ލ. ކައްދޫ  އެއަރޕޯޓް ކޮމެޕެނީ ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ކައްދޫ އިސްކަންދަރު އެއަރބޭސް ގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް މިއަދު ބާއްވައިފި އެވެ.

ކައްދޫ އެއަރޕޯޓްގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވާންޖެހޭ ގޮތް ބަޔާންކޮށްފައިވާ “އެއާޕޯޓް އިމަޖެންސީ ޕްލޭން” ޓެސްޓް ކުރުމާއި، އެފަދަ ހާދިސާއެއްގައި ހަރަކާތްތެރިވާ ގޮތް ވަޒަންކުރުމުގެ ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒް ބާއްވާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާއި ގަން-ފޮނަދޫގައި ހުންނަ މި ހަރަކާތައި ގުޅުންހުރި މުއަސްސަސާތައް ގުޅިގެންނެވެ. އެގޮތުން ގަން-ފޮނަދޫ ޕޮލިސް، ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ފޮނަދޫ ސިއްހީމަރުކަޒުން ބައިވެރިވިއެވެ. މީގެއިތުރުން ‘ކްރޭޝް’ ވި ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ގަމުގައި ހުންނަ ހަމަދު ސްކޫލާއި ފޮނަދޫގައި ހުންނަ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި މުދައްރިސުން އަދި މާންދޫ ހޮރައިޒޯން ފިޝަރީޒުން މުއައްޒަފުން ބައިވެރިވިއެވެ.

ފޮޓޯ: ޑޮކްޓަރ ޢަބްދުﷲ

ކައްދޫ އެއަރޕޯޓް އިމަޖެންސީ އެކްސަސައިޒް ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ތައްޔާރުވުން ހެނދުނު 0630 ގައި ފެށުނެވެ. 0900 ގައި ފެށުމަށް ޕްލޭންކޮށްފައިވާ ހަރަކާތް ވިއްސާރައިގެ ސަބަބުން ފެށުނީ 1130 ކަންހާއިރު އެވެ. މި ތަމްރީނު ނިންމާލީ މެންދުރުފަހު 1400 ގައެވެ.

މި އިމަޖެންސީ އެކްސައިސައިޒް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ތަޖްރިބާހުރި ބައެއް ފަރާތްތަކުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން މި ހަރަކާތް އޮބްޒާވް ކުރުމަށްވެސް ގިނަ އިދާރާ ތަކަކުން ބައިވެރިވި އެވެ. އަދި މި ހަރަކާތް ވަރަށް ގާތުން ބައްލަވައިލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އާދަމް ޝަރީފް ވަނީ ޚާއްޞަ ޝަރަފުވެރިއެއްގެ ގޮތުން ބައިވެރިވެލައްވާފައެވެ.

މިތަމްރީނުގައި ޒަހަމްވެފައިވާކަމަށް ދައްކުވައިދޭ ފަސިންޖަރުން ވައިގެ ބަނދަރުން ސިއްހީ އިދާރާތަކަށް ގެންދިއުމުގެ ހަރަކާތްތައް ހިނގަމުންދާ މަންޒަރު އަސްލު ހާލަތެއްގައި ހިންގާނެ ގޮތަށް ކުރިއަށް ގެންގޮސްފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މިއީ ކައްދޫ އެއަރޕޯޓްގެ 30 އަހަރަށް ވުރެން ދިގު ތާރީޚްގައި ބޭއްވުނު މިފަދަ ދެވަނަ ތަމްރީނު ޕްރޮގްރާމެވެ. އެންމެ ފުރަތަމަ ކައްދޫގައި މިފަދަ ފުލް ސްކޭލް އިމަޖެންސީ ތަމްރީނެއް ޖައްސާފައިވަނީ މީގެ ވިހި އަހަރުކުރިން، 1997 ވަނަ އަހަރު އެވެ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.