ބެލެނިވެރިންނާއި މުދައްރިސުން އަދި ދަރިވަރުންގެ ބައްދަލުވުންތައް ދަރިވަރުންގެ ބެލުމުގެ ދަށުން، ދަރިވަރުން ލީޑްކޮށްގެން ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމަށް މުޅިން އާ ކޮންސެޕްޓެކެވެ. ތަޖުރިބާ ކުރަން ފެށުމުގެ މަރުޙަލާގައި އޮތް މުޅިން އާ ކަމެކެވެ. ދާދި އަވަހަށް ރާއްޖޭގެ ތަޢުލީމީ ނިޒާމަށް މި އާ ބަދަލު ގެންނަން މިހާރު މިވަނީ ތައްޔާރުވެފަ އެވެ.
“މީ ވަރަށް ރަނގަޅު ކޮންސެޕްޓެއް ކަމަށް އަޅުގަނޑު ދެކެން. މި އެޕްރޯޗް ގެނެސްގެން ރަނގަޅަށް ޖެއްސިއްޖެއްޔާ އޭގެ ފައިދާ އަޅުގަނޑުމެންގެ ދަރިވަރުންނަށް ވަރަށް ރަނގަޅަށް ކުރާނެ.” ވޭތިވެދިޔަ ހަފުތާގައި އަޅުގަނޑުވެސް ހާޒިރުވި ބެލެނިވެރިންގެ ބައްދަލުވުމަކަށް ފަހު، އަލަށް ތަޢާރަފް ކުރަން އުޅޭ ކޮންސެޕްޓާއި މެދު އެ ބެލެނިވެރިޔާގެ ޝުޢޫރު އަޅުގަނޑާއި ހިއްސާކުރިއެވެ. މިއީ އެ ބެލެނިވެރިޔާގެ ޝުޢޫރު ނަމަވެސް، އަޅުގަނޑުގެ ޝުޢޫރުވެސް މި ކަމުގައި އެ ބެލެނިވެރިޔާ އާއި އިއްތިފާޤުވީ އެއް މަރުކާގެ، އެއް ކުލައެއްގެ އަދި އެއް ސައިޒެއްގެ ގަމީހެއް ލައިގެން ދެމީހަކަށް އެއްފަހަރާ އެއްތަނަކަށް ނިކުމެ ބައްދަލުވެވުމުން އެ ކުރިމަތިވާ އިއްތިފާޤާއި ހަމަ އެއްވެސް ތަފާތެއް ނެތް މިންވަރަކަށެވެ.
“ތި އުޅެނީ އެޑިއުކޭޝަން ސިސްޓަމް އެއްކޮށް ފުނޑާލަން. ކިހިނެތް ދަރިވަރުންނަށް އެ ފިލްމުގަ އެ ދެއްކި ގޮތަށް ޕީޓީއެސް މީޓީން ލީޑް ކުރެވޭނީ؟ ނުވާނެ ތިކަމެއް. އެހެން ނޫނަސް ޓީޗަރުން ރަނގަޅުކުރަން ފެންނަ ކަމެއް ދަރިވަރެއް ފާހަގަކޮށްފިއްޔާ އެ ނިމުނީ. ކުއްޖާ ހުންނާނީ ހުނިޖަހައި ލޭބަލްކޮށްލާފަ. އެހާވެސް ޕްރޮފެޝަނަލް ނޫން ޓީޗަރުންވެސް އެބަ އުޅޭ.” އަލަަށް ތަޢާރަފް ކުރުމަށް ތައްޔާރުވަމުން އަންނަ ކޮންސެޕްޓާއި މެދު އެހެން ބެލެނިވެރިއެއްގެ ޚިޔާލު ހުރިގޮތްވެސް ބައްދަލުވުން ނިންމާފައި ނިކުތްވަގުތު ކަންފަތުގައި ޖެހުނެވެ.
އަޅުގަނޑުގެ ހިތަށް އައި އެތި ތަންކޮޅެއް ބޮޑުކަމުން ހިންދިރުވައިލާނަމެވެ. ނަމަވެސް އަޅުގަނޑު ހިތަށް ވެރިވި އެހެން ކަމެއް ހިއްސާކޮށްލާނަމެވެ. އަޅުގަނޑުގެ ވެސް ޙަޔާތުން މިވީ ހަތަރު ވަރަކަށް ދަހަރުގެ ތެރޭގައި ސްކޫލުތަކުން ބޭއްވި ބެލެނިވެރިންގެ ބައްދަލުވުންތަކަށް ކޮންމެވެސް ވަރަކަށް ހާޒިރުވެވިފައި ހުންނާނެ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި އަޅުގަނޑުވެސް ބައިވެރިވިކަމަށް މި އިޝާރާތްކުރާ ބެލެނިވެރިންގެ ބައްދަލުވުން ވަރުގެ ތަފާތު ބައްދަލުވުމެއްގައި މިހައިތަނަށް ބައިވެރިވެވިފައެއް ނެތެވެ. މިިއީ މުޅި ޙަޔާތުގައިވެސް އަޅުގަނޑަށް ބައިވެރިވެވުނު އެންމެ މޭޭވާވެތި ބައްދަލުވުން ކަމަށް އަޅުގަނޑު ސިކުނޑި ޤަބޫލުކުރުމާއެކު، އެކަން ދުނިޔޭގެ އެންމެންނަށް ފެންނަ ބޮޑު ނޯޓިސް ބޯޑުގައިވެސް ޖަހައިލީމެވެ. އާދެ، ފޭސްބްކްގައި އަދާހަމައެއް ކޮށްލީމެވެ.
މި ދެންނެވި ބައްދަލުވުމަށް ސްކޫލުން ދައުވަތު ދެމުން ބުނީ އެއީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށާއި ހަމަ ކޮންމެ ބެލެނިވެރިއަކުވެސް ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަޅުގަނޑުގެ ހިތަށް އައީ މިއީކީ އާ ވާހަކައެއް ނޫންކަމެވެ. ނަމަވެސް އެ ބައްދަލުވުމަށް ކޮންމެ ބެލެނިވެރިއަކުވެސް ހާޒިރުވާން ވާނީ ލިޔާނެ ޤަލަމެއް ހިފައިގެން ކަމަށް އެންގުމުން އެކަމާ ކުޑަކޮށް ވިސްނައިލަން ޖެހުނެވެ.
ކޮންމެއަކަސް ޑިއުޓީގައި ހުރެފައި ލިބުނު ހުސްގަޑީގައި ބައްދަލުވުމަށް އަޅުގަނޑަށް ފޯރާވަރުވީ 10 ވަރަކަށް މިނެޓް ފަހުންނެވެ. ސްކޫލުގެ ޓީއާރްސީ ހޯލަށް ވަދެވުމާއިއެކު ސިފަވެގެންދިޔައީ ފާތިމަތު ނަހުލާގެ ކޮންމެވެސް ހިޓް ފިލްމެއް ބެލުމަށް ބޮޑު އޯޑިއަންސެއް ސިނަމާ ހޯލަކަށް ޖަމާވެފައި އޮންނަ ފަދަ މަންޒަރެކެވެ. ހޯލުގެ އެންމެ ފަހަތުން ދެވަނަ ގޮނޑިބަރީގައި އިށީންދެ، އިސްކިރީނަކުން ދައްކަމުންދިޔަ ފިލްމަށް ލޯ ހުއްޓައިލުމާއެކު ދެން އަޅުގަނޑުގެ ހިތަށް ސިފަވެގެންދިޔައީ މި ޒަމާނުގެ ދިވެހި ކޮމެޑީ ފިލްމު އުފެއްދުމަށް ދެވަނައެއް ނެތް ޑާކްރެއިން އެންޓަޓެއިންމެންޓް، ނޫނީ ޔޫއްޕެގެ ކޮމެޑީ އުފެއްދުމެއް ފެންނަން ފެށި ކަމުގެ އިޙްސާސެކެވެ.
އިސްކިރީނުން ދައްކަމުން ދިޔައީ ބެލެނިވެރިންނާއި މުދައްރިސުން ބައްދަލުކޮށް ދަރިވަރުގެ ކުރިމަތީގައި ދަރިވަރުގެ ހަންދަމާ މަންޒަރާއި ބައެއް ފަހަރަށް މުދައްރިސުން ބެލެނިވެރިޔާގެ ހަން ނޮޅާ މަންޒަރާާއި އަދި އަނެއްބައި ފަހަރަށް ބެލެނިވެރިން މުދައްރިސުންގެ ކުރިމަތީގައި ތިބެގެން މުދައްރިސުގެ މަސް ނޮޅާލައިގެން ކާތަނެވެ. މަޢާފް ކުރައްވާށެވެ. މަޖާޒީ ގޮތެއްގައި ނުވަތަ މިސާލީ ގޮތެއްގައި އަޅުގަނޑަށް މި ދެވުނީ ތަންކޮޅެއް މަތިން ކަމަށްވެސް ވެދާނެ އެވެ. ކޮންމެއަކަސް، ފެންނަމުން ދިޔައީ މަޖާ ގޮތެއްގައި މިހާރު އަޅުގަނޑުމެންގެ ރާއްޖޭގެ ސްކޫލް ވެށީގައި ބެލެނިވެރިންނާއި މުދައްރިސުން އަދި ދަރިވަރުންގެ ބައްދަލުވުން (ޕީޓީއެސް މީޓިން) ކުރިއަށްދާ ގޮތް ދައްކުވައިދިނުމަށް ކުޅެފައިވާ ޑްރާމާއެކެވެ. ވަރަށް ފުރިހަމަ ގޮތެއްގައި ގެނެސްދީފައިވާ ކުރު ޑްރާމާއެކެވެ. ފަހަރެއްގައި އަޅުގަނޑަށް މި ވީޑިއޯ ޑްރާމާ އެހާ ރަނގަޅަށް ސިފަ ނުކުރެވިދާނެއެވެ. އެހެންކަމުން ތި ބޭފުޅުން އިހަށް މި ވީޑިއޯ ބައްލަވާލައްވާށެވެ.
ތަފާތު، މަޖާ އަދި ރަނގަޅު މެސެޖެއް ލިބިގެންދާ ވީޑިއޯއެއް ދޮގެއްތޯ އެވެ. ކޮންމެއަކަސް، މި ވީޑިއޯ އަށްފަހު ސްކޫލްގެ ކަމުވޮށިގެންވާ ބައެއް ޓީޗަރުން މި ވީޑިއޯ އާއިމެދު ބެލެނިވެރިންނަށް ކުރު މަޢުލޫމާތުކޮޅެއް ދެއްވިއެވެ. އެއަށްފަހު އަނެއްކާ އަނެއް ވީޑިއޯ ފެށިއެވެ. އަޅުގަނޑަށް ސިފަވީ 1990 ގެ ކުރީކޮޅާއި ހަމައަށް ދިވެހި ފިލްމު ދެއްކުމުގައި އެއް ޓޭޕަށްފަހު އަނެއް ޓޭޕް ބަދަލުކުރާ ދަނޑިވަޅު އައީ ކަމަށެވެ. ‘ޓޭޕް ބަދަލު ކުރަނީ’ ލިޔުންކޮޅު އިސްކިރީނުން ފެންނާން ނެތަސް ކަމުވޮށިގެންވާ ޓީޗަރު ކުރެއްވެވީ ހަމަ އެފަދަ ކަމެކެވެ. އަނެއްކާވެސް އެހެން ފިލްމެއް ނުވަތަ ކުރިން ދެއްކި ފިލްމުގެ ބާާކީ އޮތްބައި ދައްކަން ފެށިއެވެ. މިފަހަރު ދައްކަން ފެށި ޑްރާމާއަކީ ފީޗަރޑް ޑޮކިއުމެންޓަރީ އެކެވެ. ފިލްމުގައި ކިޔައިދެމުން ގެންދިޔައީ ކުރިން ބެލެނިވެރިންނާއި މުދައްރިސުން އަދި ދަރިވަރުންގެ ބައްދަލުވުން ބާއްވަމުން ދިޔަ ގޮތް ބަދަލުކޮށްލައި އާ ގޮތަކަށް އެ ބައްދަލުވުން ކުރިއަށް ގެންދިއުމުގެ މަރުޙަލާ ރާވަައި ކުރިއަށް ގެންދާނެ ގޮތެވެ. އަޑު އަހައިލަން ކަންފަތަށް ތަންކޮޅެއް ބަރު އަޑަކުން ނެރޭޓްކޮށްފައި ހުއްޓަކަސް ހިތްގައިމު ގޮތެއް އެ ހުށައެޅުމުން ފާހަގަވަމުން ދިއުމާއި މުދައްރިސެއް، ދަރިވަރަކާއި ބައްދަލުކޮށް ގެންނަން އުޅޭ ބަދަލު ކިޔައިދެމުން ދިޔައެވެ. ހަމަ އެހެންމެ އެ މުދައްރިސު، ދަރިވަރުގެ ބެލެނިވެރިޔާ އާއި ބައްދަލުކޮށްގެންވެސް ކިޔައިދެމުން ގެންދިޔައީ ދަރިވަރަށް އެންމެ ފައިދާވާނެ ގޮތަށް، ދަރިވަރުގެ ބަސް ހިމެނޭނެ ގޮތަށް، ދަރިވަރުގެ ކޮންޓްރޯލްގެ ދަށުން ކުރިއަށްދާނެ ޕީޓީއެސް މީޓިން އެއް ރާވައި ހިންގާނެ ގޮތެވެ.
ފެންނަމުންދިޔަ މަންޒަރާއި އިވެމުންދިޔަ އަޑުތައް ވެގެންދިޔައީ އަޅުގަނޑު ދެކެން ބޭނުންވެފައިވާ މަންޒަރުތަކެއް އަދި އިވެން ބޭނުންވެފައިވާ އަޑުތަކެއް ކަމަށެވެ. ސްކޫލްގެ ކޮންމެވެސް ހިސާބެއްގައި ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑަށް މި ހޭދަކުރެވުނު 10 ވަރަކަށް އަހަރު ތެރޭގައި މިފަދަ ވާހަކަތަކެއް ކުރިން އަޑުއިވުނު ހަނދާނެއް ވެގެންދިޔައީ އެވަގުތު އެވެ. ރަނގަޅަށް ހަނދާން ވުމުން ހިތަށް ސިފަވެގެން ދިޔައީ ދަރިވަރުންގެ ކުރިއެރުމަށް ވަރަށް ބޮޑަށް ވިސްނުން ބަހައްޓަވައިގެން، އަޅުގަނޑުމެންގެ ސްކޫލްގެ ކުރިއެރުމަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި ޕްރިންސިޕަލެއްގެ މަތިންނެވެ. އަޅުގަނޑުގެ ހިތަށް ވެރިވީ މިއީ އެއްކަލަ ދުވަހު ޝާހިދު ސަރ (އަސްލު ނަމެއް ނޫން) ދެއްކެވި ވާހަކަތަކަކާއި ވަރަށް އެއްގޮތް ވާހަކަތަކެއް ކަމެވެ. މިއީ އަޅުގަނޑުމެން އެ ބަދަލެއް ގެންނާނެ ނަމައޭ ކިޔައި މަޝްވަރާތަކެއް ކުރެވުނެ ބަދަލަކާއި ހާދަހާ ވައްތަރު ބަދަލެކޭ ހިތަށް ވެރިވިއެވެ.
ތަޢުލީމާއި ބެހޭ ވުޒާރާއިން މިއަދު ގެންނަވަން އުޅުއްވާ ބަދަލަކީ ފަހި ބަދަލެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނީ މި ވީޑިއޯ ރަނގަޅަށް ބަލައިލުމުންނެވެ.
އާނއެކެވެ. މި ބަދަލު ގެނައުމުން އަޅުގަނޑުމެންގެ ދަރިންނަށް އުނގަންނަވައިދެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ލޮބުވެތި މުދައްރިސުން ކުރައްވަން ޖެހޭ މަސައްކަތް ދެގުނަ ތިންގުނައަށް ވެސް އިތުރުވެގެން ހިނގައިދާނެ އެވެ. ނަމަވެސް ގެންނަން މިއުޅޭ އައު ބަދަލަށް ނުވަތަ ތަފާތަށް އިޖާބަދީ، ތެދުވެރިކަމާއެކު މުދައްރިސުންގެ އިސްނެންގެވުމާއިއެކު ބެލެނިވެރިންނާއި އަދި ދަރިވަރުންނާވެސް ގުޅިގެން މި ބޮޑު ބަދަލު ގެނެސްދެއްވައިފިނަމަ، އަޅުގަނޑަށް ސިފަވަނީ ރާއްޖޭޭގެ ތަޢުލީމީ ޙަޔާތުގެ ބަގީޗާގައި ފަރިވެ ފޮޅެމުން އަންނަ މާމެލާމެލީގެ ތާޒާ ކަމާއި އުޖާލާ ކަމުން އުޖާލާ ވެފައިވާ ކުރިމަގެއް އޮތް ދިވެހިރާއްޖެ އެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!