އެވަކާޑޯ ގަތުން ހުއްޓާލާށެވެ. ގޭގައި ގަސްމުށްޓެއްގައި އެވަކާޑޯ ހެއްދުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ.

އެވަކާޑޯ އަކީ ސިއްޙަތަށް ވަރަށް ފައިދާހުރި މޭވާއެކެވެ. އެވަކާޑޯގައި އެކުލެވިގެންވާ ސިއްހީ ފައިދާތަކަށް ބަލާއިރު އެއާ އަޅާކިޔޭނެ އެހެން މޭވާއެއް ނުހުންނާނެކަމަށް ފައިދާހުރި ކާނާއާ ބެހޭ މާހިރުން ބުނެއެވެ. އެވަކާޑޯއަކީ އެންމެ މަދުން ކާބޯހައިޑްރޭޓްސް ހުންނަ މޭވާއެވެ. މިމޭވާ މުއްސަނދިވެފައިވަނީ ހަށިގަނޑަށް ފައިދާހުންނަ ސަރުބީ ނުވަތަ ފެޓްސް އިންނެވެ. ގިނަ ދިރާސާތަކުންނާއި ސައިންޓިފިކް ހޯދުންތައް ދައްކާގޮތުން އެވަކާޑޯއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އެންމެގިނަ މާއްދާތަކެއް އެކުލެވިގެންވާ ހަމައެކަނި މޭވާއެވެ.

އެވަކާޑޯއަކީ ނިއުޓްރިޝަންއިން މުއްސަނދިވެފައިވާ މޭވާއެކެވެ. މި މޭވާގައި ވިހި ބާވަތުގެ ވިޓަމިންސް އާއި މިނަރަލަސް އެކުލެވިގެންވެއެވެ. މީގެތެރޭގައި ވިޓަމިންކޭ އާއި ވިޓަމިންސީ އަދި ވިޓަމިންބީ5 ،ފޮލޭޓް، ޕޮޓޭސިއަމް، ވިޓަމިންއީ އާއި ވިޓަމިންބީ6 ހިމެނެއެވެ. މީގެ އިތުރުން މެގްނޭސިއަމް، ކޮޕަރ، އަޔަން، ޒިންކު އަދި ފޮސްފަރަސް ހިމެނެއެވެ.

އެވަކާޑޯއަކީ ޑައިޓްކުކުރާ މީހުންނަށް ވަރަށްރަނގަޅު މޭވާއެކެވެ. ބަރުދަންލުއިކުރަން ބޭނުން މީހުންނަށް މިމޭވާ ކެއުމުން ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ. ކަސްރަތުކޮށްގެން މަސް ތަކަށް ލިބޭ ގެއްލުން މަރާމާތުކުރުމަށް ވެސް މި މޭވާއަކީ އެންމެ މޮޅު ފަރުވާއެވެ.

އެވަކާޑޯ އަކީ ކޮންމެ ކާނާއެއް ތައްޔާރުކޮށްލުމުގައިވެސް ބޭނުންކުރެވޭނެ މޭވާއެކޭވެސް ބުނެވިދާނެ އެވެ. މިހާ މުހިންމު މޭވާ އަކަށް އެވަކާޑޯ ވެފައިވުމުން މިއީ އެހާ އަގުހެޔޮ މޭވާއެއް ނޫނެވެ. އެހެންކަމުން ކުޑަ މަސައްކަތަކުން، ކުޑަ ޖާގައެއްގައި އެވަކާޑޯ އިންދައި ހައްދާނެ ގޮތެއް ކިޔާލަދޭނަމެވެ.

1- އެވަކާޑޯ އޮށުން ކުރި ފެޅުވުން

އެވަކާޑޯ އޮށެއް ހޯދުމަށްފަހު އެ އޮށުގެ ހަތަރު ފަރާތަށް ހަތަރު ދަތްކޮށްޓާ ދަނޑިކޮޅު (ޓޫތުޕިކްސް) ޖަހާށެވެ. އޮށުގެ އެތެރެއިން ދެބައިކުޅަ އެއްބައި ފުންމިނަށް ވުރެން ފުންކޮށް ޓޫތުޕިކް ނުޖެހުމަށް ސަމާލުކަން ދޭންވާނެ އެވެ. 

އެއަށްފަހު އެވަކާޑޯ އޮށުގެ ފުލުހުން އިންޗިއެއް ފެންތަށީގެ ތެރޭގައި ޖެހޭވަރަށް ބަހައްޓާށެވެ. މިކަން ކުރާނީ ތިރީގައިވާ ފޮޓޯ އިން އެ ފެންނަހެން ޓޫތުޕިކްސް ބޭނުންކޮށްގެންނެވެ.

މިގޮތަށް 2 ހަފުތާ އާއި 6 ހަފުތާއާއި ދެމެދުގެ މުއްދަތެއްގައި އޮށުގެ ފޫ، ފޯކުރުމަށް ބަހައްޓާނީ ސީދާ އިރުގެ އަވި ނުޖެހޭފަދަ ތަނެއްގައެވެ.

މި މުއްދަތުގެ ތެރޭގައި، އޮށުން ޅަ މުލާއި ޅަ ކުރިތައް ނިކުންނަން ފަށާތަން ފެންނާނެ އެވެ. ޅަ ކުރިތައް 6 އިންޗިއަށް ދިގުވުމުން، ކުރިތަކުން 3 އިންޗިހައިތަން ބުރިކޮށްލާށެވެ. މޫތައް ފަލަވެ، ފަތްތައް ނިކުންނަންދެން ބަހައްޓާށެވެ.

2- އޮށް އިންދުން

ވަށަމިނުގައި 10 އިންޗި ފުޅާމިން ހުންނަ ގަސްމުށްޓަކަށް ކާނާގެ ގޮތުން މުއްސަނދި ވެލި އަޅާށެވެ. އަޅާފައިވާ ވެލިގަނޑުގެ މެދުގައި ކުޑަކުޑަ ވަޅުކޮޅެއް ހަދައި އޮށް އިންދާށެވެ. މިހެން އިންދާއިރު މޫތަކުގެ އެއްބައި ވެލިގަނޑުގެ ތެރޭގައި އަދި މޫތަގުގެ އަނެއްބައި ހާމަކޮށް ފެންނަން ހުންނާނެހެން އޮށް އިންދުމަށް ސަމާލުކަން ދޭންވާނެ އެވެ.

ވެލިގަނޑު ތެތްކޮށް ބަހައްޓާށެވެ. ނަމަވެސް މާބޮޑަށް ތެތްކަން ހުރެގެން ކަމަކުނުދާނެ އެވެ. އޮށްތަކަށް ބަރާބަރަށް، ފަރުވާތެރިކަމާއެކު ފެންދެމުން ގެންދާށެވެ. ގަހުގެ ފަތްތަށް ދޮންވެ، ރޫޖެހޭގޮތް ވެއްޖެނަމަ، އޮށްތައް ހިކުމަށް ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު ވަރަށް މަދުމަދުން ކުޑަ ފެންފޮދެއް ދެމުން ގެންދާށެވެ. ފަތްތަކުގެ ކުލަ މުށިކުލައަށް ބަދަލުވެ ހިކޭގޮތް ވެއްޖެނަމަ، އެކަމުން އަންގައިދޭނީ އެކަށީގެންވާ މިންވަރަށް އޮށަށް ފެންނުދެވޭ ކަމެވެ.

3- އެވަކާޑޯ ލިބެން ފެށުން

ބަރާބަރަށް ފެންދެމުން ގެންދާށެވެ. ދުވަސްކޮޅެއްގެ ތެރޭގައި އެވަކާޑޯ އަޅަން ފަށާނެ އެވެ.

 

މަސްދަރު: ދަ ހާރޓީސޯލް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.