އޮރެންޖު ފަންޏަކީ ރަމަޟާންމަހު ސުފުރާމަތި ފަޅުފިލުވައިލުމަށް ވަރަށް ގިނަބަޔަކު ގިރާ ފަންޏެކެވެ. ރެސްޓޯރެންޓް ތަކަށް ފްރެޝް އޮރެންޖް ޖޫސް ހެދުމަށް އޯޑަރު ލިބޭ މިންވަރުވެސް އެހާ ބޮޑެވެ. މިއީ އަނގަޔަށް މީރު، ފަސޭހައި ކަރުހިއްކުން ފިލުވައިދޭ ބުއިމެއްގެ އިތުރުން އެހާމެ ފައިދާވެސް ހުންނަ ބުއިމެކެވެ. އޮރެންޖުގައި ހުންނަ ‘އެސްކޯބިކް އެސިޑް’ އެއީ ސިއްޙީ ފައިދާތައް ލިއްބައިދޭ މާއްދާތަކުން ފުރިފައިވާ ހާއްޔެކޭވެސް ބުނެވިދާނެ އެވެ. ނަމަވެސް އޮރެންޖުން ފަނި ގިރުމަށް ނުވަތަ ފްރެޝް އޮރެޖް ޖޫހެއް ތައްޔާރުކުރުމަށް އޮރެންޖުގެ ތޮށި ނޮޅާލުމަށްފަހު ގިނަފަހަރަށް އެ ތޮށިތައް އަޅައިލެވެނީ ކުނިވަށިގަނޑަށެވެ. އަހަރުމެން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އެއީ އުކާލަންޖެހޭ ކުނިބުނީގެ ޖަސްތެއް ކަމަށެވެ. ނަމަވެސް މި ލިޔުން ކިޔައިލުމަށްފަހު، ދެންމެ ކުނިވަށިގަނޑަށް އެޅި ތޮށިތައް އަލުން ހޮވައިގެން ނަގަން ޖެހިދާނެކަމަށް ޤަބޫލުކުރެވެއެވެ. ނުވަތަ މީގެ ފަހުން އޮރެންޖު ތޮށި އުކާނުލާނެ ކަމަށް ބެލެވެއެވެ. އެހެނީ މި ލިޔުން ކިޔައިލުމުން އޮރެންޖުގެ ދިޔައަށްވުރެން އޮރެންޖުގެ ތޮށީގެ ފައިދާތައް މާގިނަކަން އެނގޭނެ އެވެ.

އޮރެންޖު ތޮށްޓަކީ 60 އަށްވުރެން ގިނަ ވައްތަރުތަކުގެ ފްލޭވޮނޮއިޑްސް އެކުލެވޭ އެއްޗެއްކަން މީގެ ކުރިން އެނގިފައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިވަރަކުންވެސް ނުނިމެ އެވެ. 170 އަށްވުރެން ގިނަ އަދަދަކަށް ތަފާތު ވައްތަރު ތަކުގެ ފައިޓޯނިއުޓްރިއެންޓްސް ވެސް އޮރެންޖު ތޮށީގައި ހައްޔަރުވެފައި ވެއެވެ. ޕެކްޓިން، ފައިބަރ އަދި އެތަކެއް ބައިވަރު މިނަރަލްސް އާއި ވިޓަމިންސް އޮރެންޖު ތޮށީގައި ހުންނާތީ މިއީ އުކާލުމަށްވުރެން މާބޮޑަށްވެސް އަގުހުރި އެއްޗެކެވެ. އޮރެންޖު ތޮށި ކާއިރު ހިތިރަހައެއް ހުއްޓަސް މިއީ އެ ރަހައަށް ވަރަށް ފަސޭހައިން ހޭނޭނެ ރަހައެކެވެ. 

އޮރެންޖު ތޮށްޓަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައެއް ބަލިތައް ކަމަށްވާ ބްރޯންކައިޓިސް، ރޯގަލާއި އަރިދަފުސް ރޯގާ އަށް ވަރަށް އެކަށީގެންވާ ފަރުވާއެކެވެ. ޤުދުރަތީ ‘ހިސްޓަމައިން’ އެއްގެ ގޮތުގައި އޮރެންޖު ތޮށި މަސައްކަތްކުރާތީ އަރިދަފުސް ރޯގާ ގެ އަސަރުތަކާއި އެލަރޖިކް ވުމުން ފެންނަ އަސަރުތައްވެސް ކުޑަކޮށްދެ އެވެ. މީގެއިތުރުން ލޭ ނުވަތަ އެހެންވެސް އެއްޗެއް ހަށިގަނޑުތެރޭގައި ކޮންޖެސްޓްވުން (ތޮއްޖެހުން) ކުޑަކުރުމަށްވެސް ކޮންމެވެސް ވަރެއްގެ ދައުރެއް އަދާކުރެއެވެ.

އޮރެންޖު ތޮށީގައި ‘ޕެކްޓިން‘، ‘ޓެނިން‘ އަދި ‘ހެމި-ސެލިއުލޯސް‘ އެކުލެވޭ މިންވަރު މަތިކޮށް ހުންނާތީ ކާތަކެތި ހަޖަމުކޮށްދިނުމަށާއި ގޭހުގެ އުނދަގޫ ކުޑަކޮށްދީ މޭ އެންދުން ކުޑަކޮށްދެ އެވެ. އޮރެންޖު ތޮށީގައި ހުންނަ ފައިބަރުގެ ސަބަބުން ބޮޑުކަމުދާ ތަކެތި ގޮހޮރުތެރެއިން ފަސޭހަކަމާއެކު ދެމިގެންދެއެވެ.

އޮރެންޖު ތޮށްޓަކީ އަހަރެމެންގެ އަނގަޔަށް ނިޢުމަތެކެވެ. އެގޮތުން ނޭވާ ތާޒާކޮށްދެއެވެ. އެހެންކަމުން އަނގަދޮންނަން ބޭނުންކުރާ ތައްޔާރިީީ ތަކެތި ދޫކޮށްލައި ޤުދުރަތީ މާއްދާއެއްގެ ބޭނުން ހިފުމަށް އެދޭނަމަ އޮރެންޖު ތޮށި ބޭނުންކުރަން ފަށާށެވެ. މިއީ ދަތްޕިލަ ހުދުކޮށްދިނުމަށްވެސް އެހީތެރިވާ އެއްޗެކެވެ. ބައެއް މީހުން އޮރެންޖު ތޮށިން ޕޭސްޓެއް ހަދައިގެން ދަތް ހުދުކުރުމަށް ބޭނުންކޮށް އުޅެއެވެ. މިއީ ކެމިކަލް ހިމެނޭ، ބާޒާރުގައި ވިއްކަން ހުންނަ ތަކެއްޗަށްވުރެން އަގުހެޔޮކޮށް ބޭނުންކޮށްލެވިދާނެ އެއްޗެކެވެ.

އޮރެންޖު ތޮށި ބޭނުންކުރުމުން ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭކަމަށް ބެލެވެއެވެ. މީގެ ސަބަބަކީ އޮރެންޖު ތޮށީގެ ސަބަބުން ގޮހޮރުގައި ހުންނަ ވިހަތައް ބޭރުކޮށްދިނުމަށް އެހީވެދިިނުުމެެވެ.

މި ހުރިހައި ފައިދާތަކެއް އޮރެންޖު ތޮށިން ލިބޭވާހަކަ ދައްކާއިރު ހިތުގެ ވާހަކަވެސް ދައްކާލަމާ ހިނގާށެވެ. އޮރެންޖުގައި ގިނަ އަދަދަކަށް ހުންނަ ފްލެވޮނޮއިޑެއް ކަމަށްވާ ‘ހެސްޕަރޑީން’ އޮރެންޖު ތޮށްޓާއި އޮރެންޖުގެ އެތެރެ، ކަރުގަނޑު އަދި ތަނޑު ކައިރީގައިވެސް ހުރެއެވެ. މީގެ އިތުރުން އޮރެންޖު ތޮށްޓަކީ އެންއެސްއޭއައިޑީ NSAID (ނޮންސްޓެރޮއިޑަލް އެންޓީ އިންފްލެމޭޓަރީ ޑްރަގެއް) އެއް ކަމަށްވާ އިންޑޯމެތަސިން އާއި އެއްގޮތަށް މަސައްކަތްކުރާ އެއްޗެކެވެ. އައިބްރޫފަން އާއި އެއްގޮތަށް މަސައްކަތްކުރާ އެންޓި-އިންފްލެމޭޓަރީ އެކެވެ.

މިހިސާބުން އޮރެންޖުގެ ތޮށި ނޮޅައި ބޭނުންކުރާނެ ގޮތުގެ ވާހަކަ ދައްކާލާނަމެވެ. ސެލެޑެއްގެ ތެރެއަށް އޮރެންޖު ތޮށި ގާނައިގެން ނުވަތަ ފޮނިކާއެއްޗެއް ތައްޔާރުކުރާއިރު ގާނައިގެން އެއަށް އަޅައިގެން ކެވިދާނެ އެވެ. އޮރެންޖު ތޮށި މިގޮތަށް ކާން ނުކެރޭނަމަ، މޭވާއިން ތައްޔާރުކުރާ ބުއިމެއްގެ ތެރެއަށް އަޅައިގެން ބޭނުންކުރެވިދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.