މިދުވަސްވަރަކީ ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް އަނބު ތިޔާގި ދުވަސްވަރެކެވެ. އެހެންކަމުން މިފަހަރު މުނިއަވަސް ރަހަފަތުގައި މި ގެނެސްދެނީ އަނބު މޮހީޓޯ މޮކްޓެއިލް އެއް ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

– 2 ފާއަނބު ކޮށާފައި

– 16 އައިސް ކިއުބް ކުދިކޮށްފައި

– 1/2 ޖޯޑުގެ ކްލަބް ސޮޑާ ނުވަތަ ސްޕްރައިޓް

– 8 ކުދީނާފަތް

– 1 1/2 ސައިސަމުސާ ހަކުރު

– ގާނިޝް ކުރުމަށް ކުދީނާ ފަތާއި ލުނބޯ

ތައްޔާރުކުރާނެ ގޮތް:

1- މޮހީޓޯ ބުއިމަށް ބޭނުންކުރާ ތަށީގެ ތެރެއަށް ކުދީނާ ފަތާއި ލުނބޯ ފޮތިތައް އަދި ހަކުރު އަޅާށެވެ.

2- ވަނެއްގެ މޯލުން ނުވަތަ ވަޅިއެއްގެ މުށްގަނޑުގެ ކޮޅު ބޭނުންކޮށްގެން ތަށްޓަށް އެޅި ތަކެތި ޗަސްކޮށްލާށެވެ.

3- މިކްސަރެއްގައި ކުޑަ ފެންފޮދެއް އަޅައިގެން އަނބުކޮޅު ބްލެންޑްކޮށްލުމަށްފަހު ތަށްޓަށް އަޅައި ރަނގަޅަށް ގިރާލާށެވެ.

4- ކުދިކޮށްފައި ހުރި ގަނޑުފެން އަޅާށެވެ. އޭގެ މައްޗަށް ސްޕްރައިޓް އަޅާށެވެ.

5- ރަނގަޅަށް ގިރާލާށެވެ. ކުދީނާ ފަތަކާއި ލުނބޯ ފޮތި ބޭނުންކޮށްގެން ގާނިޝް ކޮށްލާށެވެ. މިހާރު އެހުރީ އަނބު މޮހީޓޯ ތައްޔާރުކުރެވިފައެވެ.

6- ތަފާތުކޮށްލުމަށް ކުޑަ ރެޑްބުލް ފޮދެއް އަޅައިގެން ބޮޑެތިބޭފުޅުން ނަށް ހިއްޕެވިދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ