“ކަލޭ ތި ހުންނަނީ ކަލޭގެ ތި ރީތިކަމާމެދު ނިކަން ފޮނިބޮޑުވެފަ ދޯ؟” ދަތްކުނޑި ވިކައިލަމުން ސިބްޢަތުﷲ ބުންޏެވެ. ސިބްޢަތުﷲ ގެ މި ސުވާލުން މިޝަލް އަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.

ސިބްޢަތުﷲ އިތުރަށް ދަތްކުނޑިވިކައިލިއެވެ. އަނެއްކާވެސް މިޝަލްގެ އިސްތަށިގަނޑު ސިބްޢަތުﷲ ގެ އަތަށް ހެޔޮވަރުކޮށްލަމުން ދަމައިގަތެވެ. ވީތަދުން މިޝަލް އަށް ރޮއެގަނެވުނެވެ. ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެމަންޒަރު ފެނިފައި ސިބްޢަތުﷲ އަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. މިޝަލްގެ ގިސްލުމާއި، ލޮލުން ފައިބަމުންދިޔަ ކަރުނައިން ސިބްޢަތުﷲ އުފާ ޙާޞިލްކުރަމުން ދިޔައެވެ.

“ކަލޭ ހަމަ އަސްލުވެސް ހީކުރަންދޯ ތީ މާ ރީތިމީހެއްކަމަށް؟ އެކަމަކު ބުނަން!… އަހަންނަށް ތީ ވަރަށް ހުތުރު މީހެއް. މީނދަ މަގޭ އަނބިގޮއްޔެ މިޝަލް އަކީ މަށަށް ކުޑަކޮށްވެސް ރީތި މީހެއް ނޫން…. އެނގިއްޖެތަ؟” ސިބްޢަތުﷲ ފިލިގަންނަމުން މިޝަލްގެ މޫނުމަތީގައި އޭނާގެ އިނގިލިތަކުން ހިފަހައްޓައިލިއެވެ.  މިޝަލްގެ ކޮލަށް ސިބްޢަތުﷲ ގެ އިނގިލިތައް ކޮއްޕާލައި، އޭނާގެ ހޫނު ނޭވާ އެޅޭހާ ގާތަށް މޫނު ކައިރިކޮށްލިއެވެ. ސިބްޢަތުﷲ ގެ ހޫނު ނޭވާ ޖެހުމުން މިޝަލް އިތުރަށް ބިރުގަތެވެ. ރުޅިވެރިކަމާ ނަފުރަތުގެ އަލިފާނުން އަނދަމުންދާ ސިބްޢަތުﷲ ގެ މޫނަށް މިޝަލް އަށް ބަލަން އިނދެވުނީ ދެލޯ ބޮޑުކޮށްގެންނެވެ.

“ތީ ހުތުރު އަދި ފޮނިކަމާ ބޮޑާކަމުން ފުރިފަހުރި ކުއްޖެއް. ކަލޭ އަމިއްލަ ނަފުސާމެދު ވަރަށް ޕްރައުޑްވޭ ދޯ! ކަލޭގެ ރީތިކަމަށް، ކަލެޔަށް ލިބިފަވާ ތަޢުލީމަށްޓަކައިވެސް ވަރަށް ފޮނިބޮޑުވަން ދޯ. އެކަމަކު މިރޭ….!” ސިބްޢަތުﷲ ބުނަން ފެށި ޖުމްލަ ފުރިހަމަ ނުކޮށް ނޯށްދަމާލިއެވެ.

“އެކަމަކު މިރޭ ކަލޭގެ ތި ޝަރަފާ، ކަލޭގެ ތި ބޮޑާކަމާ، ކަލޭގެ ތި ފޮނި އުޅުމާ، ކަލޭގެ އަބުރު ވެއްޔާ މޮޑެލާނަން. ކަލޭގެ ފަޚްރާ، ކަލޭގެ ހުވަފެންތައް ކުދިކުދި ކޮށް ކޮށާލާނަން. އެއީ ކަލޭ އަހަރެންގެ ހުވަފެންތައް ހަލާކުކޮށްލި ގޮތަށް. އެކަމަކު އެއަށްވުރެން އަނިޔާވެރިކޮށް… އެނގިއްޖެތަ؟” މިޝަލްގެ ދެކޮލަށް ފިއްތާލައި އިނގިލިތަކުން އިތުރަށް އޮބައިލަމުން އެނދުމައްޗަށް ކޮއްޕައި ވައްޓައިލިއެވެ.

ސިބްޢަތުﷲ ދެން ވަނީ ފާޚާނާ އަށެވެ. ފާޚާނާއަށް ވަދެ ބާރުބާރަށް ދޮރުފަތް ލައްޕައިލިއެވެ.

މިޝަލް އަށް އެނދުމަތީގައި އިނދެވުނީއެވެ. އެއްވެސް ހަރަކާތެއް ނެތިފައެވެ. ބިރުންގޮސް އޭނާގެ ހިތް ތެޅެމުންދިޔައީ އަމަށަކު ވަރަކަށް ނޫނެވެ. ސިބްޢަތުﷲ އެއުޅެނީ އަނެއްކާ ކީއްކުރަންބާވައެވެ؟ މިޝަލް އަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ބާވައެވެ؟ މިޝަލްގެ ކުށަކީ ކޮބައިކަން ޚުދު މިޝަލް އަކަށްވެސް ނޭނގެއެވެ.

ހިތްވަރުކޮށްފައި މިޝަލް ތެދުވެއްޖެއެވެ. އޭނާގެ އިސްތަށިގަނޑުގައި ސިބްޢަތުﷲ ހިފެހައްޓިލެތް ބާރުކަމުން ބޮލަށް ތަދުވާކަން އިހްސާސްކުރެވެން ފެށީވެސް އަދިކިރިޔާއެވެ. މަޑުމަޑުން އަމިއްލަ ކޮލުގައި އިނގިލިތައް ޖައްސައިލިއެވެ. މަޑުމަޑުން ކޯތާފަތުގައި ފިރުމާލީ ވަމުންދިޔަ ތަދަށް ލުޔެއް ލިބޭތޯ އެވެ. އޭނާ އަކީ ނާޒުކު ހަންގަނޑެއް ލިބިފައިވާ ކުއްޖެކެވެ. މައުސޫމު ކުއްޖެކެވެ. ބައްޕަގެ ލޯތްބާއި އޯގާތެރިކަމުގެ ދާވަނީގައި ބޮޑުވެ އިހަކަށްދުވަހު ފޮޅުނު ނާޒުކު ފިނިފެންމަލެއްފަދަ ކުއްޖެކެވެ. ބައްޕަގެ ފަރާތުން އެއްވެސް ހަރުކަށިކަމެއް ނުފެނެއެވެ. ރުޅިއައިސްގެން މިވީހާތަނަށް އެއްވެސް އެއްޗެއް އަޑުހަރުކޮށް ބުނެފައެއް ނެތެވެ. އެހެން ނަމަވެސް މިއަދު އޭނާ މި ނަރަކައެއް ފަދަ ދުނިޔެއަށް ކޮއްޕައިލީ ޚުދު އޭނާގެ ބައްޕަގެ ރުހުމުގައެވެ. އަލަތު ފިރިމީހާގެ ފަރާތުން މިފަދަ އަނިޔާވެރި ރެޔެއް ފެންނަމުން އެދަނީ އެ ބައްޕަގެ ސަބަބުންނެވެ.

 

“ކޮބާ ތައްޔާރުތަ؟” ސިބްޢަތުﷲ ގެ އަޑު ޖެހިފައި މިޝަލް އަށް ތެޅިގަނެވުނެވެ. ބިރުންހުރެ ނަމަވެސް ސިބްޢަތުﷲ އާއި ދިމާއަށް އެނބުރެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

“ޕްލީޒް އަހަންނަށް އަނިޔާނުކުރާތި.” ބަލިކަށި އަޑަކުން މިޝަލްގެ އާދޭހުގެ އިލްތިޖާ އިއްވަމުން ފަހަތަށް ޖެހިލިއެވެ.

“އަސްލުވެސްތަ!” ނުލަފާ ރާގެއްގައި ސިބްޢަތުﷲ ޖަވާބުދިނެވެ. މިޝަލް އާއި ދިމާއަށް ކުރިއަށް ޖެހިލަމުންނެވެ.

ކުރާނެ އެއްވެސް ކަމެއް، ހަދާނެ އެއްވެސް ގޮތެއް މިޝަލް އަކަށް ނުވިސްނުނެވެ. ރުޅިވެރިކަމުގެ އަނގުރު އަލިފާނުން ދޮންވެފައިވާ ސިބްޢަތުﷲ ގެ ކިބައިން ސަލާމަތްވުމަށް އޭނާ ކިތަންމެހާވެސް ބޭނުމެވެ. ފަހަތަށް ޖެހެމުންގޮސް އެނދުގައި މިޝަލްގެ ފައިގެ ދުނިދަށް ޖެހުމާއެކު އެނދުމައްޗަށް އުޑުތިލަމައްޗަށް ވެއްޓިއްޖެއެވެ. ސިބްޢަތުﷲ ހެމުން ކުރިއަށް ޖެހެންފެށިއެވެ.

“ކޮބާ ހީވޭ… ކަލެއަށް ގޮސް ތި ލެޑެވުނީ ކަލޭގެ މަގާމުގަ.” މިހެން ބުނުމާއެކު ގޮސް މިޝަލްގެ ގައިމަތީގައި ދެފަރާތަށް ދެފައި ލައިގެން އިށީންދެއްޖެއެވެ.

ފަހަތަށް ޖެހުމަށް މިޝަލް މަސައްކަތްކުރަންފެށިނަމަވެސް ސިބްޢަތުﷲ ގެ ދެއަތުން މިޝަލްގެ ދެއަތުގައި ހިފަހެއްޓިއެވެ. އެއަށްފަހު އޭނާއާއި ދިމާއަށް މިޝަލްގެ ހަށިގަނޑު ގެންނަން ފެށިއެވެ. މިޝަލް އަޑުން އަޑުނަގާފައި ރޯންފެށިއެވެ. ރޮމުން، އާދޭސްކުރަމުން އޭނާ ދޫކޮށްލުމަށް އެދެންފެށިއެވެ.

“ރޮއެފަ ބަހައްޓާ މިޝަލް. އަހަރެން ބޭނުންވަނީ މުޅި މިރޭ ހަތަރުދަމުވެސް މިޝަލް ރޯތަން ދެކެން.” ފޮނިގޮތަކަށް ސިބްޢަތުﷲ ބުންޏެވެ. މިޝަލްގެ ބުރުގާ ދަމައިގަނެ އެއްފަރާތަށް ހޫރާލިއެވެ.

ސިބްޢަތުﷲ ގެ އަމަލުތައް ހުރިގޮތުން މިޝަލް އަށް އިތުރު ހައިރާންކަމެއް ލިބުނެވެ.

“ކޮންމެހެން މާބޮޑަށް ހައިރާންވާނެ ކަމެއްނެތް. އަހަރެން މިއުޅެނީ ކަލޭގެ ރީތިކަމާ، ކަލޭ އަބުރު ވެއްޔާ މޮޑެލަން ހަމަ މިހާރު، މިވަގުތު. މަށާ ދިމާއަށް ކަލެއަށް ކިޔުނުއެއްޗެއްސާމެދު މިރޭ ދެރަވެ ހިތާމަކުރާވަރު ކޮށްލާނަން.” މިހެން ބުނުމާއެކު މިޝަލްގެ ނޭފަތު ކުރީގައި ހިފައި ލަތްކެއް ޖެހިއެވެ. ވީތަދުން މިޝަލް އަށް ހަޅޭއްލަވައިގަނެވުނެވެ.

މިޝަލް ގެ އާދޭހަކަށް، މިޝަލްގެ ރުއިމަކަށް ސިބްޢަތުﷲ ކުޑަނަމަވެސް ސަމާލުކަމެއް ނުދެއެވެ. މިޝަލްގެ ކަރުގައި އޮތް ރަން ފަށުގައި ހިފައި ދަމައިގަންނަމުން ފަށް ކަނޑައިލައިފިއެވެ. ކަންފަތުގައި ލާފައިވާ އެސް ވެސް ނައްޓައިލިއެވެ. މިޝަލްގެ އަތުގައި ހުރި ތަނޑިތަކާއި ކެވެލިތައްވެސް ދަމައިގަތެވެ. ވަމުންދިޔަ ތަދުން މިޝަލް އަށް ހަޅޭއްލެވުން ނޫންކަމެއް ނުކުރެވެއެވެ. އެހެންނަމަވެސް ސިބްޢަތުﷲ ގެ އަމަލުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މިޝަލްގެ ބޮލުގައި ޖަހާފައިވާ ހުޅި ނިއުޅުވައިލައި އިސްތަށިގަނޑު ފަތުރާލިއެވެ. އެދުމައްޗަށް ވައްޓާލައި އަނެއްކާވެސް މިޝަލްގެ ގައިމައްޗަށް އަރައިފިއެވެ. އެވަގުތު މިޝަލް އަށް އިހްސާސް ކުރެވެމުންދިޔައީ  އޭނާއަކީ ޝިކާރަވެރިއެއްގެ އަތްދަށުވެފައިވާ އެއްވެސް ބާރެއް ނެތް ދޫންޏެއް ކަމުގެ ނިކަމެތި އިޙްސާސެވެ.

“ޕްލީޒް.” އަނެއްކާވެސް މިޝަލް އާދޭސްކުރަން ފެށިއެވެ. ނަމަވެސް ސިބްޢަތުﷲ އަކަށް އެއިން އެއްވެސް އަޑެއް ނުއިވެއެވެ. އެނދުގެ ދެފަރާތަށް ފަތުރާލާފައިވާ މިޝަލްގެ އަތްމަތީގައި ސިބްޢަތުﷲ ގެ އަތްތިލަ އަޅައި ބާރުކޮށްލައި މިޝަލްގެ ބޮލާއި ހަމައަށް މިޝަލްގެ ދެއަތް ގެންދިޔައެވެ.

މިޝަލްގެ ކަނދުރާއާއި ދިމާއަށް ސިބްޢަތުﷲ ގުދުވަމުން އޭނާގެ ތުންފަތް ޖައްސައި ބާރުކޮށްލިއެވެ. އެވަގުތު މިޝަލް އަށް ހީވީ ކަނދުރާގައި ހޫނު އެއްޗެއް ޖެއްސިހެންނެވެ. ސިބްޢަތުﷲ ގެ މުށުތެރެއިން ސަލާމަތްވެގެން ދުވެ ރައްކާވާން އޭނާ ކިތަންމެހާވެސް ބޭނުމެވެ. ސިބްޢަތުﷲ ގެ މުށުތެރޭގައި އޮތުން، އޭނާގެ ނޭވާ، އޭނާގެ އެ ބީހިލުން މިޝަލް އަށް ވަނީ ބޮޑު ވޭނަކަށެވެ. އެއްވެސް ރާހަތެއް ނެތް އަނިޔާއަކަށެވެ. އެ ބީހުންތަކުން އިހްސާސް ކުރެވެނީ ސިބްޢަތުﷲ އޭނާދެކެ ކުރާ ނަފުރަތާއި ރުޅިވެރިކަމެވެ. އެހެންނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިޝަލްގެ ކަނދުރާއާއި ކަންފަތް ދޮށުގައި ސިބްޢަތުﷲ ބޮސްދެމުން ދިޔަޔަސް އެ ބޮސްދިނުމަކީ އޭނާ ފިރިއެއްގެ ފަރާތުން ލިބުމަށް އުއްމީދުކުރި ކަހަލަ ބޮސްދިނުމެއް ނޫނެވެ. ލިބެމުން ދިޔައީ އެއްވެސް އަރާމެއް، ލައްޒަތެއް، ލޯތްބެއް ނެތް ބޮސްދިނުމެކެވެ. އެއީ ރުޅިއާއި އަހުވަދެއްކުމާއި އަނިޔާ އެކުލެވިގެންވާ ބޮސްދިނުމެކެވެ. ސިބްޢަތުﷲގެ ބޯ ތުންފަތް މިޝަލްގެ ކަނދުރާ އާއި ކަރުދޮށުގައި ހާކަމުންދިޔައިރު މިޝަލް އަށް އޮވެވުނީ ފަކުރުން ގޮސް ހޮޑުލަވާގޮތްވެފައެވެ.

“ސިބްތޫ ޕްލީޒް އަހަރެން ދޫކޮށްލާ ހެޔެނުވާނެ.” ހަރަކާތެއް ކޮށްލެވޭތޯ މަސައްކަތް ކުރަމުން މިޝަލް އާދޭސްކުރިއެވެ. އެހެނަސް ސިބްޢަތުﷲ ގެ އަތްދަށުގައި މިޝަލް އަށް އެއްވެސް ހަރަކާތެއް ނުގެނޭވޭވަރަށް، ބާރަށް އޮތީ މިޝަލް ގެ ހަށިގަނޑުގައި ސިބްޢަތުﷲ ހިފަހައްޓާފައެވެ.

މިޝަލް ގެ އާދޭހުން ސިބްޢަތުﷲ އަށް އަރާފައިވާ ފޯރިގަނޑު ހައްތަހާވީ އިތުރެވެ. ދެމުންދިޔަ ބޮސްދިނުން ހުއްޓާލައި މިޝަލް ގެ ކަރުދޮށުގައި ދަތްއަޅަން ފެށިއެވެ. ލޯބިންނެއް ނޫނެވެ. ރުޅިވެރިކަމާ އަނިޔާގެ ދަތްއެޅުންތަކެކެވެ. މިޝަލް އަށް ތަދުކޮށް ރޮއްވުމުގެ އެދުންވެރިކަން ހާސިލްކުރުމުގެ ބޭނުމުގައެވެ. ސިބްޢަތުﷲ ގެ ދެއަތުން މިޝަލްގެ ދެއަތް އެނދާއިލައި ފިއްތާލާފައިވާލެތް ބާރުކަމުން، މިޝަލްގެ އަތުގައި ބާކީހުރި ތަނޑިތަކުގެ ސަބަބުން އަތަށް އަނިޔާވަމުންދިޔައެވެ.

ކުއްލިއަކަށް، ވަރަށް ހުޝިޔާރުކަމާއެކު ސިބްޢަތުﷲ ގެނައި ހަރަކާތަކާއިއެކު މިޝަލް ނަގައި އެނދުމަތީގައި ބޭންދިއެވެ. އެއަށްފަހު މިޝަލްގެ ދެލޮލަށް ވަރަށް ފުން ނަޒަރަކުން ބަލަންފެށިއެވެ.

“މިރޭ ވެގެންދާނީ ވަރަށް ދިގު ރެޔަކަށް.” މިހެން ބުނުމާއެކު މިޝަލް ގެ ހެދުމުގެ ފުރަގަހަށް ސިބްޢަތުﷲ ގެ އަތް ގެންގޮސް ހެދުމުގެ ޒިބު ތިރިއަށް ކަހައިލިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.