އައިކާއަކީ ނިކަމެތި ދެމަފިރިއަކަށް ލިބިފައިވާ ތިންކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ޤުދުރަތުން ރީތި ސިފަތަކެއް ލިބިފައިވީ ނަމަވެސް އެއްވެސް ދެއްކުންތެރިކަމެއްނެތް ހިތްތިރި ކުއްޖެކެވެ. އޭނާގެ ރިވެތި އަޚްލާޤާއި ބުރުސޫރައިގެ ރީތިކަމުގެ ސަބަބުން ޒުވާން ފިރިހެންކުދިން ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. ޒުވާން ގިނަ އަންހެންކުދިންވެސް އައިކާއަށް ބަލާލަނީ ހަސަދަވެރިކަމުގެ ލޮލަކުންނެވެ. ނަމަވެސް އެކަމަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އަދި އެއީ އޭނާ ފަޚުރުވެރިވާ ކަމެއްވެސް ނޫނެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ވަނީ އޭނާގެ ކިޔެވުމަށް ހުސްކޮށްފައެވެ. އަހަރަކީ އޭނާ އޯލެވެލް ހަދާ އަހަރުކަމުން އޭނާ ގަދައަޅާ މަސައްކަތްކުރަމުން ދިޔައީ މައިންބަފައިން ފަޚުރުވެރިވާފަދަ ނަތީޖާއެއް ހޯދުމަށެވެ.

މެންދުރުފަހުގެ ވަގުތެވެ. އާދައިގެ މަތިން އައިކާ ދިޔައީ އޭނާގެ ކޮމްޕިއުޓަރ ޕްރޮޖެކްޓް ހެދުމަށްޓަކައި ސްކޫލަށެވެ. އޭނާގެ އަތުގައި ކޮމްޕިއުޓަރެއް ނުހުންނާތީ ކޮންމެ ދުވަހަކުވެސް ޕްރޮޖެކްޓް ހެދުމަށް ސްކޫލަށް ދާން ޖެހެނީއެވެ. ނަމަވެސް އޭނާ އެކަމަކާ ޝަކުވާއެއް ނުކުރެއެވެ. އޭނާގެ މައިންބަފައިންނަށް އެފަދަ ތަކެތި އޭނާއަށް ހޯދައިނުދެވެނީ އެހާ ތަނަވަސްކަން ނެތުމުންކަން އޭނާ ދަނެއެވެ. އޭނާގެ ތިމާގެ މީހުން ތިބެފައި އެމީހުން އައިކާމެންނަށްވުރެ ތަނަވަސް ނަމަވެސް، އެމީހުންނާ އޭނާގެ އާއިލާއާ މާބޮޑު ގުޅުމެއް ނޯންނާތީ އެމީހުން ގާތަށް ދާން ނުކެރެނީއެވެ. އޭނާގެ ރައްޓެހިން އަތުގައި އެފަދަ ވަސީލަތްތައް ހުރިނަމަވެސް އެކުދިންނަށް ދަތިވެ ނޫނީ އެކުދިން ހިތްހަމަނުޖެހިދާނެތީ ދާން ބޭނުންނުވަނީއެވެ.

“ނަސީބަކުން މިއަދު އެ މާޒްއަކާ ދިމައެއްނުވޭ..” އަމިއްލަ ނަފްސަށް އިވޭވަރަށް އެހެން ބުނެލަމުން އައިކާ ހިނިތުންވެލިއެވެ. ސްކޫލާއި ފުދޭވަރަކަށް ކައިރިވީފަހުން އައިކާ ސިހުނީ ފަހަތުން އައިސް އޭނާއާ އަރާ ހަމަކުރި މާޒް ފެނިފައެވެ. މިއަދުގެ ކަންތައް މި ނިމުނީއޭ އައިކާގެ ހިތަށްއެރިއެވެ.

“އިކާ ޕްލީޒް.. އަހަރެންނަށް ޖަވާބެއް ދީބަލަ.. އާނއެކޭ ނޫނީ ނޫނެކޭވެސް ބުނެބަލަ.. އޭރުންނެއްނު އެނގޭނީވެސް.. އަހަރެން އިކާއަކަށް ދެރައެއް ނުދޭނަމޭ.. ކިހާވަރަކަށް އާދޭސްކުރެވިއްޖެ.. އިކާ ބޭނުންވަނީ އުމުރު ދުވަހު އަހަރެން ލައްވާ އާދޭސްކުރުވަންތަ؟ ނޫނީ އަހަރެން މިވާ ލޯބި އިމްތިހާންކުރަންތަ؟” އާދައިގެ މަތިން މާޒް އައިކާ ގާތު އާދޭސްކުރަމުން ދިޔައެވެ. އެއީ މަގުމަތިކަންވެސް އޭނާ ހަނދާން ނެތް ކަހަލައެވެ. ނޫނީ އެކަމަށް ފަރުވާލެއްވެސް ނެތީއެވެ.

މާޒްގެ ކަންތައް މިހާރު މިދަނީ މާ މައްޗަށެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދާގަޑީގައި އެބަ ފަހަތު އަޅުވާލައެވެ. ނުވިތާކަށް އެހެން ބޭނުމަކުވެސް އެކަނި ބޭރަށް ނުކުމެލައިފިއްޔާ އެފަދައެވެ. ވާހަކަނުދެއްކިޔަސް ހަމަ ފަހަތުން އާދޭސްކުރަމުން ދުވަނީއެވެ. އަޖައިބެއް ކަހަލަ ފިރިހެނެކެވެ. އެހެންމީހަކުނަމަ މިހާރު ފޫހިވެގެންވެސް ހިނގައްޖައީހެވެ. އައިކާ ހިތާހިތުން ކުދިކިޔަމުން ހިނގުން ބާރުކޮށްލިއެވެ. އެވަގުތު މާޒް އޭނާގެ އަތުގައި ހިފެހެއްޓުމުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދުވަހަކުވެސް ހިލޭ ފިރިހެނަކު އޭނާގެ ގައިގައި އެފަދަ ގޮތަކަށް ބީހިފައި ނުވާތީކަމަށްވެސް ވެދާނެއެވެ.

“އިކާ! އަހަރެން ފެންނައިރަށް ބިރެއް ފެނިގެން އުޅޭހެން ތިއުޅެނީ ކީއްވެ؟ އަހަރެން އިކާއަކަށް ދެރައެއް ނުދެން.. އަދި ގެއްލުމެއްވެސް ނުދެން.. ދެން ކީއްވެ؟ އަހަރެންނަށް އެނގޭ އިކާ ކުއްލިއަކަށް މާބާރަށް ދާން ތިއުޅެނީ އަހަރެން ހުރީމަކަން.. ޕްލީޒް! އުނދަގޫވަންޏާވެސް ތިގޮތަށް އަހަރެން އިގްނޯރ ނުކޮށް ރީތިކޮށް ބުނެބަލަ..” މާޒް ދެރަވެލާފައި އެހެން ބުނެލި ގޮތުން އައިކާވެސް ދެރަވިއެވެ. ނަމަވެސް އައިކާ މޫނުމައްޗަށް ނުރުހުމުގެ އަސަރު ވެރިކުރުވަމުން ބަލާލީ މާޒް ހިފަހައްޓާފައިވާ އޭނާގެ އަތަށެވެ. އައިކާއަށް ވީގޮތް ފެނުމުން މާޒް “ސޮރީ”އޭ ބުނަމުން އަވަސްއަވަހަށް އައިކާގެ އަތުން ދޫކޮށްލިއެވެ.

“މާޒް! އަހަރެން ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް؟ އަހަރެންނަށް މާޒްގެ ޢަމަލުތައް މިހާރު ތިހުންނަ ގޮތުން ވަރަށް އުނދަގޫވޭ.. މީ އަހަރެންގެ ކިޔެވުމުގެ އެންމެ މުހިންމު އަހަރު.. މާޒްއަށްވެސް އެނގޭނެ އަހަރެންގެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއެއް ނޫންކަން.. އަހަރެންގެ ހަގަށް އަދި ކިޔަވާ ދެކުދިން އެބަތިބި.. ބައްޕަމެން އެތައް އުފަލެއް ޤުރުބާންކޮށްފަ އަހަރެމެންނަށް ކިޔަވައިދޭން މަސައްކަތްކުރަނީ.. އަހަރެން ބޭނުމެއްނޫން އެމީހުން އެކުރާ މަސައްކަތަކީ ބޭކާރު މަސައްކަތަކަށް ހަދާކަށް..”

“އަހަރެން މާޒްދެކެ ބިރުގަންނަނީއޭ ހީނުކުރައްޗޭ.. މާޒްއަކީ ވަރަށް ރަނގަޅު މީހެއްކަން އަހަރެންނަށް އެނގޭ.. އަދި މީހަކަށް ދެރައެއް ދިން މީހެއް ނޫންކަންވެސް އެނގޭ.. އެކަމަކުވެސް އަދި އަހަރެންނަށް ތިކަމަށް އެއްބަސްވެވޭކަށް ނެތް.. އެހެންނޫނަސް އަހަރެންނަކީ މާޒްއާ އެފަދަ ގޮތަކުން އެކަށީގެންވާ މީހެއްވެސް ނޫން.. އަހަރެންނަކީ ނިކަމެއްޗެއް.. މާޒްއަކީ މުއްސަންޖެއް.. ރީތި މީހެއް.. މާޒް ބޭނުން ކޮންމެ އެއްޗެއް، ކޮންމެ ކުއްޖަކުވެސް ލިބިދާނެ.. އެހެންވީމަ މާޒް އަހަރެންނަށް ތިގޮތަށް އުނދަގޫނުކޮށް އެހެން ކުއްޖަކު ހޯދާ.. އަހަރެން ކިޔެވިޔަދީ..” އައިކާ މަޑުމައިތިރިކަމާއެކު އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ.

“އެންމެ ރަނގަޅު.. އެކަމަކު އަހަރެން އަބަދުވެސް އިކާދެކެ ލޯބިވާނަން.. އިކާ ނޫން އެހެން ކުއްޖަކު އަހަރެންގެ ހަޔާތަކަށް ނުގެންނާނަން.. އިކާ ކިޔަވާ ނިމޭނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން.. ކިތަންމެ ދިގު އިންތިޒާރަކަށްވިޔަސް ފަރުވާލެއްނެތް.. އަހަރެން އުއްމީދުކުރަން އެދުވަހަކުން އިކާ އަހަރެންނަށް ރަނގަޅު ޖަވާބެއް ދޭނެކަމަށް.. ރަނގަޅަށް ކިޔަވާތި.. ދެން ދަނީ..” މާޒް އެހެން ބުނެފައި ދާން ހިނގައިގަތުމުން އައިކާއަށް މާޒްއަށް ގޮވާލެވުނެވެ.

“ސޮރީ!” އައިކާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. މާޒް ހީލަމުން އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނެލީ ހިތުގައިވާ ރިހުން ފޮރުވަން މަސައްކަތްކުރަމުންނެވެ. އޭނާ އެނބުރި ދާން ހިނގައިގަތްއިރު އޭނާގެ ހިތުގައިވަނީ ޝަކުވާއެވެ. އާންމުކޮށް އެންމެނަށްވެސް ދިމާވާހެން އޭނާގެ ފުރަތަމަ ލޯބި ކާމިޔާބުވުން ނެތީ ހެއްޔެވެ؟ އޭނާއަށް އައިކާދެކެ ލޯބިވެވުނީ ކީއްވެ ހެއްޔެވެ؟ އައިކާ އޭނާގެ ލޯބި ޤަބޫލުނުކުރީ ކީއްވެ ހެއްޔެވެ؟ އައިކާއަށް އޭނާ ލޯބިވާވަރު އިހުސާސްވާނެނަމައެވެ.

ކޮމްޕިއުޓަރ ލެބްގައި އިންއިރުވެސް އައިކާއަށް ވިސްނެމުން ދިޔައީ މާޒްއާމެދުގައެވެ. މާޒްއަކީ ރަނގަޅު މީހެކެވެ. ބަލާލަންވެސް ރީއްޗެވެ. ނަމަވެސް މާޒްގެ އެހުށަހެޅުން ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މައިންބަފައިން އޭނާއަށްޓަކައި ކުރަމުން އައި ފޮނި އުއްމީދުތައް ފުނޑުފުނޑުކޮށްލާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މައިންބަފައިން ފަދައިން އޭނާގެވެސް އުއްމީދަކީ މޮޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއަކަށް ގޮސް ކޮއްކޮމެންނަށް ރަނގަޅަށް ކިޔަވައިދިނުމެވެ. އެދުވަހު އޭނާއަށް ރަނގަޅަށް އެއްކަމެއްވެސް ނުކުރެވުނެވެ. އެހެންކަމުން އޭނާ ޓީޗަރުގެ ހުއްދަ ހޯދައިގެން ގެއަށް ދިޔައީ ބޮލުގައި ރިއްސަނީކަމުގައި ބުނެފައެވެ.

“އަނހާ ދަރިފުޅާ! މިއަދު ހާދަ އަވަހަކަށް ތިއައީ.. އަދި ދެގަޑި ބައިވެސް ނުވެއެއްނު..” އައިކާ އައިސް ވަތްތަން ފެނިފައި އޭނާގެ މަންމަ ސަނާ ބުނެލިއެވެ.

“އާނ.. މިއަދު މާބޮޑަށް ވަރުބަލިވެފަ ހުރީމަ ސަރ ގާތު ބުނެފަ މިއައީ..” އައިކާ ބުނެލިއެވެ.

“އެހެންތަ؟ އެހެންވިއްޔާ އަވަހަށް ގޮސް އެއްޗެހި ބަދަލުކޮށްގެން އޮށޯވެލާ..” ސަނާ އެހެން ބުނެލުމުން އައިކާ ހިނިތުންވެލާފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އައިކާ ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން އެނދުގައި އޮށޯވެ އޮތްއިރުވެސް ވިސްނެނީ މާޒްއާމެދުގައެވެ. މާޒްގެ އާއިލާއަކީ އޭނާގެ އާއިލާއާއި ނުހަނު ގާތްކޮށް އުޅޭ އާއިލާއެކެވެ. އެހެންކަމުން އެދެމީހުންގެ މެދުގައި އެކުވެރިކަން އޮވެއެވެ. ނަމަވެސް މާޒް އޭނާއަށް ލޯބި ހުށަހަޅަން ފެށުމުން އެދެމީހުންގެ އެކުވެރިކަން މަޑުމަޑުން ބީރައްޓެހިކަމަށް ބަދަލުވަމުން ދިޔައީއެވެ. މިއަދު އޭނާއަށް ކަންތައް ކުރެވުނު ގޮތުން މާޒްއާ އޮތް އެކުވެރިކަން މުޅިން ކެނޑިދާނެހެން އޭނާއަށް ހީވަނީއެވެ. އެހެންވާކަށް ބޭނުމެއްނޫނެވެ. އޭނާގެ މަންމަ އަބަދުވެސް ރަނގަޅު ކުދިންނާއި ގުޅުން ނުކެނޑުމަށް ބުނެއެވެ. އެހެންވެއްޖެނަމަ އޭނާގެ މަންމަވެސް ވަރަށް ހިތްހަމަނުޖެހޭނެއެވެ. މާޒްއާ ބައްދަލުކޮށް އެކުވެރިކަން ބާއްވަން ބޭނުންކަމަށް ބުނަންވީބާއޭ އައިކާގެ ހިތަށްއެރިއެވެ. އެފަދަ ވިސްނުންތަކެއްގައި އޮއްވާ އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ދެން އޭނާއަށް ހޭލެވުނީ އޭނާގެ މަންމަ ގޮވާ އަޑަށެވެ. ހަގަޑި ބައިވެއްޖެކަމަށް ބުނުމުން އައިކާއަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

“އަޅެ މަންމަ ކީއްވެތަ ކުރިން ނުގޮވީ؟ މިރޭ ޖެހޭ ހަގަޑި ސާޅީސް ފަހަކަށް ދާން.. ދެން ނޭނގެ ގަޑިނުޖެހި ދެވޭނެކަމެއްވެސް..” އައިކާ ޝަކުވާގެ ރާގެއްގައި އެހެން ބުނެލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއާ ދިމާއަށް މިސްރާބުޖެހިއެވެ.

“މަންމައަށް ކިހިނެއްތަ އެނގޭނީ؟ ދަރިފުޅު ނުވެސް ބުނޭވިއްޔަ..” އެހެން ބުނެފައި ސަނާ އެކޮޓަރިން ނުކުތީ އަވަސްކުރުމަށް ބުނެފައެވެ. އައިކާ އަވަސްއަވަހަށް ފެންވަރާ ތައްޔާރުވެލައިގެން ނުކުތްއިރު ސަނާ ހުރީ ސައި ހަދާފައެވެ. އޭރު ގަޑިޖެހެން ހުރީ ފަސްމިނެޓެވެ. އެހެންކަމުން އޭނާ ހަމައެކަނި ސައިތަށި ބޯލައިގެން ދިޔައީ ގަޑިނުޖެހި ސްކޫލަށް ދެވޭތޯއެވެ. ސްކޫލް ހުރީ އައިކާގެ ގެއާ ފުދޭވަރަކަށް ދުރުގައިކަމުން، ހިނގުނު އެންމެ ބާރަކަށް ހިނގަމުން ބައެއް ހިސާބުތަކުން ދުވަމުން އައިކާއަށް ސްކޫލާއި ހަމައަށް ދެވުނީ ރަނގަބީލު އަޑަށެވެ. “އަލްޙަމްދުލިﷲ”އޭ ބުނަމުން އައިކާ ސްކޫލްތެރެއަށް ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ލީންއާއެކުގައެވެ.

“އޭތް އިކާ.. ކޮބާ މިހާރުވެސް އެއްކަލަ މާޒް އިކާގެ ފަހަތުން އުޅޭތަ؟” ލީން ވަރަށް ގަޔާވެލާފައި އަހާލިއެވެ.

“މިއަދުވެސް މެންދުރު ގަޑީ ޕްރޮޖެކްޓް ހަދަން އައި ގަޑީގަ ފަހަތުން އައި.. އަހަރެން ބުނިން މިދުވަސްކޮޅު އަހަރެންނަށް އުނދަގޫނުކުރާށޭ.. ބުނީމަ އޯކޭއޭ ކިޔާފަ ގޮސްފި..” އައިކާގެ ޖަވާބުން ލީންއަށް ޗޮކެއް ކަނޑާލެވުނެވެ.

“ދެން އިކާ އޭނައަށް ޔެސްއޭ ބުނިނަމަ..”

“ލީން ޕްލީޒް! ތިނޫން ވާހަކައެއް ދައްކާ..” ލީންގެ ޖުމްލަ މެދުކަނޑާލަމުން އައިކާ ބުނެލިއެވެ. ލީންވެސް އިތުރަކަށް އެވާހަކަ ނުދެއްކީ، އެވާހަކަ ދައްކައިގެން އައިކާއާ ދެބަސްވާން ބޭނުންނުވާތީއެވެ.

އައިކާއަށް މާޒް ފެނުނީ އޭގެ ދެދުވަސް ފަހުން މާޒްމެންގޭ ފިހާރައިންނެވެ. އޭނާ ފިހާރައިން ނުކުތް ވަގުތާއި މާޒް ފިހާރައަށް ވަންނަން ދިމާކުރި ވަގުތުވީ އެއްވަގުތަކަށެވެ. މާޒް ގާތުގައި އެކުވެރިކަން ބާއްވަން ބޭނުންވާ ވާހަކަ ބުނަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެޔޭ އޭނާގެ ހިތަށްއެރިއެވެ. އެހެންކަމުން އޭނާ މާޒް ފިހާރައިން ނުކުންނަންދެން މަޑުކުރިއެވެ.

“މާޒް!”

“ކިހިނެއްވީ؟” މާޒް ހިނިތުންވެލަމުން އަހާލިއެވެ.

“މީ.. ވާހަކައެއް ބުނަންވެގެން..” އައިކާ ޖެހިލުންވެފައި ބުނެލިއެވެ.

“ކޮން ވާހަކައެއް؟ އަވަހަށް ބުނޭ.. އިކާގެ ކޮންމެ ވާހަކައެއްވެސް އަހަރެން އަޑުއަހާނަން..” މާޒް ވަރަށް ޝައުޤުވެރިވެފައި ބުންޏެވެ.

“މާޒްގެ ހުށަހެޅުން ޤަބޫލުނުކުރެވުނަސް އަހަރެން ބޭނުން އަހަރެމެން މެދުގަ ރަހުމަތްތެރިކަން އޮންނަން..” އައިކާ އެހެން ބުނެލުމުން މާޒް ކުޑަކޮށް ހީލިއެވެ.

“އަހަރެން ކޮންއިރަކު އިކާއާ ރުޅިވީ؟ އަހަރެން އަބަދުވެސް އިކާއާ ރައްޓެއްސޭ.. އިކާ އަހަރެން އިގްނޯރ ކޮށްލިޔަސް އެކަމަކާ އަހަރެންގެ ހިތުގަ އެއްވެސް އެއްޗެއް ނެތް.. އަހަރެން އަބަދުވެސް އިކާއަށް ހިތްހެޔޮ..” މާޒް އެހެން ބުނެލުމުން އައިކާ ހިނިތުންވެލިއެވެ. އަދި ދަނީއޭ ބުނެ ގެއަށް ދިއުމަށް ހިނގައިގަތެވެ. އައިކާ ގޮސް ގޯޅި އަޅަންދެން މާޒްއަށް ބަލަހައްޓައިގެން ހުރެވުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ނިކަން އަވަހަށެވެ. މާޒްއަށް އެހެން އަންހެންކުއްޖަކާ ދިމާއަށް އައިކާއާ ދޭތެރޭ ދުށް ނަޒަރަކުން ނުދެކެވެއެވެ. ދޭތެރެއަކުން މަގުމަތިން އައިކާއާ ދިމާވިނަމަވެސް ކުރީގައިހެން އައިކާގެ ފަހަތަކުން އޭނާއެއް ނޫޅެއެވެ. އޭނާގެ ސަބަބުން އައިކާގެ ކިޔެވުމަށް ހުރަސްއެޅެން އޭނާ ބޭނުންނުވަނީއެވެ. އައިކާވެސް މާޒްގެ އުނދަގުލެއް ނުފޯރުމާއެކު، ކުރީގައި އޮތްފަދަ ގާތް އެކުވެރިކަމެއް ނެތްނަމަވެސް މާޒްއާ އެއްކޮށް ގުޅުން ނުކެނޑޭތީ ހިތްހަމަޖެހިގެން ކިޔެވުމައިގެން ކުރިއަށް ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. އައިކާ އިނީ އިތުރު ގަޑިއަކަށް ސްކޫލަށް ގޮހެވެ. އޭރު އަދި ކުލާހަށް ޓީޗަރު ނާންނާތީ އައިކާ އިނީ ލީންއާ ވާހަކައިގައި ޖެހިފައެވެ.

“އޭތް ތިއެއްނޫނޭ.. އަހަރެން ބުނީ މިހާރު އެއްކަލަ މާޒް އިކާ ފަހަތުން ނޫޅެނީތަ؟ މިހާރު ސްކޫލަށް އަންނަ ގަޑީވެސް ފަހަތުން އަންނަނިކޮށެއް ނުފެނޭވިއްޔަ.. އިކާ ކޮން ފަންޑިތައެއްތަ އޭނައަށް ތިހެދީ؟” ލީން ކުއްލިއަކަށް ކަމެއް ހަނދާންވެގެން އަހާލާފަދަ ގޮތަކަށް އަހާލިއެވެ. ލީން އެހެން ބުނެލިގޮތުން އައިކާ ގާތަށް ވަރަށް ހިނިއައެވެ.

“ނޭނގެ.. ބުނީމެއްނު އެއްކަލަ ދުވަހު އޭނަ ގާތު ބުނީމޭ އަހަރެންނަށް އުނދަގޫވާ ވާހަކަ.. އޭގެ ފަހަކުން އެގޮތަށް ފަހަތުންނެއް ނޫޅޭ.. އެކަމް މަގުމަތިން ފެނުނީމަ ކޮންމެވެސް ވަރަކަށް ވާހަކަދައްކާ.. އަހަރެންވެސް ބޭނުމީ އެގޮތަށް ފްރެންޑްސްގެ ގޮތުގަ އުޅެން…” އައިކާ އެހެން ބުނެލުމުން ލީންއަށް ބޯހޫރުވާލެވުނެވެ.

“އަޅެ އިކާ ތީ މޮޔައެއްތަ؟ މިޒަމާނުގަ މާޒް ކަހަލަ ރަނގަޅު މީހަކު ލިބޭނީ ވަރަށް ނަސީބު ރަނގަޅު މީހަކަށް.. ބަލާލަން ނުލާހިކު ރީތި.. މުއްސަނދި.. އަނެއްކޮޅުން އޭނަ އިކާދެކެ ކިހާ ލޯތްބެއް އެވަނީ.. އެހެންނޫންނަމަ އިކާ އެވަރަށް އޭނަ އިގްނޯރ ކުރިއިރުވެސް އިކާގެ ފަހަތުން މިހާދުވަސް ވަންދެން ނޫޅުނީހެއްނު.. އަނެއްކޮޅުން އިކާއަށް އުނދަގޫވާ ވާހަކަ ބުނީމަ ވަގުތުން ދުރަކަށްވެސް ނުދިޔައީހެއްނު.. ވިސްނަބަލަ..” ލީން ވަރަށް ވިސްނޭ މީހަކު ފަދައިން ވާހަކަދެއްކިއެވެ.

“އޭނަ ކިތަންމެހާވެސް ރަނގަޅު.. ރީތި އަދި މުއްސަނދި.. އޭނަޔާ ބަލާއިރު އަހަރެން މީ ކާކު؟ ނިކަމެއްޗެއް.. އެއްވެސް ގޮތަކުން އަހަރެމެން ދެމީހުން އެކަށީގެނެއްނުވޭ.. އެހެންނޫނަސް އަހަރެން ބޭނުންވަނީ ކިޔަވާ ނިމުނީމަ ތިކަހަލަ ކަމަކާ ވިސްނަންވެސް.. އެހެންނޫނީ އަހަރެންގެ ކިޔެވުން ހަލާކުވާނީ.. އެހެންވެއްޖެއްޔާ މަންމަމެން ކިހާ ދެރަވާނެ.. އެމީހުން އަހަރެންނާމެދު ދެކެމުން އައި ފޮނި ހުވަފެންތައް ފުނޑުފުނޑުކޮށްލާކަށް އަހަރެން ބޭނުމެއްނޫން..” އައިކާ ވަރަށް ސީރިއަސްވެފައި ބުންޏެވެ.

“އިކާ! އަހަރެން އިކާގެ ތިވާހަކަތަކަށް އިޙްތިރާމްކުރަން.. އެކަމް އަހަރެން ބުނެފާނަން ވާހަކައެއް.. އިކާއަކަށް މާޒްއަށްވުރެ ރަނގަޅު މީހަކު ލިބިދާނެހެނެއް ހިއެއްނުވޭ.. އިކާގެ ނިކަމެތިކަން އެނގިހުރެ އޭނަ އިކާގެ ފަހަތުން އެދުވަނީ..” ލީންގެ ވާހަކަތަކުން އައިކާގެ ހިތަށް ބިރުވެރިކަން ވަނީ އޭނާގެ ވިސްނުން ބަދަލުވެދާނެތީއެވެ. ނަމަވެސް އޭނާއަށް ހަމަޖެހުމުގެ ނޭވައެއް އެވަގުތު ކުލާހަށް ވަދެގެން އައި ޓީޗަރު ފެނިފައެވެ.

އެރޭގެ ފަހުން ލީން އައިކާ ގާތުގައި މާޒްގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. ރޭގައި އައިކާގެ ފަރާތުން ފެނުނު ފަރުވާކުޑަކަމުން އޭނާ އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވީއެވެ. އައިކާގެ އެ ވިސްނުމުގެ ސަބަބުން މާޒް ކަހަލަ ރަނގަޅު ޒުވާނަކު އައިކާގެ އަތުން ބީވެދާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް އޭނާ ދެން އިތުރަށް އައިކާއާ އެވާހަކަ ދައްކާނީ އައިކާގެ ވިސްނުން ބަދަލުވެގެން އަމިއްލައަށް އައިސް އޭނާ ގާތުގައި މާޒްގެ ވާހަކަ ދެއްކި ދުވަހަކުންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އޯލެވެލް އިމްތިހާން ފެށިއްޖެއެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި އައިކާ ކިޔެވުމަށް ހޭދަކުރާ ވަގުތުތައް އިތުރުކުރިއެވެ. އެހެންކަމުން އިމްތިހާން ދުވަސްކޮޅު ލީންއާ ދިމާވަނީ ހަމައެކަނި ސްކޫލަށްދާ ގަޑީގައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް މާޒްއާ ދިމާވެއެވެ. ދިމާވާ ކޮންމެ ފަހަރަކުވެސް ރަނގަޅަށް ކިޔެވުމަށް ނަސޭހަތްދެއެވެ. އައިކާ ރަނގަޅު ނަތީޖާއެއް ހޯދައިފިނަމަ އޭނާވެސް ވަރަށް އުފާވާނެކަމަށް ބުނެއެވެ. މާޒްގެ އެބަސްތަކުން އައިކާއަށް އިތުރު ހިތްވަރެއް ލިބެއެވެ.

އިމްތިހާންގެ އެންމެ ފަހު ޓެސްޓް ހަދާފައި ނުކުމެ އައިކާ އޭނާގެ ކުލާސް ކުދިންނާއެކު ވާހަކަދައްކާލަން އިރުކޮޅަކު މަޑުކޮށްލިއެވެ. އިރުކޮޅަކު ކުލާސް ކުދިންނާ ސަކަރާތް ޖަހާލަން ހުރެލާފައި އޭނާ ގެއަށް އަންނަން ހިނގައިގަތީ އޭނާ މާ ލަސްވެއްޖެނަމަ އޭނާގެ މަންމަ ކަންބޮޑުވާނެކަން އެނގޭތީއެވެ. އެހެންކަމުން އޭނާ އަވަސް ފިޔަވަޅުތަކެއްގައި އައިސް ގެ ހުންނަ މަގަށް ލަނބާލިތަނާ އެމަގުން ގޯޅި އެޅި މީހެއްގެ ގައިގައި ލައިގެންފައި އޭނާ ވެއްޓުނެވެ. އެއާއެކު އެމީހާގެ އެއްކޮނޑުގައި އަޅުވާލާފައިވާ ދަބަސް ވެއްޓުނެވެ.

“ވަޓް ދަ ހެލް..” އިވުނު ފިރިހެންވަންތަ އަޑާއެކު އައިކާއަށް ބަލާލެވުނެވެ. އައިކާ އެމީހާއާ ދިމާއަށް ބަލާލިއިރު އެމީހާ އޭނާގެ ދަބަސް ނަގައިގެން ތެދުވަނީއެވެ. އައިކާ އަވަސްއަވަހަށް ތެދުވިއެވެ. އެޒުވާނާގެ ރުޅިވެރި އަޑު އިވިފައިވެސް އޭނާ ހުރީ ޖެހިލުންވެފައެވެ.

“ތަންކޮޅެއް ބަލާލައިގެން އުޅެބަލަ..” އެޒުވާނާ ރުޅިވެރިކަމާއެކު އެހެން ބުނަމުން އައިކާއާ ދިމާއަށް އެނބުރުނު ގޮތަށް ހުއްޓުން އެރިއެވެ.

“ސޮރީ! ގަސްތުގައެއް ނޫން..” އައިކާ އެހެން ބުނުމަށްފަހު އަވަސްއަވަހަށް ގެއާ ދިމާއަށް ހިނގައިގަތެވެ. އައިކާ އެޒުވާނާ ފަސްދީ ތަންކޮޅަކަށް ދިޔަތަނާ އެޒުވާނާ ފަސްއެނބުރި ބަލާލިއެވެ.

“އިހަށް މަޑުކޮށްބަލަ..” އެޒުވާނާގެ އަޑު އައިކާއަށް ހަމަ ރަނގަޅަށްވެސް އިވުނެވެ. ނަމަވެސް އޭނާ އަޅާނުލާ ދިޔައީ އެއީ ބީރައްޓެއްސަކަށްވެފައި އެޒުވާނާގެ ރުޅިވެރިކަން ފެނިފައި ޖެހިލުންވި ވަރުންނެވެ.

“އަދި ބީރައްޓެއްސެކޭ.. އެކަމް ލަދެއްވެސް ނުގަތެއްނު ހަޅޭއްލަވައިގަންނާކަށް.. ޔަޤީން އެވާނީ މާލޭގެ މުއްސަންޖަކަށް.. އެކަހަލަ މީހުން ނިކަން ޒާތްކޮޅު ބޮޑުވާނެ..” އައިކާ ކުދިކިޔަމުން ދިޔައެވެ. މިދިމާވި ކަމަކުން އޭނާގެ މުޅި ދުވަސް ޚަރާބުވީއެވެ.

“އޭތް.. ދެން ދާންވީނު ގެއަށް.. މިހާރު އޭނަ ގޮސްފިޔޭ..” އައިކާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ލިހާމް ބުނެލިއެވެ. އެއާއެކު ސިހިފައި ޔޫޝައު ލިހާމްއަށް ބަލާލިއެވެ. އޭރު ލިހާމް ހުރީ ލާނެތް ފާޑަކަށް ހިނިއައިސްފައެވެ.

ލިހާމް، ޔޫޝައު ގޮވައިގެން ދިޔައީ އޭނާގެ މަންމަގެ ގެއަށެވެ. އެގެ ކުއްޔަށް ދީފައި ލިހާމްގެ މަންމަ އުޅެނީ ލިހާމްގެ ބައްޕަގެ ގޭގައެވެ. ޔޫޝައުއަށް ކޮޓަރި ދެއްކުމުން ޔޫޝައުއަށް އެކޮޓަރި ވަރަށް ކަމުދިޔައެވެ. އޭސީ ކޮށްފައި ނެތަސް އެކޮޓަރި އެހާ ތަނަވަސްވެފައި ކުޑަދޮރުލާފައި ހުރުމުން އޭނާ ވަރަށް ހިތްހަމަޖެހުނެވެ.

“އެއީ ބީރު ކުއްޖެއްތަ؟ ގޮވީމަ ބަލާވެސްނުލާ އެދިޔައީ..” ޔޫޝައު އެނދުގައި އޮށޯވެލަމުން އަހާލިއެވެ.

“ބަލާނެތަ؟ ފެނުނުއިރަށް ހަޅޭއްލަވައިގަތީވިއްޔަ ތި.. އެގޮތަށް ރުޅިއައިސްގެން ހަޅޭއްލަވައިގަތީމަ ކާކު ބަލާލާނީ؟ ބިރުންވެސް ދުވެ ފިލާނެއެއްނު..” ލިހާމް އެހެން ބުނެލުމުން ޔޫޝައު ކުޑަކޮށް ރަކިވިއެވެ.

“އަސްލު މަގޭ ލެޕް އޮންނާނެ މީގަ.. އެއަށް ގޮތެއް ވެއްޖެއްޔާ އެދިޔައީ ދުވަސް.. އެހެންވެ އަސްލު އެހާ ރުޅިއާދެވުނީ.. އެކަމް އެކުއްޖާ ފެނިފަ ނޭނގެ ވީގޮތެއްވެސް.. އެއީ ހާދަ ރީތި ކުއްޖެކޭ.. އެހާ ރީތި ކުއްޖެއް އަހަރެން ދުވަހަކުވެސް ނުދެކެން.. އެހެރަ ލޮލެއް.. އަހަރެންނަކަށް ނޭނގެ އެދެލޮލުން އަހަރެންނަށް އެޖެއްސީ ކޮންކަހަލަ ޖާދޫއެއްކަމެއް..” ޔޫޝައު ވަރަށް ފިލްމީ ގޮތަކަށް ބުނެލިއެވެ.

“މީހަކު ހަމަ ރަނގަޅަށްވެސް އިޝްޤުގަ ޖެހިއްޖެ.. އާނ އެހެންޏަ.. މާލޭގަ އުޅެ ބޮޑުވެ، ދުނިޔޭގެ އެތަންމިތާ ދަތުރުކޮށް އުޅޭއިރުވެސް ތިބުނީ އެހާ ރީތި ކުއްޖަކު ނުދެކެމޭ.. މީ ދެން އަޖައިބެއް..” ލިހާމް ޔޫޝައުއާ ދިމާކޮށްލިއެވެ.

“އަޖައިބަކަސް، އެހެން އެއްޗަކަސް އަހަރެންނަށް އެނގޭހާވެސް އެއްޗަކީ އަހަރެންނަށް އެކުއްޖާ ވަރަށް ކަމުގޮސްފިކަން..” ޔޫޝައު އެހެން ބުނުމުން ލިހާމް ހިނިގަނޑެއް ޖަހާލިއެވެ.

“އެކަމް އެކުއްޖާ ހާސިލްކުރުމަކީ ނުވާނެކަމެއްހެން އަހަރެންނަށް ހީވަނީ..”

“އެއީ ކީއްވެ؟” ޔޫޝައު ހައިރާންވެފައި އަހާލިއެވެ.

“އެއީ ވަރަށް ގޮތެއްގަ ހުންނަ ކުއްޖެއް.. ކިޔަވާ ނިމުނީމަ ނޫނީ މީހަކާ ރައްޓެހިވެސް ނުވާށޯ އެހުންނަނީ.. އެކަމަކު ބުނަން.. ވަރަށް އަޚްލާޤު ރަނގަޅުވާނެ.. މީހުންނަށް ވަރަށް ހެޔޮވާނެ..” ލިހާމް ބުންޏެވެ.

“އެހެންވިއްޔާ ތިވީ މާ ރަނގަޅަކަށްނު.. އަހަރެންނަށް ބޮޑަށް ކަމުދަނީވެސް ތިކަހަލަ ކުދިން..” ޔޫޝައު ބުނެލިއެވެ.

“އެހެންވީމަ ތިބުނީ ލަމްހާއަކީވެސް އޭގެ ކުއްޖެކޭ ދޯ؟” ލިހާމް އެހެން ބުނެލުމުން ޔޫޝައު ބޯޖަހާލިއެވެ.

“އެކަމް ތިހެން ކަންތައް ކޮށްފިއްޔާ ލަމްހާއަށް ވާނީ ކިހިނެއް؟”

“ލަމް އޯކޭވާނެ.. މީހަކަށް އެކަހަލަ ރަނގަޅު އަނތްބަކު ނުލިބޭނެ..” ޔޫޝައު އޭނާގެ ލޯބިވާ އަނބިމީހާ ލަމްހާއަށް ތަޢުރީފުކޮށްލިއެވެ.

“ދެން އެހާ ރަނގަޅު އަނތްބަކު ހުއްޓާ އެހެން މީހަކު ތި ހޯދަނީ ކީއްކުރަން؟” ލިހާމް ކުޑަކޮށް ހައިރާންވެފައި އަހާލިއެވެ.

“އަސްލު އަހަރެންވެސް ފުރަތަމަ ބޭނުމެއްނުވޭ އިތުރު ކައިވެންޏެއް ކުރާކަށް.. އެކަމަކު ލަމް ބޭނުންވަނީ އަހަރެން އިތުރު މީހަކާ އިންނަން.. މިހާރު ހައެއްކަ އަހަރު ވެދާނެ އެހެން ކިޔާތާ.. އެކަމަކު އަހަރެން މިހުރިހާ ދުވަހު އެކަމާ ދެކޮޅު ހަދަމުން މިއައީ..” ޔޫޝައުގެ ވާހަކައިން ލިހާމްގެ ހައިރާންކަން އިތުރުވެގެން ދިޔައީ ޔޫޝައު އިތުރު ކައިވެންޏެއް ކުރަން ބޭނުންވެގެން އެއުޅެނީ ލަމްހާ ބޭނުންވެގެންކަމަށް ބުނުމުންނެވެ.

“އެކީއްވެ؟” ލިހާމް ހައިރާންކަމާއެކު އަހާލިއެވެ.

“އެއީ އަހަރެން ބޭރުގަ ކިޔަވަން ހުއްޓާ ދިމާވި ކަމެއް.. އަހަރެން ދިޔައީ ލަމްވެސް ގޮވައިގެން.. އޭރު އަހަރެމެން މެރީކުރިތާ އަދި އެއްއަހަރު.. ލަމްގެ ބަނޑަށް ދެމަސްވީ ދުވަސް އެއީ.. ދިމާވި އެކްސިޑެންޓެއްގަ އެބޯރޓްވީ.. އެފަހަރު ޑޮކްޓަރ ބަލާފަ ބުނީ ލަމްއަކަށް ދެން ކުއްޖަކު ލިބޭނެހެނެއް ހިއެއްނުވެޔޭ.. އަހަރެމެން ވަރަށް ގިނަ ތަންތަނަށް ގޮސް ބޭސްވެސް ކުރިން.. އެކަމް ވާން ނެތްކަމެއް ނުވާނެއެއްނު ދޯ.. އަހަރެންވެސް ކުއްޖަކު ބޭނުންވޭ.. ލަމްވެސް ބޭނުންވޭ.. އެހެންވެ ލަމް އެދުނީ އަހަރެން އިތުރު ކައިވެންޏެއް ކުރަން.. އެކަމް އަހަރެން އެކަމާ ދެކޮޅު ހަދަމުން އައީ މިހުރިހާ ދުވަސް ވަންދެން.. އެއީވެސް ލަމްއަށް ދެރައެއް ލިބިދާނެތީ.. އެކަމަކު އައިކާ ފެނުނުފަހުން އަހަރެންގެ ޚިޔާލު މުޅިން ބަދަލުވެއްޖެ.. ލަމް އަދިވެސް ހަމަ އަހަރެން ގާތު ކިޔަނީ އިތުރު މީހަކާ މެރީކުރަން.. ލިހޭ ބުނެބަލަ ދެން އަހަރެން ހަދާނެ ގޮތެއް..” ޔޫޝައުގެ އަޑުގައިވާ އަސަރަކުން ލިހާމްވެސް ދެރަވިއެވެ.

“ކީކޭ ދޯ ދެން ބުނާނީ؟ އެކަމަކު އެކުއްޖާއާ ޔޫޝައުއަކާ އެކަށީގެނެއްނުވޭ.. އެއީ ވަރަށް ނިކަމެތި ކުއްޖެއް..” ލިހާމް އެހެން ބުނެލުމުން ޔޫޝައުގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

“ކީއްވެ ފާޑަކަށް ހީފަ ތި އިންނަނީ؟” ޔޫޝައުގެ ތުންފަތުގައިވާ ހިނިތުންވުން ފެނި ލިހާމް އަހާލިއެވެ.

“ކަމެއްނުވޭ.. ލިހޭގެ ވިސްނުން ތިހުންނަ ގޮތަކުން މި އިނދެވުނީ.. އާނ އެހެންޏަ.. މާލެ ކަހަލަ ތަހުޒީބުވެފައިވާ ތަނެއްގަ ތަޢުލީމު ލިބިގެން ބޮޑުވެފަ ހުރި ތިކަހަލަ ޒުވާނަކު އެހާ ބޯދާ ވިސްނުމެއް ގެންގުޅެފާނެކަމަށް ކާކު ހީކުރާނީ؟” ޔޫޝައު އެހެން ބުނެލުމުން ލިހާމް ފާޑަކަށް ބަލާލިއެވެ.

“ހަމަ ޔޫޝައުތަ ތިހެން ތިބުނަނީ؟” ހައިރާންވެފައި ލިހާމް އަހާލިއެވެ. ޔޫޝައުއަކީ އަބަދުވެސް ފަޤީރުންދެކެ އެހާ ރުޅިއަންނަ މީހެކެވެ. ވީއިރު މިއަދު ކުއްލިއަކަށް އޭނާގެ ވިސްނުން ބަދަލުވުމުން ހައިރާންވާނެ ނޫން ހެއްޔެވެ؟

“އާނ.. ހަމަ އަހަރެން.. އެނގޭ ވަރަށް ހައިރާންވެފަކަން ތިއިނީ.. އެކަމަކު އެއީ މާޒީ.. އޭރު އަހަރެންނަށްވެސް ނުވިސްނުނީ.. އެކަމަކު މިހާރު ވިސްނިއްޖެ..” ޔޫޝައު ސީރިއަސްކަމާއެކު އެހެން ބުނެލުމުން ލިހާމްއަށް ހީލެވުނީ އެކުވެރިޔާގެ ވިސްނުން ބަދަލުވެފައިވާކަން ޔަޤީންވުމުންނެވެ.

“އެހެންވީމަ އައިކާ ހަމަ ރަނގަޅަށްވެސް ޔޫޝައުއަށް ޖާދޫއެއް ޖައްސައިފިތާ..” ލިހާމް ދިމާކުރާފަދަ ގޮތަކަށް ބުނެލިއެވެ.

“އައިކާއޭ!! އެކުއްޖާއަށް ކިޔަނީ އައިކާތަ؟” ޔޫޝައު އެހެން ބުނެލުމުން ލިހާމް ބޯޖަހާލިއެވެ.

“ދެން ހިނގާ ގޭދޮށަށް ދަމާ.. މިހާރު މާޝާ ހުންނާނެ އަހަރެމެންގެ އިންތިޒާރުގަ..” ލިހާމް އެހެން ބުނުމާއެކު ޔޫޝައު ތެދުވެ އަވަހަށް ހިނގާށޭ ބުނެލިއެވެ.

“އުހުނ.. އިހަށް މަޑުކޮށްބަލަ.. މި ލެޕަށް ގޮތެއްވިތޯ ބަލާފަ ދެވޭނީ..” ޔޫޝައު އެހެން ބުނުމާއެކުހެން ދަބަސް ހުޅުވާލާފައި ލެޕްޓޮޕް ނެގިއެވެ. އަދި އަވަސްއަވަހަށް ލެޕްޓޮޕް ހުޅުވޭތޯ ބެލިއެވެ. ނަސީބަކުން އެއްވެސް މައްސަލައެއް ދިމާނުވެ ހުޅުވުނެވެ.

“އަލްޙަމްދު ލިﷲ!! ނަސީބަކުން އެއްވެސް ގެއްލުމެއް ލިބިފައެއް ނެތް.. ދެން ހިނގާ ދަމާ..” ޔޫޝައު އެހެން ބުނެލަމުން ލެޕްޓޮޕް މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ލިހާމްއާއެކު ކޮޓަރިން ބޭރަށް ނުކުމެފައި ތަޅުލިއެވެ. ދެން ދެމީހުން ހިނގައިގަތީ ލިހާމްމެން އުޅޭ ގެޔާއި ދިމާއަށެވެ.

**********

އެ ލިހާމްއަށްވެސް އެކުވެރިވާން އެނޫން މީހަކު ނުލިބުނީ ހެއްޔެވެ؟ އެއީ ހާދަހާ ގޮތެއްވެސްނެތް މީހެކެވެ. ނޫންނަމަ ރަށަށް އަރައިގެން އަންނަ ގޮތަށް ރަށު މީހަކާ ދިމާއަށް އެގޮތަށް ހަޅޭއްލަވައިގަންނާކަށް ނުކެރުނީހެވެ. ހިތާހިތުން ކުދިކިޔަމުން ގޮސް އައިކާ ގެއަށް ވަނީ ޔުނީފޯމުގައި ހުރި ހިރަފުސްތައް ފޮޅަމުންނެވެ.

“އަނހާ ދަރިފުޅާ.. ކިހިނެއްވީ؟ ޔުނީފޯމު ހާދަ ހަޑިވެފަ..” ސަނާއަށް އައިކާ ފެނުމާއެކު ބުނެލިއެވެ.

“އާނ.. އެއީ އަންނަނިކޮށް ކުޑަ އެކްސިޑެންޓެއްވީ..” އައިކާ އެހެން ބުނުމާއެކުހެން ސަނާ އައިސް އައިކާ ގާތުގައި ހުއްޓުނެވެ. އަދި އައިކާއަށް ކަމެއްވެފައި ހުރިތޯ ބަލަން ފެށުމުން އައިކާ ގާތަށް ކުޑަކޮށް ހިނިއައެވެ. ނަމަވެސް އޭނާގެ މަންމަ އޭނާދެކެ ވާލޯބި އެނގޭތީ ނުހަނު އުފާވެސްވިއެވެ.

“މަންމާ! އަހަރެންނަކަށް ކަމެއް ނުވެޔޭ.. މަންމަ ތި ހީކުރާ ކަހަލަ އެކްސިޑެންޓެއް ނޫނޭ..” އައިކާ ވީގޮތް އޮޅުންފިލުވައިދިނުމުން ސަނާ ދެފަރާތަށް ބޯހޫރާލިއެވެ. ނަމަވެސް އައިކާ އެމީހާގެ ކިބައިން މާފަށް އެދިފައި އައީތީ އެކަމާ އޭނާ އުފާކުރިއެވެ.

ޖެހިގެން އައި ދުވަހެވެ. އައިކާ އިރުއަރާ މަންޒަރު ބަލާލުމަށްޓަކައި އަތިރިމައްޗަށް ދިޔައެވެ. އެއީ ސްކޫލް ބަންދު ދުވަސްތަކުގައި އޭނާ އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. އޭނާ ގޮސް ރާޅުޖަހާ ފަށުގައި ހިނގާލުމަށްފަހު ތަންކޮޅެއް އެއްގަމަށް އަރާ ވެލިގަނޑުމަތީގައި އިށީނދެލިއެވެ. އޭރު އުދަރެހަށް ވަނީ އިރުގެ އަލިކަން ވެރިވާން ފަށައިފައެވެ. އައިކާ ކޮޅުކޮޅުމައްޗަށް ލޯހިންގާލިއެވެ. އެވަގުތު އޭނާގެ ހަރަކާތަށް ހުއްޓުމެއް އައީ ފެނުނު ހިތްގައިމު މަންޒަރަކުންނެވެ.

މޫދުގެ ލޮނުގަނޑު ތެރެއިން ބޯހިއްލާލި ޒުވާނާ ފުރަގަސްދީގެން ހުރުމުން އެއީ ކާކުކަން ނޭނގުނުނަމަވެސް އެޒުވާނާގެ ހަށިގަނޑަށް ބަލާލުމުން އެއީ ޤަވާއިދުން ކަސްރަތުކޮށް އުޅޭ މީހެއްކަން އެނގެއެވެ. ފުރަގަހުން ފެންނައިރުވެސް އެހަށިގަނޑުގެ ވަރުގަދަކަން އަންދާޒާކޮށްލެވޭހާވެއެވެ. އެޒުވާނާ ބޮލުގައި އަތް ހިންގާލި ވަގުތު މީދާ މަސްގަނޑު އުފުލިލައިގެން ދިޔަގޮތުންވެސް އައިކާގެ މެއަށް ފިނިވެގެން ދިޔައެވެ. އެޒުވާނާގެ ރީތިކަމުން އޭނާގެ ހިތަށް ގުޑުމެއް އަރައިފިކަން ޔަޤީނެވެ. އެޒުވާނާގެ މޫނު ދެކެލުމުގެ ޝައުޤުވެރިކަން އުފެދިގެން ދިޔައީ ކެތްނުކުރެވޭހާ ވަރަށެވެ. އެޒުވާނާ އެއްގަމަށް އަރަންވެގެން އެނބުރިލިތަނާ އައިކާ ފެނިފައި ފާޑަކަށް ހުއްޓުން އަރާފައި ހުއްޓެވެ. އައިކާއަށް އެޒުވާނާގެ މޫނު ފެނިފައި އަނގައަށް ގޮތެއް ހަދާލެވުނީ އެއީ އިއްޔެގައި ލިހާމްއާއެކު ރަށަށް އައި ބީރައްޓެހި މީހާކަން އެނގުމުންނެވެ.

އައިކާ އެތަނަށް އައީ ހިތްހަމަޖައްސާލަން ކަމަށްވިޔަސް އެޒުވާނާ ފެނުނު ހިސާބުން އޭނާގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އޭނާ ދެން ހަދަންވީ ގޮތެއް ނޭނގިފައި އިންދާ އެޒުވާނާ މަޑުމަޑުން އެއްގަމަށް އަރަން ހިނގައިގެންފިއެވެ. އެޒުވާނާގެ ފަލަމަސްގަނޑާއި ހަމައަށް ފެންނަ ހިސާބަށް އައިތަނާ އައިކާއަށް ދެލޯ ބޮޑުކޮށްލެވުނީ އެޒުވާނާ ގަޔަށް ފިޓް ބޮކްސާއެއް ފިޔަވާ އެއްވެސް އެއްޗެއް ލާފައި ނެތުމުންނެވެ. އޭރުވެސް އެޒުވާނާގެ ނަޒަރު ހުއްޓިފައި ހުރީ އައިކާއަށެވެ. އައިކާ އަވަސްއަވަހަށް ތެދުވިއިރު އެތާ އޮތް ސޯޓު ނެގުނުކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އޭނާ ހުރީ އެއިން ކަމެއް ވިސްނޭވަރަށްވުރެ ލަދުގަނެ ބިރުވެސްގަނެފައެވެ. މިއީ އަދި ލަދެއްވެސް ގަންނަ މީހެއް ނޫންތާއެވެ. އިއްޔެގައި އޭނާއާ ދިމާއަށް ފާޑަކަށް ބަވާލީއެވެ. މިއަދު އެހުރީ ހަމައެކަނި ބޮކްސާއެއްގައި މޫދަށް އެރިއެވެ. ގައިމު އެއީ ފަރަންޖީއެއްވެސް ނޫންވިއްޔާއެވެ. ކޮންމެވެސް ވަރެއްގެ ލަދެއް ގަންނަންވާނެ ކަންނޭނގެއެވެ. ހިތާހިތުން އެޒުވާނާއާ ދިމާއަށް އެއްޗެހި ކިޔަމުން ގެއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު އެޒުވާނާ އޭތްއޭ ކިޔާ އޭނާއަށް ގޮވިއެވެ. އޭނާއަށް ފަސްއެނބުރި ބަލާލެވުނުއިރު އެޒުވާނާ ބާރުބާރަށް އޭނާއާ ދިމާއަށް ހިނގާފައި އާދެއެވެ.

މި ގޮތްކުޑަ މީހާ އޭނާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެއެވެ. އޭނާގެ ޢިއްފަތް ނަގާލާފައި މަރާލިޔަސް އެކަކަށް އެކައްޗެއްވެސް ނޭނގޭނެއޭ ހިތަށް އެރުމުން އައިކާ ދާހިއްލާލީ ބަސްބުނާހާ ހިނދުންނެވެ. ހިތް ތެޅިގަތީވެސް އޮބިނޯންނަ ވަރަށެވެ. ގަތްބިރުން އައިކާ ދުއްވައިގަތެވެ. އިރުއިރުކޮޅާ ފަހަތް ބަލާލައެވެ. އެޒުވާނާވެސް ދުވަމުން އާދެއެވެ. އަތިރިމަތީގެ އެ މަޑު، ދޮންވެލިގަނޑުގައި އައިކާއަށް ބާރަށް ދުވެވޭގޮތެއް ނުވިއެވެ. އިސާހިތަކު އެޒުވާނާ އައިސް އޭނާގެ ކުރިމައްޗަށް އަރާ ކުރި ބައްދައިފިއެވެ. އައިކާއަށް ބިރުން ފަހަތަށް ޖެހެވެން ފެށިއިރު އެދެލޯ ފެންކަޅިވެސް ވެއްޖެއެވެ. އައިކާ ބިރުގަތީކަން ޔަޤީންވުމުން އެޒުވާނާގެ ހިތަށްއެރީ ކީކޭކަމެއް ނޭނގެއެވެ. ކުއްލިއަކަށް އައިކާއާ ދިމާއަށް އެއްލޯ މަރާލާފައި އަތް ދިއްކޮށްލުމުން އައިކާއަށް ގަތްބިރުން އަނެއްކާވެސް ދުއްވައިގަނެވުނެވެ. ނަމަވެސް އެވަގުތު ކަކުނި ހޮރަކަށް ފައި ގަނބައިގަނެފައި އޭނާ އެތަނަށް ގުޅައަކަށް ޖެހިއްޖެއެވެ. މި ނުލަފާ މީހާގެ އަތްދަށުގައި ހަމަ ރަނގަޅަށްވެސް ހައްޔަރުވީއޭ އައިކާގެ ހިތަށް އެރިއެވެ.

އައިކާ ވެއްޓުނުގޮތް ފެނުމުން އެޒުވާނާ ގާތަށް ހިނިއައި ނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދާލަމުން އައިސް އައިކާއާ ތަންކޮޅެއް ދުރުން ތިރިވެ ހަތަރެސްފައި ޖަހައިގެން އައިކާއާ ދިމާއަށް ދާން ފެށިއެވެ.

 

އައިކާ އޭރުވެސް މަސައްކަތްކުރަމުން ދިޔައީ އެ ހޮރުން އޭނާގެ ފައި ނެގޭތޯއެވެ. ނަމަވެސް ގެންފައި ހުރި ބިރެއްގެ ސަބަބުން އޭނާއަށް އެ ހޮރުން ފައި ނެގުނު ކަމަކަށްވެސް ނުވިއެވެ. އެޒުވާނާ އައިސް އޭނާއާ ހަމަވެފައި، އެއްމިޔަކަނުން ހީލަމުން ނެގީ އައިކާގެ އަތް ކައިރީގައި އޮތް ސޯޓެވެ. އެ ސޯޓު ނެގުމަށްފަހު އޭނާ ދާން ހިނގައިގަތުމުން އައިކާއަށް ހައިރާންވެފައި ބަލާލެވުނެވެ. އެ ސޯޓު އޭނާގެ ކައިރީގައި އޮންނަންވީ ގޮތެއް އޭނާއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އޭނާ އެވިސްނުމުގައި އިނދެފައި އެޒުވާނާއަށް ބަލާލެވުނު ވަގުތު އެޒުވާނާވެސް އެނބުރި ބަލާލައިފިއެވެ. އަދި އެއްލޯ މަރާލުމުން އައިކާއަށް އިސްޖަހާލާފައި ތިރީ ތުންފަތުގައި ދައިގަނެވުނީ ރަކިވީ ވަރުންނެވެ. އެޒުވާނާ އޭނާއާ ދޭތެރޭ މިހާރު ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ އައިކާ އަވަސްއަވަހަށް ތެދުވެ ގައިން ވެލި ފޮޅާލަމުން ގެއާ ދިމާއަށް ހިނގައިގަތީ އޭނާގެ މަންމަ އޭނާ ހޯދާނެކަން އެނގޭތީއެވެ. ގެއަށް އައިސް ވަތްއިރު ސަނާ އުޅެނީ އައިކާ ދިޔަތަނެއް ނޭނގިގެން ކަންބޮޑުވެގެންނެވެ.

“މިހާ ހެނދުނާ ކޮންތާކަށް ގޮސްފަ ތިއައީ؟ މަންމަ މިއުޅެނީ ދަރިފުޅު ދިޔަތަނެއް ނޭނގިގެން.. ދާތާކަށް ބުނެލާފަ ދާނަމަ ދިޔަތަނެއް ނޭނގިގެން އުޅޭކަށް ނުޖެހޭނެއެއްނު..” ގެއަށް އައިސް ވަނުމާއެކު ސުވާލުތައް އެއްފައްޗަކަށް އަމުނާލިއެވެ.

“މަންމާ! އިރުއަރާ މަންޒަރު ބަލާލަންނޭ ދިޔައީ.. އެއީ ދެން އެވަރު ކަމެއް ނޫނެއްނު.. މަންމަ އެހާ ހާސްނުވެބަލަ.. އިރާދަކުރެއްވިއްޔާ އަހަރެންނަކަށް އެއްވެސް ކަމެއް ނުވާނެޔޭ..” އައިކާ ސަނާގެ ހިތްހަމަޖައްސައިދިނުމަށްޓަކައި އެހެން ބުނެފައި ގޮސް ބަދިގެއަށް ވަނުމުން ސަނާވެސް ގޮސް ބަދިގެއަށް ވަނެވެ.

“މަންމަ މިހާރު ސައިވެސް ހަދާ ނިންމީތަ؟”

“ނޫނޭ.. އަދި ރޮށި ނުފިހެ މިއުޅެނީ..” ސަނާ އެހެން ބުނުމާއެކު އައިކާ ގޮސް ފުށްމޮޑޭ ތަށި ހިފައިގެން އައިސް ފުށްމޮޑެން ފެށިއެވެ. އައިކާއަކީ ކައްކާ ހިތްވާ ކުއްޖެއްކަމުން މަންމައާއެކު ބަދިގެއަށް ވަދެ އުޅުމުގެ ތެރޭގައި އޭނާ ވަނީ ކައްކަން ދަސްކޮށްފައެވެ. ކުޑައިރުކޮޅެއް ކުރިން އަތިރިމަތިން ދިމާވި ހާދިސާ ހަނދާންވުމުން އޭނާ ގާތަށް ހިނިއަންނަ ގޮތްވިއެވެ. ކަންތައް މިވީގޮތުން އޭނާއަށް ދެން އެޒުވާނާ ފެންނަ ހިސާބަށްވެސް ދާކަށް ނުކެރޭނެއެވެ. ނަމަވެސް ލިހާމްގެ ރައްޓެއްސެއް ވިއްޔާ ހުންނާނީ ލިހާމްގެ މަންމަގެ ގޭގައިކަން އޭނާއަށް ޔަޤީންވެއެވެ. ވީއިރު އެޒުވާނާއާ ދިމާނުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ލިހާމް މަންމަގެ ގޭ ކުރިމަތީ ހުންނަ “އާބާދު” ފިހާރައަކީ އައިކާމެން އަބަދުވެސް ވިޔަފާރިކުރާ ފިހާރައެވެ. އެއްޗެހި އަގުހެޔޮވެފައި އެގެއާ އެންމެ ކައިރީގައި ހުންނަނީ އެފިހާރައަށް ވާތީއެވެ. އަނެއްކޮޅުން އެއީ މާޒްމެންގެ ފިހާރައަށްވެފައި މާޒްގެ އާއިލާއިން އައިކާގެ އާއިލާއާ ދޭތެރޭ ބަހައްޓާ ޚާއްސަ ގޮތަކުންވެސްމެއެވެ.

މެންދުރުފަހުގެ ވަގުތުގައި ފިހާރައަށް ދާން ޖެހުމުން އައިކާ ކުޑަކޮށް ފިނިވިއެވެ. އެޒުވާނާއާ ކުރިމަތިލާން ނުޖެހިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅޭ އޭނާގެ ހިތަށްއެރިއެވެ. އެހެން ހިތާ އޭނާ ފިހާރައަށް ދާން ހިނގައިގަތެވެ. ފިހާރަ ހުންނަ މަގަށް އަޅާފައި ރަނގަޅަށް ބަލާލީ އެޒުވާނާ މަގުމަތީގައި ހުރެދާނެތީއެވެ. މަގުމަތިން އެޒުވާނާގެ އެއްވެސް ޚަބަރެއް ނުވުމުން އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެޒުވާނާއާ ދިމާނުވޭތޯ ހިތާހިތުން ދުޢާކުރަމުން ގޮސް ފިހާރައަށް ވަނެވެ.

“ދީބަލަ ފިޔާ ކިލޯއެއް..” އައިކާ އެހެން ބުނެލުމުން މާޒް ހިނިތުންވެލާފައި ފިޔާ ކިރަން ދިޔައެވެ.

“ކޮބާ ޓެސްޓް ފަސޭހަތަ؟” މާޒްއަށް ޖަވާބު ދިނުމުގެ ގޮތުން އައިކާ ބޯޖަހާލިއެވެ.

“ސޭޓް.. ރާސްޓަސް އެބަހުރިތަ؟” ކައުންޓަރު ކައިރިއަށް ހުއްޓެމުން ޔޫޝައު އަހާލިއެވެ. އެވަގުތު އައިކާއަށް އެދިމާ ބަލާލެވުނެވެ. އެއާއެކު އޭނާގެ ހިތް ތެޅިގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. އެޒުވާނާއަށް އޭނާ ފާހަގަވުމުގެ ކުރިން އަވަހަށް ބޮޑީ ސްޕްރޭތައް ހުރި ހަރުގަނޑު ކައިރިއަށް އައިކާ ދިޔައެވެ.

“އެއީ ކޮންނަމެއް ކިޔާ މީހެއް؟ ވަރަށް ފޮނި މީހެއް ވައްތަރު ޖަހާ..” ޔޫޝައު ފިހާރައިން ނުކުތުމުން އައިކާ ކައުންޓަރު ކައިރިއަށް ގޮސް މާޒް ގާތުގައި އަހާލިއެވެ.

“ކިހިނެއްވީ؟ މީހަކު ހުންނަ ގޮތަކުން މީހެއްގެ ގޮތެއް ނޭނގޭނެއެއްނު..” މާޒް ބުނެލިއެވެ.

“ލިހާމްގެ ފްރެންޑެއް ވީމަ ހަމަ އަހާލީ.. ޖެހިގެން ހުރި ގޭގަ އުޅޭތީ މާޒްއަށްވެސް އެނގިފަ އޮވެދާނެކަމަށް..” އައިކާ ހީލާފައި ބުންޏެވެ.

“އިކާއަށް ކިހިނެއް އެނގުނީ އެއީ ލިހާމްގެ ފްރެންޑެއްކަން؟ އަދި އެގޭގަ އޭނަ އުޅޭކަން؟” ކުރިމަތީގައި ހުރި ލިލީމާގެއަށް އިޝާރާތްކޮށްލަމުން މާޒް ހައިރާންވެފައި އަހާލިއެވެ.

“އެއީ ލިހާމްގެ ފްރެންޑެއް ނޫންތަ؟ އަހަރެން ހީކުރީ ލިހާމްއާއެކު އައިތަން ފެނުނީމަ އެއީ ލިހާމްގެ ފްރެންޑެއްކަމަށް.. ލިހާމްގެ ފްރެންޑެއް ވިއްޔާ ހުންނާނީ އެގޭގައެއްނު.. އެހެންވެ އެހެން މިބުނީ..” އައިކާ އެހެން ބުނެފައި އިއްޔެގައި އޭނާ ޓެސްޓް ނިންމާފައި ގެއަށް ދިޔަ ގަޑީ ދިމާވި ކުޑަކުޑަ އެކްސިޑެންޓްގެ ވާހަކަ ކިޔައިދިނެވެ. މާޒްއަށް ބޯހޫރާލެވުނެވެ.

“އެހެންވެ ބިރުން ދޯ އޭނަ އައި އިރަށް އަވަހަށް ދުރަށް ތިދިޔައީ..” މާޒް އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ.

“ހެހެހެ.. އިކާއަކަށް ދުވަހަކުވެސް ތިނޫންވަރެއް ނުވާނެ.. އޭނައަށް ކިޔަނީ ޔޫޝައު..” މާޒް ހީލަމުން ބުނެލިއެވެ. އައިކާ ހިތާހިތުން ޔޫޝައުގެ ނަން ކިޔާލިއެވެ. ސިފަޔާ އެއްވަރަށް ނަންވެސް ރީއްޗެވެ. ނަމަވެސް އެއީ އޭނާގެ ފެންވަރެއް ނޫނެވެ. އެއަށްވުރެ މާ މަތީ ފަންތިއެއްގެ މީހެކެވެ.

“ދިހަ ރުފިޔާ..” އައިކާ ހީލަމުން ފިޔާ ކިލޯއަށް އަގު ދީފައި ދާން ހިނގައިގަތުމުން މާޒްއަށް އޭނާގެ މޭގައި ފިރުމާލެވުނެވެ. އައިކާ އިސްވެ ނުވެސް ދަންނަ ފިރިހެނެއްގެ ވާހަކަ އެހުމުން އޭނާގެ ހިތަށް ތަދުވީއެވެ. އައިކާ ޔޫޝައުގެ ވާހަކަ އެ އެހީ ހަމައެކަނި އެބުނި ހާދިސާއެއް ހިނގައިގެނެއް ނޫނޭ އޭނާގެ ހިތް ބުނެއެވެ. ޔޫޝައު އޭނާއަށްވުރެ ބަލާލަން މާ ރީތިވުމުން އައިކާގެ ހިތް ޔޫޝައުއަށް ލެނބުނީބާއޭ އޭނާގެ ހިތަށްއެރިއެވެ. އަނެއްކާވެސް އައިކާގެ ލޯތްބަށް އެދެންވީބާއެވެ.

**********

ޔޫޝައު ލިހާމްގެ ގާތުގައި ދެއްކީ މިއަދު ހެނދުނު އަތިރިމަތިން ދިމާވި ހާދިސާގެ ވާހަކައެވެ. ލިހާމް ބިނދިބިނދިފައި ހެމުން ދިޔަގޮތުން ހީވީ ދުވަހަކުވެސް މަޖާ ކަމެއް ނުފެނި އުޅޭ މީހަކަށް އަލަށް މަޖާކަމެއް ދިމާވެގެން ހޭހެންނެވެ.

“ހެހެހެ.. އޭނައަށް ކިހިނެއްތަ ވީ ދެން ޔޫޝައު އެހެން ހެދީމަ..” ހެމުން ހެމުން ލިހާމް އަހާލިއެވެ.

“ހުތްވީ..” ޔޫޝައުވެސް ހެމުން ބުނެލިއެވެ.

“އެކަމު ބުނަންތަ ވާހަކައެއް.. އެގޮތަށް އަތިރިމަތީ އުޅެނިކޮށް ތަންކޮޅެއް ހަރު މީހަކަށް ފެނިއްޖެއްޔާ ވަރަށް ގޯސްވާނެ އިނގޭ.. މާލެއާ ރަށްފުށުގެ ދިރިއުޅުމާ ވަރަށް ތަފާތުވާނެ..” ލިހާމް ސީރިއަސްވެފައި ބުނެލިއެވެ.

“މީހުން ބުންޏަސް އަހަރެން ހިއެއްނުކުރަމޭ ރާއްޖެތެރޭ މީހުންނަކީ އެހާ ފަތިހާ ހޭލައިގެން އުޅޭ އެހާ މުރާލި ބައެއް ކަމަކަށް.. އެކަމު މިއަދު އެނގިއްޖެ.. އަހަރެން ފަތިހު ދުވަން ނުކުތްއިރުވެސް ބައެއް ގޭގެއިން މީހުން ނުކުމެ މަގުމަތި ކުނިކަހަން އުޅޭވިއްޔަ..” ޔޫޝައު އެހެން ބުނެލުމުން ލިހާމް ހީލިއެވެ.

“ދެން ބުނެބަލަ.. މިރަށާ ދޭތެރޭ ހިތްހަމަޖެހޭތަ؟” ލިހާމް އެހެން އަހާލުމުން ޔޫޝައު ބޯޖަހާލިއެވެ.

“ޔަޤީނެއްނު.. ދެން ނެތް އެހާ އަވަހަށް ދާހިތެއްވެސް.. ހިތަށް މިއަރަނީ ދުވަސްކޮޅަކު މިކޮޅުގަ މަޑުކޮށްލަން..” ޔޫޝައު ބުނެލިއެވެ.

“އައިކާ ދެކޭހިތުން؟” ލިހާމް ދިމާކޮށްލިއެވެ. ޔޫޝައުވެސް ދެރަނުވާންވެގެން ބޯޖަހާލިއެވެ.

“ޔޫޝައު ބޭނުން ދުވަހެއް ވަންދެން އަހަރެން ކައިރީ ހުރެވޭނެ.. އެކަމު އޭރުން ޔޫޝައުގެ މަންމަޔޯ.. މަންމަ އެކަނިންނެއްނު ހުންނާނީ..” ލިހާމް އެހެން ބުނެލުމުން ޔޫޝައު ބޯހޫރާލިއެވެ.

“އަހަރެންނަށް ހީވަނީ ލިހޭ ވެއްޖެހެން ތި ހަނދާން ނެތުމުގެ ބައްޔަށް ބޭސްކުރަން..” ޔޫޝައު ލިހާމްއަށް ބަލާލަމުން އެހެން ބުނެލުމުން ލިހާމް ބުމަ އަރުވާލީ ތިހެން ތިބުނީ ކީއްވެހޭ އަހާލާފަދަ ގޮތަކަށެވެ.

“ސާބަސް އިނގޭ ހަމަ.. ލަމްވެސް ހުންނާނެއެއްނު.. ލަމް ހުއްޓާ އަހަރެން އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެއެއްނު..” ޔޫޝައު އެހެން ބުނެލުމުން ލިހާމް ބޯކަހާލަމުން ހީލިއެވެ.

*****

އެރޭ އައިކާ އޮތީ ލޮލަށް ނިދި ނައިސްފައެވެ. އެދުވަހު ހެނދުނު ޔޫޝައު ފެނުނުފަހުން އޭނާއަށް ބުނަން ނޭނގޭފަދަ ގޮތްތަކެއް ވަނީއެވެ. ލޯމަރާލާއިރަށް ޔޫޝައުގެ ސޫރަ ފެންނަނީއެވެ. ޔޫޝައުގެ ކަސްރަތީ ރީތި ހަށިގަނޑު ހިތަށް ސިފަވުމުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހާދަހާ ރީތި ފިރިހެނެކެވެ. އެހެރަ ވަރުގަދަ ހށިގަނޑެކެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ ތޫނު ބެލުމެކެވެ. ބޮލުގެ އިސްތަށިގަނޑުވެސް ޒަމާނީ ގޮތަކަށް ކޮށާލާފައިވާއިރު ތުނިކޮށް ފަޅާފައިވާ ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ޔޫޝައުގެ ސޫރައިން އައިކާއަށް ހުތުރު އެންމެ ތަންކޮޅެއްވެސް ފެނުނުކަމަކަށް ނުވިއެވެ. އައިކާއަށް ދެއަތުން މޫނު ފޮރުވާލެވުނީ ހިތަށް ވެރިވި ޚިޔާލަކުން ލަދުގަތްވަރުންނެވެ. އެއާއެކު އޭނާގެ މަޑު ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ފަތިސް ވަންދެންވެސް އައިކާ އުޅުނީ އެފަދަ ހާލެއްގައެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. އައިކާ ޔޫޝައުއަށް ނުފެނި އުޅެވޭތޯ މަސައްކަތް ކުރިނަމަވެސް ކޮންމެ ދުވަހަކުވެސް ޔޫޝައުއާ ދިމާވެއެވެ. އެއްރަށެއްގައި އުޅޭއިރު އަބަދު ފިލައިގެންވެސް ނޫޅެވޭނެތާއެވެ. ނަމަވެސް ޔޫޝައުއަށް ފިލަން މީހަކު އުޅޭކަން އޭނާއަށް ރޭކާނުލައެވެ. ކޮންމެ ދުވަހަކު އައިކާ ފެންނާތީ އޭނާ ހިތްހަމަޖެހެއެވެ. އޭނާ އައިކާއަށް އެއްވެސް އިޝާރާތެއް ކޮށްނުލާ ހުރިނަމަވެސް އޭނާގެ ހިތް އެދެނީ އައިކާ ހާސިލްކުރުމަށެވެ. ނަމަވެސް އަދި ތަންކޮޅެއް އަވަހޭ ހިތަށް އަރާފައި ކެތްކޮށްލައިގެން ހުންނަނީއެވެ.

މާޒްވެސް އައިކާގެ ޖަވާބެއް ލިބޭތޯ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔަ ނަމަވެސް އައިކާގެ ފަރާތުން އަދި އެކަހަލަ އެއްވެސް އިޝާރާތެއް ނުވެއެވެ. އެހެންކަމުން އޭނާ ކުޑަކޮށް މާޔޫސްވާގޮތްވެއެވެ. އަނެއްކާވެސް އައިކާއަށް ލޯބި ހުށަހަޅަން ހިތަށްއެރި ނަމަވެސް އައިކާއަށް އޭނާގެ ސަބަބުން އުނދަގުލެއް ވާން ނޭދޭތީ ކެތްކުރަނީއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އޯލެވެލް ނަތީޖާ ދޫކުރާ ދުވަސް ޖެހިއްޖެއެވެ. އައިކާ ހިތް އަވަސްވެ ފިނިވެފައިވާ ހާލު ތައްޔާރުވަމުން ދިޔައީ ނަތީޖާ ބަލާ ސްކޫލަށް ދިއުމަށެވެ. އޭނާ ތައްޔާރުވާން ހުއްޓާ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ގޮސް ދޮރު ހުޅުވާލިއެވެ.

“ލީން! ހީވެސްނުކުރަން މިގަޑީގަ އައިސްދާނެއެކޭ.. ދުވަހަކުވެސް މިގަޑީގަ ނާދޭ ވިއްޔަ.. އެކަމަކު ތޭންކް ގޯޑް!! ނަސީބެއް އައިކަން.. ރެއިއްސުރެ އަހަރެން ހަމަ ނާވަސްވަނީ.. ރޭގަ ރަނގަޅަށް ނުވެސް ނިދޭ..” އައިކާ ވާހަކަދެއްކި ގޮތުންވެސް އޭނާ ފިނިވެފައި ހުރިވަރު ލީންއަށް އެނގުނެވެ.

“އަހަރެންވެސް ހަމަ ތިހާލުގަ.. ނިދުނީވެސް ފަތިސްވީފަހުން.. ހަމަޖެހިލައިގެން ނުހުރެވޭ އެންމެ އިރުކޮޅަކުވެސް.. ހިތަށްއަރަނީ ކިހިނެއްބާއޭ ރެޒަލްޓް އޮންނާނީ..” ލީންވެސް ބުނެލިއެވެ.

“އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅުވާނެ..” އައިކާ އުއްމީދާއެކު ބުނެލުމުން ލީންއަށްވެސް ބޯޖަހާލެވުނެވެ.

“އަހަރެންނަށް އެނގޭ އިކާވެސް ހުންނާނީ ވަރަށް ނާވަސްވެފަކަން.. އެހެންވެ މިއައީވެސް..” ލީން ހިނިތުންވެލާފައި ބުނެލިއެވެ.

“އެހެންތަ؟ ހާދަ ރަނގަޅޭ އައިކަން.. ބެސްޓް އޮފް ލަކް!!” އައިކާ ލީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ޓު ޔޫ ޓޫ..” ލީންވެސް އައިކާއަށް ކާމިޔާބަށް އެދުނެވެ.

“ހިނގާ އަވަހަށް ދަމާ.. މިހާރު އެހެރަ އެއްގަޑި ބައިވަނީ.. ދޭއް ޖަހާއިރު އޮފީސް ބަންދުވާނެއެއްނު..” ލީން އެހެން ބުނެލުމާއެކުހެން އައިކާ ހިނގައިގަތެވެ. ސްކޫލަށް ދިޔަ މަގުމަތީގައި މާޒްއާ ދިމާވިއެވެ. އެމީހުން ނަތީޖާ ބަލާ ސްކޫލަށްދާ ވާހަކަ ބުނުމުން މާޒްވެސް އެމީހުންނަށް ކާމިޔާބަށް އެދުނެވެ.

ތެޅިތެޅި އޮތް ހިތަކާއެކު އައިކާއާއި ލީން ސްކޫލްތެރެއަށް ވަދެގެން ދިޔައިރު ދެމީހުންވެސް އަތުގުޅާލައިގެން ތިބީ ނުތަނަވަސްކަން ކަނޑުވާލެވޭތޯއެވެ. ދެމީހުންވެސް އޮފީސް ތެރެއަށް ވަނުމުގެ ކުރިން ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ސަލާމް ގޮވާލިއެވެ. އޮފީސް ކައުންޓަރުގައި އިން ލީޒާ، ސަލާމް ބަލައިގަތުމާއެކު އެމީހުން އައީ ނަތީޖާ ބަލައިކަމަށް ބުނެލިއެވެ. ލީޒާ ހިނިތުންވެލަމުން އައިކާއާއި ލީންގެ ނަތީޖާ ހަވާލުކުރިއެވެ. ލީޒާއަށް ޝުކުރު އަދާކުރަމުން ދެމީހުން ސްކޫލުން ނުކުތެވެ. އައިކާއަށް ސްކޫލުން ނުކުމެވެންދެން ކެތްކޮށްލެވުނީ ކިރިޔާއެވެ. ސްކޫލުން ނުކުމެވުމާއެކު އައިކާ ސިޓީ އުރައިން ނަތީޖާ ނަގާ ބަލާލިއެވެ.

“އަލްޙަމްދު ލިﷲ!! ލީން ބަލާބަލަ.. އަހަރެންނަށް ހުރިހާ އެއްޗަކުން އޭ..” އައިކާ ވީ އުފަލުން ކުޑަކޮށް ފުންމާލާފައި ބުނެލިގޮތުން ހީވަނީ ކުޑަކުއްޖަކަށް ކުޅޭ އެއްޗެއް ލިބުމުން އުޅުނުހެންނެވެ.

“ކޮންގްރާ އިކާ.. އިކާގެ މަންމަމެން ހާދަ އުފާވާނެޔޭ ދޯ ތިނަތީޖާ ފެނިފަ.. ޔަޤީން މިފަހަރު ލީން ރާއްޖޭގެ ޓޮޕް ޓެންއިންވެސް ވަނައެއް ލިބޭނެކަން.. އައިމް ސޯ ހެޕީ ފޯރ ޔޫ އިކާ.. ޔޫ ޑިޒާރވް އިޓް..” ލީންވެސް އައިކާގެ އުފަލުގައި ބައިވެރިވީ ޚުދު އޭނާގެ ނަތީޖާއާ ދޭތެރޭވެސް ހިތްހަމަޖެހޭ ހާލުގައެވެ. ލީންވެސް އިނގިރޭސިއާއި ހިސާބު ފިޔަވާ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދިއެވެ. އިނގިރޭސިއާއި ހިސާބުން ލީންއަށް ލިބުނީ ބީއެކެވެ.

“ލީންގެ މަންމައާއި ދޮންބެވެސް ކިހާ އުފާވާނެ.. ލީންވެސް ހުރިހާ މާއްދާއަކުން ފާސްވިއެއްނު..” އައިކާވެސް ލީންގެ ކާމިޔާބީއާމެދު އުފާކުރިއެވެ. ލީން އުފާވި ނަމަވެސް އޭނާގެ ބައްޕަ ހުރިނަމަ މިއަދު މިވީ އުފާ ދެގުނަވީހޭ އޭނާގެ ހިތަށްއެރިއެވެ.

ލީންގެ އުމުރުން ނުވަ އަހަރުގައި ރިޔާޒް، ލީނާ ވަރިކޮށްފައި ދިޔަފަހުން އެއީ ލީންއަށްޓަކައި މަރުވެފައިވާ މީހެއްފަދައެވެ. ދަރިންނަށް ޚަރަދު ނުކުރާތީ ޚަރަދު ހޯދީ ކޯޓު މެދުވެރިކޮށެވެ. ސަބަބަކީ ލީނާއަކީ އަޅާލާނެ އެއްވެސް މީހަކު ނެތް ނިކަމެއްޗަކަށްވެފައި، ލީނާގެ ދޮށީ ދަރިފުޅު ޒައިލްއަކީވެސް އޭރު ސްކޫލުގައި ކިޔަވަމުންދިޔަ ކުއްޖަކަށްވާތީ އެކަނިމާއެކަނި ދެކުދީންނަށް ޚަރަދުކުރުމަށް ލީނާގެ ހާލަތު ތަން ނުދިނުމެވެ. ނޫންނަމަ އޭނާ ރިޔާޒްގެ އަތުން އެންމެ ލޯ ލާރިއެއްވެސް ނުހޯދީހެވެ. ޒައިލް ކިޔަވާ ނިމުމާއެކު ރިސޯޓަކުން ވަޒީފާ ހޯދައިގެން ރިސޯޓަށް ދިޔައެވެ. އޭގެފަހުން ލީންގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން ދިޔައީ ޒައިލްއެވެ. ލީންގެ އެއްވެސް ޚަރަދެއް ރިޔާޒް ލައްވާ ކުރުވަން އޭނާ ބޭނުންނުވީއެވެ. ލީނާ ކިތަންމެ ވަރަކަށް ވިސްނައިދިނަސް ޒައިލްގެ ހިތްވަނީ ރިޔާޒަށްޓަކައި ކިލަނބުވެފައެވެ.

ފުރަތަމަކޮޅު ލީން އޭނާގެ ބައްޕައާއި ބެހޭގޮތުން ލީނާއާއި ވަރަށް ސުވާލުކުރިއެވެ. ނަމަވެސް ލީނާގެ ފަރާތަކުން މާ އެދެވޭ ޖަވާބެއް އޭނާއަކަށް ނުލިބެއެވެ. ލީނާ ބުނެފައިވަނީ ލީންގެ ބައްޕަ ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުރިކަމަށާއި ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ ބައްޕައާ ބައްދަލުވާނެކަމަށެވެ. އިތުރަށް ބައްޕައާއި ބެހޭގޮތުން ސުވާލުނުކުރުމަށްވެސް ލީނާ ވަނީ ލީންއަށް އަމުރުކޮށްފައެވެ. އެހެންކަމުން އޭނާއަކަށް އިތުރަށް އެސުވާލު ކުރާކަށް ނުކެރެއެވެ. އެހެނެއްކަމަކު އޭނާގެ ހިތް އެދެނީ ބައްޕައާއި ބައްދަލުވުމަށެވެ. އޭނާ ހުރީ ގަދަވެ ސަލާމަތުން ދުނިޔޭގައި ހުއްޓާ ބައްޕައާއި ދިމާވާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް މިހާރު އޭނާގެ އުއްމީދުގެ ހުޅުކޮޅު ނިވެން ކައިރިވެއްޖެއެވެ.

“ކިހިނެއްވީ؟ އަނެއްކާ ގޯސް އެއްޗެއްތަ މިބުނެވުނީ؟” ލީން ބަހެއްވެސް ނުބުނެ ވިސްނުމަކަށް ގެއްލިފައި ހުރުމުން ލީންގެ އަތުގައި ކުޑަކޮށް ކޮށްޓާލަމުން އައިކާ އަހާލިއެވެ.

“ނޫން.. މަންމައާއި ދޮންބެ އަދި ފަހަރިވެސް ވަރަށް އުފާވާނެ.. އެކަމު އަހަރެން މި ހިތަށްއަރަނީ މިއަދު ބައްޕަ ހުރިނަމަ އަހަރެން އަދި މިއަށްވުރެ އުފާވީހޭ.. އެކަމަކު ކީއްކުރާނީ؟ އަހަރެންނަކަށް ބައްޕައެއްގެ ލޯބި ލިބުމެއްނެތް.. އަހަރެންގެ އުމުރުން ނުވަ އަހަރުވީ ފަހުން އަދި ބައްޕައެއް ނުދެކެން.. މަންމަވެސް އަހަރެން ބައްޕަގެ ވާހަކަ ދައްކައިފިއްޔާ އަބަދުވެސް ބުނާނީ ބައްޕައާ އަދި ބައްދަލުވާނެޔޭ.. ބައްޕަ ގަދަވެ ސަލާމަތުން ދުނިޔޭގަ އެބަހުއްޓޭ.. އެކަމަކު އަދިވެސް އެބުނާ ދުވަހެއް ނާދޭ.. ހިއެއްނުވޭ ދުވަހަކުވެސް ބައްޕައާ ބައްދަލުވާނެކަމެއް..” ލީންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ލީން ދެރަވުމުން އައިކާވެސް ދެރަވިއެވެ.

“ލީން! ތިހެން ނުވިސްނާ.. ކިތަންމެ ދުރުގަ ހުއްޓަސް މައިންބަފައިން ދަރިންދެކެ ލޯބިވާނެ.. ކޮންމެވެސް މަޖުބޫރެއް އޮތީކަމަށް ވެދާނެ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ލީންއަށް ލީންގެ ބައްޕަ ފެންނާނެ.. ނުރޮއި..” އައިކާ ލީންގެ ދެލޯ ފޮހެލައިދެމުން ލީންއަށް ހިތްވަރުދީ ވިސްނައިދިނެވެ.

“އިކާ! ތިއެއްނޫނޭ.. ސަޅި އައިޑިއާއެއް ދެންތަ؟” ކުއްލިއަކަށް ޚިޔާލެއް އައިސްގެން ލީން އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. ލީން ހަދަންވީ ގޮތް ކިޔައިދިނުމުން އައިކާއަށް އެގޮތް ވަރަށް ކަމުދިޔައެވެ. އެހެންކަމުން އޭނާ ލީންއާ އަތާއަތް ޖަހާލާފައި ހިނގައިގަތެވެ. ދެމީހުން އެކުގައި ގޮސް މާޒްމެން ގެ ހުންނަ މަގާއި ހިސާބުން ލީން ދިޔައީ އޭނާގެ ގެއަށެވެ. އައިކާ ކުޑަކޮށް ވިސްނާލަން ހުރެފައި ގެއަށް ދާން ހިނގައިގަތެވެ.

އައިކާ ގެއަށް ވަންނަން ދިމާކޮށްލި ވަގުތު ގޯތިތެރޭގައި ހުރި އުނދޯލިގޭގައި މަންމައާއި ބައްޕަގެ އިތުރުން އޭނާގެ ދެ ކޮއްކޮ ތިބިތަން ފެނުނެވެ. ޕްލޭންއާ އެއްގޮތަށް ހުރިހާ ކަމެއް ދިއުމަށް ހިތާހިތުން ދުޢާކުރަމުން އައިކާ އެތެރެއަށް ވަނީ އިސްދަށަށް ޖަހައިގެންނެވެ. ހިތާމައިން ފޯވެފައިވާ މީހެއް ފަދައިންނެވެ. ނަމަވެސް އަސްލު ނަތީޖާ ފެނުމުން މަންމަމެންނަށް ވާނެގޮތް ހިތަށްއަރާފައި އޭނާ ހުރީ އެތެރެއިން ހީލަހީލައެވެ. އައިކާ އިސްޖަހައިގެން މަޑު ހިނގުމެއްގައި ގޮސް ގެއަށް ވަންނަނިކޮށް އޭނާގެ ބައްޕަ ނާޒިމް ގޮވާލިއެވެ. އެއާއެކު އޭނާގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އޭނާއާއި ލީންގެ ޕްލޭން ފެއިލް ވެދާނެތީއެވެ.

“ދަރިފުޅާ! ކޮބާ ނަތީޖާ ކިހިނެއް ވަނީ؟ ރަނގަޅު ދޯ؟” ނާޒިމްގެ އަޑަށް އައިކާ ލޮލުގެ ހިމަކޮޅުން ސަނާއަށް ބަލާލިއެވެ. އައިކާގެ މޫނުމަތި މިލާފައިވާތަން ފެނި ސަނާ އިނީ ނަތީޖާ ގޯސްކަމަށް ޔަޤީންކޮށްގެންނެވެ. ކަރު އެލުވާލައިގެން އިންގޮތުން އައިކާއާމެދު އޭނާ ކުރި ހުރިހާ އުއްމީދެއް ފެނަށް ދިޔަފަދައެވެ. އައިކާ އިސްއުފުލާވެސްނުލާ އިނދެ ނަތީޖާ ދިއްކޮށްލިއެވެ. ނާޒިމް ނަތީޖާ ބަލާލުމާއެކު ތެދުވެ ކުއްލިއަކަށް އައިކާގެ ކަންފަތުގައި ހިފިއެވެ. އައިކާއަށް ކުޑަކޮށް ތަދުވެގެން އަނގައިން އަޑެއް ލައްވާލެވުނެވެ. އެއާއެކު ސިހުން ލިބުނުވަރުން ސަނާއަށްވެސް ފުންމައިގެން އުނދޯލިން ތެދުވެވުނެވެ. އޭނާގެ ދެކޮއްކޮވެސް ބިރުން ތިބެ އުނދޯލިން ތެދުވިގޮތްވެސް ނޭނގުނެވެ.

“ނާޒިމް! ދޫކުރޭ! ތިހެން ނުހަދާ..” ސަނާ ނާޒިމްގެ އަތުގައި ހިފަމުން އެހެން ބުނެލިއެވެ.

“ސަނާ! މީ ވަރަށް ލާނެތް ކުއްޖެއް.. ބަލާބަލަ މި..” ނާޒިމް އެހެން ބުނަމުން އައިކާގެ ކަންފަތުން ދޫކޮށްލާފައި ނަތީޖާ ސަނާއަށް ދިއްކޮށްލިއެވެ. ނަތީޖާ ބަލާލާފައި ސަނާ އައިކާއަށް ބަލާލީ ޤަބޫލުނުކުރެވިފައެވެ. އައިކާ އެހާބޮޑު ޑްރާމާއެއް ކުޅެލަފާނެކަމަށް އޭނާއަށް ޤަބޫލުނުކުރެވުނީއެވެ. އައިކާ މަޑުމަޑުން ދެއަތް ނަގާ ދެކަންފަތު ފޫޅުގައި ހިފާލީ ސޮރީއޭ ބުނާފަދަ ގޮތަކަށެވެ. އެއާއެކު ބޯހޫރުވާލާފައި އަވަހަށް އެއްޗެހި ބަދަލުކުރަން ދާށޭ ކިޔާފައި ސަނާ އަނެއްކާވެސް އުނދޯލީގައި އިށީނެވެ.

“އަހަރެން އަސްލުވެސް ވަރަށް ބިރުގަތް ނާޒިމް އެމަންޖެއަށް ކަމެއް ކޮށްފާނެތީ.. ނޭނގޭނެއެއްނު.. ތިހިރީ ވިއްޔަ ހެދިގޮތް.. އެމަންޖެވެސް އެހެރީ ކޮށްލާ ކަންތައް.. އަހަރެން ހީކުރީ ހަމަ ނަތީޖާ ގޯހީ ކަމަށޭ.. އެހެންވެ ވަރަށް ދެރަވެފަ ހުރީ.. އެމަންޖެ އެހާ މަސައްކަތް ކުރިއިރުވެސް ފާސްނުވީ ކަމަށް ހީކޮށް..” ސަނާ އުނދޯލީގައި އިނދެ ފޯއް ކޮށަމުން ވާހަކަދެއްކިއެވެ. އޭނާއަކީ ފޯއް ކޮށާ ޕެކެޓްކޮށްފައި ފިހާރައަށް ވިއްކަންލާ މީހެކެވެ. އަނެއްކޮޅުން ރަށުގައި ހުންނަ ހޮޓާތަކަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފޯއް ޕެކެޓް ގަންނާތީ އޭނާއަށް އެކަމުން ރަނގަޅު އާމްދަނީއެއް ލިބެއެވެ.

“ހެހެހެ.. ސަނާ ދައްކާ ވާހަކަ.. ފާސްނުވިޔަސް އަހަރެން އެމަންޖެއަކަށް އަނިޔާއެއް ނުކުރާނެއެއްނު.. އެހެންނޫނަސް އަހަރެންނަށް ޔަޤީންކަން އޮތް އަހަރެމެންގެ އައިކާ އަންނާނީ އަހަރެމެން ފަޚުރުވެރިވާ ކަހަލަ ނަތީޖާއެއް ހިފައިގެންކަން.. އަހަރެން އެހެން ހެދީ ސަނާ ކުޑަކޮށް ބިރުގަންނަވާލަންވެގެން.. އައިކާއެއްނު އަހަރެމެންގެ ހުރިހާވެސް އުއްމީދަކީ.. އަހަރެމެންގެ މިތިބަ ދެކުދިންނަށްވެސް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން އަހަރެމެންނަށް އެހީތެރިވެދޭން ހުރީވެސް ހަމަ އައިކާއެއްނު..” ނާޒިމްގެ ވާހަކަ އަޑުއަހާފައި ސަނާ ބޯހޫރާލީ ތީ ހަމަ އެއްވަރުގެ ދެމީހުންނޭ ބުނަމުންނެވެ.

**********

“ޔޫޝައު!! ކޮބާތަ އެއްކަލަ ކުއްޖާ؟” ލިހާމް ދިމާކޮށްލިއެވެ.

“އޭނަވެސް އުޅޭނެއެއްނު..” ޔޫޝައުގެ އެ ފަރުވާކުޑަ ޖަވާބު ލިހާމްއަކަށް ކަމަކުނުދިޔައެވެ. އޭނާ ބޭނުންވީ ޔޫޝައު ލައްވާ އެވާހަކަ ދައްކުވާށެވެ.

“މިބުނީ އެކަމަށް އަލިމަގެއް ފެނިއްޖެހޭ..” ލިހާމް އަނެއްކާވެސް އަހާލިއެވެ.

“އަހަރެން އަދި ނޫޅެމެއްނު އެކަމަކާ..” ޔޫޝައު މިފަހަރުވެސް އެކަމާ އެހާ ގަޔާވިކަމަކަށް ލިހާމްއަކަށް ނުފެނުނެވެ. ނަމަވެސް އޭނާ އެހާ ފަސޭހައިން ހަތިޔާރު ބަހައްޓާކަށް ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ ޔޫޝައު އެކަމާއިމެދު ސީރިއަސްކުރުވާށެވެ.

“ތިހެން އުޅެން ހަދައިގެން ތެޔޮނާށި ކާޅު ޖަހައިގެންފާނެ.. އޭރުން ހުންނާނީ އައިކާ ލިބިފަ..” ލިހާމް ބުނެލިއެވެ.

“ސާބަހޭ ލިހޭ.. އެހާ އަވަސް އަރުވާލައިގެން އުޅުނީމަ ކާމިޔާބެއް ނުލިބޭނެ..” ޔޫޝައުވެސް ސީރިއަސްވިއެވެ.

“އަހަރެން އެހެން މިބުނީ މަންމަމެން ގޭ ކުރިމަތީ އެހުންނަނީނު ފިހާރައެއް.. އެފިހާރައިގަ އުޅެއެއްނު މާޒް.. އޭނައަކީ އައިކާއާހެދި މޮޔަވެފަ ހުންނަ މީހެއް.. އޭނަ އައިކާ ބުނެފިއްޔާ ކަނޑަށްވެސް އެރިފާނެ.. ގުއިވެސް ކައިފާނެ.. އޭނަ އައިކާގެ ހިތް އަތުލުމުގެ ކުރިން ތިކަން ނުވެއްޖެއްޔާ ޔޫޝައުއަކަށް ތިކަމެއް ނުވާނެ.. އެހެންވެގެން މިބުނީ..” ލިހާމް ވަރަށް ސީރިއަސްވެފައި ބުނެލިއެވެ. މާޒްގެ ކާފަ ދޮންތުއްތުއަކީ ކުރީގައި ސިހުރު ހަދާ އުޅުނު މީހަކަށްވުމުން މާޒްގެ އާއިލާއާ ގިނަ ބަޔަކު ވަނީ މައްސަލަ ޖެހިފައެވެ. ދޮންތުއްތު ނިޔާވުމާއެކު ގިނަ ބަޔަކު މާޒްގެ އާއިލާއަށް ހިތްހެޔޮކުރިއެވެ. ނަމަވެސް ލިހާމްގެ އާއިލާ ވެފައިވަނީ ތާއަބަދު މާޒްގެ އާއިލާއަށް ނަފުރަތުކުރާ ބަޔަކަށެވެ. އެކަމުގެ ސަބަބަކަށްވަނީ ލިހާމްގެ ބޮޑުދައިތަ ނަޒީރާއެވެ. ނަޒީރާގެ ކައިވެނި ރޫޅުނީ ދޮންތުއްތު ހެދި ސިހުރެއްގައެވެ. ދޮންތުއްތު ލައްވާ އެކަން ކުރުވީ އޭރު ނަޒީރާގެ ފަހަތުން އުޅުނު އާމިރުއެވެ.

*****

“ސަނާއްތާ! އައިކާ ގާތު ބުނެދެއްޗޭ މިރޭ އަށްގަޑި ބައިހާއިރު އަހަރެމެން ގެއަށް އައިސްދޭން..” މާޒް އައިކާމެންގޭ މަގުން ދަމުން އުނދޯލީގައި އިން ސަނާ ފެނިގެން ބުނެލިއެވެ.

“އާނ ބުނާނަން.. އެއީ ކޮންކަމަކު؟” ސަނާ ހިނިތުންވެލަމުން އަހާލިއެވެ. ސަނާ އެހެން ބުނެލުމުން މާޒް އެތެރެއަށް ވަނެވެ. އަދި ގޮސް ސަނާގެ ގާތުގައި އިށީނދެލިއެވެ. އަދި އައިކާގެ އެއްވެސް ހިލަމެއްވޭތޯ ބަލާލިއެވެ.

“މިއުޅެނީ އައިކާއަށް ސަޕްރައިޒް ޕާޓީއެއް ދޭންވެގެން.. އެހާ ރަނގަޅު ނަތީޖާއެއް ހޯދީމަ..” މާޒް ސިއްރެއް ބުނާފަދައިން މަޑުމަޑުން ބުނެލިއެވެ.

“އެހެންތަ؟ އާނ.. ކޮންމެހެން ހަދާފަވެސް އައިކާ ފޮނުވާނަން..” ސަނާ މާޒްއަށް ކުރާ އިތުބާރަކުން އެއްވެސް ޝަރުތަކާނުލާ އެއްބަސްވިއެވެ. މާޒްއަކީ އޭނާގެ ދަނބިދަރިއަކަށް ވުމަށް ހިތްއެދޭފަދަ ކުއްޖެކެވެ. އައިކާއާ އެންމެ އެކަށޭނެ ކުއްޖާގެ ގޮތުގައި ސަނާއާއި ނާޒިމް ނިންމާފައިވާ ކުއްޖާއެވެ. ނަމަވެސް އައިކާގެ ހަޔާތަށް ގެންނާނެ ކުއްޖަކު ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އެމީހުން ވަނީ އައިކާއަށް ދޭން ނިންމާފައެވެ. އަދި އައިކާ ހޮވާ ކުއްޖަކީ ރަނގަޅު ކުއްޖެއްކަމުގައިވާނަމަ އެކަމާ ހިތުން ރުހުމުން އެމީހުން ޤަބޫލުވާނެއެވެ. ނޫންނަމަ އެމީހުން ދައްކާ މީހަކާ އައިކާއަށް ޖެހޭނީ އިންނާށެވެ. އެމީހަކަށް ވާނީ މާޒް ނޫން ދެވަނަ މީހެއް ނޫނެވެ. މާޒް ދިޔަތަނާހެން އައިކާ ގޭތެރެއިން ނުކުތެވެ.

“ދަރިފުޅާ! މިރޭ އަށްގަޑި ބައިހާއިރަށް މާޒްމެން ގެއަށް ދައްޗޯ މާޒް ބުނީ.. ވަރަށް މުހިންމު ކަމަކުއޭ ބުނީ..” ސަނާ އަސްލު ސަބަބު އޮޅުވާލަމުން ބުނެލިއެވެ.

“އެހެންތަ؟ އެއީ އަނެއްކާ ކޮންކަމަކުބާ؟” ސަނާގެ ގާތުގައި އިށީންނަމުން އައިކާ އަހާލިއެވެ.

“ނޭނގެ.. ދަރިފުޅު ދައްޗޭ.. އޭރުން އެނގިދާނެތާ ކީއްކުރަންކަމެއްވެސް..” ސަނާ އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. ނަމަވެސް މާޒް އެއުޅެނީ އަނެއްކާވެސް އޭނާގެ ލޯތްބަށް އެދެންނޭ ހިތަށްއެރުމުން އޭނާގެ ހިތް ނުތަނަވަސްވިއެވެ. އެކަމަކު ދާން އެއްބަސްވެސް ވެވިއްޖެއެވެ. އެހެންނޫނަސް ނުގޮސްފިނަމަ މަންމަގެ ސުވާލުތައް ކުރިމަތިވާނެކަން އެނގެއެވެ. އޭނާއާއި މާޒްގެ ދެމެދުގައި ހިނގި އެއްވެސް ކަމެއް މަންމައަށް އެނގޭކަށް އައިކާ ބޭނުމެއްނުވެއެވެ. އޭނާ ދާން އެއްބަސްވީ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.

އަށްގަޑި ފަނަރަ ވީއިރު އައިކާ ހުރީ މާޒްގެ ގެއަށް ދިއުމަށް ތައްޔާރުވެގެންނެވެ. އޭނާ ގެއިން ނުކުންނަމުން ސަނާއަށް ގޮވާލާފައި ދަނީކަމުގައި ބުނެ ދާން ހިނގައިގަތެވެ. ބަރާބަރު އަށްގަޑި ފަންސަވީސްވީއިރު އައިކާ ހުރީ މާޒްގެ ގޭ ދޮރުމަތީގައެވެ. އެތެރެއަށް ވަންނަން އުޅެނިކޮށް އައިކާއަށް ހުއްޓެވުނީ ފަހަތުން އޭނާގެ ނަމުން މީހަކު ގޮވާލީމައެވެ. ދަންނަ އަޑެއްހެން ހީވެގެން ބަލާލިއިރު ޔޫޝައު ހުރިތަން ފެނުމުން އައިކާގެ މެއަށް ފިނިވެގެން ދިޔައެވެ.

 

“ކުޑަ ވަގުތުކޮޅެއް ދެވިދާނެތަ؟ ކުޑަ ވާހަކައެއް ދައްކާލަންވެގެން..” ޔޫޝައު އެހެން ބުނެލުމުން އައިކާ އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ. އަށްގަޑި ބައިވާން ހުރީ އެންމެ މިނެޓެކެވެ. ޔޫޝައު އޭނާއާ ދައްކަން އޮންނާނީ ކޮން ވާހަކައެއްބާއޭ އައިކާގެ ހިތަށްއެރިއެވެ.

“މިވަގުތު މަޑުކުރެވޭކަށް ނެތް.. ގަޑި ޖެހެނީ.. އަހަރެން އަބަދުވެސް ގަޑިއަށް ސަމާލުކަންދެން..” އެހެން ބުނެފައި މަޑުކޮށްލުމެއްވެސްނެތި އައިކާ އެތެރެއަށް ވަނެވެ. އައިކާ އެތެރެއަށް ވަތްތަން ފެނިފައި ޔޫޝައުއަށް މޫނު ކުނިކޮށްލެވުނެވެ. ލިހާމް ބުނިހެން މިއީ އާދައިގެ ކުއްޖެއް ނޫނެވެ. އައިކާއަކީ އޭނާގެ އެދުމަކަށް ފުރަގަސްދިން ފުރަތަމަ ކުއްޖާއެވެ. އަންހެންކުދިންތައް އޭނާގެ ފަހަތުން ދުވަނީ މަށަށް މަށަށް ކިޔަމުންނެވެ. އޭނާއަށްޓަކައި ފިދާވެއެވެ. ނަމަވެސް އައިކާ މުޅިން ތަފާތެވެ.

އެތެރެއަށް ވަތްއިރު އާދަޔާ ޚިލާފަށް އެގޭގައި މީހުން ގިނަކަން އައިކާއަށް ފާހަގަކުރެވުނެވެ. ވެގެން މިއުޅެނީ ކިހިނެއްބާއެވެ. އައިކާގެ ހިތް ނުބައި ގޮތަކަށް ތެޅިލީ މީހަކަށް ކަމެއްވީބާއޭ ހިތަށްއެރުމުންނެވެ. އޭނާ އަވަސްއަވަހަށް ގޮސް ސިޓިންގރޫމު ދޮރުމައްޗަށް އެރުމާއެކު ދެލޯ ބޮޑުވެފައި ބަލަން ހުރެވުނީ ފާރުގައި ބޮޑު އަކުރުން ލިޔެފައިވާ އިބާރާތްކޮޅު ފެނިފައެވެ. ރަތްކުލައިގެ ވިދާ ކަރުދާހުން “ކޮންގްރޭޓިއުލޭޝަންސް އައިކާ” ޖަހާލާފައިވާތަން ފެނުމުން އޭނާއަށް ފުންނޭވައެއް ދޫކޮށްލެވުނީ ގޯހެއް ހިނގައިގެން އުޅެނީ ނޫންކަން އެނގުމުންނެވެ.

“ހޭއި އިކާ.. ކޮންގްރޭޓްސް..” އައިކާގެ ކުރިމަތީ ހުއްޓެމުން ހިނިތުންވެލާފައި މާޒް ބުނެލިއެވެ.

“ދެން ތިތާ ހައިރާންވެފަ ނުހުރެ އާދެބަލަ އެތެރެއަށް..” އައިކާގެ އަތުގައި ހިފައިގެން މާޒް ދިޔައީ ބަދިގެއަށެވެ. އޭރު އެތާނގައި މާޒްގެ ބައްޕަ މަންސޫރުއާއި މަންމަ ރަމްޒިއްޔާ ތިއްބެވެ.

“އަނހާ އައިކާ.. ތި އައީދޯ؟ އަވަހަށް އިށީނދޭ..” ރަމްޒިއްޔާ ހިނިތުންވެލަމުން އައިކާ އިށީންނަން ތަން ދެއްކިއެވެ. އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާފައި އައިކާ ގެއަށް ދާން ބޭނުންކަމަށް ބުނުމުން މަންސޫރު މާޒް ގާތުގައި އައިކާ ގެއަށް ލާން ދިއުމަށް ބުންޏެވެ. ދެކޮޅު ހަދަން ބޭނުންވިޔަސް އައިކާއަކަށް އެހިތްވަރެއް ނުލިބުނެވެ. ބަދިގެއިން ނުކުމެގެން މާޒް މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށެވެ.

“އިކާ! އިހަށް އާދެބަލަ.. އިކާއާ ހަވާލުކޮށްލަން ޖެހޭ އެއްޗެއް އެބައޮތް..” މާޒް އެހެން ބުނެލުމުން އައިކާ ޖެހިލުންވެހުރެ ކޮޓަރިއަށް ވަނެވެ. މާޒް ދޮރު ލައްޕާލައްޗޭ ބުނުމުން އައިކާ އިތުރަށް ޖެހިލުންވިއެވެ. މާޒްއަށް އެކަން ނަގައިގަނެވުމުން ވަރަށް ދެރަވިއެވެ. އޭނާ އައިކާ އެގެނައީ ނުބައި ކަމެއް ކުރާކަށް ނޫނެވެ. އައިކާއަށް އޭނާ ދޭންވެގެން ގަނެ އެތައް ދުވަހެއްވަންދެން ރައްކާކޮށްފައިވާ ހަދިޔާއެއް ރައްދުކޮށްދޭށެވެ.

“އިކާ ކީއްވެ އަހަރެންދެކެ ތިހާ ބިރުގަންނަނީ؟ މިހުރިހާ ދުވަހު އެއްކޮށް އުޅުނުއިރުވެސް އިކާއަށް އަހަރެންނަށް ޓްރަސްޓް ނުކުރެވެނީތަ؟” މާޒް ދެރަވެފައި ބުނެލިއެވެ. އައިކާ އިސްދަށަށް ޖަހާލީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ. އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ މާޒްއާމެދު ކުށްހީއެއް ކުރެވުމުންނެވެ.

“އަން.. މީ އަހަރެން އައިކާއަށް ދޭންވެގެން ގަނެފަ އޮތް އެއްޗެއް.. މި ދޭންވެގެން މިގެނައީ..” މާޒް ޕާރުސަލެއް ދިއްކޮށްލަމުން ބުނެލިއެވެ.

“މީ..!!؟”

“ކަނޑާފަ ބަލާލަބަލަ.. އަހަރެން ވަރަށް އެދެން އިކާ ތި އަނބުރާ އަހަރެންނަށް ރައްދުނުކުރުން..” މާޒް އެހެން ބުނެލުމުން އައިކާ އެނދުގައި އިށީނދެ ޕާރުސަލް ކަނޑާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައީ އޭގައިވާ ސެމްސަންގ ގެލެކްސީ ބްރޭންޑްގެ ފޯނު ފެނުމުންނެވެ. މާޒް އޭނާއަށް އެހާ އަގުބޮޑު އެއްޗެއް ދިނުމުން އޭނާއަށް ކުޑަކޮށް ލަދުވެތިކަމެއް އިހުސާސްކުރެވުނެވެ. ދެހާސް ރުފިޔާއަކީ މާޒްމެން ކަހަލަ މުއްސަނދިންނަށް މާބޮޑު އެއްޗަކަށް ނުވިނަމަވެސް އައިކާއަށް އެވީ ވަރަށް ބޮޑު އެއްޗަކަށެވެ. އެހެންކަމުން އެހާ އަގުބޮޑު އެއްޗެއް ޤަބޫލުކުރަން އޭނާ ފަސްޖެހުނެވެ.

“މިހާ އަގުބޮޑު..”

“އެއީ އެއްވެސް ކަމެއްނޫން..” އައިކާގެ ޖުމްލަ މެދުކަނޑާލަމުން މާޒް ބުނެލިއެވެ.

“އެކަމަކު އަހަރެން މި ޤަބޫލުކުރާނީ ކިހިނެއް؟” އައިކާ ކުޑަކޮށް ޖެހިލުންވެފައި އިނދެ އަހާލިއެވެ.

“އައިކާދެކެ ލޯބިވާ މީހަކު ދިން ކުޑަކުޑަ ހަދިޔާއެކޭ ހީކުރިޔަސް ނޫނީ ހެޔޮއެދޭ އެކުވެރިއެއް ދިން ހަދިޔާއެކޭ ހީކުރިޔަސް އެންމެ ރަނގަޅު..” މާޒް އެހެން ބުނެލުމުން އައިކާއަށް އިސްޖަހާލެވުނެވެ. މާޒް އޭނާދެކެ ހަމަ އެހާ ލޯބިވަނީ ހެއްޔެވެ؟ ނޫނީ ފައިސާގެ ދަޅަ ދައްކައިގެން އޭނާ ހައްލާލަން މަސައްކަތް ކުރަނީބާއެވެ. ކޮންމެ ނިޔަތެއްގައި ދިން އެއްޗަކަށް ވީނަމަވެސް މާޒް ދިން އެއްޗަކަށްވީތީ އޭނާއަށް އެ އަނބުރާ ރައްދުކުރާކަށް ނުކެރުނެވެ. މާޒްދެކެ ލޯބިނުވިޔަސް މާޒްގެ ހެޔޮކަން އޭނާ އަބަދުވެސް ހަނދާންކުރާނެއެވެ.

“ދެން ހިނގާ ގެއަށްދާން.. މިހާރު ސަނާއްތަ އިންނާނެ އިކާގެ ނުގޮސްގެން ކަންބޮޑުވެފަ..” މާޒް އެހެން ބުނެލުމުން އައިކާވެސް ހީލަމުން ތެދުވެ ދާން ހިނގައިގަތެވެ. ގެއަށް ދެވެންދެންވެސް ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ހިމޭންކަމުގައި ގޮސް އައިކާ ގެއަށްލާފައި މާޒް ގެއަށް އައީ އައިކާއަށް ރޭގަނޑުގެ ސަލާމްކޮށްލާފައެވެ. ލޯބިވާ ވާހަކަ ބުނަން ބޭނުންވިޔަސް އޭނާއަކަށް އެވާހަކަ ބުނާކަށް ނުކެރުނެވެ. އޭނާ އެވާހަކަ ބުނުމުން އައިކާ އޭނާ ދިން ހަދިޔާވެސް ޤަބޫލު ނުކޮށްފާނެޔޭ ހީވީއެވެ. އަނެއްކޮޅުން އޭނާއާ އޮތް އެކުވެރިކަންވެސް ކަނޑާލަފާނެތީ ޖެހިލުންވެސްވީއެވެ.

އެރޭ އައިކާއަށް އަނެއްކާވެސް ޔޫޝައުގެ ޚިޔާލުތައް މާބޮޑަށް އުނދަގޫކުރަން ފެށިއެވެ. ޔޫޝައު އަނެއްކާ އޭނާ ގާތުގައި ދައްކަން އެއުޅެނީ ކޮން ވާހަކައެއްބާއޭ އޭނާގެ ހިތަށްއަރަނީއެވެ. ޔޫޝައު އޭނާއާ ދައްކަން އޮންނާނީވެސް ކޮން ވާހަކައެއް ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި އޮއްވާ އައިކާއަށް ނިދުނު އިރެއްވެސް ނޭނގުނެވެ. ދެން އޭނާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންޤީގެ އަޑަށެވެ. އެއާއެކު އޭނާ ތެދުވެ ފެންވަރާލައި ވުޟޫކޮށްލައިގެން ނުކުމެ ނަމާދުކޮށްލިއެވެ. ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން އައިކާގެ ބޮލުގައި ރިއްސަމުން ދިޔައީތީ އޭނާ ބޭސް ކައިގެން އޮށޯވެލީ ނިދާލާށެވެ. ބޮލަށް ބަރުވެފައިވުމާއެކު ބޭހުގެ އަސަރު ކުރުމުން ދާދި ފަސޭހައިން އޭނާއަށް ނިދިއްޖެއެވެ.

އައިކާއަށް ހޭލެވުނީ ހެނދުނު ހަތެއް ޖަހަނިކޮށެވެ. އޭނާ އަވަސްއަވަހަށް ތެދުވެ ފެންވަރާލައިގެން ބޭރަށް ނުކުތެވެ. އޭރު އޭނާގެ މަންމަ ސަނާ އުޅެނީ ސައި ހަދާށެވެ.

“ދަރިފުޅު މިއަދު ހާދަ ލަހަކުން ހޭލި ދުވަހެއް.. މަންމަ ދެތިން ފަހަރު ގޮވާވެސްލީމޭ.. އެކަމު މާ ގަދައަކަށް ވިއްޔަ ނިދާފަ އޮތީ.. ރޭގަ ނުނިދާތަ ހުރީ؟” ސަނާ ކޮށްލި ސުވާލުން އައިކާ ކުޑަކޮށް ސިހޭގޮތްވިއެވެ.

“ނޫން.. ފަތިސް ނަމާދަށް ހޭލެވުނުއިރު މާބޮޑަށް ބޮލުގަ ރިއްސާތީ ނަމާދުކޮށްލައިގެން ބޭސް ކައިގެން ނިދާލީ..” އައިކާ ޖަވާބުދިނެވެ.

“ދަރިފުޅު ދޭބަލަ މަގުމަތި ކުނިކަހާލަދޭން.. މިހާރު މިމަގު ހުރިހާ ގެތަކެއްގެ މަގުފަޅި ކަހައިފި.. މަންމަ މިއުޅެނީ އަނެއްކާވެސް އުނަގަނޑުގަ ރިއްސާވަރުން ގުދުވެލަންވެސް ނުކެރިގެން..” އުނަގަނޑުގައި އަތް ވިއްދާލަމުން ސަނާ ބުނެލިއެވެ. އެއީ ތޭރަ ވަރަކަށް އަހަރު ކުރިން އެއްފަހަރަކު އައިކާ ގޮވައިގެން މާލެ ގޮސް އުޅުނު އުޅުމުގައި ސިޑިން ވެއްޓި ސިޑީގެ ދާރައިގައި ޖެހިގެންވީ ތަދެކެވެ. ޑޮކްޓަރަށް ދެއްކުމުން އެއްވެސް ގެއްލުމެއް ލިބިފައި ނެތްކަމަށް ބުނިނަމަވެސް ދޭތެރެ ދޭތެރެއިން އޭނާ އުނގަނޑުގައި ރިއްސާތީ އުޅެއެވެ.

“މަންމަ ދެން މާލެ ދާންވީނު ޑޮކްޓަރަށް ދައްކާލަން.. ތިހެން ވާ ތަދުތައް ރަނގަޅުނުވެ ގިނަދުވަސް ވުމަކީ މައްސަލައެކޭ..” އައިކާ ވަރަށް ވިސްނޭ މީހަކުފަދައިން ބުނެލިއެވެ.

“ދަރިފުޅާ! މިހާރު ކިހާ ބޭހެއް ކުރެވިއްޖެ މިކަމަށް.. ވަގުތީ ހައްލެއް ލިބުނަސް ދާއިމީ ހައްލެއް ނުލިބެއެއްނު.. ޑޮކްޓަރަށް ދައްކާއިރަށް ބުނޭ އެއްވެސް މައްސަލައެއް ނެތޭ.. ޖެހުނު ގޮތަކުން ތަދުވެފަ ހުރީއޭ.. ދެން ކިހިނެއް ހެދޭނީ؟ ދިވެހިބޭސް ކަންނޭނގެ ކުރަންވީ..” ސަނާ އެހެން ބުނެލުމުން އައިކާ އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލުމަށްފަހު އިލޮށިފަތި ހިފައިގެން ބޭރަށް ނުކުތީ މަގުމައްޗާއި ގޯތިތެރެ ކުނިކަހާލާށެވެ.

ގޯތިތެރޭގައި ހުރި ބޮޑު ހިރުނދު ގަހުން ފަތް ވެރޭލެއް ގިނަކަމުން ގޯތިތެރެ ނުލާހިކު އަވަހަށް ހަޑިވެއެވެ. އެހެންކަމުން އައިކާ ފުރަތަމަ ނުކުތީ ގޯތިތެރެ ކުނިކަހާލާށެވެ. ގޯތިތެރެ ކުނިކަހާ ނިންމާލާފައި ކުނިކޮޅު ނަގާފައި މަގުމައްޗަށް ނުކުމެ ކުނިކަހަން ފެށިއެވެ.

ފެންވަރާ ތާޒާވެލައިގެން ޔޫޝައު ދިޔައީ ލިހާމްމެން ގެއަށްދާށެވެ. ހެޑްސެޓް ގުޅާލައި، ފޯނުން ލޯބީގެ ލަވައެއް ޖަހާލައިގެން އާދައިގެ ހިނގުމެއްގައި ޔޫޝައު ގޮސް އައިކާމެންގޭ މަގަށް ލަނބާލިއެވެ. ލަވައާއި އެއްވަރަށް ތުންތަޅުވަމުން ދިޔަ ޔޫޝައުއަށް ހުއްޓެވުނީ ގޭ މަގުފަޅި ކުނިކަހަން އޮތް އައިކާ ފެނިފައެވެ. ކޮންމެ ދުވަހަކު އެމަގުން ހައެއްކަ ބުރު ޖަހާއިރުވެސް އެއީ އައިކާމެން ގެ ހުންނަ މަގުކަމެއް އޭނާއަށް އެނގިފައެއް ނުވެއެވެ. ގުދަށް އޮތްއިރު ހެދުމުގެ މޭމަތިން ތަންކޮޅެއް ބޮޑަށް ދުރުވެލާފައިވާތަން ފެނުމުން އޭނާއަށް ބޭއިޚްތިޔާރުގައި ރަނގަޅަށް ބަލާލެވުނެވެ. އޭނާއަށް އައިކާއަށް ބަލަން ހުރެވުނީ ދަހިވެތި ނަޒަރަކުންނެވެ. ފަރިތަކަމާއެކު ކުނިކަހަން އޮތް އައިކާއަށް ޔޫޝައު ފެނުނީ އިރުގަނޑެއް ފަހުންނެވެ. ޔޫޝައުގެ ނަޒަރު ހުރިގޮތުން ޔޫޝައުގެ ހިތުގައި އޮތީ ކޮން އެއްޗެއްކަން އައިކާއަށް އެނގުނުފަދައެވެ. އަވަސްއަވަހަށް ތެދުވެ ހިންދެމިލައި ހެދުން ރީތިކޮށްލިއިރު އޭނާގެ މޫނުމަތީގައިވަނީ ލަދުވެތިކަމެވެ. އޭނާއަށް ލެވިފައި ހުރީ ތަންކޮޅެއް ކަރުބޮޑު ހެދުމެއްކަމުން އޭނާއަށް އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. އައިކާއަށް ވީގޮތް ފެނުމުން ވަރަށް ނޫންކަމަށް ހަދާލަމުން ޔޫޝައު އަނެއްކާވެސް އޭނާގެ މަންޒިލަށް ދަތުރު ފެށިއެވެ. ޔޫޝައު ގޮސް ޖެހިގެން ހުރި ގޯޅި އަޅަންދެން އައިކާ ކުނިކަހަން ނުފަށާ ހުއްޓެވެ.

ހަވީރުގެ ވަގުތެވެ. އައިކާ އިނީ އަތިރިމަތީގައި އޮތް ރުއްބުޑެއްގައި އިށީނދެލައިގެން ފުން ވިސްނުމެއްގައެވެ. އޭނާއަށް މިހާރަކަށް އައިސް ޔޫޝައުއާ ދޭތެރޭގައި ވިސްނެނީ މާވަރަކަށެވެ. މިއީކީ އަދި ރަނގަޅު ގޮތެއް ނޫނެވެ. ޔޫޝައުއަކީ ބީރައްޓެއްސެކެވެ. ކޮންކަހަލަ މީހެއްކަމެއްވެސް ނޭނގެއެވެ. ޗުއްޓީއަކަށް އައިސް ހުރި މީހަކަށްވާނަމަ މިހާރު ދާހާ ދުވަސް ވެއްޖެއެވެ. ޔޫޝައު އައިފަހުން މިހާރު ތިންމަސް ވަނީއެވެ. ޔަޤީނެވެ. އޭނާ އެވަނީ ކޮންމެވެސް ކުށެއްގައި އަރުވާލާފައެވެ. އެކަން ސިއްރުކުރަންވެގެން ޗުއްޓީއެއް ހަދާލަން އައީކަމަށް އަޑު ފެތުރީއެވެ. އައިކާގެ ވިސްނުން ދަތުރުކުރީ އެންމެ ނުބައި ދިމާއަށެވެ.

އައިކާއަށް އެކަމުގައި އޭނާގެ އަމިއްލަ ނަފްސުދެކެވެސް ރުޅި އާދެވުނެވެ. ނުވެސް ދަންނަ މީހަކާއިމެދު ފިކުރުކުރެވޭތީއެވެ. ރީތިހާ އެއްޗެއްސަށް ލޯބިކުރުމަކީ އިންސާނީ ޠަބީއަތުގައިވާ ކަމަކަށްވީނަމަވެސް މިއީ ދެން ބޮޑުވަރެވެ. މިރަށުގައިވެސް ބޭރުގެ ފިލްމީ ތަރިންނަށް ދޫނުކުރާހާ ރީތި ޒުވާނުން އެބައުޅެއެވެ. އެކަމަކު ހަމަ ޔޫޝައު ނޫން މީހަކާމެދު ވިސްނިގެން ނުވޭ ހެއްޔެވެ؟ އައިކާ އަމިއްލަ ނަފްސަށް އެއްޗެހިކިޔަމުން ދިޔައެވެ. ކުއްލިއަކަށް އައިކާ ސިހުނީ ދާދި ގާތުން އިވުނު އަޑަކުންނެވެ. އެއީ ޔޫޝައު ނޫން ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. އެންމެފަހުން މިތަނަށްވެސް އައީ ހެއްޔޭ އައިކާގެ ހިތަށްއެރިއެވެ. އަޖައިބެކެވެ. މިހާރުވެސް އޭނާ މިއުޅެނީ ޔޫޝައުގެ ހަނދާންތަކުން ދުރަށް ދެވޭތޯއެވެ. ނަމަވެސް ތަޤުދީރު އެދެމީހުން އެއްތަންކުރަން އެއުޅެނީ ކީއްވެ ހެއްޔެވެ؟

“އަހަރެން ބުނީމެއްނު ވާހަކައެއް ދައްކާލަން ބޭނުން ވާހަކަ.. މިގަޑީގަ އޯކޭތަ؟” ޔޫޝައު އެހެން އަހާލުމުން އައިކާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އަނެއްކޮޅުން އޭނާ ހުރީވެސް ޔޫޝައު ދައްކަން އެއުޅެނީ ކޮން ވާހަކައެއްބާއޭ ހިތަށް އަރާވަރުން އުނދަގޫވެފައެވެ. އެހެންކަމުން އޭނާ ބޯޖަހާލިއެވެ.

“މީ އަހަރެން ވަރަށް ސީރިއަސްކޮށް ދައްކާ ވާހަކައެއް އިނގޭ.. އަހަރެންނަށް އައިކާ ވަރަށް ކަމުދޭ.. އަހަރެންނާ ރައްޓެހިވާންވީނު.. އަހަރެން ބޭނުން އައިކާއާ އިންނަން..” ޔޫޝައު އެހެން ބުނެލުމުން އައިކާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާ ހީކުރީ އެއީ ޔޫޝައު އޭނާއާ ކޮށްލި ސަމާސާއެއް ކަމަށެވެ. އެހެންކަމުން އޭނާއަށް ބާރަށް ހެވުނެވެ.

“ކީއްވެ ތިހެނީ؟ ސަމާސާއެއްކަމަށް ދޯ ހީކުރީ؟ މީ ސަމާސާއެއްނޫން.. ހަމަ ހަޤީޤަތެއް.. އަހަރެންނާ އިންނަންވީނު..” ޔޫޝައު އަނެއްކާވެސް ބުނެލިއެވެ. ޔޫޝައު ސީރިއަސްކަމާއެކު އެހެން ބުނުމުން އައިކާގެ ހުނުން ވަގުތުން ހުއްޓުނެވެ. ވަގުތުން ދޭންވީ ޖަވާބެއް އޭނާއަކަށް ނުވިސްނުނެވެ. އެހެންކަމުން ހާސްކަން ފޮރުވަންވެގެން އޭނާ ދެއަތް ދެއަތާލާ މޮޑެން ފެށިއެވެ. ޔޫޝައުއަށް އައިކާގެ އެ ހާސްކަން ފާހަގަކުރެވުނެވެ.

“އެންމެ ރަނގަޅު ވިސްނާލާފަ ޖަވާބެއް ދިނަސް.. އެކަމަކު އަހަރެން ފުރާކަށް ދެން މާގިނަ ދުވަހެއް ނެތް.. އޭގެ ކުރިން އަހަރެން ޖަވާބެއް ބޭނުން.. އައިކާ އެއްބަސްވެއްޖެއްޔާ އަހަރެން މާލެ ގޮސްފަ ދެން އަންނާނީ އައިކާއާ އިންނަން..” ޔޫޝައު ތެދު ހާމަކުރިއެވެ.

“އަހަރެން ވިސްނާލަން ބޭނުން..” އައިކާ ބުނެލިއެވެ.

“އެންމެ ރަނގަޅު.. އަހަރެން އައިކާގެ ޖަވާބަކަށް އިންތިޒާރު ކުރާނަން..” ޔޫޝައު އެހެން ބުނެލުމުން ހިނިތުންވެލާފައި އައިކާ ގެއަށް ދިއުމަށް ދާން ހިނގައިގަތެވެ.

އެރޭ ނިދަން އޮވެފައި އައިކާ އެތައް އިރަކު ޔޫޝައުއަށް ދޭނެ ޖަވާބަކާއިމެދު ވިސްނިއެވެ. އެއްފަހަރު އާނއެކޭ ބުނަން ހިތަށް އަރައިފިއްޔާ ދެވަނަ ސިކުންތުގައި ނޫނެކޭ ބުނަން ހިތަށްއަރައެވެ. އެއްގޮތަކަށްވެސް ދޭނެ ޖަވާބެއް އޭނާއަކަށް ނުނިންމުނެވެ. އެހެންކަމުން އޭނާ ނިންމީ އެންމެ ގާތް އެކުވެރިޔާގެ ޚިޔާލެއް ހޯދުމަށެވެ. ލީންއަށް ގުޅާލަން ހިތަށް އަރާފައިވެސް މާ ދަންވެފައި ހުރުމުން މާދަމާ ގުޅާނީއޭ ހިތާ އައިކާ ނިދޭތޯ ދެލޯ މަރާލިއެވެ. އެއާއެކު ސިފަވީ ޔޫޝައުގެ ހިނިތުންވެފައިވާ މޫނެވެ. އެތައްއިރަކު ޔޫޝައުގެ ޚިޔާލުގައި އޮވެވުނު ފަހުން އައިކާއަށް ނިދުނެވެ. ހުވަފެނުންވެސް ފެނުނީ ޔޫޝައުއެވެ. ޔޫޝައުއާއެކު އުފާވެރި ޙަޔާތެއް ވޭތުކުރަމުން ދާތަނެވެ. މިއީ މިހާރު އާދައަކަށް ވެފައިވާ ކަމެކެވެ. ތަކުރާރުކޮށް ފެންނަމުންދާ ފޮނިފޮނި ހުވަފެނަކުން އައިކާގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވެއެވެ. ނޭނގި ނަމަވެސް ޔޫޝައުއަށް އިންތިޒާރު ކުރެވެއެވެ. ނަމަވެސް އެ އިހުސާސްތަކަށް ދޭނެ ނަމެއް އައިކާއަކަށް ނޭނގުނެވެ.

 

“ލޯމެރޭ ހިނދުގާ ނިދީގާ ފެންނަނީ ހަމަ ތިޔަ ސޫރައޭ

ނޭނގެޔޭ ފަހެ މީގެ ސިއްރެއް ހިތް އުފާވެރި ކުރުވައިފިޔޭ

ލޯމެރޭ ހިނދުގާ ނިދީގާ ފެންނަނީ ހަމަ ތިޔަ ސޫރައޭ

*****

ބޭނުމޭ ތައުބީރު ކުރުމަށް ފެނުނު ހުވަފެން ކިޔާދޭނަމޭ

ވާނުވާ ނޭނގޭ ޚިޔާލެއް ހިއްސުތަކުގާ ހަރުލައިފިޔޭ

ނޭނގެޔޭ ފަހެ މީގެ ސިއްރެއް ހިތް އުފާވެރި ކުރުވައިފިޔޭ

ލޯމެރޭ ހިނދުގާ ނިދީގާ ފެންނަނީ ހަމަ ތިޔަ ސޫރައޭ

*****

ރޭދުވާ އެކުގާ ކަލާޔާ ހޭދަކުރަމޭ ހުވަފެންތަކުން

ހޭދަވާ ހަމަ ކޮންމެ ވަގުތެއް އިންތިޒާރާ ގުޅިފާވެޔޭ

ނޭނގެޔޭ ފަހެ މީގެ ސިއްރެއް ހިތް އުފާވެރި ކުރުވައިފިޔޭ

ލޯމެރޭ ހިނދުގާ ނިދީގާ ފެންނަނީ ހަމަ ތިޔަ ސޫރައޭ

*****

ހިތް އުފާވާ މަންޒިލެއްގާ ވަޢުދުތައްވެސް ވެވިފާވެޔޭ

ހިތް އެދޭ ފޮނި ރާގުތަކަކުން ހިތުގެ ވިންދާ ކުޅެލައިފިޔޭ

ނޭނގެޔޭ ފަހެ މީގެ ސިއްރެއް ހިތް އުފާވެރި ކުރުވައިފިޔޭ

ލޯމެރޭ ހިނދުގާ ނިދީގާ ފެންނަނީ ހަމަ ތިޔަ ސޫރައޭ”

 

މެންދުރުވުމަކާއި ދާދި ގާތްވެފައި ވަނިކޮށް އައިކާ ލީންއަށް ގުޅިއެވެ. ދެފަހަރު ރިންގުވީތަނާ ލީން ފޯނު ނަގައިފިއެވެ.

“ލީން! ބިޒީތަ؟” އައިކާ ފުރަތަމަވެސް އަހާލިއެވެ.

“ނޫން.. ކިހިނެއްވީ؟” ލީންވެސް ސުވާލުކޮށްލިއެވެ.

“އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން..” އައިކާ އެހެން ބުނެލުމާއެކު ލީންގެ ކެތްތެރިކަން ކުޑަވިއެވެ.

“އަނެއްކާ ކޮންވާހަކައެއް؟”

“ފޯނަކުން ނުދެއްކޭނެ.. މިއަދު ހަވީރު މިގެއަށް އާދޭ..” އައިކާ އެހެން ބުނެފައި ލީންއަށް އިތުރު އެއްޗެއް ބުނެފައި ފޯނު ކަނޑާލީ ލީންގެ ގޮތް ރަނގަޅަށް އެނގޭތީއެވެ. އޭނާ ސުވާލުކުރަން ފަށައިފިނަމަ ޖަވާބު ނުލިބެނީސް ދޫނުކުރާނެއެވެ. އައިކާ ފޯނު ކަނޑާލުމުން ފޫހިވެފައި ލީންއަށް ޗޮކެއް ކަނޑާލެވުނެވެ. ނަމަވެސް އައިކާ ދައްކަން އެއުޅޭ ވާހަކައެއް އަޑުއަހަން ކެތްމަދުވީވަރުން އެންމެ އިރުކޮޅަކުވެސް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން ލީން އޭނާގެ ލޯބިވެރިޔާ ޒިޔާންއަށް ގުޅާލިއެވެ.

“ޒިޔާ! ބިޒީތަ؟ ބިޒީ ނޫނިއްޔާ އާދެވިދާނެތަ މިގަޑީގަ އަހަރެން އިކާމެން ގެއަށް ލައިދޭން.. ދޮންބެވެސް ރަށުގަ ނޫޅޭތީވެ.. ވަރަށް އަވަހަށް ދާން ޖެހިގެން..” ޒިޔާން ފޯނު ނެގުމާއެކު ލީން އަހާލިއެވެ.

“ސޮރީ ބޭބީ.. ކުޑަ ކަމެއްގަ މިއުޅެނީ.. ކުޑަކޮށް ލަސްވެދާނެ.. އަނެއްކާ ބޭބީއަށް ލަސްވޭތަ؟” ލީން ނޫނެކޭ ބުނެލި ގޮތުންވެސް އޭނާ އެހުރީ ލަސްވެފައިކަން ޒިޔާންއަށް އެނގުނެވެ.

“ލަސްވެފަ ދޯ ތިހުރީ؟ ލަސްވަންޏާ ޔާން ފޮނުވަންތަ؟” ޒިޔާން އެހެން ބުނެލުމުން ލީންއަށް ލިބުނު ހައިރާންކަމުގައި އަނގައިން އަޑެއް ލައްވާލެވުނެވެ.

“ޔާންއޭ!! އޭނަ ކޮންއިރަކު އައީ؟ ނުވެސް ބުނަމެއްނު އައި ވާހަކައެއް..” ލީން ޝަކުވާގެ ރާގެއްގައި ބުނެލި ގޮތުން ޒިޔާން ގާތަށް ކުޑަކޮށް ހިނިއައެވެ.

“ފަތިހު އައީ.. އެއްވެސް މީހަކަށް ނާންގައޭ އައީ.. ސަޕްރައިޒެކޯ..” ޒިޔާން ކަންވީގޮތް އޮޅުންފިލުވައިދިނެވެ.

“އޯކޭ.. މި ފޮނުވަނީ އިނގޭ..” ޒިޔާން އެހެން ބުނެލުމުން ލީން އެއްބަސްވިއެވެ. ކުޑައިރުކޮޅެއް ވީތަނާ ގޭ ކައިރިން ސައިކަލުގެ ބަރުގޮނު އަޑު އިވުމުން ލީން ގެއިން ނުކުތީ ކިޔާން އައީކަން އެނގުމުންނެވެ.

“ޔާންގަނޑު އަންނަ ވާހަކަ އަންގާވެސްނުލާ..” ކިޔާންގެ ސައިކަލު ފަހަތަށް އަރަމުން ކިޔާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ކިޔާންއަކީ ޒިޔާންގެ އެއްމާބަނޑު ކޮއްކޮއެވެ. ކިޔާން އެއައީ ރާއްޖޭން ބޭރުން ޑޮކްޓަރީކަމުގެ އެންމެ މަތީ ފާސް ނަގައިގެންނެވެ. އުމުރުން ސައްބީސް އަހަރުގައި ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކަށް ވެގެން އެއައީ މުޅި އާއިލާއާއި މުޅި ރަށް ފަޚުރުވެރިކޮށްދެމުންނެވެ.

ޒިޔާންއާއި ސޫރަ ކިތަންމެ ވައްތަރު ނަމަވެސް ދެމީހުން ވަކިކުރުން ދަތިކަމަކަށް ނުވެއެވެ. ޒިޔާންއާއި ޚިލާފަށް ކިޔާން ހުންނަނީ ދޮންކޮށް އިސްކޮޅުން ދިގުކޮށެވެ. އިސްކޮޅާއި ގުޅޭ ބިޔަ ހަށިގަނޑެއް ލިބިފައިވާތީ ބޮޑަށް ވައްތަރުވަނީ ބޭރު މީހަކާއެވެ. ޒިޔާންއަކީވެސް ކަޅޭ ބުނާވަރުގެ ޒުވާނެއް ނޫނެވެ. އާދައިގެ އިސްކޮޅެއް ލިބިފައިވާއިރު މަސައްކަތްތެރި ހީވާގި ޒުވާނެކެވެ. އެންމެންނާވެސް ގުޅޭ ހިތްހެޔޮ ޒުވާނެއްކަމުން ޒިޔާންއަކީ ރަށުގެ ގިނަ ބަޔަކު އެމީހުންގެ ދަނބިދަރިއަކަށްވާން އެދޭފަދަ މީހަކަށް ވަނީ ވެފައެވެ. ކިޔާންގެ މިޒާޖުގައިވާ މަޑުމައިތިރިކަމުގެ ސަބަބުން އޭނާގެ ބައެއް ރައްޓެހިން “ބޮޑު ބަސްއަހާ”އޭ ކިޔާ ދިމާވެސް ކުރެއެވެ.

ސައިކަލުގައި އައިކާމެން ގެއަށް ދިޔައިރު ލީން ހުއްޓާނުލާ ވާހަކަދެއްކި ނަމަވެސް ކިޔާންއަށް އެކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. ފަސްއަހަރު ފަހުން އޭނާގެ ހިތުގެ މަލިކާ ފެންނަން އުޅޭތީ އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. އޭނާ އައިކާދެކެ ލޯބިވާކަން މުޅި ދުނިޔެއަށް ސިއްރުކޮށްފައިވީ ނަމަވެސް ޒިޔާންއަށް އެކަން އެނގެއެވެ. ޒިޔާން އޭނާ ގާތުގައި އައިކާއަށް ލޯބި ހުށަހަޅަންވެސް އެދުނެވެ. ނަމަވެސް އޭނާއަކަށް އެހިތްވަރެއް ނުލިބުނެވެ. ނަމަވެސް މިފަހަރު އޭނާ ރަށަށް އެއައީ ލަދުގެ ފަރުދާ ކަހާލާފައި އައިކާއަށް ލޯބި ހުށަހަޅަން އަޒުމު ކަނޑައަޅައިގެންނެވެ.

އައިކާމެންގޭ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލިއިރު ގޯތިތެރޭގައި ހުރި އުނދޯލީގައި އައިކާ އޮތްތަން ފެނުމުން ކިޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލީން ކިޔާންއަށް ޝުކުރު އަދާކޮށްފައި ލީން އެތެރެއަށް ދާން ހިނގައިގަތެވެ. ލީން އޭނާ ފަސްދިނުމުން ކިޔާންއަށް މަޑުމަޑުން އޭނާގެ ހިތާއި ދިމާއިން މޭގައި ފިރުމާލެވުނީ އައިކާ ފެނުމުން ހިތަށް ލިބުނު އަރާމެއްގެ ބޮޑުކަމުންނެވެ. ކިޔާން އަދިވެސް ނުގޮސް ހުރީތީ ފަސްއެނބުރި ބަލާލި ލީންއަށް ކިޔާން މޭގައި ފިރުމާލި މަންޒަރު ހަމަ ރަނގަޅަށްވެސް ފެނުނެވެ. ލީންއަށް އެމަންޒަރު ފެނުނުކަން އެނގުމުން ރަކިވީވަރުން ކިޔާން އަވަހަށް ސައިކަލު ދުއްވާލީ ލީންގެ ސުވާލެއް ކުރިމަތިވެދާނެތީއެވެ. ކިޔާންއަށް ވީގޮތުން ލީން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. އަދި ހަމައެހެންމެ އޭނާގެ ހިތުގައި ސުވާލުތަކެއްވެސް އުފެދިގެން ދިޔައެވެ. ނަމަވެސް އެސުވާލުތައް ފަހަށް ބަހައްޓާފައި އޭނާ ދިޔައީ އައިކާ ދައްކަން އުޅުނު ވާހަކަ އަޑުއަހާށެވެ.

ޚިޔާލުގައި އޮތް އައިކާއަށް އެތަނަށް މީހަކު އައިކަމެއް ނޭނގެއެވެ. ލީންގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައުމާއެކު ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ފުރުސަތުގެ ބޭނުން ހިފައި އައިކާގެ ކަންފަތް ބުޑުގައި ހަޅޭއްލަވައިގަންނަމުން އޭނާ އުނދޯއްޔަށް ޖެހިގަތެވެ. ސިހުނުވަރުން އައިކާ ތޫލި އަޑަކުން ހަޅޭއްލަވައިގެންފައި އުނދޯލިން ފުންމައިގެން ތެދުވެއްޖެއެވެ. އެއާއެކު ލީންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އައިކާގެ އަޑަށް ދުވެފައި ކަހަލަ ގޮތަކަށް ސަނާވެސް ބޭރަށް ނުކުތެވެ. ނުކުތްއިރު އައިކާ ލީންގެ ބުރަކަށީގައި ތަޅައިގަތްތަން ފެނުނެވެ. އޭރު ލީން ހެމުން ދިޔަގޮތުން އެއީ ލީންގެ ކަމެއްކަން އެނގި ބޯ ހޫރާލަމުން ސަނާ އަނެއްކާވެސް އެތެރެއަށް ވަނެވެ.

“ލީންގަނޑާ! ކިރިޔާއޭ ހާޓް އެޓޭކެއް ނުޖެހުނީ.. ހަމަ ޖެހޭތަ ބިރުގަންނަވާލަން؟” އައިކާ މޭގައި އަތް އަޅާލަމުން އެހެން ބުނެފައި އުނދޯލީގައި ހަމަޖެހިލިއެވެ.

“އެހެންނު ވާނީ.. ޚިޔާލަށް ގެއްލިފަ އޮތްވަރުން އަހަރެން އައިކަންވެސް ނޭނގުނު ވިއްޔަ.. އެހެންވީމަ އަހަރެން އައިކަން އަންގާލަން ވާނެއެއްނު.. ސޮރީ އިނގޭ..” ލީން ފާޑަކަށް ހީލަމުން އެހެން ބުނެލުމުން އައިކާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ.

“ހޫމް.. ދެން ބުނެބަލަ.. ކޮން ވާހަކައެއް ދައްކަންތަ އުޅުނީ؟” ލީން އަވަހަށް މައުޟޫއުއަށް ދިޔައެވެ.

“ކެތްނުލަވައިގެން ދޯ މިއޮއް އަވިގަދަ ގަޑީގަވެސް ތިއައީ؟ ކެތްތެރިކަމެއްވެސް ނެތް އަންހެނެއް މީ.. ޕިސް ޕިސް..” އައިކާ ޕިސްޕިސް ޖަހާލަމުން ބުނެލިއެވެ.

“އަހަރެން ކިއުރިއަސް ކުރަންވެގެންނެއްނު މިހާރު ގުޅާފަ އެވާހަކަ ބުނީ.. ތިވާހަކައެއް ނޭނގުނިއްޔާ އަހަރެންނަށް މެންދުރު ރަނގަޅަކަށް ނުވެސް ކެވޭނެ..” ސަމާސާ ރާގެއްގައި ލީން އެހެން ބުނެލުމުން އައިކާއަށް ހެވުނެވެ.

“ދެން ނުހީ ބުނެބަލަ ކޮން ވާހަކައެއްތަ؟” ލީން ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް އަހާލިއެވެ.

“އެއީ އެއްވެސް ވާހަކައެއް ދައްކާކަށް ނޫން.. ހަމަ ފޫހިވެގެން އަނގަތަޅާލަން އަންނަން ބުނީ..” އައިކާ އެހެން ބުނެލުމުން ލީންއަށް ތުން އަނބުރާލެވުނެވެ. އެއާއެކު އައިކާ ގާތަށް ހިނިއައި ނަމަވެސް މޫނުމަތިން އެކަން ނުދައްކަން މަސައްކަތްކުރިއެވެ.

“ދެން ބުނެބަލަ..” ލީން އާދޭސްކުރާފަދަ ރާގަކަށް ބުނެލިއެވެ.

“އަސްލުވެސްއޭ.. ވަކި ވާހަކައެއް ދައްކާކަށް ނޫނޭ..” އައިކާ ބޭނުންވީ އަދިވެސް ބޮޑަށް ލީން ހިތްތާލާށެވެ.

“އެހެންވިއްޔާ ދެން މިދަނީ ދާން.. ފަހުން އަންނާނަން..” ލީން ކުޑަކޮށް ހިތްހަމަނުޖެހިފައި އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތުމުން އައިކާ ލީންގެ އަތުގައި ހިފެހެއްޓިއެވެ.

“ރުޅިއައީތަ؟ މިތާ އިށީނދެބަލަ.. ހަމަ އަސްލުވެސް ވާހަކައެއް ދައްކާށޭ އަންނަން ބުނީ.. އަހަރެން ލީން ރުޅިއަރުވާލަންވެގެން އެހެން ބުނީ..” އައިކާ އެހެން ބުނެލުމާއެކު ލީން އައިސް އުނދޯލީގައި އިށީންނަމުން އަވަސްއަވަހަށް އެވާހަކަ ބުނުމަށް އެދުނެވެ.

“ލީން! އައި ތިންކް އައިމް އިން ލަވް.. އަބަދުވެސް ވިސްނެނީ އޭނަޔާ ދޭތެރޭ.. އަބަދުވެސް އޭނަ ފެންނާނެ އިރަކަށް އިންތިޒާރު ކުރެވެނީ.. ނިދާފަ އޮންނައިރު ހުވަފެނުންވެސް ފެންނަނީ އޭނަ.. އޭނަ ފެނުނަސް އެހެރަ ވާގޮތެއް.. ހިތް އަވަސްވެ އަތްފައި ފިނިވަނީ..” އައިކާ ލީންގެ އަތުގައި ހިފާލައިގެން އިނދެ ބުނެލިއެވެ.

“އޭނަ އޭނަ އޭނަ.. އޭނައަށް ކިޔާ ނަމެއްވެސް އޮންނާނެއެއްނު.. ނަން ބުނެބަލަ..” ލީން އިނީ އައިކާ އެދައްކަނީ މާޒްގެ ވާހަކަ ކަމުގައި ޔަޤީންކޮށްގެންނެވެ. ނަމަވެސް އައިކާ ޔޫޝައުގެ ނަން ބުނެލުމުން ލީންއަށް ސިހުމެއް ލިބި އައިކާއަށް ބަލާލެވުނީ ޤަބޫލުނުކުރެވިފައި އިނދެއެވެ.

“ވަޓް؟ ޔޫޝައުއޭ!!؟ އޭރުން މާޒްއޯ؟” ލީންއަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ.

“ޔެސް ލީން.. ޔޫޝައު.. އަހަރެން އެއްއިރަކުވެސް މާޒްއާ ދޭތެރޭ މިކަހަލަ ގޮތަކަށް ނުދެކެން.. އަހަރެން އަބަދުވެސް މާޒްއާ ދޭތެރޭ ދެކުނީ ރައްޓެއްސެއްގެ ގޮތަށް.. އަހަރެންނަށް މިކަހަލަ ގޮތަކަށް ވިސްނުނު ހަމައެކަނި މީހަކީ ޔޫޝައު.. މިހާރު ދުވަސްކޮޅެއްވެއްޖެ މިހެން ވާތާ.. އަހަރެން ހުރީ އެކަމާ އިތުރަށް ނުވިސްނާ އެކަން ހަނދާން ނައްތާލަން.. އެހެންވެ ކުރިން ލީން ގާތު މިވާހަކަ ނުދެއްކީ.. އެކަމަކު އޭނަ އިއްޔެ އަހަރެން ގާތު އިންނަން އަހައިފި.. އޭނަ ބުނީ އަހަރެން އެއްބަސްވެއްޖެއްޔާ އޭނަ މާލެ ގޮސްފަ ދެން އަންނާނީ އަހަރެންނާ އިންނާށޯ.. ރައްޓެހިވެގެން މާގިނަ ދުވަހަކު އުޅޭކަށް ބޭނުމެއްނޫނޯ..” ލީން އިނީ އައިކާގެ ވާހަކައަށް ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އެކަމަކު އަދި ދެއަހަރު އެބައޮތެއްނު.. ދެއަހަރަކީ ހާދަ ދުވަހެކޭ.. ދެން ކިހިނެއް އެހުރިހާ ދުވަހު އުޅެނީ؟ ދެމީހުން ވާހަކަ ނުދައްކާ ކިހިނެއް ކައިވެންޏަކާ ހަމައަށް ދާނީ؟” ލީން އިނީ އައިކާ ދައްކަމުންދިޔަ ވާހަކައިން ހައިރާންވެފައެވެ.

“ވާހަކަ ދެއްކޭނެއެއްނު ފޯނު އޮތީމަ..” އައިކާ ވަގުތުން ބުނެލިއެވެ.

“ދެން އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއް..” އައިކާގެ ވާހަކަ ހުރިގޮތުން އައިކާގެ ވިސްނުން ބަދަލުވެދާނެހެން ހީނުވާތީ ލީން ބުނެލިއެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.

“ލީން ތި އިންނަނީ ހިތްހަމަނުޖެހިފަ ދޯ؟” ލީންގެ ހިމޭންކަމުން އުނދަގޫވެގެން އައިކާ އަހާލިއެވެ.

“ނޫން.. ހިތްހަމަނުޖެހިފައެއް ނޫން.. ތި ޔޫޝައުއަކީ ކޮންކަހަލަ މީހެއްކަމެއްވެސް ނޭނގެއެއްނު.. އޭނަ އިކާދެކެ ލޯބިވާކަމެއްވެސް ނޭނގެއެއްނު.. ލޯބިވެޔޭ ކިޔާފަ ފޭކެއްވެސް ޖައްސަފާނެ.. މާޒްއަކީ ގޮތް އެނގޭ މީހާ.. އިކާއާހެދި މޮޔަވެފަ ހުރި މީހާ.. މާޒްއަކީ ގައިމުވެސް ފޭކެއް ނޫން.. ދެން ދެމީހުން އަޅާކިޔުން ހުއްޓަމާ.. މީ އިކާގެ ދިރިއުޅުން.. އިކާއަށް އެނގޭނީ ކަންތައް ކުރާނެ ގޮތެއް..” ލީން އެވާހަކަ ނިމުމަކަށް ގެނައުމުން އައިކާ ލީންއަށް ބަލާލީ ތިދެއްކީ މުޅިންވެސް ރަނގަޅު ވާހަކައޭ ބުނާފަދަ ގޮތަކަށެވެ.

“އެކަމަކު އަހަރެން މާޒްދެކެ ލޯތްބެއްނުވޭ.. ލޯބިނުވާ މީހަކާ އެކީ ކިހިނެއް ދިރިއުޅޭނީ؟ އަހަރެން ލޯބިވަނީ ޔޫޝައުދެކެ.. އަހަރެން ކިހިނެއް ހަދާނީ؟ އާނއެކޭ ބުނާނީ ކާކަށް؟” އައިކާ ގޮތް ހުސްވެފައިވާ މީހެއް ފަދައިން ކަރުއެލުވާލަމުން ބުނެލިއެވެ.

“މާޒް ނުލާހިކު ރަނގަޅެއްނު.. އިކާދެކެ އެހާ ލޯބިވެސްވޭ.. އެހެންވީމަ މާޒްއާއެކު އުޅެން ފެށީމަ އޭނަދެކެ ލޯބިވުން އެއީ މާބޮޑު ކަމަކަށް ނުވާނެ.. އަހަރެން ބޭނުމެއްނޫން މިކަހަލަ ވާހަކަ ދައްކައިގެން އިކާގެ ވިސްނުމާ ކުޅޭކަށް.. އަހަރެން ބޭނުންވަނީ އިކާ އުފަލުގަ އުޅެން.. އެހެންވެ މިހެން މި ކިޔުނީ.. ޔޫޝައުގެ ގޮތް ނޭނގޭތީވެ..” ލީން އެހެން ބުނެލުމުން އައިކާ އަނެއްކާވެސް ލީންއަށް ބަލާލީ އޭނާ ހަދާނީ ކިހިނެއްހޭ އަހާލާފަދަ ގޮތަކަށެވެ.

“އިކާގެ ހިތް ބުނާ ގޮތެއް ހެދީމަ ރަނގަޅުވާނެ..” ލީން ހިނިތުންވެލަމުން ބުނެލިއެވެ.

“އެހެންވީމަ ޔެސް ބުނަންވީ ދޯ؟” އައިކާ އެހެން އަހާލުމުން ލީން ބޯޖަހާލިއެވެ.

“އިރާދަކުރެއްވިއްޔާ ޔޫޝައުވެސް ގޯސް މީހަކަށް ނުވާނެ.. އަހަރެން ދުޢާވެސް ކުރާނަން އިކާއަށް ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް ލިބޭތޯ..” ލީން ހިނިތުންވެލަމުން އެހެން ބުނެލުމުން އައިކާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލީއެވެ. ލީންގެ ގައިގައި ބައްދާލަމުން “ތޭންކް ޔޫ”އޭ ބުނެލިއެވެ.

ލީން ގާތު ބުނެގެން އައިކާ ލިހާމްގެ ނަންބަރު ހޯދިއެވެ. އަދި ލީން ދިޔުމުން އައިކާ ލިހާމްއަށް ގުޅައި ޔޫޝައުގެ ނަންބަރު ހޯދިއެވެ. ޔޫޝައުއަށް ގުޅާލިއިރު އައިކާގެ އަތްފައި ފިނިވެގެން ގޮސް ހީވަނީ ގަނޑުފެންކޮޅެއްހެންނެވެ. އެއްފަހަރު ގުޅުމުން ޔޫޝައު ފޯނެއް ނުނެގިއެވެ. ނުދަންނަ ނަންބަރަކުން ގުޅުމުން ނުނެގީކަމަށް ހީވެފައި އައިކާ އެއީ އައިކާކަން އެނގޭނެހެން މެސެޖެއް ލިޔެ ޔޫޝައުއަށް ފޮނުވާލިއެވެ. އިރުކޮޅެއްނުވެ ޔޫޝައުގެ ނަންބަރުން ގުޅިއެވެ. އެއާއެކު އޭނާގެ ހިތް ތެޅިގަތެވެ. ފޯނު ނެގިއިރު އޭނާގެ އަތުގައިވެސް މަޑު ތުރުތުރެއް ހުއްޓެވެ.

“ހެލޯ! އައިކާތަ؟” ޔޫޝައު ފޯނު ނަގާފައި ސުވާލުކޮށްލުމުން އައިކާ ހޫމްއެކޭ ބުނެލިއެވެ.

“ކިހިނެއްވީ ގުޅާލީ؟”

“މިއަދު ހަވީރު ހަތަރު ގަޑި ބައިގަ އިއްޔެ ބައްދަލުވި ތަނުން ބައްދަލުކޮށްލެވިދާނެތަ؟” އައިކާ ޖެހިލުންވެ ހުރެ އަހާލިއެވެ. އޭނާގެ އަޑުގައިވި ތުރުތުރުލުން ޔޫޝައުއަށް ފާހަގަކުރެވުނެވެ. އެކަމާ އޭނާ ގާތަށް ކުޑަކޮށް ހިނިއަންނަގޮތް ވީނަމަވެސް އޭނާ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވިއެވެ.

“މައްސަލައެއް ނެތް.. ބަރާބަރު ހަތަރު ގަޑި ބައިގަ އަހަރެން ހުންނާނީ އެތާ..” ޔޫޝައު އެހެން ބުނެލުމުން އައިކާ ހޫމް އަޅުވާލުމަށްފަހު ފޯނު ބޭއްވީ އިތުރަށް ވާހަކަދައްކަން އޭނާއަށް އުނދަގޫވުމުންނެވެ.

ހަވީރުގެ ވަގުތެވެ. އައިކާ ތައްޔާރުވަމުން ދިޔައީ ޔޫޝައުއާ ބައްދަލުކުރަން އަތިރިމައްޗަށް ދާށެވެ. އަލަށް ކުރިމަތިލާ މި އިމްތިހާނުގެ ސަބަބުން އޭނާގެ ހިތްވަނީ ހާސްވެފައެވެ. ޔޫޝައުއާއި ފޯނުން ވާހަކަދެއްކިއިރު ވީވަރު ހިތަށް އެރުމުން އޭނާ އިތުރަށް ހާސްވާގޮތްވިއެވެ. އަދި ޔޫޝައުގެ ކުރިމަތީގައި ހުރެ ވާހަކަދައްކަން ޖެހުމުން ކިހާވަރެއް ވާނެބާއޭ އޭނާގެ ހިތަށް އެރިއެވެ. އަނެއްކާ ޔޫޝައު ގާތުގައި އާނއެކޭ ބުނާނެހާ ހިތްވަރު އޭނާއަށް ލިބޭނެބާއޭ އޭނާގެ ހިތަށް އެރިއެވެ.

“ދަރިފުޅާ! ކޮންތާކަށް ތިދަނީ؟” އައިކާ ތައްޔާރުވެގެން ނުކުތްތަނާ ސަނާ ސުވާލުކޮށްލިއެވެ.

“މިދަނީ އަތިރިމައްޗަށް ފިނިކޮށްލަން.. އަންނާނަން އެހާ ލަސްނުވެ..” އައިކާ އެހެން ބުނެލުމުން ސަނާ އެންމެ ރަނގަޅޭ ބުނެލިއެވެ. ސަނާގެ ހުއްދަ ލިބުމުން އައިކާ ދިޔައީ ހަތަރު ގަޑި ފަނަރަ ހިނގާފައިވާތަން ފެނުމުންނެވެ. އައިކާ އާދައިގެ ހިނގުމެއްގައި އަތިރިމައްޗަށް ފޭބިއިރު ޔޫޝައު އަދި ނާދެއެވެ. އޭނާއަށް މި އާދެވުނީ މާ އަވަހަށްތާއޭ ހިތަށްއަރައި ގަޑި ބަލާލިއިރު ހަތަރު ގަޑި ފަންސަވީހެވެ. އޭނާ އެތާނގައި އޮތް ރުއްބުޑެއްގައި ޖައްސާލައިގެން ފޯނަށް ނަޒަރު ހުއްޓާލައިގެން އިނީ ހަތަރު ގަޑި ބައިވާނެ އިރަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ. އިންތިޒާރުގެ ވަގުތަކީ ހާދަހާ ދިގު ވަގުތެކޭ އޭނާގެ ހިތަށް އެރިއެވެ. ފަސް މިނެޓުވެސް އައިކާއަށް ހީވީ ފަސް ގަޑިއިރުހެންނެވެ.

ކެތްތެރިކަމެއްނެތި ކޮޅުކޮޅަށް ނަޒަރު ހިންގަމުން ދަނިކޮށް ތަންކޮޅެއް ދުރުގައި، ފޯނެއްގައި ހުރި ޔޫޝައު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއް ކަންފަތުގައި ފޯނު ޖަހާލައިގެން އަނެއް އަތް ފަޓުލޫނުގެ ޖީބަށް ޖަހާލައިގެން، ހިނިތުންވެ ހުރެ އޭނާ އިން ދިމާއަށް އަންނަ ޔޫޝައު ފެނުމުން އޭނާގެ ހިތް އަވަސްވިއެވެ. ޔޫޝައު ފެންނައިރަށް އެ ވާގޮތަކުން އައިކާ ހައިރާންވެއެވެ. ދުވަހަކުވެސް އެހެން މީހަކު ފެނިގެން އެފަދަ ގޮތެއް ނުވެއެވެ. ނަމަވެސް ޔޫޝައު ފެންނައިރަށް އެހެން ވާންވީ ޔޫޝައުއަށް ވަކި ޚާއްސަ ކޮން ސިފައެއް ލިބިގެންބާއޭވެސް އޭނާގެ ހިތަށްއަރައެވެ. އައިކާއާއި ފުދޭވަރަކަށް ކައިރިއަށް އާދެވުމުން، ފަހުން ގުޅާނަމޭ ބުނެފައި ޔޫޝައު ފޯނު ބޭއްވިއެވެ. އަދި އައިސް އައިކާ އިށީނދެގެން އިން ރުއްބުޑުގެ އަނެއްކޮޅުގައި ތަންކޮޅެއް ދުރުގައި އިށީނެވެ.

“ކިހިނެއް؟” ހިތްހެޔޮ ހިނިތުންވުމަކާއިއެކު ޔޫޝައު އަހާލިއެވެ.

“ރަނގަޅު.. ޔޫޝައު ކިހިނެއް؟” ރަކި ގޮތަކަށް ހީލަމުން އައިކާ އަހާލިއެވެ.

“ހަމަ ވަރަށް ރަނގަޅު.. ކީއްކުރަން ބައްދަލުކޮށްލަން ބުނީ؟ ޖަވާބު ދޭންތަ؟” ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ.

“ކޮބާ ޖަވާބަކީ؟” ޔޫޝައު އެހެން އަހާލިއިރު ހިތުގެ ކަނަކުން އުފާވެރިކަމުގެ ރަނގަބީލު ޖެހެމުން ދިޔައެވެ. އައިކާ އަމިއްލައަށް ގުޅާފައި ބައްދަލުކުރަން އެދުމުން އޭނާގެ އެދުން ފުރިހަމަވަނީކަމުގެ ފެހި ސިގުނަލެއް ލިބުނީކަމުގައި ޔޫޝައުއަށް ޤަބޫލުކުރެވުނެވެ. ނަމަވެސް އޭނާ އުއްމީދުކުރި ގޮތަށް ނުވެދާނެތީ ކުޑަކޮށް ނުތަނަވަސްވެސްވެއެވެ.

“އަހަރެން އެއްބަސް..” އައިކާ އެހެން ބުނެލުމުން ޔޫޝައުއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

“އެކަމަކު އަހަރެން ދައްކަން ޖެހޭ ވަރަށް ބޮޑު ވާހަކައެއް އެބައޮތް.. ފަހަރެއްގަ މީ އައިކާ އުއްމީދުކުރާ ކަހަލަ ވާހަކައަކަށް ނުވެދާނެ.. އަހަރެން އެއްވެސް ކަމެއް ސިއްރުކޮށްގެން އައިކާ އަހަރެންގެ ޙައްޤަކަށް ހަދާކަށް ބޭނުމެއްނުވޭ.. އެހެންވެ މިބުނަނީ..” ޔޫޝައު އެހެން ބުނެލުމުން އައިކާ ކުޑަކޮށް ހިތް ނުތަނަވަސްވިއެވެ.

“ކޮން ވާހަކައެއް؟”

 

“އައިމް މެރީޑް.. އަހަރެން އައިކާއާ އިންނަން ބޭނުންވަނީ ދެއަނތްބަށް.. މިގޮތް އައިކާއަށް ކަމުނުދަންޏާ ނޫނެކޭ ބުންޏަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. ކޮންމެ ގޮތެއް ވިޔަސް އަހަރެންނަކަށް ލަމް ދޫކޮށެއް ނުލެވޭނެ.. އަހަރެން މިހެން ބުނީމަ އައިކާއަށް ހީވެދާނެ އަހަރެން މިއުޅެނީ ގޯސް ނިޔަތެއްގައޭ.. އެކަމް އެހެން ހީނުކުރައްޗޭ.. އަހަރެންގެ އެއްވެސް ގޯސް ނިޔަތެއް ނެތް.. އަހަރެން އައިކާއަށް ލޯބި ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެން..” ޔޫޝައު އޭނާގެ ވާހަކަ ނިންމާލަމުން އައިކާއަށް ބަލާލިއެވެ. އައިކާ ފުން ވިސްނުމެއްގައި އިނުމުން ޔޫޝައުގެ ހިތަށް ތަފާތު ގޮތެއްވިއެވެ. އައިކާއަށް އެހާ އެދިއެދި ހުއްޓާ ލިބިފައި ހަމަ އެވަގުތުގައި އަތުން ބީވަނީބާއޭ އޭނާގެ ހިތަށްއެރިއެވެ.

“އަހަރެން ޤަބޫލު.. ދެއަނތްބަށް އިންނަން ޖެހުނަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. ކޯޒް އައި ލަވް ޔޫ..” އައިކާ އެހެން ބުނެލުމުން ޔޫޝައުއަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނާގެ އުނގަށް ބަންޑުންވިހެންނެވެ.

“އައި ލަވް ޔޫ ޓޫ..” ޔޫޝައު އުފަލުން ފުރިފައި ހުރެ ބުނެލިއެވެ.

“ދެން އަހަރެން މިވަގުތު ދަނީ އިނގޭ.. މަންމަ މިހާރު އަހަރެން ހޯދާނެ..” އައިކާ އެހެން ބުނެފައި ދާން ހިނގައިގަތުމުން ޔޫޝައު އައިކާގެ އަތުގައި ހިފެހެއްޓިއެވެ.

“މަންމަމެން ގާތު މިވާހަކަ އަވަހަށް ދައްކައްޗޭ.. ހުރިހާ ވާހަކައެއް ތެދަށް ކިޔައިދޭތި.. އޭރުން ފަހުން އެމީހުން ޝަކުވާކުރާނެ ޖާގައެއް ނޯންނާނީ..” ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. އައިކާ ގޮސް އޮބާލަންދެން ޔޫޝައު ބަލަހައްޓައިގެން ހުއްޓެވެ. އައިކާ ލޯމަތިން ގެއްލުމުން ޔޫޝައު ލަމްހާއަށް ގުޅާލިއެވެ. އަދި ލަމްހާ އެދުނު ފަދައިން އޭނާ އިތުރު ކައިވެންޏެއް ކުރުމަށް އަންހެންކުއްޖަކު ހޮވި ވާހަކަ ބުންޏެވެ. ލަމްހާ އުފަލުން އެކަމަށް މަރުޙަބާ ކިޔެވެ.

**********

މާޒް ހުރީ މިއަދު އޭނާއަށް ފެނުނު މަންޒަރުން ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. އައިކާ ޔޫޝައުއާ އެހާ ގާތްކޮށް ވާހަކަދައްކަން ހުރިތަން ފެނުމުން އޭނާގެ ހިތުގައި ހަސަދަވެރިކަމެއް އުފެދުނެވެ. ޔޫޝައުއާ އައިކާ ރަހުމަތްތެރިކަން ބާއްވާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. ޔޫޝައުގެ ރީތިކަމާއި މުއްސަނދިކަމުގެ ދަޅައިގައި އައިކާ ޖެހޭތަން ބަލާކަށް އޭނާއަކަށް މަޑަކުން ނުހުރެވޭނެއެވެ. ޔޫޝައު އައިކާއާ އިނދެގެން މާލެ ގެންގޮސްފައި ހަދާލާނެ ގޮތެއްވެސް ނޭނގެއެވެ. މިފަދަ ނުބައި ޚިޔާލުތައް ވެރިވުމުން އޭނާގެ ހިތް އެދުނީ އައިކާއަށް ގުޅުމަށެވެ. އަދި އަނެއްކާވެސް ލޯބި ހުށަހަޅައި އެލޯބި ޤަބޫލުކުރުމަށް އެދި އާދޭސްކުރުމަށެވެ. މީހުންގެ ނަޒަރުގައި އޭނާއަކީ ފިނޑިއަކަށް ވީނަމަވެސްވެހެވެ.

މާޒް އައިކާއަށް ގުޅާލިއިރު އައިކާ ހުރީ ކޯލް ވެއިޓިންގައެވެ. ފަނަރަ ވަރަކަށް މިނެޓް މަޑުކުރުމަށްފަހު އަނެއްކާވެސް ގުޅާލިއެވެ. އޭރުވެސް އައިކާގެ ފޯނަކަށް ނުގުޅެއެވެ. އެހެންކަމުން މާޒްގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގާލިއެވެ. އައިކާ އެހާ ގިނައިރު ގުޅައިގެން އެހުރީ ކާކާބާއެވެ. އަނެއްކާ އޭނާ އައިކާގެ އިންތިޒާރުގައި ހުއްޓާ އައިކާ ލޯބިވެރިޔަކު ހޯދީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ކޮންމެ ގޮތެއްވިޔަސް އައިކާ ވާން ޖެހޭނީ މާޒްގެ މީހަކަށެވެ. އައިކާ ގުޅައިގެން އެހުރީ ލީންއަށެވެ. މާޒް އޭނާގެ ހިތަށް ވިސްނައިދިނެވެ. ގަޑިއިރެއް ކޮށްފައި މާޒް ވަރަށް އުއްމީދާއިއެކު އައިކާއަށް ގުޅާލިއެވެ. މިފަހަރު ނަސީބަކުން އައިކާ ފޯނު ނެގިއެވެ.

“މާޒް! އައިމް އިން ލަވް..” މާޒްއަށް އެއްވެސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އައިކާ އެހެން ބުނެލުމުން މާޒްއަށް ހީވީ އުދުއްސައިގަނެވުނުހެންނެވެ. އެވަރުގެ އުފަލެއް ދުވަހަކުވެސް އޭނާއަށް ލިބުނުކަމެއް ނޭނގެއެވެ. އުފަލުން ވާހަކަވެސް ނުދެއްކިފައި ހުއްޓާ އައިކާ އެދުނީ ހަމަ އެވަގުތު އައިކާގެ ގެއިން މާޒް އޭނާއާ ބައްދަލުކޮށްލުމަށެވެ.

މާޒް އުފަލުން ފޮޅިފައި ހުރެ އައިކާގެ ގެއަށް ދިޔައީ އޭނާ ކުރި ދިގު އިންތިޒާރަށް ނިމުމެއް އައީތީއެވެ. ނަމަވެސް ކުރިމަތިވާން މިއުޅޭ ވަރުގަދަ ތޫފާނުގައި އޭނާގެ ހުރިހާ ހުވަފެނެއް ވިއްސިވިހާލިވެދާނެކަން އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ ދިޔައިރު އައިކާ އުނދޯލީގައި އިނީ މާޒްގެ އިންތިޒާރުގައިހެން ހީވެއެވެ. މާޒް ފެނުމާއެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް މާޒްގެ ގައިގައި ބައްދައިގަތެވެ. މާޒް ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ނޫންކަމުން އޭނާ ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ. އައިކާ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ލޯބިވެވުނު ވާހަކައެވެ. މާޒްވެސް އައިކާގެ ހަށިގަނޑު ވަށާލީ ލިބިފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ.

“އަހަރެން ވަރަށް އުފާވެއްޖެ އިކާ އަހަރެންގެ ލޯބި ޤަބޫލުކުރީމަ.. މިހުރިހާ ދުވަހު އަހަރެން ތަޅުވަންވެގެން ދޯ ނުބުނެ ހުރީ؟” މާޒް އެހެން ބުނެލުމާއެކު އައިކާއަށް ކުއްލިއަކަށް މާޒްގެ ގައިން ދޫކޮށްލެވުނެވެ. ކުއްލިއަކަށް އައިކާ އޭނާއާ ދުރުވެލުމުން މާޒް ހީކުރީ އައިކާ ލަދުގަތީ ކަމަށެވެ. އައިކާ މާޒްގެ މޫނަށް ފުންކޮށް ބަލާލިއެވެ. މާޒްގެ މޫނުމަތިން ފެނުނު އުޖާލާ ކަމަކުން އައިކާއަށް ވީގޮތް ސާފުވިއެވެ. މާޒް އެ ހީކުރީ އޭނާ މާޒްދެކެ ލޯބިވާ ވާހަކަ ބުނީކަމަށްތާއޭ އައިކާގެ ހިތަށްއެރުމުން ތިރީ ތުންފަތުގައި ދައިގަންނަމުން މާޒްއަށް ފުރަގަސް ދިނެވެ. ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ މާޒް ގާތުގައި އެވާހަކަ ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އޭނާގެ އެ އުފާވެރިކަން މާޒްއާ ހިއްސާކުރުމަށް ގުޅުނުކަން އެއީ އޭނާގެ މޮޔަކަމެވެ. އެކަމުގެ ސަބަބުން މާޒްގެ ހިތް ހަލާކުވާނެކަން ނުވިސްނުނުކަން އެއީ އޭނާގެ ކުށެވެ.

“ކާކު ބުނީ އަހަރެން މާޒްދެކެ ލޯބިވާ ވާހަކަ؟” އައިކާ ވަރަށް ހިތްވަރުކޮށްފައި އޭނާ ދައްކަން އުޅުނު ވާހަކަ ދައްކަން މަގު ކޮށަން ފެށިއެވެ.

“އިކާ އަދިވެސް ބޭނުންވަނީ އަހަރެން ތަޅުވަންތަ؟ އިކާއެއްނު ބުނީ ލޯބިވެވިއްޖޭ.. ދެން ތި ސަމާސާ ހުއްޓާލާފަ ރީތިކޮށް ބުނެބަލަ..” މާޒް ހިތްއަވަސްވެފައި އެހެން ބުނެލުމުން އައިކާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ.

“މާޒް! އައިމް ވެރީ ސޮރީ.. އަހަރެން ނުބުނަން މާޒްދެކެ ލޯބިވާ ވާހަކައެއް.. މާޒްއަށް އެހެން ހީކުރެވުނުނަމަ އެއީ ކުށްހީއެއް.. އާނ.. އަހަރެންނަށްވެސް ލޯބިވެވިއްޖެ.. އެކަމަކު އެއީ މާޒްދެކެއެއް ނޫން.. ޔޫޝައުދެކެ..” އައިކާ އެހެން ބުނެލުމުން ސިހިފައި މާޒްއަށް އައިކާއަށް ބަލާލެވުނެވެ. ނަމަވެސް ފުރަގަސްދީގެން ހުރުމުން މާޒްއަށް އައިކާގެ މޫނުގައިވާ އަސަރެއް ނުފެނެއެވެ. އެހެންކަމުން އޭނާ ހީކުރީ އައިކާ އޭނާ ތަޅުވަންވެގެން ސަމާސާއެއް ކުރަނީ ކަމަށެވެ. އެހެންކަމުން އޭނާ އައިކާގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ.

“އިކާ! ތީ ކޮންކަހަލަ ސަމާސާއެއް؟ ތިކަހަލަ ސަމާސާ ނުކުރޭ.. ދެން ތެދަށް ބުނޭ އަހަރެންދެކެ ލޯބިވަމޭ..” މާޒް އައިކާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުނެލިއެވެ. އައިކާ މާޒްގެ ދެއަތް އޭނާގެ ކޮނޑުން ނައްޓާލަމުން އަނެއްކާވެސް މާޒްއަށް ފުރަގަސްދިނީ މާޒްއާ ކުރިމަތިލައިގެން ހުރެ އޭނާއަށް އެވާހަކަ ދައްކަން ފަސޭހަ ނުވާތީއެވެ.

“ނޫން މާޒް.. މީ ސަމާސާއެއް ނޫން.. މީ ހަމަ ހަޤީޤަތެއް.. އަހަރެންނަށް ޔޫޝައުދެކެ ލޯބިވެވިއްޖެ.. އަހަރެންނަކަށް ނޭނގެ ނުވެސް ދަންނަ މީހެއްދެކެ ލޯބިވެވުނީ ކީއްވެކަމެއް؟ އެކަމަކު އަހަރެންނަށް އެނގޭހާވެސް އެއްޗަކީ އަހަރެންނަށް އޭނަދެކެ ލޯބިވެވިއްޖެކަން.. ސޮރީ މާޒް..” އައިކާ މޭގައި އަތް އަޅާލަމުން ބުނެލިއެވެ. މާޒްގެ ހިތަށް ކުރާނެ އަސަރު އޭނާއަށްވެސް ވަޒަން ކުރެވެއެވެ. ލޯބިވާ މީހެއްގެ ދުލުން އެހެން މީހެއްދެކެ ލޯބިވާ ވާހަކަ ބުނުމަކީ ވަރަށް ވޭންދެނިވި ކަމެއްކަމުގައި އޭނާ އަހާ ވާހަކަތަކުން އެނގެއެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު މާޒްގެ އެއްވެސް ޚަބަރެއް ނުވުމުން އައިކާ ފަސްއެނބުރި ބަލާލިއެވެ. ނަމަވެސް އޭރު މާޒް ފެންނަންވެސް ނެތެވެ. އެހާ އަވަހަށް މާޒް އެދިޔައީ ކޮންތާކަށްބާއޭ އައިކާގެ ހިތަށްއެރިއެވެ.

މާޒްގެ މިސްރާބު ހުރީ ރަށުގެ އަތިރިމައްޗާއި ދިމާއަށެވެ. އެއްވެސް ވަރެއް ނެތް މީހެއް ފަދައިން ހިނގަމުން ދިޔައިރު މަދުމަދުން މަގުން މީހުން ފެނިލިޔަސް އެއިން މީހަކަށް ސަމާލުކަން ދެވޭވަރަށްވުރެ އޭނާގެ ހާލު މާބޮޑެވެ. އެތައް ދުވަހެއްގެ އިންތިޒާރު ފެނަށް ވެގެން އެދިޔައީ ހާދަ ހިތްދަތި ގޮތަކަށެވެ. އެހާ އުއްމީދާއިއެކު އުފަލުން ގޮސްފައި އެނބުރި އަންނަން މިޖެހުނީ ހުސްއަތާއެވެ. ކުދިކުދިވެފައިވާ ހިތަކައިގެންނެވެ. މާޒް އަތިރިމައްޗަށް ފޭބިއިރު ޖެހެމުން ދިޔަ ވައި ބާރުވަމުން ދިޔައެވެ. ވިއްސާރައިގެ އިންޒާރުދެމުން ދިޔަނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާއަށް ދޮންވެލިގަނޑުގެ މައްޗަށް ވެއްޓިގަނެވުނެވެ.

“ކީއްވެ؟ ކީއްވެ އަހަރެން މިހާ ބަދުނަސީބުވީ؟ އަހަރެންގެ އުމުރުން މިވީ ފަންސަވީސް އަހަރުތެރޭ ލޯބިވެވުނު ހަމައެކަނި ކުއްޖާ ހާސިލްނުވީ ކީއްވެ؟ އިކާ އެވަރަށް އަހަރެން އިގްނޯރ ކުރިއިރުވެސް އަހަރެންނަށް އެހެން ކުއްޖަކުދެކެ ލޯބިނުވެވުނީ ކީއްވެ؟ މިއީތަ ލޯތްބަކީ؟ ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗަކީތަ؟ އަހަރެންގެ ތަޤުދީރުގަ ލޯބި ލިބުން ލިޔެވިފަ ނުވަނީތަ؟ ސޯޅަ އަހަރު ވަންދެން ކައިރީގަ އުޅުނުއިރު އަހަރެންދެކެ ލޯބި ނުވެވުނުއިރު ދެތިން މަސް ކުރިން ފެނުނު މީހެއްދެކެ އިކާއަށް ލޯބިވެވުނީ ކީއްވެ؟” މާޒް އޭނާގެ ހިތުގައިވާ ޝަކުވާތައް ބޭރުކޮށްލިއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ކަރުނަތައް އޮހެން ފެށީ އެއްވެސް އިޚްތިޔާރަކާނުލައެވެ.

“ޝަކުވާ ހިތާ ކުރީމޭ ނަސީބެއް ނެތުނީމާ، ތަޤުދީރުގާ އަހަންނަށް މިހެން ދިމާވީމާ

ގޮތް ހުސްވެގެން ދަނީއޭ އެކަނިކޮށްލީމާ، ދެރަވޭ އަދު މަ ބާކީވާން ވީމާ

ހީވޭ ބެދޭހެން ދާންވީ ދިމާ، ވީމޭ މިދުނިޔޭން މާޔޫސްވެފާ

ލޯބީގެ ތަރިތައް ވީ އޮއްސިފާ، ލޯބީގެ މަންޒިލް ވީ ގެއްލިފާ

ބޭނުންވެޔޭ ހިތް ލޯތްބާ އުފާ”

އެވަގުތު ގަދަ ވަޔާއެކު ބޮޑުތިކި ވާރޭ އޮއްސާލީ މާޒްގެ ހިތާމައިގައި ބައިވެރިވާ ފަދައަކުންނެވެ. ބޯ ވާރޭގައި ތެމި ފޯވަމުން ދިޔަނަމަވެސް މާޒްއަކަށް މާބޮޑު އަސަރެއް ކުރާހެނެއް ހިއެއްނުވެއެވެ. އޭނާ ބޭނުންވަނީ އެވާރޭގެ ފިނިން ހިތުގައިވާ ދިލަ ހޫނަށް ފިނިކަމެއް ހޯދާށެވެ. އެތައްއިރަކު މާޒް ރޯން އިނެވެ. އޭނާގެ މާމަ ނިޔާވިފަހުން މިގޮތަށް ކަރުނަ އަޅާ ރުއި ހަނދާނެއް އޭނާ ނުވެއެވެ. ނަމަވެސް މިއަދު ލޯބީގައި އޭނާ ބަލިކަށިވެއްޖެއެވެ. އެތައްއިރަކު އޭނާގެ ނަސީބާއިމެދު ހިތާމަކުރަން އިނުމަށްފަހު މާޒް ތެދުވިއެވެ. އޭރު މާގިނައިން ރޮވުމުގެ ސަބަބުން އޭނާގެ ލޮލުގައި މަޑު ރިހުމެއްވިއެވެ. އޭނާއަށް ހަމަބިމަށް އާދެވިއްޖެއެވެ. މިއީ އޭނާއަށް މިންވަރު ކުރެއްވި ގޮތެވެ. އޭނާ ޖެހޭނީ މިކަމާ ކެތްތެރިވެ މިންވަރަށް އީމާންވާށެވެ. އޭނާގެ ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. އިރާދަކުރެއްވިއްޔާ ދެން އޭނާ އައިކާއަށްޓަކައި އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލާނެއެވެ.

“އަހަރެން ރޯންވީ ކީއްވެ؟ އިކާއަކީ އަހަރެންގެ އުފާ.. އިކާ އުފަލުގަ ހުރިއްޔާ އަހަރެން ހުންނާނީ އުފަލުން.. އިކާއަށް ޔޫޝައުއާއެކު ނަމަވެސް އުފާވެރި ދިރިއުޅުމެއް ލިބެނިކޮށް އަހަރެންނަށް ނިމުނީ.. އަހަރެން އެކަމަށް ދުޢާވެސް ކުރާނަން..” މާޒް ގެއަށް ދިއުމަށް ހިނގައިގަތްއިރުވެސް ވާރޭ ތުނިކޮށްލާކަށް ނޫޅެއެވެ. ހީވާ ގޮތުން އަވަހަކަށް ނުވެސް ހުއްޓާނެއެވެ. އަނެއްކޮޅުން ޖެހެމުންދާ ގަދަ ވައިން ހީވަނީ ގަސްތައްވެސް މުލުން ލުހެލަފާނެހެންނެވެ. ނަމަވެސް މާޒްގެ ހިތަކަށް ކުޑަވެސް ބިރުވެރިކަމެއް ނުވަދެއެވެ. އެ އަނދިރި މަގުން ގޮސް އައިކާމެން ގޭ މަގަށް އެޅީ އެގޭ ކައިރީގައި ސައިކަލު ބެހެއްޓިކަން ހަނދާންވުމުންނެވެ. މާޒް ގޮސް ސައިކަލަށް އަރައިގެން ގެޔާއި ދިމާއަށް ދުއްވާލިއެވެ.

ރަމްޒިއްޔާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ މާޒްގެ ޚަބަރެއް ނުވެގެންނެވެ. މާޒްއަށް ގުޅާ ގުޅާވެސް ގުޅޭގޮތެއް ނުވިއެވެ. ނަމަވެސް ފިހާރައަށް އައި މީހަކު، އައިކާމެންގޭ ދޮރުމަތީ މާޒްގެ ސައިކަލު ހުރި ވާހަކަ ބުނުމުން ހިތްހަމަޖައްސާލައިގެން ހުރީއެވެ. ނަމަވެސް މާޒްއަކީ ދުވަހަކުވެސް ރޭގަނޑު އެގާރައިގެ ފަހުން ގެއިން ބޭރުގައި އުޅުނު މީހެއް ނޫނެވެ. އެހެންކަމުން މިރޭ މާ ލަސްވުމުން ރަމްޒިއްޔާ ކަންބޮޑުވީއެވެ.

“ދަރިފުޅު ކޮންތާކުން ތިއައީ؟ މަންމަ މިހާރު ކަންބޮޑުވެގެން އުޅޭތާ ކޮންއިރެއް؟ ކިހިނެއްވީ ވާރޭ ތެމިގެން ތިއައީ؟ ދަރިފުޅަށް އެނގެއެއްނު ވާރޭ ތެމުނީމަ ދަރިފުޅު އަބަދުވެސް ރޯގާ ޖެހޭކަން.. ދެން ކީއްވެ؟” މާޒް އައިސް ގެއަށް ވަނުމާއެކު ރަމްޒިއްޔާ އެއްފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. މާޒް އެއްޗެކޭ ނުބުނެ ހުރީ އޭނާގެ ކެތްތެރިކަން ކޮޅުންލައި ހިތުގެ އުދާސްތައް ބޭރުކޮށްލެވިދާނެތީއެވެ. އޭނާއަށް ދެރައެއް ލިބިއްޖެކަން އެނގިއްޖެނަމަ އޭނާގެ މަންމަ އިންތިހާއަށް ދެރަވާނެއެވެ. އެހެން ވާކަށް އޭނާ ނޭދެއެވެ.

“މަންމާ! އަހަރެން މިދަނީ އެއްޗެހި ބަދަލުކުރަން..” މާޒް އެހެން ބުނެލުމަށްފަހު މަޑުވެސްކޮށްނުލާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

**********

“އަހަރެންނަށް މި ކުރެވުނީ ކީއް؟ ކީއްވެތަ އެޚަބަރު ދޭން މާޒްއަށް ގުޅުނީ؟ އޭނަ ހާދަ ދެރަވާނެޔޭ.. އޭނަ އެހާ އުއްމީދުގަ އެހާ އުފަލުން އައިމަ.. އަހަރެންނަށް ކީއްވެތަ މާޒްއަށް އުއްމީދު އާވާ ކަހަލަ ވާހަކަތަކެއް ދެއްކުނީ؟ ކީއްވެތަ؟” އައިކާ އޭނާގެ ކޮޓަރީގައި އޮވެ އޭނާއަށް ކުރެވުނު ކަންތަކާއިމެދު އަމިއްލަ ނަފްސަށް އަޑުލަމުން ދިޔައެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވުމުން ބަލާލިއިރު ޔޫޝައުއެވެ. އޭނާ ހަމަޖެހިލަމުން ފޯނު ނެގިއެވެ.

“ކީއްކޮށްލަނީ؟” ޔޫޝައު އަހާލިއެވެ.

“ހަމަ އޮތީ.. ދެން ނިދަންވީ..” އައިކާ ކުޑަކޮށް ލަދުން ހުރެ ބުނެލިއެވެ.

“އެހެންތަ؟ އަހަރެން މިއޮތީ ނުނިދިފަ..” ޔޫޝައު އެހެން ބުނެލުމުން އައިކާ ކުޑަކޮށް ހައިރާންވެފައި އެއީ ކީއްވެތޯ އަހާލިއެވެ.

“ފިނިވީމަ..”

“ފިނިވީމަ ނިދަން ފަސޭހައެއް ނޫންތަ ވާނީ؟” އައިކާ އެހެން ބުނެލުމުން ޔޫޝައު ކުޑަކޮށް ހީލިއެވެ.

“ކުޑަކުދިންނަކަށް ނުވިސްނޭނެ..”

“ދެން..” އައިކާ ތުއިވެލިއެވެ. ދެމީހުން އިރުކޮޅަކު ވާހަކަދައްކާލަން ތިބެފައި އައިކާ ނިދިއައި ވާހަކަ ބުނުމުން ރޭގަނޑުގެ ސަލާމް ކޮށްލުމަށްފަހު ޔޫޝައު ފޯނު ބޭއްވިއެވެ.

**********

“މަންސޫރު! އަހަރެންނަށް ހީވަނީ މާޒްއަށް ކޮންމެވެސް ކަމެއް ވެއްޖެހެން.. އެއީ ވާރެޔާ ނުލާހިކު ދުރު ކުއްޖެއް.. އަނެއްކޮޅުން އޭނަ ހުރިގޮތުންވެސް އަހަރެންނަށް ޔަޤީން ކޮންމެވެސް ކަމެއް ވެއްޖެކަން..” ނިދަން އޮށޯވެފައި ރަމްޒިއްޔާ ވާހަކަ ދެއްކީ ފިރިމީހާ މަންސޫރާއެވެ.

“އަހަރެންނަށްވެސް އެނގޭ ކަމެއް ވެއްޖެކަން.. އަހަރެންނަށް ފެންނަނީ މާދަމާ ރަމްޒިއްޔާ އެވާހަކަ ދައްކާލަން.. އަހަރެންނަށްވުރެ ރަމްޒިއްޔާ ގާތު އޭނަ ފަސޭހައިން ބުނާނެހެން ހީވަނީ..” މަންސޫރު ބުނެލިއެވެ.

“ތިހެން ހަދާތީއޭ މާޒް މަންސޫރުއާ ދުރުވަނީ.. ތިހެން ހަދާތީ އޭނައަށް ހީވަނީ މަންސޫރު އޭނަދެކެ ލޯބިނުވާހެން..” ރަމްޒިއްޔާ އެހެން ބުނެލުމުން މަންސޫރުއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

“އަސްލު އަހަރެންނަކަށް ނޭނގެ ވާގޮތެއް.. އެކަމަކު އަހަރެން ހިތަށްއަރަނީ މިހާރު މާޒްއަށް އަންގަންވީއޭ އަހަރެންނަކީ މާޒްގެ އަސްލު ބައްޕަ ނޫންކަން.. ހިތަށްއަރަނީ އެހެން މީހެއްގެ ފަރާތުން އޭނައަށް އެކަން އެނގިއްޖެއްޔާ އޭނަ އަހަރެމެންނާ ދޭތެރޭ ހިތް ގޯސްވާނެޔޭ.. އޭނައަށް މިހާ ދުވަސް ވަންދެން އެކަން ސިއްރުކުރީމަ.. އެކަމަކު އަހަރެމެން އޭނަ ގާތު އެވާހަކަ ދައްކައިފިއްޔާ އޭނައަށް އެކަން ޤަބޫލުކުރަން ފަސޭހަވާނެޔޭ.. ހިތްހަމަނުޖެހުނަސް ހިތް ސާފުކުރަން ފަސޭހަވާނެޔޭ..” މަންސޫރު އެހެން ބުނެލުމުން ރަމްޒިއްޔާއަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ.

“އެހެންވީމަ ތިބުނަނީ މަންސޫރު މާޒްއާ އެހާ ގާތްވެ ނޫޅެނީ އެކަން އެނގުނީމަ ވެދާނެގޮތް ހިތަށްއަރާފައޭތަ؟” ރަމްޒިއްޔާ އެހެން ބުނެލުމުން މަންސޫރު ބޯޖަހާލިއެވެ.

“އެކަމަކު ތީ އަދި ރަނގަޅު ގޮތެއް ނޫންހެން އަހަރެންނަށް ހީވަނީ.. މަންސޫރު މާޒްދެކެ ވަރަށް ލޯބިވަމެއްނު ދޯ؟ އެހެންވީމަ މިހާރު ތިހެން ހެދީމަ ފަހަރެއްގަ މާޒްގެ ހިތުގަ އޮތްގޮތް ބަދަލުވެދާނެ.. އެކަމަކު އެލޯބި ހާމަކޮށްދެންޏާ ކޮންމެފަދަ ހަޤީޤަތެއް އެނގުނަސް އެލޯބި އޭނަވެސް ވާނެ..” ރަމްޒިއްޔާގެ ވާހަކައަށް މަންސޫރަށްވެސް އެއްބަސްވެވުނެވެ.

“އަހަރެން މާދަމާ މާޒްއާ ވާހަކަދައްކާނަން.. އެންމެ ރަނގަޅެއްނު..”

“ހޫމް.. އަހަރެންނަށް ފެންނަނީ މާޒް ގާތު ބައްޕަގެ ވާހަކަދެއްކުން އިހަށް ފަސްކޮށްލަން..” ރަމްޒިއްޔާ އެހެން ބުނެލުމުން މަންސޫރު، އެންމެ ރަނގަޅޭ ބުނެލިއެވެ.

**********

“ލީން! އަހަރެންނަށް ވަރަށް ކަޑަ ކަމެއް ކުރެވިއްޖެ..” ހެނދުނު އައިކާ ލީންއަށް ގުޅާފައި ފުރަތަމަވެސް ބުނީ އެހެންނެވެ.

“އަނެއްކާ ކީއްކުރީ؟ ޔޫޝައުއާ..”

“ނޫން.. ތިކަހަލަ ކަމެއް ނޫން..” އައިކާ އެހެން ބުނެފައި ރޭގައި އޭނާއަށް ކުރެވުނު މޮޔަ ކަންތަކުގެ ވާހަކަ ކިޔައިދިނެވެ.

“ތިވީ ވަރަށް ދެރަ ކަމެއް.. އޭނަ ހާދަ ދެރަވާނެޔޭ.. އިކާ ކީއްވެތަ އެހެން ހެދީ؟” ލީން ކުޑަކޮށް ހިތްހަމަނުޖެހިފައި އިނދެ އަހާލިއެވެ.

“އަހަރެން ގަސްތުގައެއް ނޫން.. އަހަރެންނަށް ގުޅާފަ ބުނެވުނީ އެހެން.. އަހަރެންނަށް އަދިވެސް މާޒް ދެކެވެނީ ބެސްޓް ފްރެންޑްގެ ގޮތުގަ.. އެކަމް ރޭގަ ވީގޮތުން ދެން ނުކެރޭނެ މާޒް ކުރިމައްޗަށް ދާކަށްވެސް..” އައިކާވެސް އިނީ އޭނާއަށް ކުރެވުނު ކަންތަކާއިމެދު ދެރަވެފައެވެ.

“ދެން ވީކަމެއް ވީ.. އޭގެ މާނައަކީ އިކާ އުމުރު ދުވަހު މާޒްއަށް ފިލައިގެން އުޅޭށެކޭ ނޫން.. އަހަރެންނަށް ހީވަނީ މާޒް ކިތަންމެ ދެރަވިޔަސް އޭނައަށް އަންޑަސްޓޭންޑް ވާނެހެން.. އޭނައަށް އެނގެއެއްނު އިކާ އޭނައާ ދޭތެރޭ ދެކެނީ ހަމައެކަނި ބެސްޓް ފްރެންޑްގެ ގޮތުގަކަން..” ލީން ބެލީ އައިކާއަށް ވިސްނައިދެވޭތޯއެވެ.

“ހޫމް.. އެނގޭނެ.. އެކަމް އަހަރެން ވަރަށް ދެރަވި ރޭގަ އެހެން ހެދުނީމަ.. އަހަރެން ހިތަށްއެރި މާޒްއަށް ގުޅުނީ ކީއްވެބާއޭ އެވާހަކަ ބުނަން.. ދެން ނޭނގެ.. ކޮންމެ ގޮތެއްވިޔަސް ވަރަށް ބޮޑަށް އަމިއްލަ ނަފްސު ކުށްވެރިކުރެވިއްޖެ އެކަމާ ހެދި..” އައިކާ އަދިވެސް އިނީ ދެރަވެފައެވެ.

“ހޫމް.. ދެން ތި މޫޑް ރަނގަޅުކޮށްލަން ހިނގާބަލަ އިކާގެ ރާޖާގެ ވާހަކަ ދައްކަން.. އޭނަ ކިހިނެއްތަ؟” ލީން އެހެން އަހާލިގޮތުން އައިކާއަށް ހެވުނެވެ.

“ވަރަށް ރަނގަޅު.. ވަރަށް ސަޅި..”

“ދެން މިހާރު މަންމަމެން ގާތު އެވާހަކަ ދައްކައިފިންތަ؟” ލީން ސީރިއަސްވިއެވެ.

“ނޫނޭ.. އެކަމް ވަރަށް އަވަހަށް ދައްކާނަން.. ޔޫޝައުވެސް ބުނި ވީހާވެސް އަވަހަކަށް މަންމަމެންނާ ވާހަކަ ދައްކާށޭ.. އޭރުންނޯ އޭނަ ހިތްހަމަޖެހޭނީ.. މަންމަމެން ހިތްހަމަނުޖެހޭ ގޮތަށް އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއްނުވެޔޯ..” އައިކާ އެހެން ބުނެލުމުން ލީން ހީލިއެވެ.

“އެހެންތަ؟ ތިހެންވިއްޔާ އަހަރެންނަށް ހީވަނީ ޔޫޝައުއަކީ ވަރަށް ރަނގަޅު މީހެއްހެން.. އޭނަގެ ވާހަކަ ވަރަށް ރަނގަޅު.. ދެން ނޭނގެ ދޯ އެހެން ކަންކަން ހުރި ގޮތެއް.. އިރާދަކުރެއްވިއްޔާ އެކަންކަންވެސް ރަނގަޅުވާނެ..” ލީންގެ ވާހަކަތަކުން އައިކާ ވަރަށް ހިތްހަމަޖެހުނެވެ.

“ދެން ހަމައެކަނި ޔޫޝައުގެ ވާހަކަތަ ދައްކަނީ؟ ކޮބާތަ އެ ޒިޔާ؟ ބިޒީ މީހެއް އިނގޭ އެއީ.. އަހަރެންނަށް ހީވަނީ މެރީކޮށްގެން ފަސްޓް ނައިޓްގަވެސް އޭނަ މަސައްކަތައިގެން ބޭރަށް ދާން ޖެހޭނެ ކަންނޭނގެ..” އައިކާ މަޖާވެލާފައި ބުނެލިގޮތުން ލީންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ތެދެއް ތިބުނީ.. އެކަމް ދެން ރަނގަޅުތާ.. މިހާރު މިއުޅޭ ގިނަ މީހުންހެން ކަމެއްނެތި ބިތްޖެހިފަ ނުހުންނާތީ އޭނަ ކިހާ ހިތްހަމަޖެހިގެން އެއުޅެނީ.. ކުރަން ނޭނގޭ މަސައްކަތެއް ނޯވޭ.. ޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ.. އޭތި ކިހާ ސަޅި.. ނޫންތަ؟” ލީން އޭނާގެ ލޯބިވެރިޔާއަށް ތަޢުރީފުކުރިއެވެ.

“ނޫނޭ.. ވަރަށް ސަޅި.. އެންމެންނަކަށް ނުލިބޭނެތާ ދޯ ބޮޑެތި އޮފީސްތަކުގެ ގޮނޑީގަ ތިބޭކަށް.. އެހެންނޫނަސް ޙަރާމް ނޫން ކޮންމެ މަސައްކަތެއްވެސް ރަނގަޅުވާނެ ލާރި ލިބެންޏާ.. އަނެއްކޮޅުން ގިނަ މަސައްކަތް ކުރަން ދަންނަންޏާ ކިހާ ސަޅި ދޯ؟ އޯލް އިން ވަންއެއް ވީމަ..” އައިކާ އެހެން ބުނެލުމުން ލީންވެސް އެއްބައިވެލިއެވެ.

“އޭތް.. ތިއެއްނޫނޭ.. ކޮބައިތަ އެ ޔާން؟ ބުނީމެއްނު އައިސް އުޅޭ ވާހަކަ..” އައިކާ ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.

“އާނ.. އެބައުޅޭ.. އެސޮރުގެ ހިތްހަލާކުވެގެން އުޅެނީ.. ލޯބިވާ ކުއްޖާ ގާތު ނުބުނެވިގެން އުޅެނިކޮށް ތެޔޮނާށި ކާޅު ޖަހައިގެންފިޔޯ ބުނީ..” ލީން އެހެން ބުނެލުމުން އައިކާ ވަރަށް ގަޔާވެފައި އިނދެ އެއީ ކާކުތޯ އަހާލިއެވެ.

“އެކީއްކުރަން ބަލަނީ؟ އޭރުން މަސްލަހަތު ގެއްލޭނީ..”

“ކީއްވެތަ މަސްލަހަތު ގެއްލެންވީ؟” އައިކާ ހައިރާންވެފައި އަހާލިއެވެ.

“އެ ވެދާނެއެއްނު އިކާއަށްވެސް..” ލީން ސީރިއަސްވެފައި އެހެން ބުނިނަމަވެސް އައިކާ ހީކުރީ ލީން ލާނެތް ސަމާސާއެއް ކުރަނީ ކަމަށެވެ.

“އެއްކަލަ ލީން.. ދެން އެންމެން އުޅޭނެތަ އަހަރެން ފަހަތުން؟ އަދި އަމުދުން ޔާން ކަހަލަ މީހަކު.. އޭނަ އެއައީ ފަސްއަހަރު ރާއްޖެއިން ބޭރުގަ އުޅެފައޭ.. އެވާނީ އެތާ ކުއްޖަކަށްކަން ހަމަ ޔަޤީން..” އައިކާ ހީލާފައި ބުނެލިއެވެ.

“ނޭނގެއެއްނު.. އޭނަ ބޭރަށް ފުރުމުގެ ކުރިން ކުއްޖަކު އޭނަގެ ހިތް ވަގަށް ނެގީކަމަށްވެސް ވެދާނެއެއްނު..”  ލީން އެހެން ބުނެލިގޮތުން އައިކާއަށް ހެވުނެވެ.

“ދެން ސަމާސާ ކަނޑާލާފަ ބުނެބަލަ.. ކޮބައިތަ ޔާންގެ ހިތް ހަލާކުކޮށްލި މީހަކީ؟” އައިކާ އަނެއްކާވެސް އޭނާގެ ސުވާލު ތަކުރާރުކުރިއެވެ.

“ދެން އެވާހަކަ ބާއްވާ.. ޔާންވެސް ބޭނުމެއްނުވޭ އިތުރަށް އެވާހަކަ ދައްކާކަށް..” ލީން ބޭނުންވީ އަވަހަށް އެވާހަކަ އޮއްބާލާށެވެ.

“ދެން އެކަމްވެސް އަހަރެން ގާތު ބުނެބަލަ.. ޔާން އެއީ އަހަރެމެންގެ ނުލާހިކު ކްލޯސް ފްރެންޑެއްނު..” އައިކާ ހުރީ ދޫކޮށްލާ ކަހަލަ ގޮތަކަށް ނޫނެވެ.

“އެހެންވެޔޭ ނުބުނަން މިއުޅެނީވެސް..” ލީން އެހެން ބުނެލުމުން އައިކާ ހައިރާންވިއެވެ.

“އަޅެ ޕްލީޒް!”

“އެންމެ ރަނގަޅު.. ބުނެފާނަން.. އެކަމް ޕްރޮމިސްކުރޭ އެކަމާ ނުވިސްނާނަންކަމަށް..” ލީން ޝަރުތެއް ކަނޑައެޅިއެވެ.

“ޕްރޮމިސް..”

“ތީ އެމީހަކީ.. އަހަރެން ސަމާސާއަކަށް ނޫނޭ އެހެން ބުނީކީ.. އިއްޔެގަ އަހަރެންނަށްވެސް އެނގުނީ.. ޒިޔާ އަހަރެން ގާތު އެހީ އިއްޔެ މާ އަވަސް އަރުވާލާފަ މިގެއަށް އައީ ކީއްވެތޯ.. ދެން އަހަރެން ކިޔައިދިނީ އިކާ ޔޫޝައުއާ ރައްޓެހިވީ ވާހަކަ.. ބުނީމަ ބުނީ އެހެންވީމަ ޔާންގެ ހިތްހަލާކުވީތާއޭ.. ދެން އަހަރެން އެހީ ކީއްވެހޭ ޔާންގެ ހިތް ހަލާކުވާންވީ؟ އަނެއްކާ ޔާންވެސް އިކާދެކެ ލޯބިވަނީހޭ.. އެހީމަ ބުނީ އާނއެކޭ.. ވަރަށް ކުރީއްސުރެވެސް ޔާން އިކާދެކެ ލޯބިވެޔޯ.. އެކަމް އިކާ ގާތު ބުނަން ނުކެރިފަޔޯ.. ތިމަންނަ ކިތަންމެ ފަހަރަކު ބުނީމޯ އަވަހަށް ބުނާށޭ.. ނުބުނެ ހުއްޓާ ވަގުތު ފާއިތުވެދާނެޔޭ.. ޔާންއަށް ބުނަން ނުކެރެންޏާ ތިމަންނަ ތިކަން ކޮށްދީފާނަމޭ ބުނާ ކޮންމެ ފަހަރަކު ބުނެޔޯ ވަގުތު ޖެހުނީމަ ބުނާނަމޭ.. އަދި ޒިޔާ ބުނި ޔާން ރާއްޖެ އައުމުގެ ދެދުވަސް ކުރިން ގުޅައިގެން އުޅެމުން ބުންޏޯ މިހާރު އިކާ ގާތު ބުނާށޭ މިއުޅެނީ.. ދެން އިއްޔެގަ އަހަރެން ޒިޔާ ގާތު އެވާހަކަ ދެއްކި އަޑު ޔާންއަށް އިވުނީ.. ޔާން ބުނީ އެހެންވިއްޔާ އިކާ ގާތުވެސް ނުބުނައްޗޭ.. އެކަމް އިކާ ކުރުނުކޮށް ކިޔަން ފެށީމަ މި ކިޔައިދިނީވެސް..” ލީން ކަން ވީގޮތް އޮޅުންފިލުވައިދިނެވެ.

“އޯހ ގޯޑް!! ކީއްވެތަ އެންމެން އަހަރެންގެ ފަހަތުން އުޅެނީ؟ އަހަރެންނާ ފްރެންޑް ކޮންމެ ކުއްޖެއްހެން އަހަރެންދެކެ ލޯބިވަނީ ކީއްވެތަ؟ އަހަރެންނާ އެމީހުން ދުރުކުރަން ތަޤުދީރުވެސް ބޭނުންވަނީ ކަންނޭނގެ.. އަހަރެންގެ ގާތް އެކަކުވެސް ނުބަހައްޓަންވީ ކަންނޭނގެ..” އައިކާ އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ.

“ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ؟ އެކަމާ ހެދި ތިމީހުންގެ ރިލޭޝަންއަކަށް އެއްވެސް ބަދަލެއް ނާދެއެއްނު.. ދެން ކޮބާ މައްސަލައަކީ؟” ލީން ބެލީ އައިކާއަށް ވިސްނައިދެވޭތޯއެވެ.

“ނޫނޭ.. ވަރަށް ބޮޑު ބަދަލެއް އައިސްފި.. މާޒް އަހަރެން ގާތު އެވާހަކަ ބުނިފަހުން އަހަރެމެން ދެމީހުންނަށް ދުރުވެވުނުވަރު ލީންއަށްވެސް އެނގެއެއްނު.. އޭރު އޭނައަށް ޔެސް ބުނެފާނެކަމުގެ އުއްމީދުގަ އަހަރެންނާ ވާހަކަދެއްކިޔަސް މިހާރު އޭނަގެ ހުރިހާ އުއްމީދެއް ވާނީ ފުނޑުފުނޑުވެފަ.. ދެން ނޭނގެ އަހަރެންނާ ވާހަކަދައްކާނެ ކަމެއްވެސް..” އައިކާގެ ވާހަކަ ހުރިގޮތުން ހިތްހަމަނުޖެހިފައި ލީންއަށް ބޯހޫރާލެވުނެވެ.

“ސާބަސް އިކާއަށް.. ކޮންކަހަލަ ވިސްނުމެއްތަ ތި ހުންނަނީ؟ ތިބުނަނީ މާޒް އިކާއާ ވާހަކަދައްކާ ހެޔޮކޮށް އުޅުނީ އަމިއްލަ އެދުމެއް ހާސިލްކުރާށޭ.. އެކަމް ތީ އިކާއަށް ކުރެވޭ ކުށްހީއެއް.. ނޫންނަމަ ކީއްކުރަން އިކާއަށް ފޯނާ އެއްޗެހި ދޭންވީކީ؟ އަމިއްލަ އެދުމައިގެން އުޅޭނަމަ އިކާ އޭނަ އިގްނޯރ ކޮށްލީމަ ހަމަ އަތުލަންވީނު.. ވިސްނަބަލަ.. އިކާއަށް ކޮންމެ މީހަކާ ދޭތެރޭ ގޯސްކޮށް ވިސްނޭތީ ތިހެން ތި ހީވަނީ..” ލީންގެ އަޑުންވެސް އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު ހާމަވެއެވެ.

“ލީން! ދެން އަހަރެންނަކަށް ނޭނގެ ދެން..”

“އަހަރެންނަށް އެނގޭ.. އެކަންކަމާ ބޯގޮއްވަން ނުހަދާ ޔޫޝައުއާއެކު ރީތިކޮށް ކުރިއަށް ދާންވީ.. އޭރުން ހިތްހަމަޖެހިގެން އުޅެވޭނީ.. އެކަންކަމާ މާބޮޑަށް ވިސްނާ ހަދަންޏާ ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ..” ލީންގެ ވާހަކަތަކުން އައިކާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.

އައިކާ އޭނާގެ މައިންބަފައިން ގާތު ޔޫޝައުގެ ވާހަކަދެއްކީ އޭގެ ދެދުވަސް ފަހުންނެވެ. ސަނާއާއި ނާޒިމް ޔޫޝައުއާ ބައްދަލުކޮށްލަން ބޭނުން ވާހަކަ ބުނުމުން އައިކާ ޔޫޝައުއަށް ގުޅާފައި އެދުވަހުގެ މެންދުރު ކެއުމަށް އެގެއަށް އައިސްދިނުމަށް އެދުނެވެ. އަދި އެއީ ނާޒިމްމެން އޭނާއާ ބައްދަލުކުރަން ބޭނުންވެގެންކަމަށް އައިކާ ބުންޏެވެ. ޔޫޝައު ދެބަހެއްނެތި އެގެއަށް ދާނެކަމަށް ބުނެ އެއްބަސްވިއެވެ. އައިކާ ކައިވެންޏާ އެއްބަސްވީ ނަމަވެސް އައިކާގެ ބައްޕަމެން ޤަބޫލުނުވެދާނެޔޭ އޭނާގެ ހިތަށްއެރިއެވެ. ފިނިވެފައިވާ ހާލު ޔޫޝައު އެގެއަށް ދިޔައީ އައިކާގެ އުފަލަށްޓަކައިވެސް އެމީހުން އެކައިވެންޏަށް އެއްބަސްވޭތޯ ހިތާހިތުން ދުޢާކުރަމުންނެވެ.

ކައި ނިންމައިގެން ނުކުމެ ސިޓިންގރޫމުގައި ތިބެފައި ނާޒިމްއާއި ސަނާ ޔޫޝައުއާ ވާހަކަދެއްކިއެވެ. އައިކާވެސް ސިޓިންގރޫމުގައި ހުރި ސޯފާ ގޮނޑިއެއްގައި އިނީ ނާޒިމްމެން ދޭނެ ޖަވާބެއް ނޭނގޭތީ ހިތް ނުތަނަވަސްވެފައެވެ. ނާޒިމްއާއި ސަނާ އެމީހުން ބޭނުންވާ ސުވާލުތައް ކުރަމުން ދިޔައީ ޔޫޝައު ތެދުވެރިކަމާއިއެކު އެހުރިހާ ސުވާލުތަކަކަށް ޖަވާބުދެމުން ދިޔަގޮތުން ހީވީ ވަޒީފާއެއްގެ އިންޓަވިއުއަށް ގޮސް އިން މީހެއްހެންނެވެ. ޔޫޝައުގެ ވާހަކަތައް އަޑުއަހާފައި އެމީހުން ހިތުން ރުހުމުން އެގުޅުމަށް ޤަބޫލުވިއެވެ. އޭގެފަހުން ޔޫޝައު ކޮންމެ ދުވަހަކު ކޮންމެ ރެޔަކު އައިކާއާ އެގެއިން ބައްދަލުކުރެއެވެ. އޭނާ ފުރާ ދުވަސް ކައިރިވެފައިވުމާއެކު އޭނާ ބޭނުންވީ ވީހާވެސް ގިނަ ވަގުތު އައިކާއާއެކު ހޭދަކުރާށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އައިކާއާއި ޔޫޝައުގެ ގުޅުން ވަރުގަދަވަމުން ދިޔައިރު މާޒްގެ އެކަނިވެރިކަންވެސް ދިޔައީ އިތުރުވަމުންނެވެ. މާޒް އައިކާއާ ވާހަކަދެއްކި ނަމަވެސް ކުރިން އޮންނަ ގާތްކަން ނޯންނަކަން އައިކާއަށް އިހުސާސްވެއެވެ. ކުރިން މާޒްގެ މޫނުމަތީގައިވާ ހިނިތުންވުން މިހާރަކު ނުފެނެއެވެ. އެކަމުގެ ސަބަބު އެނގިހުރެވެސް އައިކާއަށް އެކަމާ ގުޅުވާފައި އެއްޗެއް ބުނާކަށް ނުކެރެއެވެ. ނަމަވެސް މާޒްގެ އެ ދުރުކަމުން ދެރަވެސްވެއެވެ. ވާނީވެސް އެހެންތާއެވެ. މާޒްއަކީ މިދުނިޔެމަތީގައި ހުރި އޭނާއަށް އެންމެ ހެޔޮއެދޭ އެއް އިންސާނާއެވެ.

ދެހަފްތާ ފަހެވެ. ޔޫޝައު ފުރަން އެއްދުވަހަކަށް ވެފައިވަނިކޮށް މާޒް، އައިކާއާއި ޔޫޝައުއަށް ކެއުމަކަށް އެގެއަށް އައުމަށް ދަޢުވަތުދިނެވެ. އެދަޢުވަތަކީ އޭނާގެ ގާތުގައި ލިހާމް ދެއްކި ވާހަކަތަކުގައި ހުރީ ކިހާ ވަރެއްގެ ބުރަދަނެއްތޯ ބަލާލަން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި ޔޫޝައު ދުށްޓެވެ. އެހެންކަމުން އޭނާ އެއްވެސް އުޒުރަކާއިނުލާ ދާން އެއްބަސްވިއެވެ. ލިހާމް ބުނިގޮތުން ވިއްޔާ މާޒް އެދެމީހުން ދުރުކުރަން ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. ނަމަވެސް އޭނާއަކީ އެއްވެސް މީހަކު ދައްކާހާ ވާހަކައެއް އެއްވެސް ހެއްކެއްނެތި ޤަބޫލުކުރާ މީހަކަށް ނުވާތީ އޭނާ އެވާހަކަތައް ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

“ބޭބީ.. މިރޭ މާޒް އެބައޮތް އަހަރެމެންނަށް ދަޢުވަތެއް ދީފަ.. އަހަރެން ބުނިން ދާނަމޭ.. ރެޑީވައްޗޭ އަށްގަޑި ބަޔަށް..” ޔޫޝައު އައިކާއަށް ގުޅައިގެން އުޅެމުން މާޒް ދިން ދަޢުވަތުގެ ވާހަކަ ބުނެލުމުން އައިކާ ބޭނުންވީ ވަގުތުން އިންކާރުކުރާށެވެ. މާޒްގެ ކުރިމައްޗަށް އަރަން އޭނާ ދެރަވެއެވެ. ނަމަވެސް ޔޫޝައުގެ ގާތުގައި މާޒްގެ ވާހަކަ ބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެވާހަކަ ނުބުނެ އޭނާ އިންކާރުކޮށްފިނަމަ ޔޫޝައުގެ ހިތުގައި ސުވާލު އުފެދޭނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ދާން އެއްބަސްވިއެވެ.

އެރޭ އައިކާއާއި ޔޫޝައު، މާޒްގެ ގެއަށް ދިޔައިރު މާޒް އޮތީ އެގޭ ޖޯލިފަތީގައި އެމީހުންގެ އިންތިޒާރުގައެވެ. އެމީހުން ފެނުމާއެކު މާޒް ޖޯލިން ތެދުވަމުން އެތެރެއަށް އައުމަށް ބުނެލިއެވެ.

“މަންމާ! މިތިބީ އިކާމެން އައިސް..” މާޒް ގޭތެރެއަށް ވަދެ އޭނާގެ މަންމައަށް ގޮވާލަމުން ބުނެލިއެވެ. މާޒްގެ އަޑަށް ބުރުގާ އަޅަމުން ރަމްޒިއްޔާ ކޮޓަރިން ނުކުތެވެ. އަދި ބަދިގެއާއި ދިމާއަށް ހިނގައިގަތީ އަވަހަށް އެމީހުންނަށް ކާން ހަދާށެވެ. ރަމްޒިއްޔާ ދިއުމުން މާޒް ގޮސް އައިކާމެން ގާތު ޖޯލިފަތީގައި އިށީނދެ ވާހަކަދައްކަން އިނެވެ. ޔޫޝައު އިނީ މާޒްގެ ހަރަކާތްތަކަށް ރަނގަޅަށް ބަލާށެވެ. މާޒް އައިކާއަށް ބަލާލާގޮތް ތަފާތުކަން ޔޫޝައުއަށް ފާހަގަކުރެވުނު ނަމަވެސް އޭނާ އެކަމަކާ އެއްޗެއް ނުބުނެއެވެ. ނަމަވެސް މާޒްގެ ވާހަކަތައް ހުރިގޮތުންނާއި އެހުރި އޯގާތެރިކަމަކުން ޔޫޝައުއަށް ލިހާމް ދެއްކި ވާހަކަ އެހާ ހަމަޖެހޭކަމަކަށް ޤަބޫލެއް ނުކުރެވުނެވެ.

“ތިންކުދިން ކާން އަންނަންވީނު.. ކާން ހެދިއްޖެ..” ރަމްޒިއްޔާ އެހެން ބުނެލުމުން މާޒް، އައިކާމެން ގާތުގައި އަންނާށޭ ބުނެފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. އައިކާވެސް ޔޫޝައުއާއެކު މާޒްގެ ފަހަތުން ހިނގައިގަތެވެ. ތަފާތު އެކި ވާހަކަތަކުގައި ތިބެ ކެއުން ނިންމާލާފައި ނުކުމެ ސިޓިންގރޫމުގައި ވާހަކަދައްކަން މަޑުކޮށްލިއެވެ. މާޒްގެ ހިތްހެޔޮކަމުގެ ސަބަބުން ޔޫޝައުއާ ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދޭކަށް މާގިނަ ވަގުތެއް ނުނެގިއެވެ.

ގަޑިން ނުވަގަޑި ބައިވުމުން ޔޫޝައު އައިކާ ގޮވައިގެން ގެއަށް ދާން ނުކުތީ އެމީހުންނަށް ދިން ދަޢުވަތަށްޓަކައި މާޒްއަށް ޝުކުރުއަދާކޮށްފައެވެ. ގެއަށް ގޮސްފައި އައިކާ އެތެރެއަށް ވަންނަން އުޅެން ފެށުމުން ޔޫޝައު އައިކާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“އިހަށް އުނދޯލީގަ މަޑުކޮށްލަން ހިނގާބަލަ.. އަހަރެން ވާހަކައެއް ދައްކާލަންވެގެން..” ޔޫޝައު އެހެން ބުނެލުމުން އައިކާ ޔޫޝައުއާއެކު ގޮސް އުނދޯލީގައި އިށީނދެލިއެވެ.

“ކޮން ވާހަކައެއް ދައްކަންތަ މިތާ މަޑުކުރަން ތިބުނީ؟”

“މާޒްއާ ލިހާމްއާ އެއްވެސް ކަހަލަ ޒާތީ މައްސަލައެއް އޮވޭތަ؟” ހީވެސް ނުކުރާ ކަހަލަ ސުވާލެއް ޔޫޝައު ކުއްލިއަކަށް ކޮށްލުމުން އައިކާއަށް ޔޫޝައުއަށް ބަލާލެވުނެވެ.

“ކިހިނެއްވީ؟” ހައިރާންވެފައި އައިކާއަށް އަހާލެވުނެވެ.

“އަނެއްހެން ކަމެއްވީކީ ނޫން.. ބުނެބަލަ! މައްސަލައެއް އޮވޭތަ އެދެމީހުން މެދުގަ؟” ޔޫޝައު ހަޤީޤީ ސަބަބު ނުބުނެ އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

“ހޫމް.. އެކަމް އަސްލު އެކަމުގަ މާޒްގެ ކުށެއްނެތް.. ކުށްކުރީ އެހެން މީހެއް..”

“ތިބުނީ؟” އައިކާ އެބުނި އެއްޗެއް ފަހުމްނުވުމުން ޔޫޝައު އަނެއްކާވެސް އަހާލިއެވެ. އައިކާ އެކަން ވެގެން އުޅޭގޮތް އޮޅުންފިލުވައިދިނުމުން ޔޫޝައުވެސް އައިކާއާ އެއްބައިވިއެވެ.

“ހޫމް.. އަސްލުވެސް ތިކަމުގަ މާޒްގެ ކުށެއްނެތް.. ލިހޭއާ އެ އާއިލާ މީހުންގެ ވިސްނުން ގޯހީ.. މާޒްގެ ކާފަ ކުރި ކުށެއްގެ އަދަބު އެއާއިލާގެ އެހެން މީހުންނާ މާޒްއަށް ދިނީމަ ކިހާ ހެއްވާ ދޯ؟ އަދި ތިބުނީ މާޒްގެ ކާފަ ނިޔާވިތާވެސް އެތައް ދުވަހެއް ވެއްޖެޔޭ.. މިހާރު އޭނަގެ ސަބަބުން ގެއްލުން ލިބިފަ ތިބި އެތައް ބަޔަކު އޭނައަށް މާފްވެސް ދީފިޔޭ.. އެކަމް ލިހޭގެ އާއިލާ ދޯ.. އުމުރު ދުވަހު އެކަން ހިތުގަ ލައިގެން އުޅެވޭބާއޭ މި ހިތަށްއަރަނީ.. ޓިޕިކަލް ދިވެހިން ވިއްޔަ ދޯ.. ކީއްކުރާނީ؟” ޔޫޝައު ބޯހޫރާލަމުން އެހެން ބުނެލުމުން އައިކާވެސް އެކަމާ އެއްބަސްވެ ބޯޖަހާލިއެވެ.

“ތިއެއްނޫނޭ.. މާދަމާރޭ އަހަރެން ފުރާ ވާހަކަ ބުނީމެއްނު.. މާދަމާރޭ އަހަރެންނާއެކު ބޭރަށް ދެވިދާނެތަ؟” ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ.

“ތައްޔާރުވެގެން ހުންނައްޗޭ.. އަހަރެން އަންނާނަން އަށްގަޑި ފަނަރައިގަ..” ޔޫޝައުގެ ވާހަކައަށް މިފަހަރުވެސް އައިކާ ބޯޖަހާލުމަކުން ފުއްދާލިއެވެ.

“ދެން އަވަހަށް ވަދޭ އެތެރެއަށް.. މިހާރު މާލަސްވެއްޖެއެއްނު ދޯ.. މިހާރު މަންމަ ހުންނާނެ އިކާ ލަސްވެގެން..” އެއްއަތުން އައިކާގެ މޫނުގައި ފިރުމާލަމުން ޔޫޝައު ބުނެލިއެވެ. އައިކާ ބޯޖަހާލާފައި ދާން ހިނގައިގަތްތަނާ ޔޫޝައު އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ކިހިނެއްވީ؟ އެތެރެއަށް ވަންނާށޭ ކިޔާފަ އަތުގަ ހިފެހެއްޓީމަ ވަދެވޭތަ؟” ހިނިތުންވެލަމުން އައިކާ އަހާލިއެވެ.

“ވަކިވާއިރު ހަދިޔާއެއްގެ ގޮތުން ކިސްއެއްވެސް ނުދޭނަންތަ؟” ލާނެތް ގޮތަކަށް ހީލަމުން ޔޫޝައު އެހެން ބުނެލުމުން އައިކާ ލަދުން ދެންއޭ ބުނެފައި ޔޫޝައުގެ އަތް ފޮޅުވާލާފައި ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. ޔޫޝައު ހީލަމުން ގޮސް މައިދޮރުން ނުކުތްތަން ބަލަން އައިކާ ގޭގެ ކުޑަދޮރުން ބަލަން ހުއްޓެވެ. ޔޫޝައު ދިއުމުން އައިކާ ގޮސް އޭނާގެ ކޮޓަރިއަށް ވަނީ އަވަހަށް ނިދާލަން ކަމަށެވެ. ނަމަވެސް އެއްޗެހި ބަދަލުކޮށްގެން އެނދުގައި އޮށޯތްތަނާ ވައިބާއިން މެސެޖެއް އައުމާއެކު ޑާޓާ ޖެއްސިފައި އިންކަން ހަނދާންވިއެވެ. އަވަސްއަވަހަށް ބަލާލިއިރު އެއީ ޔޫޝައުގެ މެސެޖެކެވެ.

“ބޭބީ ލަދުގަތީތަ އަހަރެން އެހެން ބުނީމަ؟ ލަދުގަތީމަ އަދި މާރީތި..” ޔޫޝައުގެ މެސެޖް ކިޔާލާފައި އައިކާއަށް ހެވުނެވެ.

“މިއަދު އަދި ތިހެން ފިލުނަސް އަދި ނުފިލޭނެ ދުވަހެއް އަންނާނެ އިނގޭ އިރާދަކުރެއްވިއްޔާ.. އެދުވަހަކުން ބޭބީ ކިހިނެއް ހަދާނީ؟” އައިކާ އިތުރަށް ރަކިކޮށްލުމުގެ ބޭނުމުގައި ޔޫޝައު އަނެއްކާވެސް މެޖެސެއް ފޮނުވާލިއެވެ. އައިކާގެ މޫނަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ.

“ހޭއި ބޭބީ.. ރުޅިއައީތަ؟” އައިކާ އޭނާ ފޮނުވި ދެ މެސެޖްވެސް ބަލާފައި އެއްވެސް އެއްޗެކޭ ނުބުނުމުން ޔޫޝައު ހީކުރީ އައިކާ ހިތްހަމަނުޖެހުނީކަމަށެވެ.

“ނޫން..” އައިކާ ކުރު ޖަވާބެއް ފޮނުވާލިއެވެ.

“ބޭބީ.. ހިނގާބަލަ ވީޑިއޯ ކޯލްއެއް ކޮށްލަން..” ޔޫޝައު އެހެން ބުނެލުމުން އައިކާ އާނއެކޭ ބުނެލިއެވެ. އައިކާ އެނދުގައި ބަންޑުން އޮށޯންނަމުން ބަނޑުދަށަށް ބާލީހެއް ލައްވާލިއެވެ. އެވަގުތު ޔޫޝައު ގުޅުމުން ހަމަޖެހިލަމުން ފޯނު ނެގިއެވެ.

“ކިހިނެއްތަ ތިއޮތީ؟ މިހާރު ނިދަން ރެޑީވީތަ؟” އައިކާ ހޫމްއެކޭ ބުނެލުމުން ޔޫޝައު އެދުނީ އޭނާ އޮތްގޮތް ދައްކާލުމަށެވެ. އައިކާ އޭނާ އޮތްގޮތް ދައްކާލުމުން ޔޫޝައު ވާއުއޭ ބުނެލިއެވެ.

“އެކަމް ތިހެން އޮވެފަ އެހެން މީހަކަށް ނުދައްކައްޗޭ.. އޭރުން ފެންނަން ނުވާ ތަންތަންވެސް ފެނިދާނެ.. މިހާރުވެސް ފެނިއްޖެ..” ޔޫޝައު އެހެން ބުނެލުމުން އައިކާއަށް އޭނާއަށް އަމިއްލަ ހަށިގަނޑަށް ބަލާލެވުނީ ޔޫޝައު އެހެން އެބުނީ ކީއްވެގެންބާއޭ ހިތަށް އެރުމުންނެވެ. އޭނާ ބަލާލިއިރު ހެދުމުގެ ކުރިމަތިން މާބޮޑަށް ތިރިއަށް ދެމިފައިވުމުން މޭމަތިން ތަންކޮޅެއް ހާމަވެފައިވެއެވެ. އޭނާ އަވަސްއަވަހަށް ކުޑަކޮށް ހިއްލިލާފައި ހެދުން ރަނގަޅުކޮށްލިއެވެ. އޭނާ އެނބުރި ފޯނަށް ބަލާލިއިރު ޔޫޝައުގެ ތުންފަތުގައިވާ ލާނެތް ހިނިތުންވުން ފެނިފައި އޭނާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ.

“އޭތް.. ތިހިރަ ބްލަޝްވާ ވަރެއް.. ހަމަ އެހާ ލަދުގަނޭތަ؟” އައިކާގެ މޫނަށް ޖަންބުކުލަ އަރާފައިވާތަން ފެނުމުން ޔޫޝައު ބުނެލިއެވެ.

“ދެން ޔޫޝް..” އައިކާ ކުސްތަޅާލިއެވެ. އަދި އަވަސްއަވަހަށް ވީޑިއޯ ކަނޑާލީ އިތުރަށް ޔޫޝައުއަށް ފެންނަން ބޭނުންނުވާތީއެވެ. އޭނާ ލަދުގަނެފައިވާކަން އެނގޭތީ ޔޫޝައު އެއުޅެނީ އިތުރަށް އޭނާ ލަދުގަންނަވާލަންކަން އޭނާއަށް އެނގުނެވެ.

“ހެހެހެ ބޭބީ.. ތިހާ ލަދުގަންނަންޏާ ކިހިނެއް މެރީކޮށްގެން އުޅޭނީ؟ ފަސްޓް ނައިޓްގަ ރޫމް އެއްކޮށް އަނދިރިކޮށްލައިގެން ކަންނޭނގެ ތިބެން ޖެހޭނީ ތިހާ ލަދުގަންނަންޏާ..” ޔޫޝައު ލާނެތް ސަމާސާތައް ކުރަމުން ދިޔައިރު އައިކާއަށް އޮވެވުނީ ލަދުވެތިކަމާއެކުވެސް މަޖާވެފައެވެ. އެއްވަރަކަށް ހީލަހީލާ އޮއްވާ އާފުރެން ފެށުމުންވެސް އޭނާ ފޯނު ބާއްވާ ހިތެއް ނުވިއެވެ. ޔޫޝައުގެ ސަމާސާތަކާއި ލޯބިވެތި ވާހަކަތަކުން އޭނާގެ ހިތަށް ހަމަޖެހުން ލިބޭތީއެވެ. ޔޫޝައުގެ ވާހަކަތަކަށް އާނ ހޫނ ލައްވާލަ ލައްވާލާ އޮއްވާ އޭނާއަށް ނިދުނުއިރެއްވެސް ނޭނގެއެވެ. ދެން އޭނާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންޤީގެ އަޑަށެވެ. ހޭލެވުމާއެކު އޭނާ ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ ނަމާދުކޮށްލައިގެން އޭނާ ނުކުތްއިރު ސަނާވެސް ކޮޓަރިން ނުކުންނަނީއެވެ.

“ދަރިފުޅާ! ނަމާދުކޮށްފިންތަ؟” ސަނާ ވަރަށް ލޯތްބާއެކު އަހާލިއެވެ.

“ހޫމް.. ކޮބާ ބައްޕަ؟” އައިކާ އޭނާގެ މަންމަގެ ސުވާލަށް ޖަވާބުދީފައި އަހާލިއެވެ.

“ބައްޕަ ވެއްޖެ އައުފް ގޮވައިގެން މިސްކިތަށް ގޮސް.. އިޝިކާވެސް ތެދުވެއްޖެ މިހާރު..” ސަނާ އައިކާ ގޮވައިގެން ބަދިގެއަށް ވަނީ ނާޒިމް އަންނަންވާއިރަށް ކޮފީ ހަދާށެވެ. ބަދިގެއަށް ވަދެ އިރުކޮޅެއްވީތަނާ ނާޒިމް އައުފް ގޮވައިގެން މިސްކިތުން އައިސްފިއެވެ. އެމީހުން އައިކަން އެނގުމުން ސަނާއާއި އައިކާ ނާޒިމްއަށް ކޮފީ ތަށްޓަކާއި އައުފްއަށް ކިރުތަށްޓެއް ގިރައިދިނެވެ. އައިކާވެސް ކޮފީތަށްޓެއް ގިރާލައިގެން އައިސް އައުފްއާއި ޖެހިގެން އިން ގޮނޑީގައި އިށީންއިރު އިޝިކާ އައިސް ބަދިގެއަށް ވަންނަނީއެވެ. ސަނާ އިޝިކާއަށް ކިރުތަށްޓެއް ގިރައިދީފައި އޭނާއަށް ގިރި ކޮފީތަށި ހިފައިގެން އައިސް ނާޒިމްއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

“ހޫމް.. ދަރިފުޅާ އައިކާ.. މިހާރު ދަރިފުޅު ތިހިރީ މިރަށުން ކިޔެވޭނެ އެންމެ ރަނގަޅަށް ކިޔެވިފަ.. ދެން ދަރިފުޅު ގަސްތުކުރަނީ ކޮން ގޮތަކަށް؟” ނާޒިމް އައިކާއާ ސުވާލުކޮށްލުމުން އައިކާ ހިނިތުންވެލިއެވެ.

“އަދި އިތުރަށް ކިޔަވަން ބޭނުން.. އޭލެވެލް ކިޔެވިއްޔާ ބޮޑަށް ރަނގަޅުވާނެއެއްނު ދޯ ބައްޕާ.. ރަނގަޅު ވަޒީފާއެއް ހޯދަން އުޅޭއިރު ރަނގަޅު ނަތީޖާއާ މަތީ ފާސް ހުރިއްޔާ ފަސޭހަވާނެއެއްނު ވަޒީފާ ހޯދަން..” އައިކާގެ ވާހަކަ އަޑުއަހާފައި ނާޒިމް ހިނިތުންވެލިއެވެ.

“ހޫމް.. ރަނގަޅު ވާހަކައެއް ދަރިފުޅު ތިބުނީ.. ދަރިފުޅު ކުރިއަށް ދާން ބޭނުންވަނީ ކޮން ރޮނގަކުން؟”

“ޓީޗަރަކަށް ވާން ބޭނުންވަނީ.. އެކަމް އިތުރަށް ކިޔަވަންޏާ މާލެ ދާން ޖެހޭނީ.. މަންމަމެންނާ ވަކިން ކިހިނެއް މާލެ ގޮސް ހުންނާނީ؟” އައިކާ އެހެން ބުނެލުމުން ސަނާ ނާޒިމްއަށް ބަލާލިއެވެ.

“ދަރިފުޅު ތިކަމާ ހާސްނުވޭ.. ދަރިފުޅު ކިޔަވަން ހުރިއްޔާ އިރާދަކުރެއްވިއްޔާ ބައްޕަމެން ދަރިފުޅަށް ކިޔަވައިދޭނަން.. ބައްޕަމެންނަށް ނުދެވުނަސް ދަރިފުޅަށް ރަނގަޅު ތަނެއްގައި ހުރެ ކިޔެވޭނެގޮތް ބައްޕަ ހަމަޖައްސާނަން.. އެންމެ ރަނގަޅެއްނު..” ނާޒިމް އެހެން ބުނެލުމުން އައިކާ ވަރަށް އުފަލުން ބޯޖަހާލިއެވެ. ނަމަވެސް މަންމަމެންނާ ދުރަށް ދާން ޖެހޭތީ ދެރަވެސްވިއެވެ.

ކޮފީ ބޮއިގެން އައިކާ ނުކުތީ ގޯތިތެރެއާއި މަގުމަތި ކުނިކަހާށެވެ. އޭރު ކޮންމެވެސް ވަރަކަށް މަގުތަކުން މީހުން ފެންނަން ފަށައިފިއެވެ. އެކި މަސައްކަތައް ދާމީހުން އެމީހުންގެ މަސައްކަތަށް އެނބުރި ދަނީއެވެ. އައިކާ ގޯތިތެރެ ކުނިކަހާލާފައި މަގުމައްޗަށް ނުކުތްއިރު އަލިވާން ފަށައިފިއެވެ. ކުނިކަހަން އޮއްވާ ކުއްލިއަކަށް ފަހަތުން މީހެއްގެ ހިޔަނި އެޅުމުން އައިކާއަށް ސިހިފައި ތެދުވެވުނެވެ.

“ޔޫޝް.. ބިރޭ ގަތީ..” އައިކާ އެހެން ބުނެލިގޮތުން ޔޫޝައު ހީލިއެވެ.

“ހާދަ ފިނޑިފިނޑި ކުއްޖެކޭ ދޯ މީ.. ހިޔަންޏެއްދެކެ ބިރުން ވިއްޔަ ތިއުޅުނީ..” ޔޫޝައު އައިކާއާ ދިމާކޮށްލިއެވެ.

“ހުހް.. ވަރަށް ފޫހިވޭ.. ދާންއުޅޭ މިތަނުން.. ކުނިކަހަން ނުކުމެފަ ކުނި ނުކަހާ ހުއްޓާ މަންމައަށް ފެނިއްޖެއްޔާ ރުޅިއަންނާނެ..” އައިކާ އެހެން ބުނެލުމުން ޔޫޝައު ބޭނުންވީ އައިކާ ރުޅިއަރުވާލާށެވެ.

“އަޅެ އަހަރެން މަންމައަށް ގޮވާލާފަ އަހާލަންތަ ރުޅިއަންނާނަންތޯ؟ މަންމާ..” ޔޫޝައު ކުއްލިއަކަށް އެގޮތަށް ކަންތައް ކުރުމުން އައިކާއަށް ތެޅިގެންފައި ޔޫޝައުގެ އަނގަމަތީ އަތްއެޅުނެވެ.

“ޝްޝްޝް.. މަންމައަށް އާދެވިއްޖެއްޔާ ކީކޭ ހީކުރާނީ؟” އައިކާ މަޑުމަޑުން ބުނެލިގޮތުން ޔޫޝައުއަށް ހެވުނެވެ. އައިކާ ދެއުކުޅުގައި އަތް ވިއްދާލާފައި ޔޫޝައުއަށް ލޯއަޅާލިއެވެ. މިކަންވީ ޔޫޝައުގެ ހުނުން އިތުރުވި ކަމަކަށެވެ. އެހެންކަމުން އައިކާ ޔޫޝައުގެ ކަންފަތުގައި ހިފާ އަނބުރާލިއެވެ.

“އައްދޯއި.. މީ ހަމަ ކުޑަކުޑަ ބޭބީއެކޭ ދޯ.. ކުޑަކުދިން ކުރާކަހަލަ ކަންކަންވިއްޔަ ތިކުރަނީ..” ކަންފަތުގައި ފިރުމާލަމުން ޔޫޝައު އެހެން ބުނެލުމުން އައިކާ ހީނގަތެވެ. އައިކާގެ ހުނުމުގައިވެސް ޖާދޫއެއްވާހެން ޔޫޝައުއަށް ހީވިއެވެ. ކަޅިޖަހާނުލާ އައިކާއަށް ބަލަން އޭނާއަށް ހުރެވުނެވެ. އޭނާ އެގޮތަށް ބަލަން ހުއްޓާ އައިކާއަށް ޔޫޝައުއާ ދިމާ ބަލާލެވުނެވެ. ޔޫޝައު އޭނާއަށް ބަލަން ހުރިގޮތް ފެނުމުން ކުއްލިއަކަށް އޭނާގެ ހުނުން މެދުކެނޑުނެވެ. އެދެލޮލުގައި އެވަނީ ކޮންފަދަ ބާރެއްބާއޭ އައިކާގެ ހިތަށްއެރިއެވެ. އޭނާގެ ހިތް އެދުނީ އެދެލޮލުގެ ތެރެއަށް ގެނބިގެންދާށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައި އިރުކޮޅަކު ތިބެވުނުއިރު ނަޒަރުން އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ. ލޮލުން އެތައް ވާހަކައެއް ދައްކަމުން ދިޔައިރު ދެމީހުންނަށްވެސް މަޑުމަޑުން ގާތްވެވެމުން ދިޔައެވެ. ނަމަވެސް އިން ފަހަނައަޅާ ނުދަނީސް ޔޫޝައުއަށް ހަމަބިމަށް އާދެވުނެވެ. އޭރު އައިކާއަށް ވަނީ ގާތްގަނޑަކަށް ޔޫޝައު ގައިގައި ތަތްވެވިފައެވެ.

“މިހާރު ތިހުރިހެން ހުއްޓާ ފެނިއްޖެއްޔާ ހަމަ ގައިމުވެސް މަންމަ ރުޅިއަންނާނެ..” ޔޫޝައުގެ އަޑަށް ސިހިފައި އައިކާއަށް ދުރަށް ޖެހިލެވުނެވެ. ލަދުގަތްވަރުން މޫނަށް ޖަންބުކުލަ ވެރިވެގަތީ ބަސްބުނާހާ ހިނދުންނެވެ.

“ދެން ދޭ.. މިތަން ކަހާ ނިންމާލަން ވެއްޖެ..” އައިކާ ދުރަށް އެނބުރި ހުރެ ބުނެލިއެވެ.

“އަހަރެން ހުއްޓަކަސް ކެހިދާނެއެއްނު..”

“ދެން ދޭބަލަ.. އަހަރެން ފަހުން ގުޅާނަމޭ..” އައިކާ ޔޫޝައުއާ ދިމާއަށް އެނބުރެމުން ބުނެލިއެވެ.

“ކިސްއެއް ދީ.. މިތަނަށް.. އޭރުން އެއްވެސް ބަހަނާއެއް ނުދައްކާ ދާނަން..” ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޔޫޝައު ލާނެތް ގޮތަކަށް ހީލާފައި އެހެން ބުނެލުމުން އައިކާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އައިކާ ޔޫޝައުއާ ދިމާއަށް އިލޮށިފަތި މަޅައިގަތުމާއެކު ޔޫޝައު ދުއްވައިގަތެވެ. އައިކާވެސް ޔޫޝައުގެ ފަހަތުން އިލޮށިފަތި ހިފައިގެން ދުއްވައިގަތެވެ. ދެމީހުން ދުވަމުން ގޮސް ޔޫޝައު އުޅޭ ގެ ހުންނަ މަގަށް ލަނބާލިތަނާ އެމަގުން ނުކުތް މީހެއްގެ ގައިގައި ލައިގެންފައި ޔޫޝައު އެމީހާއާއެކު ވެއްޓުނެވެ. އައިކާވެސް އައި ބާރުމިނުގައި ކޮންޓްރޯލް ނުކުރެވި ޔޫޝައުގެ ގައިގައި އަޅައިގެންފައި ވެއްޓުނީ އަނެއްމީހާގެ ގައިމައްޗަށެވެ.

 

އައިކާ ވެއްޓުނު ވަގުތު އޭނާގެ އަތް ވިދުނު ގޮތަކުން އަތަށް ތަދުވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ތެދުވަންވެގެން ބިންމަތީގައި އަތް ވިއްދާލިއެވެ. އޭނާގެ މޫނުމައްޗަށް އިސްތަށިގަނޑު މޫނުމައްޗަށް ވެރިފައި އޮތުމުން ދެމީހުންނަކަށް ދެމީހުންގެ މޫނެއް ނުފެނެއެވެ.

“އައްދޯއި.. ނަގޫ**..” އައިކާގެ ތެދުވަންވެގެން ހިފާލި ވަގުތު އޭނާގެ ފައި އެޅުނީ އެޒުވާނާގެ އެންމެ ނާޒުކު ދިމާގައެވެ. އެވަގުތު އެޒުވާނާގެ ދުލުން ހުތުރު ބަސްތަކެއް ބޭރުވިއެވެ. އައިކާއަށް އެއްވެސް އެއްވެސް އިޚްތިޔާރަކާއިނުލާ އެޒުވާނާގެ މޫނަށް ބަލާލެވުނެވެ. އެވަގުތު އޭނާއަށް ސިހުމެއް ލިބުނީ އެއީ މާޒްކަމަށް ވީތީއެވެ. މާޒްގެ ދުލުން އެފަދަ ހުތުރު ބަހެއް އޭނާ އަޑުއެހި މީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާއަށް ހައިރާންކަމާއެކު މާޒްއަށް ބަލަން އޮވެވުނީއެވެ.

“އައްދޯއި.. އާހް..” މާޒްއަށް އެދިމާގައި އަތްއަޅަމުން އެއްވެސް އިޚްތިޔާރަކާއިނުލާ ބުނެވުނެވެ.

“ތަންކޮޅެއް ބަލާލައިގެން އުޅެބަލަ..” މާޒް ރުޅިވެރިކަމާއެކު ބުނެލަމުން އައިކާއާ ދިމާއަށް ބަލާލިއެވެ. މާޒްއަށް އެއީ ކާކުކަން އެނގުމާއެކު ވަގުތުން އޭނާގެ ރުޅިގަނޑު ފިނިވެއްޖެއެވެ.

“އިކާ! ތަނަކަށް ތަދުވިތަ؟” މާޒް އޭނާއަށް ވަމުންދިޔަ ތަދަކަށް ނުބަލާ އައިކާއަށް ސަމާލުކަންދީ އައިކާގެ ތަނަކަށް ތަދުވިތޯ ސުވާލުކުރިއެވެ. އޭރު ޔޫޝައުވެސް ތެދުވެގެން އައިކާ ނެގުމަށްޓަކައި ގާތްވަނީއެވެ.

“ނޫން.. އެކަމް ސޮރީ.. ގަސްތުގައެއް ނޫން..” މާޒްއަށް ވަރަށް ތަދުވާނެކަން ވިސްނުމުން އައިކާ ބުނެލިއެވެ.

“އިޓްސް އޯކޭ.. ސޮރީ އަހަރެންނަށް އެކަހަލަ އެއްޗެއް ބުނެވުނީމަ.. ގަސްތަކު ނޫން..” ނޭނގުމެއްގެ ތެރޭގައި ނަމަވެސް އޭނާއަށް އައިކާއާ ދިމާއަށް އެފަދަ އެއްޗެއް ކިޔުމުން މާޒް ދެރަވިއެވެ.

“އިކާ އޯކޭ ދޯ؟ މާޒް އޯކޭތަ؟” ޔޫޝައު އައިކާ ނަގާފައި މާޒް ތެދުވަން އަތް ދިއްކޮށްލަމުން އަހާލިއެވެ.

“އޯކޭ ވާނީ މިވަރަކަށް.. މަގޭ ދުވަސް ކިރިޔާ ނުދިޔައީ.. އެކަމް ދެން އިކާ ވީމަ މާފުކޮށް ހިތްހެޔޮކޮށްފިން..” މާޒް އެހެން ބުނެލާފައި އެނބުރި ގެޔާއި ދިމާއަށް ދާން ހިނގައިގަތެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ ގަމީހާއި ކަޅު ފަޓުލޫނު ވަނީ ހިރަފުހުން ތަތްތެޅިފައެވެ. އޭނާ ގެއަށް ދިޔައިރު ހިތާހިތުން ކުދިކިޔަމުން ދިޔައެވެ. ހުރިހާ ކަމަކީވެސް ޔޫޝައުގެ ކަންތަކެވެ. ގައިމުވެސް އޭނާ ކޮންމެވެސް ގޯނާއެއް ނުކުރަނީހެއް އައިކާ އިލޮށިފަތި ހިފައިގެން އޭނާ ފަހާ ނުދުވާނެއެވެ. ލޯބިވެރިންނެއް ކަމަކު އެކަހަލަ ސަމާސާކޮށްގެން ނުވާނެ ނޫން ހެއްޔެވެ؟ މިހާ ދުއްވާ އެއްޗެހި ގިނަ ޒަމާނެއްގައި އެކްސިޑެންޓެއްވެސް ހިނގުމަކީ ދުރުކަމެއް ނޫނެވެ. އެވަރު ޔޫޝައުއަށް ނުވިސްނެނީ ހެއްޔެވެ؟ އަންހެންކުއްޖަކު ކާމިޔާބު ކުރެވުނަސް އެއީ ދެން ތަންފުކެއް ބޮޑުވަރެއް ނޫން ހެއްޔެވެ؟ ކަން ހިނގިގޮތް ނޭނގިހުރެ މާޒްއަށް ކުށްވެރިކުރެވުނީ ޔޫޝައުއެވެ. މިއަދު އޭނާއަށް ކޮންމެ ގޮތެއްވިޔަސް އައިކާއަށް ގެއްލުމެއް ނުލިބުނީތީ އޭނާ ހިތްހަމަޖައްސާލައިގެން ހުރެ ގެއަށް ވަތްތަނާ ރަމްޒިއްޔާގެ ސުވާލުތަކާއި ކުރިމަތިވިއެވެ. މާޒް އެއީ ކުޑަކުޑަ އެކްސިޑެންޓެއް ވީކަމާއި އޭނާއަށް އެއްވެސް ކަމެއް ނުވާކަމަށް ބުންޏެވެ.

**********

“ބޭބީ ކީއް ތިކުރީ؟ މާޒްގެ.. ގޮއްވާލީނު ތި..” ގެއަށް ދަމުން ޔޫޝައު ލާނެތް ގޮތަކަށް އެހެން ބުނެލުމުން އައިކާ ގާތަށް ކުޑަކޮށް ރުޅިއައެވެ. ހުރިހާ ކަމެއްވެސްވީ ޔޫޝައުއާ ހެދިއެވެ. އެކަމަކު ކުށްވެރި މިވީ އޭނާއެވެ.

“މީ ޔޫޝްގެ ކަންތަކޭ.. ހަމަ ރީތިކޮށް ދާށޭ ބުނީމަ ދިޔަނަމަ އެހެނެއް ނުވީހެއްނު..” އައިކާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އަހަރެން ނުދިޔަޔަސް ބޭބީ ކުނިކަހަން އޮތްނަމަވެސް އެހެނެއް ނުވީހެއްނު.. ވެއްޖެވިއްޔަ އަހަރެން ފަހާ ދުވަން..” ޔޫޝައު މަޖާވެލާފައި ބުނެލިއެވެ.

“ހުހް.. މަޖަލެއް ނޫނޭ.. އެކަހަލަ ޑާރޓީ އެއްޗެހި ބުނާތީ ވާގޮތޭ އެއީ..” އައިކާ ހުރީ ދެންމެ އެވީ ގޮތަކުން ރުޅިއައިސްފައެވެ.

“ޑާރޓީ އެއްޗިއްސޭ!!؟ ގައިމު އެއަށްވުރެ މާ ޑާރޓީ ކަންތައް ކުރަން ޖެހޭނެ ދުވަހެއްވެސް އަންނާނެ.. އެދުވަހަކުންވެސް އެހެންތަ ހަމަ ހަދާނީ؟” ޔޫޝައު ލާނެތް ގޮތަކަށް ހީލަމުން ބުނެލިއެވެ. ޔޫޝައު އެބުނީ ކީކޭކަން އެނގުމުން އައިކާ ވަރަށް ލަދުގަތެވެ. ނަމަވެސް އޭނާ އެކަން ފޮރުވާލުމަށް ރުޅިވެރިކަން ދައްކާލިއެވެ. އިލޮށިފަތި މަޅައިގެންފައި ހަމަ މިހާރު ދާށޭ ބުނެލިއެވެ. ޔޫޝައުވެސް ފަހުން އަންނާނަމޭ ކިޔާފައި ދިޔައީ އިތުރަށް އައިކާ ރުޅި ނާރުވަންވެގެންނެވެ.

**********

“މަންމާ! އައިސް ކިއުބް އެބަހުރިތަ؟” މާޒް ރަމްޒިއްޔާ ގާތުގައި އަހާލިއެވެ.

“ހޫމް.. ހުންނާނެ ފުރިޖްގަ.. ކިހިނެއްވީ؟” ރަމްޒިއްޔާ އެހެން އަހާލުމުން މާޒް ބުނީ ވަރަށް ފިނިކޮށް އެއްޗެއް ބޯލަން ބޭނުންވީ ކަމަށެވެ. ރަމްޒިއްޔާ ހީލާފައި ކޮޓަރިއަށް ދިއުމުން މާޒް އަވަސްއަވަހަށް ބަދިގެއަށް ވަދެ ތަށްޓަކަށް އައިސް ކިއުބް އަޅައިގެން ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަދެ ތަޅުލާފައި ފަޓުލޫނު ބާލާފައި އައިސް ކިއުބް ތަށި ހިފައިގެން ގޮސް އެނދުގައި އިށީނދެ ބޮނޑިތާންކުރަން ފެށިއެވެ. އޭރުވެސް އެތަން ހުރީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. އިރުކޮޅެއް ވަންދެން ބޮނޑިތާން ކުރުމަށްފަހު ތަށި ބަހައްޓާފައި އެނދުގައި އޮށޯވެލައިގެން އޮއްވާ އޭނާއަށް ނިދުނު އިރެއްވެސް ނޭނގުނެވެ.

“ދަރިފުޅާ! ކީއް ތިކުރަނީ؟ ނުކުމެބަލަ ސައިބޯން.. މިހާރު އެހެރަ ދިހައެއް ޖަހަނީއޭ..” ރަމްޒިއްޔާ ދޮރުގައި ޓަކި ޖަހަމުން ގޮވާ އަޑަށް މާޒްއަށް ހޭލެވުނެވެ.

“އާނ.. މަންމާ މި ނުކުންނަނީއޭ..” މާޒް ރަމްޒިއްޔާއަށް އިވޭވަރަށް ބުނެލިއެވެ. މާޒްގެ އަޑު އިވުމުން ރަމްޒިއްޔާ ހިތްހަމަޖެހިގެން ހުރެ ބަދިގެއަށް ދިޔައެވެ.

“ވަޓް!!؟ މިހެން ހުއްޓާތަ އަހަރެންނަށް ނިދުނީ!!؟” މާޒް ފާޚާނާއަށް ދާން ތެދުވި ވަގުތު ކޮޓަރީގައި ހުރި ބޮޑު އަލަމާރީގެ ލޯގަނޑުން އޭނާގެ ސޫރަ ފެނުމުން ޤަބޫލުނުކުރެވިފައި އޭނާއަށް މަޑުމަޑުން ބުނެވުނެވެ. އޭނާއަކީ ދުވަހަކުވެސް ބަރަހަނާ ހާލުގައި ނިދާ މީހެއްނޫނެވެ. ނަމަވެސް މިއަދު ކަން ހިނގިގޮތުން އެހެން އެކަންވީއެވެ. އޭނާއަކީ ދުވާލު ނިދާއިރު ދޮރު ތަޅުލާ މީހަކަށް ނުވީނަމަވެސް މިއަދު ދޮރު ތަޅުލާފައި ބެހެއްޓުނުކަންވެސް ނަސީބެކޭ އޭނާގެ ހިތަށްއެރިއެވެ. މިފަދަ ޚިޔާލުތަކެއްގައި ހުރެ އޭނާ ގޮސް ފާޚާނާއަށްވަދެ ފެންވަރާލައި ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު ރަމްޒިއްޔާ އިނީ އޭނާގެ އިންތިޒާރުގައެވެ.

“ދަރިފުޅު ބަލީތަ؟ މަންމަ ހާދަ ވަރަކަށް ގޮވައިފީމޭ..” ރަމްޒިއްޔާ މާޒް ފެނުމާއެކު ސުވާލުކޮށްލިއެވެ.

“ނޫނޭ މަންމާ.. ހަމަ އޮށޯވެލައިގެން އޮއްވާ ނިދުނީ..” މާޒް އެހެން ބުނެލުމުން ރަމްޒިއްޔާ ހީލިއެވެ.

“ދެންވެސް އަވަހަށް ސައިބޯން އުޅޭ.. ބައްޕަވެސް އެތައްއިރަކު އިނދެފައި ފިހާރައަށް ގޮސްފި.. ދަރިފުޅުވެސް ސައި ބޯލައިގެން ދެން ދޭ އިނގޭ ފިހާރައަށް..” ރަމްޒިއްޔާ ތަށިތައް ގާތްކޮށްލަދެމުން އެހެން ބުނެލުމުން މާޒް އާނއެކޭ ބުނެލިއެވެ.

މާޒް ސައި ބޮއިގެން ފިހާރައަށް ދިޔައިރު މަންސޫރު އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ވިސްނަމުން ދިޔައީ މާޒް ގާތުގައި އޭނާއަކީ މާޒްގެ އަސްލު ބައްޕަ ނޫންކަން ބުނެދޭނެ ގޮތަކާއިމެދުގައެވެ. މާޒް ގާތުގައި އެވާހަކަ ބުނުން މިހާރުވެސް މާ ލަސްވެއްޖެކަމުގައި އޭނާގެ ހިތް ބުނަނީއެވެ. އަނެއްކާ އޭނާ އެވާހަކަ ބުނުމުން މާޒްގެ ހިތް އޭނާއާމެދު ގޯސްވެދާނެބާއެވެ.

“ބައްޕާ!” މާޒް ގޮސް މަންސޫރު ގާތުގައި ހުރި ގޮނޑީގައި އިށީންނަމުން ގޮވާލިއެވެ. އެއާއެކު މަންސޫރަށް ސިހިފައި ބަލާލެވުނެވެ.

“ދަރިފުޅު ތިއައީ ދޯ؟ ބައްޕަ ވަރަށް ގިނައިރު އިނިން ދަރިފުޅު ނުކުމޭތޯ..” މަންސޫރު ހަމަޖެހޭގޮތް ދައްކަމުން ބުނެލިއެވެ.

“ބައްޕަ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ވިސްނާހެން އެބަހީވޭ..” މަންސޫރުގެ މޫނަށް ބަލާލަމުން މާޒް ބުނެލިއެވެ. އެއާއެކު މަންސޫރު ފުން ނޭވައެއް ދޫކޮށްލިއެވެ.

“އާނ.. ވަރަށް ބޮޑަށް ވިސްނޭ އެބަ.. ވިސްނަންޖެހޭ ކަންތައްތައްވެސް ހުންނާނެތާ..” މަންސޫރު އެހެން ބުނެލުމުން މާޒް ހައިރާންވިއެވެ. އެހާ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައި އުޅޭ މީހަކު އެހާބޮޑަށް ވިސްނަންޖެހޭ އޮންނާނީ ކޮންކަމެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. އަނެއްކާ މަންމައާއި ބައްޕައާއި މައްސަލައެއް ޖެހުނީބާއެވެ. އެކަމަކު އެދެމީހުން އުޅޭގޮތުން އެކަހަލަ އެއްވެސް ނިޝާނެއް ނުފެނެއެވެ.

“ބައްޕަ ވާހަކައެއް އެހިއްޔާ ދަރިފުޅު ތެދުތެދަށް ޖަވާބު ދޭނަންތަ؟” މަންސޫރު ކުއްލިއަކަށް އެހެން އަހާލުމުން މާޒް ހައިރާންވިއެވެ. އަނެއްކާ ބައްޕަ އެ އަހަން އުޅެނީ ކޮން ވާހަކައެއްބާއޭ މާޒްގެ ހިތަށްއެރިއެވެ.

“އާނ.. ބައްޕައަށް ހީވަނީތަ އަހަރެން ބައްޕައަށް ދޮގު ހަދާފާނެއޭ؟ އަހަރެން ދުވަހަކުވެސް ބައްޕައަކަށް ދޮގެއް ނުހަދަމެއްނު..” މާޒް އެހެން ބުނެލުމުން މަންސޫރު ބޯޖަހާލިއެވެ.

“ކުރިން ރެއަކު ދަރިފުޅު ވާރެޔާ ތެމިގެން އައިމެއްނު.. އެރޭ ވީގޮތް ކިޔައިދީބަލަ.. ދަރިފުޅު ނުބުންޏަސް ވަރަށް ބޮޑު ކަމެއް ވެއްޖެކަން ދަރިފުޅުގެ މޫނުމަތިން ވަރަށް ރަނގަޅަށް އެނގުނު.. އެކަމަކު އެރޭ އެއްވެސް ސުވާލެއް ނުކުރީ އެއީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތުކަމަށް ނުފެނުނީމަ..” މަންސޫރު އެހެން ބުނެލުމުން މާޒް ފަސްޖެހުނެވެ. އައިކާގެ ވާހަކަ ބުނުމުން މަންސޫރު ހިތަށް އަރާނީ ކީކޭބާއޭ އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް ބައްޕަ ގާތު ތެދުތެދަށް ޖަވާބުދޭނަންކަމަށް ވަޢުދުވެސް ވެވިއްޖެއެވެ. އެހެންކަމުން މާޒް އެރޭ ކަންތައް ވީގޮތް މަންސޫރަށް ކިޔައިދިނެވެ.

“ތިވީ ވަރަށް ދެރަގޮތެއް.. އެކަމަކު މީ ދުނިޔެ.. ދުނިޔޭގަ އުޅޭއިރު ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ.. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް..” މަންސޫރު ދެރަވެފައި އިނދެ ބުނެލީ މާޒްއަށް ހިތްވަރެއް ލިބޭނެފަދަ ގޮތަކަށެވެ.

“އެކަމަކު ބައްޕާ.. އަހަރެން އިކާދެކެ ވަރަށް ލޯބިވޭ.. ދުވަހަކުވެސް އެހެން ކުއްޖަކުދެކެ ލޯބިވެވޭނެކަމެއް ނޭނގެ..” މާޒް އިނީ އޭނާގެ ހިތުގެ އުދާސްތައް މަންސޫރުގެ ކުރިމައްޗަށް ބަންޑުންކޮށްލަން ނުހަނު ބޭނުންވެފައެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

“ދަރިފުޅާ! ތިހެން ވިސްނާކަށް ނުވާނެ.. ބައްޕަގެ ޒުވާން އުމުރުގަ ބައްޕަވެސް ތިހެން ބުނީމޭ.. އޭރު ބައްޕަ އިނދެގެން އުޅުނު މީހާ ހިލޭ ފިރިހެނަކާ އެކީ އޮއްވާ ފެނުނީމަ ބައްޕަގެ ހިތަށް ވަރަށް އަސަރުކުރި.. އެމައްސަލަގަނޑުގެ ތެރޭގަ ބައްޕަ އޭނަ ވަރިކުރީ.. އޭގެފަހުން ބައްޕަ ވަރަށް ދުވަސްވަންދެން އެއްވެސް ކުއްޖަކާ ރައްޓެހިވެސްނުވެ ހުރިން.. ބައްޕަގެ މަންމަމެން ވަރަށް ކީ އެހެން ކުއްޖަކު ހޯދައިގެން އިންނާށޭ.. އޭނައަށްވުރެ މާރަނގަޅު ކުދިން ލިބޭނެޔޭ.. އެކަމް ބައްޕަ އޭނަދެކެ އެހާ ލޯބިވާތީ އެވާހަކަ ޤަބޫލެއްނުކުރަން.. އަބަދުވެސް ޤަބޫލުކުރީ ދެން އިތުރު ކުއްޖަކުދެކެ ލޯތްބެއް ނުވެވޭނެޔޭ.. އެހެން އުޅެނިކޮށް ދަރިފުޅުގެ މަންމައާ ދިމާވީ.. ދެން މަންމައާ ގުޅުން އުފެދި ކައިވެންޏާ ހަމައަށް އައީ.. އޭރަކު ބައްޕަ މަންމަދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ.. އެކަމަކު ބަލާބަލަ މިހާރު.. މަންމައަށްވުރެ ބޮޑަށް ލޯބިވާ އިތުރު އެކަކުވެސް ނެތް.. އިރާދަކުރެއްވިއްޔާ ދަރިފުޅަށްވެސް އައިކާއަށްވުރެ މާރަނގަޅު ކުއްޖަކު ލިބޭނެ.. ދަރިފުޅަށްވެސް ދެން އެންމެ ރަނގަޅުވާނީ އައިކާގެ މަތިން ހަނދާން ނައްތާލާފައި ރަނގަޅު ކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފެށިއްޔާ.. ތިހެން އުމުރު ބޭކާރުކޮށްލާކަށް ނުވާނެ ދަރިފުޅާ..” މަންސޫރު ބެލީ އޭނާގެ ދިރިއުޅުމުން މިސާލު ދައްކައިގެން މާޒްއަށް ވިސްނައިދެވޭތޯއެވެ.

“ނޫން ބައްޕާ.. ތިކަމެއް ނުވާނެ.. އަހަރެންގެ ހިތް ބުނަނީ އައިކާ އަދި އަހަރެންގެ ގާތަށް އަންނާނެޔޭ.. އަހަރެން އެދުވަހަކަށް އިންތިޒާރު ކުރާނަން..” މާޒް އޭނާގެ ފަހުބަސް އިއްވުމުން މަންސޫރު އިތުރަކަށް އެވާހަކައެއް ނުދެއްކިއެވެ. ކިތަންމެ ވަރަކަށް އެވާހަކަ ދެއްކިޔަސް މިވަގުތު މާޒްގެ ވިސްނުން ބަދަލުނުވާނެކަން އޭނާއަށް އެނގޭތީއެވެ.

“އަދި ބައްޕަ ދަރިފުޅު ގާތު ދައްކަންޖެހޭ ވަރަށް މުހިންމު ވަރަށް ބޮޑު ވާހަކައެއް އެބައޮތް.. އެކަމަކު އެވާހަކަ ދައްކާނީ މިހާރަކު ނޫން.. މަންމަވެސް އިނދެގެން އެވާހަކަ ދައްކާނީ.. ފަހަރެއްގަ އެވާހަކަ ދެއްކީމަ ދަރިފުޅުގެ ހިތް ބަދަލުވެސް ވެދާނެ.. ދެން ބައްޕަ މިވަގުތު ގޮސްލަނީ އިނގޭ.. އަދި އަންނާނަން ބަންދުކުރުމުގެ ކުރިން..” މަންސޫރު އެހެން ބުނެފައި ދިޔައީ މާޒް ސުވާލުތަކެއްގެ ތެރެއަށް ދޫކޮށްލާފައެވެ.

ބައްޕަ އެހެން އެބުނީ ކީއްވެބާއެވެ. އޭނާ ގާތުގައި ދައްކަންޖެހޭ އެހާބޮޑު އަދި އެވާހަކައެއް ދެއްކުމުން އޭނާގެ ހިތް ބަދަލުވެދާނެފަދަ ވާހަކައަކީ ކޮބައިބާއޭ މާޒްގެ ހިތަށްއެރިއެވެ. އަދި މަންމަ އިންދާ ނޫނީ އެވާހަކަ ނުދައްކަން އުޅޭ ސަބަބަކީ ކޮބައިބާއެވެ. މިފަދަ އެތައް ސުވާލެއް މާޒްގެ ހިތަށްއަރާ ފައިބަމުން ދިޔަ ނަމަވެސް އޭނާއަށް އިތުރަށް އެކަމާ ދޭތެރޭ ވިސްނާނެ ފުރުސަތެއް ނުލިބުނީ ފިހާރައަށް ކަސްޓަމަރެއް އައުމުންނެވެ. އެމީހާ ގަންނަން އައި އެއްޗެހި ގަނެގެން ދިޔަތަނާ އަނެއްކާވެސް އެހެން މީހަކު އައެވެ. ދުވަހަކީ ހުކުރު ދުވަހަށްވުމުން ފިހާރަ ބަންދުކުރަން ވަންދެންވެސް އޭނާއަށް ވަރަށް ބާރުބޮޑެވެ. އެހެންކަމުން ހުކުރު ދުވަހު އާންމުކޮށް އެގާރަ ޖަހާއިރު ބަންދުކުރާ ފިހާރަ މިއަދު އޭނާއަށް ބަންދުކުރެވުނީ އެގާރަ ގަޑި ބައިވެސްވީ ފަހުންނެވެ. އޭނާ ފިހާރަ ބަންދުކޮށްފައި ގޮސް ކޮޓަރިއަށް ވަދެފައި އޭނާގެ ނުވަ އަހަރުގެ ކޮއްކޮ އެލީނާއަށް ގޮވާލިއެވެ.

“ކީކޭ ދޮންބޭ؟” އެލީނާ އައިސް ކޮޓަރިއަށް ވަންނަމުން ސުވާލުކޮށްލިއެވެ.

“އަން.. މި ގަމީހާއި ފަޓުލޫނު ގެންގޮސް މަންމަ އަތަށް ދީފަ ބުނޭ އިސްތިރިކޮށްދޭށޭ އިނގޭ.. ދޮންބެ މި ވަންނަނީ ފެންވަރަން..” މާޒް އޭނާގެ އަލަމާރިން މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއް ނަގާ އެލީނާ އަތަށް ދެމުން ބުނެލިއެވެ. އެލީނާ ދިއުމުން މާޒް ކޮޓަރި ތަޅުލާފައި ތުވާލި އޮޅާލައިގެން ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން ނުކުތްތަނާ އޭނާގެ ފޯނު ރިންގުވާ އަޑު އިވުމުން އޭނާ ގޮސް ބަލާލިއިރު ގުޅަނީ ސަނާއެވެ.

“ހެލޯ! މާޒްތަ؟ މިއަދު ހުކުރުން ފައިބައިގެން މިގެއަށް ކާން އަންނައްޗޭ..” ސަނާ އެހެން ބުނެލުމުން މާޒް ވިސްނާލިއެވެ. އޭނާ ހަމަ އައިކާމެން ގެއަށް ދާންވީބާއެވެ. ހަމަ ޔަޤީނުންވެސް ޔޫޝައު ދާނެއެވެ. ވީމާ އޭނާ ދިއުމުން އައިކާ ހިތްހަމަޖެހޭނެބާއެވެ. އައިކާއާއި ޔޫޝައު އޭނާގެ ކުރިމަތީގައި ލޯބިން އުޅޭތަން ދެކެން އޭނާއަށް ފަސޭހަވާނެބާއެވެ. ނުވާނެއެވެ. އެކަމަކު ސަނާ އެހެން ބުނުމުން ދެކޮޅު ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ސަނާއާއި ނާޒިމްއަކީ އޭނާއަށް މައިންބަފައިންފަދަ ބައެކެވެ. ވީއިރު އެމީހުން އެދުމުން އޭނާ ނުގޮސްފިނަމަ އެމީހުން ދެރަވާނެއެވެ.

“ހެލޯ މާޒް.. ކީއްވެ އެއްޗެކޭ ނުބުނީ؟ ނާދެވޭނެތަ؟” މާޒްގެ ޚަބަރެއް ނުވުމުން ސަނާ އަހާލިއެވެ.

“ނޫން.. ދާނަން އިނގޭ..” މާޒް އަވަސްއަވަހަށް ބުނެލިއެވެ. ސަނާވެސް އެންމެ ރަނގަޅޭ ބުނެފައި ބޯނު ބޭއްވީ މާޒް މިހާރު އުޅޭނީ ހުކުރަށް ދާން ތައްޔާރުވާންކަން އެނގޭތީއެވެ. މާޒް ފޯނު ބޭއްވިތަނާ ދޮރުގައި ޓަކި ޖަހާލިއަޑު އިވުމުން ގޮސް ދޮރު ހުޅުވާލިއިރު އެލީނާ ހުރީ އޭނާ އިސްތިރިކުރަން ދިން އެއްޗެހި ހިފައިގެން އައިހެވެ. މާޒް އެއެއްޗެހީގައި ހިފައިގެން ވަދެ ކޮޓަރި ތަޅުލިއެވެ. އަދި ރީތިވެލައިގެން ނުކުމެ އޭނާގެ މަންމައަށް ގޮވާލިއެވެ.

“މަންމާ! މިއަދު މެންދުރު ކާކަށް ނާންނާނަން އިނގޭ.. ސަނާއްތަ ބުނެފި އެގެއަށް ކާން ދާން.. އެހެންވެ..” މާޒް އެހެން ބުނެލުމުން ރަމްޒިއްޔާ އާނއެކޭ ބުނެލިއެވެ.

މާޒް ހުކުރުން ފައިބައިގެން އައިކާމެން ގެއަށް ދިއުމަށް މިސްރާބު ޖެހިތަނާ ޔޫޝައު ގޮވާލި އަޑުއިވިފައި އެނބުރި ބަލާލިއެވެ. އޭރު ޔޫޝައު އޭނާއާ ދިމާއަށް ހުރެ އަންނަނީއެވެ.

“ކޮބާ މިހާރު ކިހިނެއްތަ؟” ޔޫޝައު އައިސް މާޒްއާ އަރާ ހަމަކުރަމުން އަހާލިއެވެ. ޔޫޝައު އެ އިޝާރާތްކުރީ ކޮންކަމަކަށްކަން އެނގޭތީ މާޒް ހީލަމުން މިހާރު ވަރަށް ބޮޑުތަން ރަނގަޅުކަމަށް ބުނެލިއެވެ.

“މާޒްވެސް ތިދަނީ އިކާމެން ގެއަށްތަ؟” ޔޫޝައު އެހެން އަހާލުމުން މާޒް ބޯޖަހާލިއެވެ.

“އެހެންތަ؟ އަހަރެންވެސް މިދަނީ އެގެއަށޭ.. ހިނގާ ދަމާ..” ޔޫޝައު އެހެން ބުނެލުމާއެކު މާޒްވެސް އަވަހަށް ހިނގާށޭ ބުނެލިއެވެ. އެދެމީހުން އެކުގައި ހިނގާލާފައި ދާތަން ފެންނަ ކޮންމެ މީހަކަށް ހީވާނީ އެއީ އެތައް ޒަމާނެއްވަންދެން އެކުގައި އުޅެފައި ތިބި ގާތް ދެ ރަޙުމަތްތެރިންހެންނެވެ. އެހާވެސް އެދެމީހުންގެ ގުޅުން ވަނީ ބަދަހިވެފައެވެ. ޔޫޝައު މާޒްއާ އެހާ ގާތްކޮށް ވާހަކަދައްކަމުން ދިޔަ މަންޒަރު ފެނުމުން ލިހާމްއަށް ހައިރާންވެފައި ބަލަން ހުރެވުނެވެ. އޭނާ ހީކޮށްގެން ހުރީ މާޒްގެ ވާހަކަ އޭނާ ދެއްކުމުން ޔޫޝައު މާޒްއާ އެއްވެސް ގުޅުމެއް ނުބާއްވާނެކަމަށެވެ. ނަމަވެސް ކަން މިވީ އޭނާ ހީކުރިފަދަ ގޮތަކަށް ނޫނެވެ.

“އަނހާ! ތި އައީ ދޯ؟ ހިނގާ އަވަހަށް ބަދިގެއަށް ދަމާ..” މާޒްއާއި ޔޫޝައު އައިސް ވަތްއިރު ސިޓިންގރޫމުގައި އިން ނާޒިމް ބުނެލިއެވެ. ނާޒިމްގެ ފަހަތުން މާޒްއާއި ޔޫޝައުވެސް ބަދިގެއަށް ވަނެވެ. އޭރު ސަނާއާއިއެކު އައިކާވެސް މޭޒުމަތި ތައްޔާރުކުރުމުގައި އުޅެއެވެ.

“އަވަހަށް ކާން ފަށާ.. އެބަ އަންނަން އައުފްއަށް ގޮވާފަ..” ސަނާ އެހެން ބުނެފައި ދިޔައީ އައުފްއަށް ގޮވާށެވެ. އޭނާ ދިޔައިރު އައުފް ބަދިގެއާ ދިމާއަށް އަންނަނީއެވެ.

“މަންމާ ވަރަށް ބަނޑުހައިވެއްޖެ.. އަދިވެސް މާޒްބެމެން ނާދޭތަ؟”

“މާޒްބެވެސް ޔޫޝައުބެވެސް އެބައިން.. އެހެންވެގެން ދަރިފުޅު ބަލާ މިދަނީ.. އާދޭ އަވަހަށް..” ސަނާ ހީލާފައި އެހެން ބުނެލުމުން އައުފް ދުވެފައި ކަހަލަ ގޮތަކަށް އައިސް ބަދިގެއަށް ވަނެވެ.

“މާޒްބެމެން ހާދަ ލަހުންނޭ ތިއައީ.. އައުފް މިހާރު ބަނޑުހައިވެގެން މަރުވާވަރު ވެއްޖެ..” މާޒްއާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން އެހެން ބުނެލިގޮތުން އެންމެނަށްވެސް ހެވުނެވެ.

“މާޒްބެމެން ދިޔައީ މާޒްބެމެން ގޭ ކައިރީ ހުންނަ މިސްކިތަށޭ.. އެމިސްކިތުން ތަންކޮޅެއް ލަހުން ނަމާދުކޮށް ނިމުނީ.. އައުފް ދިޔައީ އަނެއް މިސްކިތަށް ދޯ؟” މާޒް އެހެން ބުނެލުމުން އައުފް ބޯޖަހާލިއެވެ. ދެން ކެއުމުގެ ވަގުތުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ.

ކައިގެން ނުކުމެފައިވެސް މާޒްއަށް އައުފްއާއެކު އެތައްއިރަކު ވާހަކަދައްކަން އިންނަން ޖެހުނެވެ. ޔޫޝައުވެސް އެމީހުންނާ ބައިވެރިވެގެން މަޖާކޮށް ހީ ހެދިއެވެ. މާޒް ގެއަށް ދަންދެންވެސް އައިކާ ހުރީ ޔޫޝައުއާއި ބައްދަލު ނުކުރަން ނިންމައިގެންނެވެ. އޭނާ ޔޫޝައުއާއި ގާތުގައި އުޅޭތަން ފެނުމުން މާޒްގެ ހިތަށް ތަދުވާނެކަން އެނގޭތީއެވެ. ނަމަވެސް އެއީ ކިހާ ހެއްވާ ކަމެއްކަންވެސް އޭނާއަށް އެނގެއެވެ. އެހެނަސް އެނގި އެނގި ހުރެ މާޒްގެ ހިތަށް ތަދުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

މާޒް ދިއުމުން އައިކާ ޔޫޝައުއާއެކު އުނދޯއްޔަށް ނުކުތެވެ. އަދި މިރޭ ބައްދަލުކުރަން ދާނެ ތަނަކާއިމެދު ވާހަކަދެއްކިއެވެ. އެދެލޯބިވެރިން އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު ޔޫޝައު ގެއަށް ދާން ނުކުތީ ލިހާމް ގުޅުމުންނެވެ. އޭނާ ނުކުންނަމުންވެސް މިރޭ އަށްގަޑި ތައްޔާރުވެގެން ހުރުމަށް އައިކާއަށް ހަނދާންކޮށްދިނެވެ.

**********

ރޭގަނޑުގެ ވަގުތެވެ. އައިކާ އަލަމާރިން ފަހަރަކު ހެދުމެއް ނަގައި ބަލަމުން ދިޔައީ އޭނާ ލާނެ ހެދުމެއް ނުނިންމިގެންނެވެ. އެއް ހެދުން ނަގައި ލޯގަނޑު ކުރިމަތީ ހުރެ ގައިގައި ޖައްސާލާފައި ކަމުނުގޮސްގެން އެހެން ހެދުމެއް ނަގައި ބަލާލައެވެ. ހައްތަހާވެސް އޭނާއަށް ރީތި ހެދުމެވެ. ނަމަވެސް ޔޫޝައުއަށް ބޮޑަށް ކަމުދާނީ ކޮން ހެދުމެއްކަން އޭނާއަށް ނޭނގެނީއެވެ. އެތައްއިރަކު ވިސްނާފައި އޭނާ އެތަނުން އެއް ހެދުން ނެގިއެވެ. ކަކުލާއި ހަމައަށް ހުރި އެ ހެދުން އާދައިގެ ގޮތަކަށް ފަރުމާކޮށްފައި ހުރިނަމަވެސް ފޮތިގަނޑުގައި ހުރި ގަދަ ނޫކުލައާއި ރީނދޫކުލަ ގުޅުވާލާފައި ވާގޮތުން ނުހަނު ރީއްޗެވެ. މޭމަތީގައި ރޭނދާ އަޅާފައި ހުރިއިރު އުޅަނބޮށްޓާއި ހަމައަށް ހުރި އަތުގެ ކުރީގައިވެސް ވަނީ ރޭނދާ އަޅާފައެވެ. ބަނޑާއި ދިމާއިން އަޅާފައިވާ ބަންދުގެ ސަބަބުން އެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

އައިކާ އެ ހެދުން އިސްތިރިކޮށްލައި ކޮނޑެއްގައި އަޅުވާލާފައި ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރާލައިގެން މެޔާއި ހަމައަށް ތުވާލި އޮޅާލައިގެން ނުކުމެ އަނގައިން މަޑު ރާގެއް އަޅުވާލަމުން ގައިގައި ލޯޝަން ލާން ފެށިއެވެ. ޔޫޝައުއާ ބައްދަލުކުރަން ދާއިރު އޭނާ ބޭނުންވަނީ ވީހާވެސް މީރުވަސް ދުއްވާލާށެވެ. ލޯޝަން ލައި ނިމިގެން އެ ހެދުންލައި ލޯގަނޑު ކުރިމަތީ ހުއްޓި ބަލާލިއެވެ. ގަޑި ބަލާލިއިރު އަށެއް ޖަހާ ފަސް މިނެޓް ހިނގާފައި ވާތަން ފެނުމުން އޭނާ އަވަސްއަވަހަށް ފުނާ ނަގައި ފުނާ އަޅަން ފެށިއެވެ. ފުނާ އަޅާ ނިމުމުން މޭކަޕް ސެޓް ނެގިއެވެ. އާންމުކޮށް މޭކަޕްކޮށް ނޫޅޭ އައިކާ މިރޭ ލުއި ގޮތަކަށް މޭކަޕްވެސް ކޮށްލިއެވެ. ޔޫޝައު ހިތް ރުހޭނެފަދަ ގޮތަކަށް ތައްޔާރުވާން އޭނާ ބޭނުމެވެ. މޭކަޕްކޮށް ނިމުމުން އޭނާ އަވަސްއަވަހަށް ބޭރަށް ނުކުތެވެ.

އައިކާ ނުކުމެ އިރުކޮޅެއް ވީތަނާ ޔޫޝައު އައިސްފިއެވެ. އައިކާ ފެނުމުން ކަޅިޖަހާނުލާ ޔޫޝައުއަށް ބަލަން ހުރެވުނީއެވެ. އައިކާ ލަދުން ހުރެ ޔޫޝައުއަށް ގޮވާލުމުން ސިހިފައި ވަރަށް ފުރިހަމައޭ ބުނެލިއެވެ. އައިކާ ރަކި ގޮތަކަށް ހީލާފައި ތޭންކްސް އޭ ބުނެލިއެވެ.

“ކޮބާ ރެޑީތަ؟” ޔޫޝައު އެހެން އަހާލުމުން އައިކާ ބޯޖަހާލިއެވެ.

“ހިނގާ ދަމާ..” ޔޫޝައު އެހެން ބުނެލުމުން އައިކާވެސް ހިނގާށޭ ބުނެ ހިނގައިގަތެވެ. ދެމީހުން މިސްރާބުޖެހީ ރަށުގެ އަތިރިމައްޗާއި ދިމާއަށެވެ. ޤުދުރަތީ ރީތިކަމާއިއެކު މިނިވަން މާހައުލެއްގައި ބައްދަލުކޮށްލުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ. އާދައިގެ ވަރަކަށް ވައިޖެހެމުން ދިޔައިރު ހިތްތަކަށް ހަމަޖެހުން އޭގެ އެންމެ ފުރިހަމައަށް ލިބޭނެ އެއް މަންޒިލަކަށް އަތިރިމަތި ވާނެއެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ވިއްސާރައިގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ވައި ބާރުވާންވެސް ފަށައިފިއެވެ. އައިކާ އެދުނީ ގެއަށް ދިއުމަށެވެ. ނަމަވެސް ޔޫޝައު ހުރީ ގެއަށް ދާފަދަ ގޮތަކަށް ނޫނެވެ. އޭނާ ބޭނުންވަނީ އޭނާ އެރަށުގައި ހޭދަކުރާ އެންމެފަހު ރޭ އައިކާއާ އެކުގައި މިނިވަންކަމާއެކު ހޭދަކޮށްލާށެވެ.

“ބޭބީ ރިލޭކްސް.. ވިއްސާރައެއް ނާންނާނެއޭ.. އެހާ ލަސްނުވަނީސް ގެއަށް ދާނީ..” ޔޫޝައު އައިކާގެ ހިތްހަމަޖައްސައިދިނުމަށް ބުނެލިއެވެ. ނަމަވެސް އައިކާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. ކޮންމެވެސް ގޯހެއް ވެދާނެހެން އޭނާއަށް ހީވަނީއެވެ. ނަމަވެސް ޔޫޝައު ހިތްހަމަނުޖެހިދާނެތީ އިތުރަށް އެވާހަކަ ދައްކާކަށް އޭނާއަކަށް ނުކެރުނެވެ. އަނެއްކޮޅުން އޭރު ތިބީ ގާތްގަނޑަކަށް އެމީހުންގެ މަންޒިލަށް އާދެވިފައެވެ. އެހާ ދުރަށް އައިސްފައި ހިތްހަމަޖެހުމެއް ނުލިބި އެނބުރި ދާން އޭނާގެ ޒަމީރުވެސް އެއްބަހެއް ނުވެއެވެ. ނަމަވެސް އޭނާގެ ހިތް އަންގަނީ އެނބުރި ގެއަށް ދިއުމަށެވެ.

“ހިނގާ މިތާ އިށީނދެލަން.. މިހާ ފިނި ވައިރޯޅިތައް ޖެހޭއިރު ކިހާ އަރާމު ދޯ..” ޔޫޝައު އައިކާގެ އަތުގައި ހިފައިގެން ދޮންވެލިގަނޑު މަތީގައި އިށީންނަމުން ބުނެލިއެވެ. އައިކާވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“ބޭބީ.. އަހަރެން ބޭބީގެ އުނގުގަ ބޯއަޅާލައިގެން އޮވެލަންތަ މިރޭ؟ އަހަރެން ވަރަށް ހަނދާންވާނެ ބޭބީ މަތިން.. ވަރަށް ދެރަވޭ ދާން ޖެހޭތީ.. އެކަމްވެސް ދާން ޖެހޭނެތާ.. އޮފީހުގެ މަސައްކަތް އެހެން މީހަކާ ހަވާލުކޮށްފަ އަބަދަކު މިހެން ނޫޅެވޭނެއެއްނު..” ޔޫޝައުވެސް ހުރީ އައިކާއާ ވަކިވާން ޖެހޭތީ ދެރަވެފައެވެ. އައިކާ އޭނާގެ ފައި ދަމާލަމުން ޔޫޝައު އޭނާގެ އުނގުގައި ބޭއްވިއެވެ.

“އަހަރެންވެސް ވަރަށް ދެރަވޭ މިހާ އަވަހަށް ވަކިވާން ޖެހޭތީ.. އެކަމް އަހަރެންނަށް އަންޑަސްޓޭންޑްވޭ..” އައިކާ އެހެން ބުނެލުމުން ޔޫޝައު ހީލިއެވެ.

“ބުނަންތަ؟ ބޭބީ މިރޭ ހާދަ ރީއްޗޭ.. މިހެދުން ލާފަ ހުންނައިރު އަދި މާ ރީތި.. ބޭބީ މޭކަޕް ނުކުރިޔަސް ހަމަ ރީއްޗޭ.. އަސްލު އަހަރެންނަކަށް އެހާ ކަމަކުނުދޭ މޭކަޕް ކުރީމަ.. އޭރުން ނެޗުރަލް ބިއުޓީ ގެއްލޭނީ.. އަދި ބުނަންތަ؟ އަހަރެންނަށް ވަރަށް ރީތި އަންހެންކުދިން ޝޯލް އަޅާފަ ހުންނައިރު..” އައިކާގެ އިސްތަށިގަނޑާއި ކުޅެލަމުން ޔޫޝައު ބުނެލިއެވެ. ޔޫޝައުގެ ލޯބިވެތި ވާހަކަތަކަށް ގެއްލިފައި އައިކާއަށް އިނދެވުނުއިރު އައިކާވެސް ޔޫޝައުގެ އިސްތަށިގަނޑާއި ކުޅެމުން ދިޔައެވެ.

“ޔޫޝް ދެން އަންނާނީ ކޮންއިރަކުން؟ މާލެ ގޮސްފަ އަހަރެން މަތިން ހަނދާން ނައްތާނުލައްޗޭ..” އައިކާ އެހެން ބުނެލުމުން ޔޫޝައު އައިކާއަށް ބަލާލިއެވެ. އައިކާގެ މޫނުމަތިން އޭނާ ދެރަވެފައި ހުރިވަރު ހާމަވެއެވެ.

“ތިހެން ނުބުނައްޗޭ ދެން.. އަހަރެން ދުވަހަކުވެސް ބޭބީ މަތިން ހަނދާނެއް ނުނެތޭނެ.. އިރާދަކުރެއްވިއްޔާ އަދި ވަރަށް އަވަހަށް އަންނާނަން..” ދެމީހުން ލޯބީގެ އަހުދުތަކާއި ވަޢުދުތައް ވުމުގައި ތިއްބާ ބޮޑުތިކި ވާރޭ ވެހިގަތީ އެކަމަށް އިންޒާރުދޭތާ އެތައްއިރެއް ވީފަހުންނެވެ. ޔޫޝައު ތެދުވެ އައިކާ އަތުގައި ހިފައިގެން ދުއްވައިގަތީ އެންމެ ކައިރީގައި ހުރި އޮޑި ހަރުގެއާ ދިމާއަށެވެ. ހަރުގެއަށް ވަދެވުނުއިރު ދެމީހުންވެސް ތިބީ ފުދޭވަރަކަށް ތެމިފައެވެ.

“އަޅެ އޭރުވެސް އަހަރެން ބުނީމެއްނު ހިނގާށޭ ގެއަށްދާން.. ނުލާހިކު ބޯކޮށް ވާރޭ އެއައީ.. ނޭނގެ އަވަހަށް ހުއްޓާނެ ކަމެއްވެސް.. މާ ލަސްވަންޏާ މަންމަ ކަންބޮޑުވާނެ.. ބައްޕަވެސް އެބަހުރި ރަށުގަ.. ބައްޕަ އަހަރެން ހޯދަންވެސް ނުކުމެދާނެ.. މިކަހަލަ ތަނެއްގަ ތިއްބާ ފެނިއްޖެއްޔާ ވަރަށް ގޯސްވާނެ.. ހިނގާ ގެއަށް ދާން..” އައިކާ ކަންބޮޑުވީވަރުން އެއްފަހަރާ ހުރިހާ އެއްޗެއް ކިޔާލިއެވެ.

“ބޭބީ ރިލޭކްސް.. ރިލޭކްސް.. އަހަރެން މިހުރީނު.. އެއްވެސް ކަމެއް ނުވާނެ.. ވަރަށް އަވަހަށް ވާރޭ ހުއްޓާލަފާނެ.. ހުއްޓާލީމަ ދާނީއޭ..” ޔޫޝައު ބެލީ އައިކާ ހަމައަކަށް އެޅުވޭތޯއެވެ. އެވަގުތު ޖަހާލި ބާރު ގުގުރިއާއެކު ތޫލި އަޑަކުން ހަޅޭއްލަވައިގެންފައި ޔޫޝައުގެ ގައިގައި ބައްދައިގަތެވެ. ގަދަ ވަޔާއިއެކު ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން އައިކާގެ ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ. ރޭގެ ފިނިކަމާއިއެކު އައިކާ އެހާ ގާތުގައިވުމުން ޔޫޝައުގެ ހިއްސުތަކަށްވެސް އެނގުންވެލައިގެން ދިޔައެވެ. ނަމަވެސް އޭނާ ކެތްކުރަމުން ދިޔައެވެ. އައިކާއަށް ލިބިދާނެ ދެރައަކާއިމެދު ވިސްނާފައެވެ. އޭނާއަށް އައިކާދެކެ ވެވުނު ސާފުތާހިރު ލޯބީގައި ލައްގަނޑެއް ޖެހޭކަށް އޭނާ ބޭނުމެއްނުވެއެވެ. ނަމަވެސް މި ފިނި ވާރޭގެ ތެރޭގައި ތެމިގެން ދެވޭކަށްވެސް ނެތެވެ. އެކަމަށް އައިކާގެ ހާލަތު ތަން ނުދޭތީއެވެ.

ފަހަރަކަށްވުރެ ފަހަރެއް އައިކާގެ ހަށިގަނޑުގައިވާ ތުރުތުރުލުން ދިޔައީ އިތުރުވަމުންނެވެ. ކަންތައް މިހެންވާނަމަ ނަތީޖާ ރަނގަޅު ނުވާނެކަން ޔޫޝައުއަށް އެނގުނެވެ. އައިކާއަށް ދެރަގޮތެއް ވާކަށް އޭނާ ނޭދެއެވެ. އެހެންކަމުން އަމިއްލަ ނަފްސަށް އިތުބާރުކޮށް އޭނާ އައިކާ ގޮވައިގެން އިށީނދެ އޭނާގެ ގަޔާލައި ބޮނޑިކޮށްލިއެވެ. އަދި އައިކާގެ އަތުގައި އަތް އުނގުޅަމުން ހޫނުކަން އިހުސާސްކޮށްދެމުން ދިޔައެވެ. އަނެއްކާވެސް ޖަހާލި ބާރު ގުގުރިއަކާއެކު އައިކާ އަނެއްކާވެސް ޔޫޝައުގެ ގައިގައި އިހުނަށްވުރެ ބާރަށް ބައްދާލިއެވެ. ރޭގެ ފިނިކަމާއި ހުރެ ހަށިގަނޑުގައި ކެކި އުތުރެމުން އައި އިހުސާސްތަކުގެ މައްޗަށް ގަދަވެ ހުރި ޔޫޝައުގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުވެވި އައިކާގެ ތުރުތުރުއަޅަމުންދިޔަ ތުންފަތުގައި ބޮސްދޭން ފެށުނެވެ. އައިކާވެސް ހޫނަކަށް ބޭނުންވެފައިވާލެއް ބޮޑުކަމުން ޔޫޝައުގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ފުރިހަމައަށް އެކަމުގައި ބައިވެރިވެވުނެވެ.

ދެމީހުންގެ ނޭވާ ކޮޅުންލުމުން ދުރުވެލިއިރު ޔޫޝައުގެ ހިތް އެދުނީ އަދިވެސް އެރީތި ތުންފަތުގެ މީރުކަން ލިބިގަތުމަށެވެ. ދެވަނަ ފަހަރަށް އެތުންފަތުގައި ލޯބިކޮށްލަން ގާތްވެލި ވަގުތު އަނެއްކާވެސް ބާރު ގުގުރިއަކާއެކު އައިކާ ޔޫޝައުގެ ގައިގައި ބައްދައިގަތެވެ.

“ރިލޭކްސް ބޭބީ.. އައިމް ހިއަރ..” ޔޫޝައު އައިކާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ނަމަވެސް ހަމަ އެވަގުތު އޭނާ އައިކާ އޭނާއާ ދުރުކޮށްލިއެވެ. އޭނާގެ ނަފްސު އަމިއްލަ އިޚްތިޔާރުން ބޭރުވެދާނެތީ ބިރުގަތީއެވެ. މިހާރުވެސް އޭނާ ބޭނުންނުވާ ވަރަށް އައިކާއާ ގާތްވެވިއްޖެއެވެ.

“ބޭބީ ފޯނު އެބައޮތްތަ؟” ޔޫޝައު ކުއްލިއަކަށް ފޯނުގެ ވާހަކަ އެހުމުން އައިކާ ހައިރާންވެފައި އެކީއްކުރަންތޯ އަހާލިއެވެ.

“މިރޭ ހިއެއްނުވޭ އަވަހަށް ހުއްޓާނެހެނެއް.. އެހެންވީމަ ތެމިގެން ދާންވެގެން.. މިހާ ފިނި ރެއެއްގަ މިކަހަލަ ތަނެއްގަ ދެމީހުން އެކަނި ތިބެން ވެއްޖެއްޔާ ގޯހެއްވެސް ހެދިދާނެ..” ޔޫޝައު އެހެން ބުނެލުމުން ވަރަށް ހިތްހަމަޖެހިފައި ހުރެ އައިކާ ޖީބުގައި އަތް ހާކާލީ ފޯނު އޮތްތޯ ބަލާލާށެވެ.

“ނެތް ފޯނެއް..” ވަރަށް ކަންބޮޑުވެފައި އައިކާއަށް ބުނެވުނެވެ.

“ބޭބީ ގެނައިންތަ ފޯނު؟” ޔޫޝައު އެހެން އަހާލުމުން އައިކާ ބޯޖަހާލިއެވެ.

“ވެއްޓުނީ ކަންނޭނގެ ދޯ..” ޔޫޝައުވެސް ކަންބޮޑުވެފައި ހޯދަން ފެށިއެވެ. ޔޫޝައު އައިކާގެ ފޯނަށް ގުޅާލިއެވެ.

“އެބަ ރިންގުވޭ.. އެކަމް މިތާކު ނެތެއްނު.. ވާރޭގަ އޮތިއްޔާ ރިންގެއް ނުވީސް..” ޔޫޝައު އެހެން ބުނެލިތަނާ ފޯނު ނަގައިފިއެވެ.

“ހެލޯ! އައިކާ ފޯނު ބާއްވާފަ ދިޔަތަނެއްވެސް ނޭނގިގެން މިއުޅެނީ.. ދުވަހަކުވެސް ބޭރަށް ގޮސް އެހާ ގިނައިރުވާ ކުއްޖެއް ނޫން އެއީ.. އެހެންވެ ވަރަށް ކަންބޮޑުވޭ އެބަ.. ބައްޕަ މިހާރު ގޮސްފި އައިކާ ހޯދަން..” ޔޫޝައުއަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސަނާ އެހެން ބުނެލުމުން ޔޫޝައު ހީލިއެވެ.

“އިކާ މިއުޅެނީ އަހަރެންނާއެކީ ވާރޭ ތެމެން.. މަންމަ ގާތު ބުނަން ހަނދާން ނެތުނީ ކަންނޭނގެ އެ.. ވާރޭ ތެމެން އައީމަ ފޯނު ބާއްވާފަ އެއައީ..” ޔޫޝައު މޮޅު ގޮތަކަށް ވާހަކައެއް ހަދާލައި ހަމަޖައްސާލިއެވެ. ސަނާވެސް ހަމަޖެހިލަމުން އަވަހަށް އައިކާ ގެއަށް ގެންނާށޭ ބުނެފައި ފޯނު ބޭއްވިއެވެ.

“ހިނގާ އަވަހަށް ދަމާ.. މިހާރު މަންމަ އެބަހުރި ކަންބޮޑުވެގެން އެއްކަމެއްވެސް ނުވެފަ.. ބައްޕަވެސް މިހާރު ބޭބީ ހޯދަން ނުކުމެއްޖެޔޯ..” ޔޫޝައު ފޯނު ބާއްވާފައި އެހެން ބުނެލުމުން އައިކާއަށް ޔޫޝައުގެ އަތުގައި ހިފަހައްޓާލެވުނެވެ.

“ކިހިނެއްވީ؟ އަދިވެސް ބޭނުންވަނީތަ އެކަހަލަ ކިސްއެއް؟” ޔޫޝައު އެހެން ބުނެލުމުން އައިކާއަށް ލަދުން އިސްޖަހާލެވުނެވެ.

“ބޭނުމިއްޔާ ދީފާނަމޭ.. ލަދުނުގަނެބަލަ..” ޔޫޝައު އައިކާ އިތުރަށް ލަދުގަންނަވާލުމަށް ބުނެލިއެވެ. އައިކާ ޔޫޝައުގެ މޭގައި މަޑުމަޑުން ޖަހާލަމުން ދެންއޭ ބުންޏެވެ.

“ދެން ހިނގާ ދާން އަވަހަށް..”

“އެކަމަކު ޔޫޝްގެ ފޯނު؟” އައިކާއަށް ބުނެވުނެވެ.

“މީ ވޯޓަރ ޕްރޫފް އެއްޗެއް.. ސޯ ނޯ ވޮރީސް..” ޔޫޝައު އެހެން ބުނެލަމުން އައިކާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދެމީހުން އަތުގުޅުވާލައިގެން ދިޔައިރުވެސް ދޭތެރެ ދޭތެރެއިން ޖަހާލާ ގުގުރިއާއެކު އައިކާއަށް ޔޫޝައުގެ އަތުގައި ހިފާ ބާރުކޮށްލެވެއެވެ. މިކަމުން ޔޫޝައު ގާތަށް ކުޑަކޮށް ހިނިއައި ނަމަވެސް އެކަން ނުދައްކާ ހިނގަމުން ދިޔައީ އައިކާ ދެރަވެދާނެތީއެވެ. ދެމީހުން ވާހަކަދައްކަމުން ގޮސް ލިހާމްމެން ގޭ މަގުން، ޔޫޝައު އުޅޭ ގޭ މަގަށް ލަނބާލިތަނާ ނާޒިމް ކުޑައެއް ހިފައިގެން އެދިމާއަށް އަންނަތަން ފެނުނެވެ. އައިކާގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އޭރު އަދި ނާޒިމްއަކަށް އައިކާމެންނެއް ނުފެނެއެވެ.

“ޔޫޝް! ބައްޕަ..” އައިކާ ކަންބޮޑުވެފައި ބުނެލިއެވެ.

“ބޭބީ ދުއްވައިގަނޭ.. އަހަރެން ބޭބީ ފަހާގޮތަށް ދުވާނަން..” ޔޫޝައު އެވަގުތު އޭނާއަށް އައި އެންމެ މޮޅު ޚިޔާލު ބުނެލިއެވެ. އެހެން ބުނެލުމާއެކު އައިކާ ހެމުން ދުއްވައިގަތެވެ. ޔޫޝައުވެސް އައިކާ ފަހައިގަނެގެން އުޅޭފަދަ ގޮތަކަށް ދުއްވައިގަތެވެ. ނާޒިމްއަށް އެމީހުން ފެނުނީ ފުދޭވަރަކަށް ގާތްވީ ފަހުންނެވެ. އެއާއެކު އޭނާއަށް ހައިރާންވެފައި ބަލަން ހުރެވުނީ އައިކާއާއި ޔޫޝައު ކުޑަ ދެކުދިން ފަދައިން އެކަކު އަނެކަކު ފަހާ ދުވާތަން ފެނުމުންނެވެ. އަނެއްކޮޅުން އައިކާ މިކަހަލަ ވިއްސާރަ ރެއަކު ބޭރަށް ނުކުތީތީ އެކަމާވެސް އޭނާ ހައިރާންވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އައިކާއަކީ ކުރިން ވާރެޔާ އެހާ ރައްޓެހި ކުއްޖެއް ނޫނެވެ. ވާރޭ ވެހެންޏާ އަބަދުވެސް އޭނާ ބޭނުންވާނީ ރަޖާ އަޅާލައިގެން އޮވެ ނިދާލާށެވެ. ނަމަވެސް މިއަދު މި ފެންނަ މަންޒަރު ތަފާތެވެ. ހައިރާންވެފައި ބަލަން ހުއްޓާ ނާޒިމް ސިހުނީ އައިކާ އޭނާއަށް ގޮވާލުމުންނެވެ.

“ހިނގާ ގެއަށްދާން.. މިހާރު ކޮންއިރެއް ދަރިފުޅު ދިޔަތަނެއް ނޭނގިގެން އުޅޭތާ.. ދާތާކަށް ބުނެލާފަ ދާނަމަ.. އެހެންނޫނަސް މިހާރު ގަޑިން ވީއިރެއް އެނގޭތަ؟ މިހާރު އެހެރަ އެގާރަ ޖަހަނީ.. އަންހެންކުދިން އެހާ ލަސްވަންދެން ބޭރުގަ އުޅޭކަށް ނުވާނެ..” ނާޒިމް މަޑުން ބުނިނަމަވެސް އޭނާ ހިތްހަމަނުޖެހިފައިވާވަރު އޭނާގެ އަޑުން ހާމަވެއެވެ. އައިކާއަށް ކަންބޮޑުވެފައި ޔޫޝައުއަށް ބަލާލެވުނެވެ. ޔޫޝައު ބޯޖަހާލީ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނާފަދަ ގޮތަކަށެވެ. އައިކާވެސް ދެކޮޅު ހެދުމަކާއިނުލާ ނާޒިމްއާއެކު ގެއަށް ދިއުމަށް ހިނގައިގަތެވެ. އައިކާ ގޮސް ނިވާވަންދެން ޔޫޝައުއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއަށްފަހު އޭނާ ގެއަށް ވަނީ އަވަހަށް ތެތް އެއްޗެހި ބަދަލުކޮށްލާށެވެ. ފާޚާނާއަށް ވަދެ ފެންވަރައިގެން ނުކުމެ ނިދަންލާ ސޯޓެއް ލައިގެން އޮށޯތްތަނާ އޭނާގެ ފޯނަށް މެސެޖެއް އައެވެ. އޭނާ މެސެޖް ހުޅުވާލިއިރު ލިހާމްގެ މެސެޖެކެވެ. ފޯނު ނުނަގަނީ ކީއްވެތޯ ސުވާލުކޮށްފައި ދެން އޮތީ މޫސުން ގޯސްވުމުން ހެނދުނު ފުރާގޮތަށް ދަތުރު ލަސްކުރި ވާހަކައެވެ. ޔޫޝައު ހިނިތުންވެލަމުން އަވަސްއަވަހަށް އޭނާއަށް ފޯނު ބާއްވާފައި ބޭރަށް ދެވުނީކަމަށް ބުނެ މެސެޖެއް ފޮނުވާލިއެވެ.

އައިކާ އެނދުގައި އޮތީ ނިދަން ތައްޔާރުވެގެންނެވެ. މިރޭ ޔޫޝައުއާއެކު ހޭދަކުރެވުނު ފޮނިފޮނި ވަގުތުކޮޅުގެ ހަނދާންތައް އިރުއިރުކޮޅާ އާވެއެވެ. އަދިވެސް އެމަންޒަރު ލޮލު ކުރިމަތީ ތަކުރާރުވަމުން ދާހެން ހީވެއެވެ. އޭނާ އަދިވެސް އެފަދަ އޯގާތެރި ބީހުންތަކަކަށް އެދެވެއެވެ. ނަމަވެސް ކައިވެންޏަށް ފަހުގައެވެ. މިރޭވެސް ޔޫޝައު ނޫން އެހެން މީހަކުނަމަ ވަގުތުގެ ނާޖާއިޒް ފައިދާ ނެގީސްކަމުގައި އައިކާއަށް ވިސްނުނެވެ. ޔޫޝައު ކިހާ ކެތްތެރި ހެއްޔެވެ؟ އިޚްތިޔާރުން ބޭރުވެވި ތުންފަތުން މީރުކަން ހޯދުމުން އިތުރު ގޯހެއް ހެދިދާނެތީ އަވަހަށް ގެއަށް އަންނަން ނީންމާނީ ކިހާ ކެތްތެރިވީމާ ހެއްޔޭ އައިކާގެ ހިތަށްއެރިއެވެ. އެކަމުގެ ސަބަބުންވެސް އޭނާގެ ހިތުގައި ޔޫޝައުއަށް ދެވިފައިވާ މަޤާމް އެތައް ގުނައެއް އިތުރުވެއްޖެއެވެ. އޭނާ ޔޫޝައުގެ ޚިޔާލުގައި އޮއްވާ ފޯނު ރިންގުވިއެވެ. ބަލާލިއިރު މާޒްއެވެ. މިގަޑީގައި މާޒް އެގުޅަނީ ކީއްކުރަންބާއޭ ހިތަށްއަރާ ހާލު އައިކާ ފޯނު ނެގިއެވެ.

“އިކާ ކޮންތާކު؟ އިކާ ރަނގަޅުތަ؟” މާޒް އަވަސްއަވަހަށް ސުވާލުކޮށްލި ގޮތުން އައިކާ ގާތަށް ހިނިއަންނަ ގޮތްވިއެވެ.

“ގޭގަ.. ކިހިނެއްވީ؟ އަހަރެން ހަމަ ރަނގަޅޭ..” އައިކާ ޖަވާބުދިނެވެ.

“ސަނާއްތަ ގުޅާފަ އިކާ ވީތަނެއް ނޭނގިގެން އުޅޭ ވާހަކަ ބުނީމަ.. އިކާ މިހާރު ގެއަށް ގޮސްދާނެއޭ ހިތަށްއެރީމަ ހަމަ ގުޅާލީ.. ނިދަން ދޯ ތިއުޅެނީ؟” މާޒް އެހެން ބުނެލުމުން އައިކާ އާނއެކޭ ބުނެލިއެވެ.

“އަވަހަށް ނިދާ އިނގޭ.. ގުޑް ނައިޓް.. ޓޭކް ކެއަރ..” މާޒް އެހެން ބުނެލާފައި ފޯނު ކަނޑާލިއެވެ. މާޒް ފޯނު ބޭއްވިތަނާ ޔޫޝައު ގުޅިއެވެ.

“ބޭބީ! ދެންމެ ގުޅިއިރު ކޯލް ވެއިޓިންގަ ހުރީ.. މިގަޑީ ކާކުތަ އެގުޅީ އަހަރެމެންނަށް އުނދަގޫކުރަން..” ޔޫޝައު އެހެން ބުނެލުމުން އައިކާއަށް ހެވުނެވެ.

“އަހަރެންގެ ބިޓޭ ބުނެފިއްޔާ..”

“އޭރުން އެވާނީ ހަމަ ކަނޑައެޅިގެން ދޮގަކަށް..” ޔޫޝައު ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

“ހަމަ ތެދަކަށްވެސް ވެދާނެއެއްނު..” އައިކާ ހެމުން ހެމުން ބުނެލިއެވެ.

“އެހެންވިއްޔާ މިދަނީ ކަނޑަށް އެރެން.. އުހުނ.. އަތުގެ ނާރު ބުރިކޮށްލާނީ.. އުހުނ.. ދަން ޖެހޭނީ..” ޔޫޝައު މަޖާވެލާފައި އެހެން ބުނެލުމުން އައިކާއަށް ބާރަށް ހީނގަނެވުނެވެ.

“މާޒް ގުޅީ.. މަންމަ އޭނައަށްވެސް ގުޅާފަ އަހަރެން ދިޔަތަނެއް ނޭނގިގެން އުޅޭ ވާހަކަ ބުނީމަ.. އަހަރެން މިހާރު ގެއަށް އައިސްފިތޯ ބަލާލަންނޯ ގުޅީ..” އައިކާ ބުނެލިއެވެ.

“އެހެންތަ؟ އޭނަ ހާދަ ރަނގަޅޭ ދޯ؟”

“ހޫމް.. ވަރަށް ރަނގަޅުވާނެ އަބަދުވެސް..” އައިކާ މާޒްއަށް ތަޢުރީފްކޮށްލިއެވެ.

“ވަރަށް އުފާވެރި ޚަބަރެއް ދެންތަ؟ ވިއްސާރަވީމަ މާދަމާ ހެނދުނު ފުރާގޮތަށް ދަތުރު ލަސްވި ވާހަކަ ލިހޭ ބުނި..” ޔޫޝައު އެހެން ބުނެލުމުން އައިކާ އުފާވެލާފައި އަސްލުވެސްހޭ އަހާލިއެވެ.

“ހޫމް.. އެހެންވީމަ ފަތިހު މީޓްވާނެ ދޯ؟ އެކަމް މިއަދު އަނެއްކާ އެހެން މީހެއްގެ ދުވަސް ދުއްވާނުލާތި..” ޔޫޝައު އެންމެ ފަހުން އެބުނެލި ޖުމްލައިން އައިކާ ދެންއޭ ބުނެ ތުއިވެލިއެވެ.

“ހޫމް.. ފަތިސް ނަމާދުކޮށްގެން އަންނައްޗޭ.. އަހަރެން އިންތިޒާރު ކުރާނަން..” އައިކާ ބުނެލިއެވެ. އިރުކޮޅަކު ވާހަކަދައްކާލަން އޮވެފައި އައިކާ ނިދިއައި ވާހަކަ ބުނުމުން ޔޫޝައުވެސް ނިދިއައިސްފިއޭ ބުނެ ރޭގަނޑުގެ ސަލާމް ކޮށްލުމަށްފަހު ފޯނު ބޭއްވިއެވެ. އެއަށްފަހު ލަމްހާއަށް ގުޅާލިއެވެ. ދެފަހަރު ގުޅިއިރުވެސް ފޯނު ނުނެގުމުން ލަމްހާ ނިދީކަމުގައި ނިންމާފައި ޔޫޝައުވެސް ނިދޭތޯ ލޯމަރާލިއެވެ.

**********

“ބުނަން ޔޫޝައު! އަހަރެން ވަރަށް ދުވަހު ކެތްކޮށްފިން.. އަހަރެންނަކަށް އަބަދަކު ނުހުރެވޭނެ މިހެނެއް ޔޫޝައު އޭނައާއެކީ ލޯބިން އުޅޭތަން ބަލާކަށް.. އަބަދުވެސް އޭނަ ކައިރީގަ އުޅެވޭތޯ ތިބަލަނީ.. މިހާރު އަހަރެން މީ ޔޫޝައުގެ އަނތްބެއްކަން ހަނދާނެއްވެސް ނުހުރޭ..” ލަމްހާ ހުރީ ވަރަށް ރުޅިއައިސްފައެވެ.

“ހަމަޖެހިބަލަ..”

“ކޮން ހަމައެއް ޖެހޭކަށް.. މިއަދު ޔޫޝައުއަށް ޖެހޭނީ މިކަން ކޮންމެވެސް އެއްކޮޅެއްގަ ޖައްސަން.. އަހަރެން ވިއްޔާ އަހަރެން.. އޭނަ ވިއްޔާ އޭނަ.. ކޮންމެވެސް އެކަކު ނަގަން ޖެހޭނީ.. އޭނަ ހުންނަންޏާ އަހަރެންނެއް ނުހުންނާނަން.. އަހަރެން ހުންނަންޏާ އޭނައަކަށް މިގެއަކު ނުހުރެވޭނެ.. ގޮތް ނިންމާނީ ޔޫޝައު..” ލަމްހާގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

“ހަމަޖެހިބަލަ.. ލަމްއަށް އެނގެއެއްނު އަހަރެން ލަމްއަށް ދެރަގޮތެއް ނުހަދާނެކަން.. އަހަރެން މިދުވަސްކޮޅު އޭނައާއެކު ގިނަ ވަގުތު މިއުޅެނީ އޭނަ ބަލިވެ އިނީމައޭ.. އޭނަ ވިހެއީމަ ދެން އުޅޭނީ ކުރިންވެސް އުޅުނުހެން ދެމީހުން ކައިރީވެސް އެއްވަރަކަށޭ.. ޤަބޫލުކޮށްބަލަ..” ޔޫޝައު ބެލީ ރީތިކޮށް ވާހަކަދައްކައިގެން ލަމްހާގެ ރުޅިގަނޑު މައިތިރިކުރެވޭތޯއެވެ.

“ހުހް.. ކޮންމެހެން އަހަރެން ވާވައްދަން އުޅޭނެކަމެއް ނެތް.. ތީ ހަމަ ތިކަހަލަ ފިރިހެނުންގެ ފާޑޭ.. އަބަދުވެސް އާ މަލަކުން ފޮނި ބޯން އުޅޭނީ.. އޭނަ ވިހާއިރަށް އޭނަ މަތިން ފޫހިވާނެ.. އެވީ އަނެއްކާ އެހެން މަލެއް ހޯދަން..” ލަމްހާގެ ރުޅި މަޑުވާގޮތެއް ނުވެއެވެ.

“ހުއްޓާލާ! ހަމަ މިހާރު ހުއްޓާލާ! އަހަރެން ބޭނުންވެގެންތަ އަހަރެން އިތުރު މީހަކާ އިނީ؟ އެވެސް އަބަދު އަބަދު އަހަރެންގެ ބޮލުގަ ކޮށާވަރުން ބޮލަށް ނުކުޅަދާނަވެގެން ކުރި ކަމެކޭ.. އެކަމް މިއަދު މިވީ އަހަރެން އަމިއްލައަށް ބޭނުންވެގެން ކުރި ކަމަކަށް.. ރަނގަޅު.. އޭނަ ވިހެއީމަ ދަރި އަތުލާފަ އަހަރެން އޭނަ ވަރިކޮށް އެއްލާލާނަން.. އޭރުން ދެން އަހަރެމެންނަށް ލޯބިން އުޅެވޭނެއެއްނު.. އެޔޭ މި ހަދަން އުޅޭ ގޮތަކީ..” ޔޫޝައުގެ އަޑު ކުއްލިއަކަށް މަޑުވެ މަކަރުވެރިކަމުގެ ރާގަކަށް ބަދަލުވިއެވެ.

“އަހަރެންނަކަށް ނުބެލޭނެ އެހެން މީހެއްގެ ދަރިއެއް.. އެކުއްޖާގަނޑު ބަލާނެ މީހަކު ހޯދަންޏާ ތިކަން ކުރިޔަސް ހެޔޮ.. އެކަމު އަހަރެންނަށް އެކުއްޖާގަނޑު ފެންނަންޏާ މިރުޅި މަޑެއްނުވާނެ..” ލަމްހާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

“އެކަމަކު އަހަރެންނަކަށް އަހަރެންގެ ދަރިފުޅު ދޫކޮށެއް ނުލެވޭނެ..”

“އެހެންވިއްޔާ ޔޫޝައު ދަރި ގޮވައިގެން ހުރޭ! އަހަރެން މިގެއިން ދާނީ..” ލަމްހާ އޭނާގެ ފަހުގެ ނިންމުން އިއްވާލިއެވެ. ކުއްލިއަކަށް އަތްތިލަބަޑި ޖަހައިގަތް އަޑަށް ދެމީހުންނަށް އެކުގައި ދޮރާއި ދިމާއަށް ބަލާލެވުނެވެ. އޭރު އައިކާ އޭނާގެ ފަސްމަހުގެ ބަނޑުގައި އަތް އަޅާލައިގެން ހުރެ އެތެރެއަށް ވަދެގެން އަންނަނީއެވެ.

“ވާއު! ހަމަ ބުނާނެ އެއްޗެއްވެސް ނެތް.. ހާދަހާ މޮޅު ޕްލޭނެކޭ ތީ.. އަހަރެން ހީކުރީ ތީ ވަރަށް މާތް މީހެއްކަމަށް.. އެކަމަކު ތިރީތި ސޫރައިގެ ނިވަލުގަ ވަނީ ކިހާ ނުބައި ނުލަފާކަމެއްކަން އަދި މިއެނގުނީ.. އަހަރެން ހީކުރީ އަހަރެންގެ ފަހަތުން އެވަރަކަށް އުޅުނީ އަހަރެންދެކެ ހަމަ ހަޤީޤަތުގަވެސް ލޯބިވާތީ ކަމަށް.. އެކަމަކު ތީ އަމިއްލަ އެދުމުން ފޯވެފަ ހުރި ތިހާ ރަހުމުކުޑަ މީހެއްކަމަކަށް ހިއެއްވެސް ނުކުރަން.. ޔޫޝައު ހީކުރީތަ އަހަރެން މީ އަންހެނަކަށްވެފަ ނިކަމެއްޗަކަށް ވީމަ ބޭނުންހާ ގޮތެއް ހެދިދާނެކަމަށް.. ނުހެދޭނެ.. ޔޫޝައު ބޭނުންވީ ދަރިއެއްނު ދޯ؟ މިއަދަށްފަހު މި ދަރިވެސް ގެއްލުނީކަމަށް ހީކުރޭ.. އަހަރެން ހަމަ މާދަމާ ވަރިވާން ކޯޓަށް ފޯމު ލާނަން.. އަހަރެން މިއަދު ވަރަށް ދެރަވެއްޖެ.. ވަރަށް އަގުހުރި ފިލާވަޅެއްވެސް ލިބިއްޖެ.. އެދުވަހު މާޒްގެ ލޯތްބަށް ފުރަގަސްދެވުމުގެ ނަތީޖާ މީ.. އަހަރެންނަށް އޭރު ލޯބިވާ މީހުންނާ ދުނިޔޭގެ ކެހިވެރިން ވަކިކުރަން ނޭނގުނީ.. އަހަރެން މިދަނީ.. އަހަރެން ދިއުމަށްފަހު އެނބުރި އަހަރެންނެއް ޔޫޝައުގެ ފައިބުޑަކަށް ނުވެއްޓޭނަން.. އަހަރެން ހުއްޓުވަން މަސައްކަތް ނުކުރާތި! ޔޫޝައު! އަދި ހަނދާންކުރާތި! އަހަރެން ދުވަހަކުވެސް ޔޫޝައުއަކަށް މާފެއް ނުކުރާނަން.. އަދި ދުވަހަކުވެސް ލޯބި ނުލިބުމަށް އެދި ދުޢާކުރާނަން..” އައިކާ ރޮމުން ރޮމުން ނުކުމެގެން ދިއުމުން ޔޫޝައުއަށް އައިކާގެ ފަހަތުން ދާން ހިނގައިގަނެވުނެވެ. ނަމަވެސް އެވަގުތު ލަމްހާގެ އަޑު އިވިފައި ހުއްޓެވުނެވެ.

“ކޮބާ؟ ރީތިވެއްޖެއެއްނު.. އަހަރެންވެސް ބޭނުމެއްނޫން އިތުރަށް ޔޫޝައުއާއެކު އުޅޭކަށް.. އަހަރެންވެސް ހަމަ މާދަމާ ވަރިވާން ފޯމުލާނަން.. އަހަރެންވެސް ޔޫޝައުދެކެ ވަރަށް ލޯބިވިން.. އެކަމަކު އަހަރެން ބަލިވެ ނީންނާނެކަން އެނގުނު ހިސާބުން އަބަދުވެސް އަހަރެންގެ ނުކުޅެދުންތެރިކަން ހަނދާންކޮށްދެމުން ތިއައީ.. އޭރުން ފެށިގެން ތީ އަހަރެންގެ ކުރިމަތީ އެއްވެސް އަގެއްނެތް ބޭކާރު މީހެއް.. އަދި މިއަދު އައިކާއަށް ތިހެދި ގޮތް ނޫނީ އެއަށްވުރެވެސް ދެރަގޮތެއް އެހެން އަންހެނަކަށް ނުހަދާނެކަމެއް ނޭނގެ.. އެހެންވީމަ އަހަރެންވެސް އެއްވެސް އަންހެންކުއްޖަކު ޔޫޝައުގެ ތި ދަލުގަ ނުޖެހޭތޯ ދުޢާކުރާނަން.. ދެން ދަނީ.. އުމުރަށް ސަލާމް..” ލަމްހާވެސް އެހެން ބުނެފައި ނުކުމެގެން ދާން ފެށުމުން ޔޫޝައު ލަމްހާގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް ލަމްހާ ޔޫޝައުގެ އަތް ފޮޅުވާލާފައި ދިޔައީއެވެ.

**********

ޔޫޝައުއަށް ހޭލެވުނުއިރު އޮތީ ދާހިއްލާ ފޯވެފައެވެ. އެފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ؟ އެހުވަފެނާއި އޭނާގެ ހިތުގައިވާ އެއްޗަކާއި ދިމަލެއްނުވެއެވެ. ނަމަވެސް އެފެނުނު ހުވަފެނަކުން އޭނާގެ ހިތް ނުތަނަވަސްވެއްޖެއެވެ. އަނެއްކާ އެހުވަފެނާއި އޭނާގެ މުސްތަޤުބަލާއި ގުޅުމެއް ވަނީ ހެއްޔެވެ؟

އެ ފެނުނު ހުވަފެނަކުން އޭނާގެ ނިދިވެސް މުޅިން ފިލައިފިއެވެ. އޭނާ ގަޑި ބަލާލިއިރު އަދި މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. ފަތިސް ނަމާދު ވަގުތަށްވެސް އަދި ދޮޅު ގަޑިއިރު އެބައޮތެވެ. އެހެންކަމުން އޭނާ ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ ދަބަސް ތައްޔާރުކޮށްލިއެވެ. އޭނާ ފޫހިކަމުގައި ވަގުތުތައް ގުނަމުން ދަނިކޮށް ފަތިސް ނަމާދު ބަންޤި ގޮވައިފިއެވެ. އެއާއެކު އޭނާ ކޮޓަރި ތަޅުލާފައި މިސްކިތަށް ދާން ނުކުތެވެ. ކުޑައިރުއްސުރެ ފެށިގެންވެސް އޭނާ ވަނީ ނަމާދު ޖަމާއަތުގައި ކުރަން އާދަވެފައެވެ. އެއީ އޭނާގެ މަންމައާއި ބައްޕަގެ ތަރުބިއްޔަތެވެ.

ފަތިސް ނަމާދުކޮށްގެން ފޭބި ލިހާމްއަށް ޔޫޝައު އައިކާމެން ގެއާ ދިމާއަށް ދާތީ ފެނުނެވެ. އެހެންކަމުން ޔޫޝައުއާ ދިމާކޮށްލަން އޭނާ ބޭނުންވިއެވެ. އެހެންކަމުން އޭނާ ޔޫޝައުއަށް ގޮވާ ހުއްޓުވިއެވެ.

“ތިދަނީ ފުރުމުގެ ކުރިން ފަހު ފަހަރަށް މޫނު ދެކިލަން ދޯ؟” ޔޫޝައުއާ އަރާ ހަމަކުރަމުން ލިހާމް ބުނެލިއެވެ.

“ރަނގަޅަށް ތިބުނީ.. ހަމަ އެހެންވެ މިދަނީ.. ދެން ލިހޭ ހުރޭ ދިމާކުރަން..” ޔޫޝައު އެހެން ބުނެލުމުން ލިހާމް ގާތަށް ހިނިއަންނަ ގޮތްވިއެވެ.

“އަދިވެސް ހަމަ ބަނަކޮށް ދޯ މި އޮންނަނީ.. ހިތަށްއަރާ ދޯ އަދިވެސް ދަތުރު ލަސްވާނެނަމައޭ..” ލިހާމް އަދިވެސް ނުސީދާކޮށް ޔޫޝައުއާ ދިމާކުރަމުން ދިޔައެވެ.

“އުހުނ.. އެހާ ބޮޑަކަށް ހިތަކަށް ނާރާ.. މިހާރު ލަމްއާ ދުރުގަ އުޅޭތާވެސް ތިން ހަތަރު މަސް މިވަނީ.. އެހެންވީމަ ދާންވެސް އެބަޖެހޭ.. އަބދު ކިހިނެއް މިހެން ދުރުގަ އުޅޭނީ.. އަހަރެންވެސް މީ ފިރިހެނެކޭ..” ޔޫޝައު އެހެން ބުނެލުމުން ލިހާމް ހީލިއެވެ.

“ހޫމް ހޫމް.. އައިކާ ގާތު ބުންޏަސް ތިކަން ކޮށްދީފާނެ ކަންނޭނގެ..”

“ސާބަސް.. ތިކަހަލަ ވާހަކަ ނުދައްކާ.. އަހަރެން އޭނަޔާ ރައްޓެހިވެގެން މިއުޅެނީ ތިކަން ކުރާކަށް ނޫން.. ހަމަ ހަޤީޤަތުގަވެސް އޭނައާ އިންނަންވެގެން..” ލިހާމް އެހެން ބުނުމުން ކުޑަކޮށް ރުޅިއައި ނަމަވެސް ޔޫޝައު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

“ހޫމް.. ދެން ދޭ.. ދުވަހަކުވެސް ދައްކާނެ ވާހަކަ ހުހެއްނުވާނެ.. ތިހެން ވާހަކައިގަ ހުއްޓާ އިރުއަރައިފިއްޔާ ބުނާނެ އަހަރެންނާހެދި ޔޫޝައުއަށް އައިކާ ގާތަށް ނުދެވުނީއޭ..” ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ލިހާމް ބުނެލިއެވެ. އަދި އޭނާގެ ގެ ހުންނަ ކޮޅަށް ދާން ހިނގައިގަތެވެ. ޔޫޝައުވެސް އައިކާމެން ގެއަށް ދާން ހިނގައިގަތެވެ. ޔޫޝައު ގޮސް އައިކާއަށް ގުޅާލުމުން އައިކާ ބޭރަށް ނުކުތެވެ.

“ކިހާއިރަކު ދޯނި ފުރަނީ؟” އައިކާ އަހާލިއެވެ.

“ހަތެއް ޖަހާއިރަށް ދާން ބުނީ.. ކޮބާ މަންމަމެން؟” އުނދޯލީގައި އިށީންނަމުން ޔޫޝައު އަހާލިއެވެ.

“ކޮޓަރީގަ ވީ..” އައިކާ ބުނެލިއެވެ.

“އަދި ނުހޭލަނީތަ؟” ހައިރާންވެފައި ޔޫޝައުއަށް އަހާލެވުނެވެ.

“ނޫނޭ.. ބައްޕަ ހުން އައިސްގެން އުޅޭތީ..” އައިކާ އެހެން ބުނެލުމުން މިސްކިތުން ނާޒިމް ނުފެނުނީ މިހެންވެތާއޭ ޔޫޝައުގެ ހިތަށްއެރިއެވެ.

“އެހެންތަ؟ ކޮންއިރަކު ހުންއައީ؟”

“ފަތިހު ހޭލިއިރު ހުންއައިސްފަ އޮތް ވާހަކަ މަންމަ ބުނީ..” އައިކާ އޮޅުންފިލުވައިދިނެވެ.

“ބޭބީ ރަނގަޅުތަ؟” އައިކާގެ ނިތުގައި އަތް ޖައްސާލަމުން ޔޫޝައު އަހާލިއެވެ.

“ހޫމް.. އަހަރެން ހަމަ ރަނގަޅޭ..” އެގޮތުގައި ދެމީހުން އިރުގަނޑަކު ވާހަކަދައްކަން ތިއްބެވެ. އެގޮތުގައި ތިބެފައި ހަގަޑި ބައިވުމުން ޔޫޝައު ދާން އުޅުނެވެ. އެއާއެކު އައިކާ ޔޫޝައުގެ އަތުގައި ހިފެހެއްޓިއެވެ.

“ދެން ކޮންއިރަކުން އަހަރެން ކައިރިއަށް އަންނާނީ؟ ވަރަށް މިސްވާނެ..” އައިކާ ސީދާ ޔޫޝައުގެ ދެލޮލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ޔޫޝައުއަށް އައިކާގެ ލޮލުން ފެނުނު އަސަރަކުން ހިތް ހަލަބޮލިވިއެވެ. ހިތް ބިރުގަތީ އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓިދާނެތީއެވެ. ނަމަވެސް އޭނާއަށް އެއްވެސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އައިކާ ކުއްލި ހަރަކާތަކާއެކު ޔޫޝައުގެ ގައިގައި ބައްދައިގަތެވެ. ޔޫޝައު ޖެހިލުންވެފައި އިނދެވެސް އައިކާގެ ހަށިގަނޑު ވަށާލިއެވެ.

“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނަން.. ދެރަނުވެބަލަ.. ބޭބީ އަހަރެންނަށް އިންތިޒާރުކުރައްޗޭ..” އައިކާގެ ކޮނޑުގައި ހިފާ އޭނާއާ ދުރުކޮށްލަމުން ޔޫޝައު ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

“ހޫމް.. އަހަރެން ޔޫޝްއަށް މުޅި އުމުރުވެސް އިންތިޒާރު ކޮށްފާނަން.. އެކަމް އަހަރެންނަށް ކެއްސެއް ނުދެއްޗޭ..” އައިކާ އަސަރާއެކު އެހެން ބުނެލުމުން ޔޫޝައު އައިކާގެ މޫނުގައި ހިފަހައްޓާލިއެވެ.

“އަހަރެންނަށް އިތުބާރުކުރޭ.. ދުވަހަކުވެސް ބޭބީއަކަށް ކެއްސެއް ނުދޭނަން..” ޔޫޝައު އެހެން ބުނެލަމުން އައިކާއާ ގާތްވެލިއެވެ. ޔޫޝައު އެހާ ގާތްވުމުން އައިކާގެ ހިތް އަވަސްވިއެވެ. ޔޫޝައު ވަރަށް ލޯބިން އައިކާގެ މޫނުގައި ފިރުމާލިއެވެ. ޔޫޝައުގެ ހޫނު ނޭވާތައް އައިކާގެ މޫނަށް އެޅެން ފެށުމުން ބޭއިޚްތިޔާރުގައި އައިކާއަށް ދެލޯ މަރާލެވުނެވެ. އެއާއެކު ޔޫޝައު މަޑުމަޑުން އައިކާގެ ތުންފަތުގައި ލޯބިކޮށްލިއެވެ. އައިކާއަށް ކުރެވުނުހާވެސް ކަމަކީ ޔޫޝައުގެ އެ ހަރަކާތުގައި ފުރިހަމައަށް ބައިވެރިވުމެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔަ އެވަގުތުކޮޅަށް ނިމުން އައީ ޔޫޝައުގެ ފޯނު ރިންގުވުމުންނެވެ. ނޭވާ ހަމައަކަށް އަޅުވާލަމުން ޔޫޝައު ފޯނު ނަގާ ސްކްރީނަށް ބަލާލިއިރު ގުޅަނީ ލިހާމްއެވެ. އޭނާ ފޯނު ނެގުމާއެކު ލިހާމް އެދުނީ އަވަސްކުރުމަށެވެ. ފޯނު ބާއްވާފައި ޔޫޝައު އައިކާއަށް ބަލާލިއިރު އައިކާގެ މޫނަށް ވަނީ ޖަންބުކުލަ އަރާފައެވެ. އެތުނި ތުންފަތުގެ ރަތްކަންވެސް އިހުނަށްވުރެ އިތުރުވެފައިވާތީ ޔޫޝައުގެ ހިތް އެދުނީ އަދިވެސް އެތުންފަތުގައި ލޯބިކޮށްލާށެވެ. އެހެންކަމުން އޭނާ ދެވަނަ ފަހަރަށްވެސް އައިކާގެ ތުންފަތުގައި ލޯބިކޮށްލިއެވެ. އެވަގުތު ގޭ ދޮރު ހުޅުވާލި އަޑަށް ސިހިފައި ދެމީހުންނަށް ދުރަށް ޖެހެވުނެވެ. ނަސީބަކުން އެއީ އައުފްއެވެ. އައުފްއަށް އެއިން އެއްވެސް މަންޒަރެއް ނުފެންނަކަން އެނގުމުން ހިތްހަމަޖައްސާލަމުން ޔޫޝައު އައިކާއަށް ބަލާލިއެވެ.

“ބޭބީ! ވަރަށް ލަސްވެއްޖެ.. ލިހާމް އެބަ ގުޅާ ލަސްވެގެން.. ދަނީ އިނގޭ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބޭބީ ގާތަށް އަންނާނަން.. އައުފް! ޔޫޝް ބޭބެ މިދަނީ މާލެ ދާން.. އަންނާނަން އިނގޭ ވަރަށް އަވަހަށް..” އައުފްގެ ބޮލުގައި ފިރުމާލަމުން ޔޫޝައު އެހެން ބުނެފައި ފަހަތަށް ފަހަތަށް ހިނގައިގަތެވެ. އައިކާގެ އަތާއި އޭނާގެ އަތް ވަކިވި ވަގުތު އައިކާގެ ލޮލުން ކަރުނަ ހިލުނުތަން ފެނުމުން އޭނާ ދެރަވިއެވެ. ނަމަވެސް އިތުރަށް މަޑުކުރެވެން ނެތީތީ އޭނާ އަވަސްއަވަހަށް އެގެއިން ނުކުތެވެ.

“ދޮންތަ ރޮނީތަ؟ ބޭބެ އަންނާނެއެއްނު އަދި..” އައިކާގެ ލޮލުން ކަރުނަ އައިތަން ފެނުމުން އައުފް ބުނެލިއެވެ.

“ދޮންތަ ނުރޮމޭ.. ހިނގާ ސައިބޯން.. އިޝީ ނުކުމެއްޖެތަ މިހާރު؟” އައިކާ އަވަހަށް ވާހަކަ އޮޅުވާލަމުން އަހާލިއެވެ.

“އިޝީ އަދި ނުނިކުމޭ އައުފް ނުކުތްއިރު.. ދޮންތަ ކޮޓަރީގަ ނެތީމަ ބަދިގެއަށް ގޮސްފަ ބަދިގޭގަވެސް ނެތީމަ މި ނުކުތީ ބޭރަށް.. ދޮންތަ ކުނިކަހަން އުޅޭތޯ ބަލާލަން..” އައުފް އޮޅުންފިލުވައިދިނެވެ.

“އެހެންތަ؟ ހިނގާ ދޯ ދެން އަވަހަށް ސައިބޯން.. އައުފް ގޮސް އިޝީއަށް ގޮވާ.. ދޮންތަ މި ބުއްތަށި ގިރަނީ..” އައުފް ގޮވައިގެން އެތެރެއަށް ވަންނަމުން އައިކާ ބުނެލިއެވެ.

**********

ޔޫޝައު އަވަސް ފިޔަވަޅުތަކެއްގައި އޭނާ އުޅޭ ގެއަށް ދިޔައިރު ލިހާމް ސައިކަލެއްގައި އިނީ އެގޭ ދޮރުމަތީ އޭނާގެ އިންތިޒާރުގައެވެ. ލިހާމް ސައިކަލެއްގައި އިނުމުން ޔޫޝައު ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. އޭނާގެ ހަނދާނަށް އައީ ލިހާމް ތަންކޮޅެއް ކުރިން އޭނާއާ ދިމާއަށް ބުނެފައިވާ ޖުމްލައެކެވެ. “އަހަރެންގެ ދެފައި ހުންނަނީ ކަމަކު.. މިދެފައިން ތަންތަނަށް ހިނގާފަ ދެވޭވަރު ނުވާ ދުވަހަކުން އަހަރެން ސައިކަލަށް އަރާނީ..”

“ހާދަ ލަހޭ.. މިހާރު އެހެރަ ހަތެއް ޖަހަން ފަސްމިނެޓަށް ވީ.. އަހަރެން ނުގުޅިނަމަ ހަމަ ޔަޤީނުންވެސް މިއަދު ޔޫޝައުއަކަށް މާލެ ނުދެވޭނެ.. ޔަޤީނޭ ކަމެއް ކުރީކަން.. ތިހިރީނު މުޅި އަނގަމަތި ރަތްވެފަ..” ލިހާމް އެހެން ބުނެލުމުން ޔޫޝައު ވަރަށް ރަކިވިއެވެ. ހަމަ ރަނގަޅަށްވެސް ލިހާމް ކުރިމަތީގައި ބޭޒާރުވެއްޖެކަން އެނގުމުން އޭނާ ލިހާމްއަށް ލޯއަޅާލިއެވެ.

“ބޭކާރު ވާހަކަ ނުދައްކަބަލަ.. މީ މަގުމައްޗޭ..”

“އާދެވުނުލެއް އަވަސްކަމުން އަދިވެސް ހުންނަނީތަ؟ އަވަސްކޮށްބަލަ.. ދޯނި ނައްޓާލަފާނެޔޭ..” ލިހާމް ތަންކޮޅެއް ބާރަށް ބުނުމުން ޔޫޝައު އަވަސްއަވަހަށް ވަދެ ދަބަސް ހިފައިގެން ނުކުމެ ލިހާމްއާ ތަޅުދަނޑި ހަވާލުކޮށްފައި ސައިކަލު ފަހަތަށް އެރިއެވެ.

“އޭތް.. ތިހާ ބާރަށް ނުދުއްވަބަލަ.. ދޯންޏަށްވެސް އެރޭނީ ސަލާމަތުން އެހިސާބަށް ދެވިގެނެއްނު..” ލިހާމް ސައިކަލު ދުއްވާލެއް ބާރުކަމުން ޔޫޝައު ބުނެލިއެވެ. އޭނާ މާލޭގައި ސައިކަލު ދުއްވިނަމަވެސް އޭނާއަކީ އެއްއިރަކުވެސް ބާރަށް ސައިކަލު ދުއްވާ މީހަކަށް ނުވާތީ އޭނާ އިނީ އެހާ ބާރަށް ދުއްވާތީ ބިރުންނެވެ. އިރުކޮޅެއް ވީއިރު އެމީހުން ތިބީ ބަނދަރުގައެވެ.

“ދެންވެސް މަޑުކުރަން ނުހަދާ ގޮސް އަވަހަށް ދޯންޏަށް އަރާ.. ކައްޕި މިހާރުވެސް ލަސްވެފަ އެހުރީ.. އަހަރެން އެއޮތީ ޕޭކޮށްފަ.. އަވަސް އަވަސް..” އޭރު ދޯނީގެ ކެޕްޓަން ލިހާމްއަށް އަވަސްކުރުމަށް އެދި ހަނާއަޅާތީ ލިހާމް ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ލިހާމް އަވަސްއަވަހަށް ބުނެލިއެވެ. ލިހާމް ދޯންޏަށް އެރުމާއެކު ދޯނި ނައްޓާލައިފިއެވެ. ދޯނި ނައްޓާލުމުން ލިހާމްވެސް ސައިކަލުގައި ގޮސް ސައިކަލު އޭގެ ވެރިމީހާއާ ހަވާލުކޮށްފައި ގެއަށް ދިޔައެވެ.

**********

“ދަރިފުޅާ! މިހާރު މާޒް ހާދަ ބަދަލުވެއްޖޭ ދޯ؟ ކިހިނެއްތަ އެވަނީ؟ ދަރިފުޅާ ދެމީހުން މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟” ނާޒިމްއަށް މާޒް އެގެއަށް އެއްވެސް ވަރަކަށް އައިސް އުޅޭތަން ނުފެންނާތީ އަހާލިއެވެ.

“ނޫން.. މާޒް މާ ބިޒީކޮށް އުޅޭ ދުވަސްކޮޅެއްވީމަ ކަންނޭނގެ ނާދެވެނީ..” އައިކާ ހަޤީޤީ ސަބަބު އޮޅުވާލަމުން ބުނެލިއެވެ.

“އެހެންތަ؟ އެކަމް މާޒް މިހާރު ވަރަށް މަދުން ފިހާރައިގަވެސް އިންނަނީ.. ދަރިފުޅު ދިޔަތަނެއް ނޭނގިގެން އުޅުނު ރޭ ގުޅީމަވެސް ވަރަށް ތަފާތު ވާހަކަދެއްކި ގޮތް.. ބުނީ އޭނައަކަށް ނޭނގެޔޭ ދަރިފުޅު ވީތަނެއް.. ޔޫޝައުއަށް ގުޅާބަލާށޭ ދަރިފުޅު ވީތަނެއް ބަލަން.. ހީވަނީ ކަމަކާ ހިތްހަމަނުޖެހިފަ ހުރިހެން އެރޭވެސް..” ނާޒިމް އޭނާއަށް މާޒްގެ ފަރާތުން ފާހަގަކުރެވުނު ކަންތައްތަކެއް ކިޔައިދިނެވެ. ބައްޕަގެ ވާހަކަތައް އަޑުއިވުމުން އައިކާއަށް ބޭއިޚްތިޔާރުގައި މާޒްދެކެ ރުޅިއާދެވުނެވެ. މާޒް ކަންތައް އެކުރީ ރަނގަޅަކަށް ނޫނެވެ. މާޒްއަށް އޭނާ ވީތަން ނޭނގެންޏާ ނޭނގޭ ވާހަކަ އެކަނި ބުނުމުން ނިމުނީ ނޫން ހެއްޔެވެ؟ ކޮންމެހެން ޔޫޝައުގެ ވާހަކަ ބުނަން ޖެހޭ ހެއްޔެވެ؟

“އެ ވެދާނެ ބައްޕައަށް ގުޅުނު ގަޑީގަ އޭނަ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފަ ހުރީ ކަމަށް..” އައިކާ ހަމަޖެހިލަމުން ބުނެލިއެވެ. ނާޒިމްވެސް ތިހެން ވެދާނެޔޭ ބުނެ ބޯޖަހާލިއެވެ. އައިކާވެސް މިދަނީ ފެންވަރާށޭ ކިޔާފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ.

“ނާޒިމް! އަހަރެން ވާހަކައެއް ބުނަންތަ؟ މީ އަހަރެން ވަރަށް ދުވަހު ވަރަށް ރަނގަޅަށް ބަލާފަ ބުނާ އެއްޗެއް.. މާޒްއަށް އެ ބަދަލުތައް އައުމުގެ އަސްލަކީ އައިކާ.. މާޒް އައިކާދެކެ ލޯބިވޭ.. ކިތަންމެ ސިއްރުން އުޅުނަސް އޭނަގެ އުޅުން ހުންނަގޮތުން އަހަރެންނަށް އެކަން ވަރަށް ރަނގަޅަށް ފާހަގަކުރެވޭ.. އޭނަ އައިކާއަށް ބަލާލާގޮތްވެސް އެހެން މީހުންނަށް ބަލާ ގޮތާ ތަފާތު.. ދެން މިހެން ކިޔާނެކަމެއް ނެތް.. ހުރިހާ ގޮތަކުންވެސް އޭނަ އައިކާއާ ދޭތެރޭ ކަންތައް ކުރާގޮތް ޚާއްސަ.. އެހެންވެ އައިކާ ޔޫޝައުއާ ގުޅުނީމަ ކަންނޭނގެ އޭނަ އެ ދުރުވީ..” ސަނާގެ ވާހަކަތަކާއިމެދު ވިސްނާލުމުން ނާޒިމްއަށްވެސް އެކަމާ އެއްބަސްވެވުނެވެ.

“ތަންކޮޅެއް ކުރިން ތިކަން ވިސްނުނުނަމަ.. ހަޤީޤަތުގަ އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ ޔޫޝައުއާއެކު އައިކާ ފޮނުވާކަށް.. މާޒްއަށް ކުރާ އިތުބާރު ޔޫޝައުއަކަށް ނުކުރެވޭ.. އެކަމް އައިކާއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރަން ބޭނުންނުވާތީ އަހަރެން އެއްބަސްވީ.. ދެން އަހަރެން ރައްޓެއްސަކާ ގުޅައިގެން އޭނަގެ ކަންތައްތައް ހުރިގޮތް ބަލާލިން.. އޭނަ ވަރަށް ރަނގަޅުކަމަށް އެމީހާ ބުނީ.. އަދި ބުނި ޔޫޝައުގެ އާއިލާއަކީވެސް ވަރަށް ރަނގަޅު އާއިލާއެއްކަމަށް.. އެހެންވެ އެއްބަސްވީވެސް..” ނާޒިމްގެ ވާހަކައިން ސަނާއަށް ހައިރާންކަމެއް ލިބުނެވެ. ޔޫޝައު އެމީހުންނާ ބައްދަލުކުރަން އައީ އައިކާ އެމީހުން ގާތު ޔޫޝައުގެ ވާހަކަ ދެއްކި ދުވަހުއެވެ. ވީއިރު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނާޒިމް ޔޫޝައުގެ މަޢުލޫމާތު ހޯދި ގޮތަކާއިމެދު ސުވާލު އުފެދުނެވެ.

“ކިހިނެއް ނާޒިމް އެހާ ކުޑަ ވަގުތުކޮޅެއްގަ ޔޫޝައުގެ މަޢުލޫމާތު ހޯދީ؟ އައިކާ އަހަރެމެން ގާތު ޔޫޝައުގެ ވާހަކަ ދެއްކި ދުވަހުއެއްނު ޔޫޝައު އަހަރެމެންނާ ބައްދަލުކުރަން އައީ..” ސަނާ ސުވާލުކުރިއެވެ.

“އަސްލު ވީގޮތަކީ އޭނަ މިރަށަށް އައީ ޗުއްޓީއެއްގަ ކަމަށް އަހަރެންނަށް އެނގިފަ އޮތީ.. އެކަމް އޭނަ މިރަށުގަ ދެމަސް ތިންމަސް ވީމަ އަހަރެންނަށް ޝައްކުވީ.. އަހަރެން ހީކުރީ އޭނަ ކޮންމެވެސް މައްސަލައެއްގަ އަރުވާލާފަ ހުރީކަމަށް.. އެހެންވެ އަހަރެން މާލޭގަ ހުންނަ ރައްޓެއްސަކަށް ގުޅައިގެން އޭނަގެ މަޢުލޫމާތު ހޯދީ.. އޭރު އަދި އައިކާ އަހަރެމެން ގާތު ޔޫޝައުގެ ވާހަކައެއް ނުދައްކާ.. އައިކާ ބުނުމުގެ ކުރިންވެސް އަހަރެންނަށް އެނގޭ ޔޫޝައު މީހަކާ އިނދެގެން އުޅޭކަން..” ނާޒިމްގެ ވާހަކަތައް ސަނާ ކަނުލާ އަޑުއެހިއެވެ.

“ބުނެވެސް ނުލާ ހާދަ ކަމެއް ކޮށްފީމޭ ދޯ.. އެހެންވީމަ އަހަރެންނަށް ސިއްރުން ވަރަށް ކަންކަން ކޮށްފަ ހުންނާނެތާ..”

“އާނ.. ވަރަށް ގިނަ ކަންކަން ކޮށްފަ ހުންނާނެ.. ސިއްރު ކަންކަން..” ނާޒިމް ފާޑަކަށް ހީނފައި އިނދެ އެހެން ބުނެލުމުން ސަނާ ނާޒިމްގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.

“ހާދަ މަކަރުވެރި ފިރިހެނެކޭ ތީ..”

“އެއީ ސަނާއަ އިނުމުގެ ކުރިން ކުރި ކަންކަމޭ.. ހެހެހެ..” ނާޒިމް އެހެން ބުނެލުމުން ސަނާވެސް ހީލަމުން ހާދަ ލާނެތް ފިރިހެނެކޭ ބުނެލިއެވެ.

“މިހާ ލޯބި އަނތްބަކު ހުއްޓާ އެހެން އަންހެނަކު ގާތަށް ދާންވީ ކީއްކުރަންތަ؟” ލާނެތް ފާޑަކަށް ހީލަމުން ނާޒިމް ބުނެލުމުން ސަނާ ނާޒިމްގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. ނާޒިމް އަބަދުވެސް ސަނާއާ އެކަހަލަ ކުދިކުދި ސަމާސާކުރެއެވެ. އެދެމީހުންގެ ލޯތްބަށް ބަދަލެއް ނައިސް ކައިވެނި އެގޮތުގައި ދެމިހުރުމުގެ އެއް ސަބަބަށް އެފަދަ ސަމާސާތައްވެއެވެ.

**********

ބެލް އަޅާ އަޑަށް ކޮޓަރީގައި އުޅުނު ލަމްހާ އައިސް ދޮރު ހުޅުވާލިއެވެ. ނަމަވެސް ދޮރުމަތީގައި އެއްވެސް މީހަކު ނެތެވެ. އެހެންކަމުން ދޮރު ލައްޕާފައި ދާން ހިނގައިގަތްތަނާ އަނެއްކާވެސް ބެލް އަޅާލިއެވެ. މިފަހަރުވެސް ދޮރު ހުޅުވާލިއިރު އެއްވެސް މީހަކު ނެތެވެ. ނަމަވެސް ދޮރު ކައިރީގައި ޕާރުސަލެއް އޮތެވެ. އޭގެ މަތީގައި ރަތް ފިނިފެންމާ ބޮނޑިއެއް އޮތުމުން ހައިރާންވެފައި ދެކޮޅު ހޯދާލެވުނެވެ. އެ ނަގަން ހިތަށް އަރާފައިވެސް ކޮންމެ ފަދަ އެއްޗެއްވެސް އޮވެދާނެތީ ނުނަގައި އެތެރެއަށް ވަދެ ދޮރުލެއްޕިއެވެ. ވިސްނުމެއްގައި ހުރެ ގޮސް ބަދިގެއަށް ވަތްތަނާ އަނެއްކާވެސް ބެލް އެޅިއެވެ.

“މިދެން ކިހާ ބޮޑު ކަމެއްތަ؟ ކޮން ޖެއްސުމެއް ކުރާކަށް.. އެ ޔޫޝައުވެސް ހުރީކީ ނޫން ރަށުގަ..” ލަމްހާ ރުޅިއައިސްގެން އެތިވަރު ގޮވައިގަތެވެ. ބޭރުގައި ހުރި ޔޫޝައުއަށް ލަމްހާގެ އަޑު އިވުމުން ހެވުނެވެ. ނަމަވެސް އޭނާ އަޑެއްވެސް އިއްވާނުލާ ތަކުރާރުކޮށް ބެލް އަޅަމުން ދިޔައެވެ. ލަމްހާ އެންމެފަހުން ބޮލަށް އުނދަގޫވެގެން ދޮރު ހުޅުވަން ދިޔައީ އެންމެފަހު ފަހަރު ކަމަށް ނިންމައިގެންނެވެ.

“މިދެން ކިހާބޮޑު ކަމެއް؟” ލަމްހާ ދޮރު ހުޅުވާލިގޮތަށް ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ. އެވަގުތު ކުރިމަތީގައި ހެވި ދިއްލިފައި ހުރި ޔޫޝައު ފެނުމުން އޭނާއަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ.

“ހާދަ ރުޅިއައިސްފަ.. ކޮބައިތަ ބޮޑު ކަމަކީ؟ އަނެއްކާ އަހަރެންތަ؟” ހަމަޖެހޭގޮތް ދައްކަމުން ޔޫޝައު އަހާލިއެވެ.

“ނޫން.. މި މީހަކު ޖެއްސުންކުރަނީ.. މިހާރު ހައެއްކަ ފަހަރު ބެލް އަޅައިފި.. ދޮރު ހުޅުވާލާއިރަކު މީހަކު ނުހުރޭ.. ދެން ރުޅިއެއް ނާދެވޭނެތަ؟” ލަމްހާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އެހެންވީމަ އަހަރެންދެކެ ހާދަ ރުޅިއެއް އާދެޔޭ ދޯ..” ޔޫޝައު އެހެން ބުނެލުމުން ލަމްހާ ދެލޯ ބޮޑުކޮށްލަމުން ޔޫޝައުއަށް ބަލާލިއެވެ.

“ޔޫ؟ ހާދަ ގޯހޭ..” ލަމްހާ އެހެން ބުނަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

“ސަޕްރައިޒެއް ދިނީމަ އުފަލެއްވެސް ނުވޭތަ؟” ލަމްހާގެ ފުރަގަހުން ބައްދާލަމުން ޔޫޝައު އަހާލިއެވެ.

“ނުވޭ އުފަލެއް.. ވަރަށް ފޫހިވޭ..” ޔޫޝައުގެ އަތް ނައްޓުވާލަމުން ލަމްހާ ބުނެލިއެވެ.

“އޭތް.. ރުޅިއައީތަ؟” ޔޫޝައު އެހެން އަހާލުމުން ލަމްހާ ހޫމްއެކޭ ބުނެލިއެވެ.

“އަޅެ ދައްކަބަލަ.. ތި ރުޅި މަޑުކޮށްލަފާނަން..”

“އޭތް.. މަންމައަށް ފެނިދާނެ..” ޔޫޝައު ލަމްހާގެ މޫނާ ގާތްވެލުމުން ލަމްހާ އަވަސްއަވަހަށް ޔޫޝައު ދުރަށް ލަމުން ބުނެލިއެވެ.

“ކޮބައިތަ މަންމަ؟”

“ކޮޓަރީގަ ވީ..” ލަމްހާ ބުނެލިއެވެ.

“އޭތް.. ދޮރުމަތީ ބޭއްވި ޕާރުސަލް ކޮބާ؟ އޭގަ އޮތީ ކޮން އެއްޗެއް؟” ލަމްހާ ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.

“ކޮން ޕާރުސަލެއް؟ އަހަރެން ނުދެކެން.. އޭގެ ވެރިމީހާ އެ ނެގީކަމަށް ވާނީ..” ޔޫޝައު ބުނެލިއެވެ.

“ދެން ދީބަލަ އޭގަ އޮތް އެއްޗެއް ބަލާލަން..” ލަމްހާ ކުޑަކޮށް ކުސްތަޅާލަމުން ބުނެލިއެވެ.

“ދެން ތި ވާހަކަތައް ފަހަށް ބަހައްޓާފަ އިހަށް ހިނގާބަލަ ރޫމަށް.. ލައްކަ ދުވަހު ދުރުގަ ހުރެވިއްޖެއެއްނު..” ލަމްހާ ގަޔާ ކައިރިކޮށްލަމުން ޔޫޝައު އެހެން ބުނެލުމުން ލަމްހާވެސް ދެބަހެއްނެތި އެތެރެއަށް ދިޔައެވެ. ތިންމަސް ދުވަހު ޔޫޝައުއާ ދުރުގައި އުޅުމުން އޭނާވެސް ހުރީ އެކަމަށް ނުހަނު ބޭނުންވެފައެވެ.

**********

ދެމަސް ފަހެވެ. އައިކާ ތައްޔާރުވަމުން ދިޔައީ މާލެ ދިއުމަށެވެ. ޔޫޝައު ގާތުގައި އޭނާ މާލެ ދާވާހަކަ ނުބުނެ އެއުޅެނީ ސަޕްރައިޒެއް ދޭންވެގެންނެވެ. އެހެންކަމުން އޭނާ ފެނުމުން ޔޫޝައުއަށް ވާނެގޮތް ހިތަށް ސިފަވުމުން އޭނާއަށް ބޭއިޚްތިޔާރުގައި ހެވުނެވެ.

“ދަރިފުޅާ! އަދިވެސް ތައްޔާރުވެ ނުނިމޭތަ؟ މިހާރު ހައެއް ޖަހަން ފަނަރައަށްވީ.. ހައެއް ޖަހާއިރު ލޯންޗް ނައްޓާލާނެ..” ނާޒިމް އައިކާއަށް ގޮވާލާފައި ބުނެލިއެވެ.

“ނޫން ބައްޕާ.. މިހާރު މި ނިމުނީ..” ބޮލުގައި އޮޅަމުންދިޔަ ކަޅާއި ހުދުކުލައިގެ ޝޯލްއަށް އެންމެފަހު ޕިން ޖަހާލަމުން އައިކާ ބުނެލިއެވެ. އޭނާ ބުރުގާ އެޅިތާ އަދި މިވީ ހަފްތާއެކެވެ. އޭނާ ކުރިންވެސް ނިންމައިގެން ހުރީ ޔޫޝައުއާ ކައިވެނިކޮށްފައި ބުރުގާ އަޅާށެވެ. ނަމަވެސް ޔޫޝައުއަށް އަންހެންކުދިން ޝޯލް އެޅުމުން ރީތި ވާހަކަ ބުނުމުން އޭނާ ބުރުގާ އެޅުން އަވަސްކޮށްލީއެވެ. އޭނާ ބުރުގާ އެޅި ވާހަކަވެސް ޔޫޝައު ގާތުގައި އަދި ނުބުނެއެވެ. ޔޫޝައު އެތައްފަހަރަކު ވީޑިއޯ ކޯލް ކުރަން އެދުނުނަމަވެސް އޭނާ އެކަމަށް ދެކޮޅުހެދީ މިކަހަލަ ސަޕްރައިޒެއް ޔޫޝައުއަށް ދޭންވެގެންނެވެ.

**********

ޔޫޝައު އޮފީހުގައި އަވަދިނެތި އުޅެނިކޮށް އޭނާއާ ބައްދަލުކުރަން އަންހެންކުއްޖަކު އައިސް ހުރި ވާހަކަ އޭނާގެ ރިސެޕްޝަންގައި އިންނަ ކުއްޖާ ގުޅާފައި ބުންޏެވެ. އޭނާ އެކުއްޖާ އެތެރެއަށް ފޮނުވުމަށް އެދުނީ އެހީއަކަށް އެދި އައި މީހަކަށް ވެދާނެކަމަށް ހީކުރަމުންނެވެ. ކެބިންގައި ޓަކި ޖަހާލި އަޑު އިވުމުން އެދިމާއަށް ބަލާވެސްނުލާ އިނދެ އެތެރެއަށް ވަންނާށޭ ބުނެލިއެވެ. އެއާއެކު ފިނިވެފައި ހުރެ އައިކާ އެތެރެއަށް ވަނެވެ. ދޮރު ހުޅުވާލި އަޑަށް އިސްއުފުލާ ޔޫޝައުއަށް ދޮރާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނީ އުއްމީދުވެސް ނުކުރާފަދަ މީހަކު އައުމުންނެވެ.

 

“އިކާ!” ހައިރާންކަމާއެކު ޔޫޝައުއަށް ބުނެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

“ސަޕްރައިޒް!!”

“ކޮންއިރަކު އައީ؟” ހިނިތުންވެހުރެ އައިކާގެ ގާތަށް އަންނަމުން ޔޫޝައު ބުނެލިއެވެ.

“މިއަދު އައީ.. ކިހިނެއްވަނީ އަހަރެންގެ ސަޕްރައިޒް؟” އައިކާވެސް ހިނިތުންވެލަމުން ބުނެލިއެވެ.

“މިވަރުގެ ސަޕްރައިޒެއް މީހަކަށް ލިބޭނީ.. އަންގާވެސްނުލާ މާލެ އައިސްފަ، ކުއްލިއަކަށް އޮފީހަށް ތިއައީ.. އަދި އެވެސް މުޅިން ތަފާތު ލުކެއްގަ..” ޔޫޝައު އުފާވެފައި އެހެން ބުނެލުމުން އައިކާ ހީލިއެވެ.

“އެކަމަކު އަހަރެން މި ހިތަށްއަރަނީ އިކާއަށް ކިހިނެއްބާއޭ މިތަނަށް އަންނަން އެނގުނީ.. އަހަރެން އިކާ ގާތު މިތަނުގެ ނަން ބުނި ހަނދާނެއްނުވޭ..” ޔޫޝައު އޭނާގެ ހިތަށް އަރަމުންދިޔަ ސުވާލެއް އައިކާއާ ކޮށްލިއެވެ.

“ހޯދަން އުޅޭ މީހަކަށް އެއީ މާބޮޑު ކަމަކަށް ނުވާނެއެއްނު.. ދެން ކޮޅަށް ބަހައްޓައިގެންތަ ހުރިހާ ވާހަކައެއް ދައްކާނީ؟ އިށީންނާކަށްވެސް ނުބުނާނަން؟ މިހާރު ދެފައިކޮޅުގަ ނެތް ވަރެއްވެސް..” އައިކާ ޝަކުވާގެ ރާގެއްގައި ބުނެލުމުން ޔޫޝައު ހީލިއެވެ.

“ނޫނޭ ކަމަނާ.. އަވަހަށް އިށީންނަވާ..” ޔޫޝައު އެހެން ބުނެލި ގޮތުން އައިކާއަށް ބޭއިޚްތިޔާރުގައި ހެވުނެވެ. އައިކާ އެ ކެބިންގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީންނަމުން ކެބިން ތެރެއަށް ނަޒަރު ހިންގާލިއެވެ. ތަނަވަސް ބޮޑު ކެބިންއެކެވެ. އެއްފަރާތުގައި ޔޫޝައުގެ މޭޒާއި ގޮނޑި ހުރިއިރު އޭގެ އަނެއްފަރާތުގައި ޕާޓިޝަން ޖަހާ ވަކިކޮށްފައި ކުޑަ ކެބިންއެއް ހުއްޓެވެ. އެތަނަށް ބަލާލުމުން އެއީ ޔޫޝައުގެ ޕީ.އޭ. ގެ ކެބިންކަން އައިކާއަށް އެނގުނެވެ. ކެބިންގައިވާ ފަރުނީޗަރުތައް ކަޅާއި ހުދުން ހުރިއިރު ފާރުތަކުގައި ލާފައިވާ ހުދުކުލައިން ނިކަން ޝާހީ ގޮތެއް ހުއްޓެވެ.

“ހޫމް.. މިހާރު މިއޮތީ އިށީނދެވިފަ.. ދެން ބުނެބަލަ.. ކިހިނެއް އިކާއަށް މިތަން އެނގުނީ؟” ޔޫޝައު ސީރިއަސްވެފައި އަހާލިއެވެ.

“ލިހާމް ގާތު އެހީ.. އަހަރެން އޭނަ ގާތު ބުނިން ޔޫޝް ގާތު ނުބުނައްޗޭ..” އައިކާ ކުރު ޖަވާބަކުން ފުއްދާލިއެވެ.

“ހޫމް.. މީ ދޯ އެ ފިރިހެނާ މިދެދުވަހަކު ނުގުޅާ މި އުޅުނު ކަމަކީ.. ނޫނީ ކޮންމެ ދުވަހަކު ދެތިން ފަހަރު ގުޅާނެ އަހަރެންނަށް ޖެއްސުމަށް..” ޔޫޝައު ހިނިއައިސްފައި ބުނެލިއެވެ.

“ހޫމް.. ދެން ބޭބީ ކޮންތާކުތަ ހުންނަނީ؟ އެކަނިތަ ތިއައީ؟” ޔޫޝައު ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައިރު ހީވީ ވަރުގަދަ އިންޓަވިއުއެއް ކުރެވެމުން ދިޔަހެންނެވެ. އައިކާވެސް ޔޫޝައު ކުރަމުންދިޔަ ސުވާލުތަކަށް ތެދުވެރިކަމާއެކު ޖަވާބުދެމުން ދިޔައެވެ.

“ބައްޕައާއެކީ އައީ.. މިކޮޅުގަ ހުންނަގޮތަށް މިއައީ.. ކިޔަވަން..” އައިކާ ޔޫޝައު ކުރި ސުވާލަށް ފުރިހަމަ ޖަވާބެއް ދިނެވެ. އައިކާ އެހެން ބުނެލުމުން ޔޫޝައު ހީލަމުން ހަމަ އަސްލުހެއްޔޭ އަހާލިއެވެ.

“އެހެންތަ؟ ކޮންތާކު ހުންނަނީ؟”

“ބައްޕަގެ ރައްޓެއްސެއްގެ ގޭގަ.. އޭލެވެލް ކިޔަވާނެ ފުރުސަތު ލިބުނީމަ ކިޔަވަން ވާނެއެއްނު ދޯ؟” އައިކާ ހީލަމުން ޔޫޝައުއަށް ދޯދިނެވެ.

“ހޫމް.. ދުވަސްތަކެއް ބޭކާރުގޮތުގަ ހޭދަކޮށްލުމަށްވުރެ މާބޮޑަށްވެސް ރަނގަޅުވާނެ.. ކޮބާ ބައްޕަ؟” ޔޫޝައު އައިކާގެ ވާހަކަތަކަށް ތާއީދުކުރަމުން އަހާލިއެވެ.

“ގޭގަ ވީ.. ވަރަށް އުޅުނު އަހަރެން އެކަނި ނުފޮނުވަންވެގެން.. އެކަމު ދެން ވަރަށް ކިޔައިގެން އެއްބަސްވެއްޖެ..” ހީލަމުން އައިކާ ބުނެލިއެވެ. ދެމީހުން އެގޮތުގައި ވާހަކަދައްކަން ތިއްބާ ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލި އަޑަށް ދެމީހުންނަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު ދޮރުގައި ހުރި ކުޑަ ބިއްލޫރިކޮޅުން ބޭރުގައި ފައިލްތަކެއް ހިފައިގެން ހުރި އަންހެންކުއްޖަކު ފެނުމުން ޔޫޝައު އައިކާއަށް ބަލާލާފައި “ކަމް އިން” އޭ ބުނެލިއެވެ. އެއާއެކު އެކުއްޖާ ވަރަށް އުނދަގުލުން ދޮރު ކޮއްޕާލާފައި އެތެރެއަށް ވަނެވެ. އެވަގުތު އެކުއްޖާގެ މޫނު ފެނިފައި އައިކާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.

“ނާޒް!” އައިކާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އެވަގުތަކީ ނާޒްއަށްވެސް އައިކާ ފެނުނު ވަގުތެވެ. ސިހުނުވަރުން ނާޒްގެ އަތުން ފައިލްތައްވެސް ދޫވިއެވެ.

“ނާޒް! ކިހިނެއް ތިހެދީ؟” ޔޫޝައު ހައިރާންވެފައި އަހާލިއެވެ.

“ފައިލްތައް އަތުން ދޫވީނު..” ހަމަޖެހެން މަސައްކަތްކުރަމުން ނާޒް ބުނެލިއެވެ. އަދި އަވަސްއަވަހަށް ތިރިވެ ފައިލްތައް ނަގަން ފެށިއެވެ. އައިކާއަށް އަދިވެސް ނާޒްއަށް ބަލަހައްޓައިގެން ހުރެވުނީ ސުވާލު އުފެދިފައެވެ. ނާޒް ޔޫޝައުގެ އޮފީހަށް ވަނީ ކޮންއިރަކު ހެއްޔެވެ؟ އަނެއްކާ ޔޫޝައުގެ އަންހެނުންނަކީ ނާޒް ހެއްޔެވެ؟ އައިކާގެ ހިތަށް މިފަދަ ކިތަންމެ އެއްޗެއް އަރަމުން ދިޔައެވެ.

ނާޒް ކޯހެއް ހެދުމަށްޓަކައި މާލެ އައިތާ ތިންމަސް ފަހުން މާލެ މީހަކާއި ނާޒްގެ ކައިވެނި ކުރެވުނު ވާހަކައަކީ ރަށުގައި މަޝްހޫރުވި ވާހަކައެކެވެ. ނާޒްގެ ކައިވެނި މާލޭގެ މުއްސަންޖަކާއި ކުރެވުމުން ނާޒްގެ މައިންބަފައިންނަށް ހީވީ ދެދުނިޔެ ފެނުނުހެންނެވެ. މުޅި ރަށުގައި ފިހުނު މަހާއި ބޮނޑިބަތާއި ބަހައި ނުކުރާކަށް ކަމެއްނެތެވެ. ހީވީ ދުވަހަކުވެސް މީހަކަށް ނުކުރެވޭވަރުގެ ކަމެއް ނާޒްއަށް ކުރެވިގެން އުޅުނުހެންނެވެ. ނާޒްގެ ކައިވެންޏަށްފަހު އޭނާ އަދި ރަށަކަށް ނުދެއެވެ. މިހާރު އޭގެފަހުން ދެއަހަރު ވީއެވެ. އެހެންކަމުން އައިކާއަކަށް އަދި ނާޒްގެ ފިރިމީހާއެއް ނޭނގެއެވެ. ފޮޓޯއެއްވެސް ފެނިފައި ނުވާތީއެވެ.

ފައިލްތައް ހިފައިގެން ތެދުވި ނާޒްއަށްވެސް އައިކާއާ ދިމާއަށް ބަލަން ހުރެވުނީއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާގެ އެންމެ ބޮޑު އަދާވާތްތެރިޔާ މިއަދު އެހުރީ އޭނާގެ ކުރިމަތީގައެވެ. އެއީވެސް އޭނާގެ އޮފީހުން އޭނާގެ ބޮސްއާ އެކުގައެވެ. އަނެއްކާ އެއީ ބޮސްގެ އަންހެނުންބާއެވެ. އެހެންވެއްޖެނަމަ އޭނާގެ ދުވަސް ދިޔައީއެވެ.

އޭނާގެ ފުރަތަމަ ލޯބި އަތުން ބީވީ އައިކާގެ ސަބަބުންކަމަށް އޭނާ ދެކެއެވެ. ނާޒް، މާޒްގެ ލޯތްބަށްއެދި ހުށަހެޅުމުން މާޒް އެކަމަށް ދިނީ ފުރަގަހެވެ. ލޯބިނުވާކަމަށް ބުނެއެވެ. އޭނާގެ އެތައް މަސައްކަތަކުންވެސް މާޒްގެ ހިތް އޭނާގެ މައްޗަށް ލެނބޭގޮތެއް ނުވިއެވެ. ބަދަލުގައި މާޒް ދިޔައީ އައިކާގެ ފަހަތުންނެވެ. އައިކާ އެކަމަށް ފުރަގަސްދެމުން ދިޔައިރުވެސްމެއެވެ. އެކަމުގެ ސަބަބުން ނާޒްއަށް ހުރިހާ ރުޅިއެއް އާދެވުނީ އައިކާ ދެކެއެވެ. މިއަދުވެސް އޭނާގެ ހިތުގައި އެ ރުޅިވެރިކަން ހަމަ އެގޮތުގައި އެބައޮތެވެ. އާދަވެ އައިކާ ފެންނަނަމަ އޭނާއަކަށް މަޑަކުން ނުހުރެވޭނެއެވެ. އޭނާއަށް އައިކާއާ ދިމާއަށް އެއްޗެކޭ ނުބުނެ ނުހުރެވޭނެއެވެ. ކޮންމެވެސް ކަހަލަ ގޯނާއެއް ކޮށްލެވޭނެއެވެ. އައިކާ ހިތްހަމަޖެހިގެން އުޅުނަ ނުދޭން ކުރެވުނުހާ މަސައްކަތެއް ކުރެވޭނެއެވެ. އޭރުން އޭނާގެ ވަޒީފާ ގެއްލޭނެކަން ގައިމެވެ. މިފަދަ ޚިޔާލުތަކެއްގައި ހުރި ނާޒް ސިހުނީ ޔޫޝައުގެ އަޑަށެވެ.

“ނާޒް! ކިހިނެއްވެފަތަ ތި ހުންނަނީ؟ ދޭބަލަ ތި ފައިލްތައް ހިފައިގެން އަވަހަށް އެ ޕްރެޒެންޓޭޝަން ހަދަން.. އެއީ މިރޭ އޮންނަ މީޓިންގއަށް ނިންމަންޖެހޭ އެއްޗެކޭ..” ނާޒް އައިކާއަށް ބަލަން ހުރިގޮތުން ހިތްހަމަނުޖެހިގެން ޔޫޝައު ބުނެލިއެވެ. ޔޫޝައު އެހެން ބުނެލުމުން ނާޒް ދަމުންވެސް ދިޔައީ އައިކާއަށް ލޯއަޅާލާފައެވެ.

“ނާޒް ކޮންއިރަކު މި އޮފީހަށް ވަނީ؟” އައިކާ އާދައިގެ ގޮތަކަށް އަހާލިއެވެ.

“މިހާރު ހަތްމަސް މިވަނީ.. ކިހިނެއްވީ؟” ޔޫޝައު އައިކާގެ ސުވާލަށް ޖަވާބުދިނުމަށްފަހު އަހާލިއެވެ.

“މާބޮޑު ކަމެއްނުވޭ.. ހަމަ އަހާލީ..” ދެމީހުން އެގޮތުގައި ވާހަކަ ދައްކަން ތިއްބާ ނާޒިމް އައިކާއަށް ގުޅިއެވެ.

“ހެލޯ ބައްޕާ.. މިދަނީއޭ..” އައިކާ އެހެން ބުނެލުމުން ޔޫޝައުއަށް ހީލެވުނެވެ.

“ހިނގާ އަހަރެން ބޭބީ ގެއަށް ގެންގޮސްދޭނަން..” ޔޫޝައު އެހެން ބުނެލުމުން އައިކާ އަވަސްއަވަހަށް ނޫނެކޭ ބުނެލިއެވެ. ނަމަވެސް ޔޫޝައު އެއަޑެއް ނޭހިއެވެ. އައިކާ އެކަނި ގެއަށްދާން ދޫކޮށްލާކަށް ޔޫޝައުގެ ހިތެއް ނުރުހުނެވެ. އެހެންކަމުން އޭނާ އައިކާ ދެކޮޅު ހަދަމުން ދަނިކޮށްވެސް އައިކާއާއެކު ދާން ނުކުތެވެ. ދެމީހުން އެކުގައި ނުކުމެގެން ދިޔަތަން ބަލަން އިން ނާޒް ވިސްނަމުން ދިޔައީ އައިކާއަށް ހަދާނެ ގޮތަކާއިމެދުގައެވެ.

ޔޫޝައު ޕާކިންގ ޒޯނަށް ގޮސް ސައިކަލު ހިފައިގެން އައިސް އައިކާ ގާތު އަރަން ބުންޏެވެ. ނަމަވެސް ސައިކަލުގައި ދާން ނުކެރޭނެކަމަށް ބުނެ އައިކާ ދެކޮޅު ހެދިއެވެ. އެހެންކަމުން ޔޫޝައު އައިކާ ހިތްހަމަޖެއްސުމަށްޓަކައި އަނެއްކާވެސް ގޮސް ސައިކަލު ޕާކުކޮށްފައި އައިސް ޓެކްސީއެއް ހުއްޓުވިއެވެ. ޔޫޝައު ޑްރައިވަރާއިއެކު ކުރީ ސީޓަށް އެރިއިރު އައިކާ އެރީ ފަހަތަށެވެ. ޔޫޝައު އެގޮތަށް ކަންތައްކުރީ އައިކާ އޭނާއާއެކު ސައިކަލަށް ނޭރުމުން އެކަމާ ހިތްހަމަނުޖެހިގެންހެން އައިކާއަށް ހީވިއެވެ. ނަމަވެސް ޔޫޝައު އެގޮތަށް ކަންތައްކުރީ އައިކާއާ އެހާ ގާތުގައިވުމުން އޭނާގެ އަމިއްލަ ނަފްސު އިޚްތިޔާރުން ބޭރުވެދާނެތީއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. ގެއާއި ހަމައަށް ދެވޭންދެންވެސް އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެވެއެވެ. މަންޒިލާއި ހަމައަށް ދެވުމުން އައިކާ ގާތު އަވަހަށް އެތެރެއަށް ވަނުމަށް ބުނެފައި ޔޫޝައު އެނބުރި ޑްރައިވަރާއެކު އޮފީހަށް މިސްރާބުޖެހިއެވެ.

ޔޫޝައު އޮފީސް ނިންމާފައި ގެއަށް ދިޔައިރު ބަދިގެ ތެރެއިން ތަށިތައް ތަޅުވާ އަޑު އިވެއެވެ. ޔޫޝައު ފެންވަރާލައި، އެއްޗެހި ބަދަލުކޮށްލައިގެން ނުކުތްތަނާ ލަމްހާ ޔޫޝައުއަށް ކާން ގޮވިއެވެ. އޭނާ ލަމްހާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އެތެރެއަށް ދާން ހިނގައިގަތެވެ.

“މަގޭ ލޯބި ލޯބި ވައިފީ މިއަދު ހާދަ ގިނަ އެއްޗިއްސެއް ތައްޔާރުކޮށްލާފަ މިހުރީ.. މިއަދު މީ މާ ޚާއްސަ ދުވަހެއްތަ؟” ޔޫޝައު ކާމޭޒުމައްޗަށް ބަލާލަމުން ބުނެލިއެވެ.

“ހޫމް.. ވަރަށް ޚާއްސަ.. ޔޫ އަޅެ ހަނދާނެއް ނެތްތަ؟ އަޅެ ހަނދާންވޭތޯ ބަލާބަލަ..” ޔޫޝައުގެ ގާތަށް އައިސް ޔޫޝައުގެ ކޮނޑުގައި އަތް އަޅުވާލަމުން ލަމްހާ ބުނެލިއެވެ.

“އަޅެ ކޮން ދުވަހެއްތަ މީ؟ ހަނދާނެއް ނުވިޔޭ..” ލަމްހާއަށް ބަލާލަމުން ނިތުގައި އަތް ހާކާލަމުން ޔޫޝައު ބުނެލިއެވެ. ލަމްހާ ޔޫޝައުއާ ގާތްވެލުމުން ޔޫޝައު ގޮނޑި ކުޑަކޮށް މޭޒާއި ދުރަށް ޖައްސާލިއެވެ.

“ހެޕީ ފިފްތު އެނިވާސަރީ މައި ލަވިންގް ހަޒްބެންޑް..” ޔޫޝައުގެ އެއްފައި މަތީ އިށީނދެ ޔޫޝައުގެ ކަރުގައި އަތް އަޅުވާލަމުން ލަމްހާ ބުނެލިއެވެ. އަދި ޔޫޝައުގެ ތުންފަތަށް ބޮސްދިނެވެ.

“މިއަދު މީ އޯގަސްޓް ހަތާވީސްތަ؟” ޔޫޝައު ހައިރާންވެފައި އަހާލުމުން ލަމްހާ ހީލަމުން ބޯޖަހާލިއެވެ.

“އޯހ.. ހަނދާނެއްވެސް ނެތް.. ހެޕީ ފިފްތު އެނިވާސަރީ މައި ސްވީޓް ސްވީޓް އެންޑް ލަވްލީ ވައިފް..” ލަމްހާގެ ގައިގައި ބައްދާލަމުން ޔޫޝައު ބުނެލިއެވެ. އަދި ލަމްހާގެ މޫނާއި މޫނު ގާތްކޮށްލި ވަގުތު ކޮޓަރިއެއްގެ ދޮރު ހުޅުވާލި އަޑު އިވުމުން އަވަސްއަވަހަށް ސިހިފައި ލަމްހާ ޔޫޝައުގެ އުނގުން ތެދުވިއެވެ. ތެދުވެ ހަމަޖެހިލަމުން އަވަހަށް ތަށިތައް ގާތްކޮށްދޭ ކަމަށް ހެދިއެވެ. ޔޫޝައުއަށްވެސް ގޮނޑި ރަނގަޅުކޮށްލާ ހަމަޖެހިލެވުނީ ކިރިޔާއެވެ. ބަލި ހިނގުމެއްގައި އައިސް ބަދިގެއަށް އެވަނީ ޔޫޝައުގެ މަންމަ ހާޖަރާއެވެ.

“ދަރިފުޅު ކޮންއިރަކު އައީ؟”

“ހަމަ ދެންމެ މިއައީ.. މަންމަ ފައިގެ ރިހުން ކިހިނެއްތަ މިހާރު؟ އަދިވެސް ވަރަށް ރިއްސާތަ؟” ޔޫޝައު އޭނާގެ މަންމައަށް ބަލާލަމުން ލޯތްބާއެކު އަހާލިއެވެ.

“ރަނގަޅެއް ނުވާނެއެއްނު.. މަންމަ ބުނާގޮތެއް ނުހަދައޭ.. ޑޮކްޓަރ ބުނަނީ އިހަށް އެހާ ގިނައިން ނުހިނގާށޭ.. ފައި އެލުވައިގެން ގިނައިރު ނީންނާށޭ.. އެކަމް މަންމަ ޑޮކްޓަރ ބުނާ ގޮތެއް ނުހަދާ.. ގިނަގިނައިން ހިނގީމައޭ ރަނގަޅުވާނީ ކިޔާފަ ހަމަ އަހަރެން ކިރިޔާ އަތަކަށް ޖެހިލާއިރަށް ހިނގަން ފަށާނެ.. ކުރިން ދުވަހަކުވެސް ހަވީރު، އަހަރެން ފިހާރައަށް ގޮސްފަ އައިއިރު މަންމަ ނެތް ގެޔަކު.. އިރުއޮއްސެނިކޮށް މަންމަ އައީ.. ދިޔައީ ކޮންތާކަށްހޭ އަހާލީމަ ބުނީ އެ ޝަފީޤާއްތަމެން ގެޔަށޯ ދިޔައީ.. އެހާ ދުރަށް ކީއްކުރަން ދާންވީކީ ބަލިވެ އުޅޭއިރު.. އަދި ދިޔައީވެސް ހިނގާފައޭ.. އެހެން އުޅުނީމަ އަޅެ އެ ފައި އަވަހަށް ރަނގަޅުވާނެތަ؟” ލަމްހާ އޭނާގެ ޝަކުވާތައް ޔޫޝައުގެ ކުރިމައްޗަށް ބަންޑުންކޮށްލުމުން ހާޖަރާ އިނީ ހިތްހަމަނުޖެހިފައެވެ. ޔޫޝައު އެކަމާ ހިތްހަމަނުޖެހޭނެވަރު އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ.

“މަންމަވެސް ދެން ވެއްޖެއެއްނު ކޮންމެވެސް ވަރަކަށް ގޮތްދޫކޮށްފަ އަހަރެމެން ބުނާގޮތް ހަދަން.. ކަމެއް ދިމާވިޔަސް ބަލަން ތިބީ ހަމަ އަހަރެމެންނޭ.. މަންމަވެސް ވިސްނާލަބަލަ.. މަންމަ އަހަރެމެން ބުނާގޮތް ހަދައިގެން މަންމަ އަވަހަށް ރަނގަޅުވީމަ ހަމަ މަންމައަކަށްނު މޮޅުވާނީވެސް.. އޭރުން މަންމައަކަށް ނުޖެހޭނެ ބޭނުންވާ ވަގުތު އެކަމެއް ނުކުރެވިފަ އިންނާކަށް.. ބޭނުން ތަނަކަށް ނުދެވިފަ އިންނާކަށްވެސް.. އޭރުން މިހާރު މަންމަ ގައިގަ ތިއަޅާ ވޭނެއްވެސް ނާޅާނެއެއްނު..” ޔޫޝައު ހިތްހަމަނުޖެހިފައި އިންނަމަވެސް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

“މިއަދު ކިތަންމެ އަރާމުގަ އުޅެވުނަސް، އެނގޭތަ ބަފަޔަކާނުލާ ދަރިފުޅު ތިވަރު ކޮށްފަ ތިހުރީ ކޮންފަދަ ނިކަމެތި ހާލެއްގަ އުޅެގެންކަން؟ މި މަންމަ މީސްމީހުން ކައިރިން ސަލާން ޖަހައިގެން ކިތަންމެ ދުވަހަކު ނުކައި ހުރެ ދަރިފުޅަށް ކާންދީގެން ތިވަރު ކޮށްފަ ތިހިރީ.. އެކަމަކު މިއަދު ދަރިފުޅަށްވެސް މަންމަ ނުވޭ އެއްވެސް އެއްޗަކަށް.. މިއަދު ދަރިފުޅަށްވެސް މަންމައާހެދި ވަނީ އުނދަގޫ..” ހާޖަރާ ރޯންފެށިއެވެ. ޔޫޝައުއަށް ދެފަރާތަށް ބޯހޫރާލެވުނީ މިއަދުގެ ކަންތައް މި ނިމުނީއޭ ބުނާފަދަ ގޮތަކަށެވެ. ކިތަންމެ ރަނގަޅަކަށްވެސް އޭނާ މަންމަ ގާތުގައި ވާހަކައެއް ދައްކައިފިނަމަ މަންމަ ހަދާ ގޮތަކީ އެއީއެވެ. އޭރުން އޭނާއަށް އެވާހަކަ އެވަގުތަށް އޮއްބާލަން މަޖުބޫރުވެއެވެ. މަންމަ ރޯތަން ދެކެން ހިތަށް ކުޅަދާނަ ނުވާތީއެވެ.

“މަންމާ! ހުއްޓާލަބަލަ.. މަންމަ ކިހިނެއްތަ އަހަރެންނާ ދޭތެރޭ ތި ވިސްނަނީ؟ އަހަރެންނަށް ދުވަހަކުވެސް މަންމައާހެދި އުނދަގުލެއް ނުވާނެ.. އަހަރެން ހަނދާނެއް ނުނެތޭ މަންމަ އަހަރެން ގޮވައިގެން ސަލާން ޖަހަން މަގުމަތީ އުޅުނުކަން.. އަދި މިއަދު މިހިސާބަށް އާދެވިފަ މިއޮތީ މާތް ﷲގެ މިންވަރުފުޅާއެކު މަންމަގެ ހިތްވަރާއި މިންނަތުން އަހަރެންނަށް ދިން ތަރުބިއްޔަތާއި ނަސޭހަތުގެ ސަބަބުންކަން އަހަރެން އަބަދުވެސް ހަނދާން ހުރެޔޭ މަންމާ.. އަހަރެން މި ހުރިހާ ވާހަކައެއްވެސް މި ދައްކަނީ ހަމަ މަންމައަށް ރަނގަޅަކަށޭ.. އަހަރެންވެސް ބޭނުމެއްނޫން މަންމަ އަބަދު ބަލިވެ އުޅޭތަން ދެކޭކަށް.. މަންމައަކީ އަދި އުމުރުން އެހާ ދުވަސްވެފައިވާ މީހެއްވެސް ނޫން.. އެ އެކްސިޑެންޓްގެ ފަހުން މަންމައަށް ނުހިނގި ދުވަސްތަކެއް ދިޔަޔަސް، މާތް ﷲގެ އިރާދަފުޅުން މިހާރު މަންމައަށް ހިނގޭ.. އެހެންވީމަ މަންމަ މަސައްކަތް ކުރަންވީ ތިކަމުން މުޅިން ރަނގަޅުވޭތޯ.. އެކަމަށް ކުރަންޖެހޭ ކަމަކީ ގިނަގިނައިން ﷲއަށް ދުޢާކޮށް ޑޮކްޓަރ ބުނާގޮތަށް ޢަމަލުކުރުން.. އޭރުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަންމަ ކުރީގެ ހާލަތަށް އެނބުރި ރުޖޫޢަވާނެ..” ޔޫޝައުގެ ލޯތްބާއެކު ދެއްކި ވާހަކަތަކުން ހާޖަރާއަށް ވަރަށް އަސަރުކުރިއެވެ.

“މަންމަ ދުވަހަކުވެސް ހިއެއްނުކުރަން ދަރިފުޅު މަންމަދެކެ ތިހާ ލޯބިވާނެ ކަމަކަށް.. ކޮންމެ މީހަކަށްވެސް ތިކަހަލަ ދަރިން ލިބޭނެނަމަ..” ހާޖަރާގެ އަސަރާއެކު ބުނެލި ވާހަކަތަކުން ޔޫޝައުއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

“އަހަރެން ލޯބިވާން ތި މަންމަ ނޫން ހުރީވެސް ވަކި ކާކު؟ ހަޤީޤަތުގަ އަހަރެންނަށް އަދިވެސް އެންމެ އެކަށީގެންވާ ވަރަކަށް މަންމައަކަށް ވަގުތެއް ނުދެވޭ..” ޔޫޝައު އޭނާގެ މަންމަގެ ކޮނޑުގައި ހިފާ ގަޔާއި ކައިރިކޮށްލަމުން ބުނެލިއެވެ.

“ނޫނޭ ދަރިފުޅާ.. ދަރިފުޅު ތިވާ ލޯބިން މަންމައަށް ފުދޭ.. މަންމައަށް އަބަދުވެސް އިހުސާސްކުރެވޭ ދަރިފުޅު މަންމަދެކެ ލޯބިވާވަރު.. މަންމައާ ދޭތެރޭ ވިސްނާވަރު.. އެކަމަކު ކާކު ބޭނުންވާނީ ނުކުޅެދޭ މީހެއްހެން އަބަދު އޮށޯވެގެން އޮންނަން.. އެހެންވެ މަންމައަށް އެގޮތަށް ކަންތައް ކުރެވެނީ.. މަންމައަށް މާފްކުރޭ!” ޔޫޝައުގެ އަތުގައި ހިފާލަމުން ހާޖަރާ މާފަށް އެދުނެވެ.

“ނޫން މަންމާ.. މަންމައަށް ދުވަހަކުވެސް އަހަރެން ގާތުން މާފަށް އެދެންޖެހޭވަރުގެ ކަމެއް ނުކުރެވޭނެ..” ޔޫޝައު ވަރަށް ލޯބިން ހާޖަރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެދެމައިންގެ ލޯބި ފެނިފައި ލަމްހާގެ ލޮލުން ކަރުނަ ހިލުނީ ޔޫޝައުއަށް އެފަދަ ނަސީބެއް ލިބިފައިވީތީ އުފަލުންނެވެ. އަދި އޭނާގެ ބަދުނަސީބުކަން ހިތަށްއަރާފައެވެ.

ލަމްހާ ވިހެއުމާއެކު އޭނާގެ މަންމަ ނިޔާވިއެވެ. ދެން އޭނާ ގެންގުޅުނީ އޭނާގެ ބައްޕަ ޔާސިރުއެވެ. އޭނާގެ އުމުރުން އަށް އަހަރުގައި އޭނާއަށް ރަނގަޅު ގޮތެއް ހޯދައިދިނުމުގެ މަޤުސަދުގައި ޔާސިރު، އަސްމާ ކިޔާ މީހަކާ ކައިވެނިކުރިއެވެ. ޔާސިރުގެ ދުނިޔޭގައި އަސްމާ އޭނާއަށް ވަރަށް ރަނގަޅެވެ. އުފަން ދަރިއެއް ފަދައިން ލޯބިދިނެވެ. ނަމަވެސް އެކަން ދެމިއޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ލަމްހާގެ ނުވަވަނަ އުފަންދުވަހުގެ ޕާޓީގެ ތެރެއިން ޔާސިރުއަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ. ޔާސިރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިކަމަށް ޑޮކްޓަރ ދިން ޚަބަރާއިއެކު ލަމްހާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީއެވެ. ދެން އޭނާގެ އުމުރުން އަށާރަ އަހަރާއި ޖެހެންދެންވެސް އުޅެންޖެހުނީ ދޮންމަންމަގެ އަނިޔާވެރި ވަކިތަކުގެ ދަށުވެގެންނެވެ.

އޭނާގެ އުމުރުން އަށާރަ އަހަރު ވީފަހުން ދޮންމަންމަ އޭނާއާ ދޭތެރޭ ވިސްނަމުން އައީ ކޮންފަދަ ނުބައި ގޮތަކަށްކަމެއް އޭނާއަކަށް ރޭކާނުލައެވެ. އެއްރޭ އޭނާއަށް ހޭލެވުނީ މީހަކު އޭނާގެ ގައިގައި ބީހޭތީއެވެ. އޭނާއަށް ހޭވެރިކަމެއްވީއިރު އޭނާގެ ހެދުމުގެ މޭމަތިން ބައެއް ވަނީ އިރާލާފައެވެ. އޭނާ ސަލާމަތްވާން ތެޅިފޮޅުނެވެ. އެވަގުތު އޭނާއަށް އެހީތެރިވީ އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީގައި ހުރި މާޖަހާ ޓުކުރިއެވެ. އެމީހާގެ ބޮލަށް އެއިން އެތިފަހަރެއް ވީއްލާލުމާއެކު ބޮލުގައި އަތް އަޅައިގެން އެމީހާ ދުވެފައި ނުކުމެގެން ދިޔައީއެވެ. އެއީ ދޮންމަންމަ ކުރި ކަމެއްކަން އޭނާއަށް އެނގުނީ އޭނާގެ ކޮޓަރީގެ ބޮޑުދޮރު ފިޔަވައި އެކޮޓަރިއަށް ވަދެވޭނެ އެހެން ގޮތެއް ނެތުމާއެކު، އެގެއަކީ ދޮންމަންމައާއި އޭނާ ފިޔަވައި އިތުރު އެއްވެސް މީހަކު އުޅޭ ގެއަކަށް ނުވެފައި ގޭގެ ތަޅުދަނޑިފަތި އޮންނަނީ ދޮންމަންމަގެ އަތުގައިކަމަށް ވާތީއެވެ. އެހިސާބުން އޭނާއަށް އަމިއްލަ ޢިއްޒަތާއި އަބުރު ރައްކާތެރިކުރުމަށްޓަކައި އިތުރަށް ވިސްނަން ޖެހުނެވެ. ދޮންމަންމަގެ ނުބައިކަމުން ސަލާމަތްވެވޭނެ އެންމެ މޮޅު ގޮތަކީ ގެއިން ނުކުތުންކަން އޭނާއަށް ވިސްނުނެވެ. އެހެންކަމުން އޭނާ ފިލައިގެން ގެއިން ނުކުތީ ދަންވަރުގެ ވަގުތުގައެވެ.

ކުޑަ ދަބަހަކަށް ދެތިން ހެދުމާއި އެހެނިހެންވެސް ބޭނުންވާ މުހިންމު ބައެއް ސާމާނުތައް އަޅައިގެން ވަރަށް ސިއްރު ސިއްރުން ނުކުމެގެން ވަކި މަންޒިލެއް ނެތި އޭނާ ދަތުރުކުރަމުން ދިޔައެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާއަށް މަގުމަތީގައި ތިބި ޕާޓޭންގެ ގުރޫޕެއް ފެނުނެވެ. އެހެންކަމުން އޭނާއަށް އެހެން ދާކަށް ނުކެރުނެވެ. އެހެން މަގަކުން ދާން ހިތަށްއަރާ އައިކޮޅަށް އެނބުރި ދާން ހިނގައިގަތް ވަގުތު އެގުރޫޕުގައި ހުރި މީހަކު އޭނާއަށް ގޮވާލި އަޑު އިވުނެވެ. “ބޭބް”އޭ ކިޔާ ގޮވާލުމުން، އެމީހުން އެގޮވަނީ އޭނާއަށްކަން އޭނާއަށް ޔަޤީންވީ އެވަގުތު މަގުމަތިން އިތުރު އެއްވެސް އަންހެނަކު ފެންނަން ނެތުމުންނެވެ. އޭނާ ފިޔަވަޅުތަކަށް ބާރުލަމުން ހިނގައިގަތެވެ. ހިތް ބިރުގެންފައިވާވަރުން އޭނާއަށް އިރުއިރުކޮޅާ ފަހަތް ބަލާލެވެއެވެ. އެމީހުން އޭނާގެ ފަހަތުން އަންނަތަން ފެނުމުން އޭނާގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އޭނާ ގަތް ބިރުން ދުއްވައިގަތެވެ. އެވަގުތު އެމީހުންވެސް އޭނާގެ ފަހަތުން ދުއްވައިގަތް އަޑު އިވުނެވެ. ހާސްވެފައިވާ ލަމްހާއަށް އެކި ގޯޅި ގޯޅިއަށް އަޅަމުން ދުވެވުނީ ހައްތަހާވެސް ގެއާއި ދުރަށެވެ. ދުވަމުން ދުވަމުން ގޮސް ގޯޅިއެއް އެޅި ވަގުތު އެގޯޅިން ނުކުތް ކާރެއްގައި ޖެހިފައި ވިއްސައިގެން ދިޔައެވެ. އެމީހުން އޭނާއާއި ދިމާއަށް ދުވެފައި އައި މަންޒަރު އޭނާއަށް ފެނުނީ ފުސްކޮށެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ލަމްހާއަށް ހޭވެރިކަމެއްވީއިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. އޭރު އޭނާގެ ބޮލުގައި ރިއްސަމުން ދިއުމުގެ ސަބަބުން އޭނާއަށް ބޮލުގައި އަތް އަޅާލެވުނެވެ. ބެންޑޭޖް ކޮށްފައި އޮތްއިރު ފައިގައިވެސް ވަނީ ބެންޑޭޖް އޮޅާފައެވެ. އެއްއަތުގައި ޕްލާސްޓަރު އަޅާފައި އޮތުމުން އޭނާއަށް އެހެން ވާންވީ ކިހިނެއްކަން ހަނދާންވޭތޯ މަސައްކަތްކުރިއެވެ. އިރުކޮޅެއް ވީތަނާ ރޭގެ މަންޒަރުތައް އޭނާގެ ލޮލު ކުރިމަތީ ސިފަވެގެން ދިޔައެވެ. އޭނާ ހޮސްޕިޓަލަށް ގެނައި މީހަކާއިމެދު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. މި އަނިޔާވެރި ދުނިޔޭގައި އެމީހަކު އޭނާ މަރުވާން ދޫކޮށްނުލީ ކީއްވެ ހެއްޔެވެ؟ އޭނާ ވިސްނުމެއްގައި އިންދާ އޭނާ އޮތް ޕްރައިވެޓް ރޫމަށް އައިސް ވަނީ ގާތްގަނޑަކަށް ބާވީސް އަހަރުގެ ޒުވާނެކެވެ. ރީތި ފިރިހެނެކެވެ. މޫނުމަތީގައި ހުރީ ހިތްހެޔޮ ހިނިތުންވުމެކެވެ. އެއީ ޔޫޝައުއެވެ. އެދުވަހަށްފަހު މަޑުމަޑުން ދެމީހުންގެ ދެމެދުގައި އެކުވެރިކަން ބަދަހިވެ އެގުޅުން ލޯތްބަށް ބަދަލުވެ ކައިވެންޏާއި ހަމައަށް ދިޔައީއެވެ.

“ލަމް! ލަމް!” ލަމްހާއަށް ސިހިފައި ޚިޔާލުތަކުން ނުކުމެވުނީ ޔޫޝައު އޭނާއަށް ދެފަހަރަކު ގޮވާލުމުންނެވެ.

“އޭނ.. ކީކޭ؟”

“ކޮންކަމަކާ ގެއްލިފަ ތިހުރީ؟” ޔޫޝައު އަހާލިއެވެ.

“ކަމަކާ ގެއްލިފައެއް ނޫން.. މަންމަ މަތިން ހަނދާންވީ..” ލޯ ކައިރި ފޮހެލަމުން ލަމްހާ ބުނެލިއެވެ.

“ދެން އެހާ ބޮޑަށް ނުވިސްނާ.. މީވެސް ހަމަ މަންމައެއްނު..” ހާޖަރާ ހިނިތުންވެލަމުން ބުނެލިއެވެ. ލަމްހާވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“ލަމްވެސް އާދޭ ކާން..” ތަށްޓަށް ބަތް އަޅަމުން ޔޫޝައު އެހެން ބުނެލުމުން ލަމްހާވެސް ދެތަށި ހިފައިގެން އައިސް ހާޖަރާއަށް އެއްތަށި ދީފައި އަނެއް ތަށި ހިފައިގެން އިށީނެވެ.

**********

ދުވަސްތައް ފާއިތުވަމުންދެއެވެ. ޔޫޝައުއާއި އައިކާގެ ބައްދަލުވުންތައް ދިޔައީ ކުރިއަށެވެ. އައިކާ ހުންނަ ގެ ކަމަށްވާ “ގްރީން ލައިޓް”ގެ ބޮޑެތި މީހުންގެ ރުހުމާއެކު އެގޭ ސިޓިންގރޫމުގައެވެ. އެގޭ ވެރިމީހާ އާސިފް ވަނީ އައިކާއަށް އެގޭގައި އައިކާ ބޭނުން ކަމެއް ކުރުމުގެ ފުރިހަމަ މިނިވަންކަން ދީފައެވެ. އަދި އައިކާ ބޭނުން ކުއްޖަކާ ބައްދަލުކުރުމުގެ ފުރުސަތު އެގެއިން ލިބިދޭނެކަމަށް ބުންޏެވެ. އޭނާ އެއްގޮތަކަށްވެސް އައިކާ ގެއިން ބޭރަށް މީހުންނާ ބައްދަލުކުރަން ފޮނުވާކަށް ބޭނުމެއްނޫނެވެ. އެހެނީ އައިކާއަކީ ނާޒިމް އޭނާއާ ހަވާލުކޮށްފައިވާ އަމާނާތެކެވެ. އެހެންކަމުން އޭނާ އައިކާއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ އޭނާގެ ވާޖިބެއްކަމުގައި އޭނާ ޤަބޫލުކުރެއެވެ.

އެއްދުވަހެއްގެ ހަވީރެވެ. އައިކާއާއި ޔޫޝައު އާދައިގެ މަތިން ތިބީ ގްރީން ލައިޓްގެ ސިޓިންގރޫމުގައެވެ. ޖެހިގެން ހުރި ސޯފާގައި އާސިފްގެ ފަސް އަހަރަށްދާ އަންހެން ދަރިފުޅު އައިޝްކާ ޗިޕްސް ދަޅެއް ހިފައިގެން ކާޓޫން ބަލަން އިނެވެ. އިރުއިރުކޮޅުން އައިޝްކާގެ ހުނުމުގެ އަޑު ސިޓިންގރޫމުގައި ގުގުމާލުމާއެކު އަމިއްލަ ވާހަކަތަކުގައި ތިބި އައިކާއާއި ޔޫޝައުއާ ދެމީހުންނަށްވެސް ހެވެއެވެ.

“ޔޫޝް! އަހަރެން ބުނީ ކޮންއިރަކުން ޔޫޝްގެ ވައިފްއާ އަހަރެންނާ ބައްދަލުކޮށްދޭނީ؟ ވަރަށް ވޭ ބައްދަލުކޮށްލާހިތް..” އައިކާ ޔޫޝައުގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ބައްދަލުކުރަން ދޯ.. ވަރަށް އަވަހަށް ތިކަން ކޮށްދޭނަން.. މާދަމާ ރޭ ކިހިނެއްވާނެ؟ ފަހަރެއްގަ މިރޭވެސް ވެދާނެ..” ޔޫޝައުވެސް އައިކާއާ ލަމްހާ ބައްދަލުކުރުވާ ހިތްވެއެވެ. ކައިވެނީގެ ކުރިން އެދެމީހުންގެ މެދުގައި އެކުވެރިކަން އުފައްދަން އޭނާ ބޭނުންވެއެވެ. އޭރުން ކައިވެންޏަށްފަހު އޭނާއަށް ދެއަނބިންގެ ކަންކަން ހަމަޖައްސަން ފަސޭހަވާނެއެވެ.

“އަޅެ މިރޭ ވަންޏާ މިރޭ.. ޕްލީޒް!” އައިކާ ތުއިވެލިއެވެ.

“ހޫމް.. މިރޭ ވޭތޯ ބަލާނަމޭ ބޭބީ.. އެކަމް މާދަމާ ރޭ ހަމަ ޔަޤީން.. އޯކޭ؟”

“އޯކޭ..” އައިކާ އެއްބަސްވިއެވެ.

“އިކާ ދައްތާ! އިކާ ދައްތަ ތީ ބޭބީއެއް ނޫނެއްނު..” ކުއްލިއަކަށް އައިޝްކާ އައިސް އައިކާގެ އުނގުތެރެއަށް ވަނުމުން ސިހިފައި އައިކާއަށް ބަލާލެވުނެވެ.

“ހޫމް.. ކިހިނެއްވީ؟” އައިޝްކާ އެހެން އެބުނީ ކީއްވެކަން ނޭނގިފައި އިނދެ އަހާލިއެވެ.

“އެކަމު ޔޫޝް ބޭބެ އިކާ ދައްތައަށް ބޭބީ ކިޔަނީ..” އައިޝްކާ އެހެން ބުނެލުމުން އައިކާއާއި ޔޫޝައުއާ ދެމީހުންނަށް އެއްފަހަރާ ހެވުނެވެ.

“އިޝްކޯ! އެއީ އިކާ ދައްތަ ޔޫޝް ބޭބެއަށްވުރެ ކުޑަވީމަ ބޭބީ ކިޔަނީ.. އިޝްކޮއަށްވެސް އިޝްކޮގެ ޑެޑީ ބޭބީ ކިޔައެއްނު..” އައިޝްކާ ސޯފާގައި ބައިންދަމުން ޔޫޝައު ވަރަށް ލޯބިން ބުނެލިއެވެ.

“ނޯ.. ޑެޑީ ކިޔަނީ ޕްރިންސަސް.. މަންމިވެސް ކިޔަނީ ޕްރިންސަސް.. އިކާ ދައްތައާ ޔޫޝް ބޭބެ އެކަނި އިޝްކޮ ކިޔަނީ.. އިޝްކޮ ކިޔާނީ ކުޑަކުދިންނަށް.. މިހާރު އަޅުގަނޑު ބޮޑެއްނު..” ކޮޅަށް ތެދުވެލަމުން އައިޝްކާ ބުނެލިލެއް ލޯބިކަމުން އައިކާއާއި ޔޫޝައުއާ ދެމީހުންނަށްވެސް ދެމީހުންނަށް ބަލާލާފައި ހެވުނެވެ.

“އާނ އޯކޭ.. އެހެންވިއްޔާ އިޝްކޮއަށް ކިޔަންވީ ކޮން ނަމެއް؟”

“އައިޝް! ނޫނީ ޕްރިންސަސް..” އައިޝްކާ ދެނަމެއް ކަނޑައެޅިއެވެ.

“އޯކޭ.. ދެން އިކާ ދައްތަވެސް ޔޫޝް ބޭބެވެސް ކިޔާނީ އައިޝް.. އޯކޭ..” އައިކާ އައިޝްކާގެ ކޮލުގައި ހިފާލަމުން އެހެން ބުނެލުމުން އައިޝްކާ ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން އައިކާގެ ކޮލުގައި ހިފާލާފައި ގޮސް ކުރިންވެސް އޭނާ އިން ސޯފާގައި އިށީނެވެ.

“ހާދަ މަޖާ ކުއްޖެކޭ ދޯ؟” ޔޫޝައު ހީލަމުން ބުނެލިއެވެ.

“ހޫމް.. އަބަދުވެސް އެކަހަލަ ކޮންމެވެސް އެއްޗެކޭ ކިޔާ އަނގަތަޅުވާނެ.. އެ އަނގަގަނޑު މައިތިރިވާނީ ހަމައެކަނި ކާޓޫން ބަލާ ގަޑީގަ.. އެހެން ނޫނީ ހުއްޓާނުލާ ތަޅުވާނެ.. ހެހެހެ..” އައިކާ ބުނެލިއެވެ.

“މިހާރުވެސް އެ ތަޅުވަނީނު.. އެއިންނަނީނު އެއްޗެއް ކާލަ ކާލާ..” އައިކާއަށް ޖެއްސުންކޮށްލުމުގެ ގޮތުން ޔޫޝައު ހީލަމުން ބުނެލިއެވެ.

“ދެން.. މިބުނީ ވާހަކަދައްކާ ވާހަކައޭ..”

“އަސްލު ކުޑަކުދިން އުޅުމަކީ ގޭތެރެ ހާދަ ފަޅުފިލާ ކަމެކޭ ދޯ..” ޔޫޝައު އެހެން ބުނެލުމުން އައިކާވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެމީހުން އެކިއެކި ވާހަކަ ދައްކަން ތިއްބާ އާސިފްގެ އަންހެނުން ނިލްފާ އައިސް އައިކާ ގާތުގައި އިށީނެވެ.

“ހިނގާ ސައިބޯން.. ހުންނާނެ ހެދިކާ ގެނެސްފަ.. ޔޫޝައުވެސް މިއަދު ދާންވާނީ ސައި ބޮއިގެން.. ކޮންމެ ދުވަހަކު ސައި ނުބޯންވެގެން ބަހަނާއެއް ނުދެއްކޭނެ އިނގޭ..” ނިލްފާ ހީލަމުން އެހެން ބުނެލުމުން އައިކާ ޔޫޝައުއަށް ބަލާލީ މިފަހަރު ސަލާމަތެއް ނުވެވޭނެއޭ ބުނާފަދަ ގޮތަކަށެވެ.

“އާނ ދެން ސައި ބޯނީ ދޯ..” ބޯކަހާލަމުން ޔޫޝައު އެހެން ބުނެލުމުން ހީލާފައި އަވަހަށް އަންނާށޭ ބުނެފައި ނިލްފާ ދިޔައީ އައިޝްކާ ގޮވައިގެންނެވެ.

**********

ރޭގަނޑުގެ ވަގުތެވެ. ލަމްހާ އުޅުނީ ޔޫޝައު އަންނަންވާއިރަށް ރޭގަނޑުގެ ކެއުން ތައްޔާރުކުރާށެވެ. ހާޖަރާއަކީ ހަކުރު މައްޗަށްދާ މީހެއްކަމުން އޭނާއަށް ވަކިން ކާއެއްޗެއްވެސް ތައްޔާރުކުރިއެވެ. ލަމްހާ އަވަދިނެތި ބަދިގޭގައި އުޅެނިކޮށް ޔޫޝައު އައެވެ. ޔޫޝައު ބަދިގެތެރެ ބަލާލިއިރު ލަމްހާ ހުރީ އުނދުން ކައިރީގައެވެ. އެހެންކަމުން އޭނާ މަޑުމަޑުން ގޮސް ލަމްހާގެ ފުރަގަހުން ބައްދާލިއެވެ. އެވަގުތު ލަމްހާ ސިހުނުވަރުން އަތުގައި އޮތް ދޭފަތްވެސް ވެއްޓުނެވެ.

“ޔޫ! އަބަދުވެސް ބުނަމެއްނު ތިހެން ނުހަދާށޭ.. ތަނެއް ފިހުނުނަމަޔޯ..” ކުޑަކޮށް ނުރުހިފައި ލަމްހާ ބުނެލިއެވެ.

“ފިހިއްޖެއްޔާ އަހަރެން ބޭސްކޮށްދީފާނަމޭ.. އެނގެއެއްނު ލޯބިވާވަރު..” ލަމްހާގެ ކޮނޑުމަތީ ދަތްދޮޅި އަޅުވާލަމުން ޔޫޝައު ބުނެލިއެވެ.

“ހޫމް.. އެނގެޔޭ.. އެކަމް މިރޭ ތިއުޅެނީ އެހެން އިރާ ތަފާތު ގޮތަކަށް.. މިރޭ ކިހިނެއްވީ މާބޮޑަށް ލޯބި އަރައިގަނެގެން ތިއުޅެނީ؟” އުނދުން މަތީ ހުރި ރިހަ ތެލި ހަލާލަމުން ލަމްހާ ބުނެލިއެވެ.

“މިރޭ އެބަޖެހޭ ބޭރަށް ދާން.. ލަމް ކޮންމެހެންވެސް ދާން ޖެހޭނެ..” ޔޫޝައު އެހެން ބުނެލުމުން ލަމްހާ ހައިރާންވެފައި އެކީއްވެތޯ އަހާލިއެވެ.

“ވަރަށް ޚާއްސަ މީހަކާ ބައްދަލުކޮށްލަން.. އޭނަ ކޮންމެހެންވެސް ބޭނުންވޭ ލަމްއާ ބައްދަލުކުރަން..”

“އެއީ އަނެއްކާ ކާކު؟” ހައިރާންވެފައި ލަމްހާއަށް އަހާލެވުނެވެ.

“ދެން އެކުން މާ ސުވާލު ގިނަނުކޮށްބަލަ.. ދިޔައިމަ އެނގޭނެއެއްނު އެއީ ކާކުކަންވެސް.. ތި ހަދާ ނިންމާލާފަ މަންމައަށް ކާންދީފަ ތައްޔާރުވޭ އިނގޭ ބޭރަށް ދާން.. ނުވައެއް ޖަހާއިރަށް އޯކޭ ވާނެއެއްނު..” ޔޫޝައު ބުނެލިއެވެ.

“އެކަމަކު އޭރުން މަންމަޔޯ؟ މަންމަ އެކަނި ބައިންދާފަ ނުދެވޭނެއެއްނު..” ލަމްހާ ކަންބޮޑުވުން ފާޅުކުރިއެވެ.

“ރަނގަޅުވާނެ.. މަންމަ ގާތު ބުނެލާފަ ދާނީ.. ގޮސް އެހާ ލަސްނުކޮށް އައިމަ ރަނގަޅުވާނެ..” ޔޫޝައު އެހެން ބުނެލުމުން ލަމްހާވެސް އެއްބަސްވިއެވެ.

ލަމްހާ ހާޖަރާއަށް ކާންދީ ހަދާފައި އެމީހުން ބޭރަށްދާ ވާހަކަ ބުންޏެވެ. އަދި އެހާ ލަސްނުވެ އަންނާނެ ވާހަކަ ބުނުމުން ހާޖަރާވެސް އެންމެ ރަނގަޅުކަމަށް ބުނެލީ އޭނާގެ ސަބަބުން އެކުދިންގެ އުފަލަށް ހުރަސް އެޅެން ބޭނުންނުވާތީއެވެ. މިހާރުވެސް އޭނާއަށްޓަކައި އެކުދިން ދާން ބޭނުންވާ ކިތަންމެ ތަނަކަށް ދިއުން ކެންސަލްކުރާކަން އޭނާއަށް އެނގެއެވެ. ނަމަވެސް އަބަދު އެހެން އެކަން ވާކަށް އޭނާ ބޭނުމެއްނުވެއެވެ. އެކުދިންނަށްވެސް އުފާކުރުމުގެ ޙައްޤު ލިބެން ޖެހޭނެކަމަށް އޭނާ ޤަބޫލުކުރެއެވެ. އަބަދު އޭނާގެ ޚިދުމަތުގައި ތިބެންވެއްޖެނަމަ އެކުދިންގެ ހިތް ގޯސްވެދާނެހެން އޭނާއަށް ހީވަނީއެވެ. އޭނާގެ ހިތް އެކަހަލަ ބޭކާރު ވިސްނުންތަކުން ދުރުކުރަން ބޭނުންވިޔަސް ވަސްވާސްތަކުން އެހިތް ފުރެނީއެވެ.

“މަންމާ! ދަނީ އިނގޭ.. މަންމަ ބޭރަށް ނުދައްޗޭ.. އަންނާނަން އެހާ ލަސްނުވެ.. ކަމެއް ދިމާވެއްޖެއްޔާ ގުޅައްޗޭ..” ޔޫޝައު ލަމްހާ ގޮވައިގެން ބޭރަށް ނުކުންނަމުން ބުނެލިއެވެ. ހާޖަރާވެސް ހީލަމުން ބޯޖަހާލިއެވެ. ޔޫޝައު ލަމްހާ ގޮވައިގެން ސައިކަލުގައި ގްރީން ލައިޓްއަށް ދިޔައިރު ލަމްހާއަށް އިރުއިރުކޮޅުން ދާތަނަކާ ބެހޭގޮތުން ސުވާލުކުރެވެނީ ހިތް އަވަސްވެފައިވާތީއެވެ. އޭނާއަށް ނުވެސް އެނގޭ، ނަމަވެސް އެހާ ޚާއްސަ މީހަކު އޭނާއާ ބައްދަލުކުރަން ބޭނުންވާ ސަބަބެއް އެނގެން ކެތްމަދުވެފައިވާތީއެވެ. ޔޫޝައު ސައިކަލު ޕާކްކޮށްލާފައި ލަމްހާ ގޮވައިގެން ގޮސް ގޭގެ ދޮރުމައްޗަށް މަޑުކޮށްލުމުން ލަމްހާ ގޭގެ ނަންބޯޑަށް ބަލާލިއެވެ.

“ގްރީން ލައިޓް!” ލަމްހާއަށް މަޑުމަޑުން ކިޔާލެވުނެވެ. ލަމްހާ ސުވާލެއް ކުރަން އުޅެނިކޮށް ޔޫޝައު އެކަން ހުއްޓުވުމަށްފަހު އިރުކޮޅަކު މަޑުކޮށްލުމަށް ބުނެލުމުން ލަމްހާއަށް ސުވާލުކުރާކަށް ނުކެރުނެވެ.

 

ޔޫޝައު ގޭގެ ބެލް އަޅާލުމުން ގޭގެ ދޮރު ހުޅުވާލީ ސީދާ އައިކާއެވެ.

“ލަމް! މީ އައިކާ.. އައިކާ! މީ ލަމްހާ.. އަހަރެންގެ ވައިފް..” ޔޫޝައު އެ ހުރިގޮތަށް ހުރެ ދެމީހުންނަށް ދެމީހުން ތަޢާރަފުކޮށްދިނެވެ. އައިކާ ހީލަމުން ސަލާމަށް އަތް ދިއްކޮށްލުމުން ލަމްހާވެސް ހީލަމުން ސަލާމްކޮށްލިއެވެ. ޔޫޝައުގެ އަންހެނުންނަކީ ނާޒް ނޫންކަން އެނގުމުން އައިކާގެ ހިތަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ނާޒް ފެނުނު ދުވަހު އޭނާއަށް އެގޮތަށް ހީކުރެވުނު ނަމަވެސް އޭނާ ޔޫޝައުއާ އެސުވާލެއް ނުކުރެއެވެ. އަދި އޭނާ އުޅުނީ އޭނާއަށް އެފަދަ ގޮތަކަށް ވިސްނުނުކަން ޔޫޝައުއަށް ޝައްކުވެސް ނުވާނެހެންނެވެ.

“އާދޭ އެތެރެއަށް..” ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާލަމުން އައިކާ އެމީހުން ވަންނަން ތަން ދެއްކިއެވެ. ޔޫޝައުގެ ފަހަތުން އެތެރެއަށް ވަތް ލަމްހާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. މުއްސަނދިވެފައި ބޮޑު ނޫނަސް އާދައިގެ ތަނަކަށްވުރެ ތަނަވަހެވެ.

“ކޮބާ މިހާރު މިއޮތީ ލަމްއާވެސް ބައްދަލުވެވިފައެއްނު.. ދެން ކުރިއަށް ގެންދޭ.. އަހަރެން އިންނާނަން އަޑުއަހަން..” ސަމާސާ ރާގެއްގައި ޔޫޝައު އެހެން ބުނެލުމުން ލަމްހާއާއި އައިކާއަށް އެއްފަހަރާ ހެވުނެވެ. ދެމީހުން އެކިއެކި ވާހަކައިގައި ތިބެފައި ދިހައެއް ޖެހުމުން ގެއަށް ދިޔައީ އައިކާމެން ގެއިން ކައިގެންނެވެ.

އެދުވަހަށްފަހު ލަމްހާ ދޭތެރެ ދޭތެރެއިން އައިކާ ގާތަށް އައިސް ހަދައެވެ. ދެމީހުންގެ އެކުވެރިކަން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ދާއިރު އެއީ މުސްތަޤުބަލުގައި އެކެއްގެ ދެއަނބިންނަށް ވެދާނެއެކޭ ހިއެއްނުވެއެވެ. އެދެމީހުންގެ މެދުގައި އިތުބާރާއި ކުލުނު އުފެދިގެން ދިޔައީ އެދެމީހުންގެ މިޒާޖުގައި ހުރި އެއްގޮތްކަމެއްގެ ސަބަބުންނެވެ. ޔޫޝައުވެސް ހުންނަނީ މިކަމާ ނުހަނު އުފަލުންނެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. މާޒް ދުނިޔޭގެ ލޯމައްޗަށް އުފާވެރިކަން ދައްކައިގެން އުޅެމުން ދިޔަނަމަވެސް އޭނާގެ ހިތްވަނީ ހަލާކުވެފައެވެ. އައިކާ މާލެ ދިޔަފަހުން އޭނާއާ އެންމެ ފަހަރަކުވެސް ގުޅާނުލައެވެ. ހާލު ބަލާލަންވެސް ގުޅަން ޖެހެނީ އޭނާއަށެވެ. ގުޅާ ގިނަ ފަހަރު ފަހަރު ފޯނު ނުނަގާތީ އައިކާއާ ދިމާވާގޮތެއް ނުވެއެވެ. މިކަމުން މާޒްއަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބެއެވެ.

ދޭތެރެ ދޭތެރެއިން ލިހާމްގެ މަލާމާތުގެ ބަސްތަކާއި ކުރިމަތިލާން ޖެހުނަސް އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއްޗެކޭ ބުނެގެން ލިހާމްގެ ހިތުގައި އޭނާގެ އާއިލާއަށްޓަކައިވާ ނަފުރަތުގެ އަލިފާނަށް ދަރު އަޅަން ބޭނުންނުވާތީއެވެ. އަދި އޭނާ ލިހާމްއަށް ކިތަންމެ ވަރަކަށް ރައްދު ދިނަސް ލިހާމްގެ އެ މަލާމާތާއި ފުރައްސާރައަށް ހުއްޓުމެއް ނާންނާނެކަން އެނގޭތީއެވެ. އޭނާ ހުންނަނީ ލިހާމްގެ އައިލާ މީހަކަށް ދެރައެއް ލިބޭނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. އެންމެ ސަބަބަކަށްޓަކައެވެ. މާޒްގެ މަރުޙޫމް ކާފަގެ ސިހުރެއްގެ ސަބަބުން ލިހާމްގެ ބޮޑުދައިތަގެ ދިރިއުޅުން ހަލާކުވީތީއެވެ.

“ރަމްޒިއްޔާ! އަހަރެންނަށް ފެންނަނީ ދެން މިވާހަކަ ދައްކަން.. އަހަރެންނަށް މިވާހަކަ ނުބުނެވިގެން މިހާރު ހަމަނިދި ނުލިބޭތާ ދުވަސްގަނޑެއް ވެއްޖެ.. އަހަރެން ބޭނުމެއްނޫން އޮޅުވާލައިގެން އެއްވެސް މީހެއްގެ ލޯތްބެއް.. ހަޤީޤަތް އެނގިހުރެ ވާލޯބީގެ ބާރު މާ ގަދަވާނެ..” މަންސޫރު އެހެން ބުނެލުމުން ރަމްޒިއްޔާ ވިސްނާލިއެވެ. މާޒް ގާތުގައި އެވާހަކަ ހަމަ ދައްކަންވީބާއެވެ. އެވާހަކަ ދެއްކުމުން މާޒް އެމީހުންނާމެދު ދެކޭގޮތް ބަދަލުވެދާނެބާއެވެ.

“ރަމްޒިއްޔާ! ކީއްވެ އެއްޗެކޭ ނުބުނީ؟”

“މި ވިސްނާލީ.. ހިތަށް މި އަރަނީ އެކަން އެނގުނީމަ އޭނަގެ ހިތް ބަދަލުވެދާނެއޭ.. ހިތްހަމަނުޖެހިވެސްދާނެ..” ރަމްޒިއްޔާ އެހެން ބުނެލުމުން މަންސޫރުވެސް އެކަމާ އެއްބަސްވިއެވެ.

“އާނ.. ތިހެންވެސް ވެދާނެ.. އެކަމަކު އަހަރެންގެ މައްސަލައެއް ނެތް.. އަހަރެންނަކަށް އިތުރަށް މިކަން ސިއްރުކޮށްގެންނެއް ނުހުރެވޭނެ.. މާޒް މިހާރު ހިތްހަމަނުޖެހުނަސް އޭނައަށް ވިސްނުނީމަ ފަހުން ރަނގަޅުވާނެ..” މަންސޫރު އޭނާގެ ހިތް ބުނާ ގޮތަށް ވާހަކަތައް އަތުރާލިއެވެ.

“އެންމެ ރަނގަޅު..” ރަމްޒިއްޔާ އެހެން ބުނެލިތަނާ މާޒް އައިސް ގެއަށް ވަނެވެ. މާޒް ސިޓިންގރޫމުގައި މަޑުވެސްކޮށްނުލާ އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

“ދަރިފުޅާ މާޒް! އާދެބަލަ..” ރަމްޒިއްޔާ ގޮވާލުމުން މާޒް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އައިސް ސޯފާގައި އިށީނެވެ. އޭރު މަންސޫރުވެސް ސޯފާގައި އިނީ އެމީހުންގެ އާއިލާގައިވާ ބޮޑު ސިއްރު ހާމަކުރަން ތައްޔާރުވެގެންނެވެ. އެކަމުގެ ސަބަބުން އޭނާއަށް ކޮންމެ ގޮތެއް ވިޔަސް އިތުރަށް އޭނާއަށް އެކަން ސިއްރުކޮށްގެން ހުރެވޭކަށް ނެތެވެ. އެކަމުން އޭނާގެ ހިތަށް ދަތިކަން ލިބޭތީއެވެ.

“މަންމާ! ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟” މަންސޫރުއާއި ރަމްޒިއްޔާގެ މޫނުމަތިން ފެންނަ ކުލަވަރުތަކުން މާޒްއަށް އަހާލެވުނެވެ. ރަމްޒިއްޔާ ބޯހޫރާލިއެވެ. މަންސޫރު އިނީ މާޒްއަށް ހަޤީޤަތް އެނގުމުން ވާނެގޮތެއް ނޭނގި ފިނިވެފައެވެ.

“ކަމެއް ގޯސްވީކީ ނޫން.. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން..” ރަމްޒިއްޔާ އެހެން ބުނެލުމުން މާޒް ހައިރާންވިއެވެ. މަންމަމެން އޭނާ ގާތުގައި ދައްކަންޖެހޭ އެވަރުގެ ބޮޑު ވާހަކައަކީ ކޮބައިބާއޭ އޭނާގެ ހިތަށްއެރިއެވެ. ތަންކޮޅެއް ކުރިން އެއްދުވަހަކު މަންސޫރުވެސް އޭނާ ގާތުގައި ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނިކަން އޭނާ ހަނދާންވިއެވެ. އަދި އެވާހަކަ ދެއްކޭނީ ރަމްޒިއްޔާވެސް އިނދެގެން ކަމަށް މަންސޫރު އެދުވަހު ބުންޏެވެ. އެހެންކަމުން މަންމަ ދައްކަން އެއުޅޭ ވާހަކައަކީ އެދުވަހު މަންސޫރުވެސް އެބުނި ވާހަކަކަން އޭނާއަށް ޔަޤީނާއި ގާތަށް ހީވިއެވެ.

“ކޮން ވާހަކައެއްތަ މަންމާ؟” ކެތްމަދުވެފައިވާ ރާގަކަށް މާޒްއަށް އަހާލެވުނެވެ.

“މީ މިހާތަނަށް ދަރިފުޅަށް ސިއްރުކުރެވިފައި އޮތް ހަޤީޤަތެއް.. ފަހަރެއްގަ މިވާހަކަ ދެއްކީމަ ދަރިފުޅު މަންމަމެންނާ ދޭތެރޭ ގޯސް ގޮތަކަށްވެސް ވިސްނަފާނެ.. އަދި ހިތްހަމަވެސް ނުޖެހިދާނެ.. އެކަމަކުވެސް މީ ދަރިފުޅަށް ކޮންމެހެންވެސް އެނގެންޖެހޭ ވާހަކައެއްކަމަށް ޤަބޫލުކުރާތީ މިވާހަކަ ބުނަން މިއުޅެނީ.. މިވާހަކަ ބުނީމަ ދަރިފުޅު ހިތްހަމަނުޖެހުނަސް މަންމަމެންނަށް މާފްކުރާނެކަމަށް މަންމަމެން އުއްމީދުކުރަން..” ރަމްޒިއްޔާ އޭނާ ދައްކަން އުޅޭ ވާހަކައިގެ ބޮޑުކަން މާޒްއަށް ބުނެދިނެވެ. މާޒް ބޯޖަހާލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.

“ދަރިފުޅާ! މަންމައަށް މާފްކޮށްދޭތި މިހާ ދުވަހު މިކަން ސިއްރުކުރެވުނީތީ.. މީ.. މީ.. ދަރިފުޅުގެ އަސްލު ބައްޕައެއް ނޫން.. ދަރިފުޅުގެ އަސްލު ބައްޕަ މިދުނިޔޭގަ ނެތްތާ އެތައް ދުވަހެއް ވެއްޖެ..” ރަމްޒިއްޔާއަށް އެވާހަކަ ބުނަން އުނދަގޫވިއެވެ. ނަމަވެސް ވަރަށް ހިތްވަރުކޮށްފައި އެހެން ބުނެލުމާއެކު މުޅިތަނުގައި ހީވީ ބޮމެއް ގޮވިހެންނެވެ. މާޒް އިނީ ކުއްލިއަކަށް އިވުނު ޚަބަރުން ޝޮކެއް ލިބިފައެވެ. މާޒް ގަބު އަރާފައި އިންދާ ރަމްޒިއްޔާ މާޒްގެ ކޮނޑުގައި ހިފާ މަޑުމަޑުން ތަޅުވާލުމުން މާޒް ސިހުނެވެ.

“ނޫން.. ތީ ދޮގެއް.. އަހަރެން ތިވާހަކަ ޤަބޫލެއް ނުކުރާނަން.. ނޫންނަމަ މިހުރިހާ ދުވަސްވީއިރު ކޮންމެވެސް މީހެއްގެ ފަރާތުން އަހަރެންނަށް ތިކަން އެނގުނީސް..” މާޒްއަށް އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް އެހެންވެސް އެބުނީ އޭނާގެ މަންމަގެ ދުލުން ވިއްޔާއެވެ. މަންމަ ބުންޏަސް އެވާހަކަ އޭނާއަށް ޤަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ މަންސޫރުއަކީ އޭނާގެ ދޮންބައްޕަ ކަމަށް އޭނާއަށް ޤަބޫލުކުރެވޭނެ ހެއްޔެވެ؟ މަންސޫރުގެ ފަރާތުން ބަފައެއްގެ ފުރިހަމަ ލޯބި އޭނާއަށް ލިބުނެވެ. މިހާތަނަށް މީހުން ދައްކާ ވާހަކައިންނާ ފެންނަ މަންޒަރުތަކުން އޭނާއަށް އަބަދުވެސް ފެންނަނީ ދޮންމަންމައިންނާއި ދޮންބައްޕައިންގެ ނުބައި ނުލަފާކަމެވެ. ވީއިރު މަންސޫރުގެ ކިބައިން އެފަދަ ކަމެއް ނުފެނުމުން އެކަން ޤަބޫލުކުރެވޭނެ ހެއްޔެވެ؟

“ނޫން ދަރިފުޅާ.. މީ ދޮގެއް ނޫން.. އޮޅުވާލުމެއްވެސް ނޫން.. މީ ތެދެއް، ހަޤީޤަތެއް..” މަންސޫރު ޔަޤީންކަން ދިނެވެ.

“ދެން ކީއްވެ މިހުރިހާ ދުވަހު ތިކަން އަހަރެންނަށް ސިއްރުކުރީ؟ ކީއްވެ އެއްވެސް މީހެއްގެ ފަރާތުން އަހަރެންގެ ހަޤީޤީ ބައްޕައަކީ ތީ ނޫންކަން އެނގޭނެ ކަހަލަ އެއްވެސް އިޝާރާތެއް ނުލިބުނީ؟” މާޒްގެ ހިތުގައި އުފެދިފައިވާ ޝަކުވާ ބޭރުކޮށްލިއެވެ.

“މަންމަމެން ދަރިފުޅު ގާތު އެވާހަކަ ނުބުނީ ދަރިފުޅު އޭރު ކުޑަވީމަ.. ކަންކަމާ ރަނގަޅަށް ނުވިސްނޭނެތީ.. ދަރިފުޅަށް ކަންކަން ވިސްނޭވަރަށް ބޮޑުވީމަ މިވާހަކަ ބުނަން މަންމަ ބޭނުންވީ.. އެއީވެސް ދަރިފުޅަށް ރަނގަޅަކަށް.. އެހެންނޫނީ ދަރިފުޅުގެ ކިޔެވުންވެސް ހަލާކުވީސް.. އެހެންވާން މަންމަ ބޭނުންނުވީ.. އަދި އެހެން ސަބަބެއްވެސް އެބައޮތް.. މަންމަ އެވާހަކަ ބުނީމަ ދަރިފުޅުގެ ހިތުގަ އެތައް ސުވާލެއް އުފެދޭނެކަން މަންމައަށް އެނގޭ.. ދަރިފުޅުގެ ބައްޕައާ ބެހޭގޮތުން ދަރިފުޅު މީހުންނާ ސުވާލުކުރާނެކަން މަންމައަށް އެނގޭ.. އެދުވަހަކުން އެމީހުންގެ ވާހަކަތަކުން ދަރިފުޅުގެ ހިތް ބައްޕައާމެދު ކިލަނބުވާނެ.. އެހެން އެކަން ވާންވެސް މަންމަ ބޭނުންނުވީ..” ރަމްޒިއްޔާ އޮޅުންފިލުވައިދިނެވެ. ރަމްޒިއްޔާގެ ވާހަކަ ނިންމާލީ މާޒް ސުވާލެއްގެ ތެރެއަށް ގަންބާލަމުންނެވެ. މީހުން ބައްޕައާމެދު ދައްކާ ވާހަކަތަކުން އޭނާގެ ހިތް ބައްޕައާމެދު ކިލަނބުވާނެކަމަށް މަންމަ އެބުނީ ކީއްވެ ހެއްޔެވެ؟

“އެކީއްވެ މީހުން ދައްކާ ވާހަކައަކުން ބައްޕައާމެދު އަހަރެންގެ ހިތް ގޯސްވާންވީ؟ ބައްޕައަކީ އެހާ ނުބައި މީހަކީތަ؟” މާޒް އޮޅުންފިލުވަން ބޭނުންވިއެވެ.

“ދެން އެވާހަކަ ނުދައްކާ.. މިހާރު އެވާހަކަ ދައްކައިގެން ދަރިފުޅުގެ ހިތް ބައްޕައަށްޓަކައި ކިލަނބުކުރާކަށް މަންމަ ބޭނުމެއްނޫން.. ދަރިފުޅު ގާތު މަންމަ ބުނަން ބޭނުންވާ ވާހަކައަކީ މިހުރިހާ ކަމެއްވެސް ކުރީ ހަމަ ދަރިފުޅުގެ މުސްތަޤުބަލަށް ވިސްނާފައޭ.. ދެން ދަރިފުޅަށް އެނގޭނީ ހަދާނެގޮތެއް.. މަންމަމެން މިކުރީ ކުށެއްކަމަށް ދަރިފުޅު ޤަބޫލުކުރާނަމަ މަންމަމެންނަށް މާފްކޮށްދޭނެކަމަށް އުއްމީދުކުރަން..” ރަމްޒިއްޔާ އެހެން ބުނެލުމަށްފަހު އެތާ މަޑުކޮށްލުމެއްވެސްނެތި ކޮޓަރިއަށް ދާން ހިނގައިގަތެވެ. މާޒް ދެފަހަރަކު ގޮވާލުމުންވެސް ރަމްޒިއްޔާ މަޑެއް ނުކުރިއެވެ. ދެން މާޒް ބަލާލީ މަންސޫރުއަށެވެ. އޭނާ މަންސޫރުގެ ފަރާތުން އެސުވާލުގެ ޖަވާބަކަށް އިންތިޒާރުކުރާފަދައެވެ. ނަމަވެސް މަންސޫރުވެސް އެސުވާލުގެ ޖަވާބު ދޭކަށް ނޫޅުނެވެ.

“ބައްޕައަށް މާފްކުރޭ.. ތިކުރާ ސުވާލުގެ ޖަވާބު ދެވޭކަށް ބައްޕައަކަށް ނެތް..” އެހެން ބުނެލުމަށްފަހު މަންސޫރުވެސް ގޮސް ކޮޓަރިއަށް ވަނެވެ. މަންސޫރުއާއި ރަމްޒިއްޔާ ކޮޓަރިއަށް ވަނުމުން މާޒް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އަނެއްކާވެސް ނުކުތީ ބޭރަށެވެ. ވަކި މިސްރާބެއްނެތި ހިނގަމުންދިޔަ މާޒްގެ ސިކުނޑި ވަނީ ހާސްވެފައެވެ. އޭނާގެ ބަދުނަސީބުކަމާމެދު ހިތްވަނީ ޝަކުވާއިން ފުރިފައެވެ. ފުރަތަމަ އޭނާގެ ލޯބި އޭނާގެ އަތުން ބީވެ ދިޔައީއެވެ. އެކަމާ އޭނާ އައީ އެތައް ހިތްވަރަކުން ކެތްކުރަމުންނެވެ. ދެން ހާމަވީ އެއަށްވުރެ ބޮޑު ހަޤީޤަތެކެވެ. މަންސޫރުގެ ފަރާތުން އޭނާއަށް ބައްޕައެއްގެ ލޯބި ލިބުނުނަމަވެސް މިހުރިހާ ދުވަސްވަންދެން އޭނާގެ ބައްޕަ ކަމުގައި ހީކުރި މީހަކީ އޭނާގެ ބައްޕަ ނޫނެވެ. މިހާރު އޭނާގެ ހިތްވަނީ ނާއުއްމީދުވެފައެވެ. މިހާރު އޭނާގެ ހިތުގައި ހުރިހާ މީހުންނާމެދުވެސް ވަނީ ޝައްކު އުފެދިފައެވެ. މިރޭ މި އެނގުނު ހަޤީޤަތުގެ ސަބަބުން ރަމްޒިއްޔާއަކީ އޭނާގެ މަންމަ ކަމާމެދުވެސް އޭނާއަށް ޝައްކުވެއްޖެއެވެ. ޝައްކުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން އެނގިހުރެވެސް އޭނާގެ ހިތާއި ސިކުނޑިން އެޚިޔާލު ފޮހެލެވޭގޮތެއް ނުވިއެވެ.

އަތިރިމައްޗަށް ނުކުމެވުމުން ހަށިގަނޑުގައި ބީހެން ފެށި ފިނިފިނި ވައިރޯޅިތަކުންވެސް މިރޭ މާޒްއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެއިން ލިބެންވާ ތަސައްލީ އިހުސާސްކުރެވޭވަރަށްވުރެ އޭނާގެ ހިތުގެ ހައިޖާންގަނޑު ބޮޑެވެ. މަންމަ އޭނާގެ އެންމެ ސުވާލަކަށް ޖަވާބުނުދޭން އުޅޭ ސަބަބަކާއިމެދު އޭނާއަށް ވިސްނެނީއެވެ. އެސުވާލުގެ ޖަވާބު އޭނާ ކޮންމެހެންވެސް ބޭނުމެވެ. އޭނާގެ ބައްޕަ މިދުނިޔެ ދޫކުރަން މެދުވެރިވި ސަބަބެވެ. އޭނާގެ މަންމަ އެވާހަކަ ނުދައްކަން އުޅުމުން އޭނާއަށް ދޭހަވަނީ އެ މަރުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ވާކަމެވެ. އޭނާ އެކަން ހޯދަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް މަންމަގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އޭނާއަށް ޔަޤީންވެއެވެ. މަންސޫރުގެ ފަރާތުން ޖަވާބެއް ހޯދަން އުޅުމުގެ ބޭނުމެއްނެތެވެ. މަންސޫރު އެވަނީ އެސުވާލުގެ ޖަވާބު ނުދޭނެކަމަށް ފާޅުގައި ބުނެފައެވެ. ވީއިރު އޭނާ އެސުވާލުގެ ޖަވާބު ހޯދާނީ ކާކުގެ ގާތުން ހެއްޔެވެ؟ އެވަގުތު އޭނާގެ ހަނދާނަށް އައީ ސަނާއެވެ. ސަނާ ގާތު އެހުމުން އޭނާއަށް އެސުވާލުގެ ޖަވާބު ލިބިދާނެއެވެ. ސަނާ އޭނާ އެދޭ ކަމަކަށް ނޫނެކޭ ނުބުނާނެކަން އޭނާއަށް ޔަޤީންވެއެވެ. އެހެން ހިތަށްއެރުމާއެކު ދެލޯ ފޮހެލަމުން މާޒް ތެދުވެ ސަނާގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

މާޒް ދިޔައިރު ސަނާ އިނީ އުނދޯލީގައި ފޯއް ކޮށާށެވެ. ކައިރީގައި ނާޒިމްވެސް އިނެވެ. ނަމަވެސް މާޒް ފަސްޖެހޭކަށް ބޭނުމެއްނުވިއެވެ. އޭނާ ވަދެގެން އައިސް ވަކި ހިސާބަކަށް އެރިތަނާ ސަނާއަށް އޭނާ ފެނުނެވެ. މާޒް ހުރިގޮތް ފެނުމުންވެސް ސަނާއަށް ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. އޭނާ މާޒްގެ ގާތަށް ގޮސް ފަރުވާތެރިކަމާއެކު މާޒްގެ މޫނަށް ބަލާލިއެވެ. އެދެލޯ ކަރުނުން ފުރެމުން ދިޔަތަން އޭނާއަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.

“މާޒް! ކިހިނެއްވީ؟” ސަނާއަށް އެހެން އަހާލެވުމާއެކު މާޒް އޭނާގެ ގައިގައި އޮޅުލައިގެންފައި ރޯން ފެށިއެވެ. އެއަޑުގައިވީ އަސަރަކުން ސަނާގެ ހިތަށްވެސް އަސަރުކުރިއެވެ. ވީގޮތެއްވެސް ނުބުނެ މާޒް ކުއްލިއަކަށް އެގޮތަށް ރޯން ފެށުމުން ސަނާ ނުހަނު ކަންބޮޑުވިއެވެ. މާޒްއަކީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއްކަން ސަނާއަށް އެނގެއެވެ. ވީއިރު އެގޮތަށް މާޒް ރޯނީ ވަރަށް ބޮޑު ކަމެއް ވުމުންކަން ސަނާއަށް އެނގެއެވެ. އަނެއްކާ ރަމްޒިއްޔާއަށް ކަމެއްވީބާއޭ ސަނާގެ ހިތަށްއެރިއެވެ.

“މާޒް! ކިހިނެއްވީތަ؟ ހުއްޓާލާފަ ބުނެބަލަ ވީގޮތެއް.. މަންމައަށް ކަމެއްވީތަ؟ ނޫނީ ބައްޕައަށް ކަމެއްވީތަ؟” ސަނާ އެހެން ބުނެލިތަނާ ކުއްލިއަކަށް މާޒް ސަނާގެ ގައިން ދޫކޮށްލިއެވެ. ސަނާ ހުރީ މާޒް ކުއްލިއަކަށް މި އުޅެންފެށި ގޮތަކުން ހައިރާންވެ ވާނުވާ ނޭނގިފައެވެ. އަނެއްކާ މާޒްގެ ޠަބީއަތު ރަނގަޅުބާއޭވެސް އޭނާގެ ހިތަށްއެރިއެވެ.

“އެއީ އަހަރެންގެ ބައްޕައެއް ނޫން.. ދޮންބައްޕަ.. އަހަރެންގެ ބައްޕަ މިދުނިޔެއަކު ނެތް..” ކުއްލިއަކަށް މާޒް އެހެން ބުނެލުމުން ސަނާއަށް ނާޒިމްއާ ދިމާއަށް ބަލާލެވުނެވެ. މާޒްއަށް މި އައިސްގެން އުޅޭ ބަދަލުގެ އަސްލު އެދެމީހުންނަށް ދެނެގަނެވިއްޖެއެވެ. މާޒްއަށް މިއޮއް ހުރިހާ ދުވަހު ސިއްރުކޮށްފައި އޮތް ކަންތައް އެނގުނީއެވެ. އެކަމަކު މާޒް ގާތުގައި އެވާހަކަ ދެއްކީ ކާކު ހެއްޔޭ ސަނާގެ ހިތަށްއެރިއެވެ.

“މާޒް ރަނގަޅުތަ؟ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ކާކު ދެއްކި ވާހަކައެއް ތީ؟” މާޒްގެ އަތުގައި ހިފަހައްޓާލަމުން ނާޒިމް އަހާލިއެވެ.

“އަހަރެންނަކަށް އެއްވެސް ގޮތެއްނުވޭ.. އަހަރެން މި ދައްކަނީ ހަމަ ރަނގަޅު ވާހަކައެއް.. ދުރު މީހެއްނޫން އަހަރެން ގާތު މިވާހަކަ ބުނީ.. މަންމައާ ދޮންބައްޕަ ތިބެގެން މިވާހަކަ ބުނީ..” މާޒް އެހެން ބުނެލުމުން ސަނާއަށް ހައިރާންވެފައި ނާޒިމްއަށް ބަލާލެވުނެވެ. ރަމްޒިއްޔާ މާޒް ގާތުގައި އެވާހަކަ ބުނެފާނެކަމަކަށް އޭނާއަށް ހީކުރެވިފައެއްވެސް ނެތެވެ.

“އަހަރެންނަށް އެނގޭ ސަނާއްތައާ ނާޒިމްބެއަށް މިކަމުގެ ހަޤީޤަތް އެނގޭނެކަން.. އެހެންވެ މިއައީ..”

“ކީއްކުރަން؟ މިހާރު ތިކަން ތިއޮތީ އެނގިފައެއްނު..” ނާޒިމްވެސް އެވާހަކަ މާބޮޑަށް ދައްކާކަށް ބޭނުމެއްނުވިއެވެ.

“އަދި ނޭނގޭ ކަންތައްތަކެއް އެބަހުރި.. އެހެންވެ މިއައީ.. މަންމަ ގާތު އެހީމަ އެސުވާލުތަކުގެ ޖަވާބެއް ނުލިބުނު.. އަހަރެންނަށް ސަނާއްތައާ ނާޒިމްބެއާ ދޭތެރޭ އޮތް ޔަޤީންކަމެއްގެ ބޮޑުކަމުން މިއައީ..” މާޒް އޭނާ އައި ބޭނުން އޮޅުންފިލުވައިދިނެވެ.

“ކޮން އެއްޗެއް އެނގެން ބޭނުންވަނީ؟” ސަނާ އަހާލިއެވެ.

“އަހަރެން އެނގެން ބޭނުންވަނީ ބައްޕަ މަރުވާން ދިމާވި ގޮތް..”

“ކޮންމެ މީހެއްގެވެސް އަޖަލު ހަމަވުމުން މިދުނިޔެ ދޫކޮށް ދާންޖެހޭނެ.. މާޒްގެ ބައްޕައަށްވެސްވީ އެހެން..” ސަނާ އެއްޗެކޭ ބުނަން އުޅެނިކޮށް ނާޒިމް ބުންޏެވެ.

“އެންމެ ރަނގަޅު.. އަހަރެން ދަނީ.. އަހަރެން މިގެއަށް އައީ ވަރަށް އުއްމީދާއެކު.. އަހަރެންގެ ސުވާލުތަކަށް ޖަވާބު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކު.. އެކަމަކު މިގެއިންވެސް މި ދާންޖެހުނީ ހުސްއަތާ.. އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބި.. އަހަރެންނަށް މިހާރު އިހުސާސްކުރެވޭ އަހަރެންނަކީ ބޭކާރު މީހެއްކަން.. އެންމެނަށްވެސް އަހަރެންނާހެދި ވަނީ އުނދަގޫ.. އެއްވެސް މީހަކު އަހަރެންނަށް ހަޤީޤަތް އޮޅުންފިލުވައިދޭން ބޭނުންނުވާކަން މިރޭ އަހަރެންނަށް އެނގިއްޖެ.. އެންމެންވެސް ބޭނުންވަނީ އަހަރެން އަބަދުގެ އަބަދަށް މި އޮޅުންބޮޅުން ތެރޭ ހުންނަން.. ދެން އަހަރެން މިކަން އޮޅުންފިލުވާކަށްވެސް ނޫޅޭނަން.. އަހަރެންގެ ފަރާތުން ސަނާއްތަމެންނަށް އެއްވެސް އުނދަގުލެއްވެފަ ވާނަމަ މާފަށް އެދެން.. ދެން ދަނީ.. ހިތްހެޔޮކުރާތި!” މާޒް އެހެން ބުނެލުމަށްފަހު މަޑުކޮށްލުމެއްވެސްނެތި ބާރުބާރަށް ގޮސް ގެއިން ނުކުތެވެ. ސަނާ ދެފަހަރަކު ގޮވާލުމުންވެސް މާޒްއަށް އެއަޑު އިވުނުކަމަކަށް ނުހެދިއެވެ.

“ނާޒިމް ކިހިނެއް ތިހެދީ؟ މާޒް އަހަރެމެންނަށް އެހާ އިތުބާރުކޮށްފަ އައިމަ ތިހުރީ ހެދިގޮތް.. މާޒް އަހަރެމެންނަށް ކުރި އިތުބާރު ތި ގެއްލުވާލީ..” ސަނާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އިތުބާރު ގެއްލުނަސް އަހަރެންނަކަށް ފަސޭހައެއް ނޫން މުނީރު ޖަލަށްލީ އަހަރެން ރިޕޯޓްކޮށްގެންނޭ ބުނާކަށް.. ސަނާ ބުނެބަލަ.. އެކަމުގެ ހަޤީޤަތް އެނގުނީމަ އޭނަ ވަކި އަހަރެމެންނަށް އިތުބާރު ކުރާނެތަ؟ އަހަރެންނަށް މި ކަންތައް ކުރެވުނީ ހަމަ އެންމެ ރަނގަޅަށް.. އޭނަގެ މަންމަ އޭނައަށް ކިޔައިދޭން ބޭނުންނުވި ވާހަކައެއް އަހަރެމެން ކިޔައިދިނީމަ ކަމަކު ނުދާނެ..” ނާޒިމް އެހެން ބުނެލުމުން ސަނާ އިތުރަކަށް އެއްޗެކޭ ނުބުންޏެވެ.

މާޒް ގޮސް އޭނާގެ ގެ ހުންނަ މަގަށް ލަނބާލިތަނާ ލިހާމް ސައިކަލުގައި އަންނަތަން ފެނުނެވެ. އަމިއްލަ ދެފައިން ހިނގާފައި ތަނަކަށް ނުދެވޭވަރު ވުމުން ނޫނީ ސައިކަލަކަށް ނާރަން ބުނި މީހާއަށް މިހާރު އެއްވެސް ތަނަކަށް ސައިކަލުގައި ނޫނީ ދެވޭކަމަކަށް ނުވެއެވެ. މާޒް ފެނުމާއެކު ލިހާމް ސައިކަލު މަޑުކޮށްލިއެވެ. ލިހާމް މާޒްއަށް ބަލާލީ މަލާމާތުގެ ނަޒަރަކުންނެވެ. ހީވީ އޭނާ އެތައް ދުވަހަކުއްސުރެ ފެށިގެން ކުރަމުން އައި އުއްމީދެއް ހާސިލްވީހެންނެވެ. އޭނާގެ ހިތް ދުވަހަކުވެސް މާޒްއަކަށް އަދި މާޒްގެ އާއިލާއަކަށްވެސް ހެވެއް ނުވާނެއެވެ. އޭނާގެ ހިތުގައި އެ އާއިލާއަށްޓަކައި ވަނީ ނަފުރަތެވެ. ހިތާހިތުން އަދި ފާޅުގައިވެސް އެ އާއިލާއަށް އޭނާ ކުރަނީ ބަދު ދުޢާއެވެ. އަދި ކުރާނީވެސް ބަދު ދުޢާއެވެ.

މާޒްއަށް ބަލަން ލިހާމް އިރުކޮޅަކު އިނުމުންވެސް މާޒް އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. އަޅާވެސްނުލާ ހިނގައިގަތީއެވެ. އެހެންޏާ ލިހާމް ފެނުމުން ހިނިތުންވުމެއް ރައްދުކޮށްލާ މާޒްގެ މޫނުމަތިން އެފަދަ އެއްވެސް އަސަރެއް ނުފެނުމުން ލިހާމްއަކަށް ކަމަކު ނުދިޔައެވެ. އޭނާއަށް އެކަން ބަލައިގަނެވުނީ މާޒް އޭނާއަށް ކުރި މަލާމާތެއްގެ ގޮތުގައެވެ. އޭނާ ދެކޭގޮތުގައި މާޒް އަބަދުވެސް ހުންނަން ޖެހޭނީ އޭނާއަށްވުރެ ފަހަތުގައެވެ. އެހެންކަމުން މާޒް އެފަދަ ގޮތަކަށް އޭނާ ދަށްކޮށްލާފައި ދިއުމުން އޭނާއަށް އެކަން ހަޖަމެއް ނުކުރެވުނެވެ. އޭނާ ވަގުތުން އައިކޮޅަށް ސައިކަލު އަނބުރާލިއެވެ. އަދި ގޮސް މާޒްގެ ކުރިމައްޗަށް ވާގޮތަށް ސައިކަލު ހުރަސްކޮށްލިއެވެ. މާޒް ސައިކަލުން ނެއްޓިގެން ދާން ހިނގައިގަތްތަނާ އަނެއްކާވެސް ލިހާމް ސައިކަލު ދުއްވާލައި މާޒްގެ ކުރިމައްޗަށް ހުއްޓާލިއެވެ. މިގޮތަށް ދެތިން ފަހަރު ހެދުމުން މާޒް ހުއްޓުނެވެ.

“އަހަރެން ދާން ތަން ދައްކާ!!” މާޒް ރުޅިވެރިކަމާއެކު ބުނެލިއެވެ.

“އައްދޭ..!! މިހާރު ހާދަ ހިތް މައްޗަށް އަރައިގެން އުޅޭ އިރެކޭ ދޯ؟ އަދި ރުޅި އަންނާކަށް ނުވެޔޭ..” ލިހާމްގެ ރާގުގައިވެސް ހުރީ މަލާމާތުގެ އަސަރެވެ.

“އަހަރެން މިބުނީ އަހަރެން ދާން ތަން ދައްކާށޭ!” މާޒް އޭނާގެ ބަސް ތަކުރާރުކުރިއެވެ.

“ތަން ނުދައްކައިފިއްޔާ.. ކީއްކުރެވޭނީ؟”

“ކުރެވިދާނެ ކޮންމެ ކަމެއްވެސް.. އެކަމަކު އަހަރެންނަކީ ތަޅާފޮޅާހިތްވާ މީހެއްނޫން.. އެހެންވީމަ ރީތި ގޮތުގަ މިބުނީ ދުރަށް ދާށޭ..” މާޒް މަޑުން ބުނިނަމަވެސް އެއަޑުގައިވާ ރުޅިވެރިކަން ލިހާމްއަށް ދެނެގަނެވުނެވެ.

“ތި ރުޅިމަޑުކުރޭ! އަހަރެން ރުޅިއައިސްފިއްޔާ މަންޒަރު މާ ރީއްޗެއް ނުވާނެ..” ލިހާމް އިންޒާރެއް ދިނެވެ.

“މަންޒަރު ރީތިކުރުމާ ހުތުރުކުރުން އޮތީ ކަލޭގެ އަތްމަތީގަ.. ތަން ދައްކާ!” މާޒް އެހެން ބުނެލުމަށްފަހު ލިހާމްގެ ސައިކަލުން ނެއްޓިގެން މާޒް ދާން ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ލިހާމް މާޒްގެ ކުރިމައްޗަށް ސައިކަލު ހުރަސްކޮށްލިއެވެ.

“ކިހިނެއްވެގެންތަ ތިއުޅެނީ؟ ކަލޭއަށް މިރަށުން އިތުރު އަންހެނަކު ނުވީތަ އަހަރެންގެ ފަހަތުން ތިއުޅެނީ؟ އެކަމަކު އަހަރެންނަކީ ފިރިހެން**އެއް ނޫން.. ކަލޭއަށް އަންހެނަކު ނުވިއްޔާ އަހަރެން ކައިރީ ބުނޭ.. ހަތަރެއް ހަމަކޮށްލަން އިތުރު ތިނެއް ހޯދަދީފާނަން.. ކަލޭއާ ވަރަށް އެކަށީގެންވާ ކުދިންކޮޅެއް އުޅޭނެ މިރަށަށް ބީރައްޓެއްސަކު އަރައިފިއްޔާ އެމީހެއްގެ ގައިގަ އެލިގަނެގެން އުޅޭ.. އެއިން ތިނެއް ސެޓުކޮށްދީފާނަން.. ބޭނުމިއްޔާ ރިލޭކްސް ކޮށްލަންވެސް..” މާޒްވެސް ލިހާމް ރުޅިއަރުވާލުމަށް ދެތިން އެއްޗެއް ބުނެލާފައި ދާން ހިނގައިގަތްތަނާ ލިހާމް ސައިކަލުން ފައިބައިގެން އައިސް މާޒްގެ ގައިގައި ޖެހިގަތެވެ.

“ކަލޭ ހީކުރީތަ ބޭނުންހާ އެއްޗެއް އަހަރެންނާ ދިމާލަށް ކިޔިދާނެކަމަށް؟ އަހަރެންނާ ދިމާލަށް ފިރިހެން**އެކޭ ބުނާއިރު އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގޭތަ މިހިރަ ބީތާޔާ..”

“ހޯހޯ.. ގަޔަށް ނާރާ.. އަހަރެންނެއް ނުބުނަން ތީ އޭގެ މީހެކޭ.. އަހަރެން ބުނީ އަހަރެންނަކީ އޭގެ މީހެއް ނޫނޭ.. އޮޅުންފިލައިފިތަ؟ ބިޓެއް ބޭނުމިއްޔާ ބުނެލައްޗޭ..” މާޒް މަލާމާތުގެ ރާގަކަށް އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތެވެ.

“ކަލޭއަށް ކިހިނެއް މީހަކަށް ބިޓެއް ސެޓުކޮށްދެވޭނީ؟ ތިއުޅެނީ އަދި އެއްވެސް އަންހެންކުއްޖަކާ ރައްޓެހިނުވެވިގެން.. އަހަރެންވާ މީހަކާވެސް އިނދެފީމެއްނު.. ކަލޭ ޖެހޭނީ އުމުރު ދުވަހު ތިހެން ތެޅެން.. ކަލޭއާ އިންނާނެ މީހަކު ނުވާނެ.. ކޮންމެ މީހަކުވެސް ހަމަ ކަލޭ ފެލާލައިގެން ފިލާނީ..” ލިހާމްގެ ވާހަކަތައް އަޑުއެހުމެއްނެތި މާޒް ގޮސް ގެއަށް ވަނެވެ. މާޒް އޭނާގެ ވާހަކަތަކަށް ސަމާލުކަން ނުދީ ދިއުމުން ލިހާމް ހީވަނީ ރުޅިއައިސްގެން ފަޅަފަޅައިގެން ހިނގައިދާނެހެންނެވެ. އޭނާ ސައިކަލަށް އަރާ ދުއްވާލީ މާޒްއަށް ރަނގަޅު ފިލާވަޅެއް ދޭން ހިތުގައި ޢަޒުމު ކަނޑައަޅައިގެންނެވެ.

**********

ޖެހިގެން އައި ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. އައިކާ ދޮވެފައި ހުރި އެއްޗެހިތައް އިސްތިރިކުރަން ހުއްޓާ ފޯނު ރިންގުވާ އަޑު އިވުނެވެ. އޭނާ ގޮސް ފޯނުގެ ސްކްރީން ބަލާލިއިރު ލަމްހާގެ ނަން އަރާފައި އޮތުމުން ހިނިތުންވެލަމުން ފޯނު ނެގިއެވެ.

“ހެލޯ! ބިޒީތަ؟” އައިކާ ފޯނު ނެގުމާއެކު ލަމްހާ އަހާލިއެވެ.

“ނޫނޭ.. ބިޒީއެއް ނޫން.. ކިހިނެއްވީ؟” އައިކާ ލަމްހާގެ ސުވާލަށް ޖަވާބުދެމުން އަހާލިއެވެ.

“އަނެއްހެން ކަމެއްވީކީ ނޫން.. މިއަދު ހިނގާބަލަ އަހަރެންނާއެކީ ޝޮޕިންގއަށް ގޮސްލަން.. މިއަދު ޔޫޝައު އޮފީހުގަ މާ ބިޒީކޮށް އުޅޭތީވެ.. ދެވޭނެތަ؟” ލަމްހާ އެހެން އަހާލުމުން އައިކާ ކުޑަކޮށް ވިސްނާލިއެވެ. އޭނާވެސް ލަމްހާއާއެކީ ބޭރަށް ދާން ބޭނުމެވެ. ނަމަވެސް ދައްތަމެން ހުއްދަ ދޭނެބާއެވެ.

“ދައްތަ ގާތު އަހާލާނަން.. އެމީހުން ގާތު އަހާލާފައެއްނު ދޯ ދާންވާނީ.. އެމީހުން އަހަރެންނަށް ވަރަށް ބަލާނެ..” އައިކާ އެހެން ބުނެލުމުން ލަމްހާވެސް އެކަމާ އެއްބަސްވިއެވެ. އައިކާ ފޯނު އިސްތިރިކޮށް ނިންމާލާފައި ގޮސް ޒިދުނާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ޒިދުނާއަކީ އާސިފްގެ އަންހެނުންނެވެ.

“އައިކާ! ކިހިނެއްވީ؟” ޒިދުނާ ދޮރު ހުޅުވާލިއިރު އައިކާ ހުރިތަން ފެނިގެން އަހާލިއެވެ.

“މީ.. މިއަދު ހަވީރު އަހަރެން ލަމްހާއާއެކީ ބޭރަށް ގޮސްލިޔަސް އެންމެ ރަނގަޅުތަ؟” އައިކާ ކުޑަކޮށް ޖެހިލުންވި ނަމަވެސް ހަމަޖެހޭގޮތް ދައްކަމުން އަހާލިއެވެ.

“އާނ.. އެންމެ ރަނގަޅު.. އެކަމް އިރުއޮއްސެންވާއިރަށް ގެއަށް އަންނާތި އިނގޭ.. އެހެންނޫނީ ބޭބެ ވަރަށް ހިތްހަމަނުޖެހޭނެ..” ޒިދުނާ އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. ޒިދުނާގެ ހުއްދަ ހޯދައިގެން ގޮސް އައިކާ ލަމްހާއަށް ގުޅާފައި އޭނާއަށް ބޭރަށް ދެވޭނެ ވާހަކަ ބުންޏެވެ.

ހަވީރު ހަތަރުގަޑި ބައިވީއިރު ލަމްހާ ހުރީ އައިކާ ބަލާ ގްރީން ލައިޓަށް އައިހެވެ. އައިކާ ބޭރަށް ނުކުތުމާއެކު ދެމީހުން އެކުއެކީ ހިނގައިގަތެވެ. ފަހަރަކު ފިހާރައަކަށް ވަންނަމުން އެއްޗެހި ގަންނަމުން ދިޔައެވެ.

ޔޫޝައު އޮފީހުން ނިމިގެން ގެއަށް ދިޔަ މަގުމަތީ، މަޖީދީ މަގުގައި ހުރި ހެދުން ވިއްކާ ފިހާރައަކަށް ލަމްހާއާއި އައިކާ ވަތްތަން ފެނުމުން ސައިކަލު ޕާކުކޮށްލާފައި ގޮސް އެފިހާރައަށް ވަނެވެ.

“އައިކާ އެއްވެސް އެއްޗެއް ނުގަންނަންތަ؟ ކަމުދާ އެއްޗެއް ނުފެންނަނީތަ؟” ހައެއްކަ ފިހާރައަށް ވަތްއިރުވެސް އައިކާ އެއްވެސް އެއްޗެއް ނުގަންނާތީ ލަމްހާ ސުވާލުކުރިއެވެ.

“އަހަރެން މިއައީ ލާރި ނުލާ..” އައިކާ ކުރު ޖަވާބެއް ދިނެވެ. ހަޤީޤަތުގައި އޭނާ ލާރި ނުލާ އައީ އޭނާ އެއްޗެއް ގަންނަހިތް ނެތީމައެވެ. އޭނާގެ މައިންބަފައިންނަކީ އެހާ ފޯރާ ބަޔަކަށް ނުވާތީ އޭނާއަށް ފޮނުވާ ލާރިކޮޅުން ބޭކާރު ޚަރަދުތައް ކުރަން ބޭނުން ނުވަނީއެވެ. އެމީހުން ފޮނުވާ ލާރިން ކޮންމެހެން ބޭނުންވާ އެއްޗެއް ނޫނީ ނުގަނެ އޭނާ އެލާރި ފަހަށް ރައްކާކުރަނީއެވެ.

“އަހަރެން ގަނެދީފާނަމޭ.. އައިކާ ބޭނުން އެއްޗެއް ގަނޭ..” ލަމްހާ އެހެން ބުނެލުމުން އައިކާ ޖެހިލުންވެ ހުރެވެސް އެއްބަސްވިއެވެ. އައިކާވެސް ހެދުންތައް ބަލަމުން އެތަނުން ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެއް ނެގިއެވެ. އަދި ހަމަ އެޔާއި ގުޅޭ ކަޅުކުލައިގެ ޝޯލްއަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެއްވެސް ނެގިއެވެ. އެހެދުން ކިތަންމެ އާދައިގެ ގޮތަކަށް ހުރިނަމަވެސް ފޮތިގަނޑުގައިވާ ރީތި ކުރެހުންތަކާއި ހެދުމުގެ މޭމަތީގައި އެހުން އަޅާފައިވާ ފަރުމާއިން އެހެދުން ބަލާލަން ނިކަން ރީއްޗެވެ.

“ތިހެދުން އައިކާއާ ވަރަށް ގުޅޭ.. އަދި ކަޅުކުލަ ވީމަ ވަކިން ރީތި..” ލަމްހާއަށް އެހެދުން ފެނިގެން އައިކާއާ ގުޅޭ ވާހަކަ ބުންޏެވެ. ލަމްހާގެ ވާހަކައަށް ވަކި ޖަވާބެއް ނުދީ އައިކާ ހިނިތުންވެލިއެވެ. ލަމްހާ އެހެން ހެދުންތަކެއް ކައިރިއަށް ދިއުމުން އައިކާ ގޮސް ހުއްޓުނީ ބުރާތައް އަޅުވާފައިވާ ހަރު ކައިރިއަށެވެ. ޔޫޝައުއަށް އައިކާ ބުރާއެއް ނަގައިގެން ބަލަން ހުރިތަން ފެނުމުން ލާނެތް ފާޑަކަށް ހީލާފައި އެދިމާއަށް ހިނގައިގަތެވެ. އައިކާ ރަކިކޮށްލަން ސަޅި ފުރުސަތެކެވެ.

“ތިއަށްވުރެ އޭނދަ ކަޅުކުލައިގެ އެތި މާ ސަޅިވާނެ..” ކުއްލިއަކަށް ފަހަތުން ޔޫޝައުގެ އަޑު އިވުމުން ސިހިފައި އައިކާއަށް ބަލާލެވުނެވެ. އޭރު ދާދި ގާތުގައި ލާނެތް ގޮތަކަށް ހީލައިގެން ހުރި ޔޫޝައު ފެނުމުން އޭނާ އަތުގައި އޮތް ބުރާ ހަރުގަނޑަށް ލެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު އޭނާގެ މޫނު ވަނީ ލަދުން ރަތްވެފައެވެ. އެކަމުން ޔޫޝައު ގާތަށް ހިނިއައި ނަމަވެސް އޭނާ އެކަން ހިންދާލިއެވެ.

“ތިއޮއް ބުލަޝްވާވަރެއް ދޯ.. ތިހާ ލަދުގަނެގެން..”

“އައިކާ! އާދެބަލަ މިކޮޅަށް..” އެހެން ހަރުގަނޑެއް ކައިރީގައި ދެހެދުން ހިފައިގެން ހުރެ ލަމްހާ ގޮވާލިއެވެ. ޔޫޝައު ހުރީ އައިކާގެ ފަހަތުގައިކަމުން ޔޫޝައު ހުރީ އެތާ ހުރި ހަރުގަނޑަކާއި ނިވާވެފައެވެ. އެހެންކަމުން ލަމްހާއަކަށް ޔޫޝައުއެއް ނުފެނެއެވެ. ލަމްހާ ގޮވާލުމުން އައިކާ އެދިމާއަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު ޔޫޝައު އައިކާގެ އަތުގައި ހިފެހެއްޓިއެވެ.

“އިހަށް މަޑުކުރޭ.. އަހަރެން އެކޮޅަށް ދިޔައީމަ އާދޭ އިނގޭ..” އެހެން ބުނެލާފައި ޔޫޝައު ގޮސް ލަމްހާގެ ފަހަތުގައި ހުއްޓިލިއެވެ. ފަހަތުން މީހެއްގެ ހިލަންވުމުން ލަމްހާ ހީކުރީ އައިކާ ކަމަށެވެ. އެހެންކަމުން ބަލާވެސްނުލާ އޭނާގެ އަތުގައި އޮތް ދެ ހެދުމަށް ނަޒަރު ހުއްޓައިގެން ހުރެ ވާހަކަދެއްކިއެވެ.

“މިތަނުން ކޮން ހެދުމެއް ބޮޑަށް ރީތީ؟ ކުލަ ރީތީ މިހެދުމުގެ.. އެކަމް ޑިޒައިން ރީތީ މިހެދުމުގެ.. އެހެންވެ ނަގާނެ އެއްޗެއް ނޭނގިގެން މިއުޅެނީ..” ލަމްހާ އަތުގައި އޮތް ދެހެދުމަށް އިޝާރާތްކޮށް ބުނެލިއެވެ.

“މީތި މާ ރީތިވެފަ ބޭބީއާ މާ ގުޅޭނެ..” ލަމްހާގެ އަތުގައި އޮތް ފިޔާތޮށި ކުލައިގެ ހެދުމުގައި އަތް ޖައްސާލަމުން ޔޫޝައު ބުނެލިއެވެ. ހީވެސް ނުކޮށް ހުއްޓާ ޔޫޝައުގެ އަޑު އިވުމުން ލަމްހާއަށް ފަހަތަށް ބަލާލެވުނީ ޤަބޫލުނުކުރެވިފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މިއަދު އޭނާއާއެކު ބާޒާރުކުރަން އާދެވޭނެތޯ އެހުމުން ޔޫޝައު ވަނީ މިއަދު އޮފީހުގައި މާ ބުރަވުމުން މިއަދު ނާދެވޭނެކަމަށް ބުނެފައެވެ. ވީއިރު ޔޫޝައު މިވަގުތު އެތަނުން ފެނުމުން ހައިރާންވާނެ ނޫން ހެއްޔެވެ؟

“ޔޫ! ކޮންއިރަކު އައީ؟ މީ އޮފީސް ގަޑިއެއްނު..” ލަމްހާ ހައިރާންވެފައި އަހާލިއެވެ.

“ނޫނޭ.. ނިމިގެން ގެއަށް ދަނިކޮށް ބޭބީމެން މިފިހާރައަށް ވަންނަނިކޮށް ފެނިގެން މިއައީ..” ޔޫޝައު އޮޅުންފިލުވައިދިނެވެ.

“އެހެންތަ؟ ތިވީގޮތުން ޔޫ ޖެހޭނެ އަހަރެމެން ގަންނަ އެއްޗެހި ގެއަށް ގެންގޮސްދޭން.. އެއީ ފާރަލީމަ.. ދޯ އައިކާ..” ޔޫޝައުގެ ފަހަތުން އައިސް ހުއްޓުނު އައިކާ ފެނުމުން ލަމްހާ ބުނެލިއެވެ. ލަމްހާއާ އެއްބައިވެގެން އައިކާވެސް ބޯޖަހާލިއެވެ.

“އާނ ދެން ގެންގޮސްދޭނީ ދޯ..” ބޯކަހާލަމުން ޔޫޝައު ބުނެލިއެވެ.

“ކޮބާ އެ ނުގަންނަންތަ؟” ލަމްހާ ކައުންޓަރާއި ދިމާއަށް ހިނގައިގަތުމުން އައިކާއާ ގާތްވެލަމުން ސިއްރު ސިއްރުން ޔޫޝައު ބުނެލިއެވެ. އައިކާ ރަކިވެގެން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. އައިކާ ރަކިވުމުން ޔޫޝައުއަށް އަބަދުވެސް މަޖާވެއެވެ. އެހެންކަމުން އޭނާ ހުންނަނީ އައިކާ ރަކިކޮށްލެވޭނެ ފުރުސަތަކަށް ބަލަބަލައެވެ.

ބާޒާރުކޮށް ނިމިގެން ޔޫޝައުއާ ކޮތަޅުތައް ހަވާލުކޮށްފައި އައިކާއާއި ލަމްހާ މިސްރާބުޖެހީ އަލަށް ހުޅުވި ކުޑަކުދިންގެ ބަގީޗާއާއި ދިމާއަށެވެ. ދަނީ ކޮންތާކަށްތޯ އައިކާ އަހާލުމުން މިދަނީ ކުޑަކުދިންގެ ބަގީޗާއަށް ކަމަށް ލަމްހާ ބުނެލިއެވެ. އަލަށް އެތަން ހުޅުވިއިރު އެތަނަށް އައިސްފައިވާ ބަދަލުތައް ބަލާލަންކަމަށް ބުނިނަމަވެސް ހަޤީޤަތުގައި ލަމްހާގެ ބޭނުމަކީ އެތާ ކުޅެލާ ދުވެލާ ސަކަރާތް ޖަހާލާ ކުޑަކުދިންތައް ދެކެލުމެވެ. އެކުދިންގެ އާއިލާއާއެކު އުފަލާއެކު ކުޅެލާ ދުވެލާ އުޅޭ ކުދިންތައް ފެނުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބުމާއެކު ހިތަށް ތަދުވެސްވެއެވެ. ދަރިމައިވުމުން މަޙުރޫމުވެފައި ވާތީއެވެ.

“އެކުދިންތައް ހާދަ އުފަލުގައޭ ދޯ އެއުޅެނީ.. ވަރަށް ހިތްހަމަޖެހޭ ދޯ އެގޮތަށް ކުދިން އެކުދިންގެ މަންމަމެންނާ އެކީގަ އުޅޭތަން ފެނުނީމަ..” ބަގީޗާގައި ކުޅެން އުޅޭ ކުދިންތަކަށް ބަލަންހުރެ ލަމްހާ ބުނެލިއެވެ.

“އާނ.. އަހަރެންވެސް ކުޑައިރު ވަރަށް އެކަނި އުޅުނީ ކޮއްކޮއެއް ނުހުންނާތީ.. އެހެން އުޅެނިކޮށް މަންމަމެންނަށް ކޮއްކޮމެން ލިބުނީ.. އެހިސާބުން ވަރަށް އުފާވި.. އަސްލު ކުޑަކުދިން ތިބުމަކީ ހާދަ ހިތްހަމަޖެހޭ ކަމެކޭ ދޯ..” އައިކާ އެހެން ބުނެލުމުން ލަމްހާ ބޯޖަހާލިއެވެ.

“އަހަރެން ހިތަށްއަރާ ދަރިން ނުލިބޭ މީހުން އުޅޭނީ ހާދަ ހިތާމައެއްގައޭ.. ގައިމު އެމީހުންވެސް ދަރިން ބޭނުންވާނެއެއްނު.. އެމީހުންގެ ކުރިމަތީގަ މީހުން ދަރިން ގޮވައިގެން އުފަލުން އުޅޭތަން ފެނުނީމަ ހާދަ އެއްޗިއްސެއް ހިތަށް އަރާނެޔޭ ދޯ؟ ނޫންތަ؟ އަސްލު ހާދަ ކެތްތެރި ބައެކޭ އެއީ.. ހުރިހާ މީހުންވެސް ދަރިން ލިބުމުގެ ނިޢުމަތުން މަޙުރޫމް ނުކުރައްވާތޯ އަހަރެން ދުޢާކުރަން..” އައިކާގެ ވާހަކަތަކުން ލަމްހާއަށް ވަރަށް އަސަރުކުރިއެވެ. ކިތަންމެ ހިތްވަރެއް ކުރިނަމަވެސް އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ.

“ލަމްމެންވެސް އަވަހަށް ކުއްޖަކު ހޯދާ.. އޭރުން ކިހާ އުފާވެރިވާނެ..” ލަމްހާގެ ހާލަތު ނޭނގިހުރެ އައިކާ ބުނެލިއެވެ. ލަމްހާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އައިކާ ބަލާލިއިރު ލަމްހާ ދެލޯ ފޮހެލިތަން ފެނުމުން އައިކާއަށް ހައިރާންކަމެއް ލިބުނެވެ.

“ލަމް ރޮނީތަ؟ ކިހިނެއްވީ؟” ކަންބޮޑުވެފައި އައިކާ އަހާލިއެވެ.

“ދެންމެ ތި ދެއްކި ވާހަކައިން ދެރަވީ..”

“ދެރަނުވޭ.. އިރާދަކުރެއްވިއްޔާ ލަމްއަކީ ދަރިން ލިބުމުން މަޙުރޫމްވެފަވާ މީހަކަށް ނުވާނެ.. އަހަރެން އެކަމަށް ދުޢާވެސް ކުރާނަން..” އައިކާ އެހެން ބުނެލުމުން ލަމްހާ ހީލީ ޝުކުރުވެރި ނަޒަރަކުން ބަލާލަމުންނެވެ.

“ކީއްކުރާނީ؟ އެންމެންނަކަށް އެނަސީބެއްވެސް ނުލިބޭނެ.. ހަމައެގޮތަށް އަހަރެންނަކަށްވެސް ދަރިންނެއް ނުލިބޭ..” ލަމްހާ އެހެން ބުނެލުމުން އައިކާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ ލަމްހާއަށް ބަލާލީ ހަމަ ތެދެއްހޭ އަހާލާފަދަ ގޮތަކަށެވެ.

 

“އާނ އައިކާ.. އަހަރެންނަކަށް ދަރިންނެއް ނުލިބޭ.. ޔޫޝައުވެސް އަހަރެންވެސް ދަރިއަކު ބޭނުން.. އަހަރެން ބުނެގެން ޔޫޝައު އެހެން މީހަކާ އިންނަން ނިންމީ.. އަހަރެން ވަރަށް ދުވަސްވެއްޖެ ޔޫޝައު ގާތު ދެވަނަ ކައިވެންޏެއް ކުރަން ކިޔާތާ.. އެކަމަކު އޭނަ އެއްބަހެއްނުވި.. އެހެން އުޅެނިކޮށް އޭނަ ތިރަށަށް ދިޔައީ.. އެ ގޮސް އުޅެނިކޮށް އެއްދުވަހަކު ގުޅާފަ ބުނީ މާ ކަމުދާ ކުއްޖަކު ފެނުނު ވާހަކަ.. އެކުއްޖާއާ އިންނަން ނިންމި ވާހަކަވެސް.. އަހަރެން ވަރަށް ކީން ފޮޓޯއެއް ދައްކާލަން.. އެކަމް ނުދެއްކި.. ނަން އެކަނި ބުނީ.. އެއީ އައިކާ..” ލަމްހާ އޮޅުންފިލުވައިދިނެވެ.

“ސޮރީ! އަހަރެންނަކަށް ނޭނގެ ލަމްއަށް ދަރިން ނުލިބޭ ކަމެއް.. އެކަމްވެސް އުއްމީދު ކަނޑާނުލައްޗޭ.. މާތް ﷲ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަވެގެންވޭ.. އަދި އިރާދަކުރެއްވިއްޔާ ލަމްއަށްވެސް ދަރިން ލިބޭނެ..” އައިކާ ބުނެލިއެވެ.

“އާނ.. އަހަރެން އެއްއިރެއްގަވެސް އުއްމީދު ކަނޑައެއްނުލަން.. އެކަމް ޔޫޝައު އެވާހަކަ ނުދެއްކިޔަސް އަހަރެންނަށް އެނގޭ ޔޫޝައު ކުއްޖަކު ބޭނުންވާވަރު.. ކިތަންމެ އުއްމީދެއް ކުރިޔަސް އަހަރެންނަށް ކުއްޖަކު ލިބޭނެ ދުވަހެއް އެނގެނީކީ ނޫން.. އެހެންވެ އެހާ ދުވަހު އޭނަ ދަރިއެއްގެ ލޯބިން މަޙުރޫމުނުކުރަންވެގެން އޭނައަށް އެފުރުސަތު ދޭން ބޭނުންވާތީ އަހަރެން ބުނީ އޭނަ ގާތުގަ ދެވަނަ ކައިވެންޏެއް ކުރަން..” ލަމްހާ އެހެން ބުނެލުމުން އައިކާ ހީލިއެވެ. މިއީ ހާދަހާ މާތް އަންހެނެކެވެ. އަމިއްލަ އުފަލަށްވުރެ އެހެންމީހުންގެ އުފާތަކަށް އިސްކަންދޭނީ ކިހާ މާތްވީމަ ހެއްޔެވެ؟ ގައިމު ހިތުގައި ކޮންމެވެސް ވަރެއްގެ ހަސަދަވެރިކަމެއްވެސް އުފެދޭނެ ނޫން ހެއްޔެވެ؟ އަނެއްކާ ލަމްހާގެ ހިތުގައި އެފަދަ ޝުއޫރެއްވެސް ނުއުފެދެނީބާއެވެ. އައިކާގެ ހިތަށް ތަފާތު އެއްޗެހިތަކެއް އަރާފައިބަމުން ދިޔައެވެ.

“ބުނާއަޑު އަހަން ފިރިން ދެއަނތްބަށް އިންނަން އަނބިމީހާ ނުރުހޭ ވާހަކަ.. އެކަމް އަނބިމީހާ ބޭނުންވެގެން ފިރިމީހާ ދެއަނތްބަށް އިންނަން އުޅޭ ވާހަކަވެސް އަޑު މިއެހީ އަލަށް.. ލަމްގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ ފިރިމީހާ އެހެން މީހަކަށް ދޭއިރު؟” އަހަން ނާހަން އިނދެފައިވެސް އައިކާ އޭނާގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ.

“އާނ.. ތީ ހަމަ ތެދު ވާހަކައެއް.. އެކަމް އަހަރެން ބުނާނީ އެއީ ބައެއް އަންހެނުންނަށް ނުވިސްނޭތީއޭ ދެކޮޅު ހަދަނީ.. ފިރިމީހާގެ އިހުސާސްތަކަށް އިޙުތިރާމް ނުކުރާތީއޭ.. ދެން މިހެން ބުންޏަސް އަސްލު ދިމާވެފަ ހުންނަ ކަންކަމުންވެސް އެހެންވޭ.. ބައެއް ފިރިހެނުން ދެވަނަ މީހަކާ އިނީމަ ފުރަތަމަ އަނބިމީހާ މަތިން ހަނދާންނެތޭވަރުވޭ.. ދޮށީ އަނތްބަށް އަޅައެއްނުލާނެ.. އަބަދު ހަގު އަނބި ދަށުވެގެން އުޅޭނީ.. އެކަމް އުފާކުރަން ޖެހޭ ކަމަކީ މަދުން ނަމަވެސް ރަނގަޅު ދިރިއުޅުމެއް އުޅޭ ބަޔަކުވެސް އުޅޭކަން.. ދެއަނބިން ތިން އަނބިން ގޮވައިގެންވެސް..” ލަމްހާ އޭނާ ޤަބޫލުކުރާ ގޮތް ހާމަކުރިއެވެ.

“ދެން އައިކާ ތިބުނީ ޖެލަސީގެ ވާހަކަ.. އަހަރެންގެ ހިތަކަށް މާބޮޑު އެއްޗެއް ނާރާ ފިރިމީހާ އެހެން މީހަކާ ހިއްސާކުރާކަށް.. އެއީ އަހަރެންނަށް ޔޫޝައުއާ ދޭތެރޭ ފުރިހަމަ ޔަޤީންކަން އެބައޮތް.. އައިކާ ބުނެބަލަ.. ހުއްދަ ގޮތުގައި އެކަން ކުރުމުގަ އޮތީ ކޮން މައްސަލައެއް؟ ނޫންތަ؟” ލަމްހާ އެހެން ބުނެލުމުން އައިކާވެސް ބޯޖަހާލިއެވެ. އައިކާ ހަޤީޤަތުގައި އެސުވާލު ކުރީ ޔޫޝައު އޭނާއާ ދެއަނބަށް އިންނަ ވާހަކަ ބުނި ދުވަހު އޭނާއަށް ކުރެވުނު އިހުސާސްތަކުގެ މަތިން ހަނދާންވުމުންނެވެ. އޭނާ ބޭނުންނުވި ނަމަވެސް އެދުވަހު އޭނާގެ ހިތުގައި ހަސަދަވެރިކަމެއް ހިނގާލިއެވެ. ނަމަވެސް އެހުރިހާ ކަމެއް އެއްފަރާތްކޮށްލާފައި އޭނާ ޔޫޝައުގެ އަނތްބަކަށްވާން އެއްބަސްވީ ޔޫޝައުދެކެ އޭނާއަށް މާބޮޑަށް ލޯބިވެވިފައި ވާތީއެވެ.

“ރަނގަޅު ވާހަކައެއް..” އައިކާ އެހެން ބުނެލިތަނާ ލަމްހާގެ ފޯނު ރިންގުވިއެވެ. ލަމްހާ ބަލާލިއިރު ގުޅަނީ ޔޫޝައުއެވެ. އޭނާ އައިކާއަށް ފޯނުގެ ސްކްރީން ދައްކާލާފައި ތެދުވެގެން އެއްފަރާތަކަށް ޖެހިލާފައި ފޯނު ނެގިއެވެ.

“ކޮންތާކަށް ތިދިޔައީ؟ އަހަރެން ހީކުރީ ގެއަށްކަމަށް އަންނާނީ..” ލަމްހާ ފޯނު ނެގުމާއެކު ޔޫޝައު ބުނެލިއެވެ.

“ކުޑަކުދިންގެ ބަގީޗާގަ މިތިބީ..”

“އަނެއްކާ މިއަދުވެސް.. އަހަރެން ކިތައް ދުވަހު ލަމް ގާތު ބުނާނީ ތިތަނަށް ނުދާށޭ.. ހަމަ ކޮންމެ ފަހަރަކުވެސް ތިތަނަކަށް ގޮސްފަ އައިސް ރޯނެ.. އަހަރެންނަށް މިހާރު ކިތައްފަހަރު ހަނދާން ކޮށްދެވިއްޖެތަ ލަމް ރޯތަން ބަލާކަށް އަހަރެންނަކަށް ފަސޭހައެއް ނޫނޭ.. ލަމް ރޮންޏާ އަހަރެންނަށް އަސަރުކުރާވަރު ލަމްއަށް މިހާރު އެނގެން ވެއްޖެހެން އަހަރެންނަށް ހީވަނީ..” ކުއްލިއަކަށް ޔޫޝައުގެ ވާހަކަދެއްކުމުގެ ރާގަށް ހިތްހަމަނުޖެހުމުގެ އަސަރު ވެރިވިއެވެ.

“ސޮރީ! ރުޅި ނާދެބަލަ.. ދެން ނާންނާނަން މިތަނަކަށް..” ލަމްހާ ދެރަވެފައި ބުނެލިއެވެ.

“އާނ.. ތިނިމުނީއޭ.. ކޮންމެ ފަހަރަކުވެސް ތިހެން ބުނަނީ.. އެކަމް ހަމަ އަނެއްދުވަހު އިރުއަރާއިރަކު ނޯންނާނެ ތިބުނާ ނާންނާނަމޭ، ނުދާނަމޭގެ ހަނދާނެއް.. ހަމަ ހަވީރު ވާއިރަށް ދާނެ ތިތަނަކަށް.. އާދޭ ގެއަށް..” އެހެން ބުނެލުމަށްފަހު ޔޫޝައު ފޯނު ކަނޑާލީ އިތުރަށް ވާހަކަދައްކަން ވެއްޖެނަމަ ޒުވާބަކަށް ބަދަލުވެދާނެތީއެވެ. އޭނާއަށް ލަމްހާއާ ވާހަކަދެއްކުނީ ރަނގަޅަށް ނޫންކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް ލަމްހާ އެތަނަށްދާ ކޮންމެ ދުވަހަކުވެސް ގެއަށް އައިސް ރޮއިރޮއިފައި އޭނާގެ ނުކުޅެދުންތެރިކަމުގެ ވާހަކަދައްކައެވެ. އެހެންކަމުން އޭނާ އޮންނަނީ ލަމްހާއަށް އެތަނަށް ދިއުން މަނާކޮށްފައެވެ. އެހެނީ ލަމްހާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުމަކީ އޭނާއަށް ކެތްވާވަރުގެ ކަމެއްނޫނެވެ.

“ހިނގާ ދާން.. މިހާރު އިރުއޮއްސެނީނު.. ބުނީމެއްނު އިރުއޮއްސުމުގެ ކުރިން ގެއަށް ދާންޖެހޭ ވާހަކަ..” އައިކާގެ ގާތަށް އަންނަމުން ލަމްހާ ބުނެލިއެވެ.

“އާނ.. ހިނގާ ދަމާ ދޯ.. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީ އިނގޭ އެވާހަކަ ދެއްކުނީމަ..” އައިކާ ދެވަނަ ފަހަރަށްވެސް މާފަށް އެދުމުން ލަމްހާ އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނެލިއެވެ. އައިކާ ގެއަށްލާފައި ލަމްހާ ގެއަށް ދިޔައިރު ޔޫޝައު އިނީ އޭނާގެ އިންތިޒާރުގައެވެ.

“ލަމްހާއަށް ކީއްވެތަ އަހަރެން ބުނާ އެއްޗެހި އަޑު ނީވެނީ؟ އަހަރެން މީ ލަމްހާގެ ފިރިމީހާއެއް ނޫންތަ؟” ޔޫޝައު ހިތްހަމަނުޖެހިފައި އެހެން ބުނެލުމުން ލަމްހާ ވަރަށް ދެރަވިއެވެ. މިއަދު ނޫނަސް އޭނާ ބަގީޗާއަށްދެއެވެ. ނަމަވެސް މިއަދު ރުޅިއައި ވަރަކަށް ޔޫޝައު އެއްދުވަހުވެސް ރުޅިއެއް ނާދެއެވެ. ކޮންމެވެސް އެހެން ސަބަބެއް އެކަމުގައި ވާނެޔޭ ލަމްހާގެ ހިތް ބުންޏެވެ. އޮފީހުން ހިތްހަމަނުޖެހޭ ކަމެއް ދިމާވީ ކަންނޭނގެއެވެ. އެކަމަކުވެސް އެކަމުގެ ރުޅި އޭނާއަށް ބާލަން ޖެހޭ ހެއްޔެވެ؟

“އެނގޭ.. އަޑުވެސް އިވޭ.. އެކަމަކުވެސް އަހަރެންނަށް ނުގޮސް ނުހުރެވެނީ.. ކުޑަކުދިންދެކެ ވާލޯތްބެއްގެ ބޮޑުކަމުން..” ލަމްހާއަށް ރޮވުނެވެ. ލަމްހާ ރޯން ފެށުމާއެކު ޔޫޝައުގެ ރުޅި ފިނިވިއެވެ. ޔޫޝައު ލަމްހާދެކެ އެވަނީ ހާދަހާ ލޯތްބެކެވެ.

“ސޮރީ! އަހަރެން ލަމް ކައިރީ އެތަނަށް ނުދާށޭ ކިޔާއިރުވެސް.. ލަމް ކޮންމެ ދުވަހަކު އެތަނަށް ގޮސްފަ އައިސް ރޯތީ އަހަރެން ނުދާށޭ ބުނަނީ.. އެނގެއެއްނު ލަމްދެކެ އަހަރެން ލޯބިވާވަރު.. ލަމް ރޮންޏާ އަހަރެން ދެރަވާނެވަރުވެސް އެނގެއެއްނު.. އެހެންވެ އެގޮތަށް ވާހަކަ ދެއްކުނީ.. ސޮރީ ލޯބީ..” ޔޫޝައު ލަމްހާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ލަމްހާވެސް މާފްކޮށްފީމޭ ބުނެ ޔޫޝައުގެ ގައިގައި އަތް ވަށާލިއެވެ.

**********

ދުވަސްތައް ފާއިތުވަމުން ގޮސް އައިކާ މާލެ އައިތާ އަހަރުވީއެވެ. ލަމްހާއާއި އައިކާގެ އެކުވެރިކަން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ގޮސް އެދެމީހުންނަކީ މިހާރު ދެބެންފަދަ ދެމީހުންނެވެ. އައިކާ ލަމްހާއަށް ދައްތަ ކިޔާތީ ފުރަތަމަކޮޅު ލަމްހާއަށް ކުޑަކޮށް އުނދަގޫވި ނަމަވެސް ދުވަސްވަމުން ދިޔަވަރަކަށް އެކަމަށްވެސް ހޭނެމުން ދިޔައެވެ. ދެމީހުންގެ ދިރިއުޅުމުގެ މާޒީވެ ގޮސްފައިވާ ކަންތައްތަކުން ފެށިގެން މުސްތަޤުބަލަށް ރާވާފައިވާ ކަންތައްތަކަށް ދަންދެން ހުރިހާ ކަމެއް އެކަކު އަނެކަކާ ހިއްސާކުރެއެވެ.

އައިކާއާއި ލަމްހާގެ އެކުވެރިކަން ބަދަހިވަމުން ދިޔައިރު އައިކާއާއި މާޒްއާ ދެމެދު ދުރުކަން އުފެދިފައިވަނީ ދެ ބީރައްޓެހިންގެ މެދުގައި ގުޅުން އޮންނާނެ ފަދައަކުންނެވެ. އައިކާ މާލެ ދިޔަފަހުން މާޒްގެ ހާލު ބަލާވެސްނުލައެވެ. މާޒް ކިޔާ މީހަކު އޭނާގެ ޙަޔާތަށް އައިކަންވެސް އޭނާ ހަނދާން ނެތްކަހަލައެވެ. އަމިއްލައަށް ފެނިގެން މާޒްއަށް ގުޅާނުލާތާ މާޒް ގުޅުމުންވެސް ގިނަ ފަހަރަށް ފޯނެއް ނުނަގައެވެ. މިކަމުގެ ސަބަބުން މާޒްގެ ހިތަށް ދަތިކަން ލިބެއެވެ. އަބަދުވެސް އޭނާގެ ހިތަށްއަރައެވެ. އޭނާ ވާލޯބި އައިކާއަށް އެނގޭނެނަމައެވެ.

އައިކާ އުޅުނީ ބަދިގެތެރޭގައި ޒިދުނާއަށް ކެއްކުމުގައި އެހީތެރިވެދިނުމަށެވެ. ފިޔާ ކޮށަން އިންދާ ބެލް އަޅާލި އަޑު އިވުމުން ޒިދުނާ އައިކާ ގާތު އައީ ކާކުތޯ ބަލާލަން ދިއުމަށް ބުންޏެވެ. އައިކާ އަތް ދޮވެލައިގެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ.

“ލީން!!” ހައިރާންކަމާއެކު އައިކާ އެހެން ބުނެލި ނަމަވެސް އޭނާގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވީ އެއް އަހަރަށްފަހު އެންމެ ގާތް އެކުވެރިޔާ ފެނުމުންނެވެ. އައިކާ އުފަލުން ލީންގެ ގައިގައި ބައްދައިގަތެވެ. ލީންވެސް ހީލަމުން އައިކާ ގައިގައި ބައްދާލިއެވެ.

“އަޅޭ ހާދަ އުފާވެއްޖޭ.. ނުވެސް ބުނަމެއްނު އަންނަ ވާހަކައެއް.. ބުނިނަމަ އަހަރެން ދިޔައިމުހޭ ލީން ބަލާ.. އެކަމް ކިހިނެއް މިގެ އެނގުނީ؟” އައިކާ އުފަލުން ފުރިފައި ހުރެ ވާހަކަދައްކަމުން އެންމެފަހުން ހައިރާންކަމާއެކު އަހާލިއެވެ.

“ދެން މިތާ ހުރެގެންތަ ހުރިހާ ވާހަކައެއް ދައްކަންވީ؟ މިހާރު އަހަރެންގެ ދެފައިގަވެސް ރިއްސަން ފަށައިފި..”

“އޯހ.. ސޮރީ! އަވަހަށް އާދޭ އެތެރެއަށް..” އައިކާ ލީން އެތެރެއަށް ވައްދާފައި އިށީންނަން ސޯފާއެއް ދެއްކިއެވެ. އަދި އެބަ އަންނަމޭ ބުނެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

“ކާކު އައީ؟” އައިކާ އައިސްއަލަމާރި ހުޅުވާލުމުން ޒިދުނާ އަހާލިއެވެ.

“އެއީ ލީން.. އަހަރެންގެ ބެސްޓް ފްރެންޑް..”

“އެހެންތަ؟ އޭރުން ދެން އައިކާ ދޭ އިނގޭ.. އެންމެ ރަނގަޅު ދެން ބަދިގެއަށް ނަޔަސް.. މިހާރު މިކަންވެސް މި ނިމުނީއޭ..” ޒިދުނާ ހީލަމުން ބުނެލިއެވެ. އައިކާ ޖޫސްތަށްޓެއް ހިފައިގެން ސިޓިނގރޫމަށް ނުކުތުމުން ލީން އަނގައަށް ވައްތަރެއް ޖައްސާލިއެވެ.

“ދެން އަހަރެން މީ ބީރައްޓެއްސެއްވެސް ނޫނެއްނު އެހާ ޚާއްސަކޮށް މެހެމާންދާރީ އަދާކުރާކަށް..” ލީން އެހެން ބުނެލުމުން އައިކާ ތުން އަނބުރާލިއެވެ.

“ހޫނ.. އަދި މީ ހާދަ ޝަކުވާވެސް ގިނަ އަންހެނެކޭ ދޯ.. މާ އަނގަގަދަ ނުކޮށް މި ބޮއިބަލަ.. އަން..” ޖޫސްތަށި ދިއްކޮށްލަމުން އައިކާ ބުނެލިއެވެ. ލީން ހީލަމުން ޖޫސްތަށީގައި ހިފާ އެތިފޮދެއް ބޯލިއެވެ.

“ހާދަ މީރޭ.. މީ ކޮންކަހަލަ ޖޫހެއްތަ؟”

“މީރު ދޯ؟ ތީ ބްލެކް ކަރަންޓް ޖޫސް..”

“ކަޅު ކަރަންޓޭ!! މަންމާ! އައިކާ އަހަރެންނަށް ކަރަންޓް ބޯންދީ ކަރަންޓް ޖައްސަން އުޅެނީ..” ލީން ތުއިވެލާފައި އެހެން ބުނެލުމުން އައިކާ ލީންގެ އަތުގައި ޖެހިއެވެ.

“ސާބަހޭ! ތި އަނގަގަނޑު މައިތިރިކޮށްބަލަ.. މިގޭ ދައްތަ ކީކޭތަ ހީކުރާނީ؟” އައިކާ އެހެން ބުނެލުމުން ލީން ހީލިއެވެ.

“އެއީ މަޖަލޭ.. އެކައްޗެއްވެސް ހިއެއް ނުކުރާނެ އެމީހުން..” ލީން އޭނާގެ ދިފާއުގައި ބުނެލިއެވެ.

“މަޖަލޭ!! އެމީހުން ހީކުރާނީ ތީ ބޯހަމަ ނުޖެހޭ މީހެކޭ.. އާނ ދެން ކަރަންޓު ބޮވޭތަ؟” އައިކާ އަނގައަށް ވައްތަރެއް ޖައްސާލަމުން އެހެން ބުނެލިގޮތުން ލީންއަށް ހެވުނެވެ.

“ހޫނ.. ތިއެއްނޫނޭ.. ކޮންކަމަކު މާލެ އައިސްގެން ތިއުޅެނީ؟” އައިކާ ސީރިއަސްކަމާއެކު އަހާލިއެވެ.

“މިއައީ ކުޑަކަމަކު.. އަސްލު ކުޑަ ކަމަކުވެސް ނޫން.. އެއީ އޭގެ ނަތީޖާ..”

“އެއްކަލަ ހާސަރު ދައިތަ.. ތިހާ ދިއުޅި ދިގުނުކޮށް ބުނަން އުޅޭ އެއްޗެއް ބުނެބަލަ..” ލީން މާ ވާހަކަ ގިނަކުރާތީ އައިކާއަށް އުނދަގޫވެގެން ބުނެލިއެވެ.

“ތެލެސީމިއާ ޓެސްޓްކުރަން..”

“މިހާރު ޓެސްޓް ކުރީތަ؟” އައިކާ އަހާލިއެވެ.

“އާނ.. ރެޒަލްޓް ނަގައިގެން މިއައީ މިގެއަށް..”

“ކިހިނެއް ވަނީ؟” ހިތް އަވަސްވެފައި އައިކާ އަހާލިއެވެ.

“އަލްޙަމްދު ލިﷲ!! ނޯމަލް.. އަހަރެން ހާދަ ނާވަސްވިއޭ..” ލީން އުފާވެލާފައި އެހެން ބުނެލުމުން އައިކާވެސް “އަލްޙަމްދު ލިﷲ!!” އޭ ބުނެލިއެވެ.

“އެކީއްވެ އެހާ ނާވަސްވީ؟ އެކަކު އަތުގަ ހުދު ކާޑެއް އޮވެއްޖެއްޔާ އޯކޭ ވާނެއެއްނު..” އައިކާ ބުނެލިއެވެ.

“ނާވަސް ވާނެއެއްނު.. ޒިޔާ އަތުގަ އޮންނަނީ ޕިންކް ކާޑެއްވިއްޔަ..” ލީން އެހެން ބުނެލުމުން އައިކާއަށް ލީންއަށް ބަލާލެވުނެވެ. ލީން ބޯޖަހާލީ ހަމަ ތެދެކޭ ބުނާފަދަ ގޮތަކަށެވެ.

“ނަސީބެއްނު ދޯ..” އައިކާ އެހެން ބުނެލުމުން ލީން ބޯޖަހާލިއެވެ.

“އިކާމެން ޓެސްޓް ކޮށްފިންތަ؟”

“ހޫމް.. އަލްޙަމްދު ލިﷲ!! ދެމީހުންވެސް ނޯމަލް..” އައިކާގެ ނަސީބާއިމެދު ލީން އުފާކުރިއެވެ.

“ހޫމް.. ދެން މިވަގުތު އަހަރެން ދަނީއޭ.. އަދި އަންނާނަން ހަވީރުން ބޭރަށް ގޮސްލަން.. މާދަމާ ރޭ ފުރަންވިއްޔަ..” ލީން އެހެން ބުނެލުމުން އައިކާ އެންމެ ރަނގަޅޭ ބުނެލިއެވެ.

ލީން ދިއުމުން އައިކާ އަނެއްކާވެސް ވަނީ ބަދިގެއަށެވެ. އޭރު ޒިދުނާ އުޅެނީ މެންދުރަށް ކައްކަން އުދައިގެންނެވެ.

“ތިއައީ ދޯ؟ މިހާރު މި ނިމުނީއޭ..” ޒިދުނާ ހީލަމުން ބުނެލިއެވެ.

“ދެން ނެތްތަ ކުރާނެ ކަމެއް؟”

“ހޫމް.. އައިކާ ތީ ނޯކިރީކުރަން ގެނައި ކުއްޖެއް ނޫނޭ.. އައިކާ ގެނައީ ކިޔަވަން.. އައިކާ އެކަން ކުރޭ.. މިހާރު ތިއޮއް ފަހު އިމްތިހާން ފެށެންވަނީ.. ރަނގަޅަށް ތައްޔާރުވެ މަންމަމެން އުފާވާ ކަހަލަ ނަތީޖާއެއް ހޯދަންވާނެ.. ނޫނީ މާލެ އައިސް ތި ހޭދަކުރެވުނީ ބޭކާރު ދެއަހަރެއްނު..” ޒިދުނާ އެހެން ބުނެލުމުން އައިކާ ފޫހިވެފައި އަނގައަށް ވައްތަރެއް ޖައްސާލިއެވެ.

“ދައްތަވެސް ދޯ.. ދެން މިހެން ފަހަރެއްގަ ގޭގަ ކަމެއް ކޮށްލިޔަސް އެއީ ނޯކިރީކުރުމެއް ނޫނެއްނު.. އަންހެންކުދިން ޖެހޭނެއެއްނު ގޭގަ މަސައްކަތްވެސް ކުރަން.. އެހެންނޫނީ މީހަކާ އިންނަ ދުވަހަކުން ކިހިނެއް..”

“އާނ.. ރަނގަޅު ވާހަކައެއް ތީވެސް.. އެކަމު މިދުވަސްކޮޅު އައިކާ އެއްވެސް މަސައްކަތެއް ކުރާނެކަމެއް ނެތް.. އައިކާ ހަމަ ކިޔަވާ.. ޓެސްޓް ނިމުނީމަ ދައްތައަށް ހެޔޮ އައިކާ ކިތަންމެ ކަމެއް ކުރިޔަސް..” ޒިދުނާ ހީލަމުން ބުނެލިއެވެ.

“ދެން ނެތްތަ ހަމަ އެއްވެސް ކަމެއް؟ ފޫހިވާވަރުން އަސްލު..”

“ދެން ތިހާ މަސައްކަތް ކުރާހިތުން އުޅެންޏާ ގޮސް އައިސްއަލަމާރިން ދެތިން އޮރެންޖް ނަގައިގެން ފަނި ގިރާލަބަލަ.. އާނ ދެން މިކުއްޖާ ކިޔަން ފަށައިފި އެއްޗެއް ހުއްޓާލާނީކީވެސް ނޫންވިއްޔަ..” ޒިދުނާ ހީލާފައި އެހެން ބުނެލުމުން އައިކާ ހީލަމުން ގޮސް އައިސްއަލަމާރިން ދެތިން އޮރެންޖް ނަގައިގެން ފަނި ގިރަން ތައްޔާރުކޮށްލިއެވެ.

ފަނި ގިރައި އައިސްއަލަމާރިއަށް ލާފައި އައިކާ ގޮސް ލަމްހާއަށް ގުޅާލިއެވެ. އަދި ހަވީރު އެމީހުންނާއެކު ބޭރަށް ދެވިދާނެތޯ އަހާލިއެވެ. ލަމްހާ ޔޫޝައު ގާތުގައި އަހާލާފައި ގުޅާނެކަމަށް ބުންޏެވެ. ލަމްހާ ޔޫޝައު ގާތުގައި އެހުމުން ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ޔޫޝައު ބުންޏެވެ. އެހެންކަމުން ލަމްހާ އައިކާއަށް ގުޅާފައި ދާނެ ވާހަކަ ބުންޏެވެ.

ހަވީރުގެ ވަގުތެވެ. އައިކާއާއި ލީން ތިބީ އައިކާމެން ގޭ ބެލްކަނީގައި ލަމްހާގެ އިންތިޒާރުގައެވެ. މާދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. ޔޫޝައުއާއެކު ސައިކަލުގައި ލަމްހާ އައިސް ފޭބި މަންޒަރު ފެނުމުން އައިކާ ލީންއަށް ލަމްހާ ދައްކާލިއެވެ.

“އެއީތަ ޔޫޝައުގެ ވައިފް؟” ޔަޤީން ނުވެފައި ލީން އަހާލިއެވެ. އައިކާ އާނއެކޭ ބުނެ ބޯޖަހާލިއެވެ.

“ވަރަށް ގުޅޭ ދޯ އެދެމީހުން..”

“އާނ.. ހުރިހާ ގޮތަކުންވެސް.. އަސްލު އޭނަގެ އެންމެ ރަނގަޅު ތަންކޮޅަކީ ހިތްހެޔޮކަން..” އައިކާ އެހެން ބުނެލުމުން ލީންވެސް ހީލިއެވެ. އިރުކޮޅަކުން އައިކާގެ ކޮޓަރީގައި ޓަކި ޖަހާލި އަޑު އިވުމުން އައިކާ “ވަންނާށޭ” ބުނެލިއެވެ.

“ކޮބާ ހިނގާ ދަމާ..” ބެލްކަންޏަށް ނުކުންނަމުން ލަމްހާ ބުނެލިއެވެ.

“އިހަށް އާދެބަލަ.. އަހަރެންގެ ބެސްޓް ފްރެންޑް ތަޢާރަފް ކޮށްދޭންވާނެއެއްނު ދޯ.. ލަމް! މީ ލީން.. ލީން! މީ ލަމްހާ.. ޔޫޝައުގެ ވައިފް..” އައިކާ ދެމީހުން ދެމީހުންނަށް ތަޢާރަފް ކޮށްދިނެވެ.

“ވަރަށް އުފާވެއްޖެ ބައްދަލުވީމަ.. އައިކާ އަބަދުވެސް ދައްކާނެ ލީންގެ ވާހަކަ.. ލީން މަތިން މިސްވާ ވާހަކަ..” ފުރަތަމަ ބައްދަލުވުމުންވެސް ލަމްހާގެ ހިތްހެޔޮކަން ލީން ދެނެގަތެވެ. އަމިއްލަ ނަފްސަށް ހިނިތުންވެލެވުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ދެވެން އުޅެނީ އެހާ ރަނގަޅު ބައެއްގެ ތެރެއަށްކަން ޔަޤީންވީތީއެވެ.

ތިންމީހުން އެކި ވާހަކައިގައި ތިބެ ރަސްފަންނާއި ދިމާއަށް މިސްރާބުޖެހިއެވެ. ރަސްފަންނުން އެކި ތަންތަނުގައި ހިނގާ ހިތްހަމަޖައްސާލައިގެން ގެއަށް އައީ އިރުއޮއްސެން ނުހަނު ގާތްވެފައި ވަނިކޮށެވެ.

“ލީން! މިރޭ ހަމަ ދަނީތަ؟ ވަރަށް މިސްވާނެ..” އައިކާ ދެރަވެލާފައި އަހާލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ރަށުގައި އުޅުނުއިރު އޭނާގެ ހިޔަނި ފަދައިން އެކުގައި އުޅުނު އެންމެ ގާތް އެކުވެރިޔާއާ ދުރުގައި އެހާ ދުވަހު އުޅެފައި ދިމާވެ، ދެދުވަސް ވެފައި ވަކިވާން ޖެހުމުން ދެރަވާނެ ނޫން ހެއްޔެވެ؟ ލީންވެސް ރަށު ސްކޫލްގެ ލައިބްރަރީގައި ވަޒީފާ އަދާކުރާތާ މިހާރު ހަތަރު މަސް ވަނީއެވެ. ލީން ވަޒީފާއަށް ވަތްފަހުން އައިކާއާއި ފޯނުންވެސް ދިމާވަނީ ވަރަށް މަދުންނެވެ.

“އާނ.. އެކަމް ދާހިތަކުން ނޫން.. ޖޮބްގަ އުޅޭތީ އަސްލު މަޑުކުރެވެން ނެތީ..” ލީންވެސް ދެރަވެލާފައި ބުނެލިއެވެ.

“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދެމީހުން ބައްދަލުވާނެ..” އައިކާ ބުނެލިއެވެ.

“ތިހެން ބުނީމަ މި ހަނދާންވީ.. މާރޗް ފަހެއްގަ މެރީކުރަން މި އުޅެނީ.. އިކާ ކޮންމެހެންވެސް ދާންވާނެ..” ލީން ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.

“އަޅޭ.. ކުރިން ބުނިނަމަ.. މިގޭ ދައްތަ ބުނި ފެބްރުއަރީ ފަހު ހަފްތާގަ ބެންކޮކަށް ދާން އުޅޭ ވާހަކަ.. އަހަރެން ނުލާ ނުދާނަމޭ ބުނީ.. ދެން ކިހިނެއް ހަދާނީ؟” އައިކާ ދެރަވެލާފައި އަހާލިއެވެ.

“އޭރުން ކައިވެނި ކެންސަލްކުރާނީ.. އަހަރެންގެ ޙަޔާތުގަ އަންނާނެ އެންމެ އުފާވެރި ރޭ އިކާ އަހަރެންގެ ގާތުގަ ނެތިއްޔާ އަހަރެންނަކަށް އެރޭގެ އުފާ އިހުސާސެއް ނުކުރެވޭނެ..” ލީން އެހެން ބުނެލުމުން އައިކާ ދެލޯ ބޮޑުކޮށްލިއެވެ.

“އުހުނ.. އެހެން ނުހަދާތި.. އޭރުން ޒިޔާއަށް ވާނީ ކިހިނެއް؟” އައިކާއަށް ވިސްނާލެވުނީ ޒިޔާންއާ ދޭތެރޭގައެވެ. ލީންއަކީ ބުނާ ބަހުގައި ހިފަހައްޓާ މީހެއްކަން އޭނާއަށް އެނގޭތީ އޭނާ ކައިވެނި ކެންސަލްކޮށްލަންވެސް ފަސްނުޖެހޭނެކަން އައިކާއަށް ޔަޤީންވެއެވެ. އެހެންކަމުން އޭނާ ދެވަނަ ވިސްނުމަކަށްވެސް ނުގޮސް އޭނާ ބެންކޮކް ދަތުރު ކެންސަލްކޮށްލާނެ ވާހަކަ ބުންޏެވެ.

“ދެން ދަނީ.. ފުރުމުގެ ކުރިން ގުޅާނަން އިނގޭ..” ލީން އެހެން ބުނެލުމުން އައިކާ ބޯޖަހާލި ނަމަވެސް އޭނާ ހުރީ ލީން ދާތީ ދެރަވެފައެވެ.

**********

ދުވަސްތައް ފާއިތުވަމުންދެއެވެ. ސަނާއާއި ނާޒިމް އެމީހުންގެ ދެން ތިބި ދެކުދިން ގޮވައިގެން މާލެ ދިއުމަށް ތައްޔާރުވަމުންދެއެވެ. އެމީހުން އެދަނީ އައިކާގެ އޭލެވެލް ނަތީޖާ ފާޅުކުރާ ރެއަށް އައިކާއަށް ސަޕްރައިޒެއްދޭށެވެ.

“މަންމާ! ދޮންތަ ވަރަށް ސަޕްރައިޒް ވާނެ ދޯ އިޝީމެން ފެނުނީމަ..”

“އާނ ދަރިފުޅާ.. ދޮންތައަށް ނުގުޅާތި ހަނދާންކޮށް.. އެހެންނޫނީ ބުނެވިދާނެ..” ސަނާ އެހެން ބުނެލުމުން އިޝިކާ ބޯޖަހާލިއެވެ.

މެންދުރުގެ އެންމެ އަވިގަދަ ގަޑީގައި ސަނާއާއި ނާޒިމް އެމީހުންގެ ދެކުދިން ގޮވައިގެން ތިބީ ބަނދަރުގައެވެ. ޗުއްޓީ ދުވަސްވަރަކަށްވުމުން މާލެ ދާ މީހުން ނުހަނު ގިނައެވެ. ލޯންޗަށް އެއްޗެހިތައް އަރުވާ ނިމުމުން އެމީހުން ގޮސް ލޯންޗަށް އަރާ ފަހަތު ސީޓުގައި ޖައްސާލިއެވެ.

“އަނހާ ސަނާ.. ކޮން ދަތުރަކު؟” ސަނާގެ އަވަށްޓެރި ބުސްރާއަށް ސަނާމެން ފެނިގެން އަހާލިއެވެ.

“މި ހަމަ އައިކާގެ ގްރެޖުއޭޝަންއަށް މިދަނީ.. އޭނަ ގުޅާފަ ބުނިވިއްޔަ އަންނައްޗޭ.. އެކަމް އަހަރެމެން ބުނެފިން މިދުވަސްކޮޅު ދެވެން ނެތް ވާހަކަ.. އެހެން ކިޔާފަ ސަޕްރައިޒެއް ދޭންވެގެން.. ބުސްރާ ކޮންކަމަކު ތިދަނީ؟” ސަނާ އޭނާ ދާ ސަބަބު އޮޅުންފިލުވައިދިނުމަށްފަހު އެހިއެވެ.

“މީ އެއްކަލަހެން ފައި ދުޅަވާތީ.. ބަލާބަލަ.. މިހާރުވެސް ދުޅަކަމުން ހިނގަންވެސް އުނދަގޫވެގެން މިއުޅެނީ.. ރިއްސާވަރުން..” ބުސްރާ އެހެން ބުނެލުމުން ސަނާ ބުސްރާގެ ފަޔަށް ބަލާލިއެވެ.

“ދޮގެއްވާ ނޫން.. ހާދަ ބޮޑަކަށޭ ދޯ ދުޅަވެފައި ތިއޮތީ.. އަސްލު ކިހިނެކޯ ވަނީ؟”

“އެމީހުންނަކަށްވެސް ނޭނގެ އަސްލު ވާގޮތެއް.. މިފަހަރު ގޮސް ގޮތެއް ނުވެއްޖެއްޔާ ބޭރަށް ދާނީ.. އޭރުން ދެން އެނގިދާނެތާ ވާގޮތެއްވެސް..” ބުސްރާ އެހެން ބުނެލުމުން ސަނާ ބޯޖަހާލިއެވެ.

“ދެން ތިހާވަރު ވެފަ އޮތްއިރުވެސް ބުސްރާ އެކަނިތަ ތިދަނީ؟” ބުސްރާއާއިއެކު އިތުރު މީހަކު ފެންނަން ނެތުމުން ސަނާ އަހާލިއެވެ.

“ނޫނޭ.. ނަވީން އެއްޗެއް ބަލާ ގެއަށް ގޮސް ވީ.. މިހާރު އޮވެގެން އަންނާނެ.. އޭނަ ނައިސްގެން ނައްޓާނުލެވިފަ އެތިބީ..” ބުސްރާ އެހެން ބުނެލުމުން ސަނާ އެހެންދޯއޭ ބުނެ ހިނިތުންވެލިއެވެ.

“ނާޒިމް ކިހިނެއްތަ؟”

“ރަނގަޅޭ.. ބުސްރާ ކިހިނެއް؟ ކޮބާ ވާފިރު؟” ނާޒިމް ހީލަމުން އަހާލިއެވެ.

“އަހަރެންގެ ހާލު ދެން މިހިރީ ފެންނަންތާ.. ވާފިރު އެބަހުރި މާލޭގަ.. އޭނަ ގުޅާފަ ބުނެގެން މިދަނީ..” ބުސްރާ ބުނެލިއެވެ.

ދޮޅު ގަޑިއިރުގެ ދަތުރަކަށްފަހު މާލެ ދެވިއްޖެއެވެ. އޭރުވެސް ދޭތެރެ ދޭތެރެއިން ސަނާއާއި ބުސްރާ ކޮންމެވެސް ވާހަކައެއް ދައްކައިގަނެއެވެ. ނާޒިމްވެސް ދޭތެރެއަކުން ނަވީންއާ ކޮންމެވެސް ވާހަކައެއް ދައްކާލައެވެ. ނަމަވެސް ނަވީންއަކީ އޭނާގެ ދަރިއެއްހާ އުމުރުން ހަގު ކުއްޖަކަށްވުމުން އެދެމެދުގައި ދައްކާނެ މާގިނަ ވާހަކައެއްވެސް ނެތެވެ. އެހެންކަމުން ނާޒިމް ގިނަ ވަގުތު އިންނަން ޖެހުނީ ފޫހިވެފައެވެ. އިޝިކާއާއި އައުފްވެސް އެދެމީހުންގެ ކޮނޑުގައި ބޯއަޅާލައިގެން ނިދާފައި އޮތުމުން އޭނާގެ ފޫހިކަން އިތުރުވިއެވެ. އެދެކުދިން ހޭލާ ތިބިއްޔާ ހުއްޓާނުލާ އަބަދުވެސް ކޮންމެވެސް ވާހަކައެއް ދައްކާނެވިއްޔާއެވެ.

ލޯންޗުން ފައިބާފައި ނާޒިމް މަގަށް ނުކުމެ ކާރެއް ހުއްޓުވިއެވެ. އަދި ސަނާއާއި ދެކުދިން ފަހަތު ސީޓަށް އަރުވާފައި އޭނާ ކުރީ ސީޓަށް އަރައި “ގްރީން ލައިޓް”އަށް ގެންގޮސްދިނުމަށް ޑްރައިވަރ ގާތުގައި އެދުނެވެ. ޓްރެފިކުން ސަލާމަތްވެގެން އެގެއާއި ހަމައަށް ފޯރާވަރުވީ ތިރީހަކަށް މިނެޓުންނެވެ. ޑްރައިވަރަށް ލާރި ދީފައި ކާރުން ފައިބައި ފޮށި ހިފައިގެން ގެއަށް ވަނެވެ. ތިންވަނަ ބުރިއަށް އެރުމަށްފަހު ބެލް އަޅާލިއެވެ.

“ޔަޤީން އެއައީ..” ހިތާހިތާ އެހެން ކިޔާލަމުން ޒިދުނާ ގޮސް ދޮރު ހުޅުވާލިއެވެ.

“ކޮބާ އައިކާ؟” ސަނާ ފުރަތަމަވެސް އަހާލިއެވެ.

“ކޮޓަރީގަ ވީ.. އަވަހަށް ވަދޭ..” ޒިދުނާ މަޑުމަޑުން އެހެން ބުނެލުމުން ނާޒިމްއާއި ސަނާ ދެކުދިން ގޮވައިގެން އެތެރެއަށް ވަނެވެ. ޒިދުނާ އެދެކުދިން ގާތު އަޑެއްވެސް ނީއްވާ މަޑުން ތިބުމަށް ބުންޏެވެ.

“އައިކާ! އައިކާ! އާދެބަލަ..” ޒިދުނާ ތަންކޮޅެއް ބާރަށް އެހެން ގޮވާލިއިރު އައުފްއާއި އިޝިކާ ތިބީ ދޮރު ކައިރީހުރި ފާރުކޮޅާއި ނިވާވެގެންނެވެ. ޒިދުނާގެ އިރުޝާދުގެ މަތިން ކަންތައް ކުރެވޭތޯ ބަލަމުން ދިޔައިރު އައިކާއަށް ވާނެގޮތް ސިފަކުރެވޭތީ ނުހީ ތިބެވެނީވެސް ކިރިޔާއެވެ.

“ޕޮއް!!” އައިކާ ދޮރު ހުޅުވާލާފައި ނުކުތުމާއެކު އައުފްއާއި އިޝިކާ އެއްއަޑަކަށް ހަޅޭއްލަވައިގަތެވެ. އެއާއެކު ސިހުނުވަރުން އައިކާ އަތުގައި އޮތް ފޯނުވެސް ނުވެއްޓުނީ ކިރިޔާއެވެ. އައިކާއަށް ވީގޮތް ފެނިފައި އައުފްއާއި އިޝިކާ ބާރަށް ހޭން ފެށިއެވެ.

“އައުފް! އިޝީ!” އައިކާ އުފަލުން ފުރިފައި ހުރެ އެދެކުދިންގެ ގައިގައި ބައްދާލިއެވެ.

“ސަޕްރައިޒް!!” ނާޒިމްމެން ތިބި ހިސާބަށް ދެވުމާއެކު އެންމެން އެއްކޮށް އަނެއްކާވެސް ބުނެލިއެވެ. އައިކާ ވީ އުފަލުން ގޮސް ސަނާ ގައިގައި ބައްދައިގަތެވެ. ނާޒިމްގެ ގައިގައިވެސް ބައްދާލީ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ބައްޕަ ފެނުމުންނެވެ.

“މަންމަމެން ކީއްވެތަ އަންގާނުލީ؟” ކުސްތަޅާލަމުން އައިކާ ބުނެލިއެވެ.

“ކޮއްކޮމެން ދޮންތައަށް ސަޕްރައިޒެއް ދިނީއޭ ދޯ މަންމާ..” އައުފް އަވަސްއަވަހަށް ބުނެލިއެވެ. އެވަގުތު އައިޝްކާ ގޮވައިގެން ބޭރުން އައިސް އެތެރެއަށް ވަނީ އާސިފްއެވެ. އައިޝްކާއަށް އައުފްއާއި އިޝިކާ ފެނުމާއެކު ދުވެފައި އައިސް އެދެކުދިން ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ޖެހިގެން އައި ދުވަހެވެ. އައިކާ ތައްޔާރުވަމުން ދިޔައީ ނަތީޖާ ފާޅުކުރާ ތަނަށް ދާށެވެ. ސަނާއާއި ނާޒިމްވެސް އެތަނަށް ދިއުމަށް ތައްޔާރުވިއެވެ. އައުފްއާއި އިޝިކާވެސް ތިބީ އެތަނަށް ދާން ފައިވިއްދާލާފައެވެ. ނަމަވެސް އައިކާމެން ދިޔުމުން ގޭގައި ތިބި އެންމެން ޕިއްޒާ ކާން ދާނީއޭ ޒިދުނާ ބުނުމުން އެދެކުދިންވެސް ގޭގައި ތިބެން އެއްބަސްވެއްޖެއެވެ.

އައިކާމެން ދިޔުމުން އައުފްއާއި އިޝިކާ އަދި އައިޝްކާ ޕިއްޒާ ކާން ދާން ކިޔަން ފަށައިފިއެވެ. ނަމަވެސް އައިކާ ސްޓޭޖަށް އިނާމު ބަލާ އަރާތަން ބަލާލާހިތުން އިންވަރުން ޒިދުނާ ޕިއްޒާއަށް އޯޑަރުދިނެވެ. އެކުދިންވެސް ވަރަށް ފަސޭހައިން ގޭގައިވިޔަސް ޕިއްޒާ ކާން އެއްބަސްވެއްޖެއެވެ.

ޖަލްސާ ފެށިގެން ގޮސް ގަދަ ފަހެއް އިޢުލާން ކުރާ ވަގުތު ޖެހުނުއިރު އައިކާ އިނީ ފިނިވެގެން ދެއަތް ދެއަތާ މޮޑެލަ މޮޑެލައެވެ. އިނާމު ބަލާ ކިތަންމެ ފަހަރަކު ސްޓޭޖަށް އަރަން ޖެހުނު ނަމަވެސް ފިނިކަން ނުކެނޑެއެވެ. އެތާނގައި ތިބި ކުދިންތަކާއި ބެލެނިވެރިންތައް އެހާ ގިނަވެފައި މީޑިއާތަކާއި ސަރުކާރުގެ ބޮޑުންވެސް ތިބުމުން ކަންނޭނގެއެވެ. އަނެއްކޮޅުން މިއީ އޭނާގެ މުސްތަޤުބަލާއި ނުހަނު ބޮޑަށް ގުޅިފައިވާ ނަތީޖާއަށް ވުމުންވެސްމެއެވެ.

އޭލެވެލްގެ ނަތީޖާއިން މުޅި ރާއްޖެއިން އެއްވަނައަށް ހޮވުނީ އައިކާކަން އިޢުލާން ކުރި ވަގުތު އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ހޯލު ތެރޭގައި ތިބި ދަރިވަރުންނާއި ބެލެނިވެރިންގެ އަތްތިލަބަޑީގެ އަޑުން މުޅި ހޯލުތެރެ ގުގުމާލިއެވެ. އޭނާއަށް ބަލާލެވުނީ އޭނާގެ މަންމައާއި ބައްޕަ ފެނޭތޯއެވެ. އެވަގުތު އުފަލުން ރޮވިފައި ތިބި ނާޒިމްއާއި ސަނާ ފެނުމުން އޭނާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވީ އިންތިހާއަށެވެ. ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން ދިޔައިރު ސްޓޭޖާއި ކައިރިވާ ވަރަކަށް އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ތަށްޓާއި އިނާމުތައް ލިބިގެންދިޔައިރު އޭނާއަށް ބުނެދޭން ނޭނގޭފަދަ އުފާވެރި އިހުސާސެއް ކުރެވެމުން ދިޔައެވެ.

ޖަލްސާ ނިމިގެން ގެއަށް ދިޔައިރު ޒިދުނާއާއި އެންމެން ވެގެން ގޭތެރެ އޮތީ ވަރަށް ރީތިކޮށްލާފައެވެ. އައިކާގެ އެއުފާ ޚާއްސަ ގޮތަކަށް ފާހަގަކުރަން ޒިދުނާ ބޭނުންވީއެވެ. ސޯފާތަކުގެ މެދުގައި ހުރި މޭޒުމަތީގައި ހުރި ބޮޑު ކޭކު ފެނުމުން އައިކާ ކުޅުދިޔާވިއެވެ.

“މިހާ ކުޑައިރުކޮޅެއް ތެރޭ ކިހިނެއް މިހުރިހާ ކަމެއް ކުރީ؟ އެހެންނޫނަސް މިކަހަލަ ބޭކާރު ޚަރަދުތައް ކުރާކަށް ނުވާނެއެއްނު..” ސަނާއަށް ނުހުރެވިގެން ބުނެވުނެވެ.

“މީ ހަމަ އަހަރެން އައިކާގެ އެއުފާ ޚާއްސަ ގޮތަކަށް ފާހަގަކޮށްލަންވެގެން ކުރި ކަމެކޭ.. އެއީ އެއްވެސް ކަމެއް ނޫން.. ދެން މި ކަރުދާސްތަކާ އެއްޗެހި އެލުވީ މިކުދިން ބޭނުންވެގެން.. އަސްލު އަހަރެން އުޅުނީ ހަމައެކަނި ކޭކެއް ފަޅާލަން.. އަހަރެންގެ ރައްޓެހިންކޮޅެއް ގެނެސްގެން އެކަން ކުރީ..” ޒިދުނާ ކަންވީގޮތް އޮޅުންފިލުވައިދިނެވެ.

“އެކަމަކު ދެން މިހާ ގިނަ..”

“ސަނާ! އެކަމާ އެހާ ނުވިސްނަބަލަ.. އައިކާ އާދޭ އަވަހަށް ކޭކު ފަޅަން.. މިހާރު އެހެރަ ބާރަ ޖަހަނީ..” ޒިދުނާ އެހެން ބުނެލުމުން އައިކާ އައިސް ކޭކު ފަޅާލިއެވެ. އަދި ފަހަރަކު މީހެއްގެ އަނގައަށް ކޭކުކޮޅެއް ލަވަމުން ގޮސް ޒިދުނާއަށް ކޭކުކޮޅު ލަވަން އުޅެނިކޮށް ގޭގެ ބެލް އަޅާލި އަޑު އިވުމުން ޒިދުނާ ދޮރާއި ދިމާއަށް ހިނގައިގަތެވެ.

“ދައްތާ! މި ކާލައިގެން ދޭބަލަ..” އައިކާ އެހެން ބުނެލުމުން ޒިދުނާ ކޭކުކޮޅު ހިފައިގެން ހިނގައިގަތެވެ. އޭނާ ގޮސް ދޮރު ހުޅުވާލި ވަގުތު ސިއްސައިގެން ދިޔައީ ކުއްލިއަކަށް ދޮރުމައްޗަށް އެރި މޫނު ނިވާކޮށްގެން ހުރި މީހާ ފެނުމުންނެވެ. އަވަހަށް ދޮރު ލައްޕަން ކުރި މަސައްކަތް ވީ ބޭކާރެވެ. އެމީހާ ގޭތެރެއަށް ދެމިގަތުމުން ޒިދުނާ އުޅުނީ އަވަހަށް އެމީހާގެ ކިބައިން ސަލާމަތްވެވޭތޯއެވެ. ނަމަވެސް އެމީހާއާ ދުރަށް އެންމެ ފިޔަވަޅެއް އެޅުނުތަނާ އެމީހާ އަވަސް ހަރަކާތަކާއިއެކު ޒިދުނާގެ ކަނާއަތު ކޮނޑާއި ދިމާއިން އަތް ގެންގޮސް ވައަތު ކޮނޑުގައި އަޅުވާލައި ހިފަހައްޓާލިއެވެ.

“ހެޔޮނުވާނެ.. އަހަރެން ދޫކޮށްލާ.. އަހަރެން ކަލޭ ބުނި ވަރަކަށް ލާރި ދީފާނަން..” ޒިދުނާ ބިރުން ހުރެ ބުންޏެވެ. ނަމަވެސް އެމީހާ ޒިދުނާ ދޫކޮށްލަން ނޫޅުނުތާ އަނގައަކުންވެސް ނުބުންޏެވެ.

“އާސިފަށް ގުޅާ!” ޒިދުނާ ހާސްވެ ބިރުގެންފައިވާ އަޑަކުން ބުނެލިއެވެ.

“އޭތް! ހަމަ މިހާރު ދައްތަ ދޫކޮށްލާ! އެހެންނޫނީ މި ވަޅީގެ ހުރި ތޫނުކަން ދައްކާލަފާނަން.. ކަލޭ ކަހަލަ މީހެއްދެކެ އަހަރެން ބިރެއް ނުގަނޭ..” ވަޅި ހިފައިގެން އެމީހުންނާ ދިމާއަށް ދަމުން އައިކާ އިންޒާރެއް ދިނެވެ. ނަމަވެސް އެމީހާ ހުރިތަނުން ގުޑާވެސްނުލިއެވެ.

“ދަރިފުޅާ! ތި ވަޅި ބާއްވާ!” ނާޒިމް އެހެން ބުނަމުން އައިސް އައިކާ ވަޅި އަތުލިއެވެ.

“މަންމާ! ދޮންބެ ކަހަލަ ރިންގްއެއް..” އައިޝްކާއަށް އެމީހާގެ އަތުގައި އޮތް ރިހި އަނގޮޓި ފެނުމުން ބިރުން ހުރެ ބުނެލިއެވެ. އެއާއެކު އެމީހާ މޫނުގައި އަޅާފައި އޮތް މާސްކު ދަމައިގަތެވެ.

“ސަޕްރައިޒް!!”

“އައްޒާމް!” ހައިރާންކަމާއެކު ޒިދުނާއަށް އަނގަމަތީ އަތްއަޅާލެވުނެވެ.

 

“މީ ހާދަ ލާނެތް ކުއްޖާގަނޑެކޭ.. ކިރިޔާއޭ ބިރުން ހަލާކުނުވީ..” ޒިދުނާ މޭގައި އަތްއަޅާލަމުން ބުނެލިއެވެ.

“މަންމައަށް ނޭނގުނަސް ގައިމު އިޝްކޮއަށް އަހަރެން އެނގިއްޖެއެއްނު.. ދޯ އިޝްކޯ..” އައްޒާމް އައިޝްކާއާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

“މަންމައަށް އޭރަކު ތި އަނގޮޓިއެއް ނުފެނެޔޭ.. އެއްޗެއް ފެންނަވަރެއްތަ؟ އެހެންނޫނަސް އެއްވައްތަރުގެ ކިތައް އަނގޮޓި އަޅާ މީހުން އުޅޭނެ.. މަންމަ ހިތަށްއެރީ މަންމަގެ އެންމެ ފަހު ވަގުތުކޮޅު އައިސް ޖެހުނީއޭ މި.. އެހެންނު ވާނީ.. އެހާ މީހުން މެރުން އާންމުވެފަ މިއޮތީ މިހާރު..”

“ސަޕްރައިޒް ދިނަސް ދެންވެސް ތިކަހަލަ ކަންތައް ނުކުރާތި!” އައްޒާމްގެ ކަންފަތުގައި ހިފާ އަނބުރާލުމުން ޒިދުނާ ބުނެލިއެވެ.

“އާނ.. އަދި ހަނދާން ނެތިފައޭ މިހުރީ.. ދަރިފުޅާ! މިތިބީ އެއްކަލަ ބައްޕަގެ ރައްޓެހި ނާޒިމްބެގެ އާއިލާ.. ނާޒިމް! މީ އަހަރެމެންގެ ދޮށީ ކުއްޖާ.. އައްޒާމް..” ޒިދުނާ ސަނާމެންނަށް އައްޒާމް ތަޢާރަފްކޮށްދިނެވެ. ބިރުން ވިރިވިރި ހުރިއިރުވެސް މާ ކެރޭ، ބިރުކުޑަ މީހަކަށް ވެގެން ވަޅި ހިފާލާފައި ދެންމެ މި ދިމާކޮށްލެވުނީ ގޭގެ ވެރިމީހާގެ ދަރިއަކާކަން އެނގުމުން އައިކާ ހުރީ ލަދުގަނެފައެވެ.

“މަންމާ! މީ ކޮންކަމެއް؟” ގޭތެރެ އެހާ ޒީނަތްތެރިކޮށްލާފައި އޮތްތަން ފެނުމުން އައްޒާމް އަހާލިއެވެ.

“މީ އައިކާ އޭލެވެލްއިން އެއްވަނަ ހޯދީމަ މަންމަ ދިން ސަޕްރައިޒެއް..” ޒިދުނާ އޮޅުންފިލުވައިދިނެވެ.

“އެހެންތަ؟ ސަޅި ރެޔަކުތާ ދޯ އެހެންވީމަ މި އާދެވުނީ.. ކޮންގްރޭޓްސް އައިކާ..” އައްޒާމް އެހެން ބުނެލުމުން އައިކާ ރަކިވެފައި ހުރެ “ތޭންކްސް”އޭ ބުނެލިއެވެ.

“މަންމާ! އަހަރެން ދެން މިދަނީ ނިދަން އިނގޭ.. ވަރަށް ވަރުބަލިވެ ނިދިވެސް އައިސްފި.. ދައްތާ! ވަރަށް ބޮޑަށް ތޭންކްސް ތިދިން ސަޕްރައިޒްއަށް..” އައްޒާމް އޭނާއަށް ބަލަން ހުރިގޮތުން އުނދަގޫވެގެން އައިކާ ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. ޒިދުނާއާއި ސަނާވެސް އައިކާ ގާތު އަވަހަށް ދާށޭ ބުނުމާއެކު އައިކާ އަވަހަށް އޭނާގެ ކޮޓަރިއަށް ދިޔައީ އައްޒާމްއަށް ބަލާވެސްނުލައެވެ.

“ދަރިފުޅާ! ހިނގާ ކާން ދަމާ.. ވަރަށް ބަނޑުހައިވެފައެއްނު ހުންނާނީ މިހާރު..” ޒިދުނާ ލޯތްބާއެކު އައްޒާމްއަށް ބުނެލިއެވެ.

“ނޫން.. ކައިގެންނޭ ގެއަށް މިއައީ.. އަސްލު ހީކުރީ މިހާރު މަންމަމެން ނިދައިފާނެކަމަށް.. އެހެންވެ ދެން މަންމައަށް ގޮވާކަށް ނޫޅޭނަމޭ ހިތާ ކައިގެން އަންނަނިކޮށް ބައްޕަ ފެނުނީ.. ބައްޕައަށް އަހަރެން ނުފެންނަނީސް އަވަހަށް ފިލައިގެން މިއައީ.. މިގަޑީގަ ބައްޕަ ބޭރުން ފެނުނީމަ އެނގިއްޖެ މަންމަ އަދި ނުނިދާނެކަން.. އެހެންވެ އަހަރެން ގެއަށް އައިސް، ބިއްދޮށް ފަޅިއަށް ގޮސް މި ހެދުމަށް ބަދަލުކޮށްލައި ސަޕްރައިޒަށް ރެޑީވެލައިގެން މިއައީ.. މީ ބޭރުގަ އުޅުނުއިރު ކޮލެޖްގަ ކުޅުނު ޑްރާމާއެއްގަ ބޭނުންކުރި ހެދުމެއް..” އައްޒާމް އޮޅުންފިލުވައިދިނެވެ.

“އެހެންތަ؟ މީ ހާދަ ލާނެތް ކުއްޖެކޭ.. ހޫމް.. ދެން ނުކަންޏާ ދަރިފުޅުވެސް ދޭ އަވަހަށް ނިދަން.. މިހާރު ވަރަށް ދަންވެސް ވެއްޖެއެއްނު..” ޒިދުނާ އެހެން ބުނެލުމުން އައްޒާމް ހީލަމުން އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

“ހޭއި.. މީ ކޮން ނަމެއް ކިޔާ ދެކުދިންނެއްތަ؟” އައުފްއާއި އިޝިކާ ފެނުމުން އައްޒާމް އަހާލިއެވެ.

“އައުފް.. އިޝިކާ..” ދެކުދިން އަވަހަށް އެދެކުދިންގެ ނަން ބުނެލިއެވެ.

“އައުފް ހިނގާ މިރޭ އައްޒާމް ބޭބެއާ އެކީ ނިދަން..” އައްޒާމް އެހެން ބުނެލުމުން އައުފް ބަލާލީ ނާޒިމްއަށެވެ. ނާޒިމް ހުއްދަ ދިނުމުން އައުފް ދެބަހެއްނެތި އައްޒާމްއާއެކީ ދިޔައެވެ.

ޖެހިގެން އައި ދުވަހެވެ. އާދައިގެ މަތިން ފަތިސް ނަމާދުކޮށްލައިގެން އައިކާ ނުކުމެ ބަދިގެއަށް ވަނެވެ. އޭނާ ބަދިގެއަށް ގޮސް ކޮފީއެއް ގިރާލައިގެން އިށީނދެލިތަނާ އައްޒާމް އައިސް ވަނެވެ.

“އަހަރެންނަށްވެސް ކޮފީއެއް ހަދައިދީބަލަ..” އައްޒާމްގެ އަޑަށް ސިހިފައި އައިކާ ބަލާލިއެވެ. އެވަގުތު އައްޒާމްގެ މޫނުން ފެނުނު ވަރުބަލިކަން އައިކާއަށް ހަމަ ރަނގަޅަށްވެސް ދެނެގަނެވުނެވެ. އައްޒާމް ރޭގައި ނުނިދަނީބާއޭ އައިކާގެ ހިތަށްއެރިއެވެ. އައިކާ ތެދުވެގެން ގޮސް ކޮފީ ގިރަން އުޅުނެވެ.

“ކަޅު ކޮފީއެއް..” އައްޒާމް އެހެން ބުނެލުމުން އައިކާ ބަލާލިއެވެ.

“ކަޅު ކޮފީއެއް ނެތް.. މިގެއަކު ނޫޅޭ ކަޅު ކޮފީ ބޯ މީހެއް..” އައިކާ ކުޑަކޮށް ޖެހިލުންވެފައި ބުނެލިއެވެ.

“އޭނ.. އެކަމް ބައްޕަވެސް ބޯނީ ކަޅު ކޮފީ..” އައްޒާމްއަށް ހައިރާންވެފައި ބުނެވުނެވެ. ވާނީވެސް އެހެންތާއެވެ. އާސިފްއަކީ ކުރިން ދުވާލަކު ތިން ހަތަރު ކަޅު ކޮފީ ބޯ މީހެކެވެ. ކަޅު ކޮފީއަކީ އޭނާގެ ދިރިއުޅުމުގެ އެއްބައި ކަހަލައެވެ. ކަޅު ކޮފީއާ ނުލައި އޭނާގެ ދުވަސް ފުރިހަމައެއް ނުވާނެއެވެ. ބައްޔެއް ވިޔަސް އާސިފްއަށް އެބަލީގެ ބޭހަކީވެސް ކަޅު ކޮފީ ކަހަލައެވެ. އެހާވެސް ބޮޑަށް އޭނާ ހުރީ އެއަށް ދެވި ހިފާފައެވެ.

“ބައްޕަ މިހާރު ކަޅު ކޮފީ ނުބޯތާ ހަތަރު އަހަރު ވެދާނެ.. ދަރިފުޅު ރާއްޖެ ނާންނާތީ ނޭނގެނީ..” ބަދިގެއަށް ވަދެގެން އައި ޒިދުނާގެ އަޑަށް އައްޒާމް ބަލާލިއެވެ.

“އެހެންތަ؟ ކީއްވެ ކުއްލިއަކަށް ހުއްޓާލީ؟ މިބުނީ އެހާ ފަސޭހައިން؟” އައްޒާމް އެކަމުގެ ސަބަބު އޮޅުންފިލުވަން ބޭނުންވިއެވެ.

“އެއީ ބައްޕަގެ ރައްޓެއްސެއް ކުރި ކަމެއް.. އޭނަގެ ޅިޔަނެއް އެޑްމިޓް ކުރީ ލޭ މަދުވެ ގޮތްގޮތް ވާތީ.. ދެން އޭނައަކީވެސް ވަރަށް ކޮފީބޮއި ސިނގިރޭޓް ބޯ މީހެކޭ ބުނީ.. އަދި އެހާ ހަނދާންވެސް ބަލިވާނެޔޯ.. ދެން މިބުނާ ބައްޕަގެ ރައްޓެހި މީހާ މި ކުރި ކަމަކީ ބައްޕަ ކައިރީ މިބުނަނީ އޭނައަށް ޑޮކްޓަރ އަންގައިފިޔޭ ކަޅުކޮފީ ނުބޯން.. އެއީ ލޭ މަދުކުރާ އެއްޗެކޭ.. ހަނދާންވެސް ބަލިވާނެޔޭ.. މި ކަހަލަ ވާހަކަތަކެއް ދައްކައިގެން އެއްރެޔަކު އައިސްފަ ކިޔައިފި އެބަ ވިސްނަމޭ ކަޅުކޮފީ ބުއިން ހުއްޓަން.. މާ ގިނައިންނޭ އެ ބޮވެނީ.. އެހެންވެ ކަންނޭނގެޔޭ މިހާރު އެހާ ހަނދާންވެސް ބަލީ.. އެހެން ކިޔާފަ އޭގެފަހުން މަދުކުރަމުން މަދުކުރަމުން ގޮސް ހުއްޓައިފި.. އެއްކޮށް ހުއްޓާލި ފަހުން މަންމަ ގާތުވެސް އެވާހަކަ ބުނީ.. ދެން އެމީހާ ދެއްކި ވާހަކަ އަޑުއަހައިގެންވެސް އެކަން ހުއްޓިކަން ރަނގަޅު..” ޒިދުނާ ކަންވީގޮތް އޮޅުންފިލުވައިދިނުމުން އައްޒާމްއަށް ބޯހޫރާލެވުނެވެ.

“ދެން މިގަޑިއަކު ކޮފީއެއް ނުވެސް ގަނެވޭނެއެއްނު.. ދެން އެހެންވީމަ މިފަހަރު ޕެކެޓް ކޮފީއެއް ގިރާލަދީ..” އައްޒާމް އެހެން ބުނެލުމުން އައިކާ ނިކަން އަވަހަށް ކޮފީތަށްޓެއް ގިރާލައިގެން ގެނެސްދިނެވެ. ޒިދުނާވެސް އޭނާއާއި އާސިފްއަށް ދެކޮފީ ގިރާލައިގެން ގެނެސް މޭޒުމަތީ ބަހައްޓާފައި އާސިފްއަށް ގޮވަން ދިޔައެވެ.

“ހާދަ ގަޓް ހުރި ކުއްޖެކޭ ތީ.. އަހަރެން އަދި ފިލްމުތަކުން ނޫނީ ނުދެކެން ތިހާ ގަޓްހުރި އަންހެންކުއްޖެއް.. ސަޅި އިނގޭ..” އައްޒާމް އެހެން ބުނެލުމުން އައިކާއަށް ތުންފަތުގައި ދަތްއަޅާލެވުނީ ރަކިވީކަން ފޮރުވުމަށެވެ.

“އޭތް.. ތި ލިޕްސްކޮޅު ކާލަންތަ ތި އުޅެނީ؟ ތި ކާލީމަ ކާކަށް ތި ލޯބިލޯބި ލިޕްސްކޮޅުން އުފަލެއް ހޯދޭނީވެސް..” އައްޒާމް ސަމާސާކޮށްލިއެވެ. އައިކާއަށް ބޭއިޚްތިޔާރުގައި އައްޒާމްއާއި ދިމާ ބަލާލެވުނެވެ. އައްޒާމް އެކުރާ ސަމާސާ އޭނާއަށް އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. އައިކާ އަވަސްއަވަހަށް ކޮފީތަށި ހުސްކޮށްލައިގެން ޖޯޑު ދޮވެ ބަންޑުން ޖަހާލާފައި އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

“އަނހާ! ހާދަ އަވަހަކަށް ތި ނިންމާލީ..” އެވަގުތު ބަދިގެއަށް ވަންނަން އައި ޒިދުނާ ބުނެލިއެވެ.

“އާނ.. ކުއްލިއަކަށް ކަމެއްގެ މަތިން ހަނދާންވެގެން އަވަސްކޮށްލީ..” އައިކާ ހަޤީޤަތް ފޮރުވަމުން ބުނެލިއެވެ.

އައިކާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އޭނާއަށް ހިތާހިތުން އައްޒާމްއާ ދިމާއަށް އެތިވަރު ގޮވުނެވެ. ހާދަހާ ގޮތެއްނެތް ފިރިހެނެކެވެ. ލަދެއް ހަޔާތެއްވެސް ނެތީއެވެ. އައްޒާމްގެ ގައިގައި އޭނާގެ މައިންބަފައިންގެ ރިވެތި އަޚްލާޤުގެ ކަންފުޅެއްވެސް ނެތީއެވެ. ނޫންނަމަ ސަމާސާއަކަށް ނަމަވެސް އެފަދަ ދަށު ދަރަޖައިގެ ބަހުރުވައަކުން ގޭގައި ހުންނަ މެހެމާނަކާއި ވާހަކަދައްކާކަށް ނުކެރުނީހެވެ. ވާނީވެސް އެހެންތާއެވެ. ދިރިއުޅުމުގެ ހުރިހާ ބޭނުމެއް ފުދި، ބޭރު ޤައުމެއްގައި ދިރިއުޅުމުގެ ދުވަސްތަކެއް ހޭދަކޮށްލެވުމުން ފެންވަރު ނޯޅި ދާނީ ހާހަކުން މީހެއްގެއެވެ. އައްޒާމްއަށްވެސް އެވީ އެހެންނެވެ. ފެންވަރު އޮޅުނީއެވެ. ލަދު ހަޔާތް ކެނޑުނީއެވެ.

ކުއްލިއަކަށް އައިކާގެ ފޯނު ރިންގުވާން ފެށުމުން އައިކާއަށް ސިހިފައި ފޯނު ބަލާލެވުނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ޔޫޝައުގެ ނަން ފެނުމުން ބޭއިޚްތިޔާރުގައި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ އޮފްވެފައިވި މޫޑްވެސް އޮންވިއެވެ. އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ.

“ގުޑް މޯރނިންގ ބޭބީ..” އައިކާއަށް އެއްވެސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޔޫޝައު ބުނެލިއެވެ.

“ޔޫ ޓޫ ބޭބީ.. ދެން ކޮން އިރަކުންތަ މެރީ ކުރާނީ؟ މިހާރު އަށާރަވެސް ފުރިއްޖެ.. ގްރެޖުއޭޝަންވެސް ނިމިއްޖެ..” އައިކާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“ވަރަށް އަވަހަށް.. ކޮބާ ބައްޕަމެން ފުރީތަ؟”

“ނޫން.. ހަފްތާއެއްވަރު މަޑުކޮށްފަ ދާނީ..” އައިކާ ބުނެލިއެވެ.

“އެހެންވީމަ މާދަމާ އަހަރެން އިކާމެން ގެއަށް ދަންތަ ކައިވެނީގެ ވާހަކަދައްކަން؟” ޔޫޝައު އަހާލިއެވެ.

“އުހުނ.. ތިގެއަށް ދާގޮތަށް ހަދަންވީނު.. އޭރުން ޔޫޝްގެ މަންމައާވެސް ބައްދަލުވާނެއެއްނު..” އައިކާ އެހެން ބުނެލުމުން ޔޫޝައު އެކަމާ އެއްބަސްވިއެވެ.

ޖެހިގެން އައި ދުވަހުގެ ރޭ އައިކާ، ސަނާއާއި ނާޒިމް ގޮވައިގެން ޔޫޝައުމެން ގެއަށް ދިޔައެވެ. އޭރު ހާޖަރާއާއި ޔޫޝައު އަދި ލަމްހާވެސް ތިބީ ސިޓިންގރޫމުގައި އެމީހުންގެ އިންތިޒާރުގައެވެ.

“އައްސަލާމް ޢަލައިކުމް! މީ ނާޒިމް.. ދެން މީ ސަނާ.. އަހަރެންގެ އަންހެނުން.. ދެން މީ އައިކާ..” ނާޒިމް އަމިއްލަ ތަޢާރަފް ދެމުން ބުނެލިއެވެ.

“ވަރަށް އުފާވެއްޖެ އައިކާގެ މަންމައާއި ބައްޕައާ ބައްދަލުވީމަ.. މީ ޔޫޝައުގެ މަންމަ ހާޖަރާ.. ދެން މީ ޔޫޝައުގެ ދޮށީ އަނބި ލަމްހާ..” ހާޖަރާވެސް ހިނިތުންވެލާފައި ބުނެލިއެވެ.

“އަހަރެމެންވެސް ވަރަށް އުފާކޮށްފިން ޔޫޝައުގެ މަންމައާ ދޮށީ އަނތްބާއި ބައްދަލުވީމަ..” ނާޒިމް ބުނެލިއެވެ.

“ޔޫޝައު! އައިކާ ބުނި ޔޫޝައު ވާހަކައެއް ދައްކަންވެގެން އުޅޭ ވާހަކަ.. އެވާހަކަ ދައްކަންވީނު އަވަހަށް..” ނާޒިމް އަނެއްކާވެސް ބުނެލިއެވެ.

“ލައްބަ! އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން..”

“އިހަށް ތިވާހަކަ ބާއްވާފަ ދާންވީނު ކާން.. ކައިގެން އައިސްފަ ތިވާހަކަ ދައްކާނީ.. އޭރުންނެއްނު ރަނގަޅަށް ތިވާހަކައަށްވެސް އިންސާފު ކުރެވޭނީ..” ހާޖަރާ އެހެން ބުނެލުމުން ނާޒިމްމެންވެސް އެންމެ ރަނގަޅޭ ބުނެލިއެވެ. ކެއުމުގެ ވަގުތުގައި މާގިނަ ވާހަކަތަކެއް ނުދެކެވުނު ނަމަވެސް ހާޖަރާއާއި ނާޒިމްމެން ދިޔައީ އެކި ވާހަކަތައް ދައްކަމުންނެވެ. ޔޫޝައުއާއި ލަމްހާ ކައިރީގައި ތިބިއިރު އައިކާ އިނީ އެމީހުންގެ ކުރިމައްޗަށް ވާގޮތަށެވެ. ތިންމީހުން ލޮލުން އެކި ވާހަކަތައް ދައްކަމުން ދިޔައިރު އިރުއިރުކޮޅުން ހިނިތުންވެލައެވެ.

“ހޫމް.. ދެން ދައްކަން އުޅުނު ވާހަކަ ދައްކަންވީނު..” ކައިގެން ނުކުމެ ދުފާލަމުން ނާޒިމް އަހާލިއެވެ.

“ލައްބަ! އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން.. މިހާރު އައިކާއަށްވެސް އަށާރަ އަހަރު ވީނޫންތޯ؟ ކައިވެނި ނުކޮށް ގިނަ ދުވަހު އުޅުމަކީ ރަނގަޅު ގޮތެއް ނޫނެއްނޫންތޯ؟ ކޮބައިތޯ އައިކާ ބައްޕަގެ ޚިޔާލަކީ؟” ޔޫޝައު ވަރަށް ވިސްނުންތެރިކަމާއެކު އެމީހުން އެދޭގޮތް ހާމަކުރިއެވެ.

“އާނ.. ތީ ވަރަށް ރަނގަޅު ވާހަކައެއް.. ތިދެކުދިން ބޭނުންވާގޮތް އެއީ ހަމަ އަހަރެމެންވެސް ބޭނުންވާގޮތް.. އެކަމަކު އަހަރެމެން ބަލާލަން ބޭނުން މިކައިވެންޏާއި ލަމްހާ ރުހޭތޯ ނޫނީ ނުރުހޭތޯ؟” ނާޒިމް އަހާލިއެވެ.

“އަޅުގަނޑު ހިތުން ރުހުމުން ޤަބޫލު..” ހިނިތުންވެލަމުން ލަމްހާ ބުނެލިއެވެ.

“ދެން ހާޖަރާޔޯ؟” ނާޒިމް ހާޖަރާއާއި ސުވާލުކޮށްލިއެވެ.

“ޔޫޝައުއަކީ އަހަރެންގެ ދެލޮލުގެ ނޫރު.. އެދަރިފުޅު ނޫނީ އަހަރެންގެ އެކަކުވެސް މިއަދު މިދުނިޔެއަކު ނެތް.. އެދަރިފުޅުގެ ކޮންމެ އުފަލަކަށް އަހަރެން އުފަލުން މަރުޙަބާ ކިޔާނަން..” ހާޖަރާގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އަވަސްއަވަހަށް ހިނިތުންވެލަމުން ކަރުނަތައް ފޮހެލިއެވެ.

“މިއަދު މީ އަންގާރަ.. އެހެންވީމަ އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް ކިހިނެއްވާނެ؟” ނާޒިމް އަހާލިއެވެ.

“ނާޒިމްމެންނަށް ފެންނަގޮތެއް ހަމަ އެންމެ ރަނގަޅުވާނެ..” ހާޖަރާ ބުނެލިއެވެ.

“އެހެންވީމަ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ހަމަޖައްސާ..”

“ޕާޓީއެއް ނުބާއްވަންތޯ؟” ލަމްހާ ޖެހިލުންވެފައި އަހާލިއެވެ.

“އާނ.. ކީއްކުރާ ޕާޓީއެއް؟ ދެފަރާތުގެ އާއިލާއާއި ގާތް ރައްޓެހިންނަށް ކެއުމެއް ދިނީމަ ހުންނާނީ ރަނގަޅަށް..” ނާޒިމް އެހެން ބުނެލުމުން ލަމްހާއަށް އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ނަމަވެސް އައިކާ ޕާޓީ ބާއްވަން ބޭނުންވާނެޔޭ ހިތަށްއަރައި އޭނާއަށް އުނދަގޫވިއެވެ.

“އެކަމަކު އައިކާ ބޭނުމިއްޔާ އަޅުގަނޑު ޕާޓީ ބާއްވަން ބޭނުން..” ޔޫޝައު ބުނެލިއެވެ.

“ތެދެއް ދަރިފުޅާ.. ކޮބާ ދަރިފުޅުގެ ޚިޔާލަކީ؟” ނާޒިމް އައިކާގެ ޚިޔާލެއް ހޯދިއެވެ.

“ބޮޑު ޕާޓީއެއް ބާއްވާނެކަމެއް ނެތް ބައްޕާ.. އެއީ ބޮޑު އިސްރާފެއް.. އާއިލާ މީހުންނާ ރައްޓެހިންނަށް ކެއުމެއް ދިނީމަ ރަނގަޅުވާނެ..” އައިކާ އޭނާގެ ޚިޔާލު އެންމެންނަށް އިއްވާލިއެވެ.

އެރޭގެ ބައްދަލުވުން ނިމުނީ އައިކާއާއި ޔޫޝައުގެ ކައިވެނީގެ ތާރީޚު ކަނޑައެޅިގެންނެވެ. ދެމީހުންވެސް ތިބީ އިންތިހާއަށް އުފާވެފައެވެ. ދެމީހުންވެސް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށެވެ.

ނިދާފައި އޮއްވާ އައިކާއަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. އޭނާ ކޮޓަރި މޭޒުމައްޗަށް ބަލާލިއިރު ފެންފުޅި ހުރީ ހުސްވެފައެވެ. އެހެންކަމުން އޭނާ ބޭރަށް ނުކުތުމުގެ ކުރިން ގަޑި ބަލާލިއެވެ. އޭރު ގަޑިން މެންދަމު ދޭއް ޖަހައި ބޮޑުވެއްޖެއެވެ. މިގަޑީގައި އެއްވެސް މީހަކު ހޭލާ ނޫޅޭނެކަން އެނގޭތީ އޭނާ ނުކުތީ އެއްޗެހިވެސް ބަދަލުނުކޮށެވެ. އޭނާ ގޮސް ބަދިގެއަށް ވަތްތަން އެވަގުތު ކޮޓަރިން ނުކުތް އައްޒާމްއަށް ފެނުނެވެ. އެހެންކަމުން އޭނާ އަވަސް ފިޔަވަޅުތަކެއްގައި ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. އައްޒާމް ބަދިގެ ދޮރުމައްޗަށް އަރާ ސިއްރުން އައިކާއަށް ބަލަން ހުއްޓެވެ.

ނިދަންލާ ތުނިތުނި ނައިޓީގައި އައިކާގެ އެ ލޫޅާފަތި ހަށިގަނޑު ފެންނަލެއް ނުހަނު ފުރިހަމައެވެ. ވަގުތުން އޭނާ އައިކާގެ އެ ދޮން ރީތި، ފުރިހަމަ ހަށިގަނޑުން މީރުކަން ލިބިގަންނަން ބޭނުންވިއެވެ. އޭނާއަކީ ކިތަންމެ ކެރޭ މީހަކަށް ވީނަމަވެސް އައިކާ ގާތުގައި ސީދާ އެހެން ބުނާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެހެންކަމުން ހަދާނީ ކިހިނެއްތޯ އޭނާ ވިސްނަމުންދިޔައެވެ. ކުއްލިއަކަށް އޭނާއަށް މޮޅު ޚިޔާލެއް އަތުވެއްޖެއެވެ. އެއާއެކު ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ތުނިކޮށް ފަޅާފައިވާ އޭނާގެ ތުނބުޅީގައި އަތް ހިންގާލަމުން އޭނާ ގޮސް ކޮޓަރިއަށް ވަނެވެ.

އައިކާ ފެން ބޮއިގެން އޭނާގެ ކޮޓަރިއަށް ގޮސް ތަޅުލައިގެން ނިދަން އުޅެއުޅެ ނުނިދުނެވެ. އޭނާގެ ހިތް ނޭނގޭ ސަބަބަކާއިހުރެ ނުތަނަވަސްވަނީއެވެ. ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭހެން ހީވަނީއެވެ. އެއީ ކައިވެނީގެ ތާރީޚު ކަނޑައެޅި ދުވަސް އެހާ ކައިރިވެފައިވާތީ ވާގޮތެއްކަމަށް އޭނާ ނިންމިއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ނިދޭތޯ ލޯމަރާލިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. އެހެންކަމުން އޭނާ ޖެހިލުންވެހުރެ އޭނާގެ މަންމައަށް ގުޅާލިއެވެ.

“މިއޮއް ދަންވަރު ކިހިނެއްވީ ދަރިފުޅާ؟” ކަންބޮޑުވެފައި ސަނާ އަހާލިއެވެ.

“މަންމަ މިރޭ މިކޮޓަރިއަށް އައިސްދީފާނަންތަ؟ ނުނިދިގެން މިއުޅެނީ.. ހާސްވަނީ.. ހިތް ބިރުގަންނަނީ..” އައިކާ އެހެން ބުނެލުމުން ސަނާ އެންމެ ރަނގަޅުކަމަށް ބުނެފައި ފޯނު ކަނޑާލިއެވެ. ސަނާ ނާޒިމްއަށް ގޮވާފައި އޭނާ އައިކާގެ ކޮޓަރިއަށް ދަނީކަމަށް ބުންޏެވެ. އަދި އައިކާ ދެއްކި ވާހަކަތައްވެސް ބުންޏެވެ. އެހެންކަމުން ނާޒިމްވެސް ނުހަނު ފަސޭހައިން އެއްބަސްވެއްޖެއެވެ. ސަނާ އޭނާ ނިދަންލާ ހެދުމުގެ މަތިން އެހެން ހެދުމެއް ލައި ބުރުގާ އަޅާލައިގެން އައިކާގެ ކޮޓަރިއަށް ދިޔައެވެ.

“ދަރިފުޅާ!” ޓަކި ޖަހާލަމުން ސަނާ ގޮވާލިއެވެ. އެވަގުތު މަޑުމަޑުން ދޮރު ހުޅުވާލި އައްޒާމްއަށް އައިކާގެ ކޮޓަރި ދޮރުމަތީ ހުރި ސަނާ ފެނުމުން މޫނު ކުނިކޮށްލެވުނެވެ. އޭނާ އަވަހަށް ކޮޓަރިތެރެއަށް ދެމިގަތެވެ. އޭރު އޭނާ ހުރީ އެހާ މޮޅަށް އޭނާ ރާވާލި ރޭވުން ފެނަށް ދިޔައީތީ ރުޅިގަދަވެފައެވެ. ނަމަވެސް އޭނާ އަދި ހުރީ ދޫކޮށްލާ ކަހަލަ ގޮތަކަށް ނޫނެވެ. ދެން އޭނާ ރާވާލާ ރޭވުން މާ މޮޅުވެފައި ޖަހާލާ މަޅިފަތި މާ ވަރުގަދަވާނެއެވެ. އެ ހިތްހަމަޖެހުމުގައި އައްޒާމް އޮށޯވެ ނިދާލީ މާދަމާ ރެޔަށް އިންތިޒާރު ކުރަމުންނެވެ.

ޖެހިގެން އައި ރެޔަށް ވީއިރު އައްޒާމް ހުރީ އޭނާގެ ރޭވުން ކާމިޔާބު ކުރުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެންމެން ނިދާހާއިރު ކޮށްފައި އޭނާ ގޮސް ތަޅުދަނޑި ޖަހާލާފައި މަޑުމަޑުން އައިކާގެ ކޮޓަރި ހުޅުވާލިއެވެ. އޭރު އައިކާ އޮތީ އަރާމު ނިންޖަކުން ނިދާލާފައެވެ. އޭނާ މަޑުމަޑުން ދޮރު ލައްޕާލާފައި ގޮސް އައިކާގެ އެނދު ކައިރިއަށް ހުއްޓުނެވެ. އަދި ފުންކޮށް އައިކާގެ މުޅި ހަށިގަނޑަށް ބަލާލިއެވެ. ކޮޓަރީގައި ދިއްލާފައިވާ ރަތްކުލައިގެ ނިދާބޮކީގެ ފަނޑު އަލީގައި އައިކާގެ ހަށިގަނޑު ފެނުމުން އޭނާގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. އޭނާ މަޑުމަޑުން އެނދު ކައިރިއަށް ތިރިވިއެވެ.

އައްޒާމް މަޑުމަޑުން އައިކާގެ މޫނުގައި ފިރުމާލިއެވެ. އަދި މަޑުމަޑުން އައިކާގެ ތުނި ތުންފަތުގައި އަތް ހިންގާލިއެވެ. އެވަގުތު މީހެއްގެ ބީހުން އިހުސާސްވެގެން އައިކާއަށް ކުއްލިއަކަށް ހޭލެވުނެވެ. އެވަގުތު އައްޒާމް ކުއްލިއަކަށް އައިކާގެ އަނގަމަތީ އަތްއެޅިއެވެ.

 

“ޝްޝްޝް!! ހަޅޭއްނުލަވައްޗޭ!! މީ އަހަރެންނޭ.. އައްޒާމް..” އައްޒާމް މަޑުމަޑުން ބުނެލިއެވެ. އައިކާ ޖެހިލުންވެފައި އިނދެ ބޯޖަހާލުމުން އައްޒާމް އައިކާގެ އަނގަމަތިން އަތް ނެގިއެވެ.

“އައްޒާމް ކިހިނެއް.. ކީއްކުރަން މިގަޑީ މިތަނަށް ތި ވަނީ؟” އައިކާ ކަންބޮޑުވެފައި އަހާލިއެވެ.

“އަހަރެންނަށް ނުނިދިގެން ހަމަ އައިކާއާ ވާހަކަދައްކާލާ ހިތުން..” އައްޒާމް މަސްތީ ގޮތަކަށް ބުނެލިއެވެ.

“މިގަޑީ މިތާ ތިބުން އެއްގޮތަކަށްވެސް ރަނގަޅެއް ނުވާނެ.. އައްޒާމް ދޭ ބޭރަށް.. އަހަރެން މިދަނީ..” އައިކާ ރަޖާގަނޑު އޭނާގެ ގައިގައި އޮޅާލަމުން ބުނެލިއެވެ.

“މިތާވެސް އޯކޭވާނެ.. ތީ ކީއްކުރަން އޮޅާ ރަޖާގަނޑެއް.. އަހަރެންނަށް ފެނުނަސް އޯކޭވާނެޔޭ.. ތި ނަގާބަލަ..” އައްޒާމް ރަޖާގަނޑުގައި ހިފަމުން ބުނެލިއެވެ.

“ނޫން.. އައްޒާމް މިތަނުން ދޭ!” އައިކާ ބުންޏެވެ.

“ޕްލީޒް! އަހަރެންނާ ވާހަކަދައްކާލަން މަޑުކޮށްލަބަލަ.. އަހަރެންނަށް އައިކާ ނުފެނި، ވާހަކަދައްކާނުލާ ނުނިދޭނެ..” އައްޒާމް ދީވާނާއެއް ފަދައިން އާދޭސްކުރަން ފެށިއެވެ.

“ކީއްވެ؟ އަހަރެންނަކީ އައްޒާމްއާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން.. ދެން ކީއްވެ؟”

“އަހަރެންނަށް އައިކާދެކެ ލޯބިވެވިއްޖެ.. އަހަރެން އައިކާ ބޭނުން.. އެކަކު ޤަބޫލުނުކުރިޔަސް ފުރަތަމަ ނަޒަރުންވެސް އަހަރެންނަށް އައިކާ ކަމުގޮސްފި.. އައިކާދެކެ ލޯބިވެވިއްޖެ.. އައިކާގެ ތި ރީތިކަމުން އަހަރެން މޮޔަވެއްޖެ.. މުޅިން ދީވާނާވެއްޖެ.. ޕްލީޒް! އަހަރެން ފޮނުވާނުލާ އަހަރެން އެދޭކަމެއް ކޮށްދީ..” އައްޒާމް ނުހަނު ފިލްމީކޮށް ބަސްތައް އަތުރާލައިގެން އައިކާ ވާވައްދާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ.

“އައްޒާމް! ހުއްޓާލާ! ތިކަމެއް ދުވަހަކުވެސް ނުވާނެ.. ދުވަހެއްގެ ކޮޅުންވެސް އަހަރެންނަކަށް އައްޒާމްގެ މީހަކަށް ނުވެވޭނެ.. ވާކަށް ބޭނުމެއްވެސް ނޫން.. އަހަރެން ވާން ބޭނުންވަނީ އެންމެ މީހެއްގެ ޙައްޤަކަށް.. އަދި ވާނީވެސް އޭނާގެ ޙައްޤަކަށް.. އެއީ ޔޫޝައު.. އަންނަ ހަފްތާގަ އަހަރެންގެ ކައިވެނި އޮތީ.. އެހެންވީމަ އައްޒާމް އަހަރެންދެކެ ލޯބިވަންޏާ ހަމަ މިހާރު މިވަގުތު މިތަނުން ދޭ! އަދި ދުވަހެއްގެ ކޮޅުންވެސް އަހަރެންނާ ދޭތެރޭ ތިފަދަ ގޮތަކަށް ނުވިސްނާ! އަހަރެން މަތިން ހަނދާން ނައްތާލާ! ޕްލީޒް! މިތަނުން ދޭ!” އައިކާގެ އަޑަށް ހިތާމަޔާއިއެކު ރުޅިވެރިކަންވެސް ވެރިވެއްޖެއެވެ.

“އައިކާ ޕްލީޒް!”

“ޖަސްޓް ޝަޓަޕް އެންޑް ގެޓް ލޮސްޓް!!” އައިކާގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

“އެންމެ ރަނގަޅު.. އަހަރެން ހިނގައިދާނަން.. އެކަމަކު އަހަރެންނަކަށް އައިކާ މަތިން ހަނދާން ނައްތައެއް ނުލެވޭނެ.. އަހަރެން އަބަދުވެސް އައިކާދެކެ ލޯބިވާނަން.. އަހަރެން އުއްމީދުކުރަން އައިކާ ކޮންމެވެސް ދުވަހަކުން އަހަރެންގެ ގާތަށް އަންނާނެކަމަށް..” ދެއްކުންތެރިވި ހިތާމައިގެ މޫނަކާއިއެކު މޮޅިވެރި އަޑަކުން ވާހަކަތަކެއް ދެއްކުމަށްފަހު އައްޒާމް ނުކުމެގެން ދިޔައީ އޭނާއަށް މިރޭ މި ކުރިމަތިވި ނާކާމިޔާބީގެ ސަބަބުން އައިކާއާމެދު ހިތުގައި ރުޅިވެރިކަން އުފައްދަމުންނެވެ. އޭނާ އަދި އެހާ ފަސޭހައަކުން މިކަން ދޫކޮށެއް ނުލާނެއެވެ. އޭނާ ކޮންމެފަދަ ގޮތަކުންވެސް އޭނާގެ އެދުން ހާސިލްކުރާނެއެވެ.

އައްޒާމް ނުކުމެގެން ދިއުމުން އައިކާ ދުވެފައި ގޮސް ދޮރު ތަޅުލިއެވެ. އޭނާއަށް އެންމެ ފުރަތަމަ އައްޒާމް ފެނުނު ދުވަހުވެސް އައްޒާމް އޭނާއަށް ބަލަން ހުރިގޮތް ކަމަކުނުދިޔައެވެ. އެދުވަހުވެސް އައްޒާމްއަކީ ހަޞީލަތް ނުބައި މީހެއްކަން އޭނާއަށް އެނގުނެވެ. ނަމަވެސް މިހާ އަވަހަކަށް މިކަން މިހިސާބަށް ހިނގައިދާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ. ދެން އޭނާ އުޅެން ޖެހޭނީ ވަރަށް ވިސްނައިގެންނެވެ. ނޫންނަމަ ދުވަހަކުވެސް ނުފިލާވަރުގެ ލައްގަނޑެއް އޭނާގެ ފަސްބައިގައި ޖެހިދާނެއެވެ. މިރޭ އައްޒާމްގެ ފަރާތުން އެލިބުނީ އިންޒާރެކެވެ. މިރޭ އައްޒާމް އެހާ ފަސޭހައިން ދިޔަޔަސް އޭނާ އައްޒާމްއަކަށް އިތުބާރެއް ނުކުރެއެވެ. އަދިވެސް އައްޒާމް އަންނާނެޔޭ އޭނާގެ ހިތް ބުނެއެވެ.

“އަހަރެން ދެން ހަދާނީ ކިހިނެއް؟ މިހާރު އައްޒާމްއާ ދޭތެރޭ އަހަރެން ބިރުގަންނަން ފަށައިފި.. މިރޭ އެވަނީ ކޮޓަރިއަށް.. މާދަމާ ނޭނގެ ހަދާނެ ގޮތެއްވެސް.. މަންމަމެން ގާތުގައި ބުނަންވީ.. ނޫން.. އޭރުން މަންމަމެން ވަރަށް ދެރަވާނެ.. ރުޅިވެސް އަންނާނެ.. ޒިދުނާއްތަ ގާތު ބުނަންވީ ކަންނޭނގެ.. ނޫން.. އެވާނީ ބޭކާރު ކަމަކަށް.. އެމީހުން އެކަން ޤަބޫލެއް ނުކުރާނެ.. އޭރުން ބައްޕައާ އާސިފްބެމެންނާ އޮންނަ ގާތް ގުޅުން ކެނޑޭނެ.. ޔޫޝައު ގާތު ބުނާނީ.. އުހުނ.. އޭރުން ޔޫޝައު ވަރަށް ރުޅިއަންނާނެ.. އައްޒާމްއަށް ކޮންމެ ގޮތެއްވެސް ހަދާފާނެ.. ފަހަރެއްގަ އަހަރެންނާ ނީނދެވެސްފާނެ.. އޭރުންވެސް ހުރިހާ ދެރައެއް ލިބޭނީ އަހަރެންނަށް..” އައިކާ ގޮތް ހުސްވެފައިވާ މީހެއް ފަދައިން ވިސްނަމުން ދިޔައީ އައްޒާމްގެ ކިބައިން ސަލާމަތްވާނެ ގޮތަކާއިމެދުގައެވެ. ކުއްލިއަކަށް އޭނާއަށް މޮޅު ޚިޔާލެއް އައެވެ.

“ޔެސް.. ލީންއަށް ގުޅާފަ ޚިޔާލެއް ހޯދާނީ.. އޭނަ އަހަރެން އެދޭހެން މިކަން ސިއްރުކޮށްދޭނެ..” އައިކާއަށް އުއްމީދެއް ލިބިގެން ދިޔައެވެ. އެރޭ އައިކާއަށް އިތުރަށް އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ. ހަމަ ނިދި ޖެހިލާއިރަށް އައްޒާމް ވަދެދާނެޔޭ ހީވަނީއެވެ. ފިރިމީހާއަށްޓަކައި އޭނާ ރައްކާތެރިކޮށްފައިވާ ޢިއްޒަތާއި އަބުރު ވެއްޔާއި މޮޑެވިދާނެޔޭ ހީވަނީއެވެ.

ފަތިސް ނަމާދު ބަންޤި ގޮވުމުން އައިކާ އަވަހަށް ތެދުވެ ފެންވަރައި ނަމާދުކޮށްލައިގެން ލީންއަށް ގުޅިއެވެ. ހައެއްކަ ފަހަރު ގުޅިފަހުން ލީން ފޯނު ނެގިއެވެ.

“ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ؟ ކޮންއިރެއް މިހާރު ގުޅާތާ؟” ކަންބޮޑުވެފައި ހުރިލެއް ބޮޑުކަމުން އައިކާއަށް ވާހަކަދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ.

“އަހަރެން ހުރީ ނަމާދަށް އަރައޭ.. ކިތަންމެ ވަރަކަށް ގުޅިޔަސް ނުނެގޭނެއެއްނު.. ދެން ބުނެބަލަ.. ކިހިނެއްވީތަ؟ ކޮންކަމަކާތަ މާ ރުޅިއައިސްފަ ތިހުރީ؟” ލީން ސީރިއަސްވެފައި އަހާލިއެވެ. އައިކާ ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނެވެ.

“ނާ ހަމަ ތެދެއްތަ؟”

“އާނ.. ލީން ބުނެބަލަ.. އަހަރެން ކިހިނެއްތަ ހަދާނީ؟” އައިކާ ކަންބޮޑުވެފައި އަހާލިއެވެ.

“އިކާ! ތީ ވަރަށް ސީރިއަސް މައްސަލައެއް.. އަވަހަށް މަންމަމެން ގާތު ބުނޭ.. އެހެންނޫނީ..”

“ނޫން ލީން.. އަހަރެންނަކަށް ނުކެރޭނެ.. މަންމަމެން ވަރަށް ރުޅިއަންނާނެ.. ޒިދުނާއްތަމެން ގާތު ބުންޏަސް އެމީހުން ޤަބޫލެއް ނުކުރާނެ.. އޭރުން އަހަރެމެން މިގެއިން ނެރެލާނެ.. މި މާލޭގަ އަހަރެމެން ދާނީ ކޮންތާކަށް؟” އައިކާއަކަށް ލީންގެ ވާހަކައާ އެއްބަހެއް ނުވެވުނެވެ.

“އިކާ! ބޭނުންވަނީ އެހެން މީހުންގެ ރުހުންތަ؟ ނޫނީ އަމިއްލަ ޢިއްޒަތާއި އަބުރުތަ؟ އިކާ ތިކަން ސިއްރުކޮށްގެން ހުއްޓާ އޭނަ އިކާ ރޭޕްކޮށްލައިފިއްޔާ ދެން އިކާ ކިހިނެއް ހަދާނީ؟ އަހަރެންނަށް ހަމަ ޔަޤީން އެރޭވެސް އޭނަ ވަންނާނީ އެ ބޭނުމުގަކަން.. އޭނައަށް އެއްވެސް ކަމެއް ނުކުރެވެނީސް އިކާއަށް ހޭލެވުނީމަ ވާހަކަ އޮޅުވާލީ.. ދެން ތިބުނީ ދާނެ ތަނެއް ނެތް ވާހަކަ.. ޔޫޝައު ހުއްޓާ ތިކަމާވެސް ހާސްވާކަށް ނުޖެހޭނެ.. އަހަރެންގެ ބަހެއް އަހަންޏާ އަވަހަށް ތިވާހަކަ މަންމަމެން ގާތު ބުނެގެން ތިތަނުން ސަލާމަތްވޭ.. ޒިދުނާއްތަމެން ކިތަންމެ ރަނގަޅަސް އެމީހުންގެ އެހެރީ އެމީހުންގެ ކުލަވެސް ނެތް މީހެއް.. މީހެއްވެސް ނޫން ޖަ..”

“ލީން ޕްލީޒް! ހުއްޓާލާ!”

“އެންމެ ރަނގަޅު.. އަހަރެން ހުއްޓާލަފާނަން.. އެކަމަކު އިކާގެ ތި ގޮތްދޫނުކުރުމުގެ ސަބަބުން އިކާއަށް ދެރަގޮތެއް ވެއްޖެއްޔާ އަހަރެން ދުވަހަކުވެސް އިކާއަކަށް މާފެއް ނުކުރާނަން.. އަދި އެދުވަހަކުން ހީކުރޭ މީ އިކާއަށް ނެތް މީހެކޭ..” ލީން އޭނާގެ ފަހުބަސް އިއްވިއެވެ. އައިކާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

“ލީން! ޕްލީޒް! އަހަރެންނަށް މިކަން ސިއްރުކޮށްދޭތި.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އެއްވެސް ބައެއްގެ މެދުގަ މައްސަލަތަކެއް އުފެދޭކަށް.. އިރާދަކުރެއްވިއްޔާ އަހަރެންނަކަށް ދެރަގޮތެއް ނުވާނެ.. އިރާދަކުރެއްވިއްޔާ އަހަރެން މިކަމަށް ހައްލެއް ހޯދާނަން..” އައިކާ ބުންޏެވެ.

“ނޫން.. އަހަރެންނަކަށް ނުހުރެވޭނެ ތިކަހަލަ ކަމެއް ހިނގާކަން އެނގިހުރެ ސިއްރުކޮށްގެންނެއް.. މިހަފްތާ ތެރޭގަ ތިގެއިން ނުގޮސްފިއްޔާ އަހަރެން އިކާގެ މަންމައަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިދޭނަން..” ލީން އެހެން ބުނުމަށްފަހު އައިކާ އެއްވެސް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ. އައިކާ ލީންއަށް ދެފަހަރަކު ގުޅުމުންވެސް ލީން ފޯނެއް ނުނެގިއެވެ. ނަމަވެސް އޭނާގެ މަންމަމެން ގާތުގައި އެވާހަކަތައް ދައްކާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

މާބޮޑަށް ހިތް ނުތަނަވަސްވުމުން އައިކާ ޔޫޝައުއަށް ގުޅާލިއެވެ. ނަމަވެސް ޔޫޝައުގެ ފޯނު ނިއްވާލާފައި އޮތުމުން އޭނާ މުޅިން މާޔޫސްވިއެވެ. އޭނާ އެނދުގައި ޖައްސާލީ އެޚިޔާލުތަކުން ދުރުވެވޭތޯއެވެ. ނަމަވެސް ސިކުންތުކޮޅަކަށްވެސް އޭނާއަށް އެޚިޔާލުތަކާއި ދުރަކަށް ނުދެވުނެވެ. ކުރިން ރޭ އޭނާގެ ހިތް މާބޮޑަށް ނުތަނަވަސްވީ ސަބަބަކީ މިއީތާއޭވެސް އޭނާގެ ހިތަށްއެރީ ހަމަ ކުއްލިއަކަށެވެ. މަންމަ ގާތުގައި އޭނާގެ ކޮޓަރީގައި ނިދަން އަންނަން ބުނަންވީބާވައެވެ. ނޫނެކެވެ. އޭރުން މަންމައަށް ޝައްކެއް ވެދާނެއެވެ. މަންމައަށް ޝައްކުވާ ހިސާބުން އެތައް ސުވާލަކާއި ކުރިމަތިވާނެއެވެ. އޭރުން އޭނާގެ ކެތްތެރިކަން ކޮޅުންލައި ހުރިހާ ވާހަކައެއް ފަތިފައްޗަށް އަމުނާލެވިދާނެއެވެ. އޭރުން މާލޭގައި އެމީހުން ގިނަވާނެއެވެ. އާސިފްގެ ދެމަފިރިން ކޮށްދިން ހެޔޮކަންތަކުގެ އެއްވެސް އަގެއް ނެތްކަމުގައި މީހުން ބުނާނެއެވެ. އެމީހުން ބަދަލެއް ބޭނުންނުވެ އެކަން ކޮށްދިން ނަމަވެސް އެފަދަ ކަމެއް ހިނގުމުން އިޚްތިޔާރުން ބޭރުގައި އެމީހުންގެ ދުލުންވެސް އެފަދަ ބަސްތައް ނުކުންނާނެކަން އައިކާއަށް ޔަޤީންވެއެވެ.

އައިކާ ކޮޓަރިން ނުކުތީ ސަނާ އައިސް ގޮވުމުންނެވެ. އޭނާގެ ލޮލުން ފެނުނު ރަތްކަމާއި ވަރުބަލިކަން ސަނާ ދެނެގަތެވެ. އެހެނީ އައިކާއަކީ އޭނާގެ ދެލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. ވީއިރު އައިކާއަށް ކިތަންމެ ކުޑަކުޑަ ބަދަލެއް އަޔަސް އޭނާއަށް އެކަން ފާހަގަކުރެވެއެވެ.

“ދަރިފުޅު ރޭގަ ނުނިދަނީތަ؟” ސަނާގެ ސުވާލުން އައިކާ ކުޑަކޮށް ސިހުނެވެ.

“ނޫން.. ކިހިނެއްވީ މަންމަ ތިހެން ތިއެހީ؟” އައިކާ ހަމައަކަށް އެޅެން މަސައްކަތް ކުރަމުން އަހާލިއެވެ.

“ދަރިފުޅު މަންމައަށް ދޮގު ނުހަދާތި އިނގޭ.. ދެލޯ ރަތްވެފަ ހުރީމަ މި އަހަނީ..”

“އެއީ.. ބޮލުގަ ރިއްސާތީ މިއުޅެނީ..” އައިކާ އެހެދީވެސް މުޅިއަކުން ދޮގެއް ނޫނެވެ. ރޭގެ ހަމަނިދި ނުލިބުމާއެކު މާބޮޑަށް ވިސްނުމުގެ ސަބަބުން އޭނާގެ ބޮލުގައި ރިއްސަމުން ދިޔައެވެ.

“އެހެންތަ؟ އެހެންވިއްޔާ ސައިބޮއި ބޭސް ކައިގެން ގޮސް ނިދާލާ.. އޭރުން ރަނގަޅުވެދާނެ..” ސަނާ އައިކާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެވަގުތު އޭނާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އޭނާއަށް މަންމައަށް ކަމެއް ސިއްރުކުރެވޭތީއެވެ. އަދި އޭނާގެ ނިކަމެތިކަން އިހުސާސްވެފައެވެ. އިސާހިތަކު އޭނާއަށް ރޮވިއްޖެއެވެ.

“ކިހިނެއްވީ ދަރިފުޅާ؟ އެހެން ތަނެއްގަވެސް ރިއްސަނީތަ؟” ސަނާ ކަންބޮޑުވެފައި އަހާލިއެވެ.

“ނޫން.. މަންމައާއި ވަކިވާން ޖެހޭތީ ދެރަވަނީ..” އައިކާ އެހެން ބުނިތަނާ އައްޒާމް އައިސް ބަދިގެއަށް ވަނެވެ. އައްޒާމް އައިސް ވަދެފައި އައިކާއަށް ބަލާލީ ނުރައްކާތެރި ނަޒަރަކުންނެވެ. އޭނާއަށް ހީވީ އައިކާ އޭނާގެ ވާހަކަ ސަނާ ގާތުގައި ބުނީހެންނެވެ. އައިކާ އައްޒާމްއަށް ލޯއަޅާލާފައި ސައިވެސް ނުބޮއި އޭނާގެ ކޮޓަރިއަށް ވަނެވެ. ސަނާ ކަންބޮޑުވެފައި ދޮރާއި ދިމާއަށް ބަލާލަމުން އައްޒާމްއަށް ބަލާލިއެވެ. އައްޒާމް އިނީ ނޫންކަމަށް ހަދައިގެންނެވެ.

“އައިކާ ކީކޭ ކިޔާފަ އެދިޔައީ؟ އަހަރެންދެކެ ހިތްހަމަނުޖެހިފަތަ އެހުންނަނީ؟ އަހަރެން އައިސް މިވީ ދެތިން ދުވަސްތެރޭ ވަރަށް ގޮތަކަށް އައިކާ ހުންނަނީ..” އައްޒާމް ނުހަނު އޮމާންކޮށް، އެއްވެސް މީހަކަށް ޝައްކެއްވެސް ނުވާނޭހެން ވާހަކައެއް ހަދާލިއެވެ.

“ނޫނޭ.. ތިކަހަލަ ކަމެއްނޫން.. އައިކާ ކުޑަކޮށް ބަލިވެ އުޅެނީ މިއަދު.. އެހެންވެ އެ ދިޔައީ.. އޭނަ އައްޒާމްދެކެ ކޮންކަމަކާ ރުޅިއަންނަން ޖެހޭނީ؟ އަދި ކިރިޔާއެއްނު ތިދެކުދިން ތި ދިމާވީ..” ސަނާ މަޑުމައިތިރިކަމާއެކު ބުނެލިނަމަވެސް އައްޒާމްގެ ސުވާލުގައި ހުރި ރާގުން އޭނާގެ ހިތުގައި ސުވާލުތަކެއް އުފައްދައިފިއެވެ. އައްޒާމްއާއި އައިކާގެ ދެމެދުގައި މައްސަލައެއް ޖެހުނީ ހެއްޔެވެ؟ އެކަމަކު އެދެމީހުން ޖެހެން އޮންނާނީވެސް ކޮން މައްސަލައެއް ހެއްޔެވެ؟ އައްޒާމް އަނެއްކާ އައިކާއަށް ގޯނާއެއް ކުރީބާވައެވެ؟

“ސުބްޙާނަﷲ!! އަހަރެންގެ ހިތަށް މިއަރަނީ ކޮންފަދަ ނުބައި އެއްޗެހިތަކެއް؟ މާތް ﷲ މިއަޅާގެ ކުށްހީތައް ފިއްލަވާ ފާފަތައް ފުއްސަވާށި! އާމީން!” ސަނާ ހިތާހިތުން ދުޢާކޮށްލިއެވެ.

 

“އާނ.. ދައްތަ ތިބުނީވެސް ތެދެއް.. އެކަމު އައިކާ ހުންނަގޮތުން އަހަރެންނަށް ހީވީ އެހެން..” އައްޒާމް ހީލަމުން ބުނެލިއެވެ. އެވަގުތު ޒިދުނާ އައިސް ބަދިގެއަށް ވަނުމުން އައްޒާމް އޭނާއަށް ކޮފީއެއް ހަދައިދޭން އެދުނެވެ. ސަނާ ދިޔައީ އައިކާއަށް ގޮވާށެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. އަދިވެސް އައިކާގެ ހިތުގައިވާ ބިރުވެރިކަން ފިލައިގެނެއް ނުދެއެވެ. އައްޒާމް އޭނާއާއި ވާހަކަނުދައްކާ އޭނާގެ ކޮޓަރިއަށް ނުވަންނަތާ ތިންދުވަސް ވީނަމަވެސްވެހެވެ. އޭނާއަށް އަދިވެސް އައްޒާމްއާ ދޭތެރޭ ޔަޤީންކަމެއް ނެތީއެވެ. އައްޒާމްގެ ނިޔަތް އަދިވެސް ބަދަލުވެދާނެއެކޭ އޭނާގެ ހިތެއް ނުބުނެއެވެ. އެހެންކަމުން އޭނާއަށް މިހާރު ރަނގަޅަށް ނުނިދޭތާވެސް ތިންދުވަސް ވީއެވެ. ސަނާއަށް އެކަން ފާހަގަވެގެން ސުވާލުވެސް ކޮށްފިއެވެ. ނަމަވެސް އޭނާއަށް ޖެހެނީ ދޮގުތަކެއް ހަދައިގެން އެތަން ފޫބައްދާށެވެ. އެރެއަށްފަހު އޭނާއަށް މާ ހިމޭންވެފައި، ފުން ވިސްނުމެއްގައި ހުރެވޭކަން ޚުދު އޭނާއަށްވެސް އެނގެއެވެ. ޔޫޝައުވެސް އޭނާއާ ސުވާލުކުރިއެވެ. ނަމަވެސް އޭނާ ބަހަނާތަކެއް ދައްކާ އެކަން އޮއްބާލަނީއެވެ.

“މަންމާ! އަހަރެން މިއަދު ހަވީރު ޔޫޝައުއާއެކު ބޭރަށް ގޮސްލިޔަސް އެންމެ ރަނގަޅުތަ؟ އިރު އޮއްސެންވާއިރަށް އަންނާނަން..” އައިކާ ކުޑަކޮށް ޖެހިލުންވެފައި އަހާލިއެވެ.

“އެންމެ ރަނގަޅު.. އެކަމަކު އިރުއޮއްސުމުގެ ކުރިން އަންނާތި..” ސަނާ އައިކާއަށް އެތައް ނަސޭހަތެއް ދިނުމަށްފަހު ފޮނުވަން އެއްބަސްވިއެވެ. ސަނާގެ ހުއްދަ ލިބުމުން ސަނާ ހިނިތުންވެ ހުރެ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި އަވަސްއަވަހަށް ފޯނު ނަގައި ޔޫޝައުއަށް ގުޅާލިއެވެ.

“ހެލޯ ޔޫޝް! މިއަދު ހަވީރު ބޭރަށް ދެވިދާނެތަ؟ އަހަރެމެން ދެމީހުން އެކަނި..” ޔޫޝައު ފޯނު ނެގުމާއެކު އައިކާ ބުނެލިއެވެ.

“އާނ.. ތީ އެއްވެސް ކަމެއް ނޫނެއްނު.. އަނެއްކާ ކިހިނެއްވީ މިއަދު؟ އެކަނި ދާން ތި އުޅެނީ؟” ޔޫޝައު ލާނެއް ގޮތަކަށް އަހާލުމުން ޔޫޝައު އެބުނީ ކީކޭކަން އައިކާއަށް ވިސްނުނެވެ. އޭނާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ރަކިވެގެންނެވެ.

“ހަމަ ބޭނުންވީ ވާހަކަ ދައްކާލާ ހަދާލަން.. ތަންކޮޅެއް މިނިވަންކޮށް..” އައިކާ އެހެން ބުނެލުމުން ޔޫޝައު ހީލިއެވެ.

“އެހެންވީމަ ހަތަރު ގަޑި ބަޔަށް ތައްޔާރުވެގެން ހުރޭ.. އަހަރެން ދާނަން ބަލާ..”

“އެންމެ ރަނގަޅު..” އައިކާ އެހެން ބުނެލުމަށްފަހު އުޅުނީ ފެންވަރަން ވަންނާށެވެ. ނަމަވެސް އެވަގުތު ލީންގެ ފޯނެއް އައުމުން އައިކާއަށް މަޑުކުރަން ޖެހުނެވެ.

“ހާދަ ނުގަޑިއެއްގަ؟ އަނެއްކާ ކިހިނެއްވީ؟” އައިކާ އަހާލިއެވެ.

“ވަރަށް ބޮޑު ޚަބަރެއް ދޭށޭ މިގުޅީ..”

“އަނެއްކާ ކޮން ޚަބަރެއް؟ ތިހާ ހާސަރު ދިގުނުކޮށް ބުނެބަލަ އަވަހަށް ތި ބުނަން އުޅޭ ވާހަކައެއް..” އައިކާ ކެތްތެރިކަން ކުޑަވެފައި އަހާލިއެވެ.

“އެނގޭތަ؟ އެއްކަލަ ޔާން މެރީކޮށްފިއެއްނު ރޭގަ..” ލީން އެހެން ބުނެލުމުން އައިކާ ހައިރާންވިއެވެ.

“އޭނ.. ސީރިއަސްކޮށް؟”

“އާނ.. އަހަރެންވެސް ހުރީ ހައިރާންވެފަ.. ހަމަ ވަރަށް ކުއްލި ގޮތަކަށް ކުރި ކައިވެންޏެއް.. އެއްވެސް ޕްލޭންއެއް ނެތި.. އަހަރެންނަށް ވަރަށް އެހެން ކަހަލަ އެއްޗެއް ހީވަނީ.. އެއީ އޭނަ ޔާންއާ ރައްޓެހިވީތާ އަދި ނުވާނެ ދެމަސްވެސް..” ލީން އެހެން ބުނެލުމުން އައިކާގެ ހިތުގައިވެސް ސުވާލު އުފެދުނެވެ.

“އެކަމަކު ކޮން އެއްޗެއް ލީންއަށް ހީވެގެން ތިއުޅެނީ؟” އައިކާ އަހާލިއެވެ.

“އަހަރެންނަށް ހީވަނީ އެދެމީހުން މެރީކުރީ މިސްޓޭކެއް ހެދިގެން އެކަން ބަސްޓުވެދާނެތީހެން..” ލީން ވާހަކަދެއްކީ ވަރަށް ސިއްރުންނެވެ.

“ކީއްވެ އެހެން ހީވަނީ؟”

“އެއީ އެއްރޭ އަހަރެންނަށް ފެނުނު މަންޒަރަކުން.. އަހަރެން ދިޔައީ ޒިޔާއާ މީޓްކުރަން އެގެއަށް.. ދިޔައިރު ގިފިލި ފަރާތުން ދެމީހެއްގެ އަޑު އިވިގެން އަހަރެން އެފަރާތަށް ދިޔައީ.. ދިޔައިރު އެތާ ޔާންއާ އޭނައާ ދެމީހުން.. އަހަރެން ޒިޔާ ގާތު ބުނަން އުޅުނިން.. އެކަމް ބުނާކަށް ނުކެރުނު..” ލީން އައިކާއަށް އޮޅުންފިލުވައިދިނެވެ.

“އޭގެ ފަހުން ދެހަފްތާ އަދި ވާނީ.. އެހެންވީމަ އަހަރެންނަށް ހަމަ ހީވަނީ އެހެންވެގެން އެކަން އޮއްބާލަން ވެގެންހެން..” ލީން އޭނާއަށް ހީވާގޮތް ބުންޏެވެ.

“ޔާން ކާކާ މެރީކުރީ؟”

“އިކާ ހަނދާން އެބަހުރިތަ ޔާންގެ ފަހަތުން އަޅައިގަނެގެން ނުނައްޓައިގެން އުޅުނެއްނު ސުމާ.. އެއްކަލަ ބަކުރުބެއާ ނަސީރާއްތަގެ.. އޭނައާ މެރީކުރީ..” ލީން ބުންޏެވެ. އައިކާއަށް ހައިރާންވެފައި އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކިޔާންއަށް ހަމަ އެ ސުމާ ނޫނީ އިންނާނެ މީހަކު ނުވީ ހެއްޔެވެ؟ އެ ސުމާއަކީ ކޮންކަހަލަ މީހެއްކަން ކިޔާންއަށް ހަމަ ނޭނގެނީ ހެއްޔެވެ؟

“އެކަމަކު ޔާންއަށް އެނޫން މީހަކު ނުވީތަ އިންނަން؟”

“އާނ.. އަހަރެންވެސް ހިތަށްއަރަނީ ހަމަ ތިހެން.. ޒިޔާވެސް ހުންނަނީ ފާޑަކަށް.. ޒިޔާ މަންމަމެންވެސް ޤަބޫލެއް ނޫން.. އެކަމްވެސް މެރީކޮށްފި ރޭގަ..” ލީން ބުނެލިއެވެ.

“ދެން ކީކޭ ދޯ ބުނާނީ؟ އެކަމަކު ދެން ޔާންއަށް ވާނީ ކިހިނެއް؟ އެ ސުމާގެ ގޮތް ޔާންއަށް ނޭނގެނީތަ އަނެއްކާ؟”

“އޭނަ ސުމާއާ މެރީކުރާ ވާހަކަ ދެއްކީމަ ޒިޔާ އޭނައަށް ކިޔައިދިން އެ ސުމާގެ ގޮތް.. ދެން އަނެއްކާ ރަށުތެރޭގަ ކާޅު ގޮވާހެން ގޮވާ ވާހަކައެއް ވިއްޔަ އެއީ.. އެހެންވީމަ އޭނައަށް އެކަން ނޭނގިއެއް ނޯންނާނެއެއްނު.. އެކަމް އޭނަ ޤަބޫލެއް ނުކުރި.. އޭނަ ބުނީ މީހަކު ދައްކާހާ ވާހަކައެއް ނުވާނެޔޭ ޤަބޫލުކުރާކަށް.. އެއްވެސް ހެއްކެއް ނެތެއް ނޫންހޯ.. ޒިޔާ ބުނެފި ކަމެއްވީމައޭ އެންމެން އެހެން އެ ކިޔަނީ.. ޔާންވެސް ތިހުރީ ނޫންހޭ.. އެކަމް އެކަހަލަ ވާހަކައެއް ނުގޮވައެއް ނޫންހޭ ދުވަހަކުވެސް.. އަހަރެމެންވެސް މިތިބީ ނޫންހޭ.. އަހަރެމެންނޭ ކިޔައިގެން މީހުން ނުދައްކައޭ އެކަހަލަ ވާހަކައެއް.. އެކަމާ ޒިޔާދެކެ ރުޅިއައިސްގެން ޒުވާބުކޮށްފަ އަނގަޔަކުންވެސް ނުބުނޭ މިހާރު.. ހަމަ ހުވާ މިބުނީ އަހަރެން ހާދަ ރުޅިއެއް އައޭ.. ހިތަށްއަރާ އެ ރަންޑި އަންހެނާ ޔާންއަށް އެ ޖެއްސީ ކޮންކަހަލަ ސިހުރެއްބާއޭ..” ލީން ހުރީ ކިޔާން ކަންތައް ކުރި ގޮތުން ވަރަށް ހިތްހަމަނުޖެހިފައެވެ.

“ދެން އެކަމާ އަޅާނުލާ.. އިރާދަކުރެއްވިއްޔާ ޔާންއަކަށްވެސް ދެރަގޮތެއް ނުވާނެ..”

“އަހަރެންވެސް އުއްމީދުކުރަނީ ތިގޮތަށް.. އެކަމް އެ އަންހެނާއާ އެކީ އޭނައަށް ރަނގަޅު ދިރިއުޅުމެއް އުޅެވިދާނެހެން ހީވޭތަ؟ އެއީ ބޮޑު ކޫޑިއެއް.. މީހަކާ އިނުމަކުން އެކަހަލަ މީހުންގެ ކަށީގަ ހިފާފަ ހުންނަ އާދަތަކަކަށް ބަދަލެއް ނާންނާނެ..” ލީން އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ.

“ތީވެސް މުޅިއަކުން ދޮގު ވާހަކައެއް ނޫން.. އެކަމަކު އެހެނޭ ކިޔާފަ އަހަރެމެން ވަކި ކީއްކުރާނީ؟ އެއީ ކިޔާންގެ ދިރިއުޅުމެއްނު.. ބަހައްޓާ..”

“އަހަރެންވެސް ހުރީ އަޅާނުލަންކަމަށް.. އެކަމް ޔާންއަކީ އަހަރެމެންނާ ނުލާހިކު ކްލޯސް ފްރެންޑެއް ވީމަ ހަމަ ބެހެވެނީ.. އޭނަގެ ދިރިއުޅުން ހަލާކުވާން ބޭނުންނުވާތީ..” ލީން ބުނެލިއެވެ.

“އޭތް ލީން.. ފަހުން ގުޅާނަން އިނގޭ.. ޔޫޝައުއާ އެކީ ބޭރަށް ދާންވެގެން މިއުޅެނީ.. ފެންވަރަން ވަންނަން އުޅެނިކޮށް ތި ގުޅީ.. މިހާރު ހަތަރެއްވެސް ޖަހާ ބޮޑުވީ.. އޭނަ އަންނާނެ ހަތަރު ގަޑި ބައިގަ.. އޭރަށް ރެޑީވާން ޖެހޭނެއެއްނު..” އައިކާ އަވަސްއަވަހަށް ބުނެލިއެވެ.

“ހޫމް.. އޭރުން އަވަހަށް ދޭ.. ސަނާއްތަމެން އަންނައިރު ހަދިޔާ ފޮނުވަން ހަނދާންކުރާތި!” ލީން އެހެން ބުނެލުމުން އައިކާ ހިނިގަނޑެއް ޖަހާލަމުން އޯކޭއޭ ބުނެލިއެވެ.

ހަތަރު ގަޑި ބައިވީއިރު ޔޫޝައު ހުރީ އައިކާ ބަލާ އައިހެވެ. އައިކާ ބޭރަށް ނުކުތް ވަގުތަކީ އައްޒާމް އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ. އޭނާ އައިކާއަށް ބަލާލިއިރު އައިކާގެ ނަޒަރު ހުއްޓިފައި ހުރީ މަގުގެ އަނެއް ފަޅީގައި ސައިކަލުގައި މަޑުކޮށްލައިގެން އިން ޔޫޝައުއަށެވެ. އައިކާ ގޮސް ޔޫޝައުގެ ސައިކަލު ފަހަތަށް އަރަމުން ގޭ ދޮރާއި ދިމާއަށް ބަލާލީ އައްޒާމް ހުރެދާނެކަމަކަށް ނޫނެވެ. ނަމަވެސް އައްޒާމް އޭނާއަށް ބަލަން ހުރިތަން ފެނުމުން އޭނާގެ މޫނަށް ނުރުހުމުގެ އަސަރު ވެރިވިއެވެ. އެރޭގެ ހާދިސާއަށްފަހު އޭނާގެ ހިތުގައި އައްޒާމްއަށްޓަކައި ވަނީ ފޫހިކަން އުފެދިފައެވެ. އޭނާ ސައިކަލަށް އަރައި ހަމަޖެހިލާފައި ޔޫޝައުގެ ގައިގައި ބައްދާލަމުން އައްޒާމްއަށް ބަލާލިއެވެ. އެވަގުތު ޔޫޝައުގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނިފައި އައްޒާމްއަށް ދަތްކުނޑި ވިކާލެވުނެވެ. ސައިކަލު ދުއްވާލުމާއެކު އައިކާ އައްޒާމްއަށް ބަލާލާފައި އެއްމިޔަކަނުން ހީލުމުން އައްޒާމްއަށް އައި ރުޅީގައި އަތް މުށްކަވާލެވުނެވެ.

“މީ އަދި ހާދަ ގަދަވެގެން އުޅޭ އަންހެނެކޭ ދޯ.. ހުރެބަލަ ނިކަން.. ގަދަވެގެން އުޅޭ ރަހަ ފިލުވާލާނަން މިފަހަރު..” އައްޒާމް ފާރުގައި ގޮށްމުށުން އެތިފަހަރެއް ޖެހުމަށްފަހު ހަރު ފިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. އައްޒާމް ގޭތެރެއަށް ވަތްއިރު ސިޓިންގރޫމުގައި އެއްވެސް މީހަކު ނެތްކަން އެއީ ނަސީބެކެވެ. ނޫންނަމަ އޭނާއަށް އެ ރުޅިގަނޑު އެމީހަކަށް ބޭލުނީހެވެ. އައްޒާމް މަޑުވެސް ކޮށްނުލާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ.

“ހެލޯ! އޭތް ބްރޯ.. އެބަ ބޭނުންވޭ ކުޑަ ހެލްޕެއް.. މިއުޅެނީ މާ ފުއްޕައިގެން އުޅޭ އަންހެން ގޮލައެއް ސައިޒްކޮށްލަން ޖެހިގެން.. އެކަމަކު އަހަރެން ބޭނުންވަނީ ވަރަށް ސިއްރުން މިކަން ކޮށްލަން.. އެހެން އެއްވެސް މީހަކަށް އެއީ އަހަރެންގެ ކަމެއްކަން ޝައްކުވެސް ނުވާނެހެން..” އައްޒާމް ފޯނުން އޭނާގެ ރައްޓެއްސަކާ ފޯނުން ވާހަކަދެއްކިއެވެ. ފަސްވަރަކަށް މިނެޓް ވަންދެން ސިއްރު ވާހަކަތަކެއް ދެއްކުމަށްފަހު ފޯނު ބޭއްވިއިރު އައްޒާމްގެ މޫނުމަތީގައިވަނީ ނުލަފާ ހިނިތުންވުމެކެވެ.

**********

ޔޫޝައު އައިކާ ގޮވައިގެން ދިޔައީ ރަސްފަންނުގެ ހިތްގައިމު މާހައުލަށެވެ. ހަވީރުގެ ވަގުތުކަމުން އެ ސަރަހައްދުގައި އާދަޔާ ޚިލާފަށް މީހުން ގިނައެވެ. ނަމަވެސް ތާޒާ ވައިރޯޅިތަކުން ހިތަށް ހަމަޖެހުން ލިބުމުން އައިކާ ފުން ނޭވައެއް ދޫކޮށްލިއެވެ.

“ހޫމް.. އެހާ ވަރަކުން ކޮން ވާހަކައެއް ދައްކާށޯ ތިއުޅެނީ؟” ޔޫޝައު ސަމާސާކޮށްލިއެވެ.

“މީ އަހަރެން ވަރަށް ސީރިއަސްކޮށް ދައްކާ ވާހަކައެއް އިނގޭ.. ޔޫޝްވެސް މިކަމާ ސީރިއަސްވެ، މިކަމާ ދެކޮޅު ނުހަދާނެކަމަށް އަހަރެން އުއްމީދުކުރަން..” އައިކާ އެހެން ބުނެލުމުން ޔޫޝައު އައިކާއަށް ބަލާލީ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.

“އަހަރެން ބުނަން އުޅުނީ އަހަރެން އަދި ކިޔަވަން ބޭނުމޭ..”

“ދެން ކައިވެންޏޯ؟” ޔޫޝައު ކުޑަކޮށް ހިތްހަމަނުޖެހިފައި އަހާލިއެވެ.

“އިހަށް އަހަރެން ދައްކާ ވާހަކަ ނިމެންދެން އަޑުއަހާބަލަ..” އައިކާ ޔޫޝައުގެ އަތުގައި ހިފާލުމުން ޔޫޝައު ބޯޖަހާލިއެވެ.

“އަހަރެން ނުބުނަމެއްނު ކައިވެނި ލަސްކުރާކަށް ނޫނީ ނުކުރާނަމެކޭ.. އަހަރެން މި ބުނަން އުޅެނީ ކައިވެނި ކުރެވުނަސް އަހަރެން އެހާ އަވަހަށް ކުއްޖަކު ހޯދާކަށް ބޭނުމެއް ނޫނޭ..” އައިކާ އެހެން ބުނެލުމުން ޔޫޝައުއަށް އޭނާގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އައިކާ އެ ދައްކާ ވާހަކަ އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ.

“އިކާ! ތީ ސަމާސާއެއްތަ ނޫނީ ސީރިއަސްކޮށް ބުނާ އެއްޗެއްތަ؟” ޔޫޝައު ބޭނުންވީ އައިކާ އެހެން އެބުނި ނިޔަތް ޔަޤީންކުރާށެވެ.

“އަހަރެން ސީރިއަސް..” އައިކާގެ ޖަވާބު ވަރަށް ކުރެވެ.

“އިކާ! ކީއްވެ ދައްކާ ވާހަކައިގެ ރާގު މިނެޓުން މިނެޓަށް ބަދަލުވަނީ؟ މިހާ ދުވަސް ވަންދެން ކިޔަނީ މެރީކޮށްގެން އަވަހަށް ދަރިއަކު ހޯދާ ވާހަކަ.. އެއްކުއްޖަކު ހޯދާފަ ދެން އިތުރު ކުއްޖަކު ހޯދުން ލަސްކޮށްލާނީކަމަށް.. މިހާރު ތިކިޔަނީ ކީކޭ؟” ޔޫޝައު ވަރަށް ހިތްހަމަނުޖެހުނެވެ.

“އަހަރެންނަށް އެނގޭ ޔޫޝް ވަރަށް ދަރިއަކު ބޭނުންކަން.. އަހަރެންވެސް ބޭނުން.. އެކަމަކު އަހަރެން ބޭނުން އިތުރަށް ކިޔަވަން.. މިޒަމާނުގަ އަންހެނުންނަކަސް ޖެހޭނެ ރަނގަޅަށް ކިޔަވަން.. އަހަރެމެންނަށް ލިބޭ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ ރަނގަޅު ތަޢުލީމެއް ހޯދައިދެވޭނީވެސް އަހަރެމެންނަކީ ރޯ ފިލާފައިވާ ބަޔަކަށްވެގެން..” އައިކާ ވާހަކަދެއްކީ ވަރަށް ވިސްނުންތެރިކަމާއެކުއެވެ.

“އެކަމަކު އިކާ ކުރިން ތިވާހަކަ ބުނިނަމަ..”

“މާނައަކީ ޔޫޝް އަހަރެންނާ މެރީކުރަން ތިއުޅެނީ ހަމައެކަނި ދަރިއަކު ހޯދަންވެގެންނޭ ދޯ؟” އައިކާ އެހެން އަހާލުމުން ޔޫޝައު ބޯ ހޫރާލިއެވެ.

“ނޫން.. ހަމައެކަނި އެހެންވެއެއް ނޫން.. އަހަރެންނަށް އިކާގެ މިޒާޖާ ހުރިހާ ކަމެއްވެސް ކަމުދިޔައިމަ އެކުގަ ރީތި ދިރިއުޅުމެއް އުޅެންވެގެން.. ޕްލަސް ދަރިއަކު ބޭނުންވާތީއާވެސްއެކު.. އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ކުއްޖަކު ހޯދަން.. އަހަރެން އެކަމަށް އެދިއެދި ހުންނަތާ ލައްކަ ދުވަސްވެއްޖެ.. އަދި އެއީ އަހަރެންގެ މަންމަގެވެސް ވަރަށް ބޮޑު ހުވަފެނެއް.. މަންމަގެ ދުނިޔޭގަ މަންމައަށް މާމަ ދަރިއަކު ލިބުން.. އަހަރެން އުއްމީދުކުރަން އިކާ އަހަރެންގެ އުއްމީދުތައް ފެނަށް ދުއްވާނުލާނެކަމަށް..” ޔޫޝައު މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. އައިކާ އެއްޗެކޭ ނުބުންޏެވެ. އޭނާ އިނީ ފުން ވިސްނުމެއްގައެވެ.

“އިކާ ބޭނުމިއްޔާ ދަރިއަކު ހޯދިޔަސް ކިޔެވިދާނެ.. އަހަރެން އިކާއަށް އެފުރުސަތު ފަހިކޮށްދޭނަން.. އިކާ ބޭނުން ތާކުން ކިޔެވޭނެގޮތް އަހަރެން ހަދައިދޭނަން.. އިކާއަށް ދަތިވިޔަ ނުދޭން އަހަރެން އިކާއާއެކު ދިރިއުޅުން ބަދަލުވެސް ކޮށްފާނަން.. ލަމްހާވެސް ގޮވައިގެން.. އޭރުން އިކާ ކިޔެވުމުގައި ހޭދަކުރާ ވަގުތުގަ ލަމްހާއަށް ދަރިފުޅު ބެލޭނެ.. އަހަރެންވެސް ހުންނާނަން.. މަންމަވެސް ހުންނާނެ..”

“އެކަމަކު އަހަރެން ހިތަށްއަރަނީ ދަރިއަކު ވިހާ ހިސާބުން ޔޫޝްއަށް އަހަރެންގެ ބޭނުން ކެނޑޭނެޔޭ.. އަހަރެން މަތިން ފޫހިވާނެޔޭ.. އޭރުން އަހަރެން ބާކީވާނެޔޭ.. އޭރުން އަހަރެންނަށް އަހަރެންގެ ޅަދުވަސް ގެއްލުނީ.. ދަރިފުޅުގެ މުސްތަޤުބަލުވެސް ގެއްލުނީ.. އޭރުން އަހަރެންނަށް ނުކިޔެވުމުގެ ހިތިކަން އޮންނާނީ ފެންނަން..” އައިކާ އޭނާގެ ހިތަށް އަރާ ފައިބަމުންދާ އެއްޗެހިތައް ބޭރުކޮށްލިއެވެ.

“އިކާ! އިކާ އަހަރެންނާ ދޭތެރޭ ތިކަހަލަ ގޮތަކަށް ތި ވިސްނީ ކީއްވެ؟ އިކާއަށް ހީވަނީތަ އަހަރެން އިކާއާ މި އިންނަނީ ހަމައެކަނި އިކާގެ ބޭނުން ހިފާލާށޭ؟ އެހެންނަމަ މިހާރުވެސް އެކަން ކުރެވުނީސް.. އެކަމް އަހަރެންނަކީ އެހާ ނުބައި މީހެއް ނޫން.. އަހަރެން އިކާގެ ނުރުހުމުގަ އިކާ ގައިގަ އިނގިލި ކުރިވެސް ޖައްސާލާފައެއް ނޯންނާނެ.. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާވެސް އަހަރެން ހުންނާނީ މިގޮތުގެ މަތީގަ.. އިކާއަށްވެސް އަދި އަހަރެންނަށްވެސް ރަނގަޅަކަށް އަވަހަށް ކައިވެނި ކުރަން މި ނިންމީ.. އަހަރެންގެ ނަޒަރުގަ އަންހެނުންނަކީ ވަރަށް މަތިވެރި ބައެއް.. ވަރަށް ޢިއްޒަތާ ޤަދަރު ދޭންޖެހޭ ބައެއް.. އެހެންވެ އަހަރެންނަށް އިކާގެ ޢިއްޒަތަށް ހުތުރުވާ ކަހަލަ ކަމެއް ކުރެވިދާނެތީ އަވަހަށް ކައިވެނި ކުރަން ބޭނުންވަނީ.. ދެން ކީއްވެ އިކާ އަހަރެންނާ ދޭތެރޭ ތިހާ ގޯސްކޮށް ތި ވިސްނީ؟ މި ހުރިހާ ދުވަހު އެކީ އުޅުނުއިރުވެސް އިކާއަށް އަހަރެންނަށް އިތުބާރު ނުކުރެވެނީތަ؟” ޔޫޝައު ދެރަވެފައި ވާހަކަދެއްކި ގޮތުން އައިކާވެސް ދެރަވިއެވެ.

“ނޫން ޔޫޝް.. އަހަރެން ޔޫޝްއަށް އިތުބާރުކުރަން.. އަހަރެންނަށް އެކަހަލަ ގޮތަކަށް ވިސްނުނީ އަހަރެންގެ ލޮލަށް ފެނިފަ ހުރި ބައެއް މަންޒަރުތަކުން.. އަހަރެންނަށް މާފްކުރޭ.. ދެން ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކާނަން.. އަހަރެން ޔޫޝް ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭނަން..” އައިކާ ޔޫޝައުގެ ފުރަގަހުން ބައްދާލަމުން ރޯން ފެށިއެވެ.

“ޕްލީޒް އިކާ.. ނުރޮއިބަލަ.. މިތާގަ ތިބި މީހުންވެސް މިހާރު އެ ބަލަނީ މިދިމާ.. އެމީހުން ކީކޭ ހީކުރާނީ؟ އަވަހަށް ހުއްޓާލާ.. އަހަރެން އެހެން ބުނީ އިކާ ދެރަކުރާކަށް ނޫނޭ.. އިކާ އެގޮތަށް ވާހަކަދެއްކީމަ ދެރަވެގެން އެހެން ވާހަކަ ދެއްކުނީ.. ސޮރީ ޑާރލިންގ..” ޔޫޝައު އައިކާގެ ދެލޯ ފޮހެލައިދެމުން ބުނެލިއެވެ.

“ސޮރީ!”

“އިޓްސް އޯކޭ ޑާރލިންގ.. ދެން ހިނގާ ދަމާ..” ޔޫޝައު ބުނެލިއެވެ.

“ހިތްހަމަނުޖެހިފަތަ؟” ޔޫޝައު އެހާ އަވަހަށް ދާން އުޅޭތީ އައިކާ އަހާލިއެވެ.

“ނޫން.. އެކަމް ދެރަވެފަ..”

“އަހަރެން ޔޫޝް ބޭނުންވާ ކަންތައް ކޮށްދޭނަމޭ.. ހަމަ ކޮށްދޭ ހިތުން..” އައިކާ ހިނިތުންވެލަމުން ބުނެލިއެވެ.

“އަސްލުވެސްތަ؟ ހަމަ ބުނި ކޮންމެ ކަމެއްވެސް ކޮށްދޭނަންތަ؟” ޔޫޝައު އައިކާއަށް ބަލާލަމުން ލާނެތް ގޮތަކަށް އަހާލިއެވެ.

“އާނ..” އައިކާ ވިސްނާލުމެއްވެސް ނެތި ބުނެލިއެވެ.

“އެހެންވިއްޔާ އަވަހަށް ހިނގާ..” ޔޫޝައު އެހެން ބުނެލުމުން އައިކާއަށް ޔޫޝައު ބުނި ބަހުގެ މާނަ ވިސްނުނެވެ.

“ނޯ ނޯ.. އަދި ފަސްދުވަސް ފަހުން..” އައިކާ އެހެން ބުނެލަމުން ދުއްވައިގަތުމުން ޔޫޝައުވެސް ދުއްވައިގަތެވެ. ދެމީހުން ސައިކަލާއި ހަމައަށް ދެވުނުއިރު ވަރުބަލިވެއްޖެއެވެ.

“މުޅިން ވަރުބަލިވެއްޖެ.. މީ ޔޫޝްގެ ކަންތަކޭ.. ހެދުންވެސް ގައިގަ ތަތްލާ އެބަ.. ހިނގާ އަވަހަށް ގެއަށްދާން.. ފެންނުވަރާ ހިތްހަމައެއް ނުޖެހޭނެ ދެން..” އައިކާ އަނގައަށް ފޫހި ވައްތަރެއް ޖައްސާލިއެވެ.

“ބުރެއް ޖަހާލާފަ ދޯ ދާނީ.. އޭރުން ފިނިވެގެން ގެއަށް ދެވޭއިރަށް ހުންނާނީ އޯކޭވެފަ..” ޔޫޝައު އެހެން ބުނެލުމުން އައިކާވެސް އެންމެ ރަނގަޅޭ ބުނެ އެއްބަސްވިއެވެ. މާލެ ވަށާ ބުރެއް ޖަހާލުމަށްފަހު ޔޫޝައުއަށް އައިކާ ގޮވައިގެން ގެއަށް ދެވުނީ މަޣްރިބު ނަމާދު ބަންޤި ގޮވަނިކޮށެވެ. އެއަށްވުރެ އަވަހަށް ދާން ބޭނުންވީނަމަވެސް ޓްރެފިކް ބާރުބޮޑުކަމުން ވީވަރެވެ.

އައްޒާމް ބެލްކަންޏަށް ނުކުތް ވަގުތު ޔޫޝައުގެ ސައިކަލުން އައިކާ ފައިބަނިކޮށް ފެނުމުން ބަލަން ހުރެވުނެވެ. އެދެމީހުން ނުހަނު ގުޅޭކަން އައްޒާމްވެސް ޤަބޫލުކުރެވުނެވެ. ޔޫޝައުގެ ނަސީބާއިމެދު އޭނާ އިންތިހާއަށް ހަސަދަވެރިވިއެވެ. ކޮންމެ ގޮތެއްވިޔަސް އައިކާފަދަ ތާޒާ މަލަކުން ފުރަތަމަ ފޮނިކޮޅު ބޯލެވެން ޖެހޭނީ އޭނާއަށެވެ. އެހެން މާބުރަކަށް އެމަލުން އުފަލެއް ހޯދެން ޖެހޭނީ އޭނާއަށްފަހުއެވެ. އައްޒާމް ބެލްކަނީގެ ރެއިލިންގގައި އަތުން ޖަހާލަމުން އެތެރެއަށް ވަނެވެ.

**********

މާޒް އަތިރިމަތީގައި އިނީ އޭނާގެ ދިރިއުޅުމާއިމެދު ވިސްނާލުމަށެވެ. އައިކާ އޭނާއާއި އެހާ ދުރުވެދާނެ ކަމަކަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ނަމަވެސް އައިކާ މާލެ ދިޔަ ހިސާބުން އޭނާއާއި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އެއްކޮށްހެން ކެނޑިގެން ދިޔައީއެވެ.

އިރުއޮއްސި އަނދިރިވީ ފަހުން މާޒް ގެއަށް ދާން ހިނގައިގަތެވެ. އޭނާގެ ގެއާ ނުހަނު ގާތްވެފައި ވަނިކޮށް ލިހާމްއާ ދިމާވިއެވެ. މާޒް އުޅުނީ ލިހާމް އެއްޗެކޭ ބުނުމުގެ ކުރިން ގެއާ ހަމައަށް ފޯރާތޯއެވެ. ނަމަވެސް އޭގެ ކުރިން ލިހާމް ސައިކަލުގައި އައިސް މާޒްގެ ކައިރިއަށް މަޑުކޮށްލިއެވެ.

“މަޑުކޮށްލަބަލަ.. އަހަރެން އެބައޮތޭ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެފަ..” ލިހާމްގެ އަޑުގައިވާ މަލާމާތުގެ އަސަރު މާޒް ދެނެގަތެވެ.

“ލިހާމް އަހަރެންނާ ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ.. ބޭކާރު ކަންތައް ކުރަން ނޫޅުނިއްޔާ ރަނގަޅުވާނީ..” މާޒް އެހެން ބުނެލުމަށްފަހު ގެއާ ދިމާއަށް ހިނގައިގަތެވެ.

“އަހަރެންނަށް މިހާރު ވިސްނިއްޖެ.. ހިނގާ މިގޮތް ދޫކޮށްލާފަ ދެމީހުން ފްރެންޑްވަމާ..” ލިހާމްގެ އަޑަށް މާޒް ފަސްއެނބުރި ބަލާލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ލިހާމްގެ ގާތުގައި މަޑުކޮށްލިއެވެ.

“އަހަރެން ވަރަށް އުފާވެއްޖެ.. އަހަރެންނަށް އޭރުވެސް އެނގުނު މާޒް އަހަރެންނަށް މާފްކޮށް އަހަރެންގެ ފްރެންޑް ރިކުއެސްޓް ޤަބޫލުކުރާނެކަން.. އަހަރެންނަށް ކުރިން ނުވިސްނުނީ.. ރަށު ރައްޔިތުން ބަދަލުވީއިރުވެސް ގޮތް ދޫނުކުރަންވެގެން ހުރެވުނީ.. އައިމް ސޮރީ ބްރޯ..” ލިހާމް އޭނާގެ މަކަރުވެރިކަން ފޮރުވަމުން ވާހަކަދެއްކިއެވެ.

“ހުއް.. ކަލޭ ހީކުރީ އަހަރެންނަކީ މޮޔައެއް ކަމަށްތަ؟ ހީނުކުރައްޗޭ އަހަރެންނަށް ކަލޭގެ މަކަރު ނޭނގޭނެޔޭ.. ކަލޭ ތީ ދުވަހަކުވެސް އަހަރެންނަށް އަދި އަހަރެންގެ އާއިލާއަށްވެސް ހެޔޮއެދޭނެ މީހެއް ނޫންކަން އަހަރެންނަށް އެނގޭ.. އެކަން ކަލޭ އޮތީ ވަރަށް ރަނގަޅަށް ސާބިތުވެސް ކޮށްދީފަ.. މިވީހާ ދުވަހު އަހަރެންނަށް އެކި ގޮތްގޮތުން ޖެއްސުންކޮށް މަލާމާތް ކުރަމުން ހިނގިކަން އެއީ އެކަމުގެ ހެއްކެއް.. އެހެންވީމަ ކަލޭގެ ތި މޮޅެތި ޑައިލޮގުތައް އަޑުއަހާކަށް އަހަރެންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް.. ކޮންމެވެސް އެހެން މީހެއްގެ ބޮލަށް އެރެވޭތޯ ދާންއުޅޭ..” މާޒް އޭނާ ކިޔަން ބޭނުންވާހާ އެއްޗެއް ކިޔާފައި އަނެއްކާވެސް ގެއާ ދިމާއަށް ހިނގައިގަތެވެ.

“އެނގޭތަ މި ފެށޭ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އައިކާއާ ޔޫޝައުގެ ކައިވެނި އޮންނަކަން؟” ލިހާމްގެ އެންމެ ޖުމްލައަކުން މާޒްގެ ދެފައިގައި ކަސްތޮޅެއް އެޅުނު ފަދައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ލިހާމްއާ ދިމާއަށް ބަލާވެސްލެވިއްޖެއެވެ.

“ނޭނގޭ ދޯ؟ އައިކާއެއް ނުބުނޭތަ؟ ވާން އުޅެ ނުވި މައިދައިތަވެސް ނުބުނޭތަ؟ ކިހާ ދެރަ.. އެއިންވެސް އެނގެނީ އެމީހުންނަށް ކަލޭގެ އެއްވެސް އަގެއް ނެތްކަން.. ކީއްކުރާނީ؟ ކަލޭގެ ކާފަގެ ސަބަބުން ކަލޭގެ މުޅި އާއިލާއަށް ވަނީ އޭގެ ސުންޕާ ހިޔަނި އެޅިފަ.. އެކަމާ ހެދި ކަލޭ ހުރިހާ ޚަރަދެއް ކޮށްދިން އައިކާވެސް ކަލޭގެ ލޯތްބަށް ފުރަގަސްދީ އެ އިންނަނީ މާލޭގެ މުއްސަންޖަކާ.. ކީއްކުރާނީ؟ ކަލޭ ފަސް އަހަރު ވަންދެން ކުރި އިންތިޒާރު ބޭކާރު..” ލިހާމްގެ މަލާމާތްތަކަށް މާޒްގެ ފަރާތަކުން އެއްވެސް ރައްދެއް ނުލިބުނެވެ.

“އެކަމަކު ކަލޭ ބުނިން ދޯ އައިކާ ހާސިލްކޮށްފަ ނޫނީ ހުއްޓައެއް ނުލާނަމޭ.. އޭރުވެސް އަހަރެން ނުބުނަންތަ ތީ ބޭކާރު ކަމެކޭ.. ތިކަމެއް ކަލޭއަކަށް ނުވާނެޔޭ.. އޭރުވެސް އަހަރެން ބުނި ބަސް ޤަބޫލުކޮށްގެން ހުރިނަމަ މިއަދު ތިހެން ހިތް ކުދިކުދިވެގެން ދާކަށް ނުޖެހުނީސް.. އަދިވެސް އުޅޭތި މާ މޮޅު، މާ ގަދަ މީހަކަށް ވެގެން.. ތާހިރު ވެއްޖެއެއްނު.. މިހާރު ހުންނާނީ އައިކާ ލިބިފަ.. ދެންވެސް ރަނގަޅުވާނީ ކަލޭ އައިކާއާ ދުރުގަ ހުރިއްޔާ..” ލިހާމް އަދިވެސް ހުއްޓާލާކަށް ގަސްތެއް ނުކުރެއެވެ.

“އައިކާ އުފަލުގަ ހުރިއްޔާ އަހަރެން ހުންނާނީ އުފަލުން.. އެކަމަކު އަހަރެންގެ އުމުރު ހުސްވަންދެންވެސް އަހަރެން ހުންނާނީ އައިކާގެ އިންތިޒާރުގަ..”

“ކަލޭ އުމުރު ދުވަހު ތެޅުނަސް އައިކާއެއް ނުލިބޭނެ.. އެއަށްވުރެ މާ ރަނގަޅުވާނެ ކަލޭ އެ ނާޒްއާ އިނަސް..” ލިހާމް މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“އަހަރެންނަށް ރަނގަޅުވާނެ ގޮތާއި ނުބައިވާނެ ގޮތް ކިޔައިދޭކަށް ލިހާމްއަކަށް ނޭނގޭނެ.. އެހެންމީހުންގެ ދިރިއުޅުމަށް ފާޑުކިޔުމަށްވުރެ މާ ރަނގަޅުވާނެ އަމިއްލަ ދިރިއުޅުން އުޖާލާކުރަން މަސައްކަތް ކުރިއްޔާ.. ގުޑް ލަކް!!” މާޒް އެހެން ބުނެލުމަށްފަހު މަޑުވެސް ކޮށްނުލާ ގޮސް އޭނާގެ ގެއަށް ވަނެވެ. އޭނާ ގޮސް ގޭތެރެއާ އަރާ ހަމަވީއިރު ސިޓިންގރޫމުގައި ރަމްޒިއްޔާއާއި މަންސޫރު ތިބީ މާޒްގެ އުޅުމަށް އައިސްފައިވާ ބަދަލުތަކާއި ބެހޭގޮތުން ވާހަކަދައްކާށެވެ.

“މަންސޫރު! މާޒް ވަރަށް ބޮޑަށް ބަދަލުވެއްޖެ.. ރަނގަޅަކަށް ނުވެސް ކައި.. ހީވަނީ ރޭގަނޑު އުޅެނީވެސް ނުނިދާހެން.. ދުވާލު ނިދާ ވަގުތު ގިނަ.. އޭނައަށް އަހަރެމެންގެ ހަޤީޤަތް އެނގުނު ފަހުން އަހަރެމެންނަކާ އެހާ ވާހަކައެއްވެސް ނުދައްކާ.. އަހަރެންނަކަށް މިހެނެއް ކެތެއް ނުކުރެވޭނެ.. މިހެން ވާނެކަން އެނގޭތީ އަހަރެން އޭރުވެސް އެވާހަކަ ނުދައްކަން ހުރީ..” ރަމްޒިއްޔާގެ ލޮލުން ކަރުނަ ހިލުނީ ބަސްބުނާހާ ހިނދުންނެވެ.

“ރަމްޒިއްޔާ! ނުރޮއި.. މާޒްއަށް އަދި ވަގުތު ބޭނުންވާނެ.. ރަމްޒިއްޔާވެސް ވިސްނާލަބަލަ.. އުމުރު ދުވަހު އަހަރެމެންނަށް މިކަން ސިއްރު ކުރެވޭނެތަ؟ އެހެން މީހެއްގެ ފަރާތުން މިކަން އެނގުނީމަ އޭނަގެ ހިތް އަހަރެމެންގެ މައްޗަށް މާ ގޯސްވާނެ.. އެހެންވެގެން އަހަރެން މިވާހަކަ ދައްކަން ބޭނުންވީ.. އަހަރެން ބޭނުންނުވީ އުމުރު ދުވަހު އޮޅުވާލުމެއްގެ ތެރެއިން ދަރިއެއްގެ ވިޔަސް ލޯބި ހޯދަން.. އަހަރެންގެ ހިތް ބުނަނީ މާޒްއަށް އަހަރެމެން މި ކަންތައް ކުރީ ހަމަ އެންމެ ރަނގަޅަށްކަން ވިސްނޭނެޔޭ.. އޭނައަކީ އެހާ ނުވިސްނޭ ކުއްޖެއް ނޫން.. އަހަރެންނަށް ހީވަނީ މާޒްއަށް އައިސްގެން އެއުޅޭ ބަދަލުތަކަކީ ހަމައެކަނި މި ހަޤީޤަތުގެ ސަބަބުން އައިސްގެން އުޅޭ ބަދަލުތަކެއް ނޫންހެން.. މިކަމާ އައިކާއާވެސް ގުޅުން އެބަހުރިކަމަށް އަހަރެންގެ ހިތް ބުނަނީ..” މަންސޫރުގެ ވާހަކައަށް ރަމްޒިއްޔާވެސް ބޯޖަހާލިއެވެ.

“އާނ.. ހަމަ ޔަޤީން.. އަޅެ އައިކާ މާޒްއާ ގުޅުނުނަމަ.. އަދި އިރާދަކުރެއްވިއްޔާ އައިކާ އަހަރެމެންގެ ދަރިއެއްގެ ގޮތުގަ މިގެއަށް އަންނާނެ..” ރަމްޒިއްޔާ އެތައް ދުވަހަކުއްސުރެ އޭނާގެ ހިތުގައި އޮތް ވާހަކައެއް ބުނެލިއެވެ.

“ނޫން މަންމާ.. އިކާއެއް ދުވަހަކުވެސް ނާންނާނެ.. މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ އިކާގެ ކައިވެނި އޮތީ.. މަންމާ! ބައްޕާ! އަހަރެންނަށް މާފްކުރޭ.. އަހަރެންނަށް ވަރަށް ގިނަ ދުވަހު މަންމަމެން ހިތުގަ ޖެއްސިއްޖެ.. ހިތް ހިލަކޮށްގެން ލައްކަ ދުވަހު އުޅެވިއްޖެ.. އަހަރެންނަށް މާފްކުރޭ.. އަހަރެންގެ ގަޔަކު އިތުރަށް ކެތްކުރާނެހާ ހިތްވަރެއް ނެތް.. އަހަރެންނަށް ހިތްވަރުދީ.. އަހަރެންނަކީ ފިސާރި ހިތްވަރުގަދަ ފިރިހެނަކަށް ހަދައިދީ..” މާޒް އެތެރެއަށް ވަދެގެން ގޮސް ރަމްޒިއްޔާގެ އުނގުގައި ބޯޖަހައިގެން މުށިތަކު މަތީ އިށީނެވެ. ބޮޑުވެފައިހުރި ފިރިހެން ދަރިއަކު އެގޮތަށް ރޯތަން ފެނުމުން ރަމްޒިއްޔާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާއަށްވެސް ރޮވިއްޖެއެވެ. މަންސޫރުއަށްވެސް މާޒްގެ ހާލު ފެނިފައި ފެންކަޅިވިއެވެ. އުފަން ދަރިއަކަށް ނުވިނަމަވެސް އޭނާ މާޒް ގެންގުޅުނީ ބައްޕައަކު އުފަން ދަރިއަކުވެސް ގެންގުޅޭނެހާ ލޯބިންނެވެ.

“ދަރިފުޅާ! ހިތްވަރުކުރޭ.. ކެތްތެރިވޭ.. ދިރިއުޅުމުގަ ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ.. އެކަންތައްތަކަށް ކެތްކުރުމަކީ އަހަރެމެން ކުރަންޖެހޭ ކަމެއް.. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ދަރިފުޅާ..” މަންސޫރު މާޒްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

**********

“މަންމާ! ކުއްލިއަކަށް އަހަރެން ފުރަން ޖެހިއްޖެ..” ރޭގަނޑު ކެއުމުގެ ވަގުތުގައި އައްޒާމް ބުނެލިއެވެ.

“އެކަމަކު ދަރިފުޅު ބުނީމެއްނު އެއްކޮށް ނިންމާފަ ނޫނީ ނާންނާނަމޭ.. ދެން ކީއްވެ އަނެއްކާ ފުރަން ޖެހުނީ؟” ޒިދުނާ ހައިރާންވެފައި އަހާލިއެވެ.

“އެއީ ކިޔެވުމުގެ ކަމަކު ނޫނޭ.. މަންމަ ގާތު ބުނީމެއްނު އެކޮޅުގަ އުޅުނުއިރު އަހަރެންގެ ބެސްޓް ފްރެންޑް ހުމާމްގެ ވާހަކަ.. އޭނަގެ ވެޑިންއަށް.. އޭނަ އަހަރެން އަޔަސް ނުދޭން ވަރަށް މަސައްކަތްކުރި.. އެކަމު އަހަރެން އޭނަގެ ވެޑިންއަށް ދާނެކަމަށް ބުނެ ވަޢުދުވެފަ އައީ.. އެހެންވީމަ ދާންވާނެއެއްނު ދޯ..” އައްޒާމް އޮޅުންފިލުވައިދިނެވެ.

“ދެން އެހާ ކުޑަ ދުވަސްކޮޅެއް އޮއްވާ ކީއްކުރަން ތިއައީ؟ ދަރިފުޅާ! ބައްޕަ ބުނަންތަ ވާހަކައެއް.. ފައިސާ ހުއްޓަކަސް ޚަރަދަށްވެސް ކޮންމެވެސް ވަރަކަށް ބަލާލަންވާނެ..” އާސިފްގެ ވާހަކަ ހުރިގޮތުން އައްޒާމް ވަރަށް ހިތްހަމަނުޖެހުނެވެ. އޭނާ އަބަދުވެސް އާސިފްގެ އެފަދަ ނަސޭހަތްތަކުން ރުޅިއާދެއެވެ. އޭނާގެ ނަޒަރުގައި ފައިސާ ހުރިއްޔާ ވިސްނަންޖެހޭ އެއްވެސް ކަމެއް ނޯންނާނެއެވެ. އޭނާއަށްޓަކައި ފައިސާ ހޯދަން ބައްޕަވެސް އެހުރީ ނޫން ހެއްޔެވެ؟

“ބައްޕާ! އަނެއްކާވެސް އެވާހަކަ..”

“ދަރިފުޅާ! އެވާހަކަ ދައްކަން ޖެހެޔޭ.. މިހާރު ބައްޕަ މި ދައްކާ ވާހަކައަކީ ދަރިފުޅަށް ބޭކާރު ވާހަކައަކަށް ވިޔަސް ފައިސާ ނެތް ދުވަހަކާ ކުރިމަތިލާން ޖެހިއްޖެއްޔާ ދަރިފުޅަށް ވިސްނޭނެ ބައްޕަ މިބުނާ ވާހަކަ..” އާސިފް ބެލީ އައްޒާމްއަށް ވިސްނައިދެވޭތޯއެވެ.

“އަސްލު ވީގޮތަކީ އޭނަގެ ވެޑިން އޮތީ އަންނަ މަހު.. އެކަމު ކޮންމެވެސް ކަމެއް ދިމާވެގެން ކައިވެނި އަވަސްކުރި ވާހަކަ ބުނީ.. ވަޢުދެއް ވެފަ ވަޢުދު އުވާލާކަށް ނުވާނެއެއްނު ދޯ ބައްޕާ..” އައްޒާމް އެހެން ބުނެލުމުން އާސިފްވެސް އެންމެ ރަނގަޅޭ ބުނެ އެވާހަކަ އޮއްބާލީ ޒުވާބުކުރަން ބޭނުން ނުވާތީއެވެ. އައްޒާމްއަށް ނަސޭހަތުގެ ގޮތުން އެފަދަ ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އެކަމެއް ނިމޭނީ ޒުވާބަކުންކަން އޭނާއަށް އެނގެއެވެ. އައްޒާމްގެ ވިސްނުން ހުންނަ ގޮތުންނެވެ. ވަގުތު ފާއިތުނުވަނީސް އައްޒާމްއަށް ވިސްނައިދޭން އޭނާ ބޭނުންވެއެވެ.

“ދެން ކޮންއިރަކުންތަ ފުރަނީ؟” ޒިދުނާ އަހާލިއެވެ.

“މާދަމާ ހެނދުނު އަށެއްގެ ފްލައިޓުން..”

ކައިގެން އައްޒާމް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެއަށްފަހު އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން ނެގީ ތަޅުދަނޑިއެކެވެ. އެއީ އައިކާގެ ކޮޓަރި ތަޅުދަނޑިއެވެ.

“މިރޭ އަންގާލާނަން އަހަރެންގެ އެންމެ އެދުމެއް ފުރިހަމަކޮށް ނުދިނީމަ ވާގޮތް..” އައްޒާމްގެ ހިތުގައިވަނީ ބަދަލު ހިފުމުގެ ރޫޙު އަށަގެންފައެވެ. ދުނިޔޭގައި އޭނާގެ ހުރިހާ އެދުމެއް ފުރިހަމަވަމުން އައިސް އޭނާގެ އެންމެ އެދުމެއް ފުރިހަމަނުވީތީ އެކަން އޭނާއަށް ހަޖަމުނުވީއެވެ.

ދަންވަރުގެ ވަގުތެވެ. އައިކާއަށް ނިދެމުން ގޮސް ރަނގަޅަށް ނިދި ހަރުވި ވަގުތު މަޑުމަޑުން ކޮޓަރި ދޮރު ހުޅުވުނެވެ. ކުއްލިއަކަށް އައްޒާމް ކޮޓަރިތެރެއަށް ދެމިގަނެފިއެވެ. އަރާމުކޮށް ނިދާލާފައި އޮތް އައިކާގެ ގާތުގައި އައްޒާމް ހުއްޓުނެވެ. އާދައިގެ މަތިން އައިކާ އޮތީ އޭނާ ނިދަންލާ ތުނި ހެދުން ލައިގެންނެވެ. ފަލަ މަސްގަނޑާއި ހަމައަށް އަންނަ ކުރު ނައިޓީގައި އައިކާ ފެނުމުން އައްޒާމްގެ ހިއްސުތަކުގައި ހުޅު ރޯވިއެވެ. ކުރެވެން މި އުޅެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭހާ ބޮޑަށް އޭނާ ވަނީ ބަދަލު ހިފުމުގެ ރޫޙުގައި ބަނދެވިފައެވެ. އޭނާ މަޑުމަޑުން ތިރިވެ އައިކާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. އެވަގުތު އައިކާއަށް ކުއްލިއަކަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެން މީހަކަށް ހޭލެވޭފަދަ ގޮތަކަށެވެ. އޭނާގެ ގައިމަތީގައި އޮތް އައްޒާމް ފެނުމުން ހަޅޭއްލަވައިގަންނަން ހުޅުވާލި އަނގަމަތީގައި އައްޒާމް އަތް އެޅިއެވެ.

“ހަޅޭއްލަވަން ހިތަށްވެސް ނާރުވާތި! އެހެންނޫނީ އަހަރެންގެ އަތުން އަނިޔާތަކެއް ލިބުން ނޫންކަމެއް ނުވާނެ.. އަހަރެންގެ ކުރިމަތީ ފުއްޕައިގެން އުޅޭ ކޮންމެ މީހަކަށްވެސް އަހަރެން އޭގެ ބަދަލު ދޭނީ ވަރަށް ހިތިކޮށް..” އައްޒާމްގެ ދުލުން ނުކުތް ވިހަ ބަސްތަކުން އައިކާގެ ހިތް ތެޅިގަތީ އިހުނަށްވުރެވެސް ބާރަށެވެ.

“ނޫން..” އައްޒާމް އައިކާގެ އަނގަމަތީ އަތް އަޅާފައިވާތީ އައިކާއަށް ރަނގަޅަކަށް ނުބުނެވުނެވެ.

“އަހަރެން ކަލޭ ކައިރީ ބުނީ އެންމެ ކަމެއް ކޮށްދޭން.. އެކަން ކަލޭ އަހަރެންނަށް ކޮށެއްނުދިން.. އެހެންވީމަ މިފަހަރު އެކަން ކުރާނީ ކަލޭގެ ނުރުހުމުގަ.. ގަދަކަމުން.. އަދި އެބައުޅެއެއްނު ފާޑެއްގެ ޔޫޝައުއަކާ އިންނަންވެގެން.. ބުނީމެއްނު ކަލޭ ވާނީ ހަމައެކަނި އެ ޔޫޝައުގެ ހައްޤަކަށޭ.. އޭނައަށް ނޫނީ ތި ހަށިގަނޑުން އުފަލެއް ނުލިބޭނެޔޭ.. މިފަހަރު ތިއެއް އަހަރެންވެސް ބަލާލާނަމޭ.. ތި ޔޫޝައުއެއްވެސް ކަލޭ މަތިން އުމުރަށް ފޫހިވާވަރު ކޮށްލާނަން.. މިފަހަރު ކަލޭއަށް ތި ކުޅެވުނީ އަލިފާނާ..” އައްޒާމް އެހެން ބުނުމާއެކުހެން އައިކާގެ ނައިޓީގެ ކަރުވަޅުގައި ހިފާ ދަމައިގަތެވެ. އެއާއެކު ހެދުމުގެ މޭމަތިން ބައެއް އިރައިގެން ދިޔަ ވަގުތު އައިކާ ގައިގައި ހުރި ބާރެއްލައި އައްޒާމް ކޮއްޕާލިއެވެ. އައިކާއަށް ދުއްވައިގަނެވުނީ ފާޚާނާއާ ދިމާއަށެވެ. ނަމަވެސް ފާޚާނާއަށް ނުވަދެވެނީސް އައްޒާމް އައިކާގެ އަތުގައި ހިފައި ދަމައިގަނެ ގެނެސް އެނދުމައްޗަށް ވައްޓާލިއެވެ.

ޒިދުނާއަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. އޭނާ އެނދުކައިރީ ހުރި ކުޑަ މޭޒަށް ބަލާލިއެވެ. ފެންފުޅި ނެތުމުން ރޭގައި އޭނާ ފެން ބަލައި ނުކުމެފައި ފުޅި ނުވެއްދޭކަން ހަނދާންވިއެވެ. އެހެންކަމުން އޭނާ ބަދިގެއަށް ދިއުމަށް ނުކުތެވެ.

“ދޫކުރޭ.. މަންމާ!” ޒިދުނާ އައިކާގެ ކޮޓަރި ހުރަސްކުރި ވަގުތު އައިކާގެ އަޑު އިވުނުހެން ހީވެގެން އޭނާއަށް ހުއްޓެވުނެވެ.

“ހަޅޭއްނުލަވާ!” އައްޒާމްގެ އަތުގެ ހޫނު ހަމަލާއެއް އައިކާގެ މޫނުމައްޗަށް އަރައިގެން ދިޔައެވެ.

“އަޅުތަކުންގެ ދުޢާ އައްސަވާ އިޖާބަކުރައްވާ ރަސްކަލާކޮ! މި ނުލަފާ އަނިޔާވެރިޔާގެ ކިބައިން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އާމީން!” އައިކާ ހިތާހިތުން ދުޢާކުރަމުންދެއެވެ.

އައްޒާމް އައިކާގެ ފަރާތުން އުފާ ހޯދުމަށް މަސައްކަތްކުރަމުން ދިޔައިރު އައިކާ ސަލާމަތްވެވޭތޯ ގަދަހަދަމުން ދިޔައެވެ. ނަމަވެސް އޭނާ ހިތްވަރު ދޫނުކޮށް ސަލާމަތްވާން މަސައްކަތްކުރަމުން ދިޔައެވެ. އައިކާގެ ގަދަހެދުންތަކުގެ ސަބަބުން އައްޒާމްއަކަށްވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. ހީވި ހީވުމެއްކަމަށް ބަލައި ބަދިގެއަށް ދާން ހިނގައިގަތް ވަގުތު އަނެއްކާވެސް އައިކާގެ އަޑު އިވުނެވެ. މިފަހަރު އޭނާއަށް އެއީ ހީވި ހީވުމެއް ނޫންކަން ޔަޤީންކުރެވުނެވެ. ހިތަށްއެރި އެއްޗެއްގެ ސަބަބުން އޭނާއަށް އަވަހަށް އައިކާގެ ކޮޓަރި ދޮރުގައި ހިފާލެވުނެވެ. ދޮރު ހުރީ ތަޅުލާފައެވެ.

“އައިކާ! އައިކާ!” ޒިދުނާ ދެފަހަރަކު ގޮވާލުމުންވެސް އައިކާގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަމުން ޒިދުނާ ދިޔައީ ތަޅުދަނޑިފަތި ބަލައެވެ. ގޭގެ ހުރިހާ ކޮޓަރިއެއްގެ ޑަބަލް ކީތައް ހުންނާނީ އޭނާގެ އަތުގައެވެ. ޒިދުނާ ތަޅުދަނޑިފަތި ބެލިއިރު އޭގައި އައިކާގެ ކޮޓަރި ތަޅުދަނޑިއެއް ނެތެވެ.

“ހަނދާންކުރާތި! އެއްވެސް އަޑެއް އިއްވާލައިގެން ނުވާނެ..” އައިކާގެ އަނގަމަތީ އަތް އަޅައިގެން އޮވެ އައްޒާމް ބުނެލިއެވެ. ޒިދުނާގެ އަޑު އިވިފައި ކުއްލިއަކަށް ނީވުމުން އައިކާގެ ހިތްވަރު އެލޭގޮތްވިއެވެ. އައިކާގެ ލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަކަކުން އައްޒާމްގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އައިކާ ދިޔައީ ކެނޑިނޭޅި ހިތާހިތުން ދުޢާކުރަމުންނެވެ.

“އައިކާ! މި ދޮރު ހުޅުވަބަލަ.. ކިހިނެއްތަ ތި ވަނީ؟” އަނެއްކާވެސް ޒިދުނާގެ އަޑު އިވުމުން އައިކާއަށް އާ ހިތްވަރެއް ލިބުނެވެ. ކަށިން ހިތްވަރު ނެރެ އައިކާ ސަލާމަތްވެވެން އޮތް ހަނި ފުރުސަތުގެ ބޭނުން ހިފިއެވެ. ގައިގައި ހުރިނަމަ ހުރި ބާރެއްލައި އައްޒާމް ކޮއްޕާލިއެވެ. އެނދުން ވެއްޓި ޖެހުނު ގޮތަކުން އައްޒާމްގެ އަރިކަށްޓަށް ތަދެއް އެރިއެވެ. ނަމަވެސް ބޭޒާރުވާން ބޭނުން ނުވާތީ ތެދުވެ އައިކާގެ ފަހަތުން ދުއްވައިގަތެވެ. އައިކާއަށް ދޮރު ހުޅުވާލެވުނީ ހަމަ ކިރިޔާއެވެ.

“އައްޒާމް….!!” ޒިދުނާ ހަޅޭއްލަވައިގަތެވެ. އަދި އަވަސްއަވަހަށް ކޮޓަރިތެރެއަށް ދެމިގަތެވެ. އައްޒާމްއަށް ހުރެވުނީ ފާޑަކަށް ހުއްޓުން އަރާފައެވެ. އޭނާ މިފަދަ ގޮތަކަށް ބޭޒާރުވެދާނެ ކަމަކަށް ފަހަރެއްގައިވެސް ހިއެއްނުކުރެއެވެ. ޒިދުނާ އައިކާ ގޮވައިގެން ގޮސް އެނދުން އެއްފަރާތަށް އެލިފައި އޮތް ރަޖާގަނޑު އައިކާ ގައިގައި އޮޅާލައިދިނެވެ.

**********

ސަނާއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. އޭނާ ދެލޯ އުނގުޅާލަމުން ފޯނު ނަގާ ބަލާލިއިރު ލީންގެ ނަން އަރާފައި އޮތުމުން ހައިރާންވިއެވެ. ދަންވަރުގެ ވަގުތުގައި ލީން ގުޅާނީ ކޮންމެވެސް ބޮޑުކަމެއް ދިމާވެގެން ކަމަށް އޭނާގެ ހިތް ބުނެއެވެ. އެހެންކަމުން އޭނާ ލަސްނުކޮށް ފޯނު ނެގިއެވެ.

“ދައްތާ! މި ދަންވަރު އުނދަގޫ ކުރެވުނީތީ މާފަށް އެދެން.. އެކަމަކު ހިތް ނުތަނަވަސްވާވަރުން އަހަރެންނަށް ހަމަ ނުނިދިގެން މި ގުޅާލީ.. ދައްތަމެން އަދިވެސް ހަމަ ކުރިން އުޅުނު ގޭގަތަ ތި އުޅެނީ؟” ލީން ވަރަށް ޖެހިލުންވެފައި އަހާލިއެވެ.

“އާނ.. ކިހިނެއްވީ؟” ސަނާ ހައިރާންކަމާއެކު އަހާލިއެވެ. ލީން ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނެވެ. ލީންގެ ވާހަކަތައް އަޑުއަހާފައި ސަނާ ވަރަށް ހިތްހަމަނުޖެހުނެވެ. ފުރަތަމަ އޭނާއަށް އެވާހަކަތައް ޤަބޫލުކުރަންވެސް ދަތިވިއެވެ. ނަމަވެސް މީގެ ދެތިން ދުވަހެއް ކުރިން ފެށިގެން އައިކާއަށް އަންނަމުންދިޔަ ބަދަލުތަކުގެ ސަބަބުން އޭނާއަށް އެވާހަކަތައް ޤަބޫލުކުރެވުނެވެ. އޭނާ ބޭނުންވީ ވަގުތުން އައިކާގެ ކައިރިއަށް ދާށެވެ. އެހެންކަމުން އޭނާ ނާޒިމްއަށް ގޮވާ ހޭލެއްވިއެވެ. އަދި ލީން ދެއްކި ވާހަކަތައްވެސް ކިޔައިދިނެވެ.

“އަހަރެން ހަމަ މިހާރު މިދަނީ އައިކާއާ ވާހަކަދައްކަން..” ސަނާ އެހެން ބުނެފައި ހެދުން ބަދަލުކޮށްގެން ދާން ފެށުމުން ނާޒިމްވެސް އޭނާގެ ފަހަތުން ނުކުތެވެ.

**********

ޒިދުނާ ގޮސް އައްޒާމްގެ ކައިރިއަށް ހުއްޓުނުއިރު އޭނާގެ ދެލޮލުން ރުޅިވެރިކަމާއި ހިތާމަ އެކުގައި ފާޅުވެއެވެ. އޭނާ އައްޒާމްއަށް ބަލަން ހުއްޓާ އައްޒާމް އޭނާއަށް ގޮވާލިއެވެ. އެއާއެކު އޭނާގެ އަތުގެ ހޫނު ހަމަލާއެއް އައްޒާމްގެ ކަންކަށިމައްޗަށް އަރައިގެން ދިޔައެވެ.

“މަންމާ…..!!” އައްޒާމްގެ އަޑުވެސް ބާރުވިއެވެ.

“ކޮން މަންމާއެކޭ ކިޔާކަށް؟ އޭނ.. ތީތަ އަހަރެން ކަލޭއަށް އުޅެން ދަސްކޮށްދިން ގޮތަކީ؟ ކުރަން ތިޔަށްވުރެ ރަނގަޅު ކަމެއް ނުފެނުނީތަ؟” ޒިދުނާއަށް ކުރި އަސަރުން ވަގުތުން ރޮވުނެވެ.

ސަނާއާއި ނާޒިމް އައިކާގެ ކޮޓަރިއާ ދިމާއަށް ދިޔައިރު ޒިދުނާގެ އަޑުއިވިފައި ސަނާގެ މެޔަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ނާޒިމްއަށްވެސްވީ ހަމަ އެފަދަ ގޮތެކެވެ. އޭނާގެ ހުރިހާ އުއްމީދަކާއި ގުޅިފައިވާ އޭނާގެ ދޮށީ އަންހެންދަރީގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީބާއޭ ހިތަށްއެރުމުން ބޮލަށް އެނބުރުން އަރާހެންވެސް ހީވިއެވެ. ސަނާއާއި ނާޒިމް އައިކާގެ ކޮޓަރިއަށް ވަތް ވަގުތު އައިކާ ރަޖާ ގައިގައި އޮޅާލައިގެން އެނދުގައި ރޯން އިންގޮތުން ސަނާއަށް އަޑުން އަޑުނަގައި ރޯން ފެށުނެވެ. އޭނާއަށް ގޮސް އައިކާގެ ގައިގައި ބައްދާލެވުނެވެ.

“ގޮތްކުޑަކަން..” ނާޒިމް ގޮސް ހިފީ އައްޒާމްގެ ކަރުގައެވެ.

“އަހަރެން ކަލޭގެ ވަސްވެސް މިދުނިޔޭން ފޮހެލާނަން..” ނާޒިމް އައްޒާމްގެ ކަރުގައި ހިފާފައި ހުރިލެއް ބާރުކަމުން އައްޒާމްއަށް ނޭވާލާން ދަތިވެގެން ތެޅިފޮޅިގަތެވެ. ސަނާ އަވަސްއަވަހަށް ގޮސް ނާޒިމް ދުރުކުރުވިއެވެ. ނާޒިމް އައްޒާމްގެ ކަރުން ދޫކޮށްލުމާއެކު އައްޒާމް ކޮށިއެރިއެވެ.

“މަންމާ! އަހަރެން.. ދައްކާ ވާހަކަ..ވެސް އަޑު..އަހާބަލަ.. ފެންނަ ކޮންމެ.. މަންޒަރަކީ.. ހަޤީޤަތެއް ނޫނޭ..” އައްޒާމްގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. އައްޒާމް ޒިދުނާގެ އަތުގައި ހިފާލުމާއެކު ޒިދުނާ އައްޒާމްގެ އަތް ފޮޅުވާލުމާއެކު އަނެއްކާވެސް އައްޒާމްގެ ކަންކަށިމަތީ އަޅާ ވިހެލިއެވެ.

“މަންމާ….!! އަޑުއަހާބަލަ..” އައްޒާމްގެ އަޑުވެސް ބާރުވިއެވެ.

“ކޮންއެއްޗެއް އަޑުއަހާކަށް؟ އަހަރެންގެ ކުރިމަތީ މާ ބާރަށް ހަޅޭއްނުލަވާ އިނގޭ.. އަހަރެންނަކީ ކަލޭގެ ނޯކަރެއް ނޫނޭ.. މަންޒަރު މިއޮތީ ސާފުކޮށް ފެންނަން.. ހަޤީޤަތަކީ އައްޒާމް އަހަރެމެން މިގެއަށް ކިޔަވަން ގެއަށް ގެނެސްގެން އުޅުނު ކުއްޖެއްގެ ގަޔަށް އަރަން އުޅުން.. ނޫންތަ؟” ޒިދުނާގެ ބަސްތަކުން އައްޒާމްގެ ރުޅި ހައްތަހާ ގަދަވިއެވެ.

“މަންމައަށްވެސް މޮޅު މިވީ އެހެރަ ރަންޑި އަންހެންކުއްޖާ.. އަހަރެން ސިޓިންރޫމުގަ އިންދާ ގޮސް ގައިގައި އުނގުޅިގަތީމަ މިހެން މިވީ.. އޭނަ އަމިއްލައަށް އަހަރެން މިކޮޓަރިއަށް ވެއްދީ..” އައްޒާމް ރުޅިއައިސްފައި ބުންޏެވެ.

“ޚަބަރުދާރު! އަހަރެންގެ ދަރިފުޅާ ދިމާއަށް ތިފަދަ ދަށު ދަރަޖައިގެ އެއްޗެއް ބުނަން ހިތަށްވެސް ނާރުވާތި! އެހެންނޫނީ އަހަރެންގެ ހުރި ނުބައިކަންވެސް ދައްކާލަފާނަން..” ނާޒިމް ކުއްލިއަކަށް އައިސް ހުއްޓުނީ އައްޒާމް ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ސަނާ އޭނާ ނުހިފެހެއްޓިނަމަ އޭނާ އައްޒާމް ގައިގައި ޖެހީހެވެ. އެވަގުތަކީ އަޑުގަދަވެގެން އާސިފްއަށް ހޭލެވިގެން ނުކުތް ވަގުތެވެ. އަޑު އަންނަނީ އައިކާގެ ކޮޓަރިންކަން އެނގުމުން އޭނާ ގޮސް އެކޮޓަރިއަށް ވަތް ވަގުތު ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ.

“ކިހިނެއްވެގެން މިއުޅެނީ؟” ވާނުވާ ނޭނގި ހުރެ އާސިފް އެހިއެވެ.

“ބައްޕާ! މިމީހުން އަހަރެންގެ ބޮލުގަ ދޮގު ތުހުމަތެއް އަޅުވައިގެން.. މަންމަވެސް ހުރީ އެމީހުންގެ ބަހަށް ހެއްލި ހުސްވެފަ..” އެންމެނަށްވުރެ ކުރިން އައްޒާމް މޮޅިވެރި އަޑަކުން ވާހަކަދައްކަމުން އައިސް އާސިފް ގައިގައި އޮޅުލައިގަތެވެ. އާސިފްއަށް އޭނާގެ މޫނު ނުފެންނާނެ ވަރަށް މޫނު ފޮރުވުމުން އޭނާގެ މޫނުމައްޗަށް ވިހަ ހިނިތުންވުމެއްގެ އަސަރު ވެރިކުރުވިއެވެ. އެކަކު ޤަބޫލު ނުކުރިޔަސް އާސިފް އޭނާގެ ވާހަކަ ޤަބޫލުކުރާނެކަން އޭނާއަށް ޔަޤީންވެއެވެ.

“ކީއްވެ ތިގޮތަށް އައިސް މިތާ ތިހުރީ؟” އައްޒާމް އޭނާގެ ގަޔާ ދުރުކޮށްލަމުން އާސިފް އަހާލީ ޝައްކުގެ ނަޒަރަކުން ބަލާލަމުންނެވެ. ހަމައެކަނި ބޮކްސާއެއް ލައިގެން އައްޒާމް ހުރިއިރު އައިކާ މުޅި ގައިގައި ރަޖާ އޮޅާލައިގެން ރޯން އިންގޮތުން އެތަނުގައި ހިނގާފައިވާ ކަންތައް ކޮންމެވެސް ވަރަކަށް އޭނާއަށް ފަހުމުވެއްޖެއެވެ.

“އެއީ.. އެއީ އަޅުގަނޑު ސިޓިންގރޫމުގައި އިންދާ އައިކާ ގޮސް އަޅުގަނޑާ ވާހަކަދައްކަން އިނދެފަ ބުނީ ކޮފީ ބޯން ހިނގާށޭ.. ދެން އޭނަ ކޮފީ ހަދަން ދިޔައީ.. އިރުކޮޅަކުން ކޮފީ ހިފައިގެން އައިމަ އަޅުގަނޑު އެ ބުއި ފަހުން ފާޑެއްގެ ގޮތެއްވީ.. ފާޑަކަށް އަމަލުވީ.. އެގަޑީ އައިކާ އަޅުގަނޑު އަތުގަ ހިފައިގެން މިތަނަށް ގެނައީ.. ގެނެސްފަ އޭނަ އުޅުނީ ސެކްސް ހަދަން.. ދެން އަޅުގަނޑު އަމަލުވެފަ ހުރީމަ ނޭނގެ.. އޭނައާ ޖޮއިން ކުރެވުނު ގަޑީގަ އޭނަ ރޭޕް ސީންއެއް ކްރިއޭޓް ކުރީ.. އެގަޑީގަ މަންމައަށް އާދެވުނީމަ މަންމަވެސް އަޅުގަނޑުގެ ވާހަކަ ޤަބޫލެއް ނުކުރި..” އައްޒާމް ދޮގުމައްޗަށް ދޮގު ހަދަމުން ދިޔައިރު ޒިދުނާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. އައިކާއަށްވެސްވީ ހަމަ އެފަދަ ގޮތެކެވެ. އެކަކަށްވެސް އެވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. ޒިދުނާއަށް ބޯ ހޫރާލެވުނެވެ.

“ނޫން.. އެއީ ދޮގެއް ބޭބޭ.. އަޅުގަނޑު ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރަން.. މިރޭވެސް ނުކުރަން.. މީގެ ދެތިން ރޭ ކުރިންވެސް އައްޒާމް އަޅުގަނޑު ނިދާފަ އޮއްވާ މިކޮޓަރިއަށް ވަތް.. އެރޭވެސް އޭނަ އުޅުނީ.. އެކަމް އެރޭ އަޅުގަނޑަށް ތަންކޮޅެއް ކުރިން ހޭލެވުނީމަ އެއްވެސް ކަމެއް ނުކުރެވުނީ.. މިރޭ އަޅުގަނޑަށް ހޭލެވުނުއިރު އައްޒާމް..” އައިކާއަށް ރޮވެން ފެށުނެވެ.

“އެއީ ތެދެއް އާސިފް.. އައިކާ އެބުނީ ތެދެއް.. އަހަރެން ފެންބޯންވެގެން ބޭރަށް ނުކުތީ.. ބަދިގެއަށް ދާންވެގެން އައިސް މިކޮޓަރިއާ އަރާ ހަމަވިއިރު އިވުނީ އައިކާ ދޫކުރާށޭ ކިޔާ އަޑު.. ދެން އަހަރެން ދޮރުގަ ހިފާލިއިރު ހުރީ ތަޅުލާފަ.. ދެން އަހަރެން ދިޔައީ ތަޅުދަނޑި ބަލާ.. ދިޔައިރު އެޔަކު ނެތް މިކޮތަރި ތަޅުދަނޑިއެއް.. ދެން އައިސް އަނެއްކާވެސް ގޮވަން ފެށިތަނާ އިވިއްޖެ ކޮޓަރިތެރެއިން ވަރަށް ބާރަށް އެއްޗެއް ޖެހުނު އަޑު.. އެގަޑީ އައިކާ ދޮރު ހުޅުވީ.. ހުޅުވިއިރު އައިކާގެ ހެދުންވެސް އޮތީ ވީދާލާފަ.. އޭރު އައްޒާމް އައިސް އައިކާއާ ހަމަވަނީ..” ޒިދުނާ އޭނާއަށް ފެނުނު މަންޒަރު އޮޅުންފިލުވައިދިނެވެ.

“ނޫން ބައްޕާ.. މަންމަވެސް އެހުރީ އެމީހުންގެ ދަންތުރައިގަ ރަނގަޅަށް ޖެހިފަ.. ނޫންނަމަ އަމިއްލަ ދަރިއަށް ނުކުރާ އިތުބާރެއް ދުރުހިލޭ މީހަކަށް ނުކުރާނެ..” އައްޒާމް ހިތުން އޭނާ އެ ދެއްކީ މޮޅު ބަހަނާއެކެވެ.

“އައްޒާމް ދުރުގަ ހުރޭ! އައްޒާމް ހީކުރީ އަހަރެން މީ މޮޔައެއް ކަމަށްތަ؟ އަމަލުވެފަ ތިބޭ މީހުންނަކަށް ތިހާ ރީތިކޮށް ވާހަކައެއް ނުދެއްކޭނެ.. އަދި އެހާ އަވަހަކަށް އަމަލެއް ނުވެސް ފިލާނެ.. ޒިދުނާ! ދީބަލަ ތަޅުދަނޑިފަތި..” އާސިފް އެހެން ބުނުމުން އައްޒާމްގެ މޫނުން ކަންބޮޑުވުން ފެނިގެން ދިޔައެވެ. ޒިދުނާ ތަޅުދަނޑިފަތި ދިއްކޮށްލުމުން އާސިފް ވަރަށް ރަނގަޅަށް ތަޅުދަނޑިފަތި ބެލިއެވެ. އޭނާ އައްޒާމްގެ މޫނަށް ބަލާލީ އަހަރެން އައްޒާމްގެ ފަރާތުން މިފަދަ ކަމެއް ފެނިދާނެކަމަކަށް އުއްމީދެއް ނުކުރަމޭ ބުނާފަދަ ގޮތަކަށެވެ. އާސިފްގެ އެ ނަޒަރުން އައްޒާމް ޖެހިލުންވިއެވެ. އާސިފް އައްޒާމްއާ ގާތަށް ޖެހިލިއެވެ. އަދި އައްޒާމްގެ ކަންކަށިމަތީ ދެތިން ބޮނޑި އަޅާލިއެވެ.

“ބައްޕާ…!! ބައްޕަވެސްތަ؟” އައްޒާމް ހުރީ ޤަބޫލު ނުކުރެވިފައެވެ.

“އާނ.. މިއަދު ބައްޕައަށްވެސް މިގޮތް މަޖުބޫރު.. ދަރިއެއް ވިޔަސް ނުބައިކަމެއް ކޮށްފިއްޔާ ވާނީ ނުބައި ކަމަކަށް.. އަހަރެން އުއްމީދެއް ނުކުރަން އައްޒާމްގެ ފަރާތުން މިކަހަލަ ކަމެއް ފެނިދާނެ ކަމަކަށް.. އެއީ އަހަރެން ހީކުރީ އަހަރެމެންނަށް އައްޒާމް ބަލާބޮޑުކުރެވުނީ ވަރަށް ރަނގަޅަށްކަމަށް.. އައްޒާމް އަހަރެމެންގެ ހުރިހާ އުއްމީދެއް ފުރިހަމަކޮށްދީ އަހަރެމެންގެ ރީތި ނަން ދަމަހައްޓައިދޭނެކަމަށް.. އަހަރެމެން ފަޚުރުވެރިވާވަރުގެ ދަރިއަކަށް ވާނެކަމަށް.. އެކަމަކު އެހެނެއްނުވި.. އައްޒާމް ވީ އަހަރެމެންގެ ހުރިހާ އުއްމީދެއް، ހުރިހާ ހުވަފެނެއް ފުނޑުފުނޑުކޮށްލި ވިޔާނުދާ ދަރިއަކަށް.. އައްޒާމް މިރޭ ތިކުރި ކަންތަކަށް ދުވަހަކުވެސް އަހަރެން މާފެއް ނުކުރާނަން..” އާސިފް ހުރީ އިންތިހާއަށް ދެރަވެ ރުޅިއައިސްފައެވެ.

“ޒިދުނާ ދޭބަލަ އަހަރެންގެ ފޯނު ގެނެސްދޭން..” އާސިފް އެހެން ބުނުމުން އައްޒާމްއަށް ތެޅިގަނެވުނެވެ. ޒިދުނާ އައްޒާމްއަށް ބަލާލަމުން އާސިފްގެ ފޯނު ބަލައި ދިޔައެވެ.

“އެކީއްކުރަން؟” އައްޒާމް ކަންބޮޑުވެފައި އަހާލިއެވެ.

“ޕޮލިހަށް ގުޅަން..” އާސިފްގެ ޖަވާބު ވަރަށް ކުރެވެ. އޭނާގެ އެ ޖަވާބުން އައްޒާމްއަށް ހަދާނެގޮތް ހުސްވިއެވެ. އޭނާގެ ބައްޕަ އޭނާއަށް އެހެން ހަދާފާނެކަން އަދިވެސް އޭނާއަށް ޤަބޫލުކުރަން ދައްޗެވެ. އައިކާވެސް ހުރީ ސިހުމެއް ލިބިފައެވެ. އާސިފް އެކަން އެހެން ކޮށްފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާ ވިސްނާލިއެވެ. އެކަން އެގޭތެރެއިން އޮއްބާލެވޭނެ ގޮތެއް ކޮންމެހެންވެސް އެބަ ހޯދަން ޖެހެއެވެ. އޭނާ ވިސްނަން ހުއްޓާ، ޒިދުނާ ފޯނު ގެނެސްދިނުމުން އާސިފް ޕޮލިހަށް ގުޅަން އުޅުނެވެ.

“ބޭބޭ! އައްޒާމް ހައްޔަރުކުރިޔަސް ވީކަމެއް ނުވާކަމަކަށް ނުވާނެ.. އަޅުގަނޑު ބޭނުމެއްނޫން މިކަންތަކުގެ ޚަބަރު މިގޭތެރެއިން ބޭރަށް ދާކަށް.. އޭރުން ވެއްޓޭނީ ބޭބެމެންގެ އަގު.. އަޅުގަނޑުމެންގެ އާއިލާގެ އަގު.. ޔޫޝައުއާ ހަމައަށް އެޚަބަރު ގޮސްފިއްޔާ އަޅުގަނޑުގެ ކައިވެނިވެސް ކެންސަލްވެދާނެ.. އެހެންވާކަށް އަޅުގަނޑު ބޭނުމެއްނޫން.. މާތް ﷲގެ އިރާދަފުޅުން އަޅުގަނޑު މިރޭ ސަލާމަތްވެއްޖެ.. އެހެންވީމަ މިކަން މިހިސާބުން ނިންމާލުން ކިހިނެއްވާނެތޯ؟” އައިކާ ވަރަށް ވިސްނުންތެރިކަމާއެކު ވާހަކަދެއްކިއެވެ.

“އައިކާ ތިބުނީ ރަނގަޅު ވާހަކައެއް.. އެކަމަކު ކުށްވެރިޔާއަށް އަދަބު ލިބެން ޖެހޭނެ.. އެހެންނޫނީ އަނެއްކާވެސް އައިކާ ކަހަލަ އެހެން ކުއްޖަކަށް ނޫނީ ކުދިންތަކަކަށް މިކަހަލަ ކަމެއް ދިމާވެދާނެ.. މުޖުތަމައުގަ މިފަދަ ކަންތައްތައް ބޮއްސުންލައިގެން ދަނީ ކަންކަން ސިއްރުކުރާތީ.. މިކަހަލަ ކަންކަން ސިއްރުނުކޮށް ކަމާބެހޭ ފަރާތްތަކަށް އަންގައި ފިޔަވަޅު އަޅާނަމަ މިއަދު މި މުޖުތަމައުގެ ކަންތައް މިހިސާބަކަށް ނުދިޔައީސް..” އާސިފްގެ ވާހަކަ އެންމެނަށްވެސް ޤަބޫލުކުރެވުނެވެ.

“އެކަމަކުވެސް ބޭބޭ.. އަޅުގަނޑު ބޭނުމެއްނޫން މިކަންތަކުގެ ސަބަބުން އަޅުގަނޑުގެ މުސްތަޤުބަލަށް ހުރަސް އެޅޭކަށް.. އަޅުގަނޑަށް ކަމެއް ކޮށްދެންޏާ މިކަން ސިއްރުކޮށްލަދީ.. ޕްލީޒް!” އައިކާ އާދޭސްކުރިއެވެ.

“އެންމެ ރަނގަޅު.. އައިކާ ބުނީތީ އަހަރެން ތިކަން ކޮށްދީފާނަން.. އެކަމަކު ހަނދާންކުރާތި އޭރުން އެ ދޫކޮށްލެވެނީ ކުށްވެރިއެއްކަން.. އެ ދެވެނީ އިތުރު ކުށްތަކަކަށް އަރައިގަތުމަށް ފުރުސަތެއްކަން..” އާސިފް ހުރީ ހިތްހަމަނުޖެހިފައެވެ.

“ނޫން ދަރިފުޅާ.. މިކަން ސިއްރުކޮށްގެން ނުވާނެ.. މިކަން ޕޮލިހުންނަށް އަންގާ އޭނަ ހައްޔަރުކުރަން ޖެހޭނެ..” ސަނާ އެހެން ބުނުމުންވެސް އައިކާ އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ.

“މަންމާ! ވިސްނަބަލަ.. މިކަން ޕޮލިހަށް ހުށަހަޅާ ހިސާބުން ޔޫޝައުއަށް އެކަން އެނގޭނެ.. އެތާ އޭނަގެ ނުލާހިކު ގާތް ރައްޓެހިން ތިބޭ.. އޭނައަށް އެކަން އެނގޭ ހިސާބުން އޭނަ އަހަރެން މަތިން ފޫހިވާނެ.. ކައިވެންޏާ މިހާ ގާތްވެފަ އޮއްވާ ކައިވެނި ކެންސަލްވެ، ރޭޕްކޮށްފަ ހުރި މީހެއްގެ ގޮތުގަ ލޭބަލް ވެއްޖެއްޔާ އަހަރެމެން ހުރިހާ ލަދެއްގަ ބެދޭނީ.. އަހަރެންނާ އިންނާނެ މީހަކުވެސް ނުވާނެ.. އޭރުން ހުރިހާ ދެރައެއް ލިބޭނީ އަހަރެމެންނަށް..”

“ތިހެނެއް ނުވާނެ.. އެކަކު ނީނަސް މާޒް ދަރިފުޅާ އިންނާނެ..” ސަނާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އައިކާއަށް ފުން ނޭވައެއް ދޫކޮށްލެވުނީ ސަނާގެ ވިސްނުން ހުންނަ ގޮތުންނެވެ.

“ސަނާ! އައިކާ އެދޭގޮތަށް މިކަން ކޮށްދިނީމަ އެންމެ ރަނގަޅުވާނީ..” ނާޒިމް ވަރަށް ވިސްނުމަށްފަހު ފަހުބަސް އިއްވިއެވެ.

“އެންމެ ރަނގަޅު.. ނާޒިމްމެން އެދޭގޮތަކަށް އަހަރެން ތިކަން ކޮށްދޭނަން.. އެކަމަކު އަހަރެން މިގޮތަށް މި ކަންތައް ކުރަނީ ބޭނުންވެގެނެއް ނޫން.. ހަމައެކަނި އައިކާގެ އުފަލަށް.. އައްޒާމްގެ ފަރާތުން މިރޭ މި ހިނގި ކަންތަކުން އަހަރެން ވަރަށް ދެރަވެ ލަދުވެތިވަން.. މާފަށްވެސް އެދެން..” އާސިފް ދެރަވެލާފައި ބުނެލިއެވެ. އިތުރަށް އެތާ މަޑުނުކޮށް އޭނާ އެކޮޓަރިން ނުކުމެގެން ދިޔައެވެ.

“ކަލޭގެ ވިޔާނުދާކަމާ ގޮތްކުޑަކަމުގެ ނަތީޖާ ފެނޭތަ؟ ކަލޭގެ ބައްޕަ މިރޭ އެހުރީ އެމީހުންނާ ދިމާއަށް އިސްއުފުލާ ބަލާލަން ނުކެރިފައޭ.. އަހަރެންވެސް ވަރަށް ލަދުގަނެއްޖެ.. ވަރަށް ދެރަވެސްވެއްޖެ.. މިދުވަސް ގެންނަން ކަލޭ ކީއްކުރަން މިތަނަށް ތިއައީ؟ ކަލޭ ތިއުޅޭ ވައްތަރަކަށް ތެޅެން އަހަރެމެންގެ ކުރިމަތިން ދާންއުޅޭ.. ތިއީ އަހަރެމެން ކަލޭއަށް ދަސްކޮށްދިން ހުރިހާ ރީތި ސިފަތަކެއް ހަނދާން ނައްތާލި ނުލަފާ ދަރިއެއް.. އަހަރެމެން ކަލޭދެކެ ވީ ލޯބީގެ އެއްވެސް އަގެއް މިއަދަކު ނެތެއްނު..” ޒިދުނާ ހީވަނީ އަނެއްކާވެސް އައްޒާމް ގައިގައި ޖަހައިފާނެހެންނެވެ.

“ނުކުމޭ މިތަނުން..” ޒިދުނާ އައްޒާމްގެ ބުރަކަށީގައި އަޅާ ކޮއްޕަމުން އެކޮޓަރިން ނެރުނެވެ.

“ދަރިފުޅު ކީއްވެ ފުރަތަމަވެސް އެކަން ސިއްރުކުރީ؟ ނޫންނަމަ މިއަދު މިހެނެއް ނުވީހެއްނު..” ސަނާ ބުނެލިއެވެ.

“މަންމާ! އަހަރެންނަށް މާފްކުރޭ.. އަހަރެންނަށް ނުކެރުނީ.. ދައްތަމެން އަހަރެންނަށް އެހާ ރަނގަޅުވީމަ.. މަންމަމެންނާ އެމީހުންނާ މައްސަލަ ޖެހިދާނެތީ އަހަރެން ބިރުގަތީ.. މިކަން ޔޫޝައުއަށް އެނގިދާނެތީވެސް ޖެހިލުންވީ.. ލީންވެސް އަހަރެން ގާތު ބުނި މަންމަމެން ގާތު ބުނާށޭ.. އެކަމަކުވެސް އެހިތްވަރު ނުލިބުނީ.. ލީން ބުނީ މިހަފްތާތެރޭ މިގެއިން ބަދަލު ނުވިއްޔާ މަންމައަށް ގުޅާފަ ބުނާނަމޭ.. އަހަރެން ފަހުން ވަރަށް ގުޅިން.. އެކަމް ފޯނެއް ނުނެގި.. އަހަރެން މެސެޖްކޮށްފަ ބުނިން އަހަރެން މީ ރައްޓެއްސެއް ކަމަށް ދެކެންޏާ ދުވަހަކުވެސް މިވާހަކަ އެއްވެސް މީހެއް ގާތު ނުބުނައްޗޭ..” އައިކާ ރޮއިރޮއިފައި އޮޅުންފިލުވައިދިނެވެ.

“ނަސީބެއް މިހާ ދަން ގަޑިއެއްގަވެސް ލީން ގުޅާފަ އެވާހަކަ ބުނިކަން.. ނޫންނަމަ މިރޭގެ މިކަންތައްވެސް އަހަރެމެންނަށް ދޮންކަޅުވެސް ނޭނގި ނިމިގެންދާނީ..” އައިކާ އެކަން ސިއްރުކުރީތީ ސަނާ އިނީ ހިތްހަމަނުޖެހިފައެވެ.

“ލީން ހަމަ ގުޅީތަ؟”

“އާނ.. ބުނީ ހިތަށް އުނދަގޫވާވަރުން ނުނިދިގެނޭ މި ގުޅީވެސް.. އަދި ބުނި ދަރިފުޅު ދެއްކި ވާހަކަތައްވެސް.. އަދި ބުނި ރަހުމަތްތެރިކަން ކެނޑުނަސް އަންހެނަކަށްވެ ހުރެ އެހެން އަންހެނެއްގެ ދިރިއުޅުން ހަލާކުވާތަން ބަލަން ނުހުރެވޭނެ ވާހަކަ، އަދި ޚާއްސަކޮށް ދަރިފުޅުގެ ދިރިއުޅުން ހަލާކުވާތަން ބަލަން ނުހުރެވޭނެޔޭ ދަރިފުޅު ގާތު ބުނެދެއްޗޭ..” ސަނާ އައިކާގެ ބުރަކަށީގައި ފިރުމަމުން އޮޅުންފިލުވައިދިނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު އަށެއްގެ ފްލައިޓުން އައްޒާމް ފުރިއެވެ. އެއާއެކު އައިކާގެ ހިތުގައިވާ ބިރުވެރިކަންވެސް ފިލައިގެން ދިޔައެވެ. މިހާރު އޭނާ އިންތިޒާރު ކުރަމުންދަނީ ބުރާސްފަތި ދުވަހުގެ ރެއަށެވެ.

**********

ދުވަސްތައް ފާއިތުވަމުން ގޮސް އައިކާގެ ކައިވެންޏަށް އެއްދުވަހަށްވީއެވެ. ހެނދުނު ހެނދުނާ ލީން ކޮނޑުގައި ކުޑަ ދަބަހެއް އަޅުވައިގެން ބާރު ހިނގުމެއްގައި ބަނދަރާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭނާ މާޒްމެން ގޭ ދޮރުމަތިން ކުރިކަނޑާލިތަން އެވަގުތު ދޮރުން ބޭރަށް ނުކުތް މާޒްއަށް ފެނުމުން ގޮވާލިއެވެ.

“އޭތް ލީން.. ކޮންތާކަށް މާ އަވަސް އަރުވާލާފަ ދަބަހެއް ހިފައިގެން ތިދަނީ؟” ލީން މާ ބާރަކަށް ދާތީ މާޒް އަހާލިއެވެ.

“މިދަނީ މާލެ ދާން ފުރަން.. އިކާގެ ވެޑިން އޮވެއެއްނު މާދަމާ ރޭ.. މާޒް ނުދަންތަ؟” ލީން އަހާލިއެވެ.

“އަހަރެންނަކަށް ދަޢުވަތެއް ނުދޭ.. ދަޢުވަތު ނުދޭ މީހުން ނުވާނެއެއްނު ދާކަށް..” މާޒް ސަމާސާ ރާގެއްގައި ބުނެލި ނަމަވެސް އޭނާ ހުރީ އައިކާ އޭނާ އެހާ ދުރުކޮށްލީތީ ދެރަވެފައެވެ. އަދި ސަނާމެންވެސް އޭނާގެ ގާތުގައި އެވާހަކަ ނުބުނީތީ އޭނާ މާ ދެރަވިއެވެ. އެހެނީ އޭނާ އެމީހުންނާ ދޭތެރޭ ދުށީ އަމިއްލަ މައިންބަފައިން ފަދައިންނެވެ.

“ތީ ދެން ކޮންކަހަލަ ވާހަކައެއް؟ ހިނގާ ދާން.. އަހަރެން މި ދަޢުވަތު ދިނީއޭ..” ލީން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“އަހަރެންގެ ނެތް އެހާ ހިތްވަރެއް..”

“މާޒް! އަހަރެން ބުނަންތަ ވާހަކައެއް؟ އަހަރެން ޤަބޫލުކުރަން މާޒް އިކާދެކެ ވަރަށް ލޯބިވާކަން.. އަދި އަހަރެންނަށް އެނގޭ މާޒް ދުވަހަކުވެސް އިކާއަށް ދެރަގޮތެއް ވާން ނޭދޭނެކަން.. ތީ މިދުނިޔޭގަ އިކާއަށް އެންމެ ހެޔޮއެދޭ އެކަކުކަން އެންމެ ރަނގަޅަށް އެނގޭ އެކަކަކީވެސް އަހަރެން.. ޚުދު އިކާވެސް ޤަބޫލުކުރޭ މާޒްއަކީ އޭނާއަށް އެންމެ ހެޔޮއެދޭ މީހާކަން.. އެކަމް ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއްނު.. ލޯތްބަކީ ވާ އެއްޗެއްނަމަ އިކާ މާޒް ނޫން މީހެއްދެކެ ލޯތްބެއް ނުވީސްކަން އަހަރެންނަށް ހަމަ ޔަޤީން..” ލީން ފުން ނޭވައެއް ދޫކޮށްލިއެވެ.

“އަހަރެންނަށް އެނގޭ މާޒް ވަރަށް ދެރަވާނެކަން.. އެކަމްވެސް މާޒްއަކީ އިކާއަށް ވަރަށް މުހިންމު މީހެއް.. އެހެންވީމަ އޭނަގެ ހަޔާތުގަ އަންނަ އެންމެ އުފާވެރި ރޭ މާޒް ނެތީމަ އޭނަ ކިހާ ދެރަވާނެ.. ޕްލީޒް! ހިނގާ ދާން..”  ލީން އަނެއްކާވެސް ބުނެލިއެވެ.

“ލީން! އިކާ އަހަރެންދެކެ ލޯބި ނުވުމަކުން އަހަރެންގެ ހިތުގަ އެއްވެސް ޝަކުވާއެއް ނެތް.. އެކަމަކު އިކާއަކަށް އަހަރެން މުހިންމެއް ނޫން.. ނޫންނަމަ އޭނަ މާލެ ދިޔަތާ ދެއަހަރު ވީއިރު އިސްވެ އަހަރެންނަށް ގުޅާލީސް.. އަދި އަހަރެން ގުޅީމަ ފޯނުވެސް ނެގީސް.. ބިޒީވެސް ވާނެ.. އެކަމް އަބަދަކު ބިޒީއެއްވެސް ނުވާނެ ދޯ.. ލީން ދެން ދޭ.. މިތާ ތިހެން ހުއްޓާ ލޯންޗު ނައްޓާލާ ގަޑި ޖެހިދާނެ..” މާޒް އެހެން ބުނެލުމަށްފަހު ގޭތެރެއަށް ވަނެވެ. ލީން ފޯނުން ގަޑި ބަލާލަމުން ބަނދަރާއި ދިމާއަށް ހިނގައިގަތެވެ. ލޯންޗު ނައްޓާލަން އަދި ފަނަރަ ވަރަކަށް މިނެޓް އެބައޮތެވެ. އޭނާ އެހާ ކުރިން ގެއިން ނުކުތީ ލޯންޗުގެ ފަހަތު ސީޓުން ޖާގަ ހޯދުމަށެވެ. ނަމަވެސް މާޒްއާ ދިމާވެގެން ވާހަކަދައްކަން ހުރެވުމުން މިހާރު ފަހަތު ސީޓުން ޖާގަ ލިބޭނެކަމެއްވެސް ނޭނގެއެވެ.

މާޒް ކޮޓަރިއަށް ވަތްގޮތަށް އެނދުމަތީ އިށީނެވެ. އައިކާގެ ކައިވެނި މާދަމާ ރޭ އޮންނަންޏާ އޭނާ ހަދާނީ ކީއް ހެއްޔެވެ؟ ދާންވީބާއެވެ. ދެޚިޔާލެއްގައި ހުރެފައި މާޒް އޭނާ ދަބަހަށް ދެތިން އެއްޗެއް ލިއެވެ. އެއަށްފަހު ގަޑި ބަލާލިއެވެ. ހަތެއް ޖަހަން ދިހަ މިނެޓަށްވީއެވެ. ލޯންޗު ނައްޓާލާނީ ހަތެއް ޖަހާއިރުއެވެ. ދެޚިޔާލެއްގައި ހުރެފައި އޭނާ ދަބަސް ކޮނޑުގައި އަޅުވާލަމުން ބޭރަށް ނުކުތެވެ. ސައިކަލު ހަލާކުވެގެން ހަދަން ދީފައިވީކަންވެސް ހަނދާންވީ ގެއިން ނުކުތް ފަހުންނެވެ. ގެ ހުންނަނީ ބަނދަރާއި ފުދޭވަރަކަށް ދުރުގައިކަމުން އޭނާ ދުއްވައިގަތެވެ. އޭނާއަށް ގޮސް ބަނދަރަށް ނުކުމެވުނުއިރު ލޯންޗުގެ ވާ މޮހާލަނީއެވެ.

“އެޑަމް!!” މާޒް ލޯންޗުގެ ކުރީކޮޅުގައި ހުރި ފަޅުވެރިއަކަށް ބާރަށް ގޮވާލަމުން އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުނެލިއެވެ. އޭނާ ގޮސް ލޯންޗަށް އެރުމާއެކު ވާ މޮހާލިއެވެ.

“މާޒް!” މާޒްއަށް ގޮވާލަމުން ލީން ހަނާއަޅާލުމުން މާޒް އައިސް ލީންއާ ޖެހިގެން އިން ސީޓުގައި އިށީނެވެ.

“އަހަރެންނަށް އޭރުވެސް އެނގުނު މާޒް އަންނާނެކަން..” ހިނިތުންވެލަމުން ލީން ބުނެލިއެވެ.

“އިކާގެ އުފަލަކީ އަހަރެންގެވެސް އުފާ.. އެހެންވީމަ އިކާގެ އެ އުފަލުގަ ބައިވެރިވާން ޖެހޭނެއެއްނު..” މާޒް ހިނިތުންވެލަމުން އެހެން ބުނިނަމަވެސް އޭނާގެ ހިތުގައި ރިހޭވަރެއް އެނގޭނީ ކާކަށް ހެއްޔެވެ؟

“މާޒްގެ ތި ހިތްވަރުގަދަކަމަށް އަހަރެން ސާބަސްދެން..” މާޒްގެ ކޮނޑުގައި ޖަހާލަމުން ލީން ބުނެލިއެވެ.

“ހޫނ.. ދެން އަހަރެން ގޯނި ފުލަށް ލާނެކަމެއް ނެތް..” މާޒް ބުނެލިއެވެ.

“ތިބުނީ އެއްކަލަ.. ސީރިއަސްކޮށްނޭ..” ލީން އަކުރުތަކަށް ބާރުލަމުން ރާގަކަށް ދަމާލާފައި ބުނެލިއެވެ.

“ހޫމް.. ދެން ކީއްވެތަ އެކަނި ތިދަނީ؟ ޒިޔާއެއް ނުދޭތަ؟” މާޒް ސީރިއަސްވެފައި އަހާލިއެވެ.

“ހަމަ ނޭނގިގެންތަ ތި އެހީ؟ ޒިޔާ ވީ މާލޭގައެއްނު..” ލީން އަނގައަށް ވައްތަރެއް ޖައްސާލަމުން އަހާލިއެވެ.

“ތެދެކޭ ދޯ.. ހަނދާން ނެތުނީ.. ދެން ކީއްވެ ކިޔާންއާއެކީ ނައީ؟” މާޒް އަނެއްކާވެސް އަހާލިއެވެ.

“އަހަރެން ކައިރީ އޭނަގެ ވާހަކަ ނުދައްކާ.. ހުވާ މިބުނީ ހާދަ ފޫއްސެއްވެޔޭ.. އަހަރެން މިހާރު އޭނައާ ވާހަކަދައްކާ ހިތެއްވެސްނުވޭ.. ނުވެސް ދައްކަން.. އޭނަ ކައިރީ ޒިޔާ އެ ސުމާގެ ވާހަކަ ދެއްކި ރޭ އެއުޅުނު ވައްތަރެއް.. ދެން ނޭނގެ.. މުޅިން ފޫހިވެއްޖެ އޭނަގެ މަތިން..” ލީންގެ މޫޑް އޮފްވިއެވެ.

“ދެން އެކަމާ އަޅާނުލާ.. އެމީހަކު ބޭނުން މީހަކާ ދޯ އެމީހަކު އިންނާނީ.. އެކަމާ އެހެން މީހުން ރުހޭތޯ ބަލާކަށް ނުޖެހޭނެ ކަންނޭނގެ..”

“އެކަމަކު ދެން އެނޫން މީހަކު ހޯދިނަމަ.. އޭނަގެ ހުރިހާ ހަޤީޤަތެއް އެނގިހުރެ އޭނަޔާ އިނީމަ އަސްލު.. ގައިމު ކިޔާންގެ ނަމަށްވެސް ހުތުރެއްނު.. އަނެއްކޮޅުން އޭނަގެ މައިންބަފައިންނާ އާއިލާ މީހުންނޯ.. އެހުރިހާ ކަމަކާވެސް ވިސްނަންވާނެ ދޯ.. ސަބަބެއް ނެތިއެއް ނޫން ދޯ މީހުން ސުމާދެކެ ރުޅިއަންނަނީކީ..” ލީން އިނީ ހިތްހަމަނުޖެހިފައެވެ.

“ލޯތްބަކީ ކަނު އެއްޗެކޭ ބުނަނީ އެހެންވެޔޭ.. ލޯބިވީމަ ރަނގަޅު ނުބައި އޮޅޭނެ..”

“ތިހެންވިއްޔާ މާޒް ކީއްވެތަ އެ ނާޒްއާ ނީންނަން ތި ހުންނަނީ؟ ކޮންމެ މީހަކުވެސް ދައްކަނީ މޮޅު ވާހަކައޭ.. އެކަމް އެންމެފަހުން ގޮސް ޖެހެނީ ހަމަ އެއްތާކު.. ނާޒްއެކޭ އެ ސުމާއެކޭ އެއްވެސް ތަފާތެއްނެތް.. ކިޔާން ސުމާއާ އިންނަން އޯކޭ.. އެކަމް މާޒް ނާޒްއާ އިންނާކަށް އޯކޭއެއް ނޫން.. ވަރަށް ހެއްވާ ކަމެއް ތީ..” ލީން އެހެން ބުނެލުމުން މާޒް އެއްވެސް އެއްޗެކޭ ނުބުންޏެވެ.

“ހޫމް.. ދެން މިވާހަކަ ހުއްޓަމާ..”

ލޯންޗު ލެފުމާއެކީ ލީން ޒިޔާންއަށް ގުޅާފައި އޭނާ ބަލައި އައުމަށް އެދުނެވެ. މާޒް ލީން ގާތު އެދުނީ ޒިޔާން އަންނަންދެން އޭނާއާ ވާހަކަދައްކާލަން މަޑުކޮށްލުމަށެވެ.

“ދެން އޮތީ ލީންގެ ކައިވެނި ސައި ދޯ؟” މާޒް ދިމާކޮށްލިއެވެ.

“ދިމާކުރާނެ ކަމެއްނެތް.. އިރާދަކުރެއްވިއްޔާ މާޒްގެ ހަނދާނުން ނުފިލާވަރުގެ ފުރިހަމަ ސައެއް ދޭނަން..” ލީން ގަދަކޮށްލިއެވެ.

“އެންމެ ރަނގަޅޭ.. ދެން ނެތްތާ ގިނަ ދުވަހެއް.. މަސް ދުވަހު އަހަރެންނަށް އިންތިޒާރު ކުރެވިދާނެ.. ބޭކާރުވިޔަސް ފަސްއަހަރު ވަންދެންވެސް އިންތިޒާރު ކުރީތާ..” މާޒް ހިތި ހިނިތުންވުމަކާއެކު ބުނެލިއެވެ.

“ލޯބި ލިބޭތޯ ކުރާ އިންތިޒާރަކީ ނިމުން ހިތި އެއްޗަކަށް ވިޔަސް ބޭކާރު އެއްޗެއް ނޫން.. އެއީ އެ އިންތިޒާރުގެ ދުވަސްތަކަކީ ހިތަށް ހަމަޖެހުން ގެނެސްދޭ ދުވަސްތަކަކަށްވީމަ..”

“ހަމައެގޮތަށް އެ އިންތިޒާރުގެ ނިމުން ހިތިވުމަކީ އެ ހުރިހާ ހިތްހަމަޖެހުމެއް ނެތިކޮށްލާ ކަމެއް..” މާޒް އެހެން ބުނެލުމުން ލީން މާޒްއަށް ބަލާލީ ހަމްދަރުދީވެފައެވެ.

“ދެރަނުވޭ.. އިރާދަކުރެއްވިއްޔާ ފަހުން ވާން އޮތްގޮތް މާ ރަނގަޅުވާނެ..” ލީން މާޒްއަށް ހިތްވަރުދިނެވެ. އެވަގުތަކީ ޒިޔާން އައިސް އެމީހުން ގާތަށް މަޑުކޮށްލި ވަގުތެވެ. މާޒްއާ ތިންމީހުން ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ލީން ޒިޔާންއާއެކު ދިއުމުން މާޒްވެސް އެއްގަމަށް ހިނގައިގަތެވެ. އޭނާ ވިސްނުމެއްގައި ހިނގަމުން ގޮސް މަޖީދީމަގުން ގޮސް ގޯޅިއަކަށް އެޅި ވަގުތު އެގޯޅިން ނުކުތް ޒުވާން އަންހެންކުއްޖެއްގެ ގައިގައި ލައިގަތެވެ. މާޒްގެ ގައިގައި ޖެހުމާއެކު އެ އަންހެންކުއްޖާ އަރިއަޅާލިއެވެ. މާޒް ހުޝިޔާރުކަމާއެކު އެކުއްޖާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ.

 

މާޒްއަށް އެކުއްޖާގެ މޫނު ރަނގަޅަށް ފެނުނު ވަގުތު ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އެ އަންހެންކުއްޖާވެސް ދެލޯ މަރާ ތަގުޅިކޮށްލައިގެން އޮވެފައި ދެލޯ ހުޅުވާލީ އޭނާއަށް މީހެއްގެ އަތުގެ ހިމާޔަތް ލިބުނުކަން އިހުސާސްވެގެންނެވެ. އޭނާ ދެލޯ ހުޅުވާލިއިރު ފެނުނު މަންޒަރު ޤަބޫލެއް ނުކުރެވުނެވެ. އެއްވެސް އިޚްތިޔާރަކާއިނުލާ އޭނާގެ ދުލުން މާޒްގެ ނަން ބޭރުވިއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން މާޒް އެކުއްޖާގެ ގައިން ދޫކޮށްލިއެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއްނެތި އެކުއްޖާ ވެއްޓުނެވެ.

“އާހް..” ނާޒްއަށް ވީތަދުން އަނގައިން އަޑެއް ލައްވާލެވުނެވެ. މާޒް ހަމަ އަޅާވެސްނުލާ ދިޔަގޮތަށް ދިޔުމުން ނާޒްއަށް މާޒްއާ ދިމާ ބަލަން އިނދެވުނީ ޤަބޫލު ނުކުރެވިފައެވެ. މާޒް އޭނާދެކެ އެހާ ރުޅި އަންނަނީ ކީއްވެގެންބާއެވެ. އޭނާއަށް ކުރެވުނީ ކޮން ކުށެއްބާއެވެ. އޭނާއަށް ކުރެވުނު ކުށަކީ މާޒްދެކެ ލޯބިވުން ހެއްޔެވެ؟ ލޯބިވުމަކީ ކުށެއް ހެއްޔެވެ؟ ނޫނެކެވެ. ވީއިރު މާޒް އޭނާދެކެ އެހާ ރުޅިއެއް އަންނަނީ ކީއްވެގެންބާއެވެ. އޭނާ އިސްވެ މާޒްގެ ލޯތްބަށް އެދިގެން ފަހަތުން އުޅުމުން ހެއްޔެވެ؟ ނާޒްގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އޭނާ ތެދުވަންވެސް ހަނދާން ނެތިފައި އިންދާ މަގުން ދިޔަ މެދު އުމުރުގެ އަންހެނެއް އަތް ދިއްކޮށްލުމުން ސިހިފައި އޭނާއަށް މަގަށް ބަލާލެވުނެވެ. މަގު ހިނގަމުންދިޔަ ގިނަ ބަޔަކު އޭނާއަށް ބަލަމުން ދާތީ ލަދުން ހުރެ އޭނާ އަވަސްއަވަހަށް ތެދުވިއެވެ. އަދި އެއަންހެންމީހާއަށް ޝުކުރު އަދާކުރުމަށްފަހު ބާރުބާރަށް ހިނގައިގަތެވެ.

މާޒް ކުލީ ކޮޓަރިއެއް ނަގައިގެން ގޮސް ދަބަސް ބަހައްޓާފައި ހަމަޖެހިލިއެވެ. ހަމަނިދި ނުނިދާ ހުރެފައި ދަތުރެއް ކުރުމުން ވަރުބަލިވެފައިވާތީ އަރާމުކޮށްލަން ޖައްސާލަން އުޅެފައިވެސް ތާޒާވެލަން ބޭނުންވިއެވެ. އެހެންކަމުން އޭނާ ތުވާލި ނަގައިގެން ފެންވަރަން ވަނެވެ. ފެންވަރައި ތާޒާވެލައިގެން ނުކުމެ އެނދުގައި ޖައްސާލުމާއެކުހެން ނިދުނެވެ. ދެން އޭނާއަށް ހޭލެވުނީ މެންދުރުން އަނބުރާ ދޭއް ޖަހަނިކޮށެވެ. ހެނދުނު ސައިވެސް ނުބޮއި ހުރުމުގެ ސަބަބުން އޭނާއަށް ހައިހޫނުކަން އިހުސާސްކުރެވުނީ އިންތިހާއަށެވެ. އެހެންކަމުން އޭނާ އަވަސްއަވަހަށް ތައްޔާރުވެލައިގެން ދިޔައީ ރެސްޓޯރެންޓަކަށެވެ.

**********

“އިކާ! އަހަރެން ވާހަކައެއް އަހާލަންތަ؟” ލީން އައިކާއާ ވާހަކަދެއްކީ އައިކާގެ ކޮޓަރީގައި ތިބެއެވެ.

“އަހާބަލަ.. ހުއްދަވެސް ހޯދަން ޖެހޭތަ؟” އައިކާ ސަމާސާ ރާގަކަށް ބުނެލިއެވެ.

“އިކާ މާޒްއަށް އެންމެ ފަހުން ގުޅީ ކޮން ދުވަހަކު؟ ނޫނީ ވާހަކަދެއްކީ ކޮންއިރަކު؟” ލީން ވަރަށް ސީރިއަސްވެފައި އަހާލިއެވެ.

“ތީ ކީއްވެ ކުރި ސުވާލެއް؟”

“ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން.. ސުވާލުގެ ޖަވާބު ދޭންވާނީ ޖަވާބަކުން.. ސުވާލަކުން ނޫން..” ލީން ހުރީ އައިކާގެ ދުލުން ޖަވާބު ހޯދާފައި ނޫނީ ހުއްޓާނުލާ ގޮތަށެވެ.

“ނޭނގެ..”

“އިކާއަށް މާޒް ހަމަ އެހާ ކަމުނުދަނީތަ؟ ކޮބާ ސަބަބަކީ؟” ލީން ހިތްހަމަނުޖެހިފައި އަހާލިއެވެ.

“ނޭނގެ..” އައިކާ އަނެއްކާވެސް ބުނެލިއެވެ.

“އެނގޭނެ.. ކީއްވެ ނޭނގެންވީ؟ އަހަރެން ހުރީ މިކަމާ ނުބެހެންވެގެން.. އެކަމަކު މާޒްއަކީ އަހަރެންގެވެސް ރައްޓެއްސެއް.. އެހެންގޮތަކަށް ބުނަންޏާ ބޭބެއެއްފަދަ މީހެއް.. އަހަރެންނަކަށް ކެތެއްނުވޭ އޭނަ އެހާ ދެރަވެފަ ހުންނަތަން ދެކޭކަށް.. އަދި އެވެސް އިކާގެ ސަބަބުން.. ބުނެބަލަ.. ކީއްވެތަ އޭނައަށް ތިހެން ތި ހަދަނީ؟ ކޮބާތަ އޭނަ ކުރި ކުށަކީ؟ އޭނަ އިކާދެކެ ލޯބިވުންތަ އޭނަ ކުރި ކުށަކީ؟ އެލޯބީގެ ސަބަބުން އޭނަ އިކާގެ އާއިލާއަށްވީ އެހީތަށްތަ އޭނައަށް ކުރެވުނު ގޯސް ކަމަކީ؟ ބުނެބަލަ..” ލީން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. މާޒްގެ ހާލަށް ހަމްދަރުދީވެ ދެރަވެފައެވެ. ލީން ބެލްކަންޏަށް ނުކުމެވޭ ގޮތަށް ލާފައިވާ ދޮރުގައި ލެނގިލިއެވެ.

“ލީން ޕްލީޒް.. ތިވާހަކަ ހުއްޓާލަބަލަ.. ކީއްވެތަ ލީން އެހާވަރަށް އޭނަގެ ވާހަކަ ތި ދައްކަނީ؟” އައިކާގެ އެހެން ބުނެލަމުން ގޮސް ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލިއެވެ. ލީންގެ މޫނަށް ބަލަން ހުރެ އެވާހަކަ ދައްކާކަށް އޭނާއަކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ލީން އެހާ ފަސޭހައިން އެވާހަކަ ނުހުއްޓާނެކަންވެސް އޭނާއަށް އެނގެއެވެ.

“ކީއްވެ ނުދައްކަންވީ؟ އަހަރެން އެވަރަށް މާޒްގެ ވާހަކަ މިދައްކާ ސަބަބު އިކާއަށް ހަމަ ރަނގަޅަށް އެނގޭނެ.. އަހަރެން ނުބުނަން އިކާ މާޒްއާ އިންނާށެކޭ.. ނޫނީ އޭނައާ ރައްޓެހިވާށެކޭ.. އަހަރެން ބޭނުންވަނީ އޭނަގެ އެއްވެސް ކުށެއްނެތި އިކާ އޭނައަށް ތިހާ ހިތްދަތިކަމެއް ތިދެނީ ކީއްވެކަން އޮޅުންފިލުވަން.. އިކާއަށް މާޒްއާ ގުޅެން ކަމުނުދިޔައިމަ ޔޫޝައުއާ ގުޅުނީ.. އެކަމަކު އޭގެ މާނައަކީ މާޒް އެއްކޮށް ބާކީކޮށްލާށެކޭ ނޫނެއްނު.. އެންމެ ކުޑަމިނުން އޭނަ ރައްޓެއްސެއްގެ ގޮތުގަ ބަލައިނުގަނެވެންވީ ކީއްވެހޭ އަހަރެންގެ ސުވާލަކީ؟” ލީންގެ ވާހަކަތަކަށް އައިކާ އެއްވެސް ޖަވާބެއް ނުދިނެވެ.

“އެއީ އޭނަގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހަލާކުވެދާނެ..” އައިކާއަށް ޖުމްލަ ފުރިހަމަނުކުރެވުނީ އޭނާ ލީންއާ ދިމާއަށް އެނބުރުއިރު އެމީހުންގެ ވާހަކަތައް އަޑުއިވޭ ހިސާބުގައި ހުރި ސަނާ ފެނިފައެވެ. އައިކާއަށް ވީގޮތް ފެނިފައި ލީންވެސް ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ސަނާ އެހާ ގާތުގައި ހުރިތަން ފެނުމުން އޭނާވެސް ޖެހިލުންވާގޮތްވިއެވެ. ސަނާ ކަންތައް ކުރާނީ ކިހިނެއްކަން ނޭނގިފައި އޭނާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ސަނާ އެތަނަށް އައީ ކޮންއިރަކުބާއޭ ލީންގެ ހިތަށްއެރިއެވެ. އަނެއްކާ އެމީހުން ދެއްކި ހުރިހާ ވާހަކައެއް ސަނާއަށް އަޑުއިވުނުބާއެވެ. އިތުރު މީހަކު ކޮޓަރިތެރެއަށް ވަތްކަން އެމީހުންނަށް ނޭނގުނީ އެމީހުން ބެލްކަންޏަށް ނުކުންނަ ދޮރު ކައިރީގައި ތިބެފައި ވާހަކައަށް ގެއްލިފައި ތިބެވުނުވަރުންނެވެ.

“ކީއްވެ ތި ހުއްޓާލީ؟ ކުރިއަށް ގެންދޭ.. އައިކާގެ ހިތުގަ މާޒްއާ ދޭތެރޭ އޮތް ހުރިހާ އެއްޗެއް ބޭރުކޮށްލާ..” ސަނާގެ އަޑުގައިވާ ހިތްހަމަނުޖެހުން އައިކާއާއި ލީންއަށްވެސް ފާހަގަކުރެވުނެވެ.

“މަންމާ! އަހަރެން..”

“ދެން ހެޔޮ.. އަހަރެން ހީކުރީ އައިކާއަކީ ވަރަށް ވިސްނޭ ކުއްޖެއްކަމަށް.. އެކަމަކު އެހެނެއްނުވި.. ދަރިފުޅާ! ނިކަން ވިސްނާލަބަލަ.. ދަރިފުޅަށް ހީވަނީތަ މާޒްއަކީ ގޯސް ކުއްޖެކޭ؟ މާޒްއަކީ ކިހާ ރަނގަޅު ކުއްޖެއް.. ނޫންނަމަ އޭނަ އަހަރެމެންގެ އާއިލާއަށް އެހާ އެހީވީސްތަ؟ ނުވީހެއްނު ދޯ.. ދަރިފުޅަށް ހީވެދާނެ އެއީ މާޒް ދަރިފުޅާ އިންނަންވެގެން ކުރި ޚަރަދުތަކެކޭ.. މަންމަމެން ރުއްސަން ވީ އެހީތަކެކޭ.. އެކަމަކު އެހެނެއްނޫން.. މާޒް ދަރިފުޅުދެކެ ވަނީ ލޯބި.. ދަރިފުޅަށްޓަކައި އޭނަގެ ހިތުގައިވާ ސާފު ތެދުވެރި ލޯބި އެދެލޮލުން މަންމަ ދުށިން.. އެލޯބި އަދިވެސް ބަދަލެއްނުވޭ.. ދަރިފުޅު ޔޫޝައުއާ އިންނަން އުޅޭއިރުވެސް އޭނަ އަދިވެސް އެހުންނަނީ ދަރިފުޅުގެ އިންތިޒާރުގަ.. ލޯބިނުވާނަމަ އެހެން ހުރީސްތަ؟ އެއީ އަމިއްލަ އެދުމައިގެން އުޅޭ ކުއްޖެއް ނޫން ދަރިފުޅާ.. ދަރިފުޅު އޭނައާ ނީނަސް އޭނަގެ އެއްވެސް ޝަކުވާއެއް ނޯންނާނެކަން މަންމައަށް ޔަޤީން.. އެކަމަކު ދަރިފުޅު އޭނަ ތި ދުރުކޮށްލަނީ މާބޮޑަށް.. ލޯބިވާނެ މީހުން ލިބިދާނެ.. ރައްޓެހިންވެސް ލިބިދާނެ.. އެކަމަކު ހަޤީޤީ ލޯބިވާ، ހެޔޮއެދޭ ރަނގަޅު ރައްޓެއްސަކު މަދުވާނެ.. މިޒަމާނުގަ ހަމަ ނުލިބޭނެ.. އެހެންވީމަ މަންމަ ދޭނެ ނަސޭހަތަކީ އަދި އެދޭ އެދުމަކީވެސް ދަރިފުޅު މާޒްއާ ގުޅުން ރަނގަޅުކޮށް ކުރީގަ އޮތް ރަހުމަތްތެރިކަން ބޭއްވުން..” ސަނާ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

“އަހަރެން ވަރަށް ދެރަވޭ މާޒް އެހާ ދެރަވެފަ ހުންނާތީ.. އޭނައަކީ ވަރަށް ރަނގަޅު މީހެއް.. އެކަމަކު އަހަރެން މިހުރީ އަސްލު ވަރަށް ހިތްހަމަނުޖެހިފަ ދައްތަމެންދެކެވެސް..” ލީން އެހެން ބުނެލުމުން ސަނާ ބަލާލީ އެއީ ކީއްވެހޭ އަހާލާފަދަ ގޮތަކަށެވެ.

“އެއީ އިކާގެ ކައިވެނި އައިސް ޖެހުނުއިރުވެސް ދައްތަމެން އޭނަ ގާތު އެވާހަކަ ނުބުނީމަ.. މިއަދު އަހަރެން ފުރަން އަންނަނިކޮށް އޭނަ ފެނިގެން އަހަރެން ބުނީމަ އޭނައަށް އެނގުނީ.. ވަރަށް ދެރަވެފަ ހުރީ.. މާލެ ނުދަންހޭ އެހީމަ ބުނީ އެމީހުންނަށް ތިމަންނަ އެހާ މުހިންމު ނުވީމައެއް ނޫންހޯ ނުބުނީ.. ތިމަންނައަކަށް ދަޢުވަތެއް ނުދެޔޭ.. އެހެންވީމަ ނުދެވޭނެ ނޫންހޭ..” ލީން ބުންޏެވެ.

“އަޅެ ދައްތަ ހަނދާނެއް ނެތް މާޒް ގާތު ނުބުނެވޭކަމެއް.. ދެން އޭނަ ނައިތަ؟ ހުރޭ ދައްތަ މިއަދު އޭނައަށް ގުޅާނަން..” ސަނާ ދެރަވެލާފައި ބުނެލިއެވެ.

“ނޫނޭ.. އަހަރެން ވަރަށް ކިޔައިގެން އޭނަ އައި.. އޭނަ އެދެނީ ކޮންމެ ހާލެއްގަވެސް އިކާއަށް އުފާވެރިކަން ލިބުން.. އަހަރެން ބުނިން ދައްތަމެންނަށް މާޒް ވަރަށް މުހިންމޭ.. ދައްތަމެން ޤަބޫލުކުރަނީވެސް އެހެންނޭ.. އަދި ނުބުނެވިގެން އެއުޅެނީ ކައިވެނީގެ ތައްޔާރީތަކުގަ މާ ބުރަވެގެން އުޅޭތީއޭ.. ދެން އޭނަ ޤަބޫލުކުރިކަމެއް ނުކުރާކަމެއް ނޭނގެ.. ވަރަށް ކިޔައިގެން އައި..” ލީން އޮޅުންފިލުވައިދިނެވެ.

މާޒް ހުރީ އައިކާ ދެކިލުމަށް ކެތްމަދުވެފައެވެ. ނަމަވެސް އޭނާއަށް އައިކާ އުޅޭ ގެއެއް ނޭނގެއެވެ. އެހެނެއްކަމަކު ލީން ގާތު އަހާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ސީދާ އައިކާ ގާތު އަހައިގެން އޮޅުންފިލުވާށެވެ. އެހެންކަމުން އޭނާ އައިކާއަށް ގުޅާލިއެވެ. ނަމަވެސް ދެތިންފަހަރު ގުޅުމުންވެސް އައިކާ ފޯނަކަށް ޖަވާބެއް ނުދިނެވެ.

“ހާދަ ފޫއްސެއްވެޔޭ.. މި މާޒް މިއުޅެނީ މޮޔަވެގެންތަ؟ ނުނެގީމަވެސް ނޭނގެ ގުޅުން ހުއްޓާލާކަށް..” އައިކާ ހުރީ ރުޅިއައިސްފައެވެ. އެހެން އިންދާ އަނެއްކާވެސް ފޯނު ރިންގުވާން ފެށުމުން ބަލާލިއިރު މާޒްއެވެ. ވަރަށް އެއްޗެހި ކިޔާލާނަމޭ ހިތާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ހެލޯ! އިކާ ކިހިނެއް؟” މާޒްގެ އަޑުގައިވި ހިތްހެޔޮކަމާއި މަޑުމައިތިރިކަމުގެ ސަބަބުން އައިކާއަށް އެއްވެސް އެއްޗެއް ކިޔާކަށް ނުކެރުނެވެ. މާޒްގެ އަޑުގައި ކުރިން ނުހުންނަ އަސަރެއް ހުރިހެންވެސް އޭނާއަށް ހީވިއެވެ.

“ރަނގަޅު.. މާޒް ކިހިނެއް؟” އައިކާ މަޑުމަޑުން އަހާލިއެވެ.

“ރަނގަޅެއް ނޫން.. އެކަމްވެސް ދެން ރަނގަޅު.. އިކާ ކީއްކޮށްލަނީ ތި؟” މާޒްގެ އަޑުގައިވާ ހިތާމަ އައިކާއަކަށް ފާހަގަކުރެވުނުހެނެއް ހިއެއްނުވެއެވެ. ނޫންނަމަ އެނގުނު ކަމަށް ނުހެދީއެވެ.

“ކަމެއް ނުކުރަން.. ހަމަ އިނީ..”

“އިކާ މެރީކުރަނީ ދޯ؟ ނުވެސް ބުނަމެއްނު..” މާޒް ބުނެލިއެވެ.

“އަހަރެން ނުބުންޏަސް މާޒްއަށް އެނގިއްޖެއެއްނު..” އައިކާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އާނ.. އެނގިއްޖެ.. އެކަމު އެއީވެސް މަލާމާތަކުން..” މާޒް އެހެން އެބުނި ސަބަބެއް އައިކާއަކަށް ނުވިސްނުނެވެ.

“ތިބުނީ؟”

“އަޅާނުލާ.. އިކާ މިހާރު ވަރަށް ބަދަލުވެއްޖެ.. އަހަރެން ހަމަ އެހާ ދުރުކޮށްލީތަ؟ އަހަރެން ހީކުރީ އިކާ އަހަރެން ރަހުމަތްތެރިއެއްގެ ގޮތުގަ ޤަބޫލުކުރާނެކަމަށް.. އެކަމަކު މިހާރު އެނގިއްޖެ މީ އިކާއަށް ބީރައްޓެއްސެއްކަން..” މާޒް ފުން ނޭވައެއް ދޫކޮށްލަމުން ބުނެލިއެވެ.

“ނޫން.. އަހަރެން ބަދަލެއްނުވޭ.. ބަދަލުވީ މާޒްގެ ވިސްނުން.. މާޒް ކަންކަމާ ދޭތެރޭ ދެކޭގޮތް.. އަހަރެންނަށް މި ބަދަލު އައުމުގެ އަސްލަކީވެސް މާޒް.. އަހަރެމެންގެ ރަހުމަތްތެރިކަމުގެ މާނަ އޮޅުވާލީ މާޒް.. އެކަން އެގޮތަށް ނުކުރިނަމަ މިހެނެއް ނުވީސް..” އައިކާގެ އަޑުގައިވާ ހިތްހަމަނުޖެހުން މާޒްއަށް އެނގުނެވެ.

“ލޯބިވުމަކީ ކުށެއްތަ؟ އަހަރެން ނުދެނަހުރިން..”

“އަހަރެން މާޒްއާ ދޭތެރޭ ރައްޓެއްސެއްގެ ގޮތަށް ދެކެމުން އަންނަނިކޮށް، އަދި މާޒްއަށް އެކަން އެނގިހުރެ އަހަރެންދެކެ ލޯބިވުން އެއީ ވަރަށް ބޮޑު ކުށެއް..” އައިކާވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ.

“ލޯތްބަކީ ވާއެއްޗެއް ނޫން.. ވެވޭ އެއްޗެއް.. ނޫންނަމަ އިކާވެސް ރަށަށް އެރި ބީރައްޓެއްސެއްދެކެ ހަފްތާއެއްވެސް ނުވަނީސް ލޯތްބެއް ނުވީސް..” މާޒްގެ އެންމެ ޖުމްލައަކުން އައިކާގެ ދޫބަންދުވިއެވެ.

“ދެން މައްސަލައެއްނެތޭ.. އަހަރެންނަށް ވަރަށް ރަނގަޅު މާޒް ދެން އަހަރެންނަށް ނުގުޅިއްޔާ..”

“ކީއްވެ؟ ކޮބާ ސަބަބަކީ؟” މާޒް ދެރަވެފައި އަހާލިއެވެ.

“ކޮންމެ ކަމެއްގެ ސަބަބު ބަޔާންކޮށްދޭކަށް ނުޖެހޭނެ.. އަހަރެންނަށް ރަނގަޅީ މާޒް އަހަރެން ފެންނަ ހިސާބަށްވެސް ނައިއްޔާ..” އައިކާ އޭނާ އެދޭގޮތް ހާމަކުރިއެވެ.

“މާފްކުރޭ! އަހަރެން އިކާގެ އުފަލަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނަން.. އެކަމަކު މާދަމާ ރޭ އޮތް އިކާގެ ކައިވެންޏަށް ދާނެކަމަށް އަހަރެން ވާނީ އިކާގެ މަންމައަށް ވަޢުދުވެފަ.. އޭގެފަހުން އިރާދަކުރެއްވިއްޔާ އަހަރެން އިކާ ފެންނަ ހިސާބަކަށްވެސް ނުދާނަން..” މާޒް އެހެން ބުނުމަށްފަހު މާޒް ފޯނު ކަނޑާލީ އިތުރަށް ކެތްނުވުމުންނެވެ.

“އިކާ ހާދަ ބަދަލުވެއްޖޭ.. އިކާ އަހަރެންދެކެ އެހާ ރުޅިއަންނަނީ ކީއްވެ؟ އަހަރެންނަށް އިކާ ރުޅިއަންނަވަރުގެ ކޮންކަމެއް ކުރެވިގެންތަ؟ އަހަރެންނަކީ ހާދަ ބަދުނަސީބު މީހެކޭ.. ލޯބިވެވުނީ އެންމެ މީހެއްދެކެ.. އެމީހާގެ މަތިން ހަނދާން ނައްތާލަން ކުރާ ހުރިހާ މަސައްކަތެއް ވަނީ ބޭކާރު.. އޭނަގެ ލޯބި ނުލިބުނުތާ ކުޑަމިނުން އަހަރެން އޭނައާ ވާހަކަދައްކާލާ އޭނަ ފެންނަ ހިސާބަށް ދާންވެސް އޭނަގެ ހިތެއް ނޭދޭ.. ކޮބާ ސަބަބަކީ؟” މާޒްގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޮހެމުންދިޔައިރު ޝަކުވާތައްވީ ހިތުގައެވެ. އެއިން އެއްވެސް ޝަކުވާއެއް ދުލާއި ހަމައަށް ގެންނާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

ޖެހިގެން އައި ދުވަހުގެ ރެޔެވެ. ގަޑިން ނުވައެއް ޖަހަން ކައިރިވީ ވަރަކަށް އައިކާގެ އަތްފައި ފިނިވަމުން ދިޔައެވެ. އަލަތު ކައިވެންޏަށް ކުރެވެމުން އައި ދިގު އިންތިޒާރަށް ނިމުން އަންނަ ވަގުތު ކައިރިވަމުން އަންނާތީ ހިތްވަނީ އަވަސްވެފައެވެ. ލީން އައިކާގެ ގާތުގައި އިނދެ ތަފާތު އެއްޗެހި ކިޔައި ދިމާކުރަމުން ދިޔައެވެ.

ލަމްހާ ޔޫޝައުގެ ގަމީހާއި ފަޓުލޫނު އިސްތިރިކުރަން ހުރިއިރު އޭނާގެ ޚިޔާލުތައް ވަނީ މުސްތަޤުބަލަށްޓަކައި ދެކެމުން އައި ފޮނި ހުވަފެންތަކުގެ ތެރެއަށް ޣަރަޤުވެފައެވެ. ލަމްހާ ވިސްނުމެއްގައި ހުރެ އިސްތިރިކުރަން ހުރިއިރު ޔޫޝައު ހުރީ ލަމްހާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލާށެވެ. އިރުއިރުކޮޅާ ލަމްހާގެ ތުންފަތަށް ވެރިވާ ހިނިތުންވުމާއެކު އެ ހިނިތުންވުން ފަނޑުވެގެންދާތަން ފެނުމުން ޔޫޝައުގެ ހިތަށް ނުހަނު ތަދުވިއެވެ. އޭނާއަށް ހީކުރެވުނީ އޭނާ އެހެން މީހަކާ އިންނާތީ ލަމްހާ ދެރަވަނީކަމަށެވެ. ނަމަވެސް ހަޤީޤަތަކީ ލަމްހާ ދެރަވަނީ ދަރިމައިވުމަށް އޭނާ ދެކޭ ހުވަފެން ދުވަހަކުވެސް ހަޤީޤަތަކަށް ނުވެދާނެތީކަމެވެ. އައިކާގެ ފަރާތުން ޔޫޝައުއަށް ދަރިއަކު ލިބުނަސް އޭނާގެ ފަރާތުންވެސް ޔޫޝައުއަށް އެއުފާ ހޯދައިދޭން އޭނާ ނުހަނު ބޭނުންވެއެވެ. ޔާ ﷲއެވެ! މިއަޅާ ދަރިން ލިބުމުގެ އުފަލުން މަޙްރޫމް ނުކުރައްވާށިއެވެ! އާމީން! ލަމްހާއަށް ހިތާހިތާ ދުޢާކުރެވެއެވެ.

މާޒް އެނދުގައި ހުރަހަށް އޮށޯވެލައިގެން އޮތްއިރު އޭނާ އޮތީ ދެޚިޔާލެއްގައެވެ. އައިކާގެ ޙަޔާތަށް އަންނާނެ އެންމެ އުފާވެރި ރޭ އެތާ ހުންނަން އޭނާ ބޭނުމެވެ. ނަމަވެސް އޭނާއަށް އެތާނގައި ހުންނާނެހާ ހިތްވަރު ލިބޭނެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެއްކޮޅުގައި އޮތީ އައިކާގެ އެދުމެވެ. އަނެއްކޮޅުގައި އޮތީ އޭނާގެ ހިތުގެ ގޮވުމާއި އައިކާގެ މަންމައަށް ވެފައިވާ ވަޢުދެވެ. އެތަނަށް އޭނާ ނުގޮސްފިނަމަ ސަނާއަށް ވީ ވަޢުދު އުވާލެވުމާއެކު އޭނާއަށް އައިކާ ދެކިލުމުގެ ފުރުސަތު ވަރަށް ކުޑަވީއެވެ. އޭރުން ހިތަށް ލިބޭނީ އިތުރު އަނިޔާއެކެވެ. އަދި އެތަނަށް ގޮސްފިނަމަ އައިކާގެ ނުރުހުމާއި ކުރިމަތިލާން ޖެހޭނެއެވެ. އެކަމުން އޭނާގެ ހިތަށް ލިބޭ ވޭން މާ ބޮޑުވާނެއެވެ. ދެގޮތުންވެސް އޭނާއަށް ލިބެން އޮތީ އަނިޔާއެވެ. އެހެންކަމުން ވަރަށް ވިސްނާފައި އޭނާ ދާގޮތަށް ނިންމީ އޭނާ މަންމައެއް ފަދައިން ދުށް ސަނާގެ އުފަލަށް ވިސްނާފައެވެ.

ކައިވެނީގެ ކަންތައް ނިމިގެން އޮތީ ކުޑަ ހަފްލާއެކެވެ. ދެފަރާތުގެ އާއިލާއާއި ގާތް ރައްޓެހިން އަދި ޔޫޝައު އޮފީސް ހުރިހާ މުއައްޒަފުން ބައިވެރިވިއެވެ. މާޒް އައިކާއަށް ބަލަން ހުރިގޮތް ފެންނަ ކޮންމެ މީހަކަށް އައިކާއާ ދޭތެރޭ މާޒްގެ ހިތުގައިވަނީ ކޮން އެއްޗެއްކަން ސާފުކޮށް އެނގޭނެއެވެ. އެވާހަކަ މީހުންގެ ތުންތުންމަތިން ތަފާތު ގޮތްގޮތަށް ދެކެވެން ބޭނުން ނުވާތީ އޭނާ ހުރީ އެންމެންނާ އެކަހެރިކޮށް ތަންކޮޅެއް ދުރުގައެވެ. ނަމަވެސް އެންމެންގެ ތެރެއިންވެސް އޭނާއަށް އެކަކުގެ ނަޒަރު ހުއްޓިފައިވާކަން އޭނާއަށް ރޭކާނުލައެވެ. އޭނާ އެތަނަށް ވަނީއްސުރެ ނާޒްގެ ނަޒަރުން އޭނާ ވަކިވާ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. މާޒް އެހާ ދެރަވެފައި ހުރުމުން އޭނާގެ ހިތަށް ބަޔާންނުކުރެވޭވަރުގެ އުފާވެރިކަމެއް ލިބުނެވެ.

“މާޒް އެދުވަހު އަހަރެންގެ ލޯބި ޤަބޫލުކުރިނަމަ މިރޭ ތިގޮތަށް ރޮވިފަ ބަލަން ހުންނާކަށް ނުޖެހުނީސް..” ނާޒް އަމިއްލަ ނަފްސަށް އިވޭވަރަށް މަޑުމަޑުން އެހެން ބުނެލިއިރު އޭނާގެ އަޑުގައިވަނީ މަލާމާތެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށުމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން މީހުން މަދު ހިސާބަކަށް އޭނާ ދިޔައެވެ.

އައިކާ ހިނިތުންވެ ހުރެ އެއްލި ކަޅިއަކުން އެއްފަރާތެއްގައި ރޮވިފައި އޭނާއަށް ބަލަން ހުރި މާޒް ފެނުމުން އޭނާގެ ހަރަކާތަށް ހުއްޓުމެއް އައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ބުނަން ނޭނގޭ ކަހަލަ ގޮތެއްވެގެން ދިޔައެވެ. އެވަގުތު މާޒްއަށްވެސް ބުނަން ނޭނގޭފަދަ ގޮތެއްވެގެން ދިޔައެވެ.

“މިވާވަރު ބުނެދޭހިތްވޭ، ކަލާއަށް އަންގާހިތްވޭ

ތިލޯތްބަށް އެދިގެން ދާހިތްވޭ

މަގޭ ހިތް މޮޔަވާވަރުވޭ، މަގޭ ހިތް ހުއްޓޭގޮތްވޭ

އަރާމެއް މިހިތަށް ބޭނުންވޭ

ކަލާ ފެނުމުން ހީވަނީ އަހާހެންނޭ ލޯބިވޭހޭ ނިކަން

ޝަކުވާ ހިތާ ކުރެވޭ ރޮމުން، އާދޭސް ކުރާހިތްވޭ ރޮމުން

މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ، އިންތިޒާރުގާ ހުންނަމޭ ލޯބިން

*****

ހައިރާންވާވަރުވޭ އިނގޭ ފަރިކަން ފެނުމުން، ހިތާ ކުޅެލާފާ ދާކަށް ނޭދެން ލޯބިވާއޭ

ސިއްސައިގެން ދާގޮތްވޭ ހިނިތުންވެލުމުން، ލޮލާ ލޯ ސީދާވީމާ ވާގޮތް ނޭނގެނީއޭ

ލޯބިވޭ ނިހާޔަތަށް ހިތް އެދޭ އެހާވަރަށް، ލޯމަރާލުމުންވެސް ފެންނަހެން ހީވަނީއޭ

ޝަކުވާ ހިތާ ކުރެވޭ ރޮމުން، އާދޭސް ކުރާހިތްވޭ ރޮމުން

މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ، އިންތިޒާރުގާ ހުންނަމޭ ލޯބިން..”

މާޒް އެނބުރި ދިޔަތަން ބަލަން އައިކާ ހުއްޓާ ސިހުނީ ޔޫޝައު އޭނާގެ އަތުގައި ހިފާ ގޮވާލުމުންނެވެ.

“ކިހިނެއްވީ؟ ކޮން އެއްޗެއް ތި ބަލަނީ؟” ޔޫޝައު އައިކާ ބަލަންހުރި ދިމާއަށް ބަލާލަމުން އަހާލިއެވެ.

“ދެންމެ އެދިމާގަ މީހަކު ހުރިތަން ފެނުނީމަ ބަލާލީ.. އެހާ އެކަހެރިކޮށް ހުރީމަ..” އައިކާ ނަން ނުބުނެ ހާމަކުރީ ހަޤީޤަތުން އެއްބައެވެ.

“އެހެންތަ؟ އެވާނީ އޭނައާއެކީ އަންނާނެ އިތުރު މީހަކު ނެތް މީހަކަށް ކަންނޭނގެ.. އެހެންވެއްޖެއްޔާ އޭނައަށް ހަމަ ތިކަހަލަ ރަނގަޅު ކުއްޖަކު ލިބޭތޯ އަހަރެން ދުޢާކުރަން.. އާމީން!” ޔޫޝައު މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އެއަޑުގައިވާ ހިތްހެޔޮކަމުން އައިކާއަށް ހިނިތުންވެލެވުނެވެ.

“ތިކަހަލަ ފިރިއަކު ދެއްވީތީ މާތް ﷲއަށް ޙަމްދުކުރަން..” އައިކާ ހިތާހިތުން ބުނެލިއެވެ.

ދެފަރާތުގެ ގާތް މީހުންނަށް ދިން ކެއުން ނިމުމުން އައިކާ ގޮވައިގެން ޔޫޝައު ދިޔައީ އޭނާގެ ގެއަށެވެ. އޭނާ ދިޔައިރު އޭނާއާއި އައިކާއަށްޓަކައި ވަނީ ޚާއްސަ ގޮތަކަށް ކޮޓަރިއެއް ތައްޔާރުކޮށްފައެވެ. އޭނާގެ އަލަތު ކައިވެނި ނޫނަސް އައިކާގެ އަލަތު ކައިވެންޏަށްވާތީ އެއުފާ އޭނާއަށް އިހުސާސްކޮށްދޭން ބޭނުންވާތީ ލަމްހާ ކޮށްފައިވާ ކަންތަކެވެ.

ކޮޓަރިއަށް ވަދެވުމާއެކު ދެން ވާނެގޮތް ހިތަށް އެރުމުން އައިކާގެ އަތްފައި ފިނިވިއެވެ. ކޮންމެ އަންހެންކުއްޖަކަށްވެސް އާ ކައިވެނީގެ ރޭ މިފަދަ އިހުސާސްތަކެއް ކުރެވޭބާއޭ އޭނާގެ ހިތަށްއެރިއެވެ. ނޫންނަމަ މީ އޭނާގެ ފިނޑިކަމުން ވާ ގޮތްތަކެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. ހާސްކަން ފޮރުވުމަށްޓަކައި އޭނާ ގޮސް އެނދުގައި އިށީނދެ ދެފައި ނަގާ މެޔާ ކައިރިކޮށްލައިގެން އިނެވެ. އެވަގުތު ދޮރު ހުޅުވާލާފައި ޔޫޝައު އެތެރެއަށްވަދެ ދޮރު ތަޅުލުމުން އޭނާއަށް ދެފައި ވަކިން ބޮޑަށް މެޔާ ގާތްކޮށްލެވުނެވެ. އައިކާގެ ހާލަތު ވިސްނި ޔޫޝައު ހިނިތުންވެލަމުން އައިސް އެނދުގައި އިށީނދެ ވަރަށް ފުންކޮށް އައިކާއަށް ބަލާލިއެވެ. ޔޫޝައުގެ ތޫނު ނަޒަރުން އައިކާއަށް ލަދުން އިސްޖަހާލެވުނެވެ. ޔޫޝައު އައިކާގެ ދަތްދޮޅިދޮށަށް އަތް ލައްވާ އިސްއުފުލާލިއެވެ. އަދި ވަރަށް ލޯބިން އައިކާ އޭނާގެ މޭގެތެރޭ ބޮނޑިކޮށްލިއެވެ.

“ފޮރުވާލުމުން ތިމޭގާ ތެދެކޭ ވަރަށް އުފާވެޔޭ، ކެތްމަދުވެ ހިތް އެބަ ތެޅިލަޔޭ

ނޭވާގެ ހޫނުކަން ލިބި ނޭނގޭ އެތައް ގޮތެއްވޭ، މަސްތީ އަރާމެއް އެބަވެޔޭ

ނާރުތަކުގާ ހަރަކާތް އަވަސްވެޔޭ

ބޮސްދޭހާ ލޯބިވޭ..”

ޔޫޝައު މަޑުމަޑުން އައިކާގެ ފިޔާތޮށި ކުލައިގެ މަޑު ތުންފަތުގައި ބޮސްދޭން ފެށިއެވެ. އެވަގުތުކޮޅު އެގޮތުގައި ހިނދުކޮޅަކަށް ދެމިގެން ދިޔައެވެ. އައިކާގެ މޫނަށް ޖަންބު ކުލަ އަރާފައިވާތަން ފެނުމުން ޔޫޝައުގެ ހިއްސުތަކަށް ވާންވެލިއެވެ. މަޑުމަޑުން އައިކާގެ ޝޯލްގައި ހުރި ދަތިތަކާއި ޕިންތައް ނައްޓަން ފެށިއެވެ. އައިކާ އިސްޖަހައިގެން އިނީ ލަދުން ވިރިވިރިއެވެ. ޝޯލް ބޭލުމާއެކު އައިކާ ރީތި، ދިގު، ފަން އިސްތަށިގަނޑު ފެނިފައި ޔޫޝައުއަށް ބޭއިޚްތިޔާރުގައި އެއިސްތަށިގަނޑުގައި ފިރުމާލަމުން ވަސްގަނެލެވުނެވެ. ޔޫޝައު އައިކާގެ ހެދުމުގެ ފުރަގަހުގައިވާ ޒިބު މަޑުމަޑުން ތިރިއަށް ކަހާލިއެވެ. ޔޫޝައު މަޑުމަޑުން އައިކާގެ ދޮން ކަނދުރާއާއި ބުރަކަށީގެ ހާމަވެފައިވާ ބައިގައި ފިރުމާލުމާއެކު އައިކާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެކޮނޑުން ހެދުން ސޮހިގެން ދިޔަހިނދު އައިކާ ކުއްލިއަކަށް އެނބުރިފައި ޔޫޝައުގެ މޭގައި ލަދުން މޫނު ފޮރުވާލިއެވެ. ޔޫޝައު ވަރަށް ލޯތްބާއެކު އައިކާގެ މަޑު ހަށިގަނޑުގައި ބައްދާލިއިރު އޭނާގެ ހިއްސުތައް ކޮންޓްރޯލް ކުރުމަށް ދަތިވެއްޖެއެވެ.

ޔޫޝައު މަޑުމަޑުން އައިކާ އޭނާގެ ގަޔާއި ދުރުކޮށްލިއެވެ. އަދި އަނެއްކާވެސް މަޑުމަޑުން އައިކާގެ މަޑު ތުންފަތުގައި ބޮސްދިނެވެ. އައިކާވެސް ފުރިހަމައަށް އެ ހަރަކާތުގައި ބައިވެރިވިއެވެ. ދެމީހުންގެ ނޭވާ އެކުވެ ލޯބީގެ ހޫނުން ދެހަށިގަނޑުގައި ހުޅު ރޯވާކަށް ގިނައިރެއް ނުވިއެވެ. ޔޫޝައުގެ ހަރަކާތްތައް އަވަސްވާ ވަރަކަށް އައިކާގެ ނޭވާ އަވަސްވަމުންދެއެވެ. އެދެމީހުން ލޯބީގެ ފޮނިމީރުކަން އޭގެ އެންމެ މަތީ ދަރަޖައަށް ހާސިލްކުރިއެވެ. ލިބުނު އަރާމާއި ވެފައިވާ ވަރުބަލިކަމުގައި އިސާހިތަކު ދެމީހުންނަށްވެސް ނިދިއްޖެއެވެ.

އައިކާއަށް ހޭލެވުނީ ހަތެއް ޖަހަނިކޮށެވެ. ފަތިސް ނަމާދަށް ނުހޭލެވުނީތީ އޭނާ ދެރަވިއެވެ. ކޮންމެ ރެއަކު ފަތިސް ނަމާދު ބަންޤިއަށް ހޭލިނަމަވެސް ރޭގައި މާލަހުން ނިދުނީމަ ވީގޮތެވެ. އޭނާ ތެދުވެގެން ގޮސް ފާޚާނާއަށްވަދެ ފެންވަރާލައިގެން ނުކުތެވެ. އޭރުވެސް ޔޫޝައު އޮތީ ގަދަ ނިދީގައެވެ. ޔޫޝައުއަށް ހޭލެވުނީ އައިކާ ދެތިން ފަހަރަކު ގޮވާލި ފަހުންނެވެ. ޔޫޝައުއަށް ހޭލެވުމާއެކު ހިނިތުންވެލަމުން އައިކާ ގައިގައި ބާރަށް ބައްދާލިއެވެ. އެވަގުތު އައިކާގެ ގައިން ދުވި މީރުވަހުން ވަގުތުން ޔޫޝައުގެ ހިއްސުތައް ހޭލިއެވެ.

“މިހާރު އަހަރެން ނުލާ ފެންވެސް ވެރީ ދޯ؟” ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. ޔޫޝައު ގޮސް ފާޚާނާއަށް ވަދެ ފެންވަރައިގެން ނުކުތްއިރު އައިކާ ހުރީ ފުނާ އަޅާށެވެ. ޔޫޝައު ގޮސް އައިކާ ނަގައިގަނެގެން ގެނެސް އެނދުމަތީ ބޭއްވިއެވެ.

“މިގަޑީގަވެސް؟”

“މިއޭ އެންމެ ސަޅި ގަޑިއަކީ.. މިގަޑީގަ ފުލް ޗާޖް ހުންނާނީ..” އައިކާއާ ވީހާވެސް ގާތްވެލަމުން ޔޫޝައު ބުނެލިއެވެ. އައިކާ ޔޫޝައުއަށް ބަލަން އޮތީ މަސްތުން ފުރިގެންވާ ނަޒަރަކުންނެވެ.

“ތިގޮތަށް އަހަރެންނަށް ނުބަލާ.. އަހަރެން މޮޔަވެދާނެ..” ޔޫޝައު އެހެން ބުނެލުމުން އައިކާ ލަދުން އިސްޖަހާލިއެވެ. އެވަގުތު ކެތްތެރިކަން ކޮޅުންލައި ލޯބީގެ ކަނޑުތެރެއަށް ދެމީހުން ޣަރަޤުވެގެން ދިޔައެވެ. ހެނދުނުގެ އެ ފިނިފިނި ހިތްގައިމު ވަގުތުގައި ދެމީހުން އެކަކު އަނެކަކުގެ ހަށިގަނޑުގެ ހޫނުން ހީފިލުވިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ނުހަނު އޮމާންކަމާއެކުގައެވެ. އައިކާއާއި ލަމްހާ އެއްގެއެއްގައި ނުހަނު އެކުވެރިކަމާއެކު އުޅެމުން ދިޔައީ އެއްބަނޑު އެއްބަފާ ދެމީހުން އުޅޭފަދައަކުންނެވެ. ހާޖަރާވެސް ލަމްހާއެކޭ އެއްފަދައިން އައިކާދެކެ ލޯބިވެއެވެ. އައިކާވެސް ހާޖަރާއަށް ނުހަނު ހެވެވެ. އާއިލާގެ ތެރޭގައި އޮތް ލޯބި ފެނިފައި ޔޫޝައު ހުންނަނީ އުފަލުން ފުރިފައެވެ. ދެއަނބިންނަށް ހުރިހާ ކަމެއްވެސް ހަމަހަމަކޮށް ކޮށްދެމުން ދިއުމުގެ ނަތީޖާއަކަށްވީ އެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހި ދިރިއުޅުން ކުރިއަށް ގެންދެވުމެވެ.

ކައިވެންޏަށް ހަތަރުމަސް ވީއިރު އައިކާއަށް ބަދަލުތަކެއް އަންނަކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ ހާޖަރާއަށެވެ. ގަދަ ވަސްތަކަށް ބޯއަނބުރާ ހޮޑުލަވާގޮތްވާން ފެށުމުން އޭނާގެ ހިތުގައި އުފާވެރިކަމުގެ ރަނގަބީލު ޖެހެންފެށިއެވެ. އެންމެފަހުން އޭނާ ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހެނީކަމުގައި އޭނާގެ ހިތް ބުންޏެވެ. އޭނާ ހުރީ ޔޫޝައު ގާތު އެވާހަކަ ބުނާހިތުން ކެތްމަދުވެފައެވެ. ނަމަވެސް ޔޫޝައު ގެއަށް އައުން ލަސްވާތީ ގުޅަން އުޅެފައިވެސް އޭނާ މަޑުކޮށްލީ ޔަޤީންކޮށްފައި ނޫނީ ނުބުނާށެވެ. ލަމްހާއަށްވެސް އައިކާއަށް އަންނަ ބަދަލުތައް ފާހަގަކުރެވުނެވެ. އެހެންކަމުން އޭނާ ޔޫޝައުއަށް ނާންގާ އައިކާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ޓެސްޓުގެ ނަތީޖާ ލިބުމާއެކު ދެމީހުންނަށްވެސް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އައިކާ އެހާ އަވަހަށް ކުއްޖަކު ބޭނުންނުވެ ހުރެފައިވެސް ޚިޔާލު ބަދަލުވީ ޔޫޝައު އެހާވަރަށް އެކަމަށް އެދެން ފެށުމުންނެވެ.

ޔޫޝައު ގެއަށް އައިސް ވަތްއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ހައިރާންކަމާއެކު އޭނާ އެތެރެއަށް ވަދެގެން ދިޔައިރު ހާޖަރާއާއި ލަމްހާ ތިބީ އައިކާގެ ކޮޓަރީގައެވެ. އައިކާ އެނދުގައި އޮށޯވެގެން އޮތްއިރު އޭނާގެ ގައިގެ އެއްބައިގައި ރަޖާ އަޅާލާފައި އޮތުމުން ޔޫޝައުއަށް ވީގޮތެއްވެސް ނޭނގުނެވެ.

“ކިހިނެއްވީ؟” ހާސްވެފައި ޔޫޝައު އަހާލިއެވެ.

“ބަލިވީނު..” ލަމްހާ ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.

“ދެން ކީއްވެ އަހަރެންނަށް ނޭންގީ؟” ކުޑަކޮށް ހިތްހަމަނުޖެހިފައި ޔޫޝައު އަހާލިއެވެ.

“އަންގާވަރަށް ބަލިނުވީމަ..”

“ކީކޭ ތިކިޔަނީ؟ ކިހާވަރެއް ވީމަތަ އަންގަން ޖެހެނީ؟” ޔޫޝައު ހިތްހަމަނުޖެހިފައި އެހެން ބުނިއިރު ލަމްހާ އިނީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ.

“ޔޫޝް! އަހަރެން ބައްޔެއް ނޫނޭ..” ލޯމަރައިގެން އޮވެފައި އައިކާ މަޑުމަޑުން ބުނެލިއެވެ. އައިކާ އެހެން ބުނެލިތަނާ ލަމްހާއަށް ބާރަށް ހެވުނެވެ. ލަމްހާ ހޭން ފެށުމުން އައިކާއަށްވެސް ނޯވެވިގެން ހެވުނެވެ. ހާޖަރާ އިނީ އެކުދިންގެ ސަކަރާތްގަނޑު ބަލަން ހިނިއައިސްފައެވެ. އެއްވެސް އެއްޗެކޭ ނުބުނެއެވެ.

“ވަޓް؟ ކީއްވެ ތި ހެނީ؟ މާ މަޖާކަމެއް ވެއްޖެތަ؟” ޔޫޝައު ހައިރާންވެފައި އަހާލިއެވެ.

“ނޫން.. އާދެބަލަ އަހަރެމެންނާ ބައިވެރިވާން.. މީ އުފާކުރަންވީ ވަގުތޭ..” ލަމްހާ ބުނެލިއެވެ. ޔޫޝައު ހުރީ ވާނުވާގައެވެ.

“ކިހިނެއްތަ މިވަނީ؟ އަހަރެންނަކަށް ނޭނގެ މިވާގޮތެއް..”

“އާނ އޯކޭ.. މިހާރު މި ކިޔައިދެނީ ވީގޮތް.. މި އާއިލާއަށް މެންބަރަކު އިތުރުވަނީ.. ޔޫ ބައްޕައަކަށް.. އައިކާއާ އަހަރެންނާ މަންމައަކަށް.. މަންމަ މާމައަކަށް.. މިހާރު އޮޅުންފިލައިފިތަ؟” ލަމްހާ އެހެން ބުނެލުމުން ޔޫޝައުއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ވީ އުފަލެއްގެ ބޮޑުކަމުން އޭނާއަށް ލަމްހާ އުރާލެވުނެވެ. އެވަގުތު އެތާ ހާޖަރާއާއި އައިކާ ތިބިކަންވެސް އޭނާ ހަނދާން ނެތުނެވެ.

“އުރަންވީ އަހަރެންނެއް ނޫނޭ.. އައިކާ.. އަހަރެންނެއް ނޫނޭ ޕްރެގްވީ.. އައިކާ..” ލަމްހާ އެހެން ބުނެލުމުން ޔޫޝައުއަށް ކުޑަކޮށް ހުއްޓުން އެރިއެވެ.

“އެހެންތަ؟ ލަމް ބުނިގޮތުން އަހަރެން ހީކުރީ ދެމީހުން އެއްކޮށްކަމަށް..” ޔޫޝައުއަށް އެވަގުތު ލަމްހާއަށް ކުރާނެ އަސަރު އިހުސާސްކުރެވުނެވެ.

“ތީ ހަމަ ބޮޑު މޮޔައެއް.. ދެން ޔޫ އާ އައިކާގެ ދަރިއަކީ ހަމަ އަހަރެންގެވެސް ދަރިއެއްނު.. މަންމާ! މަންމަ ކޮންތާކުންތަ މިހާ ބޮޑު މޮޔައެއް ހޯދައިގެން ތިއުޅެނީ؟” ލަމްހާ އެހެން ބުނެލުމުން ހާޖަރާ ހީލަމުން އެއީ ބައްޕަގެ ކަންތަކޭ ބުނެލިއެވެ. ޔޫޝައުވެސް ބޯކަހާލަމުން ތީވެސް ތެދެކޭ ބުނެލިއެވެ. ޔޫޝައު ގޮސް އައިކާ ގާތުގައި އެނދުގައި އިށީނދެލުމުން ލަމްހާއާއި ހާޖަރާ ބޭރަށް ނުކުތީ އެދެމީހުން އެކަނިވެލަން ވަގުތުކޮޅެއް ދިނުމަށްޓަކައެވެ.

“އަހަރެން ވަރަށް އުފާވެއްޖެ.. އަހަރެން ވަރަށް އުފާވެއްޖެ އިކާ އަހަރެންގެ އެދުމަށް ފުރަގަސްނުދިނީމަ..” ޔޫޝައު ލޯތްބާއެކު އައިކާގެ ކޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“އަހަރެން ޔޫޝްދެކެ ވަރަށް ލޯބިވޭ.. އެހެންވީމަ ޔޫޝް އެދޭކަމެއް އަހަރެން ކޮށްނުދޭންވީ ކީއްވެ؟ އަހަރެން ޔޫޝްއަށް ކޮންމެ ކަމެއްވެސް ކޮށްދޭނީ ކޮށްދޭހިތުން އުފަލުން..” ޔޫޝައުގެ އަތުގައި ހިފައިގެން އޮވެ އައިކާ ބުނެލިއެވެ.

**********

“ލީން! ކޮބާ އިކާގެ ހާލު ކިހިނެއްތަ؟” ލީން ގާތުގައި މާޒް އަހާލިއެވެ.

“މާޒް! އަހަރެން މާޒްއަށް ރަނގަޅަކަށް ވާހަކައެއް ބުނަންތަ؟ މާޒް އިކާގެ މަތިން ހަނދާން ނައްތާލާ.. އެއީ މިހާރު ކުރީގެ އިކާއެއް ނޫން.. އޭނަ މުޅިން ބަދަލުވެއްޖެ..” ލީން އެހެން ބުނެލުމުން މާޒްގެ ހައިރާންވިއެވެ.

“ކީއްވެ ތިހެން ތިބުނީ؟”

“އެއީ އޭނައަކަށް މިހާރު އަހަރެމެންނާ ވާހަކަދައްކާނެ ވަގުތެއްނުވޭ.. އަހަރެމެންނަކީ ރައްޓެހިންކަން އޭނަ ހަނދާން ނެތިއްޖެ.. އޭނަ އޭނަގެ ދުނިޔޭގަ އުފަލުގަ އުޅެން ދޫކޮށްލާ.. އަހަރެމެން އަހަރެމެންގެ ހާލައިގެން އުޅުނީމަ ނިމުނީ.. އެހެންވީމަ މާޒް ގާތުވެސް މިބުނީ އޭނަ އަންނާނެކަމަށް ތިހެން ޚިޔާލީފޮލާ ނުކައްކާ އޭނަގެ މަތިން ހަނދާން ނައްތާލާށޭ..” ލީން އެހެން ބުނެލުމުން މާޒްގެ ހިތަށް ވަރަށް ތަދުވިއެވެ. އައިކާ ހަމަ އެހާވަރަށް ބަދަލުވީ ހެއްޔެވެ؟ އޭނާގެ މަތިން ހަނދާން ނައްތާލިޔަސް އޭނާގެ ހިޔަނި ފަދައިން އުޅުނު އޭނާގެ ހުރިހާ ސިއްރުތަކެއް އެނގޭ އޭނާގެ އެންމެ ގާތް އެކުވެރިޔާ މަތިންވެސް ހަނދާން ނައްތާލީ ހެއްޔެވެ؟ މާޒްއަށް އެވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ.

“އެކަމަކު އަހަރެންނަކަށް ތިވާހަކަ ޤަބޫލެއް ނުކުރެވޭ.. އިކާ އަހަރެން މަތިން ހަނދާން ނައްތާލިޔަސް އަދި އަހަރެންނާ ވާހަކަދައްކަން ބޭނުންނުވިޔަސް ލީން މަތިން ހަނދާން ނައްތާލާނެއެކޭ އަހަރެންނަކަށް ހިއެއްނުވޭ..” މާޒް އެހެން ބުނެލުމުން ލީންއަށް ބޯހޫރާލެވުނެވެ.

“ހަނދާން ނައްތާލީމަ ދޯ އޭނައަށް އަހަރެންނަށް ގުޅާނުލެވެނީ.. މީހަކާ އިނީމަ ބިޒީވާނެކަންވެސް އެނގޭ.. އެކަމަކު އަބަދަކު ބިޒީއެއް ނުވާނެއެއްނު.. އޭނައަށް މާލެ ދެވުނީމަ އަހަރެމެން މަތިން ހަނދާން ނެތުނީ..” ލީން ބުނެލިއެވެ.

“ލީންވެސް ރަނގަޅުވާނެއެއްނު ގުޅާލަން..”

“ކިހާ ވަރަކަށް؟ އޭނައަށް އަމިއްލައަށް ފެނިގެން ގުޅާލަން ނުކެރޭތާ އަހަރެން ގުޅީމަ ފޯނުވެސް ނެގެނީ ހާލަކުން ފަހަރަކު.. އަހަރެން މިހާރު ފޫހިވެއްޖެ އިކާއަށް ގުޅަން.. އެއްވެސް މީހަކު ނޫޅޭ ވަރަކުން އަހަރެންނެއް ނޫޅޭނަން..” ލީން އެހެން ބުނެލުމުން މާޒް ލީންއަށް ބަލާލިއެވެ.

“އެކަމަކުވެސް އަހަރެންނަށް..”

“މާޒް! ނިކަން ހޭއަރާބަލަ.. ތިހެން ބޭކާރު ގޮތުގަ ދިރިއުޅުން ނަގާނުލާބަލަ.. އިކާއަށްވުރެ މާ ރަނގަޅު ކުދިންވެސް މާޒްއަށް ވާނެޔޭ.. ކީއްވެތަ ނުވިސްނިގެން ތިއުޅެނީ؟ އިކާއެއް އެނބުރިއެއް ނާންނާނެ..” ލީން ބެލީ މާޒްއަށް ވިސްނައިދެވޭތޯއެވެ. މާޒް އިތުރަށް އެއްޗެކޭ ނުބުނެއެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ލަމްހާއާއި އައިކާ އެއްގެއެއްގައި ޔޫޝައުއާއެކު އުފަލުގައި ދުވަސްތައް ވޭތުކުރަމުންދިޔައީ ޚިޔާލެއް ފިކުރެއް ނެތިއެވެ. އަނެއްކޮޅުން އައިކާ ނުލިބުމުގެ ހިތާމަޔާއި އެކުވެގެން ލިހާމްގެ ފުރައްސާރަތަކާއިހުރެ މާޒްގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ދަށަށެވެ. އެހެންކަމުން އޭނާގެ މަންމައާއި ދޮންބައްޕަ އޭނާ ގޮވައިގެން ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރިއެވެ. މާޒް ކިތަންމެ ވަރަކަށް ދާން ދެކޮޅު ހެދިނަމަވެސް ރަމްޒިއްޔާގެ އާދޭސްތަކުން ދެކޮޅު ހަދަން ނުކެރުނީއެވެ.

ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސްވަރެކެވެ. ހެނދުނުއްސުރެ ވެހެމުންދިޔަ އިރުއިރުކޮޅާ ބޯކުރަމުން މެދުކެނޑުމެއްނެތި ވެހެމުން ދިޔައެވެ. ދުވަހުގެ ފިނިކަމާއިހުރެ ބޭރަށް ނުކުންނާނެ މީހަކުވެސް ނުވެއެވެ. ކޮންމެ މީހަކުވެސް ބެލީ އަރާމު ނިންޖަކުން ނިދާލެވޭތޯއެވެ. މެންދުރުގެ ވަގުތުގައި މާ ގަދައަށް ނިދުމުގެ ސަބަބުން އެރޭ މެންދަންވީއިރުވެސް ޒިޔާންއާއި ލީންގެ ލޮލާއި ނިދި ވަނީ މާދުރުގައެވެ.

“ޒިޔާ! އަހަރެން ބުނީ ކޮންއިރަކުންހޭ އަހަރެމެން ކުއްޖަކު ހޯދާނީ؟ މިހާރު އަށްމަސް ވީއެއްނު.. މިހާރު އަހަރެމެންނަށް ކުއްޖަކު ލިބުނަސް ދަތިނުވެ އުޅެވޭވަރަށް ރެޑީވެވިއްޖެއެއްނު..” ލީން ޒިޔާންގެ މޭގައި ބޯއަޅާލައިގެން އޮވެ ބުނެލިއެވެ.

“ހޫމް.. އަހަރެންވެސް މިހާރު އެބަ ތިކަމާ ވިސްނަން.. އިރާދަކުރެއްވިއްޔާ މިހާރު އަހަރެމެންނަށް ފައިސާގެ ދަތިކަމެއް ކުރިމައްޗެއް ނުވާނެ.. އެކަމަކު އަހަރެން މިހުންނަނީ ލީން ރަނގަޅަށް ތައްޔާރުވީމަ ނޫނީ އެކަން ނުކުރަންވެގެން.. އަހަރެން ބޭނުންވިޔަސް ލީން ކުއްޖަކު ބޭނުން ނުވަންޏާ ކަމަކު ނުދާނެއެއްނު.. އެހެންވެ ލީން ބޭނުންވެގެން ބުނަންދެން އަހަރެން މަޑުކޮށްގެން މި ހުންނަނީ..” ޒިޔާންގެ ވާހަކައިން ލީން ހިނިތުންވެލިއެވެ.

“ކީއްވެ އަހަރެންނާ ދޭތެރޭ އެހާވަރަށް ތި ވިސްނަނީ؟”

“ލޯބިވާތީ.. އެކަމެއް ނޭނގޭތަ؟ ލީންގެ އުފަލަކީ އަހަރެންގެ އުފާ.. އަދި ލީންއަށް ލިބޭ ކޮންމެ ދެރައަކީ އަހަރެންނަށްވެސް ލިބޭ ދެރައެއް.. ތީ އަހަރެންގެ ދިރިއުޅުމުގެ އެއްބައި.. އަހަރެންގެ ދުޢާއަކީ ލީންއާ އަހަރެން އަބަދުވެސް އެކީގަ ލެއްވެވުން.. ދުވަހަކުވެސް ދެމީހުން ވަކިނުވުން.. ލީން އަހަރެންނާ ވަކިވާ ދުވަހަކީ އަހަރެން ދެކެން ބޭނުންވާ ދުވަހެއް ނޫން.. އެހެން ގޮތަކަށް ބުނަންޏާ ލީން އަހަރެންނާ ވަކިވުމަކީ ހަށިގަނޑާއި ފުރާނަ ވަކިވުން ކަހަލަ ކަމެއް..” ލީންގެ ގައިގައި ބައްދާލައިގެން އޮވެ ޒިޔާން ބުނެލިއެވެ.

“އަހަރެން ހިއެއްނުކުރަން ދުވަހަކުވެސް އަހަރެންދެކެ ތިހާ ލޯބިވާ މީހަކު ލިބިދާނެ ކަމަކަށް..” ވީ އުފަލެއްގެ ބޮޑުކަމުން ލީންގެ ލޮލުން ކަރުނަ ހިލުނެވެ.

“އުނހު.. މިލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭކަށް އަހަރެން ބޭނުމެއްނޫން..” ޒިޔާން ވަރަށް ލޯތްބާއެކު ލީންގެ ދެލޯ ފޮހެލައިދިނެވެ. ކުއްޖަކު ހޯދާ ވާހަކަ ދެއްކުމުން ލީން މާބޮޑަށް އައިކާ މަތިން ހަނދާންވާން ފެށިއެވެ. އެއީ ލީން ޒިޔާންއާ ރައްޓެހިވި ހިސާބުން ފެށިގެން ލީން އަބަދުވެސް އައިކާ ގާތުގައި ދައްކާ ވާހަކައަކަށް ވާތީއެވެ. އޭނާ ހޯދަން އެންމެ ބޭނުންވަނީ ދެ ޖިންސުގެ ދެކުދިންކަމަށް އަބަދުވެސް އޭނާ އައިކާ ގާތުގައި ބުނެއެވެ. އިރާދަކުރެއްވިއްޔާ ލީންއަށް ލިބޭނީ ލީން އެންމެ ބޭނުންވާ ކަހަލަ ދެކުދިންނޭ އައިކާ އަބަދުވެސް ބުނެއެވެ. އަދި އެކަމަށް އެދި ދުޢާކުރާނަމޭވެސް ބުނެއެވެ.

“ޒިޔާ! އަހަރެން ވަރަށް ދެރަވޭ އިކާ އެހާބޮޑަށް ބަދަލުވީމަ.. ހީވެސް ނުކުރަން މިހެން ވެދާނެކަމަކަށް.. ހިތަށްއަރަނީ ކީއްވެބާއޭ އޭނައަށް އެހާބޮޑު ބަދަލެއް އެއައީ..” ލީން ދެރަވެލާފައި ބުނެލިއެވެ.

“އެކަމާ އެހާބޮޑަށް ނުވިސްނާ.. އެއީ ރަށްފުށުގެ ގިނަ މީހުންނަށް މާލެ ދެވި މުއްސަނދި ދިރިއުޅުމެއް ލިބުނީމަ ވާގޮތް.. ތިމާއަށް ތިމާގެ ފެންވަރު އޮޅެނީ.. އެކަހަލަ ގިނަ މީހުންނަށް ހަމަ ތެޅިތެޅިފަ އެނބުރި އަންނަން ޖެހެނީ ކުރީގަ އުޅުނު ދިރިއުޅުމަށް..” ޒިޔާންވެސް ހުރީ އައިކާދެކެ ފޫހިވެފައެވެ.

“ވިސްނާކަށް ބޭނުމެއްނޫން.. އެކަމް އަހަރެންނަށް ހަމަ ވިސްނެނީއޭ.. ކޮންމެ ގޮތެއްވިޔަސް ސޯޅަ އަހަރު ވަންދެން އެކީގަ އުޅެފަ އެންމެ ދެއަހަރު ތެރޭ އެގުޅުން ކެނޑޭ ހިސާބަށް ދިޔައީމަ ދެރަވާނެއެއްނު.. އިކާގެ ކަންތަކާ ބޯގޮވައިގެން މާޒްގެ ދުވަސް އެދަނީ.. އަނެއްކާ އެހެރަ އުޅޭ ލިހާމްއެއްގެ އުނދަގޫވެސް ހާދަހާ ބޮޑޭ.. މާޒްއާ ދިމާކޮށްނުލާ އޭނައަށް ހަމަނިދި ލިބޭކަމަކަށް ނުވޭ.. ހިތަށްއަރަނީ އޭނައަށް ކޮން މޮޅެއްބާއޭ ވަނީ އެހެން އުޅެގެން؟ މާޒް އިކާގެ ކަންތަކާ އެހާ ބޯގޮވާފަ ހުއްޓާ ލިހާމްގެ އުނދަގޫ ކުރިއަށްވުރެވެސް ބޮޑުވެގެން ގޮސް އޭނަ އެހާ ސަކަރާތްވީ.. އެކަމާ ހެދި އޭނައަށް ރަށުން ފައިބަންވެސް އެ ޖެހުނީ..” ލީން ހުރީ ލިހާމްދެކެ ވަރަށް ރުޅިއައިސްފައެވެ.

“ރިލޭކްސް ލީން.. ބުނެބަލަ! މިރޭ އަސްލު ކިހިނެއްވެގެން ތިއުޅެނީ؟ އެހެން ދުވަސްދުވަހު އުޅޭ ގޮތެއް ނޫން ތީ.. ކޮންކަމަކާ ހިތްހަމަނުޖެހިގެން ތިއުޅެނީ؟” ޒިޔާންއަށް ލީންގެ މޫޑް ރަނގަޅު ނޫންކަން އެނގުނެވެ.

“މިއަދު ރަމްތައަށް ގުޅާލިން.. ބުނި މިހާރު މާޒް މަދުމަދުން މަސައްކަތް ކޮށްވެސް އުޅެޔޭ.. ރަށުގަ ހުރިއިރާ ބަލާފަ ހާސްބައި ރަނގަޅޭ.. މަޑުމަޑުން ހަމައަކަށް އެޅެމުންނޯ އަންނަނީ.. އެހެންވެ އަސްލު އެކި ކަންކަން ހަނދާންވެފަ މޫޑް ގޯސްވީ.. ކަމަކާ ހިތްހަމަނުޖެހިފައެއް ނޫން..” ލީން ބުނެލިއެވެ.

“އިރާދަކުރެއްވިއްޔާ މާޒް އަދި ރަށަށް ޚިދުމަތްކުރަން އަންނާނެ..” ޒިޔާން ބުނެލިއެވެ.

“އާނ.. އަހަރެންވެސް އުއްމީދުކުރަނީ ތިހެން.. އަހަރެން މިރަށަކުން ނުދެކެން މާޒްހާ ރަނގަޅު މީހެއް.. އަހަރެން ހިތަށްއަރާ މާޒްގެ އެ ރަނގަޅުކަން އިކާއަށް ނުފެނުނީ ކީއްވެބާއޭ؟ މާޒްއާ ދޭތެރޭ އޭނަ އެއްވެސް އިރަކު ހިތްހެޔޮ ނޫނީ.. ނޫންނަމަ މާޒް އެ ހުރިހާ ދުވަހު ކޮށްދިން ކަންތައްތަކާ ދޭތެރޭ އޭނަ ދެކޭނީ އެގޮތަކަށް ނޫން.. އޭނަ ދެކުނީ އެއީ މާޒް އަމިއްލަ އެދުމައިގެން ކޮށްދިން ކަންކަންކަމަށް..” ލީން އަނެއްކާވެސް އައިކާގެ މަތިން ހަނދާންވިއެވެ.

“އަހަރެންވެސް މާޒްއަށްވުރެ ގޯސްތަ؟” ލީންގެ މޫޑް ރަނގަޅުކޮށްލުމަށް ޒިޔާން ސަމާސާކޮށްލިއެވެ.

“ދެން.. ސީރިއަސްވެބަލަ..”

“އޯކޭ އޯކޭ.. އަސްލުވެސް.. ދެން ތިވާހަކަ ހުއްޓާފަ ހިނގާބަލަ ނިދޭތޯ އުޅެމާ.. ތިވާހަކަ ދައްކާ ވަރަކަށް ލީންގެ މޫޑް ގޯސްވުން ނޫންކަމެއް ނުވާނެ..” ޒިޔާން އެހެން ބުނެލުމުން ލީންވެސް އިތުރަށް އެވާހަކަ ދައްކާކަށް ނޫޅުނެވެ.

**********

އާ ދުވަހަކަށް އިރުއެރީ އަނެއްކާވެސް ޔޫޝައުގެ ހަޔާތަށް އުފާވެރި ޚަބަރަކައިގެންނެވެ. އެތައް ދުވަހެއް ވާންދެން ކުރި އުއްމީދުތަކުގައި ކުލަޖެހުނީއެވެ. ﷲގެ ޙަޟްރަތަށް ކުރިހާ ދުޢާތައް އިޖާބަކުރެއްވީއެވެ. ލަމްހާ އޭނާގެ ދަރިއަކަށް ބަލިވެ އިނީއެވެ. މުޅި ގޭތެރެއަށް ހީވަނީ ބަހާރު މޫސުން އައިސްގެން އުޅޭހެންނެވެ. އެންމެން އެކަމާ އުފާ ފާޅުކުރަމުން ދާއިރު ބޯމަތިވަމުން އަންނަ ތޫފާނުގެ ހިލަމެއްވެސް އެމީހުންނަކަށް ނުވެއެވެ. ތޫފާނުގެ ވައިގަދަވާނީ ކިހާވަރަކަށް ކަމެއް އަންދާޒާކޮށްލަންވެސް ނޭނގެއެވެ. އެ ތޫފާނުގެ ވައިގައި އެމީހުންގެ ދިރިއުޅުމަށް ކުރާނީ ކިހާވަރެއްގެ އަސަރެއްބާއެވެ.

 

“އައިކާ! ހިނގާބަލަ މިއަދު ބިރިޔާނީ ކައްކަމާ..”

“އާނ ދޯ.. މިހާރު ދުވަސްކޮޅެއް ވެއްޖެ ދޯ ބިރިޔާނީ ނުކެއްކޭތާ..” އައިކާވެސް ލަމްހާއާ އެއްބައިވެލިއެވެ.

“އާނ.. އޭރު ހުރީ އަބަދު ބިރިޔާނީ ކައިކައި ފޫހިވެފަ.. ޔޫޝައުއަށް މާ މީރު އެއްޗެއްވިއްޔަ.. ކޮންމެ ހުކުރެއްގަ ކަހަލަ ގޮތަކަށް ޖެހޭނެ ބިރިޔާނީ ހަދަން..” ލަމްހާ އެހެން ބުނެލުމުން އައިކާވެސް ހީލިއެވެ.

“މިހާރު ކީކޭ ކިޔާފަ ތި ހެނީ؟ ހަމަ އެއްވަރެއްގެ ދެމީހުން މީ.. ކަމަކަށް ނުވާ ކަމެއްގަ ތިބެދާނެ ހީނހީނ..” ހާޖަރާ ބަދިގެއަށް ވަތްއިރު އައިކާއާއި ލަމްހާ ހޭން ތިބުމުން ބުނެލިއެވެ.

“އެއީ ސްކޫލްގަ އުޅުނުއިރު ދިމާވި މަޖާ ކަންކަމުގެ މަތިން ހަނދާންވީ.. އެވާހަކަ މިދެއްކެނީ..” ލަމްހާ ހާޖަރާއަށް ބަލާލަމުން ހީލިއެވެ.

އައިކާގެ ބަނޑަށް ހަތްމަސް ފުރިއްޖެއެވެ. އައިކާ ދިޔައީ ރީތިވާން ބޭނުންކުރާ ބައެއް ސާމާނު ހުސްވެފައި ހުރުމުން އެ ގަނެލަން ފިހާރައަކަށެވެ. އައިކާވެސް އަދި ލަމްހާވެސް އެކަނި ބާޒާރުކުރަން ދިއުމަކީ ޔޫޝައު އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ޔޫޝައުއަށް ދެވެން ނެތް ފަހަރަކު ވިއްޔާ ލަމްހާއާއެކު ދިއުމަށް ޔޫޝައު ވަނީ އައިކާއަށް އަންގާފައެވެ. އަދި ލަމްހާއަށްވެސް ވަނީ އެގޮތަށް އައިކާ ގޮވައިގެން ދިއުމަށް އަންގާފައެވެ. ނަމަވެސް ލަމްހާ ކުޑަކޮށް ބަލިކޮށް އުޅޭތީއާވެސް އެކުގައި ގޭ ކައިރީ ފިހާރައަކަށް ދާތީ އައިކާ ދިޔައީ އެކަންޏެވެ. އޭނާ ފިހާރައަށް ވަދެ ބޭނުންވާ ސާމާނު ގަނެގެން ގޮސް ގެއަށް ވަދެވަދެ ހުއްޓާ ފޯނަށް މެސެޖެއް އައެވެ.

“އައިމް ބެކް!!” ނުދަންނަ ނަންބަރަކުން އައިސްފައިވާ އެ މެސެޖް ފެނުމުން އޭނާގެ ހިތް ތެޅިގަތެވެ. އަނެއްކާ އެމީހަކީ ކާކުބާއެވެ.

“ކޮންގްރޭޓްސް!! ޕްރެގްވީމަ މިހާރު އަދި މާ ލޯބި.. މިހާރު ކިތައް މަސްތަ؟ ވިހާނެ ދުވަހެއްގެ އިންތިޒާރުގަ އަހަރެން މި ހުންނަނީ.. ލައްކަ ދުވަސް ވެއްޖެ ދުރުގަ ހުންނަތާ.. ދާނަން އިނގޭ މީޓްކޮށްލަން.. އެޑްރެސް ދީބަލަ.. ހަނދާން ނައްތާލެވޭތޯ ވަރަށް މަސައްކަތްކޮށްފިން.. އެކަމް އެކަމެއް ނުވި..” ފުލުފުލުގައި މެސެޖުތަކެއް ލިބެމުން ދިޔައެވެ.

“ކާކު ތީ؟” ވަރަށް ނުރުހިފައި އައިކާ މެސެޖެއް ފޮނުވާލިއެވެ. ނުދަންނަ ނަންބަރުތަކުން ފޮނުވާ މެސެޖުތަކާއި ފޯނުކޯލްތަކަށް ޖަވާބުދިނުމަކީ އޭނާ ކޮށްއުޅޭ ކަމަކަށް ނުވިނަމަވެސް އެމީހަކީ އޭނާ ވަރަށް ރަނގަޅަށް ދަންނަ މީހެއްކަން މެސެޖުތަކުން އެނގޭތީ، އެއީ ކާކުކަން އެނގެން އޭނާ ބޭނުންވިއެވެ.

“ކަލާގެ ލޯތްބަށް ފެންބޮވައިގެންފައިވާ އާވާރާއެއް..” ޖަވާބު ލިބުނެވެ. އައިކާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ޖަވާބުން އޭނާއަށް އެއީ މާޒްގެ ކަމެއްކަމުގައި ޤަބޫލުކުރެވުނެވެ. މިފިރިހެނާ އަދިވެސް އަހަރެންގެ ދިރިއުޅުމުން ދުރަށް ދާކަށް ނުވޭހެއްޔެވެ؟ އޭނާ އެހެރީ ހަމަ ރަނގަޅަށްވެސް ދުނިޔޭން މޮޔަވެފައެވެ. އޭނާއަށް އަހަރެން މިހުރި ހާލެއް ނުފެނޭ ހެއްޔެވެ؟ މިވަރުން އޭނާއަށް އަހަރެން ނުލިބޭނެކަން އެނގެން ވެއްޖެއެއް ނޫން ހެއްޔެވެ؟ އައިކާ ހިތާހިތުން މާޒްއާ ދިމާއަށް އެއްޗެހި ކިޔަމުން ގޭތެރެއަށް ވަނެވެ.

**********

“ހޭއި ލަމް..” ލަމްހާ އެކަނިމާއެކަނި ފިހާރައަކަށް ވަންނަނިކޮށް ދަންނަ އަޑަކުން ގޮވާލިހެން ހީވެގެން އޭނާ ބަލާލިއެވެ.

“އައްޒާމް!؟” ޔަޤީން ނުވެފައި ލަމްހާ އަހާލިއެވެ. އައްޒާމް ބޯޖަހާލީ ޔަޤީންކަން ދިނުމުގެ ގޮތުންނެވެ.

“ނުވެސް އެނގުނު ދޯ؟”

“ކިހިނެއް އެނގޭނީ؟ މުޅި މީހާ ތިހުރީ ބަދަލުވެފައެއްނު.. އޭރުގަ ކުދިން ކިޔާ އުޅުނު ކަޅު ބަ..”

“ބަބުރުކަމެއްވެސް ނެތެއްނު..” ލަމްހާ ބުނަންފެށި ޖުމްލަ އައްޒާމް ފުރިހަމަކޮށްލިއެވެ. އައްޒާމް އެހަނދާން އޮތުމުން ލަމްހާއަށް ހެވުނެވެ.

“ކޮބާ ކިހިނެއްތަ ހާލު؟” އައްޒާމް އަހާލިއެވެ.

“ރަނގަޅޭ.. އައްޒާމް ކިހިނެއް؟” ލަމްހާވެސް އަހާލިއެވެ.

“ރަނގަޅު.. ހާދަ ގިނަ ދުވަހެއް ފަހުންނޭ ދޯ މި ދިމާވީ..”

“އާނ.. ދިމައެއް ނުވާނެއެއްނު.. މާލެއިން ކިޔެވުން ނިންމާލިގޮތަށް ބޭރަށް ދިޔަގޮތަށް މިހާރުވިއްޔަ ތި ފެނިލީ.. ފަސްއަހަރު ފަހުން.. މިހާރު ކިޔެވުން އެއްކޮށް ނިންމާލީތަ؟” ލަމްހާ އަހާލިއެވެ.

“އާނ.. މިހާރު ދެން މި އެއްކޮށް ނިންމާލީ.. ލަމް ކީއްކުރަނީ؟” އައްޒާމް އަހާލިއެވެ. ސްކޫލް ދައުރުގެ ދެ ރައްޓެހިން ދިމާވުމުން ދެމީހުންވެސް ތިބީ ނުހަނު އުފާވެފައެވެ.

“އަހަރެންނަށް ބަލާލީމަވެސް އެނގެއެއްނު ކީއްކަން ކުރަނީ..” ލަމްހާ ކުޑަކޮށް އެނގެން ފަށާފައިވާ އޭނާގެ ބަނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

“މެރީކުރީ ދޯ؟ ޕްރެގް ދޯ؟ ކިތައް މަސް؟” އައްޒާމް އެހެން އަހާލުމުން ލަމްހާ ބޯޖަހާލާފައި މިހާރު މިއޮތީ ހަތަރު މަހަށޭ ބުނެލިއެވެ.

“ކޮބާ ފިރިމީހާ؟ އެކަނިތަ ބާޒާރަށް ނުކުމެ ތިއުޅެނީ؟”

“ފިރިމީހާ ވީ އޮފީހުގަ.. މީ އަނެއްހެން ބާޒާރުކުރާކަށް ނޫނޭ މި ނުކުތީ.. މީ ކޫސަނި ކާއެއްޗެއް ގަނެލަންވެގެން..” ހީނގަންނަމުން ލަމްހާ ބުނެލިއެވެ.

“އެހެންދޯ ވީ.. ހޫމް.. ދެން ކޮންއިރަކުން ފިރިމީހާ ތަޢާރަފްކޮށްދޭނީ؟” އައްޒާމް އަހާލިއެވެ.

“މިރޭ އަންނަންވީނު އަހަރެމެން ގެއަށް.. އޭރުން އަހަރެންގެ ފިރިމީހާ ތަޢާރަފްކޮށްދޭނަން..” ލަމްހާ އެހެން ބުނެލުމުން އައްޒާމް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

ލަމްހާ ގެއަށް އައިއިރު ދޮރުމަތީގައި ޔޫޝައުގެ ބޫޓު ހުރުމުން ޔޫޝައު ގެއަށް އައިކަން އޭނާއަށް އެނގުނެވެ. އޭރު އަދި ޔޫޝައުގެ އޮފީސް ނިމޭ ގަޑި ޖެހެން ކައިރިވެސް ނުވެއެވެ. އެހެންކަމުން ޔޫޝައު ގެއަށް އަންނާނީ ކޮންމެވެސް ބޮޑުކަމެއް ވެގެންކަން އޭނާއަށް އެނގުނެވެ.

“ޔޫ!” ކޮޓަރިއަށް ވަތްއިރު އެއްޗެހި ބަދަލުކޮށްލައިގެން އެނދުގައި އޮށޯވެ ލޯމަރާލައިގެން އޮތް ޔޫޝައު ފެނުމުން ލަމްހާ ގޮވާލިއެވެ. އެއާއެކު ވަރުބަލިކަމާއެކު ޔޫޝައު ދެލޯ ހުޅުވާލިއެވެ.

“ކިހިނެއްވީ؟” ޔޫޝައުގެ ރަތްވެފައިވާ ދެލޯ ފެނުމުން ކަންބޮޑުވެފައި ލަމްހާ އަހާލިއެވެ.

“ހުން އައީ..” ޔޫޝައުއަށް އެހެން ބުނެވުނުތަނާ އޯކާ ދެމިގަތެވެ. އޭނާއަށް އެނދުން ރަނގަޅަށް ނުތެދުވެވެނީސް ހޮޑުލެވިއްޖެއެވެ. ޔޫޝައުއަކީ ހުން އައިސްފިނަމަ ވަރަށް ބޮޑުވަރުވާ މީހެއްކަން އެނގޭތީ ލަމްހާ ވަރަށް ކަންބޮޑުވިއެވެ. ހަށިގަނޑަށް ލިބުނު ލޮޑުކަމާއެކު ޔޫޝައުއަށް ބޮލުގައި ހިފަހައްޓާލެވުނީ ބޮލަށް އެނބުރުން އަރާހެން ހީވާތީއެވެ. އޭނާއަށް އެނދުގައި އިށީނދެވުނުތަނާ އޭނާ އެނދުމައްޗަށް ދެމުނެވެ. ލަމްހާ އަވަސްއަވަހަށް މުށިތަކުމަތީ ހުރި ހޮޑުތައް ސާފުކޮށްލިއެވެ. އަދި ޔޫޝައު ހޭއަރާތޯ ގޮވަން ފެށިއެވެ.

“ޔޫ! ޔޫ!” ޔޫޝައުގެ މޫނުގައި ފެން އުނގުޅަމުން ލަމްހާ ގޮވަމުން ދިޔައެވެ. އިރުކޮޅަކު އެގޮތަށް ފެން އުނގުޅާ ހަދަން ފެށުމުން ޔޫޝައު ލޯ ހުޅުވާލިއެވެ. އޭނާ ލަމްހާއަށް ބަލާލަމުން ހިނިތުންވެލެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން އެކަންވީ ނާކާމިޔާބެވެ.

“އަހަރެން އެބަ އަންނަން ސޫޕް ހަދައިގެން.. އޭރުންނެއްނު ގައިގަ ވަރުޖެހޭނީ.. ހިނގާ ހޮސްޕިޓަލަށް ދާން..” ލަމްހާ ވަރަށް ލޯތްބާއެކު ބުނެލިއެވެ.

“މީ.. އެވަރު ކަމެއް.. ނޫނޭ.. ބޭސް ކައިގެން.. ނިދާލަނިކޮށް.. ރަނގަޅުވެދާނެ..” ޔޫޝައު ލަސްލަހުން އެހެން ބުނެލުމުން ލަމްހާ ބޯ ހޫރާލިއެވެ.

“އުހުނ.. ދާންވާނެ..”

“މާދަމާއަށް.. ރަނގަޅު ނުވެއްޖެއްޔާ.. ދާނީ.. އޯކޭ އެއްނު..” ޔޫޝައު އެހެން ބުނެލުމުން ލަމްހާ އެންމެ ރަނގަޅޭ ބުނެ ބޯޖަހާލިއެވެ. އަދި ދާން ހިނގައިގަތުމުން ޔޫޝައު އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“ކޮންތާކަށް ތިދަނީ؟”

“ސޫޕް ހަދަން.. އެހާ ގިނައިން ހޮޑު ލެވުނީމަ ތިއޮތީ މާބޮޑަށް ވަރުބަލިވެފަ.. އެއްޗެއް ކައިލައި ބޮއިލައިގެން ބޭސް ކައިގެން ނިދާލާނީ އިނގޭ.. އެބަ އަންނަން..” ލަމްހާ ދާން ހިނގައިގަތުމުން އަނެއްކާވެސް ޔޫޝައު އޭނާ ހިފެހެއްޓިއެވެ.

“މަޑުކޮށްބަލަ.. އިކާ ގާތު.. ބުނެބަލަ ސޫޕް ހަދާލަން..” ޔޫޝައު ބޭނުންވީ ލަމްހާ އޭނާ ގާތުގައި ބައިންދާށެވެ.

“އޯކޭ.. މި އަންނަނީ އިނގޭ ބުނެފަ..” ލަމްހާ އެހެން ބުނެފައި ދިޔައީ އައިކާ ގާތުގައި ބުނާށެވެ.

“އައިކާ! ވަރަށް އަވަހަށް ނޫޑްލްސް ސޫޕެއް ހަދާލަބަލަ.. މިއުޅެނީ ޔޫޝައު ހުން އައިސްގެން..” ލަމްހާގެ އަޑު އިވިފައި އައިކާ ހައިރާންވިއެވެ.

“ކޮންއިރަކު؟ ޔޫޝް ނުވެސް ބުނޭ އަހަރެން ކައިރިއަކު ތިކަހަލަ ވާހަކައެއް.. އަހަރެން ގާތު ބުނީ މާ ވަރުބަލިވީމަ ގެއަށް އައީއޭ..” އައިކާ އެހެން ބުނެލުމުން ލަމްހާވެސް ހައިރާންވިއެވެ.

“ވެދާނެ ގެއަށް އައި ފަހުން ހުން އައީކަމަށް.. އަވަހަށް ސޫޕް ހަދާލައްޗޭ.. ޔޫޝައު ހިތްހަމައެއް ނުޖެހުނު އަހަރެން ހަދާ ސޫޕް ބޯކަށް.. އައިކާގެ އަތުގަ ތިހުރީ ކޮންކަހަލަ ޖާދޫއެއްބާއޭ އަހަރެންގެ ހިތަށްއަރަނީ.. މިއޮއްވަރަށް ކައްކާއިރުވެސް އަހަރެންނަކަށް އައިކާ ކާއެއްޗެހީގަ ތި ލައްވާ މީރު ރަހައެއް ނުލެއްވުނު..” ލަމްހާ އައިކާއަށް ތަޢުރީފްކޮށްލުމުން އައިކާ ރަކިވިއެވެ.

“ކެއްކުމަކީވެސް ހުނަރެއް.. ލަމްހާ ކައްކާ އެއްޗެހިވެސް ވަރަށް މީރު.. އެކި މީހުންގެ ހުންނާނީ އެކި ހުނަރު އެކި ވަރަށް.. އެގޮތަށް އައިކާ ލަމްހާއަށްވުރެ ކައްކަން މޮޅީ.. ހަމަ އެގޮތަށް އައިކާއަށްވުރެ މޮޅަށް ލަމްހާއަށް ކުރެވޭ ކަންކަންވެސް ހުންނާނެ..” ހާޖަރާއަށް އެމީހުން ދެއްކި ވާހަކަ އަޑުއިވުމުން އެއްޗެކޭ ނުބުނެއެއް ނީނދެވުނެވެ. ލަމްހާ ހިނިއައިސްފައި ހުރެ ބޯ ހޫރާލަމުން ކޮޓަރިއަށް ވަނީ ހާޖަރާގެ އަނަގަގަދަކަމޭ ހިތަށް އެރުމުންނެވެ.

އެރޭގެ ވަގުތެވެ. އައްޒާމް ލަމްހާމެންގެއަށް ދިޔައީ ރޭގަޑު ނުވައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. ގޭގެ ބެލް އަޅާލި އަޑަށް ޓީވީއަށް ގެއްލިފައި އިން އައިކާއަށް ސިހިފައި ދޮރަށް ބަލާލެވުނެވެ.

“އައިކާ! ދޮރު ހުޅުވަބަލަ.. އަހަރެން މިދަނީ..” ލަމްހާ އެހެން ބުނެލުމުން އައިކާ ބުރުގާ އަޅާލައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ސިހުމެއް ލިބުނީ ކުރިމަތީގައި ހުރި އައްޒާމް ފެނުމުންނެވެ. އައްޒާމްއަށްވެސްވީ ހަމަ އައިކާއަށް ވީފަދަ ގޮތެކެވެ. އެދެމީހުން ބަހެއްވެސް ނުބުނެ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ ލަމްހާ ކޮޓަރިން ނުކުމެއްޖެއެވެ.

“އައްޒާމް! ތި އައީ ދޯ؟ އާދޭ އެތެރެއަށް..” ލަމްހާ އައްޒާމް އެތެރެއަށް ވަންނަން ހުއްދަދިނެވެ. އައިކާ ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާލަމުން އައްޒާމްއަށް ތަން ދެއްކިއެވެ. ލަމްހާ އައްޒާމްއާ ވާހަކަ ދެއްކިގޮތުން އެދެމީހުންނަކީ ވަރަށް ގާތް ދެމީހުންކަން އައިކާއަށް އެނގުނެވެ. އެދެމީހުންގެ އޮންނަނީ ކޮންކަހަލަ ގުޅުމެއްބާއެވެ. އަނެއްކާ އައްޒާމްއަކީ ލަމްހާގެ ތިމާގެ މީހެއްބާއެވެ. ނޫނެކެވެ. އެހެންނަމަ ޔޫޝައުއަށް އައްޒާމް އެނގުނީހެވެ. އެދެމީހުން ރަހުމަތްތެރިވީ ކިހާ ހިސާބަކުންބާއެވެ. އައިކާ ވިސްނުމެއްގައި ހުރެ ގޮސް ކޮޓަރިއަށް ވަނެވެ.

“ކޮބާ ފިރިމީހާ؟”

“ކޮޓަރީގަ ވީ.. ކުޑަކޮށް ބަލިކޮށް އުޅެނީ.. މިއަދު އޮފީހުން އައިއިރު މާ ގަދައަކަށް ހުން އައިސްގެން..” ލަމްހާ ބުނެލިއެވެ.

“އެހެންތަ؟ އެހެންވީމަ އެހެން ރެޔަކުން ދޯ؟” އައްޒާމް އެހެން ބުނެލުމުން ލަމްހާ އިހަށް މަޑުކޮށްލާށޭ ބުނެލިއެވެ.

“އައިކާ ކީއްކުރަނީ މިގޭގަ؟”

“އައްޒާމް އައިކާ ދަންނަންތަ؟” ލަމްހާ ހައިރާންވެފައި އަހާލިއެވެ. އައްޒާމް ބޯޖަހާލިއެވެ.

“އެ ކިހިނެއް؟”

“އައިކާ ކިޔަވަން ހުރީ އަހަރެމެން ގޭގަ.. އެހެންވީމަ އެނގޭނެއެއްނު.. އެކަމް އަހަރެންނަށް އޭނައާ ދިމާވީތާ ހަފްތާއެއްވަރު ވީތަނާ އޭނަ ޔޫޝައުއާ އިނދެފި..” އައްޒާމް ހިނިއައިސްފައި އިނދެ ބުނެލިއެވެ.

“ޔޫޝައުވެސް ދަންނަންތަ؟” ލަމްހާ އެހެން އަހާލުމުން އައްޒާމް ބޯޖަހާލާފައި އެއީ އައިކާގެ ފިރިމީހާއޭ ބުނެލިއެވެ.

“އެހެންވިއްޔާ ދެން ވަކި އަހަރެންގެ ފިރިމީހާ ތަޢާރަފްކޮށްދޭކަށް ނުޖެހޭނެތާ.. ޔޫޝައު އެއީ އަހަރެންގެވެސް ފިރިމީހާ..” ލަމްހާ ހިނިތުންވެލަމުން ބުނެލިއެވެ.

“ވަޓް؟ މާނައަކީ ލަމް އޭނައާ އިނީ ދެއަނތްބަށޭ؟” ހައިރާންވެފައި އައްޒާމްއަށް އަހާލެވުނެވެ. ލަމްހާ ބޯ ހޫރާލަމުން ނޫނެކޭ ބުނެލިއެވެ.

“ދެން؟ އައިކާ؟” އައްޒާމް ޔަޤީން ނުވެފައި އަހާލުމުން ލަމްހާ ބޯޖަހާލިއެވެ. އައިކާ ކަހަލަ ކުއްޖަކު ހަމަ ދެއަނތްބަށް އިންނަން އެއްބަސްވެދާނެ ހެއްޔެވެ؟ އައިކާގެ ބަނޑަށް މިހާރު ހަތްމަސް ވެދާނެއެވެ. ޔަޤީނެވެ. އެވާނީ ކޮންމެވެސް ނުބައި ޢަމަލެއްގެ ނަތީޖާއަށެވެ. އޭނާ ޔޫޝައުއާ އިންނާނީ ދުނިޔޭގެ ލަދުން ސަލާމަތްވާށެވެ. ނޫންނަމަ އޭނާއަށްވުރެ ހަތްވަރަކަށް އަހަރު ދޮށީ ފިރިހެނަކާ އޭނާ ކައިވެންޏެއް ނުކުރީހެވެ. އެހެން އަންހެނުން ދައްކާލާ ދަޅައަށް ވަރަށް ގިނަ ފިރިހެނުން ހެއްލޭނެއެވެ. ޔަޤީނެވެ. ޔޫޝައުއަށްވެސްވީ އެހެންނެވެ. އައްޒާމްގެ ހިތަށް އަރަމުންދިޔައެވެ.

“އެހެންވީމަ ނޭނގި ނަމަވެސް މިއޮތީ ލަމްގެ ފިރިމީހާ އެނގިފަތާ ދޯ؟ ފިރިމީހާއަށް ސަލާމް ބުނެލައްޗޭ.. ދެން އަހަރެން މިވަގުތު ގޮސްލާނަމޭ.. އެހެން ފަހަރަކުން އަންނާނަން އިނގޭ..” އައްޒާމް އެހެން ބުނެލުމުން ލަމްހާ ހީލަމުން ބޯޖަހާލިއެވެ. އައްޒާމް ގޮސް ގެއިން ނުކުތުމުން ލަމްހާ ގޮސް ދޮރު ތަޅުލާފައި ދިޔައީ ބަދިގެއަށެވެ.

އައްޒާމް ބޭރަށް ނުކުތްއިރު އޭނާގެ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. އޭނާ އެގެއަށް އައީ އެއީ އައިކާ އުޅޭ ގެ ކަމަށް އެއްވެސް ވަރަކަށް ހީކޮށްފައެއް ނޫނެވެ. ނަމަވެސް މިފަދަ އިއްތިފާޤެއް މަދުން ނޫނީ ދިމައެއް ނުވާނެއެވެ. މިހާރު އަނެއްކާވެސް އޭނާއަށް ގިނަގިނައިން އައިކާއާ ދިމާވެވިދާނެއެވެ. ގިނަގިނައިން ލަމްހާގެ އެކުވެރިއެއްގެ ނަމުގައި އެގެއަށް ދާނީއެވެ. އެފަދަ ޚިޔާލުތަކެއްގައި ހުއްޓާ ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށުމުން ސިހުނެވެ. ފޯނުގެ ސްކްރީންއަށް ބަލާލުމާއެކު އޭނާގެ ތުންފަތަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. އޭނާ އަވަސްއަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

**********

މާޒްގެ އާއިލާ އެނބުރި ރާއްޖެ އައިއިރު މާޒް ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އޭނާގެ ހަށިގަނޑަށެވެ. ކުރިއަށްވުރެ ހަށިގަނޑުގެ މަސްތައް ވަރުގަދަވެފައި ބިޔައެވެ. ހަންގަނޑުގެ ކުލަވެސް ރަށުގައި އުޅުނުއިރާ ބަލާފައި އެތައް ތަނެއް ދޮނެވެ. އެހެންކަމުން މިހާރު އޭނާ ބޮޑަށް ވައްތަރުވަނީވެސް ބޭރު މީހަކާއެވެ. އަނެއްކޮޅުން މިހާރު މާޒްގެ މިޒާޖުވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރީގައި ހިތްބަލި މާޒްއަކީ މިހާރު ހިތްވަރުގަދަ ކެރޭ ޒުވާނެކެވެ. އޭނާ އުފަންވި މާހައުލާއި ދުވަސްކޮޅަކަށް ދުރުގައި ހުރެލުމުން އެ މާހައުލުން ލިބުނު މާޔޫސްކަމުން ދުރުވެވި ބޮލަށް ލުއިވި ލުއިވުމާއެކު ހިތާމަތަކާއި މަޑުމަޑުން ދުރަށް ދެވި ކެތްކުރަމުގައި އިތުރު ހިތްވަރެއް ލިބުނެވެ.

މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު އައިކާގެ މޫނު ދެކިލުމަށް މާޒްގެ ހިތް އެދެންފެށިއެވެ. ކިތަންމެ ދުވަހަކު ދުރުގައި އުޅުނުނަމަވެސް އެއީ އޭނާގެ ހިތުން ބަދަލުނުވި ކަމެކެވެ. އައިކާ ދެކެ ވާ ލޯތްބަކަށް ކުޑަކޮށްވެސް ބަދަލެއް ނާދެއެވެ. އަބަދުވެސް އައިކާގެ އެކިއެކި ހަނދާންތައް އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވެއެވެ. ނަމަވެސް މިހާރު އޭނާ އައިކާ އޭނާގެ ޙަޔާތަށް ނައުމަކުން އެކަމާ ހިތާމަކޮށެއް ނޫޅެއެވެ. އައިކާ ހުންނާނީ އުފަލުން ކަމުގައި އޭނާއަށް ޔަޤީންކުރެވޭތީއެވެ. އައިކާ ދެކިލުމަށް އެދެންފެށި ހިތުގެ ގޮވުމަށް ފުރަގަސްދީ މާޒް އޭނާގެ އާއިލާ ރަށަށް ފުރީ އެންމެ ދުވަހަކުވެސް މާލޭގައި މަޑުކުރަން ބޭނުން ނުވާކަމަށް ބުނެއެވެ. އެންމެ ދުވަހަކު ނަމަވެސް މާލޭގައި މަޑުކޮށްފިނަމަ އޭނާގެ ހިތުގެ ގޮވުމަށް އިޖާބަދީ އައިކާގެ ގާތަށް ދެވިދާނެކަމުގެ ބިރު އޮތީމައެވެ.

ލީންއަށް މާޒް އެނބުރި ރަށަށް އައި ޚަބަރު ލިބުމުން އަވަސްއަވަހަށް އެގެއަށް ދިޔައެވެ. ދިޔައިރު މާޒް ހަމަޖެހިލާފައި ހުރިތަން ފެނުމުން ލީން ހިނިތުންވެލިއެވެ. މާޒްއަށް އައިސްފައިވާ ބަދަލު ފުރަތަމަ ފެނިލުމުންވެސް ލީންއަށް ފާހަގަކުރެވުނެވެ.

“ރަމްތަ ރަށަށް އަންނަ ވާހަކަ ބުނީމަ އަހަރެން ހީކުރީ ދެތިން ދުވަހަކު މާލޭގަ މަޑުކޮށްލާފަކަމަށް ރަށަށް އަންނާނީ..” ލީން ރަމްޒިއްޔާއަށް ނިސްބަތްކޮށް ބުނެލިއެވެ.

“މާލެ އާދެވުނުއިރު ރަށަށް ފުރާ އެއްޗެއް އޮތީމަ އަވަހަށް މިއައީ.. އެހާ ކަނޑުގަދަ ދުވަސްކޮޅެއް މީ.. އެހެންވީމަ މަޑު ދުވަހަކާ ދިމާވީމަ މަޑުކުރަން ވެއްޖެއްޔާ އެކޮޅުގަ ތާށިވެދާނެއެއްނު.. އެހެންވެ.. އެހެންނޫނަސް އަހަރެމެން އެކޮޅުގަ މަޑުކުރަންވީ ބޭނުމެއްވެސް ނެތެއްނު.. އަހަރެމެންގެ އެކަކުވެސް އެތާކު އުޅެނީކީ ނޫން..” މާޒްގެ ޖަވާބުން މާޒް ނުސީދާ ގޮތަކަށް އެބުނީ އައިކާގެ ވާހަކަކަން ލީންއަށް އެނގުނެވެ. ލީންއަށް ބޯ ހޫރާލެވުނީ މާޒް އަދިވެސް އައިކާގެ ހަނދާންތައް ކުރާކަން އެނގުނީމައެވެ. ރަމްޒިއްޔާއާއި މަންސޫރު އެތެރެއަށް ވަނުމުން ލީންއާއި މާޒް ޖައްސާލީ ޖޯލިފަތީގައެވެ.

“އަދިވެސް އެހަނދާންތައް ހިތުން ފޮހެލާކަށް މަސައްކަތެއް ނުކުރަންދޯ؟” މާޒްގެ އަތްމަތީގައި އަތް ބާއްވާލަމުން ލީން ބުނެލިއެވެ.

“އާނ.. އަހަރެން ނޫޅެން އެހަނދާންތަކާ ދުރަށް ދާކަށް.. އެކަމް އަހަރެންނަށް މިހާރު ވަރަށް ބޮޑު ބަދަލެއް އައިސްފިކަމަށް އަހަރެން އަމިއްލައަށްވެސް ޤަބޫލުކުރަން.. ކުރީގަ އިކާގެ ވާހަކަ ދެއްކީމަ އަހަރެން ވަނީ ދެރަ.. އެކަމް މިހާރު އިކާގެ ވާހަކަ ދެއްކީމަ އަހަރެން ވަނީ އުފާ.. އެއީ އަހަރެންނަށް އިހުސާސްކުރެވެނީ އިކާ އުޅެނީ ވަރަށް އުފަލުގައޭ.. އޭނަ ދެކިލަންވެސް ބޭނުން ވަރަށް ބޮޑަށް.. ހިތަށްއެރި އޭނަ އުޅޭ ގެ ހޯދައިގެން ދާންވެސް.. އެކަމް އަހަރެން އޭނަގެ އުފާވެރިކަމަށް އެޅޭ ހުރަހަކަށް ނުވާންވެގެން ވަގުތުން ފުރައިގެން ރަށަށް މިއައީވެސް..” މާޒް އެހެން ބުނެލުމުން ލީންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެހާ ލޯބިވާ މީހުންވެސް އުޅޭނީތާއޭ އޭނާގެ ހިތަށްއެރިއެވެ. މާޒް އައިކާދެކެ އެވަނީ ހާދަހާ ލޯތްބެކެވެ. ޒިޔާންއަށް އޭނާދެކެވެސް އެވަރަށް ލޯބިވެވިދާނެކަމަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ.

“މާޒް އުފަލުގަ ހުރިއްޔާ އެންމެ ރަނގަޅު.. އެކަމް ދެން ހަމަ ތިގޮތަށް މުޅި އުމުރު ދުވަހު ހުންނާނީތަ؟” ލީން އެހެން އަހާލުމުން މާޒްއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“ނޭނގެ.. ހިތް އެދެނީ އިކާގެ އިންތިޒާރުގަ ހުންނަން.. އެކަމް އަބަދަކު މިހެނެއްވެސް ނުހުރެވޭނެތާ ދޯ؟ މަންމަމެންވެސް މިހާރު އެތިބީ މުސްކުޅިވެފަ.. އެމީހުންނަށްވެސް އަހަރެންގެ ފަރާތުން ކޮންމެވެސް ކަމެއް ކޮށްދޭންޖެހޭނެއެއްނު.. އަހަރެންނަށް ކޮށްދެވޭނެ ކަމަކީ އެމީހުންނަށް ރަނގަޅު އެމީހުންދެކެ ލޯބިވާނެ ކަހަލަ އަންހެންކުއްޖަކު މިގެއަށް ގެނެސްދެވޭނީ.. އެބަ ހިތަށްއަރާ އެކަން ކުރަންވެސް..” މާޒް އެހެން ބުނެލުމުން ލީންއަށް ހިނިތުންވެލެވުނެވެ.

“މާބޮޑަށް ލަސްވެސްވެއްޖެ.. އަސްލު އިކާ މާޒްގެ ލޯތްބަށް ފުރަގަސްދިން ހިސާބުން މާޒް ތިކަމާ އުޅެންވީ.. އަހަރެން ވަރަށް އުފާވެއްޖެ މާޒްއަށް ވިސްނުނީތީ.. މައިންބަފައިންނާ ދޭތެރޭ ވިސްނާލީތީ.. އަހަރެން ބުނަން އޮތްހާވެސް އެއްޗަކީ އަވަހަށް ރަނގަޅު ކުއްޖަކު ހޯދައިގެން އިންނާށޭ..” ލީން އުފާވެފައި ބުނެލިއެވެ.

“އަހަރެންދެކެ ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި.. އެކަމް މައްސަލައަކީ އަހަރެން އޭނަދެކެ ކުޑަކޮށްވެސް ލޯބިނުވާތީ..” މާޒް ބުނެލިއެވެ.

“ލޯބިވާނުވާ މީހަކާ އެކީގަވިޔަސް އުޅެން ފެށީމަ އޭނަ ރަނގަޅިއްޔާ މާޒްގެ ހިތް އޭނައަށް ލެނބޭނެ.. ކިތަންމެ ލޯބިވާ މީހަކާ އެކުގަ އުޅުނަސް އޭނަ ގޯސްވީމަ ފޫހިވެސްވެއެއްނު ދޯ.. އެހެންވީމަ ކީއްވެ ވަކި ލޯބި ނުވެވެންވީ؟” ލީން އޭނާ ދެކޭގޮތް ހާމަކުރިއެވެ. މާޒްވެސް ބޯޖަހާލީ އޭނާއަށްވެސް ހީވަނީ އެހެންނޭ ބުނާފަދަ ގޮތަކަށެވެ.

**********

އައިކާ ކޮޓަރީގައި އިންދާ ސިހުނީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. އޭނާ ބަލާލިއިރު ސޭވް ނުކުރާ ނަންބަރެކެވެ. ނަމަވެސް ފުލުފުލުގައި ދެ މެސެޖް އައުމުން އޭނާ މެސެޖް ބަލާލީ ފަހަރެއްގައި ދަންނަ މީހެއްގެ ނަންބަރު ބަދަލުވުމުން މެސެޖެއް ކުރީކަމުގައި ބަލާފައެވެ.

“މަރުހަބާ! އަހަރެންނަށް ދެރަ ދީފަ ވަރަށް އުފަލުގަ ދޯ ތިއުޅެނީ؟ އެކަމް ކީއްކުރާނީ އިންނާނެ ރަނގަޅު މީހަކުވެސް ނުވި.. އެންމެފަހުން އިންނަން ތިޖެހުނީ މުސްކުޅިއަކާ.. އަދި ކާން ތި ޖެހުނީވެސް ބަތްތަށީގެ އެއްފަޅިން.. ވަރަށް ކިޔަވާހިތުން ދޯ ހުރީ.. އެކަމް އެފުރުސަތެއްވެސް ނުލިބުނު.. ދެން ޖެހޭނީ ހަމަ ދަރިން ބަލަން ގޭގެ އިންނަން.. ދުވަސްކޮޅަކުން ގެއިން ނެރެ އެއްލާލާނެ.. އޭރުން ޖެހޭނީ އަބަދަށް ރޯން.. ކުރިންވެސް އުޅުނީ އަހަރެންގެ އެހީގަ.. ގެއިން ނެރެ އެއްލާލީމަ ދެންވެސް އަންނަން ޖެހޭނީ ހަމަ އަހަރެން ގާތަށް..” މެސެޖް ކިޔާ ނިމުމާއެކު އައިކާއަށް ދަތްކުނޑި ވިކާލެވުނެވެ.

“ކަލޭއަށް ހަލާކުހުރި.. އަހަރެންގެ ދިރިއުޅުމަށް ފާޑުކިޔަން މާޒްއަކަށް ނުޖެހޭނެ.. އަހަރެންނަކަށް އަހަރެންގެ ފިރިމީހާ މުސްކުޅިއެއް ނޫން.. އެއީ ތިކަހަލަ ރަނޑު އަންހެނެއްވެސް ނޫން.. ނޫންނަމަ ތިހެން ނަންބަރު ބަދަލުކޮށްގެން ފާޑުފާޑުގެ މެސެޖެއް ނުކުރީސް.. ކިޔަން ބޭނުންވާ އެއްޗެއް ކުރިމައްޗަށް އައިސް ކިޔާބަލަ ތިހާ ހިތްވަރެއް ހުރިއްޔާ.. އަދި ބުނަން.. ލޯބިވާ މީހެއްގެ ދިރިއުޅުން އުޖާލާކުރަން ބޭނުންވާ މީހަކު ހަތަރު އަނތްބަށް އިންނަންވެސް ޤަބޫލުވާނެ އެއްވެސް ޝަކުވާއަކާނުލާ.. އަހަރެންގެ ފިރިމީހާ އަހަރެން އެދޭ ގޮތަކަށް ކަން ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެންނަށް އެބައޮތް.. އެކަމާ އެހެން މީހުން ސުވާލު އުފައްދާކަށް ނުޖެހޭނެ.. އަހަރެންނަށް ވީ އެހީތެރިކަމުގެ ބަދަލު ބޭނުމިއްޔާ އެވާހަކަވެސް ކުރިމައްޗަށް އައިސް ބުނޭ.. ތިހެން ފިލާ ހުރެ އެވާހަކަ ގޮވީމަ އެނގެނީ ކަލޭގެ ފިނޑިކަން.. ރަނޑުކަން.. އަހަރެންގެ ފިރިމީހާ ދުވަހަކުވެސް އަހަރެން ދޫކޮށްނުލާނެކަމުގެ ޔަޤީންކަން އަހަރެންނަށް އެބައޮތް.. އެހެންމީހުންނަށް ދެރަގޮތް ވާން އެދި ކުރާ ބަދުދުޢާ ތިމާގެ އަމިއްލަ ދިރިއުޅުމަށް ޖެހިދާނެކަންވެސް ވިސްނައިގެން އުޅޭތި.. އިރާދަކުރެއްވިއްޔާ ދުވަހެއްގެ ކޮޅުންވެސް މި އައިކާ ތި މާޒްގެ ފައިބުޑަކަށް ނުވެއްޓޭނަން..” އައިކާ ވަރަށް ރުޅިއައިސްފައި ޖަވާބު ފޮނުވާލިއެވެ.

ފޯނަށް މެސެޖެއް އައި އަޑަށް މާޒް ފޯނު ބަލާލިއެވެ.

“މިއޮތީވާ ކަމެއް.. ދުވާލަކު ދިހަ ބާރަ ފަހަރު މި މެސެޖުތައް ނުފޮނުވިއްޔާ ހަމަ ނޭނގޭނެތަ އެމީހުންގެ ޚިދުމަތްތައް ހުރިވަރެއް.. ހުވާ މިބުނީ.. ބޮލަށް އުނދަގޫވޭ މި މެސެޖުތަކެއް އަންނަވަރަކުން..” މާޒްއަށް ކުދިކިޔާލެވުނީ އާދައިގެ މަތިން އުރީދޫއިން މެސެޖް އައިމައެވެ. މިއަދު އެއައީ ތިންވަނަ މެސެޖެވެ.

**********

ޖެހިގެން އައި ދުވަހެވެ. އައްޒާމް ދިޔައީ ޔޫޝައުގެ ގެއަށެވެ. ލަމްހާއަށް އައްޒާމް ގުޅާލީ އެގޭ ދޮރުމަތީ މަޑުކޮށްލާފައެވެ. އިރުކޮޅެއްގެ ތެރޭގައި ލަމްހާ ދޮރު ހުޅުވާލާފައި އައްޒާމް ވަންނަން ތަން ދެއްކިއެވެ.

“ކޮބާ ޔޫޝައު؟ އަހަރެންނަށް އޭނަ އެނގުނަސް އަދި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބެޔޭ..” އައްޒާމް އެހެން ބުނުމުން ލަމްހާ ހީލާފައި ސޯފާގައި އިށީންނަން ބުންޏެވެ. އަދި މަޑުކޮށްލާށޭ ބުނެފައި ދިޔައީ ކޮޓަރިއަށެވެ.

“ޔޫ! ބޭރަށް ނުކުމެވޭވަރު ވޭތަ މިހާރު؟ ބުނީމެއްނު ބޯއަނބުރާ ވާހަކަ..” ލަމްހާ އެހެން ބުނެލުމުން ޔޫޝައު ބޯޖަހާލިއެވެ.

“ހިނގާބަ އޭރުން ބޭރަށް.. އެބައިން ކްލާސްމޭޓެއް އައިސް.. އޭނަ ބޭނުމޭ ޔޫއާ ބައްދަލުކޮށްލަން..” ލަމްހާ އެހެން ބުނެލުމުން ޔޫޝައު ހައިރާންވިއެވެ. މީގެކުރިން ދުވަހަކުވެސް ލަމްހާ އޭނާގެ އެކުވެރިއެއް ނޫނީ ކްލާސްމޭޓެއް އެގެއަށް ގެނެސްފައި ނުވާތީއެވެ.

“ކާކު؟” ހައިރާންވެފައި ޔޫޝައު އަހާލީ ވަރުބަލިކަން އެކުލެވިގެންވާ އަޑަކުންނެވެ.

“އައްޒާމް ކިޔަނީ.. އޭނައަކީ އަހަރެން ސްކޫލްގަ އުޅުނުއިރު ވަރަށް އެހީވި ކުއްޖެއް އެކި ގޮތްގޮތުން.. އޭނައާ މި ބައްދަލުވީ ހައެއްކަ އަހަރު ފަހުން.. އިއްޔެގަ ފިހާރައަކަށް ދިޔަތަނާ އެތަނުން ދިމާވީ.. އާދެބަލަ..” ލަމްހާ ހިނިތުންވެލާފައި ވާހަކަދެއްކި ގޮތުން ޔޫޝައުއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޓީޝާޓެއް ގަޔަށް މަހާލަމުން ޔޫޝައު ބޭރަށް ނުކުތްއިރު ސޯފާގައި އިށީނދެލައިގެން އައްޒާމް އިނީ ފޯނަށް ގެއްލިފައެވެ.

“އައްޒާމް! މިހުރީ ޔޫޝައު..” ލަމްހާގެ އަޑަށް އައްޒާމް ކުޑަކޮށް ސިހޭގޮތްވެފައި ބަލާލިއެވެ.

“އައްޒާމް..” ސަލާމަށް އަތް ދިއްކޮށްލަމުން އައްޒާމް ތަޢާރަފުވެލިއެވެ.

“ޔޫޝައު..” އައްޒާމް ސަލާމަށް ދިއްކުރި އަތުގައި ހިފަމުން ޔޫޝައު ބުނެލިއެވެ.

“ކޮބާ ބަލިގަނޑު ކިހިނެއް މިހާރު؟ ލަމް ބުންޏޭ ބަލިވެ އުޅޭ ވާހަކަ..” އައްޒާމް އެހެން ބުނެލުމުން ޔޫޝައު ހީލިއެވެ.

“އަދިވެސް ރަނގަޅެއްނުވޭ.. އެކަމް ކުރިއަށްވުރެ ރަނގަޅު..” ޔޫޝައު ބުނެލިއެވެ.

“އަހަރެންނަށް ހީވޭ ކުރިން ކޮންމެވެސް ތާކުން ފެނުނު މީހެއްހެން.. ކޮންތާކުންތަ؟” ޔޫޝައު ވިސްނާލިއެވެ.

“އައިކާ ކިޔަވަން ހުރި ގެއިން.. އެއީ އަހަރެންގެ ގެ..” އައްޒާމް ބުނެލިއެވެ.

“އާނ.. އެގެއިން ދޯ.. ކޮބާ އައިކާއާ ބައްދަލުވިތަ؟” ޔޫޝައު އެހެން އަހާލުމުން އައްޒާމް ބޯޖަހާލިއެވެ. އެވަގުތަކީ އައިކާ ކޮޓަރިން ނުކުތް ވަގުތެވެ. ޔޫޝައުއާ އެހާ ގާތްކޮށް އައްޒާމް ވާހަކަދައްކަން އިންތަން ފެނުމުން އޭނާގެ މެޔަށް ނުބައި ގޮތެއްވެގެން ދިޔައެވެ. ޔޫޝައުމެންނަށް ނުފެންނަނީސް އޭނާ އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ. އަދި ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެއްލައި ބުރުގާ އަޅާލައިގެން ނުކުތެވެ.

“އިކާ! މިހުރީ އައްޒާމް.. ލަމްގެ ކްލާސްމޭޓެކޯ އައްޒާމްއަކީ.. މީ ވަރަށް އެހެން ކަހަލަ އިއްތިފާޤެއް.. އަހަރެންނަށް މި އިނދެވުނީ އައްޒާމްގެ ވަރަށް ގާތް ދެ ރައްޓެހިންނާ..” ޔޫޝައު ހީލާފައި އެހެން ބުނެލުމުން އައިކާ ގަދަކަމުން ހިނިތުންވެލިއެވެ. އެވަގުތު އައްޒާމް އައިކާއަށް ބަލާލި ގޮތުން އައިކާއަށް ދަތްކުނޑި ވިކާލެވުނެވެ. އަދިވެސް އެ ގޮތްކުޑަ ފިރިހެނާގެ ނިޔަތް ބަދަލެއްނުވެއެވެ. ޔޫޝައު ގާތުގައި އައްޒާމްގެ ހުރިހާ ވާހަކައެއް ބުނެފާނަމޭވެސް އެވަގުތު އޭނާގެ ހިތަށްއެރިއެވެ.

ލަމްހާއަށް އައިކާގެ މޫނަށް އައި ބަދަލުތައް ރަނގަޅަށް ފާހަގަކުރެވުނެވެ. އެދެމީހުންގެ ގުޅުން ރަނގަޅު ނޫންކަން ލަމްހާގެ ތޫނު ސިކުނޑިން ދެނެގަތެވެ. އެދެމީހުންގެ މެދުގައި މައްސަލަ ޖެހެން ޖެހޭނީ ކޮން ސަބަބަކާ ހުރެބާއެވެ. ލަމްހާ އެ ސަބަބެއް ހޯދަން ބޭނުންވިއެވެ. ނަމަވެސް އޭނާ އެ ސަބަބު ހޯދާނީ ކިހިނެއް ހެއްޔެވެ؟ އައްޒާމް ގާތު އަހާލަނިކޮށް ބުނެފާނެބާއެވެ. ނޫނީ އައިކާ ގާތު އަހަންވީބާއެވެ. ލަމްހާ އެފަދަ ޚިޔާލުތަކެއްގައި ހުރެފައި ނިންމީ އައިކާ ގާތު އަހާލާށެވެ.

އިރުކޮޅަކު ޔޫޝައުއާ ވާހަކަދައްކާލަން އިނދެފައި އައްޒާމް ގެއަށް ދިޔައީ އަދިވެސް އެއްފަހަރު އައިކާއަށް ބަލާލާފައެވެ. އައިކާ ވީ ފޫއްސެއްގެ ބޮޑުކަމުން ތުން އަނބުރާލަމުން ދުރަށް އެނބުރިލި ވަގުތު އޭނާއާ ދިމާއަށް ބަލަން އިން ލަމްހާ ފެނުމުން ހާސްވާގޮތްވިއެވެ. ލަމްހާއަށް އޭނާއަށް ވީގޮތް ފާހަގަވެއްޖެނަމަ މުޅިން ސަކަރާތްވީއެވެ. އޭރުން ޔޫޝައުއަށް އެވާހަކަތައް އިވޭކަށް ގިނައިރެއް ނުނަގާނެއެވެ. ލިބުނު ހާސްކަމުގައި އޭނާގެ ނިތްކުރިން ދާތިކިތައް ފާއްދާލިއެވެ. އަވަސްއަވަހަށް ނިތްކުރި ފޮހެލަމުން އޭނާ ކޮޓަރިއާ ދިމާއަށް ހިނގައިގަތް ވަގުތު ފައި އެޅުނު ގޮތަކުން ފައި ފުރޮޅާލިއެވެ. އެވަގުތު ހަށިގަނޑު އަރިއަޅާލުމާއެކު ބަނޑާއި ދިމާއަށް ތަދެއް އަރައިގެން ދިއުމާއެކު އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ދެލޯ މަރާލަމުން ސޯފާގައި ލެނގިލި ޔޫޝައުއަށް ސިހިފައި ލޯ ހުޅުވާލެވުނެވެ. އޭނާއަށް އަޑު އައި ދިމާއަށް ބަލާލެވުނުއިރު އައިކާ ވެއްޓެނީއެވެ. ޔޫޝައުއަށް ވީގޮތެއްވެސް ނޭނގުނެވެ. ފުންމައިގެން ތެދުވެ އައިކާއާ ދިމާއަށް ދުއްވައިގަތްއިރު އޭނާގެ ގައިގައި އެއްވެސް ވޭނެއް އަޅާހެނެއް ހިއެއްނުވެއެވެ. އޭނާއަށް އައިކާ ވެއްޓުމުގެ ކުރިން ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. އޭރު ލަމްހާވެސް އައިކާއާ އަރާ ހަމަވަނީއެވެ. ޔޫޝައު އައިކާގެ ހަށިގަނޑު ތެދުކޮށްލިއެވެ.

“އިކާ! ކިހިނެއްވީ؟” ހާސްވެފައި ޔޫޝައުއަށް އަހާލެވުނެވެ.

“ފައި ފުރޮޅާލީ..” އައިކާގެ އަޑުން އޭނާ ބިރުގަނެފައިވާވަރު ހާމަވެއެވެ.

“ތަންކޮޅެއް ބަލާލައިގެން އުޅޭ.. ނޫނީ ދެރަކަމެއް ވެދާނެ..” ޔޫޝައު ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

“ބަނޑުގައި ރިއްސަނީތަ؟” ލަމްހާއަށް ކަންބޮޑުވެފައި އަހާލެވުނީ އައިކާ ބަނޑުގައި އަތްއަޅާލައިގެން ހުރިގޮތުންނެވެ.

“އާނ.. ވެއްޓެން އުޅުނު ގަޑީ ވީގޮތަކުން މިދިމާއަށް ތަދުވީ..” އައިކާ ބަނޑުގެ ތިރީކޮޅުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

“ހިނގާ އިށީނދެލަން.. އަރާމުކޮށްލަނިކޮށް ރަނގަޅުވެދާނެ.. ރަނގަޅު ނުވިއްޔާ ވާނެ ޑޮކްޓަރަށް ދައްކަން..” ލަމްހާ ބުނެލިއެވެ. ޔޫޝައުވެސް އެކަމަށް ތާއީދުކުރިއެވެ.

“ލަމް! ކޮބައިތަ މަންމަ؟ މިއަދަކު އަދި ނުފެނޭ..” ޔޫޝައު އަހާލިއެވެ.

“އަހަރެން މީގެ ކުޑައިރުކޮޅެއް ކުރިން ބަލާލިއިރު މަންމައަށް އޮތީ ނިދިފަ.. އަހަރެންނަށް ހީވަނީ މަންމަ ޑޮކްޓަރަށް ދައްކާލަންވީހެން އަނެއްކާވެސް.. މިހާރަކަށް އައިސް ބޭރަށް ނުނިކުމެ ގިނައިރު އޮށޯވެގެން އޮންނަނީ.. މަންމަ ގާތު ވީ ކިހިނެއްހޭ އަހާލާއިރަށް ބުނާނެ ކަމެއްނުވެޔޭ.. ހަމަ އޮތީއޭ.. އެކަމް މަންމައަކީ ބަލި ނޫނިއްޔާ އެހެން އޮންނާނެ މީހެއް ނޫން..” ލަމްހާ އެހެން ބުނެލުމުން ޔޫޝައުވެސް އެގޮތާ އެއްބަސްވިއެވެ.

“އަދި މިހާރަކަށް އައިސް މަންމަ ވަރަށް އެހެން ކަހަލަ ވާހަކަތަކެއް ދައްކަނީވެސް.. އަބަދުވެސް ކިޔަނީ މަންމަ ދެން މާގިނަ ދުވަހަކު ދުނިޔޭގަ ހުންނާނެހެނެއް ހިއެއްނުވެޔޭ.. މަންމަ ނެތް ދުވަހަކުން ޔޫޝައުއަށް ރަނގަޅަށް އަޅާލާ ރަނގަޅަށް ބަލައްޗޭ.. ލަމްހާއާ ދެމީހުން ރަނގަޅަށް ގުޅިގެން އެކުވެރިކަމާއެކު އުޅެއްޗޭ.. މަންމައަށް ހެޔޮދުޢާ ކުރައްޗޭ.. މިކަހަލަ މިކަހަލަ ވާހަކަތަކެއް ދައްކަނީ..” އައިކާ އެހެން ބުނެލުމުން ޔޫޝައުއަށް ނުބައި ގޮތެއްވެގެން ދިޔައެވެ. މިދުނިޔޭގައި ހުރި އޭނާ އެންމެ ލޯބިވާ މީހާވެސް ނެތިގެން ދާން އުޅޭފަދަ އިހުސާސެއް އޭނާއަށް ކުރެވިއްޖެއެވެ.

“މަންމަ ކައިގެންތަ އެއޮތީ؟” ޔޫޝައު އަހާލިއެވެ.

“އާނ.. މެންދުރު ކައިގެން ކޮޓަރިއަށް ވަތްގޮތަށް އަދި ނުނިކުމޭ.. ނިދިފަ އޮތީ..” ލަމްހާ އެހެން ބުނެލުމުން ޔޫޝައު ގަޑި ބަލާލިއެވެ.

“މިހާރު އެއޮއްގެން ހައެއް ޖަހަނީ.. ލަމް ދޭބަލަ މަންމައަށް ގޮވާލަން.. މިހާރު ހާދަ ގިނައިރެއް ވެއްޖޭ އެހެންވީމަ..” ޔޫޝައު ކަންބޮޑުވެފައި އެހެން ބުނެލުމުން ލަމްހާ ބޯޖަހާލަމުން ހާޖަރާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ލަމްހާ ގޮސް ކޮޓަރިއަށް ވަނުމުން ޔޫޝައު އައިކާއާ ގާތްވެލިއެވެ.

“އަދިވެސް ތަދުވޭތަ؟” އައިކާގެ ބަނޑުގައި ފިރުމާލަމުން ޔޫޝައު އަހާލިއެވެ.

“ކުޑަކޮށް..”

“ދެންވެސް ބަލައިގެން އުޅެއްޗޭ.. އިކާއާ ބޭބީއަށް ކަމެއް ވެއްޖެއްޔާ އަހަރެން ކިހާ ދެރަވާނެ..” ޔޫޝައު ލޯތްބާއެކު އެހެން ބުނެލުމުން އައިކާ ބޯޖަހާލަމުން ޔޫޝައުގެ ކޮނޑުގައި ބޯއަޅާލިއެވެ.

“ޔޫޝް މިހާރު އޯކޭތަ؟ މިހާރު ހުމެއް ނެތް ދޯ؟ އަދިވެސް ބޮލުގަ ރިއްސާ ބޯ އަނބުރާތަ؟” އައިކާ ޔޫޝައުގެ ކަރުދޮށުގައި އަތް ޖައްސާލަމުން އަހާލިއެވެ.

“މިހާރު ބޮލެއް ނާނބުރާ އެހާ ބޮޑަކަށް.. އެކަމް އަދިވެސް ގޮތެއް އެބަހުރި.. ބޮލުގެ ރިހުންވެސް އެއްކޮށް ރަނގަޅެއްނުވޭ.. ހިތަށް މިއަރަނީ މިރޭ ޑޮކްޓަރަށް ދައްކާލަން ދާން.. ދާއިރު މަންމަވެސް ގޮވައިގެން ދާނީ.. އިކާވެސް ދާންވީނު.. މާދަމާއަކީ ސްކޭންކުރަން ދާންޖެހޭ ދުވަހެއްނު.. އެހެންވީމަ މިރޭ ދަމާ.. އޭރުން ފަސޭހަވާނެއެއްނު..” ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. އެވަގުތު ލަމްހާ ވަރަށް ބާރަށް ޔޫޝައުއަށް ގޮވާލި އަޑު އިވުނެވެ. ޔޫޝައުއަށް ހާޖަރާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަނެވުނީ ހިތަށްއެރި އެއްޗެއްގެ ސަބަބުންނެވެ. އައިކާވެސް ސޯފާއިން ތެދުވެ ޔޫޝައުގެ ފަހަތުން ދިޔައެވެ.

“ކިހިނެއްވީ؟” ހާސްވެފައި ޔޫޝައު އަހާލިއެވެ. އޭރު ލަމްހާއަށް ރޮވެނީއެވެ. އޭނާ އަތުގެ އިޝާރާތުން ހާޖަރާ ދައްކާލިއެވެ. ޔޫޝައު ހާޖަރާއާ ގާތަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ތެޅުން ބާރުވާކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. އޭނާ ހާޖަރާގެ އެނދުގައި އިށީނދެލިއެވެ. އަދި ވަރަށް ފުންކޮށް އެމޫނަށް ބަލާލިއެވެ. އެމޫނުމަތީގައިވަނީ ރީތި ހިނިތުންވުމެކެވެ. ހީވަނީ ހުރިހާ ހިތްހަމަޖެހުމެއް ލިބިފައިވާ މީހެއްހެންނެވެ. ޔޫޝައު ހާޖަރާގެ އަތުގައި ހިފާލިއެވެ. އެއާއެކު އެއްވެސް ވަރެއްނެތް ހާޖަރާގެ އަތުގެ ފިނިކަން އޭނާއަށް އިހުސާސްކުރެވުނެވެ. ގަނޑުފެންކޮޅެއްހާ ފިނިވެ ހަރުވެފައިވާ ހާޖަރާއަށް ބަލަން ގަބުވެފައި އިންދާ އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ނުރޯން ހިތްވަރުކުރި ނަމަވެސް އޭނާއަކަށް ކެތެއް ނުކުރެވުނެވެ. މަޑުމަޑުން އޭނާގެ އޭނާގެ އަޑު ބޭރުވަމުން ރުއިން ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ. ލަމްހާއާއި އައިކާއަކަށްވެސް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ދެމީހުން އައިސް ޔޫޝައުގެ ދެފަރާތުން އިށީނދެ އޭނާގެ ދެކޮނޑުގައި ބޯއަޅާލިއެވެ. އެމީހުންގެ ކަރުނަތައް ހުއްޓުވަން މަސައްކަތްކުރަމުން ޔޫޝައުއަށް ހިތްވަރުދޭފަދަ ގޮތަކަށް އޭނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެތައްއިރެއް ވީފަހުން ޔޫޝައުގެ ރުއިން ހުއްޓުނެވެ.

**********

“ދަރިފުޅާ! ކޮންމެ މީހަކީވެސް މިދުނިޔޭން ނެތިދާނެ މީހެއް.. އެދުވަހަކީ އެމީހެއްގެ އާއިލާ މީހުން އިންތިހާއަށް ހިތާމަކޮށް ރޮއި ހަދާ ދުވަހެއް.. އެކަމަކު ދަރިފުޅު މަންމައަށް ވަޢުދެއް ވެދީ..” ހާޖަރާ ވަރަށް ބަލިވެ އުޅުނު ދުވަސްވަރެއްގައި އެއްދުވަހަކު ޔޫޝައު ގާތު ބުންޏެވެ. އޭރު ޔޫޝައުގެ އުމުރުން ފަނަރަ އަހަރެވެ.

“މަންމަ މިރޭ ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް.. ތިކަހަލަ ވާހަކަ ނުދައްކާ.. މަންމަ އަރާމުކޮށްލާ..”

“ނޫން ދަރިފުޅާ! މަންމަ މިދައްކަނީ ހަމަ ރަނގަޅު ވާހަކައެއް.. މަންމަ ދަރިފުޅު ގާތު ވަރަށް ގިނަ ވާހަކަދައްކަންވެފަ އެބަހުރި.. ފަހަރުގަ މީ މަންމަގެ ފަހު ރެއަށްވެސް ވެދާނެ.. އޭރުން، ފަހުން ބުނަން މަޑުކޮށްގެން މަންމަ ދަރިފުޅު ގާތު ބުނަން ބޭނުންވާ ވާހަކަތައް މަންމައަށް ނުބުނެވިދާނެ.. މަންމަގެ ނަސޭހަތް އަޑުއަހާ.. ދަރިފުޅަކީ ވަރަށް ބޮޑު އެކަނިވެރިއެއް.. މި މަންމަ ނެތް ދުވަހަކުން ދަރިފުޅު ވަރަށް އެކަނިވާނެ.. އެކަމަކު ދަރިފުޅަކީ ވަރަށް ހިތްވަރުގަދަ ވަރަށް ވިސްނޭ ކުއްޖެއްނު.. ދަރިފުޅު ދީނުގެ ކަންތައްތަކަށް ސަމާލުކަންދީ ދީންވެރި ކުއްޖަކަށް ވައްޗޭ.. ދަރިފުޅު ދުވަހަކުވެސް ނުބައި މަގަކުން ނުދައްޗޭ.. މަންމަ ދަރިފުޅަށް ދިން ތަރުބިއްޔަތާ ލޯބީގެ ބަދަލެއްގެ ގޮތުން ނަމަވެސް މަންމަ ދެރަވެ ލަދުގަންނަން ޖެހޭވަރުގެ އެއްވެސް ކަމެއް ނުކުރައްޗޭ.. ދަރިފުޅު ރަނގަޅަށް ކިޔަވާ މޮޅު މީހަކަށް ވައްޗޭ.. އަދި ޤައުމަށް ޚިދުމަތްކުރާ، ޙައްޤަށް މަސައްކަތްކުރާ ކުއްޖަކަށް ވައްޗޭ.. އެއްވެސް މީހަކަށް އަނިޔާވެރި ނުވައްޗޭ.. އެއްވެސް ކަމެއްގެ ހަޤީޤަތް ނުބަލާ ގޮތެއް ނުނިންމައްޗޭ..” ޔޫޝައުގެ އަތުގައި ހިފާލައިގެން އިނދެ ހާޖަރާ ބަލި އަޑަކުން ލަސްލަހުން ވާހަކަދެއްކިއެވެ. ހާޖަރާގެ ވާހަކަތަކަށް ޔޫޝައު ބޯޖަހަމުން ދިޔައެވެ.

“އަދި މަންމައަށް ވަޢުދެއް ވެދީ..”

“މަންމާ!” ހާޖަރާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ވަރަށް ލޯބިން ފޮހެލައިދެމުން ޔޫޝައު ގޮވާލިއެވެ. ނަމަވެސް އެ ކަރުނަތަކަކީ ހުސްވުމެއްނެތް އެއްޗެއްފަދައެވެ. އެދެލޮލުން ފެންނަނީ ހަށިގަނޑުގައި އަޅަމުންދާ ވޭނާއިއެކު، އެއްވެސް ޔާރެއް އިޔާރެއް ނެތް ތާކަށް އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ދޫކޮށްލާފައި ދާންޖެހިދާނެކަމުގެ ބިރަށް ކުރަމުންދާ ފުން ހިތާމައެވެ.

“ވައުދުވޭ..”

“ކޮންކަމަކަށްތަ މަންމާ؟” ޔޫޝައުގެ ލޮލުން ކަރުނަ ހިލުނެވެ.

“މަންމަ މިދުނިޔޭން ވަކިވާ ވަގުތު ދަރިފުޅު ހިތްވަރުގަދަކޮށް، ރޮއި ހިތާމަ ނުކުރާނެކަމަށް ވަޢުދުވޭ..”

“މަންމާ! އަހަރެން ވަޢުދުވަން..” ޔޫޝައު ވަރަށް ލޯބިން ހާޖަރާ ގައިގައި ބައްދާލިއެވެ. އޭރު އޭނާގެ ލޮލުންވެސް ހޫނު ކަރުނަތައް ފައިބަމުން ދިޔައީ މަންމައާ ވަކިވާންޖެހޭ ވަގުތު ގާތްވެއްޖެހެން ހީވާވަރުންނެވެ.

**********

ދިހަ އަހަރު ކުރީގެ ހަނދާންތަކެއް އާވުމުން ޔޫޝައުގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލުނެވެ. އޭނާގެ އުމުރުން ފަނަރަ އަހަރުގައި އޭނާގެ މަންމަ އޭނާ ލައްވާ ކުރުވީ ބޮޑު ވަޢުދެކެވެ. އެރޭ އޭނާގެ މަންމަ ދެއްކި ކޮންމެ ވާހަކައެއް އަބަދުވެސް އޭނާގެ ހަނދާނުގައި ހުރެއެވެ. ނަމަވެސް އެ ވަޢުދަށް ކަމޭހިތަންވީ ވަގުތު، އެ ވަޢުދުގެ މަތިން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހަނދާންނެތުނީތީ އޭނާ ދެރަވިއެވެ. އެފަހަރު ހާޖަރާގެ ފަހު ވަގުތުކޮޅޭ ހީވާވަރަށް ބަލި ހާލު ގޯސްވި ނަމަވެސް ހަފްތާއެއްވީތަނާ މަޑުމަޑުން ހާޖަރާގެ ބަލި ހާލު ރަނގަޅުވަމުން ގޮސް އާންމު ހާލަތަށް ރުޖޫޢަވިއެވެ. މާތް ﷲއަށް ޙަމްދު ހުއްޓެވެ. ޔޫޝައު އަވަސްއަވަހަށް އޭނާގެ ދެލޯ ފޮހެލިއެވެ. އޭނާ ދެން ނުރޯނެއެވެ. އޭނާއަކީ އޭނާގެ މަންމަ އެދޭފަދަ ހިތްވަރުގަދަ މީހަކަށް ވާނެއެވެ. އޭނާ ކަށިން ހިތްވަރު ނެރެ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ޢަޒުމުކަނޑައެޅިއެވެ.

**********

މާޒްއާއި ޒިޔާން ތިބީ ރަށުގެ އެންމެ މަޝްހޫރު “ސްވީޓް ކޯނަރ” ކެފޭގައި ކޮފީއަކަށް ގޮހެވެ. މާޒްގެ މޫނުމަތިން އެހެންޏާ ނުފެންނަ ހިތްހަމަޖެހުމެއް ޒިޔާންއަށް ފާހަގަވިއެވެ.

“މާޒް! ކޮބާ ކިހިނެއް ކަންތައްތައް؟” ޒިޔާން އަހާލިއެވެ.

“ރަނގަޅޭ ހަމަ.. ކިހިނެއްވީ؟” ޝައްކެއްވެގެން މާޒް އަހާލިއެވެ.

“މިއަދު މާ މޫޑް ރަނގަޅުކޮށް ފެންނާތީ.. ހީވަނީ ކަންތައްގަނޑެއް ހިންގާލަނީހެން..” ޒިޔާން ދިމާކޮށްލިއެވެ.

“ހީވެއްޖޭ އެއްޗެކޭ ކިޔަންހެން ތިއުޅެނީ.. އަދި ތިކަހަލަ ކަމެއް ނެތް..” މާޒް ޔަޤީންކަން ދިނެވެ.

“ދޮގު ދޯ؟ އޮޅުވާލަން ތިއުޅެނީ..”

“ނޫނެކޭ.. ކީއްވެ ދޮގު ހަދަންވީ؟ ޔަޤީނޭ އެ ލީން ކޮންމެވެސް އަނގައެއް ތަޅައިގެންކަން ތިއުޅެނީ..” މާޒް އެހެން ބުނެލުމުން ޒިޔާން ހީލިއެވެ.

“ކޮބާ؟ ރަނގަޅަކަށްނު މިބުނީ ދޯ؟” ޒިޔާން އެހެން ބުނެލުމުން މާޒް ބޯޖަހާލިއެވެ.

“ނޫނޭ.. ސީރިއަސްކޮށް.. އަދި ތިކަހަލަ ކަމެއްނެތް.. އެކަމަކު އެބަ އެކަމާ ވިސްނަން..” މާޒް އެހެން ބުނެލުމުން ޒިޔާން ބޯޖަހާލިއެވެ.

“ހޫމް.. މާ ލަސްވެސްވެއްޖޭ އަސްލު.. އަވަހަށް ތިކަން ކުރަން އުޅޭ.. ދެން ގޮނޑުން ކުނިގަނޑެއް ނޫން ހޯދާނީކީ.. ރަނގަޅު ކުއްޖެއް.. ނޫނީ މާޒްގެ ނަން ހަޑިވުމުގެ އިތުރަށް ދިރިއުޅުންވެސް ހަލާކުވާނީ..” ޒިޔާން ނަސޭހަތެއް ދިނެވެ.

“ގައިމުތާ.. ކަމެއްވެގެން ދޯ އަހަރެން އެ ނާޒްއާ ނުގުޅުނީ.. އަހަރެންނަށް އެނގޭ ވިއްޔަ އޭނަގެ ވައްތަރު.. އެކަމް އެންމެންވެސް ހީކުރީ އަހަރެން އައިކާއާ ހެދި މޮޔަވެގެންނޭ އޭނައާ ނުގުޅުނީ.. އަސްލު ތެދެއް ބުނަން..” މާޒް އެހެން ބުނެލުމުން ޒިޔާން ބޯޖަހާލިއެވެ.

“މީ އަދި އަހަރެން އެއްވެސް މީހެއް ގާތު ނުބުނާ ވާހަކައެއް.. އަސްލު އައިކާއަކީ އަހަރެންގެ ފަސްޓް ޗޮއިސްއެއް ނޫން..” މާޒް އެހެން ބުނެލުމުން ޒިޔާން އެއްބުމަ އަރުވާލިއެވެ.

“ތިބުނީ؟”

“ހޫމް.. އަސްލު ފުރަތަމަ އަހަރެންނަށް ލޯބިވެވުނީ ނާޒްދެކެ.. އެކަމް އޭނަ ގާތު އެވާހަކަ ބުނަން ދިޔަ ރޭ އަހަރެންނަށް ފެނުނީ ދުވަހަކުވެސް ނާޒްގެ ފަރާތުން ފެނިދާނެކަމަށް އުއްމީދުކުރި ކަހަލަ މަންޒަރެއް ނޫން.. އޭރުވެސް އަހަރެންގެ ހިތް ބަދަލެއްނުވޭ.. އެކަމް ފަހުން އަހަރެންނަށް ފެނުނީ އޭނަ އެހެން ދެތިން މީހަކާ އެކީ އެހެން އުޅެނިކޮށް.. އެހިސާބުން މުޅިން ފޫހިވީ.. ދެން އަހަރެންނަށް އެންމެ ކަމުދާ ކުއްޖަކަށް ފެނުނީ އައިކާ.. އައިކާދެކެ ލޯބިވެވުނު ހިސާބުން އަހަރެންނަށް އެނގުނީ ނާޒްދެކެ ވެވުނީ ހަޤީޤީ ލޯބި ނޫންކަން.. އަހަރެން އައިކާއަށް އެތައް ފަހަރަކު އެކި ގޮތްގޮތަށް ލޯބިހުށަހަޅައި ހެދީމަވެސް އޭނަ އެއްބަހެއްނުވި.. އެކަމްވެސް އަހަރެން އުއްމީދު ނަގައެއްނުލަން.. ޔޫޝައުއާ އިން ހިސާބުންވެސް އަހަރެންގެ ހިތް އެހެން ކުއްޖަކަށް ލެނބޭ ގޮތެއްނުވި.. އަދިވެސް އައިކާގެ ހަނދާންތަކަކާ ދުރަކަށް ނުދެވޭ.. އަސްލު ދުރަށް ދާކަށް މަސައްކަތެއްވެސް ނުކުރަން.. އޭނަ އުފަލުގަ ހުރިއްޔާ އަހަރެންނަށް އެ ނިމުނީ..” މާޒްގެ ވާހަކަ އަޑުއަހާފައި ޒިޔާން އިނީ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“އޭތް.. ކިހިނެއްވެފަ ތިއިނީ ބަހެއްވެސް ނުބުނެ؟”

“ތިބުނި ވާހަކައަކުން އެތެރެއަށްލީ ނޭވާ ބޭރަށްލާންވެސް ހަނދާންނެތިފަ މިއިނީ.. އެހެންތާ ވާނީ.. ހިތަށްވެސް ނާރާ ކަހަލަ ވާހަކައެއް ވިއްޔަ ތިބުނީ..” ޒިޔާން އިނީ ހަމަ ރަނގަޅަށްވެސް ހައިރާންވެފައެވެ.

“ނާޒްގެ ވާހަކަ؟” މާޒް އެހެން ބުނެލުމުން ޒިޔާން ބޯޖަހާލިއެވެ.

“އޯހ ކަމޯން.. އެއީ ކޮން ޒަމާނެއްގަ.. އޭރަކު އަހަރެންނަކަށް އެއްވެސް ވަރަކަށް ނޭނގެ އޭނައަކީ އެކަހަލަ މީހެއްކަމެއް.. އެނގުނު ހިސާބުން މުޅިން ކަޓް.. އެހިސާބުން އެއީ އަހަރެންގެ ނަޒަރުގަ ފައިފުއްސަކަށްވެސް ކަމުނުދާ މީހެއް.. އެހެންނޫނަސް ބުނެއެއްނު ލޯތްބަކީ ކަނު އެއްޗެކޭ.. އަހަރެންނަށްވެސްވީ އެހެން ކަންނޭނގެ..” މާޒް އެހެން ބުނެލުމުން ޒިޔާންވެސް ބޯޖަހާލިއެވެ.

“ދެން ސީރިއަސްކޮށް ކަމެއް ކުރަންވީނު..” ޒިޔާން ބުނެލިއެވެ. މާޒް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

“އަހަރެން ސެޓުކޮށްދެންތަ ވަރަށް ރަނގަޅު ކުއްޖެއް؟ އަހަރެންނަށް ހަމަ ޔަޤީން މާޒްއަށް އޭނަ ވަރަށް ކަމުދާނެކަން.. އަދި މާޒްއާ އޭނައާ ހުރިހާ ގޮތަކުންވެސް އެކަށީގެންވޭ.. ދީންވެރި، ގެވެހި، މުރާލި، ކިޔަމަންތެރި.. ސާދާ ދިރިއުޅުމަކަށް ލޯބިކުރާ ކުއްޖެއް.. ރީތީގެ ގޮތުން އައިކާއަކަށް ވަކި ދުލެއް ނުކުރާނެ.. އަދި އެހާ ސެކްސީވާނެ..” ޒިޔާން އެންމެ ފަހު ޖުމްލަ ބުނެލީ ލާނެއް ފާޑަކަށް ހީލާފައެވެ.

“ސެކްސީ ކުދިން ކަމަކު ނުދާނެ.. އޭރުން ވާނީ ހަމަ ނާޒް ކަހަލަ ކުއްޖަކަށް..” މާޒްވެސް ޒިޔާންގެ އެ ސަމާސާގައި ބައިވެރިވިއެވެ.

“ސީރިއަސްކޮށް މިބުނީ.. އޭނަ ސެޓުކޮށްދެންތަ؟ އޭނައަކީ މާޒްއާ ހަމަ އެންމެ ގުޅޭ ކުއްޖާ..” ޒިޔާން އެހެން ބުނެލުމުން މާޒް ވިސްނާލިއެވެ. ޒިޔާން އެ ކިޔައިދިން ސިފަތައް އެކުއްޖާގެ ގައިގައި ހުރިނަމަ ހަމަ ގައިމުވެސް އެއީ ވަރަށް ރަނގަޅު ހޮވުމަކަށް ވާނެއެވެ.

“އޭނަ.. އެކުއްޖާ.. މިކުއްޖާ.. ނަމެއްވެސް އޮންނާނެއެއްނު އޭނައަށް ކިޔާ.. ނަން ބުނެބަލަ..” މާޒް ޝައުޤުވެރިވިއެވެ.

“އަހަރެން ބުނާ ނަމަކުން ރުޅި ނާންނައްޗޭ..” ޒިޔާން ބޭނުންވީ ޔަޤީންކަން ހޯދާށެވެ. މާޒް ބޯޖަހާލިއެވެ.

“އެއީ ދޮނަޅޭމެންގޭ ނަޝްވާ..” ޒިޔާން ބުނެލި ނަމުން މާޒް ސިހުނެވެ.

 

“ނަޝްވާއޭ..!!”

“އާނ.. ކީއްތަވީ؟ އޭނަ ހުތުރީ؟ އަޚްލާޤު ގޯހީ؟ އޭނަ މީހަކާ އިނދެ ވަރިވެފަ ހުރީމަ؟ ފަސްމަހުގެ ކުއްޖަކު އޮތީމަ؟” ޒިޔާން ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ.

“ނޫން.. އޭނަ ހުތުރީކީ ނޫން.. އަޚްލާޤު ގޯހީއެއްވެސް ނޫން.. އަދި މީހަކާ އިނދެ ވަރިވެފަ ހުރީމައެއްވެސް ނޫން.. މައްސަލައަކީ ކުއްޖަކު ހުރީމައެއްވެސް ނޫން.. މައްސަލައަކީ އެއީ އަހަރެންގެ ދުރުތާ ތިމާގެ މީހެއްގެ ދަރިއަކަށް ވީމަ..” މާޒް ވަރަށް ސީރިއަސްވެފައި ބުނެލިއެވެ.

“ކޮބައިތަ މައްސަލައަކީ؟ ކައިވެނި ހަލާލުވާނެއޭ.. އެއީ ދެން އާއިލާއަށް ލައްވާ ނުލައްވާ ހިސާބެއްނު.. އަޅެ ސީރިއަސްކޮށް މިކަމާ ދޭތެރޭ ވިސްނަބަލަ..” ޒިޔާން ބެލީ މާޒްއަށް ވިސްނައިދެވޭތޯއެވެ.

“ނޫން.. އަހަރެން އޭނައާ ދޭތެރޭ ތިކަހަލަ އެއްވެސް ގޮތަކަށް ނުދެކެން.. އެކަހަލަ ގޮތަކަށް އޭނައާ ދޭތެރޭ ވިސްނާކަށް ބޭނުމެއްވެސް ނޫން.. އަހަރެން ރަނގަޅު ކުއްޖަކު ހޯދަފާނަން..”

“ސީރިއަސް އެއްޗެއްތަ؟” ޒިޔާން ޔަޤީން ނުވެފައި އަހާލުމުން ޒިޔާން ބޯޖަހާލިއެވެ.

**********

ހާޖަރާގެ މަރު ސާބިތު ކުރެވި ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ދިޔައިރު އައިކާއާއި ލަމްހާ އެކަކު އަނެކަކު ގައިގައި ބައްދާލައިގެން ތިބިއިރު ލަމްހާގެ ރުއިން އެންމެ ހިނދުކޮޅަކަށްވެސް ހުއްޓުމަކަށް ނާދެއެވެ. އައިކާ ނުރޮއި ވޭތޯ މަސައްކަތް ކުރިނަމަވެސް އޭނާއަށްވެސް އިރުއިރުކޮޅާ ރޮވެއެވެ. އެހެނީ އޭނާ އެގޭގައި ހޭދަކުރި ދުވަސްތަކުގައި ހާޖަރާގެ ފަރާތުން އޭނާއަށް ވަނީ ސަނާއެކޭ އެއްފަދައިން ލޯބި ލިބިފައެވެ. އެހެންކަމުން ސަނާއާ ދުރުގައި އޭނާ އުޅުނުނަމަވެސް އޭނާއަކަށް އެ އުނިކަން އިހުސާސެއް ނުކުރެވެއެވެ. ހިތާމައިގެ އެވަގުތުގައިވެސް ޔޫޝައުގެ ހިތްވަރުގަދަކަމަށް އޭނާއަށް ހިތާހިތުން ތަޢުރީފް ކުރެވުނެވެ. އެހެނީ ޔޫޝައުގެ ޙަޔާތުގައި އޭނާއާއި ލަމްހާ ފިޔަވައި ހުރި ހަމައެކަނި މީހާވެސް މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކީއެވެ. އެކަމުން ޔޫޝައުއަށް ފުން އަސަރުތަކެއް ކުރާނެކަން އޭނާއަށް އެނގެއެވެ. އެހެނީ ޔޫޝައުއަކީ ބަފައަކާ ނުލައި ހާޖަރާ ނުހަނު ދަތި ހާލުގައި ގެންގުޅެ ބޮޑުކުރި ކުއްޖެއްކަން އޭނާއަށްވަނީ އެނގިފައެވެ. ޔޫޝައުވެސް ހާޖަރާދެކެ ވާ ލޯބި އޭނާއަށްވަނީ ވަރަށް ގާތުން ފެނިފައެވެ. އެހެންކަމުން ހާޖަރާގެ އެ ކުއްލި ވަކިވުން ޔޫޝައުއަށް ބޮޑު ހިތާމައަކަށް ވާނެކަން ޔަޤީނެވެ. އައިކާ ހިތާހިތުން ހާޖަރާގެ މައްޗަށް ހެޔޮދުޢާ ކުރަމުން ދިޔައެވެ. އެވަގުތު ޔޫޝައުގެ ފޯނު ރިންގުވާ އަޑު އިވުމުން އައިކާ ގޮސް ފޯނު ނެގިއެވެ. އޭނާއަކީ ޔޫޝައުއަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދޭ މީހަކަށް ނުވިނަމަވެސް ހާލަތުގެ ގޮތުން ޔޫޝައުއަށް ވާހަކަދައްކަން ފަސޭހަ ނުވާނެކަން އެނގޭތީއާއެކު، ގުޅަނީ ޔޫޝައުގެ އެންމެ ގާތް އެކުވެރިޔާ އާދިލްއަށްވީތީ އޭނާ ފޯނު ނެގީއެވެ.

“ހެލޯ! އޭތް މޭން އާދެބަލަ މަޒާޑާއަށް.. މިއުޅެނީ ވަރަށް ބޮޑު ކަމެއް ލައިގަނެގެން.. ޑިސްކަސް ކޮށްލަންވެގެން..” އައިކާއަށް އެއްވެސް އެއްޗެއް ނުބުނެވެނީސް އާދިލް އޭނާ ބޭނުންވާ ކަންތައް ބުންޏެވެ.

“އާދިލް!”

“އަ.. އައިކާ ދޯ؟ ކޮބާ ޔޫޝައު؟” އާދިލް ކުޑަކޮށް އަޅައިގެންފައި އަހާލިއެވެ.

“ޔޫޝައު އެބައުޅޭ.. އެކަމް މިހާރު ޔޫޝައުއަށް ދެވޭކަށް ނެތް..” އައިކާ ބުންޏެވެ.

“އެއީ؟ މާބޮޑަށް ބަލިވީތަ؟”

“ނޫން.. މިއުޅެނީ މަންމަ ނިޔާވެގެން.. މިހާރު އާސަހަރާ މިސްކިތުގަ މިތިބީ..” އައިކާ ބުނެލިއެވެ.

“ކޮންއިރަކު؟ ކީއްވެ އަހަރެންނަށް ނޭންގީ؟”

“ސީދާ ގަޑިއެއް ނޭނގެ.. މެންދުރު ކައިގެން ކޮޓަރިއަށް ވަތް ގޮތަކަށް ނުނިކުމޭ.. ބަލާލިއިރު އޮތީ ނިދިފަ.. ދެން ހައެއް ޖަހަންވީއިރުވެސް ނުހޭލާތީ ގޮވަންވެގެން ދިޔައިރު އޮތީ ނިޔާވެފަ..” އައިކާ އެހެން ބުނެލުމުން އާދިލް މި ދަނީއޭ ބުނެފައި ފޯނު ބޭއްވިއެވެ. ކުޑައިރުކޮޅެއް ވީއިރު އާދިލް ހުރީ އާސަހަރާ މިސްކިތުގައެވެ. އާދިލް ފެނުމާއެކު ޔޫޝައުއަށް ރޮވޭގޮތްވިއެވެ. ނަމަވެސް މަންމައަށްވީ ވަޢުދުގެ މަތިން ހަނދާންވުމުން އޭނާ އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ.

“ހިތްވަރުކުރޭ..” އާދިލް ޔޫޝައުގެ ކޮނޑުގައި ހިފަހައްޓާލަމުން ހިތްވަރުދިނެވެ.

ހާޖަރާގެ މޫނުދައްކާލުމަށް ލަމްހާއާއި އައިކާ އެތެރެއަށް ވެއްދުނެވެ. ލަމްހާ ރޯވަރުން ޔޫޝައު ހުރީ ވަކިން ބޮޑަށް ދެރަވެފައެވެ. އެހާ ހިތްދަތިވެފައި ލަމްހާ ރޯތަން ފެނުމުން އާދިލްގެ ލޯވެސް ފެންކަޅިވިއެވެ. ހާޖަރާއަކީ އޭނާއަށްވެސް ނުހަނު ހެޔޮ މީހެކެވެ. އޭނާގެ މަންމަ ނެތް ދުނިޔެއެއްގައި މަންމަ ފަދަ މީހެކެވެ. ޔޫޝައު ހާޖަރާގެ މޫނު އަޅަން ގާތްވިއިރު އޭނާގެ އަތް ތުރުތުރުލައެވެ. އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ހާޖަރާގެ މޫނު އެޅި ވަގުތު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އޭނާދެކެ އެންމެ ލޯބިވި އަދި އޭނާވެސް އެންމެ ލޯބިވި އެ މަންމައެއް ދެން އޭނާއަކަށް ނުފެންނާނެއެވެ.

ހާޖަރާގެ ކަށުކަމާކެމީގެ ކަންތައް ނިމިގެން ޔޫޝައުމެން ގެއަށް އައިއިރު އެ ތިންމީހުންގެ އިތުރުން އާދިލްގެ މޫނުމަތިންވެސް ފެންނަމުންދަނީ މޮޅިވެރިކަމެވެ. ލަމްހާ އެއްވެސް ވަރެއްނެތް މީހެއް ފަދައިން ސޯފާއަށް ވެއްޓިގަތެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް ބާރަށް ރޮވިއްޖެއެވެ. ޔޫޝައު ނުރޯން ވަރަށް ހިތްވަރުކުރިއެވެ. ނަމަވެސް ލަމްހާގެ ވޭނީ ގިސްލުމުގެ އަޑުން އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާއަށް އާދިލްގެ ގައިގައި ބައްދައިގަނެގެން އޮވެ ރޯން ފެށުނެވެ. ބޮޑު ސިންގާ ފިރިހެނަކު އެގޮތަށް ރޯން ފެށުމުން އާދިލްވެސް ދެރަވެ ރޮވޭގޮތްވިއެވެ. އައިކާ ގޮސް ލަމްހާގެ ގާތުގައި އިށީނުމުން ލަމްހާ އައިކާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޮމުން ދިޔައެވެ. އާދިލް ޔޫޝައު ގޮވައިގެން ނުކުތީ ބޭރަށެވެ. އިރުގަނޑެއް ފަހުން އެދެމީހުން އެތެރެއަށް ވަތްއިރު ޔޫޝައު ހުރީ ހަމައަކަށް އެޅިފައެވެ. އޭރު ލަމްހާއަށް އޮތީ ސޯފާގައި ނިދިފައެވެ.

“ލަމް! ހިނގާ ކޮޓަރިއަށް.. ތިތާ އޮއްވާ ވެއްޓިދާނެ..” ޔޫޝައު ވަރަށް ހިތްވަރުކޮށްފައި އެހެން ބުނެލުމުން ލަމްހާ ތެދުވިއެވެ.

“އިކާވެސް ދޭ ދެން ކޮޓަރިއަށް.. އަހަރެން އެބަ ދަން..” ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލާފައި ކޮޓަރިއަށް ދިޔައެވެ. އާދިލްވެސް ފަހުން އަންނާނަމޭ ބުނެފައި ގެއަށް ދިޔައެވެ.

“ޔޫ! އަހަރެންނަކަށް އަދިވެސް ޤަބޫލެއް ނުކުރެވޭ..”

“ލަމް! ޕްލީޒް.. ނުރޮއިބަލަ.. ލަމް ތިހެން ރޮއި ހިތާމަކުރަންޏާ ލަމްގެ ބަނޑުގަ މިއޮތް ދަރިފުޅަށް ކިހިނެއްވާނީ؟ ލަމް ބޭނުންތަ ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބެން؟” ޔޫޝައު އެހެން އަހާލުމުން ލަމްހާ ބޯ ހޫރާލިއެވެ.

“ދުނިޔޭގަ އުޅޭއިރު އެކި ކަހަލަ ކަންތައްތަކާ ކުރިމަތިވާނެ.. ހިތާމަތައް ކުރިމަތިވާނެ.. އެކަންތައްތަކަށް އަހަރެމެން ޖެހޭނެ ކެތްތެރިވާން.. ކޮންމެ މީހަކީވެސް މިދުނިޔޭން ދާންޖެހޭނެ މީހެއް.. އެކަން އަހަރެމެން ޖެހޭނެ ޤަބޫލުކުރަން.. ހިތްވަރުކުރަން ޖެހޭނެ..” ޔޫޝައުގެ ވާހަކަތައް ލަމްހާ އަޑުއެހިއެވެ. އޭނާ އެވާހަކަތައް ޤަބޫލުވެސް ކުރެއެވެ. ނަމަވެސް އޭނާއަށް ކެތްކުރަން ދަތިވަނީއެވެ.

“ޤަބޫލުކުރަން.. ހިތްވަރުވެސް ކުރަން.. އެކަމް އެއީ އަހަރެންނަށް މިދުނިޔޭގަ ނުލިބުނު މަންމައެއްގެ ލޯބި ދިން މީހަކީ.. ބައްޕަ ނިޔާވީއްސުރެ ފެށިގެން ޔޫއާ އިންނަންދެން އަހަރެންނަކަށް އެއްވެސް މީހެއްގެ ލޯތްބެއް ނުލިބޭ.. އަހަރެންނަށް ލިބުނީ ވޭނާއި ހިތްދަތިކަމާއި އަނިޔާ.. އަހަރެންނަށް ލޯތްބަކީ ކޮން އެއްޗެއްކަން، ކިހާވަރެއްގެ އެއްޗެއްކަން ދަސްވީ މިގެއިން.. މަންމަގެ ފަރާތުން.. އެހެންވީމަ ކުއްލިއަކަށް މަންމަ ނިޔާވުމުން އަހަރެން ކެތްކުރާނީ ކިހިނެއް؟” ލަމްހާއަށް އަނެއްކާވެސް ރޮވުނެވެ.

“ލަމް! ރަނގަޅު.. ދެރަވާނެ.. ކެތްކުރަން އުނދަގޫވެސް ވާނެ.. އެކަމަކު ބަލާބަލަ އަހަރެން.. އަހަރެން ހަނދާން ހުންނަން ފެށިއިރުވެސް އަހަރެންގެ ބައްޕައެއް ނުހުރޭ.. އަހަރެންވެސް ބައްޕައެއްގެ ލޯބި ބޭނުންވި.. ކިތަންމެ ވަރަކަށްވެސް ބޭނުންވި.. އެކަމަކު އެނަސީބެއް އަހަރެންނަކަށް ނުލިބުނު.. މަންމަ ބޭނުމެއްނުވި އަހަރެންނަށް ދޮންބައްޕައެއް ހޯދައިދޭކަށް.. އެއީ އަހަރެންނަށް ދެރަގޮތެއް ވެދާނެތީ.. މަންމައަށް އަހަރެންނާމެދު ފަރުވާކުޑަ ކުރެވިދާނެތީ.. އޭރު އަހަރެން އަބަދުވެސް އެހެން ކުދިންގެ ބައްޕަ ހުރެފައި އަހަރެންގެ ބައްޕަ ނުހުންނާތީ އެވާހަކަ ވާހަކަ ދައްކާ ބޮޑާހޭކިން.. އެކަމް އަހަރެންނަށް ހެޔޮނުބައި ވަކިވާން ފެށީމަ އަހަރެންނަށްވެސް އެނގުނު އެއީވެސް އިމްތިހާނެއްކަން.. އެކަމަށްވެސް ކެތްތެރިވާން ޖެހޭނެކަން.. އަހަރެންވެސް ކެތްކުރިން.. މިދުނިޔޭގަ އަހަރެންގެ އެކަކުވެސް ނެތް އެ މަންމަ ނޫނީ.. އެ މަންމަ ނޫނީ އަހަރެންނަށް ލޯބިދިން މީހެއް މި އުޑުދަށަކު ނެތް.. އެހެންވީމަ އެ މަންމަ ވަކިވީމަ އަހަރެން ދެރައެއް ނުވާނެތަ؟ އެކަމަކު އަހަރެންވެސް މި ކެތްކުރަނީނު.. ލަމްވެސް ވާނެ ކެތްތެރިވާން.. ލަމްގެ ބަނޑުގަ މިއޮތް ދަރިފުޅަށްޓަކައިވެސް ކެތްކުރަން ލަމްއަށް މަޖުބޫރުވާނެ.. މީ އެތައް ދުވަހެއް ވަންދެން އަހަރެމެން ދެމީހުން ދުށް ހުވަފެނެއް.. ކުރި އިންތިޒާރެއްގެ ނިމުން..” ޔޫޝައު އެހެން ބުނެލުމުން ލަމްހާވެސް ބޯޖަހާލަމުން ޔޫޝައުގެ މޭގައި ބޯއަޅާލައިގެން އޮތެވެ. އެއޮތްގޮތަށް އޮވެ ލަމްހާއަށް ނިދުނީއެވެ.

“މަންމާ! އަޅެ ޔޫޝައުވެސް ހާދަ ދެރަވެފައޭ ހުރީ.. ދެރަވާނެއެއްނު ދޯ މަންމާ.. ޔޫޝައުގެ އެހެން އެކަކުވެސް ނެތް.. ލަމްހާވެސް ރޯވަރުން އަހަރެންވެސް ވަރަށް ދެރަވޭ.. ލަމްހާގެވެސް އެކަކުވެސް ނެތް.. އޭނަ ހާޖަރާ މަންމަދެކެ ހާދަ ލޯތްބެއްވެޔޭ.. ހަމަ އަހަރެން މަންމަދެކެ ލޯބިވާހެން.. ޔޫޝައުއަށްވުރެވެސް ބޮޑަށް ލަމްހާ މަންމަދެކެ ލޯބިވޭ..” އައިކާ ނޭފަތް ދަމާލިއެވެ.

“ދަރިފުޅާ! މާބޮޑަށް ރޮއި ނުހަދާތި.. މިހާރު ތީނދަ ދުވަސް ފުރެނީ.. ހިތާމަކުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނުވާނެ.. އަނެއްކާ ޔޫޝައުމެންގެ ކުރިމަތީ ދަރިފުޅު ރޮއި ހަދަންޏާ އެމީހުންވެސް ހައްތަހާ ސަކަރާތްވާނީ.. ދަރިފުޅު ވީހާވެސް ބޮޑަށް ޔޫޝައުއަށް ލޯބިދީ.. ލަމްހާއާ ކުރިއަށްވުރެވެސް އަޅާލާ.. އޭރުން މަޑުމަޑުން އެމީހުންނަށް އެހިތާމައާ ދުރަށް ދެވިދާނެ..” ސަނާ އައިކާއަށް ނަސޭހަތްދިނެވެ.

“މަންމާ! އަހަރެން ކެތްކުރަމޭ.. އަހަރެން އެމީހުންނަށް ފެނިގެން ނުރޮއި ވޭތޯ ހާދަ މަސައްކަތެއް ކުރަމޭ.. އެކަމްވެސް އެމީހުން ރޯތީ ދެރަވެގެން ރޮވެނީ.. ދެން ނުރޯނަން.. މަންމައާ ވާހަކަ ދައްކާލެވުނީ އަދި ވަރަށް ހިތްހަމަޖެހިއްޖެ..” އައިކާ ދެލޯ ފޮހެލަމުން ބުނެލިއެވެ. އަދި ގުޅާނަމޭ ބުނެފައި އައިކާ ފޯނު ބާއްވަނިކޮށް ޔޫޝައު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ޔޫޝައު ފެނުމުން އައިކާ ހިނިތުންވެލިއެވެ. ޔޫޝައު މަޑުމަޑުން އައިސް އައިކާ ގާތުގައި އިށީނެވެ.

“މަންމަ ގުޅި.. ބުނި ޔޫޝް ގާތު ބުނައްޗޯ ހިތްވަރުކުރައްޗޭ.. އަދި އަހަރެންނަށް ވަރަށް ނަސޭހަތްދިން ޔޫޝްއަށް ހިތްވަރުދޭށޭ ކިޔައިގެން.. ވިހަން ގާތްވާތީ އެކަމަށްވެސް ވިސްނައިގެން އުޅެއްޗޭ ބުނި..” އައިކާ ޔޫޝައުގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ބުނެލިއެވެ.

“ކޮބާ ލަމް؟ މިހާރު ރަނގަޅުތަ؟” އައިކާ އަހާލިއެވެ.

“ހޫމް.. ނިދިފަ އޮތީ..” ޔޫޝައު އެހެން ރޭރެޔާ ޚިލާފަށް މިރޭ ބަސްމަދެވެ. އެހެން ވާނެކަންވެސް އައިކާއަށް އެނގެއެވެ. ކުއްލިއަކަށް އެފަދަ ހިތާމައެއް ކުރިމަތިވުމުން ކޮންމެ މީހަކަށްވެސް އެހެން ވާނެއެވެ.

“ޔޫޝް މިރޭ ދާންވީނު އެކޮޓަރިއަށް.. ލަމް ކިހާ އެކަނިވާނެ.. އޭނަ ކިހާ ދެރަވެފަ ހުރީ..” އައިކާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“އޭރުން އިކާޔޯ؟ އިކާވެސް ދެރަވެއެއްނު.. އިކާވެސް އެކަނިވާނެއެއްނު.. އިކާއަށް މިދުވަސްކޮޅު އަހަރެން ކައިރީގަ ހުރުން ވަރަށް މުހިންމުވާނެ.. މިއަދުވެސް އިކާގެ ބަނޑުގަ ރިއްސިއެއްނު.. އެހެންވީމަ އަހަރެންނަކަށް ނުކެރޭނެ އިކާ އެކަނި ބާއްވާފަ ދާކަށް.. ދަންވަރު ކަމެއް ދިމާވެއްޖެއްޔާ ކިހިނެއް ހަދާނީ؟ އެހެންވެ ލަމްވެސް ބުނެފަ އޮތީ އިކާ ވިހަންދެން އަހަރެން މިކޮޓަރީގަ އޮންނާށޭ..” ޔޫޝައު އެހެން ބުނެލުމުން އައިކާއަށް ބޯހޫރާލެވުނެވެ.

“އެކަމް މިރޭ ދެން ދޭ.. މިރޭ އޭނަ އެކަނިކޮށްލާކަށް ނުވާނެ.. ޔޫޝްއަށްވެސް އެނގެއެއްނު މިރޭ ލަމްގެ ހާލު ހުރިގޮތް..” އައިކާ ކުރުނުކޮށް ކިޔަން ފެށުމުން ޔޫޝައު އެކޮޓަރިއަށް ދާން އެއްބަސްވިއެވެ. ޔޫޝައު ލަމްހާގެ ކޮޓަރިއަށް ދިޔައީ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް އޭނާއަށް ގުޅާށޭ ބުނެފައެވެ. ޔޫޝައު ދިއުމުން އައިކާ އޮށޯތީ ވަރުބަލިވެފައި ހުރުމުންނެވެ. ކޮޓަރި ތަޅުނުލީ ކަމެއް ދިމާވިނަމަވެސް ޔޫޝައުއަށް އަވަހަށް އައިސް ވަދެވޭނެގޮތް ހެދުމުގެ ބޭނުމުގައެވެ. އެގޭގައި އިތުރު އެއްވެސް މީހަކު ނޫޅޭތީ އެއްވެސް ކަހަލަ ބިރުވެރިކަމެއްވެސް ނެތީމައެވެ.

ހަފްތާއެއްވީއިރު މަޑުމަޑުން ކަންކަން ހަމައަކަށް އެޅެމުން ދިޔައެވެ. ޔޫޝައުވެސް އަލުން އޮފީހަށް ނުކުމެ މަސައްކަތައިގެން ކުރިއަށް ދިޔައިރު އައިކާއާއި ލަމްހާވެސް ކުރިއެކޭ އެއްގޮތަށް އުޅެމުން ދިޔައެވެ.

**********

“ޒިޔާ! ވަރުބައްޔެއްވެސް ނުވޭތަ؟ މިހާރު އެހެރަ ދޭއްޖެހީ..” ލީން އަހާލިއެވެ.

“ވަރުބަލިވާވަރު ކަމެއް ނުކުރެވެއެއްނު އަދި..”

“އަހަރެން މިހާރު ވަރުބަލިވެއްޖެ މިހެން އިނދެ އިނދެ..” ލީން އެހެން ބުނެލުން ޒިޔާން ލީންއަށް ބަލާލިއެވެ.

“ލީން ވަރުބަލިވެއްޖެއްޔާ ގޮސް އޮށޯވެލާ.. އަހަރެން މިތަންކޮޅު ކުރަހާ ނިންމާލާފަ ދާނީ.. މާދަމާ ރޭ ފަށާ މުބާރާތަށް ނިންމަންޖެހޭ ކުރެހުމެއް މީ.. މާދަމާ މެންދުރު އެމީހުން އަންނާނެ މި ބަލާ.. އޭރަށް ނިންމަން ޖެހޭނެއެއްނު..” ޒިޔާން ބުނެލިއެވެ. ޒިޔާން ހުރީ އެރޭ ރަށު ސްކޫލުގައި އޮތް ތަމްސީލު މުބާރާތުގެ ބެކްގްރައުންޑަށް ތައްޔާރުކުރަން ހަވާލުކުރި ކުރެހުމެއް ކުރަހާށެވެ.

“ދެން ތި ބަހައްޓާފަ ހިނގާބަ ނިދަން.. މާދަމާ ހެނދުނުވެސް ކުރެހިދާނެއެއްނު..”

“ލީން ދޭބަލަ މިވަގުތު.. ވާހަކަދައްކަން ހުންނަންޏާ ހައްތަހާ ލަހޭ ވާނީ.. ނުވާނެއޭ ގިނައިރެއް.. ފަސްމިނެޓް ވާނީ..” ޒިޔާން އެހެން ބުނެލުމުން ލީން އެންމެ ރަނގަޅޭ ބުނެލިއެވެ.

“އަވަސްކުރައްޗޭ އިނގޭ..” ލީން ކޮޓަރިއަށް ވަންނަމުންވެސް އެހެން ބުނެލުމުން ޒިޔާންއަށް ބޯ ހޫރާލެވުނެވެ. ޒިޔާން އެތަންކޮޅު ކުރަހާ ނިންމާލާފައި ދިޔައިރު ލީން ހުރީ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

“ކިހިނެއްވީ؟”

“ޒިޔާ! އަހަރެން އެބަ ވަރަށް ހާސްވޭ.. ހީވަނީ ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭހެން.. މިރޭ މާބޮޑަށް އެބަ އިކާ މަތިންވެސް ހަނދާންވޭ.. ނޭނގެ މިވާގޮތެއް.. ވަރަށް އެހެން ކަހަލަ ގޮތްތަކެއް ވަނީ..” ލީންގެ ހިތުގައިވާ ނުތަނަވަސްކަން ޒިޔާންއަށްވެސް ފާހަގަކުރެވުނެވެ.

“އާދެބަލަ މިތާ އިށީންނަން.. ތިވާނީ މިރޭ މާގިނައިން އިކާގެ ވާހަކަ ދެއްކީމަ ވާގޮތެއްކަމަށް..”

“ނޫން ޒިޔާ.. އަހަރެންނަށް މިހެން ހީވާ ހީވުން ވަރަށް ސީދާވާނެ.. ކުރީ ފަހަރުވެސް އިކާ..” ލީން ކުއްލިއަކަށް ހުއްޓާލިއެވެ.

“އިކާ ކިހިނެއްވީ؟”

“ކަމެއްނުވޭ..” ލީން ދުރަށް މޫނު އަނބުރާލިއެވެ.

“ދޮގު.. ލީން އަހަރެންނަށް ކަމެއް ސިއްރުކުރަނީތަ؟” ޒިޔާން އެހެން އަހާލުމުން ލީންއަށް ޒިޔާންއާ ދިމާ ބަލާލެވުނެވެ.

“ސޮރީ ޒިޔާ.. އަހަރެންނަށް އެވާހަކަ ބުނެވޭކަށް ނެތް.. އެވާހަކަ އެއްވެސް މީހަކު ގާތު ނުބުނާނެކަމަށް އަހަރެން ވާނީ އިކާއަށް ވަޢުދުވެފަ.. އެކަމް އަހަރެންނަށް އެ ވަޢުދު އުވާލެވިއްޖެ..”

“ވަޢުދެއް އުވާލެވުމަށްފަހު އެއީ ވަޢުދަކަށް ނުވާނެ.. ބުނެބަލަ.. އިކާ ކިހިނެއްވީތަ؟” ޒިޔާން އަނެއްކާވެސް އަހާލިއެވެ. ލީން ޒިޔާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަންހެނުންނަކީ ޒިޔާން ވަރަށް ޤަދަރުކުރާ ބައެކެވެ. ވީއިރު އަންހެނަކާމެދު އެފަދަ ގޮތަކަށް ކަންތައް ކުރީތީ އޭނާއަށް އައްޒާމްދެކެ އިންތިހާއަށް ރުޅިއާދެވުނެވެ.

“އަހަރެން އިކާއަށް ގުޅާލާނަން..” ލީން އެހެން ބުނެލާފައި ފޯނު ނެގިއެވެ. އައިކާއަށް ނުގުޅަން ނިންމައިގެން ހުރިނަމަވެސް މިރޭ އޭނާއަށް ކުރެވޭ އިހުސާސްތަކަކުން ގުޅަން ބޭނުންވީއެވެ. އައިކާގެ ނަންބަރަށް ގުޅާލުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލިއެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ.

“ނިއްވާލާފައޭ އޮތީ..”

“ޔޫޝައުއަށް ގުޅާބަލަ..” ޒިޔާން ލަފާދިނެވެ.

“އޭނަ އޮވެދާނެ ލަމްހާ ކައިރީވެސް.. އެހެންނޫނަސް އަހަރެންނަކަށް ނޭނގެ އޭނަގެ ނަންބަރެއްވެސް..” ލީން މާޔޫސްވިއެވެ.

“އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ..” ޒިޔާން އެހެން ބުނެލުމުން ލީންވެސް ބޯޖަހާލިއެވެ.

“ދެން ހިނގާ ނިދަން.. ތީ ނުނިދިގެން އުޅުނު މީހާއެއްނު..” ޒިޔާން ގަސްތުގައި ލީން ރުޅިއަރުވާލިއެވެ.

**********

ޔޫޝައުއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާތީއެވެ. ސްކްރީނަށް ބަލާލިއިރު ނުދަންނަ ނަންބަރެކެވެ. އެހެންކަމުން އޭނާ ފޯނު ނަގަން ނުނަގަން އިނދެފައި ފޯނު ނަގައި ހަލޯއޭ ބުނެލިތަނާ އެކޮޅުން ފޯނު ކަނޑާލައިފިއެވެ. އޮޅިގެން ގުޅުނީކަމަށް ބަލައި އޭނާ ފޯނު ބާއްވަން އުޅުނުތަނާ މެސެޖެއް އައެވެ. ދެންމެގައި ގުޅި ނަންބަރުންނެވެ. ޔޫޝައު މެސެޖް ހުޅުވާ ބަލާލިއެވެ.

“ދެންމެގަ ތިގެއަށް މީހަކު ވަންނަނިކޮށް އަހަރެންނަށް ފެނިއްޖެ.. ހީއެއްނުވޭ ވަގަށް ވަންނަން އުޅުނު މީހެއްހެނެއް.. ހަމަ ބޮޑު ދޮރުން ހަމަޖެހިލާފަ ވަނީ..” މެސެޖް ކިޔާލުމާއެކު ޔޫޝައު ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދޭތެރެ ޖައްސަން އެ އުޅުނު މީހަކީ ކާކުބާއޭ އޭނާގެ ހިތަށްއެރިއެވެ. އޭނާ ނުވެސް ދަންނަ މީހަކު ދަންވަރު ގަޑީގައި އޭނާގެ ފޯނަށް ގުޅައި މެސެޖް ކުރުމުގެ ބޭނުމަކީ ކޮބައިބާއޭ އޭނާގެ ހިތަށްއެރިއެވެ.

“ބުނަން.. ކަލޭ ކިތަންމެ ވަރަކަށް ދޭތެރެ ޖައްސަން އުޅުނަސް ތިކަމެއް ނުވާނެ..” ވަރަށް ރުޅިއައިސްފައި ޔޫޝައު މެސެޖުގެ ރިޕްލައި ދިނެވެ.

“މީ ދޭތެރެ ޖައްސަން ބުނާ އެއްޗެއް ނޫން.. ހަމަ ޔޫޝައުއަށް ރަނގަޅަކަށް.. ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން ބުނެލީ.. ޤަބޫލު ނުކުރެވެންޏާ ޔޫޝައުގެ ދެއަނބިންގެ ކޮޓަރި ބަލާލަބަލަ.. އޭރުން އަހަރެން މިބުނާ އެއްޗެއްވެސް އެނގިދާނެ..” ޔޫޝައުގެ މެސެޖާއި ވިއްދައިގެން އައި މެސެޖުގައި އޮތެވެ.

“އައި ޑޯންޓް ކެއަރ.. ޔޫސްލެސް ބިޗް..” ޔޫޝައު އޭނާގެ ދެއަނބިންނަށް ފުރިހަމައަށް އިތުބާރުކުރެއެވެ. އަދި ވަގުތުން ފޯނު ނިއްވާލިއެވެ.

“ކާކުތަ މި ދަންވަރު ތާކުންތާކު ނުޖެހޭ ދޮގު ޚަބަރުތަކަކައިގެން މެސެޖްކޮށް އެ ގުޅައިގަތީ؟ ކުރާނެ ކަންތައް ހުސްވީތަ ދޭތެރެ ޖައްސަން އެ އެނބުރިގަތީ.. މުޅި ރޭ ޚަރާބުކޮށްލައިފި..” ޔޫޝައު އިނީ ރުޅިއައިސްފައެވެ. އޭނާއަށް ދެން އެރޭ ނުނިދޭނެތީއެވެ. އޭނާއަކީ ނިދާފައި ހޭލެވިއްޖެނަމަ ދެން ނިދޭ މީހެއް ނޫނެވެ. ދަންވަރުގެ އެވަގުތުގައި ހޭލެވުމުން އައިކާގެ ހާލު ބަލާލައި ހުރިހާ ކަމެއްވެސް ރަނގަޅުތޯ ބަލާލަން ޔޫޝައު ބޭނުންވިއެވެ. އޭނާ މިދުވަސްކޮޅު ނިދާ އުޅެނީ އައިކާގެ ކޮޓަރީގައިކަމަށް ވިޔަސް ލަމްހާ ކުޑަކޮށް ބަލިވެ އުޅޭތީ އޭނާ އެރޭ އެކޮޓަރިއަށް ނިދަން އައީއެވެ. އޭނާ އެއްވެސް ފިކުރެއްނެތި އައިކާގެ ކޮޓަރި ދޮރު ހުޅުވާލި ވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ.

“އައިކާ……..” ޔޫޝައުގެ އަޑަށް އައިކާއަށް ސިހިފައި ހޭލެވުނެވެ. އެވަގުތު އޭނާގެ މޭމަތިން ގޮސް ކޮނޑުގައި ބާއްވާލާފައި އޮތް އަތް ފެނުމުން އޭނާއަށް ކައިރީގައި އޮތް މީހާއަށް ބަލާލެވުނެވެ. އޭރު އަޑިއަޑިން ހެމުން ދެލޯ މަރާލައިގެން އައްޒާމް އޮތެވެ. އޭނާ ހުސްގަޔާ އޮތްއިރު ބުރަކަށީގެ މެދާއި ހަމައަށް އޮތީ ބެޑްޝީޓް އަޅާލާފައެވެ. އައްޒާމް އޮތީ މޫނު ވަތަށްވާ ގޮތަށްކަމުން އައިކާއަކަށް އެއީ އައްޒާމްކަމެއް ނޭނގެއެވެ.

“ކިހިނެއްވީ މާބާރަށް ތި ހަޅޭއްލަވަނީ؟ ބިރުވެރި ހުވަފެނެއް ފެނުނީތަ؟” ނިދި އަޑަކުން އައިކާ އަހާލީ ޔޫޝައު ކަމަށް ހީކޮށް އޭނާގެ ބޮލުގައި ފިރުމާލަމުންނެވެ.

“ގޮތްކުޑަ އަންހެނާ!” ޔޫޝައުގެ އަޑު އައީ ދޮރާއި ދިމާލުންނެވެ. އައިކާއަށް ދޮރާއި ދިމާއަށް ބަލާލެވުނުއިރު ޔޫޝައު އޭނާއާ ދިމާއަށް އަންނަނީއެވެ. އޭނާއަށް ޤަބޫލު ނުކުރެވިފައި ބަލާލެވުނީ އޭނާގެ ކައިރީގައި އޮތް މީހާއަށެވެ. އެވަގުތު އައްޒާމް ލަސްލަހުން ދެލޯ ހުޅުވާލަމުން ފުރޮޅިލިއެވެ. އެވަގުތު އައިކާއަށް އަނގަމަތީ އަތްއަޅާލެވުނީ އޭނާގެ ކައިރީގައި އޮތީ ޔޫޝައު ނޫންކަން އެނގުނީމައެވެ. އިސާހިތަކު އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ.

“ޔޫޝް!”

“ޚަބަރުދާރު! ކަލޭގެ ތި މުޑުދާރު ދުލުން އަހަރެންގެ ނަންވެސް ނުކިޔާތި!” ޔޫޝައު ހުރީ ވަރަށް ރުޅިއައިސްފައެވެ. އެވަގުތަކީ އަޑުގަދަވެގެން ލަމްހާއަށް ހޭލެވުނު ވަގުތެވެ. އަޑު އަންނަނީ އައިކާގެ ކޮޓަރިންކަން އެނގުމުން އޭނާ ހައިރާންވެ ހުރެ ކޮޓަރިން ނުކުތެވެ. އޭނާއަށް އެ އިވެނީ ޔޫޝައުގެ އަޑުކަން އޭނާއަށް ޔަޤީނެވެ.

“ޔޫޝް! އަޑުއަހާބަލަ.. އަހަރެން އެއްވެސް..”

“ހުއްޓާލާ! އެއްވެސް ކަމެއް ނުހިނގާނަމަ މިތާ އައިކާ ކައިރީގަ ހިލޭ ފިރިހެނަކު އޮންނަންވީ ކީއްވެ؟ އައިކާ ތިގޮތަށް ހުންނަންވީ ކީއްވެ؟ އަދިވެސް އޮޅުވާލަން ތިއުޅެނީ އަހަރެން މީ މޮޔައެއްކަމަށް ހީކޮށްތަ؟” އައިކާގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ޔޫޝައު ބޭނުމެއްނުވިއެވެ. އޭނާއަށް ބޮޑަށް ޤަބޫލުކުރެވުނީ އޭނާގެ ލޮލަށް ފެނުނު މަންޒަރުތަކެވެ. އެކަމުގެ ފަހަތުގައި ބައެއްގެ ރޭވުމެއް ވެދާނެކަމަށް އޭނާގެ ސިކުނޑިއަށް އެއްފަހަރުވެސް ނުވިސްނުނެވެ.

“ނޫން ޔޫޝް.. އަހަރެން ދުވަހަކުވެސް..”

“އަހަރެން ބޭނުމެއްނޫން ތިކަހަލަ މީހަކާ އެކީ އެންމެ ހިނދުކޮޅަކުވެސް އުޅޭކަށް.. ތިހުރީ ވަރިކޮށްފަ.. ނުކުމޭ މިގެއިން!” ޔޫޝައުގެ ދުލުން އެ ބަސްތައް ނުކުތް ވަގުތަކީ ލަމްހާއަށް އެކޮޓަރިއަށް ވަދެވުނު ވަގުތެވެ. އޭނާއަށް ޔޫޝައު ބުނި ބަސްތައް ރަނގަޅަށްވެސް އަޑުއިވުނެވެ.

“ޔޫޝައު!” ލަމްހާގެ އަޑަށް ޔޫޝައު ފަސްއެނބުރި ބަލާލިއެވެ.

“ކިހިނެއްވެގެން މިއުޅެނީ؟ ކީއްވެ އައިކާ ވަރިކުރަންވީ؟” ލަމްހާއަކަށް އޭރު އައިކާއެއް އަދި އައްޒާމްއެއްވެސް ނުފެނެއެވެ. އެހެންކަމުން އެތާނގައި ހިނގި އެއްވެސް ކަމެއް އޭނާއަށް ވިސްނާލާކަށް ނޭނގުނެވެ.

“ލަމް ދޭ ކޮޓަރިއަށް..”

“ކިހިނެއްތަ ވެގެން މިއުޅެނީ؟” ލަމްހާ އަނެއްކާވެސް އެހެން ބުނަމުން އެތެރެއަށް ވަތް ވަގުތު އޭނާއަށް ހުއްޓުން އެރީ ހުސްގަޔާ އައިކާގެ އެނދުގައި އިށީނދެލައިގެން އިސްޖަހައިގެން އިން އައްޒާމް ފެނިފައެވެ. އައިކާ ހުރީ އެނދު ކައިރީ ހުރެ ހެދުން ރަނގަޅުކޮށްލަނީއެވެ.

“ހެޔޮނުވާނެ ޔޫޝް! އަހަރެން ވަރިނުކުރޭ.. އަހަރެން އެއްވެސް ނުބައިކަމެއް ނުކުރަން.. އަހަރެންނަކަށް ނޭނގެ އައްޒާމް މިތަނަށް ވަނީ ކިހިނެއްކަމެއް.. އޭނައަކީ ވަރަށް ނުބައި މީހެއް..” އައިކާ އާދޭސްކުރިއެވެ.

“ހުއްޓާލާ! އަހަރެންނަށް ހެޔޮނުބައި ކިޔައިދޭކަށް އައިކާއަކަށް ނޭނގޭނެ.. ނޫންނަމަ އަހަރެންނާ އިނދެގެން ހުރެ، އަހަރެން ލަމްހާ ކައިރިއަށް ދިޔައިމަ ހިލޭ ފިރިހެނަކު ވައްދައިގެން ހިތަށްއެރިހާ ގޮތަކަށް ނޫޅުނީސް.. ނޭނގެ މީ މިރޭ އެކަނި ހިނގި ކަމެއްކަމެއްވެސް.. ރަނގަޅަށް ވިއްޔާ މިކަން އޮންނާނީ އެގޭތެރެއިން ފެށިފަ..” ޔޫޝައުގެ ވާހަކަތަކުން އައިކާ ވަރަށް ހިތުގައި ޖެހުނެވެ. އޭރު އައްޒާމް އިސްޖަހައިގެން އިނީ ވަގު ވައްތަރަކަށް ހީފައެވެ. ޔޫޝައުގެ ވާހަކަ އެހުރީ ހަމަ އޭނާ ބޭނުންވީ ގޮތަށެވެ. ލިބުނު ކާމިޔާބާމެދު އޭނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ.

“ނޫން ޔޫޝް.. އަހަރެންނަށް އިތުބާރުކޮށްބަލަ.. ލޮލަށް ފެންނަ ކޮންމެ ކަމަކީ ހަޤީޤަތެއް ނޫނޭ.. އަހަރެން އެއްވެސް ގޯސް ގޮތަކަށް ނޫޅެން.. ﷲ ގަންދީ ހުވާކޮށްފަ މިބުނީ..” އައިކާ އެހެން ބުނަމުން ޔޫޝައުގެ އަތުގައި ހިފަން އުޅުނެވެ.

“އަތްނުލާތި އަހަރެން ގައިގަ.. ތިކަހަލަ މުޑުދާރު އަތަކުން އިންސާނެއް ގައިގަ އަތްލަން ހެޔޮވެސް ނުވާނެ.. އަހަރެން ބޭނުމެއްނޫން ތިކަހަލަ މީހެއްގެ މޫނުވެސް ދެކޭކަށް.. ދާންއުޅޭ މިތަނުން..” ޔޫޝައު ދުރަށް މޫނު އަނބުރާލަމުން އެހެން ބުނެލިއިރު އޭނާގެ ދެލޮލުން ރުޅިވެރިކަމާއި އެއްވަރަށް ހިތާމަ ފާޅުވެއެވެ.

“ޔޫޝައު! ތިހެން ނުހަދާ.. މިއޮއް ދަންވަރު އޭނަ ގެއިން ނެރެ އެއްލާލީމަ އޭނަ ދާނީ ކޮންތާކަށް؟ ކަމުގެ ހަޤީޤަތް ނުބަލާ ގޮތް ނުނިންމާ.. ފަހުން ހިތާމަކުރަން ޖެހިދާނެ..” އެންމެފަހުން ލަމްހާއަށް ނުހުރެވިގެން ބުންޏެވެ.

“އިތުރަށް އެނގެންޖެހޭ ހަޤީޤަތެއް ނެތް.. ހުރިހާ ކަމެއް ހިނގީ އަހަރެންގެ ލޯކުރިމަތީގައި.. އެއީ ރީތި ސިފައެއްގަ ހުރި ނުބައި މީހެއް.. އަދި މީނދަ އެއްޗަކުވެސް އެބައިނެއްނު ފާޑަކަށް އިސްޖަހައިގެން.. ނުކުމޭ މިގެއިން.. ލަދެއްވެސް ނުގަނެޔޭ.. ހަމަ މިހާރު ނުކުމޭ މިގެއިން!” އައްޒާމްއާ ދިމާއަށް ޔޫޝައު ހަޅޭއްލަވައިގަތެވެ. އައްޒާމް މަޑުމަޑުން ތެދުވެ އެނދު ކައިރީ އޮތް އޭނާގެ ޓީޝާޓާއި ސޯޓު ލައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނާ ގޮސް ލަމްހާއާ އަރައި ހަމަވި ވަގުތު އޭނާއަށް ލަމްހާއާ ދިމާއަށް ބަލާލެވުނެވެ. ހަތަރުކަޅި ހަމަވުމާއެކު އޭނާ އަވަހަށް އިސްދަށަށް ޖެހިއެވެ. ދޮރުން ނުކުންނަމުން އައްޒާމް އައިކާއަށް ބަލާލަމުން އެއްމިޔަކަނުން ހީލަމުން އެއްލޯ މަރާލިއެވެ. އައްޒާމް ނުކުތްތަން ބަލާލި ލަމްހާއަށް އައްޒާމްގެ އެ ހަރަކާތް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ. އޭނާގެ ސިކުނޑީގައި ކޮށާލީ ކުރީ ދުވަހުގެ ހާދިސާއެވެ. އެކަމުގައި އައިކާގެ ކުށެއް ނެތްކަމުގައި އޭނާގެ ހިތް ބުނެއެވެ. ނަމަވެސް އޭނާގެ އަތުގައި އެއްވެސް ހެއްކެއްނެތި އޭނާއަށް އެކަމާ އެއްޗެއް ބުނެވޭކަށްވެސް ނެތެވެ. އެހެންކަމުން އޭނާ އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުންޏެވެ.

“ޔޫޝް! އަހަރެންނަށް ތިހެން ނުހަދާ.. އަހަރެން ބޭނުން ހުރިހާ ވާހަކައެއް ކިޔައިދޭން.. އަހަރެންނަށް އެންމެ ފުރުސަތެއް ދީ..” އައިކާ ޔޫޝައުގެ އަތުގައި ހިފަމުން ބުނެލިއެވެ. އެއާއެކު ޔޫޝައު އައިކާގެ އަތް ފޮޅުވާލިއެވެ.

“އައިކާ ތީ އަހަރެންގެ އަނތްބެއް ނޫން.. އަހަރެން އައިކާ ދޫކޮށްލައިފިން.. މިހާރު އަހަރެން ހިތުގަ އައިކާއަށްޓަކައި އޮތީ ނަފުރަތު.. ހަމައެކަނި ނަފުރަތު.. އެހެންވީމަ އަހަރެންގެ އަތުންފައިން ގޯހެއް ނުހެދެނީސް އަވަހަށް މިތަނުން ރައްކާވޭ!” ޔޫޝައު ރުޅިވެރިކަމާއެކު ބުންޏެވެ. އަދި ލަމްހާ ގާތު ކޮޓަރިއަށް އަންނާށޭ ބުނެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.

“ލަމް! އަހަރެން ދެން ކިހިނެއް ހަދާނީ؟ މި ދަންވަރު އަހަރެން ދާނީވެސް ވަކި ކޮންތާކަށް؟” އައިކާ ރޮމުން ލަމްހާގެ ގައިގައި ބައްދާލިއެވެ.

“އަހަރެންނަކަށް ނޭނގެ ކުށްވެރިޔަކީ ކާކުކަމެއް.. އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ އައިކާ އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް.. އެކަމަކު އަހަރެންގެ ސުވާލަކީ އައްޒާމް މިއޮއް ދަންވަރު މިގެއަށް ވަނީ ކިހިނެއްހޭ؟ އަދި އެވެސް މިކޮޓަރިއަށް ވަދެވެންވީ ކީއްވެހޭ؟” ލަމްހާ އައިކާގެ ބުރަކަށީގައި ފިރުމަމުން އަހާލިއެވެ.

“އަހަރެންނަކަށް ނޭނގެ އޭނަ މިގެއަށް ވަނީ ކިހިނެއް ކޮންއިރަކު ކަމެއް؟ އަދި މިކޮޓަރިއަށް ވަނީ ކިހިނެއްކަމެއްވެސް.. ޔޫޝް ނިދަން ދިޔައިމަ އަހަރެންވެސް އޮށޯވެ ނިދީ.. ދެން އަހަރެންނަށް ހޭލެވުނީ ޔޫޝް މާބާރަށް އަހަރެންނަށް ގޮވީމަ.. އަހަރެން ހީކުރީ އަހަރެން ކައިރީ އޮތީ ޔޫޝްކަމަށް.. ހުވަފެނެއް ފެނިގެންކަމަށް ހަޅޭއްލަވައިގަތީ.. އެކަމް ފަހުން އެނގުނީ އައްޒާމްކަން..” އައިކާ އޮޅުންފިލުވައިދިނެވެ.

“ކޮންމެވެސް ގޯހެއް އެބައުޅޭ..” ލަމްހާގެ ތޫނުފިލި ސިކުނޑިއަށް ވިސްނުނެވެ.

“އެކަމް އަހަރެން ކިހިނެއް ހަދާނީ؟ މަންމަމެންނަށް އެނގިއްޖެއްޔާ އެމީހުން ކިހާ ދެރަވާނެ.. މާލޭގަ އަހަރެންގެ އެކަކުވެސް ނެތް.. އަހަރެން ގޮސް ވަންނާނީ ކޮންތާކަށް؟” އައިކާ ދެރަވެފައި ބުނެލިއެވެ.

“އަހަރެންނަކަށްވެސް ނޭނގެ.. އެކަމް އައިކާ މިރޭ މިގޭގަ ހުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނުވާނެ.. އެއީ މިރޭ ޔޫޝައު އެހުރީ ވަރަށް ރުޅިއައިސްފަ.. މިރޭ އެކަކު ކިޔާ އެކައްޗެއްވެސް އޭނައަކަށް އަޑެއް ނީވޭނެ.. ޤަބޫލެއް ނުކުރެވޭނެ.. އެހެންވީމަ ބޭކާރު މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއްނެތް.. އައިކާގެ ރައްޓެއްސެއްވެސް ނޫޅޭތަ މާލެގަ؟” ލަމްހާ އެހެން އަހާލުމުން އައިކާ ބޯޖަހާލިއެވެ.

“މަޑުކޮށްލައްޗޭ.. އަހަރެންގެ ރައްޓެއްސަކަށް ގުޅާލާނަން މިރޭ އެގޭގަ އައިކާއަށް ހުރެލެވިދާނެތޯ ބަލާލަން..” ލަމްހާ އެހެން ބުނެފައި އޭނާގެ ކޮޓަރިއަށް ގޮސް ފޯނު ހިފައިގެން އައެވެ. އަދި ނަންބަރަކަށް ގުޅާލިއެވެ.

“ހެލޯ ނަޝްވާ.. މި ގުޅާލީ ކުޑަ ކަމަކުއޭ.. އަހަރެންގެ ރައްޓެއްސަކަށް މިރޭ ތިގޭގަ ހުރެލެވިދާނެތޯ ބަލާލަންވެގެން.. ބޭނުންވަނީ މިރޭ އޭނަ ނިދާލާނެ ތަންކޮޅެއް..” ލަމްހާ ބުނެލިއެވެ.

“ކާކުބާ އަނެއްކާ؟ ތިގޭގަ ބެހެއްޓެން ނެތީތަ؟”

“އާނ.. ބެހެއްޓެން ނެތީމައޭ މި ގުޅީ.. އެއީ ރައްޓެއްސެއް.. އަހަރެން ފަހުން ހުރިހާ ވާހަކައެއް ކިޔައިދޭނަން.. ތިގޭގަ ހުރެވިދާނެތަ؟ މިރޭ އެކަނި..” ލަމްހާ އަހާލިއެވެ.

“އާނ.. ހުރެވިދާނެ.. އެކަމް އަންހެންކުއްޖެއްތަ؟”

“އާނ.. އޭނައަށް ރަނގަޅަށް ނިދޭނެގޮތް ހަމަޖައްސައިދެއްޗޭ..” ލަމްހާ އެހެން ބުނެލުމުން ނަޝްވާ އެއްވެސް މައްސަލައެއް ނެތްކަމަށް ބުންޏެވެ.

“ހަމަޖެހިއްޖެ.. ނަޝްވާ ވަރަށް ރަނގަޅުވާނެ..” ލަމްހާ ހިނިތުންވެލަމުން ބުނެލިއެވެ.

“އަވަހަށް ތައްޔާރުވެލާ..” ލަމްހާ ހިނިތުންވެލަމުން އެހެން ބުނިނަމަވެސް އޭނާ ހުރީ އައިކާ ދާތީ ދެރަވެފައެވެ. އައިކާ ފާޚާނާއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުމެ ފޮށްޓަށް އެއްޗެހި އަޅަން އުޅުނުއިރު އޭނާގެ ދެލޮލުން ކަރުނަ ހިކޭއިރެއް ނާދެއެވެ. އޭނާ އެގޭގައި ލަމްހާއާއި ޔޫޝައުއާއެކު އުޅުނު އުފާވެރި ދުވަސްތައް އޭނާގެ ލޮލުކުރިމަތީގައި ސިފަވަމުން ދިޔައެވެ. އޭނާގެ އުފާވެރި ޙަޔާތުގެ ނިމުން މިފަދަ ގޮތަކަށް ނިމިދާނެކަމަކަށް އޭނާއަށް ހީކުރެވިފައެއްވެސް ނުވެއެވެ. އޭނާ ނުކުރާ ކުށެއްގެ އަދަބު މިގޮތަށް ލިބިދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. އޭނާގެ ދިރިއުޅުމަށް މި ޖެހުނީ ކާކުގެ އެސްފީނާއެއްބާއޭ އޭނާގެ ހިތަށްއެރިއެވެ.

ފޮށި ތައްޔާރުކޮށްގެން ނުކުތްއިރު ލަމްހާވެސް ހުރީ ބޭރަށް ނުކުމެއެވެ. ޔޫޝައުވެސް ސޯފާގައި އިށީނދެގެން އިންއިރު އިނީ ވިސްނުމެއްގައެވެ.

“ވަރަށް ހަނދާންވާނެ..” ލަމްހާ އައިކާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.

“އަހަރެންވެސް..” އައިކާ އެހެން ބުނެލިއިރު އޭނާގެ ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. ލަމްހާ ވަރަށް އޯގާތެރިކަމާއެކު އައިކާގެ ދެލޯ ފޮހެލައިދިނުމަށްފަހު އޭނާގެ އަތަށް ގަނޑުކޮޅެއް ލައިދިނެވެ. އެއީ އޭނާ ދާންވީ އެޑްރެސް ލިޔެފައިވާ ގަނޑުކޮޅެވެ. ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތްކުރަމުން އައިކާ ފޮށި ހިފައިގެން ނުކުންނަމުން ޔޫޝައުއަށް ބަލާލިއެވެ. އޭރު ޔޫޝައުވެސް އިނީ އައިކާއާއި ދިމާ ބަލާށެވެ. ނަމަވެސް އައިކާ ބަލާލުމާއެކު އޭނާ ދުރަށް މޫނު އަނބުރާލިއެވެ. އެވަގުތު އައިކާއަށް އިތުރަށް ކެތްނުވެގެން އަވަސްއަވަހަށް ގެއިން ނުކުތެވެ.

“ޔޫޝައު ކިހިނެއް ތިހެދީ؟ އަހަރެން އެހާވަރަށް ބުނީމަވެސް..”

“އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ.. އޭނަ ދާން ދޫކޮށްލާ..” ޔޫޝައު ނުރުހިފައި ބުނެލިއެވެ.

“ޔޫ! ވިސްނާލަބަލަ.. އޭނަ އެއިނީ ޔޫގެ ދަރިއަކަށް ބަލިވެއޭ.. އޭނަ ވިހަންދެން ޔޫ އޭނަ ބަލަންޖެހޭނެއޭ.. އަނެއްކޮޅުން އެ ދަރިފުޅުގެ ޙައްޤުގަ ނަމަވެސް އޭނައަށް އަޅާލަން ޖެހޭނެ މިހާރު.. އަދި ތިގޮތަށް އޭނަ ދޫކޮށްލީމަ އޭނަގެ މައިންބަފައިން ޔޫއަށް ކުރި އިތުބާރު ކޮބާ؟ ތިދެމީހުން ދެމެދުގަ ޖެހޭ މައްސަލައެއްގަ އޭނަ ގެއިން ނެރެލީމަ އޭނަ ދަނިކޮށް އޭނައަށް ގޮތެއް ވެއްޖެއްޔާ ކާކު ޒިންމާވާނީ؟ އަދި އޭނަ އެގޮތަށް ދޫކޮށްލީމަ އެދަރިފުޅަށް ދެރަގޮތެއް ވެއްޖެއްޔާ ޔޫއަށް އަމިއްލަ ނަފްސަށް މާފް ކުރެވޭނެތަ؟” ލަމްހާ ބެލީ ޔޫޝައުއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް ޔޫޝައުއަށް މިވަގުތު އެއްވެސް އެއްޗެއް ނުވިސްނޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ އިތުރަށް އެވާހަކަ ނުދައްކާ ހުއްޓާލިއެވެ. އަދި ޔޫޝައުއަށް ވިސްނިގެން އައިކާ މިގެއަށް ގެންނާނެކަމުގައި އޭނާ ޔަޤީންކުރެއެވެ.

އައިކާ ގެއިން ނުކުތްއިރު ޓެކްސީއެއް ދޮރުމަތީގައި މަޑުކޮށްގެން އޮތެވެ. މި ދަންވަރުގެ ވަގުތުގައި މަގުމަތިން ޓެކްސީއެއް ހޯދުން ފަސޭހަ ނުވާނެތީ ލަމްހާ އެއޮތީ އޭނާއަށް ޓެކްސީއެއްވެސް ހޯދައިދީފައެވެ. އޭނާ ހިތާހިތުން ޓެކްސީއަށް އަރައި ދާންވީ އެޑްރެސް ބުނެލިއެވެ. ދިހަ ވަރަކަށް މިނެޓުގެ ދަތުރަކަށްފަހު ލަމްހާ ބުނި އެޑްރެހަށް ދެވުނެވެ. އައިކާ ޓެކްސީއަށް ލާރި ދީފައި ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. އިރުކޮޅެއްވެސް ނުވެ ނަޝްވާ ދޮރު ހުޅުވާލިއެވެ.

“އައިކާ!” ނަޝްވާއަށް ހައިރާންވެފައި ބުނެވުނެވެ.

 

“ނަޝް!” އައިކާއަށްވެސްވީ ހަމަ ނަޝްވާއަށް ވީފަދަ ގޮތެކެވެ. އެއީ މާޒްގެ ދުރުތާ ތިމާގެ މީހެއްގެ ދަރިއެކެވެ.

“ވަދޭ އެތެރެއަށް..” ނަޝްވާ އަވަހަށް އައިކާ އެތެރެއަށް ވެއްދިއެވެ.

“އައިކާ! އައިކާ ކިހިނެއް ލަމްހާ ދަންނަނީ؟ ކިހިނެއްވީ އަސްލު؟” ނަޝްވާ ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ.

“އެއީ އަހަރެންގެ ފިރިމީހާގެ ދޮށީ އަނބި.. ވީގޮތަކީ..” އައިކާ ވީ ހުރިހާ ކަމެއް ނަޝްވާއަށް ކިޔައިދިނެވެ. ނަޝްވާއަކީ އޭނާއަށް އިތުބާރު ކުރެވޭފަދަ މީހަކަށް ވާތީއެވެ.

“ތިވީ ހާދަ ދެރަ ގޮތެކޭ.. އައިކާ ބޭނުން ދުވަހެއް ވަންދެން މިގޭގަ ހުރެވޭނެ.. އަހަރެން އައިކާއަށް އެހީވާނަން..” ނަޝްވާ އޯގާތެރިކަމާއެކު ބުނެލިއެވެ. ހިތްދަތިވެފައި އިން ވަގުތެއްގައި ނަޝްވާގެ އޯގާތެރިކަމާއި ދިން ހިތްވަރުގެ ސަބަބުން ކުރި އަސަރެއްގެ ބޮޑުކަމުން އައިކާއަށް އިތުރަށް ރޮވުނީއެވެ.

“ނުރޮއި.. ހިނގާ ކޮޓަރިއަށް.. އަހަރެން އައިކާއަށް އެހީތެރިވެދޭނަން.. އައިކާ މިގެއަށް އެއްވެސް ކުއްޔެއް ދައްކާނެ ކަމެއްނެތް..” ނަޝްވާ އެހެން ބުނެލުމުން އައިކާ ނަޝްވާއަށް ބަލާލިއެވެ.

“އަހަރެން ބޭނުމީ ރަށަށް ދާން.. މާދަމާ ރަށަށް ފުރާ ދޯންޏެއް ނޫނީ ލޯންޗެއް އޮތްތޯ ބަލާލަދީ.. އަހަރެން މިހާރު ބޮޑަށް ހިތްހަމަޖެހޭނީ މަންމަމެންގެ ކައިރީ ހުރެވުނީމަ..” އައިކާ ބުންޏެވެ.

“މައްސަލައެއް ނެތް.. އައިކާ ހިތްހަމަޖެހޭ ގޮތަކަށް އަހަރެން ތިކަންތައް ކޮށްދޭނަން..” ނަޝްވާ ހީލަމުން ބުނެލިއެވެ. އަދި އައިކާއަށް ކޮޓަރި ދައްކާފައި އޭނާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.

އައިކާ ކޮޓަރިއަށް ވަދެ ތަޅުލާފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މާބޮޑު ކޮޓަރިއެއް ނޫންނަމަވެސް އާދައިގެ ކުޑަ ކޮޓަރިއަކަށްވުރެ ބޮޑެވެ. އޭނާ އެކޮޓަރި ފެނިފައި ހަނދާންވީ އޭނާ ރަށުގައި އުޅުނުއިރު އޭނާ އުޅުނު ކޮޓަރިއެވެ. އެކޮޓަރިއާ ދާދި އެއްވަރުގެ ކޮޓަރިއެކެވެ. ތަފާތަކީ އޭނާގެ ކޮޓަރީގައި ނެތް ރީތި ފަރުނީޗަރު އެކޮޓަރީގައި ހުރިކަމެވެ. އައިކާ ގޮސް އެނދުގައި އޮށޯވެލިތަނާ ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. އައިކާ ކޮޓަރި ދޮރު ހުޅުވާލިއިރު ނަޝްވާ ހުރީ ކިރުތަށްޓެއް ހިފައިގެންނެވެ.

“ނިދަން އޮށޯވެފަވެސް ހިތަށްއެރީ އައިކާ ބަނޑުހައިވެފަ ހުރެދާނެޔޭ.. މާބަނޑު ދުވަސްވަރު ގިނަގިނައިން ފައިދާހުރި އެއްޗެހި ކައިބޮއި ހަދަންވާނެ.. އަން.. މި ބޯލާ.. މިގޭގަ އުޅެނީ އަހަރެންނާ ދަރިފުޅު އެކަނި.. ފިރިމީހާގެ އާއިލާ އެކަކުވެސް ނެތް.. ފިރިމީހާ ނިޔާވީމަ މިހާރު އަހަރެމެން ދެމައިން އެކަނި މިއުޅެނީ.. އެހެންވެ ކާއެއްޗެހި އިތުރެއް ނުވޭ ދުވަހަކުވެސް.. ކުރިން ނޭނގޭތީ އައިކާއާ ލައިގެން އެއްޗެއް ހަދާކަށް ނޭނގޭނެއެއްނު..” ނަޝްވާ ވަންނަން ތަން ދެއްކުމުން ނަޝްވާ އެތެރެއަށް ވަންނަމުން ތަށި ދިއްކޮށްލިއެވެ. ބަނޑުހައި ނުވިނަމަވެސް ނަޝްވާ އަމިއްލައަށް ފެނިގެން އެ ގެނައުމުން އެ ނުބޮއި ނަޝްވާގެ އަތަށް ދޭކަށް އައިކާއަކަށް ނުކެރުނެވެ. ދެރަވެފައި އިންނަމަވެސް ހިތްވަރުކޮށްލާފައި އޭނާ ކިރުތަށި ބޮއި ހުސްކޮށްލިއެވެ.

“މިހާރު ކިތައް މަސްތަ؟” އައިކާގެ ބަނޑަށް ބަލާލަމުން ނަޝްވާ އަހާލިއެވެ.

“އަށްމަސް ވަނީ..” އައިކާ ބުނެލިއެވެ.

“މިހާރު ވަރަށް އުނދަގޫވޭ ދޯ ނިދަން..” ނަޝްވާ އެހެން އަހާލުމުން އައިކާ ބޯޖަހާލިއެވެ.

“ރިއްސާތަ؟”

“ބައެއްފަހަރު.. އެކަމް އެހާ ބޮޑަކަށް ނުރިއްސާ..”

“ރިއްސަންޏާ އަހަރެންނަށް ގުޅާލައްޗޭ.. ގެނޭ ފޯނު އަހަރެންގެ ނަންބަރު ސޭވްކޮށްލާނަން..” ނަޝްވާ އެހެން ބުނުމުން އައިކާ އޭނާގެ ފޯނު ނަޝްވާއަށް ދިއްކޮށްލިއެވެ. ނަޝްވާ އޭނާގެ ނަންބަރު ސޭވްކޮށްލާފައި އައިކާއަށް ފޯނު ދިނެވެ.

“ދެން ނިދާލެވޭތޯ ބަލާ.. މާދަމާ އަހަރެން ބަލާނަން ރަށަށް ފުރާ އެއްޗެއް އޮތްތޯ..” ނަޝްވާ އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. ނަޝްވާ ނުކުތުމުން އައިކާ ގޮސް ކޮޓަރި ތަޅުލާފައި އައިސް ނިދަން އޮށޯތެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރުގެ އެންމެ އަވި ބާރު ވަގުތެވެ. މާޒް އޮތީ ބަނދަރުގައި ހުރި ހޮޅުއަށީގައެވެ. އެތާނގައިވާ ބޮޑެތި ހިރުނދު ގަސްތަކުން މުޅި ހޮޅުއަށްޓަށް ވަނީ ހިޔާ އަޅާފައެވެ. މެންދުރުގެ ހޫނުގަދަ ވަގުތަށްވީ ނަމަވެސް ކަނޑުން އަންނަ ވައިރޯޅިތައް އެއްވެސް ހުރަހެއް ނެތި ގައިގައި ބީހިލާއިރު ނުހަނު އަރާމުވެއެވެ. ލޮލުގައި އަވި އައިނު އަޅާލާފައިވާތީ މާޒް އޮތީ ހޭލާ ކަމެއް ނޭނގެއެވެ.

ހޮޅުއަށީގައި އަރިއަކަށް އޮތްއިރު އޭނާގެ ވިސްނުންތައް ގުޅިފައިވަނީ އައިކާއާއެވެ. އައިކާ މާލެ ކިޔަވަން ދިޔަގޮތަށް ރަށަށް ނައިސް ދެއަހަރު ވެފައި ރަށަށް އައީ ލީންގެ ކައިވެންޏަށެވެ. އެފަހަރުވެސް އައިސް ދެދުވަސް ނުވެ އައިކާ މާލެ ދިޔައީ ކީއްވެ ހެއްޔެވެ؟ އެންމެ ފަހަރަކުވެސް އައިކާ އޭނާގެ ހާލު ބަލައެއްނުލިއެވެ. ނުވިތާކަށް އޭނާ ފެންނަ ހިސާބަށްވެސް ނައިސް ވޭތޯ އައިކާ މަސައްކަތްކުރިކަން އޭނާއަށް އެނގެއެވެ. އައިކާ އޭނާދެކެ ހަމަ އެހާ ރުޅިއަންނަނީ ހެއްޔެވެ؟ އައިކާ އޭނާދެކެ އެހާ ރުޅިއަންނަން ޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟ އޭނާ އައިކާއަކަށް އެއްވެސް ގެއްލުމެއް ނުދެއެވެ. އަދި ދެރައެއް ލިބޭކަށްވެސް ނޭދެއެވެ. ވީއިރު އައިކާ އޭނާދެކެ ރުޅިއައުން ޙައްޤު ހެއްޔެވެ؟ މާޒް ހިތަށް އަރަމުން ދިޔައެވެ.

“އަހަރެން ހަމަ އައިކާގެ މަތިން ހަނދާން ނައްތާލަންވީތަ؟ އައިކާ ހަމަ އަހަރެންނަކަށް ނުލިބޭނެތަ؟ އަހަރެންގެ މި މޮޔަ ހިތް އެނޫން ކުއްޖަކަށް ނުލެނބެނީ ކީއްވެތަ؟ ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗެއްތަ؟ މިއީ ލޯބިތަ؟ ނޫނީ..” މާޒްގެ ހިތަށްއަރަމުންދިޔަ ތަފާތު އެއްޗެހިތަކުން އޭނާގެ ބޯ ހާސްވާގޮތްވިއެވެ. އޭނާ ގެއަށް ދާން ތެދުވިތަނާ އޭނާގެ ފޯނު ރިންގުވިއެވެ. އޭނާ ފޯނުގެ ސްކްރީންއަށް ބަލާލިއިރު ގުޅަނީ ނަޝްވާއެވެ. ދެޚިޔާލެއްގައި ހުރެފައި އޭނާ ފޯނު ނެގީ ނަޝްވާއާ ވާހަކަ ދައްކާނުލެވޭތާ ގިނަ ދުވަސްވެފައި ވާތީއެވެ.

“ހެލޯ! ހާދަ ދުވަހެއް ކޮށްލާފަ.. އަނެއްކާ ކިހިނެއްވީބާ؟” މާޒް ސަމާސާ ރާގަކަށް އަހާލިއެވެ.

“އައްދޭ! އަހަރެންނަށް ކަމަކު ނޫނީ މާޒްއަށް ނުގުޅޭނީތަ؟” ނަޝްވާވެސް މާޒްގެ އެ ސަމާސާގައި ބައިވެރިވެލިއެވެ.

“ނޫނޭ.. އެކަމް ހަމަ ހީވަނީ އެހެން.. އޯކޭ މައްސަލައެއް ނެތް.. ނަޝް ކިހިނެއްތަ؟” މާޒް އަހާލިއެވެ.

“ރަނގަޅެއް ނޫން.. އެކަމް ވަރަށް ރަނގަޅު.. ހެހެހެ.. މާޒް ކިހިނެއް؟” ނަޝްވާ އަހާލިއެވެ.

“އެކަހަލަ ގޮތެއް.. ކޮބާ ނީރާ؟ މިހާރު ހާދަ ދުވަހެއް ވެއްޖޭ ނުފެންނަތާ.. ނިކަން އައިސްބަލަ އެމަންޖެ ގޮވައިގެން ރަށަށް..” މާޒް ހިނިތުންވެލިއެވެ.

“ނިދާފަ އޮތީ.. ދާނަން ވަރަށް އަވަހަށް.. އެބަ ހިތަށްއަރާ ރަށަށް އެއްކޮށް ބަދަލުވާންވެސް.. މިގެ ކުއްޔަށް ދީފަ.. އެކަނިވީމަ ވަރަށް ދަތިވާނެއެއްނު..” ނަޝްވާ ބުންޏެވެ.

“ރަނގަޅު ވަޒީފާއަކަށް ދާންވީނު.. އޭރުން ހަމަޖެހިލައިގެން އުޅެލެވޭވަރު ވާނެ.. މާލޭގަ ހުރެގެން ދަރިފުޅަށް ރަނގަޅަށް ކިޔަވައިދެވޭނީ..” މާޒް އެހެން ބުނެލުމުން ނަޝްވާވެސް އެކަމާ ތާއީދުކުރިއެވެ.

“އާނ.. ތީވެސް ތެދެއް.. އެކަމް ހަމަ ކުރިން ބުނިހެން އެކަނިވީމަ.. އަހަރެން ބޭނުމެއްނުވޭ ނީރާ ބަލަހައްޓަން ދުރު މީހަކު ގެންނާކަށް.. މިބުނީ ބޭރު މީހެއް.. ދެން އާއިލާ މީހަކު ނެތިއްޔާ އަސްލު ހަޤީޤަތުގަ ކުދިން ހަވާލުކޮށްފަ ދާން ޖެހިލުންވޭ.. އެއީ މިހާރުގެ ހާލަތަށް ބަލާފަ.. އަބަދު ތިބޭނީ ފޯނުގަ.. ނޭނގޭނެ ތިމާ މީހާ ގަޔަށް ވަޅި ޖެހިޔަސް..” ނަޝްވާ އެހެން ބުނެލުމުން މާޒްވެސް ތީ ތެދެކޭ ބުނެލިއެވެ.

“އަހަރެން ހިނގައިދާނަން ނީރާ ބަލަން..” ސަމާސާ ރާގެއްގައި މާޒް ބުނެލިއެވެ.

“އެހެންވިއްޔާ ފުރަތަމަ ކަމަކަށް ޖެހޭނީ އަހަރެމެން މެރީކުރަން.. ހެހެހެ..” ބާރަށް ހީނގަންނަމުން ނަޝްވާ ބުނެލިއެވެ.

“އެޔޯ؟ ފެމިލީއެއްނު.. އޯކޭވާނެ..”

“ފެމިލީވިޔަސް ކައިވެނި ހަލާލުވެއެއްނު.. އެހެންވީމަ ދެމީހުން އެއްގެއެއްގަ އުޅުނީމަ މާ ރީތި އަޑުތަކެއް ނާރާނެ.. އޭރުން ލަދުގަންނަން ޖެހޭނީ ހަމަ އަހަރެމެން ދެމީހުންނާ އާއިލާ ދޯ..” ނަޝްވާ އެހެން ބުނެލުމުން މާޒް ހީލިއެވެ.

“އޯކޭ ލީވް އިޓް!” މާޒް ބުނެލިއެވެ.

“އަސްލު މި ގުޅާލީ ވަރަށް މުހިންމު ވާހަކައެއް ބުނާށޭ..” ނަޝްވާ ސީރިއަސްވެލިއެވެ.

“އެއީ އަނެއްކާ ކޮން ވާހަކައެއް؟” މާޒްވެސް ސީރިއަސްވިއެވެ.

“މީ.. އައިކާ.. އައިކާ..”

“ނަޝް! އިކާއަށް ކިހިނެއްވީ؟ އޭނަ ރަނގަޅުތަ؟ އޭނަ ކޮބާ؟” މާޒްއަށް ހާސްވެފައި އެއްފަހަރާ ސުވާލުތައް ކޮށްލެވުނެވެ.

“މާޒް! ހަމަޖެހިބަލަ.. އަހަރެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާބަލަ..”

“އޯކޭ.. ކިޔާބަލަ އެހާ ވާހަކަ ގިނަނުކޮށް.. އަހަރެން އެބަ ވަރަށް ހާސްވޭ..” މާޒްއަށް ބުނެވުނެވެ.

“މާޒް! ޔޫޝައު އައިކާ ވަރިކޮށްފި.. އޭނަ މިއަދު އެގާރަ ގަޑި ބައިގެ ލޯންޗުން ރަށަށް ފުރައިފި..” ނަޝްވާ ދިން ޚަބަރަކުން މާޒްއަށް ލިބުނީ ޝޮކެކެވެ.

“ވަޓް!؟ އާރ ޔޫ ސީރިއަސް!؟” މާޒްއަށް ޤަބޫލު ނުކުރެވިފައި އަހާލެވުނެވެ.

“ޔެސް.. ހަންޑްރެޑް ފަސެންޓް.. ރޭގަ އައިކާ ހުރީވެސް އަހަރެންގެ ކައިރީ އަހަރެންގެ ގޭގަ..” ނަޝްވާ ޔަޤީންކޮށްދިނެވެ.

“އެކަމަކު ކީއްވެ؟ ޔޫޝައުއަކީ ހާދަ ނުލަފާ..”

“ނޫން.. އޭނައަކީ ވަރަށް ރަނގަޅު މީހެއް.. އެއީ ވަރަށް ބޮޑު މިސްއަންޑަސްޓޭންޑިންއެއް.. މާޒް ނަމަވެސް ވާނީ ހަމަ އެހެން.. ޤަބޫލުކުރަން ދަތިވާނެ..” ނަޝްވާ ބުންޏެވެ.

“ސާފުކޮށް ކިޔައިދީބަލަ..” މާޒް އެހެން ބުނެލުމުން އައިކާ ނަޝްވާއަށް ކިޔައިދިންގޮތަށް ނަޝްވާ މާޒްއަށް ކިޔައިދިނެވެ.

“އަހަރެންނަމަ ޤަބޫލެއް ނުކުރާނަން.. ހަމަލޮލަށް ހުރިހާ ކަމެއް ހިނގިތަން ނުފެންނަނީސް އަހަރެން ޤަބޫލެއް ނުކުރާނަން..” މާޒް ޔަޤީންކަމާއެކު ބުންޏެވެ.

“އޯކޭ.. މާޒް ތިބުނި ބަހުގެ އެއްވެސް އިތުބާރެއް ނެތްކަން އަހަރެން ސާބިތުކޮށްދީފާނަން.. މާޒްގެ ފުރަތަމަ ލޯތްބަކީ ނާޒްއެއްނު.. މާޒް ހިތުން ވަރަށް ސިއްރުންނެއްނު ދޯ އުޅުނީ.. އެކަމް މީ ދުވާލުކަން ޔަޤީންވާހެން އަހަރެންނަށް އެކަން އޮތީ ޔަޤީންވެފަ.. މާޒް އޭނައަށް ބަލާލާ ގޮތުންނާ އޭނައޭ ކިޔައިގެން މީހަކު އެއްޗެކޭ ބުނާއިރަށް މާޒްއަށް ވާގޮތްގޮތުން އަހަރެންނަށް އެކަން ޔަޤީންވީ.. އެކަމް އޭރަކު ޤަބޫލެއް ނުކުރަމެއްނު ދޯ އޭނައަކީ ބަ*އެކޭ ބުންޏަސް.. އެހެން ބުނާ މީހެއްދެކެ ރުޅިވެސް އަންނަމެއްނު.. އެކަމް މާޒް އެކަން ޤަބޫލުކުރީ ކިހިނެއް؟ ހަމައެކަނި ކިސްއެއް ކޮށްލިތަން ފެނިގެން.. އިތުރު ކަމެއް ކުރިތަން ދުށިންތަ؟ ނުދެކެމެއްނު ދޯ؟” ނަޝްވާ މާޒްގެ އަނގަ ބަންދުކޮށްލިއެވެ. ނަޝްވާއަށް އެ ހުރިހާ ކަމެއް އެނގުނީ ކިހިނެއްބާއޭ އޭނާގެ ހިތަށްއެރިއެވެ.

“ކިހިނެއް ނަޝްއަށް ތިހުރިހާ ކަމެއް އެނގުނީ؟” މާޒް ހައިރާންވެފައި އަހާލިއެވެ.

“ބަލާ މީހަކަށް އެނގޭނެ ދޯ..” ނަޝްވާ ބުނެލިއެވެ.

“ކީއްކުރަން ފާރަލަނީ؟” ހިތްހަމަނުޖެހިފައި މާޒް ބުނެލިއެވެ.

“އަހަރެން މާޒްދެކެ ލޯބިވާތީ..” ނަޝްވާގެ އެ ޖުމްލައާއެކު މާޒްއަށް ހުއްޓުން އެރިއެވެ.

“ވަޓް؟ އާރ ޔޫ ކިޑިންގ މީ؟”

“ނޯ.. އައިމް ސީރިއަސް.. އަހަރެން އަބަދުވެސް މާޒްދެކެ ލޯބިވޭ.. އެކަމް މާޒް ނާޒްއާހެދި އުޅޭކަން އެނގުނީމަ އަހަރެން ވަރަށް ދެރަވި.. އަހަރެން..” ނަޝްވާގެ ޖުމްލަ ފުރިހަމަ ނުވަނީސް މާޒް ފޯނު ކަނޑާލިއެވެ.

“އޯހ މައި ގޯޑް!! ޝީ ލަވްސް މީ؟ ނޯ ނޯ.. އައި ކާންޓް ޑޫ ދިސް.. އައި ކާންޓް ޑޫ..” މާޒް ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފަޅަށް ވަތް ލޯންޗެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި ހުރެވުނުލެއް ބޮޑުކަމުން ލޯންޗުގެ އިންޖީނު އަޑުވެސް އޭނާއަށް ނީވުނީއެވެ.

ގެއަށް ދާން ހިނގައިގަނެފައިވެސް އޭނާ ހޮޅުއަށީގައި މަޑުކޮށްލީ ނަޝްވާ އެ ލޯންޗުން އައިކާ އަންނަ ވާހަކަ ބުނެފައި އޮތީމައެވެ. ނަމަވެސް އައިކާއަށް އޭނާ އައިކާއަށް ބަލަން ހުރިތަން ފެނިއްޖެނަމަ އައިކާގެ ރުޅިވެރި ނަޒަރު އޭނާއަށް އަމާޒުވާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ އަވިއައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން ހޮޅުއަށީގައި އޮށޯވެ ހަމަޖެހިލިއެވެ. މިހާރު އޭނާ ފެންނަ މީހަކަށް ހީވާނީ އޭނާ އެއޮތީ ނިދާފައިހެންނެވެ. އޭނާގެ ދެލޯ ހުއްޓިފައި ހުރީ ލޯންޗުގެ ކުރީކޮޅަށެވެ.

އިރުކޮޅެއްވީތަނާ އައިކާ ލޯންޗުން ފައިބައިފިއެވެ. އައިކާގެ އަށްމަހުގެ ބަނޑު ފެނުމުން އެއްވެސް އިޚްތިޔާރަކާއިނުލާ މާޒްއަށް ކޮޅަށް ތެދުވެވުނެވެ. އައިކާ ބަލިވެ އިންކަމެއް އޭނާ ނުދެނަހުއްޓެވެ. އޭނާއަށް ޔޫޝައުދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. އޭނާ އައިކާ ވަރިކޮށް ގެއިން ނެރެ އެއްލާލިއިރު އޭނާގެ ދެލޯ ހުރީ އަނދިރިވެފައި ހެއްޔެވެ؟ އޭނާއަށް އައިކާ އިން ހާލު ނުފެންނަނީ ހެއްޔެވެ؟ އޭނާގެ ދަރިއެއް ބަނޑުތެރޭގައި ބާއްވައިގެން އައިކާ އެ އުފުލަމުންދާ ބުރަ އޭނާއަށް ކުޑަކޮށްވެސް އަންދާޒާކޮށްނުލެވެނީ ހެއްޔެވެ؟ އައިކާއަށް އެހާލުގައި އިންދާ އައިކާއަށް އިތުރު ނިކަމެތިކަމެއް ދިންއިރު އޭނާގެ ހިތަށް ހަމަ އެކައްޗެއްވެސް ނޭރީ ހެއްޔެވެ؟ މާޒް ހިތާހިތުން ޔޫޝައުއާ ދިމާއަށް އެތިވަރު ގޮވިއެވެ.

އައިކާ އަތިރިމަތީގައި ހުރީ ފޮށިތައް ބާލަންދެނެވެ. އޭނާގެ ފޮށި ލިބުމުން އޭނާ ފޮށި ދަމަމުން ގެއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ގެއަށް ދާއިރަށް މަންމަމެންގެ ސުވާލުތައް ކުރިމަތިވާނެކަން އޭނާއަށް އެނގެއެވެ. އެ ސުވާލުތަކަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޔޫޝައު އޭނާ ވަރިކޮށްލީއޭ ބުނުމުން އެމީހުން ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އެމީހުންގެ ހިތުގައި ޔޫޝައުއާމެދު ނަފުރަތު އުފެދޭނެކަން ގައިމެވެ. އެކަން އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. ސަނާމެންނަށް ދޭނެ ޖަވާބަކާއިމެދު ވިސްނަމުން އޭނާއަށް މާޒްގެ ކުރިމަތިން ހުރަސްކުރެވުނުއިރުވެސް އޭނާއަށް ނޭނގުނެވެ.

މާޒްއަށް އޭނާގެ ހިތާއި ދިމާލުން މޭގައި ފިރުމާލެވުނީ ހިތަށް ލިބުނު އަރާމަކުންނެވެ. ގާތްގަނޑަކަށް އަހަރެން ވާންވެފައި ވަނިކޮށް އައިކާ ފެނުނުއިރު އައިކާ އެހުރީ ވިހަން ކައިރިވެފައެވެ. ރޫފަ ރަނގަޅުވެލައި ބޮޑު ބަނޑަކާއެކު އައިކާ ފެންނައިރު ނުހަނު ލޯތްބެވެ. ކުރިއަށްވުރެވެސް އައިކާގެ ހަންގަނޑު ދޮންވެފައި އޮމާންކަން މާޒްއަށް ފާހަގަކުރެވުނެވެ. އައިކާއަށް އޭނާ ނުފެނުނުކަން ނަސީބެކޭ މާޒްގެ ހިތަށްއެރިއެވެ. އައިކާ ވަކި ހިސާބަކަށް ގޮސްފައި ހުއްޓުނީ ވަރުބަލިވެގެންނެވެ. ބޮޑުމަގުގެ ދެތިން ތަނަކަށް އައިކާ މަޑުކުރުމުން މާޒްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އައިކާ އޭނާއަށް ކިތަންމެ ނަފުރަތު ކުރިޔަސް އޭނާ އައިކާއަށް އެހީވާން ބޭނުމެވެ. ލޯބިދޭން ބޭނުމެވެ. އައިކާއަށް އެހީވާން ހިތުލައިގެން އޭނާ ގޮސް އައިކާއާ އަރާ ހަމަކުރިއެވެ.

“ގެނޭ އަހަރެން ތި ގެޔާ ހަމައަށް ގެންގޮސްދޭނަން..” މާޒްގެ އަޑަށް އައިކާ ބަލާލިއެވެ. މާޒްގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން އައިކާގެ އެތެރެހަށީގައި ރޯވެގަތެވެ.

“މަރުޙަބާ!” ރުޅިވެރިކަމާއެކު މާޒްއާ ދިމާއަށް އެހެން ބުނެލަމުން އައިކާ އަނެއްކާވެސް ފޮށި ހިފައިގެން ހިނގައިގަތެވެ. މާޒް ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި އައިކާ ދިޔަ ދިމާއަށް ބަލަން ހުއްޓެވެ. އައިކާ އޭނާއާ ދިމާއަށް އެހެން ބުނަންވީ ސަބަބެއް އޭނާއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ.

އައިކާ މަގުގެ އެކި ހިސާބަށް މަޑުކުރަމުން ގެއާ ހަމައަށް ދެވުނުއިރު ދެފައިކޮޅުގައި ހިނގާނެހާ ވަރެއްވެސް ނެތެވެ. ގޭގެ ފަރުމާއަށް ބޮޑު ބަދަލެއް އައިސްފައި ހުރިނަމަވެސް ކުރިންވެސް ހުރިތާނގައި އުނދޯލިގެއެއް ހުރީތީ އޭނާ ހިތްހަމަޖެހުނެވެ. އޭނާ ވަރުބަލިކަމާއެކު އައިސް އުނދޯލީގައި އިށީނދެލިއިރު ގޭގައި އެއްވެސް މީހަކު އުޅޭހެންނެއް ހިއެއްނުވެއެވެ. އޭނާ އުނދޯލީގައި އިށީނދެ މަޑުމަޑުން ހެއްލާލިއެވެ. ދަތުރު ވަރުބަލިވެފައި ހުރުމުގެ ސަބަބުން އޭނާ އުނދޯލީގައި އޮށޯވެލީ ވަރުބަލި ފިލުވާލުމަށެވެ. އޭނާ އެހެން އޮއްވާ ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.

ސަނާއާއި ނާޒިމް އައީ ފިހާރައަށް ގޮސް ގެއަށް ބޭނުންވާ ބައެއް ސާމާނުތައް ގަނެގެންނެވެ. އެމީހުންނާއެކު އައުފްއާއި އިޝިކާވެސް އައެވެ.

“މަންމާ! ދޮންތަ..” އިޝިކާއަށް އުނދޯލީގައި އޮތް އައިކާ ފެނުމުން ބުނެލިއެވެ.

“އައިކާ!” ހައިރާންކަމާއެކު ސަނާއަށް ބުނެވުނެވެ. އަދި ބާރުބާރަށް ގޯތިތެރެއަށް ވަދެގެން އައިސް އުނދޯލި ކައިރީ ހުއްޓުނެވެ. އައިކާގެ ދެލޯ މެރިފައި އޮތްއިރު ދެފައި އުނދޯލިން ބޭރަށް އެލިފައި ކަހަލަ ގޮތަކަށް އޮތުމުން ސަނާގެ މެޔަށް ފިނިވިއެވެ.

“ދަރިފުޅާ! ދަރިފުޅާ!” ސަނާ ހާސްވެފައި އައިކާގެ ގައިގައި ހިފާ ތަޅުވައިގަންނަމުން ގޮވަން ފެށިއެވެ. ނާޒިމް އަވަސްއަވަހަށް ސަނާގެ ދެފައި އުނދޯއްޔަށް ލައި ރީތިކޮށްލިއެވެ. އެވަގުތު އައިކާ އެސްފިޔަތައް ތަޅުވާލާފައި ދެލޯ ހުޅުވާލިއެވެ.

“މަންމާ!”

“މަންމަ ހީކުރީ ދަރިފުޅަށް ގޮތެއްވީކަމަށް..” މޭގައި އަތް އަޅާލަމުން ސަނާ ބުނެލިއެވެ.

“ދަރިފުޅު ކީއްވެ ބޭރުގަ ތިއޮތީ؟” ނާޒިމް އަހާލިއެވެ.

“ކަމެއްނުވޭ.. ވަރުބަލިވެގެން ޖައްސާލެވުނީ..”

“އެކަމްވެސް ދެން ބޭރުގަ އޮންނާކަށް ނުވާނެއެއްނު..” ސަނާ ޝަކުވާކުރިއެވެ.

“ރަނގަޅުވާނެޔޭ މަންމާ.. ނިދާކަށް ނޫނޭ އޮތީ.. އެކަމް ވަރުބަލިވެފަ ހުރިވަރުން ނިދުނީތާ.. ދެން ކިހާ ދުވަހެއް ވެއްޖެ އުނދޯލިވެސް ހެއްލާނުލެވޭތާ.. އެހެންވެ ދެން ޖައްސާލެވުނީ..” އައިކާ އޮޅުންފިލުވައިދިނެވެ.

“އަވަހަށް ހިނގާ އެތެރެއަށް ދާން..” އައިކާގެ އަތުގައި ހިފައިގެން ސަނާ ހިނގައިގަތެވެ.

“ކޮބާ ޔޫޝައު؟” އައިކާ ގޭތެރެއަށް ވަދެވަދެ ހުއްޓާ ނާޒިމް ކޮށްލި ސުވާލުން އައިކާއަށް ހުއްޓެވުނެވެ. އޭނާ މަންމަމެންނަށް ދޭނީވެސް ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ ޔޫޝައު އޭނާ ވަރިކޮށްލާފައި ގެއިން ނެރެ އެއްލާލީއޭ ބުނަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭރުން މަންމަމެން ޔޫޝައުދެކެ ވަރަށް ރުޅިއަންނާނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ.

“ނާދޭ.. މާ ބުރަކޮށް އުޅުނީމަ ނާދެވުނީ.. އޭނައަށް ނާދެވޭތީ އަހަރެން ނުފޮނުވަންވެސް ވަރަށް މަސައްކަތްކުރި.. އެކަމް އަހަރެން ހުއްޓާނުލާ ކިޔާވަރުން ހަލީމްބެގޭ ލޯންޗުގަ އުޅޭ އިރުފާންއާ ހަވާލުކޮށްފަ ފޮނުވީ..” އައިކާ ހަޤީޤަތް ފޮރުވަމުން ހިނިތުންވެލިއެވެ.

“އެހެންތަ؟ ބައްޕަ ގުޅާލާނަން މިއަދު ޔޫޝައުއަށް.. ބުނާނަން ބައްޕަ މިހުރީ ވަރަށް ރުޅިއައިސްފައޭ..” ނާޒިމް އެހެން ބުނެލުމުން އައިކާ ހާސްވިއެވެ. ނާޒިމް ޔޫޝައުއަށް ގުޅައިފިނަމަ ހުރިހާ ކަމެއް ފަޅާއަރާނެއެވެ. އެކަން އެގޮތަށް ވިޔަނުދޭން އޭނާ ކޮންމެވެސް ގޮތެއް ހަދަން ޖެހޭނެއެވެ.

“ބައްޕާ! އޭނަ އުޅެނީ ވަރަށް ބުރަކޮށް.. އެހެންވީމަ އޭނައަށް އުނދަގޫކުރާކަށް ނުވާނެއެއްނު.. އަހަރެން ގާތު ބުނި އޭނަ ގުޅަންދެން ނުގުޅާ މަޑުކުރާށޭ.. ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ގުޅާނަމޭ.. އޭނަ ގުޅާއިރަކުން ބައްޕަ އަތަށް ފޯނު ދޭނަން އިނގޭ..” އައިކާ އެހެން ބުނެލުމުން ނާޒިމް ބޯޖަހާލިއެވެ. ސަނާ ހުރީ އައިކާއާ ދިމާއަށް ފާޑަކަށް ބަލާށެވެ. އައިކާގެ މޫނުމަތީގައި ކުރިން ހުންނަ އުފާވެރިކަން ނެތްކަން ފުރަތަމަ ފެނުމުންވެސް އޭނާއަށް ފާހަގަކުރެވިއްޖެއެވެ. އައިކާ ކޮންމެވެސް ކަމެއް ސިއްރުކުރާކަމުގައި އޭނާގެ ހިތް ބުނަނީއެވެ.

“މަންމާ! އަހަރެން މިދަނީ އޮށޯވެލަން އިނގޭ.. ވަރަށް ވަރުބަލިވެއްޖެ.. އަހަރެންނަށް ގޮވާލައްޗޭ އަޞްރު ނަމާދަށް ބަންޤި ގޮވަންވާއިރަށް..” އައިކާ ބުނެލިއެވެ.

“ދަރިފުޅާ! އާދޭ ކައިގެން ދާން.. މިހާއިރު ވާއިރު ނުވާނެ ނުކައި ހުންނާކަށް..” ނާޒިމް އެހެން ބުނެލުމުން އައިކާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ކާހިތްނުވެ ހުރެވެސް ކާން ދިޔައެވެ. ކެއުމުގެ ވަގުތުގައިވެސް ސަނާ އައިކާއަށް ވަރަށް ބެލިއެވެ. އައިކާ އިނީ ސަނާ ބަލާވަރުން އުނދަގޫވެފައެވެ. އޭނާ އެހާވަރުން ފޮރުވަން އެއުޅޭ ކަންތައް ސަނާއަށް އެނގިދާނެތީއެވެ.

“މަންމައަށް ޝައްކުވާނެކަން ޔަޤީން.. ޔަޤީން މަންމަ ސުވާލުކުރާނެކަން.. އަހަރެން ދެން ކިހިނެއް ހަދާނީ؟ ޔޫޝްއަށް ގުޅަންވީބާ؟ އެކަމް ޔޫޝް ފޯނު ނުނަގާނެކަން ޔަޤީން.. އަޅެ މަންމަމެންނަށް އެނގުމުގެ ކުރިން ޔޫޝްއަށް ވިސްނިގެން އަހަރެން ބަލާ އަންނާނެނަމަ..” ކޮޓަރިއަށް ވަދެވުމާއެކު އައިކާއަށް ހިތާހިތުން ވާހަކަދެއްކުނެވެ.

“ޔަޤީން އައިކާއަށް ކޮންމެވެސް ކަމެއްވެއްޖެ.. އޭނަ ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ..” ސަނާއަށް މަޑުމަޑުން ބުނެވުނެވެ.

“އެއްޗެކޭ ބުނިންތަ؟” ސަނާ އެއްޗެކޭ ބުނިހެން ހީވެގެން ނާޒިމް އަހާލިއެވެ.

“ނޫން.. ނުބުނަން..” ސަނާ އަވަސްއަވަހަށް ބުނެލިއެވެ.

**********

މާޒް އެކަނިމާއެކަނި ފިހާރައިގައި އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މިއަދު އައިކާއާ ދިމާވި ހިސާބުން އޭނާގެ ޠަބީއަތު ވަނީ ޚަރާބުވެފައެވެ. އޭނާ ހުރީ ޒިޔާން ބުނިހެން އައިކާގެ މަތިން ހަނދާން ނައްތާލަން ޢަޒުމު ކަނޑައަޅައިގެންނެވެ. ނަމަވެސް މިއަދު އައިކާ ފެނުމުން އަނެއްކާވެސް އޭނާގެ ޢަޒުމަށް ގުޑުން އަރާ އޭނާގެ ހިތުގައި ކަފުންކުރަން މަސައްކަތްކުރަން ނިންމި ލޯބި އަނެއްކާވެސް ހޭލައިފިއެވެ. އަދި އައިކާގެ ފަރާތުން މިއަދު ފެނުނު ނަފުރަތާއި އައިކާ އޭނާއާއި ދިމާއަށް ބުނެލި އެންމެ ލަފުޒަކުން އޭނާއަށް އަނެއްކާވެސް އައިކާއާމެދު ވިސްނަން މަޖުބޫރު ކުރުވައިފިއެވެ.

“މާޒް!” ފިހާރައަށް ވަދެގެން އައި ލީން ގޮވާލުމާއެކު ސިހިފައި މާޒްއަށް ބަލާލެވުނެވެ.

“އައްދެ! ކޮން ޚިޔާލެއްގަ؟ ތިހެން އިންދާ މީހަކު އައިސް ފިހާރަ އެއްކޮށް ކޮޅާލިޔަސް ނޭނގޭނެ..” ސަމާސާ ރާގެއްގައި ލީން ބުނެލިއެވެ. ނަމަވެސް މާޒްގެ މޫނުމަތިން އެއްވެސް ހިނިތުންވުމެއްގެ އަސަރެއް ނުފެނުނެވެ.

“މާޒް! ކިހިނެއްވެފަ ތި އިންނަނީ؟ މިއަދު އެހެން ދުވަސްދުވަހާ ހާދަ ތަފާތުކޮށް ތި އިންނަނީ..” ލީންއަށް މާޒް އިންގޮތް ފެނުމުން ބުނެލިއެވެ.

“އާނ.. ހުރިހާ ކަމެއްވެސް ތަފާތު.. ބަދަލުނުވަނީ އެންމެ ކަމެއް.. އަދިވެސް އިކާ އަހަރެންނަށް އެހާ ނަފުރަތުކުރޭ.. އަހަރެންނަކަށް ނޭނގެ ކީއްވެކަމެއް އޭނަ އަހަރެންނަށް އެހާ ނަފުރަތުކުރަނީ.. އަހަރެން ބޭނުން އިކާ އަހަރެންނަށް އެހާ ނަފުރަތުކުރާ ސަބަބެއް ހޯދަން..” މާޒް ބުނެލިއެވެ.

“މާޒް ޕްލީޒް! އައިކާގެ ވާހަކަ ނުދައްކަފާނަންތަ؟ އޭނައަކަށް އަހަރެމެންނަކީ ކޮންބައެއްކަމެއް ނޭނގުނު.. އޭނައަކަށް އަހަރެމެން މުހިންމެއް ނޫން.. ދެން އަހަރެމެން ކީއްކުރަން އެހާވަރަކުން އޭނައާހެދި އުޅެންވީ؟ އަޅާނުލާ ބަހައްޓާ.. އޭނަ ޔޫޝައުއާއެކު އުޅެން ދޫކޮށްލާ.. މާޒްވެސް ރަނގަޅު ކުއްޖަކު ހޯދައިގެން އިންނަން އުޅޭ.. އޭރުން މާޒްއަށްވެސް އައިކާގެ ހަނދާންތަކާ ދުރަށް ދެވިދާނެ..” ލީން މާޒްއަށް ވިސްނައިދެވޭތޯ ބެލިއެވެ.

“އަހަރެން ހުރީ އިކާގެ ވާހަކަ ނުދައްކަން ނިންމައިގެން.. އޭނަގެ މަތިން ހަނދާން ނައްތާލަންވެސް ނިންމައިގެން.. އެކަމް މިއަދު އިކާ ފެނުނީމަ އެވާހަކަ މި ބުނެވުނީ.. ލީން ތީ އިކާގެ ބެސްޓް ފްރެންޑަށްވީމަ..” މާޒް ކައުންޓަރު މަތީގައި އުޅަނބޮށިކޮޅު ވިއްދާލައި ބޮލުގައި އަތް ވިއްދާލަމުން ބުނެލިއެވެ.

“ބެސްޓް ފްރެންޑް!!؟ އަހަރެން ނުދެނަހުރިން ބެސްޓް ފްރެންޑުންނަކީ ދުރުގަ އަހަރެއް ދެއަހަރެއް ވާއިރު ހަނދާން ނެތޭ ބައެއްކަމެއް.. ތިއެއްނޫނޭ.. މާޒްއަށް މިއަދު ކޮންތާކުންތަ އައިކާ ފެނިގެން ތިއުޅެނީ؟” ހައިރާންވެފައި ލީން އަހާލިއެވެ.

“ރަށުން..”

“ރަށުންނޭ!!؟ ކޮންއިރަކު ރަށަށް އައީ؟” ލީން އަދިވެސް ހުރީ ހައިރާންވެފައެވެ.

“އަހަރެން މެންދުރު ނަމާދުން ފައިބައިގެން ގޮސް ހޮޅުއަށީގަ ޖައްސާލައިގެން އޮއްވާ ނަޝްވާ ގުޅީ.. ގުޅާފަ ބުނީ އިކާ ރަށަށް އެބަދެޔޭ.. އެގާރަ ގަޑި ބައިގެ ލޯންޗުން ފުރައިފިއޭ.. ނަޝްވާއާ ވާހަކަދައްކާފަ ފޯނު ބޭއްވިތަނާ ފެނުނީ ލޯންޗު ލެފިތަން.. އިރުކޮޅެއްވީތަނާ އިކާ ލޯންޗުން ފޭބިތަން ފެނިއްޖެ.. އަހަރެން ހުރީ ބަލަން.. ހުއްޓާ އިކާ ފޮށި ދަމަމުން އައީ ސީދާ އަހަރެންނާ ދިމާއަށް.. އެކަމް އޭނައަކަށް އަހަރެންނެއް ނުފެނުނު..” މާޒް އޮޅުންފިލުވައިދިނެވެ.

“އޭނަ އެކަނިތަ އައީ؟” ލީންގެ ހައިރާންކަން އިތުރުވީ އައިކާ ފޮށި ދަމަމުން އައި ވާހަކަ ބުނީމައެވެ.

“އާނ.. އެކަނި.. އިކާ މިހާރު އަދި ވަރަށް ލޯބި ބަނޑުބޮޑުވީމަ.. ކުޑަކޮށް ފަލަވެލާފަ ހުރީވެސް.. މިހާރު އިކާގެ ބަނޑަށް ހަމަ ދުވަސް ފުރިފަ ދޯ އިންނާނީ؟” މާޒް އަހާލިއެވެ.

“ނޫނޭ.. އަދި އަށްމަސް ވާން އުޅޭނީ.. ނޭނގެ ނުވާ ކަމެއްވެސް.. އެކަމް އިކާ އެކަނި އައީމަ..” ލީން ބުނަން އުޅުނު ޖުމްލަ މެދުކަނޑާލީ މާޒްއެވެ.

“އިކާ ފޮށި ހިފައިގެން އެކި ހިސާބު ހިސާބުން މަޑުކުރަމުން ދާތީ އަހަރެންނަށް ކެތްނުވެގެން އަހަރެން ދިޔައިން އެހީވާން.. ގޮސްފަ އަހަރެން ބުނިން ފޮށި ދޭށޭ އަހަރެން ގެއަށް ގެންގޮސްދޭނަމޭ.. އެހެން ބުނިތަނާ ވަރަށް ރުޅިއައިސްފަ އަހަރެންނަށް ބަލާލާފަ ބުނެފި މަރުޙަބާއޭ.. އިކާ އަހަރެންނާ ދިމާއަށް މަރުޙަބާއޭ ބުނަން ޖެހުނު ސަބަބަކާ ދޭތެރޭ މި ވިސްނެނީ..” މާޒް އޮޅުންފިލުވައިދިނެވެ.

“އިކާ އެހާލުގަ އިންދާ ޔޫޝައު އޭނަ އެކަންޏެއް ނުފޮނުވާނެ ކަންތައްތައް ރަނގަޅުނަމަ.. ޔަޤީން ކޮންމެވެސް ގޯހެއް އެބައުޅޭ..” ލީން ވިސްނާލަމުން ބުނެލިއެވެ.

“މާބޮޑަށްވެސް ގޯސްވެއްޖެ.. ޔޫޝައު އިކާ ވަރިކޮށްފި..” މާޒް ދެރަވެލާފައި ބުނެލި ޖުމްލައިން ލީންއަށް މާޒްއާ ދިމާ ބަލާލެވުނީ ހަމަ ތެދެއްހޭ އަހާލާފަދަ ގޮތަކަށެވެ.

“އާނ.. ރޭގަ އެ ހުރިހާ ކަމެއް ހިނގީ.. ނަޝްވާ އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިން..” މާޒް އެހެން ބުނެފައި ލީންއަށް ނަޝްވާ ކިޔައިދިން ގޮތަށް އެވާހަކަ ކިޔައިދިނެވެ.

“ތި އައްޒާމްއަކަށް ހަލާކުހުރި.. ކުރިންވެސް އަހަރެންނަށް ހީވި މިހެން ވެދާނެޔޭ.. ކުރިންވެސް އޭނަ އިކާގެ ކޮޓަރިއަށް ވަނީމަ އަހަރެން ބުނިން ހުރިހާ ވާހަކައެއް ސަނާއްތަމެންނަށް ކިޔައިދީ ސަލާމަތީ ފިޔަވަޅު އަޅާށޭ.. އޭނަ ނުބުނީމަ އެންމެފަހުން އަހަރެން ގުޅާފަ އެވާހަކަވެސް ބުނީ.. ބުނެވުނުއިރު ދެވަނަ ފަހަރު އޮތީ އެކޮޓަރިއަށް ވަދެފަ.. އެރޭ އެ އައްޒާމްގެ މަންމައަށް ނާދެވުނުނަމަ.. އެރޭވެސް އެ އައްޒާމް ދޫކޮށްލީ އިކާއާ ހެދި.. އައްޒާމްގެ މަންމަމެންވެސް ތިބީ އޭނަ ފޮލިހުންނާ ހަވާލުކުރަން ތައްޔާރަށް.. އެކަމް އިކާއާ ހެދި އެކަންވެސް ނުވީ.. ސަނާއްތަ އަހަރެންނަށް އެހުރިހާ ވާހަކައެއް ކިޔައިދިން..” ލީން ކުރުގޮތަކަށް ކަންވީގޮތް މާޒްއަށް އޮޅުންފިލުވައިދިނެވެ.

“ދެން ކުރާނެކަމެއް ނެތް..”

“އޯހ މައި ގޯޑް.. އަހަރެން މީ މަންމަ ބުނެގެން ޝޭމްޕޫ ފުޅިއެއް ގަންނަން އައި މީހެއް.. މިހާރު މަންމަ ހުންނާނީ ރުޅިވެސް އައިސްފަ..” ލީން ކުއްލިއަކަށް ހަނދާންވެގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޝޭމްޕޫ ފުޅިއެއް ހިފައިގެން އައިސް ކައުންޓަރު މަތީ ބެހެއްޓިއެވެ. ލީންއަށް ލަސްވެފައި ހުރުމުން މާޒްވެސް އިތުރަށް ވާހަކަ ދައްކަން ނޫޅެ އަވަހަށް ލީންއަށް ވިޔަފާރިކޮށްދިނެވެ.

“ދެންވެސް އަވަހަށް ދޭ..”

“އާނ.. އަދި އަންނާނަން ފަހުން.. އަނގަ ތަޅާލަން..” ލީން އެހެން ބުނެލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ފިހާރައިން ނުކުތެވެ.

**********

ސިޓިންގރޫމް ސޯފާގައި ފޯނު ހިފައިގެން އޮތް ޔޫޝައު އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އައިކާ އެފަދަ ކަމެއް ކޮށްފާނެބާއޭ އޭނާގެ ހިތަށްއަރަނީއެވެ. ލޮލަށް ފެނުނު މަންޒަރުގެ ސަބަބުން އޭނާއަށް ގޮތް ނިންމުނީ ކަން ހިނގިގޮތް ކުޑަކޮށްވެސް ބަލާލަން ނޫޅެކަން އޭނާއަށް އިހުސާސްކުރެވުނީ މާފަހުންނެވެ. އެކަމަކީ އައިކާ ކުރިކަމެއް ނުވަތަ ނޫންނަމަވެސް އޭނާއަށް އައިކާއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އޭނާ ޤަބޫލުކުރެއެވެ. އައިކާއަށް ގުޅާފައި މާފަށް އެދެންވީއޭ ހިތަށްއެރި ނަމަވެސް އޭނާއަކަށް އެހިތްވަރެއް ނުލިބުނެވެ. އައިކާ އޭނާ ދައްކާ އެއްވެސް ވާހަކައެއް ދެން ޤަބޫލެއް ނުކުރާނެއެވެ. އައިކާ އޭނާއަށް ކުރާ އިތުބާރު މިހާރު އޮންނާނީ ގެއްލިފައިކަމުގައި އޭނާއަށް ޔަޤީންކުރެވެއެވެ.

ލަމްހާ ބަދިގެއިން ނުކުތްއިރު ޔޫޝައު ސޯފާގައި އޮތްގޮތުން އޭނާ އެއޮތީ ފުން ވިސްނުމެއްގައިކަން އެނގުނެވެ. އޭނާ އެ ވިސްނަނީ އައިކާއާ ދޭތެރޭކަން ލަމްހާއަށް ޔަޤީނެވެ. އޭނާއަށް ހަމަ ވިސްނުން ލިބުމުން އައިކާއާ ދޭތެރޭ ކަންތައް ކުރެވުނުގޮތާމެދު ދެރަވެ ހިތާމަކުރާނެކަން ލަމްހާއަށް ކުރިންވެސް އެނގުނެވެ. އޭނާ އެހާވަރުން ޔޫޝައުއަށް ވިސްނައިދޭން މަސައްކަތްކުރީވެސް އެހެންވެއެވެ. ކުށެއްނެތް މީހަކަށް ނުޙައްޤުން އަދަބު ދެވޭތީއެވެ.

“ޔޫ! ހިނގާ ކާން..” ޔޫޝައު އޮށޯވެގެން އޮތް ސޯފާގެ އެއްފަރާތުގައި އިށީންނަމުން ލަމްހާ ވަރަށް ލޯބިން ބުނެލިއެވެ.

“ނެތް ކާހިތެއް..”

“ދެން ހިނގާބަލަ.. ޕްލީޒް!” ލަމްހާ ހުއްޓައެއްނުލިއެވެ.

“އަހަރެން އެހާ ބަނޑުހައެއް ނޫން.. ލަމް ދޭ ކާލަން..” ޔޫޝައު ލަމްހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ކީއްވެ ބަނޑުހައިނުވާނީ؟ ޔޫ ތިހުރީ ރޭގަ ކެއިގޮތަށް ހެނދުނު ސައިވެސް ނުބޮއި.. މިހާރު އެހެރަ އަޞްރުވަނީ.. ގައިމު ޔޫ މިއަދު ބޭރަކަށް ނުދޭ.. އަދި ބަދިގެއަކަށްވެސް.. ތިހެން ނުކައި އުޅެނިކޮށް ޔޫ ބަލިވެދާނެ.. ދެން ހިނގާ..” ލަމްހާ ބުނެލިއެވެ.

“ލަމް ޕްލީޒް!”

“ޔޫ ނުކަންޏާ އަހަރެންވެސް ނުކާނަން..” ލަމްހާ އެންމެފަހުން އެހެން ބުނެލީ އޭރުން ޔަޤީނުންވެސް ޔޫޝައު ކާން ދާނެކަން އެނގޭތީއެވެ.

“އުހުނ.. ހިނގާ ކާން.. ލަމް ނުކައި ހުރެއްޖެއްޔާ ބޭބީއަށް ގެއްލުންވެދާނެ.. އަހަރެން ބޭނުމެއްނޫން ލަމްއާ މި ބޭބީއަށް އެއްވެސް ގެއްލުމެއް ވާކަށް..” ޔޫޝައު އެހެން ބުނަމުން ސޯފާއިން ތެދުވިއެވެ. އަދި ލަމްހާ ގަޔާ ކައިރިކޮށްލައިގެން ގޮސް ބަދިގެއަށް ވަނެވެ.

ޔޫޝައު ކިތަންމެ ބަނޑުހައިވެފައި އިންނަމަވެސް އޭނާއަށް ކެވުނީ ވަރަށް ކުޑަކޮށެވެ. އައިކާއާ ދޭތެރޭ ވިސްނާލާފައި ދެރަވަނީއެވެ. ޔޫޝައުއަށްވީ ކިހިނެއްކަން ލަމްހާއަށް އެނގެއެވެ. ޔޫޝައު ކައި ނިންމާލާފައި ލަމްހާ ނިމެންދެން އިނެވެ.

“ޔޫ! ޔޫ ދާންވީނު އައިކާ ބަލާ އެރަށަށް.. ގޮސް އޭނަ ކިބައިން މާފަށް އެދި އަލުން އޭނަ މިގެއަށް ގެނޭ.. އޭނައަކީ ވަރަށް ރަނގަޅު ކުއްޖެއް.. އޭނައަށް އެހެން ހަދާކަށް ނުވާނެ.. އަދި އަމުދުން އޭނަ ޔޫގެ ދަރިއަކަށް ބަލިވެ އިންދާ.. އެންމެ ދަރިއެއްވެސް ނޫން.. ދެދަރިންނަށް.. އޭނަ ރަށަށް ގޮސް އުޅޭނީ ކިހާ ދަތި ހާލެއްގަ.. ނިކަން ވިސްނާލަބަލަ.. އަހަރެންނަށް އެނގޭ ޔޫވެސް ތި ވިސްނަނީ އައިކާއާ ދޭތެރޭކަން.. އައިކާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ދެރަވާކަންވެސް އެނގޭ.. އެހެންވެ މިބުނީ.. އަހަރެންނަށް ހަމަ ޔަޤީން ޔޫ އޭނަ ބަލާ ގޮސްފިއްޔާ އޭނަ އަންނާނެކަން.. އޭނަ ޔޫ ދެކެ ކިހާ ލޯބިވޭ..” ލަމްހާ ދެއްކި ވާހަކަތަކަށް ޔޫޝައު އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ ބަދިގެއިން ނުކުމެގެން ދިޔައީ ލަމްހާ އެވާހަކަ އިތުރަށް ދެއްކިޔަ ނުދިނުމަށެވެ. ޔޫޝައު ބަދިގެއިން ނުކުމެގެން ދިޔަތަން ބަލަން އިން ލަމްހާވެސް ކާހިތް ކެނޑި ނުކެވުނު ބައި ޑަސްބިނަށް އަޅާލާފައި އަތްދޮވެލިއެވެ. ޔޫޝައު ކެއި ތަށްޓާއި ދެތަށި ދޮވެލައި ހަދާފައި އޭނާ ނުކުތްއިރު ޔޫޝައު އުޅެނީ ފާޚާނާގައެވެ.

ޔޫޝައު ފާޚާނާއިން ނުކުތްތަނާ އަޞްރު ނަމާދު ބަންޤި ގޮވައިފިއެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ މިސްކިތަށް ދާށެވެ. އޭނާއަށް ބަންޤިއަށް ނުކުމެވުނުކަން އެއީ ނަސީބެކޭ އޭނާގެ ހިތަށްއެރިއެވެ. ލަމްހާވެސް ވަގުތުގެ ގޮތުން އިތުރަކަށް އެވާހަކައެއް ނުދެއްކިއެވެ.

**********

ހަވީރުގެ ވަގުތެވެ. އައިކާއަށް ހޭލެވުނީ ސަނާ އޭނާއަށް ގޮވުމުންނެވެ. ހޭލެވުމާއެކު އޭނާއަށް ފޯނު ބަލާލެވުނީ ޔޫޝައުގެ ކޯލެއް އައިސްފައި އޮތްތޯއެވެ. ނަމަވެސް އޭނާއަށް މާޔޫސްކަމާއެކު އިސްޖަހާލެވުނީ ޔޫޝައުގެ ކޯލެއް އައިސްފައި ނެތްތާނގައި މެސެޖެއްހާ ހިސާބުވެސް ލިބިފައި ނެތުމުންނެވެ. އައިކާގެ މޫނަށް އެރި ހުރިހާ ކުލަވަރެއް ސަނާ ދެނެގަތެވެ. ނަމަވެސް އޭނާ އެވަގުތު އެވާހަކަ ދައްކާކަށް ގަސްތެއް ނުކުރިއެވެ.

“ފެންވަރާލައި ނަމާދުކޮށްލައިގެން އާދޭ އަވަހަށް ސައިބޯން.. މަންމަ މިދަނީ ބަދިގެއަށް..” ސަނާ ލޯތްބާއެކު އެހެން ބުނެލާފައި ދިއުމުން އައިކާވެސް އަވަސްވެގަތީ ފެންވަރައި ނަމާދުކޮށްލާށެވެ. އައިކާ ފެންވަރައިގެން ނުކުމެ ނަމާދުކޮށްލައިގެން ބަދިގެއަށް ދިޔައިރު ސަނާ އުޅެނީ ސައިތަށްޓެއް ގިރުމުގައެވެ.

“ދަރިފުޅު ތިއައީ ދޯ؟ މަޑުކޮށްލާ.. މި ސައިތަށި ގިރާލާފައި ދަރިފުޅަށް އެބަ ސައި ގިރަން..” ސަނާ އެހެން ބުނެލިތަނާ ނާޒިމް އައިސް ބަދިގެއަށް ވަނެވެ.

“އަނހާ.. ދަރިފުޅުވެސް އެބައިން ދޯ.. ބައްޕަ ހީކުރީ އަދި ނުހޭލާ ކަމަށް..” ނާޒިމް އައިސް ގޮނޑީގައި އިށީންދެލަމުން ބުނެލިއެވެ.

“އާނ.. އަދި ބައްޕަ އެބައޮތޭ ދަރިފުޅާ ކުޑަ ވާހަކައެއް ދައްކާލަންވެފަ.. އެކަމް މިހާރަކު ނޫން.. މިހާރު ބައްޕަ މިއުޅެނީ ވަރަށް އަވަހަށް ތަނަކަށް ދާންވެގެން.. މިރޭ އެވާހަކަ ދައްކާލަންވާނެ އިނގޭ..” ނާޒިމް ސީރިއަސްވެލާފައި އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. ނަމަވެސް އޭނާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އަނެއްކާ ބައްޕައަށް އެކަން އެނގުނީބާވައޭ އޭނާގެ ހިތަށްއެރިއެވެ.

“ސަނާ! އަވަސްކޮށްލަބަލަ.. މިހާރުވެސް އެ މުނީރު ދެފަހަރު ގުޅައިފި..”

“އާނ.. މި ނިމުނީއޭ..” ސައިތަށި ހިފައިގެން އަންނަމުން ސަނާ ބުނެލިއެވެ. އަދި މޭޒުމަތީގައި ހުރި ހެދިކާ ތަށި ކައިރިކޮށްލައިދިނެވެ. ނާޒިމް ވަރަށް ކުޑަގޮތެއް ހަދާލައިގެން ތެދުވިއެވެ.

“މަންމާ! ކޮބައިތަ އައުފްއާ އިޝީ؟ އަޑެއް ބަޑެއްވެސް ނީވޭ..” އައިކާ އަހާލިއެވެ.

“ވެއްޖެ ބުސްރާއްތަމެން ގޭގަ.. މިހާރު އަބަދުހެން އެގޭގަ އުޅެނީ..” ސަނާ ހިނިއައިސްފައި ބުނެލިއެވެ.

“އެކީއްވެ އެގޭގަ؟ އެގެއަކު ނޫޅެއެއްނު ކުޑަކުއްޖެއްވެސް..” ހައިރާންވެފައި އައިކާ ބުނެލިއެވެ.

“ދަރިފުޅަކަށް ނޭނގޭތަ؟ އެގޭ ނަވީންގެ އަންހެނުން ޒިއުނާ ވިހޭތާ މިހާރު ދެމަސް ވެއްޖެ..” ސަނާ ހީލަމުން ބުނެލިއެވެ.

“އެހެންތަ؟ ކޮންކަހަލަ ކުއްޖެއް؟” އައިކާ ހިނިތުންވެލަމުން އަހާލިއެވެ.

“އަންހެން ކުއްޖެއް.. ރައުނާ ކިޔަނީ..”

“ދަރިފުޅު ވާނެއެއްނު ޒިއުނާއަށް ގޮވާލަން ދާން..” ސަނާ އެހެން ބުނެލުމުން އައިކާ ބޯޖަހާލި ނަމަވެސް އޭނާ އިނީ ވިސްނުމެއްގައެވެ. އޭނާ ކިތަންމެހާވެސް ދާން ބޭނުމެވެ. ނަމަވެސް އޭނާ ގެންދާނީ ކޮން އެއްޗެއް ހެއްޔެވެ؟ ގޮވާލަން ދާއިރު ހަދިޔާއެއް ގެންދަންވާނެ ނޫން ހެއްޔެވެ؟ ޔޫޝައު އޭނާ ވަރިކޮށްލުމުން އޭނާ އެއައީ ޔޫޝައު އޭނާ އަތަށް ދީފައިހުރި ފައިސާކޮޅުވެސް ބަހައްޓާފައެވެ. އަނެއްކޮޅުން އޭނާ ކިޔަވަން ހުރިއިރު އެއްކުރި ފައިސާކޮޅުވެސް ވަނީ ބޭނުންކޮށް ހުސްކޮށްލެވިފައެވެ.

“ދަރިފުޅު ކޮންކަމަކާތަ ތި ވިސްނަނީ؟”

“ނުވިސްނަން.. ޔޫޝައުގެ ޚަބަރެއް ނުވާތީ.. އެހެންވެ ފާޑަކަށް މި އިނދެވެނީ.. އެހެންވެ މަންމައަށް ހީވާ އެއްޗެއް ތީ..” އައިކާ ހެދީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. އޭނާ އެ އިންނަނީ ޔޫޝައުގެ ޚަބަރެއް ނުވާތީވެސް ކަންބޮޑުވެފައެވެ. ނާޒިމްމެންނަށް އެނގުމުގެ ކުރިން ޔޫޝައުގެ ޚަބަރެއް ވާނެކަމަށް އޭނާ އުއްމީދުކުރެއެވެ.

ރޭގަނޑުގެ ވަގުތެވެ. އައިކާގެ އާއިލާ ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރާށެވެ. އައިކާ އެހާ ގިނަ ދުވަސް ފަހުން ރަށަށް އައުމުން ސަނާ ވަނީ އައިކާއަށް އެންމެ މީރު ކެއުން ތައްޔާރުކޮށްލާފައެވެ.

“ކޮބާ ދަރިފުޅާ ރަނގަޅަށް ކެވުނުތަ؟” ނާޒިމް އަހާލިއެވެ.

“އާނ ބައްޕާ.. މަންމަ ކައްކާ އެއްޗެއް ރަނގަޅަށް ނުކައި ހުރެވޭނެތަ؟ އަދި އަހަރެންނަށް އެންމެ މީރު އެއްޗެހި މިހުރީ ކައްކާފަވެސް.. މާލެ ދިޔަފަހުން ވަރަށް މަދުން ގަރުދިޔައާ ކާން ލިބެނީ.. އެކަމްވެސް މަންމަ ކެއްކީމަ ލާ މިރު ރަހައެއް ނުލާ އެޔަކުވެސް..” އައިކާ ހިނިތުންވެލަމުން ބުނެލިއެވެ.

“ދޮންތާ! ހިނގާބަލަ ކޮޓަރިއަށް ސަކަރާތް ޖަހާލަން..” ކައި ނިމުމާއެކު އިޝިކާ ބުނެލިއެވެ.

“ދަރިފުޅުމެން އިހަށް ދޭ ކޮޓަރިއަށް އިނގޭ.. ބައްޕަ ވެއްޖެ ދޮންތައާ ވާހަކައެއް ދައްކާލަން.. ދޮންތަ އިރުކޮޅަކުން ދާނެ..” ނާޒިމް އެހެން ބުނެލުމުން އައިކާ ހިތް ނުތަނަވަސްވެފައި އިންނަމަވެސް މޫނުމަތިން ހަމަޖެހޭކަން ދައްކަމުން ނުތެދުވެ މަޑުކޮށްލިއެވެ. ސަނާވެސް ނާޒިމް އެ ދައްކާ ވާހަކަ އަޑުއަހާލުމަށް މަޑުކޮށްލިއެވެ.

“ދަރިފުޅާ! ބައްޕަ ބުނީ ބައްޕަ އެބަ ޚިޔާލުކުރަމޭ ކުޑަވަރެއްގެ ފިހާރައެއް ހުޅުވަން.. ދަރިފުޅު ކީކޭ މިކަމާ ބުނަނީ؟” ނާޒިމް އައިކާގެ ޚިޔާލެއް ބޭނުންވިއެވެ.

“އަހަރެން ކީކޭ ވަކި ބުނާނީ؟ ބައްޕައަށް ފެންނަ ގޮތަކަށް ކަންތައް ކުރީމަ ރަނގަޅުވާނެ..”

“ނޫނޭ.. މިކަމުގަ ދަރިފުޅުގެ ޚިޔާލު ވަރަށް މުހިންމު.. ބައްޕައަށް މިކަންތައް ކުރެވޭނީ ދަރިފުޅުގެ އެހީތެރިކަން ލިބިގެން..” ނާޒިމް އެހެން ބުނެލުމުން އައިކާ ވިސްނާލިއެވެ. އޭނާއަށް ވެވޭނީ ކޮން އެހީއެއް ހެއްޔެވެ؟ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ ވާނީ ނުހަނު ބިޒީ، އެކަނިވެރި މަޔަކަށެވެ. ވީއިރު އޭނާ އިތުރު ކަމެއް ކުރާނީ ކިހިނެއް ހެއްޔެވެ؟

“ކޮންކަހަލަ ފިހާރައެއް ހުޅުވަން ބައްޕަ ތި ވިސްނަނީ؟” އައިކާ ވިސްނާލުމަށްފަހު އަހާލިއެވެ.

“ބައްޕަގެ ވިސްނުން ހުރީ އަންނައުނު ފިހާރައެއް ހުޅުވަން.. އެއީ މިރަށުގަ ނެތެއްނު އަންނައުނު ވިއްކާ ފިހާރައެއް.. ރަށުގަ އެކަހަލަ އެއްޗެހި ވިއްކާ ފިހާރައެއް ނެތީމަ ކިހާ ދަތިވޭ.. ކޮންމެ މީހަކަށް އަންނައުނުކޮޅު ބާވާއިރަކަށް މާލެއަކަށް ނުދެވޭނެތާ.. އެހެންވީމަ ބައްޕައަށް ހީވަނީ އޭގެ ފިހާރައެއް ހުޅުވިއްޖެއްޔާ ވިޔަފާރި ވަރަށް ރަނގަޅުވާނެހެން..” ނާޒިމްގެ ވާހަކައަށް އައިކާވެސް އެއްބަސްވިއެވެ.

“އެކަމަކު ފިހާރައެއް ހުޅުވަންޏާ ހާދަ ފައިސާއެއް ޚަރަދުވާނެޔޭ..” އައިކާއަށް ވިސްނާލެވުނީ ފައިސާއާ ދޭތެރޭގައެވެ.

“ބައްޕަގެ އެކައުންޓުގަވެސް ހުންނާނެ ފުދޭވަރަކަށް ފައިސާ.. މިދިޔަ ތިންއަހަރު ތެރޭ ބައްޕަ މަހަށް ގޮސްގެން ވަރަށް ރަނގަޅު އެއްޗެއް ލިބުނު.. އެއިން ބޮޑުބައެއް ރައްކާކުރިން.. ދެން މާޒްވެސް ބުނި ވަރަށް ރަނގަޅު އެއްޗެއް ދޭނަމޭ..” ނާޒިމް ވާހަކައިގެ ތެރެއިން މާޒްގެ ވާހަކަ ބުނުމުން އެއްވެސް އިޚްތިޔާރަކާނުލާ އައިކާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

“ކިހިނެއްވީ؟” އައިކާއަށް ވީގޮތް ފެނުމުން ސަނާ އަހާލިއެވެ.

“އެހެން މީހެއްގެ އެހީގަ ތިކަހަލަ ކަމެއް ކުރުން ރަނގަޅުވާނެހެނެއް ހިއެއްނުވޭ.. އޭރުން މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެ.. އަދި އޭރުން އެ އެހީވި މީހަކާ މައްސަލައެއް ޖެހޭ ދުވަހަކުން އެވާހަކަ ގޮވާލާނެ..” އައިކާއަށް ފާޅުގައި ދެކޮޅު ހަދަން ނުކެރިގެން ވަރަށް ނޫންގޮތަކަށް ބުނެލިއެވެ.

“މީހުން ފާޑުފާޑުގެ ވާހަކަ ނުދައްކާ ގޮތަކަށް އެއްކަމެއްވެސް ނުކުރެވޭނެ ދަރިފުޅާ.. އެހެންނޫނަސް މާޒްއާ އަހަރެމެންނާ މައްސަލަ ޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތް.. އޭނަ އެކަންތައް ކޮށްދޭން އެއުޅެނީ ހަމަ ހެޔޮހިތުން.. ކޮށްދޭ ހިތުން.. އޭނަގެ އެހީ ނުލިބުނުނަމަ މިއަދު މިގެވެސް މިހާރު މިހުރި ވަރަށް ނުހެދުނީސް.. އޭނައަކީ ވަރަށް ރަނގަޅު ކުއްޖެއް..” ނާޒިމް މާޒްއަށް ތަޢުރީފްކުރިއެވެ.

“އޭނައަކީ ރަނގަޅު މީހެއް ނޫން..” އައިކާ އެހެން ބުނެލުމަށްފަހު ގޮނޑިން ތެދުވިއެވެ. އޭނާ ބަދިގެއިން ނުކުތްތަނާ ގޭތެރެއަށް ވަދެގެން އައި މާޒް ފެނުމުން އޭނާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. މާޒްއަށް އައިކާ ފެނުމާއެކު ހުއްޓެވުނެވެ.

“އިކާ!” މާޒް އައިކާއަށް ގޮވާލުމާއެކު އައިކާ ތުން އަނބުރާލާފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. މާޒްގެ ހިތަށް ތަދުވިއެވެ. އައިކާއަށް ވެގެން އެއުޅެނީ ކިހިނެއްބާއޭ މާޒްގެ ހިތަށްއަރައެވެ. އެއްވެސް ސަބަބެއް ނެތި އޭނާދެކެ ރުޅިއައިސްގެން އުޅުމުން އައިކާއަށް ލިބެނީ ކޮން އުފަލެއްބާއެވެ. އައިކާ އޭނާދެކެ ރުޅިއަންނަނީ ހަމައެކަނި އޭނާ އައިކާދެކެ ލޯބިވާ ވާހަކަ ބުނެގެންކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ.

“އައިކާއަށް ކިހިނެއްތަ އެވަނީ؟” ނާޒިމް ސަނާ ގާތު އަހާލިއެވެ.

“ނޭނގެ.. އަހަރެންވެސް ހައިރާންވޭ އައިކާއަށް އެވާ ގޮތަކުން.. މާޒްގެ ވާހަކައެއް ދައްކައިފިއްޔާ އޭނައަށް އެ ބަދަލުތައް އާދޭ.. ކީއްވެކަމެއް ނޭނގޭ.. އަހަރެންވެސް ބޭނުން އެކަމެއް އޮޅުންފިލުވަން.. އެކަމް އޭނަ ކައިރީ އެވާހަކަ ދެއްކުމެކޭ މިހިރަ ފާރުތަކާ އެވާހަކަ ދެއްކުމެކޭ ވާނީ ހަމަ އެއްގޮތެއް.. ދެންމެވެސް އެ ދިޔައީނު ރަނގަޅު މީހެއްނޫނޭ ކިޔާފަ.. ރަނގަޅު ނުވާންވީ ސަބަބެއް ނުބުނެވޭ ދުވަހަކުވެސް.. އަހަރެން އެންމެ ހައިރާންވަނީ މާޒްގެ ގޯސްކަމެއް އަހަރެމެންނަށް ނުފެންނާތީ..” ސަނާ އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ.

“ސަނާއްތާ! ނާޒިމްބޭ! ކިހިނެއް؟” ބަދިގެއަށް ވަންނަމުން ވަރަށް އާދައިގެ ގޮތަކަށް މާޒް އަހާލިއެވެ.

“ރަނގަޅު.. އިށީންނަންވީނު ކާން..” ސަނާ ހިނިތުންވެލަމުން ބުނެލިއެވެ.

“ނޫނޭ.. އަހަރެން ކައިގެން މިއައީ..”

“މާޒް! ބޭބެ ވާހަކައެއް އަހާލަންތަ؟” ނާޒިމް ސީރިއަސްވެފައި އަހާލުމުން މާޒް ބޯޖަހާލިއެވެ.

“ދޮގު ނުހަދާ ތެދަށް ޖަވާބުދެއްޗޭ..” ނާޒިމް އެހެން ބުނެލުމުން މާޒް ހައިރާންވިއެވެ.

“ބޭބެއަށް ހީވަނީތަ އަހަރެން ބޭބެމެންނަށް ދޮގު ހަދާފާނެހެން؟” މާޒް އަހާލިއެވެ.

“ނޫނޭ.. އެހެނެއް ނޫން.. ބޭބެއަށް އެއްޗެއް ހީވާވަރުން..”

“އަހާބަލަ.. އޭރުންތާ އެނގޭނީވެސް.. އަހަރެންނަށް ޖަވާބު އެނގެންޏާ ތެދަށް ޖަވާބުދޭނަން..” މާޒް ބުނެލިއެވެ.

“މާޒްއާ އައިކާއާ އެއްވެސް މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟” ނާޒިމް ސީދާ މާޒްގެ މޫނަށް ބަލަން އިނދެ އަހާލިއެވެ.

“ނޫން.. އެއްވެސް މައްސަލައެއް ނުޖެހޭ.. ކިހިނެއްވީ؟”

“މާޒްގެ ވާހަކަ ދައްކާއިރަށް އައިކާއަށް އެވާގޮތަކުން ހަމަ އަހާލީ.. މާޒްގެ ވާހަކަ ދައްކާއިރަށް އޭނާއަށް ރުޅިއާދެވޭ..” ނާޒިމް އޮޅުންފިލުވައިދިނެވެ.

“ތީ އިކާގެ މައްސަލައެއް.. އަހަރެންނާ އޭނައަކާ އެއްވެސް މައްސަލައެއް ނުޖެހޭ.. އެކަމް އޭނަ އަބަދުވެސް ހުންނަނީ އަހަރެންދެކެ ރުޅިއައިސްފަ.. ނޭނގެ ކީއްވެކަމެއް.. އަހަރެންވެސް ބޭނުން އެ ސަބަބެއް އޮޅުންފިލުވަން.. އަހަރެންނަށް އެނގިގެން އޭނަ ރުޅިއަންނާނެވަރުގެ ކަމެއް އަހަރެންނެއް ނުކުރަން.. އެކަމް އިކާއަށް އެ ބަދަލުތައް އަންނަންފެށީ އިއްޔެއަކު މިއަދަކު ނޫން.. މީގެ ފަސްވަރަކަށް އަހަރު ކުރިން..” މާޒް ބުނެލިއެވެ.

“ކީއްވެކަން އެނގޭތަ؟” ނާޒިމް އަނެއްކާވެސް ސުވާލުކުރިއެވެ.

“އަހަރެން އިކާދެކެ ލޯބިވާ ވާހަކަ ބުނީމަ..” އިސްދަށަށް ޖަހާލަމުން މާޒް ބުނެލިއެވެ.

“އެކަމަކު މިހާރު އިކާ އަހަރެންދެކެ އެއަންނަނީ އެރުޅި ކަމަކަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ.. އެއީ އިކާއަށް ޔޫޝައުއާ ބައްދަލުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަންނޭނގެ.. އަހަރެން އިކާ ގާތު އަނެއްކާވެސް ބުނިން ލޯބިވާ ވާހަކަ.. ރައްޓެހިވާން.. އިންނަން ބޭނުމޭވެސް ބުނިން.. އެފަހަރު އިކާ ބުނި އެވާހަކަ ނުދައްކާށޭ.. އެކަމް ރައްޓެހިންގެ ގޮތުގަ އުޅެން ބޭނުމޭ.. އެހެންވެ އެހެން މިބުނީ.. އެކަމް އިކާ މާލެ ދިޔަފަހުން އަނެއްކާވެސް ވަރަށް ބަދަލުވި.. ގުޅިއަސް ފޯނެއްވެސް ނުނަގާ.. އެންމެފަހުން ގުޅުނު ދުވަހު ބުނީ އިކާއަށް ނުގުޅާށޭ.. އޭގެފަހުން އަހަރެންނެއް ނުގުޅަން..” މާޒް އޮޅުންފިލުވައިދިނެވެ.

މާޒް ދިއުމުން ނޫނީ ކޮޓަރިން ނުނިކުންނަން އިން އައިކާ ބޭރަށް ނުކުތީ ފެންބޮވައިގަނެގެންނެވެ. ނާޒިމްގެ އިތުރު ސުވާލެއް ކުރިމަތިވެދާނެތީ އަވަހަށް ކޮޓަރިއަށް ވަންނަން ހަދައިގެން އޭނާ ފެން ބޯންވެސް ހަނދާން ނެތުނީއެވެ. ބަދިގެއަށް ވަންނަން އައި އައިކާއަށް މާޒް ދެއްކި ވާހަކަތައް އަޑުއިވުނެވެ.

“ވާއު! ހާދަ ރީއްޗޭ.. ހާދަ ފުރިހަމައޭ.. ކީއްވެތަ ބުނަން ނުކެރުނީ އަހަރެންގެ ދިރިއުޅުމުގަ ހުޅުޖެހީމައޭ އަހަރެން މާޒްދެކެ އެހާ ރުޅިއަންނަނީ؟” އެޖުމްލަތައްވީ އައިކާގެ ހިތުތެރޭގައެވެ. ނާޒިމްމެން ތިބުމުން އައިކާއަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އޭނާ ފެން ބޮއިގެން ބަދިގެއިން ނުކުންނަން ދަނިކޮށް މާޒް ގޮވާލިއެވެ. ނަމަވެސް އައިކާ އެއަޑު އިވުނު ކަމަކަށް ނުހެދިއެވެ. އޭނާ އަނެއްކާވެސް ގޮސް ކޮޓަރިއަށް ވަނީއެވެ.

“ބޭބޭ! އައިކާއަށް ގޮވާލަދީބަލަ.. އަހަރެން ބޭނުން އައިކާއާ ވާހަކަދައްކަން.. އައިކާ އަހަރެންދެކެ އެހާ ރުޅިއަންނަ ސަބަބެއް އޮޅުންފިލުވަން އަހަރެން ބޭނުން.. އެހެންނޫނީ އަހަރެންނަކަށް ހަމަޖެހުމެއް ނުލިބޭނެ..” މާޒް ނާޒިމް ގާތު އެދުނެވެ.

“ސަނާ ދޭބަލަ އައިކާއަށް ގޮވާލަން.. މިކަން އެބަޖެހޭ ހައްލުކުރަން.. ބުނޭ އަހަރެން ބުނެގެންނޭ..” ނާޒިމް އެހެން ބުނެލުމުން ސަނާ ގޮނޑިން ތެދުވެ އައިކާއަށް ގޮވަން ދިޔައެވެ.

“ދަރިފުޅާ! އައިކާ! ދޮރު ހުޅުވަބަލަ.. ބައްޕަ އެބަ ގޮވާ..” ސަނާ ދޮރުގައި ޖަހާލަމުން ގޮވާލިނަމަވެސް އައިކާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

“ދަރިފުޅާ! ދޮރު ހުޅުވަބަލަ..”

“މަންމާ! މާޒް ގާތު ބުނޭ ދާށޭ.. އަހަރެން އޭނައާ ވާހަކަދައްކާކަށް ބޭނުމެއްނޫނޭ..” އައިކާ އެހެން ބުނެލުމުން ސަނާ ބޯހޫރާލިއެވެ. ސަނާ އެނބުރި ބަދިގެއަށް ދިޔައީ ކިތަންމެ އިރަކު ގޮވިޔަސް އައިކާ ދޮރު ނުހުޅުވާނެކަން އެނގޭތީއެވެ.

“ނުހުޅުވި ދޮރެއް.. މާޒް ގާތު ބުނާށޯ ވާހަކަދައްކާކަށް ބޭނުމެއްނޫނޭ..” ސަނާ އައިކާ ބުނިގޮތަށް ނާޒިމް ގާތު ބުންޏެވެ.

“މާޒް އެހެންވީމަ މިރޭ ދެން ދޭ.. ބޭބެ އައިކާއާ ވާހަކަދައްކާނަން..” ނާޒިމް އެހެން ބުނެލުމުން މާޒްވެސް ދެކޮޅެއް ނުހަދައެވެ. އޭނާ ބަދިގެއިން ނުކުމެފައިވެސް އައިކާގެ ކޮޓަރި ދޮރާއި ދިމާއަށް ބަލާލިއެވެ. އައިކާ ޚިޔާލު ބަދަލުވެގެންވެސް ނުކުމެދާނެޔޭ އޭނާއަށް ހީވަނީއެވެ. ނަމަވެސް އިތުރަށް މަޑުކުރުމުގެ ބޭނުމެއް ނެތްކަން ވިސްނުމުން އޭނާ އެގެއިން ނުކުތެވެ.

“އަހަރެންނަކަށް ނޭނގެ އައިކާއަށް ވިސްނަދޭނެ ގޮތެއް.. މާޒްވެސް ކިހާ ދެރަވާނެ.. އަހަރެންނަށް ހީވަނީ އެދެމީހުން މައްސަލައެއް ޖެހިފަ އޮތަސް އެއީ ދެން ބޮޑުވަރުހެން.. މާޒް ބޭނުންވަނީ ވީގޮތް އޮޅުންފިލުވަން.. ވީއިރު އައިކާ މާޒްއަށް އެފުރުސަތު ދީ މައްސަލަ ހައްލުކުރަން ނޫޅޭތީ އަހަރެންނަށް ކަމުނުދަނީ..” ސަނާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އާނ.. މައްސަލަ ޖެހުނީމަ ޖެހޭނީ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން.. ހުރޭ އަހަރެން އައިކާއާ ވާހަކަދައްކާނަން.. އަހަރެން ބުނީމަ އައިކާއަކަށް ދެކޮޅު ހަދާކަށް ނުކެރޭނެ..” ނާޒިމް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. ސަނާވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

**********

ދުވަސްތައް ފާއިތުވަމުންދެއެވެ. މާޒް ކޮންމެ ދުވަހަކުވެސް އައިކާއާ ބައްދަލުވެ ވާހަކަ ދެއްކޭތޯ އެގެއަށްދެއެވެ. ނަމަވެސް އޭނާ އެގެއަށް ދާއިރަށް އައިކާ ކޮޓަރިއަށް ވަދެއެވެ. ނާޒިމްއަށްވެސް އައިކާއާ ވާހަކަދައްކައިގެން އެކަމަށް ހައްލެއް ވަނީ ނުހޯދިފައެވެ. ނާޒިމް މާޒްގެ ވާހަކަ ދައްކާއިރަށް އައިކާ އެތަނަކުން ދާތީއެވެ. ނަމަވެސް އޭނާ ހުރީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެދެމީހުން ޞުލްޙަކުރަން ޢަޒުމުކަނޑައަޅައިގެންނެވެ.

ހަފްތާއެއް ފާއިތުވީއިރުވެސް ޔޫޝައު އެންމެ ފަހަރަކުވެސް އައިކާއަށް ގުޅާނުލިއެވެ. އައިކާވެސް ޔޫޝައުގެ އިންތިޒާރުގައި އިނދެ އިނދެފައި އެޚިޔާލު ދޫކޮށްލިއެވެ. ޔޫޝައު އޭނާގެ މަތިން ހަނދާން ނައްތާލީކަމުގައި އޭނާ ޔަޤީންކުރެއެވެ. ނަމަވެސް ހަޤީޤަތަކީ ޔޫޝައުއަށް ކަންތައް ކުރެވުނު ގޮތުން އައިކާއަށް ގުޅަން ނުކެރުނީއެވެ. އަދި އައިކާގެ ކުރިމައްޗަށް އަރަން ލަދުގަތީއެވެ.

އައިކާ އިނީ ސިޓިންގރޫމުގައި ޓީވީއިން ފޮނުވަމުންދިޔަ ލޯބީގެ ފިލްމެއް ބަލާށެވެ. އެފިލްމަށް ގެއްލިފައި އިންއިރު އޭނާ ޔޫޝައުއާއެކު ލޯބިން އުޅުނު ދުވަސްތަކުގެ މަތިން ހަނދާންވެ ލޮލުން ކަރުނަ ހިލުނެވެ. އެވަގުތަކީ މާޒްއަށް އައިސް އެގެއަށް ވަދެވުނު ވަގުތެވެ. ފިލްމުގެ އަވައިގައި ޖެހިފައި އިންވަރުން އައިކާއަކަށް މާޒް އައިކަމެއް ނޭނގެއެވެ. ވަގުތަކީ ސަނާމެން އެއްވެސް މީހަކު ގޭގައި ނޫޅޭ ވަގުތެއްކަމުން އައިކާ އިނީ ހިތްހަމަޖެހިފައެވެ. އޭނާ ރޯތަން ފެނި އެމީހުން ސުވާލުކުރާނެކަން އޭނާއަށް އެނގޭތީއެވެ.

“ޔޫޝް! އަޅެ އަހަރެން ބަލާ އާދެބަލަ.. ޔޫޝްއާނުލާ އަހަރެންނަކަށް ނޫޅެވޭނެ.. އަހަރެންނަކަށް އަބަދަކު މަންމަމެންނަށް މިކަން ސިއްރުކޮށްގެންނެއް ނޫޅެވޭނެ.. ޕްލީޒް! އަވަހަށް އާދޭ.. އަލުން އަހަރެން ޔޫޝްގެ އަނތްބަކަށް ހަދައިދީ..” ދެލޯ މަރާލަމުން އައިކާ ސޯފާގައި ލެނގިލިއެވެ. އައިކާގެ ލޮލުން ހޫނު ކަރުނަތައް އޮހޭތަން ފެނުމުން މާޒް އައިސް އައިކާގެ ގާތުގައި ސޯފާގައި އިށީނެވެ. އަދި ވަރަށް ލޯބިން އައިކާގެ ދެލޮލުން އޮހުނު ކަރުނަތައް ފޮހެލިއެވެ. މީހެއްގެ އަތުގެ ބީހުން އިހުސާސްވުމުން އައިކާއަށް ސިހިފައި ލޯ ހުޅުވާލެވުނެވެ. އެވަގުތު މާޒް ފެނުމުން އައިކާއަށް ކުއްލިއަކަށް ސޯފާގައި ހަށިގަނޑު ތެދުކޮށްލެވުނެވެ.

“އަހަރެން ގައިގަ އަތްނުލާތި!”

 

“އިކާ ކީއްވެތަ އަހަރެންދެކެ ތިހާ ތި ރުޅިއަންނަނީ؟ އަހަރެން ކީއްކޮށްގެން؟ އަހަރެން ނޫޅެން އިކާއަށް ކަމެއް ކުރާކަށް.. އިކާއަށް އެކަން ރަނގަޅަށް އެނގޭނެ.. ނޫންނަމަ މިއަދަކު ނޫން އަހަރެން ކަމެއް ކުރަން އުޅޭނީ..” މާޒް ބުނެލިއެވެ.

“ތިހާ މާތް މީހަކު ހިލޭ އަންހެނެއް ގައިގަ އަތެއް ނުލާނެ.. އަދި އެވެސް މީހެއްގެ އަނތްބެއް ގައިގަ..” އައިކާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

“ކާކުގެ އަނތްބެއް؟ އައިކާގެ އެއްވެސް ފިރިއަކު ނުހުންނާނެ..” އެވަގުތު ގެއަށް ވަންނަން އައި ނާޒިމްއާއި ސަނާއަށް މާޒް ބުނި އެއްޗެއް ކިތަންމެ ރަނގަޅަކަށްވެސް އަޑުއިވުނެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް އެދެމީހުން ބޭރުގައި މަޑުކޮށްލީ މާޒްއާއި އައިކާ ދައްކާ ވާހަކައެއް އަޑުއެހުމުގެ ބޭނުމުގައެވެ.

“އަހަރެންގެ ފިރިމީހާއަކީ ޔޫޝައު.. އެވަރު މާޒްއަށް ނޭނގުނީތީ އަހަރެން ލަދުގަނޭ..” އައިކާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ވަރިކޮށް ގެއިން ނެރެ އެއްލާލީމަވެސް ފިރިއަކަށް ވޭތަ؟ އަހަރެން ނުދެނަހުރިން..” މާޒް އެހެން ބުނެލުމުން އައިކާ ހައިރާންވެފައި މާޒްއަށް ބަލާލިއެވެ.

“އިކާ! އަދިވެސް ހަޤީޤަތާ ކުރިމަތިލާކަށް ނުވޭތަ؟ ހަޤީޤަތަކީ ޔޫޝައު އިކާ ބޭނުންނުވެގެން ވަރިކޮށް އެއްލާލިކަން.. އިކާ ހީކުރީ އުމުރު ދުވަހު ތިކަން ސިއްރުކޮށްގެން އުޅެވިދާނެކަމަށްތަ؟ އިކާ މިރަށަށް އައި ދުވަހުވެސް އަހަރެންނަށް އެކަން އެނގޭ.. އަދި އިކާ ސަނާއްތަމެންނަށް އެކަން ސިއްރުކޮށްގެން އުޅޭކަންވެސް އަހަރެންނަށް އޮތީ އެނގިފަ.. އަހަރެންނަށް އެކަން އެނގުނީ ކުރިން ދުވަހު ނާޒިމްބެ ދެއްކި ވާހަކައިން.. އަހަރެން ބޭނުންނަމަ އެދުވަހު އެވާހަކަ ބުނެވުނީސް.. އެކަމް އަހަރެން އެވާހަކަ ބުނަން ބޭނުންނުވީ.. އިކާއާ ދޭތެރޭ ވިސްނާފަ.. އަހަރެން ބޭނުންނުވީ އިކާއަށް ދެރައެއް ލިބެން.. އެއީ އަހަރެން..”

“ދެން ހެޔޮ.. މިހާރު ފުދިއްޖެ.. ފުދި އިތުރުވެސް ވެއްޖެ.. މާޒްވެސް ހީކުރީ އުމުރު ދުވަހު ތިހެން އެންމެންގެ ލޮލުގަ އަނދުން އަޅުވައިގެން އުޅެވިދާނެކަމަށްތަ؟ އާނ.. ޔޫޝައު އަހަރެން ވަރިކޮށްފި.. އެކަމް ހީނުކުރާތި ޔޫޝައު އަހަރެން ވަރިކުރީމަ މާޒްއަށް އަހަރެން ލިބޭނެޔޭ.. ތީ ހުވަފެނެއްގަވެސް ވާނެކަމެއް ނޫން.. އަހަރެން މާޒްއަށް ނަފުރަތުކުރަން..” އައިކާ ދުރަށް އެނބުރުނެވެ.

“ސަބަބު؟”

“ކޮންމެ ކަމެއްގެ ސަބަބު ބުނާކަށް ނުޖެހޭނެ.. މާޒްއަކީ މާ މާތް މީހެއް ނޫނޭ.. ލަދެއްވެސް ނުގަނޭ ދޯ މީހުންގެ އަނބިންނަށް ފާޑުފާޑުގެ މެސެޖުތައް ފޮނުވާކަށް.. އަހަރެން އަބަދުވެސް ހިތަށްއަރާ މާޒްއަކީ ދެއްކުންތެރި، އަމިއްލަ އެދުން ބޮޑު މީހެކޭ.. އަހަރެންނަށް އެކަން ވަރަށް ރަނގަޅަށްވެސް އެނގިއްޖެ.. މިގެ ހަދަން އަހަރެންގެ ބައްޕައަށް ފައިސާގެ އެހީދީ އަދި ވިޔަފާރި ފަށަން ޚިޔާލުދީ އެކަމަށްވެސް އެހީދޭން ތިއުޅެނީ އަހަރެން ލިބިދާނެކަމަށްތަ؟ ހީކުރީ އަހަރެން މީ ވިޔަފާރި މުދަލެއް ކަމަށްތަ ފައިސާ ދީފަ ގަނެލަން؟ އެހެން ހީނުކުރާތި! ތިދޭ ފައިސާތަކުގެ ސަބަބުން ބައްޕަ އަހަރެން ވިއްކާލާނެކަމަށް ހިތަށްވެސް ނާރުވާތި!” މާޒްއާ ދިމާއަށް އެނބުރި ޝަހާދަތް އިނގިލި ދިއްކޮށްލަމުން އައިކާ ބުނެލިއެވެ.

“ހުއްޓާލާ!” ކުއްލިއަކަށް ނާޒިމްގެ އަޑު އިވުމުން ދެމީހުންނަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ.

“ކޮންކަހަލަ ވިޔާނުދާ ވާހަކަތަކެއް ތިދައްކަނީ؟ އައިކާއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟ މާޒްއަކީ އެކަހަލަ ކުއްޖެއް ނޫންކަން އަހަރެމެންނަށް ހަމަ ރަނގަޅަށް އެނގޭ..” ނާޒިމް ހުރީ ވަރަށް ރުޅިއައިސްފައެވެ.

“ބައްޕައަކަށް ނޭނގޭނެ އޭނައަކީ ކިހާ ނުލަފާ މީހެއްކަމެއް.. ޔޫޝައު އަހަރެން ވަރިކުރީވެސް ހަމަ މިހިރަ މާޒްގެ ސަބަބުން.. އައްޒާމްގެ ކަންތަކަކީވެސް ހަމަ މި މާޒް ކުރުވި ކަމެއް.. އަދި އޭނަ އަހަރެންނަށް ކުރި މެސެޖުތަކަކީވެސް އޭނަގެ މާތްކަމުން ފޮނުވި މެސެޖުތަކެއް ދޯ؟” އައިކާ ފުރަތަމަ ފަހަރަށް ނާޒިމްގެ ކުރިމަތީގައި ބަސް ބުންޏެވެ.

“ވަޓް؟ އަހަރެންނޭ!! ތިބުނާ އައްޒާމްއަކީ އަހަރެން ދަންނަވެސް މީހެއްނޫން.. ދެން އަހަރެން ކިހިނެއް އޭނަ ލައްވާ ތިކަހަލަ ކަމެއް ކުރުވާނީ؟ މީހަކަށް ނަފުރަތުކުރިޔަސް ހެޔޮނުވާނެ ތިކަހަލަ ނުބައި އިލްޒާމުތައް އަޅުވަން.. އަހަރެން އައިކާއަކަށް އެއްވެސް މެސެޖެއް ނުކުރަން.. ޤަބޫލު ނުކުރަންޏާ އަހަރެންގެ ފޯނު ބެލިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. އަދި އަހަރެންނަށް ޔޫޝައު އައިކާ ވަރިކުރަން އެނގުނީވެސް އައިކާ މިރަށަށް އައި ދުވަހު.. އަދި ބުނަން.. އަހަރެން މިހުރިހާ ދުވަހު މިއާއިލާއަށް އެހީތެރި މިވީ އަމިއްލަ އެދުމައިގެނެއް ނޫން.. ރަނގަޅު.. އަހަރެން އައިކާދެކެ ލޯބިވޭ.. އަދިވެސް ލޯބިވޭ.. އެކަމް އައިކާގެ ލޯބި ހޯދާކަށް އަހަރެން މިހާރު އެއްވެސް މަސައްކަތެއް ނުކުރަން.. ޔޫޝައުއާ އިން ހިސާބުން އަހަރެން އެޚިޔާލު ދޫކޮށްލައިފިން.. އަސްލު އަހަރެންނާ ބެހޭވެސް ބައެއް ނޫން ތީ.. އެކަމްވެސް އަހަރެން އައިކާދެކެ ލޯބިވާތީ އަހަރެން މިހުރިހާ ޚަރަދެއް މިކުރީ.. މިއާއިލާ އުޅޭ ނިކަމެތި ދިރިއުޅުން ހިތަށްއަރާތީ.. އެކަމަކު މިހާރު އެނގިއްޖެ މިހުރިހާ ދުވަހު މި ފެންފުރުނީ ފޫނެތް އެއްޗަކަށްކަން.. އަހަރެން ހީކުރީ ކުޑަމިނުން އައިކާގެ ދުލުން އަހަރެންނަށް ރީތި ނަމެއް ލިބޭނެކަމަށް.. އެކަމަކު ބަދަލުގަ މިލިބުނީ ކޮން އެއްޗެއް؟ އަހަރެން ބޭނުމެއްވެސް ނޫން އިތުރަށް މިކަހަލަ ހުތުރު އިލްޒާމެއް ބޮލުގަ އަޅާކަށް.. އަހަރެން މިދަނީ.. އައިކާއަށް އައިކާގެ ދުނިޔެއަށް މަރުޙަބާ..” މާޒް މަޑުކޮށްލުމެއްވެސް ނެތި ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ނާޒިމް މާޒްއަށް ގޮވާލިއެވެ. ނަމަވެސް މާޒްއަށް އެއަޑު ނީވުނީއެއްކަމެއް ނޫނީ އަޑުއިވުނުކަމަށް ނުހެދީއެއްކަމެއް ނޭނގެއެވެ. އޭނާ މަޑުވެސްކޮށްނުލާ ނުކުމެގެން ދިޔަގޮތަށް ދިޔައީއެވެ.

“އައިކާގެ ބޮލަށް ކޮން އިބިލީހެއްތަ ސަވާރުވެފަ ތިހުރީ؟ އާނ އެހެންޏަ.. އަހަރެން ހަމަ ކޮސްވެއްޖެ.. އަހަރެން ހިތަކަށްވެސް ނާރާ އައިކާ ތިފެންވަރަށް ވެއްޓިދާނެކަމަކަށް.. ލަދުން ބޯފަޅައިގެން ދާވަރުވޭ..” ނާޒިމް ބާރަށް އެހެން ބުނެލުމަށްފަހު ގޮސް ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ. ސަނާވެސް އައިކާއަށް ބަލާލުމަށްފަހު ގޮސް ކޮޓަރިއަށްވަނީ ހިތްހަމަނުޖެހިގެންނެވެ. އައިކާއަށް ހުރިގޮތަށް ސޯފާއަށް ތިރިވެވުނެވެ. ނާޒިމްއާ ސަނާ ފުރަތަމަ ފަހަރަށް އޭނާދެކެ ރުޅިއައިސްގެން އެއްޗެހި ކިޔުމުން މިއަދު އޭނާ ވަރަށް ހިތުގައި ޖެހިއްޖެއެވެ. އޭނާ އެތައްއިރަކު ސޯފާގައި ރޯން އިނެވެ. އޭނާގެ ނަސީބާއިމެދު އެތައް ޝަކުވާއެއް ކުރެވުނެވެ. ޔޫޝައުގެ އަނތްބަކަށް ނުވެވުނުނަމައެވެ. ނޫންނަމަ މިއަދު މިހުރިހާ ހިތާމައެއް ކުރާކަށް ނުޖެހުނީހެވެ.

މާޒް ބާރުބާރަށް ސައިކަލު ދުއްވާފައި މިސްރާބުޖެހީ އަތިރިމައްޗަށެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. އޭނާގެ ދެލޮލުގައިވާ ކަރުނަތަކާއި ރިހުމާއި ވޭން އެހެން މީހަކަށް ދައްކާކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާ ގޮސް އަތިރިމަތީގައި ވެއްޓިފައި އޮތް ރުކެއްގައި އިށީނދެލިއިރު އޭނާގެ ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. ކިތަންމެ ހިތްވަރުކުރި ނަމަވެސް މިފަދަ ހާލަތެއް ދިމާވުމުން ފިރިހެނަކަށްވިޔަސް އަސަރުކުރާނެއެވެ. ނުކުރާ ކަންތައްތަކެއްގެ ހުތުރު އިލްޒާމް ބޮލުގައި އަޅަން ޖެހުމަކީ ކިހާ ބޮޑު ހިތާމައެއް ހެއްޔެވެ؟ އެއީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އަދި އެއީވެސް ތިމާ އެންމެ ލޯބިވާ މީހާގެ ފަރާތުންނެވެ.

މާޒް އެތައްއިރަކު އަތިރިމަތީގައި ރޯން އިންދާ އޭނާ ސިހުނީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. އަވަސްއަވަހަށް ދެލޯ ފޮހެލަމުން މާޒް ފަހަތަށް ބަލާލިއެވެ. ކައިރީގައި ހުރި ޒިޔާން ފެނުމުން މާޒް ގަދަކަމުން ނަމަވެސް ހިނިތުންވެލެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ.

“މާޒް! ކިހިނެއްވީ؟”

“ކަމެއްނުވޭ..”

“ކަމެއްނުވާނަމަ ތިހާވަރަށް ރޯނެތަ؟ އަހަރެން ގެއަށް ދަނިކޮށް ފެނުނޭ މާޒް މިދިމާއަށް އަންނަނިކޮށް.. ސައިކަލުގަ އައިލެއް ބާރުކަމުން ހީވީ އަމިއްލައަށް މަރުވާންވެގެން އައިހެން.. މާޒް އައިގޮތުން އަހަރެންނަށް އެނގުނު މާޒް ހުރީ ހަމަހޭގަ ނޫންކަން.. އެހެންވެ ގޯހެއް ހަދައިފާނެތީ ގެއަށްވެސް ނުގޮސް އަހަރެން މިއައީ މާޒްގެ ފަހަތުން..” ޒިޔާން މާޒްގެ ކައިރީގައި އިށީންނަމުން ބުނެލިއެވެ.

“އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއް.. އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ އައިކާ އަހަރެންނަށް މިހެން ހަދާފާނެ ކަމަކަށް..” މާޒް ދުރު ބަލަން އިނދެ ބުނެލިއެވެ.

“އައިކާ ކިހިނެއް ހެދީތަ؟ ސާފުކޮށް ކިޔައިދީބަލަ..” ޒިޔާން އެހެން އަހާލުމުން މާޒް ހުރިހާ ވާހަކައެއް ޒިޔާންއަށް ކިޔައިދިނެވެ.

“ވަޓް ދަ.. އޭނަ އެހުރީ ހަމަހޭގައިތަ؟ އޭނަ އެ ހުރިހާ އެއްޗެއް ކީއިރު ލަދެއްވެސް ނުގަތް ދޯ.. މިހުރިހާ ދުވަހެއް ވަންދެން އޭނަގެ އާއިލާއަށް ތިކުރި ޚަރަދެއް ތިކުރީ ހަމަ އޭނައަކަށް ނޫންތަ؟ އެވަރު އޭނައަށް ނޭނގުނީ އޭނަގެ ހާދަ ގޮތެއް ނެތީމައޭ.. ހިތަށްއަރާ ހަމަ..”

“ޒިޔާ! ޕްލީޒް ސްޓޮޕް އިޓް.. އޭނަ ކޮންމެ ގޮތަކަށް އަހަރެންނާ ދޭތެރޭ ކަންތައް ކުރިޔަސް އަހަރެން ބޭނުމެއްނޫން އޭނައާ ދިމާއަށް މީހަކު އެއްވެސް އެއްޗެކޭ ކިޔާކަށް.. އޭނައަށް ދެރަގޮތެއް ވާކަށް..” ޒިޔާންގެ ވާހަކަ މެދުކަނޑާލަމުން މާޒް ބުނެލިއެވެ.

“އެންމެ ރަނގަޅު.. އަހަރެން އޭނައާ ދިމާއަށް އެއްވެސް އެއްޗެކޭ ނުކިޔާ ހުރެފާނަން.. އެކަމް މާޒް އަހަރެން ބުނާ ގޮތެއް ހަދާނަންތަ؟” ކުޑައިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒިޔާން އަހާލިއެވެ.

“ބުނެބަލަ.. ބުނީމަތާ އިނގޭނީ..”

“މާޒް މިހާރު ތި ކުރަމުންދާ ޚަރަދުތައް ހުއްޓާލަންވީ.. އައިކާއާ އެއްވެސް ގުޅުމެއްވެސް ނުބާއްވަންވީ.. އެކުވެރިއަކަށްވެސް އޭނަ ނުފުދޭ.. އޭނަގެ މަތިން މުޅިން ހަނދާން ނައްތާލަންވީ.. މީހަކާ އިންނަންވީ.. އާ ދިރިއުޅުމެއް ފަށަންވީ..” ޒިޔާން ބުނެލިއެވެ.

“އަހަރެން އިތުރަކަށް އެމީހުންނަކަށް އެއްވެސް ޚަރަދެއް ނުކުރާނަން.. އެއީ އައިކާ އަހަރެންނަށް ނުލިބިގެނެއް ނޫން.. އަހަރެން އެކަން ހުއްޓާލީމަ އެގޮތަށް އަޑު ފެތުރޭނެކަންވެސް އެނގޭ.. އެކަމްވެސް އަހަރެންނަށް ވަރިހަމަ.. އަހަރެން އެކަން މި ހުއްޓާލަނީ އަހަރެންނަށް ލިބުނު ހުތުރު ނަމުން ގަތް ލަދެއްގެ ބޮޑުކަމުން.. އިތުރަށް އެކަހަލަ އިލްޒާމެއް އަހަރެންގެ ބޮލުގައި އެޅެން ބޭނުންނުވާތީ.. އެކަމް އަހަރެންނަށް އެނގޭ ސަނާއްތައާ ނާޒިމްބެ އެވާހަކަ ޤަބޫލުނުކުރާކަން.. އެހެންވެ އަހަރެން އެމީހުންނާ ގުޅުން ކަނޑާލާކަށް ބޭނުމެއްނޫން..” މާޒް ބުނެލިއެވެ.

“އަހަރެން ނުބުނަމެއްނު އެމީހުންނާ ގުޅުން ކަނޑާލާކަށް.. އަހަރެން މިބުނީ ހަމައެކަނި އައިކާއާ ގުޅުން ކަނޑާލަން.. އޭނަ އަމިއްލައަށް އައިސް މާޒްގެ ފައިބުޑަށް ވެއްޓި މާފަށް ނޭދެނީސް މާޒް އޭނައާ ދިމާ ބަލާވެސްނުލާށޭ މިބުނީ.. އަހަރެންނަށް ހަމަ ޔަޤީން އޭނައަށް މާޒްގެ ފައިބުޑަށް ވެއްޓި އާދޭސްކޮށް މާފަށް އެދެން އަންނަންޖެހޭނެކަން..” ޒިޔާން ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. ޒިޔާންގެ ވާހަކަތަކަށް މާޒް ބޯޖަހާލިއެވެ.

**********

ޔޫޝައު އާދައިގެ މަތިން އޮފީހުގައި އިންނަމަވެސް އޭނާއަކަށް ރަނގަޅަކަށް މަސައްކަތެއް ނުކުރެވެއެވެ. އައިކާގެ ހަނދާންތައް އޭނާއަށް އުނދަގޫ ކުރާތީއެވެ. އައިކާ މިހާރު އުޅޭނީ ވަރަށް ހާލުގައިކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާއަށް އައިކާއަށް ގުޅާނެހާ ހިތްވަރެއް ނުލިބުނެވެ. އޭނާއަކީ އެއްއިރެއްގައިވެސް މިހާ ފިނޑި މީހެއްނޫނެވެ. އޭނާއަކީ ހިތްވަރުގަދަ ކެރޭ ޒުވާނެކެވެ. ނަމަވެސް ލޯބީގައި އޭނާ މުޅިން ބަލިކަށިކޮށްލައިފިއެވެ. ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗަކީ ހެއްޔެވެ؟

ޔޫޝައު ވިސްނާލާފައި ފޯނު ނެގިއެވެ. އަދި އައިކާގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ހަމަ އެވަގުތު ފޯނު ކަނޑާލައިފިއެވެ. ދެން އޭނާ ލެޕްޓޮޕް ދަބަހަށްލައި ފޯނާއި ދަބަސް ހިފައިގެން އަވަސް ހިނގުމެއްގައި އޮފީހުން ނުކުތެވެ. އޭނާ ދިޔަގޮތަށް ދިޔައީ އޭޓީއެމްއަށެވެ. އޭޓީއެމްއިން ފަސްހާސް ރުފިޔާ ނަގައިގެން އޭނާ ނިންމީ ގެއަށްދާށެވެ. ނަމަވެސް ކުއްލިއަކަށް ޚިޔާލު ބަދަލުވެ އޭނާގެ މިސްރާބު އޮފީހާ ދިމާއަށް ބަދަލުކޮށްލިއެވެ. އޭނާ ގޮސް ކެބިންއަށް ވަތްއިރު ނާޒް އިނީ ފޯނެއްގައެވެ. އޭނާ ފެނުނުއިރަށް އަވަހަށް ފޯނު ބާއްވައިފިއެވެ.

ޔޫޝައު އޭނާގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެލާފައި މޭޒުގެ ވަތްގަނޑުން ނެގީ ނޯޓް ފޮތެކެވެ. އަދި އޭގައި އެއްޗެހިތަކެއް ލިޔަން ފެށިއެވެ. އެ ނޯޓް ލިޔެފައި އޭނާ ވޮލެޓުން ފަސްހާސް ރުފިޔާ ނަގައި ސިޓީ އުރައަކަށް އެ ނޯޓާއިއެކު ލިއެވެ. އަދި ލިހާމްއަށް ގުޅާލިއެވެ.

“ހެލޯ! ލިހޭ! މިއަދު ތިކޮޅަށް ފުރާ ލޯންޗެއް އެއްޗެއް އެބައޮތްތަ؟”

“ކިހިނެއްވީ؟ ބަލާލަން ޖެހޭނީ..” ލިހާމް ބުނެލިއެވެ.

“ބަލާލާފަ އަހަރެންނަށް އަންގާލަދީބަލަ.. ވަރަށް އަވަހަށް..” ޔޫޝައު ބުނެލިއެވެ.

“އާނ އޯކޭ..” ލިހާމްގެ ޖަވާބު ލިބުމާއެކު ޔޫޝައު ފޯނު ބޭއްވިއެވެ. އޭނާ އިނީ ދެން ވެދާނެ ގޮތަކާއިމެދު ވިސްނާށެވެ. އޭނާ އައިކާގެ ޚަބަރެއްވެސް ބަލާނުލާ ހުރެފައި ކުއްލިއަކަށް ފައިސާ ފޮނުވުމުން އައިކާމެން ހީކުރާނީ ކީކޭބާވައެވެ. ހަމަ ޔަޤީނުންވެސް އޭނާދެކެ ވަރަށް ރުޅިއަންނާނެއެވެ. ގުޅާފައި ހިތު ހުރިވަރަށް އެއްޗެހިވެސް ގޮވާލަފާނެއެވެ. ނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއްނެތެވެ. އައިކާއަކީ އޭނާގެ ދެދަރިންގެ މަންމައެވެ. ވީއިރު އޭނާއަށް އެހީތެރިވުމަކީ އޭނާގެ ވާޖިބެކެވެ.

އިރުކޮޅެއް ފަހުން އޭނާގެ ފޯނު ރިންގުވިއެވެ. ލިހާމްގެ ކޯލެއްކަމުން އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ. ލިހާމް ބުނީ މެންދުރުފަހު އެކެއް ޖަހާއިރު ލޯންޗު މާލެއިން ރަށަށް ފުރާނެ ކަމަށެވެ. އޭނާ ގަޑި ބަލާލިއިރު އެކެއް ޖަހަން ފަނަރަ މިނެޓަށް ވެއްޖެއެވެ. ލިހާމްއަށް ޝުކުރު އަދާކޮށްފައި ޔޫޝައު ފޯނު ބޭއްވިއެވެ. އަދި އަވަސްއަވަހަށް އޮފީހުން ނުކުތެވެ. އޮފީހުން ނުކުތްގޮތަށް ސައިކަލުގައި އޭނާ މިސްރާބުޖެހީ ޖެޓީއަށެވެ. ޓްރެފިކުން ސަލާމަތްވެގެން އޭނާއަށް ޖެޓީއަށް ދެވުނުއިރު ލޯންޗުގެ ވާ މޮހާލަނީއެވެ.

ލޯންޗުގެ ކުރީކޮޅުގައި ހުރީ އޭނާ ދަންނަ މީހެކެވެ. އިރުފާންއެވެ. ދެތިން ފަހަރަކު އެ ލޯންޗުން ދަތުރުކުރެވިފައި ވުމާއެކު ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވިފައިވާތީ ދަންނަނީއެވެ.

“އިރޭ!” ޔޫޝައު އިރުފާންއަށް ގޮވާލާފައި އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުންޏެވެ. ޔޫޝައު އަވަސްއަވަހަށް ބަލާލީ ކައިރި ހިސާބަކުން ސައިކަލު ޕާރކްކޮށްލާނެ ހުސްތަންކޮޅެއް ލިބޭތޯއެވެ. ނަސީބަކުން ވަރަށް ކައިރިން ހުސްތަންކޮޅެއް ލިބުނެވެ. ޔޫޝައު ސައިކަލު ޕާރކްކޮށްލާފައި ތޮށިގަނޑުމައްޗަށް އަރައިގެން ލޯންޗު ކައިރިއަށް ދިޔައެވެ.

“އިރޭ! މީތި ގެންގޮސް އައިކާއާ ހަވާލުކޮށްލަދީބަލަ އިނގޭ.. ބުނޭ އަހަރެން ހަވާލުކުރި އެއްޗެކޭ..” ޔޫޝައު އެހެން ބުނެލުމުން އިރުފާން ހިނިތުންވެލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. ލޯންޗު ނައްޓާލުމުން ޔޫޝައު އަނެއްކާވެސް މިސްރާބުޖެހީ އޮފީހަށެވެ. އައިކާއަށް ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދެވުމުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާ މުޅިން ހަމަޖެހޭނީ އައިކާ އޭގެ ބޭނުން ކުރިކަން އެނގުމުންނެވެ.

**********

ހަވީރުގެ ވަގުތެވެ. އައިކާ ކޮޓަރީގައި އިނީ ބޭރަށް ދާހިތް ނުވެފައެވެ. މާޒްއާ ދިމާވެދާނެތީއެވެ. އޭނާ މާޒް ފެންނަ ހިސާބަށްވެސް ދާކަށް ބޭނުމެއްނުވެއެވެ. މާޒްއަކީ އޭނާގެ އުފާވެރި ދިރިއުޅުމަށް އެޅުނު ސުންޕާ ހިޔަންޏެކެވެ. އިތުރަށް މާޒްގެ ހިޔަނި އޭނާގެ ހަޔާތަށް އެޅޭކަށް އޭނާ ބޭނުމެއްނޫނެވެ.

ބޭރުން ސަލާމް ގޮވާލި އަޑަށް ލަމްހާ ބުރުގާ އަޅާލަމުން ބޭރަށް ނުކުތެވެ. އޭރު ބޭރު ދޮރު ކައިރީގައި ހުރި އިރުފާން ފެނުމުން އައިކާ ހައިރާންވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އިރުފާންއަކީ އެމީހުންނާ ވާހަކަ ދައްކާ އުޅުނަސް އެގެއަށް އަންނަ މީހެއް ނޫން ވިއްޔާއެވެ.

“އަނހާ އިރުފާން.. ކިހިނެއްވީ؟” ހައިރާންވެފައި އައިކާ އަހާލިއެވެ.

“މީ އައިކާއާ އެއްޗެއް ހަވާލުކޮށްލަންވެގެން..”

“ކޮން އެއްޗެއް؟” އައިކާ ހައިރާންކަމާއެކު އެހެން އަހާލުމުން އިރުފާން އޭނާގެ އަތުގައި އޮތް ސިޓީ އުރަ ދިއްކޮށްލިއެވެ. އައިކާ އޭގައި ހިފަމުން އޭގެ ދެފުށް ބަލާލިއެވެ. އައިކާގެ ނަމާއި އެޑްރެސް ފިޔަވައި އެއްވެސް މަޢުލޫމާތެއް އެޔަކު ނެތެވެ. އައިކާ އިރުފާންއަށް ބަލާލުމުން އޭނާއަށް އައިކާ ބުނަން އުޅުނު އެއްޗެއް އެނގުނުފަދައެވެ.

“ތީ ޔޫޝައު ހަވާލުކުރި އެއްޗެއް.. ދެން ދަނީ..” ހިނިތުންވެލާފައި އިރުފާން ދާން ހިނގައިގަތެވެ.

އައިކާ ކެތްމަދުވެފައިހުރެ ގޮސް ކޮޓަރިއަށްވަދެ އެނދުގައި އިށީނދެލިއެވެ. ޔޫޝައު އޭނާގެ ހާލު ބަލާނެކަން އޭނާއަށް ކުރިންވެސް ޔަޤީންކުރިއެވެ. ނަމަވެސް މާޔޫސްވީ ހަފްތާއެއް ވީއިރުވެސް ޔޫޝައުގެ އެއްވެސް ޚަބަރެއް ނުވުމުންނެވެ. އެހެނަސް މިއަދު އަނެއްކާވެސް އޭނާއަށް އާ އުއްމީދެއް ލިބިއްޖެއެވެ.

ސިޓީއުރަ ހުޅުވާލުމާއެކު އޭގައިހުރި ފަސްސަތޭކައިގެ ނޫޓްތައް ފެނިފައި އައިކާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. ނަމަވެސް އެވަގުތު އޭގެތެރޭ އޮތް ކަރުދާސްގަނޑެއް ފެނުމުން އަނެއްކާވެސް އޭނާގެ އުއްމީދުތައް އާވިއެވެ. އަވަސްއަވަހަށް އެ ގަނޑު ނަގައި ކިޔަން ފެށިއެވެ.

***** ޔޫޝައުގެ ނޯޓް *****

އައިކާއެވެ. އައިކާގެ ހާލު ކިހިނެއް ހެއްޔެވެ؟ އައިކާގެ ހާލު ރަނގަޅުވާނެކަމަށް އަހަރެން އުއްމީދުކުރަމެވެ.

އައިކާއެވެ. އަހަރެންނަށް ވިސްނާނުލާ އައިކާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށެވެ. އަހަރެންނަށް މާފްކުރާށެވެ. އަހަރެންނަށް ފެނުނު އެންމެ މަންޒަރެއްގެ ސަބަބުން އަހަރެން އައިކާގެ މައިންބަފައިންނަށް ވީ ވަޢުދުގެ މަތިން އަހަރެންނަށް ހަނދާން ނައްތާލެވުނީއެވެ. ނަމަވެސް އެއީ އެފަދަ މަންޒަރެއް ފެނުމުން ކޮންމެ މީހަކަށްވެސް ވާނެ ގޮތްކަން ޚުދު އައިކާވެސް ޤަބޫލުކުރާނެއެވެ. އެކަމަށްވެސް އަހަރެން މާފަށް އެދެމެވެ.

އައިކާއެވެ. އައިކާ ތިއިނީ އަހަރެންގެ ދެދަރިންނަށް ބަލިވެކަން އަހަރެން ފަހަރެއްގައިވެސް ހަނދާނެއް ނުނެތެއެވެ. އަހަރެން އައިކާއަށް ގުޅަން ބޭނުންވި ނަމަވެސް އަހަރެންނަށް އައިކާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ގުޅަން ނުކެރުނީއެވެ. އައިކާ އުޅޭނީ ވަރަށް ދަތި ހާލުގައިކަން އަހަރެންނަށް އިހުސާސްކުރެވެއެވެ. އަހަރެން އައިކާއަށް އެހީވާނަމެވެ. ކަމަކަށް ދަތިވާނަމަ ލަސްނުކޮށް އަހަރެންނަށް އަންގާށެވެ. އަހަރެން އެއްވެސް ޝަކުވާއަކާނުލާ އެކަމެއް ކޮށްދޭނަމެވެ. އަހަރެންގެ ދެދަރިން ރަނގަޅު ގޮތުގައި ބޮޑުކޮށްދޭށެވެ. އިރާދަކުރެއްވިއްޔާ އަހަރެމެން އަދި ކޮންމެވެސް ދުވަހަކުން ބައްދަލުވާނެއެވެ. އަދިވެސް އެއްފަހަރު އަހަރެންނަށް މާފްކޮށްދިނުން އެދެމެވެ.

= ޔޫޝައު =

ނޯޓްކޮޅު ކިޔާ ނިމުމާއެކު އައިކާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އޭނާ އުއްމީދުކުރިފަދަ އެއްވެސް ބަސްކޮޅެއް އެ ނޯޓަކު ނެތެވެ. އޭނާ އުއްމީދުކުރީ އޭގައި ޔޫޝައު އޭނާދެކެ ލޯބިވާ ވާހަކަ ލިޔެފައި އޮންނާނެ ކަމަށެވެ. އަދި ޔޫޝައުއަށް ހަޤީޤަތް އެނގި އޭނާ ބަލައި އަންނަ ވާހަކަ އޮންނާނެކަމަށެވެ. ނަމަވެސް ކަންތައް މިވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ޔޫޝައުއަށް އަދިވެސް އެކަމުގެ ހަޤީޤަތެއް ނޭނގެއެވެ. އެކަމުގެ ހަޤީޤަތް ޔޫޝައުއަށް އަންގާނީވެސް ކިހިނެއް ހެއްޔެވެ؟ ކުއްލިއަކަށް އައިކާ ދެލޯ ފޮހެލިއެވެ.

އަހަރެން ބޭނުން ނެތިގެން އަހަރެން ދޫކޮށްލި މީހަކަށްޓަކައި އަހަރެން ރޯންވީ ކީއްވެ ހެއްޔެވެ؟ ޔޫޝައު ހީކުރީ ކީކޭ ކަމަށް ހެއްޔެވެ؟ އަހަރެން މިއުޅެނީ ލާރި ނުލިބިގެން ހެއްޔެވެ؟ އަހަރެން މިއުޅޭ ހާލެއް އޭނާއަށް ހަމަ އިހުސާސް ނުކުރެވެނީ ހެއްޔެވެ؟ އިހުސާސްކުރެވޭނަމަ ކަންތައް ކުރާނީ އެގޮތަކަށް ނޫނެވެ. އަނތްބަކަށް އެންމެ ބޭނުންވާނީ ފިރިމީހާގެ ލޯތްބެއް ނޫން ހެއްޔެވެ؟ އެލޯބި ނުދެވޭނަމަ ކީއްކުރާ ފައިސާއެއް ހެއްޔެވެ؟ ޔޫޝައު ހީކުރީ ފައިސާއިން ހުރިހާ ކަމެއް ހަމަޖެހޭނެކަމަށް ހެއްޔެވެ؟ ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މުއްސަނދިންނަށް ހުރިހާވެސް އެއްޗަކީ ފައިސާއެވެ. އައިކާ ހިތާހިތުން ޔޫޝައުއަށް އެތިވަރު ގޮވިއެވެ. އަދި އޭނާގެ އަތުގައި ހުރި ނޫޓްތައް ކޮޓަރިތެރެއަށް ހޫރާލިއެވެ. އެވަގުތު ކޮޓަރިއަށް ވަތް ސަނާއަށް އެމަންޒަރު ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.

“މިހާރު ކިހިނެއްވީ؟” ސަނާ ހިތްހަމަނުޖެހިފައި އަހާލިއެވެ. ކުރިން ދުވަހު އައިކާ މާޒްއާ ދިމާއަށް އެއްޗެހި ކީފަހުން ސަނާ ހުންނަނީ އަބަދުވެސް އައިކާދެކެ ހިތްހަމަނުޖެހިފައެވެ. ލޯބިން ވާހަކަދައްކަން ބޭނުންވިނަމަވެސް އޭނާއަކަށް އެކަމެއް ނުކުރެވުނެވެ. މާޒް އެމީހުންނަށްވީ އެހީތެރިކަމުގެ ބަދަލު އައިކާ ދިންގޮތުން އޭނާ ހުންނަނީ މާޒްގެ އާއިލާ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްލަން ނުކެރިފައެވެ.

“ކޮންހާ ލާރިއެއް؟ އައިކާ ކިހިނެއްވެގެންތަ ތިއުޅެނީ؟”

“އެ ޔޫޝައު ހީކުރަނީ ކީކޭ ކަމަށްތަ؟ އަހަރެން މީ ލާރިއާ ހެދި ބޫތުކައިގެން އުޅޭ މީހެއްނޫނޭ.. އެ ޔޫޝައުއަށް ތި ފޮނުވާފަ ބުނޭ އަހަރެން އޭނަ ދޭ އެއްވެސް އެއްޗެއް ބޭނުމެއްނޫނޭ..” އައިކާ ރުޅިއައިސްފައި ބުނެލިއިރުވެސް އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޮހެމުން ދިޔައެވެ.

“ބަލަ އޭނަގެ ދަރިންނަށް އޭނަ ބަލާނެ ދޯ.. އެކުދިން އަދި އުފަންނުވިޔަސް އޭނަ އެކުދިން މަތިން ހަނދާން އެބަހުރިތާ.. މިދުނިޔޭގަ ބަފައިންގެ އެއްވެސް އެހީއެއް ނުލިބި ކިތައް ކުދިން ބޮޑެތިވަނީ.. ޔޫޝައު އެވަރުވެސް ކުރާތީ އެކަމާ ޝުކުރުކޮށްބަލަ.. އެޔެއްނޫން ވާގޮތަކީ.. އައިކާގެ ކަންތައްވެސް ހިސާބަށްވުރެ ބޮޑީ..” ސަނާ ރުޅިއައިސްގެން ކޮޓަރިން ނުކުމެގެން ދިޔައެވެ.

 

“ކީއްވެތަ ކޮންމެ މީހަކަށް އަހަރެން މި ގޯސްވަނީ؟ އަހަރެންނަށް އެހެން މީހަކު ދެރައެއް ދިނަސް ގޯސް މިވަނީ އަހަރެން.. ކީއްވެތަ؟ ކީއްވެތަ؟”

“އެކަކަށް ދެރައެއް ދީފަ އަނެކަކަށް އުފަލަކު ނޫޅެވޭނެ.. އެތަން ތި ފެންނަނީ..” އެވަގުތު ކޮޓަރިއަށް ވަދެގެން އައި ލީން ބުނެލިއެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވެއެވެ.

“ލީން!؟”

“ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން އައިމަ.. އަހަރެން ހުރީ ނާންނަންވެގެން.. އެއީ ރައްޓެހިން އެއީ ރައްޓެހިން ކަމުގަ ނުދެކޭ މީހުން ކައިރިއަށް ޒިޔާރަތްކުރުމަކީ އަހަރެން ކޮށްއުޅޭ ކަމަކަށް ނުވާތީ.. އެކަމަކު އަހަރެންނަށް މި އަންނަން ޖެހުނީ އައިކާއަށް ކަމެއް އަންގަން.. އައިކާއަށް އެއްޗެއް ވިސްނައިދެވޭތޯ.. އެއީ ބޭކާރު ކަމެއްކަންވެސް އެނގޭ.. އެކަމަކުވެސް އެވާހަކަ ބުނީމަ އަހަރެންނަށް ހިތްހަމަޖެހުމެއް ލިބޭނެ..” ލީންގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވެފައި ހުރިވަރުން އެއީ ލީންކަންވެސް އައިކާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ. ލީންއަކީ ދުވަހަކުވެސް އެފަދަ ގޮތަކަށް މީހުންނާ ވާހަކަދެއްކި މީހެއް ނޫންވިއްޔާއެވެ. ޔަޤީނެވެ. މާޒް ލީންގެ ބޮލަށްވެސް ސަވާރުވީއެވެ.

“އަހަރެންނަށް ކޮންކަމެއް އަންގަން؟ ހާދަ ފާޑަކަށް ލީން ތި ވާހަކަ ދައްކަނީ..” އެހާ ދެރަވެފައި ހުއްޓާ ލީން އައިސް ވާހަކަދެއްކި ގޮތުން އައިކާ ހިތްހަމައެއް ނުޖެހުނެވެ.

“އަހަރެން މިއައީ އައިކާއަށް ތިހުރީ ވަރަށް ބޮޑު އޮޅުމެއްގައޭ ބުނަންވެގެން.. އައިކާގެ ދިރިއުޅުން ހަލާކުވުމުގައި މާޒްގެ އެއްވެސް އަތެއް ނުވެޔޭ ބުނަންވެގެން.. އަދި އައިކާއަށް މެސެޖު ކުރި މީހަކީވެސް މާޒްއެއް ނޫނޭ ބުނަންވެގެން.. އެނގޭތަ ސަބަބު.. އެއީ މާޒް އައިކާދެކެ ވަނީ ހަޤީޤީ ލޯބި.. އައިކާ ޔޫޝައުއާ އިންފަހުން އޭނަ އައިކާ ހާސިލްކުރާކަށް އެއްވެސް މަސައްކަތެއް ނުކުރެޔޭ.. އޭނައަށް މަލާމާތްކުރި މީހުންނަށްވެސް އޭނަ ދޭ ރައްދު އެނގޭތަ؟ އައިކާ އުފަލުގަ ހުރިއްޔާ އަހަރެންވެސް ހުންނާނީ އުފަލުން.. އަހަރެންނަށް ބޮޑަށް މުހިންމީ އައިކާގެ އުފާ.. މިވަރު ހެއްކަކަށް ނުފުދޭތަ؟ ނޫނީ އިތުރަށްވެސް ބޭނުންތަ؟ އިތުރަށް ތަފްސީލު ދެންޏާ އަނެއްކާވެސް ޖެހޭނީ ހަމަ ކުރީގަވެސް ދެއްކި ވާހަކަތައް ތަކުރާރުކުރަން.. އެކަމަކު އެ ބޭކާރު މަސައްކަތް ކުރާނެހާ ވަގުތެއް އަހަރެންނަކަށް ނެތް..” ލީން ފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ.

“ލީން ކީއްވެ އަހަރެންނާ ތިގޮތަށް ތި ވާހަކަދައްކަނީ؟ އަހަރެންގެ ހާލުވެސް ބަލައެއް ނުލާނަންތަ؟” އައިކާ ދެރަވެފައި އަހާލިއެވެ.

“އައިކާ ހީކުރީ އަހަރެންނަކީ އެހާ ފަސޭހައިން މީހުންގެ މަތިން ހަނދާން ނައްތާލާ މީހެއް ކަމަށްތަ؟ އަހަރެން މިގެއަށް ނަޔަސް އަހަރެން ބަރާބަރަށް އައިކާގެ ހާލު ބަލަން.. އެނގޭތަ ކާކުކަން އަހަރެންނަށް އައިކާގެ ހާލު ބުނެދެނީ؟ މާޒް.. މާޒް އައިކާ އުޅޭނޫޅޭ ގޮތް އަބަދުވެސް ބަލާ.. އައިކާ މާލޭގަ ހުރިއިރުވެސް އޭނަ ބަރާބަރަށް އައިކާގެ ހާލު ބަލާ.. އައިކާއަށް ގުޅީމަ ފޯނު ނުނަގާތީ ސަނާއްތަ ގާތަށް އައިސްގެންވެސް އައިކާގެ ޚަބަރު ބަލާ.. މިއެއް ނޫންތަ ލޯތްބަކީ؟ މިއަށްވެސް ކިޔަނީ ދެއްކުންތެރިކަންތަ؟” ލީން ސުވާލުކުރިއެވެ.

“އަހަރެންނަކަށް ނޭނގެ ލޯތްބަކީ ކޮން އެއްޗެއްކަމެއް..”

“ނޭނގޭނެ.. ނޭނގޭތީ ދޯ މިއަދު އައިކާއަށް ތިހާލު ޖެހިފަ ތީނީ.. ކުރިންވެސް މާޒްގެ ލޯތްބަށް އާނބަސް ބުނިނަމަ މިއަދު ތިހެނެއް އިންނާކަށް ނުޖެހުނީސް..”

“ކިހިނެއް އެނގޭނީ މާޒް އަހަރެންނަށް މިއަށްވުރެ ދެރަގޮތެއް ނުހަދާނެކަމެއް؟ ލޯތްބަކީ މިހާރު އޮންނަ އެއްޗެއް ނޫން.. އެއީ ހަމައެކަނި އަހަރެމެން އަންހެނުންގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނަގަން ފިރިހެނުން ބޭނުންކުރާ ދެއަކުރުގެ ލަފުޒެއް.. އެއްވެސް ހަޤީޤަތެއް އޮންނަ އެއްޗެއް ނޫން..” އައިކާވެސް ރައްދުގައި ބުންޏެވެ.

“އެހެންވިއްޔާ އައިކާ ކީހާ އެއްޗެއްސަށް މާޒް ކެތްކުރި ކެތްކުރުމޯ.. އައިކާގެ ލޯބި ނުލިބިގެން އޮހޮރި ކަރުނަތަކޯ.. އެއީވެސް ފޭކުތަ؟ ހުސް އާޓްތަ؟ ހަޤީޤަތާއި ފޭކު ވަކިކުރަން އެނގޭނީ އެހެން މީހުންގެވެސް އިހުސާސްތަކަށް އިހުތިރާމްކުރަން އެނގޭ މީހަކަށް..”

“އަހަރެންނަކަށް ނޭނގެ ދެން..”

“ނޭނގޭނެ.. ނޭނގޭތީ ދޯ ކުށެއްނެތް މީހަކާ ދިމާއަށް ހިތަށް އެރިހާ އެއްޗެއް ގޮވާލީ.. އެންމެ ފަހަރަކުވެސް ވިސްނާލިންތަ އޭނަގެ ހިތަށް ކުރާނެ އަސަރު؟ ވިސްނާލިންތަ؟ އެހެން މީހަކު އައިކާއަށް ދެރައެއް ދިނީމަ އޭގެ ހުރިހާ ވަރެއް އެހެން މީހަކަށް ބޭލުމުގެ ކޮން ޙައްޤެއް އައިކާއަށް އޮތީ؟”

“އޭނައަކީ އެހެންމީހުންގެ ލޮލުގައި އަނދުން އަޅުވައިގެން އުޅޭ އަނިޔާވެރިއެއް..”

“އޭނަ އައިކާއަށް ކުރި އަނިޔާއެއް ބުނެބަލަ..” ލީން ހުރީ އެއްގޮތަކަށްވެސް އައިކާއަށް ދޫދޭގޮތަކަށް ނޫނެވެ. އައިކާގެ ކުށަށް އިޢުތިރާފުވެ މާޒްގެ ކިބައިން މާފަށް އެދެންދެން ލީން އެމަސައްކަތް ކުރާނެއެވެ.

“އަހަރެން އިތުރަށް ތިވާހަކަ ދައްކާކަށް ބޭނުމެއްނޫން..”

“ކީއްވެ؟ ދައްކާނެ ވާހަކަ ހުސްވީ ދޯ.. ކުށްކުރާ މީހުންނަށް އެންމެފަހުން ޖެހޭނީ ހަމަ ހަތިޔާރު ބަހައްޓަން.. ބަސް ހުއްޓޭނެ.. އަނިޔާވެރިންނަށްވެސް އޮތީ ހަމަ މިގޮތް.. އެކަކަށް ދެރައެއް ދީފަ އަނެކަކަށް ނޫޅެވޭނެ ވާހަކަ ޤަބޫލުކޮށްބަލަ..” ލީން ހުރީ އަދިވެސް އޭނާގެ ގޮތުގައެވެ.

“އަހަރެން މާޒްއާ ނުގުޅުން އެއީ އަހަރެން އޭނައަށް ދިން ދެރައެކޭތަ ތިބުނަނީ؟ ތިހެންވެއްޖެއްޔާ މިދުނިޔޭގަ ދެރަދޭ މީހުން ހާދަ ގިނަވާނެޔޭ ދޯ..” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އައިކާ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.

“އަހަރެން ނުބުނަން އައިކާ މާޒްއާ ނުގުޅުން އެއީ އޭނައަށް ދިން ދެރައެކޭ.. އެމީހަކު ގުޅެންވާނީ އެމީހަކު ލޯބިވާ މީހަކާ.. އައިކާ އެއްފަހަރުވެސް ވިސްނާލިންތަ ކުރިން އޭނައާ ދިމާއަށް ކީ އެއްޗިއްސާ ދޭތެރޭ.. އެއީވެސް އިންސާނެކޭ.. އޭނަގެ އޮންނަނީ ހިތެއް ނޫންތަ؟ އެހިތަށްވެސް އަސަރުކުރާނެޔޭ.. އެކަމަކު އެހުރިހާ އެއްޗެހި ކިޔުމަށްފަހުވެސް އޭނަ އައިކާއާ ދިމާއަށް ބާރަށް އެއްޗެކޭ ބުނިތަ؟ އައިކާއަށް ދެރަގޮތެއް ހެދިތަ؟ ނުހަދައެއްނު.. އޭނަ އެހުރިހާ ކަމަކަށްވެސް ކެތްކޮށްގެން މަޑުން ހުރެ އޭނަ އައިކާއަށް އެހީވެ ހެދީމަ އައިކާއަށް އޭނަ ވީ ފިނޑިއަކަށް.. ކޮންކަހަލަ ވިސްނުމެއް؟ އޭނަ ހާލު ބަލާލަން ގުޅީމަވެސް ފޯނު ނަގަން ނުކެރުނު.. އެންމެފަހުން ޔޫޝައު އައިކާ ވަރިކޮށްލީމަ އައިސްވެސް އޭނައަށް ހުރިހާ ވަރެއް ބޭލީ.. އޭނައާ ގުޅުމެއް ހުރި ކަމެއްނަމަވެސް ރަނގަޅު.. އެކަމް އޭނައަކާ ގުޅުމެއް ހުރި ކަމެއްވެސް ނޫނޭ.. އައިކާ ބުނެބަލަ މިއަށް ކިޔާނެ އެހެން އެއްޗެއް.. މި ވާނެތަ މީހަކަށް ދެރައެއް ދެވުން ނޫންކަމަށް؟” ލީން އެހެން ބުނެފައި އިތުރަށް އެތާނގައި މަޑުކޮށްނުލާ ދާން ހިނގައިގަތެވެ.

“ލީން!” އައިކާ ގޮވާލިނަމަވެސް ލީން އެއަޑު އިވުނުކަމަކަށް ނުހެދިއެވެ.

“އަހަރެން ކިހިނެއް ޤަބޫލުކުރާނީ ލީން އެހެން ބުންޏަސް.. އަހަރެންގެ ފޯނަށް މެސެޖު ކުރީ މާޒް ނޫންކަމަކަށް އަހަރެން ޤަބޫލެއް ނުކުރާނަން..” އައިކާ އަމިއްލަ ނަފްސަށް އެހެން ބުނެލަމުން އެނދުގައި އޮށޯވެލިއެވެ.

**********

ހަފްތާއެއް ފަހެވެ. ޔޫޝައު އޮފީހުގައި އިންނަމަވެސް އޭނާގެ ޚިޔާލުތައް ގުޅިފައިވަނީ އައިކާއާއެވެ. އޭނާ އައިކާއަށް ފައިސާ ފޮނުވި ނަމަވެސް އޭނާއަށް އައިކާ އޭގެ ބޭނުން ކުރިކަމެއް ނުވަތަ ނޫންކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އައިކާވެސް ކަންތައް އެ ކުރަނީ ރަނގަޅަކަށް ނޫނެވެ. ކުޑަމިނުން އޭނާއަށް އެ ލިބުނު ވާހަކަ ބުނެލިއްޔާވެސް ވާނީ ކީއް ހެއްޔެވެ؟ އޭނާއަށް އައިކާގެ ޚަބަރުތައް ހޯދަން މި ޖެހެނީ މުޅިންވެސް ދުރު މީހުންނަށް ގުޅައިގެންނެވެ. އޭނާއަށް ކަންތައް ކުރެވުނުގޮތުން އައިކާގެ މައިންބަފައިންނަށް ގުޅާލާކަށްވެސް އޭނާއަކަށް ނުކެރެއެވެ. އެމީހުން މިހާރު އޭނާއަށް ނަފުރަތު ކުރާނެކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ.

“ހެލޯ! ވަރަށް އަވަހަށް ކޮފީއެއް ގެނެސްދީބަލަ..” ޔޫޝައު ނާޒްއަށް ގުޅާލާފައި އޭނާއަށް ކޮފީއެއް ގެނެސްދިނުމަށް އެދުނެވެ. ނާޒް ކޮފީ ތައްޔާރުކުރަން ހުރިއިރު ހުރީ ފުން ވިސްނުމެއްގައެވެ. އޭނާ ވިސްނަމުން އެދަނީ ޔޫޝައުއާ ގުޅުންހުރި ކަމަކާކަން ހަމަ ޔަޤީނެވެ. އޭނާ އިރުއިރުކޮޅާ ޔޫޝައުއަށް ބަލާލާގޮތުން އެކަން ޔަޤީންކުރެވެއެވެ. އޭނާ ކޮފީތަށި ހިފައިގެން ހިނގައިގަތްއިރު އޭނާގެ މޫނުމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އަނެއްކާ އޭނާ ކުރީ ކީއްބާވައެޗެ. އޭނާ އެ ކޮފީތަށްޓަށް އެއްޗެއް އެޅީބާވައެވެ.

ކޮފީތަށި ބޮއި ހުސްކޮށްލުމުން ނާޒް އައިސް ޖޯޑު ގެންދިޔައެވެ. އޭނާ ގޮސް ޖޯޑު ދޮވެލާފައި އައިސް އޭނާގެ ގޮނޑީގައި އިށީނދެ އެއްމިޔަކަނުން ހީލަމުން ޔޫޝައުއަށް ބަލާލިއެވެ. ޔޫޝައު މަސައްކަތަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ ލޮލަށް ނިދި ސަވާރުވަމުން ދިޔައެވެ. އިރުއިރުކޮޅާ އާފުރިލާތީ ނާޒްއަށް އޭނާގެ މަންޒިލާއި ވަރަށް ކައިރިވެއްޖެކަމުގައި އިހުސާސްކުރެވުނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ޔޫޝައުއަށް ރަނގަޅަށް ނިދޭނެ ވަގުތަކަށެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށްވެސް ނުޖެހުނެވެ. ޔޫޝައުއަށް އިތުރަށް މަސައްކަތް ކުރިއަށް ނުގެންދެވިގެން ގޮނޑީގައި ރަނގަޅަށް ލެނގިލައި ދެލޯ މަރާލީ ގެއަށް ދެވޭނެހާވަރުވެސް އޭނާ ގައިގައި ނެތީމައެވެ. ނާޒް ކެބިންއިން ނުކުމެ އޮފީސްތެރެއަށް ނަޒަރު ހިންގާލިއިރު އޮފީސް ނިންމާފައި އެންމެން ގެއަށް ހިނގައްޖެއެވެ.

“މިރޭ މީ އަހަރެންގެ ރޭ.. ލައްކަ ދުވަސްވެއްޖެ އަހަރެން މި ފުރުސަތަށް ބަލަބަލާ ހުންނަތާ..” ޔޫޝައުގެ ކައިރީ އުޑަފައިން އިށީންނަމުން ނާޒް މަޑުމަޑުން ބުނެލިއެވެ. އެކަކުވެސް ނެތްކަން އެނގޭތީ އޭނާ އަވަސް ހަރަކާތަކާއެކު ޔޫޝައުގެ ބެލްޓު ނައްޓާލިއެވެ. ފަޓުލޫނުގެ ޒިބު ތިރިއަށް ދަމާލިއެވެ.

**********

“ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ؟ މިހާރު ކިތައްފަހަރު ގުޅައިފިން؟ ނޭނގޭތަ މިހާ ލަސްވީމަ އަހަރެން ހާސްވާނެކަމެއް..” ނިހާދު ގެއަށް އައިސް ވަތްތަނާ އޭނާގެ އަންހެނުން ނީނާ ހިތްހަމަނުޖެހިފައ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“ފޯނު ސައިލެންޓަށް ލެވިފަ އޮތީމަ ނޭނގުނީއޭ ގުޅިކަން..” ނިހާދު އެހެން ބުނަމުން ޖީބަށް އަތްލީ ފޯނު ނަގަންވެގެންނެވެ.

“ފޯނު!!؟” ހައިރާންވެފައި ނިހާދުއަށް ބުނެލެވުނީ އޭނާގެ ޖީބުގައި ފޯނު ނެތީމައެވެ.

“އަދި އާދެވުނުލެއް އަވަސްކަމުން އެ ބާއްވާފަ ދޯ ތިއައީ..”

“ނީނާ ކިހިނެއްތަ ތިއުޅެނީ މިހާރު؟ އަހަރެން ނީނާ ގާތު ބުނީމެއްނު އޮފީހުގެ އަހަރީ ދުވަހަށް ކޮންމެހެން ނިންމަންޖެހޭ ކަންތައްތަކެއް ނިންމަންޖެހޭތީއޭ ރޭގަނޑު އޮފީހަށް ދާން މިޖެހެނީ.. ކުރިންނެއް ނުޖެހެއެއްނު ރޭގަނޑު އޮފީހަށް ދާކަށް.. މިކަން ނިމުނީމަ އެ ނިމުނީއޭ އަނެއްކާވެސް.. އަހަރީ ދުވަސް އަންނާތީ ހަމަ މާ ބުރައީ މިދުވަސްކޮޅު.. ހުކުރު ދުވަހުގެ ރޭ މިކަން ނިމޭނެއެއްނު.. ތިންދުވަހަށް ކެތްކޮށްލަބަލަ ދޫނީ..” ނީނާގެ ކޮލުގައި ހިފާލަމުން ނިހާދު ވަރަށް ލޯބިން ބުނެލިއެވެ. ނީނާ ތުން އަނބުރާލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. ނީނާގެ ފަހަތުން ނިހާދުވެސް ކޮޓަރިއަށް ވަނެވެ.

“އަހަރެން އަންނަންދެން ނުނިދާ މަޑުކުރައްޗޭ ޕްލީޒް.. އަހަރެން ވަރަށް އަވަހަށް އަންނާނަން އޮފީހަށް ގޮސް ފޯނު ހިފައިގެން..” ނިހާދު އެހެން ބުނެލާފައި ނުކުތުމުން ނީނާ އަނެއްކާވެސް ތުން އަނބުރާލިއެވެ.

ނިހާދު ސައިކަލުގައި ދިޔައިރުވެސް އޭނާއަށް ވިސްނެމުންދިޔައީ އޭނާގެ ދިރިއުޅުމާއިމެދުއެވެ. ކައިވެންޏަށް ހަތަރު އަހަރު ވީއިރުވެސް އެމީހުންނަކަށް ދަރިއަކު ނުލިބުނެވެ. އޭނާވެސް ދަރިއަކު ބޭނުންވެއެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައި ނެތީ ކަންނޭނގެއެވެ. ޑޮކްޓަރަށް އެތައް ފަހަރަކު ދެއްކުމުންވެސް ބުނެފައިވަނީ މައްސަލަ ހުރީ އޭނާގެ ކަމުގައެވެ. ނަމަވެސް ނީނާގެ ޝަކުވާތައް ހައްތަހާ ދިޔައީ ގިނަވަމުންނެވެ. ނިހާދު ވަޒީފާގެ ބުރަކަމުގެ ބަހަނާގައި އޭނާގެ އިހުސާސްތަކަށް ޤަދަރުނުކޮށް ދަރިއަކު ހޯދަން ނޫޅެނީކަމަށް ބުނެއެވެ.

އޮފީހަށް ދެވުމާއެކު ލަސްނުކޮށް ނިހާދު ދިޔައީ އޭނާގެ ކެބިންއަށެވެ. އޮފީހުގެ އެހެން ހުރިހާ ދިމާލެއްވެސް އަނދިރިކޮށްލާފައިވާއިރު ޔޫޝައުގެ ކެބިން ދިއްލާފައި ހުރުމުން އަދިވެސް ޔޫޝައު ގެއަށް ނުދަނީތާއޭ އޭނާގެ ހިތަށްއެރިއެވެ. އޭނާ ގޮސް ފޯނު ނަގައިގެން ގެއަށް ދާން ހިނގައިގަނެފައިވެސް ޔޫޝައުގެ ކެބިން ބަލާލުމުގެ ޝައުޤުވެރިކަން އުފެދުނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ ގޮސް ޔޫޝައުގެ ކެބިންގެ ލޯގަނޑުން އެތެރެ ބަލާލިއިރު ފެނުނު މަންޒަރަކުން އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ޔޫޝައުގެ މޭޒު ބިއްދޮށުން އެ ބޯ ހިއްލާލީ ނާޒް ނޫން އެހެން މީހެއްނޫނެވެ. ޔޫޝައުގެ ގޮނޑީގެ ލެނގޭބައި އިނީ ދޮރާއި ފުރަގަސްވާ ގޮތަށްކަމުން އޭނާއަށް ޔޫޝައުގެ މޫނެއް ނުފެނެއެވެ. ނާޒްގެ މޫނުމަތި ފެނުމުން ނިހާދަށް އަނގައަށް ވައްތަރެއް ޖައްސާލެވުނެވެ. އިތުރަށް ބަލަން ބޭނުން ނުވާތީ އޭނާ ތެދުވަން އުޅުނު ވަގުތު ނާޒް ޔޫޝައުގެ ގޮނޑި މޭޒާއި ދިމާއަށް އަނބުރާލިއެވެ. ޔޫޝައުގެ ދެލޯ މެރިފައިވާތަން ފެނުމުން ނިހާދަށް ވީގޮތް ގާތްގަނޑަކަށް އެނގުނެވެ. ނަމަވެސް އޭނާ އެކަން ޔަޤީންކޮށްފައި ނޫނީ ގޮތެއް ނުނިންމާނެއެވެ. ކިތަންމެ ދުވަހަކު އެކުގައި އުޅުނުނަމަވެސް މީހެއްގެ ގޮތެއް ނޭނގޭނެއެވެ.

ޖެހިގެން އައި ދުވަހެވެ. ނާޒް އޮފީހަށް އައިއިރު އެހެން ދުވަސްދުވަހާ ތަފާތެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު އޭނާ ލައިގެން ހުރީ ގަޔަށް ބާރުކޮށް ހުރި ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެކެވެ. ލާފައި ހުރި ގަމީހުގެ ތުނިކަމުން ގައި އެނގެއެވެ. އޭނާ އޮފީސްތެރެއަށް ވަދެގެން ދިޔައިރު ގިނަ ފިރިހެނުންތައް ތިބީ ކަޅިޖަހާނުލާ އޭނާއަށް ބަލާށެވެ. ބައެއްމީހުންގެ މޫނަށް ބަލާލުމުންވެސް އެމީހުންނަށް އަސަރުކޮށްފިކަން އެނގެއެވެ. އަނެއްބަޔަކު ޖެހިގެން ހުރި މީހާ ގާތުގައި ސިއްރުން ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. އަދި ދެން ތިބި ބަޔަކު ނުރުހުންތެރިކަމާއެކު ދުރަށް މޫނު އަނބުރާލިއެވެ. ނާޒް އޭނާގެ ކެބިންއަށް ވަތްއިރު ޔޫޝައުއެއް ނާދެއެވެ. އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާ ގޮސް އޭނާއަށް ޚާއްސަ ކުރެވިފައިވާ ބަޔަށްވަދެ ގޮނޑީގައި އިށީނދެ ހަމަޖެހިލިތަނާ ޔޫޝައު ވަދެގެން އައެވެ. އޭރު ނާޒް އިނީ ދޮރާއި ފުރަގަސްވާ ގޮތަށްކަމުން އޭނާއަކަށް ޔޫޝައު އައިކަމެއް ނޭނގެއެވެ.

ޔޫޝައު ގޮނޑީގައި ހަމަޖެހިލަމުން ލެޕްޓޮޕް ދަބަސް ހުޅުވާލައި ލެޕްޓޮޕް ނަގައި މޭޒުމަތީ ބަހައްޓާލުމަށްފަހު ހުޅުވާލިއެވެ. ހަމަ އެވަގުތު މޭޒުމަތީ ހުރި ފޯނު ރިންގުވިއެވެ. އޭނާ ފޯނު ނެގުމާއެކު ނިހާދު އެދުނީ ކޮންޓްރޯލް ރޫމަށް ވަރަށް އަވަހަށް އައިސްދިނުމަށެވެ. ކިހިނެއްވީތޯ އެހުމުންވެސް ނިހާދު ބުނީ އަވަހަށް އައުމަށެވެ. އައުމުން ހުރިހާ ކަމެއްވެސް އެނގޭނެކަމަށެވެ. ނިހާދު ފޯނު ބޭއްވުމުން ހައިރާންވެފައިހުރެ ޔޫޝައު ކޮންޓްރޯލް ރޫމާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭނާ ކޮންޓްރޯލް ރޫމަށް ވަތްއިރު އެތާނގައި ހުރީ ނިހާދު އެކަންޏެވެ.

“ނިހާދު! ކިހިނެއްވީ؟ ހާދަ ހާސްވެފަ.. މާބޮޑު ކަމެއްވީތަ މިތަނަށް އަންނަން ބުނީ؟” އެއްވެސް އެއްޗެއް ނޭނގޭ ހާލު ޔޫޝައު އަހާލިއެވެ.

“ސަރއަކަށް ހަމަ ނޭނގޭތަ ރޭގަ އެއްވެސް ކަމެއް ހިނގިކަމެއް؟” ނިހާދު ބޭނުންވީ ޔަޤީންކުރާށެވެ.

“ކޮންތާކު؟ މިތާ؟ ރޭގަ ކޮންއިރަކު؟” ޔޫޝައު ހައިރާންކަމާއެކު ސުވާލުތަކެއް ކުރިއެވެ.

“ރޭގަ ބާރައިގެ ފަހުން..”

“ނޭނގެ.. އަހަރެންނަށް މަސައްކަތުގަ އިންދާ ނިދުނީ.. ހޭލެވުނުއިރު ތިނެއް ޖަހަނީ.. ދެން އަވަހަށް ދިޔައީ ގެއަށް.. އިތުރު ކަމެއް ވީކަމެއް ނޭނގެ..” ޔޫޝައު ބުނެލިއެވެ.

“މި ފުޓޭޖް ބަލާލަބަލަ.. އޭރުން އެނގޭނެ މިތާ ވަރަށް ބޮޑު ކަމެއް ހިނގިކަން.. އެވެސް ސަރއަށް..” ނިހާދު އެހެން ބުނެލުމުން ޔޫޝައު ހައިރާންވެފައި ނިހާދުއަށް ބަލާލިއެވެ. އެވަގުތު ނިހާދު ސްކްރީން ދައްކާލިއެވެ.

ފެންނަމުންދިޔަ މަންޒަރު ޔޫޝައުއަކަށް ޤަބޫލުކުރާކަށް ފަސޭހައެއްނުވިއެވެ. ނާޒްއަކީ ހާދަހާ ގޮތެއް ނެތް މީހެކެވެ. އޭނާގެ ގަޔަށް ބޮލަށް އަރަން އެ ކެރުނީ ހާދަހާ ގޮތެއް ނެތީމައެވެ. އެ ފާޑަށް އުޅޭ މީހެއްގެ ގަޔަށް އެރިނަމަވެސް މާ ތާހިރުވީހެވެ. ނާޒްއަށް އެތާނގައި ކެމެރާ ހުރިކަންވެސް ނޭނގެނީ ހެއްޔެވެ؟ އެނގޭނަމަ އެހެން އުޅެފާނެބާއެވެ. ޔޫޝައުގެ ހިތަށްއަރަމުން ދިޔައެވެ.

“ރޭގެ ބައި އެއްކޮށް ޑިލީޓް ކޮށްލާ!” ޔޫޝައު އެހެން ބުނެލުމާއެކު ނިހާދު ފުޓޭޖުން އެރޭ ރެކޯޑްވެފައިހުރި ބައި ޑިލީޓްކޮށްލިއެވެ.

“މިވާހަކަ އެއްވެސް މީހެއް ގާތު ނުބުނާތި!” އަމުރެއް ފަދައިން ޔޫޝައު ބުނެލިއެވެ.

“އަޅުގަނޑު ބުނާނެނަމަ ސަރ ގެނެސްގެން މި ދައްކަންވީ ކީއްކުރަންތޯ؟ އަޅުގަނޑު ބޭނުންނަމަ އެކަކަށް އެކައްޗެއްވެސް ނާންގާ މީތި ލީކްވެސް ކޮށްލެވުނީސް ނޫންތޯ؟ އެކަމަކު އަޅުގަނޑު އެހެން ހަދަން ބޭނުންނުވީ.. އަޅުގަނޑަށް ރޭގަ އޮފީހަށް އާދެވިގެން ފެނުނު މަންޒަރުތަކުން ޝައްކުވެގެން މިއަދު އައިސްފަ ފުޓޭޖް ބެލީ.. ބެލީމަ އެނގުނީ ނާޒް ސަރގެ ކޮފީއަށް ނިދާބޭސް އެޅިކަން.. އެކަމް ކުޑަކޮށް ހައިރާންވެފަ އަޅުގަނޑު މިހުރީ.. އެއީ ނާޒް އެހާ ގަދައަށް ޖެއްސިއިރު ސަރއަށް ހަމަ އެއްވެސް ގޮތެއް ނުވޭތޯ؟ މިދެންނެވީ ހަމަ އެއްވެސް ވަރަކަށް ފީލްނުވޭތޯއޭ ކަމެއްވާހެން..” ނިހާދު ހައިރާންވެފައި އަހާލިއެވެ. ޔޫޝައު ބޯޖަހާލިއެވެ.

“އެކަމަކު ހޭލެވުނުފަހުން އެނގުނު ކަމެއްވީކަން.. އެކަމް ނޭނގޭނެތާ މިކަހަލަ ކަމެއްކަމެއް..” ޔޫޝައު އެހެން ބުނެލުމުން ނިހާދު ހީލިއެވެ.

“ދެން އަޅާނުލާ.. އެކަންވެސް އެ ނިމުނީ..”

“ނޫން.. އަޅާނުލައެއް ނުހުންނާނަން.. މިފަހަރު އެ ނާޒްއަށް ހޭއަރުވާލާނަން..” ޔޫޝައު ހުރީ ވަރަށް ރުޅިއައިސްފައެވެ. ނިހާދުއަށް އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔޫޝައު ހަރު ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އޭރު ނާޒް އިނީ ފޯނެއްގައެވެ. ހަޅޭއްލަވައިގަތުމުގެ ބަދަލުގައި ޔޫޝައު ގޮސް ނާޒްގެ ކެބިން ކައިރީ މަޑުކޮށްލިއެވެ. ނާޒް ދައްކާ ވާހަކައެއް އަޑުއަހާލުމުގެ ބޭނުމުގައެވެ.

“ޒީއަށް އެނގޭތަ؟ ރޭގަ އަހަރެން އޮފީހަށް ވަނީއްސުރެ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ހެދިއްޖެ..” ޔޫޝައުއަކަށް އެކޮޅުން ދައްކާ ވާހަކައެއް އަޑެއް ނީވުނެއްކަމަކު ނާޒްގެ ވާހަކައިން އެކޮޅުން ދައްކަމުންދިޔަ ވާހަކަ ލަފާކޮށްލެވެއެވެ.

“އެއީ ރޭގަ ބޮސްގެ..” ނާޒް ބުނެލި ވާހަކައިން ޔޫޝައުގެ ދެއަތް މުށްކެވިގެން ދިޔައެވެ.

“އާނއެކޭ.. ކީއްވެތަ ދޮގު ހަދަންވީ؟ ބުނަންތަ؟ ސަޅިއޭ..” ނާޒް ހިނިގަނޑަކާއެކު ބުނެލީ ފަޚުރުވެރިކަމާއެކުގައެވެ.

“ޒީ ގާތު އަހަރެން ކުރިންވެސް ބުނިން ދޯ އަހަރެންނަށް ތި ލެކްޗަރ ނުދޭށޭ.. އަހަރެންނަކަށް މިކަމެއް ނުހުއްޓޭނެ.. އަހަރެންނަށް މިހެން ހެދީވެސް އެމީހުން.. އެހެންވީމަ އެއިން އެކަކުގެވެސް ދިރިއުޅުން ރަނގަޅު ގޮތަކަށް ދިޔަޔަކަ ނުދޭނަން..” ނާޒްގެ އަޑުގައިވަނީ ބަދަލު ހިފުމުގެ ރޫޙެވެ. ޔޫޝައު އެތެރެއަށް ވަންނަން އުޅެފައިވެސް އެނބުރި ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ. ދެން ކަންތައް ކުރާނެ ގޮތަކާއިމެދު ވިސްނާލިއެވެ. މޮޅު ޚިޔާލެއް އައުމާއެކު ޔޫޝައު ފޯނު ނަގައި ނާޒްއަށް ގުޅާލިއެވެ. މޭޒުމަތީގައި ހުރި ފޯނު ރިންގުވި އަޑަށް ނާޒް ދިޔައީ ސިއްސައިގެންނެވެ.

“ޒީ! އަހަރެން ފަހުން ގުޅާނަން..” ނާޒް އެހެން ބުނެލުމަށްފަހު އޭނާގެ ފޯނު ބާއްވާފައި މޭޒުމަތީ ހުރި ފޯނުގެ އަތްގަނޑު ހިއްލާލާ ކަންފަތުގައި ޖައްސާލިއެވެ.

“ކޮފީއެއް ހަދާލަދީބަލަ.. އަހަރެން އެބަ ދަން..” ޔޫޝައު އަންނަ ވާހަކަ ބުނުމުން ނާޒް ހައިރާންވިއެވެ. އޭނާއަށް ޔޫޝައުއާ ދިމާ ބަލާލެވުނުއިރު ޔޫޝައުވެސް އިނީ އޭނާއާ ދިމާ ބަލަން ހިނިތުންވެލައިގެންނެވެ. އޭނާ ބަލާލުމާއެކު އެއްލޯ މަރާލިއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވި ނަމަވެސް ހުރިހާ ކަމެއް އެ ހިނގަނީ އޭނާ ހޭލާ ހުއްޓާ އޭނާގެ ލޮލު ކުރިމަތީގައެވެ. ވީއިރު ދެކޮޅު ހެދޭނެ ޖާގައެއް ނެތެވެ. ނާޒް ހިނިތުންވެލަމުން ތުއި ގޮތަކަށް ކޮފީ ހަދަން ދިއުމުން ޔޫޝައު މޫނު ކުނިކޮށްލިއެވެ. ފޫހިވެފައި ހުރެ އޭނާ ގޮސް ނާޒްގެ ކެބިންއަށް ވަނެވެ.

ޔޫޝައު ގޮސް މަޑުކޮށްލީ ނާޒްގެ ފުރަގަހުން ފޫޓެއްހާ ހިސާބުގައެވެ. އޭނާ އެހެން ހުރިއިރު އޭނާގެ ހިތަށް އެއްފަހަރާ އެތައް އެއްޗެއް އަރަމުން ދިޔައެވެ. ނާޒްގެ ގޮތްކުޑަކަމާއި ލަދުކުޑަކަމަށް ހިތާހިތުން އެތިވަރު ގޮވަމުން ދިޔައިރު، ނާޒްގެ ގައިން ދުވަމުން ދިޔަ މީރު ވަހުންނާއި ލާފައިވާ ހެދުމުގެ ސަބަބުން އޭނާގެ ހިއްސުތަކަށް ވާންކުރަމުން ދިޔައެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރަމުން ދިޔައިރު ޝައިޠާނާ ދިޔައީ އޭނާގެ ސިކުނޑިއަށް ނުބައި ޚިޔާލުތައް ވެއްދުމަށް މަސައްކަތް ކުރަމުންނެވެ.

“އަދިވެސް ނުނިމޭތަ؟” ދާދި ގާތުން ޔޫޝައުގެ އަޑު އިވުމުން ނާޒް ސިހުނެވެ.

“ނޫން ސަރ.. މި ނިމުނީ..” ނާޒް އަވަސްއަވަހަށް ބުނެލިއެވެ.

“ސަރއެއް ނޫން.. ބޭބީ..” ޔޫޝައު އެހެން ބުނެލާފައި ކައިރިވެލުމުން ނާޒް ކުޑަކޮށް ހާސްވިއެވެ.

“ސަރ! ކޮފީ..” ޔޫޝައުގެ މޭގައި އަތްއަޅައި ދުރުކޮށްލަމުން ނާޒް ބުނެލިއެވެ.

“އިހަށް ކޮފީ ބަހައްޓަބަލަ.. މިވަގުތު މީ ނާޒްގެ ބޮސްއޭ ހީނުކުރޭ.. ހީކުރޭ މީ ނާޒްގެ ލޯބިވެރިޔާއޭ..” ޔޫޝައު އަނެއްކާވެސް ނާޒްގެ މޫނާއި ގާތްވެލުމުން ނާޒް ދުރަށް މޫނު އަނބުރާލިއެވެ.

“ސަރ.. ތީ ރަނގަޅު ގޮތެއްނޫން.. މީހަކަށް ފެނިދާނެ.. އޭރުން ކަމަކު ނުދާނެ.. ސަރ ތީ މީހެއްގެ ފިރިއެއް.. އަޅުގަނޑު މީ މީހެއްގެ އަނތްބެއް..” ނާޒް އެހެން ބުނެލުމުން ޔޫޝައުގެ އެތެރެހަށި އަނދައިގަތް ކަހަލައެވެ.

“ކީއްތަ ވާނީ؟ މީ ޕްރައިވެޓް އޮފީހެކޭ.. މިތަނުގަ އަހަރެން ބޭނުން ކަމެއް ކުރެވޭނެ.. އެކަކަށްވެސް ނޭނގޭނެ.. މިތާ ތިބޭއިރު އެކަކަށްވެސް ނުފެންނާނެ.. ހިނގާބަލަ..” ޔޫޝައު އެހެން ބުނެލުމުން ނާޒް ބޯޖަހާލަމުން އޭނާ ލައިގެން ހުރި ގަމީހުގެ މޭމަތިން ދެގޮށް ނައްޓާލިއެވެ.

“ކާކު ބުނީ އިތުރަށް އޮރިޔާންވާށޭ؟” ޔޫޝައުގެ އަޑު ކުއްލިއަކަށް ބާރުވުމުން ނާޒް ސިހިފައި ބަލާލިއެވެ. ޔޫޝައު ދުރަށް މޫނު އަނބުރާލީ ނާޒް ހުރިގޮތުން އިތުރަށް ނުބަލަންވެގެންނެވެ.

“ސަރއެއްނު ބުނީ ހިނގާށޭ..”

“ރައިޓް.. އަހަރެން ބުނިންތަ ވަކި ކަމެއް ކުރާ ވާހަކަ؟ ނުބުނަމެއްނު ދޯ.. ހީނުކުރައްޗޭ ތިކަހަލަ ރަންޑިއެއްގެ މަޅީގަ އަހަރެން ޖެހޭނެޔޭ.. މިތާ ކިތަންމެ ސިއްރުން ކަމެއް ކުރިޔަސް އެނގޭނެ..” ޔޫޝައު އެހެން ބުނެލުމުން ނާޒް އިސްޖަހާލިއެވެ.

“އަދިވެސް ތިހެން ތި ހުންނަނީ ކީއްވެފަތަ؟ ތި ހުރިގޮތަށް ނެރެ އޮފީސް އެންމެން އެއްކުރީމަތަ މައިތިރިވާނީ؟” ޔޫޝައު ހަޅޭއްލަވައިގަތުމުންވެސް ނާޒް ހަމަ ހުރިގޮތަށް ހުރީއެވެ.

“ނެރެންވީ ދޯ؟ މިހާރުވެސް މިތާ ހުރި ކެމެރާތަކަށް ހުންނާނީ ތިހުރިގޮތަށް އަރާފަ..” ޔޫޝައު އެހެން ބުނެލުމުން ނާޒް ސިހިފައި ޔޫޝައުއާ ދިމާ ބަލާލާފައި އަވަހަށް ގަމީހުގެ ގޮށް އަޅުވާލިއެވެ. ޔޫޝައު ނާޒްއާ ދިމާއަށް އެނބުރިލިއިރު ނާޒް ހުރިގޮތުން އޭނާ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

“ބިރުގަނެއްޖެ ދޯ؟ އެހެންވީމަ ދެންވެސް އެކަހަލަ ކަންކަން ނުކުރަންވީ.. ކަލޭ ހީކުރީތަ އަހަރެންނަށް އެއްވެސް ކަމެއް ނޭނގޭނެޔޭ.. ރޭގަ ކަލޭ އަހަރެންނަށް ހެދި ހުރިހާ ގޮތެއްވެސް އަހަރެންނަށް އެނގޭ.. އެވަގުތު އަހަރެންނަށް ނުހޭލެވުން އެއީ ކަލޭގެ ނަސީބު.. އެހެން ނޫންނަމަ މި މާލޭގެ މަގުމައްޗަށް ގިނަކޮށްލީމުސް.. އޭރުން ހުންނާނީ ހުވަފެން ހަޤީޤަތަކަށް ހެދިފަ..” ޔޫޝައު ރުޅިވެރިކަމާއެކު ބުނެލިއެވެ.

“އޭރުން ހާދަ ސަޅިވާނެޔޭ ދޯ؟ ވަގުތުން ސޯޝަލް މީޑިއާގަ ފޮޓޯތަކާ ވީޑިއޯތައް ވައިރަލްވެގެން ދާނެ.. އޭރުން އެއްބުރުން މަޝްހޫރުވީ.. އޭރުން ޚިދުމަތް ހޯދަން ދާ ކަސްޓަމަރުންގެ އަދަދުވެސް ހާހުން މައްޗަށް އަރާނެ.. އޭރުން މި އޮންނާނީ ބޭނުން ވަރަކަށް ލިބެން..” އަތުން ފައިސާ ދޭހަކޮށްދޭ އިޝާރާތެއް ކޮށްލަމުން ޔޫޝައު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“އޭތް.. ރެޔަކަށް ކިހާވަރެއް؟” ޔޫޝައު އެހެން ބުނެލުމާއެކު ނާޒް ޔޫޝައުގެ މޫނާއި ދިމާއަށް އަތް މަޅައިގަތެވެ. ނަމަވެސް ޔޫޝައު ހުޝިޔާރުކަމާއެކު ނާޒްގެ އަތުގައި ހިފެހެއްޓިއެވެ.

“ހޯހޯ.. ގޯސް ހަދަން ނޫޅޭ.. ތިމާގެ އަތުން ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުނީމަ އެހެން މީހުންނަށް ކޮންވަރެއް ބާލާކަށް؟ ތިހިރީ ވަޒީފާއިން ވަކިކޮށްފަ.. މިހާރު ހުންނާނީ އަހަރެންގެ ފަރާތުން އުފާ ހޯދިފަ.. ނުކުމޭ މިތަނުން!” ޔޫޝައު ހަރުކަށިކަމާއެކު އަމުރުކުރިއެވެ. ނާޒް ފާޑަކަށް އަނގަ ރޮވިފައި ހުރެ އޭނާގެ އަތްދަބަހާއި ފޯނު ހިފައިގެން ބާރު ހިނގުމެއްގައި ގޮސް ކެބިންއިން ނުކުތެވެ. އޭނާގެ ޔޫޝައުގެ ކެބިންއިން ނުކުމެވުނީ ނިހާދުގެ ކުރިމައްޗަށެވެ. ނިހާދުއަށް ނާޒް ހުރިގޮތް ފެނުމާއެކު ވީގޮތް އެނގި އިޚްތިޔާރަކާއިނުލާ ހެވުނެވެ.

“ކީއްވެ މޮޔައެއްހެން ފާޑަކަށް ތިހެނީ؟ އީޑިއަޓް..” ނިހާދުއާ ދިމާއަށް ހަޅޭއްލަވައިގަތުމަށްފަހު ނާޒް ދިއުމުން ނިހާދު ދެފަރާތަށް ބޯހޫރާލިއެވެ.

“ކަލޯ ކިހިނެއްތަ އެމަންޖެއަށް އެވީ؟” ނިހާދުއާ އެއް ޑިޕާޓްމެންޓެއްގައި މަސައްކަތްކުރާ ނަވާލް އަހާލިއެވެ.

“ރަނގަޅަށްވިއްޔާ ބޮސް އޭނައަށް ފޮޅާލީކަމަށް ވާނީ.. އެހެންނޭ ވާނީ.. އެހެރީވިއްޔަ ލައިގެން އައި ހެދުން.. އޭނަ ހިތުން ދެން އެންމެން އުޅޭނީ އެކަމާ އަސަރުކޮށްގެން އޭނަ ފަހަތުން.. އެކަހަލަ ސަތޭކަ އަންހެނުން ފެނުނަސް އަހަރެމެން ކަހާތަން ހިރުވާވެސްނުލާނެ..” ނިހާދު ވަރަށް ގަދަވެލާފައި ބުނެލިއެވެ.

“ތެދެއް ތިބުނީ.. އެކަހަލަ ގޮތެއްނެތް އަންހެނަކު ފެނިގެން އަހަރެމެން ހިތަށް ނާރާނެ އެއީ ހުވަނދެކޭވެސް..” ނަވާލްވެސް ނިހާދުއާ އެއްބައިވިއެވެ.

“އޭތް.. އަހަރެން އައިއިރު އެއްކަލަ ނާޒް އެބަދޭ ގެއަށް.. ފާޑަކަށް ރޮވިފަ ހުރީ..” ބޭރުން އައިސް ޖެހިގެން ހުރި ކޮށިގަނޑަށް ވަތް ނަތާޝާ ބުނެލިއެވެ.

“ތީ އަހަރެމެންނަށް އާ ޚަބަރެއް ނޫން ދޯ ނަވާލް..” ނިހާދުގެ ވާހަކައަށް ނަވާލް ބޯޖަހާލިއެވެ.

“ރޮވިފައޭ!! އޭނައަށް ރޯންވެސް އެނގޭތަ؟” މަލާމާތުގެ ރާގަކަށް ނަވާލް ބުނެލިއެވެ.

“އެއްކަލަ ނަވާ.. މި ފިރިހެނާ ދުވަހަކު ސީރިއަސްއެއް ނުވާނެ..” ނަތާޝާ ދެފަރާތަށް ބޯ ހަލުވާލަމުން ބުނެލިއެވެ.

“އަހަރެންނަށް ހީވަނީ ރީތި ބޮނޑިއެއް ބޮއިގެން ކަންނޭނގެ އެ ދިޔައީ..” ނިހާދު ބުނެލިއެވެ.

“ތިބުނީ ކީކޭ؟” ނަތާޝާއަކަށް އޮޅުމެއް ނުފިލިއެވެ.

“އަދި ވިސްނޭނެ މިބުނި އެއްޗެއް..” ނިހާދު އެހެން ބުނެލަމުން އޭނާގެ މަސައްކަތަށް ރުޖޫޢަވިއެވެ.

**********

އައިކާ އެނދުގައި އޮށޯވެލައިގެން އޮތްއިރު އޭނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ޔޫޝައުއަށް އަދިވެސް ހަޤީޤަތް ނޭނގެނީ ހެއްޔެވެ؟ ނޫނީ ޔޫޝައު ހަމަ ހަޤީޤަތުގައިވެސް އޭނާ މަތިން ފޫހިވީ ހެއްްޔެވެ؟ ހަށީގައި ފުރާނަ ހުރިހާ ދުވަހަކު ވަކިނުވާނަމޭ ބުނެ ވީހާ ވަޢުދުތަކުގައި އެއްވެސް އަގެއް ނެތީ ހެއްޔެވެ؟ ޔޫޝައު އަހަރެންދެކެ ލޯބި ނުވަނީ ހެއްޔެވެ؟ އަހަރެންނަށް މިނޫން ގޮތެއް ނެތީ ހެއްޔެވެ؟ ޔޫޝައުއަށް ނަފުރަތުކުރަން އުޅެ އެކަމެއްވެސް ނުވިއެވެ. ޔޫޝައު އެގޮތަށް ކަންތައް ކުރުމަށްފަހުވެސް އަހަރެންގެ ހިތުގައި އޭނާއަށްޓަކައި އުފެދުނު ލޯތްބަށް އެއްވެސް ބަދަލެއް ނައީ ކީއްވެ ހެއްޔެވެ؟ އައިކާގެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު ދޮރު ހުޅުވާލި އަޑު އިވުމުން އޭނާ އަވަސްއަވަހަށް ދެލޯ ފޮހެލަމުން ތެދުވެ އެނދުގެ ފަޑީގައި ލެނގިލިއެވެ.

“ދަރިފުޅާ! މިއަދު ކާންވެސް ނުނިކުންނަނީތަ؟ ބައްޕަ މިއައީ ދަރިފުޅު ކާން ނުނިކުންނަ ވާހަކަ މަންމަ ބުނީމަ ދަރިފުޅު ބަލާ.. ހިނގާ ކާން..” އައިކާގެ މަގަތުގައި އިށީނދެ އައިކާގެ ބޮލުގައި ފިރުމާލަމުން ނާޒިމް އޯގާތެރިކަމާއެކު ބުނެލިއެވެ.

“ކާހިތެއް ނެތް..”

“ދަރިފުޅާ! ތިހެން އުޅޭކަށް ނުވާނެ.. މިއަދު ހޭލީއްސުރެ އެއްވެސް އެއްޗެއް ނުކަޔޯ މަންމަ ބުނީ.. ދެން ބޮޑާނުހާކާ ހިނގާ ދާން..” ނާޒިމް އައިކާގެ އަތުގައި ހިފައިގެން ތެދުވަން އުޅުނެވެ. އައިކާ ހަމަ އިންތަނުން ގުޑިވެސްނުލިއެވެ. އެހެންކަމުން ނާޒިމް އަނެއްކާވެސް އައިކާގެ ގާތުގައި އިށީނެވެ.

“ދަރިފުޅާ!”

“ބައްޕާ! އަހަރެންނާ ދޭތެރޭ ނުވިސްނާ.. އަހަރެންނަކީ އެހާވަރުގެ މީހެއްނޫން.. އަހަރެންނާހެދި އެންމެނަށްވެސް ވަނީ އުނދަގޫ.. ލިބެނީ ދެރަ.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އެއްވެސް މީހަކަށް އެއްވެސް އުނދަގުލެއް ވާކަށް.. އަދި ދެރައެއް ލިބޭކަށްވެސް.. އެހެންވީމަ އަހަރެން މިހެން އޮވެ މަރުވިޔަދީ.. އޭރުން އެކަންވެސް އެ ނިމުނީނު..” އައިކާ އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.

“ތިކަހަލަ ވާހަކަ ނުދައްކާ ދަރިފުޅާ.. ކުފުރުވެދާނެ.. ދުނިޔޭގަ އުޅޭއިރު މިކަހަލަ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހޭނެ.. ކަމެއް ދިމާވާ ކޮންމެ ފަހަރަކު ތިހެން ނުކައި ނުބޮއި އުޅޭކަށް ނުވާނެ..” ނާޒިމް ބެލީ އައިކާއަށް ވިސްނައިދެވޭތޯއެވެ.

“އަހަރެންނަކީ އެއްވެސް މީހަކަށް މުހިންމު މީހެއްނޫން.. އެހެންވީމަ އަހަރެންނަށް ގޮތެއްވެގެން ދެރަވާނެ މީހަކު ނުހުންނާނެ..” އައިކާ އަދިވެސް އިނީ އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާ އެހެން އިންދާ އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.

“ތިހެން ނުބުނޭ ދަރިފުޅާ.. އެކަކަށް މުހިންމު ނުވިޔަސް ބައްޕައާ މަންމައަށް ދަރިފުޅު ވަރަށް މުހިންމު.. ބައްޕަމެންގެ ހުރިހާވެސް އުއްމީދަކީ ތީ.. އެހެންވީއިރު ދަރިފުޅަށް ދެރަގޮތެއް ވެއްޖެއްޔާ ބައްޕަމެން ކިހާ ދެރަވާނެ..”

“މަންމަ ނުވާނެ ދެރައެއް.. މަންމައަށް އަހަރެންނަށްވުރެ މާ މުހިންމު މީހުން މިހާރު އެބަތިބި.. ބައްޕަ ދޭ.. އަހަރެން ނުކާނަން..” އައިކާ އެހެން ބުނެލުމުން ދޮރު ކައިރީ އެ ދެބަފައިންގެ ވާހަކަ އަޑުއަހަން ހުރި ސަނާ ވަރަށް ދެރަވިއެވެ. އޭނާ އައިކާއަށް ރުޅި މޫނު ދައްކައިގެން އުޅުނީ އައިކާދެކެ ލޯބިނުވާތީއެއް ނޫނެވެ. އޭނާ އެގޮތަށް ކަންތައް ކުރީ އައިކާއަށް އެއްޗެއް ވިސްނޭތޯއެވެ. ނަމަވެސް އައިކާ ވިސްނިގޮތް އެނގުމުން އޭނާ ވަރަށް ހިތުގައި ޖެހުނެވެ. އޭނާ އިތުރަށް އެތާ މަޑުނުކޮށް ބަދިގެއަށް ދިޔައީ އުނދުން މައްޗަށް އެއްޗެއް އުދާފައި އުޅޭތީއެވެ.

“ދަރިފުޅު ކާން ބޭރަށް ނުނިކުންނަންޏާ ބައްޕަ މި އަންނަނީ ކާނެ އެއްޗެއް ހިފައިގެން..” ނާޒިމް އެހެން ބުނެފައި ހިނގައިގަތުމުން އައިކާ އޭނާ ހުއްޓުވިއެވެ.

“ދަރިފުޅު މިހާރު ވަރަށް ވިސްނަންވާނެ.. މިހާރު ދަރިފުޅު ކުރާ ކޮންމެ ކަމެއްގެ އަސަރު ބަނޑުގައި ތިއޮތް ދެކުދިންނަށް ކުރާނެ.. ބައްޕަ އެބަ އަންނަން..”

“ނޫން ބައްޕާ.. ބައްޕަ ތި ބުރަ އުފުލާނެކަމެއް ނެތް.. އަހަރެމެންނަށް ރަނގަޅު މޮޅުގޮތް ހޯދައިދޭން ބައްޕަ ވާވަރަށް ބުރަ އުފުލައިފި.. އަހަރެން މިދަނީ.. ބައްޕަ ދޭ..” އައިކާ އެހެން ބުނެލުމުން ނާޒިމް ހީލަމުން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.
ނާޒިމް ދިއުމުން އައިކާ ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ބަދިގެއަށް ދިޔައީ އޭނާ ނުގޮސްފިނަމަ ނާޒިމް އަނެއްކާވެސް އަންނާނެކަން އެނގޭތީއެވެ. ބަދިގެ ދޮރާއި ހިސާބުން އައިކާއަށް ހުއްޓެވުނީ ސަނާއާއި ނާޒިމް ވާހަކަ ދައްކާއަޑު އިވުމުންނެވެ.

“އަހަރެން ހިއެއް ނުކުރަން އައިކާ އަހަރެމެންނާ ދޭތެރޭ އެހާ ގޯސްކޮށް ވިސްނާ ކަމަކަށް.. އަހަރެން އޭނަދެކެ ލޯބިވާވަރު ދެނެވޮޑިގެންވާނީ މާތް ﷲ.. އައިކާގެ އުފަލަށް އަހަރެމެން ނުކުރަނީ ކީއް؟ ނުކައި ތިބެވެސް އައިކާގެ ދުލުން ބުނިއްޔާ ބުނިކަމެއް ކޮށްދީގެން އުޅުނީ.. އެކަމަކު މިއަދު އަހަރެމެންނަށް އޭނަ މުހިންމެއް ނޫނޭ ބުނިއިރު އެކައްޗެކޭވެސް ހިތަކަށް ނޭރި.. އަހަރެން އޭނައާ ދިމާއަށް ބާރަށް އެއްޗެކޭވެސް ބުނަނީ ރީތިކޮށް ބުނީމަ އޭނައަށް ނުވިސްނޭތީ.. އޭނަވެސް އެހެން މީހުންނާ ދިމާއަށް ހިތަށް އައިހާ އެއްޗެއް ކީމަ އެހެން މީހުންވެސް ދެރަވާނެކަން އިހުސާސްކޮށްދޭންވެގެން.. އެކަމަކު އޭނަ ހިތުގަ ޖެހޭނެ ކަހަލަ ހަޑިހުތުރު އެއްޗިއްސެއް ނުކިޔަން.. އަހަރެންނަށް އެނގޭ އޭނަ އެހާ ރުޅިއެއް އެ އަންނަނީ ކީއްވެގެންކަން.. މާޒްގެ ވާހަކަ ދައްކާތީ.. ހެޔޮ ކިތަންމެ ރުޅިއަޔަސް.. އަހަރެން މާޒްގެ ވާހަކަ ދައްކާނަން..” ދެރަވެފައި އިނދެ ސަނާ ވާހަކަދެއްކިއެވެ.

“އެކަމާ އެހާބޮޑަށް އަޅާނުލާ.. މިދުވަސްކޮޅު މާބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވޭތީ މާބޮޑަށް ވިސްނެނީ.. އެހެންވެ ބޯގޮވާތީ މާ އަވަހަށް އެ ރުޅިއާދެވި ގޯސް ގޮތްގޮތަށް ވިސްނެނީ..” ނާޒިމް ސަނާއަށް ވިސްނައިދިނެވެ.

“ނާޒިމް ދޭބަލަ އަނެއްކާވެސް ގޮވާލަން.. މިހާރު ކިހާއިރެއް ވެއްޖެ..” ނާޒިމްގެ ވާހަކައަށް އެއްވެސް ޖަވާބެއް ނުދީ ސަނާ ބުނެލިއެވެ.

“އާނ.. މި އަންނަނީ ބަލާލާފަ..” ނާޒިމް ދާން ތެދުވިތަނާ އައިކާ ބަދިގެއަށް ވަނެވެ.

“މަންމާ! އަހަރެންނަށް މާފްކުރޭ.. އަހަރެންނަށް ނުވިސްނުނީ.. އަހަރެންނަށް އެހެން ބުނެވުނީ ހިތުގަ އެއްވެސް އެއްޗެއް އޮވެގެނެއް ނޫން..” ސަނާގެ ގައިގައި ކުޑަކޮށް ބައްދާލަމުން އައިކާ ބުނެލިއެވެ.

“ދެން އަވަހަށް އިށީނދޭ..” ސަނާ ހިނިތުންވެލަމުން ބުނެލިއެވެ.

***********

މާޒްއާ ޒިޔާން ތިބީ ޒިޔާންގެ ގޭ ގޯތިތެރޭ ހުރި އަނބު ގަސްދޮށުގައި ހުރި ޖޯލިފަތީގައެވެ. ދެމީހުން އެކި ވާހަކަތައް ދައްކަމުން ގޮސް ޒިޔާން މާޒްގެ ބައިވެރިއަކު ހޮވައިފިންތޯ ސުވާލުކުރިއެވެ.

“އަހަރެން ތިކަމާ އެބަ ވިސްނަމޭ..”

“ހަމައެކަނި ވިސްނިޔަކަސް ކަމަކު ނުދާނެ.. ނިކަން ކެރިގެން ކުރިމަތިލާބަލަ.. ކުރިން އައިކާއާ ކުރިމަތިލީހެން ކެރިގެން ކުރިމަތިލާބަލަ..” ޒިޔާން މާޒްގެ ފައިމަތީ ޖަހާލަމުން ބުނެލިއެވެ.

“ކީއްވެތަ އެހާވަރަކުން އަހަރެން މީހަކާ ނީނދެގެން ތިއުޅެނީ؟” މާޒް އަހާލިއެވެ.

“ތިހެން އުމުރު ބޭކާރުކޮށްލާތީ..”

“އަދި ނުވެއެއްނު މީހަކާ ނީނދެވިގެން ތެޅިފޮޅިގަނެގެން އުޅޭކަށް..” މާޒް ބުނެލިއެވެ.

“ދެން އެހެންވިއްޔާ ހަންޓޯޓޯވެގެން ގޮސް އަދުތޯ މާދަންތޯ ވީމަތަ މީހަކާ އިންނަން ތިހުންނަނީ؟” ޒިޔާން އަނގައަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. މާޒް ހަމައެކަނި ހީލުމަކުން ފުއްދާލީއެވެ.

“އަހަރެން ކިހާ ރަނގަޅު ކުއްޖެއް މާޒްއަށް ދެއްކީ.. އެކަމް ތިހިރަ ކޮށި ސިކުނޑިއަކުން ވިސްނާ ގޮތުން އަހަރެން ހަމަ ހައިރާންވޭ..” ޒިޔާން ބުނެލިއެވެ.

“ތިހެން ބުނީމަ މި ހަނދާންވީ.. ކުރިން ދުވަހު ނަޝްވާ ގުޅި..” މާޒް ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.

“ކީކޭ ބުނީ؟”

“އޭނަ އަހަރެންދެކެ ލޯބިވާ ވާހަކަ ބުނީ..” ކުޑަކޮށް ޖެހިލުންވެފައި މާޒް ބުންޏެވެ.

“ނާ ހަމަ ތެދެއްތަ؟” މާޒް ބޯޖަހާލިއެވެ.

“މަރުޙަބާ މަރުޙަބާ.. އަވަހަށް ތިކަން ނިންމަން އުޅޭ.. މާޒްގެ ނަސީބުވެސް ރަނގަޅީ..” ޒިޔާން ބުނެލިއެވެ.

“އެކަމަކު އަހަރެން ބޭނުމެއްނޫނޭ އޭނަޔާ ދޭތެރޭ އެކަހަލަ ގޮތަކަށް ވިސްނާކަށްވެސް..”

“ކޮބައިތަ މައްސަލައަކީ؟ މާޒް! އަހަރެން ބުނަންތަ ވާހަކައެއް.. ތިމާދެކެ ލޯބިވާ މީހަކު ލިބޭނީ ވަރަށް ނަސީބު ރަނގަޅު މީހަކަށް.. ވިސްނަބަލަ.. މާޒް އައިކާދެކެ ވަރަށް ލޯބިވެއެއްނު.. އެކަމް އައިކާ ލޯތްބެއް ނުވޭ ދޯ މާޒް ދެކެއެއް.. އެހެންވީމަ މާޒް އައިކާއާ ގުޅުނުނަމަ މާޒްއަށް ރަނގަޅު ދިރިއުޅުމެއް ލިބޭނެތަ؟ އައިކާގެ އެއްވެސް އަޅާލުމެއް ނުލިބޭނެ ދޯ އޭނަ މާޒްދެކެ ލޯބިނުވަންޏާ.. އެކަމަކު މާޒްދެކެ ލޯބިވާ މީހަކާ ގުޅިއްޖެއްޔާ މާޒްއަށް ގޯސްކޮށް ކަންތައް ކުރެވުނަސް އޭނަ ކަންތައް ކުރާލެއް އާއްމުކޮށް ރަނގަޅުވާނެ.. އޭނަގެ ރަނގަޅު ކަންކަން ފާހަގަކުރެވި މާޒްގެ ހިތް އޭނަގެ މައްޗަށް ލެނބެން ފަށާނެ.. އެއީ އަންހެނުންނަށްވުރެ ފިރިހެނުންގެ ހިތް ބަދަލުވާލެއް އަވަސްވާނެ..” ޒިޔާން ވަރަށް ދަންނަ މީހަކު ފަދައިން ކިޔައިދިނެވެ. ޒިޔާންގެ ވާހަކަތަކަށް މާޒް ބޯޖަހާލިއެވެ.

“ދެން މިވަގުތު އަހަރެން ގޮސްލަނީއޭ.. އަދި ފަހުން އަންނާނަން..” މާޒް އެހެން ބުނެލުމުން ޒިޔާންވެސް އެންމެ ރަނގަޅޭ ބުނެލިއެވެ.

**********

ދުވަސްތައް ފާއިތުވަމުން ގޮސް އައިކާގެ ބަނޑަށް ދުވަސް ފުރިއްޖެއެވެ. ނާޒިމްއާއި ސަނާ އައިކާ ގޮވައިގެން މާލެ ދިޔައީ އައުފްއާއި އިޝިކާ ބުސްރާއާ ހަވާލުކޮށްފައެވެ. ސްކޫލް ބަންދު ދުވަސްވަރެއް ނޫންވީމައެވެ.

“ދަރިފުޅާ! ޔޫޝައުއަށް އަންގާލަން ވާނެއެއްނު..” ސަނާ އައިކާގެ ގާތުގައި އިށީނދެލަމުން ބުނެލިއެވެ.

“ކީއްކުރަން؟ އޭނަ އަހަރެންގެ ހާލުވެސް ބަލާލިތަ؟ އަހަރެންދެކެ ރުޅިއަޔަސް މި ދެކުދިންނާ ދޭތެރޭ ވިސްނާލިނަމަ އެންމެ ފަހަރަކު ނަމަވެސް ގުޅާލާ ހާލު ބަލާލީހެއްނު.. އެވަރުވެސް ނުކުރީމަ އޭގެ މާނައަކީ އޭނަ މިދަރިންނެއްވެސް ބޭނުމެއްނުވެޔޭ..” އައިކާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ދެން ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން..” ސަނާ އެހެން ބުނެލުމުން އައިކާވެސް ތެދުވިއެވެ.

********

“ލަމް! އަވަސްކޮށްބަލަ.. މިހާރު ކޮންއިރެއް މި ނިމެނީއޭ ކިޔާތާ.. ތިހެން އުޅެގެން މިއަދު ޑޮކްޓަރަށް ނުދެއްކި ނިމޭނީ..” ލަމްހާ ލަސްވެގެން ޔޫޝައު ގޮވާލިއެވެ.

“މި ނިމުނީ.. ހިނގާ ދާން..” ކޮޓަރިން ނުކުންނަމުން ލަމްހާ ބުންޏެވެ.

ލަމްހާގެ އަތުގައި ހިފައިގެން ހޮސްޕިޓަލަށް ވަދެގެން ދިޔައިރު އޭނާއަށް އައިކާ ފެނުނުހެން ހީވިއެވެ. ނަމަވެސް އައިކާ ވިހަން މާލެ އައިސްފިނަމަ އޭނާއަށް އަންގާނެކަމުގައި އޭނާ ޔަޤީންކުރިއެވެ.

އޮޕަރޭޝަން ތިއޭޓަރގެ ދޮރުމަތީގައި ނާޒިމްއާއި ސަނާ ކަންބޮޑުވެފައި ވަގުތުތައް ގުނާލަ ގުނާލާ ތިއްބެވެ.

“ނާޒިމް! އަހަރެން ވަރަށް ބޮޑަށް ފާޚާނާއަށް ދާންވެއްޖެ.. ހިނގާބަލަ..” ސަނާ އެހެން ބުނެލުމުން ނާޒިމް ވަރަށް ކަންބޮޑުވިއެވެ. އޭނާ ސަނާ ގޮވައިގެން ދާތަނުން އައިކާގެ އެހީތެރިއަކަށް ގޮވައިފާނެތީއެވެ. ނަމަވެސް އޭނާ ސަނާ ގޮވައިގެން ފާޚާނާއާ ދިމާއަށް ދިޔައެވެ.

ޔޫޝައު ލަމްހާ ޑޮކްޓަރަށް ދެއްކުމަށްފަހު ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. އޮޕަރޭޝަން ތިއޭޓަރ ހުންނަ ކުޑަ ގޯޅިގަނޑު ހުރަސްކޮށްލި ވަގުތު އޭނާއަށް ހުއްޓެވުނީ އިވުނު އަޑެއްގެ ސަބަބުންނެވެ.

“ޢައިޝަތު އައިކާ ނާޒިމްގެ އެހީތެރިއަކު..” ނަރުސްކުއްޖާ ތަކުރާރުކޮށްލިއެވެ. ލަމްހާއަށްވެސްވީ ހަމަ ޔޫޝައުއަށް ވީވަރެވެ. ދެމީހުންނަށް ދެމީހުންގެ މޫނަށް ބަލާލެވުމާއެކު ޔޫޝައު އޮޕަރޭޝަން ތިއޭޓަރާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން ލަމްހާވެސް ހިނގައިގަތެވެ.

 

“އައިކާގެ އެހީތެރިއަކަށް..” ނަރުސް ކުއްޖާގެ ކައިރިއަށް ހުއްޓިލަމުން ޔޫޝައު ބުނެލިއެވެ.

“މިބޭސް ގެނެސްދެއްވާ..” ނަރުސްކުއްޖާ އެހެން ބުނެލުމުން ޔޫޝައު ބޭސް ސިޓީ ހިފައިގެން ބޭސް ނަގަން ދިއުމަށް އަވަސްވެގަތެވެ.

“ލަމް މިތާ މަޑުކުރޭ.. އަހަރެން އަންނާނަން..” ޔޫޝައު އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތް ވަގުތު ހުއްޓުން އެރީ އެދިމާއަށް އަންނަ ނާޒިމްއާއި ސަނާ ފެނިފައެވެ.

“ބައްޕާ! މަންމާ!” ޔޫޝައު މަޑުމަޑުން ގޮވާލިއެވެ.

“ދަރިފުޅަށް ކިހިނެއް މިތަނަށް އަންނަން އެނގުނީ؟” ނާޒިމް އަހާލިއެވެ.

“އަޅުގަނޑު އައީ ލަމްހާ ޑޮކްޓަރަށް ދައްކަން.. ނިމިގެން ދަނިކޮށް އައިކާގެ އެހީތެރިއަކަށް ގޮވި އަޑު އިވިގެން މި އާދެވުނީ.. ކީއްވެތޯ އަޅުގަނޑަށް އަންގާނުލީ؟” ޔޫޝައުއަށް ޝަކުވާ ކޮށްލެވުނެވެ.

“މީ އައިކާ ބޭނުންވި ގޮތް..” ޖަވާބުދިނީ ސަނާއެވެ.

“އަޅުގަނޑަށް ކަންތައް ކުރެވުނު ގޮތާއިމެދު އަޅުގަނޑު ލަދުވެތިވަން.. އަޅުގަނޑަށް މާފްކުރައްވާ..” ޔޫޝައު މާފަށް އެދުނެވެ.

“އެފަދަ މަންޒަރެއް ފެނުމުން ކޮންމެ މީހަކަށްވެސް ފުން އަސަރުތަކެއް ކުރާނެ.. ރުޅިވެސް އާދެވޭނެ.. އެކަމަކުވެސް ދަރިފުޅަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. އެކަމަކު ދަރިފުޅުގެ ކުށް ޤަބޫލުކޮށް މާފަށް އެދުނީތީ ބައްޕަމެން ދަރިފުޅަށް ހެޔޮހިތުން މާފްކޮށްފިން..” ނާޒިމް ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“ތީ ކޮން ބޭސް ސިޓީއެއް؟” ސަނާ އަހާލިއެވެ.

“އާނ.. މީ އައިކާއަށް ނަގަން ދިން ބޭހެއް.. އަޅުގަނޑު ވަރަށް އަވަހަށް އެބަ އަންނަން..” ޔޫޝައު އެހެން ބުނެލާފައި އަވަސްއަވަހަށް ދިޔައެވެ. ޔޫޝައު ދިއުމުން ސަނާއާއި ނާޒިމް ގޮސް އިށީނީ ގޮނޑިބަރީގައި އިށީނދެގެން އިން ލަމްހާ ގާތުގައެވެ.

“ލަމްހާ! ކިހިނެއް އެކޮއިގެ ހާލު؟” ސަނާ އަހާލިއެވެ.

“އިރާދަކުރެއްވީތީ އަޅުގަނޑުގެ ހާލު ވަރަށް ރަނގަޅު.. ދައްތައާ ބޭބެގެ ހާލު ކިހިނެއްތޯ؟” ލަމްހާ އަހާލިއެވެ.

“އަލްޙަމްދު ލިﷲ.. ވަރަށް ރަނގަޅު..”

“މިހާރު ކިތައް މަސް؟” ސަނާ އަހާލިއެވެ.

“މިހާރު ފަސްމަސް..” ލަމްހާ ހީލަމުން ބުންޏެވެ.

ޔޫޝައުއަށް ބޭސް ނަގައިގެން އާދެވުނީ ނަރުސް ކުއްޖާ ނުކުތްތަނާއެވެ. ނަރުސް ކުއްޖާއާއި ބޭސްކޮތަޅު ހަވާލުކޮށްފައި ޔޫޝައު އައިސް ނާޒިމް ގާތުގައި އިށީނދެލިއެވެ. އިރުކޮޅެއްނުވެ އަނެއްކާވެސް ނަރުސް ކުއްޖާ ނުކުތެވެ.

“ކޮބާ ލޭ ހަދިޔާ ކުރާނެ ފަރާތެއް ހޯއްދެވިއްޖެތޯ؟” ނަރުސް ކުއްޖާ ނާޒިމް ގާތު އަހާލިއެވެ.

“އާދެ.. އަޅުގަނޑުގެ ހުންނަނީ އޯ ޕޮޒިޓިވް ލޭ..” ނާޒިމް އެހެން ބުނެލުމުން ނަރުސް ކުއްޖާ އެދުނީ އޭނާއާއެކު އައުމަށެވެ. ނާޒިމް ދިއުމުން ޔޫޝައުއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

**********

“އިކާ އޮޕަރޭޝަނަށް ވައްދައިފި..” ލީން މާޒް ގާތު ބުނެލިއެވެ.

“އެހެންތަ؟ ކޮންކަހަލަ ކުއްޖެއްބާ ލިބޭނީ؟” މާޒްއަށް ބުނެވުނެވެ.

“އިކާ ބުނި ޓުވިންސްއެކޭ.. ދެވައްތަރު ދެކުދިންނޯ..” ލީން އޭނާއަށް އެނގޭވަރަށް ބުނެދިނެވެ.

“ޔޫޝައު ހާދަ ނަސީބު ރަނގަޅޭ ދޯ..”

“ކޮބާ ނަސީބު ރަނގަޅުވެފަ.. އަހަރެންނަކަށް ހިއެއްނުވޭ އިކާ ދެން އޭނައާ ގުޅޭނެހެނެއް..” ލީން ބުނެލިއެވެ.

“ކީއްވެ ތިހެން ތިބުނީ؟” މާޒް ހައިރާންވެފައި އަހާލިއެވެ.

“އެއީ އޭނަ އަބަދުވެސް ބުނާނެ އޭނާގެ ދިރިއުޅުމަށް އައިސްފަ އޭނަ ދޫކޮށްލާފަ ދާ މީހަކަށް ދެވަނަ ފުރުސަތެއް ނޯންނާނެ ވާހަކަ.. އެހެންވެ..” ލީން އޮޅުންފިލުވައިދިނެވެ.

“އެހެންތަ؟ އެކަމަކު ދަރިންނާ ދޭތެރޭ ވިސްނާލާފަ ޚިޔާލު ބަދަލުވެދާނެތާ..” މާޒް ބުނެލިއެވެ.

“އެނގިދާނެތާ.. އެކަމް ހިއެއްނުވޭ..”

**********

ޔޫޝައު އޮޕަރޭޝަން ތިއޭޓަރ ކައިރީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އައިކާއާ ބެހޭ އެއްވެސް ޚަބަރެއް ނުލިބޭތީ ކަންބޮޑުވެފައެވެ. ނާޒިމް ކަންބޮޑުވެފައި ހުރެވެސް ޔޫޝައުއަށް ހިތްވަރު ދެވޭތޯ ބެލިއެވެ. ސަނާއާއި ލަމްހާ ކަންބޮޑުވެފައި ގޮނޑިބަރީގައި ތިއްބެވެ. އިންތިޒާރުގައި ތިބޭތާ މާގިނައިރެއް ނުވަނީސް ތުއްތު ދެކުދިންގެ ރުއިމުގެ އަޑު އިވުނެވެ. އެންމެންނަށްވެސް ހިނިތުންވެލެވުނީ އެކުއެކީގައެވެ. ވަގުތަކީ ނަރުސް ކުއްޖަކު އެ އުފާވެރި ޚަބަރު ދިނުމަށް ނުކުތް ވަގުތެވެ.

“މަރުޙަބާ! އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް.. ތިންމައިންގެ ހާލުވެސް ރަނގަޅު..” ނަރުސް ކުއްޖާ އެހެން ބުނެލުމުން ޔޫޝައުއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

ކުޑައިރުކޮޅެއް ފަހުން ދެ ނަރުހުން ދެކުދިން ގޮވައިގެން އާއިލާ މީހުންނަށް ދައްކައިލުމަށް ނުކުތެވެ. އޭރު ދެކުދިންނަށްވެސް ވަނީ ނިދިފައެވެ. ނަރުސް ކުއްޖާ އެއްކުއްޖަކު ޔޫޝައުގެ އަތުތެރެއަށްލީ ވަގުތު ޔޫޝައުގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. ބައްޕަގެ ބީހުން އިހުސާސްކުރެވިގެން ކަންނޭނގެއެވެ. އެދަރިފުޅުގެ ލޯ ހުޅުވާލިއެވެ. އެވަގުތު ޔޫޝައުގެ ލޮލުން ވެއްޓުނު ކަރުނަތިކި އެ ތުއްތު ކުއްޖާގެ ކޮލުގައި ޖެހުމާއެކު އެ ކުޑަކުޑަ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު އެކުއްޖާގެ އެއްކޮލަށް އެޅިގެން ދިޔަ އަޑިކޮޅާއިއެކު ޔޫޝައުއަށް “މާޝާﷲ”އޭ ބުނެލެވުނެވެ. ކޮންމެ މީހަކުވެސް އެ ތުއްތު ދެކުދިން އުރާލުމަށްފަހު ނަރުހުންނާ ހަވާލުކުރިއެވެ.

“ކޮންއިރަކުތޯ އައިކާ ފެންނަވަރު ވާނީ؟” ޔޫޝައު އަހާލިއެވެ.

“ކުޑައިރުކޮޅެއް ވާނެ..” ނަރުސްކުއްޖާ ބުނެލިއެވެ. ޔޫޝައު ނަރުސް ކުއްޖާއަށް ޝުކުރު އަދާކުރުމަށްފަހު ދިޔައީ ޕްރައިވެޓް ރޫމެއް ހަމަޖެއްސުމަށެވެ. މާބޮޑު އުނދަގޫތަކަކާއި ކުރިމަތިނުވެ އެކަންވެސް ހަމަޖެހުނެވެ.

އައިކާ ޕްރައިވެޓް ރޫމަށް ބަދަލުކުރެވުމާއެކު ސަނާއާއި ނާޒިމް އެތެރެއަށް ވަނެވެ.

“ޔޫ! ހިނގާ ވަންނަން..” ލަމްހާ އެތެރެއަށް ވަންނަން ހިނގައިގަންނަމުން ޔޫޝައުގެ އަތުގައި ހިފާލާފައި ބުނެލިއެވެ.

“ލަމް ވަދޭ.. އަހަރެން ވަނީމަ ކަމަކު ނުދާނެ.. މިހާރު އައިކާއަށް ބޭނުންވާނީ ހިތްހަމަޖެހުމާއި އަރާމު.. އަހަރެންގެ ސަބަބުން އެކަން ގެއްލޭކަށް އަހަރެން ބޭނުމެއްނޫން..” ޔޫޝައު ދެރަވެފައި ބުނެލިއެވެ.

“ޔޫ! ތިހެން އުޅެގެން އައިކާގެ ހިތް ހަލާލެއް ނުލިބޭނެ.. ޔޫއަށް ކުރެވުނު ކުށަށް އައިކާގެ ކިބައިން މާފަށް އެދުނީމަ އޭނަ މާފްކުރާނެ.. އެއީ އޭނަ ޔޫދެކެ ވަރަށް ލޯބިވާތީ.. ހިނގާ ދާން..” ލަމްހާ ބެލީ ޔޫޝައުއަށް ވިސްނައިދެވޭތޯއެވެ.

“ޕްލީޒް! އަހަރެންނަށްޓަކާ..” ލަމްހާގެ އާދޭސްތަކަށް ޔޫޝައުއަށް ބީރު ކަންފަތެއް ނުދެވުނެވެ.

“އެންމެ ރަނގަޅު..”

“އައި ލަވް ޔޫ..” ލަމްހާ ބުނެލިއެވެ.

“ލަވް ޔޫ ޓޫ..”

ދޮރު ހުޅުވާލި އަޑަށް އައިކާ ބޯ ހިއްލާލައި ދޮރާއި ދިމާއަށް ބަލާލިއެވެ. އެތެރެއަށް ވަތް ލަމްހާ ފެނުމާއެކު އައިކާއަށް ހައިރާންކަމާއެކު ލަމްހާއަށް ގޮވާލެވުނެވެ. ނަމަވެސް އެ ހައިރާންކަމާއެކުވެސް އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ކުޑަކޮށް ބޯ އަރިކޮށްލާފައި ދޮރާއި ދިމާއަށް ބަލާލެވުނީ ލަމްހާއާއެކު ޔޫޝައުވެސް އައިކަމުގައި ހީކޮށްފައެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހިތުގައި އޮތް ކުޑަކުޑަ އުއްމީދުވެސް ގެއްލިއްޖެއެވެ.

އައިކާގެ މޫނަށް ވީގޮތް ފެނުމުން ލަމްހާ ފަހަތަށް އެނބުރުނީ ހިތްހަމަނުޖެހިފައެވެ. އޭނާ އެވަރަށް ބުނުމުންވެސް ޔޫޝައު އެތެރެއަށް ނުވަނީމައެވެ. ނަމަވެސް އޭނާއަށް ހިނިތުންވެލެވުނީ ދޮރު ހުޅުވާލާފައި ޔޫޝައު އެތެރެއަށް ވަނުމުންނެވެ. ޔޫޝައުއަށް ޖެހިލުންވެފައި ހުރެވުނީ އައިކާ އެ އެންމެންގެ ތެރޭ ހިނިތުންވެގެން އިންނަމަވެސް އޭނާއާއެކު އެކަނިވެއްޖެނަމަ ކަންތައް ކުރާނެ ގޮތް އެނގޭތީއެވެ.

އައިކާ ޔޫޝައުއަށް ބަލަން އިންއިރު އޭނާގެ މޫނުމަތީގައިވާ ހިނިތުންވުމުން އޭނާ ހިތްހަމަޖެހިފައިވާވަރު އޭނާ ފެނުނު ކޮންމެ މީހަކަށް އެނގޭނެއެވެ. ޔޫޝައު މަޑު ހިނގުމެއްގައި އައިސް ހުއްޓިލީ ދެކުދިން ބާއްވާފައި އޮތް ކުޑަ އެނދު ކައިރީގައެވެ. ޔޫޝައުގެ ހުރިހާ ހަރަކާތަކަށް އައިކާ ބަލަން އިނީ ޝައުޤުވެރިކަމާއެކުގައެވެ. ސަނާއަށް އައިކާ އިންގޮތް ފެނުމުން ނާޒިމް ގައިގައި ކޮއްޓާލާފައި ދައްކާލިއެވެ. ނާޒިމްއަށް އެމަންޒަރު ފެނުމުން ސަނާއަށް ބޭރަށް ނުކުތުމަށް އިޝާރާތްކުރަމުން ހިނގައިގަތީ ޔޫޝައުއާއި އައިކާ ޞުލްޙަވުމަށް ވާހަކަދައްކަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ސަނާއާއި ނާޒިމް ނުކުންނަމުން ލަމްހާއަށް އިޝާރާތްކޮށްލިއެވެ. އެމީހުންގެ އިޝާރާތް ވިސްނިގެން ލަމްހާވެސް އެމީހުންގެ ފަހަތުން ނުކުތެވެ.

އައިކާ ޔޫޝައުއަށް ބަލަން ގެއްލިފައި އިންދާ ޔޫޝައު އައިކާއާ ދިމާއަށް އެނބުރުނެވެ. އައިކާގެ ދެލޮލުގައި ކަރުނަތައް ގިނަވަމުން ދިޔަކަން ޔޫޝައުއަށް އެނގުނެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް އައިކާ އޮތް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ދެމީހުންގެ ލޮލާއި ލޯ ގުޅިފައި ތިބިއިރު ހިތާހިތުން އެތައް ވާހަކައެއް ދައްކަމުން ދިޔަނަމަވެސް ދުލާއި ހަމައަށް އެއިން އެއްވެސް ވާހަކައެއް ނައެވެ. ޔޫޝައުއަށް އައިކާގެ ދެލޮލުން ފެނުނު ރިހުމާއި ވޭނުން އޭނާގެ ހިތް ތޮރުފާލި ކަހަލައެވެ. އެދެލޮލުން އޭނާއަށްޓަކައިވި ސާފު ތެދުވެރި ލޯބީގެ އިތުރުން އޭނާއަށްޓަކައިވި އެތައް ޝަކުވާއެއް ފެނުނެވެ. ޔޫޝައު އައިކާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ވަރަށް ލޯތްބާއެކު ފޮހެލައިދިނެވެ.

“ނޫން.. ދެން ނުރޮއި.. މިހާރުވެސް މާގިނައިން ރޮއިފި.. އިތުރަށް މިދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭކަށް އަހަރެން ބޭނުމެއްނޫން..” ޔޫޝައު ބުނެލިއެވެ. އައިކާ ދުރަށް މޫނު އަނބުރާލިއެވެ.

“ޕްލީޒް.. މިކޮޅަށް އެނބުރި ބަލާލަބަލަ.. އަހަރެންނަށް އައިކާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ވަރަށް ދެރަވޭ.. ލަދުގަނޭ.. ހާލަތުގެ ގޮތުން އަހަރެންނަށް ވިސްނާލާނެ ފުރުސަތެއްވެސް ނުލިބުނީ..  ބުއްދިއަށްވުރެ ރުޅި އިސްކުރެވުނީ..” ޔޫޝައު އިސްޖަހައިގެން އިނދެ ބުނެލިއެވެ.

“އައިކާ!” ޔޫޝައު އައިކާގެ މަޑު އަތްތިލައިގައި ހިފާލަމުން މަޑުމަޑުން ގޮވާލިއެވެ. އައިކާ ޔޫޝައުއާ ދިމާއަށް އެނބުރިލިއެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަތައް އޮހެމުންދިޔައެވެ.

“އަހަރެންނަށް މާފްކުރޭ.. އޭރު އަހަރެންނަށް ވިސްނާނުލެވުނީ.. އަހަރެން އައިކާދެކެ ވަރަށް ލޯބިވޭ..”

“ދޮގު.. ޔޫޝައު އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އަހަރެން އެރޭ ކުރި އާދޭސްތައް އެންމެ ފަހަރަކުވެސް އަޑުއެހީސް.. އަހަރެން ވާހަކަދައްކާނެ އެންމެ ފުރުސަތެއް ދިނީސް.. އެދަންވަރުގެ ވަގުތު އަހަރެން ވަރިކޮށްލާފަ ގެއިން ނުކުންނަން ބުނިއިރު އަހަރެން ގޮސް ވަންނާނެ އެއްވެސް ތަނެއް ނެތްކަންވެސް ޔޫޝައު ހަނދާނެއް ނެތް.. އެރޭ އަހަރެން އެގޮތަށް ނެރެލީމަ އަހަރެން ނިކަމެތިވާނެ ވަރެއް ޔޫޝައު ވިސްނާކަށް ބޭނުމެއްނުވި.. އަހަރެންގެ ބަނޑުގައިވި ޔޫޝައުގެ ދެދަރިން މަތިންވެސް އެރޭ ޔޫޝައު ހަނދާނެއް ނެތް.. އެރޭ ލަމްހާ ނެތްނަމަ އެ ދަންވަރުގެ ވަގުތު އަހަރެން މަގުމަތިވީސް.. ތީ އަހަރެންދެކެ ލޯބިވާކަމަށް ބުނާ މީހާއެއްނު.. އަހަރެން ރަށަށް ގޮސްވެސް މިވީ މަހެއްހާ ދުވަހު އެންމެ ފަހަރަކުވެސް އަހަރެންގެ ހާލު ބަލާނުލީ ކީއްވެ؟ ލޯބިވާވަރުން ދޯ އެހެންވެސް ކަންތައްކުރީ؟” އައިކާ އޭނާގެ ހިތުގައިވި ޝަކުވާތައް ޔޫޝައުގެ ކުރިމަތީ ބަންޑުންކޮށްލިއެވެ.

“އަހަރެން އަހަރެންގެ ކުށް ޤަބޫލުކުރަން.. އަހަރެންނަށް އައިކާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. އަހަރެން އެކަން ޤަބޫލުކުރަން.. އަހަރެންނަށް މާފްކުރޭ..” ޔޫޝައު އަނެއްކާވެސް މާފަށް އެދުނެވެ.

“އަހަރެން ޔޫޝައުއަށް މާފްކޮށްފިން..”

“އަހަރެން ބޭނުން އަހަރެމެންގެ ދެކުދިންނަށް މައިންބަފައިންގެ ފުރިހަމަ ލޯބި ދޭން.. އެކަން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ އަހަރެމެން ދެމީހުން އެކަތިގަނޑަކަށް ވެގެން.. އަހަރެމެން ދެމީހުން އެކައްޗެއް ކިޔައިގެން.. އަހަރެމެން ދެމީހުން ގުޅިގެން.. އެހެންވީމަ ކުރިން ވީ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ހިނގާ ދެމީހުން އިންނަން..” ޔޫޝައު އޭނާ އެދޭގޮތް ހާމަކުރިއެވެ.

“ނޫން.. އަހަރެން ބޭނުމެއްނޫން ޔޫޝައުއާ އިންނާކަށް..” އައިކާ ބުނެލިއެވެ.

“ކީއްވެ؟  އެކަމަކު އައިކާ ބުނީމެއްނު އަހަރެންނަށް މާފްކޮށްފީމޭ..” ޔޫޝައު އިނީ އައިކާ ދައްކާ ވާހަކައިން ވިސްނަންވީ އެއްޗެއް ނޭނގިފައެވެ.

“އާނ.. އަހަރެން ޔޫޝައުއަށް މާފްކޮށްފީމޭ.. މިހާރަކުވެސް އަހަރެން ނުބުނަމެއްނު އަހަރެން ޔޫޝައުއަށް މާފް ނުކުރަމެކޭ..” އައިކާ ދުރަށް މޫނު އަނބުރާލިއެވެ.

“ދެން؟” ޔޫޝައު އައިކާގެ މޫނުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލަމުން އަހާލިއެވެ.

“އަހަރެން ދެން އިތުރު ކައިވެންޏެއް ކުރާކަށް ބޭނުމެއްނޫން.. އެއީ ސަބަބަކީ..” އައިކާ އެހެން ބުނިއިރު ޔޫޝައުގެ ދެލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އޭނާއަށް ސާފުކޮށް ފެނުނެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ދުރަށް މޫނު އަނބުރާލީ ޔޫޝައުގެ ސަބަބުން އޭނާގެ ޢަޒުމަށް ގުޑުން އަރާފާނެތީއެވެ. އެހާ ފަސޭހައިން ޔޫޝައުއަށް މާފްކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ.

“ޕްލީޒް! އަހަރެމެންގެ ދަރިންނަށްޓަކައި.. އަހަރެމެން ދެމީހުން ވަކިވީމަ އެކުދިންނަށް ވަރަށް ނިކަމެތިކަން ލިބޭނެ..” ޔޫޝައު އައިކާގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“ނޫން.. އަހަރެމެން ދެމީހުން ނުގުޅުނަސް ކުދިންނަށް އޭގެ އެއްވެސް އަސަރެއް ފޯރިޔަކަ ނުދޭނަން.. ޔޫޝައު ބޭނުން އިރަކު ކުދިންނާ ބައްދަލުކުރެވޭނެ.. އަހަރެން އެކަމަކަށް އެއްވެސް ހުރަހެއް ނާޅާނަން..” އައިކާ އަނެއްކާވެސް ބުނެލިއެވެ.

“ކުރާނެ ކަމެއް ނެތް.. އަހަރެން ބޭނުން އަހަރެންގެ ތިން ކުދިންނަށްވެސް އެއްވަރަށް ލޯބިދޭން.. އެކަމަކު.. ދުރުގައި ތިބީމަ ކޮންމެ ގޮތެއްވިޔަސް ކައިރީގައި ހުންނަ ކުއްޖާއާ އެއްވަރަށް ލޯތްބެއް ނުދެވޭނެ.. އެކަމަކުވެސް އަހަރެން ބަލާނަން އަހަރެންގެ ތިދެކުދިންނަށްވެސް އަހަރެންގެ ކައިރީ ހުންނަ ކުއްޖާއާ ތަފާތުކުރުމެއްނެތި ބައްޕައެއްގެ ލޯބި ދެވޭތޯ.. އަދި އަހަރެން އެދެން ކަމަކަށް ދަތިވަންޏާ އަހަރެންނަށް އެންގުމަށް.. އަހަރެން ނޭދެން އައިކާއަށްވެސް އަދި އަހަރެމެންގެ ދެކުދިންނަށްވެސް ދެރަގޮތެއް ވާކަށް.. އަހަރެން އުއްމީދުކުރަން ދެކުދިންނާ ދޭތެރޭ ވިސްނާލާފައި ނަމަވެސް އަދި އައިކާގެ ޚިޔާލު ބަދަލުވާނެކަމަށް.. އެކަމަކު މިހާރު އަހަރެންގެ ބަސް ޤަބޫލުނުކޮށްފިއްޔާ އައިކާ ފަހުން ދެރަވާނެ.. އަހަރެން ދެން ދަނީ.. އިރާދަކުރެއްވިއްޔާ އަދިވެސް އަންނާނަން..” ޔޫޝައު އެހެން ބުނެފައި ދާން ހިނގައިގަތެވެ. އައިކާގެ ކަރުނުން ފުރިފައިވާ ދެލޮލުން ޔޫޝައު ދިޔަ ދިމާއަށް ބަލަން އޮތްއިރު ޔޫޝައު ދެލޯ ފޮހެލަމުން ބޭރަށް ނުކުތެވެ.

ޔޫޝައު ބޭރަށް ނުކުތްއިރު ބޭރު ގޮނޑިބަރީގައި ލަމްހާއާއި ސަނާއާއި ނާޒިމް ތިއްބެވެ. ޔޫޝައު ނުކުތުމުން ދެން ދަނީއޭ ބުނެފައި ލަމްހާ ޔޫޝައުއާ ދިމާއަށް ހިނގައިގަތެވެ. ލަމްހާ ޔޫޝައު ގާތު ހުރިހާ ކަމެއްވެސް ރަނގަޅުތޯ އަހާލިއެވެ. ލަމްހާ އެ އިޝާރާތްކުރީ ކޮން ކަމަކަށްކަން އެނގުމުން އޭނާ ބޯ ހޫރުވާލިއެވެ. ޔޫޝައުގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ކަންތައްތައް ރަނގަޅު ނޫންކަން ނާޒިމްގެ ތަޖުރިބާކާރު ސިކުނޑިން ދެނެގަތެވެ. އޭނާ ޔޫޝައުގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ އަދި ރަނގަޅުވާނެޔޭ ބުނާފަދަ ގޮތަކަށެވެ.

“އަޅުގަނޑުމެން އަދި ފަހުން އަންނާނަން..” ޔޫޝައު އެހެން ބުނެލުމުން ނާޒިމް ބޯޖަހާލިއެވެ. ޔޫޝައު ލަމްހާއާ އަތް ގުޅުވާލައިގެން ނުކުންނަން ދިޔަތަން ބަލަން ތިބެފައި ނާޒިމްއާއި ސަނާ ވަނީ އައިކާ އޮތް ޕްރައިވެޓް ރޫމަށެވެ.

**********

ހަވީރު މާލެ ފުރާ ލޯންޗުން، ފިހާރައަށް މުދާ ބަލައި މާލެ ދިއުމަށްޓަކައި މާޒް ފައިސާ ގުނަން އިނީ އޭނާގެ އަމިއްލަ ކޮޓަރީގައެވެ. އޭނާ އެހެން އިންދާ ކޮޓަރީގައި ޓަކި ޖަހާލި އަޑު އިވުނެވެ.

“ވަދޭ.. ހުޅުވާފަ ހުރީ..” މާޒް ކާކުތޯވެސް ބަލާނުލާ ވަނުމަށް ހުއްދަ ދިނީ ގޭ މީހަކު ނޫނީ އޭނާގެ ކޮޓަރީގައި ޓަކި ނުޖަހާނެކަން އެނގޭތީއެވެ. ނަމަވެސް އޭނާ ހައިރާންވީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ލީން ފެނިފައެވެ.

“ލީން! ހާދަ ނުގަޑިއެއްގައި.. އަނެއްކާ ކަމެއް ގޯސްވީތަ؟” ކަންބޮޑުވެފައި މާޒް އަހާލިއެވެ.

“ސާބަހޭ.. ހާދަ ކަންބޮޑުވެފައި.. އަހަރެން ނޫޅެމޭ ތީން ރުފިޔާއެއް ނަގާކަށް..” ލީން ސަމާސާކޮށްލިއެވެ.

“ތިކަމަކާ އަހަރެން ހާހެއް ނުވޭ.. އަހަރެންނަށް އިނގޭ ލީންއަކަށް މީގައި އަތްލާކަށްވެސް ނުކެރޭނެކަން.. އަސްލު، ދުވަހަކުވެސް މިގަޑީގައި ނާންނާތީ ހީކުރީ ވަރަށް ބޮޑު ކަމެއް ވީކަމަށް..” މާޒް އޮޅުންފިލުވައިދިނެވެ. ލީން ބޯހޫރާލީ ތިކަހަލަ އެއްވެސް ކަމެއް ނުވެޔޭ ބުނަމުންނެވެ.

“އައިކާ ވިހައިފި.. މިބުނީ އޮޕަރޭޝަން ކޮށްފި.. ދެވައްތަރު ދެކުދިން..” ލީން ބުނެލިއެވެ.

“އެހެންތަ.. މަރުޙަބާ..” މާޒް ފަރުވާކުޑަ ޖަވާބެއް ދީފައި އަނެއްކާވެސް ފައިސާ ގުނުމައިގެން ކުރިއަށް ދިޔައެވެ.

“ތިއުޅެނީ ތިޖޫރީގަ ފައިސާ ހަމަތޯ ބަލަންތަ؟ ތިޔަކުން މަދެއް ނުވާނެޔޭ.. މިގެއަކީ މީހުން ވަންނަ ގެއެއްވެސް ނޫނެއްނު..” މާޒް މަޑުޖެހިލި ވަގުތު ލީން ސަމާސާ ރާގެއްގައި ބުނެލިއެވެ.

“ސާބަސް.. މިއުޅެނީ ހަވީރު ލޯންޗުން މާލެ ދާންވެގެން.. ފިހާރައަށް މުދާ ބަލައި.. މާދަމާ ނޫން އަނެއް ދުވަހު އޮންނަ ދޯނިން އަންނާނަން އިރާދަކުރެއްވިއްޔާ..” މާޒް ބުނެލިއެވެ.

“މާދަމާ ނޫން އަނެއް ދުވަހު އޮންނަ ދޯންޏަކަށް އަރުވަން މުދާ ގަންނަން މިއަދު ދާން ތިއުޅެނީ؟ މުދާ ބަލައި ދާ ނަމުގައި އަހަރެންނަށް ހީވަނީ ތިދަނީ މުޅިން އެހެން ކަމަކުހެން.. އަޅެ މީ ދޮގެއްތަ؟” ލީން ދިމާކޮށްލިއެވެ.

“ލީން މިއަދު ކީކޭ ކިޔަން އުޅޭ ދުވަހެއްތަ؟”

“އަހަރެން މިބުނި އެއްޗެއް ވިސްނިއްޖެއެއްނު.. އެހެންވީމަ ބުނެބަލަ.. އަހަރެން މިބުނީ ދޮގެއްތަ؟” ލީން އަހާލިއެވެ.

“އަސްލުވެސް އަހަރެން މިދަނީ ތިކަހަލަ ކަމަކު ނޫން.. ހަމަ މުދާ ބަލައި މިދަނީ.. އެކަމް އިކާ ގާތަށް ގޮސްނުލާނަމެކޭ ނޫން.. އޭނަގެ ދެ ފުށްގަނޑު ދެކެލަން ދާނީ.. ކޮންމެހެން އޭނަ ދެކޭކަށް ނޫން..” މާޒް ވަރަށް ނޫން ގޮތަކަށް ބުނެލިއެވެ.

“ހޫމް.. ދެން އެންމެ ރަނގަޅޭ އެއްބަސް ނުވިޔަކަސް..”

“އަސްލު ބުނެބަލަ.. ކަމަކުތަ ތިއައީ؟” މާޒް އަހާލިއެވެ.

“ފިހާރައަށް އައީ.. އައިސްފަ އިކާ ވިހޭ ޚަބަރު ދޭންވެގެން މިވަނީ..”

“ފިހާރަ ހުސްކޮށްލައިގެންތަ ތިދަނީ؟” ލީންގެ އަތުގައި ގަތް އެއްވެސް އެއްޗެއް ނެތުމުން މާޒް ސަމާސާކޮށްލިއެވެ.

“އަހަރެން ގަންނަން އައި އެއްވެސް އެއްޗެއް ނެތް މިވަގުތު.. އެހެންވީމަ ހުސްއަތާއެއްނު ދާން ޖެހޭނީ.. ހޫނ.. ދެން ދަނީއޭ.. މިހާރު ޒިޔާ ގެއަށް އައިސްދާނެ..” ލީން އެހެން ބުނެލުމުން މާޒްވެސް ބޯޖަހާލިއެވެ.

ހަވީރުގެ ލޯންޗުން މާޒް މާލެ ދިޔައިރު އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ. އައިކާ ދެކެލުމަށް އެހިތް އެދެމުން ދަނީއެވެ. އައިކާދެކެ ރުޅިއަންނަން އުޅުނުނަމަވެސް އޭނާގެ ބަސްނާހާ ހިތް އެކަމަކަށް އެއްބަހެއް ނުވެއެވެ. އައިކާ ފެންނަ ހިސާބަށް ދުވަހަކުވެސް ނުދާން ނިންމައިގެން ހުރި ނަމަވެސް އައިކާގެ ގާތަށް ދިއުމަށް އެހިތް މަޖުބޫރުކުރަނީއެވެ.

މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު މާޒް ދަބަސް ހިފައިގެން ހިނގައިގަތީ ޓެކްސީއެއް ލިބޭތޯއެވެ. ނަސީބު ރަނގަޅުކަމުން ނުހަނު ފަސޭހައިން ޓެކްސީއެއް އަތުޖެހިއްޖެއެވެ. ޓެކްސީއަށް އެރުމަށްފަހު އޭނާ ގެސްޓް ހައުސްއެއްގެ ނަން ބުނެލުމާއެކު ޑްރައިވަރ ޓެކްސީ ދުއްވާލިއެވެ. މާދުރު ނޫންނަމަވެސް ހަވީރުގެ ވަގުތުކަމުން އިންތިހާއަށް ބާރުބޮޑު ޓްރެފިކުން ސަލާމަތްވެގެން ގެސްޓް ހައުސްއަށް ދެވުނީ ތިރީހަކަށް މިނެޓުންނެވެ.

ޑްރައިވަރަށް ފައިސާ ދިނުމަށްފަހު މާޒް ގެސްޓް ހައުސްއަށް ވަދެ ކައުންޓަރު ކައިރިއަށް ގޮސް އޭނާ މިއަދު މެންދުރު ބުކްކުރި ރޫމްގެ ނަންބަރު ބުނެލިއެވެ. އޭނާ ގޮސް ރޫމަށް ވަދެ ފުރަތަމަވެސް އެނދުގައި ޖައްސާލިއެވެ. މާ ކަނޑުގަދަ ނޫނަސް މަޑެއްވެސް ނޫނެވެ. އެހެންކަމުން އޭނާ ހުރީ ފާޑަކަށް ލޮޑުވެފައެވެ. އެހެންކަމުން އޭނާ ބޭނުންވީ ކުޑައިރުކޮޅަކު އޮވެލާށެވެ. ނަމަވެސް ތާޒާވެނުލައި އޮންނަން ބޭނުންނުވާތީ އޭނާ ކަންނެތް ގޮތަކަށް ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރައި ތާޒާވެލައިގެން ނުކުމެ ހުސް ބޮކްސާގައި އޭނާ އެނދުގައި އޮށޯވެލީ އަރާމުކޮށްލާށެވެ. އެހެން އޮއްވާ އޭނާއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.

**********

“ލަމް! އަހަރެން މިދަނީ ހޮސްޕިޓަލަށް.. އެހާ ލަސްނުވެ އަންނާނަން އިނގޭ..” ޔޫޝައު ކޮޓަރިން ނުކުމެ ބަދިގެ ތެރޭގައި ރިހަ ހޫނުކުރަން ހުރި ލަމްހާ ގާތު ބުނެލިއެވެ.

“މަޑުކޮށްބަލަ އަހަރެންވެސް ގޮވައިގެން ދާން..”

“މާދަމާ ލަމް ގޮވައިގެން ދާނަން.. މިރޭ ހޮސްޕިޓަލަށް ގޮސްފަ އެބަޖެހޭ ރައްޓެއްސަކާއެކު ތަނަކަށް ގޮސްލަންވެސް.. އެހެންވެ ލަމް ނުލައި މިދަނީ.. އެކަނި ބޭރަށް ނުދައްޗޭ އިނގޭ..” ޔޫޝައު އެހެން ބުނެލުމުން ލަމްހާވެސް އެގޮތާއި އެއްބަސްވިއެވެ. ނަމަވެސް ޔޫޝައު ދިއުމުން އޭނާ އެކަނި ގޭގައި އިންނަން ޖެހޭތީ އިނީ ފޫހިވެފައެވެ.

ޔޫޝައު ހޮސްޕިޓަލަށް ވަދެފައި އޭނާގެ ރައްޓެއްސަކު ގުޅުމުން އެއްޗެއް ހަވާލުކޮށްލުމަށް ނުކުތް ވަގުތު މީހެއްގެ ގައިގައި ލައިގަތެވެ. އެވަގުތު އޭނާގެ އަތުން ފޯނު ދޫވެގެން ވެއްޓެން ދިއުމާއެކު އެމީހަކު އެ ވެއްޓުނަނުދީ ހިފިއެވެ.

“ތޭންކްސް..” ޔޫޝައު އެހެން ބުނަމުން އެމީހާއާ ދިމާ ބަލާލުމާއެކު އޭނާ ހުއްޓުން އެރީ މާޒް ފެނުމުންނެވެ.

“ސޮރީ!” މާޒް އެހެން ބުނެލުމާއެކު އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭނާ ޔޫޝައުއާ އެއްވެސް ވަރަކަށް ވާހަކަ ދައްކާ ހިތެއް ނެތެވެ. ނަމަވެސް ޔޫޝައު އޭނާއަށް ގޮވާލި އަޑު އިވުމުން އޭނާ މަޑުކުރިއެވެ.

“އަހަރެން ހިއެއް ނުކުރަން މާޒްއަށް މިތަނަށް އަންނަން ކެރޭނެ ކަމަކަށް..”

“ކީއްވެ ތިހެން ތިބުނީ؟” މާޒް ހައިރާންވެފައި އަހާލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ހޮސްޕިޓަލަށް ވަނުމުގެ އަމުރު އޮންނަނީ ވަކި ބަޔަކަށްކަމެއް އޭނާ ނުދެނެހުއްޓެވެ. އެއީ އެންމެންގެވެސް ތަނެކެވެ. ވީއިރު ޔޫޝައުއަށް އެހެން ބުނުމަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

“އައިކާއާ ދޭތެރޭ އެގޮތަށް ކަންތައް ކޮށްފަވެސް އައިސް އޭނައާ ބައްދަލުކުރަން ވަންނަން އުޅޭތީވެ..”

“ޔޫޝައުއަށް ކިހިނެއް އެނގެނީ އަހަރެން މިއައީ އައިކާއާ ބައްދަލުކުރަން ކަމެއް؟ އެހެންނޫނަސް މީ ޕަބްލިކް ތަނެއް.. މިތަނަށް އައިސް ވަންނަން އަހަރެން ލަދުގަންނަން ޖެހޭނެކަމެއް އަހަރެން ނުދެނަހުރިން..” މާޒް ވަރަށް ފުރިހަމަ ރައްދެއް ދިނެވެ.

“މީ ރޭގަނޑުކަން ޔަޤީންވާ ފަދައިން އަހަރެންނަށް ޔަޤީންވޭ މާޒް ތިއައީ އައިކާއާ ބައްދަލުކުރަންކަން..”

“އެހެންވިޔަސް ކޮބާ މައްސަލައަކީ؟ ޔޫޝައުއަކަށް އެކަމަކާ ނުބެހެވޭނެ..” ޔޫޝައުގެ ވާހަކަ ހުރިގޮތުން މާޒް ގާތަށް ރުޅިއައެވެ. ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

“ކީއްވެ ނުބެހެވެންވީ؟ އެއީ އަހަރެންގެ ދެކުދިންގެ މަންމަ..”

“އެކަމަކު މިހާރު ތީ އައިކާއަށް ހިލޭ މީހެއް.. އަހަރެންނެކޭ ޔޫޝައުއެކޭ ތިގޮތުން ވާނީ ހަމަހަމަ.. އަހަރެމެން ދެމީހުންކުރެ އެކަކަށްވެސް އަނެކަކު ކުރާ ކަމަކާ ބެހުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ.. އައިކާއާ ގުޅޭ އެއްވެސް ކަމެއްގައި.. އަހަރެންނަށް ހީވަނީ އަހަރެންނަށްވުރެ ބޮޑަށް އައިކާއާ ބައްދަލުކުރަން މިތަނަށް އަންނަން ލަދުގަންނަންޖެހޭ މީހަކީ ޔޫޝައުހެން.. ދުވަސް ފުރެން ގާތްވެފަ އިންދާ ވަރިކޮށް ގެއިން ނެރެ އެއްލާލާފަ.. އަދި އެވަރުންވެސް އަހަރެންތަ ލަދުގަންނަންވީ އައިކާއާ ބައްދަލުކުރަން އަންނަން؟ އޭނަ ރަށުގަ ހުރިއިރު އޭނަ ގާތަށް އައިސްވެސްނުލާ، ހާލުވެސް ބަލާނުލާ އުޅެފަ ވިހެއީމަތަ ދެދަރިންގެ މަންމަކަން ހަނދާންވީ؟ އެ ދެމަސްދުވަސް ތެރޭ އޭނަ އުފުލި ބުރަތަކޯ؟ އޭނަ ކުރި ހިތާމަތަކޯ؟ މިއިން އެއްވެސް ކަމެއްގެ ބަދަލު ޔޫޝައުއަށް ދެވިދާނެތަ؟ ނުދެވޭނެ.. އަހަރެން ނަމަވެސް ނުދެވޭނެ.. ބަލަ އޭނަގެ ނިކަމެތި ހާލަށް އެހީވީ އަހަރެންނޭ.. އެހެންވީމަ އޭނައާ ބައްދަލުކުރަން ޔޫޝައުއަށްވުރެ އައުލާކަން ބޮޑީ އަހަރެންނެއް ނޫންތަ؟ އަހަރެން އުފާވޭ އަހަރެންނަށް ނިކަމެއްޗަކަށް އެހީވެވުނީމަ.. އަހަރެންނަކީ ކަލަ ގޮވާ މީހެއްވެސް ނޫން.. އެކަމަކު މިއަދު ކަލޭ އަހަރެން ލައްވާ އެކަންވެސް ކުރުވައިފީމު.. އެހެންވީމަ ވަރަށް ބޮޑަށް މަރުޙަބާ.. އެކަމަކު ދެންވެސް ހަނދާން ކޮށްދެން ނުބެހޭ ކަންތަކާ ނުބެހި ދުރުގައި ހުރުމަށް..” މާޒް ކިޔާނެ އެއްޗެއް ކިޔުމަށްފަހު، ޔޫޝައު ކިޔާނެ އެއްޗަކަށް ބެލުމެއްނެތި އެތެރެއަށް ހިނގައިގަތެވެ. މާޒް ދިޔަ ދިމާއަށް ބަލަން ހުރި ޔޫޝައުއަށް ދެއަތް މުށްކަވާލެވުނެވެ.

ޔޫޝައު ސަނާއަށް ގުޅާފައި އައިކާ އޮތް ކޮޓަރި އޮޅުންފިލުވިއެވެ. އޭނާ ގޮސް އައިކާ އޮތް ކޮޓަރީގެ ދޮރުމައްޗަށް ހުއްޓިފައި ފުން ނޭވާއެއްލީ ހިތުގެ ތެޅުން ހަމައަކަށް އަޅުވާލުމަށެވެ. ވަރަށް ހިތްވަރުކޮށްފައި އޭނާ އެތެރެއަށް ވަނެވެ. އެނދުގައި ތެދުވެ އިށީނދެލައިގެން އިން އައިކާ ފެނުމުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެމޫނުމަތިން ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ނުފެންނަފަދަ ހިތްގައިމު ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އަނެއްކާ އެއީ ޔޫޝައުގެ ސަބަބުން ވެރިވި ހިނިތުންވުމެއްބާވައޭ އޭނާގެ ހިތަށްއެރިއެވެ. އެހެން ހިތަށް އެރުމާއެކު އޭނާގެ ކުޑަކޮށް މާޔޫސްވިއެވެ. ހިތްވަރު އެލޭގޮތްވިއެވެ. ނަމަވެސް އެހެން މީހަކަށް އެކަން ފާހަގަވުމުގެ ކުރިން އޭނާ ހަމަޖެހޭ ގޮތް ދައްކާލިއެވެ.

“ދައްތާ! ކިހިނެއް؟” މާޒް އެނދާއި ގާތަށް ހިނގައިގަންނަމުން އަހާލިއެވެ.

“އަލްޙަމްދު ލިﷲ! ވަރަށް ރަނގަޅު.. އެކޮއި ކިހިނެއް؟”

“އަލްޙަމްދު ލިﷲ! އިކާ ކިހިނެއް؟” މާޒް ހިނިތުންވެލަމުން އަހާލިއެވެ.

“ރަނގަޅު..” ދުރަށް މޫނު އަނބުރާލައިގެން އިނދެ އައިކާ ބުނެލިއެވެ. އެކަމުން މާޒްގެ ހިތަށް ތަދުވިއެވެ. އަދިވެސް އައިކާ ޙައްޤު ނޫން ކަމަކާ އޭނާއަށް އެހާ ނަފުރަތު ކުރާތީއެވެ.

“ކޮބައިތަ ބޭބީތައް؟ ދައްކަބަލަ ބަލާލަން..”

“ނިދިފައި އޮތީ މިހާރު..” އައިކާ އަވަސްއަވަހަށް ބުނެލިއެވެ.

“އަހަރެން އެކުދިން ހޭލައްވައެއް ނުލާނަމޭ..” މާޒް އެހެން ބުނެލުމުން އައިކާ އެއްފަރާތުގައި ހުރި ކުޑަ އެނދަށް އިޝާރާތްކޮށްލިއެވެ. އެވަގުތު ސަނާ އެބަ އަންނަމޭ ބުނެފައި ބޭރަށް ނުކުތެވެ.

މާޒް އެނދު ކައިރީ ހުއްޓި ހުރެ ވަރަށް ފަރުވާތެރިކަމާއެކު ދެކުދިންނަށް ބަލާލިއެވެ. އަންހެންކުއްޖާގެ ލޯ އެއީ ހަމަ އައިކާގެ ދެލޮލެވެ. ފިރިހެން ކުއްޖާގެ ކަނާއަތުގެ ކޮނޑުހުޅު ކައިރީ ބޮޑު ލަފެއް ހުއްޓެވެ. އެއީ ޔޫޝައުގެވެސް އަތުގެ މުލައްދަނޑީގައި ހުންނަ ކަހަލަ ލަފެކެވެ. ކޮންމެއަކަސް ދެމަފިރިންނާ ވައްތަރު ސިފަތަކެއް ލިބިފައިވާ ދެކުދިންނެވެ.

“މިހާރު ފެނިއްޖެއެއްނު.. ތިހާވަރަށް ތި ބަލަނީ ކީއްވެ؟ އެއްވެސް ކަހަލަ އައިބެއް ފެންނަން ނެތީމަ ދެރަވީތަ؟ އެސްފީނާ ޖައްސަންވެގެން ދޯ..” އައިކާ މަޑުމަޑުން ބުނިނަމަވެސް އޭނާގެ އަޑުގައިވާ ހިތްހަމަނުޖެހުން މާޒްއަކަށް ސިއްރެއް ނުވިއެވެ. އައިކާ ބުނެލި ވިހަގަދަ ބަސްތަކުން މާޒްގެ ހިތަށް ހީވީ ތުނޑު ތޫނު ކަށިތަކެއް ހަރާލިހެންނެވެ.

“ހެޔޮނުވާނެ ތިކަހަލަ އެއްޗެހި ބުނާކަށް.. އަހަރެން ކީއްވެ އެދެކުދިންނަށް އެސްފީނާ ޖެހޭތޯ އުޅެންވީ؟ އެދެކުދިންގެ އޮތީ ކޮން ކުށެއް؟ އިކާވެސް ކުށެއް ނުކުރޭ.. ކުށް ކުރެވުނީ އަހަރެންނަށް.. ލިބެން ނެތް އެއްޗަކަށްޓަކައި މާބޮޑަށް އުއްމީދުކުރެވުނީ.. މާބޮޑަށް އެދެވުނީ.. އަހަރެންނަކީ އެހާ ހިތުނިޔަތް ނުބައި މީހެއް ނޫނޭ އިކާ.. އިކާ މިއަދު ތިހެން އަހަރެންނާ ދިމާއަށް ހިތަށް އައިހާ އެއްޗެއް ގޮވިޔަސް އިކާގެ ދިރިއުޅުން ހަލާކުވުމުގައި އަހަރެންގެ އެއްވެސް އަތެއް ނެތްކަން އެނގޭ ދުވަހަކުން އިކާ ރޯނެ.. އަހަރެންނާ ދިމާއަށް ތިކިޔާ ހަޑިހުތުރު އެއްޗެހީގެ ސަބަބުން އަހަރެންނާ ކުރިމަތިލާން ލަދުގަންނާނެ.. މިއަދު ތިގޮތަށް ކަންތައް ކުރެވުނީތީ އެދުވަހަކުން ހިތާމަކުރާނެ.. މީ އަހަރެން އިކާދެކެ ރުޅިއައިސްގެން ދައްކާ ވާހަކައެއް ނޫން.. އަހަރެން ބޭނުންވަނީ އިކާއަށް އެއްޗެއް ވިސްނެން.. އަހަރެން ނޭދެން އިކާއަށް ދުވަހަކުވެސް ދެރަގޮތެއް ވާކަށް.. އެކަން އިކާއަށް ކޮންމެވެސް ދުވަހަކުން ވިސްނޭނެކަމަށް އުއްމީދުކުރަން..” މާޒް އޭނާގެ މޫނުމަތީގައި އަތް އަޅާލީ އޭނާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮރުވުމަށްޓަކައެވެ. އައިކާގެ ކުރިމަތީ އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލާކަށް އޭނާ ބޭނުމެއްނޫނެވެ. ކަރުނަތައް ހިންދާލުމަށްފަހު މާޒް މޫނުމަތިން އަތް ނެގިއެވެ.

“އަހަރެން މިތަނަށް މިއައީ އިކާގެ ރުހުން ހޯދާކަށް ނޫން.. އަހަރެން މިއައީ ހަމައެކަނި އިކާއާ އިކާގެ އެތިބަ ތުއްތު ދެކުދިންގެ ހާލު ބަލާލަންވެގެން.. އަހަރެން އުއްމީދުކުރިން އިކާ އަހަރެންނާ ރީތިކޮށް ވާހަކަދައްކާނެކަމަށް.. އެކަމަކު އަދިވެސް އަހަރެންނާ ދޭތެރޭ އިކާގެ ހިތް ބަދަލުނުވާކަން އެނގުނީމަ ވަރަށް ދެރަވެއްޖެ.. އަދިވެސް އިކާ އަހަރެންނާ ރީތިކޮށް ވާހަކަދައްކާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން.. އަހަރެން މިތަނަށް އައި ބޭނުން ފުދިއްޖެ.. އެހެންވީމަ ދެން ދަނީ..” މާޒް އެހެން ބުނެލުމަށްފަހު ދާން ތެދުވިތަނާ ދޮރު ހުޅުވާލާފައި ނާޒިމްއާއި ސަނާ އެތެރެއަށް ވަނެވެ. މި ހުރިހާއިރު އޭގެ ދެމީހުން ބޭރުގައި ތިބީ މާޒްއާއި އައިކާ ދެއްކި ވާހަކަތައް އަޑުއަހާށެވެ.

“މާޒް! އިހަށް މަޑުކުރޭ.. ބޭބެ ބޭނުން މާޒް ގާތު ވަރަށް ބޮޑު ކަމަކު ކިޔަން.. މިކަމަށް އަހަރެން ބޭނުންވަނީ ހަމައެކަނި މާޒްގެ ރުހުން..” ނާޒިމް ބުނެލިއެވެ.

“އެއީ އަނެއްކާ ކޮންކަމެއް؟” މާޒްގެ ހިތް ނުތަނަވަސްވިއެވެ.

“މާޒް އައިކާއާ އިންނަންވީނު..” ނާޒިމްގެ ޖުމްލައިން މާޒްއާ އައިކާއާ ދެމީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

“އެކަމަކު ބައްޕާ..”

“އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން.. އައިކާ އަހަރެމެން ގާތު ކަމަކު ބުނީމަ އަހަރެމެންވެސް ދެކޮޅެއް ނުހަދަން.. އަހަރެންގެ މުޅި ދިރިއުޅުން އަހަރެން ނުވެސް ދަންނަ މީހަކަށް އަހަރެން ހަވާލުކުރީ ހަމައެކަނި ﷲއަށް ވަކީލުކޮށްފައި.. އޭރަކުވެސް އަހަރެން ޔޫޝައުއާ ދޭތެރޭ އެހާ ބޮޑަކަށް ހިތްހަމައެއް ނުޖެހޭ.. އެހެންވީމަ މިފަހަރު އައިކާ އިންނަން ޖެހޭނީ އަހަރެން ދައްކާ މީހަކާ.. އޭނާ ޤަބޫލިއްޔާ، އައިކާ ޤަބޫލަސް ނުޤަބޫލަސް ޖެހޭނީ މިކަން ކުރަން.. މި ނިންމުން ބަދަލެއް ނުކުރެވޭނެ..” ނާޒިމްގެ މަޑުން ވާހަކަދެއްކި ނަމަވެސް އޭނާގެ އަޑުގައި ހަރުކަށިކަން އެކުލެވިފައިވެއެވެ. ނާޒިމްގެ ވާހަކަ ހުރިގޮތުން އައިކާގެ ކަރު އެލޭގޮތްވިއެވެ. އޭނާ މާޒްއާ އިންނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދެން އޭނާއަށް މާޒްއާ ނީނދެ ވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ.އެހެނަސް އޭނާއަކަށް މާޒްއަށް އަނތްބެއްގެ ފަރާތުން ކޮށްދޭން ޖެހޭ އެއްވެސް ކަމެއް ނުކޮށްދެވޭނެއެވެ. ކުޑަމިނުން ރުހުމުގެ ލޮލަކުން ބަލާވެސްނުލެވޭނެއެވެ. ވީއިރު ގަދަކަމުން އެ ކައިވެނި ކުރުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

“ނޫން.. އަހަރެން އައިކާއަކާ ނީންނާނަން..” މާޒް ނާޒިމްގެ އެ ހުށަހެޅުމަށް ވަގުތުން އިންކާރުކުރިއެވެ. ނާޒިމްއާއި ސަނާގެ އިތުރުން އައިކާއަށްވެސް ލިބުނީ ސިހުމެކެވެ. އެމީހުން ހީކުރީ ނާޒިމް އެގޮތަށް އެކަން ހުށަހެޅުމުން މާޒް އުފަލުން އެކަން ޤަބޫލުކުރާނެކަމަށެވެ. ނަމަވެސް ކަންތައްވީ އެމީހުން ހީކުރި ގޮތަކަށް ނޫނެވެ.

“ކީއްވެ؟ މާޒް އައިކާދެކެ ލޯބިވެއެއް ނޫންތަ؟” ނާޒިމް އަހާލިއެވެ.

“ލޯބިވިން.. ވަރަށް ބޮޑަށް ލޯބިވިން.. މިހާރުވެސް ލޯބިވޭ.. އެކަމަކުވެސް އަހަރެން އައިކާއާ އިންނާކަށް ބޭނުމެއްނޫން..” މާޒް އޭނާ އެކަން ނުކުރާނެކަން ކަށަވަރުކޮށްދިނެވެ.

“އަހަރެން މި އަހަނީ ކީއްވެހޭ؟ ލޯބިވޭ.. އެކަމަކު އިންނާކަށް ބޭނުމެއްނުވޭ.. ލޯބިވަނީ ކީއްކުރަންތަ؟ ޒަވާޖީ ހަޔާތެއް ފަށާކަށް ނޫންތަ؟ ތީ ކޮންކަހަލަ ލޯތްބެއް؟” މާޒް އެކަމާ އެއްބަސްނުވުމުން ނާޒިމް ގާތަށް ރުޅިއައެވެ.

“ރަނގަޅު.. ލޯބިވަނީ ޒަވާޖީ ހަޔާތެއް ފަށަން.. އަހަރެންވެސް ލޯބިވީ އެމަޤުސަދުގައި.. އަދިވެސް އެކަން އޮތީ ހަމަ އެގޮތަށް.. އެކަމަކު އައިކާގެ ނުޤަބޫލަކު ނޫން.. އޭނަ ހިތުން ރުހުމުން އެކަމަށް އެއްބަސްވެ އަހަރެން ގާތު ބުނެފިނަމަ އަހަރެން މިހުރީ މިހާރުވެސް ތިކަން ކުރަން ތައްޔާރަށް.. އަހަރެން ލޯބިވީ ހަމައެކަނި އައިކާގެ ހަށިގަނޑު ދެކެއެއް ނޫން.. އައިކާގެ ހަށިގަނޑާ ހިތާ ފުރާނަދެކެ.. އައިކާގެ ކޮންމެ އުފަލަކީ އަހަރެންނަށްވެސް ލިބޭ އުފަލެއް.. އަދި ކޮންމެ ހިތާމައަކީވެސް އަހަރެންނަށް ލިބޭ ހިތާމައެއް.. އަހަރެންގެ ފަލްސަފާއަކީ މިލްކުކުރުމެއް ނޫން.. އަދި ޖަހައިގަތުމެއްވެސް ނޫން.. މިއީ ސަބަބަކީ.. އަހަރެން އެދެނީ ބޭބެމެންވެސް އައިކާއަށް ތިކަމަށް މަޖުބޫރު ނުކުރުމަށް.. އެމީހަކު ގުޅެންވާނީ އެމީހަކު ލޯބިވާ މީހަކާ.. އެމީހަކަށް ނަފުރަތު ކުރާ މީހަކާ އިނދެގެން ކިހިނެއް ދިރިއުޅޭނީ؟ އަހަރެން ހުރީ ބޭބެމެން ކޮންމެ ކަމަކު ބުންޏަސް އެކަމެއް އުފަލުން ކޮށްދޭން ނިންމައިގެން.. އެކަމަކު ބޭބެމެން ތި އެދޭ ކަންތައް އަހަރެންނަށް ކޮށްދެވޭކަށް ނެތް.. އަހަރެންނަށް މާފްކޮށްދޭތި.. ދެން ދަނީ..” މާޒް އެހެން ބުނެލުމަށްފަހު މަޑުވެސްކޮށްނުލާ ނުކުމެގެން ދިޔަތަން ބަލަން ނާޒިމްއާއި ސަނާ ތިބީ ބަސް ހުއްޓިފައެވެ. އައިކާގެ ހިތަށްވެސް ތަފާތު ގޮތެއް ވެއްޖެކަން ޔަޤީނެވެ. އެއްވެސް އިޚްތިޔާރަކާނުލާ އޭނާއަށް ރޮވެން ފެށުނެވެ. ސަބަބެއް ނޭނގެއެވެ.

ޖެހިގެން އައި ދުވަހެވެ. އައިކާ ހޮސްޕިޓަލުން ދޫކޮށްލުމުން އެމީހުން ބަދަލުވީ ކުލީ ކޮޓަރިއަކަށެވެ. ޔޫޝައު އެތައް އާދޭހެއް ކުރުމުންވެސް އައިކާ ޔޫޝައުގެ ގެއަށް ދާން އެއްބަސްނުވުމުންނެވެ. އޭނާ ބޭނުންވީ އަވަހަށް ރަށަށް ދާށެވެ. ނަމަވެސް ހަފްތާއެއް ވަންދެން މާލޭގައި މަޑުކޮށްލުމަށް އެދުމުން ނާޒިމްއާއި ސަނާ ވަރަށް ކިޔައިގެން އޭނާއަށް މަޑުކުރަން މަޖުބޫރުވީއެވެ. ހުރިހާ ޚަރަދެއްގައި ޔޫޝައު ހިފިއެވެ. އައިކާ ކިތަންމެ ނުރުހުނަސްވެހެވެ.

ދެދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. މާޒްވެސް ރަށަށް ގޮސްފިއެވެ. ހިތް ކުދިކުދިވެފައިވާ ހާލުގައެވެ. ނުހަނު ހިތް އެދުނު ވަގުތުކޮޅެއް އައިސް ހިތުގައި އަތް އަޅާލުމަށްފަހު އެކަމަށް ފުރަގަސްދީފައެވެ. އެއީ ހަމައެކަނި އައިކާގެ އުފަލަށްޓަކައެވެ. އައިކާގެ އެތިބަ ފުށްގަނޑެއްފަދަ ލޯބިލޯބި ދެކުދިންގެ މުސްތަޤުބަލަށްޓަކައެވެ. މަޖުބޫރުން އައިކާ އޭނާއާ އިނދެ އެދެކުދިންނަށް ދެރައެއް ލިބިއްޖެނަމަ އޭނާއަށް ދުވަހަކުވެސް އޭނާގެ އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެއެވެ. އޭރުން އޭނާއަށް އިހުސާސްކުރެވޭނީ އެއީ އޭނާގެ ސަބަބުން އެކުދިންނަށް ލިބުނު ދެރައެއް ކަމަށެވެ. އައިކާއާއި އޭނާގެ ކައިވެންޏަށް އޭނާ އިންކާރުކުރި އެންމެ ބޮޑު ސަބަބަކީ އެއީއެވެ.

ހަފްތާއެއް ފަހެވެ. ޔޫޝައުއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަޒްމީލް ތިބީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. ކޮފީއެއް ބޯލަން ގަސްތުކޮށްގެން ދިޔަނަމަވެސް އަޒްމީލްގެ އެދުމުގެ މަތިން ޔޫޝައުވެސް ކެއުމަކަށް އޯޑަރ ދިނީއެވެ.

“މަރުޙަބާ އިނގޭ.. އަދި މިއުޅެނީ ކުދިވެރިން ދެކިލަން ޖައްސާނުލެވިގެން.. އެނގެއެއްނު ދޯ މަގޭ ލައިފް ބިޒީވާނެވަރު..” އަޒްމީލް އެހެން ބުނެލުމުން ޔޫޝައު ބޯޖަހާލީ ހުރިހާ ކަމެއްވެސް ދެނެހުރީމޭ ބުނާފަދަ ގޮތަކަށެވެ.

“އާނ ދެން ބިޒީވާނެތާ ދޯ.. އަޒޭމެން ކުދިން ހޯދާއިރަކު ނުވިސްނާ ވިއްޔަ.. އަހަރު ދެކޮޅު ކުދިން ހޯދާއިރު ކެތްވާކަމޭ ހިތަށްއަރަނީ..” ޔޫޝައު ބުނެލިއެވެ.

“ކެތްނުކޮށް ކީއްކުރާނީ؟ ކޮންމެ ފަހަރަކުވެސް ގޯސް ހެދެނީއޭ މަށަށް..” އަޒްމީލް ބޯކަހާލަމުން ބުނެލިއެވެ.

“ހޫނ ދެން ތިއެއްނޫނޭ.. ކޮބައިތަ ވަރިކުރިފުޅު ރުއްސުމުގެ ކަންތައް ކިހާ ހިސާބެއްގަތަ އޮތީ؟” އަޒްމީލް އަހާލިއެވެ.

“އެކަން ނުވެގެން މިއުޅެނީ.. ވަރަށް ބޯހަރު މަންޖެއެއް.. އަސްލު ދެން އަހަރެންނަށްވެސް ވިސްނާނުލެވުނީމަ ވީގޮތް.. އޭރު އައިސްފައި ހުރި ރުޅީގައި ވަރީގެ ލަފްޒު ބޭރުވީ..” ޔޫޝައު އޭނާގެ ކުށް ޤަބޫލުކުރިއެވެ.

“އަދި ވާނެ.. ކެތްކޮށްލާ.. ޔޫޝައު އޭނަ ރަށުގަ ހުރިއިރު އޭނަ ކައިރިއަށް ގޮސް ގުޅާ ހާލު ބެލިނަމަ، އަހަރެންނަށް ސަތޭކަ ޕަސެންޓް ޔަޤީންކަން އެބައޮތް އޭނަ މިހާރު ހުންނާނީ ޔޫޝައުއަށް އާނބަސް ދީގެންކަން..” އަޒްމީލް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

“ވެދާނެ ތިހެންކަމަށްވެސް.. އެކަމު އޭރު އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން ނުކެރުނީ ތީން އެއްވެސް ކަމެއް ކުރަން..” ޔޫޝައު އިނީ ވަރަށް ސީރިއަސްވެފައެވެ. ކުއްލިއަކަށް އޭނާގެ ސަމާލުކަން ދަމައިގަތީ އޭނާ އިން މޭޒުގެ ފަހަތުގައި ހުރި މޭޒު ކައިރިން އިވުނު އަންހެންކުއްޖާގެ އަޑެވެ. އެއީ އޭނާއަކަށް އާ އަޑެއް ނޫނެވެ. ދާދި އިހަކަށް ދުވަހަކާ ޖެހެންދެން ކޮންމެ ދުވަހަކު އެތައް ފަހަރަކު އިވި ބާވެފައިވާ އަޑެކެވެ. އާނއެކެވެ. ނާޒްގެ އަޑެވެ.

“ހިނގާބަ މިރޭ ރޫމްއަކަށް ދާން.. މިރޭ ވަރަށް ފީލްވާ ރެޔެއް..” ނާޒް ބުނެލިއެވެ. އެކަހަލަ ހާމަކަން ބޮޑު ތަނެއްގައި އޭނާ އެކަހަލަ ވާހަކަ ދައްކާކަށް ލަދެއްވެސް ނުގަނޭބާއޭ ޔޫޝައުގެ ހިތަށްއެރިއެވެ.

“ރޫމަކަށް ދާނީއޭ ކެއުން ނިންމާލާފައި.. އަދި މަޑުކޮށްލަބަލަ..” ދެންވެސް އިވުނީ އާ އަޑެއް ނޫނެވެ. މާގިނަ ފަހަރު އިވިފައި ނުވިނަމަވެސް އެއީ ޔޫޝައު ދަންނަ އަޑެކެވެ. އެހެންކަމުން ވަރަށް ސިއްރު ސިއްރުން ފަހަތް ބަލާލިއެވެ. އާނއެކެވެ. ޔޫޝައުއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެއީ ދިރިއުޅުމުގައި އޭނާއަށް އެންމެ ކަތި ފިޔަވަޅެއް އަޅުވަން މަޖުބޫރުކުރި އިންސާނާއެވެ. އައްޒާމްއެވެ.

“ދެން އަދިވެސް ކިޔައެއް ނުދެމެއްނު ބޭބީ ޖޮބުން ކަނޑާލީ ކީއްވެކަމެއް؟” އައްޒާމްގެ އެވާހަކައަށް ޔޫޝައު ސަމާލުވެލީ އަޒްމީލް ގާތު ވާހަކަ ނުދެއްކުމަށް އިޝާރާތްކޮށްފައެވެ.

“އެއީ ދެން ކުޑަ ކަމެއް ހިނގީ ބޮސްއާ ދެމީހުން ދޭތެރޭ..” ނާޒް ތަފްސީލެއް ނުދިނެވެ.

“ކޮންކަހަލަ ކަމެއް؟” އައްޒާމް އޮޅުންފިލުވަން ބޭނުންވިއެވެ.

“ލަވްއަށް އެނގެއެއްނު ނާޒްއަށް ފީލްވީމަ ކޮންޓްރޯލް ނުކުރެވޭކަން.. އެއްރެޔަކު ކޮންޓްރޯލް ނުވެގެން ބޮސްއަށް ނިދާ ބޭސް އަޅައި ކޮފީ ދީފަ ރަނގަޅަށް..” ނާޒް ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

“ވަޓް؟ އާރ ޔޫ ސީރިއަސް؟” ޔަޤީން ނުކުރެވިފައި އައްޒާމް އަހާލިއެވެ.

“ޔާ..”

“ވަޓް ދަ ހެލް!! ކީއްވެ؟ ކީއްވެ އަހަރެންނާ ރައްޓެހިވެގެން ހުރެ؟ އަހަރެން ކީއް ނުކޮށްދޭތީ؟” އައްޒާމް ވަރަށް ހިތްހަމަނުޖެހުނެވެ.

“ރުޅިމަޑުކޮށްބަލަ.. މީހަކަށް އަޑުއިވިދާނެއޭ..”

“ވަރިހަމައޭ އަޑުއިވުނަކަސް.. އަހަރެން ބޭނުމެއްނޫން އިތުރަށް އެންމެ މިނެޓަކުވެސް ނާޒްއާ އެކީ އުޅޭކަށް.. އަހަރެން ހިއެއްނުކުރަން ނާޒް ތީ އެކަހަލަ މީހެއް ކަމަކަށް.. އަހަރެން ހީކުރީ އަހަރެންނާ އެކީ އެހެން އުޅުނީ އަހަރެންނާ މެރީކުރަން ނިންމައިގެން ހުރީމަ ކަމަށް..” އައްޒާމް ވަރަށް ރުޅިއައިސްފައި ބުނެލިއެވެ.

“މެރީކުރާށޭ!!؟ ޗީ.. ނެވަރ.. އަހަރެން އެއްވެސް އިރަކު އައްޒާމްދެކެ ލޯތްބެއްނުވޭ.. އަހަރެން ބޭނުންވާ ކަންތައް އައްޒާމް ކޮށްދީފި.. ހީކޮށްލާ ތީ އަހަރެންގެ މިޝަނެއްގަ ބޭނުންކޮށްލި އެހީތެރިއެކޭ..” ނާޒްގެ އަޑުގައި އެއްވެސް ކަހަލަ ޖެހިލުންވުމެއް ނެތެވެ. އެއަޑުގައި ވަނީ މަލާމާތެވެ.

“ކޮން މިޝަންއެއް؟”

“އެއީ އަހަރެންގެ ދެ ދުޝްމަނުން، އައިކާއާއި މާޒްގެ ދިރިއުޅުން ބަރުބާދުކޮށްލުން.. އައިކާގެ ސަބަބުން މާޒް އެދުވަހު އަހަރެންގެ ލޯތްބަށް ފުރަގަސްދިނީ.. އޭނަ ދުވުނީ އައިކާގެ ފަހަތުން.. ކޮންމެ ފަހަރަކުވެސް މާޒް އައީ އަހަރެން އިގްނޯ ކުރަމުން.. އެކަމާ ހެދި އަހަރެންގެ ހިތުގައި އައިކާއާ ދޭތެރޭ ނަފުރަތު އުފެދުނީ.. އައިކާ ޔޫޝައުއާ އިނީމަވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނު.. އެއީ އޭނަ އުފަލުގަ އުޅޭތީ.. އެދުވަހު މާޒް އަހަރެންގެ ލޯތްބަށް ފުރަގަސްދިނީތީ އަހަރެންގެ ބައްޕަ ފައިސާއަށްޓަކައި އަހަރެން ވިއްކާލީ.. އަހަރެންގެ ޒުވާން އުމުރުގެ އެއްބައި މި ބޭކާރުވީ އެ ހަންޓޯޓޯ މީހާގަނޑާ އެކީ އުޅެ.. ދުވަހެއްގެ ކޮޅުންވެސް އޭނަ އަހަރެން ވަރިއެއް ނުކުރާނެ.. އެހެންވީމަ އަހަރެން ބޭނުންވީ އަހަރެންނަށް މާޒް ނުލިބުނުތާ އައިކާއަށްވެސް މާޒް ނުލިބޭނެ ގޮތެއް ހަދަން.. އެކަމާ އަހަރެން ވަރަށް ވިސްނިން.. އަހަރެން ހިތަށްއެރި ޔޫޝައު އައިކާ ދޫކޮށްލައިފިއްޔާ އައިކާ މާޒްއާ ގުޅިދާނެޔޭ.. އެހެންވެ އަހަރެން ބޭނުންވީ އައިކާގެ ދިރިއުޅުން ހަލާކުކޮށްލީ މާޒްކަމަށް އޭނައަށް ޤަބޫލުކުރެވޭނެހާ ގޮތަކަށް ކަންތައްތައް ކުރަން.. އެކަން އަހަރެންނަށް ކާމިޔާބުވެސް ކުރެވުނު.. ދެނެއް އައިކާ ދުވަހަކުވެސް މާޒްއަކާ ނުގުޅޭނެ.. މުޅި އުމުރަށް އޭނާއަށް ނަފުރަތުކުރާނެ.. ދެން ހުރީ ޔޫޝައު.. އޭނަ އަހަރެން ވަޒީފާއިން ވަކިކޮށްލުމުގެ ކުރިން އަހަރެންނަށް އޭނަގެ ކިބައިން އެކަމަށްވެސް ބަދަލު ހިފިއްޖެ.. އައިކާ ދެން ޔޫޝައުއަކާވެސް ނުގުޅޭނެ.. އެއީ އޭނައަކީ އެއްވެސް މީހަކަށް ދެވަނަ ފުރުސަތެއް ދޭނެ މީހެއްނޫން.. އަޅެ އަހަރެން މޮޅެއް ނޫންތަ؟ އަހަރެންނަށް ލަނޑެއް ދޭން ހިތަށް އަރުވާ މީހަކުވެސް ޖެހޭނީ މުޅި އުމުރަށް ރޯން.. އެއީ ކޮންމެ މީހަކަށްވިޔަސް..” ނާޒްގެ އަޑުގައި ވަނީ ނުރައްކާތެރިކަމެވެ. ބަދަލު ހިފުމުގެ ރޫޙުން އޭނާ ވަނީ ހަފުސްވެފައެވެ.

“އެކަމުގެ ތެރެއަށް އަހަރެން ވެއްދީ ކީއްވެ؟” އައްޒާމްގެ ހިތުގައި އުފެދުނު އޭނާއަށް އެންމެ އުނދަގޫ ކުރި ސުވާލު އޭނާ ނާޒްއާ ކުރިއެވެ.

“އެއީ މާޒް ކުރުވި ކަމެއްކަމަށް ދައްކަންވެގެން..”

“އެކަމަކު ކީއްވެ އަހަރެން؟” އައްޒާމް އަނެއްކާވެސް އޭނާގެ ހަޤީޤީ ސުވާލު ތަކުރާރުކުރިއެވެ.

“އަހަރެންނަށް އެނގުނު އައްޒާމް އަހަރެންނާ ދޭތެރޭ ދެކެނީ ކިހިނެއްކަން.. މިބުނީ އަހަރެންދެކެ ލޯބިވާކަން.. އެހެންވީމަ އަހަރެން ބުނާ ކޮންމެ ކަމެއްވެސް ކުރާނެކަން އަހަރެންނަށް ޔަޤީންވީ.. އެހެންވެގެން އަހަރެން އެގޮތަށް ކަންތައްކުރީ..” ނާޒް ފަޚުރުވެލިއިރު ހީވީ އޭނާއަށް މާ މޮޅު ކަމެއް ކުރެވިގެން އުޅޭހެންނެވެ. ކުއްލިއަކަށް ފަހަތުން އަތްތިލަބަޑި ޖަހަން ފެށި އަޑަށް ނާޒްއާ އައްޒާމް އެއްފަހަރާ ބަލާލިއެވެ. އެދެމީހުންނަށްވެސް ކުއްލި ސިހުމެއް ލިބުނީ ރުޅިވެރި ނަޒަރަކުން އެދެމީހުންނަށް ބަލަން އިން ޔޫޝައު ފެނުމުންނެވެ.

“ވާއު! ހާދަ މޮޅު ޕްލޭންއެކޭ ތީ.. މާސްޓަރ މައިންޑެއްގެ ވެރިއެއް ދޯ މީނީ..” ނާޒްއަށް އިޝާރާތްކޮށްލަމުން ޔޫޝައު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ޔޫ.. ޔޫޝައު..”

“އަނގަ މަޑުންލައިގެން އިނދޭ!” ޔޫޝައު އަމުރުވެރި ރާގަކަށް ބުނެލުމުން ނާޒްއަކަށް އެއްވެސް ހަރަކާތެއް ކޮށްލާކަށް ނުކެރުނެވެ. ދެންމެ ނުހަނު ގަދަވެލާފައި ވާހަކަދެއްކި މީހާ ކުޑަވިވަރުން އަޒްމީލް ގާތަށް ޒާތެއްގެ ހިންޏެއްވެސް އައެވެ.

“ހީކުރީ ތިކުރެވުނީ ވަރަށް މޮޅުކަމެއް ކަމަށްތަ؟ އެނގޭތަ؟ އެނގޭތަ ތި ހަލާކުކޮށްލެވިނީ ކިތައް މީހުންގެ ދިރިއުޅުންކަން؟ ހަމައެކަނި އައިކާއާ މާޒްގެ ދިރިއުޅުމެއް ނޫނޭ ހަލާކުވީކީ.. އެދެމީހުންނާ އަހަރެންނާ އަހަރެންގެ ދެދަރިން އަދި މީނދަ އައްޒާމްގެ ދިރިއުޅުންވެސް..” ނާޒްއާ ދިމާއަށް ގުދުވެލަމުން ރުޅިވެރިކަމާއެކު ޔޫޝައު ބުނެލިއެވެ.

“އަމިއްލަ ދިރިއުޅުން އަމިއްލަ އަތުން ހަލާކުކޮށްލެވުނުއިރުވެސް ނޭނގުނު ދޯ؟” ޔޫޝައު މަލާމާތުގެ ބަހެއް އައްޒާމްއަށް އެއްލިއެވެ. އައްޒާމްއަށް އިސްޖަހާލުން ނޫންކަމެއް ނުކުރެވުނެވެ.

“ހީކުރީ އައިކާގެ ހިތް ތިގޮތަށް ބަދަލުކޮށްލައިގެން ކަލޭއަށް ވަރަށް އުފަލުގަ އުޅެވިދާނެކަމަށްތަ؟ އަހަރެން ކަލޭ ތި ދެއްކި ހުރިހާ ވާހަކައެއް ރެކޯޑްކޮށްފިން.. އެ ހުރިހާ އެއްޗެއް އޭނައަށް އިއްވީމަ ކަލެއަށް ވަރަށް އުފަލުގަ އުޅެވޭނެޔޭ.. އޭރުން ކާމިޔާބު ލިބުނީ ކާކަށްކަންވެސް އެނގިދާނެ..” ނާޒްއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޔޫޝައު އެހެން ބުނެލާފައި ދާން ހިނގައިގަތީ އަޒްމީލް ގާތު އައުމަށް އިޝާރާތްކުރަމުންނެވެ.

ޔޫޝައު އައިކާމެން ތިބި ކޮޓަރިއަށް ދިޔައިރު އައިކާ އުޅެނީ ދެކުދިން މަސަލަސްކުރުމުގައެވެ. ސަނާވެސް އެތަނުން އެއްކުއްޖަކު ހުއްޓުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޔޫޝައު ވަނުމުން ސަނާ އެކުއްޖާ ޔޫޝައުގެ އަތަށް ދިނެވެ. ހަމަ ދިނުމާއި އެކުހެން ރުއިން ހުއްޓާލައިފިއެވެ.

“އެ ހުއްޓާލީނު.. ބޭބީއަށްވެސް ޑެޑީ ވަކިކުރަން އެނގޭނެއޭ ދޯ.. މާޝާ ﷲ!! ބަލާބަލަ ލޯބިކަން..” އަޒްމީލް ބުނެލިއެވެ. ސަނާއާއި ޔޫޝައުވެސް ހީލިއެވެ.

ދެކުދިންގެ ރުއިން ހުއްޓުމާއެކު ސަނާ ބޭރަށް ނުކުމެލިއެވެ. އަޒްމީލްވެސް ޔޫޝައުގެ ކޮނޑުގައި ޖަހާލާފައި ނުކުތީ އަވަހަށް މަސައްކަތް ކުރިއަށް ގެންދާށޭ ބުނާފަދަ އިޝާރާތެއް ކޮށްލާފައެވެ.

“އިކާ! އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި.. ހަމަ މިރޭ.. މިހާރު..”

“އަލުން ދެމީހުން ގުޅޭ ވާހަކަ ދައްކަންޏާ ބުނެވޭނީ ތީ ބޭކާރު ވާހަކަތަކެކޭ.. އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ..” އައިކާ ބުނެލިއެވެ. އޭނާ ހުރީ އޭނާގެ ގޮތުގައެވެ.

“ތިއަށްވުރެވެސް މާބޮޑު ވާހަކައެއް ދައްކަން މިއުޅެނީ.. މިވީ ދެތިން މަހެއްގެ ތެރޭ އަހަރެމެން އެންމެންވެސް މިތިބީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި..” ޔޫޝައު ބުނެލިއެވެ.

“ކޮން އެންމެންނެއް؟”

“އަހަރެންވެސް.. އައިކާވެސް.. އަދި މާޒްވެސް..” ޔޫޝައު ބުނެލިއެވެ.

“ތިކިޔާ އެއްޗެއް އަހަރެންނަކަށް ނުވިސްނޭ.. ސާފުކޮށް ބުނެދީފާނަންތަ؟” އައިކާ އިނީ ވާނުވާ ނޭނގިފައެވެ. އައިކާ އެހެން ބުނެލުމުން ޔޫޝައު އޭނާގެ ފޯނުން ރިކޯޑްކުރި ނާޒްއާއި އައްޒާމްގެ ވާހަކަތައް ޕްލޭކޮށްލިއެވެ. އިވެމުންދިޔަ ވާހަކަތަކެއް އައިކާއަކަށް ޤަބޫލެއް ނުކުރެވުނެވެ.

“ނޫން.. ތީ ދޮގެއް..”

“ނޫން.. މީ ތެދެއް.. މީ މިރޭ އަހަރެންނާ އަޒޭ ރެސްޓޯރެންޓެއްގައި ތިއްބާ އިއްތިފާޤަކުން އަހަރެމެންނަށް އިވުނު ވާހަކަތަކެއް.. ސީދާ ނާޒްއާއި އައްޒާމްގެ ދުލުން ހުރިހާ ވާހަކައެއް ދައްކާފަ މިހުރީ..” ޔޫޝައު ޔަޤީންކަން ދިނެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލި އަޑަށް ޔޫޝައުއާ އައިކާއަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ.

“ހުޅުވާފަ ހުރީ..” އައިކާ އެހެން ބުނެލީ ސަނާމެން ކަމަށް ހީކޮށްފައެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އައްޒާމް ފެނުމާއެކު ޔޫޝައުގެ ލޭ ކެކިގަތެވެ.

“ކިހިނެއް މިތަނަށް އަންނަން އެނގުނީ؟” ޔޫޝައު ރުޅިވެރިކަމާއެކު އަހާލިއެވެ.

“ޔޫޝައުގެ ފަހަތުން އަހަރެން މިއައީ..” އިސްޖަހައިގެން ހުރެ އައްޒާމް ބުނެލިއެވެ.

“ކީއްކުރަން؟ އަދިވެސް ކުރެވުނު ވަރު ކުޑައީތަ؟” އައިކާ ރުޅިވެރިކަމާއެކު އެހެން ބުނިނަމަވެސް އޭނާ ވާހަކަދެއްކީ މަޑުންނެވެ.

“ނޫން.. އަހަރެން މިއައީ މާފަށް އެދެން.. އަހަރެންނަށްވެސް މިހުރިހާ ދުވަހަކު މި ހުރެވުނީ އޮޅުމެއްގެ ތެރޭގައި.. ނާޒް މިހުރިހާ ދުވަހު އަހަރެން ކަނުބަނދެގެން ގެންގުޅުނީ.. އަހަރެންނަށްވެސް ހަޤީޤަތް މި އެނގުނީ މިރޭ.. އޭނަ އަހަރެންގެ ގާތުގައި އައިކާއޭ މާޒްއޭ ކިޔައިގެން ދޮގު ވާހަކަދައްކައިގެން އަހަރެން ބޮލަށް ސަވާރުވީ.. އޭނަގެ ބަދަލު ހިފުމުގެ ތެރެއަށް އަހަރެން ވެއްދީ.. އެންމެފަހުން އަހަރެންނަށް ކެހިވެސް ދިނީ.. އަހަރެން ހީކުރީ އޭނަ އަހަރެންދެކެ ލޯބިވާކަމަށް.. އެކަމަކު މިރޭ މި އެނގުނީ އެއީވެސް އޭނަ ދެއްކި ދަޅައެއްކަން..” އައްޒާމް ހުރީ އޭނާއަށް ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދުގަނެފައެވެ. އެކަން އޭނާގެ މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ.

“އަހަރެން ހުރިހާ ކަމެއްވެސް ކުރީ ނާޒް ބުނިގޮތަށް.. މާޒްއަށް ވެގެން އައިކާއަށް މެސެޖު ކުރީވެސް.. އަހަރެންނަށް ނާޒްދެކެ ލޯބިވެވުނުލެއް ބޮޑުކަމުން އޭނަ ދެއްކި ހުރިހާ ވާހަކައެއްވެސް ތެދުކަމަށް ހީކުރެވުނީ.. އަހަރެންނަށް މާފްކުރޭ.. އިނގޭ އެހާ ފަސޭހަކަމެއް ނޫންކަންވެސް.. އެކަމަކުވެސް..”

“ދެން ހެޔޮ.. ދާންއުޅޭ މިތަނުން.. ނުލިބޭނެ އަހަރެންގެ މާފެއް.. ދެން މިތަނަށް އައިސްފިއްޔާ ޕޮލިހަށްވެސް އަންގާނަން.. ހައްޔަރުވާންތަ ބޭނުމީ؟ ކަލޭ މައިންބަފައިން، އަހަރެން ބޭނުން ކޮންމެ އަދަބެއް ކަލެއަށް ދިނުމަށް އިޚްތިޔާރު ދިނުމުންވެސް އެމީހުންނާ ދޭތެރޭ ވިސްނާލާފަ ކުރީ ފަހަރުވެސް ކަލޭ ޕޮލިހުންނާ ހަވާލުނުކުރީ.. އެވަރުންވެސް ކަލޭ އެކަން ހުއްޓައެއްނުލި.. ދެވަނަ ފަހަރުވެސް ދިމާކުރީ.. އެހެންވީމަ މިފަހަރު ކުރީ ބައިގަ މިބުނަނީ.. ދެން އަހަރެން ފެންނަ ހިސާބަށް އަޔަސް އަހަރެން ކަލޭ ޕޮލިހުންނާ ހަވާލުކުރާނަން.. ހަމަ މިހާރު މިތަނުން ނިކުމޭ.. އަހަރެން ކަލޭއަށް ދުވަހަކުވެސް މާފެއް ނުކުރާނަން..” އައިކާ ރުޅިވެރިކަމާއެކު އެހެން ބުނެލުމުން އައްޒާމް އެއްވެސް އެއްޗެކޭ ނުބުނެ ނުކުތެވެ. ކިތަންމެ ވަރަކަށް މާފަށް އެދުނަސް އައިކާގެ މާފު ނުލިބޭނެކަން އެނގޭތީއެވެ. އައްޒާމް ނުކުތުމާއެކު އައިކާއަށް ބާރަށް ރޯން ފެށުނެވެ.

“އައިކާ ޕްލީޒް! ނުރޮއި ހުއްޓާލާ..” އައިކާ ރޯން ފެށުމުން ޔޫޝައު ވަރަށް ދެރަވިއެވެ.

“ޔޫޝް! އަހަރެން ދެން ކިހިނެއް ހަދާނީ؟ އަހަރެންނަށް މާޒްއާ ދޭތެރޭ ކަންތައް ކުރެވުނީ ހާދަ ގޯސްކޮށޭ.. އަހަރެން އޭނައާ ދިމާއަށް ނުކިޔަނީ ކޮން އެއްޗެއް؟ އޭނަ އަހަރެންގެ އާއިލާއަށްވީ ހުރިހާ އެހީއެއްގެ ބަދަލު އަހަރެންނަށް ދެވުނީ ހާދަ އިހާނެތި ބަސްތަކަކުންނޭ.. އަހަރެން ކިހިނެއް ދެން މާޒްއާ ކުރިމަތިލާނީ؟ މިރޭވެސް އޭނަ އައިމަ އަހަރެންނަށް އޭނައާ ދިމާއަށް ހާދަ ނުބައި އެއްޗިއްސޭ ގޮވުނީ.. ދެން ނޭނގެ.. އަހަރެންނަށް ހަމަ ޔަޤީން މިހާރު އަހަރެން މާފަށް އެދުނަސް މާޒް އަހަރެންނަށް މާފެއްވެސް ނުކުރާނެކަން..” އައިކާއަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ޙައްޤަކާއިނުލާ މާޒްއާ ދިމާއަށް ގޮވުނުހާ އެއްޗެހި ހިތަށް އެރުމުންނެވެ.

“ނޫން.. މާޒްއަކީ ވަރަށް ރަނގަޅު މީހެއް.. އޭނަ އައިކާއަށް މާފްކުރާނެ..” ޔޫޝައު ޔަޤީންކަން ދިނެވެ.

“އަހަރެންނަކަށް ނުކެރޭނެ މާޒްއާ ކުރިމަތިލާކަށް.. އޭނަ އަހަރެންނަށް ދުވަހަކުވެސް މާފެއް ނުކުރާނެ..” އައިކާ ބުނަމުންދިޔައެވެ.

“އައިކާ! ތިހެން ނުބުނޭ.. އައިކާއަށް މާޒްއާ ކުރިމަތިލެވޭނެ.. އައިކާއަކީ ހިތްވަރުގަދަ ކުއްޖެއް.. އެކަން އައިކާ ވަނީ މިވީ ދެމަހެއްހާ ދުވަސްތެރޭ ސާބިތުވެސް ކޮށްދީފައި.. ލޯބިވާ މީހުންނާ ދުރުގައި ހުރުމަކީ ކިހާ ބޮޑު ވޭނެއްކަން އައިކާ ވަނީ ތަޖުރިބާކޮށްފައި..” ޔޫޝައު އައިކާއަށް ހިތްވަރުދިނެވެ.

ހަފްތާއެއް ފަހުން ނާޒިމްއާއި ސަނާ އައިކާއާއި ދެކުދިން ގޮވައިގެން ރަށަށް ދިޔައެވެ. ރަށަށް ދެވުމުންވެސް އައިކާ މާޒްއަކަށް ނުގުޅިއެވެ. މާޒްއާއި ދޭތެރޭ ކަންތައް ކުރެވިފައިވާ ގޮތުން ލަދުންނެވެ. މާޒް ބުނިތަން މިއޮތީ އައިސްފައެވެ. ހަޤީޤަތް އެނގުމުން މާޒްގެ ކުރިމައްޗަށް އަރަން އައިކާ ލަދުގަންނާނެކަމަށް މާޒް ވަނީ ބުނެފައެވެ. އޭނާއާ ދިމާއަށް ގޮވި އެއްޗެހީގެ ސަބަބުން އެކަމާ ހިތާމަކުރާނެކަމަށްވެސް މާޒް ބުނެފައިވެއެވެ. ކަންތައް ވީވެސް އެހެންނެވެ. ހަޤީޤަތް އެނގުނު ފަހުން އައިކާއަށް ހިތްހަމަޖެހިގެނެއް ނުހުރެވެއެވެ. ހަމަ ބުއްދިން މާޒްއާ ދޭތެރޭ އޭނާއަށް ވިސްނާލެވުނީ އަދި ކިރިޔާއެވެ. ވާނެ އެއްޗެއް ވީފަހުންނެވެ. މާޒްގެ މާފު ނުލިބޭނެހާ ވަރަށް މާޒްގެ ހިތުގައި ޖައްސާ ހެދުނު ފަހުންނެވެ. އޭނާ އެކަމާ ހިތާމަކޮށް ކަރުނަ ނުއޮހޮރާ ދުވަހެއް ނުދެއެވެ.

އައިކާއަށް މިހާރަކަށް އައިސް މާޒްއާ ދޭތެރޭ ވިސްނެނީވެސް މާވަރަކަށެވެ. މާޒްއާ ދޭތެރޭ އޭނާ ދެކެމުން އައި ގޮތް ބަދަލުވަމުން އަންނަކަން އޭނާއަށް ޤަބޫލުކުރެވެއެވެ. މާޒް ދުށުމަށް ހިތް އެދެނީއެވެ. ވާހަކަ ދައްކާލާ ހިތްވަނީއެވެ. އެކުގައި ވަގުތު ހޭދަކުރާ ހިތްވަނީއެވެ. ނުފެނުމުން ހިތް ނުތަނަވަސްވަނީއެވެ. މިއީ ކުރިންވެސް އޭނާއަށް ކުރެވުނު އިހުސާސްތަކެކެވެ. ނަމަވެސް ކުރިން އެ އިހުސާސްތައް ކުރެވުނީ މާޒްއަށްޓަކައެއް ނޫނެވެ.

“އަހަރެން ކިހިނެއް ހަދާނީ މާޒް ކައިރިން މާފަށް އެދެން؟ މާޒް ގާތު އެވާހަކަތައް ކިޔައިދޭނެ ގޮތެއްވެސް އަހަރެންނަކަށް ނުވިސްނޭ.. މާޒްއާ ދިމާއަށް އަހަރެން ގޮވުނު އެއްޗެހީގެ ސަބަބުން އޭނަ އަހަރެންނަށް މާފުކުރާނެބާ؟ އޭނަ އަހަރެންނަށް މާފް ނުކޮށްފިއްޔާ އަހަރެން ހަދާނީވެސް ކިހިނެއް؟ އަހަރެންނަށް މިހާރު މާޒްއާނުލާ އުޅެން ވަރަށް އުނދަގޫ.. އަހަރެންނަށް މާޒްދެކެ ލޯބިވެވިއްޖެ.. އަހަރެންނަށް އެކަން މިހާރު ޤަބޫލުކުރެވިއްޖެ.. ކޮންމެ ދުވަހަކު މާޒް ފެންނައިރުވެސް އަހަރެންގެ ހިތް އަބަދުވެސް އެދެނީ އޭނަ ފެންނަ ހިސާބުގައި ހުންނަން.. އޭނަ ފެނުނީމަ އެވާ ގޮތްތަކެއްވެސް ނޭނގެ ބުނާކަށް.. ހިތްއަވަސްވެ އަތްފައި ފިނިވެ.. ދެން ނޭނގެ..” އައިކާ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.

“ހިތްވަރުކޮށްލާފަ މާޒްއަށް ގުޅަންވީ ކަންނޭނގެ..” އައިކާގެ ހިތަށްއެރިއެވެ.

“މާތް ﷲ މިއަޅާއަށް ހިތްވަރު ދެއްވާނދޭވެ.. އާމީން!” މަޑުމަޑުން ދުޢާކޮށްލުމަށްފަހު އައިކާ ފޯނު ނެގިއެވެ. އަދި އޭނާ ބްލޮކް ކޮށްލާފައިވާ މާޒްގެ ނަންބަރު އަންބްލޮކް ކޮށްލިއެވެ. ވަރަށް ނުކެރި ހުރެފައި އޭނާ އެ ނަންބަރަށް ގުޅާލިއެވެ.

މާޒް އޮތީ އޭނާގެ ކޮޓަރީގައެވެ. އޭނާގެ ވިސްނުންތައް ގުޅިފައިވަނީ އައިކާއާއެވެ. އެނޫންކަމެއް އޭނާގެ ޙަޔާތުގައި ނުވާފަދައެވެ. އެކަން އައިކާއަށް ވިސްނޭނެނަމައޭ އޭނާގެ ހިތަށްއެރިއެވެ. ފޯނު ރިންގުވާ އަޑަށް ސިހިފައި މާޒް ފޯނަށް ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ އައިކާގެ ނަން ފެނުމުން އޭނާއަށް އިނދެވުނީ ޤަބޫލުނުކުރެވިފައެވެ. އޭނާއަށް މި ފެންނަނީ ހުވަފެނެއް ނޫންބާވައޭ އޭނާގެ ހިތަށްއެރިއެވެ. ހައިރާންވެފައި އިނދެ މާޒް ފޯނު ނެގިއެވެ.

“ހެލޯ!”

“ހެލޯ! މާޒް!” ޖެހިލުވެފައި ހުރެ އައިކާ ގޮވާލިއެވެ.

“އާނ.. ކީކޭ؟” މާޒްގެ އަޑުގައިވާ ބީރައްޓެހިކަން އައިކާއަށް ފާހަގަކުރެވުނެވެ.

“މިގެއަށް އައިސްދެވިދާނެތަ؟ މިހާރު..” އައިކާ ބުނެލިއެވެ.

“ކިހިނެއްވީ؟ މާބޮޑު ކަމެއް އޮތީތަ؟” މާޒް ކަންބޮޑުވެފައި އަހާލިއެވެ.

“ހޫމް.. ކުޑަކަމެއް ނޫން..”

“އާނ.. އެބަ ދަން އިރުކޮޅަކުން..” މާޒް ބުނެލިއެވެ.

ކުޑައިރުކޮޅެއްވީއިރު މާޒް ހުރީ އައިކާމެން ގޭގައެވެ.

“އިކާ! ކިހިނެއްވީ؟” ގޭތެރެއަށް ވަންނަމުން ސިޓިންރޫމުގައި އިން އައިކާ ގާތު މާޒް އަހާލިއެވެ.

“މާޒް! އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.. އެކަމަކު އަހަރެންނަކަށް ނޭނގެ މިވާހަކަ ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް.. އަހަރެންނަށް މާޒްއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. އެކަން އަހަރެން ޤަބޫލުކުރަން.. އަދި އެކަމާ ވަރަށް ދެރަވެސްވޭ..” އައިކާ ސޯފާގައި އިނދެފައި ކޮޅަށް ތެދުވިއެވެ. އަދި މާޒްގެ ފުރަގަހަށްވާ ގޮތަށް ހުއްޓުނެވެ. މާޒްގެ މޫނަށް ބަލަން ހުރެ އޭނާއަށް އެވާހަކަ ދައްކަން ފަސޭހަ ނުވާތީއެވެ.

“މާޒް! ވަރަށް ލަދުގަނޭ މިވާހަކަ ބުނަންވެސް.. އެކަމަކުވެސް މިހާރު އަހަރެންނަށް ހަމަޖެހުމެއް ނުލިބޭތާ ދެމަސް ވެދާނެ.. ހަޤީޤަތް އެނގުމުންވެސް މާޒްއާ ކުރިމަތިލާން ނުކެރިފަ އަހަރެން މިހުންނަނީ..” އައިކާ ދެއަތް ދެއަތާ މޮޑެމުން ބުނެލިއެވެ.

“އަހަރެންގެ ދިރިއުޅުން ހަލާކުވުމުގައި މާޒްގެ އެއްވެސް ކުށެއްނެތް.. އަހަރެންނަށް އެކަން އެނގިއްޖެ.. އެ ހުރިހާ ކަމަކީވެސް އަހަރެމެން ދެމީހުންނާ ދުޝްމަންކަން ބާއްވައިގެން އުޅޭ މީހަކު އަހަރެމެން ދެމީހުން ދޭތެރެ ޖައްސަންވެގެން އަހަރެންނަށް ދެއްކި މަންޒަރުތަކެއް.. ބޮޑު އޮޅުވާލުމެއް..” އައިކާ އަދިވެސް ހުރީ މާޒްއާ ދިމާއަށް އެނބުރެން ނުކެރިފައެވެ.

“އިކާ ތިކިޔަނީ ކީކޭ؟” އައިކާގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލަމުން މާޒް އަހާލިއެވެ.

“އާނ މާޒް.. އަހަރެން މި ކިޔަނީ ހަމަ ރަނގަޅު އެއްޗެއް.. މި ހުރިހާ ކަމެއްގެ އަޑީގައި ހުރީ ނާޒް..”

“ކީކޭ!؟ ނާޒްއޭ!؟ ކީއްވެ؟” ހައިރާންކަމާއެކު މާޒްއަށް އަހާލެވުނެވެ.

“އަހަރެމެން ކިބައިން ބަދަލު ހިފަންވެގެން.. މާޒް އޭނައާ ނުގުޅުނީމަ.. އަހަރެން މާޒްއާ ގުޅިދާނެތީ..”

“މާޒް! އަހަރެންނަށް މާފްކުރޭ.. އަހަރެންނަށް މާޒްއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް..” އައިކާ ކުއްލިއަކަށް މާޒްގެ ގައިގައި ބައްދާލިއެވެ.

“އަހަރެން އިކާއަށް ހެޔޮހިތުން މާފްކޮށްފިން.. އަހަރެން އިކާދެކެ ވަރަށް ލޯބިވޭ..” މާޒްއަށް އެއްވެސް އިޚްތިޔާރަކާނުލާ އޭނާ އައިކާދެކެ ލޯބިވާ ވާހަކަ ބުނެވިއްޖެއެވެ.

“މާޒް! އަހަރެންނާ އިންނާނަންތަ؟” އައިކާ އެހެން އަހާލުމުން މާޒްއަށް ކުއްލިއަކަށް އައިކާއާ ދުރަށް ޖެހިލެވުނެވެ.

“އިކާ! އަހަރެންނާ ތިކަހަލަ ސަމާސާ ނުކުރޭ.. އަހަރެންގެ ހިތް ކުދިކުދިވެދާނެ..”

“މާޒް! މީ ސަމާސާއެއް ނޫން.. މީ ހަޤީޤަތެއް.. އަހަރެން މާޒްއާ އިންނަން ބޭނުން.. އަހަރެންނަށް މާޒްދެކެ ލޯބިވެވިއްޖެ..” އައިކާގެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ.

“ހަމަ އަސްލުތަ؟ ސަމާސާއެއް ނޫންތަ؟” މާޒް ޔަޤީންކުރަން ބޭނުންވިއެވެ.

“އާނ.. މީ ހަމަ ހަޤީޤަތެއް..” އައިކާ ޔަޤީންކަން ދިނެވެ.

“އަހަރެން މިއަދު ވަރަށް އުފާވެއްޖެ..” މާޒް ވަރަށް ލޯބިން އައިކާ ގައިގައި ބައްދާލިއެވެ. އަދި މަޑުމަޑުން އައިކާގެ އިސްއުފުލާ އެމޫނަށް ރީތިކޮށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު ދެމީހުންނަށް މަޑުމަޑުން ގާތްވެވެމުން ދިޔައެވެ. މާޒްގެ ތުންފަތް އައިކާގެ ތުންފަތާއި ޖޯޑުވި ވަގުތު އައިކާއަށް ދެލޯ މަރާލެވުނެވެ. އެވަގުތު ބޭރުން އައިސް ގޭތެރެއަށް ވަތް ނާޒިމްއާއި ސަނާ ކަރުކެހިލި އަޑަށް ދެމީހުންނަށް ސިހިފައި ދުރަށް ޖެހެވުނެވެ.

“ތީ ކޮންކަމެއް؟” ނާޒިމް ރުޅިވެރިކަން ދައްކަމުން ބުނެލި ނަމަވެސް ދެންމެ ފެނުނު މަންޒަރުން އޭނާގެ ހިތުގައި ވަނީ އުއްމީދުގެ ހުޅުކޮޅެއް ރޯވެފައެވެ. ނާޒިމްމެންނަށް އެމަންޒަރު ފެނުނުކަން އެނގުމުން ދެމީހުން ވަރަށް ލަދުގަތެވެ. އިސާހިތަކު އައިކާގެ މޫނުމައްޗަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވިއެވެ.

“ބޭބޭ! އަހަރެން އައިކާއާ އިންނަން ބޭނުން..” މާޒް މަޑުމައިތިރިކަމާއެކު ބުނެލިއިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ލަދުވެތިކަމެވެ. ނާޒިމްއާއި ސަނާގެ މޫނުމަތިން ފެނިގެން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަފަދަ އުފާވެރިކަމެކެވެ.

“މަންމަ މިއަދު ވަރަށް އުފާވެއްޖެ.. ދަރިފުޅަށް މިއަދު އިހުސާސްކުރެވިއްޖެ ދޯ މާޒް ދަރިފުޅުދެކެ ލޯބިވާވަރު..” ސަނާ އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ.

**********

އައްޒާމްއަށް ހަޤީޤަތް އެނގުނު ރެއިން ފެށިގެން ނާޒް އުޅުނީ އައްޒާމްއަށް ފިލައިގެންނެވެ. ނަންބަރުވެސް ބަދަލުކޮށް ގެއިން ނުކުތުން އެއްކޮށްހެން ހުއްޓާލިއެވެ. ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ބޭރަކަށް ނުދެއެވެ. އިއްތިފާޤަކުންވެސް އައްޒާމްއާ ދިމާނުވޭތޯ އޭނާ ހުންނަނީ އަބަދު ދުޢާކޮށްލަކޮށްލައެވެ. އައްޒާމްގެ ފަރާތުން އެރޭ ވަނީ އޭނާއަށް ނުރައްކާތެރި އިންޒާރެއް ދީފައެވެ. އޭނާގެ ހިތުން ނުފިލާވަރުގެ ގޮތެއް އޭނާ ހަދާނެކަމުގެ އިންޒާރެވެ. އެހެންކަމުން ފަހަރެއްގައި ބޭރަށް ނުކުމެލިނަމަވެސް އޭނާ ހުންނަނީ ބިރުން ސިހިސިހިއެވެ.

މަސްދުވަސް ފަހުން އައްޒާމްއަށް ނާޒް ފެނުނީ މަޖީދީ މަގުގައި ހުންނަ އަންނައުނު ވިއްކާ ފިހާރައަކުން ނުކުންނަނިކޮށެވެ. ނާޒްއަށް އައްޒާމް ފެނުނީ އޭނާއާއި ފުދޭވަރަކަށް ކައިރިއަށް އައިފަހުންނެވެ. ފެނުމާއެކު އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެއޮއް ފިނި ދުވަހުވެސް އޭނާ ދާހިއްލާ ފޯވެއްޖެއެވެ. އައްޒާމް އޭނާއާއި ގާތަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާއަށް ލިބެމުން ދިޔައީ އިންޒާރެކެވެ. އޭނާ ބަލާކަށް ނުހުރެ ހުރިގޮތަށް މަގު ހުރަސްކުރަން ހިނގައިގަތެވެ. ހާސްވެ ބިރުގެންފައި ހުރުމުގެ ސަބަބުން އެއްވެސް ކަމެއް އޭނާއަށް ވިސްނައެއްނުލެވުނެވެ. މަގުގެ މެދެއްހާ ހިސާބަށް ދެވުނުތަނާ ބާރު ދުވެލީގައި އައި ލޮރީއެއްގައި ޖެހި އޭގެ ދަށުވީއެވެ. މާ ބާރަށް ނައިނަމަވެސް ކުއްލިއަކަށް އެހާ ކައިރިން މީހަކު ފެނުމުން ޑްރައިވަރަށް ލޮރީގެ ބުރަކި ނުޖެއްސުނީއެވެ. އިސާހިތަކު ލޭގެ ކޯރެއް ހެދި އެހިސާބަށް މީހުން އެއްވާން ފަށައިފިއެވެ.

އެންބިއުލާންސްގައި ނާޒް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ ފުރާނައެއް ނެތެވެ. އައްޒާމްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އޭނާ ނާޒްއާ ދިމާއަށް އައީ އެއްގޮތަކަށްވެސް ނާޒްއަށް ގެއްލުމެއް ދޭކަށް ނޫނެވެ. ނަމަވެސް އެރޭ ރުޅިއައިސްފައި ހުރިވަރުން އޭނާއަށް ބުނެވުނު އެއްޗެއްގެ ސަބަބުން ނާޒް މާބޮޑަށް ބިރުގަތީއެވެ. ނާޒްގެ މަރުގެ ޚަބަރު ލިބުމާއެކު އޭނާގެ މަންމަ ދުނިޔޭން މޮޔަވީއެވެ. އޭނާގެ ބައްޕައަށް ހާޓް އެޓޭކެއް ޖެހިގެން ނިޔާވީއެވެ.

**********

“ލަމް! އެނގޭތަ؟ މާޒްއާ އައިކާ އުޅެނީ އިންނަންވެގެން.. އަންނަ މަހު..” ޔޫޝައު އެހެން ބުނެލުމުން ލަމްހާ ހައިރާންވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އައިކާ ވަނީ ލަމްހާ ގާތުގައިވެސް މާޒްއާ ދިމާއަށް އެހާވަރަށް އެއްޗެހި ގޮވާފައި ވިއްޔާއެވެ. ވީއިރު ކުއްލިއަކަށް އެދެމީހުން ކައިވެނިކުރާ ވާހަކަ ބުނުމުން ހައިރާންވާނެ ނޫންހެއްޔެވެ؟

“އަސްލުވެސްތަ؟ އެކަމް ހާދަ ހީނުވެޔޭ.. އައިކާ މާޒްދެކެ ވަރަށް ރުޅިއަންނަކަމަށް އަހަރެން ގާތު އައިކާ ބުނީ..” ލަމްހާއަށް ޤަބޫލު ނުކުރެވިގެން ބުނެލިއެވެ.

“އޭނައަށް ހަޤީޤަތް އެނގުނީމަ އެ ރުޅިވެރިކަން ފިލާ ދިޔައީ ކަންނޭނގެއެއްނު..” ޔޫޝައު އޭނާގެ ހިތުގެ އުދާސްތައް ފޮރުވަމުން ބުނެލިއެވެ.

“ވެދާނެ ތިހެންކަމަށް.. އަޅާނުލާ ދެން.. އަހަރެން މިހުރީނު.. އައިކާއަށްވެސް މާޒްއާއެކީ އުފާވެރި ދިރިއުޅުމެއް ލިބިއްޖެއްޔާ ކިހާ ރަނގަޅު.. އޭރުން އެ ދެކުދިންވެސް ބޮޑެތިވާނީ މައިންބަފައިންގެ ލޯބި ފުރިހަމައަށް ލިބިގެން ރަނގަޅު ކުދިންތަކެއްގެ ގޮތުގައި..” ލަމްހާ އެހެން ބުނެލުމުން ޔޫޝައުވެސް ބޯޖަހާލިއެވެ.

**********

އެއްމަސް ފަހެވެ. މާޒްއާއި އައިކާގެ އާއިލާއިން ތައްޔާރުވަމުން ދަނީ އެދެމީހުންގެ ކައިވެންޏަށެވެ. ދެމީހުންވެސް މާބޮޑު ހަފްލާއެއް ބާއްވަން ބޭނުން ނުވިނަމަވެސް އާއިލާ މީހުންނާ ރައްޓެހިންނަށް ކެއުމެއް ދިނުމަށް ތައްޔާރުވަމުން ދިޔައެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިން އެކަކަކީ ލިހާމްއެވެ. އެއްއިރެއްގައި މާޒްއާ އެންމެ ދުޝްމަންވެގެން އުޅުނު މީހާއެވެ. އޭނާގެ އަންހެނުން މާޝާ ވިހަން ގާތްވެފައި އިންދާ ބަނޑުން ލޭ ފައިބައިގަނެގެން ލޭ އަޅަން ޖެހުނު ހިނދު މާޒް އޭނާއަށް ލޭ ދިނުމަށްފަހު، ލިހާމް މާޒް ކިބައިން މާފަށްއެދި އެކުވެރިވީއެވެ. އޭގެ ފަހުން އޭނާ މާޒްއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރިވެދެއެވެ.

ލީންއާއި ޒިޔާންވެސް އެކަމުގައި އަމަލީ ގޮތުން ބައިވެރިވިއެވެ. ލީން ބަލިވެ އިނދެ އެހާ ގިނަ ދުވަސް ނުވާތީ ސަނާމެން އޭނާ ބުރަކޮށް މަސައްކަތް ކުރިޔަކަ ނުދިނެވެ. އޭނާއަށް ޖެހުނީ އިށީނދެލައިގެން އިނދެ ކޮށްލެވޭ ކަހަލަ ކުދިކުދި ކަންކަން ކޮށްލާށެވެ. މާބަނޑުވުމުގެ ސަބަބުން ގިނަ އަންހެނުންނަށް ދިމާވާ ގަދަ ވަސްތަކަށް ބޯއަނބުރާ މޭނުބައިކުރުންފަދަ އުނދަގޫތައް އޭނާއަށް ދިމާނުވުމަކީ އޭނާގެ ނަސީބެވެ. ނޫންނަމަ އޭނާ އެންމެ ދެކެން ބޭނުންވި ދުވަސްތަކުގެ ތެރެއިން އެއްދުވަސް އައިއިރު އޭނާއަށް އެކަމުގައި ކުޑަކޮށްވެސް ބައިވެރި ނުވެވުނީހެވެ.

އެރޭގެ ނުވައެއް ޖެހިއިރު މާޒްއާއި އައިކާ ތިބީ ގޭގެ ސިޓިންރޫމުގައި ކައިވެންޏަށް ތައްޔާރުކޮށްފައިވާ މޭޒު ކައިރީގައެވެ. ހެކިވެރިންނާއި ގާޒީގެ އިތުރުން ދެފަރާތުގެ އާއިލާ ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމެވެ. މާޒް އިނީ ހިތް އަވަސްވެފައެވެ. އަލަތު ކައިވެނި ނޫންނަމަވެސް އައިކާވެސް އިނީ ހަމަ އެފަދަ ހާލެއްގައެވެ. މާބޮޑު ގޮތްތަކެއް ހަދާފައި ނެތްނަމަވެސް ކަޅާއި ރަތުން ފަރުމާކޮށްފައިވާ ސާދާ ހެދުމުގައި އައިކާ ފެންނަނީ ޕަރީއެއް ފަދައިންނެވެ. މާޒްވެސް ކަޅުކުލައިގެ އަތްދިގު ގަމީހާއި ކަޅު ފަޓުލޫނުގައި އިންއިރު އައިކާއަކަށް ދުލެއް ނުކުރެއެވެ.

“އަނބި ޤަބޫލުކޮށްފިން..” މާޒްގެ ދުލުން އެބަސްތައް ބޭރުވުމާއެކު އައިކާއަށް ދެލޯ މަރާލެވުނެވެ. ދެމީހުންނަށް ދެމީހުންގެ މޫނަށް ބަލާލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އެދެމީހުންނާއި އެތަނުގައި ތިބި އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. އެންމެ ބޮޑު އުފާވެރިކަމެއް ހިއްސާކުރަމުން ދަނީ ދެމީހުންގެ މައިންބަފައިންނެވެ. ރަނގަޅު ދެއާއިލާ އެކުވުމުންނެވެ.

ކައިވެނިކޮށް ނިމުމުން ދެމީހުންނަށް މަރުޙަބާއާއި ތަހުނިޔާގެ ބަސްތައް ކެނޑިނޭޅި އިވެމުންދިޔައެވެ. ބާއްޖަވެރި މުސްތަޤުބަލަކަށް އެންމެންވެސް އެދެމުން ދިޔައެވެ. ވަލީމާގެ ކަންތައް ނިމުމާއެކު މާޒް އައިކާ ގޮވައިގެން އެރެއަށް އެމީހުންނަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށް ދިޔައެވެ. ކައިވެނީގެ ފުރަތަމަ ރެއަށް އެކޮޓަރި ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. މާޒް ކޮޓަރީގެ ދޮރު ތަޅުލުމުން އައިކާގެ މެޔަށް ފިނިވިއެވެ. މިއީ އާ ކައިވެނީގެ ރޭވެސް އޭނާއަށް ކުރެވުނު އިހުސާސެކެވެ. މާޒް އައިކާގެ ގައިގައި ފުރަގަހުން ބައްދާލިއެވެ.

“އަހަރެން މިރޭ ވަރަށް އުފާވެއްޖެ.. އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުން މިރޭ މިއައީ.. އައި ލަވް ޔޫ..” މާޒް އައިކާ އޭނާއާ ދިމާއަށް އަނބުރާލަމުން ބުނެލިއެވެ.

“އަހަރެންވެސް މިރޭ ވަރަށް އުފާވެއްޖެ.. މާޒް ކަހަލަ ރަނގަޅު މީހަކު ލިބުނީމަ.. އައި ލަވް ޔޫ ޓޫ..” އައިކާ މާޒްގެ މޭތެރޭ ބޮނޑިވެލިއެވެ. މާޒް އައިކާ ދުރުކޮށްލަމުން އައިކާ އޭނާގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އައިކާ މާޒްގެ ކަރުގައި އަތް ވަށާލުމާއެކު ދެމީހުންގެ ތުންފަތް ޖޯޑުކޮށްލިއެވެ.

(ނިމުނީ)

 

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.