ފަހަރަކަށްވުރެ ފަހަރެއް އައިކާގެ ހަށިގަނޑުގައިވާ ތުރުތުރުލުން ދިޔައީ އިތުރުވަމުންނެވެ. ކަންތައް މިހެންވާނަމަ ނަތީޖާ ރަނގަޅު ނުވާނެކަން ޔޫޝައުއަށް އެނގުނެވެ. އައިކާއަށް ދެރަގޮތެއް ވާކަށް އޭނާ ނޭދެއެވެ. އެހެންކަމުން އަމިއްލަ ނަފްސަށް އިތުބާރުކޮށް އޭނާ އައިކާ ގޮވައިގެން އިށީނދެ އޭނާގެ ގަޔާލައި ބޮނޑިކޮށްލިއެވެ. އަދި އައިކާގެ އަތުގައި އަތް އުނގުޅަމުން ހޫނުކަން އިހުސާސްކޮށްދެމުން ދިޔައެވެ. އަނެއްކާވެސް ޖަހާލި ބާރު ގުގުރިއަކާއެކު އައިކާ އަނެއްކާވެސް ޔޫޝައުގެ ގައިގައި އިހުނަށްވުރެ ބާރަށް ބައްދާލިއެވެ. ރޭގެ ފިނިކަމާއި ހުރެ ހަށިގަނޑުގައި ކެކި އުތުރެމުން އައި އިހުސާސްތަކުގެ މައްޗަށް ގަދަވެ ހުރި ޔޫޝައުގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުވެވި އައިކާގެ ތުރުތުރުއަޅަމުންދިޔަ ތުންފަތުގައި ބޮސްދޭން ފެށުނެވެ. އައިކާވެސް ހޫނަކަށް ބޭނުންވެފައިވާލެއް ބޮޑުކަމުން ޔޫޝައުގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ފުރިހަމައަށް އެކަމުގައި ބައިވެރިވެވުނެވެ.

ދެމީހުންގެ ނޭވާ ކޮޅުންލުމުން ދުރުވެލިއިރު ޔޫޝައުގެ ހިތް އެދުނީ އަދިވެސް އެރީތި ތުންފަތުގެ މީރުކަން ލިބިގަތުމަށެވެ. ދެވަނަ ފަހަރަށް އެތުންފަތުގައި ލޯބިކޮށްލަން ގާތްވެލި ވަގުތު އަނެއްކާވެސް ބާރު ގުގުރިއަކާއެކު އައިކާ ޔޫޝައުގެ ގައިގައި ބައްދައިގަތެވެ.

“ރިލޭކްސް ބޭބީ.. އައިމް ހިއަރ..” ޔޫޝައު އައިކާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ނަމަވެސް ހަމަ އެވަގުތު އޭނާ އައިކާ އޭނާއާ ދުރުކޮށްލިއެވެ. އޭނާގެ ނަފްސު އަމިއްލަ އިޚްތިޔާރުން ބޭރުވެދާނެތީ ބިރުގަތީއެވެ. މިހާރުވެސް އޭނާ ބޭނުންނުވާ ވަރަށް އައިކާއާ ގާތްވެވިއްޖެއެވެ.

“ބޭބީ ފޯނު އެބައޮތްތަ؟” ޔޫޝައު ކުއްލިއަކަށް ފޯނުގެ ވާހަކަ އެހުމުން އައިކާ ހައިރާންވެފައި އެކީއްކުރަންތޯ އަހާލިއެވެ.

“މިރޭ ހިއެއްނުވޭ އަވަހަށް ހުއްޓާނެހެނެއް.. އެހެންވީމަ ތެމިގެން ދާންވެގެން.. މިހާ ފިނި ރެއެއްގަ މިކަހަލަ ތަނެއްގަ ދެމީހުން އެކަނި ތިބެން ވެއްޖެއްޔާ ގޯހެއްވެސް ހެދިދާނެ..” ޔޫޝައު އެހެން ބުނެލުމުން ވަރަށް ހިތްހަމަޖެހިފައި ހުރެ އައިކާ ޖީބުގައި އަތް ހާކާލީ ފޯނު އޮތްތޯ ބަލާލާށެވެ.

“ނެތް ފޯނެއް..” ވަރަށް ކަންބޮޑުވެފައި އައިކާއަށް ބުނެވުނެވެ.

“ބޭބީ ގެނައިންތަ ފޯނު؟” ޔޫޝައު އެހެން އަހާލުމުން އައިކާ ބޯޖަހާލިއެވެ.

“ވެއްޓުނީ ކަންނޭނގެ ދޯ..” ޔޫޝައުވެސް ކަންބޮޑުވެފައި ހޯދަން ފެށިއެވެ. ޔޫޝައު އައިކާގެ ފޯނަށް ގުޅާލިއެވެ.

“އެބަ ރިންގުވޭ.. އެކަމް މިތާކު ނެތެއްނު.. ވާރޭގަ އޮތިއްޔާ ރިންގެއް ނުވީސް..” ޔޫޝައު އެހެން ބުނެލިތަނާ ފޯނު ނަގައިފިއެވެ.

“ހެލޯ! އައިކާ ފޯނު ބާއްވާފަ ދިޔަތަނެއްވެސް ނޭނގިގެން މިއުޅެނީ.. ދުވަހަކުވެސް ބޭރަށް ގޮސް އެހާ ގިނައިރުވާ ކުއްޖެއް ނޫން އެއީ.. އެހެންވެ ވަރަށް ކަންބޮޑުވޭ އެބަ.. ބައްޕަ މިހާރު ގޮސްފި އައިކާ ހޯދަން..” ޔޫޝައުއަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސަނާ އެހެން ބުނެލުމުން ޔޫޝައު ހީލިއެވެ.

“އިކާ މިއުޅެނީ އަހަރެންނާއެކީ ވާރޭ ތެމެން.. މަންމަ ގާތު ބުނަން ހަނދާން ނެތުނީ ކަންނޭނގެ އެ.. ވާރޭ ތެމެން އައީމަ ފޯނު ބާއްވާފަ އެއައީ..” ޔޫޝައު މޮޅު ގޮތަކަށް ވާހަކައެއް ހަދާލައި ހަމަޖައްސާލިއެވެ. ސަނާވެސް ހަމަޖެހިލަމުން އަވަހަށް އައިކާ ގެއަށް ގެންނާށޭ ބުނެފައި ފޯނު ބޭއްވިއެވެ.

“ހިނގާ އަވަހަށް ދަމާ.. މިހާރު މަންމަ އެބަހުރި ކަންބޮޑުވެގެން އެއްކަމެއްވެސް ނުވެފަ.. ބައްޕަވެސް މިހާރު ބޭބީ ހޯދަން ނުކުމެއްޖެޔޯ..” ޔޫޝައު ފޯނު ބާއްވާފައި އެހެން ބުނެލުމުން އައިކާއަށް ޔޫޝައުގެ އަތުގައި ހިފަހައްޓާލެވުނެވެ.

“ކިހިނެއްވީ؟ އަދިވެސް ބޭނުންވަނީތަ އެކަހަލަ ކިސްއެއް؟” ޔޫޝައު އެހެން ބުނެލުމުން އައިކާއަށް ލަދުން އިސްޖަހާލެވުނެވެ.

“ބޭނުމިއްޔާ ދީފާނަމޭ.. ލަދުނުގަނެބަލަ..” ޔޫޝައު އައިކާ އިތުރަށް ލަދުގަންނަވާލުމަށް ބުނެލިއެވެ. އައިކާ ޔޫޝައުގެ މޭގައި މަޑުމަޑުން ޖަހާލަމުން ދެންއޭ ބުންޏެވެ.

“ދެން ހިނގާ ދާން އަވަހަށް..”

“އެކަމަކު ޔޫޝްގެ ފޯނު؟” އައިކާއަށް ބުނެވުނެވެ.

“މީ ވޯޓަރ ޕްރޫފް އެއްޗެއް.. ސޯ ނޯ ވޮރީސް..” ޔޫޝައު އެހެން ބުނެލަމުން އައިކާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދެމީހުން އަތުގުޅުވާލައިގެން ދިޔައިރުވެސް ދޭތެރެ ދޭތެރެއިން ޖަހާލާ ގުގުރިއާއެކު އައިކާއަށް ޔޫޝައުގެ އަތުގައި ހިފާ ބާރުކޮށްލެވެއެވެ. މިކަމުން ޔޫޝައު ގާތަށް ކުޑަކޮށް ހިނިއައި ނަމަވެސް އެކަން ނުދައްކާ ހިނގަމުން ދިޔައީ އައިކާ ދެރަވެދާނެތީއެވެ. ދެމީހުން ވާހަކަދައްކަމުން ގޮސް ލިހާމްމެން ގޭ މަގުން، ޔޫޝައު އުޅޭ ގޭ މަގަށް ލަނބާލިތަނާ ނާޒިމް ކުޑައެއް ހިފައިގެން އެދިމާއަށް އަންނަތަން ފެނުނެވެ. އައިކާގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އޭރު އަދި ނާޒިމްއަކަށް އައިކާމެންނެއް ނުފެނެއެވެ.

“ޔޫޝް! ބައްޕަ..” އައިކާ ކަންބޮޑުވެފައި ބުނެލިއެވެ.

“ބޭބީ ދުއްވައިގަނޭ.. އަހަރެން ބޭބީ ފަހާގޮތަށް ދުވާނަން..” ޔޫޝައު އެވަގުތު އޭނާއަށް އައި އެންމެ މޮޅު ޚިޔާލު ބުނެލިއެވެ. އެހެން ބުނެލުމާއެކު އައިކާ ހެމުން ދުއްވައިގަތެވެ. ޔޫޝައުވެސް އައިކާ ފަހައިގަނެގެން އުޅޭފަދަ ގޮތަކަށް ދުއްވައިގަތެވެ. ނާޒިމްއަށް އެމީހުން ފެނުނީ ފުދޭވަރަކަށް ގާތްވީ ފަހުންނެވެ. އެއާއެކު އޭނާއަށް ހައިރާންވެފައި ބަލަން ހުރެވުނީ އައިކާއާއި ޔޫޝައު ކުޑަ ދެކުދިން ފަދައިން އެކަކު އަނެކަކު ފަހާ ދުވާތަން ފެނުމުންނެވެ. އަނެއްކޮޅުން އައިކާ މިކަހަލަ ވިއްސާރަ ރެއަކު ބޭރަށް ނުކުތީތީ އެކަމާވެސް އޭނާ ހައިރާންވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އައިކާއަކީ ކުރިން ވާރެޔާ އެހާ ރައްޓެހި ކުއްޖެއް ނޫނެވެ. ވާރޭ ވެހެންޏާ އަބަދުވެސް އޭނާ ބޭނުންވާނީ ރަޖާ އަޅާލައިގެން އޮވެ ނިދާލާށެވެ. ނަމަވެސް މިއަދު މި ފެންނަ މަންޒަރު ތަފާތެވެ. ހައިރާންވެފައި ބަލަން ހުއްޓާ ނާޒިމް ސިހުނީ އައިކާ އޭނާއަށް ގޮވާލުމުންނެވެ.

“ހިނގާ ގެއަށްދާން.. މިހާރު ކޮންއިރެއް ދަރިފުޅު ދިޔަތަނެއް ނޭނގިގެން އުޅޭތާ.. ދާތާކަށް ބުނެލާފަ ދާނަމަ.. އެހެންނޫނަސް މިހާރު ގަޑިން ވީއިރެއް އެނގޭތަ؟ މިހާރު އެހެރަ އެގާރަ ޖަހަނީ.. އަންހެންކުދިން އެހާ ލަސްވަންދެން ބޭރުގަ އުޅޭކަށް ނުވާނެ..” ނާޒިމް މަޑުން ބުނިނަމަވެސް އޭނާ ހިތްހަމަނުޖެހިފައިވާވަރު އޭނާގެ އަޑުން ހާމަވެއެވެ. އައިކާއަށް ކަންބޮޑުވެފައި ޔޫޝައުއަށް ބަލާލެވުނެވެ. ޔޫޝައު ބޯޖަހާލީ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނާފަދަ ގޮތަކަށެވެ. އައިކާވެސް ދެކޮޅު ހެދުމަކާއިނުލާ ނާޒިމްއާއެކު ގެއަށް ދިއުމަށް ހިނގައިގަތެވެ. އައިކާ ގޮސް ނިވާވަންދެން ޔޫޝައުއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއަށްފަހު އޭނާ ގެއަށް ވަނީ އަވަހަށް ތެތް އެއްޗެހި ބަދަލުކޮށްލާށެވެ. ފާޚާނާއަށް ވަދެ ފެންވަރައިގެން ނުކުމެ ނިދަންލާ ސޯޓެއް ލައިގެން އޮށޯތްތަނާ އޭނާގެ ފޯނަށް މެސެޖެއް އައެވެ. އޭނާ މެސެޖް ހުޅުވާލިއިރު ލިހާމްގެ މެސެޖެކެވެ. ފޯނު ނުނަގަނީ ކީއްވެތޯ ސުވާލުކޮށްފައި ދެން އޮތީ މޫސުން ގޯސްވުމުން ހެނދުނު ފުރާގޮތަށް ދަތުރު ލަސްކުރި ވާހަކައެވެ. ޔޫޝައު ހިނިތުންވެލަމުން އަވަސްއަވަހަށް އޭނާއަށް ފޯނު ބާއްވާފައި ބޭރަށް ދެވުނީކަމަށް ބުނެ މެސެޖެއް ފޮނުވާލިއެވެ.

އައިކާ އެނދުގައި އޮތީ ނިދަން ތައްޔާރުވެގެންނެވެ. މިރޭ ޔޫޝައުއާއެކު ހޭދަކުރެވުނު ފޮނިފޮނި ވަގުތުކޮޅުގެ ހަނދާންތައް އިރުއިރުކޮޅާ އާވެއެވެ. އަދިވެސް އެމަންޒަރު ލޮލު ކުރިމަތީ ތަކުރާރުވަމުން ދާހެން ހީވެއެވެ. އޭނާ އަދިވެސް އެފަދަ އޯގާތެރި ބީހުންތަކަކަށް އެދެވެއެވެ. ނަމަވެސް ކައިވެންޏަށް ފަހުގައެވެ. މިރޭވެސް ޔޫޝައު ނޫން އެހެން މީހަކުނަމަ ވަގުތުގެ ނާޖާއިޒް ފައިދާ ނެގީސްކަމުގައި އައިކާއަށް ވިސްނުނެވެ. ޔޫޝައު ކިހާ ކެތްތެރި ހެއްޔެވެ؟ އިޚްތިޔާރުން ބޭރުވެވި ތުންފަތުން މީރުކަން ހޯދުމުން އިތުރު ގޯހެއް ހެދިދާނެތީ އަވަހަށް ގެއަށް އަންނަން ނީންމާނީ ކިހާ ކެތްތެރިވީމާ ހެއްޔޭ އައިކާގެ ހިތަށްއެރިއެވެ. އެކަމުގެ ސަބަބުންވެސް އޭނާގެ ހިތުގައި ޔޫޝައުއަށް ދެވިފައިވާ މަޤާމް އެތައް ގުނައެއް އިތުރުވެއްޖެއެވެ. އޭނާ ޔޫޝައުގެ ޚިޔާލުގައި އޮއްވާ ފޯނު ރިންގުވިއެވެ. ބަލާލިއިރު މާޒްއެވެ. މިގަޑީގައި މާޒް އެގުޅަނީ ކީއްކުރަންބާއޭ ހިތަށްއަރާ ހާލު އައިކާ ފޯނު ނެގިއެވެ.

“އިކާ ކޮންތާކު؟ އިކާ ރަނގަޅުތަ؟” މާޒް އަވަސްއަވަހަށް ސުވާލުކޮށްލި ގޮތުން އައިކާ ގާތަށް ހިނިއަންނަ ގޮތްވިއެވެ.

“ގޭގަ.. ކިހިނެއްވީ؟ އަހަރެން ހަމަ ރަނގަޅޭ..” އައިކާ ޖަވާބުދިނެވެ.

“ސަނާއްތަ ގުޅާފަ އިކާ ވީތަނެއް ނޭނގިގެން އުޅޭ ވާހަކަ ބުނީމަ.. އިކާ މިހާރު ގެއަށް ގޮސްދާނެއޭ ހިތަށްއެރީމަ ހަމަ ގުޅާލީ.. ނިދަން ދޯ ތިއުޅެނީ؟” މާޒް އެހެން ބުނެލުމުން އައިކާ އާނއެކޭ ބުނެލިއެވެ.

“އަވަހަށް ނިދާ އިނގޭ.. ގުޑް ނައިޓް.. ޓޭކް ކެއަރ..” މާޒް އެހެން ބުނެލާފައި ފޯނު ކަނޑާލިއެވެ. މާޒް ފޯނު ބޭއްވިތަނާ ޔޫޝައު ގުޅިއެވެ.

“ބޭބީ! ދެންމެ ގުޅިއިރު ކޯލް ވެއިޓިންގަ ހުރީ.. މިގަޑީ ކާކުތަ އެގުޅީ އަހަރެމެންނަށް އުނދަގޫކުރަން..” ޔޫޝައު އެހެން ބުނެލުމުން އައިކާއަށް ހެވުނެވެ.

“އަހަރެންގެ ބިޓޭ ބުނެފިއްޔާ..”

“އޭރުން އެވާނީ ހަމަ ކަނޑައެޅިގެން ދޮގަކަށް..” ޔޫޝައު ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

“ހަމަ ތެދަކަށްވެސް ވެދާނެއެއްނު..” އައިކާ ހެމުން ހެމުން ބުނެލިއެވެ.

“އެހެންވިއްޔާ މިދަނީ ކަނޑަށް އެރެން.. އުހުނ.. އަތުގެ ނާރު ބުރިކޮށްލާނީ.. އުހުނ.. ދަން ޖެހޭނީ..” ޔޫޝައު މަޖާވެލާފައި އެހެން ބުނެލުމުން އައިކާއަށް ބާރަށް ހީނގަނެވުނެވެ.

“މާޒް ގުޅީ.. މަންމަ އޭނައަށްވެސް ގުޅާފަ އަހަރެން ދިޔަތަނެއް ނޭނގިގެން އުޅޭ ވާހަކަ ބުނީމަ.. އަހަރެން މިހާރު ގެއަށް އައިސްފިތޯ ބަލާލަންނޯ ގުޅީ..” އައިކާ ބުނެލިއެވެ.

“އެހެންތަ؟ އޭނަ ހާދަ ރަނގަޅޭ ދޯ؟”

“ހޫމް.. ވަރަށް ރަނގަޅުވާނެ އަބަދުވެސް..” އައިކާ މާޒްއަށް ތަޢުރީފްކޮށްލިއެވެ.

“ވަރަށް އުފާވެރި ޚަބަރެއް ދެންތަ؟ ވިއްސާރަވީމަ މާދަމާ ހެނދުނު ފުރާގޮތަށް ދަތުރު ލަސްވި ވާހަކަ ލިހޭ ބުނި..” ޔޫޝައު އެހެން ބުނެލުމުން އައިކާ އުފާވެލާފައި އަސްލުވެސްހޭ އަހާލިއެވެ.

“ހޫމް.. އެހެންވީމަ ފަތިހު މީޓްވާނެ ދޯ؟ އެކަމް މިއަދު އަނެއްކާ އެހެން މީހެއްގެ ދުވަސް ދުއްވާނުލާތި..” ޔޫޝައު އެންމެ ފަހުން އެބުނެލި ޖުމްލައިން އައިކާ ދެންއޭ ބުނެ ތުއިވެލިއެވެ.

“ހޫމް.. ފަތިސް ނަމާދުކޮށްގެން އަންނައްޗޭ.. އަހަރެން އިންތިޒާރު ކުރާނަން..” އައިކާ ބުނެލިއެވެ. އިރުކޮޅަކު ވާހަކަދައްކާލަން އޮވެފައި އައިކާ ނިދިއައި ވާހަކަ ބުނުމުން ޔޫޝައުވެސް ނިދިއައިސްފިއޭ ބުނެ ރޭގަނޑުގެ ސަލާމް ކޮށްލުމަށްފަހު ފޯނު ބޭއްވިއެވެ. އެއަށްފަހު ލަމްހާއަށް ގުޅާލިއެވެ. ދެފަހަރު ގުޅިއިރުވެސް ފޯނު ނުނެގުމުން ލަމްހާ ނިދީކަމުގައި ނިންމާފައި ޔޫޝައުވެސް ނިދޭތޯ ލޯމަރާލިއެވެ.

**********

“ބުނަން ޔޫޝައު! އަހަރެން ވަރަށް ދުވަހު ކެތްކޮށްފިން.. އަހަރެންނަކަށް އަބަދަކު ނުހުރެވޭނެ މިހެނެއް ޔޫޝައު އޭނައާއެކީ ލޯބިން އުޅޭތަން ބަލާކަށް.. އަބަދުވެސް އޭނަ ކައިރީގަ އުޅެވޭތޯ ތިބަލަނީ.. މިހާރު އަހަރެން މީ ޔޫޝައުގެ އަނތްބެއްކަން ހަނދާނެއްވެސް ނުހުރޭ..” ލަމްހާ ހުރީ ވަރަށް ރުޅިއައިސްފައެވެ.

“ހަމަޖެހިބަލަ..”

“ކޮން ހަމައެއް ޖެހޭކަށް.. މިއަދު ޔޫޝައުއަށް ޖެހޭނީ މިކަން ކޮންމެވެސް އެއްކޮޅެއްގަ ޖައްސަން.. އަހަރެން ވިއްޔާ އަހަރެން.. އޭނަ ވިއްޔާ އޭނަ.. ކޮންމެވެސް އެކަކު ނަގަން ޖެހޭނީ.. އޭނަ ހުންނަންޏާ އަހަރެންނެއް ނުހުންނާނަން.. އަހަރެން ހުންނަންޏާ އޭނައަކަށް މިގެއަކު ނުހުރެވޭނެ.. ގޮތް ނިންމާނީ ޔޫޝައު..” ލަމްހާގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

“ހަމަޖެހިބަލަ.. ލަމްއަށް އެނގެއެއްނު އަހަރެން ލަމްއަށް ދެރަގޮތެއް ނުހަދާނެކަން.. އަހަރެން މިދުވަސްކޮޅު އޭނައާއެކު ގިނަ ވަގުތު މިއުޅެނީ އޭނަ ބަލިވެ އިނީމައޭ.. އޭނަ ވިހެއީމަ ދެން އުޅޭނީ ކުރިންވެސް އުޅުނުހެން ދެމީހުން ކައިރީވެސް އެއްވަރަކަށޭ.. ޤަބޫލުކޮށްބަލަ..” ޔޫޝައު ބެލީ ރީތިކޮށް ވާހަކަދައްކައިގެން ލަމްހާގެ ރުޅިގަނޑު މައިތިރިކުރެވޭތޯއެވެ.

“ހުހް.. ކޮންމެހެން އަހަރެން ވާވައްދަން އުޅޭނެކަމެއް ނެތް.. ތީ ހަމަ ތިކަހަލަ ފިރިހެނުންގެ ފާޑޭ.. އަބަދުވެސް އާ މަލަކުން ފޮނި ބޯން އުޅޭނީ.. އޭނަ ވިހާއިރަށް އޭނަ މަތިން ފޫހިވާނެ.. އެވީ އަނެއްކާ އެހެން މަލެއް ހޯދަން..” ލަމްހާގެ ރުޅި މަޑުވާގޮތެއް ނުވެއެވެ.

“ހުއްޓާލާ! ހަމަ މިހާރު ހުއްޓާލާ! އަހަރެން ބޭނުންވެގެންތަ އަހަރެން އިތުރު މީހަކާ އިނީ؟ އެވެސް އަބަދު އަބަދު އަހަރެންގެ ބޮލުގަ ކޮށާވަރުން ބޮލަށް ނުކުޅަދާނަވެގެން ކުރި ކަމެކޭ.. އެކަމް މިއަދު މިވީ އަހަރެން އަމިއްލައަށް ބޭނުންވެގެން ކުރި ކަމަކަށް.. ރަނގަޅު.. އޭނަ ވިހެއީމަ ދަރި އަތުލާފަ އަހަރެން އޭނަ ވަރިކޮށް އެއްލާލާނަން.. އޭރުން ދެން އަހަރެމެންނަށް ލޯބިން އުޅެވޭނެއެއްނު.. އެޔޭ މި ހަދަން އުޅޭ ގޮތަކީ..” ޔޫޝައުގެ އަޑު ކުއްލިއަކަށް މަޑުވެ މަކަރުވެރިކަމުގެ ރާގަކަށް ބަދަލުވިއެވެ.

“އަހަރެންނަކަށް ނުބެލޭނެ އެހެން މީހެއްގެ ދަރިއެއް.. އެކުއްޖާގަނޑު ބަލާނެ މީހަކު ހޯދަންޏާ ތިކަން ކުރިޔަސް ހެޔޮ.. އެކަމު އަހަރެންނަށް އެކުއްޖާގަނޑު ފެންނަންޏާ މިރުޅި މަޑެއްނުވާނެ..” ލަމްހާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

“އެކަމަކު އަހަރެންނަކަށް އަހަރެންގެ ދަރިފުޅު ދޫކޮށެއް ނުލެވޭނެ..”

“އެހެންވިއްޔާ ޔޫޝައު ދަރި ގޮވައިގެން ހުރޭ! އަހަރެން މިގެއިން ދާނީ..” ލަމްހާ އޭނާގެ ފަހުގެ ނިންމުން އިއްވާލިއެވެ. ކުއްލިއަކަށް އަތްތިލަބަޑި ޖަހައިގަތް އަޑަށް ދެމީހުންނަށް އެކުގައި ދޮރާއި ދިމާއަށް ބަލާލެވުނެވެ. އޭރު އައިކާ އޭނާގެ ފަސްމަހުގެ ބަނޑުގައި އަތް އަޅާލައިގެން ހުރެ އެތެރެއަށް ވަދެގެން އަންނަނީއެވެ.

“ވާއު! ހަމަ ބުނާނެ އެއްޗެއްވެސް ނެތް.. ހާދަހާ މޮޅު ޕްލޭނެކޭ ތީ.. އަހަރެން ހީކުރީ ތީ ވަރަށް މާތް މީހެއްކަމަށް.. އެކަމަކު ތިރީތި ސޫރައިގެ ނިވަލުގަ ވަނީ ކިހާ ނުބައި ނުލަފާކަމެއްކަން އަދި މިއެނގުނީ.. އަހަރެން ހީކުރީ އަހަރެންގެ ފަހަތުން އެވަރަކަށް އުޅުނީ އަހަރެންދެކެ ހަމަ ހަޤީޤަތުގަވެސް ލޯބިވާތީ ކަމަށް.. އެކަމަކު ތީ އަމިއްލަ އެދުމުން ފޯވެފަ ހުރި ތިހާ ރަހުމުކުޑަ މީހެއްކަމަކަށް ހިއެއްވެސް ނުކުރަން.. ޔޫޝައު ހީކުރީތަ އަހަރެން މީ އަންހެނަކަށްވެފަ ނިކަމެއްޗަކަށް ވީމަ ބޭނުންހާ ގޮތެއް ހެދިދާނެކަމަށް.. ނުހެދޭނެ.. ޔޫޝައު ބޭނުންވީ ދަރިއެއްނު ދޯ؟ މިއަދަށްފަހު މި ދަރިވެސް ގެއްލުނީކަމަށް ހީކުރޭ.. އަހަރެން ހަމަ މާދަމާ ވަރިވާން ކޯޓަށް ފޯމު ލާނަން.. އަހަރެން މިއަދު ވަރަށް ދެރަވެއްޖެ.. ވަރަށް އަގުހުރި ފިލާވަޅެއްވެސް ލިބިއްޖެ.. އެދުވަހު މާޒްގެ ލޯތްބަށް ފުރަގަސްދެވުމުގެ ނަތީޖާ މީ.. އަހަރެންނަށް އޭރު ލޯބިވާ މީހުންނާ ދުނިޔޭގެ ކެހިވެރިން ވަކިކުރަން ނޭނގުނީ.. އަހަރެން މިދަނީ.. އަހަރެން ދިއުމަށްފަހު އެނބުރި އަހަރެންނެއް ޔޫޝައުގެ ފައިބުޑަކަށް ނުވެއްޓޭނަން.. އަހަރެން ހުއްޓުވަން މަސައްކަތް ނުކުރާތި! ޔޫޝައު! އަދި ހަނދާންކުރާތި! އަހަރެން ދުވަހަކުވެސް ޔޫޝައުއަކަށް މާފެއް ނުކުރާނަން.. އަދި ދުވަހަކުވެސް ލޯބި ނުލިބުމަށް އެދި ދުޢާކުރާނަން..” އައިކާ ރޮމުން ރޮމުން ނުކުމެގެން ދިއުމުން ޔޫޝައުއަށް އައިކާގެ ފަހަތުން ދާން ހިނގައިގަނެވުނެވެ. ނަމަވެސް އެވަގުތު ލަމްހާގެ އަޑު އިވިފައި ހުއްޓެވުނެވެ.

“ކޮބާ؟ ރީތިވެއްޖެއެއްނު.. އަހަރެންވެސް ބޭނުމެއްނޫން އިތުރަށް ޔޫޝައުއާއެކު އުޅޭކަށް.. އަހަރެންވެސް ހަމަ މާދަމާ ވަރިވާން ފޯމުލާނަން.. އަހަރެންވެސް ޔޫޝައުދެކެ ވަރަށް ލޯބިވިން.. އެކަމަކު އަހަރެން ބަލިވެ ނީންނާނެކަން އެނގުނު ހިސާބުން އަބަދުވެސް އަހަރެންގެ ނުކުޅެދުންތެރިކަން ހަނދާންކޮށްދެމުން ތިއައީ.. އޭރުން ފެށިގެން ތީ އަހަރެންގެ ކުރިމަތީ އެއްވެސް އަގެއްނެތް ބޭކާރު މީހެއް.. އަދި މިއަދު އައިކާއަށް ތިހެދި ގޮތް ނޫނީ އެއަށްވުރެވެސް ދެރަގޮތެއް އެހެން އަންހެނަކަށް ނުހަދާނެކަމެއް ނޭނގެ.. އެހެންވީމަ އަހަރެންވެސް އެއްވެސް އަންހެންކުއްޖަކު ޔޫޝައުގެ ތި ދަލުގަ ނުޖެހޭތޯ ދުޢާކުރާނަން.. ދެން ދަނީ.. އުމުރަށް ސަލާމް..” ލަމްހާވެސް އެހެން ބުނެފައި ނުކުމެގެން ދާން ފެށުމުން ޔޫޝައު ލަމްހާގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް ލަމްހާ ޔޫޝައުގެ އަތް ފޮޅުވާލާފައި ދިޔައީއެވެ.

**********

ޔޫޝައުއަށް ހޭލެވުނުއިރު އޮތީ ދާހިއްލާ ފޯވެފައެވެ. އެފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ؟ އެހުވަފެނާއި އޭނާގެ ހިތުގައިވާ އެއްޗަކާއި ދިމަލެއްނުވެއެވެ. ނަމަވެސް އެފެނުނު ހުވަފެނަކުން އޭނާގެ ހިތް ނުތަނަވަސްވެއްޖެއެވެ. އަނެއްކާ އެހުވަފެނާއި އޭނާގެ މުސްތަޤުބަލާއި ގުޅުމެއް ވަނީ ހެއްޔެވެ؟

އެ ފެނުނު ހުވަފެނަކުން އޭނާގެ ނިދިވެސް މުޅިން ފިލައިފިއެވެ. އޭނާ ގަޑި ބަލާލިއިރު އަދި މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. ފަތިސް ނަމާދު ވަގުތަށްވެސް އަދި ދޮޅު ގަޑިއިރު އެބައޮތެވެ. އެހެންކަމުން އޭނާ ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ ދަބަސް ތައްޔާރުކޮށްލިއެވެ. އޭނާ ފޫހިކަމުގައި ވަގުތުތައް ގުނަމުން ދަނިކޮށް ފަތިސް ނަމާދު ބަންޤި ގޮވައިފިއެވެ. އެއާއެކު އޭނާ ކޮޓަރި ތަޅުލާފައި މިސްކިތަށް ދާން ނުކުތެވެ. ކުޑައިރުއްސުރެ ފެށިގެންވެސް އޭނާ ވަނީ ނަމާދު ޖަމާއަތުގައި ކުރަން އާދަވެފައެވެ. އެއީ އޭނާގެ މަންމައާއި ބައްޕަގެ ތަރުބިއްޔަތެވެ.

ފަތިސް ނަމާދުކޮށްގެން ފޭބި ލިހާމްއަށް ޔޫޝައު އައިކާމެން ގެއާ ދިމާއަށް ދާތީ ފެނުނެވެ. އެހެންކަމުން ޔޫޝައުއާ ދިމާކޮށްލަން އޭނާ ބޭނުންވިއެވެ. އެހެންކަމުން އޭނާ ޔޫޝައުއަށް ގޮވާ ހުއްޓުވިއެވެ.

“ތިދަނީ ފުރުމުގެ ކުރިން ފަހު ފަހަރަށް މޫނު ދެކިލަން ދޯ؟” ޔޫޝައުއާ އަރާ ހަމަކުރަމުން ލިހާމް ބުނެލިއެވެ.

“ރަނގަޅަށް ތިބުނީ.. ހަމަ އެހެންވެ މިދަނީ.. ދެން ލިހޭ ހުރޭ ދިމާކުރަން..” ޔޫޝައު އެހެން ބުނެލުމުން ލިހާމް ގާތަށް ހިނިއަންނަ ގޮތްވިއެވެ.

“އަދިވެސް ހަމަ ބަނަކޮށް ދޯ މި އޮންނަނީ.. ހިތަށްއަރާ ދޯ އަދިވެސް ދަތުރު ލަސްވާނެނަމައޭ..” ލިހާމް އަދިވެސް ނުސީދާކޮށް ޔޫޝައުއާ ދިމާކުރަމުން ދިޔައެވެ.

“އުހުނ.. އެހާ ބޮޑަކަށް ހިތަކަށް ނާރާ.. މިހާރު ލަމްއާ ދުރުގަ އުޅޭތާވެސް ތިން ހަތަރު މަސް މިވަނީ.. އެހެންވީމަ ދާންވެސް އެބަޖެހޭ.. އަބދު ކިހިނެއް މިހެން ދުރުގަ އުޅޭނީ.. އަހަރެންވެސް މީ ފިރިހެނެކޭ..” ޔޫޝައު އެހެން ބުނެލުމުން ލިހާމް ހީލިއެވެ.

“ހޫމް ހޫމް.. އައިކާ ގާތު ބުންޏަސް ތިކަން ކޮށްދީފާނެ ކަންނޭނގެ..”

“ސާބަސް.. ތިކަހަލަ ވާހަކަ ނުދައްކާ.. އަހަރެން އޭނަޔާ ރައްޓެހިވެގެން މިއުޅެނީ ތިކަން ކުރާކަށް ނޫން.. ހަމަ ހަޤީޤަތުގަވެސް އޭނައާ އިންނަންވެގެން..” ލިހާމް އެހެން ބުނުމުން ކުޑަކޮށް ރުޅިއައި ނަމަވެސް ޔޫޝައު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

“ހޫމް.. ދެން ދޭ.. ދުވަހަކުވެސް ދައްކާނެ ވާހަކަ ހުހެއްނުވާނެ.. ތިހެން ވާހަކައިގަ ހުއްޓާ އިރުއަރައިފިއްޔާ ބުނާނެ އަހަރެންނާހެދި ޔޫޝައުއަށް އައިކާ ގާތަށް ނުދެވުނީއޭ..” ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ލިހާމް ބުނެލިއެވެ. އަދި އޭނާގެ ގެ ހުންނަ ކޮޅަށް ދާން ހިނގައިގަތެވެ. ޔޫޝައުވެސް އައިކާމެން ގެއަށް ދާން ހިނގައިގަތެވެ. ޔޫޝައު ގޮސް އައިކާއަށް ގުޅާލުމުން އައިކާ ބޭރަށް ނުކުތެވެ.

“ކިހާއިރަކު ދޯނި ފުރަނީ؟” އައިކާ އަހާލިއެވެ.

“ހަތެއް ޖަހާއިރަށް ދާން ބުނީ.. ކޮބާ މަންމަމެން؟” އުނދޯލީގައި އިށީންނަމުން ޔޫޝައު އަހާލިއެވެ.

“ކޮޓަރީގަ ވީ..” އައިކާ ބުނެލިއެވެ.

“އަދި ނުހޭލަނީތަ؟” ހައިރާންވެފައި ޔޫޝައުއަށް އަހާލެވުނެވެ.

“ނޫނޭ.. ބައްޕަ ހުން އައިސްގެން އުޅޭތީ..” އައިކާ އެހެން ބުނެލުމުން މިސްކިތުން ނާޒިމް ނުފެނުނީ މިހެންވެތާއޭ ޔޫޝައުގެ ހިތަށްއެރިއެވެ.

“އެހެންތަ؟ ކޮންއިރަކު ހުންއައީ؟”

“ފަތިހު ހޭލިއިރު ހުންއައިސްފަ އޮތް ވާހަކަ މަންމަ ބުނީ..” އައިކާ އޮޅުންފިލުވައިދިނެވެ.

“ބޭބީ ރަނގަޅުތަ؟” އައިކާގެ ނިތުގައި އަތް ޖައްސާލަމުން ޔޫޝައު އަހާލިއެވެ.

“ހޫމް.. އަހަރެން ހަމަ ރަނގަޅޭ..” އެގޮތުގައި ދެމީހުން އިރުގަނޑަކު ވާހަކަދައްކަން ތިއްބެވެ. އެގޮތުގައި ތިބެފައި ހަގަޑި ބައިވުމުން ޔޫޝައު ދާން އުޅުނެވެ. އެއާއެކު އައިކާ ޔޫޝައުގެ އަތުގައި ހިފެހެއްޓިއެވެ.

“ދެން ކޮންއިރަކުން އަހަރެން ކައިރިއަށް އަންނާނީ؟ ވަރަށް މިސްވާނެ..” އައިކާ ސީދާ ޔޫޝައުގެ ދެލޮލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ޔޫޝައުއަށް އައިކާގެ ލޮލުން ފެނުނު އަސަރަކުން ހިތް ހަލަބޮލިވިއެވެ. ހިތް ބިރުގަތީ އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓިދާނެތީއެވެ. ނަމަވެސް އޭނާއަށް އެއްވެސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އައިކާ ކުއްލި ހަރަކާތަކާއެކު ޔޫޝައުގެ ގައިގައި ބައްދައިގަތެވެ. ޔޫޝައު ޖެހިލުންވެފައި އިނދެވެސް އައިކާގެ ހަށިގަނޑު ވަށާލިއެވެ.

“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނަން.. ދެރަނުވެބަލަ.. ބޭބީ އަހަރެންނަށް އިންތިޒާރުކުރައްޗޭ..” އައިކާގެ ކޮނޑުގައި ހިފާ އޭނާއާ ދުރުކޮށްލަމުން ޔޫޝައު ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

“ހޫމް.. އަހަރެން ޔޫޝްއަށް މުޅި އުމުރުވެސް އިންތިޒާރު ކޮށްފާނަން.. އެކަމް އަހަރެންނަށް ކެއްސެއް ނުދެއްޗޭ..” އައިކާ އަސަރާއެކު އެހެން ބުނެލުމުން ޔޫޝައު އައިކާގެ މޫނުގައި ހިފަހައްޓާލިއެވެ.

“އަހަރެންނަށް އިތުބާރުކުރޭ.. ދުވަހަކުވެސް ބޭބީއަކަށް ކެއްސެއް ނުދޭނަން..” ޔޫޝައު އެހެން ބުނެލަމުން އައިކާއާ ގާތްވެލިއެވެ. ޔޫޝައު އެހާ ގާތްވުމުން އައިކާގެ ހިތް އަވަސްވިއެވެ. ޔޫޝައު ވަރަށް ލޯބިން އައިކާގެ މޫނުގައި ފިރުމާލިއެވެ. ޔޫޝައުގެ ހޫނު ނޭވާތައް އައިކާގެ މޫނަށް އެޅެން ފެށުމުން ބޭއިޚްތިޔާރުގައި އައިކާއަށް ދެލޯ މަރާލެވުނެވެ. އެއާއެކު ޔޫޝައު މަޑުމަޑުން އައިކާގެ ތުންފަތުގައި ލޯބިކޮށްލިއެވެ. އައިކާއަށް ކުރެވުނުހާވެސް ކަމަކީ ޔޫޝައުގެ އެ ހަރަކާތުގައި ފުރިހަމައަށް ބައިވެރިވުމެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔަ އެވަގުތުކޮޅަށް ނިމުން އައީ ޔޫޝައުގެ ފޯނު ރިންގުވުމުންނެވެ. ނޭވާ ހަމައަކަށް އަޅުވާލަމުން ޔޫޝައު ފޯނު ނަގާ ސްކްރީނަށް ބަލާލިއިރު ގުޅަނީ ލިހާމްއެވެ. އޭނާ ފޯނު ނެގުމާއެކު ލިހާމް އެދުނީ އަވަސްކުރުމަށެވެ. ފޯނު ބާއްވާފައި ޔޫޝައު އައިކާއަށް ބަލާލިއިރު އައިކާގެ މޫނަށް ވަނީ ޖަންބުކުލަ އަރާފައެވެ. އެތުނި ތުންފަތުގެ ރަތްކަންވެސް އިހުނަށްވުރެ އިތުރުވެފައިވާތީ ޔޫޝައުގެ ހިތް އެދުނީ އަދިވެސް އެތުންފަތުގައި ލޯބިކޮށްލާށެވެ. އެހެންކަމުން އޭނާ ދެވަނަ ފަހަރަށްވެސް އައިކާގެ ތުންފަތުގައި ލޯބިކޮށްލިއެވެ. އެވަގުތު ގޭ ދޮރު ހުޅުވާލި އަޑަށް ސިހިފައި ދެމީހުންނަށް ދުރަށް ޖެހެވުނެވެ. ނަސީބަކުން އެއީ އައުފްއެވެ. އައުފްއަށް އެއިން އެއްވެސް މަންޒަރެއް ނުފެންނަކަން އެނގުމުން ހިތްހަމަޖައްސާލަމުން ޔޫޝައު އައިކާއަށް ބަލާލިއެވެ.

“ބޭބީ! ވަރަށް ލަސްވެއްޖެ.. ލިހާމް އެބަ ގުޅާ ލަސްވެގެން.. ދަނީ އިނގޭ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބޭބީ ގާތަށް އަންނާނަން.. އައުފް! ޔޫޝް ބޭބެ މިދަނީ މާލެ ދާން.. އަންނާނަން އިނގޭ ވަރަށް އަވަހަށް..” އައުފްގެ ބޮލުގައި ފިރުމާލަމުން ޔޫޝައު އެހެން ބުނެފައި ފަހަތަށް ފަހަތަށް ހިނގައިގަތެވެ. އައިކާގެ އަތާއި އޭނާގެ އަތް ވަކިވި ވަގުތު އައިކާގެ ލޮލުން ކަރުނަ ހިލުނުތަން ފެނުމުން އޭނާ ދެރަވިއެވެ. ނަމަވެސް އިތުރަށް މަޑުކުރެވެން ނެތީތީ އޭނާ އަވަސްއަވަހަށް އެގެއިން ނުކުތެވެ.

“ދޮންތަ ރޮނީތަ؟ ބޭބެ އަންނާނެއެއްނު އަދި..” އައިކާގެ ލޮލުން ކަރުނަ އައިތަން ފެނުމުން އައުފް ބުނެލިއެވެ.

“ދޮންތަ ނުރޮމޭ.. ހިނގާ ސައިބޯން.. އިޝީ ނުކުމެއްޖެތަ މިހާރު؟” އައިކާ އަވަހަށް ވާހަކަ އޮޅުވާލަމުން އަހާލިއެވެ.

“އިޝީ އަދި ނުނިކުމޭ އައުފް ނުކުތްއިރު.. ދޮންތަ ކޮޓަރީގަ ނެތީމަ ބަދިގެއަށް ގޮސްފަ ބަދިގޭގަވެސް ނެތީމަ މި ނުކުތީ ބޭރަށް.. ދޮންތަ ކުނިކަހަން އުޅޭތޯ ބަލާލަން..” އައުފް އޮޅުންފިލުވައިދިނެވެ.

“އެހެންތަ؟ ހިނގާ ދޯ ދެން އަވަހަށް ސައިބޯން.. އައުފް ގޮސް އިޝީއަށް ގޮވާ.. ދޮންތަ މި ބުއްތަށި ގިރަނީ..” އައުފް ގޮވައިގެން އެތެރެއަށް ވަންނަމުން އައިކާ ބުނެލިއެވެ.

**********

ޔޫޝައު އަވަސް ފިޔަވަޅުތަކެއްގައި އޭނާ އުޅޭ ގެއަށް ދިޔައިރު ލިހާމް ސައިކަލެއްގައި އިނީ އެގޭ ދޮރުމަތީ އޭނާގެ އިންތިޒާރުގައެވެ. ލިހާމް ސައިކަލެއްގައި އިނުމުން ޔޫޝައު ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. އޭނާގެ ހަނދާނަށް އައީ ލިހާމް ތަންކޮޅެއް ކުރިން އޭނާއާ ދިމާއަށް ބުނެފައިވާ ޖުމްލައެކެވެ. “އަހަރެންގެ ދެފައި ހުންނަނީ ކަމަކު.. މިދެފައިން ތަންތަނަށް ހިނގާފަ ދެވޭވަރު ނުވާ ދުވަހަކުން އަހަރެން ސައިކަލަށް އަރާނީ..”

“ހާދަ ލަހޭ.. މިހާރު އެހެރަ ހަތެއް ޖަހަން ފަސްމިނެޓަށް ވީ.. އަހަރެން ނުގުޅިނަމަ ހަމަ ޔަޤީނުންވެސް މިއަދު ޔޫޝައުއަކަށް މާލެ ނުދެވޭނެ.. ޔަޤީނޭ ކަމެއް ކުރީކަން.. ތިހިރީނު މުޅި އަނގަމަތި ރަތްވެފަ..” ލިހާމް އެހެން ބުނެލުމުން ޔޫޝައު ވަރަށް ރަކިވިއެވެ. ހަމަ ރަނގަޅަށްވެސް ލިހާމް ކުރިމަތީގައި ބޭޒާރުވެއްޖެކަން އެނގުމުން އޭނާ ލިހާމްއަށް ލޯއަޅާލިއެވެ.

“ބޭކާރު ވާހަކަ ނުދައްކަބަލަ.. މީ މަގުމައްޗޭ..”

“އާދެވުނުލެއް އަވަސްކަމުން އަދިވެސް ހުންނަނީތަ؟ އަވަސްކޮށްބަލަ.. ދޯނި ނައްޓާލަފާނެޔޭ..” ލިހާމް ތަންކޮޅެއް ބާރަށް ބުނުމުން ޔޫޝައު އަވަސްއަވަހަށް ވަދެ ދަބަސް ހިފައިގެން ނުކުމެ ލިހާމްއާ ތަޅުދަނޑި ހަވާލުކޮށްފައި ސައިކަލު ފަހަތަށް އެރިއެވެ.

“އޭތް.. ތިހާ ބާރަށް ނުދުއްވަބަލަ.. ދޯންޏަށްވެސް އެރޭނީ ސަލާމަތުން އެހިސާބަށް ދެވިގެނެއްނު..” ލިހާމް ސައިކަލު ދުއްވާލެއް ބާރުކަމުން ޔޫޝައު ބުނެލިއެވެ. އޭނާ މާލޭގައި ސައިކަލު ދުއްވިނަމަވެސް އޭނާއަކީ އެއްއިރަކުވެސް ބާރަށް ސައިކަލު ދުއްވާ މީހަކަށް ނުވާތީ އޭނާ އިނީ އެހާ ބާރަށް ދުއްވާތީ ބިރުންނެވެ. އިރުކޮޅެއް ވީއިރު އެމީހުން ތިބީ ބަނދަރުގައެވެ.

“ދެންވެސް މަޑުކުރަން ނުހަދާ ގޮސް އަވަހަށް ދޯންޏަށް އަރާ.. ކައްޕި މިހާރުވެސް ލަސްވެފަ އެހުރީ.. އަހަރެން އެއޮތީ ޕޭކޮށްފަ.. އަވަސް އަވަސް..” އޭރު ދޯނީގެ ކެޕްޓަން ލިހާމްއަށް އަވަސްކުރުމަށް އެދި ހަނާއަޅާތީ ލިހާމް ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ލިހާމް އަވަސްއަވަހަށް ބުނެލިއެވެ. ލިހާމް ދޯންޏަށް އެރުމާއެކު ދޯނި ނައްޓާލައިފިއެވެ. ދޯނި ނައްޓާލުމުން ލިހާމްވެސް ސައިކަލުގައި ގޮސް ސައިކަލު އޭގެ ވެރިމީހާއާ ހަވާލުކޮށްފައި ގެއަށް ދިޔައެވެ.

**********

“ދަރިފުޅާ! މިހާރު މާޒް ހާދަ ބަދަލުވެއްޖޭ ދޯ؟ ކިހިނެއްތަ އެވަނީ؟ ދަރިފުޅާ ދެމީހުން މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟” ނާޒިމްއަށް މާޒް އެގެއަށް އެއްވެސް ވަރަކަށް އައިސް އުޅޭތަން ނުފެންނާތީ އަހާލިއެވެ.

“ނޫން.. މާޒް މާ ބިޒީކޮށް އުޅޭ ދުވަސްކޮޅެއްވީމަ ކަންނޭނގެ ނާދެވެނީ..” އައިކާ ހަޤީޤީ ސަބަބު އޮޅުވާލަމުން ބުނެލިއެވެ.

“އެހެންތަ؟ އެކަމް މާޒް މިހާރު ވަރަށް މަދުން ފިހާރައިގަވެސް އިންނަނީ.. ދަރިފުޅު ދިޔަތަނެއް ނޭނގިގެން އުޅުނު ރޭ ގުޅީމަވެސް ވަރަށް ތަފާތު ވާހަކަދެއްކި ގޮތް.. ބުނީ އޭނައަކަށް ނޭނގެޔޭ ދަރިފުޅު ވީތަނެއް.. ޔޫޝައުއަށް ގުޅާބަލާށޭ ދަރިފުޅު ވީތަނެއް ބަލަން.. ހީވަނީ ކަމަކާ ހިތްހަމަނުޖެހިފަ ހުރިހެން އެރޭވެސް..” ނާޒިމް އޭނާއަށް މާޒްގެ ފަރާތުން ފާހަގަކުރެވުނު ކަންތައްތަކެއް ކިޔައިދިނެވެ. ބައްޕަގެ ވާހަކަތައް އަޑުއިވުމުން އައިކާއަށް ބޭއިޚްތިޔާރުގައި މާޒްދެކެ ރުޅިއާދެވުނެވެ. މާޒް ކަންތައް އެކުރީ ރަނގަޅަކަށް ނޫނެވެ. މާޒްއަށް އޭނާ ވީތަން ނޭނގެންޏާ ނޭނގޭ ވާހަކަ އެކަނި ބުނުމުން ނިމުނީ ނޫން ހެއްޔެވެ؟ ކޮންމެހެން ޔޫޝައުގެ ވާހަކަ ބުނަން ޖެހޭ ހެއްޔެވެ؟

“އެ ވެދާނެ ބައްޕައަށް ގުޅުނު ގަޑީގަ އޭނަ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފަ ހުރީ ކަމަށް..” އައިކާ ހަމަޖެހިލަމުން ބުނެލިއެވެ. ނާޒިމްވެސް ތިހެން ވެދާނެޔޭ ބުނެ ބޯޖަހާލިއެވެ. އައިކާވެސް މިދަނީ ފެންވަރާށޭ ކިޔާފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ.

“ނާޒިމް! އަހަރެން ވާހަކައެއް ބުނަންތަ؟ މީ އަހަރެން ވަރަށް ދުވަހު ވަރަށް ރަނގަޅަށް ބަލާފަ ބުނާ އެއްޗެއް.. މާޒްއަށް އެ ބަދަލުތައް އައުމުގެ އަސްލަކީ އައިކާ.. މާޒް އައިކާދެކެ ލޯބިވޭ.. ކިތަންމެ ސިއްރުން އުޅުނަސް އޭނަގެ އުޅުން ހުންނަގޮތުން އަހަރެންނަށް އެކަން ވަރަށް ރަނގަޅަށް ފާހަގަކުރެވޭ.. އޭނަ އައިކާއަށް ބަލާލާގޮތްވެސް އެހެން މީހުންނަށް ބަލާ ގޮތާ ތަފާތު.. ދެން މިހެން ކިޔާނެކަމެއް ނެތް.. ހުރިހާ ގޮތަކުންވެސް އޭނަ އައިކާއާ ދޭތެރޭ ކަންތައް ކުރާގޮތް ޚާއްސަ.. އެހެންވެ އައިކާ ޔޫޝައުއާ ގުޅުނީމަ ކަންނޭނގެ އޭނަ އެ ދުރުވީ..” ސަނާގެ ވާހަކަތަކާއިމެދު ވިސްނާލުމުން ނާޒިމްއަށްވެސް އެކަމާ އެއްބަސްވެވުނެވެ.

“ތަންކޮޅެއް ކުރިން ތިކަން ވިސްނުނުނަމަ.. ހަޤީޤަތުގަ އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ ޔޫޝައުއާއެކު އައިކާ ފޮނުވާކަށް.. މާޒްއަށް ކުރާ އިތުބާރު ޔޫޝައުއަކަށް ނުކުރެވޭ.. އެކަމް އައިކާއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރަން ބޭނުންނުވާތީ އަހަރެން އެއްބަސްވީ.. ދެން އަހަރެން ރައްޓެއްސަކާ ގުޅައިގެން އޭނަގެ ކަންތައްތައް ހުރިގޮތް ބަލާލިން.. އޭނަ ވަރަށް ރަނގަޅުކަމަށް އެމީހާ ބުނީ.. އަދި ބުނި ޔޫޝައުގެ އާއިލާއަކީވެސް ވަރަށް ރަނގަޅު އާއިލާއެއްކަމަށް.. އެހެންވެ އެއްބަސްވީވެސް..” ނާޒިމްގެ ވާހަކައިން ސަނާއަށް ހައިރާންކަމެއް ލިބުނެވެ. ޔޫޝައު އެމީހުންނާ ބައްދަލުކުރަން އައީ އައިކާ އެމީހުން ގާތު ޔޫޝައުގެ ވާހަކަ ދެއްކި ދުވަހުއެވެ. ވީއިރު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނާޒިމް ޔޫޝައުގެ މަޢުލޫމާތު ހޯދި ގޮތަކާއިމެދު ސުވާލު އުފެދުނެވެ.

“ކިހިނެއް ނާޒިމް އެހާ ކުޑަ ވަގުތުކޮޅެއްގަ ޔޫޝައުގެ މަޢުލޫމާތު ހޯދީ؟ އައިކާ އަހަރެމެން ގާތު ޔޫޝައުގެ ވާހަކަ ދެއްކި ދުވަހުއެއްނު ޔޫޝައު އަހަރެމެންނާ ބައްދަލުކުރަން އައީ..” ސަނާ ސުވާލުކުރިއެވެ.

“އަސްލު ވީގޮތަކީ އޭނަ މިރަށަށް އައީ ޗުއްޓީއެއްގަ ކަމަށް އަހަރެންނަށް އެނގިފަ އޮތީ.. އެކަމް އޭނަ މިރަށުގަ ދެމަސް ތިންމަސް ވީމަ އަހަރެންނަށް ޝައްކުވީ.. އަހަރެން ހީކުރީ އޭނަ ކޮންމެވެސް މައްސަލައެއްގަ އަރުވާލާފަ ހުރީކަމަށް.. އެހެންވެ އަހަރެން މާލޭގަ ހުންނަ ރައްޓެއްސަކަށް ގުޅައިގެން އޭނަގެ މަޢުލޫމާތު ހޯދީ.. އޭރު އަދި އައިކާ އަހަރެމެން ގާތު ޔޫޝައުގެ ވާހަކައެއް ނުދައްކާ.. އައިކާ ބުނުމުގެ ކުރިންވެސް އަހަރެންނަށް އެނގޭ ޔޫޝައު މީހަކާ އިނދެގެން އުޅޭކަން..” ނާޒިމްގެ ވާހަކަތައް ސަނާ ކަނުލާ އަޑުއެހިއެވެ.

“ބުނެވެސް ނުލާ ހާދަ ކަމެއް ކޮށްފީމޭ ދޯ.. އެހެންވީމަ އަހަރެންނަށް ސިއްރުން ވަރަށް ކަންކަން ކޮށްފަ ހުންނާނެތާ..”

“އާނ.. ވަރަށް ގިނަ ކަންކަން ކޮށްފަ ހުންނާނެ.. ސިއްރު ކަންކަން..” ނާޒިމް ފާޑަކަށް ހީނފައި އިނދެ އެހެން ބުނެލުމުން ސަނާ ނާޒިމްގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.

“ހާދަ މަކަރުވެރި ފިރިހެނެކޭ ތީ..”

“އެއީ ސަނާއަ އިނުމުގެ ކުރިން ކުރި ކަންކަމޭ.. ހެހެހެ..” ނާޒިމް އެހެން ބުނެލުމުން ސަނާވެސް ހީލަމުން ހާދަ ލާނެތް ފިރިހެނެކޭ ބުނެލިއެވެ.

“މިހާ ލޯބި އަނތްބަކު ހުއްޓާ އެހެން އަންހެނަކު ގާތަށް ދާންވީ ކީއްކުރަންތަ؟” ލާނެތް ފާޑަކަށް ހީލަމުން ނާޒިމް ބުނެލުމުން ސަނާ ނާޒިމްގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. ނާޒިމް އަބަދުވެސް ސަނާއާ އެކަހަލަ ކުދިކުދި ސަމާސާކުރެއެވެ. އެދެމީހުންގެ ލޯތްބަށް ބަދަލެއް ނައިސް ކައިވެނި އެގޮތުގައި ދެމިހުރުމުގެ އެއް ސަބަބަށް އެފަދަ ސަމާސާތައްވެއެވެ.

**********

ބެލް އަޅާ އަޑަށް ކޮޓަރީގައި އުޅުނު ލަމްހާ އައިސް ދޮރު ހުޅުވާލިއެވެ. ނަމަވެސް ދޮރުމަތީގައި އެއްވެސް މީހަކު ނެތެވެ. އެހެންކަމުން ދޮރު ލައްޕާފައި ދާން ހިނގައިގަތްތަނާ އަނެއްކާވެސް ބެލް އަޅާލިއެވެ. މިފަހަރުވެސް ދޮރު ހުޅުވާލިއިރު އެއްވެސް މީހަކު ނެތެވެ. ނަމަވެސް ދޮރު ކައިރީގައި ޕާރުސަލެއް އޮތެވެ. އޭގެ މަތީގައި ރަތް ފިނިފެންމާ ބޮނޑިއެއް އޮތުމުން ހައިރާންވެފައި ދެކޮޅު ހޯދާލެވުނެވެ. އެ ނަގަން ހިތަށް އަރާފައިވެސް ކޮންމެ ފަދަ އެއްޗެއްވެސް އޮވެދާނެތީ ނުނަގައި އެތެރެއަށް ވަދެ ދޮރުލެއްޕިއެވެ. ވިސްނުމެއްގައި ހުރެ ގޮސް ބަދިގެއަށް ވަތްތަނާ އަނެއްކާވެސް ބެލް އެޅިއެވެ.

“މިދެން ކިހާ ބޮޑު ކަމެއްތަ؟ ކޮން ޖެއްސުމެއް ކުރާކަށް.. އެ ޔޫޝައުވެސް ހުރީކީ ނޫން ރަށުގަ..” ލަމްހާ ރުޅިއައިސްގެން އެތިވަރު ގޮވައިގަތެވެ. ބޭރުގައި ހުރި ޔޫޝައުއަށް ލަމްހާގެ އަޑު އިވުމުން ހެވުނެވެ. ނަމަވެސް އޭނާ އަޑެއްވެސް އިއްވާނުލާ ތަކުރާރުކޮށް ބެލް އަޅަމުން ދިޔައެވެ. ލަމްހާ އެންމެފަހުން ބޮލަށް އުނދަގޫވެގެން ދޮރު ހުޅުވަން ދިޔައީ އެންމެފަހު ފަހަރު ކަމަށް ނިންމައިގެންނެވެ.

“މިދެން ކިހާބޮޑު ކަމެއް؟” ލަމްހާ ދޮރު ހުޅުވާލިގޮތަށް ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ. އެވަގުތު ކުރިމަތީގައި ހެވި ދިއްލިފައި ހުރި ޔޫޝައު ފެނުމުން އޭނާއަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ.

“ހާދަ ރުޅިއައިސްފަ.. ކޮބައިތަ ބޮޑު ކަމަކީ؟ އަނެއްކާ އަހަރެންތަ؟” ހަމަޖެހޭގޮތް ދައްކަމުން ޔޫޝައު އަހާލިއެވެ.

“ނޫން.. މި މީހަކު ޖެއްސުންކުރަނީ.. މިހާރު ހައެއްކަ ފަހަރު ބެލް އަޅައިފި.. ދޮރު ހުޅުވާލާއިރަކު މީހަކު ނުހުރޭ.. ދެން ރުޅިއެއް ނާދެވޭނެތަ؟” ލަމްހާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އެހެންވީމަ އަހަރެންދެކެ ހާދަ ރުޅިއެއް އާދެޔޭ ދޯ..” ޔޫޝައު އެހެން ބުނެލުމުން ލަމްހާ ދެލޯ ބޮޑުކޮށްލަމުން ޔޫޝައުއަށް ބަލާލިއެވެ.

“ޔޫ؟ ހާދަ ގޯހޭ..” ލަމްހާ އެހެން ބުނަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

“ސަޕްރައިޒެއް ދިނީމަ އުފަލެއްވެސް ނުވޭތަ؟” ލަމްހާގެ ފުރަގަހުން ބައްދާލަމުން ޔޫޝައު އަހާލިއެވެ.

“ނުވޭ އުފަލެއް.. ވަރަށް ފޫހިވޭ..” ޔޫޝައުގެ އަތް ނައްޓުވާލަމުން ލަމްހާ ބުނެލިއެވެ.

“އޭތް.. ރުޅިއައީތަ؟” ޔޫޝައު އެހެން އަހާލުމުން ލަމްހާ ހޫމްއެކޭ ބުނެލިއެވެ.

“އަޅެ ދައްކަބަލަ.. ތި ރުޅި މަޑުކޮށްލަފާނަން..”

“އޭތް.. މަންމައަށް ފެނިދާނެ..” ޔޫޝައު ލަމްހާގެ މޫނާ ގާތްވެލުމުން ލަމްހާ އަވަސްއަވަހަށް ޔޫޝައު ދުރަށް ލަމުން ބުނެލިއެވެ.

“ކޮބައިތަ މަންމަ؟”

“ކޮޓަރީގަ ވީ..” ލަމްހާ ބުނެލިއެވެ.

“އޭތް.. ދޮރުމަތީ ބޭއްވި ޕާރުސަލް ކޮބާ؟ އޭގަ އޮތީ ކޮން އެއްޗެއް؟” ލަމްހާ ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.

“ކޮން ޕާރުސަލެއް؟ އަހަރެން ނުދެކެން.. އޭގެ ވެރިމީހާ އެ ނެގީކަމަށް ވާނީ..” ޔޫޝައު ބުނެލިއެވެ.

“ދެން ދީބަލަ އޭގަ އޮތް އެއްޗެއް ބަލާލަން..” ލަމްހާ ކުޑަކޮށް ކުސްތަޅާލަމުން ބުނެލިއެވެ.

“ދެން ތި ވާހަކަތައް ފަހަށް ބަހައްޓާފަ އިހަށް ހިނގާބަލަ ރޫމަށް.. ލައްކަ ދުވަހު ދުރުގަ ހުރެވިއްޖެއެއްނު..” ލަމްހާ ގަޔާ ކައިރިކޮށްލަމުން ޔޫޝައު އެހެން ބުނެލުމުން ލަމްހާވެސް ދެބަހެއްނެތި އެތެރެއަށް ދިޔައެވެ. ތިންމަސް ދުވަހު ޔޫޝައުއާ ދުރުގައި އުޅުމުން އޭނާވެސް ހުރީ އެކަމަށް ނުހަނު ބޭނުންވެފައެވެ.

**********

ދެމަސް ފަހެވެ. އައިކާ ތައްޔާރުވަމުން ދިޔައީ މާލެ ދިއުމަށެވެ. ޔޫޝައު ގާތުގައި އޭނާ މާލެ ދާވާހަކަ ނުބުނެ އެއުޅެނީ ސަޕްރައިޒެއް ދޭންވެގެންނެވެ. އެހެންކަމުން އޭނާ ފެނުމުން ޔޫޝައުއަށް ވާނެގޮތް ހިތަށް ސިފަވުމުން އޭނާއަށް ބޭއިޚްތިޔާރުގައި ހެވުނެވެ.

“ދަރިފުޅާ! އަދިވެސް ތައްޔާރުވެ ނުނިމޭތަ؟ މިހާރު ހައެއް ޖަހަން ފަނަރައަށްވީ.. ހައެއް ޖަހާއިރު ލޯންޗް ނައްޓާލާނެ..” ނާޒިމް އައިކާއަށް ގޮވާލާފައި ބުނެލިއެވެ.

“ނޫން ބައްޕާ.. މިހާރު މި ނިމުނީ..” ބޮލުގައި އޮޅަމުންދިޔަ ކަޅާއި ހުދުކުލައިގެ ޝޯލްއަށް އެންމެފަހު ޕިން ޖަހާލަމުން އައިކާ ބުނެލިއެވެ. އޭނާ ބުރުގާ އެޅިތާ އަދި މިވީ ހަފްތާއެކެވެ. އޭނާ ކުރިންވެސް ނިންމައިގެން ހުރީ ޔޫޝައުއާ ކައިވެނިކޮށްފައި ބުރުގާ އަޅާށެވެ. ނަމަވެސް ޔޫޝައުއަށް އަންހެންކުދިން ޝޯލް އެޅުމުން ރީތި ވާހަކަ ބުނުމުން އޭނާ ބުރުގާ އެޅުން އަވަސްކޮށްލީއެވެ. އޭނާ ބުރުގާ އެޅި ވާހަކަވެސް ޔޫޝައު ގާތުގައި އަދި ނުބުނެއެވެ. ޔޫޝައު އެތައްފަހަރަކު ވީޑިއޯ ކޯލް ކުރަން އެދުނުނަމަވެސް އޭނާ އެކަމަށް ދެކޮޅުހެދީ މިކަހަލަ ސަޕްރައިޒެއް ޔޫޝައުއަށް ދޭންވެގެންނެވެ.

**********

ޔޫޝައު އޮފީހުގައި އަވަދިނެތި އުޅެނިކޮށް އޭނާއާ ބައްދަލުކުރަން އަންހެންކުއްޖަކު އައިސް ހުރި ވާހަކަ އޭނާގެ ރިސެޕްޝަންގައި އިންނަ ކުއްޖާ ގުޅާފައި ބުންޏެވެ. އޭނާ އެކުއްޖާ އެތެރެއަށް ފޮނުވުމަށް އެދުނީ އެހީއަކަށް އެދި އައި މީހަކަށް ވެދާނެކަމަށް ހީކުރަމުންނެވެ. ކެބިންގައި ޓަކި ޖަހާލި އަޑު އިވުމުން އެދިމާއަށް ބަލާވެސްނުލާ އިނދެ އެތެރެއަށް ވަންނާށޭ ބުނެލިއެވެ. އެއާއެކު ފިނިވެފައި ހުރެ އައިކާ އެތެރެއަށް ވަނެވެ. ދޮރު ހުޅުވާލި އަޑަށް އިސްއުފުލާ ޔޫޝައުއަށް ދޮރާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނީ އުއްމީދުވެސް ނުކުރާފަދަ މީހަކު އައުމުންނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.