މި ލަވައަކީ ފިލްމު ‘ސާހިބު، ބީބީ އައުރު ޣުލާމު’ (ސާހިބާ، އަނބިކަނބަލުން އަދި ޚާދިމު) ގެ ލަވައެކެވެ. މިއީ 1962ގައި ނިކުތް ފިލްމެކެވެ. ގުރޫ ދަތުގެ އުފެއްދުމެކެވެ.

ފިލްމު ބިނާވެފައިވަނީ މަޝްހޫރު ބަންގާޅީ ލިޔުންތެރިޔާ ބީމަލް މިތުރާގެ، ހަމަ މިނަންކިޔާ ވާހަކައެއްގެ މައްޗަށެވެ. ގުރޫ ދަތުގެ ވަރަށް ގިނަ ފިލްމުތައް ފަދައިން މިފިލްމުގައިވެސް ބަލާލެވެނީ މުޖުތަމައީ ބައެއް މައްސަލަތަކުގެ މައްޗަށެވެ. މުޖުތަމައުގެ ތަފާތު ތަބަގާތުގެ މައްޗަށެވެ. މުޖުތަމައުގެ ތަފާތު ފަންތީގެ އަފުރާދުންގެ ގުޅުމުގެ މައްޗަށެވެ. ބިންވެރި ފައިސާވެރިންނާއި ނިކަމެތި ފަގީރުންނާއި ދެމެދު އޮންނަ ގުޅުމެވެ. ބިންވެރި މުއްސަދިންގެ ފާސިދުވެފައިވާ އައްޔާޝީ ދިރިއުޅުމުގެ މައްޗަށެވެ. އެދިރިއުޅުން ބިނާވެފައިއޮންނަނީ ޖިސްމާނީ އަރާމާއި ލައްޒަތު ލިބެންއޮތް އެންމެ މަތީ ދަރަޖައަކަށް ހޯދުމުގެ މައްޗަށެވެ. ރާބުއިމާއި ނާޗަރަންގީ ކުރުމުގެ މައްޗަށެވެ. އަދި އެފަދަ ދިރިއުޅުމުގައި އެއްވެސް އަމިއްލަ ދިރުމެއް ނެތްކަމުން، މަޑުމަޑުން ނަމަވެސް، އެފަދަ ދިރިއުޅުމަކީ ދިގުމުއްދަތަކަށް ދެމެހެއްޓޭނޭ ކަމެއް ނޫންކަމެވެ. ދާދި އަވަހަށް އެފަދަ ދިރިއުޅުމަށް ނިމުން އަންނަ ކަމެވެ. މިކަން ބަލާލެވެނީ ހަވޭލީއެއްގެ، އާދެ، ޒަމީންދާރެއްގެ ގަނޑުވަރެއްފަދަ ގެއެއް ވީރާނާވެ، ތަޅާލާ މަންޒަރެއްގެ ތެރެއިންނެވެ. އެ މަންޒަރު، ފިލްމުގެ ބަތަލުގެ – ގުރޫ ދަތުގެ– ހަނދާނަށް ގެނެސްދެނީ އޭނާގެ ކުރީގެ ހަނދާންތަކެކެވެ.  ހަވޭލީގައި ޣުލާމުކުރަން އުޅުނު ހަނދާނެވެ. އަދި، ހަވޭލީގެ ވެރިންނާއި ހަވޭލިވެސް ނެތި ދިޔަގޮތުގެ ހަނދާނެވެ. ރަލުގެ މަސްތުގައި ހަވޭލީދާރު، އާދެ، ސާހިބާއާއި، އޭނާގެ ބީބީ، އަނބިކަނބަލުންވެސް ނިމިދިޔަ ގޮތުގެ ހަނދާނެވެ. މިކަންކަން އެންމެ ކައިރިން އޭނާއަށް، އާދެ، ހަވޭލީގައި މަސައްކަތްކުރި ‘ޣުލާމަށް’، ޚާދިމަށް، ފެނިދިޔަގޮތުގެ ހަނދާނެވެ.

މިފިލްމަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމަކަށް ނުވިކަމުގައިވިޔަސް، ފިލްމީ ނާގިދުން ދެކޭ ގޮތުގައި މިއީ ވަރަށް މޮޅު ފިލްމެކެވެ. މިފިލްމު އެތައް ‘ފިލްމުފެއަރ’ ވަނަތަކެއް ހާސިލުކުރިއެވެ. މިވަނަތަކުގެ ތެރޭގައި ‘އެންމެ މޮޅު ފިލްމު’، ‘އެންމެ މޮޅު ޑިރެކްޓަރު’، ‘އެންމެ މޮޅު މުމައްސިލާ’ މިވަނަތައް ހިމެނެއެވެ. އަދި ހިންދީ އެންމެ މޮޅު ފަންސަވީސް ފިލްމުގެ ތެރޭގައިވެސް މިފިލްމު ގުނާލެވިގެން ދިޔައެވެ.

‘ބަނވަރަ ބަޅާ ނާދަން’ (މާބުރު ހާދަހާވާ މޮޔައެވެ) މި ލަވައިގައި ބަލައިލެވެނީ މުއްސަނދި ‘ބޭފުޅެއްގެ’ ހިތުގައި، ދެރަ ފަގީރަކާއި ދޭތެރޭ އުފެދޭ ލޯތްބެއްގެ މައްޗަށެވެ. ލަވައިގެ ރާވީ، އާދެ، އެ މުއްސަނދި ބޭފުޅާ، އޭނާގެ ލޯބިވެރިޔާ ރަމްޒުކޮށްދެނީ ބަގީޗާއަށް އަންނަ މެހެމާނެއްފަދައިންނެވެ. އާދެ، އޭނާއަކީ ހަވޭލީގައި ވަގުތީގޮތުން މަސައްކަތްކުރަން ފެށި، އެބޭފުޅާގެ ހަޔާތަށްޕުޅަށް އައި މީހެކެވެ. ބަގީޗާގެ، އާދެ، ހަވޭލީގެ، މާމަލުގެ މޫނުތަކަށް ހިނިތުންވުން ގެނެސް، ބަގީޗާގެ މާތައް އުފާކޮށްދީ، މުޅި ބަގީޗާއަށް ދިރުން ގެނެސްދެނީ މާބުރުކަމުގައި ވިޔަސް، އެ ބޭފުޅާ ފާހަގަކުރައްވާ ގޮތުގައި، މާބުރަކަށް އެކަމެއް ނޭނގެއެވެ. އެހެންވެ، އެ ބޭފުޅާ، މާބުރު ސިފަކޮށްދެނީ، ‘ނާދާނު’ އާދެ، ލޯބީގެ ކަންކަން ނުދަންނަ މޮޔައެއްގެ ގޮތުގައެވެ. އެ މޮޔަ މާބުރު ބަގީޗާގެ މާމަލުގެ ކުރިމައްޗަށް އަޔަސް، އަދި، އެ މާމަލާ ހަތަރުކަޅި ހަމަވިޔަސް، އެއްވެސް އެއްޗެއް ނުބުނެއެވެ. މާބުރުގެ ހިތުގެ ސިއްރެއް ފާޅެއް ނުކުރެއެވެ. މާބުރުގެ ހިތުގައި ބޭފުޅާއާއި ދޭތެރޭ ލޯތްބެއް އުފެދިފައި އޮތްކަމުގައި ވިޔަސް ނުވަތަ ނެތްކަމުގައި ވިޔަސް، އެކަމެއް އޭނާ ހާމައެއް ނުކުރެއެވެ. އޭނާ އުޅެނީ ވަރަށް ބަލައިގެންނެވެ. ދުލުންވިޔަސް ނުވަތަ އަމަލުންވިޔަސް، ކުޑަގޯހެއް ނަމަވެސް ހެދިދާނެތީވެސް ކަންނޭގެއެވެ. ވާނީވެސް އެހެންނޫންތޯއެވެ! ދެރަ ނިކަމެއްޗަކު ބޭފުޅެއްގެ ލޯތްބަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ އެހެންވެ، ބޭފުޅާގެ ކުރިފުޅުމަތީގައި މާބުރު އުޅެނީ ނުދަންނަ ބީރައްޓެއްސެއް އުޅޭ ހެންނެވެ. ބޭފުޅާ އޭނާއާއި ކިތައްމެ ހިތްޕުޅާވިޔަސް، އަދި ބޭފުޅާ އޭނާއާއި ކިތައްމެ ވަރަކަށް ބައްދަލު ވިޔަސް، ބޭފުޅާއަށް އޭނާ ލިބޭ ގޮތެއް އަދި ހަމަ ނުވެއެވެ. އޭނާ ހުއްޓުވައި އޭނާގާތު ވާހަކައެއް ބުނަން ބޭފުޅާ މަސައްކަތްކުރެއްވިޔަސް އޭނާ ދަނީ މާބުރެއްހެން ބޫންއަޅަމުން ދުރަށެވެ. މިއީ ލޯބީގެ ފެށުމެއް ކަމެއް މާބުރަކަށް ހަމަ ނޭނގެއެވެ. އެހެންވެ ލަވަ ނިންމާލަމުން، ކެތްމަދުވެފައިވާ ބޭފުޅާ ވިދާޅުވަނީ މާބުރަކީ ‘އަނާޅީ’އެއް ކަމެވެ. ތަންދޮރު ނުދަންނަ ސޭވާއްޔެއްކަމެވެ. ކަމެއްކުރަން ނޭނގޭ ސޮހޮލެއްކަމެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.