“ޔޫޝް! އަޅެ އަހަރެން ބަލާ އާދެބަލަ.. ޔޫޝްއާނުލާ އަހަރެންނަކަށް ނޫޅެވޭނެ.. އަހަރެންނަކަށް އަބަދަކު މަންމަމެންނަށް މިކަން ސިއްރުކޮށްގެންނެއް ނޫޅެވޭނެ.. ޕްލީޒް! އަވަހަށް އާދޭ.. އަލުން އަހަރެން ޔޫޝްގެ އަނތްބަކަށް ހަދައިދީ..” ދެލޯ މަރާލަމުން އައިކާ ސޯފާގައި ލެނގިލިއެވެ. އައިކާގެ ލޮލުން ހޫނު ކަރުނަތައް އޮހޭތަން ފެނުމުން މާޒް އައިސް އައިކާގެ ގާތުގައި ސޯފާގައި އިށީނެވެ. އަދި ވަރަށް ލޯބިން އައިކާގެ ދެލޮލުން އޮހުނު ކަރުނަތައް ފޮހެލިއެވެ. މީހެއްގެ އަތުގެ ބީހުން އިހުސާސްވުމުން އައިކާއަށް ސިހިފައި ލޯ ހުޅުވާލެވުނެވެ. އެވަގުތު މާޒް ފެނުމުން އައިކާއަށް ކުއްލިއަކަށް ސޯފާގައި ހަށިގަނޑު ތެދުކޮށްލެވުނެވެ.

“އަހަރެން ގައިގަ އަތްނުލާތި!”

“އިކާ ކީއްވެތަ އަހަރެންދެކެ ތިހާ ތި ރުޅިއަންނަނީ؟ އަހަރެން ކީއްކޮށްގެން؟ އަހަރެން ނޫޅެން އިކާއަށް ކަމެއް ކުރާކަށް.. އިކާއަށް އެކަން ރަނގަޅަށް އެނގޭނެ.. ނޫންނަމަ މިއަދަކު ނޫން އަހަރެން ކަމެއް ކުރަން އުޅޭނީ..” މާޒް ބުނެލިއެވެ.

“ތިހާ މާތް މީހަކު ހިލޭ އަންހެނެއް ގައިގަ އަތެއް ނުލާނެ.. އަދި އެވެސް މީހެއްގެ އަނތްބެއް ގައިގަ..” އައިކާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

“ކާކުގެ އަނތްބެއް؟ އައިކާގެ އެއްވެސް ފިރިއަކު ނުހުންނާނެ..” އެވަގުތު ގެއަށް ވަންނަން އައި ނާޒިމްއާއި ސަނާއަށް މާޒް ބުނި އެއްޗެއް ކިތަންމެ ރަނގަޅަކަށްވެސް އަޑުއިވުނެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް އެދެމީހުން ބޭރުގައި މަޑުކޮށްލީ މާޒްއާއި އައިކާ ދައްކާ ވާހަކައެއް އަޑުއެހުމުގެ ބޭނުމުގައެވެ.

“އަހަރެންގެ ފިރިމީހާއަކީ ޔޫޝައު.. އެވަރު މާޒްއަށް ނޭނގުނީތީ އަހަރެން ލަދުގަނޭ..” އައިކާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ވަރިކޮށް ގެއިން ނެރެ އެއްލާލީމަވެސް ފިރިއަކަށް ވޭތަ؟ އަހަރެން ނުދެނަހުރިން..” މާޒް އެހެން ބުނެލުމުން އައިކާ ހައިރާންވެފައި މާޒްއަށް ބަލާލިއެވެ.

“އިކާ! އަދިވެސް ހަޤީޤަތާ ކުރިމަތިލާކަށް ނުވޭތަ؟ ހަޤީޤަތަކީ ޔޫޝައު އިކާ ބޭނުންނުވެގެން ވަރިކޮށް އެއްލާލިކަން.. އިކާ ހީކުރީ އުމުރު ދުވަހު ތިކަން ސިއްރުކޮށްގެން އުޅެވިދާނެކަމަށްތަ؟ އިކާ މިރަށަށް އައި ދުވަހުވެސް އަހަރެންނަށް އެކަން އެނގޭ.. އަދި އިކާ ސަނާއްތަމެންނަށް އެކަން ސިއްރުކޮށްގެން އުޅޭކަންވެސް އަހަރެންނަށް އޮތީ އެނގިފަ.. އަހަރެންނަށް އެކަން އެނގުނީ ކުރިން ދުވަހު ނާޒިމްބެ ދެއްކި ވާހަކައިން.. އަހަރެން ބޭނުންނަމަ އެދުވަހު އެވާހަކަ ބުނެވުނީސް.. އެކަމް އަހަރެން އެވާހަކަ ބުނަން ބޭނުންނުވީ.. އިކާއާ ދޭތެރޭ ވިސްނާފަ.. އަހަރެން ބޭނުންނުވީ އިކާއަށް ދެރައެއް ލިބެން.. އެއީ އަހަރެން..”

“ދެން ހެޔޮ.. މިހާރު ފުދިއްޖެ.. ފުދި އިތުރުވެސް ވެއްޖެ.. މާޒްވެސް ހީކުރީ އުމުރު ދުވަހު ތިހެން އެންމެންގެ ލޮލުގަ އަނދުން އަޅުވައިގެން އުޅެވިދާނެކަމަށްތަ؟ އާނ.. ޔޫޝައު އަހަރެން ވަރިކޮށްފި.. އެކަމް ހީނުކުރާތި ޔޫޝައު އަހަރެން ވަރިކުރީމަ މާޒްއަށް އަހަރެން ލިބޭނެޔޭ.. ތީ ހުވަފެނެއްގަވެސް ވާނެކަމެއް ނޫން.. އަހަރެން މާޒްއަށް ނަފުރަތުކުރަން..” އައިކާ ދުރަށް އެނބުރުނެވެ.

“ސަބަބު؟”

“ކޮންމެ ކަމެއްގެ ސަބަބު ބުނާކަށް ނުޖެހޭނެ.. މާޒްއަކީ މާ މާތް މީހެއް ނޫނޭ.. ލަދެއްވެސް ނުގަނޭ ދޯ މީހުންގެ އަނބިންނަށް ފާޑުފާޑުގެ މެސެޖުތައް ފޮނުވާކަށް.. އަހަރެން އަބަދުވެސް ހިތަށްއަރާ މާޒްއަކީ ދެއްކުންތެރި، އަމިއްލަ އެދުން ބޮޑު މީހެކޭ.. އަހަރެންނަށް އެކަން ވަރަށް ރަނގަޅަށްވެސް އެނގިއްޖެ.. މިގެ ހަދަން އަހަރެންގެ ބައްޕައަށް ފައިސާގެ އެހީދީ އަދި ވިޔަފާރި ފަށަން ޚިޔާލުދީ އެކަމަށްވެސް އެހީދޭން ތިއުޅެނީ އަހަރެން ލިބިދާނެކަމަށްތަ؟ ހީކުރީ އަހަރެން މީ ވިޔަފާރި މުދަލެއް ކަމަށްތަ ފައިސާ ދީފަ ގަނެލަން؟ އެހެން ހީނުކުރާތި! ތިދޭ ފައިސާތަކުގެ ސަބަބުން ބައްޕަ އަހަރެން ވިއްކާލާނެކަމަށް ހިތަށްވެސް ނާރުވާތި!” މާޒްއާ ދިމާއަށް އެނބުރި ޝަހާދަތް އިނގިލި ދިއްކޮށްލަމުން އައިކާ ބުނެލިއެވެ.

“ހުއްޓާލާ!” ކުއްލިއަކަށް ނާޒިމްގެ އަޑު އިވުމުން ދެމީހުންނަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ.

“ކޮންކަހަލަ ވިޔާނުދާ ވާހަކަތަކެއް ތިދައްކަނީ؟ އައިކާއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟ މާޒްއަކީ އެކަހަލަ ކުއްޖެއް ނޫންކަން އަހަރެމެންނަށް ހަމަ ރަނގަޅަށް އެނގޭ..” ނާޒިމް ހުރީ ވަރަށް ރުޅިއައިސްފައެވެ.

“ބައްޕައަކަށް ނޭނގޭނެ އޭނައަކީ ކިހާ ނުލަފާ މީހެއްކަމެއް.. ޔޫޝައު އަހަރެން ވަރިކުރީވެސް ހަމަ މިހިރަ މާޒްގެ ސަބަބުން.. އައްޒާމްގެ ކަންތަކަކީވެސް ހަމަ މި މާޒް ކުރުވި ކަމެއް.. އަދި އޭނަ އަހަރެންނަށް ކުރި މެސެޖުތަކަކީވެސް އޭނަގެ މާތްކަމުން ފޮނުވި މެސެޖުތަކެއް ދޯ؟” އައިކާ ފުރަތަމަ ފަހަރަށް ނާޒިމްގެ ކުރިމަތީގައި ބަސް ބުންޏެވެ.

“ވަޓް؟ އަހަރެންނޭ!! ތިބުނާ އައްޒާމްއަކީ އަހަރެން ދަންނަވެސް މީހެއްނޫން.. ދެން އަހަރެން ކިހިނެއް އޭނަ ލައްވާ ތިކަހަލަ ކަމެއް ކުރުވާނީ؟ މީހަކަށް ނަފުރަތުކުރިޔަސް ހެޔޮނުވާނެ ތިކަހަލަ ނުބައި އިލްޒާމުތައް އަޅުވަން.. އަހަރެން އައިކާއަކަށް އެއްވެސް މެސެޖެއް ނުކުރަން.. ޤަބޫލު ނުކުރަންޏާ އަހަރެންގެ ފޯނު ބެލިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. އަދި އަހަރެންނަށް ޔޫޝައު އައިކާ ވަރިކުރަން އެނގުނީވެސް އައިކާ މިރަށަށް އައި ދުވަހު.. އަދި ބުނަން.. އަހަރެން މިހުރިހާ ދުވަހު މިއާއިލާއަށް އެހީތެރި މިވީ އަމިއްލަ އެދުމައިގެނެއް ނޫން.. ރަނގަޅު.. އަހަރެން އައިކާދެކެ ލޯބިވޭ.. އަދިވެސް ލޯބިވޭ.. އެކަމް އައިކާގެ ލޯބި ހޯދާކަށް އަހަރެން މިހާރު އެއްވެސް މަސައްކަތެއް ނުކުރަން.. ޔޫޝައުއާ އިން ހިސާބުން އަހަރެން އެޚިޔާލު ދޫކޮށްލައިފިން.. އަސްލު އަހަރެންނާ ބެހޭވެސް ބައެއް ނޫން ތީ.. އެކަމްވެސް އަހަރެން އައިކާދެކެ ލޯބިވާތީ އަހަރެން މިހުރިހާ ޚަރަދެއް މިކުރީ.. މިއާއިލާ އުޅޭ ނިކަމެތި ދިރިއުޅުން ހިތަށްއަރާތީ.. އެކަމަކު މިހާރު އެނގިއްޖެ މިހުރިހާ ދުވަހު މި ފެންފުރުނީ ފޫނެތް އެއްޗަކަށްކަން.. އަހަރެން ހީކުރީ ކުޑަމިނުން އައިކާގެ ދުލުން އަހަރެންނަށް ރީތި ނަމެއް ލިބޭނެކަމަށް.. އެކަމަކު ބަދަލުގަ މިލިބުނީ ކޮން އެއްޗެއް؟ އަހަރެން ބޭނުމެއްވެސް ނޫން އިތުރަށް މިކަހަލަ ހުތުރު އިލްޒާމެއް ބޮލުގަ އަޅާކަށް.. އަހަރެން މިދަނީ.. އައިކާއަށް އައިކާގެ ދުނިޔެއަށް މަރުޙަބާ..” މާޒް މަޑުކޮށްލުމެއްވެސް ނެތި ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ނާޒިމް މާޒްއަށް ގޮވާލިއެވެ. ނަމަވެސް މާޒްއަށް އެއަޑު ނީވުނީއެއްކަމެއް ނޫނީ އަޑުއިވުނުކަމަށް ނުހެދީއެއްކަމެއް ނޭނގެއެވެ. އޭނާ މަޑުވެސްކޮށްނުލާ ނުކުމެގެން ދިޔަގޮތަށް ދިޔައީއެވެ.

“އައިކާގެ ބޮލަށް ކޮން އިބިލީހެއްތަ ސަވާރުވެފަ ތިހުރީ؟ އާނ އެހެންޏަ.. އަހަރެން ހަމަ ކޮސްވެއްޖެ.. އަހަރެން ހިތަކަށްވެސް ނާރާ އައިކާ ތިފެންވަރަށް ވެއްޓިދާނެކަމަކަށް.. ލަދުން ބޯފަޅައިގެން ދާވަރުވޭ..” ނާޒިމް ބާރަށް އެހެން ބުނެލުމަށްފަހު ގޮސް ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ. ސަނާވެސް އައިކާއަށް ބަލާލުމަށްފަހު ގޮސް ކޮޓަރިއަށްވަނީ ހިތްހަމަނުޖެހިގެންނެވެ. އައިކާއަށް ހުރިގޮތަށް ސޯފާއަށް ތިރިވެވުނެވެ. ނާޒިމްއާ ސަނާ ފުރަތަމަ ފަހަރަށް އޭނާދެކެ ރުޅިއައިސްގެން އެއްޗެހި ކިޔުމުން މިއަދު އޭނާ ވަރަށް ހިތުގައި ޖެހިއްޖެއެވެ. އޭނާ އެތައްއިރަކު ސޯފާގައި ރޯން އިނެވެ. އޭނާގެ ނަސީބާއިމެދު އެތައް ޝަކުވާއެއް ކުރެވުނެވެ. ޔޫޝައުގެ އަނތްބަކަށް ނުވެވުނުނަމައެވެ. ނޫންނަމަ މިއަދު މިހުރިހާ ހިތާމައެއް ކުރާކަށް ނުޖެހުނީހެވެ.

މާޒް ބާރުބާރަށް ސައިކަލު ދުއްވާފައި މިސްރާބުޖެހީ އަތިރިމައްޗަށެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. އޭނާގެ ދެލޮލުގައިވާ ކަރުނަތަކާއި ރިހުމާއި ވޭން އެހެން މީހަކަށް ދައްކާކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާ ގޮސް އަތިރިމަތީގައި ވެއްޓިފައި އޮތް ރުކެއްގައި އިށީނދެލިއިރު އޭނާގެ ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. ކިތަންމެ ހިތްވަރުކުރި ނަމަވެސް މިފަދަ ހާލަތެއް ދިމާވުމުން ފިރިހެނަކަށްވިޔަސް އަސަރުކުރާނެއެވެ. ނުކުރާ ކަންތައްތަކެއްގެ ހުތުރު އިލްޒާމް ބޮލުގައި އަޅަން ޖެހުމަކީ ކިހާ ބޮޑު ހިތާމައެއް ހެއްޔެވެ؟ އެއީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އަދި އެއީވެސް ތިމާ އެންމެ ލޯބިވާ މީހާގެ ފަރާތުންނެވެ.

މާޒް އެތައްއިރަކު އަތިރިމަތީގައި ރޯން އިންދާ އޭނާ ސިހުނީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. އަވަސްއަވަހަށް ދެލޯ ފޮހެލަމުން މާޒް ފަހަތަށް ބަލާލިއެވެ. ކައިރީގައި ހުރި ޒިޔާން ފެނުމުން މާޒް ގަދަކަމުން ނަމަވެސް ހިނިތުންވެލެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ.

“މާޒް! ކިހިނެއްވީ؟”

“ކަމެއްނުވޭ..”

“ކަމެއްނުވާނަމަ ތިހާވަރަށް ރޯނެތަ؟ އަހަރެން ގެއަށް ދަނިކޮށް ފެނުނޭ މާޒް މިދިމާއަށް އަންނަނިކޮށް.. ސައިކަލުގަ އައިލެއް ބާރުކަމުން ހީވީ އަމިއްލައަށް މަރުވާންވެގެން އައިހެން.. މާޒް އައިގޮތުން އަހަރެންނަށް އެނގުނު މާޒް ހުރީ ހަމަހޭގަ ނޫންކަން.. އެހެންވެ ގޯހެއް ހަދައިފާނެތީ ގެއަށްވެސް ނުގޮސް އަހަރެން މިއައީ މާޒްގެ ފަހަތުން..” ޒިޔާން މާޒްގެ ކައިރީގައި އިށީންނަމުން ބުނެލިއެވެ.

“އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއް.. އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ އައިކާ އަހަރެންނަށް މިހެން ހަދާފާނެ ކަމަކަށް..” މާޒް ދުރު ބަލަން އިނދެ ބުނެލިއެވެ.

“އައިކާ ކިހިނެއް ހެދީތަ؟ ސާފުކޮށް ކިޔައިދީބަލަ..” ޒިޔާން އެހެން އަހާލުމުން މާޒް ހުރިހާ ވާހަކައެއް ޒިޔާންއަށް ކިޔައިދިނެވެ.

“ވަޓް ދަ.. އޭނަ އެހުރީ ހަމަހޭގައިތަ؟ އޭނަ އެ ހުރިހާ އެއްޗެއް ކީއިރު ލަދެއްވެސް ނުގަތް ދޯ.. މިހުރިހާ ދުވަހެއް ވަންދެން އޭނަގެ އާއިލާއަށް ތިކުރި ޚަރަދެއް ތިކުރީ ހަމަ އޭނައަކަށް ނޫންތަ؟ އެވަރު އޭނައަށް ނޭނގުނީ އޭނަގެ ހާދަ ގޮތެއް ނެތީމައޭ.. ހިތަށްއަރާ ހަމަ..”

“ޒިޔާ! ޕްލީޒް ސްޓޮޕް އިޓް.. އޭނަ ކޮންމެ ގޮތަކަށް އަހަރެންނާ ދޭތެރޭ ކަންތައް ކުރިޔަސް އަހަރެން ބޭނުމެއްނޫން އޭނައާ ދިމާއަށް މީހަކު އެއްވެސް އެއްޗެކޭ ކިޔާކަށް.. އޭނައަށް ދެރަގޮތެއް ވާކަށް..” ޒިޔާންގެ ވާހަކަ މެދުކަނޑާލަމުން މާޒް ބުނެލިއެވެ.

“އެންމެ ރަނގަޅު.. އަހަރެން އޭނައާ ދިމާއަށް އެއްވެސް އެއްޗެކޭ ނުކިޔާ ހުރެފާނަން.. އެކަމް މާޒް އަހަރެން ބުނާ ގޮތެއް ހަދާނަންތަ؟” ކުޑައިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒިޔާން އަހާލިއެވެ.

“ބުނެބަލަ.. ބުނީމަތާ އިނގޭނީ..”

“މާޒް މިހާރު ތި ކުރަމުންދާ ޚަރަދުތައް ހުއްޓާލަންވީ.. އައިކާއާ އެއްވެސް ގުޅުމެއްވެސް ނުބާއްވަންވީ.. އެކުވެރިއަކަށްވެސް އޭނަ ނުފުދޭ.. އޭނަގެ މަތިން މުޅިން ހަނދާން ނައްތާލަންވީ.. މީހަކާ އިންނަންވީ.. އާ ދިރިއުޅުމެއް ފަށަންވީ..” ޒިޔާން ބުނެލިއެވެ.

“އަހަރެން އިތުރަކަށް އެމީހުންނަކަށް އެއްވެސް ޚަރަދެއް ނުކުރާނަން.. އެއީ އައިކާ އަހަރެންނަށް ނުލިބިގެނެއް ނޫން.. އަހަރެން އެކަން ހުއްޓާލީމަ އެގޮތަށް އަޑު ފެތުރޭނެކަންވެސް އެނގޭ.. އެކަމްވެސް އަހަރެންނަށް ވަރިހަމަ.. އަހަރެން އެކަން މި ހުއްޓާލަނީ އަހަރެންނަށް ލިބުނު ހުތުރު ނަމުން ގަތް ލަދެއްގެ ބޮޑުކަމުން.. އިތުރަށް އެކަހަލަ އިލްޒާމެއް އަހަރެންގެ ބޮލުގައި އެޅެން ބޭނުންނުވާތީ.. އެކަމް އަހަރެންނަށް އެނގޭ ސަނާއްތައާ ނާޒިމްބެ އެވާހަކަ ޤަބޫލުނުކުރާކަން.. އެހެންވެ އަހަރެން އެމީހުންނާ ގުޅުން ކަނޑާލާކަށް ބޭނުމެއްނޫން..” މާޒް ބުނެލިއެވެ.

“އަހަރެން ނުބުނަމެއްނު އެމީހުންނާ ގުޅުން ކަނޑާލާކަށް.. އަހަރެން މިބުނީ ހަމައެކަނި އައިކާއާ ގުޅުން ކަނޑާލަން.. އޭނަ އަމިއްލައަށް އައިސް މާޒްގެ ފައިބުޑަށް ވެއްޓި މާފަށް ނޭދެނީސް މާޒް އޭނައާ ދިމާ ބަލާވެސްނުލާށޭ މިބުނީ.. އަހަރެންނަށް ހަމަ ޔަޤީން އޭނައަށް މާޒްގެ ފައިބުޑަށް ވެއްޓި އާދޭސްކޮށް މާފަށް އެދެން އަންނަންޖެހޭނެކަން..” ޒިޔާން ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. ޒިޔާންގެ ވާހަކަތަކަށް މާޒް ބޯޖަހާލިއެވެ.

**********

ޔޫޝައު އާދައިގެ މަތިން އޮފީހުގައި އިންނަމަވެސް އޭނާއަކަށް ރަނގަޅަކަށް މަސައްކަތެއް ނުކުރެވެއެވެ. އައިކާގެ ހަނދާންތައް އޭނާއަށް އުނދަގޫ ކުރާތީއެވެ. އައިކާ މިހާރު އުޅޭނީ ވަރަށް ހާލުގައިކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާއަށް އައިކާއަށް ގުޅާނެހާ ހިތްވަރެއް ނުލިބުނެވެ. އޭނާއަކީ އެއްއިރެއްގައިވެސް މިހާ ފިނޑި މީހެއްނޫނެވެ. އޭނާއަކީ ހިތްވަރުގަދަ ކެރޭ ޒުވާނެކެވެ. ނަމަވެސް ލޯބީގައި އޭނާ މުޅިން ބަލިކަށިކޮށްލައިފިއެވެ. ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗަކީ ހެއްޔެވެ؟

ޔޫޝައު ވިސްނާލާފައި ފޯނު ނެގިއެވެ. އަދި އައިކާގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ހަމަ އެވަގުތު ފޯނު ކަނޑާލައިފިއެވެ. ދެން އޭނާ ލެޕްޓޮޕް ދަބަހަށްލައި ފޯނާއި ދަބަސް ހިފައިގެން އަވަސް ހިނގުމެއްގައި އޮފީހުން ނުކުތެވެ. އޭނާ ދިޔަގޮތަށް ދިޔައީ އޭޓީއެމްއަށެވެ. އޭޓީއެމްއިން ފަސްހާސް ރުފިޔާ ނަގައިގެން އޭނާ ނިންމީ ގެއަށްދާށެވެ. ނަމަވެސް ކުއްލިއަކަށް ޚިޔާލު ބަދަލުވެ އޭނާގެ މިސްރާބު އޮފީހާ ދިމާއަށް ބަދަލުކޮށްލިއެވެ. އޭނާ ގޮސް ކެބިންއަށް ވަތްއިރު ނާޒް އިނީ ފޯނެއްގައެވެ. އޭނާ ފެނުނުއިރަށް އަވަހަށް ފޯނު ބާއްވައިފިއެވެ.

ޔޫޝައު އޭނާގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެލާފައި މޭޒުގެ ވަތްގަނޑުން ނެގީ ނޯޓް ފޮތެކެވެ. އަދި އޭގައި އެއްޗެހިތަކެއް ލިޔަން ފެށިއެވެ. އެ ނޯޓް ލިޔެފައި އޭނާ ވޮލެޓުން ފަސްހާސް ރުފިޔާ ނަގައި ސިޓީ އުރައަކަށް އެ ނޯޓާއިއެކު ލިއެވެ. އަދި ލިހާމްއަށް ގުޅާލިއެވެ.

“ހެލޯ! ލިހޭ! މިއަދު ތިކޮޅަށް ފުރާ ލޯންޗެއް އެއްޗެއް އެބައޮތްތަ؟”

“ކިހިނެއްވީ؟ ބަލާލަން ޖެހޭނީ..” ލިހާމް ބުނެލިއެވެ.

“ބަލާލާފަ އަހަރެންނަށް އަންގާލަދީބަލަ.. ވަރަށް އަވަހަށް..” ޔޫޝައު ބުނެލިއެވެ.

“އާނ އޯކޭ..” ލިހާމްގެ ޖަވާބު ލިބުމާއެކު ޔޫޝައު ފޯނު ބޭއްވިއެވެ. އޭނާ އިނީ ދެން ވެދާނެ ގޮތަކާއިމެދު ވިސްނާށެވެ. އޭނާ އައިކާގެ ޚަބަރެއްވެސް ބަލާނުލާ ހުރެފައި ކުއްލިއަކަށް ފައިސާ ފޮނުވުމުން އައިކާމެން ހީކުރާނީ ކީކޭބާވައެވެ. ހަމަ ޔަޤީނުންވެސް އޭނާދެކެ ވަރަށް ރުޅިއަންނާނެއެވެ. ގުޅާފައި ހިތު ހުރިވަރަށް އެއްޗެހިވެސް ގޮވާލަފާނެއެވެ. ނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއްނެތެވެ. އައިކާއަކީ އޭނާގެ ދެދަރިންގެ މަންމައެވެ. ވީއިރު އޭނާއަށް އެހީތެރިވުމަކީ އޭނާގެ ވާޖިބެކެވެ.

އިރުކޮޅެއް ފަހުން އޭނާގެ ފޯނު ރިންގުވިއެވެ. ލިހާމްގެ ކޯލެއްކަމުން އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ. ލިހާމް ބުނީ މެންދުރުފަހު އެކެއް ޖަހާއިރު ލޯންޗު މާލެއިން ރަށަށް ފުރާނެ ކަމަށެވެ. އޭނާ ގަޑި ބަލާލިއިރު އެކެއް ޖަހަން ފަނަރަ މިނެޓަށް ވެއްޖެއެވެ. ލިހާމްއަށް ޝުކުރު އަދާކޮށްފައި ޔޫޝައު ފޯނު ބޭއްވިއެވެ. އަދި އަވަސްއަވަހަށް އޮފީހުން ނުކުތެވެ. އޮފީހުން ނުކުތްގޮތަށް ސައިކަލުގައި އޭނާ މިސްރާބުޖެހީ ޖެޓީއަށެވެ. ޓްރެފިކުން ސަލާމަތްވެގެން އޭނާއަށް ޖެޓީއަށް ދެވުނުއިރު ލޯންޗުގެ ވާ މޮހާލަނީއެވެ.

ލޯންޗުގެ ކުރީކޮޅުގައި ހުރީ އޭނާ ދަންނަ މީހެކެވެ. އިރުފާންއެވެ. ދެތިން ފަހަރަކު އެ ލޯންޗުން ދަތުރުކުރެވިފައި ވުމާއެކު ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވިފައިވާތީ ދަންނަނީއެވެ.

“އިރޭ!” ޔޫޝައު އިރުފާންއަށް ގޮވާލާފައި އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުންޏެވެ. ޔޫޝައު އަވަސްއަވަހަށް ބަލާލީ ކައިރި ހިސާބަކުން ސައިކަލު ޕާރކްކޮށްލާނެ ހުސްތަންކޮޅެއް ލިބޭތޯއެވެ. ނަސީބަކުން ވަރަށް ކައިރިން ހުސްތަންކޮޅެއް ލިބުނެވެ. ޔޫޝައު ސައިކަލު ޕާރކްކޮށްލާފައި ތޮށިގަނޑުމައްޗަށް އަރައިގެން ލޯންޗު ކައިރިއަށް ދިޔައެވެ.

“އިރޭ! މީތި ގެންގޮސް އައިކާއާ ހަވާލުކޮށްލަދީބަލަ އިނގޭ.. ބުނޭ އަހަރެން ހަވާލުކުރި އެއްޗެކޭ..” ޔޫޝައު އެހެން ބުނެލުމުން އިރުފާން ހިނިތުންވެލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. ލޯންޗު ނައްޓާލުމުން ޔޫޝައު އަނެއްކާވެސް މިސްރާބުޖެހީ އޮފީހަށެވެ. އައިކާއަށް ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދެވުމުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާ މުޅިން ހަމަޖެހޭނީ އައިކާ އޭގެ ބޭނުން ކުރިކަން އެނގުމުންނެވެ.

**********

ހަވީރުގެ ވަގުތެވެ. އައިކާ ކޮޓަރީގައި އިނީ ބޭރަށް ދާހިތް ނުވެފައެވެ. މާޒްއާ ދިމާވެދާނެތީއެވެ. އޭނާ މާޒް ފެންނަ ހިސާބަށްވެސް ދާކަށް ބޭނުމެއްނުވެއެވެ. މާޒްއަކީ އޭނާގެ އުފާވެރި ދިރިއުޅުމަށް އެޅުނު ސުންޕާ ހިޔަންޏެކެވެ. އިތުރަށް މާޒްގެ ހިޔަނި އޭނާގެ ހަޔާތަށް އެޅޭކަށް އޭނާ ބޭނުމެއްނޫނެވެ.

ބޭރުން ސަލާމް ގޮވާލި އަޑަށް ލަމްހާ ބުރުގާ އަޅާލަމުން ބޭރަށް ނުކުތެވެ. އޭރު ބޭރު ދޮރު ކައިރީގައި ހުރި އިރުފާން ފެނުމުން އައިކާ ހައިރާންވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އިރުފާންއަކީ އެމީހުންނާ ވާހަކަ ދައްކާ އުޅުނަސް އެގެއަށް އަންނަ މީހެއް ނޫން ވިއްޔާއެވެ.

“އަނހާ އިރުފާން.. ކިހިނެއްވީ؟” ހައިރާންވެފައި އައިކާ އަހާލިއެވެ.

“މީ އައިކާއާ އެއްޗެއް ހަވާލުކޮށްލަންވެގެން..”

“ކޮން އެއްޗެއް؟” އައިކާ ހައިރާންކަމާއެކު އެހެން އަހާލުމުން އިރުފާން އޭނާގެ އަތުގައި އޮތް ސިޓީ އުރަ ދިއްކޮށްލިއެވެ. އައިކާ އޭގައި ހިފަމުން އޭގެ ދެފުށް ބަލާލިއެވެ. އައިކާގެ ނަމާއި އެޑްރެސް ފިޔަވައި އެއްވެސް މަޢުލޫމާތެއް އެޔަކު ނެތެވެ. އައިކާ އިރުފާންއަށް ބަލާލުމުން އޭނާއަށް އައިކާ ބުނަން އުޅުނު އެއްޗެއް އެނގުނުފަދައެވެ.

“ތީ ޔޫޝައު ހަވާލުކުރި އެއްޗެއް.. ދެން ދަނީ..” ހިނިތުންވެލާފައި އިރުފާން ދާން ހިނގައިގަތެވެ.

އައިކާ ކެތްމަދުވެފައިހުރެ ގޮސް ކޮޓަރިއަށްވަދެ އެނދުގައި އިށީނދެލިއެވެ. ޔޫޝައު އޭނާގެ ހާލު ބަލާނެކަން އޭނާއަށް ކުރިންވެސް ޔަޤީންކުރިއެވެ. ނަމަވެސް މާޔޫސްވީ ހަފްތާއެއް ވީއިރުވެސް ޔޫޝައުގެ އެއްވެސް ޚަބަރެއް ނުވުމުންނެވެ. އެހެނަސް މިއަދު އަނެއްކާވެސް އޭނާއަށް އާ އުއްމީދެއް ލިބިއްޖެއެވެ.

ސިޓީއުރަ ހުޅުވާލުމާއެކު އޭގައިހުރި ފަސްސަތޭކައިގެ ނޫޓްތައް ފެނިފައި އައިކާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. ނަމަވެސް އެވަގުތު އޭގެތެރޭ އޮތް ކަރުދާސްގަނޑެއް ފެނުމުން އަނެއްކާވެސް އޭނާގެ އުއްމީދުތައް އާވިއެވެ. އަވަސްއަވަހަށް އެ ގަނޑު ނަގައި ކިޔަން ފެށިއެވެ.

***** ޔޫޝައުގެ ނޯޓް *****

އައިކާއެވެ. އައިކާގެ ހާލު ކިހިނެއް ހެއްޔެވެ؟ އައިކާގެ ހާލު ރަނގަޅުވާނެކަމަށް އަހަރެން އުއްމީދުކުރަމެވެ.

އައިކާއެވެ. އަހަރެންނަށް ވިސްނާނުލާ އައިކާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށެވެ. އަހަރެންނަށް މާފްކުރާށެވެ. އަހަރެންނަށް ފެނުނު އެންމެ މަންޒަރެއްގެ ސަބަބުން އަހަރެން އައިކާގެ މައިންބަފައިންނަށް ވީ ވަޢުދުގެ މަތިން އަހަރެންނަށް ހަނދާން ނައްތާލެވުނީއެވެ. ނަމަވެސް އެއީ އެފަދަ މަންޒަރެއް ފެނުމުން ކޮންމެ މީހަކަށްވެސް ވާނެ ގޮތްކަން ޚުދު އައިކާވެސް ޤަބޫލުކުރާނެއެވެ. އެކަމަށްވެސް އަހަރެން މާފަށް އެދެމެވެ.

އައިކާއެވެ. އައިކާ ތިއިނީ އަހަރެންގެ ދެދަރިންނަށް ބަލިވެކަން އަހަރެން ފަހަރެއްގައިވެސް ހަނދާނެއް ނުނެތެއެވެ. އަހަރެން އައިކާއަށް ގުޅަން ބޭނުންވި ނަމަވެސް އަހަރެންނަށް އައިކާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ގުޅަން ނުކެރުނީއެވެ. އައިކާ އުޅޭނީ ވަރަށް ދަތި ހާލުގައިކަން އަހަރެންނަށް އިހުސާސްކުރެވެއެވެ. އަހަރެން އައިކާއަށް އެހީވާނަމެވެ. ކަމަކަށް ދަތިވާނަމަ ލަސްނުކޮށް އަހަރެންނަށް އަންގާށެވެ. އަހަރެން އެއްވެސް ޝަކުވާއަކާނުލާ އެކަމެއް ކޮށްދޭނަމެވެ. އަހަރެންގެ ދެދަރިން ރަނގަޅު ގޮތުގައި ބޮޑުކޮށްދޭށެވެ. އިރާދަކުރެއްވިއްޔާ އަހަރެމެން އަދި ކޮންމެވެސް ދުވަހަކުން ބައްދަލުވާނެއެވެ. އަދިވެސް އެއްފަހަރު އަހަރެންނަށް މާފްކޮށްދިނުން އެދެމެވެ.

= ޔޫޝައު =

ނޯޓްކޮޅު ކިޔާ ނިމުމާއެކު އައިކާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އޭނާ އުއްމީދުކުރިފަދަ އެއްވެސް ބަސްކޮޅެއް އެ ނޯޓަކު ނެތެވެ. އޭނާ އުއްމީދުކުރީ އޭގައި ޔޫޝައު އޭނާދެކެ ލޯބިވާ ވާހަކަ ލިޔެފައި އޮންނާނެ ކަމަށެވެ. އަދި ޔޫޝައުއަށް ހަޤީޤަތް އެނގި އޭނާ ބަލައި އަންނަ ވާހަކަ އޮންނާނެކަމަށެވެ. ނަމަވެސް ކަންތައް މިވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ޔޫޝައުއަށް އަދިވެސް އެކަމުގެ ހަޤީޤަތެއް ނޭނގެއެވެ. އެކަމުގެ ހަޤީޤަތް ޔޫޝައުއަށް އަންގާނީވެސް ކިހިނެއް ހެއްޔެވެ؟ ކުއްލިއަކަށް އައިކާ ދެލޯ ފޮހެލިއެވެ.

އަހަރެން ބޭނުން ނެތިގެން އަހަރެން ދޫކޮށްލި މީހަކަށްޓަކައި އަހަރެން ރޯންވީ ކީއްވެ ހެއްޔެވެ؟ ޔޫޝައު ހީކުރީ ކީކޭ ކަމަށް ހެއްޔެވެ؟ އަހަރެން މިއުޅެނީ ލާރި ނުލިބިގެން ހެއްޔެވެ؟ އަހަރެން މިއުޅޭ ހާލެއް އޭނާއަށް ހަމަ އިހުސާސް ނުކުރެވެނީ ހެއްޔެވެ؟ އިހުސާސްކުރެވޭނަމަ ކަންތައް ކުރާނީ އެގޮތަކަށް ނޫނެވެ. އަނތްބަކަށް އެންމެ ބޭނުންވާނީ ފިރިމީހާގެ ލޯތްބެއް ނޫން ހެއްޔެވެ؟ އެލޯބި ނުދެވޭނަމަ ކީއްކުރާ ފައިސާއެއް ހެއްޔެވެ؟ ޔޫޝައު ހީކުރީ ފައިސާއިން ހުރިހާ ކަމެއް ހަމަޖެހޭނެކަމަށް ހެއްޔެވެ؟ ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މުއްސަނދިންނަށް ހުރިހާވެސް އެއްޗަކީ ފައިސާއެވެ. އައިކާ ހިތާހިތުން ޔޫޝައުއަށް އެތިވަރު ގޮވިއެވެ. އަދި އޭނާގެ އަތުގައި ހުރި ނޫޓްތައް ކޮޓަރިތެރެއަށް ހޫރާލިއެވެ. އެވަގުތު ކޮޓަރިއަށް ވަތް ސަނާއަށް އެމަންޒަރު ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.

“މިހާރު ކިހިނެއްވީ؟” ސަނާ ހިތްހަމަނުޖެހިފައި އަހާލިއެވެ. ކުރިން ދުވަހު އައިކާ މާޒްއާ ދިމާއަށް އެއްޗެހި ކީފަހުން ސަނާ ހުންނަނީ އަބަދުވެސް އައިކާދެކެ ހިތްހަމަނުޖެހިފައެވެ. ލޯބިން ވާހަކަދައްކަން ބޭނުންވިނަމަވެސް އޭނާއަކަށް އެކަމެއް ނުކުރެވުނެވެ. މާޒް އެމީހުންނަށްވީ އެހީތެރިކަމުގެ ބަދަލު އައިކާ ދިންގޮތުން އޭނާ ހުންނަނީ މާޒްގެ އާއިލާ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްލަން ނުކެރިފައެވެ.

“ކޮންހާ ލާރިއެއް؟ އައިކާ ކިހިނެއްވެގެންތަ ތިއުޅެނީ؟”

“އެ ޔޫޝައު ހީކުރަނީ ކީކޭ ކަމަށްތަ؟ އަހަރެން މީ ލާރިއާ ހެދި ބޫތުކައިގެން އުޅޭ މީހެއްނޫނޭ.. އެ ޔޫޝައުއަށް ތި ފޮނުވާފަ ބުނޭ އަހަރެން އޭނަ ދޭ އެއްވެސް އެއްޗެއް ބޭނުމެއްނޫނޭ..” އައިކާ ރުޅިއައިސްފައި ބުނެލިއިރުވެސް އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޮހެމުން ދިޔައެވެ.

“ބަލަ އޭނަގެ ދަރިންނަށް އޭނަ ބަލާނެ ދޯ.. އެކުދިން އަދި އުފަންނުވިޔަސް އޭނަ އެކުދިން މަތިން ހަނދާން އެބަހުރިތާ.. މިދުނިޔޭގަ ބަފައިންގެ އެއްވެސް އެހީއެއް ނުލިބި ކިތައް ކުދިން ބޮޑެތިވަނީ.. ޔޫޝައު އެވަރުވެސް ކުރާތީ އެކަމާ ޝުކުރުކޮށްބަލަ.. އެޔެއްނޫން ވާގޮތަކީ.. އައިކާގެ ކަންތައްވެސް ހިސާބަށްވުރެ ބޮޑީ..” ސަނާ ރުޅިއައިސްގެން ކޮޓަރިން ނުކުމެގެން ދިޔައެވެ.

 

“ކީއްވެތަ ކޮންމެ މީހަކަށް އަހަރެން މި ގޯސްވަނީ؟ އަހަރެންނަށް އެހެން މީހަކު ދެރައެއް ދިނަސް ގޯސް މިވަނީ އަހަރެން.. ކީއްވެތަ؟ ކީއްވެތަ؟”

“އެކަކަށް ދެރައެއް ދީފަ އަނެކަކަށް އުފަލަކު ނޫޅެވޭނެ.. އެތަން ތި ފެންނަނީ..” އެވަގުތު ކޮޓަރިއަށް ވަދެގެން އައި ލީން ބުނެލިއެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވެއެވެ.

“ލީން!؟”

“ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން އައިމަ.. އަހަރެން ހުރީ ނާންނަންވެގެން.. އެއީ ރައްޓެހިން އެއީ ރައްޓެހިން ކަމުގަ ނުދެކޭ މީހުން ކައިރިއަށް ޒިޔާރަތްކުރުމަކީ އަހަރެން ކޮށްއުޅޭ ކަމަކަށް ނުވާތީ.. އެކަމަކު އަހަރެންނަށް މި އަންނަން ޖެހުނީ އައިކާއަށް ކަމެއް އަންގަން.. އައިކާއަށް އެއްޗެއް ވިސްނައިދެވޭތޯ.. އެއީ ބޭކާރު ކަމެއްކަންވެސް އެނގޭ.. އެކަމަކުވެސް އެވާހަކަ ބުނީމަ އަހަރެންނަށް ހިތްހަމަޖެހުމެއް ލިބޭނެ..” ލީންގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވެފައި ހުރިވަރުން އެއީ ލީންކަންވެސް އައިކާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ. ލީންއަކީ ދުވަހަކުވެސް އެފަދަ ގޮތަކަށް މީހުންނާ ވާހަކަދެއްކި މީހެއް ނޫންވިއްޔާއެވެ. ޔަޤީނެވެ. މާޒް ލީންގެ ބޮލަށްވެސް ސަވާރުވީއެވެ.

“އަހަރެންނަށް ކޮންކަމެއް އަންގަން؟ ހާދަ ފާޑަކަށް ލީން ތި ވާހަކަ ދައްކަނީ..” އެހާ ދެރަވެފައި ހުއްޓާ ލީން އައިސް ވާހަކަދެއްކި ގޮތުން އައިކާ ހިތްހަމައެއް ނުޖެހުނެވެ.

“އަހަރެން މިއައީ އައިކާއަށް ތިހުރީ ވަރަށް ބޮޑު އޮޅުމެއްގައޭ ބުނަންވެގެން.. އައިކާގެ ދިރިއުޅުން ހަލާކުވުމުގައި މާޒްގެ އެއްވެސް އަތެއް ނުވެޔޭ ބުނަންވެގެން.. އަދި އައިކާއަށް މެސެޖު ކުރި މީހަކީވެސް މާޒްއެއް ނޫނޭ ބުނަންވެގެން.. އެނގޭތަ ސަބަބު.. އެއީ މާޒް އައިކާދެކެ ވަނީ ހަޤީޤީ ލޯބި.. އައިކާ ޔޫޝައުއާ އިންފަހުން އޭނަ އައިކާ ހާސިލްކުރާކަށް އެއްވެސް މަސައްކަތެއް ނުކުރެޔޭ.. އޭނައަށް މަލާމާތްކުރި މީހުންނަށްވެސް އޭނަ ދޭ ރައްދު އެނގޭތަ؟ އައިކާ އުފަލުގަ ހުރިއްޔާ އަހަރެންވެސް ހުންނާނީ އުފަލުން.. އަހަރެންނަށް ބޮޑަށް މުހިންމީ އައިކާގެ އުފާ.. މިވަރު ހެއްކަކަށް ނުފުދޭތަ؟ ނޫނީ އިތުރަށްވެސް ބޭނުންތަ؟ އިތުރަށް ތަފްސީލު ދެންޏާ އަނެއްކާވެސް ޖެހޭނީ ހަމަ ކުރީގަވެސް ދެއްކި ވާހަކަތައް ތަކުރާރުކުރަން.. އެކަމަކު އެ ބޭކާރު މަސައްކަތް ކުރާނެހާ ވަގުތެއް އަހަރެންނަކަށް ނެތް..” ލީން ފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ.

“ލީން ކީއްވެ އަހަރެންނާ ތިގޮތަށް ތި ވާހަކަދައްކަނީ؟ އަހަރެންގެ ހާލުވެސް ބަލައެއް ނުލާނަންތަ؟” އައިކާ ދެރަވެފައި އަހާލިއެވެ.

“އައިކާ ހީކުރީ އަހަރެންނަކީ އެހާ ފަސޭހައިން މީހުންގެ މަތިން ހަނދާން ނައްތާލާ މީހެއް ކަމަށްތަ؟ އަހަރެން މިގެއަށް ނަޔަސް އަހަރެން ބަރާބަރަށް އައިކާގެ ހާލު ބަލަން.. އެނގޭތަ ކާކުކަން އަހަރެންނަށް އައިކާގެ ހާލު ބުނެދެނީ؟ މާޒް.. މާޒް އައިކާ އުޅޭނޫޅޭ ގޮތް އަބަދުވެސް ބަލާ.. އައިކާ މާލޭގަ ހުރިއިރުވެސް އޭނަ ބަރާބަރަށް އައިކާގެ ހާލު ބަލާ.. އައިކާއަށް ގުޅީމަ ފޯނު ނުނަގާތީ ސަނާއްތަ ގާތަށް އައިސްގެންވެސް އައިކާގެ ޚަބަރު ބަލާ.. މިއެއް ނޫންތަ ލޯތްބަކީ؟ މިއަށްވެސް ކިޔަނީ ދެއްކުންތެރިކަންތަ؟” ލީން ސުވާލުކުރިއެވެ.

“އަހަރެންނަކަށް ނޭނގެ ލޯތްބަކީ ކޮން އެއްޗެއްކަމެއް..”

“ނޭނގޭނެ.. ނޭނގޭތީ ދޯ މިއަދު އައިކާއަށް ތިހާލު ޖެހިފަ ތީނީ.. ކުރިންވެސް މާޒްގެ ލޯތްބަށް އާނބަސް ބުނިނަމަ މިއަދު ތިހެނެއް އިންނާކަށް ނުޖެހުނީސް..”

“ކިހިނެއް އެނގޭނީ މާޒް އަހަރެންނަށް މިއަށްވުރެ ދެރަގޮތެއް ނުހަދާނެކަމެއް؟ ލޯތްބަކީ މިހާރު އޮންނަ އެއްޗެއް ނޫން.. އެއީ ހަމައެކަނި އަހަރެމެން އަންހެނުންގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނަގަން ފިރިހެނުން ބޭނުންކުރާ ދެއަކުރުގެ ލަފުޒެއް.. އެއްވެސް ހަޤީޤަތެއް އޮންނަ އެއްޗެއް ނޫން..” އައިކާވެސް ރައްދުގައި ބުންޏެވެ.

“އެހެންވިއްޔާ އައިކާ ކީހާ އެއްޗެއްސަށް މާޒް ކެތްކުރި ކެތްކުރުމޯ.. އައިކާގެ ލޯބި ނުލިބިގެން އޮހޮރި ކަރުނަތަކޯ.. އެއީވެސް ފޭކުތަ؟ ހުސް އާޓްތަ؟ ހަޤީޤަތާއި ފޭކު ވަކިކުރަން އެނގޭނީ އެހެން މީހުންގެވެސް އިހުސާސްތަކަށް އިހުތިރާމްކުރަން އެނގޭ މީހަކަށް..”

“އަހަރެންނަކަށް ނޭނގެ ދެން..”

“ނޭނގޭނެ.. ނޭނގޭތީ ދޯ ކުށެއްނެތް މީހަކާ ދިމާއަށް ހިތަށް އެރިހާ އެއްޗެއް ގޮވާލީ.. އެންމެ ފަހަރަކުވެސް ވިސްނާލިންތަ އޭނަގެ ހިތަށް ކުރާނެ އަސަރު؟ ވިސްނާލިންތަ؟ އެހެން މީހަކު އައިކާއަށް ދެރައެއް ދިނީމަ އޭގެ ހުރިހާ ވަރެއް އެހެން މީހަކަށް ބޭލުމުގެ ކޮން ޙައްޤެއް އައިކާއަށް އޮތީ؟”

“އޭނައަކީ އެހެންމީހުންގެ ލޮލުގައި އަނދުން އަޅުވައިގެން އުޅޭ އަނިޔާވެރިއެއް..”

“އޭނަ އައިކާއަށް ކުރި އަނިޔާއެއް ބުނެބަލަ..” ލީން ހުރީ އެއްގޮތަކަށްވެސް އައިކާއަށް ދޫދޭގޮތަކަށް ނޫނެވެ. އައިކާގެ ކުށަށް އިޢުތިރާފުވެ މާޒްގެ ކިބައިން މާފަށް އެދެންދެން ލީން އެމަސައްކަތް ކުރާނެއެވެ.

“އަހަރެން އިތުރަށް ތިވާހަކަ ދައްކާކަށް ބޭނުމެއްނޫން..”

“ކީއްވެ؟ ދައްކާނެ ވާހަކަ ހުސްވީ ދޯ.. ކުށްކުރާ މީހުންނަށް އެންމެފަހުން ޖެހޭނީ ހަމަ ހަތިޔާރު ބަހައްޓަން.. ބަސް ހުއްޓޭނެ.. އަނިޔާވެރިންނަށްވެސް އޮތީ ހަމަ މިގޮތް.. އެކަކަށް ދެރައެއް ދީފަ އަނެކަކަށް ނޫޅެވޭނެ ވާހަކަ ޤަބޫލުކޮށްބަލަ..” ލީން ހުރީ އަދިވެސް އޭނާގެ ގޮތުގައެވެ.

“އަހަރެން މާޒްއާ ނުގުޅުން އެއީ އަހަރެން އޭނައަށް ދިން ދެރައެކޭތަ ތިބުނަނީ؟ ތިހެންވެއްޖެއްޔާ މިދުނިޔޭގަ ދެރަދޭ މީހުން ހާދަ ގިނަވާނެޔޭ ދޯ..” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އައިކާ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.

“އަހަރެން ނުބުނަން އައިކާ މާޒްއާ ނުގުޅުން އެއީ އޭނައަށް ދިން ދެރައެކޭ.. އެމީހަކު ގުޅެންވާނީ އެމީހަކު ލޯބިވާ މީހަކާ.. އައިކާ އެއްފަހަރުވެސް ވިސްނާލިންތަ ކުރިން އޭނައާ ދިމާއަށް ކީ އެއްޗިއްސާ ދޭތެރޭ.. އެއީވެސް އިންސާނެކޭ.. އޭނަގެ އޮންނަނީ ހިތެއް ނޫންތަ؟ އެހިތަށްވެސް އަސަރުކުރާނެޔޭ.. އެކަމަކު އެހުރިހާ އެއްޗެހި ކިޔުމަށްފަހުވެސް އޭނަ އައިކާއާ ދިމާއަށް ބާރަށް އެއްޗެކޭ ބުނިތަ؟ އައިކާއަށް ދެރަގޮތެއް ހެދިތަ؟ ނުހަދައެއްނު.. އޭނަ އެހުރިހާ ކަމަކަށްވެސް ކެތްކޮށްގެން މަޑުން ހުރެ އޭނަ އައިކާއަށް އެހީވެ ހެދީމަ އައިކާއަށް އޭނަ ވީ ފިނޑިއަކަށް.. ކޮންކަހަލަ ވިސްނުމެއް؟ އޭނަ ހާލު ބަލާލަން ގުޅީމަވެސް ފޯނު ނަގަން ނުކެރުނު.. އެންމެފަހުން ޔޫޝައު އައިކާ ވަރިކޮށްލީމަ އައިސްވެސް އޭނައަށް ހުރިހާ ވަރެއް ބޭލީ.. އޭނައާ ގުޅުމެއް ހުރި ކަމެއްނަމަވެސް ރަނގަޅު.. އެކަމް އޭނައަކާ ގުޅުމެއް ހުރި ކަމެއްވެސް ނޫނޭ.. އައިކާ ބުނެބަލަ މިއަށް ކިޔާނެ އެހެން އެއްޗެއް.. މި ވާނެތަ މީހަކަށް ދެރައެއް ދެވުން ނޫންކަމަށް؟” ލީން އެހެން ބުނެފައި އިތުރަށް އެތާނގައި މަޑުކޮށްނުލާ ދާން ހިނގައިގަތެވެ.

“ލީން!” އައިކާ ގޮވާލިނަމަވެސް ލީން އެއަޑު އިވުނުކަމަކަށް ނުހެދިއެވެ.

“އަހަރެން ކިހިނެއް ޤަބޫލުކުރާނީ ލީން އެހެން ބުންޏަސް.. އަހަރެންގެ ފޯނަށް މެސެޖު ކުރީ މާޒް ނޫންކަމަކަށް އަހަރެން ޤަބޫލެއް ނުކުރާނަން..” އައިކާ އަމިއްލަ ނަފްސަށް އެހެން ބުނެލަމުން އެނދުގައި އޮށޯވެލިއެވެ.

**********

ހަފްތާއެއް ފަހެވެ. ޔޫޝައު އޮފީހުގައި އިންނަމަވެސް އޭނާގެ ޚިޔާލުތައް ގުޅިފައިވަނީ އައިކާއާއެވެ. އޭނާ އައިކާއަށް ފައިސާ ފޮނުވި ނަމަވެސް އޭނާއަށް އައިކާ އޭގެ ބޭނުން ކުރިކަމެއް ނުވަތަ ނޫންކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އައިކާވެސް ކަންތައް އެ ކުރަނީ ރަނގަޅަކަށް ނޫނެވެ. ކުޑަމިނުން އޭނާއަށް އެ ލިބުނު ވާހަކަ ބުނެލިއްޔާވެސް ވާނީ ކީއް ހެއްޔެވެ؟ އޭނާއަށް އައިކާގެ ޚަބަރުތައް ހޯދަން މި ޖެހެނީ މުޅިންވެސް ދުރު މީހުންނަށް ގުޅައިގެންނެވެ. އޭނާއަށް ކަންތައް ކުރެވުނުގޮތުން އައިކާގެ މައިންބަފައިންނަށް ގުޅާލާކަށްވެސް އޭނާއަކަށް ނުކެރެއެވެ. އެމީހުން މިހާރު އޭނާއަށް ނަފުރަތު ކުރާނެކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ.

“ހެލޯ! ވަރަށް އަވަހަށް ކޮފީއެއް ގެނެސްދީބަލަ..” ޔޫޝައު ނާޒްއަށް ގުޅާލާފައި އޭނާއަށް ކޮފީއެއް ގެނެސްދިނުމަށް އެދުނެވެ. ނާޒް ކޮފީ ތައްޔާރުކުރަން ހުރިއިރު ހުރީ ފުން ވިސްނުމެއްގައެވެ. އޭނާ ވިސްނަމުން އެދަނީ ޔޫޝައުއާ ގުޅުންހުރި ކަމަކާކަން ހަމަ ޔަޤީނެވެ. އޭނާ އިރުއިރުކޮޅާ ޔޫޝައުއަށް ބަލާލާގޮތުން އެކަން ޔަޤީންކުރެވެއެވެ. އޭނާ ކޮފީތަށި ހިފައިގެން ހިނގައިގަތްއިރު އޭނާގެ މޫނުމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އަނެއްކާ އޭނާ ކުރީ ކީއްބާވައެޗެ. އޭނާ އެ ކޮފީތަށްޓަށް އެއްޗެއް އެޅީބާވައެވެ.

ކޮފީތަށި ބޮއި ހުސްކޮށްލުމުން ނާޒް އައިސް ޖޯޑު ގެންދިޔައެވެ. އޭނާ ގޮސް ޖޯޑު ދޮވެލާފައި އައިސް އޭނާގެ ގޮނޑީގައި އިށީނދެ އެއްމިޔަކަނުން ހީލަމުން ޔޫޝައުއަށް ބަލާލިއެވެ. ޔޫޝައު މަސައްކަތަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ ލޮލަށް ނިދި ސަވާރުވަމުން ދިޔައެވެ. އިރުއިރުކޮޅާ އާފުރިލާތީ ނާޒްއަށް އޭނާގެ މަންޒިލާއި ވަރަށް ކައިރިވެއްޖެކަމުގައި އިހުސާސްކުރެވުނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ޔޫޝައުއަށް ރަނގަޅަށް ނިދޭނެ ވަގުތަކަށެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށްވެސް ނުޖެހުނެވެ. ޔޫޝައުއަށް އިތުރަށް މަސައްކަތް ކުރިއަށް ނުގެންދެވިގެން ގޮނޑީގައި ރަނގަޅަށް ލެނގިލައި ދެލޯ މަރާލީ ގެއަށް ދެވޭނެހާވަރުވެސް އޭނާ ގައިގައި ނެތީމައެވެ. ނާޒް ކެބިންއިން ނުކުމެ އޮފީސްތެރެއަށް ނަޒަރު ހިންގާލިއިރު އޮފީސް ނިންމާފައި އެންމެން ގެއަށް ހިނގައްޖެއެވެ.

“މިރޭ މީ އަހަރެންގެ ރޭ.. ލައްކަ ދުވަސްވެއްޖެ އަހަރެން މި ފުރުސަތަށް ބަލަބަލާ ހުންނަތާ..” ޔޫޝައުގެ ކައިރީ އުޑަފައިން އިށީންނަމުން ނާޒް މަޑުމަޑުން ބުނެލިއެވެ. އެކަކުވެސް ނެތްކަން އެނގޭތީ އޭނާ އަވަސް ހަރަކާތަކާއެކު ޔޫޝައުގެ ބެލްޓު ނައްޓާލިއެވެ. ފަޓުލޫނުގެ ޒިބު ތިރިއަށް ދަމާލިއެވެ.

**********

“ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ؟ މިހާރު ކިތައްފަހަރު ގުޅައިފިން؟ ނޭނގޭތަ މިހާ ލަސްވީމަ އަހަރެން ހާސްވާނެކަމެއް..” ނިހާދު ގެއަށް އައިސް ވަތްތަނާ އޭނާގެ އަންހެނުން ނީނާ ހިތްހަމަނުޖެހިފައ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“ފޯނު ސައިލެންޓަށް ލެވިފަ އޮތީމަ ނޭނގުނީއޭ ގުޅިކަން..” ނިހާދު އެހެން ބުނަމުން ޖީބަށް އަތްލީ ފޯނު ނަގަންވެގެންނެވެ.

“ފޯނު!!؟” ހައިރާންވެފައި ނިހާދުއަށް ބުނެލެވުނީ އޭނާގެ ޖީބުގައި ފޯނު ނެތީމައެވެ.

“އަދި އާދެވުނުލެއް އަވަސްކަމުން އެ ބާއްވާފަ ދޯ ތިއައީ..”

“ނީނާ ކިހިނެއްތަ ތިއުޅެނީ މިހާރު؟ އަހަރެން ނީނާ ގާތު ބުނީމެއްނު އޮފީހުގެ އަހަރީ ދުވަހަށް ކޮންމެހެން ނިންމަންޖެހޭ ކަންތައްތަކެއް ނިންމަންޖެހޭތީއޭ ރޭގަނޑު އޮފީހަށް ދާން މިޖެހެނީ.. ކުރިންނެއް ނުޖެހެއެއްނު ރޭގަނޑު އޮފީހަށް ދާކަށް.. މިކަން ނިމުނީމަ އެ ނިމުނީއޭ އަނެއްކާވެސް.. އަހަރީ ދުވަސް އަންނާތީ ހަމަ މާ ބުރައީ މިދުވަސްކޮޅު.. ހުކުރު ދުވަހުގެ ރޭ މިކަން ނިމޭނެއެއްނު.. ތިންދުވަހަށް ކެތްކޮށްލަބަލަ ދޫނީ..” ނީނާގެ ކޮލުގައި ހިފާލަމުން ނިހާދު ވަރަށް ލޯބިން ބުނެލިއެވެ. ނީނާ ތުން އަނބުރާލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. ނީނާގެ ފަހަތުން ނިހާދުވެސް ކޮޓަރިއަށް ވަނެވެ.

“އަހަރެން އަންނަންދެން ނުނިދާ މަޑުކުރައްޗޭ ޕްލީޒް.. އަހަރެން ވަރަށް އަވަހަށް އަންނާނަން އޮފީހަށް ގޮސް ފޯނު ހިފައިގެން..” ނިހާދު އެހެން ބުނެލާފައި ނުކުތުމުން ނީނާ އަނެއްކާވެސް ތުން އަނބުރާލިއެވެ.

ނިހާދު ސައިކަލުގައި ދިޔައިރުވެސް އޭނާއަށް ވިސްނެމުންދިޔައީ އޭނާގެ ދިރިއުޅުމާއިމެދުއެވެ. ކައިވެންޏަށް ހަތަރު އަހަރު ވީއިރުވެސް އެމީހުންނަކަށް ދަރިއަކު ނުލިބުނެވެ. އޭނާވެސް ދަރިއަކު ބޭނުންވެއެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައި ނެތީ ކަންނޭނގެއެވެ. ޑޮކްޓަރަށް އެތައް ފަހަރަކު ދެއްކުމުންވެސް ބުނެފައިވަނީ މައްސަލަ ހުރީ އޭނާގެ ކަމުގައެވެ. ނަމަވެސް ނީނާގެ ޝަކުވާތައް ހައްތަހާ ދިޔައީ ގިނަވަމުންނެވެ. ނިހާދު ވަޒީފާގެ ބުރަކަމުގެ ބަހަނާގައި އޭނާގެ އިހުސާސްތަކަށް ޤަދަރުނުކޮށް ދަރިއަކު ހޯދަން ނޫޅެނީކަމަށް ބުނެއެވެ.

އޮފީހަށް ދެވުމާއެކު ލަސްނުކޮށް ނިހާދު ދިޔައީ އޭނާގެ ކެބިންއަށެވެ. އޮފީހުގެ އެހެން ހުރިހާ ދިމާލެއްވެސް އަނދިރިކޮށްލާފައިވާއިރު ޔޫޝައުގެ ކެބިން ދިއްލާފައި ހުރުމުން އަދިވެސް ޔޫޝައު ގެއަށް ނުދަނީތާއޭ އޭނާގެ ހިތަށްއެރިއެވެ. އޭނާ ގޮސް ފޯނު ނަގައިގެން ގެއަށް ދާން ހިނގައިގަނެފައިވެސް ޔޫޝައުގެ ކެބިން ބަލާލުމުގެ ޝައުޤުވެރިކަން އުފެދުނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ ގޮސް ޔޫޝައުގެ ކެބިންގެ ލޯގަނޑުން އެތެރެ ބަލާލިއިރު ފެނުނު މަންޒަރަކުން އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ޔޫޝައުގެ މޭޒު ބިއްދޮށުން އެ ބޯ ހިއްލާލީ ނާޒް ނޫން އެހެން މީހެއްނޫނެވެ. ޔޫޝައުގެ ގޮނޑީގެ ލެނގޭބައި އިނީ ދޮރާއި ފުރަގަސްވާ ގޮތަށްކަމުން އޭނާއަށް ޔޫޝައުގެ މޫނެއް ނުފެނެއެވެ. ނާޒްގެ މޫނުމަތި ފެނުމުން ނިހާދަށް އަނގައަށް ވައްތަރެއް ޖައްސާލެވުނެވެ. އިތުރަށް ބަލަން ބޭނުން ނުވާތީ އޭނާ ތެދުވަން އުޅުނު ވަގުތު ނާޒް ޔޫޝައުގެ ގޮނޑި މޭޒާއި ދިމާއަށް އަނބުރާލިއެވެ. ޔޫޝައުގެ ދެލޯ މެރިފައިވާތަން ފެނުމުން ނިހާދަށް ވީގޮތް ގާތްގަނޑަކަށް އެނގުނެވެ. ނަމަވެސް އޭނާ އެކަން ޔަޤީންކޮށްފައި ނޫނީ ގޮތެއް ނުނިންމާނެއެވެ. ކިތަންމެ ދުވަހަކު އެކުގައި އުޅުނުނަމަވެސް މީހެއްގެ ގޮތެއް ނޭނގޭނެއެވެ.

ޖެހިގެން އައި ދުވަހެވެ. ނާޒް އޮފީހަށް އައިއިރު އެހެން ދުވަސްދުވަހާ ތަފާތެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު އޭނާ ލައިގެން ހުރީ ގަޔަށް ބާރުކޮށް ހުރި ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެކެވެ. ލާފައި ހުރި ގަމީހުގެ ތުނިކަމުން ގައި އެނގެއެވެ. އޭނާ އޮފީސްތެރެއަށް ވަދެގެން ދިޔައިރު ގިނަ ފިރިހެނުންތައް ތިބީ ކަޅިޖަހާނުލާ އޭނާއަށް ބަލާށެވެ. ބައެއްމީހުންގެ މޫނަށް ބަލާލުމުންވެސް އެމީހުންނަށް އަސަރުކޮށްފިކަން އެނގެއެވެ. އަނެއްބަޔަކު ޖެހިގެން ހުރި މީހާ ގާތުގައި ސިއްރުން ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. އަދި ދެން ތިބި ބަޔަކު ނުރުހުންތެރިކަމާއެކު ދުރަށް މޫނު އަނބުރާލިއެވެ. ނާޒް އޭނާގެ ކެބިންއަށް ވަތްއިރު ޔޫޝައުއެއް ނާދެއެވެ. އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާ ގޮސް އޭނާއަށް ޚާއްސަ ކުރެވިފައިވާ ބަޔަށްވަދެ ގޮނޑީގައި އިށީނދެ ހަމަޖެހިލިތަނާ ޔޫޝައު ވަދެގެން އައެވެ. އޭރު ނާޒް އިނީ ދޮރާއި ފުރަގަސްވާ ގޮތަށްކަމުން އޭނާއަކަށް ޔޫޝައު އައިކަމެއް ނޭނގެއެވެ.

ޔޫޝައު ގޮނޑީގައި ހަމަޖެހިލަމުން ލެޕްޓޮޕް ދަބަސް ހުޅުވާލައި ލެޕްޓޮޕް ނަގައި މޭޒުމަތީ ބަހައްޓާލުމަށްފަހު ހުޅުވާލިއެވެ. ހަމަ އެވަގުތު މޭޒުމަތީ ހުރި ފޯނު ރިންގުވިއެވެ. އޭނާ ފޯނު ނެގުމާއެކު ނިހާދު އެދުނީ ކޮންޓްރޯލް ރޫމަށް ވަރަށް އަވަހަށް އައިސްދިނުމަށެވެ. ކިހިނެއްވީތޯ އެހުމުންވެސް ނިހާދު ބުނީ އަވަހަށް އައުމަށެވެ. އައުމުން ހުރިހާ ކަމެއްވެސް އެނގޭނެކަމަށެވެ. ނިހާދު ފޯނު ބޭއްވުމުން ހައިރާންވެފައިހުރެ ޔޫޝައު ކޮންޓްރޯލް ރޫމާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭނާ ކޮންޓްރޯލް ރޫމަށް ވަތްއިރު އެތާނގައި ހުރީ ނިހާދު އެކަންޏެވެ.

“ނިހާދު! ކިހިނެއްވީ؟ ހާދަ ހާސްވެފަ.. މާބޮޑު ކަމެއްވީތަ މިތަނަށް އަންނަން ބުނީ؟” އެއްވެސް އެއްޗެއް ނޭނގޭ ހާލު ޔޫޝައު އަހާލިއެވެ.

“ސަރއަކަށް ހަމަ ނޭނގޭތަ ރޭގަ އެއްވެސް ކަމެއް ހިނގިކަމެއް؟” ނިހާދު ބޭނުންވީ ޔަޤީންކުރާށެވެ.

“ކޮންތާކު؟ މިތާ؟ ރޭގަ ކޮންއިރަކު؟” ޔޫޝައު ހައިރާންކަމާއެކު ސުވާލުތަކެއް ކުރިއެވެ.

“ރޭގަ ބާރައިގެ ފަހުން..”

“ނޭނގެ.. އަހަރެންނަށް މަސައްކަތުގަ އިންދާ ނިދުނީ.. ހޭލެވުނުއިރު ތިނެއް ޖަހަނީ.. ދެން އަވަހަށް ދިޔައީ ގެއަށް.. އިތުރު ކަމެއް ވީކަމެއް ނޭނގެ..” ޔޫޝައު ބުނެލިއެވެ.

“މި ފުޓޭޖް ބަލާލަބަލަ.. އޭރުން އެނގޭނެ މިތާ ވަރަށް ބޮޑު ކަމެއް ހިނގިކަން.. އެވެސް ސަރއަށް..” ނިހާދު އެހެން ބުނެލުމުން ޔޫޝައު ހައިރާންވެފައި ނިހާދުއަށް ބަލާލިއެވެ. އެވަގުތު ނިހާދު ސްކްރީން ދައްކާލިއެވެ.

ފެންނަމުންދިޔަ މަންޒަރު ޔޫޝައުއަކަށް ޤަބޫލުކުރާކަށް ފަސޭހައެއްނުވިއެވެ. ނާޒްއަކީ ހާދަހާ ގޮތެއް ނެތް މީހެކެވެ. އޭނާގެ ގަޔަށް ބޮލަށް އަރަން އެ ކެރުނީ ހާދަހާ ގޮތެއް ނެތީމައެވެ. އެ ފާޑަށް އުޅޭ މީހެއްގެ ގަޔަށް އެރިނަމަވެސް މާ ތާހިރުވީހެވެ. ނާޒްއަށް އެތާނގައި ކެމެރާ ހުރިކަންވެސް ނޭނގެނީ ހެއްޔެވެ؟ އެނގޭނަމަ އެހެން އުޅެފާނެބާއެވެ. ޔޫޝައުގެ ހިތަށްއަރަމުން ދިޔައެވެ.

“ރޭގެ ބައި އެއްކޮށް ޑިލީޓް ކޮށްލާ!” ޔޫޝައު އެހެން ބުނެލުމާއެކު ނިހާދު ފުޓޭޖުން އެރޭ ރެކޯޑްވެފައިހުރި ބައި ޑިލީޓްކޮށްލިއެވެ.

“މިވާހަކަ އެއްވެސް މީހެއް ގާތު ނުބުނާތި!” އަމުރެއް ފަދައިން ޔޫޝައު ބުނެލިއެވެ.

“އަޅުގަނޑު ބުނާނެނަމަ ސަރ ގެނެސްގެން މި ދައްކަންވީ ކީއްކުރަންތޯ؟ އަޅުގަނޑު ބޭނުންނަމަ އެކަކަށް އެކައްޗެއްވެސް ނާންގާ މީތި ލީކްވެސް ކޮށްލެވުނީސް ނޫންތޯ؟ އެކަމަކު އަޅުގަނޑު އެހެން ހަދަން ބޭނުންނުވީ.. އަޅުގަނޑަށް ރޭގަ އޮފީހަށް އާދެވިގެން ފެނުނު މަންޒަރުތަކުން ޝައްކުވެގެން މިއަދު އައިސްފަ ފުޓޭޖް ބެލީ.. ބެލީމަ އެނގުނީ ނާޒް ސަރގެ ކޮފީއަށް ނިދާބޭސް އެޅިކަން.. އެކަމް ކުޑަކޮށް ހައިރާންވެފަ އަޅުގަނޑު މިހުރީ.. އެއީ ނާޒް އެހާ ގަދައަށް ޖެއްސިއިރު ސަރއަށް ހަމަ އެއްވެސް ގޮތެއް ނުވޭތޯ؟ މިދެންނެވީ ހަމަ އެއްވެސް ވަރަކަށް ފީލްނުވޭތޯއޭ ކަމެއްވާހެން..” ނިހާދު ހައިރާންވެފައި އަހާލިއެވެ. ޔޫޝައު ބޯޖަހާލިއެވެ.

“އެކަމަކު ހޭލެވުނުފަހުން އެނގުނު ކަމެއްވީކަން.. އެކަމް ނޭނގޭނެތާ މިކަހަލަ ކަމެއްކަމެއް..” ޔޫޝައު އެހެން ބުނެލުމުން ނިހާދު ހީލިއެވެ.

“ދެން އަޅާނުލާ.. އެކަންވެސް އެ ނިމުނީ..”

“ނޫން.. އަޅާނުލައެއް ނުހުންނާނަން.. މިފަހަރު އެ ނާޒްއަށް ހޭއަރުވާލާނަން..” ޔޫޝައު ހުރީ ވަރަށް ރުޅިއައިސްފައެވެ. ނިހާދުއަށް އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔޫޝައު ހަރު ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އޭރު ނާޒް އިނީ ފޯނެއްގައެވެ. ހަޅޭއްލަވައިގަތުމުގެ ބަދަލުގައި ޔޫޝައު ގޮސް ނާޒްގެ ކެބިން ކައިރީ މަޑުކޮށްލިއެވެ. ނާޒް ދައްކާ ވާހަކައެއް އަޑުއަހާލުމުގެ ބޭނުމުގައެވެ.

“ޒީއަށް އެނގޭތަ؟ ރޭގަ އަހަރެން އޮފީހަށް ވަނީއްސުރެ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ހެދިއްޖެ..” ޔޫޝައުއަކަށް އެކޮޅުން ދައްކާ ވާހަކައެއް އަޑެއް ނީވުނެއްކަމަކު ނާޒްގެ ވާހަކައިން އެކޮޅުން ދައްކަމުންދިޔަ ވާހަކަ ލަފާކޮށްލެވެއެވެ.

“އެއީ ރޭގަ ބޮސްގެ..” ނާޒް ބުނެލި ވާހަކައިން ޔޫޝައުގެ ދެއަތް މުށްކެވިގެން ދިޔައެވެ.

“އާނއެކޭ.. ކީއްވެތަ ދޮގު ހަދަންވީ؟ ބުނަންތަ؟ ސަޅިއޭ..” ނާޒް ހިނިގަނޑަކާއެކު ބުނެލީ ފަޚުރުވެރިކަމާއެކުގައެވެ.

“ޒީ ގާތު އަހަރެން ކުރިންވެސް ބުނިން ދޯ އަހަރެންނަށް ތި ލެކްޗަރ ނުދޭށޭ.. އަހަރެންނަކަށް މިކަމެއް ނުހުއްޓޭނެ.. އަހަރެންނަށް މިހެން ހެދީވެސް އެމީހުން.. އެހެންވީމަ އެއިން އެކަކުގެވެސް ދިރިއުޅުން ރަނގަޅު ގޮތަކަށް ދިޔަޔަކަ ނުދޭނަން..” ނާޒްގެ އަޑުގައިވަނީ ބަދަލު ހިފުމުގެ ރޫޙެވެ. ޔޫޝައު އެތެރެއަށް ވަންނަން އުޅެފައިވެސް އެނބުރި ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ. ދެން ކަންތައް ކުރާނެ ގޮތަކާއިމެދު ވިސްނާލިއެވެ. މޮޅު ޚިޔާލެއް އައުމާއެކު ޔޫޝައު ފޯނު ނަގައި ނާޒްއަށް ގުޅާލިއެވެ. މޭޒުމަތީގައި ހުރި ފޯނު ރިންގުވި އަޑަށް ނާޒް ދިޔައީ ސިއްސައިގެންނެވެ.

“ޒީ! އަހަރެން ފަހުން ގުޅާނަން..” ނާޒް އެހެން ބުނެލުމަށްފަހު އޭނާގެ ފޯނު ބާއްވާފައި މޭޒުމަތީ ހުރި ފޯނުގެ އަތްގަނޑު ހިއްލާލާ ކަންފަތުގައި ޖައްސާލިއެވެ.

“ކޮފީއެއް ހަދާލަދީބަލަ.. އަހަރެން އެބަ ދަން..” ޔޫޝައު އަންނަ ވާހަކަ ބުނުމުން ނާޒް ހައިރާންވިއެވެ. އޭނާއަށް ޔޫޝައުއާ ދިމާ ބަލާލެވުނުއިރު ޔޫޝައުވެސް އިނީ އޭނާއާ ދިމާ ބަލަން ހިނިތުންވެލައިގެންނެވެ. އޭނާ ބަލާލުމާއެކު އެއްލޯ މަރާލިއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވި ނަމަވެސް ހުރިހާ ކަމެއް އެ ހިނގަނީ އޭނާ ހޭލާ ހުއްޓާ އޭނާގެ ލޮލު ކުރިމަތީގައެވެ. ވީއިރު ދެކޮޅު ހެދޭނެ ޖާގައެއް ނެތެވެ. ނާޒް ހިނިތުންވެލަމުން ތުއި ގޮތަކަށް ކޮފީ ހަދަން ދިއުމުން ޔޫޝައު މޫނު ކުނިކޮށްލިއެވެ. ފޫހިވެފައި ހުރެ އޭނާ ގޮސް ނާޒްގެ ކެބިންއަށް ވަނެވެ.

ޔޫޝައު ގޮސް މަޑުކޮށްލީ ނާޒްގެ ފުރަގަހުން ފޫޓެއްހާ ހިސާބުގައެވެ. އޭނާ އެހެން ހުރިއިރު އޭނާގެ ހިތަށް އެއްފަހަރާ އެތައް އެއްޗެއް އަރަމުން ދިޔައެވެ. ނާޒްގެ ގޮތްކުޑަކަމާއި ލަދުކުޑަކަމަށް ހިތާހިތުން އެތިވަރު ގޮވަމުން ދިޔައިރު، ނާޒްގެ ގައިން ދުވަމުން ދިޔަ މީރު ވަހުންނާއި ލާފައިވާ ހެދުމުގެ ސަބަބުން އޭނާގެ ހިއްސުތަކަށް ވާންކުރަމުން ދިޔައެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރަމުން ދިޔައިރު ޝައިޠާނާ ދިޔައީ އޭނާގެ ސިކުނޑިއަށް ނުބައި ޚިޔާލުތައް ވެއްދުމަށް މަސައްކަތް ކުރަމުންނެވެ.

“އަދިވެސް ނުނިމޭތަ؟” ދާދި ގާތުން ޔޫޝައުގެ އަޑު އިވުމުން ނާޒް ސިހުނެވެ.

“ނޫން ސަރ.. މި ނިމުނީ..” ނާޒް އަވަސްއަވަހަށް ބުނެލިއެވެ.

“ސަރއެއް ނޫން.. ބޭބީ..” ޔޫޝައު އެހެން ބުނެލާފައި ކައިރިވެލުމުން ނާޒް ކުޑަކޮށް ހާސްވިއެވެ.

“ސަރ! ކޮފީ..” ޔޫޝައުގެ މޭގައި އަތްއަޅައި ދުރުކޮށްލަމުން ނާޒް ބުނެލިއެވެ.

“އިހަށް ކޮފީ ބަހައްޓަބަލަ.. މިވަގުތު މީ ނާޒްގެ ބޮސްއޭ ހީނުކުރޭ.. ހީކުރޭ މީ ނާޒްގެ ލޯބިވެރިޔާއޭ..” ޔޫޝައު އަނެއްކާވެސް ނާޒްގެ މޫނާއި ގާތްވެލުމުން ނާޒް ދުރަށް މޫނު އަނބުރާލިއެވެ.

“ސަރ.. ތީ ރަނގަޅު ގޮތެއްނޫން.. މީހަކަށް ފެނިދާނެ.. އޭރުން ކަމަކު ނުދާނެ.. ސަރ ތީ މީހެއްގެ ފިރިއެއް.. އަޅުގަނޑު މީ މީހެއްގެ އަނތްބެއް..” ނާޒް އެހެން ބުނެލުމުން ޔޫޝައުގެ އެތެރެހަށި އަނދައިގަތް ކަހަލައެވެ.

“ކީއްތަ ވާނީ؟ މީ ޕްރައިވެޓް އޮފީހެކޭ.. މިތަނުގަ އަހަރެން ބޭނުން ކަމެއް ކުރެވޭނެ.. އެކަކަށްވެސް ނޭނގޭނެ.. މިތާ ތިބޭއިރު އެކަކަށްވެސް ނުފެންނާނެ.. ހިނގާބަލަ..” ޔޫޝައު އެހެން ބުނެލުމުން ނާޒް ބޯޖަހާލަމުން އޭނާ ލައިގެން ހުރި ގަމީހުގެ މޭމަތިން ދެގޮށް ނައްޓާލިއެވެ.

“ކާކު ބުނީ އިތުރަށް އޮރިޔާންވާށޭ؟” ޔޫޝައުގެ އަޑު ކުއްލިއަކަށް ބާރުވުމުން ނާޒް ސިހިފައި ބަލާލިއެވެ. ޔޫޝައު ދުރަށް މޫނު އަނބުރާލީ ނާޒް ހުރިގޮތުން އިތުރަށް ނުބަލަންވެގެންނެވެ.

“ސަރއެއްނު ބުނީ ހިނގާށޭ..”

“ރައިޓް.. އަހަރެން ބުނިންތަ ވަކި ކަމެއް ކުރާ ވާހަކަ؟ ނުބުނަމެއްނު ދޯ.. ހީނުކުރައްޗޭ ތިކަހަލަ ރަންޑިއެއްގެ މަޅީގަ އަހަރެން ޖެހޭނެޔޭ.. މިތާ ކިތަންމެ ސިއްރުން ކަމެއް ކުރިޔަސް އެނގޭނެ..” ޔޫޝައު އެހެން ބުނެލުމުން ނާޒް އިސްޖަހާލިއެވެ.

“އަދިވެސް ތިހެން ތި ހުންނަނީ ކީއްވެފަތަ؟ ތި ހުރިގޮތަށް ނެރެ އޮފީސް އެންމެން އެއްކުރީމަތަ މައިތިރިވާނީ؟” ޔޫޝައު ހަޅޭއްލަވައިގަތުމުންވެސް ނާޒް ހަމަ ހުރިގޮތަށް ހުރީއެވެ.

“ނެރެންވީ ދޯ؟ މިހާރުވެސް މިތާ ހުރި ކެމެރާތަކަށް ހުންނާނީ ތިހުރިގޮތަށް އަރާފަ..” ޔޫޝައު އެހެން ބުނެލުމުން ނާޒް ސިހިފައި ޔޫޝައުއާ ދިމާ ބަލާލާފައި އަވަހަށް ގަމީހުގެ ގޮށް އަޅުވާލިއެވެ. ޔޫޝައު ނާޒްއާ ދިމާއަށް އެނބުރިލިއިރު ނާޒް ހުރިގޮތުން އޭނާ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

“ބިރުގަނެއްޖެ ދޯ؟ އެހެންވީމަ ދެންވެސް އެކަހަލަ ކަންކަން ނުކުރަންވީ.. ކަލޭ ހީކުރީތަ އަހަރެންނަށް އެއްވެސް ކަމެއް ނޭނގޭނެޔޭ.. ރޭގަ ކަލޭ އަހަރެންނަށް ހެދި ހުރިހާ ގޮތެއްވެސް އަހަރެންނަށް އެނގޭ.. އެވަގުތު އަހަރެންނަށް ނުހޭލެވުން އެއީ ކަލޭގެ ނަސީބު.. އެހެން ނޫންނަމަ މި މާލޭގެ މަގުމައްޗަށް ގިނަކޮށްލީމުސް.. އޭރުން ހުންނާނީ ހުވަފެން ހަޤީޤަތަކަށް ހެދިފަ..” ޔޫޝައު ރުޅިވެރިކަމާއެކު ބުނެލިއެވެ.

“އޭރުން ހާދަ ސަޅިވާނެޔޭ ދޯ؟ ވަގުތުން ސޯޝަލް މީޑިއާގަ ފޮޓޯތަކާ ވީޑިއޯތައް ވައިރަލްވެގެން ދާނެ.. އޭރުން އެއްބުރުން މަޝްހޫރުވީ.. އޭރުން ޚިދުމަތް ހޯދަން ދާ ކަސްޓަމަރުންގެ އަދަދުވެސް ހާހުން މައްޗަށް އަރާނެ.. އޭރުން މި އޮންނާނީ ބޭނުން ވަރަކަށް ލިބެން..” އަތުން ފައިސާ ދޭހަކޮށްދޭ އިޝާރާތެއް ކޮށްލަމުން ޔޫޝައު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“އޭތް.. ރެޔަކަށް ކިހާވަރެއް؟” ޔޫޝައު އެހެން ބުނެލުމާއެކު ނާޒް ޔޫޝައުގެ މޫނާއި ދިމާއަށް އަތް މަޅައިގަތެވެ. ނަމަވެސް ޔޫޝައު ހުޝިޔާރުކަމާއެކު ނާޒްގެ އަތުގައި ހިފެހެއްޓިއެވެ.

“ހޯހޯ.. ގޯސް ހަދަން ނޫޅޭ.. ތިމާގެ އަތުން ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުނީމަ އެހެން މީހުންނަށް ކޮންވަރެއް ބާލާކަށް؟ ތިހިރީ ވަޒީފާއިން ވަކިކޮށްފަ.. މިހާރު ހުންނާނީ އަހަރެންގެ ފަރާތުން އުފާ ހޯދިފަ.. ނުކުމޭ މިތަނުން!” ޔޫޝައު ހަރުކަށިކަމާއެކު އަމުރުކުރިއެވެ. ނާޒް ފާޑަކަށް އަނގަ ރޮވިފައި ހުރެ އޭނާގެ އަތްދަބަހާއި ފޯނު ހިފައިގެން ބާރު ހިނގުމެއްގައި ގޮސް ކެބިންއިން ނުކުތެވެ. އޭނާގެ ޔޫޝައުގެ ކެބިންއިން ނުކުމެވުނީ ނިހާދުގެ ކުރިމައްޗަށެވެ. ނިހާދުއަށް ނާޒް ހުރިގޮތް ފެނުމާއެކު ވީގޮތް އެނގި އިޚްތިޔާރަކާއިނުލާ ހެވުނެވެ.

“ކީއްވެ މޮޔައެއްހެން ފާޑަކަށް ތިހެނީ؟ އީޑިއަޓް..” ނިހާދުއާ ދިމާއަށް ހަޅޭއްލަވައިގަތުމަށްފަހު ނާޒް ދިއުމުން ނިހާދު ދެފަރާތަށް ބޯހޫރާލިއެވެ.

“ކަލޯ ކިހިނެއްތަ އެމަންޖެއަށް އެވީ؟” ނިހާދުއާ އެއް ޑިޕާޓްމެންޓެއްގައި މަސައްކަތްކުރާ ނަވާލް އަހާލިއެވެ.

“ރަނގަޅަށްވިއްޔާ ބޮސް އޭނައަށް ފޮޅާލީކަމަށް ވާނީ.. އެހެންނޭ ވާނީ.. އެހެރީވިއްޔަ ލައިގެން އައި ހެދުން.. އޭނަ ހިތުން ދެން އެންމެން އުޅޭނީ އެކަމާ އަސަރުކޮށްގެން އޭނަ ފަހަތުން.. އެކަހަލަ ސަތޭކަ އަންހެނުން ފެނުނަސް އަހަރެމެން ކަހާތަން ހިރުވާވެސްނުލާނެ..” ނިހާދު ވަރަށް ގަދަވެލާފައި ބުނެލިއެވެ.

“ތެދެއް ތިބުނީ.. އެކަހަލަ ގޮތެއްނެތް އަންހެނަކު ފެނިގެން އަހަރެމެން ހިތަށް ނާރާނެ އެއީ ހުވަނދެކޭވެސް..” ނަވާލްވެސް ނިހާދުއާ އެއްބައިވިއެވެ.

“އޭތް.. އަހަރެން އައިއިރު އެއްކަލަ ނާޒް އެބަދޭ ގެއަށް.. ފާޑަކަށް ރޮވިފަ ހުރީ..” ބޭރުން އައިސް ޖެހިގެން ހުރި ކޮށިގަނޑަށް ވަތް ނަތާޝާ ބުނެލިއެވެ.

“ތީ އަހަރެމެންނަށް އާ ޚަބަރެއް ނޫން ދޯ ނަވާލް..” ނިހާދުގެ ވާހަކައަށް ނަވާލް ބޯޖަހާލިއެވެ.

“ރޮވިފައޭ!! އޭނައަށް ރޯންވެސް އެނގޭތަ؟” މަލާމާތުގެ ރާގަކަށް ނަވާލް ބުނެލިއެވެ.

“އެއްކަލަ ނަވާ.. މި ފިރިހެނާ ދުވަހަކު ސީރިއަސްއެއް ނުވާނެ..” ނަތާޝާ ދެފަރާތަށް ބޯ ހަލުވާލަމުން ބުނެލިއެވެ.

“އަހަރެންނަށް ހީވަނީ ރީތި ބޮނޑިއެއް ބޮއިގެން ކަންނޭނގެ އެ ދިޔައީ..” ނިހާދު ބުނެލިއެވެ.

“ތިބުނީ ކީކޭ؟” ނަތާޝާއަކަށް އޮޅުމެއް ނުފިލިއެވެ.

“އަދި ވިސްނޭނެ މިބުނި އެއްޗެއް..” ނިހާދު އެހެން ބުނެލަމުން އޭނާގެ މަސައްކަތަށް ރުޖޫޢަވިއެވެ.

**********

އައިކާ އެނދުގައި އޮށޯވެލައިގެން އޮތްއިރު އޭނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ޔޫޝައުއަށް އަދިވެސް ހަޤީޤަތް ނޭނގެނީ ހެއްޔެވެ؟ ނޫނީ ޔޫޝައު ހަމަ ހަޤީޤަތުގައިވެސް އޭނާ މަތިން ފޫހިވީ ހެއްްޔެވެ؟ ހަށީގައި ފުރާނަ ހުރިހާ ދުވަހަކު ވަކިނުވާނަމޭ ބުނެ ވީހާ ވަޢުދުތަކުގައި އެއްވެސް އަގެއް ނެތީ ހެއްޔެވެ؟ ޔޫޝައު އަހަރެންދެކެ ލޯބި ނުވަނީ ހެއްޔެވެ؟ އަހަރެންނަށް މިނޫން ގޮތެއް ނެތީ ހެއްޔެވެ؟ ޔޫޝައުއަށް ނަފުރަތުކުރަން އުޅެ އެކަމެއްވެސް ނުވިއެވެ. ޔޫޝައު އެގޮތަށް ކަންތައް ކުރުމަށްފަހުވެސް އަހަރެންގެ ހިތުގައި އޭނާއަށްޓަކައި އުފެދުނު ލޯތްބަށް އެއްވެސް ބަދަލެއް ނައީ ކީއްވެ ހެއްޔެވެ؟ އައިކާގެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު ދޮރު ހުޅުވާލި އަޑު އިވުމުން އޭނާ އަވަސްއަވަހަށް ދެލޯ ފޮހެލަމުން ތެދުވެ އެނދުގެ ފަޑީގައި ލެނގިލިއެވެ.

“ދަރިފުޅާ! މިއަދު ކާންވެސް ނުނިކުންނަނީތަ؟ ބައްޕަ މިއައީ ދަރިފުޅު ކާން ނުނިކުންނަ ވާހަކަ މަންމަ ބުނީމަ ދަރިފުޅު ބަލާ.. ހިނގާ ކާން..” އައިކާގެ މަގަތުގައި އިށީނދެ އައިކާގެ ބޮލުގައި ފިރުމާލަމުން ނާޒިމް އޯގާތެރިކަމާއެކު ބުނެލިއެވެ.

“ކާހިތެއް ނެތް..”

“ދަރިފުޅާ! ތިހެން އުޅޭކަށް ނުވާނެ.. މިއަދު ހޭލީއްސުރެ އެއްވެސް އެއްޗެއް ނުކަޔޯ މަންމަ ބުނީ.. ދެން ބޮޑާނުހާކާ ހިނގާ ދާން..” ނާޒިމް އައިކާގެ އަތުގައި ހިފައިގެން ތެދުވަން އުޅުނެވެ. އައިކާ ހަމަ އިންތަނުން ގުޑިވެސްނުލިއެވެ. އެހެންކަމުން ނާޒިމް އަނެއްކާވެސް އައިކާގެ ގާތުގައި އިށީނެވެ.

“ދަރިފުޅާ!”

“ބައްޕާ! އަހަރެންނާ ދޭތެރޭ ނުވިސްނާ.. އަހަރެންނަކީ އެހާވަރުގެ މީހެއްނޫން.. އަހަރެންނާހެދި އެންމެނަށްވެސް ވަނީ އުނދަގޫ.. ލިބެނީ ދެރަ.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އެއްވެސް މީހަކަށް އެއްވެސް އުނދަގުލެއް ވާކަށް.. އަދި ދެރައެއް ލިބޭކަށްވެސް.. އެހެންވީމަ އަހަރެން މިހެން އޮވެ މަރުވިޔަދީ.. އޭރުން އެކަންވެސް އެ ނިމުނީނު..” އައިކާ އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.

“ތިކަހަލަ ވާހަކަ ނުދައްކާ ދަރިފުޅާ.. ކުފުރުވެދާނެ.. ދުނިޔޭގަ އުޅޭއިރު މިކަހަލަ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހޭނެ.. ކަމެއް ދިމާވާ ކޮންމެ ފަހަރަކު ތިހެން ނުކައި ނުބޮއި އުޅޭކަށް ނުވާނެ..” ނާޒިމް ބެލީ އައިކާއަށް ވިސްނައިދެވޭތޯއެވެ.

“އަހަރެންނަކީ އެއްވެސް މީހަކަށް މުހިންމު މީހެއްނޫން.. އެހެންވީމަ އަހަރެންނަށް ގޮތެއްވެގެން ދެރަވާނެ މީހަކު ނުހުންނާނެ..” އައިކާ އަދިވެސް އިނީ އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާ އެހެން އިންދާ އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.

“ތިހެން ނުބުނޭ ދަރިފުޅާ.. އެކަކަށް މުހިންމު ނުވިޔަސް ބައްޕައާ މަންމައަށް ދަރިފުޅު ވަރަށް މުހިންމު.. ބައްޕަމެންގެ ހުރިހާވެސް އުއްމީދަކީ ތީ.. އެހެންވީއިރު ދަރިފުޅަށް ދެރަގޮތެއް ވެއްޖެއްޔާ ބައްޕަމެން ކިހާ ދެރަވާނެ..”

“މަންމަ ނުވާނެ ދެރައެއް.. މަންމައަށް އަހަރެންނަށްވުރެ މާ މުހިންމު މީހުން މިހާރު އެބަތިބި.. ބައްޕަ ދޭ.. އަހަރެން ނުކާނަން..” އައިކާ އެހެން ބުނެލުމުން ދޮރު ކައިރީ އެ ދެބަފައިންގެ ވާހަކަ އަޑުއަހަން ހުރި ސަނާ ވަރަށް ދެރަވިއެވެ. އޭނާ އައިކާއަށް ރުޅި މޫނު ދައްކައިގެން އުޅުނީ އައިކާދެކެ ލޯބިނުވާތީއެއް ނޫނެވެ. އޭނާ އެގޮތަށް ކަންތައް ކުރީ އައިކާއަށް އެއްޗެއް ވިސްނޭތޯއެވެ. ނަމަވެސް އައިކާ ވިސްނިގޮތް އެނގުމުން އޭނާ ވަރަށް ހިތުގައި ޖެހުނެވެ. އޭނާ އިތުރަށް އެތާ މަޑުނުކޮށް ބަދިގެއަށް ދިޔައީ އުނދުން މައްޗަށް އެއްޗެއް އުދާފައި އުޅޭތީއެވެ.

“ދަރިފުޅު ކާން ބޭރަށް ނުނިކުންނަންޏާ ބައްޕަ މި އަންނަނީ ކާނެ އެއްޗެއް ހިފައިގެން..” ނާޒިމް އެހެން ބުނެފައި ހިނގައިގަތުމުން އައިކާ އޭނާ ހުއްޓުވިއެވެ.

“ދަރިފުޅު މިހާރު ވަރަށް ވިސްނަންވާނެ.. މިހާރު ދަރިފުޅު ކުރާ ކޮންމެ ކަމެއްގެ އަސަރު ބަނޑުގައި ތިއޮތް ދެކުދިންނަށް ކުރާނެ.. ބައްޕަ އެބަ އަންނަން..”

“ނޫން ބައްޕާ.. ބައްޕަ ތި ބުރަ އުފުލާނެކަމެއް ނެތް.. އަހަރެމެންނަށް ރަނގަޅު މޮޅުގޮތް ހޯދައިދޭން ބައްޕަ ވާވަރަށް ބުރަ އުފުލައިފި.. އަހަރެން މިދަނީ.. ބައްޕަ ދޭ..” އައިކާ އެހެން ބުނެލުމުން ނާޒިމް ހީލަމުން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.
ނާޒިމް ދިއުމުން އައިކާ ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ބަދިގެއަށް ދިޔައީ އޭނާ ނުގޮސްފިނަމަ ނާޒިމް އަނެއްކާވެސް އަންނާނެކަން އެނގޭތީއެވެ. ބަދިގެ ދޮރާއި ހިސާބުން އައިކާއަށް ހުއްޓެވުނީ ސަނާއާއި ނާޒިމް ވާހަކަ ދައްކާއަޑު އިވުމުންނެވެ.

“އަހަރެން ހިއެއް ނުކުރަން އައިކާ އަހަރެމެންނާ ދޭތެރޭ އެހާ ގޯސްކޮށް ވިސްނާ ކަމަކަށް.. އަހަރެން އޭނަދެކެ ލޯބިވާވަރު ދެނެވޮޑިގެންވާނީ މާތް ﷲ.. އައިކާގެ އުފަލަށް އަހަރެމެން ނުކުރަނީ ކީއް؟ ނުކައި ތިބެވެސް އައިކާގެ ދުލުން ބުނިއްޔާ ބުނިކަމެއް ކޮށްދީގެން އުޅުނީ.. އެކަމަކު މިއަދު އަހަރެމެންނަށް އޭނަ މުހިންމެއް ނޫނޭ ބުނިއިރު އެކައްޗެކޭވެސް ހިތަކަށް ނޭރި.. އަހަރެން އޭނައާ ދިމާއަށް ބާރަށް އެއްޗެކޭވެސް ބުނަނީ ރީތިކޮށް ބުނީމަ އޭނައަށް ނުވިސްނޭތީ.. އޭނަވެސް އެހެން މީހުންނާ ދިމާއަށް ހިތަށް އައިހާ އެއްޗެއް ކީމަ އެހެން މީހުންވެސް ދެރަވާނެކަން އިހުސާސްކޮށްދޭންވެގެން.. އެކަމަކު އޭނަ ހިތުގަ ޖެހޭނެ ކަހަލަ ހަޑިހުތުރު އެއްޗިއްސެއް ނުކިޔަން.. އަހަރެންނަށް އެނގޭ އޭނަ އެހާ ރުޅިއެއް އެ އަންނަނީ ކީއްވެގެންކަން.. މާޒްގެ ވާހަކަ ދައްކާތީ.. ހެޔޮ ކިތަންމެ ރުޅިއަޔަސް.. އަހަރެން މާޒްގެ ވާހަކަ ދައްކާނަން..” ދެރަވެފައި އިނދެ ސަނާ ވާހަކަދެއްކިއެވެ.

“އެކަމާ އެހާބޮޑަށް އަޅާނުލާ.. މިދުވަސްކޮޅު މާބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވޭތީ މާބޮޑަށް ވިސްނެނީ.. އެހެންވެ ބޯގޮވާތީ މާ އަވަހަށް އެ ރުޅިއާދެވި ގޯސް ގޮތްގޮތަށް ވިސްނެނީ..” ނާޒިމް ސަނާއަށް ވިސްނައިދިނެވެ.

“ނާޒިމް ދޭބަލަ އަނެއްކާވެސް ގޮވާލަން.. މިހާރު ކިހާއިރެއް ވެއްޖެ..” ނާޒިމްގެ ވާހަކައަށް އެއްވެސް ޖަވާބެއް ނުދީ ސަނާ ބުނެލިއެވެ.

“އާނ.. މި އަންނަނީ ބަލާލާފަ..” ނާޒިމް ދާން ތެދުވިތަނާ އައިކާ ބަދިގެއަށް ވަނެވެ.

“މަންމާ! އަހަރެންނަށް މާފްކުރޭ.. އަހަރެންނަށް ނުވިސްނުނީ.. އަހަރެންނަށް އެހެން ބުނެވުނީ ހިތުގަ އެއްވެސް އެއްޗެއް އޮވެގެނެއް ނޫން..” ސަނާގެ ގައިގައި ކުޑަކޮށް ބައްދާލަމުން އައިކާ ބުނެލިއެވެ.

“ދެން އަވަހަށް އިށީނދޭ..” ސަނާ ހިނިތުންވެލަމުން ބުނެލިއެވެ.

***********

މާޒްއާ ޒިޔާން ތިބީ ޒިޔާންގެ ގޭ ގޯތިތެރޭ ހުރި އަނބު ގަސްދޮށުގައި ހުރި ޖޯލިފަތީގައެވެ. ދެމީހުން އެކި ވާހަކަތައް ދައްކަމުން ގޮސް ޒިޔާން މާޒްގެ ބައިވެރިއަކު ހޮވައިފިންތޯ ސުވާލުކުރިއެވެ.

“އަހަރެން ތިކަމާ އެބަ ވިސްނަމޭ..”

“ހަމައެކަނި ވިސްނިޔަކަސް ކަމަކު ނުދާނެ.. ނިކަން ކެރިގެން ކުރިމަތިލާބަލަ.. ކުރިން އައިކާއާ ކުރިމަތިލީހެން ކެރިގެން ކުރިމަތިލާބަލަ..” ޒިޔާން މާޒްގެ ފައިމަތީ ޖަހާލަމުން ބުނެލިއެވެ.

“ކީއްވެތަ އެހާވަރަކުން އަހަރެން މީހަކާ ނީނދެގެން ތިއުޅެނީ؟” މާޒް އަހާލިއެވެ.

“ތިހެން އުމުރު ބޭކާރުކޮށްލާތީ..”

“އަދި ނުވެއެއްނު މީހަކާ ނީނދެވިގެން ތެޅިފޮޅިގަނެގެން އުޅޭކަށް..” މާޒް ބުނެލިއެވެ.

“ދެން އެހެންވިއްޔާ ހަންޓޯޓޯވެގެން ގޮސް އަދުތޯ މާދަންތޯ ވީމަތަ މީހަކާ އިންނަން ތިހުންނަނީ؟” ޒިޔާން އަނގައަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. މާޒް ހަމައެކަނި ހީލުމަކުން ފުއްދާލީއެވެ.

“އަހަރެން ކިހާ ރަނގަޅު ކުއްޖެއް މާޒްއަށް ދެއްކީ.. އެކަމް ތިހިރަ ކޮށި ސިކުނޑިއަކުން ވިސްނާ ގޮތުން އަހަރެން ހަމަ ހައިރާންވޭ..” ޒިޔާން ބުނެލިއެވެ.

“ތިހެން ބުނީމަ މި ހަނދާންވީ.. ކުރިން ދުވަހު ނަޝްވާ ގުޅި..” މާޒް ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.

“ކީކޭ ބުނީ؟”

“އޭނަ އަހަރެންދެކެ ލޯބިވާ ވާހަކަ ބުނީ..” ކުޑަކޮށް ޖެހިލުންވެފައި މާޒް ބުންޏެވެ.

“ނާ ހަމަ ތެދެއްތަ؟” މާޒް ބޯޖަހާލިއެވެ.

“މަރުޙަބާ މަރުޙަބާ.. އަވަހަށް ތިކަން ނިންމަން އުޅޭ.. މާޒްގެ ނަސީބުވެސް ރަނގަޅީ..” ޒިޔާން ބުނެލިއެވެ.

“އެކަމަކު އަހަރެން ބޭނުމެއްނޫނޭ އޭނަޔާ ދޭތެރޭ އެކަހަލަ ގޮތަކަށް ވިސްނާކަށްވެސް..”

“ކޮބައިތަ މައްސަލައަކީ؟ މާޒް! އަހަރެން ބުނަންތަ ވާހަކައެއް.. ތިމާދެކެ ލޯބިވާ މީހަކު ލިބޭނީ ވަރަށް ނަސީބު ރަނގަޅު މީހަކަށް.. ވިސްނަބަލަ.. މާޒް އައިކާދެކެ ވަރަށް ލޯބިވެއެއްނު.. އެކަމް އައިކާ ލޯތްބެއް ނުވޭ ދޯ މާޒް ދެކެއެއް.. އެހެންވީމަ މާޒް އައިކާއާ ގުޅުނުނަމަ މާޒްއަށް ރަނގަޅު ދިރިއުޅުމެއް ލިބޭނެތަ؟ އައިކާގެ އެއްވެސް އަޅާލުމެއް ނުލިބޭނެ ދޯ އޭނަ މާޒްދެކެ ލޯބިނުވަންޏާ.. އެކަމަކު މާޒްދެކެ ލޯބިވާ މީހަކާ ގުޅިއްޖެއްޔާ މާޒްއަށް ގޯސްކޮށް ކަންތައް ކުރެވުނަސް އޭނަ ކަންތައް ކުރާލެއް އާއްމުކޮށް ރަނގަޅުވާނެ.. އޭނަގެ ރަނގަޅު ކަންކަން ފާހަގަކުރެވި މާޒްގެ ހިތް އޭނަގެ މައްޗަށް ލެނބެން ފަށާނެ.. އެއީ އަންހެނުންނަށްވުރެ ފިރިހެނުންގެ ހިތް ބަދަލުވާލެއް އަވަސްވާނެ..” ޒިޔާން ވަރަށް ދަންނަ މީހަކު ފަދައިން ކިޔައިދިނެވެ. ޒިޔާންގެ ވާހަކަތަކަށް މާޒް ބޯޖަހާލިއެވެ.

“ދެން މިވަގުތު އަހަރެން ގޮސްލަނީއޭ.. އަދި ފަހުން އަންނާނަން..” މާޒް އެހެން ބުނެލުމުން ޒިޔާންވެސް އެންމެ ރަނގަޅޭ ބުނެލިއެވެ.

**********

ދުވަސްތައް ފާއިތުވަމުން ގޮސް އައިކާގެ ބަނޑަށް ދުވަސް ފުރިއްޖެއެވެ. ނާޒިމްއާއި ސަނާ އައިކާ ގޮވައިގެން މާލެ ދިޔައީ އައުފްއާއި އިޝިކާ ބުސްރާއާ ހަވާލުކޮށްފައެވެ. ސްކޫލް ބަންދު ދުވަސްވަރެއް ނޫންވީމައެވެ.

“ދަރިފުޅާ! ޔޫޝައުއަށް އަންގާލަން ވާނެއެއްނު..” ސަނާ އައިކާގެ ގާތުގައި އިށީނދެލަމުން ބުނެލިއެވެ.

“ކީއްކުރަން؟ އޭނަ އަހަރެންގެ ހާލުވެސް ބަލާލިތަ؟ އަހަރެންދެކެ ރުޅިއަޔަސް މި ދެކުދިންނާ ދޭތެރޭ ވިސްނާލިނަމަ އެންމެ ފަހަރަކު ނަމަވެސް ގުޅާލާ ހާލު ބަލާލީހެއްނު.. އެވަރުވެސް ނުކުރީމަ އޭގެ މާނައަކީ އޭނަ މިދަރިންނެއްވެސް ބޭނުމެއްނުވެޔޭ..” އައިކާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ދެން ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން..” ސަނާ އެހެން ބުނެލުމުން އައިކާވެސް ތެދުވިއެވެ.

********

“ލަމް! އަވަސްކޮށްބަލަ.. މިހާރު ކޮންއިރެއް މި ނިމެނީއޭ ކިޔާތާ.. ތިހެން އުޅެގެން މިއަދު ޑޮކްޓަރަށް ނުދެއްކި ނިމޭނީ..” ލަމްހާ ލަސްވެގެން ޔޫޝައު ގޮވާލިއެވެ.

“މި ނިމުނީ.. ހިނގާ ދާން..” ކޮޓަރިން ނުކުންނަމުން ލަމްހާ ބުންޏެވެ.

ލަމްހާގެ އަތުގައި ހިފައިގެން ހޮސްޕިޓަލަށް ވަދެގެން ދިޔައިރު އޭނާއަށް އައިކާ ފެނުނުހެން ހީވިއެވެ. ނަމަވެސް އައިކާ ވިހަން މާލެ އައިސްފިނަމަ އޭނާއަށް އަންގާނެކަމުގައި އޭނާ ޔަޤީންކުރިއެވެ.

އޮޕަރޭޝަން ތިއޭޓަރގެ ދޮރުމަތީގައި ނާޒިމްއާއި ސަނާ ކަންބޮޑުވެފައި ވަގުތުތައް ގުނާލަ ގުނާލާ ތިއްބެވެ.

“ނާޒިމް! އަހަރެން ވަރަށް ބޮޑަށް ފާޚާނާއަށް ދާންވެއްޖެ.. ހިނގާބަލަ..” ސަނާ އެހެން ބުނެލުމުން ނާޒިމް ވަރަށް ކަންބޮޑުވިއެވެ. އޭނާ ސަނާ ގޮވައިގެން ދާތަނުން އައިކާގެ އެހީތެރިއަކަށް ގޮވައިފާނެތީއެވެ. ނަމަވެސް އޭނާ ސަނާ ގޮވައިގެން ފާޚާނާއާ ދިމާއަށް ދިޔައެވެ.

ޔޫޝައު ލަމްހާ ޑޮކްޓަރަށް ދެއްކުމަށްފަހު ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. އޮޕަރޭޝަން ތިއޭޓަރ ހުންނަ ކުޑަ ގޯޅިގަނޑު ހުރަސްކޮށްލި ވަގުތު އޭނާއަށް ހުއްޓެވުނީ އިވުނު އަޑެއްގެ ސަބަބުންނެވެ.

“ޢައިޝަތު އައިކާ ނާޒިމްގެ އެހީތެރިއަކު..” ނަރުސްކުއްޖާ ތަކުރާރުކޮށްލިއެވެ. ލަމްހާއަށްވެސްވީ ހަމަ ޔޫޝައުއަށް ވީވަރެވެ. ދެމީހުންނަށް ދެމީހުންގެ މޫނަށް ބަލާލެވުމާއެކު ޔޫޝައު އޮޕަރޭޝަން ތިއޭޓަރާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން ލަމްހާވެސް ހިނގައިގަތެވެ.

 

“އައިކާގެ އެހީތެރިއަކަށް..” ނަރުސް ކުއްޖާގެ ކައިރިއަށް ހުއްޓިލަމުން ޔޫޝައު ބުނެލިއެވެ.

“މިބޭސް ގެނެސްދެއްވާ..” ނަރުސްކުއްޖާ އެހެން ބުނެލުމުން ޔޫޝައު ބޭސް ސިޓީ ހިފައިގެން ބޭސް ނަގަން ދިއުމަށް އަވަސްވެގަތެވެ.

“ލަމް މިތާ މަޑުކުރޭ.. އަހަރެން އަންނާނަން..” ޔޫޝައު އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތް ވަގުތު ހުއްޓުން އެރީ އެދިމާއަށް އަންނަ ނާޒިމްއާއި ސަނާ ފެނިފައެވެ.

“ބައްޕާ! މަންމާ!” ޔޫޝައު މަޑުމަޑުން ގޮވާލިއެވެ.

“ދަރިފުޅަށް ކިހިނެއް މިތަނަށް އަންނަން އެނގުނީ؟” ނާޒިމް އަހާލިއެވެ.

“އަޅުގަނޑު އައީ ލަމްހާ ޑޮކްޓަރަށް ދައްކަން.. ނިމިގެން ދަނިކޮށް އައިކާގެ އެހީތެރިއަކަށް ގޮވި އަޑު އިވިގެން މި އާދެވުނީ.. ކީއްވެތޯ އަޅުގަނޑަށް އަންގާނުލީ؟” ޔޫޝައުއަށް ޝަކުވާ ކޮށްލެވުނެވެ.

“މީ އައިކާ ބޭނުންވި ގޮތް..” ޖަވާބުދިނީ ސަނާއެވެ.

“އަޅުގަނޑަށް ކަންތައް ކުރެވުނު ގޮތާއިމެދު އަޅުގަނޑު ލަދުވެތިވަން.. އަޅުގަނޑަށް މާފްކުރައްވާ..” ޔޫޝައު މާފަށް އެދުނެވެ.

“އެފަދަ މަންޒަރެއް ފެނުމުން ކޮންމެ މީހަކަށްވެސް ފުން އަސަރުތަކެއް ކުރާނެ.. ރުޅިވެސް އާދެވޭނެ.. އެކަމަކުވެސް ދަރިފުޅަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. އެކަމަކު ދަރިފުޅުގެ ކުށް ޤަބޫލުކޮށް މާފަށް އެދުނީތީ ބައްޕަމެން ދަރިފުޅަށް ހެޔޮހިތުން މާފްކޮށްފިން..” ނާޒިމް ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“ތީ ކޮން ބޭސް ސިޓީއެއް؟” ސަނާ އަހާލިއެވެ.

“އާނ.. މީ އައިކާއަށް ނަގަން ދިން ބޭހެއް.. އަޅުގަނޑު ވަރަށް އަވަހަށް އެބަ އަންނަން..” ޔޫޝައު އެހެން ބުނެލާފައި އަވަސްއަވަހަށް ދިޔައެވެ. ޔޫޝައު ދިއުމުން ސަނާއާއި ނާޒިމް ގޮސް އިށީނީ ގޮނޑިބަރީގައި އިށީނދެގެން އިން ލަމްހާ ގާތުގައެވެ.

“ލަމްހާ! ކިހިނެއް އެކޮއިގެ ހާލު؟” ސަނާ އަހާލިއެވެ.

“އިރާދަކުރެއްވީތީ އަޅުގަނޑުގެ ހާލު ވަރަށް ރަނގަޅު.. ދައްތައާ ބޭބެގެ ހާލު ކިހިނެއްތޯ؟” ލަމްހާ އަހާލިއެވެ.

“އަލްޙަމްދު ލިﷲ.. ވަރަށް ރަނގަޅު..”

“މިހާރު ކިތައް މަސް؟” ސަނާ އަހާލިއެވެ.

“މިހާރު ފަސްމަސް..” ލަމްހާ ހީލަމުން ބުންޏެވެ.

ޔޫޝައުއަށް ބޭސް ނަގައިގެން އާދެވުނީ ނަރުސް ކުއްޖާ ނުކުތްތަނާއެވެ. ނަރުސް ކުއްޖާއާއި ބޭސްކޮތަޅު ހަވާލުކޮށްފައި ޔޫޝައު އައިސް ނާޒިމް ގާތުގައި އިށީނދެލިއެވެ. އިރުކޮޅެއްނުވެ އަނެއްކާވެސް ނަރުސް ކުއްޖާ ނުކުތެވެ.

“ކޮބާ ލޭ ހަދިޔާ ކުރާނެ ފަރާތެއް ހޯއްދެވިއްޖެތޯ؟” ނަރުސް ކުއްޖާ ނާޒިމް ގާތު އަހާލިއެވެ.

“އާދެ.. އަޅުގަނޑުގެ ހުންނަނީ އޯ ޕޮޒިޓިވް ލޭ..” ނާޒިމް އެހެން ބުނެލުމުން ނަރުސް ކުއްޖާ އެދުނީ އޭނާއާއެކު އައުމަށެވެ. ނާޒިމް ދިއުމުން ޔޫޝައުއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

**********

“އިކާ އޮޕަރޭޝަނަށް ވައްދައިފި..” ލީން މާޒް ގާތު ބުނެލިއެވެ.

“އެހެންތަ؟ ކޮންކަހަލަ ކުއްޖެއްބާ ލިބޭނީ؟” މާޒްއަށް ބުނެވުނެވެ.

“އިކާ ބުނި ޓުވިންސްއެކޭ.. ދެވައްތަރު ދެކުދިންނޯ..” ލީން އޭނާއަށް އެނގޭވަރަށް ބުނެދިނެވެ.

“ޔޫޝައު ހާދަ ނަސީބު ރަނގަޅޭ ދޯ..”

“ކޮބާ ނަސީބު ރަނގަޅުވެފަ.. އަހަރެންނަކަށް ހިއެއްނުވޭ އިކާ ދެން އޭނައާ ގުޅޭނެހެނެއް..” ލީން ބުނެލިއެވެ.

“ކީއްވެ ތިހެން ތިބުނީ؟” މާޒް ހައިރާންވެފައި އަހާލިއެވެ.

“އެއީ އޭނަ އަބަދުވެސް ބުނާނެ އޭނާގެ ދިރިއުޅުމަށް އައިސްފަ އޭނަ ދޫކޮށްލާފަ ދާ މީހަކަށް ދެވަނަ ފުރުސަތެއް ނޯންނާނެ ވާހަކަ.. އެހެންވެ..” ލީން އޮޅުންފިލުވައިދިނެވެ.

“އެހެންތަ؟ އެކަމަކު ދަރިންނާ ދޭތެރޭ ވިސްނާލާފަ ޚިޔާލު ބަދަލުވެދާނެތާ..” މާޒް ބުނެލިއެވެ.

“އެނގިދާނެތާ.. އެކަމް ހިއެއްނުވޭ..”

**********

ޔޫޝައު އޮޕަރޭޝަން ތިއޭޓަރ ކައިރީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އައިކާއާ ބެހޭ އެއްވެސް ޚަބަރެއް ނުލިބޭތީ ކަންބޮޑުވެފައެވެ. ނާޒިމް ކަންބޮޑުވެފައި ހުރެވެސް ޔޫޝައުއަށް ހިތްވަރު ދެވޭތޯ ބެލިއެވެ. ސަނާއާއި ލަމްހާ ކަންބޮޑުވެފައި ގޮނޑިބަރީގައި ތިއްބެވެ. އިންތިޒާރުގައި ތިބޭތާ މާގިނައިރެއް ނުވަނީސް ތުއްތު ދެކުދިންގެ ރުއިމުގެ އަޑު އިވުނެވެ. އެންމެންނަށްވެސް ހިނިތުންވެލެވުނީ އެކުއެކީގައެވެ. ވަގުތަކީ ނަރުސް ކުއްޖަކު އެ އުފާވެރި ޚަބަރު ދިނުމަށް ނުކުތް ވަގުތެވެ.

“މަރުޙަބާ! އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް.. ތިންމައިންގެ ހާލުވެސް ރަނގަޅު..” ނަރުސް ކުއްޖާ އެހެން ބުނެލުމުން ޔޫޝައުއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

ކުޑައިރުކޮޅެއް ފަހުން ދެ ނަރުހުން ދެކުދިން ގޮވައިގެން އާއިލާ މީހުންނަށް ދައްކައިލުމަށް ނުކުތެވެ. އޭރު ދެކުދިންނަށްވެސް ވަނީ ނިދިފައެވެ. ނަރުސް ކުއްޖާ އެއްކުއްޖަކު ޔޫޝައުގެ އަތުތެރެއަށްލީ ވަގުތު ޔޫޝައުގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. ބައްޕަގެ ބީހުން އިހުސާސްކުރެވިގެން ކަންނޭނގެއެވެ. އެދަރިފުޅުގެ ލޯ ހުޅުވާލިއެވެ. އެވަގުތު ޔޫޝައުގެ ލޮލުން ވެއްޓުނު ކަރުނަތިކި އެ ތުއްތު ކުއްޖާގެ ކޮލުގައި ޖެހުމާއެކު އެ ކުޑަކުޑަ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު އެކުއްޖާގެ އެއްކޮލަށް އެޅިގެން ދިޔަ އަޑިކޮޅާއިއެކު ޔޫޝައުއަށް “މާޝާﷲ”އޭ ބުނެލެވުނެވެ. ކޮންމެ މީހަކުވެސް އެ ތުއްތު ދެކުދިން އުރާލުމަށްފަހު ނަރުހުންނާ ހަވާލުކުރިއެވެ.

“ކޮންއިރަކުތޯ އައިކާ ފެންނަވަރު ވާނީ؟” ޔޫޝައު އަހާލިއެވެ.

“ކުޑައިރުކޮޅެއް ވާނެ..” ނަރުސްކުއްޖާ ބުނެލިއެވެ. ޔޫޝައު ނަރުސް ކުއްޖާއަށް ޝުކުރު އަދާކުރުމަށްފަހު ދިޔައީ ޕްރައިވެޓް ރޫމެއް ހަމަޖެއްސުމަށެވެ. މާބޮޑު އުނދަގޫތަކަކާއި ކުރިމަތިނުވެ އެކަންވެސް ހަމަޖެހުނެވެ.

އައިކާ ޕްރައިވެޓް ރޫމަށް ބަދަލުކުރެވުމާއެކު ސަނާއާއި ނާޒިމް އެތެރެއަށް ވަނެވެ.

“ޔޫ! ހިނގާ ވަންނަން..” ލަމްހާ އެތެރެއަށް ވަންނަން ހިނގައިގަންނަމުން ޔޫޝައުގެ އަތުގައި ހިފާލާފައި ބުނެލިއެވެ.

“ލަމް ވަދޭ.. އަހަރެން ވަނީމަ ކަމަކު ނުދާނެ.. މިހާރު އައިކާއަށް ބޭނުންވާނީ ހިތްހަމަޖެހުމާއި އަރާމު.. އަހަރެންގެ ސަބަބުން އެކަން ގެއްލޭކަށް އަހަރެން ބޭނުމެއްނޫން..” ޔޫޝައު ދެރަވެފައި ބުނެލިއެވެ.

“ޔޫ! ތިހެން އުޅެގެން އައިކާގެ ހިތް ހަލާލެއް ނުލިބޭނެ.. ޔޫއަށް ކުރެވުނު ކުށަށް އައިކާގެ ކިބައިން މާފަށް އެދުނީމަ އޭނަ މާފްކުރާނެ.. އެއީ އޭނަ ޔޫދެކެ ވަރަށް ލޯބިވާތީ.. ހިނގާ ދާން..” ލަމްހާ ބެލީ ޔޫޝައުއަށް ވިސްނައިދެވޭތޯއެވެ.

“ޕްލީޒް! އަހަރެންނަށްޓަކާ..” ލަމްހާގެ އާދޭސްތަކަށް ޔޫޝައުއަށް ބީރު ކަންފަތެއް ނުދެވުނެވެ.

“އެންމެ ރަނގަޅު..”

“އައި ލަވް ޔޫ..” ލަމްހާ ބުނެލިއެވެ.

“ލަވް ޔޫ ޓޫ..”

ދޮރު ހުޅުވާލި އަޑަށް އައިކާ ބޯ ހިއްލާލައި ދޮރާއި ދިމާއަށް ބަލާލިއެވެ. އެތެރެއަށް ވަތް ލަމްހާ ފެނުމާއެކު އައިކާއަށް ހައިރާންކަމާއެކު ލަމްހާއަށް ގޮވާލެވުނެވެ. ނަމަވެސް އެ ހައިރާންކަމާއެކުވެސް އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ކުޑަކޮށް ބޯ އަރިކޮށްލާފައި ދޮރާއި ދިމާއަށް ބަލާލެވުނީ ލަމްހާއާއެކު ޔޫޝައުވެސް އައިކަމުގައި ހީކޮށްފައެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހިތުގައި އޮތް ކުޑަކުޑަ އުއްމީދުވެސް ގެއްލިއްޖެއެވެ.

އައިކާގެ މޫނަށް ވީގޮތް ފެނުމުން ލަމްހާ ފަހަތަށް އެނބުރުނީ ހިތްހަމަނުޖެހިފައެވެ. އޭނާ އެވަރަށް ބުނުމުންވެސް ޔޫޝައު އެތެރެއަށް ނުވަނީމައެވެ. ނަމަވެސް އޭނާއަށް ހިނިތުންވެލެވުނީ ދޮރު ހުޅުވާލާފައި ޔޫޝައު އެތެރެއަށް ވަނުމުންނެވެ. ޔޫޝައުއަށް ޖެހިލުންވެފައި ހުރެވުނީ އައިކާ އެ އެންމެންގެ ތެރޭ ހިނިތުންވެގެން އިންނަމަވެސް އޭނާއާއެކު އެކަނިވެއްޖެނަމަ ކަންތައް ކުރާނެ ގޮތް އެނގޭތީއެވެ.

އައިކާ ޔޫޝައުއަށް ބަލަން އިންއިރު އޭނާގެ މޫނުމަތީގައިވާ ހިނިތުންވުމުން އޭނާ ހިތްހަމަޖެހިފައިވާވަރު އޭނާ ފެނުނު ކޮންމެ މީހަކަށް އެނގޭނެއެވެ. ޔޫޝައު މަޑު ހިނގުމެއްގައި އައިސް ހުއްޓިލީ ދެކުދިން ބާއްވާފައި އޮތް ކުޑަ އެނދު ކައިރީގައެވެ. ޔޫޝައުގެ ހުރިހާ ހަރަކާތަކަށް އައިކާ ބަލަން އިނީ ޝައުޤުވެރިކަމާއެކުގައެވެ. ސަނާއަށް އައިކާ އިންގޮތް ފެނުމުން ނާޒިމް ގައިގައި ކޮއްޓާލާފައި ދައްކާލިއެވެ. ނާޒިމްއަށް އެމަންޒަރު ފެނުމުން ސަނާއަށް ބޭރަށް ނުކުތުމަށް އިޝާރާތްކުރަމުން ހިނގައިގަތީ ޔޫޝައުއާއި އައިކާ ޞުލްޙަވުމަށް ވާހަކަދައްކަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ސަނާއާއި ނާޒިމް ނުކުންނަމުން ލަމްހާއަށް އިޝާރާތްކޮށްލިއެވެ. އެމީހުންގެ އިޝާރާތް ވިސްނިގެން ލަމްހާވެސް އެމީހުންގެ ފަހަތުން ނުކުތެވެ.

އައިކާ ޔޫޝައުއަށް ބަލަން ގެއްލިފައި އިންދާ ޔޫޝައު އައިކާއާ ދިމާއަށް އެނބުރުނެވެ. އައިކާގެ ދެލޮލުގައި ކަރުނަތައް ގިނަވަމުން ދިޔަކަން ޔޫޝައުއަށް އެނގުނެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް އައިކާ އޮތް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ދެމީހުންގެ ލޮލާއި ލޯ ގުޅިފައި ތިބިއިރު ހިތާހިތުން އެތައް ވާހަކައެއް ދައްކަމުން ދިޔަނަމަވެސް ދުލާއި ހަމައަށް އެއިން އެއްވެސް ވާހަކައެއް ނައެވެ. ޔޫޝައުއަށް އައިކާގެ ދެލޮލުން ފެނުނު ރިހުމާއި ވޭނުން އޭނާގެ ހިތް ތޮރުފާލި ކަހަލައެވެ. އެދެލޮލުން އޭނާއަށްޓަކައިވި ސާފު ތެދުވެރި ލޯބީގެ އިތުރުން އޭނާއަށްޓަކައިވި އެތައް ޝަކުވާއެއް ފެނުނެވެ. ޔޫޝައު އައިކާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ވަރަށް ލޯތްބާއެކު ފޮހެލައިދިނެވެ.

“ނޫން.. ދެން ނުރޮއި.. މިހާރުވެސް މާގިނައިން ރޮއިފި.. އިތުރަށް މިދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭކަށް އަހަރެން ބޭނުމެއްނޫން..” ޔޫޝައު ބުނެލިއެވެ. އައިކާ ދުރަށް މޫނު އަނބުރާލިއެވެ.

“ޕްލީޒް.. މިކޮޅަށް އެނބުރި ބަލާލަބަލަ.. އަހަރެންނަށް އައިކާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ވަރަށް ދެރަވޭ.. ލަދުގަނޭ.. ހާލަތުގެ ގޮތުން އަހަރެންނަށް ވިސްނާލާނެ ފުރުސަތެއްވެސް ނުލިބުނީ..  ބުއްދިއަށްވުރެ ރުޅި އިސްކުރެވުނީ..” ޔޫޝައު އިސްޖަހައިގެން އިނދެ ބުނެލިއެވެ.

“އައިކާ!” ޔޫޝައު އައިކާގެ މަޑު އަތްތިލައިގައި ހިފާލަމުން މަޑުމަޑުން ގޮވާލިއެވެ. އައިކާ ޔޫޝައުއާ ދިމާއަށް އެނބުރިލިއެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަތައް އޮހެމުންދިޔައެވެ.

“އަހަރެންނަށް މާފްކުރޭ.. އޭރު އަހަރެންނަށް ވިސްނާނުލެވުނީ.. އަހަރެން އައިކާދެކެ ވަރަށް ލޯބިވޭ..”

“ދޮގު.. ޔޫޝައު އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އަހަރެން އެރޭ ކުރި އާދޭސްތައް އެންމެ ފަހަރަކުވެސް އަޑުއެހީސް.. އަހަރެން ވާހަކަދައްކާނެ އެންމެ ފުރުސަތެއް ދިނީސް.. އެދަންވަރުގެ ވަގުތު އަހަރެން ވަރިކޮށްލާފަ ގެއިން ނުކުންނަން ބުނިއިރު އަހަރެން ގޮސް ވަންނާނެ އެއްވެސް ތަނެއް ނެތްކަންވެސް ޔޫޝައު ހަނދާނެއް ނެތް.. އެރޭ އަހަރެން އެގޮތަށް ނެރެލީމަ އަހަރެން ނިކަމެތިވާނެ ވަރެއް ޔޫޝައު ވިސްނާކަށް ބޭނުމެއްނުވި.. އަހަރެންގެ ބަނޑުގައިވި ޔޫޝައުގެ ދެދަރިން މަތިންވެސް އެރޭ ޔޫޝައު ހަނދާނެއް ނެތް.. އެރޭ ލަމްހާ ނެތްނަމަ އެ ދަންވަރުގެ ވަގުތު އަހަރެން މަގުމަތިވީސް.. ތީ އަހަރެންދެކެ ލޯބިވާކަމަށް ބުނާ މީހާއެއްނު.. އަހަރެން ރަށަށް ގޮސްވެސް މިވީ މަހެއްހާ ދުވަހު އެންމެ ފަހަރަކުވެސް އަހަރެންގެ ހާލު ބަލާނުލީ ކީއްވެ؟ ލޯބިވާވަރުން ދޯ އެހެންވެސް ކަންތައްކުރީ؟” އައިކާ އޭނާގެ ހިތުގައިވި ޝަކުވާތައް ޔޫޝައުގެ ކުރިމަތީ ބަންޑުންކޮށްލިއެވެ.

“އަހަރެން އަހަރެންގެ ކުށް ޤަބޫލުކުރަން.. އަހަރެންނަށް އައިކާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. އަހަރެން އެކަން ޤަބޫލުކުރަން.. އަހަރެންނަށް މާފްކުރޭ..” ޔޫޝައު އަނެއްކާވެސް މާފަށް އެދުނެވެ.

“އަހަރެން ޔޫޝައުއަށް މާފްކޮށްފިން..”

“އަހަރެން ބޭނުން އަހަރެމެންގެ ދެކުދިންނަށް މައިންބަފައިންގެ ފުރިހަމަ ލޯބި ދޭން.. އެކަން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ އަހަރެމެން ދެމީހުން އެކަތިގަނޑަކަށް ވެގެން.. އަހަރެމެން ދެމީހުން އެކައްޗެއް ކިޔައިގެން.. އަހަރެމެން ދެމީހުން ގުޅިގެން.. އެހެންވީމަ ކުރިން ވީ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ހިނގާ ދެމީހުން އިންނަން..” ޔޫޝައު އޭނާ އެދޭގޮތް ހާމަކުރިއެވެ.

“ނޫން.. އަހަރެން ބޭނުމެއްނޫން ޔޫޝައުއާ އިންނާކަށް..” އައިކާ ބުނެލިއެވެ.

“ކީއްވެ؟  އެކަމަކު އައިކާ ބުނީމެއްނު އަހަރެންނަށް މާފްކޮށްފީމޭ..” ޔޫޝައު އިނީ އައިކާ ދައްކާ ވާހަކައިން ވިސްނަންވީ އެއްޗެއް ނޭނގިފައެވެ.

“އާނ.. އަހަރެން ޔޫޝައުއަށް މާފްކޮށްފީމޭ.. މިހާރަކުވެސް އަހަރެން ނުބުނަމެއްނު އަހަރެން ޔޫޝައުއަށް މާފް ނުކުރަމެކޭ..” އައިކާ ދުރަށް މޫނު އަނބުރާލިއެވެ.

“ދެން؟” ޔޫޝައު އައިކާގެ މޫނުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލަމުން އަހާލިއެވެ.

“އަހަރެން ދެން އިތުރު ކައިވެންޏެއް ކުރާކަށް ބޭނުމެއްނޫން.. އެއީ ސަބަބަކީ..” އައިކާ އެހެން ބުނިއިރު ޔޫޝައުގެ ދެލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އޭނާއަށް ސާފުކޮށް ފެނުނެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ދުރަށް މޫނު އަނބުރާލީ ޔޫޝައުގެ ސަބަބުން އޭނާގެ ޢަޒުމަށް ގުޑުން އަރާފާނެތީއެވެ. އެހާ ފަސޭހައިން ޔޫޝައުއަށް މާފްކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ.

“ޕްލީޒް! އަހަރެމެންގެ ދަރިންނަށްޓަކައި.. އަހަރެމެން ދެމީހުން ވަކިވީމަ އެކުދިންނަށް ވަރަށް ނިކަމެތިކަން ލިބޭނެ..” ޔޫޝައު އައިކާގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“ނޫން.. އަހަރެމެން ދެމީހުން ނުގުޅުނަސް ކުދިންނަށް އޭގެ އެއްވެސް އަސަރެއް ފޯރިޔަކަ ނުދޭނަން.. ޔޫޝައު ބޭނުން އިރަކު ކުދިންނާ ބައްދަލުކުރެވޭނެ.. އަހަރެން އެކަމަކަށް އެއްވެސް ހުރަހެއް ނާޅާނަން..” އައިކާ އަނެއްކާވެސް ބުނެލިއެވެ.

“ކުރާނެ ކަމެއް ނެތް.. އަހަރެން ބޭނުން އަހަރެންގެ ތިން ކުދިންނަށްވެސް އެއްވަރަށް ލޯބިދޭން.. އެކަމަކު.. ދުރުގައި ތިބީމަ ކޮންމެ ގޮތެއްވިޔަސް ކައިރީގައި ހުންނަ ކުއްޖާއާ އެއްވަރަށް ލޯތްބެއް ނުދެވޭނެ.. އެކަމަކުވެސް އަހަރެން ބަލާނަން އަހަރެންގެ ތިދެކުދިންނަށްވެސް އަހަރެންގެ ކައިރީ ހުންނަ ކުއްޖާއާ ތަފާތުކުރުމެއްނެތި ބައްޕައެއްގެ ލޯބި ދެވޭތޯ.. އަދި އަހަރެން އެދެން ކަމަކަށް ދަތިވަންޏާ އަހަރެންނަށް އެންގުމަށް.. އަހަރެން ނޭދެން އައިކާއަށްވެސް އަދި އަހަރެމެންގެ ދެކުދިންނަށްވެސް ދެރަގޮތެއް ވާކަށް.. އަހަރެން އުއްމީދުކުރަން ދެކުދިންނާ ދޭތެރޭ ވިސްނާލާފައި ނަމަވެސް އަދި އައިކާގެ ޚިޔާލު ބަދަލުވާނެކަމަށް.. އެކަމަކު މިހާރު އަހަރެންގެ ބަސް ޤަބޫލުނުކޮށްފިއްޔާ އައިކާ ފަހުން ދެރަވާނެ.. އަހަރެން ދެން ދަނީ.. އިރާދަކުރެއްވިއްޔާ އަދިވެސް އަންނާނަން..” ޔޫޝައު އެހެން ބުނެފައި ދާން ހިނގައިގަތެވެ. އައިކާގެ ކަރުނުން ފުރިފައިވާ ދެލޮލުން ޔޫޝައު ދިޔަ ދިމާއަށް ބަލަން އޮތްއިރު ޔޫޝައު ދެލޯ ފޮހެލަމުން ބޭރަށް ނުކުތެވެ.

ޔޫޝައު ބޭރަށް ނުކުތްއިރު ބޭރު ގޮނޑިބަރީގައި ލަމްހާއާއި ސަނާއާއި ނާޒިމް ތިއްބެވެ. ޔޫޝައު ނުކުތުމުން ދެން ދަނީއޭ ބުނެފައި ލަމްހާ ޔޫޝައުއާ ދިމާއަށް ހިނގައިގަތެވެ. ލަމްހާ ޔޫޝައު ގާތު ހުރިހާ ކަމެއްވެސް ރަނގަޅުތޯ އަހާލިއެވެ. ލަމްހާ އެ އިޝާރާތްކުރީ ކޮން ކަމަކަށްކަން އެނގުމުން އޭނާ ބޯ ހޫރުވާލިއެވެ. ޔޫޝައުގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ކަންތައްތައް ރަނގަޅު ނޫންކަން ނާޒިމްގެ ތަޖުރިބާކާރު ސިކުނޑިން ދެނެގަތެވެ. އޭނާ ޔޫޝައުގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ އަދި ރަނގަޅުވާނެޔޭ ބުނާފަދަ ގޮތަކަށެވެ.

“އަޅުގަނޑުމެން އަދި ފަހުން އަންނާނަން..” ޔޫޝައު އެހެން ބުނެލުމުން ނާޒިމް ބޯޖަހާލިއެވެ. ޔޫޝައު ލަމްހާއާ އަތް ގުޅުވާލައިގެން ނުކުންނަން ދިޔަތަން ބަލަން ތިބެފައި ނާޒިމްއާއި ސަނާ ވަނީ އައިކާ އޮތް ޕްރައިވެޓް ރޫމަށެވެ.

**********

ހަވީރު މާލެ ފުރާ ލޯންޗުން، ފިހާރައަށް މުދާ ބަލައި މާލެ ދިއުމަށްޓަކައި މާޒް ފައިސާ ގުނަން އިނީ އޭނާގެ އަމިއްލަ ކޮޓަރީގައެވެ. އޭނާ އެހެން އިންދާ ކޮޓަރީގައި ޓަކި ޖަހާލި އަޑު އިވުނެވެ.

“ވަދޭ.. ހުޅުވާފަ ހުރީ..” މާޒް ކާކުތޯވެސް ބަލާނުލާ ވަނުމަށް ހުއްދަ ދިނީ ގޭ މީހަކު ނޫނީ އޭނާގެ ކޮޓަރީގައި ޓަކި ނުޖަހާނެކަން އެނގޭތީއެވެ. ނަމަވެސް އޭނާ ހައިރާންވީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ލީން ފެނިފައެވެ.

“ލީން! ހާދަ ނުގަޑިއެއްގައި.. އަނެއްކާ ކަމެއް ގޯސްވީތަ؟” ކަންބޮޑުވެފައި މާޒް އަހާލިއެވެ.

“ސާބަހޭ.. ހާދަ ކަންބޮޑުވެފައި.. އަހަރެން ނޫޅެމޭ ތީން ރުފިޔާއެއް ނަގާކަށް..” ލީން ސަމާސާކޮށްލިއެވެ.

“ތިކަމަކާ އަހަރެން ހާހެއް ނުވޭ.. އަހަރެންނަށް އިނގޭ ލީންއަކަށް މީގައި އަތްލާކަށްވެސް ނުކެރޭނެކަން.. އަސްލު، ދުވަހަކުވެސް މިގަޑީގައި ނާންނާތީ ހީކުރީ ވަރަށް ބޮޑު ކަމެއް ވީކަމަށް..” މާޒް އޮޅުންފިލުވައިދިނެވެ. ލީން ބޯހޫރާލީ ތިކަހަލަ އެއްވެސް ކަމެއް ނުވެޔޭ ބުނަމުންނެވެ.

“އައިކާ ވިހައިފި.. މިބުނީ އޮޕަރޭޝަން ކޮށްފި.. ދެވައްތަރު ދެކުދިން..” ލީން ބުނެލިއެވެ.

“އެހެންތަ.. މަރުޙަބާ..” މާޒް ފަރުވާކުޑަ ޖަވާބެއް ދީފައި އަނެއްކާވެސް ފައިސާ ގުނުމައިގެން ކުރިއަށް ދިޔައެވެ.

“ތިއުޅެނީ ތިޖޫރީގަ ފައިސާ ހަމަތޯ ބަލަންތަ؟ ތިޔަކުން މަދެއް ނުވާނެޔޭ.. މިގެއަކީ މީހުން ވަންނަ ގެއެއްވެސް ނޫނެއްނު..” މާޒް މަޑުޖެހިލި ވަގުތު ލީން ސަމާސާ ރާގެއްގައި ބުނެލިއެވެ.

“ސާބަސް.. މިއުޅެނީ ހަވީރު ލޯންޗުން މާލެ ދާންވެގެން.. ފިހާރައަށް މުދާ ބަލައި.. މާދަމާ ނޫން އަނެއް ދުވަހު އޮންނަ ދޯނިން އަންނާނަން އިރާދަކުރެއްވިއްޔާ..” މާޒް ބުނެލިއެވެ.

“މާދަމާ ނޫން އަނެއް ދުވަހު އޮންނަ ދޯންޏަކަށް އަރުވަން މުދާ ގަންނަން މިއަދު ދާން ތިއުޅެނީ؟ މުދާ ބަލައި ދާ ނަމުގައި އަހަރެންނަށް ހީވަނީ ތިދަނީ މުޅިން އެހެން ކަމަކުހެން.. އަޅެ މީ ދޮގެއްތަ؟” ލީން ދިމާކޮށްލިއެވެ.

“ލީން މިއަދު ކީކޭ ކިޔަން އުޅޭ ދުވަހެއްތަ؟”

“އަހަރެން މިބުނި އެއްޗެއް ވިސްނިއްޖެއެއްނު.. އެހެންވީމަ ބުނެބަލަ.. އަހަރެން މިބުނީ ދޮގެއްތަ؟” ލީން އަހާލިއެވެ.

“އަސްލުވެސް އަހަރެން މިދަނީ ތިކަހަލަ ކަމަކު ނޫން.. ހަމަ މުދާ ބަލައި މިދަނީ.. އެކަމް އިކާ ގާތަށް ގޮސްނުލާނަމެކޭ ނޫން.. އޭނަގެ ދެ ފުށްގަނޑު ދެކެލަން ދާނީ.. ކޮންމެހެން އޭނަ ދެކޭކަށް ނޫން..” މާޒް ވަރަށް ނޫން ގޮތަކަށް ބުނެލިއެވެ.

“ހޫމް.. ދެން އެންމެ ރަނގަޅޭ އެއްބަސް ނުވިޔަކަސް..”

“އަސްލު ބުނެބަލަ.. ކަމަކުތަ ތިއައީ؟” މާޒް އަހާލިއެވެ.

“ފިހާރައަށް އައީ.. އައިސްފަ އިކާ ވިހޭ ޚަބަރު ދޭންވެގެން މިވަނީ..”

“ފިހާރަ ހުސްކޮށްލައިގެންތަ ތިދަނީ؟” ލީންގެ އަތުގައި ގަތް އެއްވެސް އެއްޗެއް ނެތުމުން މާޒް ސަމާސާކޮށްލިއެވެ.

“އަހަރެން ގަންނަން އައި އެއްވެސް އެއްޗެއް ނެތް މިވަގުތު.. އެހެންވީމަ ހުސްއަތާއެއްނު ދާން ޖެހޭނީ.. ހޫނ.. ދެން ދަނީއޭ.. މިހާރު ޒިޔާ ގެއަށް އައިސްދާނެ..” ލީން އެހެން ބުނެލުމުން މާޒްވެސް ބޯޖަހާލިއެވެ.

ހަވީރުގެ ލޯންޗުން މާޒް މާލެ ދިޔައިރު އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ. އައިކާ ދެކެލުމަށް އެހިތް އެދެމުން ދަނީއެވެ. އައިކާދެކެ ރުޅިއަންނަން އުޅުނުނަމަވެސް އޭނާގެ ބަސްނާހާ ހިތް އެކަމަކަށް އެއްބަހެއް ނުވެއެވެ. އައިކާ ފެންނަ ހިސާބަށް ދުވަހަކުވެސް ނުދާން ނިންމައިގެން ހުރި ނަމަވެސް އައިކާގެ ގާތަށް ދިއުމަށް އެހިތް މަޖުބޫރުކުރަނީއެވެ.

މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު މާޒް ދަބަސް ހިފައިގެން ހިނގައިގަތީ ޓެކްސީއެއް ލިބޭތޯއެވެ. ނަސީބު ރަނގަޅުކަމުން ނުހަނު ފަސޭހައިން ޓެކްސީއެއް އަތުޖެހިއްޖެއެވެ. ޓެކްސީއަށް އެރުމަށްފަހު އޭނާ ގެސްޓް ހައުސްއެއްގެ ނަން ބުނެލުމާއެކު ޑްރައިވަރ ޓެކްސީ ދުއްވާލިއެވެ. މާދުރު ނޫންނަމަވެސް ހަވީރުގެ ވަގުތުކަމުން އިންތިހާއަށް ބާރުބޮޑު ޓްރެފިކުން ސަލާމަތްވެގެން ގެސްޓް ހައުސްއަށް ދެވުނީ ތިރީހަކަށް މިނެޓުންނެވެ.

ޑްރައިވަރަށް ފައިސާ ދިނުމަށްފަހު މާޒް ގެސްޓް ހައުސްއަށް ވަދެ ކައުންޓަރު ކައިރިއަށް ގޮސް އޭނާ މިއަދު މެންދުރު ބުކްކުރި ރޫމްގެ ނަންބަރު ބުނެލިއެވެ. އޭނާ ގޮސް ރޫމަށް ވަދެ ފުރަތަމަވެސް އެނދުގައި ޖައްސާލިއެވެ. މާ ކަނޑުގަދަ ނޫނަސް މަޑެއްވެސް ނޫނެވެ. އެހެންކަމުން އޭނާ ހުރީ ފާޑަކަށް ލޮޑުވެފައެވެ. އެހެންކަމުން އޭނާ ބޭނުންވީ ކުޑައިރުކޮޅަކު އޮވެލާށެވެ. ނަމަވެސް ތާޒާވެނުލައި އޮންނަން ބޭނުންނުވާތީ އޭނާ ކަންނެތް ގޮތަކަށް ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރައި ތާޒާވެލައިގެން ނުކުމެ ހުސް ބޮކްސާގައި އޭނާ އެނދުގައި އޮށޯވެލީ އަރާމުކޮށްލާށެވެ. އެހެން އޮއްވާ އޭނާއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.

**********

“ލަމް! އަހަރެން މިދަނީ ހޮސްޕިޓަލަށް.. އެހާ ލަސްނުވެ އަންނާނަން އިނގޭ..” ޔޫޝައު ކޮޓަރިން ނުކުމެ ބަދިގެ ތެރޭގައި ރިހަ ހޫނުކުރަން ހުރި ލަމްހާ ގާތު ބުނެލިއެވެ.

“މަޑުކޮށްބަލަ އަހަރެންވެސް ގޮވައިގެން ދާން..”

“މާދަމާ ލަމް ގޮވައިގެން ދާނަން.. މިރޭ ހޮސްޕިޓަލަށް ގޮސްފަ އެބަޖެހޭ ރައްޓެއްސަކާއެކު ތަނަކަށް ގޮސްލަންވެސް.. އެހެންވެ ލަމް ނުލައި މިދަނީ.. އެކަނި ބޭރަށް ނުދައްޗޭ އިނގޭ..” ޔޫޝައު އެހެން ބުނެލުމުން ލަމްހާވެސް އެގޮތާއި އެއްބަސްވިއެވެ. ނަމަވެސް ޔޫޝައު ދިއުމުން އޭނާ އެކަނި ގޭގައި އިންނަން ޖެހޭތީ އިނީ ފޫހިވެފައެވެ.

ޔޫޝައު ހޮސްޕިޓަލަށް ވަދެފައި އޭނާގެ ރައްޓެއްސަކު ގުޅުމުން އެއްޗެއް ހަވާލުކޮށްލުމަށް ނުކުތް ވަގުތު މީހެއްގެ ގައިގައި ލައިގަތެވެ. އެވަގުތު އޭނާގެ އަތުން ފޯނު ދޫވެގެން ވެއްޓެން ދިއުމާއެކު އެމީހަކު އެ ވެއްޓުނަނުދީ ހިފިއެވެ.

“ތޭންކްސް..” ޔޫޝައު އެހެން ބުނަމުން އެމީހާއާ ދިމާ ބަލާލުމާއެކު އޭނާ ހުއްޓުން އެރީ މާޒް ފެނުމުންނެވެ.

“ސޮރީ!” މާޒް އެހެން ބުނެލުމާއެކު އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭނާ ޔޫޝައުއާ އެއްވެސް ވަރަކަށް ވާހަކަ ދައްކާ ހިތެއް ނެތެވެ. ނަމަވެސް ޔޫޝައު އޭނާއަށް ގޮވާލި އަޑު އިވުމުން އޭނާ މަޑުކުރިއެވެ.

“އަހަރެން ހިއެއް ނުކުރަން މާޒްއަށް މިތަނަށް އަންނަން ކެރޭނެ ކަމަކަށް..”

“ކީއްވެ ތިހެން ތިބުނީ؟” މާޒް ހައިރާންވެފައި އަހާލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ހޮސްޕިޓަލަށް ވަނުމުގެ އަމުރު އޮންނަނީ ވަކި ބަޔަކަށްކަމެއް އޭނާ ނުދެނެހުއްޓެވެ. އެއީ އެންމެންގެވެސް ތަނެކެވެ. ވީއިރު ޔޫޝައުއަށް އެހެން ބުނުމަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

“އައިކާއާ ދޭތެރޭ އެގޮތަށް ކަންތައް ކޮށްފަވެސް އައިސް އޭނައާ ބައްދަލުކުރަން ވަންނަން އުޅޭތީވެ..”

“ޔޫޝައުއަށް ކިހިނެއް އެނގެނީ އަހަރެން މިއައީ އައިކާއާ ބައްދަލުކުރަން ކަމެއް؟ އެހެންނޫނަސް މީ ޕަބްލިކް ތަނެއް.. މިތަނަށް އައިސް ވަންނަން އަހަރެން ލަދުގަންނަން ޖެހޭނެކަމެއް އަހަރެން ނުދެނަހުރިން..” މާޒް ވަރަށް ފުރިހަމަ ރައްދެއް ދިނެވެ.

“މީ ރޭގަނޑުކަން ޔަޤީންވާ ފަދައިން އަހަރެންނަށް ޔަޤީންވޭ މާޒް ތިއައީ އައިކާއާ ބައްދަލުކުރަންކަން..”

“އެހެންވިޔަސް ކޮބާ މައްސަލައަކީ؟ ޔޫޝައުއަކަށް އެކަމަކާ ނުބެހެވޭނެ..” ޔޫޝައުގެ ވާހަކަ ހުރިގޮތުން މާޒް ގާތަށް ރުޅިއައެވެ. ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

“ކީއްވެ ނުބެހެވެންވީ؟ އެއީ އަހަރެންގެ ދެކުދިންގެ މަންމަ..”

“އެކަމަކު މިހާރު ތީ އައިކާއަށް ހިލޭ މީހެއް.. އަހަރެންނެކޭ ޔޫޝައުއެކޭ ތިގޮތުން ވާނީ ހަމަހަމަ.. އަހަރެމެން ދެމީހުންކުރެ އެކަކަށްވެސް އަނެކަކު ކުރާ ކަމަކާ ބެހުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ.. އައިކާއާ ގުޅޭ އެއްވެސް ކަމެއްގައި.. އަހަރެންނަށް ހީވަނީ އަހަރެންނަށްވުރެ ބޮޑަށް އައިކާއާ ބައްދަލުކުރަން މިތަނަށް އަންނަން ލަދުގަންނަންޖެހޭ މީހަކީ ޔޫޝައުހެން.. ދުވަސް ފުރެން ގާތްވެފަ އިންދާ ވަރިކޮށް ގެއިން ނެރެ އެއްލާލާފަ.. އަދި އެވަރުންވެސް އަހަރެންތަ ލަދުގަންނަންވީ އައިކާއާ ބައްދަލުކުރަން އަންނަން؟ އޭނަ ރަށުގަ ހުރިއިރު އޭނަ ގާތަށް އައިސްވެސްނުލާ، ހާލުވެސް ބަލާނުލާ އުޅެފަ ވިހެއީމަތަ ދެދަރިންގެ މަންމަކަން ހަނދާންވީ؟ އެ ދެމަސްދުވަސް ތެރޭ އޭނަ އުފުލި ބުރަތަކޯ؟ އޭނަ ކުރި ހިތާމަތަކޯ؟ މިއިން އެއްވެސް ކަމެއްގެ ބަދަލު ޔޫޝައުއަށް ދެވިދާނެތަ؟ ނުދެވޭނެ.. އަހަރެން ނަމަވެސް ނުދެވޭނެ.. ބަލަ އޭނަގެ ނިކަމެތި ހާލަށް އެހީވީ އަހަރެންނޭ.. އެހެންވީމަ އޭނައާ ބައްދަލުކުރަން ޔޫޝައުއަށްވުރެ އައުލާކަން ބޮޑީ އަހަރެންނެއް ނޫންތަ؟ އަހަރެން އުފާވޭ އަހަރެންނަށް ނިކަމެއްޗަކަށް އެހީވެވުނީމަ.. އަހަރެންނަކީ ކަލަ ގޮވާ މީހެއްވެސް ނޫން.. އެކަމަކު މިއަދު ކަލޭ އަހަރެން ލައްވާ އެކަންވެސް ކުރުވައިފީމު.. އެހެންވީމަ ވަރަށް ބޮޑަށް މަރުޙަބާ.. އެކަމަކު ދެންވެސް ހަނދާން ކޮށްދެން ނުބެހޭ ކަންތަކާ ނުބެހި ދުރުގައި ހުރުމަށް..” މާޒް ކިޔާނެ އެއްޗެއް ކިޔުމަށްފަހު، ޔޫޝައު ކިޔާނެ އެއްޗަކަށް ބެލުމެއްނެތި އެތެރެއަށް ހިނގައިގަތެވެ. މާޒް ދިޔަ ދިމާއަށް ބަލަން ހުރި ޔޫޝައުއަށް ދެއަތް މުށްކަވާލެވުނެވެ.

ޔޫޝައު ސަނާއަށް ގުޅާފައި އައިކާ އޮތް ކޮޓަރި އޮޅުންފިލުވިއެވެ. އޭނާ ގޮސް އައިކާ އޮތް ކޮޓަރީގެ ދޮރުމައްޗަށް ހުއްޓިފައި ފުން ނޭވާއެއްލީ ހިތުގެ ތެޅުން ހަމައަކަށް އަޅުވާލުމަށެވެ. ވަރަށް ހިތްވަރުކޮށްފައި އޭނާ އެތެރެއަށް ވަނެވެ. އެނދުގައި ތެދުވެ އިށީނދެލައިގެން އިން އައިކާ ފެނުމުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެމޫނުމަތިން ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ނުފެންނަފަދަ ހިތްގައިމު ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އަނެއްކާ އެއީ ޔޫޝައުގެ ސަބަބުން ވެރިވި ހިނިތުންވުމެއްބާވައޭ އޭނާގެ ހިތަށްއެރިއެވެ. އެހެން ހިތަށް އެރުމާއެކު އޭނާގެ ކުޑަކޮށް މާޔޫސްވިއެވެ. ހިތްވަރު އެލޭގޮތްވިއެވެ. ނަމަވެސް އެހެން މީހަކަށް އެކަން ފާހަގަވުމުގެ ކުރިން އޭނާ ހަމަޖެހޭ ގޮތް ދައްކާލިއެވެ.

“ދައްތާ! ކިހިނެއް؟” މާޒް އެނދާއި ގާތަށް ހިނގައިގަންނަމުން އަހާލިއެވެ.

“އަލްޙަމްދު ލިﷲ! ވަރަށް ރަނގަޅު.. އެކޮއި ކިހިނެއް؟”

“އަލްޙަމްދު ލިﷲ! އިކާ ކިހިނެއް؟” މާޒް ހިނިތުންވެލަމުން އަހާލިއެވެ.

“ރަނގަޅު..” ދުރަށް މޫނު އަނބުރާލައިގެން އިނދެ އައިކާ ބުނެލިއެވެ. އެކަމުން މާޒްގެ ހިތަށް ތަދުވިއެވެ. އަދިވެސް އައިކާ ޙައްޤު ނޫން ކަމަކާ އޭނާއަށް އެހާ ނަފުރަތު ކުރާތީއެވެ.

“ކޮބައިތަ ބޭބީތައް؟ ދައްކަބަލަ ބަލާލަން..”

“ނިދިފައި އޮތީ މިހާރު..” އައިކާ އަވަސްއަވަހަށް ބުނެލިއެވެ.

“އަހަރެން އެކުދިން ހޭލައްވައެއް ނުލާނަމޭ..” މާޒް އެހެން ބުނެލުމުން އައިކާ އެއްފަރާތުގައި ހުރި ކުޑަ އެނދަށް އިޝާރާތްކޮށްލިއެވެ. އެވަގުތު ސަނާ އެބަ އަންނަމޭ ބުނެފައި ބޭރަށް ނުކުތެވެ.

މާޒް އެނދު ކައިރީ ހުއްޓި ހުރެ ވަރަށް ފަރުވާތެރިކަމާއެކު ދެކުދިންނަށް ބަލާލިއެވެ. އަންހެންކުއްޖާގެ ލޯ އެއީ ހަމަ އައިކާގެ ދެލޮލެވެ. ފިރިހެން ކުއްޖާގެ ކަނާއަތުގެ ކޮނޑުހުޅު ކައިރީ ބޮޑު ލަފެއް ހުއްޓެވެ. އެއީ ޔޫޝައުގެވެސް އަތުގެ މުލައްދަނޑީގައި ހުންނަ ކަހަލަ ލަފެކެވެ. ކޮންމެއަކަސް ދެމަފިރިންނާ ވައްތަރު ސިފަތަކެއް ލިބިފައިވާ ދެކުދިންނެވެ.

“މިހާރު ފެނިއްޖެއެއްނު.. ތިހާވަރަށް ތި ބަލަނީ ކީއްވެ؟ އެއްވެސް ކަހަލަ އައިބެއް ފެންނަން ނެތީމަ ދެރަވީތަ؟ އެސްފީނާ ޖައްސަންވެގެން ދޯ..” އައިކާ މަޑުމަޑުން ބުނިނަމަވެސް އޭނާގެ އަޑުގައިވާ ހިތްހަމަނުޖެހުން މާޒްއަކަށް ސިއްރެއް ނުވިއެވެ. އައިކާ ބުނެލި ވިހަގަދަ ބަސްތަކުން މާޒްގެ ހިތަށް ހީވީ ތުނޑު ތޫނު ކަށިތަކެއް ހަރާލިހެންނެވެ.

“ހެޔޮނުވާނެ ތިކަހަލަ އެއްޗެހި ބުނާކަށް.. އަހަރެން ކީއްވެ އެދެކުދިންނަށް އެސްފީނާ ޖެހޭތޯ އުޅެންވީ؟ އެދެކުދިންގެ އޮތީ ކޮން ކުށެއް؟ އިކާވެސް ކުށެއް ނުކުރޭ.. ކުށް ކުރެވުނީ އަހަރެންނަށް.. ލިބެން ނެތް އެއްޗަކަށްޓަކައި މާބޮޑަށް އުއްމީދުކުރެވުނީ.. މާބޮޑަށް އެދެވުނީ.. އަހަރެންނަކީ އެހާ ހިތުނިޔަތް ނުބައި މީހެއް ނޫނޭ އިކާ.. އިކާ މިއަދު ތިހެން އަހަރެންނާ ދިމާއަށް ހިތަށް އައިހާ އެއްޗެއް ގޮވިޔަސް އިކާގެ ދިރިއުޅުން ހަލާކުވުމުގައި އަހަރެންގެ އެއްވެސް އަތެއް ނެތްކަން އެނގޭ ދުވަހަކުން އިކާ ރޯނެ.. އަހަރެންނާ ދިމާއަށް ތިކިޔާ ހަޑިހުތުރު އެއްޗެހީގެ ސަބަބުން އަހަރެންނާ ކުރިމަތިލާން ލަދުގަންނާނެ.. މިއަދު ތިގޮތަށް ކަންތައް ކުރެވުނީތީ އެދުވަހަކުން ހިތާމަކުރާނެ.. މީ އަހަރެން އިކާދެކެ ރުޅިއައިސްގެން ދައްކާ ވާހަކައެއް ނޫން.. އަހަރެން ބޭނުންވަނީ އިކާއަށް އެއްޗެއް ވިސްނެން.. އަހަރެން ނޭދެން އިކާއަށް ދުވަހަކުވެސް ދެރަގޮތެއް ވާކަށް.. އެކަން އިކާއަށް ކޮންމެވެސް ދުވަހަކުން ވިސްނޭނެކަމަށް އުއްމީދުކުރަން..” މާޒް އޭނާގެ މޫނުމަތީގައި އަތް އަޅާލީ އޭނާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮރުވުމަށްޓަކައެވެ. އައިކާގެ ކުރިމަތީ އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލާކަށް އޭނާ ބޭނުމެއްނޫނެވެ. ކަރުނަތައް ހިންދާލުމަށްފަހު މާޒް މޫނުމަތިން އަތް ނެގިއެވެ.

“އަހަރެން މިތަނަށް މިއައީ އިކާގެ ރުހުން ހޯދާކަށް ނޫން.. އަހަރެން މިއައީ ހަމައެކަނި އިކާއާ އިކާގެ އެތިބަ ތުއްތު ދެކުދިންގެ ހާލު ބަލާލަންވެގެން.. އަހަރެން އުއްމީދުކުރިން އިކާ އަހަރެންނާ ރީތިކޮށް ވާހަކަދައްކާނެކަމަށް.. އެކަމަކު އަދިވެސް އަހަރެންނާ ދޭތެރޭ އިކާގެ ހިތް ބަދަލުނުވާކަން އެނގުނީމަ ވަރަށް ދެރަވެއްޖެ.. އަދިވެސް އިކާ އަހަރެންނާ ރީތިކޮށް ވާހަކަދައްކާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން.. އަހަރެން މިތަނަށް އައި ބޭނުން ފުދިއްޖެ.. އެހެންވީމަ ދެން ދަނީ..” މާޒް އެހެން ބުނެލުމަށްފަހު ދާން ތެދުވިތަނާ ދޮރު ހުޅުވާލާފައި ނާޒިމްއާއި ސަނާ އެތެރެއަށް ވަނެވެ. މި ހުރިހާއިރު އޭގެ ދެމީހުން ބޭރުގައި ތިބީ މާޒްއާއި އައިކާ ދެއްކި ވާހަކަތައް އަޑުއަހާށެވެ.

“މާޒް! އިހަށް މަޑުކުރޭ.. ބޭބެ ބޭނުން މާޒް ގާތު ވަރަށް ބޮޑު ކަމަކު ކިޔަން.. މިކަމަށް އަހަރެން ބޭނުންވަނީ ހަމައެކަނި މާޒްގެ ރުހުން..” ނާޒިމް ބުނެލިއެވެ.

“އެއީ އަނެއްކާ ކޮންކަމެއް؟” މާޒްގެ ހިތް ނުތަނަވަސްވިއެވެ.

“މާޒް އައިކާއާ އިންނަންވީނު..” ނާޒިމްގެ ޖުމްލައިން މާޒްއާ އައިކާއާ ދެމީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

“އެކަމަކު ބައްޕާ..”

“އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން.. އައިކާ އަހަރެމެން ގާތު ކަމަކު ބުނީމަ އަހަރެމެންވެސް ދެކޮޅެއް ނުހަދަން.. އަހަރެންގެ މުޅި ދިރިއުޅުން އަހަރެން ނުވެސް ދަންނަ މީހަކަށް އަހަރެން ހަވާލުކުރީ ހަމައެކަނި ﷲއަށް ވަކީލުކޮށްފައި.. އޭރަކުވެސް އަހަރެން ޔޫޝައުއާ ދޭތެރޭ އެހާ ބޮޑަކަށް ހިތްހަމައެއް ނުޖެހޭ.. އެހެންވީމަ މިފަހަރު އައިކާ އިންނަން ޖެހޭނީ އަހަރެން ދައްކާ މީހަކާ.. އޭނާ ޤަބޫލިއްޔާ، އައިކާ ޤަބޫލަސް ނުޤަބޫލަސް ޖެހޭނީ މިކަން ކުރަން.. މި ނިންމުން ބަދަލެއް ނުކުރެވޭނެ..” ނާޒިމްގެ މަޑުން ވާހަކަދެއްކި ނަމަވެސް އޭނާގެ އަޑުގައި ހަރުކަށިކަން އެކުލެވިފައިވެއެވެ. ނާޒިމްގެ ވާހަކަ ހުރިގޮތުން އައިކާގެ ކަރު އެލޭގޮތްވިއެވެ. އޭނާ މާޒްއާ އިންނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދެން އޭނާއަށް މާޒްއާ ނީނދެ ވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ.އެހެނަސް އޭނާއަކަށް މާޒްއަށް އަނތްބެއްގެ ފަރާތުން ކޮށްދޭން ޖެހޭ އެއްވެސް ކަމެއް ނުކޮށްދެވޭނެއެވެ. ކުޑަމިނުން ރުހުމުގެ ލޮލަކުން ބަލާވެސްނުލެވޭނެއެވެ. ވީއިރު ގަދަކަމުން އެ ކައިވެނި ކުރުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

“ނޫން.. އަހަރެން އައިކާއަކާ ނީންނާނަން..” މާޒް ނާޒިމްގެ އެ ހުށަހެޅުމަށް ވަގުތުން އިންކާރުކުރިއެވެ. ނާޒިމްއާއި ސަނާގެ އިތުރުން އައިކާއަށްވެސް ލިބުނީ ސިހުމެކެވެ. އެމީހުން ހީކުރީ ނާޒިމް އެގޮތަށް އެކަން ހުށަހެޅުމުން މާޒް އުފަލުން އެކަން ޤަބޫލުކުރާނެކަމަށެވެ. ނަމަވެސް ކަންތައްވީ އެމީހުން ހީކުރި ގޮތަކަށް ނޫނެވެ.

“ކީއްވެ؟ މާޒް އައިކާދެކެ ލޯބިވެއެއް ނޫންތަ؟” ނާޒިމް އަހާލިއެވެ.

“ލޯބިވިން.. ވަރަށް ބޮޑަށް ލޯބިވިން.. މިހާރުވެސް ލޯބިވޭ.. އެކަމަކުވެސް އަހަރެން އައިކާއާ އިންނާކަށް ބޭނުމެއްނޫން..” މާޒް އޭނާ އެކަން ނުކުރާނެކަން ކަށަވަރުކޮށްދިނެވެ.

“އަހަރެން މި އަހަނީ ކީއްވެހޭ؟ ލޯބިވޭ.. އެކަމަކު އިންނާކަށް ބޭނުމެއްނުވޭ.. ލޯބިވަނީ ކީއްކުރަންތަ؟ ޒަވާޖީ ހަޔާތެއް ފަށާކަށް ނޫންތަ؟ ތީ ކޮންކަހަލަ ލޯތްބެއް؟” މާޒް އެކަމާ އެއްބަސްނުވުމުން ނާޒިމް ގާތަށް ރުޅިއައެވެ.

“ރަނގަޅު.. ލޯބިވަނީ ޒަވާޖީ ހަޔާތެއް ފަށަން.. އަހަރެންވެސް ލޯބިވީ އެމަޤުސަދުގައި.. އަދިވެސް އެކަން އޮތީ ހަމަ އެގޮތަށް.. އެކަމަކު އައިކާގެ ނުޤަބޫލަކު ނޫން.. އޭނަ ހިތުން ރުހުމުން އެކަމަށް އެއްބަސްވެ އަހަރެން ގާތު ބުނެފިނަމަ އަހަރެން މިހުރީ މިހާރުވެސް ތިކަން ކުރަން ތައްޔާރަށް.. އަހަރެން ލޯބިވީ ހަމައެކަނި އައިކާގެ ހަށިގަނޑު ދެކެއެއް ނޫން.. އައިކާގެ ހަށިގަނޑާ ހިތާ ފުރާނަދެކެ.. އައިކާގެ ކޮންމެ އުފަލަކީ އަހަރެންނަށްވެސް ލިބޭ އުފަލެއް.. އަދި ކޮންމެ ހިތާމައަކީވެސް އަހަރެންނަށް ލިބޭ ހިތާމައެއް.. އަހަރެންގެ ފަލްސަފާއަކީ މިލްކުކުރުމެއް ނޫން.. އަދި ޖަހައިގަތުމެއްވެސް ނޫން.. މިއީ ސަބަބަކީ.. އަހަރެން އެދެނީ ބޭބެމެންވެސް އައިކާއަށް ތިކަމަށް މަޖުބޫރު ނުކުރުމަށް.. އެމީހަކު ގުޅެންވާނީ އެމީހަކު ލޯބިވާ މީހަކާ.. އެމީހަކަށް ނަފުރަތު ކުރާ މީހަކާ އިނދެގެން ކިހިނެއް ދިރިއުޅޭނީ؟ އަހަރެން ހުރީ ބޭބެމެން ކޮންމެ ކަމަކު ބުންޏަސް އެކަމެއް އުފަލުން ކޮށްދޭން ނިންމައިގެން.. އެކަމަކު ބޭބެމެން ތި އެދޭ ކަންތައް އަހަރެންނަށް ކޮށްދެވޭކަށް ނެތް.. އަހަރެންނަށް މާފްކޮށްދޭތި.. ދެން ދަނީ..” މާޒް އެހެން ބުނެލުމަށްފަހު މަޑުވެސްކޮށްނުލާ ނުކުމެގެން ދިޔަތަން ބަލަން ނާޒިމްއާއި ސަނާ ތިބީ ބަސް ހުއްޓިފައެވެ. އައިކާގެ ހިތަށްވެސް ތަފާތު ގޮތެއް ވެއްޖެކަން ޔަޤީނެވެ. އެއްވެސް އިޚްތިޔާރަކާނުލާ އޭނާއަށް ރޮވެން ފެށުނެވެ. ސަބަބެއް ނޭނގެއެވެ.

ޖެހިގެން އައި ދުވަހެވެ. އައިކާ ހޮސްޕިޓަލުން ދޫކޮށްލުމުން އެމީހުން ބަދަލުވީ ކުލީ ކޮޓަރިއަކަށެވެ. ޔޫޝައު އެތައް އާދޭހެއް ކުރުމުންވެސް އައިކާ ޔޫޝައުގެ ގެއަށް ދާން އެއްބަސްނުވުމުންނެވެ. އޭނާ ބޭނުންވީ އަވަހަށް ރަށަށް ދާށެވެ. ނަމަވެސް ހަފްތާއެއް ވަންދެން މާލޭގައި މަޑުކޮށްލުމަށް އެދުމުން ނާޒިމްއާއި ސަނާ ވަރަށް ކިޔައިގެން އޭނާއަށް މަޑުކުރަން މަޖުބޫރުވީއެވެ. ހުރިހާ ޚަރަދެއްގައި ޔޫޝައު ހިފިއެވެ. އައިކާ ކިތަންމެ ނުރުހުނަސްވެހެވެ.

ދެދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. މާޒްވެސް ރަށަށް ގޮސްފިއެވެ. ހިތް ކުދިކުދިވެފައިވާ ހާލުގައެވެ. ނުހަނު ހިތް އެދުނު ވަގުތުކޮޅެއް އައިސް ހިތުގައި އަތް އަޅާލުމަށްފަހު އެކަމަށް ފުރަގަސްދީފައެވެ. އެއީ ހަމައެކަނި އައިކާގެ އުފަލަށްޓަކައެވެ. އައިކާގެ އެތިބަ ފުށްގަނޑެއްފަދަ ލޯބިލޯބި ދެކުދިންގެ މުސްތަޤުބަލަށްޓަކައެވެ. މަޖުބޫރުން އައިކާ އޭނާއާ އިނދެ އެދެކުދިންނަށް ދެރައެއް ލިބިއްޖެނަމަ އޭނާއަށް ދުވަހަކުވެސް އޭނާގެ އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެއެވެ. އޭރުން އޭނާއަށް އިހުސާސްކުރެވޭނީ އެއީ އޭނާގެ ސަބަބުން އެކުދިންނަށް ލިބުނު ދެރައެއް ކަމަށެވެ. އައިކާއާއި އޭނާގެ ކައިވެންޏަށް އޭނާ އިންކާރުކުރި އެންމެ ބޮޑު ސަބަބަކީ އެއީއެވެ.

ހަފްތާއެއް ފަހެވެ. ޔޫޝައުއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަޒްމީލް ތިބީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. ކޮފީއެއް ބޯލަން ގަސްތުކޮށްގެން ދިޔަނަމަވެސް އަޒްމީލްގެ އެދުމުގެ މަތިން ޔޫޝައުވެސް ކެއުމަކަށް އޯޑަރ ދިނީއެވެ.

“މަރުޙަބާ އިނގޭ.. އަދި މިއުޅެނީ ކުދިވެރިން ދެކިލަން ޖައްސާނުލެވިގެން.. އެނގެއެއްނު ދޯ މަގޭ ލައިފް ބިޒީވާނެވަރު..” އަޒްމީލް އެހެން ބުނެލުމުން ޔޫޝައު ބޯޖަހާލީ ހުރިހާ ކަމެއްވެސް ދެނެހުރީމޭ ބުނާފަދަ ގޮތަކަށެވެ.

“އާނ ދެން ބިޒީވާނެތާ ދޯ.. އަޒޭމެން ކުދިން ހޯދާއިރަކު ނުވިސްނާ ވިއްޔަ.. އަހަރު ދެކޮޅު ކުދިން ހޯދާއިރު ކެތްވާކަމޭ ހިތަށްއަރަނީ..” ޔޫޝައު ބުނެލިއެވެ.

“ކެތްނުކޮށް ކީއްކުރާނީ؟ ކޮންމެ ފަހަރަކުވެސް ގޯސް ހެދެނީއޭ މަށަށް..” އަޒްމީލް ބޯކަހާލަމުން ބުނެލިއެވެ.

“ހޫނ ދެން ތިއެއްނޫނޭ.. ކޮބައިތަ ވަރިކުރިފުޅު ރުއްސުމުގެ ކަންތައް ކިހާ ހިސާބެއްގަތަ އޮތީ؟” އަޒްމީލް އަހާލިއެވެ.

“އެކަން ނުވެގެން މިއުޅެނީ.. ވަރަށް ބޯހަރު މަންޖެއެއް.. އަސްލު ދެން އަހަރެންނަށްވެސް ވިސްނާނުލެވުނީމަ ވީގޮތް.. އޭރު އައިސްފައި ހުރި ރުޅީގައި ވަރީގެ ލަފްޒު ބޭރުވީ..” ޔޫޝައު އޭނާގެ ކުށް ޤަބޫލުކުރިއެވެ.

“އަދި ވާނެ.. ކެތްކޮށްލާ.. ޔޫޝައު އޭނަ ރަށުގަ ހުރިއިރު އޭނަ ކައިރިއަށް ގޮސް ގުޅާ ހާލު ބެލިނަމަ، އަހަރެންނަށް ސަތޭކަ ޕަސެންޓް ޔަޤީންކަން އެބައޮތް އޭނަ މިހާރު ހުންނާނީ ޔޫޝައުއަށް އާނބަސް ދީގެންކަން..” އަޒްމީލް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

“ވެދާނެ ތިހެންކަމަށްވެސް.. އެކަމު އޭރު އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން ނުކެރުނީ ތީން އެއްވެސް ކަމެއް ކުރަން..” ޔޫޝައު އިނީ ވަރަށް ސީރިއަސްވެފައެވެ. ކުއްލިއަކަށް އޭނާގެ ސަމާލުކަން ދަމައިގަތީ އޭނާ އިން މޭޒުގެ ފަހަތުގައި ހުރި މޭޒު ކައިރިން އިވުނު އަންހެންކުއްޖާގެ އަޑެވެ. އެއީ އޭނާއަކަށް އާ އަޑެއް ނޫނެވެ. ދާދި އިހަކަށް ދުވަހަކާ ޖެހެންދެން ކޮންމެ ދުވަހަކު އެތައް ފަހަރަކު އިވި ބާވެފައިވާ އަޑެކެވެ. އާނއެކެވެ. ނާޒްގެ އަޑެވެ.

“ހިނގާބަ މިރޭ ރޫމްއަކަށް ދާން.. މިރޭ ވަރަށް ފީލްވާ ރެޔެއް..” ނާޒް ބުނެލިއެވެ. އެކަހަލަ ހާމަކަން ބޮޑު ތަނެއްގައި އޭނާ އެކަހަލަ ވާހަކަ ދައްކާކަށް ލަދެއްވެސް ނުގަނޭބާއޭ ޔޫޝައުގެ ހިތަށްއެރިއެވެ.

“ރޫމަކަށް ދާނީއޭ ކެއުން ނިންމާލާފައި.. އަދި މަޑުކޮށްލަބަލަ..” ދެންވެސް އިވުނީ އާ އަޑެއް ނޫނެވެ. މާގިނަ ފަހަރު އިވިފައި ނުވިނަމަވެސް އެއީ ޔޫޝައު ދަންނަ އަޑެކެވެ. އެހެންކަމުން ވަރަށް ސިއްރު ސިއްރުން ފަހަތް ބަލާލިއެވެ. އާނއެކެވެ. ޔޫޝައުއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެއީ ދިރިއުޅުމުގައި އޭނާއަށް އެންމެ ކަތި ފިޔަވަޅެއް އަޅުވަން މަޖުބޫރުކުރި އިންސާނާއެވެ. އައްޒާމްއެވެ.

“ދެން އަދިވެސް ކިޔައެއް ނުދެމެއްނު ބޭބީ ޖޮބުން ކަނޑާލީ ކީއްވެކަމެއް؟” އައްޒާމްގެ އެވާހަކައަށް ޔޫޝައު ސަމާލުވެލީ އަޒްމީލް ގާތު ވާހަކަ ނުދެއްކުމަށް އިޝާރާތްކޮށްފައެވެ.

“އެއީ ދެން ކުޑަ ކަމެއް ހިނގީ ބޮސްއާ ދެމީހުން ދޭތެރޭ..” ނާޒް ތަފްސީލެއް ނުދިނެވެ.

“ކޮންކަހަލަ ކަމެއް؟” އައްޒާމް އޮޅުންފިލުވަން ބޭނުންވިއެވެ.

“ލަވްއަށް އެނގެއެއްނު ނާޒްއަށް ފީލްވީމަ ކޮންޓްރޯލް ނުކުރެވޭކަން.. އެއްރެޔަކު ކޮންޓްރޯލް ނުވެގެން ބޮސްއަށް ނިދާ ބޭސް އަޅައި ކޮފީ ދީފަ ރަނގަޅަށް..” ނާޒް ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

“ވަޓް؟ އާރ ޔޫ ސީރިއަސް؟” ޔަޤީން ނުކުރެވިފައި އައްޒާމް އަހާލިއެވެ.

 

“ޔާ..”

“ވަޓް ދަ ހެލް!! ކީއްވެ؟ ކީއްވެ އަހަރެންނާ ރައްޓެހިވެގެން ހުރެ؟ އަހަރެން ކީއް ނުކޮށްދޭތީ؟” އައްޒާމް ވަރަށް ހިތްހަމަނުޖެހުނެވެ.

“ރުޅިމަޑުކޮށްބަލަ.. މީހަކަށް އަޑުއިވިދާނެއޭ..”

“ވަރިހަމައޭ އަޑުއިވުނަކަސް.. އަހަރެން ބޭނުމެއްނޫން އިތުރަށް އެންމެ މިނެޓަކުވެސް ނާޒްއާ އެކީ އުޅޭކަށް.. އަހަރެން ހިއެއްނުކުރަން ނާޒް ތީ އެކަހަލަ މީހެއް ކަމަކަށް.. އަހަރެން ހީކުރީ އަހަރެންނާ އެކީ އެހެން އުޅުނީ އަހަރެންނާ މެރީކުރަން ނިންމައިގެން ހުރީމަ ކަމަށް..” އައްޒާމް ވަރަށް ރުޅިއައިސްފައި ބުނެލިއެވެ.

“މެރީކުރާށޭ!!؟ ޗީ.. ނެވަރ.. އަހަރެން އެއްވެސް އިރަކު އައްޒާމްދެކެ ލޯތްބެއްނުވޭ.. އަހަރެން ބޭނުންވާ ކަންތައް އައްޒާމް ކޮށްދީފި.. ހީކޮށްލާ ތީ އަހަރެންގެ މިޝަނެއްގަ ބޭނުންކޮށްލި އެހީތެރިއެކޭ..” ނާޒްގެ އަޑުގައި އެއްވެސް ކަހަލަ ޖެހިލުންވުމެއް ނެތެވެ. އެއަޑުގައި ވަނީ މަލާމާތެވެ.

“ކޮން މިޝަންއެއް؟”

“އެއީ އަހަރެންގެ ދެ ދުޝްމަނުން، އައިކާއާއި މާޒްގެ ދިރިއުޅުން ބަރުބާދުކޮށްލުން.. އައިކާގެ ސަބަބުން މާޒް އެދުވަހު އަހަރެންގެ ލޯތްބަށް ފުރަގަސްދިނީ.. އޭނަ ދުވުނީ އައިކާގެ ފަހަތުން.. ކޮންމެ ފަހަރަކުވެސް މާޒް އައީ އަހަރެން އިގްނޯ ކުރަމުން.. އެކަމާ ހެދި އަހަރެންގެ ހިތުގައި އައިކާއާ ދޭތެރޭ ނަފުރަތު އުފެދުނީ.. އައިކާ ޔޫޝައުއާ އިނީމަވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނު.. އެއީ އޭނަ އުފަލުގަ އުޅޭތީ.. އެދުވަހު މާޒް އަހަރެންގެ ލޯތްބަށް ފުރަގަސްދިނީތީ އަހަރެންގެ ބައްޕަ ފައިސާއަށްޓަކައި އަހަރެން ވިއްކާލީ.. އަހަރެންގެ ޒުވާން އުމުރުގެ އެއްބައި މި ބޭކާރުވީ އެ ހަންޓޯޓޯ މީހާގަނޑާ އެކީ އުޅެ.. ދުވަހެއްގެ ކޮޅުންވެސް އޭނަ އަހަރެން ވަރިއެއް ނުކުރާނެ.. އެހެންވީމަ އަހަރެން ބޭނުންވީ އަހަރެންނަށް މާޒް ނުލިބުނުތާ އައިކާއަށްވެސް މާޒް ނުލިބޭނެ ގޮތެއް ހަދަން.. އެކަމާ އަހަރެން ވަރަށް ވިސްނިން.. އަހަރެން ހިތަށްއެރި ޔޫޝައު އައިކާ ދޫކޮށްލައިފިއްޔާ އައިކާ މާޒްއާ ގުޅިދާނެޔޭ.. އެހެންވެ އަހަރެން ބޭނުންވީ އައިކާގެ ދިރިއުޅުން ހަލާކުކޮށްލީ މާޒްކަމަށް އޭނައަށް ޤަބޫލުކުރެވޭނެހާ ގޮތަކަށް ކަންތައްތައް ކުރަން.. އެކަން އަހަރެންނަށް ކާމިޔާބުވެސް ކުރެވުނު.. ދެނެއް އައިކާ ދުވަހަކުވެސް މާޒްއަކާ ނުގުޅޭނެ.. މުޅި އުމުރަށް އޭނާއަށް ނަފުރަތުކުރާނެ.. ދެން ހުރީ ޔޫޝައު.. އޭނަ އަހަރެން ވަޒީފާއިން ވަކިކޮށްލުމުގެ ކުރިން އަހަރެންނަށް އޭނަގެ ކިބައިން އެކަމަށްވެސް ބަދަލު ހިފިއްޖެ.. އައިކާ ދެން ޔޫޝައުއަކާވެސް ނުގުޅޭނެ.. އެއީ އޭނައަކީ އެއްވެސް މީހަކަށް ދެވަނަ ފުރުސަތެއް ދޭނެ މީހެއްނޫން.. އަޅެ އަހަރެން މޮޅެއް ނޫންތަ؟ އަހަރެންނަށް ލަނޑެއް ދޭން ހިތަށް އަރުވާ މީހަކުވެސް ޖެހޭނީ މުޅި އުމުރަށް ރޯން.. އެއީ ކޮންމެ މީހަކަށްވިޔަސް..” ނާޒްގެ އަޑުގައި ވަނީ ނުރައްކާތެރިކަމެވެ. ބަދަލު ހިފުމުގެ ރޫޙުން އޭނާ ވަނީ ހަފުސްވެފައެވެ.

“އެކަމުގެ ތެރެއަށް އަހަރެން ވެއްދީ ކީއްވެ؟” އައްޒާމްގެ ހިތުގައި އުފެދުނު އޭނާއަށް އެންމެ އުނދަގޫ ކުރި ސުވާލު އޭނާ ނާޒްއާ ކުރިއެވެ.

“އެއީ މާޒް ކުރުވި ކަމެއްކަމަށް ދައްކަންވެގެން..”

“އެކަމަކު ކީއްވެ އަހަރެން؟” އައްޒާމް އަނެއްކާވެސް އޭނާގެ ހަޤީޤީ ސުވާލު ތަކުރާރުކުރިއެވެ.

“އަހަރެންނަށް އެނގުނު އައްޒާމް އަހަރެންނާ ދޭތެރޭ ދެކެނީ ކިހިނެއްކަން.. މިބުނީ އަހަރެންދެކެ ލޯބިވާކަން.. އެހެންވީމަ އަހަރެން ބުނާ ކޮންމެ ކަމެއްވެސް ކުރާނެކަން އަހަރެންނަށް ޔަޤީންވީ.. އެހެންވެގެން އަހަރެން އެގޮތަށް ކަންތައްކުރީ..” ނާޒް ފަޚުރުވެލިއިރު ހީވީ އޭނާއަށް މާ މޮޅު ކަމެއް ކުރެވިގެން އުޅޭހެންނެވެ. ކުއްލިއަކަށް ފަހަތުން އަތްތިލަބަޑި ޖަހަން ފެށި އަޑަށް ނާޒްއާ އައްޒާމް އެއްފަހަރާ ބަލާލިއެވެ. އެދެމީހުންނަށްވެސް ކުއްލި ސިހުމެއް ލިބުނީ ރުޅިވެރި ނަޒަރަކުން އެދެމީހުންނަށް ބަލަން އިން ޔޫޝައު ފެނުމުންނެވެ.

“ވާއު! ހާދަ މޮޅު ޕްލޭންއެކޭ ތީ.. މާސްޓަރ މައިންޑެއްގެ ވެރިއެއް ދޯ މީނީ..” ނާޒްއަށް އިޝާރާތްކޮށްލަމުން ޔޫޝައު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ޔޫ.. ޔޫޝައު..”

“އަނގަ މަޑުންލައިގެން އިނދޭ!” ޔޫޝައު އަމުރުވެރި ރާގަކަށް ބުނެލުމުން ނާޒްއަކަށް އެއްވެސް ހަރަކާތެއް ކޮށްލާކަށް ނުކެރުނެވެ. ދެންމެ ނުހަނު ގަދަވެލާފައި ވާހަކަދެއްކި މީހާ ކުޑަވިވަރުން އަޒްމީލް ގާތަށް ޒާތެއްގެ ހިންޏެއްވެސް އައެވެ.

“ހީކުރީ ތިކުރެވުނީ ވަރަށް މޮޅުކަމެއް ކަމަށްތަ؟ އެނގޭތަ؟ އެނގޭތަ ތި ހަލާކުކޮށްލެވިނީ ކިތައް މީހުންގެ ދިރިއުޅުންކަން؟ ހަމައެކަނި އައިކާއާ މާޒްގެ ދިރިއުޅުމެއް ނޫނޭ ހަލާކުވީކީ.. އެދެމީހުންނާ އަހަރެންނާ އަހަރެންގެ ދެދަރިން އަދި މީނދަ އައްޒާމްގެ ދިރިއުޅުންވެސް..” ނާޒްއާ ދިމާއަށް ގުދުވެލަމުން ރުޅިވެރިކަމާއެކު ޔޫޝައު ބުނެލިއެވެ.

“އަމިއްލަ ދިރިއުޅުން އަމިއްލަ އަތުން ހަލާކުކޮށްލެވުނުއިރުވެސް ނޭނގުނު ދޯ؟” ޔޫޝައު މަލާމާތުގެ ބަހެއް އައްޒާމްއަށް އެއްލިއެވެ. އައްޒާމްއަށް އިސްޖަހާލުން ނޫންކަމެއް ނުކުރެވުނެވެ.

“ހީކުރީ އައިކާގެ ހިތް ތިގޮތަށް ބަދަލުކޮށްލައިގެން ކަލޭއަށް ވަރަށް އުފަލުގަ އުޅެވިދާނެކަމަށްތަ؟ އަހަރެން ކަލޭ ތި ދެއްކި ހުރިހާ ވާހަކައެއް ރެކޯޑްކޮށްފިން.. އެ ހުރިހާ އެއްޗެއް އޭނައަށް އިއްވީމަ ކަލެއަށް ވަރަށް އުފަލުގަ އުޅެވޭނެޔޭ.. އޭރުން ކާމިޔާބު ލިބުނީ ކާކަށްކަންވެސް އެނގިދާނެ..” ނާޒްއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޔޫޝައު އެހެން ބުނެލާފައި ދާން ހިނގައިގަތީ އަޒްމީލް ގާތު އައުމަށް އިޝާރާތްކުރަމުންނެވެ.

ޔޫޝައު އައިކާމެން ތިބި ކޮޓަރިއަށް ދިޔައިރު އައިކާ އުޅެނީ ދެކުދިން މަސަލަސްކުރުމުގައެވެ. ސަނާވެސް އެތަނުން އެއްކުއްޖަކު ހުއްޓުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޔޫޝައު ވަނުމުން ސަނާ އެކުއްޖާ ޔޫޝައުގެ އަތަށް ދިނެވެ. ހަމަ ދިނުމާއި އެކުހެން ރުއިން ހުއްޓާލައިފިއެވެ.

“އެ ހުއްޓާލީނު.. ބޭބީއަށްވެސް ޑެޑީ ވަކިކުރަން އެނގޭނެއޭ ދޯ.. މާޝާ ﷲ!! ބަލާބަލަ ލޯބިކަން..” އަޒްމީލް ބުނެލިއެވެ. ސަނާއާއި ޔޫޝައުވެސް ހީލިއެވެ.

ދެކުދިންގެ ރުއިން ހުއްޓުމާއެކު ސަނާ ބޭރަށް ނުކުމެލިއެވެ. އަޒްމީލްވެސް ޔޫޝައުގެ ކޮނޑުގައި ޖަހާލާފައި ނުކުތީ އަވަހަށް މަސައްކަތް ކުރިއަށް ގެންދާށޭ ބުނާފަދަ އިޝާރާތެއް ކޮށްލާފައެވެ.

“އިކާ! އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި.. ހަމަ މިރޭ.. މިހާރު..”

“އަލުން ދެމީހުން ގުޅޭ ވާހަކަ ދައްކަންޏާ ބުނެވޭނީ ތީ ބޭކާރު ވާހަކަތަކެކޭ.. އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ..” އައިކާ ބުނެލިއެވެ. އޭނާ ހުރީ އޭނާގެ ގޮތުގައެވެ.

“ތިއަށްވުރެވެސް މާބޮޑު ވާހަކައެއް ދައްކަން މިއުޅެނީ.. މިވީ ދެތިން މަހެއްގެ ތެރޭ އަހަރެމެން އެންމެންވެސް މިތިބީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި..” ޔޫޝައު ބުނެލިއެވެ.

“ކޮން އެންމެންނެއް؟”

“އަހަރެންވެސް.. އައިކާވެސް.. އަދި މާޒްވެސް..” ޔޫޝައު ބުނެލިއެވެ.

“ތިކިޔާ އެއްޗެއް އަހަރެންނަކަށް ނުވިސްނޭ.. ސާފުކޮށް ބުނެދީފާނަންތަ؟” އައިކާ އިނީ ވާނުވާ ނޭނގިފައެވެ. އައިކާ އެހެން ބުނެލުމުން ޔޫޝައު އޭނާގެ ފޯނުން ރިކޯޑްކުރި ނާޒްއާއި އައްޒާމްގެ ވާހަކަތައް ޕްލޭކޮށްލިއެވެ. އިވެމުންދިޔަ ވާހަކަތަކެއް އައިކާއަކަށް ޤަބޫލެއް ނުކުރެވުނެވެ.

“ނޫން.. ތީ ދޮގެއް..”

“ނޫން.. މީ ތެދެއް.. މީ މިރޭ އަހަރެންނާ އަޒޭ ރެސްޓޯރެންޓެއްގައި ތިއްބާ އިއްތިފާޤަކުން އަހަރެމެންނަށް އިވުނު ވާހަކަތަކެއް.. ސީދާ ނާޒްއާއި އައްޒާމްގެ ދުލުން ހުރިހާ ވާހަކައެއް ދައްކާފަ މިހުރީ..” ޔޫޝައު ޔަޤީންކަން ދިނެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލި އަޑަށް ޔޫޝައުއާ އައިކާއަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ.

“ހުޅުވާފަ ހުރީ..” އައިކާ އެހެން ބުނެލީ ސަނާމެން ކަމަށް ހީކޮށްފައެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އައްޒާމް ފެނުމާއެކު ޔޫޝައުގެ ލޭ ކެކިގަތެވެ.

“ކިހިނެއް މިތަނަށް އަންނަން އެނގުނީ؟” ޔޫޝައު ރުޅިވެރިކަމާއެކު އަހާލިއެވެ.

“ޔޫޝައުގެ ފަހަތުން އަހަރެން މިއައީ..” އިސްޖަހައިގެން ހުރެ އައްޒާމް ބުނެލިއެވެ.

“ކީއްކުރަން؟ އަދިވެސް ކުރެވުނު ވަރު ކުޑައީތަ؟” އައިކާ ރުޅިވެރިކަމާއެކު އެހެން ބުނިނަމަވެސް އޭނާ ވާހަކަދެއްކީ މަޑުންނެވެ.

“ނޫން.. އަހަރެން މިއައީ މާފަށް އެދެން.. އަހަރެންނަށްވެސް މިހުރިހާ ދުވަހަކު މި ހުރެވުނީ އޮޅުމެއްގެ ތެރޭގައި.. ނާޒް މިހުރިހާ ދުވަހު އަހަރެން ކަނުބަނދެގެން ގެންގުޅުނީ.. އަހަރެންނަށްވެސް ހަޤީޤަތް މި އެނގުނީ މިރޭ.. އޭނަ އަހަރެންގެ ގާތުގައި އައިކާއޭ މާޒްއޭ ކިޔައިގެން ދޮގު ވާހަކަދައްކައިގެން އަހަރެން ބޮލަށް ސަވާރުވީ.. އޭނަގެ ބަދަލު ހިފުމުގެ ތެރެއަށް އަހަރެން ވެއްދީ.. އެންމެފަހުން އަހަރެންނަށް ކެހިވެސް ދިނީ.. އަހަރެން ހީކުރީ އޭނަ އަހަރެންދެކެ ލޯބިވާކަމަށް.. އެކަމަކު މިރޭ މި އެނގުނީ އެއީވެސް އޭނަ ދެއްކި ދަޅައެއްކަން..” އައްޒާމް ހުރީ އޭނާއަށް ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދުގަނެފައެވެ. އެކަން އޭނާގެ މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ.

“އަހަރެން ހުރިހާ ކަމެއްވެސް ކުރީ ނާޒް ބުނިގޮތަށް.. މާޒްއަށް ވެގެން އައިކާއަށް މެސެޖު ކުރީވެސް.. އަހަރެންނަށް ނާޒްދެކެ ލޯބިވެވުނުލެއް ބޮޑުކަމުން އޭނަ ދެއްކި ހުރިހާ ވާހަކައެއްވެސް ތެދުކަމަށް ހީކުރެވުނީ.. އަހަރެންނަށް މާފްކުރޭ.. އިނގޭ އެހާ ފަސޭހަކަމެއް ނޫންކަންވެސް.. އެކަމަކުވެސް..”

“ދެން ހެޔޮ.. ދާންއުޅޭ މިތަނުން.. ނުލިބޭނެ އަހަރެންގެ މާފެއް.. ދެން މިތަނަށް އައިސްފިއްޔާ ޕޮލިހަށްވެސް އަންގާނަން.. ހައްޔަރުވާންތަ ބޭނުމީ؟ ކަލޭ މައިންބަފައިން، އަހަރެން ބޭނުން ކޮންމެ އަދަބެއް ކަލެއަށް ދިނުމަށް އިޚްތިޔާރު ދިނުމުންވެސް އެމީހުންނާ ދޭތެރޭ ވިސްނާލާފަ ކުރީ ފަހަރުވެސް ކަލޭ ޕޮލިހުންނާ ހަވާލުނުކުރީ.. އެވަރުންވެސް ކަލޭ އެކަން ހުއްޓައެއްނުލި.. ދެވަނަ ފަހަރުވެސް ދިމާކުރީ.. އެހެންވީމަ މިފަހަރު ކުރީ ބައިގަ މިބުނަނީ.. ދެން އަހަރެން ފެންނަ ހިސާބަށް އަޔަސް އަހަރެން ކަލޭ ޕޮލިހުންނާ ހަވާލުކުރާނަން.. ހަމަ މިހާރު މިތަނުން ނިކުމޭ.. އަހަރެން ކަލޭއަށް ދުވަހަކުވެސް މާފެއް ނުކުރާނަން..” އައިކާ ރުޅިވެރިކަމާއެކު އެހެން ބުނެލުމުން އައްޒާމް އެއްވެސް އެއްޗެކޭ ނުބުނެ ނުކުތެވެ. ކިތަންމެ ވަރަކަށް މާފަށް އެދުނަސް އައިކާގެ މާފު ނުލިބޭނެކަން އެނގޭތީއެވެ. އައްޒާމް ނުކުތުމާއެކު އައިކާއަށް ބާރަށް ރޯން ފެށުނެވެ.

“އައިކާ ޕްލީޒް! ނުރޮއި ހުއްޓާލާ..” އައިކާ ރޯން ފެށުމުން ޔޫޝައު ވަރަށް ދެރަވިއެވެ.

“ޔޫޝް! އަހަރެން ދެން ކިހިނެއް ހަދާނީ؟ އަހަރެންނަށް މާޒްއާ ދޭތެރޭ ކަންތައް ކުރެވުނީ ހާދަ ގޯސްކޮށޭ.. އަހަރެން އޭނައާ ދިމާއަށް ނުކިޔަނީ ކޮން އެއްޗެއް؟ އޭނަ އަހަރެންގެ އާއިލާއަށްވީ ހުރިހާ އެހީއެއްގެ ބަދަލު އަހަރެންނަށް ދެވުނީ ހާދަ އިހާނެތި ބަސްތަކަކުންނޭ.. އަހަރެން ކިހިނެއް ދެން މާޒްއާ ކުރިމަތިލާނީ؟ މިރޭވެސް އޭނަ އައިމަ އަހަރެންނަށް އޭނައާ ދިމާއަށް ހާދަ ނުބައި އެއްޗިއްސޭ ގޮވުނީ.. ދެން ނޭނގެ.. އަހަރެންނަށް ހަމަ ޔަޤީން މިހާރު އަހަރެން މާފަށް އެދުނަސް މާޒް އަހަރެންނަށް މާފެއްވެސް ނުކުރާނެކަން..” އައިކާއަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ޙައްޤަކާއިނުލާ މާޒްއާ ދިމާއަށް ގޮވުނުހާ އެއްޗެހި ހިތަށް އެރުމުންނެވެ.

“ނޫން.. މާޒްއަކީ ވަރަށް ރަނގަޅު މީހެއް.. އޭނަ އައިކާއަށް މާފްކުރާނެ..” ޔޫޝައު ޔަޤީންކަން ދިނެވެ.

“އަހަރެންނަކަށް ނުކެރޭނެ މާޒްއާ ކުރިމަތިލާކަށް.. އޭނަ އަހަރެންނަށް ދުވަހަކުވެސް މާފެއް ނުކުރާނެ..” އައިކާ ބުނަމުންދިޔައެވެ.

“އައިކާ! ތިހެން ނުބުނޭ.. އައިކާއަށް މާޒްއާ ކުރިމަތިލެވޭނެ.. އައިކާއަކީ ހިތްވަރުގަދަ ކުއްޖެއް.. އެކަން އައިކާ ވަނީ މިވީ ދެމަހެއްހާ ދުވަސްތެރޭ ސާބިތުވެސް ކޮށްދީފައި.. ލޯބިވާ މީހުންނާ ދުރުގައި ހުރުމަކީ ކިހާ ބޮޑު ވޭނެއްކަން އައިކާ ވަނީ ތަޖުރިބާކޮށްފައި..” ޔޫޝައު އައިކާއަށް ހިތްވަރުދިނެވެ.

ހަފްތާއެއް ފަހުން ނާޒިމްއާއި ސަނާ އައިކާއާއި ދެކުދިން ގޮވައިގެން ރަށަށް ދިޔައެވެ. ރަށަށް ދެވުމުންވެސް އައިކާ މާޒްއަކަށް ނުގުޅިއެވެ. މާޒްއާއި ދޭތެރޭ ކަންތައް ކުރެވިފައިވާ ގޮތުން ލަދުންނެވެ. މާޒް ބުނިތަން މިއޮތީ އައިސްފައެވެ. ހަޤީޤަތް އެނގުމުން މާޒްގެ ކުރިމައްޗަށް އަރަން އައިކާ ލަދުގަންނާނެކަމަށް މާޒް ވަނީ ބުނެފައެވެ. އޭނާއާ ދިމާއަށް ގޮވި އެއްޗެހީގެ ސަބަބުން އެކަމާ ހިތާމަކުރާނެކަމަށްވެސް މާޒް ބުނެފައިވެއެވެ. ކަންތައް ވީވެސް އެހެންނެވެ. ހަޤީޤަތް އެނގުނު ފަހުން އައިކާއަށް ހިތްހަމަޖެހިގެނެއް ނުހުރެވެއެވެ. ހަމަ ބުއްދިން މާޒްއާ ދޭތެރޭ އޭނާއަށް ވިސްނާލެވުނީ އަދި ކިރިޔާއެވެ. ވާނެ އެއްޗެއް ވީފަހުންނެވެ. މާޒްގެ މާފު ނުލިބޭނެހާ ވަރަށް މާޒްގެ ހިތުގައި ޖައްސާ ހެދުނު ފަހުންނެވެ. އޭނާ އެކަމާ ހިތާމަކޮށް ކަރުނަ ނުއޮހޮރާ ދުވަހެއް ނުދެއެވެ.

އައިކާއަށް މިހާރަކަށް އައިސް މާޒްއާ ދޭތެރޭ ވިސްނެނީވެސް މާވަރަކަށެވެ. މާޒްއާ ދޭތެރޭ އޭނާ ދެކެމުން އައި ގޮތް ބަދަލުވަމުން އަންނަކަން އޭނާއަށް ޤަބޫލުކުރެވެއެވެ. މާޒް ދުށުމަށް ހިތް އެދެނީއެވެ. ވާހަކަ ދައްކާލާ ހިތްވަނީއެވެ. އެކުގައި ވަގުތު ހޭދަކުރާ ހިތްވަނީއެވެ. ނުފެނުމުން ހިތް ނުތަނަވަސްވަނީއެވެ. މިއީ ކުރިންވެސް އޭނާއަށް ކުރެވުނު އިހުސާސްތަކެކެވެ. ނަމަވެސް ކުރިން އެ އިހުސާސްތައް ކުރެވުނީ މާޒްއަށްޓަކައެއް ނޫނެވެ.

“އަހަރެން ކިހިނެއް ހަދާނީ މާޒް ކައިރިން މާފަށް އެދެން؟ މާޒް ގާތު އެވާހަކަތައް ކިޔައިދޭނެ ގޮތެއްވެސް އަހަރެންނަކަށް ނުވިސްނޭ.. މާޒްއާ ދިމާއަށް އަހަރެން ގޮވުނު އެއްޗެހީގެ ސަބަބުން އޭނަ އަހަރެންނަށް މާފުކުރާނެބާ؟ އޭނަ އަހަރެންނަށް މާފް ނުކޮށްފިއްޔާ އަހަރެން ހަދާނީވެސް ކިހިނެއް؟ އަހަރެންނަށް މިހާރު މާޒްއާނުލާ އުޅެން ވަރަށް އުނދަގޫ.. އަހަރެންނަށް މާޒްދެކެ ލޯބިވެވިއްޖެ.. އަހަރެންނަށް އެކަން މިހާރު ޤަބޫލުކުރެވިއްޖެ.. ކޮންމެ ދުވަހަކު މާޒް ފެންނައިރުވެސް އަހަރެންގެ ހިތް އަބަދުވެސް އެދެނީ އޭނަ ފެންނަ ހިސާބުގައި ހުންނަން.. އޭނަ ފެނުނީމަ އެވާ ގޮތްތަކެއްވެސް ނޭނގެ ބުނާކަށް.. ހިތްއަވަސްވެ އަތްފައި ފިނިވެ.. ދެން ނޭނގެ..” އައިކާ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.

“ހިތްވަރުކޮށްލާފަ މާޒްއަށް ގުޅަންވީ ކަންނޭނގެ..” އައިކާގެ ހިތަށްއެރިއެވެ.

“މާތް ﷲ މިއަޅާއަށް ހިތްވަރު ދެއްވާނދޭވެ.. އާމީން!” މަޑުމަޑުން ދުޢާކޮށްލުމަށްފަހު އައިކާ ފޯނު ނެގިއެވެ. އަދި އޭނާ ބްލޮކް ކޮށްލާފައިވާ މާޒްގެ ނަންބަރު އަންބްލޮކް ކޮށްލިއެވެ. ވަރަށް ނުކެރި ހުރެފައި އޭނާ އެ ނަންބަރަށް ގުޅާލިއެވެ.

މާޒް އޮތީ އޭނާގެ ކޮޓަރީގައެވެ. އޭނާގެ ވިސްނުންތައް ގުޅިފައިވަނީ އައިކާއާއެވެ. އެނޫންކަމެއް އޭނާގެ ޙަޔާތުގައި ނުވާފަދައެވެ. އެކަން އައިކާއަށް ވިސްނޭނެނަމައޭ އޭނާގެ ހިތަށްއެރިއެވެ. ފޯނު ރިންގުވާ އަޑަށް ސިހިފައި މާޒް ފޯނަށް ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ އައިކާގެ ނަން ފެނުމުން އޭނާއަށް އިނދެވުނީ ޤަބޫލުނުކުރެވިފައެވެ. އޭނާއަށް މި ފެންނަނީ ހުވަފެނެއް ނޫންބާވައޭ އޭނާގެ ހިތަށްއެރިއެވެ. ހައިރާންވެފައި އިނދެ މާޒް ފޯނު ނެގިއެވެ.

“ހެލޯ!”

“ހެލޯ! މާޒް!” ޖެހިލުވެފައި ހުރެ އައިކާ ގޮވާލިއެވެ.

“އާނ.. ކީކޭ؟” މާޒްގެ އަޑުގައިވާ ބީރައްޓެހިކަން އައިކާއަށް ފާހަގަކުރެވުނެވެ.

“މިގެއަށް އައިސްދެވިދާނެތަ؟ މިހާރު..” އައިކާ ބުނެލިއެވެ.

“ކިހިނެއްވީ؟ މާބޮޑު ކަމެއް އޮތީތަ؟” މާޒް ކަންބޮޑުވެފައި އަހާލިއެވެ.

“ހޫމް.. ކުޑަކަމެއް ނޫން..”

“އާނ.. އެބަ ދަން އިރުކޮޅަކުން..” މާޒް ބުނެލިއެވެ.

ކުޑައިރުކޮޅެއްވީއިރު މާޒް ހުރީ އައިކާމެން ގޭގައެވެ.

“އިކާ! ކިހިނެއްވީ؟” ގޭތެރެއަށް ވަންނަމުން ސިޓިންރޫމުގައި އިން އައިކާ ގާތު މާޒް އަހާލިއެވެ.

“މާޒް! އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.. އެކަމަކު އަހަރެންނަކަށް ނޭނގެ މިވާހަކަ ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް.. އަހަރެންނަށް މާޒްއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. އެކަން އަހަރެން ޤަބޫލުކުރަން.. އަދި އެކަމާ ވަރަށް ދެރަވެސްވޭ..” އައިކާ ސޯފާގައި އިނދެފައި ކޮޅަށް ތެދުވިއެވެ. އަދި މާޒްގެ ފުރަގަހަށްވާ ގޮތަށް ހުއްޓުނެވެ. މާޒްގެ މޫނަށް ބަލަން ހުރެ އޭނާއަށް އެވާހަކަ ދައްކަން ފަސޭހަ ނުވާތީއެވެ.

“މާޒް! ވަރަށް ލަދުގަނޭ މިވާހަކަ ބުނަންވެސް.. އެކަމަކުވެސް މިހާރު އަހަރެންނަށް ހަމަޖެހުމެއް ނުލިބޭތާ ދެމަސް ވެދާނެ.. ހަޤީޤަތް އެނގުމުންވެސް މާޒްއާ ކުރިމަތިލާން ނުކެރިފަ އަހަރެން މިހުންނަނީ..” އައިކާ ދެއަތް ދެއަތާ މޮޑެމުން ބުނެލިއެވެ.

“އަހަރެންގެ ދިރިއުޅުން ހަލާކުވުމުގައި މާޒްގެ އެއްވެސް ކުށެއްނެތް.. އަހަރެންނަށް އެކަން އެނގިއްޖެ.. އެ ހުރިހާ ކަމަކީވެސް އަހަރެމެން ދެމީހުންނާ ދުޝްމަންކަން ބާއްވައިގެން އުޅޭ މީހަކު އަހަރެމެން ދެމީހުން ދޭތެރެ ޖައްސަންވެގެން އަހަރެންނަށް ދެއްކި މަންޒަރުތަކެއް.. ބޮޑު އޮޅުވާލުމެއް..” އައިކާ އަދިވެސް ހުރީ މާޒްއާ ދިމާއަށް އެނބުރެން ނުކެރިފައެވެ.

“އިކާ ތިކިޔަނީ ކީކޭ؟” އައިކާގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލަމުން މާޒް އަހާލިއެވެ.

“އާނ މާޒް.. އަހަރެން މި ކިޔަނީ ހަމަ ރަނގަޅު އެއްޗެއް.. މި ހުރިހާ ކަމެއްގެ އަޑީގައި ހުރީ ނާޒް..”

“ކީކޭ!؟ ނާޒްއޭ!؟ ކީއްވެ؟” ހައިރާންކަމާއެކު މާޒްއަށް އަހާލެވުނެވެ.

“އަހަރެމެން ކިބައިން ބަދަލު ހިފަންވެގެން.. މާޒް އޭނައާ ނުގުޅުނީމަ.. އަހަރެން މާޒްއާ ގުޅިދާނެތީ..”

“މާޒް! އަހަރެންނަށް މާފްކުރޭ.. އަހަރެންނަށް މާޒްއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް..” އައިކާ ކުއްލިއަކަށް މާޒްގެ ގައިގައި ބައްދާލިއެވެ.

“އަހަރެން އިކާއަށް ހެޔޮހިތުން މާފްކޮށްފިން.. އަހަރެން އިކާދެކެ ވަރަށް ލޯބިވޭ..” މާޒްއަށް އެއްވެސް އިޚްތިޔާރަކާނުލާ އޭނާ އައިކާދެކެ ލޯބިވާ ވާހަކަ ބުނެވިއްޖެއެވެ.

“މާޒް! އަހަރެންނާ އިންނާނަންތަ؟” އައިކާ އެހެން އަހާލުމުން މާޒްއަށް ކުއްލިއަކަށް އައިކާއާ ދުރަށް ޖެހިލެވުނެވެ.

“އިކާ! އަހަރެންނާ ތިކަހަލަ ސަމާސާ ނުކުރޭ.. އަހަރެންގެ ހިތް ކުދިކުދިވެދާނެ..”

“މާޒް! މީ ސަމާސާއެއް ނޫން.. މީ ހަޤީޤަތެއް.. އަހަރެން މާޒްއާ އިންނަން ބޭނުން.. އަހަރެންނަށް މާޒްދެކެ ލޯބިވެވިއްޖެ..” އައިކާގެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ.

“ހަމަ އަސްލުތަ؟ ސަމާސާއެއް ނޫންތަ؟” މާޒް ޔަޤީންކުރަން ބޭނުންވިއެވެ.

“އާނ.. މީ ހަމަ ހަޤީޤަތެއް..” އައިކާ ޔަޤީންކަން ދިނެވެ.

“އަހަރެން މިއަދު ވަރަށް އުފާވެއްޖެ..” މާޒް ވަރަށް ލޯބިން އައިކާ ގައިގައި ބައްދާލިއެވެ. އަދި މަޑުމަޑުން އައިކާގެ އިސްއުފުލާ އެމޫނަށް ރީތިކޮށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު ދެމީހުންނަށް މަޑުމަޑުން ގާތްވެވެމުން ދިޔައެވެ. މާޒްގެ ތުންފަތް އައިކާގެ ތުންފަތާއި ޖޯޑުވި ވަގުތު އައިކާއަށް ދެލޯ މަރާލެވުނެވެ. އެވަގުތު ބޭރުން އައިސް ގޭތެރެއަށް ވަތް ނާޒިމްއާއި ސަނާ ކަރުކެހިލި އަޑަށް ދެމީހުންނަށް ސިހިފައި ދުރަށް ޖެހެވުނެވެ.

“ތީ ކޮންކަމެއް؟” ނާޒިމް ރުޅިވެރިކަން ދައްކަމުން ބުނެލި ނަމަވެސް ދެންމެ ފެނުނު މަންޒަރުން އޭނާގެ ހިތުގައި ވަނީ އުއްމީދުގެ ހުޅުކޮޅެއް ރޯވެފައެވެ. ނާޒިމްމެންނަށް އެމަންޒަރު ފެނުނުކަން އެނގުމުން ދެމީހުން ވަރަށް ލަދުގަތެވެ. އިސާހިތަކު އައިކާގެ މޫނުމައްޗަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވިއެވެ.

“ބޭބޭ! އަހަރެން އައިކާއާ އިންނަން ބޭނުން..” މާޒް މަޑުމައިތިރިކަމާއެކު ބުނެލިއިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ލަދުވެތިކަމެވެ. ނާޒިމްއާއި ސަނާގެ މޫނުމަތިން ފެނިގެން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަފަދަ އުފާވެރިކަމެކެވެ.

“މަންމަ މިއަދު ވަރަށް އުފާވެއްޖެ.. ދަރިފުޅަށް މިއަދު އިހުސާސްކުރެވިއްޖެ ދޯ މާޒް ދަރިފުޅުދެކެ ލޯބިވާވަރު..” ސަނާ އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ.

**********

އައްޒާމްއަށް ހަޤީޤަތް އެނގުނު ރެއިން ފެށިގެން ނާޒް އުޅުނީ އައްޒާމްއަށް ފިލައިގެންނެވެ. ނަންބަރުވެސް ބަދަލުކޮށް ގެއިން ނުކުތުން އެއްކޮށްހެން ހުއްޓާލިއެވެ. ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ބޭރަކަށް ނުދެއެވެ. އިއްތިފާޤަކުންވެސް އައްޒާމްއާ ދިމާނުވޭތޯ އޭނާ ހުންނަނީ އަބަދު ދުޢާކޮށްލަކޮށްލައެވެ. އައްޒާމްގެ ފަރާތުން އެރޭ ވަނީ އޭނާއަށް ނުރައްކާތެރި އިންޒާރެއް ދީފައެވެ. އޭނާގެ ހިތުން ނުފިލާވަރުގެ ގޮތެއް އޭނާ ހަދާނެކަމުގެ އިންޒާރެވެ. އެހެންކަމުން ފަހަރެއްގައި ބޭރަށް ނުކުމެލިނަމަވެސް އޭނާ ހުންނަނީ ބިރުން ސިހިސިހިއެވެ.

މަސްދުވަސް ފަހުން އައްޒާމްއަށް ނާޒް ފެނުނީ މަޖީދީ މަގުގައި ހުންނަ އަންނައުނު ވިއްކާ ފިހާރައަކުން ނުކުންނަނިކޮށެވެ. ނާޒްއަށް އައްޒާމް ފެނުނީ އޭނާއާއި ފުދޭވަރަކަށް ކައިރިއަށް އައިފަހުންނެވެ. ފެނުމާއެކު އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެއޮއް ފިނި ދުވަހުވެސް އޭނާ ދާހިއްލާ ފޯވެއްޖެއެވެ. އައްޒާމް އޭނާއާއި ގާތަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާއަށް ލިބެމުން ދިޔައީ އިންޒާރެކެވެ. އޭނާ ބަލާކަށް ނުހުރެ ހުރިގޮތަށް މަގު ހުރަސްކުރަން ހިނގައިގަތެވެ. ހާސްވެ ބިރުގެންފައި ހުރުމުގެ ސަބަބުން އެއްވެސް ކަމެއް އޭނާއަށް ވިސްނައެއްނުލެވުނެވެ. މަގުގެ މެދެއްހާ ހިސާބަށް ދެވުނުތަނާ ބާރު ދުވެލީގައި އައި ލޮރީއެއްގައި ޖެހި އޭގެ ދަށުވީއެވެ. މާ ބާރަށް ނައިނަމަވެސް ކުއްލިއަކަށް އެހާ ކައިރިން މީހަކު ފެނުމުން ޑްރައިވަރަށް ލޮރީގެ ބުރަކި ނުޖެއްސުނީއެވެ. އިސާހިތަކު ލޭގެ ކޯރެއް ހެދި އެހިސާބަށް މީހުން އެއްވާން ފަށައިފިއެވެ.

އެންބިއުލާންސްގައި ނާޒް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ ފުރާނައެއް ނެތެވެ. އައްޒާމްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އޭނާ ނާޒްއާ ދިމާއަށް އައީ އެއްގޮތަކަށްވެސް ނާޒްއަށް ގެއްލުމެއް ދޭކަށް ނޫނެވެ. ނަމަވެސް އެރޭ ރުޅިއައިސްފައި ހުރިވަރުން އޭނާއަށް ބުނެވުނު އެއްޗެއްގެ ސަބަބުން ނާޒް މާބޮޑަށް ބިރުގަތީއެވެ. ނާޒްގެ މަރުގެ ޚަބަރު ލިބުމާއެކު އޭނާގެ މަންމަ ދުނިޔޭން މޮޔަވީއެވެ. އޭނާގެ ބައްޕައަށް ހާޓް އެޓޭކެއް ޖެހިގެން ނިޔާވީއެވެ.

**********

“ލަމް! އެނގޭތަ؟ މާޒްއާ އައިކާ އުޅެނީ އިންނަންވެގެން.. އަންނަ މަހު..” ޔޫޝައު އެހެން ބުނެލުމުން ލަމްހާ ހައިރާންވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އައިކާ ވަނީ ލަމްހާ ގާތުގައިވެސް މާޒްއާ ދިމާއަށް އެހާވަރަށް އެއްޗެހި ގޮވާފައި ވިއްޔާއެވެ. ވީއިރު ކުއްލިއަކަށް އެދެމީހުން ކައިވެނިކުރާ ވާހަކަ ބުނުމުން ހައިރާންވާނެ ނޫންހެއްޔެވެ؟

“އަސްލުވެސްތަ؟ އެކަމް ހާދަ ހީނުވެޔޭ.. އައިކާ މާޒްދެކެ ވަރަށް ރުޅިއަންނަކަމަށް އަހަރެން ގާތު އައިކާ ބުނީ..” ލަމްހާއަށް ޤަބޫލު ނުކުރެވިގެން ބުނެލިއެވެ.

“އޭނައަށް ހަޤީޤަތް އެނގުނީމަ އެ ރުޅިވެރިކަން ފިލާ ދިޔައީ ކަންނޭނގެއެއްނު..” ޔޫޝައު އޭނާގެ ހިތުގެ އުދާސްތައް ފޮރުވަމުން ބުނެލިއެވެ.

“ވެދާނެ ތިހެންކަމަށް.. އަޅާނުލާ ދެން.. އަހަރެން މިހުރީނު.. އައިކާއަށްވެސް މާޒްއާއެކީ އުފާވެރި ދިރިއުޅުމެއް ލިބިއްޖެއްޔާ ކިހާ ރަނގަޅު.. އޭރުން އެ ދެކުދިންވެސް ބޮޑެތިވާނީ މައިންބަފައިންގެ ލޯބި ފުރިހަމައަށް ލިބިގެން ރަނގަޅު ކުދިންތަކެއްގެ ގޮތުގައި..” ލަމްހާ އެހެން ބުނެލުމުން ޔޫޝައުވެސް ބޯޖަހާލިއެވެ.

**********

އެއްމަސް ފަހެވެ. މާޒްއާއި އައިކާގެ އާއިލާއިން ތައްޔާރުވަމުން ދަނީ އެދެމީހުންގެ ކައިވެންޏަށެވެ. ދެމީހުންވެސް މާބޮޑު ހަފްލާއެއް ބާއްވަން ބޭނުން ނުވިނަމަވެސް އާއިލާ މީހުންނާ ރައްޓެހިންނަށް ކެއުމެއް ދިނުމަށް ތައްޔާރުވަމުން ދިޔައެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިން އެކަކަކީ ލިހާމްއެވެ. އެއްއިރެއްގައި މާޒްއާ އެންމެ ދުޝްމަންވެގެން އުޅުނު މީހާއެވެ. އޭނާގެ އަންހެނުން މާޝާ ވިހަން ގާތްވެފައި އިންދާ ބަނޑުން ލޭ ފައިބައިގަނެގެން ލޭ އަޅަން ޖެހުނު ހިނދު މާޒް އޭނާއަށް ލޭ ދިނުމަށްފަހު، ލިހާމް މާޒް ކިބައިން މާފަށްއެދި އެކުވެރިވީއެވެ. އޭގެ ފަހުން އޭނާ މާޒްއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރިވެދެއެވެ.

ލީންއާއި ޒިޔާންވެސް އެކަމުގައި އަމަލީ ގޮތުން ބައިވެރިވިއެވެ. ލީން ބަލިވެ އިނދެ އެހާ ގިނަ ދުވަސް ނުވާތީ ސަނާމެން އޭނާ ބުރަކޮށް މަސައްކަތް ކުރިޔަކަ ނުދިނެވެ. އޭނާއަށް ޖެހުނީ އިށީނދެލައިގެން އިނދެ ކޮށްލެވޭ ކަހަލަ ކުދިކުދި ކަންކަން ކޮށްލާށެވެ. މާބަނޑުވުމުގެ ސަބަބުން ގިނަ އަންހެނުންނަށް ދިމާވާ ގަދަ ވަސްތަކަށް ބޯއަނބުރާ މޭނުބައިކުރުންފަދަ އުނދަގޫތައް އޭނާއަށް ދިމާނުވުމަކީ އޭނާގެ ނަސީބެވެ. ނޫންނަމަ އޭނާ އެންމެ ދެކެން ބޭނުންވި ދުވަސްތަކުގެ ތެރެއިން އެއްދުވަސް އައިއިރު އޭނާއަށް އެކަމުގައި ކުޑަކޮށްވެސް ބައިވެރި ނުވެވުނީހެވެ.

އެރޭގެ ނުވައެއް ޖެހިއިރު މާޒްއާއި އައިކާ ތިބީ ގޭގެ ސިޓިންރޫމުގައި ކައިވެންޏަށް ތައްޔާރުކޮށްފައިވާ މޭޒު ކައިރީގައެވެ. ހެކިވެރިންނާއި ގާޒީގެ އިތުރުން ދެފަރާތުގެ އާއިލާ ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމެވެ. މާޒް އިނީ ހިތް އަވަސްވެފައެވެ. އަލަތު ކައިވެނި ނޫންނަމަވެސް އައިކާވެސް އިނީ ހަމަ އެފަދަ ހާލެއްގައެވެ. މާބޮޑު ގޮތްތަކެއް ހަދާފައި ނެތްނަމަވެސް ކަޅާއި ރަތުން ފަރުމާކޮށްފައިވާ ސާދާ ހެދުމުގައި އައިކާ ފެންނަނީ ޕަރީއެއް ފަދައިންނެވެ. މާޒްވެސް ކަޅުކުލައިގެ އަތްދިގު ގަމީހާއި ކަޅު ފަޓުލޫނުގައި އިންއިރު އައިކާއަކަށް ދުލެއް ނުކުރެއެވެ.

“އަނބި ޤަބޫލުކޮށްފިން..” މާޒްގެ ދުލުން އެބަސްތައް ބޭރުވުމާއެކު އައިކާއަށް ދެލޯ މަރާލެވުނެވެ. ދެމީހުންނަށް ދެމީހުންގެ މޫނަށް ބަލާލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އެދެމީހުންނާއި އެތަނުގައި ތިބި އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. އެންމެ ބޮޑު އުފާވެރިކަމެއް ހިއްސާކުރަމުން ދަނީ ދެމީހުންގެ މައިންބަފައިންނެވެ. ރަނގަޅު ދެއާއިލާ އެކުވުމުންނެވެ.

ކައިވެނިކޮށް ނިމުމުން ދެމީހުންނަށް މަރުޙަބާއާއި ތަހުނިޔާގެ ބަސްތައް ކެނޑިނޭޅި އިވެމުންދިޔައެވެ. ބާއްޖަވެރި މުސްތަޤުބަލަކަށް އެންމެންވެސް އެދެމުން ދިޔައެވެ. ވަލީމާގެ ކަންތައް ނިމުމާއެކު މާޒް އައިކާ ގޮވައިގެން އެރެއަށް އެމީހުންނަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށް ދިޔައެވެ. ކައިވެނީގެ ފުރަތަމަ ރެއަށް އެކޮޓަރި ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. މާޒް ކޮޓަރީގެ ދޮރު ތަޅުލުމުން އައިކާގެ މެޔަށް ފިނިވިއެވެ. މިއީ އާ ކައިވެނީގެ ރޭވެސް އޭނާއަށް ކުރެވުނު އިހުސާސެކެވެ. މާޒް އައިކާގެ ގައިގައި ފުރަގަހުން ބައްދާލިއެވެ.

“އަހަރެން މިރޭ ވަރަށް އުފާވެއްޖެ.. އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުން މިރޭ މިއައީ.. އައި ލަވް ޔޫ..” މާޒް އައިކާ އޭނާއާ ދިމާއަށް އަނބުރާލަމުން ބުނެލިއެވެ.

“އަހަރެންވެސް މިރޭ ވަރަށް އުފާވެއްޖެ.. މާޒް ކަހަލަ ރަނގަޅު މީހަކު ލިބުނީމަ.. އައި ލަވް ޔޫ ޓޫ..” އައިކާ މާޒްގެ މޭތެރޭ ބޮނޑިވެލިއެވެ. މާޒް އައިކާ ދުރުކޮށްލަމުން އައިކާ އޭނާގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އައިކާ މާޒްގެ ކަރުގައި އަތް ވަށާލުމާއެކު ދެމީހުންގެ ތުންފަތް ޖޯޑުކޮށްލިއެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.