މިއީ ހިންދީ ފިލްމީ ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. “މުޖޭ ދުނިޔެވާލޯ ޝަރާބީ ނަ ސަމްޖޯ” (އޭ އަހަރެންގެ ދުނިޔަވީ އަޙުންނޭވެ! އަހަރެންމީ ރާބޯމީހެއްކަމުގައި ނުދެކޭށެވެ!). މިލަވައިގެ ދިވެހި މާނަކޮށްލުމެކެވެ. މުޅީން ސީދާ ލަފްޒީ ތަރުޖަމާ އަކަށް ނުވިކަމުގައިވިޔަސް ލަވައިގެ ޖުމްލަ މާނަ ގެނެސްދެވޭތޯ ކޮށްލެވުނު މަސައްކަތެއްގެ ނަތީޖާއެކެވެ.

މިލަވައަކީ މީގެ ފަންސާހަކަށް އަހަރު ކުރިން ނިކުތް ފިލްމެއްގެ ލަވައެކެވެ. 1964 ގައިނިކުތް ‘ލީޑަރު’، މިފިލްމުގެ ލަވައެކެވެ. މިފިލްމުގައި މައިގަނޑުގޮތެއްގައި ބަލައިލެވިފައިވަނީ މުޖްތަމައީ ފަސާދާއިގެ މައްޗަށެވެ. އާދެ! މުޖުތަމައުގައި އަށަގެންފައިވާ ‘ކޮރަޕްޝަން’ގެ މައްޗަށެވެ. އާއްމުންނާއި ޚާއްސުންގެ ތެރޭގައެވެ. ސިޔާސީވެރީންނާއި ގައުމުގެ ލީޑަރުން ކަމުގައި ބެލެވޭ މީހުންގެ ތެރޭގައެވެ.

މިލަވައަކީ ‘ލީޑަރު’ މިފިލްމުގެ މަޢުޟޫއީ (ތީމް) ލަވަ ކަމުގައި ބެލެވިދާނެއެވެ. ފިލްމުގައި ބެލުންތެރީންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖު، ލަވައިގައި ޚުލާސާކޮށް ބުނެދެވޭތީއެވެ. ލަވައިގައި އިޝާރާތް ކުރެވިފައިވަނީ، މުޖުތަމައީ ފަސާދައިގެ އަސްލު ގުޅެނީ، މުޖްތަމައުގެ އަފްރާދުން، އެމީހުންގެ އަމިއްލަ އެދުންތައް ހާސިލުކުރުމަށް މަސައްކަތްކުރާ ގޮތާއެވެ. އާދެ، ވަކިވަކި ފަރުދުން އެމީހުންގެ ދުނިޔަވީ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި މަސައްކަތްކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ހުއްދަކަމެވެ. ކުރަންޖެހޭވެސް ކަމެކެވެ. ނަމަވެސް މިކަން ކުރަންޖެހެނީ ކަނޑައެޅިފައިވާ އިމެއްގެ ތެރޭގައެވެ. އަޚުލާގީ އަދި ގާނޫނީ އިމުގެ ތެރޭގައެވެ. ތަން ފަސާދަވެދިޔުމުގެ އަސްލެއް ކަމަށް ލަވައިގައި އިޝާރާތް ކުރެވެނީ މިކަމާއެވެ. މުޖުތަމައުގެ ފަރުދުން އެމީހުންގެ ދުނިޔަވީ އެދުންތައް ހާސިލު ކުރުމު މަސައްކަތުގައި ގާނޫނީ އަދި އަޚުލާގީ އިމުން ބޭރުވެގެންދާ ދިއުމާއެވެ. މިކަމުގައި ހިމެނެނީ ވަކި ބަޔެއް ނޫނެވެ. މުޅި މުޖުތަމައުގެ ހުރިހާ ފަރުދުން ހެން މިކަމުގައި ޝާމިލުވެއެވެ.

ލަވައިގައި މިކަން ބުނެދެނީ މަސްތީ ހާލަތެއްގައިވާ މީހެއްގެ ދުލުންނެވެ. މަސްތުވެ ބިމުގައި، ފައިހަރުކޮށްލުން ދަތިވެފައިވިޔަސް، މިހާލަތުގައި އޭނާގެ ހިތަށް ފެންނަ ކަންތައްތަކެއްގެ ގޮތުގައެވެ. އޭނާ ބުނެދޭގޮތުގައި މުޖުތަމައުގެ އެންމެންވެސް ވަނީ މަސްތީ ހާލަތެއްގައެވެ. އެމީހުންގެ ހަމަބުއްދި ފިލައިގޮސްފައެވެ. އެއްބަޔަކު ވަނީ ރަލުގެ މަސްތުގައި ޖެހި ބުއްދި ފިލާފައެވެ. އަނެއްބަޔަކު މަސްތުކޮށްލާ އެއްޗަކީ އަންހެނުންނެވެ. ޖިންސީ ލައްޒަތެވެ. މިގޮތުގައި އެއްބަޔަކު ދުނިޔަވީ އުފާތައް، އަޚުލާގީ އަދި ގާނޫނީ އިމުގެ ބޭރުންވިޔަސް، ހޯދަން މަސައްކަތް ކުރަމުންދާ އިރު މުޖުތަމައު ފަސާދަވާކަށް ވަގުތުތަކެއް ނުނަގާނެއެވެ. އަދި ތިންވަނަ ބަޔަކު ނިކަމެތީންގެ ފަރާތުން ނާޖާއިޒު ފައިދާތައް ނަގައި އެމީހުންގެ ‘ލޭ ބޮއި’ ހަދައެވެ. މުޖުތަމައުގެ ގިނަބަޔަކު މިގޮތުގައި އައްޔާޝީ ހަޔާތެއް ވެއަތު ކުރަމުންދާއިރު މުޖުތަމައުގެ އަނެއްބަޔަކުވަނީ އެމީހުންގެ އަސާސީ ބޭނުންތަކުން މަހުރޫމުވެ މާޔޫސް ކަމުގެ ތެރެއަށް ގެނބި ހަދާނެ ނަހަދާނޭ  ގޮތެއް ނޭނގިފައެވެ. މުޖުތަމައުގައި އުފަލާއި އަރާމުގައިއުޅޭ މީސްމީހުންނަށް މިދެންނެވި ނިކަމެތީންނަކީ އުޅޭ ބައެއް ކަމުގައިވެސް ނޭނގެއެވެ. މިފަދަ ބޮޑު އިގުތިސާދީ ތަފާތުތަކެއް އަށަގެންފައިވާ މުޖުތަމައުއެއްގައި ފަސާދައިގެ ވަކިތައް ހިއްޕާލާކަށް އުނދަގުލެއް ނުވާނެއެވެ.

މިވާހަކަތައް ކުރިޔަށް ގެންދަމުން އިތުރަށް ލަވަކިޔާ މީހާ ފާހަގަކޮށް ދެއެވެ. ދުނިޔޭގައި ކަންހިނގަނީ ވަރަށްވެސް އަޖައިބު ކުރުވަނިވި ގޮތަކަށެވެ. މީސްމީހުންގެ ބޭރުފުށް ރީތިވެދާނެއެވެ. މީސްމީހުން، ފައިސާވެރިވެފައި މުއްސަނދި ދިރިއުޅުން އުޅޭތަން ފެނިދާނެއެވެ. ނަމަވެސް އެ މީސްމީހުންގެ ހަގީގަތަށް ބަލާލެވޭއިރު، ބައެއްފަހަރު، ކަން އޮންނަނީ އެހާ ރީތިވެފައި ތާހިރު ކޮށެއްނޫނެވެ. އެފަދަ މީސްމީހުން، ފިލްމުގައި ބުނެދޭ ގޮތުގައި، އެމީހުންގެ މަގުސަދު ހާސިލު ކުރުމަށްޓަކައި އެމީހުންގެ ވާދަވެރީން މަރާލާންވެސް ފަސްނުޖެހެއެވެ. އަދި މިނޫންވެސް، ވައްކަމާ ފޭރުންފަދަ އިންސާނީ ޒަމީރު މަނާކުރާ ކަންކަމީ މިފަދަ ބައެއް މީސްމީހުންނަށް ހަމަ އެންމެ ރަނގަޅު ކަންކަމެވެ. އަދި މުޖުތަމައުގައި ފަސާދައިގެ ވަކިތައް ހިއްޕާލެވިފައިވާ މިންވަރު ރަމްޒުކޮށްދޭ ކަމަކީ މުޅިމުޖުތަމައުހެން، މިކަން، ހަމަ އެންމެ ރަގަޅުކަމެއްގެ ގޮތުގައި ބަލައިގަނެ، ގަބޫލުކޮށްފައިވާ ކަމެވެ. އޭގެ ހެއްކަކީ މިފަދަ ޣައިރު ގާނޫނީ އަދި ލާއަޚުލާގީ އަމަލުތަކަށް ނުރުހުމުގެ ނަޒަރަކުން ބަލައިލާނޭ ލޮލާއި، އެފަދަކަންކަން، އިންކާރުކުރާނޭ ޒަމީރެއްއޮތް މީސްމީހުން މުޖުތަމައުން ފެންނަލެއް މަދު ކަމެވެ. އެހެންވެ، ފައިސާ ހުރެއްޖެނަމަ، މިފަދަ ކޮންމެ ނުރަނގަޅު އަމަލެއްމެ ފައިސާގެ ދަޅައިން މުޖުތަމައުގެ ޒަމީރުގެ ލޯ ކަނުކޮށްލައި މަރާލެވިދާނެއެވެ. މިއީ މުޖުތަމައުގެ ވާޤިއު ކަމަށްވާއިރު، މުޖުތަމައުގައި  ހަގީގީ ހާލަތު ކަމަށްވާއިރު، މުޖުތަމައުއޮންނާނީ ފަސާދައިގެ ތެރެއަށް ވެއްޓި ޣަރަގުވެފައެވެ. 

ލަވައިގެ ތަރުޖަމާ

އޭ އަހަރެންގެ ދުނިޔަވީ އަޚުންނޭވެ! އަހަންނަކީ ރާބޯމީހެއްކަމުގައި ނުދެކޭށެވެ.

ގަސްދުގައި އަހަރެން ރާ ބޮނީއެއް ނޫނެވެ. އަހަންނަށް ރާ ބޯން ޖެހިފައިވަނީއެވެ.

މިތަނުގައި އަހަރެންމިވަނީ ހަމަ ބުއްދި ފިލާފައިވާ ހާލެއްގައެވެ. (އަދި ބިންމަތީގައި) ފައިތިލަވެސް ސާބިތު ނުވެއެވެ.

(ނަމަވެސް ކުރެވޭނޭ ކަމެއް ނެތެވެ.) މިއީ އަހަރެން ހިނގަން ޖެހިފައިއޮތް މަގެވެ.

 

އަހަރެންވަނީ މަސްތުވެފައިކަމުގައި ބެލެވިދާނެއެވެ.

އެހެންކަމަށް ވިޔަސް، އަހަންނަށް، ސާފުކޮށް އެނގޭ ކަމެއްގެ ވާހަކައެއް އެބައޮތެވެ.

އެއީ މިދުނިޔޭގައި އެންމެންހެންވަނީ މަސްތުވެ (އެމީހުންގެ ހަމަ) ގެއްލިފައެވެ.

އެއްބައަކު (މަސްތުވާން) ބޮމުންދަނީ (ރަލުން ފުރި) އުތުރިއަރާ ތަށިތަކުންނެވެ.

އަނެއްބަޔަކު (މަސްތީ ބުއިންތައް) ބޮނީ (އެމީހުންގެ ލޯބިވެރީންގެ) ލޮލުންނެވެ.

 

އެއްބަޔަކު މަސްތުވެ ބުއްދި ފިލާފައިވަނީ ދުނިޔޭގެ އުފަލާއި އަރާމުގެ ތެރެއަށް ވެއްޓި ގޮހެވެ.

އަނެއްބަޔަކުގެ ހޭވެރިކަން ނެތިދަނީ ދިރިއުޅުމުގެ ހިތާމަތަކުގެ ތެރެއަށް ގެނބި (މާޔޫސްވެ) ގޮހެވެ.

އަދި މީގެއިތުރުން އިންސަނުންގެ ލޭބޮއި، (އެބަހީ، އެމީހުންގެ ފަރާތުން ނާޖާއިޒުފައިދާނަގާ)، އެކަމުގެ މަސްތުގައިޖެހިފައިވާ ބަޔަކުވެސް އުޅެއެވެ.

އާދެ! ހަމަކޮންމެ ހިތަކަށް ވެސް، އެހިތް މަސްތުކޮށްލައި ބުއްދިފިލުވާލަ ދޭނޭ، އެއްޗެއް ވެއެވެ.

 

އޭ އަހަރެންގެ ދުނިޔަވީ ރަހުމަތްތެރީންނޭވެ! ޒަމާނުގެ ގޮތާއި ފޮތަކީ ތަފާތުވެފައި ހާދަހާވާ އަޖައިބު ކުރުވަނިވި އެއްޗެކެވެ.

މިދުނިޔޭގައި (މީސްމީހުންގެ) ހަށިތައް، (އެބަހީ، ބޭރުފުށް) އަލިވެފައި ސާފުވެދާނެއެވެ.

ނަމަވެސް (އެމީހުންގެ) ހިތްތައް، (އެބަހީ އެތެރެފުށް)، ކަޅުވެފައި ހާދަހާ ހަޑިއެވެ.

މި ދުނިޔެއަކީ ހަމަ ދުނިޔެއެވެ. (ދުނިޔޭގައި ކަންހިނގާ އާދައަކަށް ބަދަލެއް ނާދެއެވެ.)

(މިދުނިޔޭގައި) ފައިސާއިގެ ދަޅައިގެ (ބާރުން) ހިތްތަކުގެ ނުބައިކަން ފޮރުވައި ވަންހަނާ ކުރެވެއެވެ.

 

އޭ އަހަރެންގެ ދުނިޔަވީ އަޚުންނޭވެ! އަހަރެންނަކީ ރާބޯމީހެއްކަމުގައި ނުދެކޭށެވެ.

ގަސްދުގައި އަހަރެން ރާ ބޮނީއެއް ނޫނެވެ. އަހަންނަށް ރާ ބޯން ޖެހިފައިވަނީއެވެ.

މިތަނުގައި އަހަރެންމިވަނީ ހަމަ ބުއްދި ފިލާފައިވާ ހާލެއްގައެވެ. (އަދި ބިންމަތީގައި) ފައިތިލަވެސް ސާބިތު ނުވެއެވެ.

(ނަމަވެސް ކުރެވޭނޭ ކަމެއް ނެތެވެ.) މިއީ އަހަރެން ހިނގަން ޖެހިފައިއޮތް މަގެވެ.

*****

އެޓިޓަރުގެ ނޯޓް:

އަލް އަޚް ޢަބްދުލްޣަފޫރު އަބްދުއްރަޙީމު ފަދަ ތަޖްރިބާހުރި، މޮޅު ލިޔުންތެރިއެއްގެ ފަރާތްޕުޅުން ‘މުނިއަވަސް’ ގެ ދިމާނަ (އެކި ބަސްބަހުގެ ލަވައިގެ ތަރުޖަމާ) ގެނެސްދޭ ސެގްމެންޓް ފަޅުފިލުވައިދެއްވުމަށް ފެއްޓެވިކަމީ މުނިއަސް އަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ. ދިމާނަ ސެގްމެންޓުން ރީތި ހިންދީ އަދި އެހެނިހެން ބަސްބަހުގެ ލަވަތަކުގެ ތަރުޖަމާއާއި އެކު ބަލައިލާ، ބަހަށް އިތުރު މުއްސަނދިކަމެއް ގެނައުމަށް ލިބިގެންދާ ފަހި ފުރުޞަތެކެވެ.

ޢަބްދުލްޣަފޫރު އަބްދުއްރަޙީމު ގެ ފަރާތްޕުޅުން ފުރަތަމަ ލިބިގެން މިދާ ލަވައިގެ ވީޑިއޯ ގެ އިތުރަށް، ވަރަށް ފުރިހަމަ ގޮތެއްގައި ލަވައިގެ ޚުލާޞާ އާއި ފިލްމުގެ ޚުލާޞާ އަދި މުޖުތަމަޢަށް ޢިބްރަތުން ފުރިގެންވާ މެސެޖްތަކެއް ވަނީ ހިއްސާ ކުރައްވާފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.