ފިލްމު ‘ވާށޭ މަށާއެކީ’ ގައި އެންމެ ގިނައިން ލަނޑު ލިބޭ ކެރެކްޓަރ މަތިން ހަނދާން ވޭހެއްޔެވެ؟ މިދައްކަނީ އެ ފިލްމުގެ އެހާ ގިނަ އަދި ދިގު މަންޒަރުތަކެއް ނޫނަސް މަޖާ ކެރެކްޓަރ ރޯލަކުން ފެނިގެންދިޔަ ޝާއްކޮ އައްމަޑޭ (އަޙްމަދު ޝާކިރު) ގެ ވާހަކަ އެވެ. އެކަމަކު މިފަހަރު ދައްކަން މިއުޅެނީ ޝާއްކޮގެ އެކްޓިންގެ ވާހަކައެއް ނޫނެވެ. ޝާއްކޮ އައްމަޑޭ މިވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ‘ވިލު ސްޓޫޑިއޯ’ އާއި ‘އަޅި’ ގުޅިގެން މި ލަވަ ޕްްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

ބެލުންތެރިންނަށް ޝާއްކޮ ދޫކޮށްލީ އާދައިގެ ލަވައެއް ނޫނެވެ. ޝާއްކޮގެ އަމިއްލަ ޅެންވެރިކަމާއި އަމިއްލަ ދިވެހި ރާގެއްގެ ލަވަ އެކެވެ. މި ހުރިހައި ކަމަކަށް ވުރެންވެސް ބޮޑަށް ޚާއްޞަވަނީ ލަވައިގައި ފެނިގެންދިޔަ ތަފާތު އަދި މޮޅު ޑައިރެކްޝަން އެވެ.

‘އޭ މަލާ’ ގެ ނަމުން ޝާއްކޮ އުފައްދާފައިވާ މަލެއްފަދަ މި ލަވައިގެ އަޑުގެވެރިންނަކީ އިންޝާ އަޙްމަދު އާއި މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުވެގެންދިޔަ އިބްރާހިމް އަމާން އެވެ. މިއުޒިކް ހަދާފައިވަނީ ހުސައިން ތައުފީގެވެ.

ލަވައިގައި ހަރަކާތްތެރި ވަނީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އިބްރާހިމް އަމާން (ޒަކިއްޓެ) އެވެ. ކުރިން މި ލަވައިގައި ޢަލީ އާޒިމް (ދޮން އައްޔަ) ހަރަކާތްތެރިވުމަށް ނިންމައިފައި ވިޔަސް ދޮން އައްޔަ އަށް ވަގުތު ދެވެން ނެތުމުން އެބައި ކުޅެފައިވަނީ އަމާން އެވެ.

‘އޭ މަލާ’ ޑައިރެކްޓް ކުރުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ މަޝްހޫރު ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ނަމަވެސް ފަހުން މިވަނީ ޝާއްކޮ އަމިއްލަ އަށް މި ލަވައަށް މޮޅު ޑައިރެކްޝަންއެއް ހަދައި އާ ދިރުމެއް ގެނެސްދީފަ އެވެ. ލަވައިން ފެންނަ ތަފާތު ޑައިރެކްޝަން އާއިމެދު ޝާއްކޮ އާއި ސުވާލުކޮށްލުމުން މުނިއަވަސް އަށް ބުނީ ލަވައިގައި ނަށާ ގްރޫޕެއްގެ ނެށުން ގެނެސްދޭން ނިންމާފައި ފަހުން ޚިޔާލުބަދަލުކޮށްލީ ކަމަށެވެ. އަދި ބެކްގްރައުންޑުން ވެސް ލަވައިގައި އަސްލު ދައްކާ ސްޓޯރީ އާއި ތަފާތު ސްޓޯރީ އެއް ރާވައިގެން ގެނެސްދީފައި ވާނެކަމަށެވެ.

ވިލު ސްޓޫޑިއޯ އާއި ‘އަޅި’ ގުޅިގެން ޕްރޮޑިއުސް ކޮށްފައިވާ ‘އޭ މަލާ’ އަކީ މިދިޔަ އަހަރު ރިލީޒް ކޮށްފައިވާ ހިތްގައިމު ލޯބީގެ ލަވައެކެވެ. 

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.