ވޭތިވެދިޔަ މަދު ދަހަރު ތަކުގެ ތެރޭގައި ދިވެހިންގެ ވިސްނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ފޭޑިއަށްވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ދޭދޭ ޖިންސުގެ މެދުގައި އޮންނަ ގުޅުންތެރިކަމަށް އައިސްފައިވާ ބަދަލު ފާހަގަކޮށްލެވެއެވެ. ދަރިންނާއި ބައްޕައިންނާއި ދެމެދުގައި ކުރިން ލެވިފައިވާ އޮންނަ ‘ދުރުކަމުގެ ތޮށިގަނޑު’ ފަޅާލައި މިއަދު ވަނީ މައިންނާއި ދަރިންނާއި އޮންނަފަދަ ގާތް ގުޅުމެއް އުފެދެން ފަށާފައެވެ. އަންހެން ދަރިންނާއި ބައްޕައިންގެ މެދުގައި ގާތް ގުޅުމެއް އޮތުމަކީ މުހިންމު ކަމެއްކަން އަދުގެ ޒުވާން ބަފައިން ޤަބޫލުކުރާކަން ބަހާއި ޢަމަލުން މިހާރު އަންނަނީ ދައްކަމުންނެވެ.

ހަތްދިހައިގެ ނުވަތަ އަށްޑިހައިގެ އަހަރުތަކުގައި ބަފަޔަކު އޭނާގެ ތުއްތު ދަރިފުޅަށް ބުއްފުޅިއެެއް ހަދައިދިނުންފަދަ ވަރަށް ކުޑަކުޑަ އާދައިގެ ކަމެއް ކޮށްލުންވެސް ސިފަކުރެވެނީ ‘އަނބިދަށުވުން’ ކަމަށެވެ. ދަރިންގެ ހުރިހައި ކަމެއް ކޮށްދީ، ދަރިންނާއިއެކު ވަގުތު ހޭދަކޮށް، ދަރިންނާއި އެކު ކުޅެހެދުމަކީ އޭރު ނިކަން އަބުއި ކަންކަމެވެ. ނަމަވެސް ޒަމާން ބަދަލުވަމުން، ދިވެހިން ތަރައްޤީވަމުން، ދޭދޭ ޖިންސުގެ ހަމަހަމަ ކަމުގެ އަޑުތައް އުފުލެމުންގޮސް މިހާރު މިވަނީ ކަންކަން ބަދަލުވާން ފަށާފައެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގުގައި ބައްޕައިން އެމީހުންގެ ދަރިންނާއިއެކު ފައިދާހުރި ވަގުތުތަކެއް ހޭދަކުރުމަކީ ދަރީންގެ ދިރިއުޅުން ބާއްޖަވެރި ވުމަށް އެޅޭ ބާރެކެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ދަރިން އުނގެނުމުގައި ރަނގަޅު ނަތީޖާއެއް ހާޞިލްކުރުމަށް މަގުފަހިވެއެވެ. އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުވެއެވެ. ކަންކަމުގައި ދެކޭގޮތް ރަނގަޅުވެއެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަޤީންކަން އިތުރުކޮށްދެއެވެ.

މި މައުޟޫގައި އަޅުގަނޑުގެ އިނގިލިތައް ލެޕްޓޮޕްގެ ފިތްތަކުގައި ދެވަނަ ފަހަރަށް ހިންގައިލުމަށް ހިތްއެދި ގޮވަންފެށީ ދާދިފަހުން މީސްމީޑިއާގައި ދައުރުވާންފެށި ވީޑިއޯ އެއް ފެނިފައެވެ. އެ ވީޑިއޯ ވައިގައިހިފައި އެތަކެއްހާސް މީހުން  މިހައިތަނަށް އައިއިރު ބެލުމަށްފަހު ފާޅުކޮށްފައިވާ ބައެއް ޝުޢޫރުތަކުގެ ސަބަބުންވެސް މެއެވެ. އަޅުގަނޑު މި އިޝާރާތްކުރާ ވީޑިއޯ އަކީ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި އަޙްމަދު މަހްލޫފް އާއްމު ކުރައްވާފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯ ބެލުމަށްފަހު މަހްލޫފުގެ ދަރިފުޅުގެ ހުނަރުވެރިކަން ގިނަބަޔަކު ފާހަގަކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ ދަރިފުޅަށް ލަވަކިޔައިދޭތީ އެކަން ނުރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ރަނގަޅު ވާހަކައެކެވެ. ހަމަ ހަޤީޤަތުގައިވެސް މަހްލޫފުގެ ދަރިފުޅުގެ ހުނަރުވެރިކަން މި ވީޑިއޯއިން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. ހަމަ އެހެންމެ، ދަރިންނަށް ލަވަކިޔައިދިނުމާއިމެދު ތަފާތު ވިސްނުމެއްގައި ޚިޔާލުފާޅުކޮށްފައިވާ ފަރާތްތަކުގެ ވިސްނުމަށްވެސް އަޅުގަނޑު އިހްތިރާމު ކުރަމެވެ. ނަމަވެސް އަޅުގަނޑަށް މި ވީޑިއޯ ޚާއްޞަވީ އެހެން ސަބަބެއް އޮވެގެންނެވެ. މި ވީޑިއޯ ދެތިންފަހަރަށް ބަލައިލެވުނީ ވީޑިއޯ އިން އަޅުގަނޑަށް ނަގައިގަނެވުނު މެސެޖު ތަފާތުވީމައެވެ.

މި ވީޑިއޯ އިން އަޅުގަނޑަށް ފެންނަނީ ބައްޕައަކާއި އޭނާގެ އަންހެންދަރިފުޅުގެ ދެމެދުގައި އޮތް މަތިވެރި ގުޅުމެވެ. ލޯތްބާާއި އެކުވެރިކަމެވެ. ގާތްކަމާއި ކުލުނުވެރިކަމެވެ. ތުއްތު ދަރިފުޅަކު އޭނާގެ ބައްޕަގެ ދާވަނީގައި މެހެސޫސްކުރަމުންދާ ރަައްކާާތެރިކަމާާއި ހިތްހަމަޖެހުމެވެ. ފެނިގެންދަނީ ގާތް ދެމިތުރުން (ބެސްޓް ފްރެންޑުން) އެކުގައި ހިތްހަމަޖައްސައިލުމަށް ވަގުތުހޭދަކުރަމުން އަންނަތަނެވެ. ކުޅިވަރުގެ ތެރެއިން ތުއްތު ދަރިފުޅު އޭނާގެ ބައްޕަގެ ކައިރިން ލަވަކިޔުމުގެ ހުނަރު ދަސްކޮށް އުނގެނެމުންއެދަނީ، އުނގެނުމުގެ މާބޮޑު ވިސްނުމެއްނެތި އެވެ. މަހްލޫފް ގެ ދަރިފުޅު ‘އެލީ’ އިރުއިރުކޮޅުން މަހްލޫފްގެ މުލައްދަނޑީގައި ނުހަނު ލޯބިން ބޯއަޅައިލާ މަންޒަރު ތަކުރާރުކޮށް ބަލައިލުމުން ފެންނަނީ ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން އަންހެން ދަރިފުޅަކު އޭނާގެ ބައްޕަގެ ދާވަނިން ރައްކާތެރި، އުފާވެރި ހިމާޔަތެއް ހޯދަމުން އަންނަ މަންޒަރެވެ.

މި މަންޒަރަކީ ކިހައި އުފާވެރި މަންޒަރެއްތޯއެވެ. އާނއެކެވެ. ޒަމާން ބަދަލުވެ، ގިނަ ދިވެހިންތަކެއްގެ ވިސްނުން ބަދަލުވެ، ބައްޕައާއި އަންހެން ދަރިންގެެ ގުޅުންތެރިކަމުގައި އޮންނަ ދުރުކަން ގާތްވެއްޖެއެވެ. އެހެން ނަމަވެސް، މަދުން ނަމަވެސް ދިވެހި މުޖުތަމަޢުގެ ބައެއް ފަރުދުންނަށް މިއީ ބީރައްޓެހި ކަމެކެވެ. އަބުއި ކަމެކެވެ. ލަދުވެތި ކަމެކެވެ.

ވީޑިއޯ އިން ފެންނަ މަންޒަރާއި އިވޭ އަޑުން، އެލީ އަކީ ލަވަކިޔުމަށް ހުނަރުވެރި ކުއްޖެއްކަން ވަރަށް ރަނގަޅަށްވެސް އެނގެއެވެ. ޚާއްޞަކޮށް ހިންދީ ލަވައެއް އެހައި ފަރިތަކަމާއެކު، ލަވައިގެ ރާގާއި ބަނޑިތަކާއިއެކުގައި ކިޔައިލުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް ތުއްތުތުއްތު އެލީ މިވަނީ މަހްލޫފް ގެ ލަވަކިޔުމުގެ ހުނަރުން ދަސްވެނިވެ، މަހްލޫފަށް ވުރެން މޮޅަށް ލަވަކިޔޭނެ ކުއްޖެއްކަން ސާބިތުކޮށްދީފައެވެ.

ލަވައިގެ ވާހަކަ ދައްކާއިރު، މި ލަވައިގެ ޅެންވެރިކަންވެސް ފާހަގަކޮށްނުލައި ދޫކޮށްލަން ދައްޗެވެ. ލަވައިގެ ޅެންވެރިކަމުގައި ދީފައިވާ މެސެޖަކީވެސް ހިތްގައިމު މެސެޖެކެވެ.

‘ރޮމުން ރޮމުންވެސް ހޭން ދަސްކުރާށެވެ. ހެމުން ހެމުން ވެސް ރޯށެވެ. ރާމް (މީހެއް) ކުޅޭ އެއްޗަށް ޗާބީދިން ވަރަކުން ކުޅޭއެތި ހަރަކާާތްކުރާނެއެވެ.’ ލަވައިގެ މައިގަނޑުންވެސް މިދޭ މެސެޖަކީ ބައްޕައެއްގެ ފަރާތުން ދަރިންނަށް ދޭން ކިހައި ރަނގަޅު މެެސެޖެއްތޯއެވެ.

މަހްލޫފް އާއްމުކުރައްވާފައި ވީޑިއޯ އަޅުގަނޑަށް ޚާއްޞަވީ ހަމަ އެންމެ ކަމަކުންނެވެ. ބަފަޔަކާއި އަންހެން ދަރިފުޅުގެ އޮންނަންޖެހޭ ގާާތް ގުޅުން ފެނިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.