މަގެއްގައި ހިނގާލުން، ވެހިކަލް އަކަށް އެރުން، މޫދަށް އެރުން ފަދަ އާދައިގެ ކަމެއް ކޮށްލުމަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުން މިކަން ކަން ކުރުމާއިމެދު ދެވަނަ ވިސްނުމަކަށް ދާން ނުޖެހި އެކަންކަން ކޮށްލެވޭ މީހުންނެވެ. ނަމަވެސް އެމެރިކާގެ އޮހައިއޯ ސިޓީ އަށް ނިސްބަތްވާ ނިބޫ (ޓްވިންސް) ދެބެއިން ކަމަށްވާ ރޮނީ އާއި ޑޮނީ އަށް އެންމެ އާދައިގެ ކަންކަމުން ފެށިގެން ބޮޑެތި ކަންކަންވެސް ކުރެވެނީ އެތަކެއް ގޮންޖެހުންތަކަކާއި ދަތިތަކަކާއި އެކުގައެވެ. އެކަކު އަނެކެއްގެ އެހީއާއިއެކުގައެވެ. ބައެއް ފަހަރަށް ބޮޑެތި ގުރުބާނީތަކެއްވެސް ވެގެންނެވެ.

 

ރޮނީ އާއި ޑޮނީ ގެލިޔޮން އުފަންވީ 28 އޮކްޓޯބަރ 1951 ގައެވެ. ގިނިސް ބްކް އޮފް ވޯރލްޑް ރިކޯރޑްސް ބުނާގޮތުން މިއީ މިހާތަނަށް ހަށިގަނޑު އެއްވެފައިވާ ނިބޫ ދެބެއިން އެންމެ ގިނަދުވަހަށް ދިރިތިބިކަން ރެކޯޑް ކުރެވިފައިވާ ދެމީހުންނެވެ.

 

ވެސްލީ އަދި އެއިލީން ގެއިލޮން އުއްމީދުކޮށްގެން ތިބީ ނިބޫ ދެބެއިން ލިބޭނެ ކަމަކަށް ނޫނެވެ. ނަމަވެސް ހަށިގަނޑު ގުޅިފައިވާ ފިރިހެން ދެކުދިން ލިބުން ވެގެން ދިޔައީ އެމީހުންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ. ރޮނީ އާއި ޑޮނީ އަކީ ދެ އިންސާނުން އެއް ހަށިގަނޑެއްގައި ގުޅިފައިވާ ދެބެއިންނެވެ. ހަށިގަނޑުގެ ބައެއް ގުނަވަންތަކަކީ ދެމީހުން ހިއްސާކުރަން ޖެހިފައިވާ ގުނަންތަކަކަށް ވުމުން ދެ ހަށިގަނޑު ވަކިކުރުން ވެފައިވަނީ ނާދިރު ކަމަކަށެވެ. އެހެން ކަމުން މި ދެބެއިންގެ އުމުރުން ތިން ދަހަރަށް ވުރެން ގިނަ އަހަރު ވޭތިކުރަމުން އަންނަނީ ވަރަށް ގިނަގުނަ ދައްޗާއި ތުރާލާ އެކުގައެވެ.

 

ނަސީބު ދިމާކުރިގޮތުން މި ދެބެއިން ވަނީ ރަސްމީ ތަޢުލީމުން މަހުރޫމް ވެފައެވެ. ނުވަ ދަރިންނާއި އެކު ރޮނީ އަދި ޑޮނީ ގެ މައިންބަފައިން އުޅެންޖެހުނު ދަތި ހާލުގެ ސަބަބުން އެމީހުންނަށް މަޖުބޫރުވީ އެއް ހަށިގަނޑަކުން ގުޅިފައިވާ ދެބެއިން ގޮވައިގެން އެމެރިކާ އާއި ލެޓިން އެމެރިކާގެ މަގުމައްޗަށް ނިކުމެ ‘ރޯޑް ޝޯ’ ބާއްވައިގެން އާއްމުދަނީ ހޯދުން އިތުރު ކުރުމަށެވެ. އެމީހުންގެ މި ދަތުރުތަކުގެ ސަބަބުން މަޝްހޫރުކަން ލިބި އާއިލާ ބެލެހެއްޓުމަށް ފަސޭހަތަކެއް ލިބިގެންދިޔައެވެ. ހަށިގަނޑު ގުޅިފައިވާ މި ދެބެއިން އެމެރިކާގެ ސިފައިންގެ ފޯހާއި ގުޅުމަށް ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ.

ހަށިގަނޑު ގުޅިފައިވާ މި ދެބެއިން ބޭނުންކޮށްގެން މަގުމަތީގައި ބޭއްވި ޝޯތަކުން ލިބުނު ފައިސާ އަށް 1991 ވަނަ އަހަރު އޮހައިއޯ ގެ ޑޭޓަން އިން އެ އާއިލާއިން އަމިއްލަ ގެއެއް ގަތެވެ. މަގުމަތީގެ ޝޯތައް ހުއްޓާލާފައި ވިޔަސް އެތަކެއް ޓީވީ ޕްރޮގްރާމް ތަކުން ދެބެއިންނަށް ލިބެމުން އަންނަ ފުރުޞަތުތަކުގައި އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން 1997 ގައި ބޭއްވި ‘ދަ ޖެރީ ސްޕްރިންގް ޝޯ’، 1998 ގައި ޑިސްކަވަރީގެ ޗެނަލުން އުފެއްދި ޑޮކިއުމެންޓަރީ އެއްގެ އިތުރުން 2009 ވަނަ އަހަރު ޗެނަލް ފައިވް އިން އުފެއްދި ޑޮކިއުމެންޓަރީ ފިލްމެއްގައި ރޮނީ އާއި ޑޮނީ ބައިވެރިވިއެވެ.

ރޯޑް ޝޯއެއްގައި ރޮނީ އާއި ޑޮނީ

2009 ވަނަ އަހަރު ރޮނީ ގެ ފުރާނައަށް ނުރައްކާވާފަދަ ފުއްޕާމޭގެ ބައްޔެއް ޖެހުނެވެ. ދެކުދިންގެ ފުރާނައަށް ނުރައްކާވި މި ބަލީގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނެވެ.

 

ރޮނީ އާއި ޑޮނީގެ އެންމެ ހަގަށް ހުންނަ ކޮއްކޮ ޖިމް ‘ނައިން ލައިވްސް މީޑިއާ 1’ އަށް ދިން ބަސްދީގަތުމެއްގައި ބުނީ 1951 ގައި ރޮނީ އާއި ޑޮނީ އުފަންވުމަށްފަހު ޑޮކްޓަރުންވެސް އެ ދެކުދިން އެންމެ ރެއަކުވެސް ދިރިއޮންނާނެ ކަމަށް ޤަބޫލު ނުކުރާކަމަށް ބުނިކަމަށެވެ. ނަމަވެސް ހަ ދަހަރަށް (ސިކްސް ޑިކޭޑްސް އަށް) ވުރެން ގިނަދުވަސް ވެފައިވާ ނިބޫ ދެބެއިން ކިތަންމެ ދަތި ހާލެއްގައި ނަމަވެސް ދިރިއުޅެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ރޮނީ އާއި ޑޮނީ ޕޫލަކަށް އެރެންގޮސް

“އެއީ އެއް ހަށިގަނޑެއް ނަމަވެސް ދެ އިންސާނުން.” ޖިމް އޭނާގެ ދެ ބޭބެއިންނާމެދު ބުންޏެވެ.

 

ނިބޫ މި ދެބައިންގެ ހަތަރު އަތާއި، ހަތަރު ފައި ހުރި ނަމަވެސް ހަޖަމުކުރާ ނިޒާމާއި ޖިންސީ ގުނަން ހިމެނޭ ސަރަހައްދަކީ ދެމީހުން އެކުގައި ހިއްސާކުރަން ޖެހިފައިވާ ބައިތަކެކެވެ.

 

އުމުރުން 65 އަހަރުގެ ރޮނީ އާއި ޑޮނީގެ މި އާދަޔާޚިލާފް އަދި އުނދަގޫ ދިރިއުޅުމުގެ ކޮންމެވެސް މިންވަރެއް މި ޔޫޓިއުބް ވީޑިއޯތަކުން ފެނިގެންދާނެއެވެ.


ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.