“ތިމާގެ ރަސޫލާގެ ބަހާއި ތިމާގެ މަންމަގެ ބަހަށް ފަރުވާ ކުޑަ ނުކުރާށެވެ. އެ ދެ ބަސް ދެކެ ލޯބި ވާށެވެ. ތިމާމެން އަޅުވެތި ކުރި، އަދި ކުރާ މީހުންގެ ބަސް ދަސް ކުރާން ވީ ހަމައެކަނި އެމީހުންގެ މަކަރުވެރި ރޭވުންތައް ދެނެގަނެ، އެ ރޭވުންތަކުން ރައްކާވެ ތިބުމަށެވެ. އެ އިސްތިއުމާރީންގެ ބަސް ދެކެ ލޯބި ނުވާށެވެ.” މިއީ އަޅުގަނޑުގެ އަޚް އިޔާޒް ނަސީމް ލިޔުއްވާފައިވާ ވަރަށް ވެސް ޢިބްރަތްތެރި، ބަލާޣާތްތެރި ބަސްކޮޅެކެވެ. ފުން މާނައެއް އެކުލެވެއެވެ. ކޮންމެ ދިވެއްސަކަށް ވަރަށް އެކަށީގެންވާ، ބޭނުންތެރި ބަސްކޮޅެކެވެ.

ދިވެހިބަހުގެ ދުވަސް މިއަދު ފާހަގަ ކުރެވެމުން އަންނައިރު، ދިވެހިބަހަށް ލޯބިކުރާ ފަރާތްތަކުން ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމަށް އެކިއެކި މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ހިތާމައަކީ އަދުގެ ދިވެހި މުތަމަޢުގައި ބޮޑެތިވަމުން އަންނަ އަޅުގަނޑުމެންގެ ދަރިންނަށް ދިވެހިބަހަކީ ބީރައްޓެހި ބަހަކަށް ހެދުމުގައި ޚުދު އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މަސައްކަތް ކުރާތަން ފެންނާތީ އެވެ. އިނގިރޭސިބަހަށް ދަރިން މޮޅުކުރުމުގެ ބޭނުމުގައި ކަމަށް ބުނެ، ދިވެހިބަހުން ދަރިންނާއި ހަމަ އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ ދިވެހި ބައެއް ބެލެނިވެރިން މަސައްކަތް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން، ދިވެހިބަސް އެއްގޮތަކަށްވެސް ނުދަންނަ ދިވެހި ދަރިން މިއަދު މި ދިވެހި ދީބުގެ ދިވެހި ދިދައިގެ ހިޔާދަށުގައި، ދިވެހިންގެ ކުރިމަތީގައި ބިކަވެފައި ތިބެން ޖެހިފައިވާ މަންޒަރު މަދުން ނަމަވެސް ފެނެއެވެ.

މަޢާފް ކުރައްވާށެވެ. އަޅުގަނޑަށްވެސް އިނގިރޭސިބަހުން ބަސްމޮށި އުޅެން ނޭނގެނީކީ ނޫނެވެ. ޚުދު އަޅުގަނޑުގެ ދަރިންނާވެސް ދިވެހިބަހުން ވާހަކަ ނުދައްކައި، އެބަސް އެއްވެސް ގޮތަކަށް ދަސްކޮށްނުދީ އުޅެވިދާނެއެވެ. ހަމައެކަނި އިނގިރޭސި ބަހުން ވާހަކަދައްކައިގެންވެސް އުޅެވިދާނެ އެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި އުޅޭ އަޅުގަނޑުގެ ދަރިންނަކީ ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ ހާލުގައި ބޮޑުވާ ދަރިން ތަކަކަށް އެކުދިން ވާކަށް އަޅުގަނޑެއް ނޭދެމެވެ. 

އަޅުގަނޑުގެ އަޚް އިޔާޒް ގެ ފުން މެސެޖަށް ކަޅިއެއް އެއްލަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ ރަސޫލާގެ ބަސްފުޅު ކަމުގައިވާ ޢަރަބިބަސް ދަސްކުރުމަކީ މުސްލިމުން ކަމުގައިވާ މި ދިވެހީން ކުރަން ޖެހޭ ކަމެކެވެ. ކޮންމެ މީހަކީ މާމޮޅަށް ޢަރަބިބަސް ނުދަންނަ މީހަކަށް ވިޔަސް، ޢަރަބިބަހުން ލިޔެފައި ހުންނަ ކުދި ލަފުޒުތައް އެންމެ ކުޑަމިނުން އެނގޭވަރު ވުމަކީވެސް ކޮންމެހެން ބޭނުން ކަމެކެވެ. ދެން އޮތީ މަންމަގެ ބަހެވެ. ދިވެހި ކޮންމެ މައެއްގެ ކޮންމެ ދަރިއަކީވެސް ދިވެހިބަސް އެނގޭ، އެބަހުން މޮށި، ލިޔަން ކިޔަން އެނގޭ ދަރިއަކަށް ވާންޖެހެއެވެ. އެހެންކަމުން މިކަމުގައި ދިވެހިން ފަރުވާކުޑަކޮށްގެން ނުވާނެ އެވެ. އަޅުގަނޑުމެންގެ ދަރިންނަކީ ދިވެހިބަހަށް ލޯބިކުރާ ބަޔަކަށް ހެދުމަކީ ކޮންމެ ދިވެހި މަންމައަކާއި ބައްޕައެއްގެ ޒިންމާ އެކެވެ. 

އިނގިރޭސިބަސް ވެސް ދަސްކުރާން ޖެހެއެވެ. ނަމަވެސް އެބަސް ދަސްކުރަންވީކީ ދިވެހިބަސް ބޮލާލައި ޖަހާފައެއް ނޫނެވެ. އިނގިރޭސިބަސް ދަސްކުރާންވީ ބަވަނަވެފައިވާ މި ދުނިޔޭގައި ފަސޭހަކަމާއެކު ދިރިއުޅުމަށެވެ. 

ބަހުގެ މާހިރުން ވިދާޅުވާގޮތުން މާދަރީބަސް ނޫން އެހެން ބަސްބަހަށް މޮޅުވެވޭނީ މާދަރީބަހަށް މޮޅުވެގެންނެވެ. ދިވެހިބަހަކީ ދިގު ތާރީޚެއް އޮތް ބަހެކެވެ. ދިވެހިބަސް ލިޔާނެ އަމިއްލަ އަކުރެއް އޮތް ފަޚުރުވެރި ބަހަކެވެ. އެހެންކަމުން ދިވެހީން “ދިވެހިބަހުގެ ދުވަސް” ފަޚްރުވެރިކަމާއެކު ފާހަގަ ކުރުމަކީ މުހިންމު ކަމެކެވެ. އުފާކުރަން ޖެހޭ ކަމެކެވެ. ދިވެހި ބަހާއިމެދު ދިވެހިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމުގެ މަސައްކަތްކުރުމަށް އާ ހިތްވަރެއް މިފަދަ ދުވަސްތަކުން ދިވެހި ހިތްތަކަށް ލިބެން ޖެހެއެވެ. 

މިދުވަސް ފާހަގަކުރާއިރު، މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޔާރަށް ޢަމަލުކުރަން ފަށަން އެބަޖެހެއެވެ. “ދިވެހިން ފޮތްކިޔަމާ. ދަރިވަރުން، ބެލެނިވެރިން، އަހަރުމެން އެންމެން.” މި ޝިޔާރާއި އެއްގޮތަށް ދިވެހިންނަކީ ދިވެހި ފޮތް ކިޔުމުގެ އާދަ އަށަގެންފައިވާ ބަޔަކަށް ވުމަށް މަސައްކަތް ކުރާން އެބަޖެހެއެވެ. ދަރިވަރުންނާއި ބެލިވެރިންވެސް މިކަމުގައި ޝާމިލުވާންވީ އެއްވަރަކަށެވެ. އެކުއެކީގައެވެ. 

ދިވެހިބަހުގެ އެކެޑެމީން ދުވަހުގެ މުނާސަބާ ގައި ނެރެފައިވާ ޚާއްޞަ މެސެޖްގައި ބުނާހެން ދިވެހިބަސް ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތުގައި މުޅި ދިވެހި އުއްމަތް ހިތާއި ރޫޙުން ބައިވެރިވެ މަސައްކަތްކުރުމަކީ ދިވެއްސަކަށްވީތީ ކުރާން ޖެހޭނެ ކަމެއްކަމަށް އަޅުގަނޑު ދެކެވެ. އެހެނީ ދިވެހިބަހަކީ ކޮންމެ ދިވެއްސަކު ވެސް އެ ބަހާއިމެދު ފަޚުރުވެރިވާންޖެހޭ ބަހެކެވެ.

މުނިއަވަސް ގެ ކިޔުންތެރިންނަށް ދިވެހިބަހުގެ ދުވަހުގެ ތަހްނިޔާ އަރިސްކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.