުންނާނީ އުފަލުން.. އިކާއަށް ޔޫޝައުއާއެކު ނަމަވެސް އުފާވެރި ދިރިއުޅުމެއް ލިބެނިކޮށް އަހަރެންނަށް ނިމުނީ.. އަހަރެން އެކަމަށް ދުޢާވެސް ކުރާނަން..” މާޒް ގެއަށް ދިއުމަށް ހިނގައިގަތްއިރުވެސް ވާރޭ ތުނިކޮށްލާކަށް ނޫޅެއެވެ. ހީވާ ގޮތުން އަވަހަކަށް ނުވެސް ހުއްޓާނެއެވެ. އަނެއްކޮޅުން ޖެހެމުންދާ ގަދަ ވައިން ހީވަނީ ގަސްތައްވެސް މުލުން ލުހެލަފާނެހެންނެވެ. ނަމަވެސް މާޒްގެ ހިތަކަށް ކުޑަވެސް ބިރުވެރިކަމެއް ނުވަދެއެވެ. އެ އަނދިރި މަގުން ގޮސް އައިކާމެން ގޭ މަގަށް އެޅީ އެގޭ ކައިރީގައި ސައިކަލު ބެހެއްޓިކަން ހަނދާންވުމުންނެވެ. މާޒް ގޮސް ސައިކަލަށް އަރައިގެން ގެޔާއި ދިމާއަށް ދުއްވާލިއެވެ.
ރަމްޒިއްޔާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ މާޒްގެ ޚަބަރެއް ނުވެގެންނެވެ. މާޒްއަށް ގުޅާ ގުޅާވެސް ގުޅޭގޮތެއް ނުވިއެވެ. ނަމަވެސް ފިހާރައަށް އައި މީހަކު، އައިކާމެންގޭ ދޮރުމަތީ މާޒްގެ ސައިކަލު ހުރި ވާހަކަ ބުނުމުން ހިތްހަމަޖައްސާލައިގެން ހުރީއެވެ. ނަމަވެސް މާޒްއަކީ ދުވަހަކުވެސް ރޭގަނޑު އެގާރައިގެ ފަހުން ގެއިން ބޭރުގައި އުޅުނު މީހެއް ނޫނެވެ. އެހެންކަމުން މިރޭ މާ ލަސްވުމުން ރަމްޒިއްޔާ ކަންބޮޑުވީއެވެ.
“ދަރިފުޅު ކޮންތާކުން ތިއައީ؟ މަންމަ މިހާރު ކަންބޮޑުވެގެން އުޅޭތާ ކޮންއިރެއް؟ ކިހިނެއްވީ ވާރޭ ތެމިގެން ތިއައީ؟ ދަރިފުޅަށް އެނގެއެއްނު ވާރޭ ތެމުނީމަ ދަރިފުޅު އަބަދުވެސް ރޯގާ ޖެހޭކަން.. ދެން ކީއްވެ؟” މާޒް އައިސް ގެއަށް ވަނުމާއެކު ރަމްޒިއްޔާ އެއްފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. މާޒް އެއްޗެކޭ ނުބުނެ ހުރީ އޭނާގެ ކެތްތެރިކަން ކޮޅުންލައި ހިތުގެ އުދާސްތައް ބޭރުކޮށްލެވިދާނެތީއެވެ. އޭނާއަށް ދެރައެއް ލިބިއްޖެކަން އެނގިއްޖެނަމަ އޭނާގެ މަންމަ އިންތިހާއަށް ދެރަވާނެއެވެ. އެހެން ވާކަށް އޭނާ ނޭދެއެވެ.
“މަންމާ! އަހަރެން މިދަނީ އެއްޗެހި ބަދަލުކުރަން..” މާޒް އެހެން ބުނެލުމަށްފަހު މަޑުވެސްކޮށްނުލާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ.
**********
“އަހަރެންނަށް މި ކުރެވުނީ ކީއް؟ ކީއްވެތަ އެޚަބަރު ދޭން މާޒްއަށް ގުޅުނީ؟ އޭނަ ހާދަ ދެރަވާނެޔޭ.. އޭނަ އެހާ އުއްމީދުގަ އެހާ އުފަލުން އައިމަ.. އަހަރެންނަށް ކީއްވެތަ މާޒްއަށް އުއްމީދު އާވާ ކަހަލަ ވާހަކަތަކެއް ދެއްކުނީ؟ ކީއްވެތަ؟” އައިކާ އޭނާގެ ކޮޓަރީގައި އޮވެ އޭނާއަށް ކުރެވުނު ކަންތަކާއިމެދު އަމިއްލަ ނަފްސަށް އަޑުލަމުން ދިޔައެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވުމުން ބަލާލިއިރު ޔޫޝައުއެވެ. އޭނާ ހަމަޖެހިލަމުން ފޯނު ނެގިއެވެ.
“ކީއްކޮށްލަނީ؟” ޔޫޝައު އަހާލިއެވެ.
“ހަމަ އޮތީ.. ދެން ނިދަންވީ..” އައިކާ ކުޑަކޮށް ލަދުން ހުރެ ބުނެލިއެވެ.
“އެހެންތަ؟ އަހަރެން މިއޮތީ ނުނިދިފަ..” ޔޫޝައު އެހެން ބުނެލުމުން އައިކާ ކުޑަކޮށް ހައިރާންވެފައި އެއީ ކީއްވެތޯ އަހާލިއެވެ.
“ފިނިވީމަ..”
“ފިނިވީމަ ނިދަން ފަސޭހައެއް ނޫންތަ ވާނީ؟” އައިކާ އެހެން ބުނެލުމުން ޔޫޝައު ކުޑަކޮށް ހީލިއެވެ.
“ކުޑަކުދިންނަކަށް ނުވިސްނޭނެ..”
“ދެން..” އައިކާ ތުއިވެލިއެވެ. ދެމީހުން އިރުކޮޅަކު ވާހަކަދައްކާލަން ތިބެފައި އައިކާ ނިދިއައި ވާހަކަ ބުނުމުން ރޭގަނޑުގެ ސަލާމް ކޮށްލުމަށްފަހު ޔޫޝައު ފޯނު ބޭއްވިއެވެ.
**********
“މަންސޫރު! އަހަރެންނަށް ހީވަނީ މާޒްއަށް ކޮންމެވެސް ކަމެއް ވެއްޖެހެން.. އެއީ ވާރެޔާ ނުލާހިކު ދުރު ކުއްޖެއް.. އަނެއްކޮޅުން އޭނަ ހުރިގޮތުންވެސް އަހަރެންނަށް ޔަޤީން ކޮންމެވެސް ކަމެއް ވެއްޖެކަން..” ނިދަން އޮށޯވެފައި ރަމްޒިއްޔާ ވާހަކަ ދެއްކީ ފިރިމީހާ މަންސޫރާއެވެ.
“އަހަރެންނަށްވެސް އެނގޭ ކަމެއް ވެއްޖެކަން.. އަހަރެންނަށް ފެންނަނީ މާދަމާ ރަމްޒިއްޔާ އެވާހަކަ ދައްކާލަން.. އަހަރެންނަށްވުރެ ރަމްޒިއްޔާ ގާތު އޭނަ ފަސޭހައިން ބުނާނެހެން ހީވަނީ..” މަންސޫރު ބުނެލިއެވެ.
“ތިހެން ހަދާތީއޭ މާޒް މަންސޫރުއާ ދުރުވަނީ.. ތިހެން ހަދާތީ އޭނައަށް ހީވަނީ މަންސޫރު އޭނަދެކެ ލޯބިނުވާހެން..” ރަމްޒިއްޔާ އެހެން ބުނެލުމުން މަންސޫރުއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“އަސްލު އަހަރެންނަކަށް ނޭނގެ ވާގޮތެއް.. އެކަމަކު އަހަރެން ހިތަށްއަރަނީ މިހާރު މާޒްއަށް އަންގަންވީއޭ އަހަރެންނަކީ މާޒްގެ އަސްލު ބައްޕަ ނޫންކަން.. ހިތަށްއަރަނީ އެހެން މީހެއްގެ ފަރާތުން އޭނައަށް އެކަން އެނގިއްޖެއްޔާ އޭނަ އަހަރެމެންނާ ދޭތެރޭ ހިތް ގޯސްވާނެޔޭ.. އޭނައަށް މިހާ ދުވަސް ވަންދެން އެކަން ސިއްރުކުރީމަ.. އެކަމަކު އަހަރެމެން އޭނަ ގާތު އެވާހަކަ ދައްކައިފިއްޔާ އޭނައަށް އެކަން ޤަބޫލުކުރަން ފަސޭހަވާނެޔޭ.. ހިތްހަމަނުޖެހުނަސް ހިތް ސާފުކުރަން ފަސޭހަވާނެޔޭ..” މަންސޫރު އެހެން ބުނެލުމުން ރަމްޒިއްޔާއަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ.
“އެހެންވީމަ ތިބުނަނީ މަންސޫރު މާޒްއާ އެހާ ގާތްވެ ނޫޅެނީ އެކަން އެނގުނީމަ ވެދާނެގޮތް ހިތަށްއަރާފައޭތަ؟” ރަމްޒިއްޔާ އެހެން ބުނެލުމުން މަންސޫރު ބޯޖަހާލިއެވެ.
“އެކަމަކު ތީ އަދި ރަނގަޅު ގޮތެއް ނޫންހެން އަހަރެންނަށް ހީވަނީ.. މަންސޫރު މާޒްދެކެ ވަރަށް ލޯބިވަމެއްނު ދޯ؟ އެހެންވީމަ މިހާރު ތިހެން ހެދީމަ ފަހަރެއްގަ މާޒްގެ ހިތުގަ އޮތްގޮތް ބަދަލުވެދާނެ.. އެކަމަކު އެލޯބި ހާމަކޮށްދެންޏާ ކޮންމެފަދަ ހަޤީޤަތެއް އެނގުނަސް އެލޯބި އޭނަވެސް ވާނެ..” ރަމްޒިއްޔާގެ ވާހަކައަށް މަންސޫރަށްވެސް އެއްބަސްވެވުނެވެ.
“އަހަރެން މާދަމާ މާޒްއާ ވާހަކަދައްކާނަން.. އެންމެ ރަނގަޅެއްނު..”
“ހޫމް.. އަހަރެންނަށް ފެންނަނީ މާޒް ގާތު ބައްޕަގެ ވާހަކަދެއްކުން އިހަށް ފަސްކޮށްލަން..” ރަމްޒިއްޔާ އެހެން ބުނެލުމުން މަންސޫރު، އެންމެ ރަނގަޅޭ ބުނެލިއެވެ.
**********
“ލީން! އަހަރެންނަށް ވަރަށް ކަޑަ ކަމެއް ކުރެވިއްޖެ..” ހެނދުނު އައިކާ ލީންއަށް ގުޅާފައި ފުރަތަމަވެސް ބުނީ އެހެންނެވެ.
“އަނެއްކާ ކީއްކުރީ؟ ޔޫޝައުއާ..”
“ނޫން.. ތިކަހަލަ ކަމެއް ނޫން..” އައިކާ އެހެން ބުނެފައި ރޭގައި އޭނާއަށް ކުރެވުނު މޮޔަ ކަންތަކުގެ ވާހަކަ ކިޔައިދިނެވެ.
“ތިވީ ވަރަށް ދެރަ ކަމެއް.. އޭނަ ހާދަ ދެރަވާނެޔޭ.. އިކާ ކީއްވެތަ އެހެން ހެދީ؟” ލީން ކުޑަކޮށް ހިތްހަމަނުޖެހިފައި އިނދެ އަހާލިއެވެ.
“އަހަރެން ގަސްތުގައެއް ނޫން.. އަހަރެންނަށް ގުޅާފަ ބުނެވުނީ އެހެން.. އަހަރެންނަށް އަދިވެސް މާޒް ދެކެވެނީ ބެސްޓް ފްރެންޑްގެ ގޮތުގަ.. އެކަމް ރޭގަ ވީގޮތުން ދެން ނުކެރޭނެ މާޒް ކުރިމައްޗަށް ދާކަށްވެސް..” އައިކާވެސް އިނީ އޭނާއަށް ކުރެވުނު ކަންތަކާއިމެދު ދެރަވެފައެވެ.
“ދެން ވީކަމެއް ވީ.. އޭގެ މާނައަކީ އިކާ އުމުރު ދުވަހު މާޒްއަށް ފިލައިގެން އުޅޭށެކޭ ނޫން.. އަހަރެންނަށް ހީވަނީ މާޒް ކިތަންމެ ދެރަވިޔަސް އޭނައަށް އަންޑަސްޓޭންޑް ވާނެހެން.. އޭނައަށް އެނގެއެއްނު އިކާ އޭނައާ ދޭތެރޭ ދެކެނީ ހަމައެކަނި ބެސްޓް ފްރެންޑްގެ ގޮތުގަކަން..” ލީން ބެލީ އައިކާއަށް ވިސްނައިދެވޭތޯއެވެ.
“ހޫމް.. އެނގޭނެ.. އެކަމް އަހަރެން ވަރަށް ދެރަވި ރޭގަ އެހެން ހެދުނީމަ.. އަހަރެން ހިތަށްއެރި މާޒްއަށް ގުޅުނީ ކީއްވެބާއޭ އެވާހަކަ ބުނަން.. ދެން ނޭނގެ.. ކޮންމެ ގޮތެއްވިޔަސް ވަރަށް ބޮޑަށް އަމިއްލަ ނަފްސު ކުށްވެރިކުރެވިއްޖެ އެކަމާ ހެދި..” އައިކާ އަދިވެސް އިނީ ދެރަވެފައެވެ.
“ހޫމް.. ދެން ތި މޫޑް ރަނގަޅުކޮށްލަން ހިނގާބަލަ އިކާގެ ރާޖާގެ ވާހަކަ ދައްކަން.. އޭނަ ކިހިނެއްތަ؟” ލީން އެހެން އަހާލިގޮތުން އައިކާއަށް ހެވުނެވެ.
“ވަރަށް ރަނގަޅު.. ވަރަށް ސަޅި..”
“ދެން މިހާރު މަންމަމެން ގާތު އެވާހަކަ ދައްކައިފިންތަ؟” ލީން ސީރިއަސްވިއެވެ.
“ނޫނޭ.. އެކަމް ވަރަށް އަވަހަށް ދައްކާނަން.. ޔޫޝައުވެސް ބުނި ވީހާވެސް އަވަހަކަށް މަންމަމެންނާ ވާހަކަ ދައްކާށޭ.. އޭރުންނޯ އޭނަ ހިތްހަމަޖެހޭނީ.. މަންމަމެން ހިތްހަމަނުޖެހޭ ގޮތަށް އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއްނުވެޔޯ..” އައިކާ އެހެން ބުނެލުމުން ލީން ހީލިއެވެ.
“އެހެންތަ؟ ތިހެންވިއްޔާ އަހަރެންނަށް ހީވަނީ ޔޫޝައުއަކީ ވަރަށް ރަނގަޅު މީހެއްހެން.. އޭނަގެ ވާހަކަ ވަރަށް ރަނގަޅު.. ދެން ނޭނގެ ދޯ އެހެން ކަންކަން ހުރި ގޮތެއް.. އިރާދަކުރެއްވިއްޔާ އެކަންކަންވެސް ރަނގަޅުވާނެ..” ލީންގެ ވާހަކަތަކުން އައިކާ ވަރަށް ހިތްހަމަޖެހުނެވެ.
“ދެން ހަމައެކަނި ޔޫޝައުގެ ވާހަކަތަ ދައްކަނީ؟ ކޮބާތަ އެ ޒިޔާ؟ ބިޒީ މީހެއް އިނގޭ އެއީ.. އަހަރެންނަށް ހީވަނީ މެރީކޮށްގެން ފަސްޓް ނައިޓްގަވެސް އޭނަ މަސައްކަތައިގެން ބޭރަށް ދާން ޖެހޭނެ ކަންނޭނގެ..” އައިކާ މަޖާވެލާފައި ބުނެލިގޮތުން ލީންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ތެދެއް ތިބުނީ.. އެކަމް ދެން ރަނގަޅުތާ.. މިހާރު މިއުޅޭ ގިނަ މީހުންހެން ކަމެއްނެތި ބިތްޖެހިފަ ނުހުންނާތީ އޭނަ ކިހާ ހިތްހަމަޖެހިގެން އެއުޅެނީ.. ކުރަން ނޭނގޭ މަސައްކަތެއް ނޯވޭ.. ޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ.. އޭތި ކިހާ ސަޅި.. ނޫންތަ؟” ލީން އޭނާގެ ލޯބިވެރިޔާއަށް ތަޢުރީފުކުރިއެވެ.
“ނޫނޭ.. ވަރަށް ސަޅި.. އެންމެންނަކަށް ނުލިބޭނެތާ ދޯ ބޮޑެތި އޮފީސްތަކުގެ ގޮނޑީގަ ތިބޭކަށް.. އެހެންނޫނަސް ޙަރާމް ނޫން ކޮންމެ މަސައްކަތެއްވެސް ރަނގަޅުވާނެ ލާރި ލިބެންޏާ.. އަނެއްކޮޅުން ގިނަ މަސައްކަތް ކުރަން ދަންނަންޏާ ކިހާ ސަޅި ދޯ؟ އޯލް އިން ވަންއެއް ވީމަ..” އައިކާ އެހެން ބުނެލުމުން ލީންވެސް އެއްބައިވެލިއެވެ.
“އޭތް.. ތިއެއްނޫނޭ.. ކޮބައިތަ އެ ޔާން؟ ބުނީމެއްނު އައިސް އުޅޭ ވާހަކަ..” އައިކާ ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.
“އާނ.. އެބައުޅޭ.. އެސޮރުގެ ހިތްހަލާކުވެގެން އުޅެނީ.. ލޯބިވާ ކުއްޖާ ގާތު ނުބުނެވިގެން އުޅެނިކޮށް ތެޔޮނާށި ކާޅު ޖަހައިގެންފިޔޯ ބުނީ..” ލީން އެހެން ބުނެލުމުން އައިކާ ވަރަށް ގަޔާވެފައި އިނދެ އެއީ ކާކުތޯ އަހާލިއެވެ.
“އެކީއްކުރަން ބަލަނީ؟ އޭރުން މަސްލަހަތު ގެއްލޭނީ..”
“ކީއްވެތަ މަސްލަހަތު ގެއްލެންވީ؟” އައިކާ ހައިރާންވެފައި އަހާލިއެވެ.
“އެ ވެދާނެއެއްނު އިކާއަށްވެސް..” ލީން ސީރިއަސްވެފައި އެހެން ބުނިނަމަވެސް އައިކާ ހީކުރީ ލީން ލާނެތް ސަމާސާއެއް ކުރަނީ ކަމަށެވެ.
“އެއްކަލަ ލީން.. ދެން އެންމެން އުޅޭނެތަ އަހަރެން ފަހަތުން؟ އަދި އަމުދުން ޔާން ކަހަލަ މީހަކު.. އޭނަ އެއައީ ފަސްއަހަރު ރާއްޖެއިން ބޭރުގަ އުޅެފައޭ.. އެވާނީ އެތާ ކުއްޖަކަށްކަން ހަމަ ޔަޤީން..” އައިކާ ހީލާފައި ބުނެލިއެވެ.
“ނޭނގެއެއްނު.. އޭނަ ބޭރަށް ފުރުމުގެ ކުރިން ކުއްޖަކު އޭނަގެ ހިތް ވަގަށް ނެގީކަމަށްވެސް ވެދާނެއެއްނު..” ލީން އެހެން ބުނެލިގޮތުން އައިކާއަށް ހެވުނެވެ.
“ދެން ސަމާސާ ކަނޑާލާފަ ބުނެބަލަ.. ކޮބައިތަ ޔާންގެ ހިތް ހަލާކުކޮށްލި މީހަކީ؟” އައިކާ އަނެއްކާވެސް އޭނާގެ ސުވާލު ތަކުރާރުކުރިއެވެ.
“ދެން އެވާހަކަ ބާއްވާ.. ޔާންވެސް ބޭނުމެއްނުވޭ އިތުރަށް އެވާހަކަ ދައްކާކަށް..” ލީން ބޭނުންވީ އަވަހަށް އެވާހަކަ އޮއްބާލާށެވެ.
“ދެން އެކަމްވެސް އަހަރެން ގާތު ބުނެބަލަ.. ޔާން އެއީ އަހަރެމެންގެ ނުލާހިކު ކްލޯސް ފްރެންޑެއްނު..” އައިކާ ހުރީ ދޫކޮށްލާ ކަހަލަ ގޮތަކަށް ނޫނެވެ.
“އެހެންވެޔޭ ނުބުނަން މިއުޅެނީވެސް..” ލީން އެހެން ބުނެލުމުން އައިކާ ހައިރާންވިއެވެ.
“އަޅެ ޕްލީޒް!”
“އެންމެ ރަނގަޅު.. ބުނެފާނަން.. އެކަމް ޕްރޮމިސްކުރޭ އެކަމާ ނުވިސްނާނަންކަމަށް..” ލީން ޝަރުތެއް ކަނޑައެޅިއެވެ.
“ޕްރޮމިސް..”
“ތީ އެމީހަކީ.. އަހަރެން ސަމާސާއަކަށް ނޫނޭ އެހެން ބުނީކީ.. އިއްޔެގަ އަހަރެންނަށްވެސް އެނގުނީ.. ޒިޔާ އަހަރެން ގާތު އެހީ އިއްޔެ މާ އަވަސް އަރުވާލާފަ މިގެއަށް އައީ ކީއްވެތޯ.. ދެން އަހަރެން ކިޔައިދިނީ އިކާ ޔޫޝައުއާ ރައްޓެހިވީ ވާހަކަ.. ބުނީމަ ބުނީ އެހެންވީމަ ޔާންގެ ހިތްހަލާކުވީތާއޭ.. ދެން އަހަރެން އެހީ ކީއްވެހޭ ޔާންގެ ހިތް ހަލާކުވާންވީ؟ އަނެއްކާ ޔާންވެސް އިކާދެކެ ލޯބިވަނީހޭ.. އެހީމަ ބުނީ އާނއެކޭ.. ވަރަށް ކުރީއްސުރެވެސް ޔާން އިކާދެކެ ލޯބިވެޔޯ.. އެކަމް އިކާ ގާތު ބުނަން ނުކެރިފަޔޯ.. ތިމަންނަ ކިތަންމެ ފަހަރަކު ބުނީމޯ އަވަހަށް ބުނާށޭ.. ނުބުނެ ހުއްޓާ ވަގުތު ފާއިތުވެދާނެޔޭ.. ޔާންއަށް ބުނަން ނުކެރެންޏާ ތިމަންނަ ތިކަން ކޮށްދީފާނަމޭ ބުނާ ކޮންމެ ފަހަރަކު ބުނެޔޯ ވަގުތު ޖެހުނީމަ ބުނާނަމޭ.. އަދި ޒިޔާ ބުނި ޔާން ރާއްޖެ އައުމުގެ ދެދުވަސް ކުރިން ގުޅައިގެން އުޅެމުން ބުންޏޯ މިހާރު އިކާ ގާތު ބުނާށޭ މިއުޅެނީ.. ދެން އިއްޔެގަ އަހަރެން ޒިޔާ ގާތު އެވާހަކަ ދެއްކި އަޑު ޔާންއަށް އިވުނީ.. ޔާން ބުނީ އެހެންވިއްޔާ އިކާ ގާތުވެސް ނުބުނައްޗޭ.. އެކަމް އިކާ ކުރުނުކޮށް ކިޔަން ފެށީމަ މި ކިޔައިދިނީވެސް..” ލީން ކަން ވީގޮތް އޮޅުންފިލުވައިދިނެވެ.
“އޯހ ގޯޑް!! ކީއްވެތަ އެންމެން އަހަރެންގެ ފަހަތުން އުޅެނީ؟ އަހަރެންނާ ފްރެންޑް ކޮންމެ ކުއްޖެއްހެން އަހަރެންދެކެ ލޯބިވަނީ ކީއްވެތަ؟ އަހަރެންނާ އެމީހުން ދުރުކުރަން ތަޤުދީރުވެސް ބޭނުންވަނީ ކަންނޭނގެ.. އަހަރެންގެ ގާތް އެކަކުވެސް ނުބަހައްޓަންވީ ކަންނޭނގެ..” އައިކާ އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ.
“ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ؟ އެކަމާ ހެދި ތިމީހުންގެ ރިލޭޝަންއަކަށް އެއްވެސް ބަދަލެއް ނާދެއެއްނު.. ދެން ކޮބާ މައްސަލައަކީ؟” ލީން ބެލީ އައިކާއަށް ވިސްނައިދެވޭތޯއެވެ.
“ނޫނޭ.. ވަރަށް ބޮޑު ބަދަލެއް އައިސްފި.. މާޒް އަހަރެން ގާތު އެވާހަކަ ބުނިފަހުން އަހަރެމެން ދެމީހުންނަށް ދުރުވެވުނުވަރު ލީންއަށްވެސް އެނގެއެއްނު.. އޭރު އޭނައަށް ޔެސް ބުނެފާނެކަމުގެ އުއްމީދުގަ އަހަރެންނާ ވާހަކަދެއްކިޔަސް މިހާރު އޭނަގެ ހުރިހާ އުއްމީދެއް ވާނީ ފުނޑުފުނޑުވެފަ.. ދެން ނޭނގެ އަހަރެންނާ ވާހަކަދައްކާނެ ކަމެއްވެސް..” އައިކާގެ ވާހަކަ ހުރިގޮތުން ހިތްހަމަނުޖެހިފައި ލީންއަށް ބޯހޫރާލެވުނެވެ.
“ސާބަސް އިކާއަށް.. ކޮންކަހަލަ ވިސްނުމެއްތަ ތި ހުންނަނީ؟ ތިބުނަނީ މާޒް އިކާއާ ވާހަކަދައްކާ ހެޔޮކޮށް އުޅުނީ އަމިއްލަ އެދުމެއް ހާސިލްކުރާށޭ.. އެކަމް ތީ އިކާއަށް ކުރެވޭ ކުށްހީއެއް.. ނޫންނަމަ ކީއްކުރަން އިކާއަށް ފޯނާ އެއްޗެހި ދޭންވީކީ؟ އަމިއްލަ އެދުމައިގެން އުޅޭނަމަ އިކާ އޭނަ އިގްނޯރ ކޮށްލީމަ ހަމަ އަތުލަންވީނު.. ވިސްނަބަލަ.. އިކާއަށް ކޮންމެ މީހަކާ ދޭތެރޭ ގޯސްކޮށް ވިސްނޭތީ ތިހެން ތި ހީވަނީ..” ލީންގެ އަޑުންވެސް އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު ހާމަވެއެވެ.
“ލީން! ދެން އަހަރެންނަކަށް ނޭނގެ ދެން..”
“އަހަރެންނަށް އެނގޭ.. އެކަންކަމާ ބޯގޮއްވަން ނުހަދާ ޔޫޝައުއާއެކު ރީތިކޮށް ކުރިއަށް ދާންވީ.. އޭރުން ހިތްހަމަޖެހިގެން އުޅެވޭނީ.. އެކަންކަމާ މާބޮޑަށް ވިސްނާ ހަދަންޏާ ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ..” ލީންގެ ވާހަކަތަކުން އައިކާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.
އައިކާ އޭނާގެ މައިންބަފައިން ގާތު ޔޫޝައުގެ ވާހަކަދެއްކީ އޭގެ ދެދުވަސް ފަހުންނެވެ. ސަނާއާއި ނާޒިމް ޔޫޝައުއާ ބައްދަލުކޮށްލަން ބޭނުން ވާހަކަ ބުނުމުން އައިކާ ޔޫޝައުއަށް ގުޅާފައި އެދުވަހުގެ މެންދުރު ކެއުމަށް އެގެއަށް އައިސްދިނުމަށް އެދުނެވެ. އަދި އެއީ ނާޒިމްމެން އޭނާއާ ބައްދަލުކުރަން ބޭނުންވެގެންކަމަށް އައިކާ ބުންޏެވެ. ޔޫޝައު ދެބަހެއްނެތި އެގެއަށް ދާނެކަމަށް ބުނެ އެއްބަސްވިއެވެ. އައިކާ ކައިވެންޏާ އެއްބަސްވީ ނަމަވެސް އައިކާގެ ބައްޕަމެން ޤަބޫލުނުވެދާނެޔޭ އޭނާގެ ހިތަށްއެރިއެވެ. ފިނިވެފައިވާ ހާލު ޔޫޝައު އެގެއަށް ދިޔައީ އައިކާގެ އުފަލަށްޓަކައިވެސް އެމީހުން އެކައިވެންޏަށް އެއްބަސްވޭތޯ ހިތާހިތުން ދުޢާކުރަމުންނެވެ.
ކައި ނިންމައިގެން ނުކުމެ ސިޓިންގރޫމުގައި ތިބެފައި ނާޒިމްއާއި ސަނާ ޔޫޝައުއާ ވާހަކަދެއްކިއެވެ. އައިކާވެސް ސިޓިންގރޫމުގައި ހުރި ސޯފާ ގޮނޑިއެއްގައި އިނީ ނާޒިމްމެން ދޭނެ ޖަވާބެއް ނޭނގޭތީ ހިތް ނުތަނަވަސްވެފައެވެ. ނާޒިމްއާއި ސަނާ އެމީހުން ބޭނުންވާ ސުވާލުތައް ކުރަމުން ދިޔައީ ޔޫޝައު ތެދުވެރިކަމާއިއެކު އެހުރިހާ ސުވާލުތަކަކަށް ޖަވާބުދެމުން ދިޔަގޮތުން ހީވީ ވަޒީފާއެއްގެ އިންޓަވިއުއަށް ގޮސް އިން މީހެއްހެންނެވެ. ޔޫޝައުގެ ވާހަކަތައް އަޑުއަހާފައި އެމީހުން ހިތުން ރުހުމުން އެގުޅުމަށް ޤަބޫލުވިއެވެ. އޭގެފަހުން ޔޫޝައު ކޮންމެ ދުވަހަކު ކޮންމެ ރެޔަކު އައިކާއާ އެގެއިން ބައްދަލުކުރެއެވެ. އޭނާ ފުރާ ދުވަސް ކައިރިވެފައިވުމާއެކު އޭނާ ބޭނުންވީ ވީހާވެސް ގިނަ ވަގުތު އައިކާއާއެކު ހޭދަކުރާށެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އައިކާއާއި ޔޫޝައުގެ ގުޅުން ވަރުގަދަވަމުން ދިޔައިރު މާޒްގެ އެކަނިވެރިކަންވެސް ދިޔައީ އިތުރުވަމުންނެވެ. މާޒް އައިކާއާ ވާހަކަދެއްކި ނަމަވެސް ކުރިން އޮންނަ ގާތްކަން ނޯންނަކަން އައިކާއަށް އިހުސާސްވެއެވެ. ކުރިން މާޒްގެ މޫނުމަތީގައިވާ ހިނިތުންވުން މިހާރަކު ނުފެނެއެވެ. އެކަމުގެ ސަބަބު އެނގިހުރެވެސް އައިކާއަށް އެކަމާ ގުޅުވާފައި އެއްޗެއް ބުނާކަށް ނުކެރެއެވެ. ނަމަވެސް މާޒްގެ އެ ދުރުކަމުން ދެރަވެސްވެއެވެ. ވާނީވެސް އެހެންތާއެވެ. މާޒްއަކީ މިދުނިޔެމަތީގައި ހުރި އޭނާއަށް އެންމެ ހެޔޮއެދޭ އެއް އިންސާނާއެވެ.
ދެހަފްތާ ފަހެވެ. ޔޫޝައު ފުރަން އެއްދުވަހަކަށް ވެފައިވަނިކޮށް މާޒް، އައިކާއާއި ޔޫޝައުއަށް ކެއުމަކަށް އެގެއަށް އައުމަށް ދަޢުވަތުދިނެވެ. އެދަޢުވަތަކީ އޭނާގެ ގާތުގައި ލިހާމް ދެއްކި ވާހަކަތަކުގައި ހުރީ ކިހާ ވަރެއްގެ ބުރަދަނެއްތޯ ބަލާލަން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި ޔޫޝައު ދުށްޓެވެ. އެހެންކަމުން އޭނާ އެއްވެސް އުޒުރަކާއިނުލާ ދާން އެއްބަސްވިއެވެ. ލިހާމް ބުނިގޮތުން ވިއްޔާ މާޒް އެދެމީހުން ދުރުކުރަން ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. ނަމަވެސް އޭނާއަކީ އެއްވެސް މީހަކު ދައްކާހާ ވާހަކައެއް އެއްވެސް ހެއްކެއްނެތި ޤަބޫލުކުރާ މީހަކަށް ނުވާތީ އޭނާ އެވާހަކަތައް ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
“ބޭބީ.. މިރޭ މާޒް އެބައޮތް އަހަރެމެންނަށް ދަޢުވަތެއް ދީފަ.. އަހަރެން ބުނިން ދާނަމޭ.. ރެޑީވައްޗޭ އަށްގަޑި ބަޔަށް..” ޔޫޝައު އައިކާއަށް ގުޅައިގެން އުޅެމުން މާޒް ދިން ދަޢުވަތުގެ ވާހަކަ ބުނެލުމުން އައިކާ ބޭނުންވީ ވަގުތުން އިންކާރުކުރާށެވެ. މާޒްގެ ކުރިމައްޗަށް އަރަން އޭނާ ދެރަވެއެވެ. ނަމަވެސް ޔޫޝައުގެ ގާތުގައި މާޒްގެ ވާހަކަ ބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެވާހަކަ ނުބުނެ އޭނާ އިންކާރުކޮށްފިނަމަ ޔޫޝައުގެ ހިތުގައި ސުވާލު އުފެދޭނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ދާން އެއްބަސްވިއެވެ.
އެރޭ އައިކާއާއި ޔޫޝައު، މާޒްގެ ގެއަށް ދިޔައިރު މާޒް އޮތީ އެގޭ ޖޯލިފަތީގައި އެމީހުންގެ އިންތިޒާރުގައެވެ. އެމީހުން ފެނުމާއެކު މާޒް ޖޯލިން ތެދުވަމުން އެތެރެއަށް އައުމަށް ބުނެލިއެވެ.
“މަންމާ! މިތިބީ އިކާމެން އައިސް..” މާޒް ގޭތެރެއަށް ވަދެ އޭނާގެ މަންމައަށް ގޮވާލަމުން ބުނެލިއެވެ. މާޒްގެ އަޑަށް ބުރުގާ އަޅަމުން ރަމްޒިއްޔާ ކޮޓަރިން ނުކުތެވެ. އަދި ބަދިގެއާއި ދިމާއަށް ހިނގައިގަތީ އަވަހަށް އެމީހުންނަށް ކާން ހަދާށެވެ. ރަމްޒިއްޔާ ދިއުމުން މާޒް ގޮސް އައިކާމެން ގާތު ޖޯލިފަތީގައި އިށީނދެ ވާހަކަދައްކަން އިނެވެ. ޔޫޝައު އިނީ މާޒްގެ ހަރަކާތްތަކަށް ރަނގަޅަށް ބަލާށެވެ. މާޒް އައިކާއަށް ބަލާލާގޮތް ތަފާތުކަން ޔޫޝައުއަށް ފާހަގަކުރެވުނު ނަމަވެސް އޭނާ އެކަމަކާ އެއްޗެއް ނުބުނެއެވެ. ނަމަވެސް މާޒްގެ ވާހަކަތައް ހުރިގޮތުންނާއި އެހުރި އޯގާތެރިކަމަކުން ޔޫޝައުއަށް ލިހާމް ދެއްކި ވާހަކަ އެހާ ހަމަޖެހޭކަމަކަށް ޤަބޫލެއް ނުކުރެވުނެވެ.
“ތިންކުދިން ކާން އަންނަންވީނު.. ކާން ހެދިއްޖެ..” ރަމްޒިއްޔާ އެހެން ބުނެލުމުން މާޒް، އައިކާމެން ގާތުގައި އަންނާށޭ ބުނެފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. އައިކާވެސް ޔޫޝައުއާއެކު މާޒްގެ ފަހަތުން ހިނގައިގަތެވެ. ތަފާތު އެކި ވާހަކަތަކުގައި ތިބެ ކެއުން ނިންމާލާފައި ނުކުމެ ސިޓިންގރޫމުގައި ވާހަކަދައްކަން މަޑުކޮށްލިއެވެ. މާޒްގެ ހިތްހެޔޮކަމުގެ ސަބަބުން ޔޫޝައުއާ ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދޭކަށް މާގިނަ ވަގުތެއް ނުނެގިއެވެ.
ގަޑިން ނުވަގަޑި ބައިވުމުން ޔޫޝައު އައިކާ ގޮވައިގެން ގެއަށް ދާން ނުކުތީ އެމީހުންނަށް ދިން ދަޢުވަތަށްޓަކައި މާޒްއަށް ޝުކުރުއަދާކޮށްފައެވެ. ގެއަށް ގޮސްފައި އައިކާ އެތެރެއަށް ވަންނަން އުޅެން ފެށުމުން ޔޫޝައު އައިކާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“އިހަށް އުނދޯލީގަ މަޑުކޮށްލަން ހިނގާބަލަ.. އަހަރެން ވާހަކައެއް ދައްކާލަންވެގެން..” ޔޫޝައު އެހެން ބުނެލުމުން އައިކާ ޔޫޝައުއާއެކު ގޮސް އުނދޯލީގައި އިށީނދެލިއެވެ.
“ކޮން ވާހަކައެއް ދައްކަންތަ މިތާ މަޑުކުރަން ތިބުނީ؟”
“މާޒްއާ ލިހާމްއާ އެއްވެސް ކަހަލަ ޒާތީ މައްސަލައެއް އޮވޭތަ؟” ހީވެސް ނުކުރާ ކަހަލަ ސުވާލެއް ޔޫޝައު ކުއްލިއަކަށް ކޮށްލުމުން އައިކާއަށް ޔޫޝައުއަށް ބަލާލެވުނެވެ.
“ކިހިނެއްވީ؟” ހައިރާންވެފައި އައިކާއަށް އަހާލެވުނެވެ.
“އަނެއްހެން ކަމެއްވީކީ ނޫން.. ބުނެބަލަ! މައްސަލައެއް އޮވޭތަ އެދެމީހުން މެދުގަ؟” ޔޫޝައު ހަޤީޤީ ސަބަބު ނުބުނެ އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.
“ހޫމް.. އެކަމް އަސްލު އެކަމުގަ މާޒްގެ ކުށެއްނެތް.. ކުށްކުރީ އެހެން މީހެއް..”
“ތިބުނީ؟” އައިކާ އެބުނި އެއްޗެއް ފަހުމްނުވުމުން ޔޫޝައު އަނެއްކާވެސް އަހާލިއެވެ. އައިކާ އެކަން ވެގެން އުޅޭގޮތް އޮޅުންފިލުވައިދިނުމުން ޔޫޝައުވެސް އައިކާއާ އެއްބައިވިއެވެ.
“ހޫމް.. އަސްލުވެސް ތިކަމުގަ މާޒްގެ ކުށެއްނެތް.. ލިހޭއާ އެ އާއިލާ މީހުންގެ ވިސްނުން ގޯހީ.. މާޒްގެ ކާފަ ކުރި ކުށެއްގެ އަދަބު އެއާއިލާގެ އެހެން މީހުންނާ މާޒްއަށް ދިނީމަ ކިހާ ހެއްވާ ދޯ؟ އަދި ތިބުނީ މާޒްގެ ކާފަ ނިޔާވިތާވެސް އެތައް ދުވަހެއް ވެއްޖެޔޭ.. މިހާރު އޭނަގެ ސަބަބުން ގެއްލުން ލިބިފަ ތިބި އެތައް ބަޔަކު އޭނައަށް މާފްވެސް ދީފިޔޭ.. އެކަމް ލިހޭގެ އާއިލާ ދޯ.. އުމުރު ދުވަހު އެކަން ހިތުގަ ލައިގެން އުޅެވޭބާއޭ މި ހިތަށްއަރަނީ.. ޓިޕިކަލް ދިވެހިން ވިއްޔަ ދޯ.. ކީއްކުރާނީ؟” ޔޫޝައު ބޯހޫރާލަމުން އެހެން ބުނެލުމުން އައިކާވެސް އެކަމާ އެއްބަސްވެ ބޯޖަހާލިއެވެ.
“ތިއެއްނޫނޭ.. މާދަމާރޭ އަހަރެން ފުރާ ވާހަކަ ބުނީމެއްނު.. މާދަމާރޭ އަހަރެންނާއެކު ބޭރަށް ދެވިދާނެތަ؟” ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ.
“ތައްޔާރުވެގެން ހުންނައްޗޭ.. އަހަރެން އަންނާނަން އަށްގަޑި ފަނަރައިގަ..” ޔޫޝައުގެ ވާހަކައަށް މިފަހަރުވެސް އައިކާ ބޯޖަހާލުމަކުން ފުއްދާލިއެވެ.
“ދެން އަވަހަށް ވަދޭ އެތެރެއަށް.. މިހާރު މާލަސްވެއްޖެއެއްނު ދޯ.. މިހާރު މަންމަ ހުންނާނެ އިކާ ލަސްވެގެން..” އެއްއަތުން އައިކާގެ މޫނުގައި ފިރުމާލަމުން ޔޫޝައު ބުނެލިއެވެ. އައިކާ ބޯޖަހާލާފައި ދާން ހިނގައިގަތްތަނާ ޔޫޝައު އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ކިހިނެއްވީ؟ އެތެރެއަށް ވަންނާށޭ ކިޔާފަ އަތުގަ ހިފެހެއްޓީމަ ވަދެވޭތަ؟” ހިނިތުންވެލަމުން އައިކާ އަހާލިއެވެ.
“ވަކިވާއިރު ހަދިޔާއެއްގެ ގޮތުން ކިސްއެއްވެސް ނުދޭނަންތަ؟” ލާނެތް ގޮތަކަށް ހީލަމުން ޔޫޝައު އެހެން ބުނެލުމުން އައިކާ ލަދުން ދެންއޭ ބުނެފައި ޔޫޝައުގެ އަތް ފޮޅުވާލާފައި ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. ޔޫޝައު ހީލަމުން ގޮސް މައިދޮރުން ނުކުތްތަން ބަލަން އައިކާ ގޭގެ ކުޑަދޮރުން ބަލަން ހުއްޓެވެ. ޔޫޝައު ދިއުމުން އައިކާ ގޮސް އޭނާގެ ކޮޓަރިއަށް ވަނީ އަވަހަށް ނިދާލަން ކަމަށެވެ. ނަމަވެސް އެއްޗެހި ބަދަލުކޮށްގެން އެނދުގައި އޮށޯތްތަނާ ވައިބާއިން މެސެޖެއް އައުމާއެކު ޑާޓާ ޖެއްސިފައި އިންކަން ހަނދާންވިއެވެ. އަވަސްއަވަހަށް ބަލާލިއިރު އެއީ ޔޫޝައުގެ މެސެޖެކެވެ.
“ބޭބީ ލަދުގަތީތަ އަހަރެން އެހެން ބުނީމަ؟ ލަދުގަތީމަ އަދި މާރީތި..” ޔޫޝައުގެ މެސެޖް ކިޔާލާފައި އައިކާއަށް ހެވުނެވެ.
“މިއަދު އަދި ތިހެން ފިލުނަސް އަދި ނުފިލޭނެ ދުވަހެއް އަންނާނެ އިނގޭ އިރާދަކުރެއްވިއްޔާ.. އެދުވަހަކުން ބޭބީ ކިހިނެއް ހަދާނީ؟” އައިކާ އިތުރަށް ރަކިކޮށްލުމުގެ ބޭނުމުގައި ޔޫޝައު އަނެއްކާވެސް މެޖެސެއް ފޮނުވާލިއެވެ. އައިކާގެ މޫނަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ.
“ހޭއި ބޭބީ.. ރުޅިއައީތަ؟” އައިކާ އޭނާ ފޮނުވި ދެ މެސެޖްވެސް ބަލާފައި އެއްވެސް އެއްޗެކޭ ނުބުނުމުން ޔޫޝައު ހީކުރީ އައިކާ ހިތްހަމަނުޖެހުނީކަމަށެވެ.
“ނޫން..” އައިކާ ކުރު ޖަވާބެއް ފޮނުވާލިއެވެ.
“ބޭބީ.. ހިނގާބަލަ ވީޑިއޯ ކޯލްއެއް ކޮށްލަން..” ޔޫޝައު އެހެން ބުނެލުމުން އައިކާ އާނއެކޭ ބުނެލިއެވެ. އައިކާ އެނދުގައި ބަންޑުން އޮށޯންނަމުން ބަނޑުދަށަށް ބާލީހެއް ލައްވާލިއެވެ. އެވަގުތު ޔޫޝައު ގުޅުމުން ހަމަޖެހިލަމުން ފޯނު ނެގިއެވެ.
“ކިހިނެއްތަ ތިއޮތީ؟ މިހާރު ނިދަން ރެޑީވީތަ؟” އައިކާ ހޫމްއެކޭ ބުނެލުމުން ޔޫޝައު އެދުނީ އޭނާ އޮތްގޮތް ދައްކާލުމަށެވެ. އައިކާ އޭނާ އޮތްގޮތް ދައްކާލުމުން ޔޫޝައު ވާއުއޭ ބުނެލިއެވެ.
“އެކަމް ތިހެން އޮވެފަ އެހެން މީހަކަށް ނުދައްކައްޗޭ.. އޭރުން ފެންނަން ނުވާ ތަންތަންވެސް ފެނިދާނެ.. މިހާރުވެސް ފެނިއްޖެ..” ޔޫޝައު އެހެން ބުނެލުމުން އައިކާއަށް އޭނާއަށް އަމިއްލަ ހަށިގަނޑަށް ބަލާލެވުނީ ޔޫޝައު އެހެން އެބުނީ ކީއްވެގެންބާއޭ ހިތަށް އެރުމުންނެވެ. އޭނާ ބަލާލިއިރު ހެދުމުގެ ކުރިމަތިން މާބޮޑަށް ތިރިއަށް ދެމިފައިވުމުން މޭމަތިން ތަންކޮޅެއް ހާމަވެފައިވެއެވެ. އޭނާ އަވަސްއަވަހަށް ކުޑަކޮށް ހިއްލިލާފައި ހެދުން ރަނގަޅުކޮށްލިއެވެ. އޭނާ އެނބުރި ފޯނަށް ބަލާލިއިރު ޔޫޝައުގެ ތުންފަތުގައިވާ ލާނެތް ހިނިތުންވުން ފެނިފައި އޭނާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ.
“އޭތް.. ތިހިރަ ބްލަޝްވާ ވަރެއް.. ހަމަ އެހާ ލަދުގަނޭތަ؟” އައިކާގެ މޫނަށް ޖަންބުކުލަ އަރާފައިވާތަން ފެނުމުން ޔޫޝައު ބުނެލިއެވެ.
“ދެން ޔޫޝް..” އައިކާ ކުސްތަޅާލިއެވެ. އަދި އަވަސްއަވަހަށް ވީޑިއޯ ކަނޑާލީ އިތުރަށް ޔޫޝައުއަށް ފެންނަން ބޭނުންނުވާތީއެވެ. އޭނާ ލަދުގަނެފައިވާކަން އެނގޭތީ ޔޫޝައު އެއުޅެނީ އިތުރަށް އޭނާ ލަދުގަންނަވާލަންކަން އޭނާއަށް އެނގުނެވެ.
“ހެހެހެ ބޭބީ.. ތިހާ ލަދުގަންނަންޏާ ކިހިނެއް މެރީކޮށްގެން އުޅޭނީ؟ ފަސްޓް ނައިޓްގަ ރޫމް އެއްކޮށް އަނދިރިކޮށްލައިގެން ކަންނޭނގެ ތިބެން ޖެހޭނީ ތިހާ ލަދުގަންނަންޏާ..” ޔޫޝައު ލާނެތް ސަމާސާތައް ކުރަމުން ދިޔައިރު އައިކާއަށް އޮވެވުނީ ލަދުވެތިކަމާއެކުވެސް މަޖާވެފައެވެ. އެއްވަރަކަށް ހީލަހީލާ އޮއްވާ އާފުރެން ފެށުމުންވެސް އޭނާ ފޯނު ބާއްވާ ހިތެއް ނުވިއެވެ. ޔޫޝައުގެ ސަމާސާތަކާއި ލޯބިވެތި ވާހަކަތަކުން އޭނާގެ ހިތަށް ހަމަޖެހުން ލިބޭތީއެވެ. ޔޫޝައުގެ ވާހަކަތަކަށް އާނ ހޫނ ލައްވާލަ ލައްވާލާ އޮއްވާ އޭނާއަށް ނިދުނުއިރެއްވެސް ނޭނގެއެވެ. ދެން އޭނާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންޤީގެ އަޑަށެވެ. ހޭލެވުމާއެކު އޭނާ ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ ނަމާދުކޮށްލައިގެން އޭނާ ނުކުތްއިރު ސަނާވެސް ކޮޓަރިން ނުކުންނަނީއެވެ.
“ދަރިފުޅާ! ނަމާދުކޮށްފިންތަ؟” ސަނާ ވަރަށް ލޯތްބާއެކު އަހާލިއެވެ.
“ހޫމް.. ކޮބާ ބައްޕަ؟” އައިކާ އޭނާގެ މަންމަގެ ސުވާލަށް ޖަވާބުދީފައި އަހާލިއެވެ.
“ބައްޕަ ވެއްޖެ އައުފް ގޮވައިގެން މިސްކިތަށް ގޮސް.. އިޝިކާވެސް ތެދުވެއްޖެ މިހާރު..” ސަނާ އައިކާ ގޮވައިގެން ބަދިގެއަށް ވަނީ ނާޒިމް އަންނަންވާއިރަށް ކޮފީ ހަދާށެވެ. ބަދިގެއަށް ވަދެ އިރުކޮޅެއްވީތަނާ ނާޒިމް އައުފް ގޮވައިގެން މިސްކިތުން އައިސްފިއެވެ. އެމީހުން އައިކަން އެނގުމުން ސަނާއާއި އައިކާ ނާޒިމްއަށް ކޮފީ ތަށްޓަކާއި އައުފްއަށް ކިރުތަށްޓެއް ގިރައިދިނެވެ. އައިކާވެސް ކޮފީތަށްޓެއް ގިރާލައިގެން އައިސް އައުފްއާއި ޖެހިގެން އިން ގޮނޑީގައި އިށީންއިރު އިޝިކާ އައިސް ބަދިގެއަށް ވަންނަނީއެވެ. ސަނާ އިޝިކާއަށް ކިރުތަށްޓެއް ގިރައިދީފައި އޭނާއަށް ގިރި ކޮފީތަށި ހިފައިގެން އައިސް ނާޒިމްއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
“ހޫމް.. ދަރިފުޅާ އައިކާ.. މިހާރު ދަރިފުޅު ތިހިރީ މިރަށުން ކިޔެވޭނެ އެންމެ ރަނގަޅަށް ކިޔެވިފަ.. ދެން ދަރިފުޅު ގަސްތުކުރަނީ ކޮން ގޮތަކަށް؟” ނާޒިމް އައިކާއާ ސުވާލުކޮށްލުމުން އައިކާ ހިނިތުންވެލިއެވެ.
“އަދި އިތުރަށް ކިޔަވަން ބޭނުން.. އޭލެވެލް ކިޔެވިއްޔާ ބޮޑަށް ރަނގަޅުވާނެއެއްނު ދޯ ބައްޕާ.. ރަނގަޅު ވަޒީފާއެއް ހޯދަން އުޅޭއިރު ރަނގަޅު ނަތީޖާއާ މަތީ ފާސް ހުރިއްޔާ ފަސޭހަވާނެއެއްނު ވަޒީފާ ހޯދަން..” އައިކާގެ ވާހަކަ އަޑުއަހާފައި ނާޒިމް ހިނިތުންވެލިއެވެ.
“ހޫމް.. ރަނގަޅު ވާހަކައެއް ދަރިފުޅު ތިބުނީ.. ދަރިފުޅު ކުރިއަށް ދާން ބޭނުންވަނީ ކޮން ރޮނގަކުން؟”
“ޓީޗަރަކަށް ވާން ބޭނުންވަނީ.. އެކަމް އިތުރަށް ކިޔަވަންޏާ މާލެ ދާން ޖެހޭނީ.. މަންމަމެންނާ ވަކިން ކިހިނެއް މާލެ ގޮސް ހުންނާނީ؟” އައިކާ އެހެން ބުނެލުމުން ސަނާ ނާޒިމްއަށް ބަލާލިއެވެ.
“ދަރިފުޅު ތިކަމާ ހާސްނުވޭ.. ދަރިފުޅު ކިޔަވަން ހުރިއްޔާ އިރާދަކުރެއްވިއްޔާ ބައްޕަމެން ދަރިފުޅަށް ކިޔަވައިދޭނަން.. ބައްޕަމެންނަށް ނުދެވުނަސް ދަރިފުޅަށް ރަނގަޅު ތަނެއްގައި ހުރެ ކިޔެވޭނެގޮތް ބައްޕަ ހަމަޖައްސާނަން.. އެންމެ ރަނގަޅެއްނު..” ނާޒިމް އެހެން ބުނެލުމުން އައިކާ ވަރަށް އުފަލުން ބޯޖަހާލިއެވެ. ނަމަވެސް މަންމަމެންނާ ދުރަށް ދާން ޖެހޭތީ ދެރަވެސްވިއެވެ.
ކޮފީ ބޮއިގެން އައިކާ ނުކުތީ ގޯތިތެރެއާއި މަގުމަތި ކުނިކަހާށެވެ. އޭރު ކޮންމެވެސް ވަރަކަށް މަގުތަކުން މީހުން ފެންނަން ފަށައިފިއެވެ. އެކި މަސައްކަތައް ދާމީހުން އެމީހުންގެ މަސައްކަތަށް އެނބުރި ދަނީއެވެ. އައިކާ ގޯތިތެރެ ކުނިކަހާލާފައި މަގުމައްޗަށް ނުކުތްއިރު އަލިވާން ފަށައިފިއެވެ. ކުނިކަހަން އޮއްވާ ކުއްލިއަކަށް ފަހަތުން މީހެއްގެ ހިޔަނި އެޅުމުން އައިކާއަށް ސިހިފައި ތެދުވެވުނެވެ.
“ޔޫޝް.. ބިރޭ ގަތީ..” އައިކާ އެހެން ބުނެލިގޮތުން ޔޫޝައު ހީލިއެވެ.
“ހާދަ ފިނޑިފިނޑި ކުއްޖެކޭ ދޯ މީ.. ހިޔަންޏެއްދެކެ ބިރުން ވިއްޔަ ތިއުޅުނީ..” ޔޫޝައު އައިކާއާ ދިމާކޮށްލިއެވެ.
“ހުހް.. ވަރަށް ފޫހިވޭ.. ދާންއުޅޭ މިތަނުން.. ކުނިކަހަން ނުކުމެފަ ކުނި ނުކަހާ ހުއްޓާ މަންމައަށް ފެނިއްޖެއްޔާ ރުޅިއަންނާނެ..” އައިކާ އެހެން ބުނެލުމުން ޔޫޝައު ބޭނުންވީ އައިކާ ރުޅިއަރުވާލާށެވެ.
“އަޅެ އަހަރެން މަންމައަށް ގޮވާލާފަ އަހާލަންތަ ރުޅިއަންނާނަންތޯ؟ މަންމާ..” ޔޫޝައު ކުއްލިއަކަށް އެގޮތަށް ކަންތައް ކުރުމުން އައިކާއަށް ތެޅިގެންފައި ޔޫޝައުގެ އަނގަމަތީ އަތްއެޅުނެވެ.
“ޝްޝްޝް.. މަންމައަށް އާދެވިއްޖެއްޔާ ކީކޭ ހީކުރާނީ؟” އައިކާ މަޑުމަޑުން ބުނެލިގޮތުން ޔޫޝައުއަށް ހެވުނެވެ. އައިކާ ދެއުކުޅުގައި އަތް ވިއްދާލާފައި ޔޫޝައުއަށް ލޯއަޅާލިއެވެ. މިކަންވީ ޔޫޝައުގެ ހުނުން އިތުރުވި ކަމަކަށެވެ. އެހެންކަމުން އައިކާ ޔޫޝައުގެ ކަންފަތުގައި ހިފާ އަނބުރާލިއެވެ.
“އައްދޯއި.. މީ ހަމަ ކުޑަކުޑަ ބޭބީއެކޭ ދޯ.. ކުޑަކުދިން ކުރާކަހަލަ ކަންކަންވިއްޔަ ތިކުރަނީ..” ކަންފަތުގައި ފިރުމާލަމުން ޔޫޝައު އެހެން ބުނެލުމުން އައިކާ ހީނގަތެވެ. އައިކާގެ ހުނުމުގައިވެސް ޖާދޫއެއްވާހެން ޔޫޝައުއަށް ހީވިއެވެ. ކަޅިޖަހާނުލާ އައިކާއަށް ބަލަން އޭނާއަށް ހުރެވުނެވެ. އޭނާ އެގޮތަށް ބަލަން ހުއްޓާ އައިކާއަށް ޔޫޝައުއާ ދިމާ ބަލާލެވުނެވެ. ޔޫޝައު އޭނާއަށް ބަލަން ހުރިގޮތް ފެނުމުން ކުއްލިއަކަށް އޭނާގެ ހުނުން މެދުކެނޑުނެވެ. އެދެލޮލުގައި އެވަނީ ކޮންފަދަ ބާރެއްބާއޭ އައިކާގެ ހިތަށްއެރިއެވެ. އޭނާގެ ހިތް އެދުނީ އެދެލޮލުގެ ތެރެއަށް ގެނބިގެންދާށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައި އިރުކޮޅަކު ތިބެވުނުއިރު ނަޒަރުން އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ. ލޮލުން އެތައް ވާހަކައެއް ދައްކަމުން ދިޔައިރު ދެމީހުންނަށްވެސް މަޑުމަޑުން ގާތްވެވެމުން ދިޔައެވެ. ނަމަވެސް އިން ފަހަނައަޅާ ނުދަނީސް ޔޫޝައުއަށް ހަމަބިމަށް އާދެވުނެވެ. އޭރު އައިކާއަށް ވަނީ ގާތްގަނޑަކަށް ޔޫޝައު ގައިގައި ތަތްވެވިފައެވެ.
“މިހާރު ތިހުރިހެން ހުއްޓާ ފެނިއްޖެއްޔާ ހަމަ ގައިމުވެސް މަންމަ ރުޅިއަންނާނެ..” ޔޫޝައުގެ އަޑަށް ސިހިފައި އައިކާއަށް ދުރަށް ޖެހިލެވުނެވެ. ލަދުގަތްވަރުން މޫނަށް ޖަންބުކުލަ ވެރިވެގަތީ ބަސްބުނާހާ ހިނދުންނެވެ.
“ދެން ދޭ.. މިތަން ކަހާ ނިންމާލަން ވެއްޖެ..” އައިކާ ދުރަށް އެނބުރި ހުރެ ބުނެލިއެވެ.
“އަހަރެން ހުއްޓަކަސް ކެހިދާނެއެއްނު..”
“ދެން ދޭބަލަ.. އަހަރެން ފަހުން ގުޅާނަމޭ..” އައިކާ ޔޫޝައުއާ ދިމާއަށް އެނބުރެމުން ބުނެލިއެވެ.
“ކިސްއެއް ދީ.. މިތަނަށް.. އޭރުން އެއްވެސް ބަހަނާއެއް ނުދައްކާ ދާނަން..” ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޔޫޝައު ލާނެތް ގޮތަކަށް ހީލާފައި އެހެން ބުނެލުމުން އައިކާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އައިކާ ޔޫޝައުއާ ދިމާއަށް އިލޮށިފަތި މަޅައިގަތުމާއެކު ޔޫޝައު ދުއްވައިގަތެވެ. އައިކާވެސް ޔޫޝައުގެ ފަހަތުން އިލޮށިފަތި ހިފައިގެން ދުއްވައިގަތެވެ. ދެމީހުން ދުވަމުން ގޮސް ޔޫޝައު އުޅޭ ގެ ހުންނަ މަގަށް ލަނބާލިތަނާ އެމަގުން ނުކުތް މީހެއްގެ ގައިގައި ލައިގެންފައި ޔޫޝައު އެމީހާއާއެކު ވެއްޓުނެވެ. އައިކާވެސް އައި ބާރުމިނުގައި ކޮންޓްރޯލް ނުކުރެވި ޔޫޝައުގެ ގައިގައި އަޅައިގެންފައި ވެއްޓުނީ އަނެއްމީހާގެ ގައިމައްޗަށެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”