މާޒިން އަވަހަށް ދޮރުން އެތެރެއަށް ދެމިގަތެވެ. އަދި ލީޝާ އަރާމު ނިދީގައި އޮތް އެނދުކައިރިއަށް ގޮސް ހުއްޓުނެވެ. ރަތް ކުލައެއްގެ ނައިޓީއެއްގައި ބާލީހުގައި ބައްދާލައިގެން އޮތް ލީޝާ މާޒިން އަށް ވަރަށް ކަމުދިޔައެވެ. މޫނު މައްޗަށް ވެއްޓިފައި އޮތް ދެތިން އިސްތަށި ކޮޅު އަދި ވަކިން އެމޫނަށް ރީތިކަން ގެނެސްދޭ ކަމަށް މާޒިންއަށް ގަބޫލު ކުރެވުނެވެ. ކައިރީގައި އިށީންދެލާފައި ލީޝާގެ މޫނާ ކައިރިވެލިއެވެ. ލީޝާގެ މަޑު މަޑު ގުގުރީގެ އަޑުއިވޭ ހިސާބަށް މާޒިން ކައިރިވެލިއެވެ. އަދި ލީޝާގެ ގައިންދުވާ މީރު ވަހަށް ނޯށްދަމާލިއެވެ. މާޒިންއެކޭ މަސްތުވެފަ ހުންނަ މީހެކޭ ތަފާތެއް ނެތެވެ. ތެދުވެ ކޮޓަރި ތެރޭ ހިނގާލިއެވެ. އަދި އަނެއްކާވެސް ގޮސް ލީޝާ ކައިރީ އިށީންދެލިއެވެ. އަދި ލީޝާގެ މޫނު މައްޗަށް ވެއްޓިފައި އޮތް އިސްތަށި ކޮޅު ރީތި ކޮއްލައިދިނެވެ. ކުއްލިއަކަށް ލީޝާ ލޯހުޅުވާލީ އޭނާގެ ގައިގައި މީހަކު ބީހޭ ކަމުގެ އިހުސާސް ވެގެނެވެ. ދެލޯ ބޮޑު ކޮއްލި ތަނާ ބަހެއްވެސް ނުބުނެވެންދެން ވަރަށް ހުޝިޔާރު ކަމާއެކު މާޒިން ލީޝާގެ އަތުގައި ހިފަހައްޓާ އަނގަ މަތީ އަތް އެޅިއެވެ.

ލީޝާއަށް އޮވެވުނު ތަނެއްވެސް ނޭގުނެވެ. ސަލާމަތުން އޮތް ދެފައިންވެސް ތަޅައިގަނެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވެސްވީ ބޭކާރެވެ. ވަރުގަދަ ހަށިގަނޑުގެ ވެރި މާޒިންއަށް ވުރެ ގަދައެއް ނުވެވުނެވެ. އެންމެ ފަހުން ގޮތް ހުސްވެގެން މަޑުވެލިއެވެ. މާޒިންވެސް މަޑު މަޑުން ލީޝާގެ ގައިން ދޫކޮއްލުމަށްފަހު އަޑެއް ނުލެއްވުމަށް ބުންޏެެވެ. ލީޝާ އޮތީ ގުޑިލަންވެސް ނުކެރިފައެވެ. މާޒިން ލީޝާއާ ދިމާއަށް ހީލުމަށްފަހު ވައި އަޑުން ވާހަކަ ދައްކަން ފެށިއެވެ.

“ހެހެހެ… ތަގުދީރު ދޯ! އޭރުވެސް މަ ބުނީމެއްނު. ލީޝާ އަދި އަހަރެން ކައިރިއަށް އަންނާނޭ”

ލީޝާވެސް ދޫކުރާ ހިތެއް ނުވިއެވެ. އޭގެ ރައްދަށް ވާހަކަ ދެއްކިއެވެ.

“މަ މިތަނަށް އައީ ކަލޭ ކައިރިއަށް އަންނަން ވެގެނެއް ނޫނޭ. ކަލޭ މޮޔަވީތަ؟ އޭރު ކަލޭދެކެ ވީ ފޫހި އަދިވެސް ކަލޭދެކެ މަ ވޭ.”

“ހޫޝް……” މާޒިން ބާރަށް ލީޝާގެ އަނގަމަތީ އަތް އެޅިއެވެ.

“ލޯބީގެ ފެށުމަކީ ތިކަހަލަ ނަފުރަތޭ. އެކަން އެނގޭތަ؟”

މާޒިން ލީޝާ ގައިން ދޫކޮއްލާފައި ތެދުވިއެވެ. އަދި ދެކޮޅަށް ހިނގާލިއެވެ. ލީޝާ އޮތީ މާޒިންގެ އެހިނގުމަށް ބަލަހައްޓައިގެންނެވެ. ލީޝާގެ ހިތުގެ ހިނގުން ދިޔައީ މިނިޓަކަށް ވުރެ މިނިޓެއް އަވަސް ވަމުންނެވެ. އަނެއްކޮޅުން މާޒިން ލީޝާ ކުރިމަތީ އެންމެ ހިނދުކޮޅެއްވެސް ބަލި ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އަނެްކާވެސް މާޒިން އައިސް ލީޝާގެ ކައިރީ އިށީނެވެ.

“ލީޝާ! އަސްލު ކީއްވެތަ އަހަރެންދެކެ ތިހާވަރަށް ތި ރުޅި އަންނަނީ؟ އަހަރެން މިހާ ލޯބި ވާއިރުވެސް؟”

“ކަލެއަކަށް ނޭގޭތަ ކީއްވެ ކަމެއް؟ މިހާރުވެސް ތިހުރީ ކޮއްގެން ހުރި ކަންތައް. އަންހެން ކުއްޖަކު ނިދާފަ އޮންނަ ކޮޓަރިއަށް ފިރިހެނަކު ވަންނާނެތަ ރަނގަޅު މީހެއްނަމަ. އެއްވެސް އަންހެން ކުއްޖަކު ބޭނުމެއް ނުވާނެ ކިތަންމެ ލޯބި ވިޔަސް ގޯސްކޮށް އުޅޭ މީހަކާ ގުޅޭކަށް.”

“އެހެންވިއްޔާ އަހަރެން މިއުޅުން ހުއްޓާލައިފިއްޔާ އަހަރެން ދެކެ ރުޅިއެއް ނާންނާނަންތަ؟”

ލީޝާ ދެފަރާތަކަށް ބޯހޫރާލުމަށް ފަހު މާޒިން ކުރެން ނިކުތުމަށް އެދުނެވެ. ނަމަވެސް މާޒިން ހުރީ އޭނާގެ އެ ސުވާލަށް ޖަވާބު ނުލިބެނީސް ނުދިއުމަށް ގަދަ އަޒުމުގައެވެ.

“ބުނެބަލަ؟ އޭރަކަށްނު އަހަންނަށް ރަނގަޅަށްް އުޅެން މަސައްކަތް ކުރެވޭނީވެސް. ބުނެބަލަ!”

“ހޫނ…. ދޭބަލަ ދެން. މީހަކަށް އެނގިއްޖެއްޔާ ކީކޭތަ ބުނާނީ؟”

“އެކަކަށް އެކައްޗެއްވެސް ބުނަން ނުކެރޭވަރު ކޮއްފާނަން. ދެން ތިބުނީ އާނ އެކޭތަ؟”

“ހޫނ…. އާނ…. ދެންދޭބަލަ!”

މާޒިން އުފަލުން ހުރެ އަވަހަށް ނިކުތެވެ. މާޒިން ހަމަ ނިކުތުމާއެކު ލީޝާ މީދަލެއް ފުންމާލާހެން އެނދުން ފުންމާލައިގެން ގޮސް ދޮރު ތަޅުލިއެވެ. އަދި މޭގައި އަތް އަޅައިގެން ފުންނޭވާ ތަކެއް ލަމުން ގެންދިޔައެވެ. އަނެއްކާވެސް އައިސް އޮށޯވެލިއެވެ. އިސާހިތަކު ނިދި ޖެހިއްޖެއެވެ.

ހޭލެވުނު އިރު ކޮޓަރިތެރެއަށްވަނީ ރަތްކޮކާ އަލި އެޅިފައެވެ. އަދިވެސް ލީޝާގެ ކަންނެތް ކަމެއް ނުފިލައެވެ. މޯޅިއަކަށް ދެމިލުމަށްފަހު ބާލީހުގައި ބައްދާ ހަމަޖެހިލިއެވެ. ދެލޯ މަރާލުމާއެކު ޒުލޭޚާގެ ހަނދާންތައް އާވެގެންދިޔައެވެ. ދެލޯ ކަރުނުން ތެތްމާލިއެވެ.  އިރުކޮޅަކު ލީޝާ އޭނަާގެ މަަންމަގެ ހަނދާނުގައި ހޭދަކޮއްލުމަށްފަހު ތެދުވެ ފެންވަރާ ތައްޔާރު ވެގެން ނިކުތެވެ. އޭރު ޝަރީފާ އެއްޗެހި ދޮވުމުގައި އަވަދި ނެތި އުޅެއެވެ. ލީޝާ ފެނުމާއެކު އުފަލުން ފޮޅިފައި ހުރެ ޝަރީފާ ވާހަކަ ދައްކަންފެށިއެވެ.

” ދަރިފުޅާ! ހޭލެވުނީ ދޯ. ދައްތަ މިހުރީ ނުގޮވަންވެގެން. އިއްޔެ މާބޮޑަށް ވަރުބަލިވެފަ ހުންނާނެތީ.”

ލީޝާ ހިނިތުންވެލީ ބުނާނެ ވަކި އެއްޗެއް ނޭނގިގެނެވެ.

“ކޮބާ. ސައިބޯން އުޅެންވީނު. ދައްތަ ވެސް މިހުރީ ލީޝާއާ އެކު ސައިބޯންވެގެން.” ލީޝާ އާނއެނކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ދެމީހުން ގޮސް ސައިބޯން މޭޒު ދޮށުގައި އިށީނެވެ. އޭރުވެސް ޝަރީފާގެ މޫނުމަތީގެ ހިނިތުންވުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

“މިއަދު ދައްތަ މިހުރީ ވަރަށް އުފަލުން.”

ލީޝާގެ މޫނު މަތީގައި ހުރީ ސުވާލުމާކެކެވެ. ކީއްވެހޭ ބުނާ ކަހަލަ ގޮތަކަށް ލީޝާ ޝަރީފާގެ މޫނަށް ބަލާލިއެވެ.

“މިއަދު ނޭގެ އިރު އެރި ކޮޅެއްވެސް. ދައްތަގެ ދަރިފުޅު އެތަށް ޒަމާނަކަށް ފަހު މިއަދު ނަމާދަށް ދިޔަތަން ފެނުނު ދުވަހެއް.”

ޝަރީފާ ފަޒާގެ ތެރެއަށް ދޫކޮއްލީ ހިތްހަމަ ޖެހުމުގެ ނޭވާއެކެވެ. ތެދެކެވެ. މާޒިން ނަމާދަކަށް ސަޖިދައެއް ޖެހިތަން މީގެން ޒަމާނެއްގައި ފެނިފަ އެއް ނުވެއެވެ. ދީނުގެ އެއްވެސް ކަމަކަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނުހުރެއެވެ. އެކަންތައް ކުރާމީހުނަށްް ވެސް އޭނާ މަލާމާތްކޮށް ފުރައްސާރަ ކުރެއެވެ. ކޮންމެއަކަސް މިއަދުމީ ޝަރީފާއަށް ލިބުނު ރަހުމަތުގެ ދުވަހެކެވެ. އެމީހެއްގެ ދަރި ނަމާދުކޮށް ދީނުގެ އަޅުކަންތަކަށް ފަރުވާތެރިވުމުން އުފާނުވެ ﷲގެ ހަޟްރަތަށް ޝުކުރު ނުކުރާނެ މައެއް ނުހުންނާނެކަން ޔަގީނެވެ.  

ޝަރީފާގެ މިވާހަކަ ތަކުން ލީޝާގެ ހިތަށް މާބޮޑު އަސަރެއްނުކުރެއެވެ. ނަމަވެސް ޝަރީފާއަށް ކުރާ ގަދަރަށްޓަކައި އޭނާގެ ވާހަކަ ނިމެންދެން ހިނިތުންވުމެއް ދީގެން އިނެވެ. މޭޒުދޮށުގައި ދެމީހުން ވާހަކައިގައި ތިއްބާ މާޒިން އެތަނަށް އައެވެ. ލީޝާގެ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. މާޒިން ވާހަކަ ދެއްކީ ޝަރީފާއާއެވެ.

“މަންމާ! މިއަދު ބަރަބޯ ރިހަ ކައްކަދީބަލަ. އަހުމަދުބޭ ފިހާރައިގަ އެބަ ހުރި ބަރަބޯ.”

“މަންމަ ދޮންނަން ހުރި އެއްޗެހިކޮޅު ދޮވެލާފަ ދާނަން ގަންނަން.”

“ނޫނޭ މަންމާ. އަހަރެން ގެނެސްދީފާނަން ގަނެގެން.”

ޝަރީފާ ހުރީ ބުނާނެ އެއްޗެއް ނޭގި އަނގަ ހުޅުވިފައެވެ. މީގެ ކުރިން ދުވަހަކު މާޒިންއަކީ އެކަހަލަ އެއްވެސް ކަމެއްގައި ޝަރީފާއަށް އެހީވެފައިވާ ކުއްޖެއް ނޫނެވެ. މާޒިން ދިއުމާއެކު ލީޝާގެ ގައިގަ ޝަރީފާ ބައްދައިގަތެވެ. އުފަލުން ހުރެ އެވާހަކަ ބުންޏެވެ. ލީޝާގެ ޚިޔާލީ ދުނިޔެ އަނެއްކާވެސް ފެށުނީ ކޮޓަރިއަށް ވަދެވުމުންނެވެ. ޒުލޭޚާއާއެކު އުޅުނު އުފާވެރި ދުވަސްތަކަކީ އެހިތުން އިރުކޮޅަކަށްވެސް ފަނޑުވާނެ އެއްޗެއް ނޫނެވެ. އިރުގަނޑެއް ވަންދެން އެހެން އޮތުމަށްފަހު ލީޝާ ކޮޓަރިން ނިކުތީ ގެއަށް ގޮސް ގޭގެ ކަންތައް ހަމައަކަށް އެޅުވުމުގެ މަގުސަދުގައެވެ. ޝަރީފާ ކައިރީ ބުނެލާފަ ލީޝާ އެގެއަށް ދިޔައީ އެކަންޏެވެ.

މާޒިން ގެއަށް އައި އިރު އައީ ބަރަބޯ ހިފައިގެނެވެ. ލީޝާ ފެންނަން ނެތުމުން އޭނާގެ ކޮޓަރި ބަލައިލީ ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. މިއަދު އުޅޭ ގޮތާ ދޭތެރޭ ހިތްހަމަޖެހޭތޯ އަހާލުމުގެ ބޭނުމުގައެވެ. ނަމަވެސް ކޮޓަރީގައި ލީޝާ ފެންނާކަށް ނެތެވެ. ގޭގެ އެކި ތަންތަން މާޒިން ބެލިއެވެ. ނަމަވެސް ލީޝާ ފެންނަން ނެތުމުން މާޒިން ގޮސް ޝަރީފާ ކުރެން ލީޝާ ކޮބައިތޯ ސުވާލު ކުރިއެވެ. ލީޝާ ވީތަން އެނގުމުން މާޒިން އަކަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. ކެތްވާނީ ވެސް ކިހިނަކުން ހެއްޔެވެ. މާޒިންއަށް ފުރަތަމަ ފެނުނު ވަގުތުން ފެށިގެންވެސް ލީޝާ ދެކެ ލޯބިވެވުނެވެ. މިއަދަކީ އެލޯބި ހާސިލް ކުރުމުގެ ފުރުސަތު ނުލިބި ހުރެ އެލޯތްބާ ދުރަށް ދާންޖެހިފައިވީ ދަނޑިވަޅުގެ ހިތާމައިގައި ވަނިކޮށް ލޯބި ހާސިލް ކުރުމުގެ ފުރުސަތު ތަގުދީރުން ލިބިފައިވާ ދުވަހެކެވެ.

ލީޝާ ހުރީ ގޭގެ އެކިތަންތަނުގައި ހުރި ރަނގަޅު ކުރަންޖެހޭ ތަންތަން ބަލައި އެވަގުތު ކުރެވެން ހުރި ކަންކަން ކުރުމުގައި އަވަދި ނެތިއެވެ. ކުއްލިއަކަށް ލީޝާގެ ސަމާލުކަން ދަމައިގަތީ ފޯނުގެ ރިންގެވެ. ކުޑަކޮށް އަތް ފޮހެލުމަށްފަހު ފޯނު ނަގަން ދިޔައީ ހަޝްމާގެ ކޯލެއް ކަމަށް ހީކޮށެވެ.

ނުނިމޭ    

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް