ބެލެނިވެރިކަމުގެ ދައުރު އަދާކުރުމަކީ ވަރަށް ހިތްގައިމު އިހްސާސެއް ކުރެވޭ، ޚާއްޞަ އުފަލެއް ލިބޭ ކަމެކެވެ. އެހެން ނަމަވެސް އެއީ އެހާމެ ބުރަ، ޒިންމާދާރު މަސައްކަތެއް ވެސް މެއެވެ. ކުއްޖަކު ރަނގަޅުގޮތުގައި ބަލައި ބޮޑުކޮށް، ރަނގަޅު ތަޢުލީމެއްދީ މުޖުތަމަޢު ބަލައިގަންނަ ފަރުދަކަށް ހެދުމަށް އެތަކެއް ވަގުތެއް ހޭދަކުރަން ޖެހެއެވެ. ބުރަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

މި ލިޔުމުގައި ބަލައިލާނީ ކުދިންގެ ފަރާތުން ވަރަށް ޢާއްމުކޮށް ފެންނަ ބައެއް ނޭދެވޭ ކަންކަމުގެ މައްޗަށެވެ. އެކަންކަމަކީ ބެލެނިވެރިންނަށް ބޮލަށް އުނދަގޫވާ ކަންކަން ނަމަވެސް، އެކަންކަމާމެދު ބައެއް ފަހަރު، ބައެއް ބެލެނިވެރިންނަށް ފަރުވާކުޑަކޮށްލެވޭތަން އަންނަ ކަންކަމެވެ.

1- އެހެން މީހެއްގެ ފަރާތުން ގޯސް ކަމެއް ފެނުނަސް އެކަމާ އެއްޗެއް ނުބުނެ ހުރުން

ހައްލު: މާބޮޑަށް އަނގަގަދަ ވުމަކީ ކޮބައިކަމާއި ވިސްނުންތެރިކަމާއެކު ވާހަކަދެއްކުމަކީ ކޮބައިކަން ބެލެނިވެރިން، ދަރިންނަށް އޮޅުންފިލުވައިދޭން ވާނެ އެވެ. ކުދިން ދައްކާ ވާހަކައަށް ސަމާލުކަން ދީގެން އަޑުއަހަންވާނެ އެވެ. ކުދިން ދައްކާ ވާހަކައަށް ނިޔާކުރުމުން ދުރުހެލިވާން ވާނެ އެވެ. އެއަށްފަހު، ދަރިފުޅަށް ދިމާވެގެން އުޅޭ ޙާލަތު ރަނގަޅަށް ވިސްނައިދީ ދަރިފުޅާއި މައިންބަފައިން ގުޅިގެން މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާށެވެ.

2- ދެބެންގެ ދެމެދުގައި އޮންނަ ވާދަވެރިކަން

ހައްލު: މައްސަލައިގެ އަސްލު ހޯދާށެވެ. އެއްވެސް ކުއްޖަކު އަނެއްކުއްޖަކަށް އަނިޔާކޮށްގެން ނުވާނެކަން އަބަދުވެސް ވިސްނައިދޭށެވެ. ދެކުދިންނަކީ ނުވަތަ ލިބިފައިވާ ހުރިހައި ދަރިންނަކީ ޓީމެއް ކަމަށް ވިސްނައިދޭށެވެ. ދިމާވާ މައްސަލަތައް އިންސާފުވެރިކަމާއެކު ނިންމާނެގޮތް ދަސްކޮށްދޭށެވެ. އެކަކު އަނެކެއްގެ އިޙްސާސްތަކަށް އިޙްތިރާމުކުރުމުގެ މުހިންމުކަން އޮޅުންފިލުވައިދޭށެވެ. ދަރިންނާއެކު އާދަވެ ވަގުތު ހޭދަކުރުމަށް ސަމާލުކަން ދޭށެވެ. މިކަމުގެ ސަބަބުން ޢާއިލީ ގުޅުން ބަދަހިވާނެ އެވެ.

3- ވައްކަން ކުރުން

ހައްލު: ކަންކަމާ ދޭތެރޭ ރަނގަޅަށް ދެކުމުގެ މުހިންމުކަން ދަމަހައްޓާށެވެ. ދަރިންގެ ކުރިމަތީގައި މައިންބަފައިންވެސް މަޑުމައިތިކަން އިސްކުރާށެވެ. ދަރިއަކު ފުރަތަމަ ފަހަރަށް އެއްޗެއް ވަގަށް ނެގިކަން އެނގުމުން އެކަން ކުރި ސަބަބު ހޯދާށެވެ. އަދި އެއްވެސް ހާލެއްގައި ވައްކަން ކުރުމަކީ ރަނގަޅުކަމެއް ނޫންކަން ވިސްނައިދޭށެވެ. ދަރިފުޅު ވަގަށް ނެގީ އެހެން ކުއްޖެއްގެ އެއްޗެއް ނަމަ އެ އެއްޗެއް ގެ ވެރި ފަރާތަށް އަނބުރާ ރައްދުކުރުމަށް ބުނާށެވެ. އަދި މަޢާފަށް އެދުމަށްވެސް ބުނާށެވެ. ވައްކަން ކުރުން އާއްމުކަމަކަށް ވެއްޖެނަމަ، ޕްރޮފެޝަނަލް މީހެއްގެ ލަފަޔާއި އިރުޝާދު ހޯދާށެވެ. އެހެން ނޫނީ މި ވިޔާނުދާ ކަމަކީ ކަށީގައި ހިފާ ކަމަކަށް ވެދާނެ އެވެ.

4- އަނެކުންނަށް އިހްތިރާމު ކުޑަކުރުން

ހައްލު: މިކަން ކުރިމަތިވަނީ ކީއްވެގެންކަން ދެނެގަންނާށެވެ. ދަރިންގެ މުހުތާދުތަކާއި އިޙްސާސްތައް ފާޅުކުރާނެ ރަނގަޅުގޮތް ކިޔައިދޭށެވެ. އެހެންމީހުން ވާހަކަދައްކާއިރު، ނަސޭހަތްދޭއިރު މަޑުމައިތިރިކަމާއެކު ކަނުލައި އަޑުއަހަން ތިބެން ދަސްކޮށްދޭން ވާނެ އެވެ. ދަރިން އަނެކުންނަށް އިހްތިރާމު ނުކޮށް ބަސްނާހައި އުޅޭނަމަ، އެކުދިންނަށް ދީފައިވާ ބައެއް ޚިދުމަތްތަކާއި ވަޞީލަތްތައް އުނިކުރާށެވެ.

5- ތެދުވެރި ނުވުން

ހައްލު: ތެދުވެރިވުމުގެ މުހިންމުކަން ކުދިންނަށް ވިސްނައިދޭށެވެ. އަނެއްކުންނާއިމެދު އޮންނަ ގުޅުމަށް އިތުބާރުކުރުމުގެ މުހިންމުކަން ބުނެދޭށެވެ. ދޮގުހެދުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫންކަން ވިސްނައިދިނުމަށް އެކަށީގެންވާ އަދަބެއް ދޭށެވެ. ޖިސްމާނީ އަދަބެއް ނޫނެވެ. ކުރިންވެސް ބުނިފަދައިން ޚިދުމަތެއް، ވަޞީލަތެއް އުނިކޮށްގެންނެވެ. ދޮގުހެދުމަކީ އާއްމުކަމަކަށް ވެއްޖެނަމަ، މިއީ އިތުރު ސީރިއަސް މައްސަލަތަކެއްގެ ފެށުމެެކެވެ. މި ހާލަތުގައި ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދާށެވެ.

6- ތޫލި އަދި ޒީލަގަދަ އަޑުން ހަޅޭއްލެވުން

ހައްލު: ދަރިންދެކެ ހިތްހަމަ ނުޖެހިގެން ވާހަކަދައްކަން ޖެހުނަސް އެކުދިންގެ ކުރިމަތީގައި އަޑުލައި ނުހަދާށެވެ. ދަރިން އަޑުގަދަކޮށް ވާހަކައްކާނަމަ، މަޑުމައިތިރިކޮށް ވާހަކަދެއްކުމަށް ހަނދާންކޮށްދޭޢެވެ. ތޫލި އަދި ޒީލަގަދަކޮށް ހަޅޭއްލެވުމަކީ އާދައެއްނަމަ، ބެލެނިވެރިޔާ އާއި ދަރިންނާއި ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި ހަމްދަރުދީގެ ގުޅުން ގޯސްވެފައިވަނީ ކިހިނެތްކަން، ކީއްވެގެންކަން ވީހައި އަވަހަކަށް ދެނެގަންނާށެވެ. ދަރިފުޅާ ރީތިކޮށް ވާހަކައްދައްކައިގެން ދަރިފުޅަކީ ޢާއިލާއަށް މުހިންމު ކުއްޖެއްކަން ވިސްނައިދޭށެވެ.

7- އުޅުން ވިޔާނުދާވުން

ހައްލު: ދަރިންގެ އުޅުން ބަހައްޓަންވީ ރަނގަޅުގޮތްތައް އޮޅުންފިލުވައިދިނުމުގައި މާބޮޑަށް ޕްރެޝަރު ނުކުރާށެވެ. އޭޭގެ ބަދަލުގައި އަނެކުންނަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެކަން ދަރިންނަށް ހަނދާންކޮށްދޭށެވެ. ޢާއިލާގައި ދޮށްޓަށް ތިބޭ މެންބަރުންގެ އުޅުން ރަނގަޅަށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އެހެނީ ދަރިންނަކީ ދޮށީ އުމުރުގެ މީހުންގެ އުޅުން ކޮޕީކުރާ ބައެކެވެ.

މަޢުލޫމާތު އަދި ފޮޓޯ: ބްރައިޓް ސައިޑް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.